ﷲ ސުބުހާނަހޫ ވަތައާލާ ކައުނު އުފެއްދެވުމާއި ބެހޭގޮތުން ގުރުއާނުގައި އާޔަތެއް ވަހީކުރައްވާފައިއެވެ. އަލްއަންބިއްޔާ ސޫރަތުގެ ގެ ތިރީސްވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ........."أَوَلَمۡ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ ڪَانَتَا رَتۡقً۬ا فَفَتَقۡنَـٰهُمَا‌ۖ وَجَعَلۡنَا مِنَ ٱلۡمَآءِ كُلَّ شَىۡءٍ حَىٍّ‌ۖ أَفَلَا يُؤۡمِنُونَ ." މާނައަކީ އުޑުތަކާއި ބިންތައް އެއްވެފައިވަނިކޮށް ތިމަން ސުވާމީންގެ އެތަކެތި ވަކިކުރައްވައި ނިޒާމު ދެއްވަވައި ހެއްދެވިކަން ކާފިރުންނަށް ނޭގެނީހެއްޔެވެ؟ އަދި ތިމަން ސުވާމީންގެ ހުރިހާ ދިރޭތަކެތީގެ ހަޔާތް ފެނުގެ ސަބަބުން ދެއްވައި އުފެއްދެވީމެވެ. ފަހެ މިފަދަ ނިއުމަތްތައް ދެއްވުމާއެކުވެސް އެމީހުން އީމާން ނުވަނީހެއްޔެވެ؟ "

"ކެއްކުމާއި ސާފުކުރުންފަދަ ގޭތެރޭގެ މަސައްކަތުގައި އަންހެން ބޭފުޅުން އަވަދިނެތި އުޅުއްވާއިރު މެދުނުކެނޑި ޒިކުރުކުރުމާއި ސަލަވާތްކިޔެވުން އަސްތަޣުފާރުކުރުން އަދި ރަސޫލު ސައްލަﷲ އަލައިހިވަސައައްލަމުގެ ސީރަތުފަދަ ރަގަޅު ދަރުސްތައް އަޑުއެހުމުން މި ރަމަޟާންމަހު ތިމާއާއި ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކުރެވޭނެއެވެ. އަދި އަޅުކަން ނުކުރެވި މަސައްކަތާއިގެން އުޅެވުނުކަމުގެ އިހުސާސްތަކާއި ދުރުވާނެއެވެ. އަދި ﷲ ސުބުހާނަހޫ ވަތައާލާގެ ފަރާތުން ސަވާބު އެދިގެން ކުރާ އެފަދަ ކޮންމެ ކަމަކީ އަޅުކަމުގެ ތެރޭ ހިމެނޭ ކަންތައްތަކެވެ. ވީމަ ރަމަޟާން މަހާއި ވަކިވުމުން ހިތާމަކުރުމުގެ ބަދަލުގައި ކޮންމެ ދުވަހެއްގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަން މަސައްކަތްކުރައްވާށެވެ. އެގާރަ މަހު ބޭނުންގޮތަކަށް އުޅެފައި ހަމައެކަނި ރަމަޟާންމަހު މާތް ﷲގެ ރުއްސެވުންއެދި އެ މަސް އެފަރާތަށް ޚާއްސަކޮށްލި މީހަކަށް ކޮންފަދަ ނަސީބެއްހެއްޔެވެ. މިއީ އެންމެ ފަހު ރަމަޟާންކަމަށް ވެދާނެކަމަށް ބަލާ އެ މައްސަރުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާ ގިނަގިނައިން ނަމާދުކުރުމާއި ގުރުއާން ކިޔެވުމާއި ސަދަގާތްދިނުންފަދަ ކަންތައްތަކުގައި އަބަދުހެން އުޅެންވީ މައްސަރެވެ."

***

"އެއީ ލޫލޫއަކަށް ނޫނޭ. ނޯއާއަށޭ. ޒޭވިއާވެސް ތިމާގެ އަނބިމީހާއަށް ގަދަރުކުޑަވާނެ ގޮތަކަށް ވާހަކަ ނުދައްކާނެއްނު މަންމަ އެހާ ރަގަޅަށް ތަރުބިއްޔަތު ދީފައި ހުރި ކުއްޖެކޭ....ދޯ ޕްރެޝަސް.ދެންވެސް ބުނެބަލަ އެއީ ލޫލޫއާއި ދިމާލަށް ބުނި އެއްޗެއް ނޫނޭ.................." ހީނާ އަވަހަށް ރަގަޅުކޮށްލަދިނެވެ.

"އެއްވެސް ނަމެއް ރީއްޗެއް ނޫން. މީހުން ނުރުހޭ ނަން ކިޔުން ދީނުގައިވެސް ހުއްދައެއްނޫން............"އަޒާލިއާ ޒޭވިއާއަށް ބަލާވެސް ނުލާ އެހެން ބުނެލިއިރު ކިރިޔާ ލޮލަށް ކަރުނަ ނާންނަކަމެވެ. "ހީނާ އާންޓް. އަޅުގަނޑު...އެބަ އަންނަން..............."

އަޒާލިއާ ޒޭވިއާގެ ފަރާތުން އެއްވެސް އިގުރާރެއް އަހާ ސޮއިކުރަން ޖެހޭނެކަމަކަށް ނުދެކުނެވެ. ރޯދައަށް ހުރެ ދޮގު ހައްދަންވެސް ބޭނުމެއް ނުވިއެވެ. އެހެންނޫނަސް ނޯއާއި ދިމާލަށް ބުންޏަސް ހުރީ ކޮންތަފާތެއް ހެއްޔެވެ؟ މީހަކަށް އަނިޔާވުމުން ހަމްދަރުދީވުމުގެ ބަދަލުގައި މަލާމާތްކޮށްލީއެވެ. ޒޭވިއާގެ ސިފައާއި ނުގުޅޭގޮތަކަށް ވާހަކަ ހުރި ސަބަބެއްވެސް ނޭގުނެވެ.

