"ޔޫސުފް ސޫރަތުން ލިބުނު އެންމެ ރީތި އެއް ފިލާވަޅަކީ ﷲ ސުބުހާނަހޫ ވަތައާލާއަށް އިތުބާރުކޮށް ކެތްތެރިވެއްޖެނަމަ އެންމެ ގާތުގައިވާ މީހުން ތިބާއާއި ދެކޮޅުވިޔަސް ތިބާގެ މަގާމު މަތިވެރިކުރައްވާ އެންމެ އަނދިރި ވަގުތުތަކުގައި ދޮރުތައް ހުޅުވާދެއްވާނެކަމެވެ."

***

ކަޒްޔާ މާމަ ގޮވައިގެން ޗޮލްކެޓް ވައިބްސްއަށް ދާން ނުކުތްއިރު ވާރޭ ކަނި ޖަހައެވެ. ވާރެއިން މާމަ ހިމާޔަތް ކުރަން ކުޑަ ނަގައިގެން ހުރިއިރު ވާރެޔާ ތެމޭހިތްވެސް ވިއެވެ. ނަމަވެސް އަދި މާމަ ގެއަށް ލާފައެވެ. ނޯއާ ދެކޭހިތުން ބޭގަރާރުވި ހިތް އިތުރަށް ތެޅިގަތީ އެތެރެއަށް އެޅި ފިޔަވަޅާއެކު ނޯއާގެ ގައިގާ އަޅައިގަތުމުންނެވެ. ނޯއާއަށްވެސް ކާކުކަން ނޭގި ހިފަހައްޓައިލެވިއްޖެއެވެ.

"އިޒް ދިސް ލަވް؟" ކަޒްޔާގެ ހިތަށް ބުނަން ނޭނގޭފަދަ އިހުސާސެއް ކުރެވުނެވެ. ފަޅި ސިކުންތުކޮޅަކަށެވެ. އެ ފަޅި ސިކުންތުކޮޅުގައި ކަޒްޔާއަށް ދާދި ކައިރިން ނޯއާގެ މޫނަށް ބަލައިލުމުގެ ފުރުސަތު ލިބުނެވެ. ފެން ތިކިތައް ކޮންމެވެސް ވަރަކަށް މޫނާއި އިސްތަށިގަނޑުގައި ހަރުލާފައިވުމުން ނިކަން ތާޒާވެފައި އެބޮޑު ލޮލުގެ ވިދުން ގަދައެވެ. ހުދު ޓީޝާޓަކާއި މަޑު ނޫ ޑެނިމް ޖިންސު ސޯޓުގައި ހުރިއިރު ގައިން ދުވީ ކޮފީގެ ސިކުނޑި ވިހުރުވައިލާ ވަހެވެ. ނޯއާ ޔަގީނުންވެސް އޭނަގެ މޫނަށް ބަލައިލާނެކަމަށް ހީކުރެވުނެވެ. އޮޅިގެންވިޔަސް ހިފައިލެވުނީ އަންހެންކުއްޖެއްގެ ގައިގައިކަން އެނގޭނެ ނޫންހެއްޔެވެ؟ އެކަމަކު އެހެނެއްނުވިއެވެ. "ސޮރީ"އޭ ބުނެލީ އަމިއްލަ ނަފުސަށް އިވޭހާ މަޑުންނެވެ. އެއާއެކު އެދިޔަ ބާރުމިނުގައި ހިނގައިގަތީ ބޯކޮށްލި ވާރެއަށް ބެލުމެއް ނެތިއެވެ.

"ނޯއާ...." ކަޒްޔާއަށް ކިޔައިލެވުނެވެ. ދެން އުޅުނީ ނިކަން ބާރަށް ހަޅޭއްލަވައިގެންފާ ފަހަތުން ދުއްވައިގަންނާށެވެ. ނަމަވެސް އޭނަގެ އަތުގައި އެކަތައިގެ ބާރު އެކުލެވޭ އަތަކުން ހިފައިލެވުމާއެކު ސިހިފައި އެ އަތުގައި ޖަހާލެވިއްޖެއެވެ.

"ގެޓް އޮފް މީ...." ކަޒްޔާއަށް އެއީ އަރްކާންކަން އެނގުމުން ރުޅިގަނޑު ހިލިގަތެވެ. އޭނާއާއި ނޯއާ އެތައް ދުވަހަކަށްފަހު ބައްދަލުވި ވަގުތުކޮޅު އަރްކާންގެ ސަބަބުން މުޅިން ހަލާކުވެއްޖެއެވެ.

އަރްކާންއަށް ދޭނެ ލަނޑަކާއިމެދު ވިސްނަން ފެށުނީ އެވަގުތުކޮޅުއެވެ.

"މާމަވެސް މި ފިނީގައި އައިސްކްރީމް ބޯންތަ ތިއައީ؟" އަރްކާން އަހައިލިއެވެ. ކަޒްޔާ ރުޅިއައި ނަމަވެސް ހީލީ ނިކަން ލޯބިކޮށެވެ.

