"ދިރިއުޅުމަކީ ކުޑަ ހިނދުކޮޅެކެވެ. ﷲ ސުބުހާނަހޫ ވަތައާލާއަށް ކިޔަމަންތެރިވުމުގެ ވަގުތުކޮޅެކެވެ."
***
"އޯލްރައިޓް. އަހަރެން މިދަނީ އަނެއް ރޫމަށް..." އެންމެ މިނިޓަކަށް މިތާ މަޑުކޮށްފިއްޔާ ހިތް ހަލާކުވެދާނެއެވެ. ޒޭވިއާގެ އެ ލަފުޒުތަކުން އޭނާގެ ހިތަށް ހެރުނީ ތޫނު ކަށިތަކެއް ހެންނެވެ. އޭނާ ތެދުވެގެން ހިނގައިގަތީ ބާރަށެވެ.
"ސްޓޮޕް......ހަމަ މިހާރު." ޒޭވިއާ ލޯ ހަނިކޮށްލައިފިއެވެ.
އަޒާލިއާ ބިރުންގޮސް ރޮވޭވަރުވެއްޖެއެވެ. އޭނާގެ ހިތަށް އެވަގުތު ވީގޮތެއް ދެނެވޮޑިގެންވަނީ މާތްﷲއެވެ. ފިޔަވަޅުތައް ހުރިތާ ތަތްލި ގޮތަށް ހުއްޓުން އެރީ ޒޭވިއާގެ އެރުޅިވެރިކަމުން ހިތަށް ކުރި ތަފާތު އިހުސާސަކުންނެވެ.
"މި ރޫމްގައި ދެކެވުނު ވާހަކަތައް މަންމަގާތު ނުކިޔައްޗޭ..."
"އޯކޭ....." އަޒާލިއާގެ ބިރު ކޮންމެވެސް ވަރަކަށް ފިލާ ނުތަނަވަސްކަން ދުރުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އަޒާލިއާގެ ހިތް ވަގުތުން ސާފުވެއްޖެއެވެ. ޒޭވިއާގެ އެ ހަރުކަށި ޖުމްލަތަކާއި އިންޒާރުތަކާއެކުގައި ވެސް އޭނާގެ ހިތް ބަދަލެއް ނުވާނެއެވެ. އޭނާގެ ހިތުގައި ޒޭވިއާއަށްޓަކާ އޮތް މަގާމެއް އަބަދަށް ދެމި އޮންނާނެއެވެ. އެއީ ފިރިމީހާއެވެ. އޭނާ ދީނުގައިވަނީ ފިރިމީހާއަށް ކިޔަމަންތެރިވުމަށެވެ. އޭނާދެކެ ލޯބިވުމަށެވެ. ހައްގު އަދާކުރުމަށެވެ. ވީމަ ޒޭވިއާ އަދި އެހެން އެއްޗެހި ބުނެލިކަމުގައި ވިޔަސް އޭނާ ކެތްތެރިވާނެއެވެ.
***
އަޒާލިއާ އެކޮޓަރިން ނުކުތުމާއެކު ގޭތެރޭގައި ފިނި ހިފާފައިވުމުން ހީކަރުވާ ގޮތްވިއެވެ.
ކާކޮޓަރިއަށް ވަދެ ހޫނު ޗޮކްލެޓެއް ތައްޔާރުކުރުމަށްފަހު ދޮރުތަކުން ބޭރަށް ބަލައިލިއިރު ސްނޯ ވެހެމުންދާ މަންޒަރު ފެނި ކުޅަދުންވަންތަކަމާއިމެދު ވިސްނައިލަން މަޖުބޫރުވިއެވެ. އޭނާ ހީފިލުވައިލަން ދެކުލައިގެ ދެ އިސްޓާކީނު ފަޔަށް ލެއްވުމަށްފަހު އަލިފާން އަންދާތަނުގެ ކުރިމަތީގައި ހުރި ސޯފާގައި ޖައްސައލިއެވެ.ފައިތިލައާއިއެކު ކޮފީތަށި ފެންނަގޮތަށް ތަސްވީރެއް ނެގީ ވައިބާ ގްރޫޕަށް ލުމަށެވެ. ބޯ ރަޖާގަނޑު ގައިގާ އަޅައިގެން ކައުޗްގައި ހަމަޖެހިލިތަނާ ޒޭވިއާ އޭނާގެ ހަނދާނުގެ ކިއްލާގައި ރަސްކަން ކުރަންފަށާ ނިދިވެސް ގެއްލުވާލައިފިއެވެ. ޒޭވިއާ ހިޔާލަށް އަންނަލެއް މާ ގިނައީއެވެ.