އެ ގޭގެ ހަތަރުފާރުތެރޭގައި އޭނަ ފިތައިލާ ޗިސްކޮށްލާފަދަ އިހުސާސެއްކުރެވުނެވެ. ނުތަނަވަސްކަމާއި ނާއުއްމީދު ދާގަނޑެއްފަދައިން އޭނަގެ ވަށާ ގަތާލަމުންދަނީއެވެ. އެ އިހުސާސްތަކުގެ ތެރޭ ބަންދުވެގެން މާ ގިނައިރުވެއްޖެއްޔާ އޭނަގެ ފުރާނަވެސް އެތެރެހަށިން ނުކުމެދާނެއެވެ. އޭނައާއި ޒޭވިއާގެ ކައިވެންޏަކީ ދުވަހަކު ހިތުގައި އުފަންވި ޚިޔާލެއް ނޫނެވެ. ޒޭވިއާ ދުރުގައި ހުންނަތާ ކޮން ޒަމާނެއްހެއްޔެވެ؟ އޭނަ ލަންޑަނަށް ދިޔަގޮތަށް ޗުއްޓީއަށް އައީ ދެތިން ފަހަރަކުއެވެ. އަޒާލިއާއާއި އެއްވެސް ގުޅުމެއްއޮތީ އެއް ނޫނެވެ. ހަމައެކަނި ފެނިލާކަމެވެ. ރަސްމީގޮތަކަށް ސަލާމް ކުރުން ފިޔަވާ އެހެން ޚާއްސަކަމެއް ނެތެވެ. ޒޭވިއާގެ ރީތިކަމަކީ ފެށުނީއްސުރެ އަޒާލިއާ ހައިރާންކުރުވާ ހިތުގައި އެޅި ކަމެކެވެ. އަދި ޒޭވިއާއަށް ކުޑައިރު ޚިދުމަތްކޮށްދިނުމަކީ ކުރާހިތުން ކޮށްދިން ކަމެކެވެ. ބޮޑުދައިތަ ޒޭވިއާގެ ހެދުމެއް އިސްތިރިކޮށްދޭން ބުނުމުން އުފާވެ އަވަހަށް އެކަމާއި އުޅެވުނީވެސް އެހެންވެއެވެ. އެކަމަކު އޭނަ އަމިއްލަ ނަފުސާމެދު ދެކެނީ ކުޑަ ކުއްޖެއްކަމުގައެވެ. ޒޭވިއާއަކީ ބޮޑުމީހެކެވެ. އެތައް އިހުސާސްތައް މަސްހުނިވެ ސިކުނޑި ހަމަޔަކަށް އެޅުނުއިރު ލަދުވެތިކަމާއި ހާސްކަން ކުރިހޯދައިފިއެވެ. އަވަހަށް މޫނު ދޮވެލައިގެން ގެއިން ނުކުތީ ކަޒްޔާއާއި ވާހަކަދައްކައިލާ ބޯ ހަމަޖައްސައިލުމަށެވެ.

މާ ގިނައިރުތަކެއް ނުވެ އޭނައަށް ހުރެވުނީ އެގޭގެ މެދުގޯތީގައެވެ. ހަނަފީގެ ގޭގެ ދޮރު ލައްޕާފައި ހުރުމުން ގޭގައި ނޫޅެނީ ބާވައޭވެސް ހިތަށް އެރިއެވެ. ޖެހިލުންވެފައިހުރެ ދޮރުގައި ޓަކިދިނުމުން ކަޒްޔާ ދޮރު ހުޅުވާލައިފާ ބޯ ދިއްކޮށްލިއެވެ. ބުރުގާ ނާޅާ ހުރިއިރު އިރުގެ އަލި އެފަން އިސްތަށިގަނޑާއި ކުޅެ ރަން ވިދުމެއް ހުއްޓެވެ. މޫނާއި ކަނދުރާއަށްވެސް ރަންކުލަ އަރާފައެވެ.

"ވަން މިނިޓް ލޫލޫ...." ކަޒްޔާ އަޒާލިއާއަށް ވަންނަން ހުރަސްއަޅާ މޫނުމަތީ ދޮރު ލައްޕާލައިފިއެވެ. އަނިޔާވި ތަނުގައި މިފަހަރު އެދޮރުން ބަންލާފައި އަޅުވައިލުމުން ވޭނުން ފުރިފައި އަޑެއް ލައްވައިލެވުނެވެ.

"މިއަދު މިވަނީ ކިހިނެއްތަ؟ދެވަނަފަހަރަށް ވިއްޔާ ހަމަ މިތަނަށް އަނިޔާވީ. ޔާޔާވެސް އަދި މިހެދީ ކިހިނެއް. ޕަންޗްބޭގަކަށްވުރެ ހާލު ދެރައެއްނު. ދިރުމެއްނުވާ އެއްޗެހިވެސް މިއަދު އެބަޖެހޭ އިތުރަށް ދެރަކޮށްލަން. މިވަރަށް ހާޓްބްރޭކްވެފައި އަދި ހުއްޓާ..ދެވަނަފަހަރަށް. އަދި ނުވީތާކަށް ސްޕޮންޖްބޮބް އޭ. ޗަސް ކަންނެޔޮގަނޑޭ. ވާރބަލް އެބިއުޒްވެސް ކޮށްލައިފި................... "

އަޒާލިއާ އެގޭގެ ދޮރުމަތީގައި ހިލަބުދެއްހެން ގުޑައިލަން ނޭގި ހުރިއިރު ލޮލުގައި ކަރުނަ ގިނަވާންފެށިއެވެ. ސިކުނޑީގައި އެތައް މޭލު ބާރަށް ދުއްވާފައި އައި ރޭލަކުން ޖެހި އަނިޔާވެފައިވާފަދަ ގޮތަކަށް އިހުސާސްކުރެވުނެވެ. ނުބައިގޮތަކަށް ބޮލުގައި ރިއްސަނީއެވެ. ކަރުނައިގެ ބޮޑެތި ތިކިތައް ފުންމަ ފުންމައިގެން ތިރިއަށް ދާހެން ހީވިއެވެ. މިހެން ހުރެ ދުނިޔެއިން މޮޔަނުވެއްޖެއްޔާ ރަގަޅެވެ.

"ޔާﷲ ހެލްޕް މީ....."އަޒާލިއާ އެފަދަ ވަގުތުގައިވެސް ހެއްދެވިފަރާތް ހަދާންކުރިއެވެ.

ކަޒްޔާ ބުނި ފަދައިން އެއް މިނިޓްތެރޭ އޭނަ ނުކުތެވެ. ރަތްކުލައިގެ ކުޑަ ބުރުގާއެއް ބޮލަށް މަހާލައިގެންނެވެ. ގޮޅިޖެހި ރަތާއި ކަޅުގެ ތަންކޮޅެއް ބޯ ފޮތީގެ ގަމީހަކާއި ޖިންސެއްލައިގެން ހުއްޓަސް މޫނުކޮޅުގައި އަންހެންވަންތަކަމެއް ހުއްޓެވެ. އަވީގައި އަނދާފައި ހުއްޓަސް އޮމާންކަމާއި މަޑުކަމެއްވިއެވެ. މޫނުގަޔާއި އަތުގައި ކުލަ ހޭކިފައި ހުރުމުން ސުވާލުކުރަން އުޅެނިކޮށް ކަޒްޔާ ވާހަކަދެއްކިއެވެ. "ހާދަ އަޕްސެޓް ކޮށް ރޮއިފާ ތިހިރީ. ލެޓްސް ގޯ ދަ ބީޗް.........."

"އާނ. މިއަދު ރޯދަ ވީއްލާނީ ބީޗްގައި. ގެއަށް ދާ ހިތެއްނުވޭ." މިފަހަރުވެސް އަޒާލިއާ ކަޒްޔާގެ އިނގިރޭސި ކުށް ރަގަޅުކޮށްލަދިނެވެ.

"ދެން ބުނެބަލަ. ކީއްވެ ދޮރު ލައްޕައިލީ؟ " އަޒާލިއާ އެހިއެވެ.