"ޗޮކްލެޓް ވައިބްސްއަކީ މާމައާއި އަހަރެންގެ ފެވެރިޓް ޕްލޭސް. ދުނިޔޭގެ އެންމެ މީރު އައިސްކްރީމް މިތަނުން ލިބެން ހުންނާނެ.. ޔޫ ވިލް ލައިކް....."

"ނޭނގެ. ކޮފީއެކޭ ބުނީމަ ހީވަނީ ކޮފީ ހުސްވެދާނެތީ ނޫނީ ދަޅު ފުލުގައި ހުރި އެތިކޮޅު ފެނަށް ލައިގެން އައިހެން. ސާވިސް ކަޑަކަމުގެ އިންތިހާ. އައިސްކްރީމް ވެސް ހީވަނީ ގެއިން ހަދާފައި ހުރި ލޮލީހެން ހެހެ.." އަރްކާން ހާމަކުރީ ކޮންމެވެސް ވަރެއްގެ ހަގީގަތެވެ. އެތަނުގެ ހިދުމަތްތައް އެހާވެސް ދަށަށް ވެއްޓިއްޖެއެވެ.

"ހެވޭ....އައި ލަވް އިޓް...ސްމެލްސް ޔަމީ..." ކަޒްޔާ ނޭފަތް ދަމައިލިއެވެ. އޭނާ މާމަ ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.

މިތަނަށް ވަނުމުން ކަޒްޔާއަށް ޗޮކްލެޓް ވައިބްސްގެ އިމާރާތް ހަލާކުވި ސަބަބު އެނގުނެވެ. އެހާ ކުރީގައި އޮތް ވިޔަފާރިއެއް އަޑިއަޅައިލި ސަބަބަކީ އެއީ ތާއެވެ. އަރްކާން މަލާމާތްކުރާއިރު އޭނައަށް ވެސް އެފަދަ ދެރަގޮތެއް ދިމާވެދާނެއެވެ. އަމިއްލަ މޮޅުކަމާއި ތައުލީމާއިމެދު ފަހުރުވެރިވަނީކަން ޔަގީނެވެ.

ކަޒްޔާގެ ހިތް ވީ ނޯއާއާއެކުގައެވެ. ސާދަ އަހަރުގެ ކުދިންގެ ހިތުގައިވެސް ލޯތްބާއި ކުލުނު ފަދަ އިހުސާސްތައް އުފެދި އަނެއް ޖިންސްގެ ކުދިންނަށް ހިތް ކިޔަން ފަށާގޮތަށް ކަޒްޔާގެ ހިތުގައި ވެސް އުފެދިފައިވަނީ އެފަދަ އިހުސާސެވެ. އެ އިހުސާސަށް އޭނާ ލޯބީގެ ނަން ދީފިއެވެ. އޭނާގެ ލޯތްބަކީ ނޯއާކަމުގައި ގަބޫލުކުރުމުން ހިތަށް އުފާވެރިކަން ލިބުނެވެ. އަދި އެންމެ ހިތްހަމަޖެހުނީ އަޒާލިއާ ބުނިފަދަ ހަލާލު ލޯތްބަކުން އެ ގުޅުން ފެށުނީތީއެވެ. ހަލާލު ލޯބީގައި ބަރަކާތް ލައްވާނެކަމަށް އޭނާ ޔަގީންކުރިއެވެ.

***

ނޯއާ ގެއަށް ވަން އިރު ރަގަޅަށްވެސް ތެމިފޯވެއްޖެއެވެ. އަރްކާން ފެނުމުން ރުޅިއައިވަރުން ކުޑަވަރެއްގެ ޒުވާބެއްކުރަން ޖެހުނެވެ. އަނާ ގެއްލުވައިލިކަމުގެ ތުހުމަތު ބޮލުގައި އެޅުމުން ރުޅި އަންނާނެ ނޫންހެއްޔެވެ؟ ގެއަށް ވަނުމާއެކު މަންމަވެސް ފެށީ އެ ވާހަކައެވެ. އަރްކާން ކަޒްޔާ ގޮވައިގެން އައި ބޭނުމަކީ އަނާ ހޯދުމެވެ. އެމީހުން އަނާ ފޮރުވީކަމަށް ޔަގީންކޮށްގެން އޭނާ ހިތުން ހަގުރާމަކުރަން އައީއެވެ.

ނޯއާ ތުވާލިން އިސްތަށިގަނޑު ހިއްކަން އިންއިރު ކަޒްޔާއާމެދު ވިސްނިއެވެ. ކަޒްޔާގެ މޫނަށް ނުބެލިކަމުގައިވިޔަސް އޭނާއަށް ދެނެގަނެވުނެވެ. އެފަދަ ގޮތަކަށް ބައްދަލުވުމުން ކުއްލި ހައިރާންކަމެއް ލިބުނެވެ.

