"ގުރުއާން ނަމާދު އަދި ދުޢާފަދަ އަޅުކަމުން ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުވެއެވެ. ރޫހާނީ ގުޅުން ވަރުގަދަވުމުން ޔަގީންވާ ކަމަކީ ހިތާމައާއި ހިތްދަތިކަން ފިލައި ހިތާއި ރޫހަށް ފިނިކަން ލިބޭނެ ކަމެވެ. ﷲއަށް އަޅުކަން ކުރުމުގައި ތިބާގެ ގިނަ ވަގުތުތައް ހޭދަކުރާށެވެ. ވަގުތުވެސް މިލްކުވެ ވޮޑިގެންވަނީ ﷲ ސުބުހާނަހޫ ވަތައާލާއަށެވެ."

***

ނަރުގިސްއަށްވެސް ހައިރާންކަމެއް ލިބުނެވެ. އޭނަގެ ޚިޔާލުގައި ޝޭޚުންގެ ދަރިން ތިބޭނީ ތުނބުޅި ދިގުކޮށް ފައި ކުރުކޮށްލާފައެވެ. ނަމަވެސް ކުރިމަތީގައި މިތިބީ ފެޝަން މަޖައްލާއެއްގެ ބަނޑޭރިގަނޑުން ފުންމާލައިގެން އައި ޒަމާނަށް ލޯބިކުރާ ދެ ޒުވާނުންނެވެ. ކޮންމެ އަންހެންކުއްޖެއްގެ ހިތް ކިޔާނެފަދައެވެ. ޒޭވިއާގެ މޫނުގައި ތަންކޮޅެއް ހަރުގޮތެއް ހުރިއިރު ނޯއާގެ ބޮޑު ދެލޮލުން ލާނެތްކަމާއެކު މައުސޫމްކަމެއް ފެންނާން ހުރުމުން އެހާ ނަލައެވެ. އަނދުން އަޅާފައިވާހެން ހީވާ ލޮލާއި ދިގު އެސްފިޔަތަކެވެ. ފަން ފަން އިސްތަށިކޮޅުގައި ވައި ކޮށްލަމުން ދިޔަ ސަމާސާއިން ވިހުރުވާލައެވެ.

"ނޯއާއާއި އެކަނި ވާހަކަދައްކައިލެވިދާނެތޯ؟ " ރާދާގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ.

"އޮފްކޯޒް. ވައި ނޮޓް.." ނޯއާ ކުޑަކޮށް ވިސްނާފަދަ ގޮތަކަށް ދަތްދޮޅީގައި އަތް ކާއްތައިލިއެވެ. "އެކަމަކު ޒޭވިއާ ނެތި ނުވާނެ. ހީޒް މައި ޕާޓްނާ ލޯޔާ އެޑްވައިޒާ.. ބޯއިފްރެންޑް........"

ނަރުގިސްގެ މޫނަށް ވެރިވީ ކުލަވަރުން ނޯއާއަށް މަޖާވިއެވެ.

"އެންމެ ރަގަޅު...." ރާދާ ހީލިއެވެ.

އެމީހުންގޮސް ޖައްސައިލީ ބަގީޗާތެރޭގައިވި ބިޔަގަހެއްގެ ހިޔަލުގައިވާ ގޮނޑިތަކެއްގައެވެ. ހުދު މާބްލްއިން ހަދާފައިވާ ވަށް މޭޒުގެ ވަށައިގެން ހަމަ އެ ޑިޒައިނަށް ގޮނޑިތަކެއް ބަހައްޓާފައިވާއިރު މަޑު ކުޝަންތައް ހުރުމުން އިށީންނަން އަރާމެވެ. މެދުގައި ހުރި ވާސްގައި ތާޒާ މާތަކެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަނީ ޖެންޑާގައި. މިއި ކަޒްޔާގެ މަންމައަށް ވެފައި ޖެންޑާގައި މަސައްކަތްކުރާތީ ލިބުނު ރިޕޯޓަކާއި ގުޅިގެން އެކަން ދެނެގަންނަން ބޭނުންވީ. ނޯއާ މެރީޑްތަ؟ "

"އިޒްންޓް ދެޓް ކައިންޑާ ޕާސަނަލް؟ " ނޯއާ ކަންނެތްގޮތަކަށް ގޮނޑިއަށް ލެނގިލަމުން ދެފައި ދަމާލައިފިއެވެ. އަދި ދެއަތް މޭގައި ހުރަސްކޮށްލައިގެން ހަމަޖެހިލިއެވެ. "އިންޓަވިއުއަކަށް ގެނައިއިރު ތައްޔާރުވެސް ނުވެވުނު. މެރީޑް މީހުންނަށް އެލަވަންސްއެއް ލިބެނީ؟ "

"ނޫން. އަސްލުވެގެން އުޅޭގޮތަކީ ވަރަށް އިތުބާރުކުރެވޭ ފަރާތަކުން ބުނެފައިވާ ގޮތުން ނޯއާއާއި ކަޒްޔާގެ ކައިވެނި މިގޭގައި ކުރެވިއްޖެ. ކޯޓުން ބޭރުގައި ކައިވެނި ކުރުން މަނާ އަދި އަށާރައަހަރުން ދަށު ކުދިންނާއި ކައިވެނި ކުރުމަކީ ގާނޫނުގައި މަނާކަމެއް. ކުށެއް...ޖަލުގެ ހުކުމް އެމީހަކަށް އަންނާނެ."