"އެކަމާހެދި ލޫލޫ އެއް ކިލޯމީޓަރުގެ ކަރުނަ ތި އޮހޮރައިލީ. ސިކްރެޓެއް ބުނެފާނަން. އަހަރެންގެ ބޯއިފްރެންޑެއް ހުރޭ. އޭނަގެ ނަމަކީ ލެވީ. ލެވީ އެތެރޭގައި އެބައިން..އެހެންވެ އަދިލެވީއާއި ލޫލޫ ބައްދަލުކުރުވަން ބޭނުންނުވާތީ ދޮރު ޖެހީ. ލެވީ ލަދުރަކިކަމުން ފިލައިގެން އުޅެން ބޭނުންވާހެން ފީލްވޭ................................" ކަޒްޔާ އެންމެ ފަހު ޖުމްލަތައް ބުނެލީ ނިކަން ސިއްރުންނެވެ ލެވީއަށް ނީއްވަން ބުނެލިފަދައެވެ. ކަޒްޔާގެ އެ ޖުމްލައިން އަޒާލިއާގެ މޫނަށް ހާސް ކުލަތަކެއް ވެރިވިއެވެ. ހިތަށް އުދަގޫވިއެވެ. ދެރަވެސްވިއެވެ. މިހާ މައުސޫމް ސާފު ހިތެއްގެ ވެރި ޅަ އަންހެންކުއްޖަކު މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅެން ބޭނުންވެދާނެ ކަމަށް ފަހަރެއްގައިވެސް ހީކޮށްފައެއް ނެތެވެ. އުމުރުން ސާދައަހަރުވިޔަސް އެހެން ކުދިންނަށްވުރެ އިސްކޮޅުން ކުޑަވެފައި މައުސޫމެވެ. އޭނަގެ އެކުވެރިއަކު ދީން ހުއްދަނުކުރާ ކަމެއްކުރަންޏާ ކޮންމެ ހާލެއްގައިވެސް ހުއްޓުވަން ޖެހޭނެއެވެ.އެގޮތަށް ލޯބިވެރިޔަކު ގެންގުޅުމަށްވުރެ އެމީހާއާއި ކައިވެނިކުރުންވެސް މާ ރަގަޅުނޫންހެއްޔެވެ؟ އޭނަ ވަކާލާތުކުރަނީ "ކުޑަކުދިން" މީހުންނާއި ގަދަކަމުން ކައިވެނިކުރުވީމައެވެ. ލޯބިވެރިޔަކު ގެންގުޅޭވަރަށް ބޮޑުވެއްޖެއްޔާ އެއީ އަދި އެހެން ވާހަކައެކެވެ.

"އެއް ލީޓަރުގެ ކަރުނަ.............ލެވީއާއި ރައްޓެހިވެ ގެއަށް ދައުވަތު ދެންޏާ އެއަށްވުރެ މީހަކާއި އިނަސް މާ ރަގަޅުވާނެ.. ނޫހް މާ ރަގަޅުވާނެ. ފާފަނުކޮށް ކޮންމެވެސް އެކަކާ މެރީކުރޭ.............. "

"ތަފާތަކީ ނޫހުގެ ދަރި ދެކެ އަހަރެން ލައިކް ނުވާކަން. ލެވީ މަށަށް ރީތީ. އަހަރެން އިންނާނީ އޭނައާ... ހީ ވިލް ވެއިޓް ފޯ މީ............ ލަވައެއް އޮވެއެއް ނު. ލެވީ ލެވީ ޕްލީސް ވެއިޓް ފޯ މީ. އައި ގްރޯ އަޕް ސަމްޑޭ ޔޫ ސީ. ލެވީ އިންތިޒާރު ކުރާނެ. ނޫހުގެ ދަރި ކަޑަވެފައި ބަލަން ހުރެދާނެއްނު. މުސްކުޅިޔަކާ އިންނަން އެއްބަސްވީ ބައްޕައަށްޓަކާ..މެރީކުރިޔަސް ލެވީއާއި އޮތް ގުޅުން ނުކެނޑޭނެ................................"

"ކްރޭޒީ. އެނގޭތަ؟ނޫހުގެ ދަރިއެކޭ ކިޔަ ކިޔާފައި އޯލްޑް ފާޓެކޭ ކިޔައިގެން އުޅެވުނީ އަހަރެންގެ ދޮންބެއަށޭ.އެކާވީސް އަހަރު ގެ ބޯއިއެއް އަހަންނަށްވެސް ދޮންބެގެ ބްރައިޑް އެނގުނީމަ ފެއިންޓްނުވީ ކިރިޔާ. މިބުނީ ބަޣުދާދީއަށް އެމެރިކާގެ ރައީސްކަން ލިބިއްޖެއޭ ބުންޏަސް އެހާ ވަރުގެ ސިހުމެއް ނުލިބޭނެ. އަހަރެންގެ ފަހަރިއަށް ޔާޔާ ވާން އުޅޭކަން ދުނިޔޭގެ އަށްވަނަ އަޖައިބުކަމުގައި ވެއްޖެ. އެވަރުން ނުވެގެން ތިބުނަނީ ބޯއިފްރެންޑެއް ހުރެޔޭ. އެވަރުގެ ކުއްޖަކު މެރީ ކުރަން ތިއުޅެނީ؟ ދިސް ޑަޒަންޓް މޭކް ސެންސް.. ޔާ ﷲ.." އަޒާލިއާ ނިތުގައި ފިރުމައިލިއެވެ.

ކަޒްޔާގެ ލޮލާއި އަނގަޔަށް ހެދިގޮތުން ފާޑަކަށް ރަކިވެ ސިހި ހައިރާންވެ ހުއްޓުން އެރިފަދައެވެ. ސިކުންތުކޮޅެއްފަހުން ހަމަޔަކަށް އެޅުނެވެ.

"ލޫލޫ އަބަދު ދޮންބެއެއްގެ ވާހަކަ ދައްކާއިރު ނަންނުގަނޭ. ނަންނުގަތްޗެއްހެން......އާރގް.............. ކިހިނެއް ނޯއާއާއި ދޮންބެއަކީ އެކެއްކަން ހިތަށް އަރުވަން އެނގޭނީ. އޫ.........ދުލާއެކު ކޯވެސް ހެފިއްޖެ..އާ............" ކަޒްޔާވެސް ލޮލުން ދެތިންގަނޑު ކަރުނަ ބޭލިއެވެ. އަޒާލިއާ ނެގިމަޑުވެފައި ހުރިގޮތުން ޚިޔާލެއްގައި ހުރިފަދައެވެ. އޭނަ ޝަކުވާ ފުންޏަކާއިގެން އައިގޮތަށް އޭނަގެ އެކުވެރިޔާވެސް ހާސްކަމުގެ އަޑިނޭގޭ ވަޅަކަށް ވައްޓައިލެވިއްޖެއެވެ. އެފަކީރު އެވަަރަށް އިހުސާސް ނުދެއްކިޔަސް އެކަމާއި ލަދުގަނެ ބޯ ގޮއްވާނެވަރު އޭނައަށް ވިސްނުނެވެ. އަޒާލިއާގެ ދޮންބެއާއި ކައިވެނި ހަމަޖެހުނުއިރު ލޯބިވެރިޔަކު ހުރުމުން ސިކުނޑިއަށް ޒަލްޒަލާއެއް އަންނާނެއެެވެ.