"ސޯ އެނޯއިން...އަދި ބުނެފިއޭ ހޭޓްކުރާށޭ. ލޯބިވާކަން އެނގެޔޯ...ސްޓެއާ ކުރަނީޔޯ...އެހުރިހާ އެއްޗެއް ކީއިރުވެސް އަހަންނަށް ވެފައި ހުރިގޮތެއް ނޭގޭ..ހަމަ އެބުނާހެން ޑްރެކިއުލާގެ ލޮލަށް އިންސާނަކު ބެލީމަ އެލޮލުގެ ގަދަފަދަ ބާރުގައި ޖެހޭހެން އަހަންނަށްވެސް ހަމަ ބަލަން ހުރެވުނީ. މޮޔައެއްހެން..ސޯ ފަނީ ލޫލޫ..އެހާ އޮބްވިއަސްކޮށް ދެން ޒޭވިއާ ދެކެ ލައިކްވާކަން އަންގަން ޖެހޭތަ؟ ލައިކް ވެވެނީ ހަމަ. ސޯ ވަޓް..ޒޭވިއާއަކީ ހަމަ ހަޒްބެންޑް....ލޯބިވަނީ ހިލޭ މީހެއްދެކެއެއް ނޫނެއްނު. މިއީ ހަލާލު ލޯބި. އަދި ފިރިމީހާއަށް ނުވިއިރުވެސް ދެބެންގެ ދެދަރި މީހެއް. ވީއިރު ދެން ޒޭވިއާ ކިތަންމެ ދުރުކުރަން އުޅުނަސް މި ގުޅުން ކަނޑައިލެވޭތަ. އަދި ލޯތްބަކީ ކިހިނެއް ވާ އެއްޗެއްކަން ނޭގުނަސް ޔަގީންވާ ކަމަކީ ޒޭވިއާ ފެމިލީ މެމްބަރެއްހެން ދެކެވޭކަމާއި ޒޭވިއާއާއިމެދު އަޅާލެވޭކަން. ދެރަގޮތެއްވާން ނޭދޭކަން. އަބަދު ފެންނަން އެދެވޭކަން. ކިހިނެއް ހޭޓްކުރެވޭނީ. އެހެން އެބުނަނީ ކީއްވެތަ؟ ހަމަ އޭޖް ގެޕް ހުރީމަތަ................"
ގޫގުލް ސާޗް ފަދައިން މާޒީއިން ޒޭވިއާ ހޯދަން އޭނާގެ ސިކުނޑި ޕްރޮސެސްކުރިގޮތަށް އެކި ދުވަސްތަކާއި ވަގުތުތައް ފެންނާން ފެށިއެވެ. ބައެއް ހަދާންތަކުން އެކަނި އޮވެވެސް ހެވުނެވެ.
އަޒާލިއާއަށް ނޭގުނީ ޒޭވިއާގެ ހިތުގައި ރަނިކަން ކުރަނީ އޭނާ ފަދަ އެހެން "މަލެއް"ކަމެވެ. ޒޭވިއާގެ ގުލްޝަނުގައި ފޮޅިފައިވާ އެ މަލާއި ވާދަކުރުމަށް އަޒާލިއާއަށް ޒޭވިއާ ފުރުސަތު ދޭންވެސް ބޭނުންނުވާކަމެވެ. ލޯތްބާއި ދިރިއުޅުމާއި ބެހޭގޮތުން އަދި ކިރިޔާ އަލިފު އެނގޭވަރުގެ އުމުރުގެ އަޒާލިއާ ގެ ހުވަފެންތައް ޒޭވިއާއާއި ގުޅިފައިވިޔަސް އޭނާގެ އެއްވެސް ޝައުގެއް އަޒާލިއާއަކަށް ނެތެވެ. ހީނާ ޚާންއަށްޓަކާ ޒޭވިއާ އޭނާގެ ދާލިއާ ފޮރުވައިގެން ގެންގުޅޭއިރު ބޭޒާރުނުވާނެ ކަމުގެ ޔަގީންކަމެއް ލިބިފައި އޮތެވެ.