"ރިއަލީ؟ ގައުމުން ބޭރުގައި އުޅޭތީ އަދި ގާނޫނު އަސާސީ ދަސްކުރާނެ ވަގުތެއްނުވޭ. ޕްރެޝަސް އަހަރެމެން މިރަށަށް އައި ތާރީޚު ހަދާންއެބަހުރިތަ؟ " ނޯއާ ޒޭވިއާއަށް ބަލައިލިއެވެ. ޒޭވިއާ އިނީ ބުމަ ކައިރިކޮށްލައިގެންނެވެ.

"ނޮޕް..." ކުރު ޖަވާބެކެވެ.

"ލޯޔަރ ހަދާނެއް ނެތޯ.ދެން....ކޮބާ ހެކި؟ " ނޯއާ އެހިއެވެ.

"ސުވާލަކީ ނޯއާ ކުޑަކުއްޖަކާއި ކައިވެނިކޮށްފާނަންހޭ؟ ބަލާބެލުމަށް ހިއެއްނުވޭ ހަރުކަށި ފިކުރުހެނެއް. ކިތަންމެ ވަރަށް ކިޔަވައިގެން ތިއްބަސް އެ ފިކުރުގެ މީހުން މިކަމަށް ހިތްވަރުދޭ ކަމަށް ބެލެވޭ. ދެން ހިޔެއްނުވޭ އިގްނަރަންޓްހެނެއް. ތައުލީމީ ޒަމާނީ ޒުވާނަކާއި ވައްތަރު......." ރާދާ ތައުރީފީ ނަޒަރަކުން ބަލަން އިނެވެ.

"އެމީހެއްގެ ވިސްނުމާއި ފިކުރު މޫނުގައި ލިޔެވިފައި އޮވޭތޯ؟ "

"މިބުނީ............އެހެނެއްނޫން..." ރާދާ ރަކިވިއެވެ. "ނޯއާ ކުޑަކުއްޖަކާއި މެރީކޮށްފާނަންތަ؟ "

"ކުޑައޭ ތި މާނަކުރީ ފަސް އަހަރުތަ؟ "

"ނޫން އެރައުންޑް ފޯޓީން......." ރާދާ ބޯ ޖަހައިލިއެވެ.

"ޔެސް. މެރީކޮށްފާނަން....." ނޯއާ ލޯ ކުޑަކޮށްލިއެވެ.

"އެއީ...ކޮބާ ރީޒަން..."

"އޭރުން ވޯލްޑް ރިކޯޑް ހެދޭނެއްނު. އައި ލަވް ކިޑްސް. އެހެންވީމަ ފޯޓީންއިން ދަރިން ލިބެން ފެށީމަ ގާލްއަށް ފިފްޓީވާއިރަށް ކިތައް ކުދިން ލިބޭނެ. މިސާލަކަށް އަހަރު ދެކޮޅު ވިހަންޏާ މަގޭ ވައިފަށް އޮންނާނީ ރަގަޅަށް ކުދިން ލިބިފައި.އެހެންނޫނަސް ދަރިންނަކީ ނިއުމަތެއް. ވަރަށް ބޭނުން ގިނަ ކުދިން ހޯދަން......." ނޯއާ އެއްލޯ މަރާ ތަގުޅިކޮށްލަމުން ވިސްނުމެއްގައި އިނދެފައި ކަހަލަ ގޮތަކަށް އެންމެ ފަހު ޖުމްލަ ބުނެލިއެވެ.

"ތިމާގެ ވައިފް ޖަޕާނު މަހަކަށް ހަދަންތަ؟ ހަހަ..ޕްލީޒް ސަމާސާނުކޮށް ސީރިޔަސްވެ ބަލަ. މިއީ ސީރިޔަސް އިޝޫއެކޭ....." ރާދާ ހިނިގަނޑެއް ޖަހައިލިއެވެ.

"އަހަރެންގެ ޚިޔާލު ބޭނުންވީމަ ފިކުރުހުރިގޮތް ކިޔައިދިނީ........... އެއީ ތިބުނާ ހަރުކަށި ފިކުރުގެ ޑެފިނިޝަންތަ؟ " ނޯއާ އެހިއެވެ.