"މައި ޑޯރ ހިޓް ޔޫ...ދޮރުގެ ފަރާތުން މާފަށް އެދެން..." ކަޒްޔާ އެހެން ވާހަކައެއްވެސް ދެއްކިއެވެ.

"މާފުނުކުރާނަން"

"ލޫލޫގޮސް ބަދަލަށް ދޮރުގައި އެތިފަހަރެއް އަޅާ...."

"އަހަރެން ގޮއްސަ ދޮރުގަނޑު ވައްޓައިލާނީ..." އަޒާލިއާ އެހެން ބުނެފައިވެސް އަނގައިގާ އަތް އެޅުނެވެ. އޭނަ މޮޔަވީހެއްޔެވެ؟ މިޒާތަށް ވާހަކަދެއްކުމަކީ އޭނަ ކުރާކަމެއް ނޫނެވެ. "އައި ތިންކް އަދިވެސް ބްރެއިން އެ ޝޮކުން އަރައި ނުގަންނަނީހެން. ސީރިޔަސްކޮށް............................"

ދެކުދިން ހިނގަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. ނުކުމެވުނީ ކުޑަކުދިންގެ ޕާކެއްގެ ކައިރިއަށެވެ. ހޫނުކަމާއެކު ވަގުތުގެ ގޮތުން އެތަންވެސް ފަޅުވެފައެވެ. އެ ހާލަތުން ފައިދާ ނަގައިގެން ކަޅު ބުޅަލެއް ބަނޑު ޖަހާލައިގެން ނިކަން އަރާމުކޮށް ނިދާލާފައި އޮތެވެ.

"ހިނގާ އެހެރަ ގަހުގެ ހިޔަލުގައި އިށީންނަން. " އަޒާލިއާ އެދުނެވެ.

"މިތާ ރަތްދަކަ އަވީގައި ތިބީމަ ރަގަޅުވާނެކަން ނެގޭ. ލޫލޫ ހުދުކަމުން ކަފަކޮޅެއްހެން ތިހުންނަނީ. އެކަމަކު ޕިންކްކުލަވެސް އެބަ އަރާ..އަތްވަށް ނުނިކުންނަން ތިއުޅެނީ ކަޅުވެދާނެތީތަ..ހުދުކޮށް ތިބެންޏާ ވެމްޕަޔަރުންގެ ގޮތުގައި ދެކޭނެ މީހުންވެސް ތިބޭނެ. ލޫލޫ ހަންގަޑު އަވިން އެނދީމަ ވަރަށް ސަޅިވާނެ. ކޮންމެހެން ޖެލަސީވެގެނެއް ނޫނޭ ލޫލޫ...އޯ...ނޫނީ ސޯފީ އެހެން ބުނީ ޖެލަސީވެގެން ކަމަށް ވާނީ. ސޯފީ ބުނި ލޫލޫ ހުދުކަމުން ވެމްޕަޔެއް ހެންނޯ ހީވަނީ......................."ކަޒްޔާ އާފުރިލިއެވެ.

"ސޯފީ ބުނިހާ އެއްޗެއް ޔާޔާ ކިޔާ ތި ނިންމީ؟ އަވީގައި ތިބީމަ ވިޓަމިން ޑީ ލިބޭނެ. ރާއްޖޭ މީހުންނަށްވެސް އަސްލު ބޭނުންވާ ވަރަށް ވިޓަމިން ޑީ ނުލިބޭ. ލިބޭނަމަ ދިފާއީ ނިޒާމު ވަރުގަދަވުމާއި އަދިވެސް ގިނަ ބަލިތަކުން ރައްކާތެރި ވެވޭނެ. އަހަރެމެންނަށް ނޭގެނީ. އެކަމަކު މިވަރަށް ހެދުން އަޅައިގެން ތިބީމަ ކުޑަތަންކޮޅެއް އަތްވަށް ހާމަވާނީ..."

"މަގޭ ވިޓަމިންތައް ގިނަވެގެންގޮސް މި ކުލަ އަރާފައި މިހިރީ.............."ކަޒްޔާ އަތް ދައްކައިލިއެވެ. އަތުގައި ހުރި ލޯލިތައްވެސް ރަންކުލަ އަރާފައެވެ.

"އެނގޭތަ؟ބައްޕަ ވަރަށް އަވަހަށް ސައިޓެއް ހުޅުވަން އެބަ އުޅުއްވާ. އެހެންވެ މިއުޅެނީ ޗައިލްޑް މެރިޖާއި ދެކޮޅަށް ކެމްޕެއިނެއް ފަށަން.. އަދި އެ ނޫހަށް ލިޔަންވެސް ހިތަށް އެބަ އަރާ. ޖާނަލިޒަމްއާއި ހިސްޓްރީ އިން ޑިގްރީ ހަދާފައި އިސްލާމިކް އާޓިކަލްތައް ލިޔެ ފޮތްތައްވެސް ލިޔެވޭނެއްނު. ލައިކް އިސްލާމިކް ޖާނަލިޒަމް...." އަޒާލިއާ ކުއްލިއަކަށް ކަމެއް ހަދާންވިއެވެ. ސާދަ އަހަރުގެ ކުޑަ ކުއްޖެއްކަމުން ޚިޔާލުތައް އެހެން ދިމާލަކަށްގޮސް އޭނަގެ ކައިވެނީގެ މަތިން އިރުކޮޅަކަށް ހަދާންނެތިއްޖެއެވެ.

"އެނގޭތަ؟އަދި އެހެން އާޓިކަލްއެއްވެސް އެބަ ލިޔަން. އާޓިކަލް އަކީ ކުއެންޓަމް އިސްލާމްއާއި ބެހޭގޮތުން. ކުއެންޓަމް ސައިންސާއި ބެހޭގޮތުން އަދި ގިނަމީހުން އެވެއާއެއް ނުވާނެ. ޔާޔާއަށް މެޓާއާއި އެޓޮމް އެނގެއެއްނު. މެޓާއަކީ ފިޒިކަލީ އަހަރެމެންނަށް އަތްލެވޭ ކޮންމެ އެއްޗެއް. އެޓޮމްއަކީ މި މެޓާތަކުގެ ބޭސިކް ބިލްޑިން ބްލޮކް. އެންމެ އެޓޮމްއެއް އެއްފަހަރާ ދެތަނުގައި އޮވެވިދާނެތަ؟ ކުއެންޓަމް ސައިންޓިސްޓުން ކުރާކަމެއް އެނގޭތަ؟ އެޓޮމްތަކާއި އިލެކްޓްރޮންތައް އަދި ފޯޓޮންތަކުގެ ސްކޭލުން ޔުނިވާސް ބިހޭވް ކުރާގޮތްތައް ކުއެންޓަމް ފިޒިކްސްއިން އޮޅުން ފިލުވައިދޭ. އައިމް ސޯ އިންޓެރެސްޓެޑް.ކައިނާތު މަސައްކަތްކުރާގޮތުގެ އިލްމު ހޯދިވަރަކަށް ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން ހިތަށް ގެނެވޭ. އަހަރެމެންގެ މި ކުޑަ ދުނިޔެއަކީ މިއޮތް ބޮޑު ކާއިނާތުގައި ނިކަން ޗުއްޕަރު އެއްޗެއް. ކައުނު މިހެން އިމޭޖިން ކޮށްބަލަ. އެތައް ސަތޭކަ ބިލިއަން ގެލެކްސީގެ ތެރެއިން ހިމެނޭ އަހަރެމެންގެ ގެލެކްސީ ދަ މިލްކީވޭއަކީ އެތައް ސަތޭކަ ބިލިއަން ގެލެކްސީއާއި ބަލާއިރު ކިހާ ކުޑަ އެއްޗެއް."