***

ކަޒްޔާ ހައިރާންވީ ބައްޕަ ވެސް އޭނައަށް ނުފެނި ގިނަ ވަގުތު މިސްކިތުގައި އިންނާތީއެވެ. މާމައާއެކު އޭނާ ބައިންދާފައި ބައްޕަ ގެއަށް އަންނަނީ ހަމައެކަނި ކާ އެއްޗެއް ހިފައިގެންނެވެ. އެންމެ ހަފްތާއަކަށް އައުމުން ވެސް ބައްޕަ އޭނައާއ އޮތް ގުޅުން ރަނގަޅުކޮށް ސުވާލުނުކުރުމުން ކަޒްޔާގެ ހިތުގައި ދުނިޔެ ފުރޭހާ ޝަކުވާ ގިނަވިއެވެ. ބައްޕައާ ދިމާލަށް އެހެން ބުނަން ބޭނުންވިއެވެ. މިއީ ކޮންކަހަލަ ލޯތްބެއްހެއްޔެވެ؟ ބައްޕަ ވެސް އޭނާދެކެ ލޯބިނުވަނީ ހެއްޔެވެ؟ އެހާ ދުރުކޮށްލީ ކީއްވެ ހެއްޔެވެ؟ ބައްޕަގެ ޕްރިންސެސްގެ ލޮލަށް ބަލާފައި އެހިތް ރޯކަމާއި އޭނާގެ ދުރުކަން ވިސްނައިގަންނަން ބައްޕަ ފަދަ ދުރުވިސްނޭ ތަޖުރިބާ ހުރި މީހަކަށް އެނގެންވާނެއެވެ. ބައްޕައަށް ބައްޕަގެ ލޯބިވާ ދަރިފުޅުގެ ހިތްވެސް ދެނެގަނެވޭނެއެވެ. ކަޒްޔާ މާމަ ގޮވައިގެން ހިގަން ދަމުން މިސްކިތުގައި މަޑުކޮށްލިއެވެ. މާތައް އަޅާ ބަރާވެފައި ހުރި ހުވަނދު އަދި ޖޭސްމިން މަލާއި ޗަމްޕާޕޫލްފަދަ ގަސްތައް ފެނުމުން އެކި ހަދާންތައް ކަރުނައިގެ ސިފައިގާ ލޯ ތެންމާލައިފިއެވެ. އޭނަ މަޑުމަޑުން ގޮސް މިސްކިތު ދޮރުމައްޗަށް އެރިއެވެ. ބައްޕަ އިނީ ގުރުއާން ކިޔެވުމަށް ގެއްލިފައެވެ.

ﷲ ސުބުނަހޫ ވަތައާލާއަށް ހުރިހާ ވަގުތެއް ހުސްކޮށްލަނީތާއެވެ.

ނޫނީ ގަސްތުގައި އޭނައައި ދުރުވާން ބައްޕަ އޮޅުވާލަނީހެއްޔެވެ؟

މޮޅިވެރިވެ ބަރުވެފައިވާ ހިތަކާއިއެކު މާމަ ގޮވައިގެން ގެއަށް އައިސް މާމައަށް ސައި ދިނުމަށްފަހު ވާހަކަދައްކަން އިންއިރު ބައްޕައަށް އިންތިޒާރުކުރެވުނެވެ. ގޭގެ ދޮރާށި ކައިރިއަށް ނިކުމެ އެތައް ފަހަރު ބަލައިލެވުނެވެ. ޗޮކްލެޓް ވައިބްސް ކައިރިން ނޯއާ ފެނޭތޯ ބުރެއް ޖަހައިލެވޭނީވެސް ބައްޕަ ހުރެގެންތާއެވެ. ރޯދަމަސް ނޫނަސް އިއުތިކާފްގައި ވެސް އިންނަން ނިންމީހެއްޔެވެ؟ ބައްޕަ އިޝާކޮށްގެން ގެއަށް އައީ އަރްކާން އޭނާ ބަލާ އައިސްފަ ހުއްޓައެވެ. އަރްކާން މަޑުކޮށްލީ މަގު ފާރު ކައިރީގައެވެ.

"ބައްޕާ..ހާދަ ލަހުން. އަރްކާން ބަލާ އައިސްފައި އެބަހުރި.." ކަޒްޔާގެ އަޑުގައި ޝަކުވާގެ ގޮތެއް ހުއްޓެވެ. ގަދަކަމުން ހިންދިރުވައިލެވުނެވެ. ލޮލަށް ކަރުނަ ތިއްކެއް އަޔަ ނުދޭން އޭނާ މަސައްކަތްކުރިއެވެ.

"މިސްކިތުގައި އިނީ..."

"އޯކޭ...ދެން އަޅުގަނޑު ގޮސްލާނަން...މާމާ ދިޔައީ އިނގޭ މާދަން އަންނާނަން އިންޝާﷲ....އައްސަލާމް އަލައިކުމް..." ކަޒްޔާ ބެކްޕެކް އަޅުވައިގެން ހަރުކޮށް ހިނގާފައި ގޮސް މަގާއި އަރާ ހަމަވީއިރު ކަރުނަތައް އޮހިގެންފިއެވެ. އޭނާ ގިސްލަމުން ކުރިއަށް ހިނގައިގަތުމުން އަރްކާން އެއްވަރަކަށް އައެވެ.