***
ގަމަރިއްޔާ ކަޒްޔާއަށް ދިން ނަސޭހަތަކީ މަންމައަށް ކިޔަމަންތެރި ވުމަށެވެ. ގެއިން ނިކުމެވޭނީ ބުއްދިވެރި ކުއްޖަކަށް ވެވިގެންނެވެ. ތައުލީމް ހާސިލުކޮށްގެން މޮޅު ކުއްޖަކަށްވެ ކޮންމެވެސް ދުވަހަކުން ކަޒްޔާގެ ހުވަފެންތައް ފުރިހަމަކުރަން މަސައްކަތް ކުރެވޭނީ މިނިވަން ވެވިގެންނެވެ. އަބަދަށްޓަކާ ކޮޓަރީގެ ހަތަރު ފާރަށް ބަލަން އިނިއްޔާ މޮޔަވާނެއެވެ. އަދި އެވެސް ލިބޭ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކާއެކުގައެވެ.
ގަމަރިއްޔާގެ ޚަބަރެއް ނުވެގެން ކައިޝާ ގާތުން ސުވާލުކުރުމުން ބުނީ ޚާދިމާއިންގެ ހާލު ބެލުމުގެ މާނައެއް ނެތްކަމުގައެވެ. އެމީހުންނަށް މުސާރަދީފައި ގެންގުޅޭއިރު އެހާވަރުން އެމީހުންނާއިގެން އުޅުމަކީ ބޭކާރުކަމެއްކަމަށް ބުނެލިއިރު ފަޚުރުވެރިކަމެއް އަޑުގައި ހުއްޓެވެ. ކަޒްޔާ ޝިފާ ގާތުން އެހުމުން ބުނީ "ސްޓްރޯކް" އެއް ޖެހިގެން ހޮސްޕިޓަލުގައި ބޭއްވި ވާހަކައެވެ.
ތިން ދުވަސް ފަހުން ގަމަރިއްޔާ ނިޔާވިކަން އެނގި އޭނާގެ ހިތް ހަލާކުވާވަރުވިއެވެ.
އޭނާގެ ދިރިއުޅުމަށް އަންނަ ހެޔޮއެދޭ ކޮންމެ މީހަކު އޭނާއާއި ވަކިވެގެން ދާނީހެއްޔެވެ؟
"ޑިއަރ ނޯއާ..މިގެއިން އަހަރެންދެކެ ލޯބިވި ގަމަރިއްޔާ ދައްތަ މަރުވީއެއް ނޫން. މަރައިލެވުނީ........ކާކު ގަބޫލުކުރާނީ؟ނޯއާ ބުނިހެން ނިކަމެތިންނަށް އިންސާފު ލިބޭނެ ދުނިޔެއެއްނޫން. ބާރުގަދަ މީހާ މޮޅުވާނީ. ދުއާއަކީ ގަމަރިއްޔާ ދައްތައަށް ސުވަރުގޭގެ ނިއުމަތް ދެއްވުން. ޝީ ޑައިޑް ފޯ މީ....އަހަރެން މިގެއަށް ނައިނަމަ ގަމަރިއްޔާދައްތަ ވަކިވެގެން ނުދާނެއޭ ހިތަށް އަރާ. މަގޭ ކުށް...."
***
ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ތެރެއިން އަރްކާން މަޝްހޫރުވެ އެންމެފަހުން މީޑިއާގެ ތަރިއަކަށްވެ އޭނާގެ އިންޓަވިއުތަކާއި ފޮޓޯތައް ފެނުން އާއްމުވެއްޖެއެވެ. އޭނާއަށް ލިބުނު މަޝްހޫރުކަމުގެ ހިއްސާ މަންމައާއި ބައްޕަވެސް ހޯދިއެވެ. ނަވާބުމަނިކުގެ އާޓިކަލްތައް ގިނަވެ އޭނާވެސް ސޯޝަލް މީޑިއާއާއި ރައްޓެހި މޫނަކަށްވެއްޖެއެވެ. ދަރިފުޅުގެ ސަބަބުން އޭނާގެ މަގުބޫލުކަން އިތުރުވެ ސިޔާސީ މައިދާންގައި ފިޔަޖަހާ ތަރިއަކަށްވިއެވެ. މަންމަ ނަރުގިސް ޗެރިޓީ މަސައްކަތާއި ކެންސަރު ބަލިމީހުންގެ ޖަމްއިއްޔާ މެދުވެރިކޮށް ފަންޑުހޯދުން އަދިވެސް އެފަދަ މީހުންނަށް އެހީވުމުގެ ޕްރޮގްރާމްތައް ފުޅާކުރިއެވެ. އެއާއެކު ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިން ހިމާޔަތްކުރުމާއި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ފެށިއެވެ. އެމީހުންނަށް ދިމާވާ އިޖުތިމާއީ މައްސަލަތައް ފާހަގަކޮށް އޭނާ ޕްރޮގްރާމްތައް ހުށަހަޅަން ފެށުމުން އެ އާއިލާގެ އެންމެންހެން ޓީވީ ތަރިންނަށް ވެގެން ހިގައްޖެއެވެ.