ކަޒްޔާ އަނގަ ހުޅުވިފައި ހުއްޓާ ދިރޭ އެއްޗެއް އަނގަޔަށް ވަދެފައި އެހާ ބާރުމިނުގައި ނުކުތްތަން ފެނުނެވެ. އަޒާލިއާ ކަޒްޔާގެ ދަތްދޮޅީގައި ހިފާ އަނގަ ލައްޕުވާލައިފިއެވެ.

"މިހާރު ޔަގީންވެއްޖެ. އަނގަ ހުޅުވައިގެން ހުންނައިރު ހޯނު ނޫން އެހެން އެއްޗެހިވެސް ތަންތަނަށް ވަދެ ހޯދާބަލަން ކިއުރިއަސްވާކަން.............."

"ލޫލޫ ތިކީ އެއްވެސް އެއްޗެއް ނޭގުނު..ކޮންކަހަލަ ސައިންސެއްކަމެއްވެސް ކޮންތާކުން ލޫލޫ ދަސްކުރިހާ އެއްޗެއްކަމެއްވެސް ނޭގުނު. ބޮޑުދައިތަ ބުނާހެން ދިހަ ކުޅަދުރު މަދު ސިކުނޑިއެއްކަން ނޭގޭ...އެކަހަކަ އެއްޗެއް ހަލީމައްތަ ވަރަށް ކިޔާނެ. ލޫލޫ ބުނި ވާހަކަތަކުން އެނގުނީ ގެލެކްސީ ޗޮކްލެޓްގެ ވާހަކައާއި މެޓާގެ ވާހަކަ. ރޯދަ ވީއްލާފައި މެޓާ ނޫނީ ޓޮފީ ކާހިތްވެއްޖެ. އަދި މަޖާ ކަމަކީ އެއެއްނޫނޭ އޭރު ރޮއި ތަންގަނޑު އެންމެން އެއްކުރަން ތައްޔާރަށްހުރި ކުއްޖާ ގެލެކްސީ ޗޮކްލެޓްގެ ވާހަކަދައްކައިގެން މޫނު އަލިވި ވަރެއްވެސް ހަމަ ހައިރާންވެއްޖެ......................"

"ޔާޔާ.............މަޖަލެއް ނޫނޭ." އަޒާލިއާ ލޯބިން ކަޅި އަޅައިލިއެވެ. "ކަންތައް ހޯދާ ބަލަން ދީނުގައި އަންގަވާފައި އޮވޭ. ފިކުރުކުރީމަ ކުޅަދުންވަންތަކަން އެނގޭނީ. އަހަރެމެންނަށް ލިބިފައިވަނީ އިލްމުގެ ތެރެއިން ކުޑަ ކުޑަ މިންވަރެއް. سُبْحَانَ رَبِّيَ الأَعْلَى. އަހަރެން ހެއްދެވި ފަރާތަށް ހުރިހާ ތަސްބީހައެއް ހުރި. ރައްބުގެ މާނައަކީ ހައްދަވާ ގެންގުޅުއްވާ ޝިފާދެއްވާ ރިޒުގު ދެއްވާ ރައްކާތެރިކުރައްވާ ބަލަހައްޓަވާ އަދި އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މައްޗަށް ބާރު އޮންނަ ފަރާތް..އައުލާގެ މާނައަކީ އެންމެ މަތިވެރި. ﷲއައި އެންމެ ކްލޯޒްވެވޭ ވަގުތަކީ ސަޖިދާގައި އޮންނައިރު. ލެކްޗާތަކުން އެނގޭ އެއްޗެހި މިބުނަނީ....އަހަރެމެންގެ ޕްލޭންގައިވާ ގޮތަކަށްނޫން ތަގުދީރުގައި އޮތީ. އަހަރެމެންނަށް ގޯސްކަމެއްހެން ހީވިޔަސް ﷲ ސުބުހާނަހޫ ވަތައާލާ ދެނެވޮޑިގަންނަވާނެ އަސްލު އެކަމެއް އެދިމާވީ ކީއްވެކަން......"

"ލޫލޫ ތިބުނަނީ މި ކައިވެންޏަކީވެސް އެކަހަލަ ކަމެކޭ؟ " ކަޒްޔާ އެހިއެވެ.

"އޮފްކޯޒް..ޔާޔާއަށް ރަގަޅުގޮތެއްވާން ކަމަށް ވެދާނެ.." އަޒާލިއާގެ ޚިޔާލަށް އުދަގޫ ކުރަނީ އެ ލެވީއެވެ.

"އަދި ނޯއާއާއި މެރީކުރުމަށްފަހު ތިޔަ ލެވީއާއި ވަކިވައްޗޭ. ސަބަބު އެނގޭތަ؟ " އަޒާލިއާ ދީނުގައި ހަލާލު އަދި ހަރާމް ގުޅުންތައް އެނގޭވަރަކަށް ކިޔަން އިނދެފައި ބަލައިލިއިރު ކަޒްޔާއިނީ ލާނެތް ހިންޏެއް އައިސްފައެވެ.

***

ޒޭވިއާއާއި ނޯއާ މޫދާއި ދިމާލަށް އެރުނެވެ. ޒޭވިއާ ވޭޕަށް ދަމައިލުމާއެކު ދުންގަނޑު ފެތުރިގެން ދިޔުމުން ނޯއާ ކޮށިއަރާގޮތްވިއެވެ. އޭނަގެ މަންމަ މަނާކޮށްފައި އޮތުމުން އެފަދަ ކަމަކަށް ދައުވަތު ލިބުނަސް އޭނަ ދުރުހެލިވެއެވެ. ރާޅުތައް ފަސްގަނޑުގައި ބީއްސާލާ އަޑު އަބަދު އިވިއވި ހުންނައިރު ރޭގަނޑުގެ ސޫފާސޫފީގެ ހިތްގައިމު އަޑުވެސް މާހައުލުގައި ރާގެއްފަދައިން ހިފައިލާފައެވެ. ޒޭވިއާ ޖިންސަކާއި ޓީޝާޓެއްލާފައި ހުރިއިރު ނޯއާހުރީ ހަވާއީޖެހި ސޯޓަކާއި ޓީޝާޓެއްގައެވެ. މޫދަށް އެރެން ތައްޔާރުވެގެންނެވެ. އެކި ވާހަކަތައް ދައްކަމުންގޮސް ކައިވެނީގެ ޚިޔާލުތައް އުދަގޫކުރަން ފެށުމުން އެ މައުޟޫއަށް ދާން ޖެހުނެވެ. ނޫނީ ޒޭވިއާގެ ސިކުނޑިއަށް ލުއިކަމެއް އަރާމެއް ނުލިބޭނެއެވެ. އޭނައާއެކު މަޖުބޫރު ހާލަތަށް ވެއްޓުނު ފަރާތާއި ހިއްސާކުރުމުން ފަހަރެއްގައި ހިތަށް ހަމަޖެހުމެއް ލިބިދާނެއެވެ.