"ވަޓް ހެޕެންޑް. ބައްޕަ އެއްޗެކޭ ބުނީތަ؟"

"އައި ވިޝް......ނޯ ޓޯކިން ނައު ޔޫ ބޯތު..." ކަޒްޔާ ނޭފަތް ދަމައިލިއެވެ.

ކަޒްޔާ ގަލެއްގައި އަޅައިގެންފާ ވެއްޓެނިކޮށް އަރްކާން ހިފެހެއްޓިއެވެ. ކަޒްޔާ ފޮޅުވައިލާން އުޅުނަސް އޭނާގެ ދޮންބެގެ އަތުގެ ބާރު އޭނާއަށްވުރެ ހާސް ގުނަ އިތުރެވެ. އިރުގަނޑެއްވާންދެން ހިމޭންކަމާއެކު ފަނޑު އަލިކަމުގައި ދެމީހުން ކުރިއަށް ދިޔައެވެ. ކަޒްޔާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިއްޖެއެވެ.

"ރޭ ބުނީ ތެދު ވާހަކައެއްނޫން. ބައްޕަގެ ފިކުރޭ ކިޔާފައި ބުނީ ދޮގެއް. ބައްޕައަކީ ޚަވާރިޖެއްނޫން. ވަކި ޖަމާއަތް ހަދައިގެން ނަމާދެއްވެސް ނުކުރޭ. ހަނގުރާމަޔަށް މީހުން ފޮނުވާ މީހެއްވެސް ނޫން. ބައްޕައަކީ އެންމެ ރަނގަޅު މުސްލިމެއް. ﷲ ސުބުހާނަހޫ ވަތައާލާއަށް ކިޔަމަންތެރިވާ ތަގުވާވެރި މުއުމިނެއް. އައި މެރީޑް ޓު ނޯއާ ބިކޯޒް ބައްޕަ ކާފަ ގޮވައިގެން އިންޑިއާއަށް ދާންވީމަ. ބައްޕަ ޕްރޮޓެކްޝަން ދޭން ކުރިކަމެއް. ތި ހީކުރާ ގޮތަކަށް ކޯޓުން ބޭރުގައި ކައިވެނި ކުރުވާކަށް ނޫން......" ކަޒްޔާ ބޭނުންވީ ރޭ ބައްޕަގެ ދިފާއުގައި ވާހަކަ ނުދެއްކުމުން މިއަދު ހިތުގައިވާހާ އެއްޗެއް ބޭރުކޮށްލާށެވެ." ބައްޕައާއި ޝޭޚު ހަމްޒާވެސް ގުރުއާނާއި ސުންނަތަށް ފޮލޯކުރަނީ. ދަރުސް ދެނީ ގުރުއާނާއި ހަދީސްގައިވާ އެއްޗެހިން. އެހެންވީމަ ވަކި ފިކުރެކޭ ކިޔާފައި ދޮގުހަދާކަށް ނުވާނެ....."

"ބަލަމާ...." އަރްކާން ބުނެލިއެވެ.

***

ޗޮކްލެޓް ވައިބްސް ކައިރިން ދެތިން ބުރުޖެހިއިރުވެސް ކަޒްޔާއަކަށް ނޯއާ ފެނުނީއެއްނޫނެވެ. އެންމެފަހުން އޭނާ ގަސްތުކުރީ ނޯއާއަށް ގެނައި ހަދިޔާއާއި ބަބްލްސް ގޮވައިގެން ނޯއާއާއި ބައްދަލުކުރަން ސީދާ އެގެއަށް ޖައްސައިލުމަށެވެ. އަރްކާން ބުނީ އަނގައިން ބުނެގެން ނުވާނެކަމުގައެވެ. ހަމައެކަނި ހަދިޔާތައް ދީފައި ފަސްމިނިޓްވާއިރު އޭނާގެ ގާތަށް އަންނަން އެންގިއެވެ.

"ދުނިޔޭގައި ލެއްވި އެންމެ އަގުބޮޑު ފަސް މިނިޓް ކަންނޭނގޭ..." ވަގުތުގެ އަގުބޮޑުކަން ހިތަށް އަރުވާފައި ކަޒްޔާއަށް ވޫސްލާފައި ދުއްވައިގަނެވުނުގޮތަށް ދޮރުން ވަންނަން ދިމާކުރިގޮތުން މޫނުވެސް ދޮރުފަތުގައި ޖެހުނެވެ. ނިތްކުރިއަށް ތަދުވިއެވެ. ކަޒްޔާ ސަލާމް ގޮވިއަޑަށް ނަސީބަކުން ދޮރު ހުޅުވައިލީ ނޯއާއެވެ. ކަޒްޔާ ބަބްލްސް ތަޅުންމައްޗަށް ދޫކޮށްލާފައި ނޯއާގެ ގައިގައި ބައްދައިލެވުނީ ބޭ އިޚުތިޔާރުގައެވެ.