ނަވާބު މަނިކު އިންތިޚާބު ކާމިޔާބުކުރުމަށްޓަކާ އެންމެންވެސް ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔައެވެ.
***
ބައެއްފަހަރު ބޭރުން ތަންޑު ނާޅާ ހުންނަ ވަގުތުގެ ފައިދާ ނަގައިގެން ކަޒްޔާ ބޭރަށް ނިކުމެލައެވެ. އޭނާ އެގޮތަށް ނިކުމެލި ގަޑިއެއްގައި އަރްކާން އާއި ކައިޝާވެސް ކޮރިޑޯއިން އަންނަ ތަން ފެނުނެވެ. މަޖާ ވާހަކައެއްގައި ތިބެ ހެމުންނެވެ. ކައިޝާ އަރްކާން އަތުގައި އެލިގެން އައިގޮތުން ލޯބިވެރިއެއްފަދައެވެ. އަތްދިގު ގަމީހާއި ފަޓުލޫނުގައި އަދި މައްޗަށް އޮމާންކޮށްލާފައިވާ އިސްތަށިގަނޑުގެ ސަބަބުން ނިކަން ތާޒާވެފައި ސްމާޓްކަމަށް ދައްކައެވެ. އަތުގައިވާ އެޕްލް ގަޑިއާއި ބޭނުންކޮށްފައިވާ ސެންޓް އޭނާގެ ހައިބަވަންތަކަން އިތުރުކޮށްދެއެވެ. ކައިޝާ ނިދާ ހޭލިގޮތަށް ކުރު ޓޮޕްކޮޅަކާއި ސޯޓެއްލައިގެންނެވެ.
"މީހުން މަރާ ޑެވިލްސް..." ކަޒްޔާ ހިތާހިތުން ކިޔާލާފައިވެސް ހިމޭންވީ ގަމަރިއްޔާގެ ނަސޭހަތަށް އިހުތިރާމްކުރުމުގެ ގޮތުންނެވެ. މިތަނުން ސަލާމަތްވެވޭނީ މި މީހުން ކުޅޭ ކުޅިގަނޑުގައި ބައިވެރިވެގެންނެވެ. މިނިވަން ކަން ހޯދުމަށްފަހު އެމީހުންގެ ފަރާތުން ބަދަލުހިފުމަށް އޭނާ ނިންމާފައި ހީލިއެވެ.
"މޯނިން...." ކައިޝާ ކިޔައިލިއެވެ.
"އައްސަލާމް އަލައިކުމް...."ކަޒްޔާ ޖަވާބުދިނެވެ.
"އަރަބި ކުއްޖަކީތަ؟ "ކައިޝާ ކަޒްޔާގެ ބޮލުގައި އަޅައިގެން ހުރި ފޮތިގަނޑު ދަމައިގަތެވެ. "މިގޭތެރޭގައި ހިލޭ މީހެއް ނޫޅެއޭ. ދެން ކާކަށް ފޮރުވެން ކުޑަކުއްޖަކު ތިއުޅެނީ؟ ބޮބްކަޓެއް ނެގީމަ ވައްތަރީ ކޮރެއަން ކުއްޖަކާ....ސްވީޓް ޕުޑިންކޮޅު.." ކަައިޝާ ކަޒްޔާގެ ކޮލުގައި ހިފައިލުމުން އޭނާގެ މޫނުމަތިން އިތުރު ޖަޒުބާތެއް ނުފެނުނެވެ.އޭނާގެ ނަޒަރު ހުއްޓުނީ އަރްކާންއަށެވެ. އަރްކާންއަކީ ގާތިލެއް ބާވައޭ ހިތަށް އެރިއެވެ. ގާތިލުންނާއި ޝައިތާނުންނާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟
"ޑިއުޓީއަށް ތިދަނީ؟" ކަޒްޔާ އަރްކާންގެ ލޮލަށް ބަލަން ހުރީ ފާޑަކަށެވެ.
"އާނ ކިހިނެއްވީ ދޫނި.." އަރްކާން ބުމަ އަރުވައިލިއެވެ.