"ސީރިޔަސްކޮށް ނޯއާ ހިތަށް އެއްޗެއް ނާރާތަ؟އެޓްލީސްޓް ނޯއާގެ ސިސް ގެއްލެނީއޭ ހިތަށް ނާރާތަ؟އަހަންނާއި މެރީކޮށްފިއްޔާ އަހަރެން އުޅޭ ތަނަކަށް އޭނަވެސް ދާނެތާ...."

"ބައްޕަމެން އަޖުމަ ބަލައިލަން ކުރާ ކަމެކޯ. ކައިވެނިންވެސް މީހުން ކުޅިވަރު ކުޅޭތަ؟ އަހަރެމެން ދެމީހުން ކުޑަކުދިންނާއި ކައިވެނި ކުރުވާފައި ދެން ތިބެދާނެތާ. އަހަރެން އަދި މީހަކާއި އިންނާކަށް ނުވޭ. ބައްޕަމެން ޚަރަދުތައް ބަލަހައްޓާ އެކުއްޖާއަށް ކާންދީ ހުރިހާކަމެއް ކުރުވާނެއްނު. އޭޒް ފޯ މައި ސިސްޓާސް އެންމެން މެރީކޮށްގެން ގެ ދޫކޮށްލައިފި. ހުރީ ހަމައެކަނި ލޫލޫ. އޮފްކޯޒް މިސްވާނެ އެކަމަކު ދެން މިޒަމާނުގައި ކިތަންމެ ދުރުގައި ހުއްޓަސް ކައިރީގައި އުޅޭފަދަ ފީލްއެއްވޭ................" ނޯއާ ސުޕާރީ ޕެކެޓެއް އަނގައިގެ ތެރެއަށް އެޅިއެވެ.

"ވަން މޯރ ތިންގް. ޖެންޑާއަށް ޚަބަރުވާއިރަށް ޗައިލްޑް އެބިއުޒްގެ ނަމުގައި ޖަލަށް ލާނެ...."

"ޖަލުގައި އޮންނާން އަދި މާ ފަސޭހަވާނެ. އަހަރެން އަހަން ކާންދީ އަރާމުކޮށޭ ގެންގުޅެނީ. ނޯއާއެއް ނޫނެއްނު ކުށްކުރީ. އެކަމަކު ބައްޕަގެ ބަދަލުގައި ޖަލުގައި އޮވެދާނަން..............."ނޯއާ ބީޗްޗެއާ އެއްގައި ހަށިގަނޑު ދަމާލައިފިއެވެ. އެ ޗެއާގެ އެއްކޮޅުގައި ދެއަތް ވިއްދާލައިގެން މާ ދުރަށް ނަޒަރު ހުއްޓާލައިގެން އިން ޒޭވިއާގެ ލޮލުގެ ތޫނުކަން އަނދިރިކަން ފޫއަޅުވާހާ ވިދައެވެ. ކުރިމަތިން ކަޅުކަމާއި ނުރައްކާތެރިކަމުން ފުރިފައި އެކަމަކު ހިމޭނުން އޮތް ކަނޑެކޭ އެ ލޯ ތަފާތެއްނެތެވެ. ސިއްރުތަކުން ފުރިފައިވިއެވެ. އޭނައާއި އެމިހުން ލޮލުގެ ނޫރުފަދަ ބަސްއަހާ ދަރިފުޅު ހަވާލުކުރީ ހަމަ މަންމަގެ މޫނަށް ބަލާފައިހެއްޔެވެ؟ މިވީހާ އަހަރުތަކުގައި އޭނަ އުޅުނުގޮތެއް ބޮޑުބޭބެއަށް ފެންނާނީއެއް ނޫނެވެ. އެފަދަ ނިންމުމެއް ނިންމީ ދެލޯ މަރާފައިހެއްޔެވެ؟އާއިލީ ސަގާފަތާއި އާދަކާދަ ދަމަހައްޓަން އެމީހުން ގުރުބާންނުވިއްޔާ މައިންބަފައިންގެ ހިތުގައި ޖެހި މަސްލަހަތު ނަގައިލެވުނީއެވެ. ހަދާނެގޮތެއް ނޭގި ހިމޭނުން އިންއިރު ނޯއާ އޭނަގެ އުނގަށް ފައި ލައިގެން ފޯނާއި ކުޅެން އޮތެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތް ޒުވާނަކީއެވެ. ނޫނީ އަދިވެސް ޅަކަން ނުކެނޑެނީއެވެ.

***

އަޒާލިއާ މަޣުރިބުކޮށްގެން ނަމާދުގޭގައި ގުރުއާން ކިޔަވަން އިނެވެ. ރަހުމާނު ސޫރަތުގެ އާޔަތްތަކާއިމެދު ފުންކޮށް ވިސްނަމުންނެވެ. އެއަށްފަހު ސުފުރާއަށް ގޮސް ބިސްމި ކިޔާފައި ކާންފެށިއެވެ. އެތައް ބާވަތެއް ހުރުމާއެކުވެސް ކެއީ ކުޑަކޮށެވެ. ކޮންމެ އެއްޗަކުން ރަހަ ބަލައިލުމަށްފަހު އަނެއްކާ ގުރުއާން ކިޔަވަން އިންއިރުވެސް އިޝާ ގަޑި ނުޖެހިގެން އިރުއިރުކޮޅާ އަތުގައިވާ ގަޑިއަށް ބަލައިލެވެއެވެ. ކައިވެންޏާއިބެހޭ ގޮތުން ނުވިސްނަން އޭނަވަނީ އިގްނޯ މޯޑަށް ލާފައެވެ. ސިކުނޑީގައި އެފަދަ ބަޔެއް އެބައިންކަން އޭނައަށް މިއަދު ވިސްނިއްޖެއެވެ. ޔަގީނުންވެސް އޭނަ މިއިނީ މިހާ އަހައްމިޔަތު އަދި އޭނަގެ މަސްލަހަތާއި ގުޅޭކަމެއް އެއްފަރާތްކޮށްލައިގެން އެކަމާއިމެދު ނުވިސްނައެވެ. ކިރިޔާ ހިތަށް އެރިޔަސް ހާސްވެ ފިނިދަލެއް ހިއްލައިލާ ޕެނިކްއެޓޭކް ޖެހޭފަދަ ގޮތެއްވެއެވެ.

އޭނަ ކާކޮޓަރިއާއި އަރާ ހަމަވީއިރު މަންމައާއި މާހިރާގެ ދޭތެރޭގައި އޮތީ އެބަހުސެވެ.

"އަހަންނަށް އަދި ފެންނަނީ ލޫލޫގެ ކައިވެނި ހުއްޓުވަން....." މާހިރާ ބުނި އަޑުއިވުނެވެ.