"ކަޒްޔާ....ތިއީ ކޮންކަމެއްތަ؟" ނޯއާ މަޑުމަޑުން ކަޒްޔާގެ އަތް ވީއްލުވާލާފައި ފަހަތަށް ފިޔަވަޅެއް އެޅިއެވެ.

ކަޒްޔާ ނޯއާގެ އަތަށް ޕާރުސަލް ދިއްކޮށްލިއެވެ.

"ބަބްލްސް އަނބުރާ ގެނައީ ކީއްވެ؟" ނޯއާ ދެވަނަ ސުވާލުކޮށްލިއެވެ. ކަޒްޔާ ޖެހި ބުދެއް ފަދައިން ހުރިއިރު އޭނާ ލަދުގަންނަވަން އެ ލޮލަށް ބަލަން ހުރިފަދައެވެ. އުމުރު ދުވަހު ދަސްކުރަންވެގެން މީހަކު ބަލާނީ އެހާވަރަށެވެ. އެ ވަގުތުކޮޅު އޭނާގެ ލޮލުގައިވި ގުނާނުލެވޭހާ ގިނަ އެސްފިޔަތައްވެސް ގުނާލީކަން ނޭގެއެވެ.

"ކަޒްޔާ....ވާހަކަދައްކަބަލަ. "ނޯއާ އެދުނެވެ. "އެންމެ ރަގަޅު. އަހަރެން މަންމައަށް އެބަގޮވަން. މަންމައާއި ބައްދަލުކުރަން ތިއައީ؟ އައިސްކްރީމް ގެންނަންތަ؟"

ކަޒްޔާ ދެންވެސް ބަލަން ހުރީއެވެ. ނޯއާ ބަބްލްސް އުރާލަމުން އެތެރެއަށް ދާން ފިޔަވަޅެއް އަޅާއިރަށް ކަޒްޔާ އޭނާގެ ކުރިމައްޗަށް އެރިއެވެ. އަދި ބަބްލްސްގެ ބޮލުގައި ފިރުމައިލިއެވެ. "ބަބްލްސް ބަލަން އެންމެ ރަނގަޅު ފަރާތައި މި ހަވާލުކުރީ. ބަސްއަހައްޗޭ. މިގޭގައި މިނިވަންކަން އޮންނާނެ އިނގޭ. މާލެއަކީ ކިހާ ފޫހިތަނެއްކަން އެނގެއެއްނު. އިޓްސް ލައިކް ލިވިން އިން ހެލް. އެހާ މީހުން ގިނަ. މާލޭ މީހުން ދީނާއި އެހާ ދުރު. މިރަށުކުދިންހެނެއް ނޫން އުޅެނީ ދޯ ބަބްލްސް. ވަރަށް ލޯބިވޭ. ވަރަށް ހަނދާންވާނެ ބަބްލްސް. އަހަރެންގެ މަތިން ހަނދާން ނައްތާނުލައްޗޭ....ބާއި.." އޭނާގެ މަތިން ހަނދާން ނައްތާނުލަން އެދުނު ބަސްބުނެލިއިރަށް އޮޅިގެން ނަމަވެސް ނޯއާގެ މޫނަށް ބަލައިލެވިއްޖެއެވެ.

ކަޒްޔާ އެނބުރި ދާން ހިނގައިގަތެވެ.

"ކަޒްޔާ.....މަޑުކޮށްބަލަ.."

ކަޒްޔާ އަތުކުރީގައި އޮތް ގަޑިއަށް ބެލިއެވެ. އަދި ފިޔަވަޅުތައް އަވަސްކުރިއެވެ.

***

ދެތިން ދުވަސް ފާއިތުވެދިޔައީ ބަސްބުނާ ހިނދުކޮޅު ތެރޭގައެވެ. މި ހަފްތާ އެހާ އަވަހަށް ވޭތުވެދާން ނޭދުނަސް ހަޔާތުގެ އެހެން ސަފުހާތަކަށްވުރެ މި ސަފުހާތައް ހުޅުވެމުންދާލެއް އަވަހެވެ.

ކަޒްޔާ ޗޮކްލެޓް ވައިބްސްއަށް ވަދެ މިލްކް ޝޭކަކަށް އޯޑަރު ދިނެވެ. އިރުކޮޅެއްނުވަނީސް ވެއިޓަރު ކުއްޖާ ތަބައް ގެނެސް ކުރިމަތީގައި ބެހެއްޓިއިރަށް ނޯއާއަށްވެސް އެތަނަށް ނުކުމެވުނެވެ. ނޯއާ ބުމައަރުވައިލިއެވެ. ކަޒްޔާ އަޅާވެސް ނުލާ އެތަށިން ރަހަ ބަލައިލިއެވެ.

"ހާދަ މީރޭ. ކޮން ދުވަހެއް މިހާ މީރު އެއްޗެއް ނުކެވޭތާ...." ކަޒްޔާގެ އަޑު ހަރުކަމުން މުޅި ހިސާބުގައި އަޑު ގުގުމާލައިފިއެވެ." އައި ލަވް ފްރީޑަމް....."