"ކައިޝާ ކުރީ ދުވަހު ބުނި އަހަރެންގެ ބައްޕައަކީ ބައްޕަ ނޫނޭ. އެއީ ތެދެއްތަ؟ ބައްޕައަށް ނުވަންޏާ ބައްޕަ އަހަރެންދެކެ އެހާ ބޮޑަށް ލޯބިވަނީ ކީއްވެތަ؟ އަދި އަހަރެންގެ އެންމެ ފެވެރިޓް ޕާސަންއަކީ ހިލޭ މީހަކަށް ވާންވީ ކީއްވެ؟އެކަން އެނގެން ބޭނުމީ..." ކަޒްޔާ އުއްމީދުގެ ނަޒަރަކުން ބަލަން ހުރި ގޮތުން ކައިޝާވެސް އިތުރަށް އޮޅުވާލަން ބޭނުމެއްނުވިއެވެ.
"ޔާޔާ މީހަކު ބުނާހާ އެއްޗެއް ގަބޫލުނުކުރާތި ދެން. އާނ. ހަނަފީއަކީ ކަޒްޔާގެ ބައްޕަ...ދެމީހުން ގެ އިސްތަށިގަނޑާއި ލޯ ވައްތަރުކަމުން ޑީއެންއޭ އަކަށް ބޭނުމެއްނުވޭ..އަހަރެން މަޖަލަކަށް ކިޔަސް ޔާޔާ ގަބޫލުކޮށްގެން އެކަމާއި ވިސްނާނެ ކަމަށް ހިޔެއްނުކުރަން. ބައްޕަ ގާތަށް ޔާޔާ ނުފޮނުވައިގެން މަންމަ އުޅެނީ ބައްޕައަށް ޔާޔާ ބަލަން އުދަގޫވެގެން މީހަކާއި ކައިވެނިކުރުވީމަ. އަދި އެވެސް ބައްޕަގެ ބެސްޓީއެއްގެ ދަރިއަކާ."
"ލުކް ޔާޔާ...ބައްޕަ ކައިރިއަށް ދާން ބޭނުމިއްޔާ މަންމަ ބުނާގޮތަށް ހަދާ. އަހަރެންވެސް ބައްޕަދެކެ ލޯބިވޭ..ބައްޕައާއި މަންމައާއި ދެމީހުން ކުރެން ބައްޕަ ޚިޔާރުކޮށް ދޮންބައްޕަ ގާތަށް އަންނަން ޖެހުނީ ބައްޕަ އެ ބޯރިން ލައިފްގައި އުޅެން ބޭނުންވީމަ. ދޮންބައްޕަގެ ސަބަބުން ބޭނުން ތަނަކަށްގޮސް އުފަލާއި ހިތްހަމަޖެހުމުގެ ތެރޭ.އެޓްލީސްޓް ހީޒް ދޮންބެގެ ބައްޕަ. އެހެންވީމަ އަހަރެމެންގެ ސްޓެޕްޑޭޑްއަށް ރެސްޕެކްޓްކުރަންވާނެ......" ކައިޝާ ވިސްނާދޭން މަސައްކަތްކުރާގޮތަކަށް ވާހަކަދެއްކިއެވެ.
"ހީޒް އެ މޮންސްޓާ..." ކަޒްޔާ ރުޅިއަންނަ ގޮތްވިއެވެ.
"ކަޒްޔާ...." ކައިޝާ ކަންބޮޑުވެގެން ވަށައިގެން ހޯދާ ބަލައިލިއެވެ.
އަރްކާން އެކުދިން އަރައިރުންވާން ދޫކޮށްފައި ފޯނުން ކޮންމެވެސް މީހަކާއި ވާހަކަދައްކަން ތަންކޮޅެއް ދުރަށް ޖެހިލުމުން ކައިޝާ ކަޒްޔާގެ ނިތްކުރީގައި އިނގިލި ޖައްސާފައި ފަހަތަށް ކޮށްޕައިލިއެވެ.
"ކަޒްޔާ. ދޮންބެގެ ބައްޕައޭ..ދޮންބެ ހުންނައިރު އެޓްލީސްޓް ތިކުއްޖާ އަނގަ މަޑުކުރޭ. އަދި އަހަރެން ބޭނުމެއްނުވޭ އަހަރެންގެ ހެޕިނެސް ގެއްލެން. އޯކޭ؟" ކައިޝާ ދަތްތައް ދައްކާލާފައި ހީލިއެވެ."ޔާޔާ ފާޑަށް އުޅެންޏާ ބައްޕަ ފޮނުވާ ހަދިޔާ އަހަރެން ނަގާނީ. ދެދަރިން ތިއްބާ އެކަކަށް ވަކި އެއްޗެހި ލިބިގެން ނުވާނެ..."