"ބޭބެ އެގޮތަށް ނިންމައިފިކަމެއް ނުހުއްޓާނެ.." ހީނާ އިނީ ހަމަޖެހިލައިގެންނެވެ. "ކޮންކަމަކާ ހާސްވަނީ؟ އަހަރެންގެ ދަރިފުޅަކީ ޒިންމާދާރު ހަރުދަނާ ހީވާގި ޒުވާނެއް. އޭނައަށް އެކަކު ކީއްކުރަން ހަތަރު އަނބިންވެސް ގެންގުޅެވިދާނެ...އެހާވެސް ހަރުދަނާ.."

"ކައިވެންޏަށްފަހު ޒޭވިއާ އުޅޭނީ ކޮންތާކު؟ ލަންޑަނަށް ގޮސްފިއްޔާ؟ "

"ޕްރެޝަސް އެހެން ތާކަށް ނުދާނެ. މިކޮޅުގައި ބިޒިނަސްއެއް ފެށޭވަރަށް އޭނަގެ އެކައުންޓަށް ފައިސާ ލާފައި ބައްޕަ ނިޔާވީ. އޭނަ ކިޔެވުން ނިންމާފައި އެއައީ. ދެން އެހެރީ ނޯއާ. ނޯއާގެ ކައިވެނި ހުއްޓުވަން މާހިރާ ވާހަކަދެއްކިއްޔާކަން ނޭގޭ ރަގަޅީ. ނޯއާ އެ ބުޅާގަނޑެއް ގޮވައިގެން ކުޑަކުއްޖެއްހެން އެއުޅެނީ. ބުޅަލާއި އިނަސް މާ ރަގަޅެއްނު...." ހީނާ ބުނަންވާ އެއްޗެއް ބުނާކަށް ފަހެއް ނުޖެހެއެވެ.

"ކޮންމެފަދަ ގޮތަކަށް އުޅުނަސް ނޯއާ އުޅޭނީ އޭނަގެ މައިންބަފައިން ގާތު. އެހެންވީމަ އެކަމާ ފިކުރުބޮޑެއްނުވޭ.." ހީނާގެ ވާހަކައާއި ނުރުހުނަސް މާހިރާ ދެއްކީ ރީތިކޮށެވެ. އަޑު ކޮންޓްރޯލް ކޮށްގެންނެވެ. "ޕްރެޝަސް"ކިޔާތީ މިނޫނީ އޭނަގެ ބޮލަށް ތުރާލެއްނުވެއެވެ. ޒޭވިއާ އެކަމާއި ދެކޮޅުނަހަދާތީ އެކުއްޖާދެކެވެސް ފާޑެއްގެ ފޫހިކަމެއް ހިތުގައި އުފެދިއްޖެއެވެ.

"ލޫލޫވެސް އުޅޭނީ މިގޭގައި. ޕްރެޝަސް އަދި ބިޒިނަސްކަމެއްގައި ލަންޑަނަށް ދަތުރުއެޅިޔަސް އޭނަވެސް މިގޭގައި ހުންނާނެ.." ހީނާއަށް މާ ބޮޑު ޔަގީންކަމެއް ނެތެވެ.

"ދުނިޔޭގެ ހުރިހާ ތާކުވެސް ޗައިލްޑް މެރިޖާ ދެކޮޅަށް ކެމްޕެއިންކޮށް މީސްމީޑިއާގައި އެކަމާއި ވާހަކަދެއްކި އެކަން ކުށްވެރިކުރަން ގާނޫނުތައްވެސް ހެދިފައި އެބައޮތް. ރާއްޖޭގެ ގާނޫނުވެސް ތަނެއްނުދޭ. އެހެން އެކަން އޮތްއިރު ކުށަކަށް އަރައިގަންނަން މިއުޅެނީ ކީއްވެކަމެއް ނޭގޭ. އެންމެ ރަގަޅު ކަޒްޔާއަށް ރީޒަނަބްލް ބަހަނާއެއް އެބައޮތް. ދެން އަޒާލިއާ؟ ޒޭވިއާއަށްވެސް އަދި ހަތަރުއަހަރަށް މަޑުކުރެވޭނެއްނު. ޒޭވިއާ އަމިއްލައަކަށް ބުންޏެއްނު ކައިވެނި ކުރާނީ ތިރީސްއަހަރުންނޭ. ރަގަޅަށްވިއްޔާ ހީނާ ބުނީމަ އޭނަ އެއްބަސްވީ.އޭނަވެސް ކުޑަކުއްޖަކާއި އިންނަން އެއްބަސް ނުވާނެހެން ހީވަނީ..." މާހިރާގެ ހިތް ބަންޑުންކޮށްލެވުނެވެ.

އޭނަގެ ހިތުގެ ކަނުގައި ކޮންމެވެސް ކަހަލަ ބިރުވެރިކަމެއް އުފެދިއްޖެއެވެ.

"އަޒާލިއާ ގާތު އިސްތިޚާރާ ކުރަން ބުނޭ.."

ހީނާ ނުރުހުން ވެފައި ހުރި އަޑަކުން އެހެން ބުނެފައި ދުރަށް ދާން ހިނގައިގަތެވެ.

އަޒާލިއާ ނަމާދުގެއަށް ވަދެ އިސްތިޚާރާ ނަމާދުކުރަން އުޅެގަތެވެ.

***

ކަޒްޔާއަށް ނޯއާ ފެނުނީވެސް މިސްކިތުންނެވެ. އެންމެން އެކީ ކަހަލަ ގޮތަކަށް ތަރާވީސްކޮށްލައިގެން ނުކުތްތަނާ ނޯއާވެސް މިސްކިތުން ނިކުމެގެން އައީއެވެ. އެންމެ ނަޒަރަކުން ކަޒްޔާއަށް ނޯއާ ދެކެ ފޫހިވެވިއްޖެއެވެ. ކޮންފަދަ ބޮޑު ދެލޮލާއި އަނގައެއް ހެއްޔެވެ؟ ދޮންކަމުން އޭނަގެ ހޯނާއި ވާދަކުރާނެއެވެ. ސީދާ ހުދު ދޮންކުލައެވެ. މޫނަށް ބަޔެއް ވެއްޓޭހެން ކޮށާލާފައި އޮތް އިސްތަށިގަނޑެކެވެ. އަޒާލިއާ ނޯއާއަށް ގޮވާ ގެނެސް ކަޒްޔާއަށް ތައަރަފުކޮށްދިނުމުން ނޯއާ އަނގަޔަށް ނުބައިގޮތެއް ހެދިއެވެ.

"މިއީ ކައްދަ؟ ސަފަރު ކައްދަ؟"

"ކައްދާއެއްނޫނޭ ދޮންބެ. ކަޒްޔާ....." އަޒާލިއާ ލޯބޮޑުކޮށްލިއެވެ.