ނޯއާ ވިސްނައިލިއެވެ. ކަޒްޔާ މިނިވަންކަމުގެ ވާހަކަ އެދެއްކީ އަނެއްކާ މިހާރު އެކައިވެނި ރޫޅުނީއޭ ހީކޮށްފައި ކަންނޭނގެއެވެ. އެކަމަކު ހަގީގަތުގައި އޭނާ ދެކެނީ އެ ކައިވެނި ސައްހަވާނެކަމުގައެވެ. ދީނީ ގޮތުން އޭނާ ވާނީ އަދިވެސް ކަޒްޔާގެ ފިރިމީހާއަށެވެ. ގާނޫނީ ގޮތުން ނުވެއެވެ.

"ސަމް ޕީޕަލް އާ ސޯ ސްޓުޕިޑް. މި މިލްކްޝޭކަށް ވާހަކަދެއްކޭނެނަމަ މިތަށްޓަށްވެސް އަހަރެން ބުނާ އެއްޗެއް މާ ރަނގަޅަށް ދޭހަވާނެ........" ކަޒްޔާ އެތަށްޓާއި ވާހަކަދައްކަމުން އެ ޖުމްލަ ބުނެ ނިންމާލިއިރު އަރްކާން އޭނާގެ ކުރިމަތީގައި ހުރި މޭޒުގައި އިށީނީއެވެ.

"އައި ޓޯކްޑް ޓު މިލްކްޝޭކް......" ކަޒްޔާ ހޭން ފެށިގޮތަށް އަނގައިގައި ހުރި ފެންތައް މޭޒާއިއެކު އަރްކާންގެ މޫނަށް ބުރުވައިލިއެވެ. އަދި ޓިޝޫއެއް ދިއްކޮށްލައިފިއެވެ. ނޯއާވެސް ހިނިގަނޑު ހިފަހައްޓަން މަޖުބޫރުވިއެވެ. އޭނާ އެތެރެއަށް ވަދެގެން ދާން ހިނގައިގަތީ ކަޒްޔާއާއި ދިމާލަށް ލޮލުން އިޝާރާތެއްކޮށްލަމުންނެވެ.

***

ކަޒްޔާ އެހާ ފަސޭހައިން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެންމެ ހަފްތާއެއްކަން ސިކުނޑި ހަދާންކޮށްދެނީއެވެ. ވަގުތު ފަހަނައަޅާ ދިޔުމަށްފަހު އަތުނުލެވޭނެއެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތުކޮޅެއް މުހިއްމުކަން އޭނާގެ ޟަމީރު ހަނދާންކޮށްދިނެވެ. ނޯއާއަށް ފެނިނުލާ މިރަށުން ފުރުމަކީ އަމިއްލަ ނަފުސަށް ދެވޭނެ އަނިޔާއެކެވެ. ނޯއާ ހަނަފީމެންގެއަށް އައިސްދާނެކަމަށް އޭނާ ހިއެއްނުކުރެއެވެ. ހަނަފީ މިސްކިތަށް ދިޔަފަހުން މާމައާއެކު އުޅެފައި މާމަ ނަމާދުކުރަން މުސައްލަމަތީ އިންދާ އޭނާ ކާގެއަށް ދިޔައެވެ. ކުއްލިއަކަށް މީހަކު އަތުގައި ހިފައިލުމުން އެމީހެއްގެ ގައިގައި ޖަހަން އަނެއް އަތް މަޅާފައިވެސް އަތްތިރިކޮށްލީ ނޯއާކަން އެނގިފައެވެ. ނޯއާ އަތުގައި ހިފުމުން އުފާވިނަމަވެސް ކުއްލިއަކަށް އަތް ފޮޅުވައިލަން އުޅުނެވެ.

"އަތުން ދޫކޮށްލާ. ތިއީ މިހާރު އަހަރެންގެ ހަޒްބަންޑެއް ނޫން. ދެން އަތުގައި ނުހިފާތި...."

"މެރީޑް ނޫނަސް ވެއްޓެން އުޅުނީމަ ކޮންމެ މީހަކުވެސް އެގޮތަށް ހިފަހައްޓާނެ... އެއީ ހަމަ އޮޓޮމެޓިކް ރިއެކްޝަނެއް." ކަޒްޔާގެ އެ ދުރު ހިލޭކަން ފެނިފައި ނޯއާވެސް އެހެން ބުނެލީ ހިތްހަމަނުޖެހުނު ވަރުންނެވެ. އެކަމަކު "މެރީޑް ނޫނަސް" އެ ލަފުޒުތައް ކަޒްޔާގެ ހިތަށް ކަށްޓެއް ހެން ހެރުނެވެ. ހިތުގައި ޖެހުނުވަރުން ލޮލުން ކަރުނަ ނައީ ހަމަ ކިރިޔާއެވެ. އޭނަ ނޯއާ ގާތު ހުރިހާ ވާހަކައެއް ދައްކަން ބޭނުންވިއެވެ. އަރްކާން ގާތު ކުރި ހުވާވެސް ހަނދާން ނައްތައިލާފައެވެ. ނަމަވެސް އަނެއްކާ އޭނަގެ ހިތް ބަދަލުވެއްޖެއެވެ. ނޯއާވެސް އޭނާގެ ބައްޕަ ފަދައިން އޭނަ ދޫކޮށްލިކަމުގެ އިހުސާސް ނުބައި ގޮތަކަށް ކުރުވައިފިއެވެ.