"ބައްޕަ ހަދިޔާ ފޮނުވާތަ؟" ކަޒްޔާގެ ހިތަށް ތަދުވިއެވެ. ލޮލަށް ކަރުނަ އަންނަގޮތްވިއެވެ.
"ސްޓުޕިޑް.ރޫމަށް ވަދޭ.."ކައިޝާ ކަޒްޔާއަށް އިންޒާރެއް ދީފައި ދާން ހިނގައިގަތެވެ. ކަޒްޔާ ކޮޓަރިއަށް ވަންގޮތަށް އުއްޑުން އެނދަށް ވެއްޓިގަތްއިރަށް ލޮލުގައިވި ކަރުނަތައް ވާރޭގެ ސައިލެއްހެން އޮހިގަތެވެ. ބައްޕައާއި މާމަގެ ތަފާތު ހަދާންތައް އޭނާގެ ހިތް ރޮއްވާލައިފިއެވެ. އަޑުވީއްލާ ރޯލުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބުނެވެ. މޫނު ދޮވެލާ ހަދައިގެން އެނދުގައި އިށީންގޮތަށް ފާރަށް ނަޒަރު ހުއްޓައިލިގޮތަށް ވިސްނުމެއްގައި އިނދެފައި ހީލައިފިއެވެ. ބައްޕަގެ ދަރިއެއްކަން ޔަގީންވުމުން ކުރިން އެކަން ގަބޫލުކުރެވުނު ކަމުގެ މޮޔަ ހީވިއެވެ. އެކަމަކު އޭނާވެސް އެކަހަލަ ކުދި ދޮގުތައް ހަދައެވެ. ސަމާސާއަކަށްވެސް ދޮގު ނަހަދަން އަޒާލިއާ ބުނެދީ ހަދީސްތައްވެސް ކިޔާދިނެެވެ. އޭނާއެކޭ އެއްފަދައިން ކައިޝާވެސް ދޮގުހަދަން ދަސްކުރީ ކޮންތާކުން ހެއްޔެވެ؟ ދޮގުހެދުމުގެ ނުބައިކަން ކަޒްޔާއަށް ވިސްނުނެވެ. ކައިޝާގެ އެދޮގުގެ ސަބަބުން އޭނާ ހާދަ ހިތާމައެއްކޮށް ކަރުނަ އޮއްސައިފިއެވެ. ބައްޕަކަމުގައި އަބަދު ދެކުނު މީހާއަކީ ބައްޕަ ނޫންކަމަށް ބުނުމުން އެކަން ގަބޫލުކުރެވި އޭނާ ވިސްނިވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.
"އަލްހަމްދުލިﷲ.."
"އަހަރެން ކުޑަދޮރުން ބޭރަށް ފުންލައިލެވޭތޯކަން ނޭގޭ ބަލަންވީ. މިތާކުު އަބަދަކަށް ނުހުރެވޭނެ...ޕްރިޒަން ބްރޭކް ލައިވްކޮށް ކުޅެން އެބަޖެހޭ. ސްކޯފީލްޑަށްވުރެ ބުއްދިވެރިގޮތަކަށް މިކަން ނިންމައިލަން ޖެހޭނީ..މިހެން އިންނަން ވެއްޖެއްޔާ ސަލާމަތެއްނުވެވޭނެ..." ކަޒްޔާ ކުޑަދޮރު ހުޅުވާލުމަށްފަހު ތިރިއަށް ބަލާލައިފިއެވެ. ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ފުންމައިލަން ވިސްނިއިރު ތަންކޮޅެއް ދިގު ފުންމުމެއް ނަމަވެސް އެހިސާބަށް ފޯރުމަކީ ހަމަ އެކަށީގެންވާކަމެކެވެ. ނަވާބު މަނިކުއާއި އަރްކާންފަދަ ގާތިލުންގެ ހަގީގަތް ދުނިޔެއަށް ހާމަކުރަން އޭނާގެ ދެތިން ތަން ބިންދައިގެން ދިޔަސް އެންމެ ރަގަޅެވެ. ކުޑަދޮރުން ފައި ބޭރަށް އެލުވާލައިގެން ފުންމައިލަން ތައްޔާރުކޮށްލިތަނާ އަރްކާން ނޯއާގެ ޅިޔަނަކު މަރައިލިކަމުގެ ހަދާން އާވިއެވެ.އޭނާގެ އަމަލުން އެ އާއިލާއަށް އިތުރުު ނުރައްކަލެއް ވެދާނެކަމުގެ ރަގަބީލު ސިކުނޑީގައި ބާރުބާރަށް ޖެހިގަތެވެ. ނޫނެކެވެ. އޭނާ އަދި ކެތްކުރާނެއެވެ. ނޯއާމެންނަށްޓަކާ ހިތްވަރުކުރަން ޖެހޭނެއެވެ. އެކަމަކު އެލިގަތްގޮތަށް ހަށިގަނޑު މައްޗަށް ނެގޭނެގޮތެއްނުވިއެވެ. އަތް ވާޅުވާންފެށިއެވެ. އެންމެފަހުން ކަރުފަޅައިގެންދާ ވަރަށް ހަޅޭއްލަވައިގަތެވެ.