"އޯ...ހިތަށް އެރީ އަދި ޓެއިލް ނެތް ހޯނަކާއޭ ވައްތަރީ. ހަލީމާއްތަ މަށާއި ދިމާލަށް ކިޔާ އެއްޗެއް ތި ބޭފުޅާއަށްވެސް ނިސްބަތްވާތީ މިހެން މިބުނީ. އަސްލަށް މަގޭ ނޯހްގެ ޓެއިލް އަދި ކިރިޔާ ފަޅަން އުޅެނީ. އަދި ލޯ ބޮޑުވީމަ ހަޑި..........................." ކަޒްޔާ ކުޑަކޮށް ހީލަމުން ކިޔާލައިފިއެވެ." މެރީ ކުރަނީ ބައްޕައަށްޓަކާ. އެހެންނޫންނަމަ އަހަރެންގެ ނޯހްވެސް މާ ރަގަޅުކަން ނޭގޭ......މިބުނީ މެރީކުރަން.."

ނޯއާ އަނގަ ހުޅުވާފައި ލެއްޕިއެވެ. ވަގުތުން އޭނަގެ ބައްޕަ ގާތުގައި ޝަކުވާކުރަން ނިންމިއެވެ. ހުރިހާ ބާރެއްކުރީ ކުށެއްނެތް ބިންގަނޑަށެވެ. ބިންގަނޑަށް އުދަގޫވާހާ ބާރަށް ފައިވާން ޖަހަމުން ބާރުބާރަށް ހިނގާފައި ދިޔައީ އަޒާލިއާގެ ހިތަށް ގުޑުން އަރުވަމުންނެވެ. އަޒާލިއާގެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. މިއީ ކައިވެނި ކުރަންވާގޮތް ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ކަޒްޔާގެ ލޯބިވެރިއެއް ހުރެ ކައިވެނި ކޮށް އެ ގުޅުން ކުރިއަށް ގެންދަންޏާ ފާފަ އިތުރުވުން ނޫންކަމެއް ނުވާނެއެވެ.

ހީނާ ޚާން މާހިރާ ގާތުގައި ހުރެފައި ޗުސްކަނޑައިލިއެވެ.

" އެންމެ ބިރުގަންނަނީ އަހިވަކާ ޖެހި އަހިވައް ފާވާނެތީ. މިހާރުއްސުރެ ލޫލޫގެ ވާހަކަތަކުގައި އެ ނުލަފާކުއްޖާގެ އަސަރު ޖެހެން ފަށައިފި.. ކައިވެނި ހަމަޖެހުނު ދުލްހަން ކޮޅު ފެނިފައި ނޯއާ ދެފައި ތަޅަމުން އެދިޔައީ ވީ ފޫއްސަކުން އަމިއްލައަށް ދަންޖެހިގަންނަން ނޫންކަމެއްވެސް ނޭގޭ. އަވަހަށް އެފަކީރަށް ވީގޮތް އޮޅުން ފިލުވަން މަ ދަނީ......."ހީނާ އެއްލިގެން ކަހަލަ ގޮތަކަށް އެނބުރިލާފައި ނޯއާގެ ފަހަތުންދާން ހިނގައިގަތެވެ. މާހިރާ ހުއްޓުން އަރާފައި އިރުކޮޅަކު ހުރިއިރު އެމީހުންގެ ދިރިއުޅުމަށް މިއަންނަން އުޅެނީ ކޮންފަދަ ވަރުގަދަ އިމްތިހާނެއްތޯ ހިތާހިތުން ސުވާލުކުރެވުނެވެ. ގުރުއާނުގައި އިމްތިހާނުތަކައި ބެހޭގޮތުން އާދަޔާ ޚިލާފު އަސަރުން ފުރިފައިވާ އާޔަތެއް އޮވެއެވެ. އެއީ އިންސާނަކު އެ އާޔަތާއިމެދު ވިސްނާލައިފިނަމަ ހަޔާތް މުޅިން ބަދަލުވާނެފަދަ އާޔަތެކެވެ. ވަހީ ބަސްފުޅެކެވެ.

***

ސިއްރުވެރި ކުޑަ ހަފްލާއެއްގައި ޒޭވިއާ އާއި އަޒާލިއާ އަދި ނޯއާއައި ކަޒްޔާގެ ކައިވެނި ކުރެވުނެވެ.

ގާޟީއިންނާއި ހެކިވެރިންނަށް ތިބީ އެރަށުގައި ތިބި ދީނީ މީހުންގެ ތެރެއިން ހަމްޒާ ޚާނާއި ނިކަން ގާތްބަޔެކެވެ. އިތުރު ބަޔަކަށް ނާންގާ އެގޭގެ ކޮޓަރިއެއްގައި އެބައި ސިއްރުން ނިންމާލައިފިއެވެ. ކަޒްޔާގެ ފަރާތުން ބައިވެރިވީ ހަމައެކަނި ހަނަފީއާއި ހަލީމާއެވެ. ޚުތުބާ ކިޔަން ފެށުމާއެކު ކަޒްޔާއަށް ނީދެވިގެން އަޒާލިއާގެ އަތުގައި ވިކާލައިފިއެވެ. އިރުކޮޅެއްނުވަނީސް ކަޒްޔާ ކުޑަކޮށް ހެވެންފެށިއެވެ. ހިފަހައްޓައިގެން އިނދެ ހުނަސް އަދި އެއޮތް ހިމޭންކަމުގެ ތެރެއިން އެ އަޑު ގުގުރިއެއްހާ ބާރުވާނެ ނޫންހެއްޔެވެ؟ ކަޒްޔާގެ ސަބަބުން އަޒާލިއާއަށްވެސް ހެވެންފެށިއެވެ. ދެކުދިން ހަމަ ކުޑަކުދިންގޮތަށް މަޑުމަޑުން ހެނީއެވެ. ދުރުގައި ހަށަން ބަދެގެން ހުރި ހީނާގެ ލޮލުން އަލިފާންކަނި ބުރައިލިފަދައެވެ.

"އެ ނުލަފާ ދަރީގެ ލަދުކުޑަކަން މީހަކު އަޖައިބެއްނުވާނެތަ؟ މިއޮތްފަދަ މާތް މީހުންނަށް އިހުތިރާމްކުރުމެއް ނެތި އެ މޮޔަގަނޑު ހަމަ ހެނީ...އަދަބެއް އަޚުލާގެއްނެތް. އޭނަގެ ބައްޕަވެސް އިންއިރު....."

"ކިކިކި......" ކަޒްޔާގެ އަޑު ކެނޑިފައި އަނެއްކާ ބާރުވެލީ ނޯއާ އަނބިގަބޫލުކޮށްފީމޭ ބުނުމުންނެވެ.

"އޯ....އަހަންނަށް އަނެއްކާ ނުބައިކޮށް ކިޔުނީތަ؟" ނޯއާގެ ލޯ އެއަށްވުރެ ބޮޑުކޮށްލުމުން ލޯ ފުންމާލާނެހެން ކަޒްޔާއަށް ހީވިއެވެ.

"ޔޯ އައި ބޯލްސް އިޒް ފޯލިން އޮފް....." ނޯއާގެ ކަންފަތް ކައިރީގައި ވައި އަޑަކުން ކަޒްޔާ ކިޔާލައިފިއެވެ.

"ކީކޭ؟ " ނޯއާ އަނގަ ހުޅުވުނެވެ.

 

ނުނިމޭ

ކޮމެންޓް 0