"ބަބްލްސް ރަނގަޅަށް ބަލާދެއްޗޭ.." ކަޒްޔާ ބުނެލިއެވެ.

ނޯއާ ޖަވާބެއް ނުދިނެވެ.

ހަގީގަތުގައި އޭނާ ނޯއާގާތު އަތުން ދޫކޮށްލަން ބުނީ އަރްކާންގެ ފިޔަވަޅުގެ އަޑު އިވިފައެވެ. އިތުރު މައްސަލައެއް ޖެހެން ނޭދޭތީއެވެ.

އިތުރު ވާހަކައެއް ދެއްކުމެއްނެތި އޭނާ ކޮފީއެއް ހަދަންފެށިއެވެ. ނޯއާވެސް ހިމޭނުންހުރެ އޭނާގެ ކޮފީތަށި ހެދުމުން އެތައް ސުވާލެއް އުފެދުނެވެ. ބައްޕަ ނޯއާއާ ގުޅުން ރަނގަޅުވީ ކިހިނެއް ހެއްޔެވެ؟ ނޯއާގެ އާއިލާއިން ހަނަފީދެކެ ވެސް ނަފްރަތުކުރާނެ ނޫންހެއްޔެވެ؟

***

ކަޒްޔާއަށް އޭނާގެ މާމަ ބައިވަރު ހަދިޔާ ހޯދަދިނެވެ. ރަށުން އުފައްދާ ކާތަކެތީގެ ސާމާނާއެކު އޮޅު އަލާއި ނޫޑުލްސް ކަހަލަ އެއްޗެހި ފޮށިތަކަށް އަޅާ ބަންދުކުރިއެވެ. ރަނގަޅަށް ކައިގެން ހުންނަން މާމަ ނަސޭހަތްތެރިވިއެވެ. ފުރަން އޮތް ދުވަހުވެސް ކަޒްޔާ އޭނާގެ ބައްޕައަށް އިންތިޒާރުކުރިއެވެ. ނޯއާ ފެނުނު ވަރަށްވެސް އޭނައަށް ބައްޕަ ފެނުމުގެ ނަސީބެއް ނުލިބުނެވެ. ނަމަވެސް މި ދަތުރާއިމެދު އޭނާ ހިތާމައެއް ނުކުރެއެވެ. ކިތަންމެ ކުޑަ ކުޑަ ހަދާންތަކެއް ނަމަވެސް އޭނާ ހަނދާނުގައި ރައްކާކޮށްފިއެވެ.

ފުރާ ގަޑިއަށް ކާރު އައިތަނާ ހަނަފީ ގެއަށް ވަނެވެ.

"ބައްޕަ ރުޅިއައިސްފަތަ؟ ތި އައީ ވެސް އަޅުގަނޑު ފުރާތީއެއް ނޫން ހަމަ އިއްތިފާގުން އާދެވުނީ........." ކަޒްޔާގެ ދެލޯ ފުރިގެން އައީ ކަރުނުންނެވެ.

ހަނަފީ އޭނާގެ ދަރިފުޅަށް ނަޒަރު ހުއްޓައިލިއެވެ. ކަޒްޔާއަކީ އޭނާގެ ސެލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. އެ ދަރިފުޅަށް ޓަކައި އޭނަ ދުޢާކުރާ ވަރު, އެ ދަރިފުޅު އުފަލުގައި ލެހެއްޓެވުމަށް އެދި އޭނާ ދުޢާކުރާވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެއަށްވުރެ ބޮޑު ހަދިޔާއެއް މައިންބަފައިންނަށް ދަރިއަކަށް ދެވޭނެ ހެއްޔެވެ؟ އޭނާ ދަރިފުޅު މާތްﷲއާއި ވަކީލު ކުރީއެވެ. ކަޒްޔާ ރަށަށް އައުމަށްފަހު އެ ކުއްޖާ ބަދަލުވެފައިވާވަރު އޭނާ ދެނެގަތެވެ. އެ މަޖާ ލާނެތް ކުއްޖާގެ ފަރާތުން ފެނުނީ ކަންބޮޑުވުމާއި ސިހުމެވެ. ކޮންމެވެސް ކަހަލަ ބޮޑު ސިއްރެއް ފޮރުވައިގެން ހުރި ފަދައެވެ. ބިތްގަނޑުން ހޯނެއް ފެނުނަސް ކަޒްޔާ އަޅާނުލުން އެއީ ހަނަފީ އެންމެ ފާހަގަކުރި އެއްކަމެވެ. އޭނާގެ އީމާންކަމާއި ތަގުވާގެ ބަލިފަޔަކީ ދަރިފުޅަށް ވުމަށް އޭނާ ވެސް ނޭދުނެވެ. ކަޒްޔާ ދެކެ ލޯބިވުމަށްވުރެ އެންމެ މުހިއްމީ ހެއްދެވި ފަރާތާ އޮތް ގުޅުން ރަނގަޅުކުރުމެވެ. ނޫނީ އެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ދުނިޔެ އޭނާއަށް އެތައް ކެއްސެއް ދީފިއެވެ.