އިރުގަނޑެއްފަހުން ވަރުގަދަ މުލައްދަނޑިއެއްގެ ހިމާޔަތް ލިބި އޭނާ މައްޗަށް ނެގިއެވެ.
"ކަޒްޔާ މޮޔަވީތަ؟ "އަރްކާންގެ ވަރުގަދަ ބުމަ ކައިރިކޮށްލައިގެން ހުރިއިރު މޫނަށް ރަތްކަމެއްވެރިވިއެވެ.
"ކައްސައިލީ...." ކަޒްޔާގެ މޫނުގައި ދާތިކިތައް ވިދައެވެ. އިސްތަށިގަނޑުގައިވެސް ދަލާއި ހިރަފުހުން ތަތްތެޅިފައެވެ.
"އަހަރެން ހަދާންނެތިގެން ސީޑީއެއް ގޭގައި ބާއްވާފައި އެ ނަގަން އާދެވުނީ ކަޒްޔާގެ ފުރާނަ ސަލާމަތްވާންވެގެން. ދެން ތިވީގޮތުން އެހެން ރޫމަކަށްލާނީ...."އަރްކާންގެ އަޑު ހަރުކަށިއެވެ.
"ހިލިހިލާ ޖަހާފައި ބާއްވާނީ..." ކައިޝާ އުކުޅުގައި އަތް ވިއްދައިލިއެވެ.
ކަޒްޔާ ސޯފާއަށް އެރިގޮތަށް ކަކުލުގައި ބޯ ޖައްސާލައިގެން މޮޅިވެރިގޮތަކަށް އިންއިރު ކަންފަތުގައި ގުގުމަނީ ބޭބެއާއި ދައްތަގެ ހަރުކަށި އިންޒާރުތަކެވެ. އެންމެ ރަގަޅެވެ. އޭނާއަށް ކުރެވުނީ ރަގަޅުކަމެއް ނޫނެވެ. ނަމަވެސް އަދަބު ދޭން އުޅޭއިރު އެހެން މީހުންގެ ކުށް ނުފެންނަނީ ހެއްޔެވެ؟ އަރްކާން ކަޒްޔާގެ އަތުގައި ހިފާ ނަގައިގެން ކަހަލަގޮތަކަށްގޮސް އެހެން ކޮޓަރިއަކަށް ލާފައި ދޮރު ތަޅުލައިފިއެވެ.
"އަހަރެން އަންނަދެން މިތަނުގައި ހުރޭ...."
އަރްކާން އޭނާ ގުދަނެއް ކަހަލަ ކޮޓަރިއަކަށް ލާފައި ދޮރު ބޭރުން ތަޅުލާފައި ދިޔުމުން އިރުގަނޑެއްވާންދެން ދޮރުގައި އަތުން ތަޅަ ތަޅާފައި ހަޅޭއްލެވިއެވެ. އޭނާ ދެން ބަސް އަހާނެކަމަށާއި ގޯސްކަމެއް ނުކުރާނެކަމުގެ ވައުދުވިއެވެ. ނަމަވެސް އެ އަޑުތައް ފާރުގައި ޖެހިފައި އެނބުރި އައީއެވެ.