"ދަރިފުޅު ދެކެ ރުޅިއަކުން ނޫން. ބައްޕަގެ އިސް ވާޖިބު ތަފާތުވީ. ދަރިފުޅު އެކަން ބަލައިގަންނާނެކަމަށް ހީކުރަން. ދަރިފުޅަށް ވެސް އެންމެ މުހިންމު ވާން ވީ ބައްޕައެއް ނޫން. އަދި މާމައެއް ވެސް ނޫން. އާއިލާ އަދި އެކުވެރިންނެއް ވެސް ނޫން. އެންމެ އިސްކަންދީ ހިތުގައި އެންމެ ބޮޑު ލޯތްބެއް ތިމާ ހެއްދެވި ފަރާތަށް ޖައްސުވާނީ. އޭގެ ފަހުން މައިންބަފައިންނާއި އާއިލާ ވެސް އަންނާނީ. ދަރިފުޅު އެކަން ހަނދާން ނައްތައިނުލާތީ. ބައްޕަ ކަޒްޔާ ނެތިގެން ވަރަށް ހިތާމަކޮށްފިން. އެ ހިތާމައިން އަރައިގަނެވުނީ ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކުރީމަ. އަނެއްކާ ކަޒްޔާ ވަކިވީމަ ބައްޕަ ކެތްކުރާނީ ކިހިނެއް ދަރިފުޅާ......މިއީ ބައްޕަ ދޭން އޮތް ނަސޭހަތަކީ. ނަމާދު ގާއިމުކޮށް މާތްﷲ އާއި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އެންގެވި ގޮތަށް އުޅުނީމަ ދެ ދުނިޔޭގެ ނިއުމަތާއި ނަސީބު ދެއްވާނެ. ދިރިއުޅުމުގެ ދަތުރުގައި ދިމާވާ ކޮންމެ ކަމަކަށް ނަމާދާއި ޒިކުރުން ހިތްވަރު ހޯދާތި. ބައްޕަ ރުޅިއެއްނޫން. ހުރިހާ ހެޔޮ ދުޢާތައް ދަރިފުޅާއެކު ވަނީ. ތި މަޖުބޫރީތަކުން ކޮންމެވެސް ދުވަހަކުން އަރައިގަނެވޭނެ އިންޝާﷲ..." ހަނަފީ ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ.

"ޔޫ އާ ދަ ބެސްޓް ޑޭޑް..."

ކަޒްޔާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ.

ބައްޕަގެ ބީރައްޓެހިކަމުގެ ސަބަބު އެނގުމުން އެހިތަށް ތަފާތު އަސަރުތަކެއް ކުރުވައިފިއެވެ. ބައްޕަގެ ތަގުވާވެރިކަމާއި އަޅުވެރިކަމާއިމެދު އޭނާއަށް ޝައްކެއްނެތެވެ. އަރްކާންމެން ހެދީ ދޮގެކެވެ. ބައްޕަ ގޯސްކުރަން އުޅުނަސް ނުވާނެއެވެ.

***

މާލެއައުމަށްފަހު ވެސް އަރްކާން ހީނާ ޚާން ހުރިތަނެއް ދެނެގަންނަން މަސައްކަތްކުރިއެވެ. ނަމަވެސް ނަސީބު ދެރަކަމުން ހީނާއާ ދިމާވާނެ ފުރުސަތެއް ނުލިބުނެވެ. ޒޭވިއާއަށް ގުޅާފައި އަރްކާން އަނާގެ ޚަބަރު ކިޔައިދިނުމުން އޭނާ ވެސް ހައިރާންވިއެވެ. އަނާ ހުރިތަނެއް އޭނާއަށް ވެސް ނޭނގޭކަމަށާއި ހޯދަން މަސައްކަތްކޮށްދޭނެ ކަމުގައި ބުނެލިއެވެ. އަރްކާން ކަޒްޔާއާ މެދު ތަންކޮޅެއް އޯގާތެރިވެ, ކިޔެވޭނެގޮތް ހަމަޖައްސައިދިނެވެ. ކަޒްޔާއަށް ކައުންސެލިން ދީ "އެ ފިކުރު" ދުރުކުރަން މަސައްކަތް ކުރުވަން ނަރުގިސް މީހަކު ގެނައެވެ.

***

އަރްކާން, އަނާއާއެކު އުޅުނު ގެއަށް ވަދެފައި އެ ކޮޓަރީގެ ތެރެ ހާވަން ފެށީ ކޮންމެހެން އެއްޗެއް ފެނިދާނެކަމަކަށް ނޫނެވެ. އެކަމަކު އޭނާ ގޮދަޑި ހިއްލާލުމާއެކު ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ.

 

ނުނިމޭ

ކޮމެންޓް 0