***
ޒޭވިއާގެ ގަނޑުވަރެއްފަދަ ބޮޑުގޭގެ ކާކޮޓަރިތެރެއަށް ޗާންދަލިޔާގެ ރަން އަލި އެޅިފައިވާއިރު އާޝޯޚުވާހާ ހިތްގައިމެވެ. ވިކްޓޯރިއަން ސްޓައިލްގެ ޑައިނިން ރޫމް ސެޓާއި އަޅާފައިވާ ރަގް އަދި ފާރުގައިވާ އަގުބޮޑުކްރީމާއ ރަންކުލައިގެ މޭޒުގެ ހިތްގައިމު ޑިޒައިނާއެކު ގޮދަޑި ޖެހި މަޑުގޮނޑިތަކުގެ ދެފަރާތުންވެސް ކުރެހުން އަޅާފައިވަނީ މޭޒާއި އެއްފަރާތުގައި ހުރި ކެބިނެޓާއި ގުޅުވާފައެވެ. ޒޭވިއާއާއި ދާލިއާ ކޮފީބޯން ތިބިއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ އަސަރެވެ.
"ކޮން އިރަކުން ފެމިލީއާއި ބައްދަލުކުރުވާނީ؟"
"ތެދަށް ބުނަންޏާ މަންމަގެ ޚިޔާލު ތަފާތުކަމުން އަހަރެންގެ ލޯބިވާ އަންހެންކުއްޖާ ބްރައިޑަކަށް ހަދަން ގަބޫލެއްނުވާނެ. އެހެންވެ ފެމިލީއާއި ވަކިން މިގޮތަށް އުޅެން ބޭނުމީ. ޔޫ އާ ލަކީ ބޭބީ.އެނގޭތަ ކީއްވެކަން؟އަންހެންކުދިންނަށް މައިދައިތައިންނާއި ދޮންމަންމައިންނާއެކީ ދިރިއުޅެން ޖެހުމަށްވުރެ ބޮޑު މުސީބާތެއް ކުރިމަތިނުވާނެ. ގިނަފަހަރަށް އެހެން ވަނީ އަންހެން ކުއްޖާ އެހާ ގެވެހިނުވާތީ. މައިދައިތަމެންނަށް އެކަހަލަ ކުދިންނާއި އެކު އުޅެން އަސްލުވެސް ފަސޭހައެއް ނުވާނެ.ފެނާއި ތެލާއި އެކުވަންޏާ އެ ދެބައި ގުޅޭނީ. ޓްރަސްޓްމީ. ފެމިލީ ގުޅުންތައް ކިތަންމެ ބިއުޓިފުލްވިޔަސް އަހަރެމެންނަށް އެންމެ އުފަލާއި އެކު އުޅެވޭނީ ވަކިން ދިރިއުޅެގެން. ބޮޑު މެންޝަންއެއްގައި ހަމައެކަނި މަގޭ ގާލް ޕްރިންސެސްއެއްގެ ގޮތުގައި ހުރުމަށްވުރެ ވަކި ނަސީބެއް އުފަލެއް ދުނިޔެއިން ލިބިދާނެތަ؟އަހަރެންވެސް އިހުސާސްވަނީ ކާއިނާތުގައި ހުރި އެންމެ އުފާވެރި މީހާގެ ގޮތުގައި.............." ޒޭވިއާ މޭޒުގައި އުޅަބޮށި ވިއްދާލައިގެން އިނދެ ފުން ނަޒަރަކުން ބަލަމުން ދިޔައެވެ.
"ޚާންދާނުގެ ސަގާފަތާއި އެއްގޮތަށް އެމީހުން ބޭބީގެ ކައިވެނި ކުރުވަން ނޫޅޭނެތަ؟" ދާލިއާ ޒޭވިއާގެ ނިތްކުރިއަށް އުދަގޫކުރަމުން ދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަދިނެވެ." އައިމް ސްކެއާޑް....."
"ކޮންކަމަކާ....." ޒޭވިއާ އެހިއެވެ.
"އަހަންނަށް ނައިޓްމެއާސް ފެންނަނީ. އަންހެންކުއްޖަކު ޒޭވިއާގެ އަތުގައި ހިފާ ގެންދާތަން. ވައިޓް ޑްރެސްއެއްގައި ހުރި ތަންކޮޅެއް ޔަންގް ގާލްއެއް...." ދާލިއާގެ އެ ޖުމްލައިން ޒޭވިއާގެ މެޔަށް ފިނިވާގޮތްވިއެވެ. ދާލިއާ އެހެން ބުނީ ކޮންމެވެސް ހަގީގަތެއް އެނގިގެން އޭނާ ލައްވާ ތެދުބުނުވުމަށެވެ.
"ޕްރޮމިސްކުރޭ. އެހެން މީހަކާއި މެރީ ނުކުރަން...އަހަރެން މަރުވެދާނެ..." ދާލިއާ ޒޭވިއާގެ އަތުގައި ހިފައިލިއެވެ.
ނުނިމޭ