"ނޫން. އެހެނެއް ނުބުނަން ދޯ. އެނގޭތަ؟ އަށާރައަހަރުން ދަށުކުދިން ގެ ކައިވެނި ހުއްޓުވަން ޖެހޭ ސަބަބު.ބައިވަރު ސަބަބުތައް އެބަހުރި އޭގެ ތެރެއިން ޅަ އުމުރުގައި ބަލިވެއިނުމުން ޑެތްރޭޓް މަތިވެދާނެ. އެވެސް އެއް މައްސަލަ...."

"ކޮންޓްރަސެޕްޝަން ހުރެއެއްނު..މެރީނުކޮށްވެސް ޕްރެގްވެދާނެ ހަމަ. އާއްމުކޮށް މިޒަމާނުގެ އަންހެންކުދިންނަށް ތައުލީމު މުހިއްމުވާނެ އެހެންވީމަ ގިނަކުދިން ބޭނުންވާނީ ކިޔަވައިގެން ކައިވެންޏާއި ހަމަޔަށް ދިޔުން. ޅަ އުމުރުގައި ކައިވެނި ކުރަން މީ ޔަމަން ކަހަލަ ތަނެއްނޫން. އެއަށްވުރެ މާ ރަގަޅުވާނެ ވިއްސި ވިހާލިވެފައިވާ ކުދިންނަށް އަޅާލާ ޔަތީމު ނިކަމެތި ކުދިންގެ ތައުލީމަށް ތިޔަބޭފުޅުން އިސްކަން ދެއްވިއްޔާ. އަދި އެވެއާނެސް އިތުރުކުރުން. މީހަކަށް ސިޗުއޭޝަނެއް ދިމާނުވާނެއެކޭ ނޫން. ކުޑަކުއްޖަކު ކައިވެނި ކުރުވަން މަޖުބޫރުވާފަދަ ހާލަތެއްގެ ވާހަކަ. އެހެނޭ ކިޔާފައި މީހުންގެ ޒާތީ ދިރިއުޅުމަށް ނުވަނިއްޔާ ރަގަޅީ......................." ޒޭވިއާ ހިތްހަމަނުޖެހިފައި ބުނެލައިފިއެވެ.

"މިދައްކަނީ އަޅުގަނޑުމެންގެ ދަރިއެއްގެ ވާހަކައޭ...." ނަރުގިސްގެ ތުންފަތުގައި ވި ހިނިތުންވުން ގެއްލުނެވެ.

"އޯލްރައިޓް. ދަރިއަކު ކައިވެނިކޮށް ވިހާއިރުވެސް މަންމައަށް އެނގުނުކަމަކަށް ނުވި...."ނޯއާ ޗޮކެއް ކަނޑައިލިއެވެ. "ދެޓްސް ސޯ ކޫލް..ކަޒްޔާ އެހާވެސް ފްރީކޮށް އުޅުނީ. ނުވީތާކަށް ހޯނެއް އޮޅުކޮށްގެން ގެންގުޅުނު.."

"ހޫމް. ދެން ކޯޓުގައި މި ވީޑިއޯ ޖައްސާނީތަ؟ " ނޯއާ އެހިއެވެ.

"ތިބުނީ........."

"މިބުނީ މި ކޮންވަޒޭޝަން ރިކޯޑްކުރާކަން އެބަ އެނގެޔޭ......." ނޯއާ މޭޒުމަތީގައި އޮތް ފޯނު ކުއްލިއަކަށް އަނެއް ފަރާތަށް އަނބުރާލައިފިއެވެ. ރާދާގެ އަނގަޔަށް ހަދައިލިގޮތާއި ރަކިވީވަރު ނޯއާއަށް ފެނުނެވެ. ބަސް ހުސްވިއެވެ. ލިބުނު ދަނޑިވަޅު ބަލާފައި އެ ދެ ޒުވާނުން އެތަނުން ދާންދެން ބަލަހައްޓައިގެން ރާދާއާއި ނަރުގިސްއަށް ތިބެވުނެވެ. އެދެޒުވާނުން އެދިޔައީ ރީތިބަހުން އެމީހުންނަށް މަލާމާތްކޮށް ލަދުގަންނަވާލާފައެވެ.

***

ކައިޝާ ފޮނުވަން ފެށި ފޮޓޯތަކުން ކަޒްޔާއަށް އަސަރުނުކުރި ސަބަބަކީ އޭނައަކީ އެހާ ދަތުރުކުރާ ހިތްވާ ކުއްޖަކަށް ނުވުމެވެ. ޕެރިހުގެ އައިފުލް ޓަވަރ ކައިރީ ވެނިސްގެ ގޮންޑަލާއެއްގައި ލަންޑަންގެ ފާލަމެއްގެ މަތީގައި ނޫނީ ސްވިޒަރލޭންޑްގެ ޖެނީވާގައި ސްނޯތަކުގެތެރޭ ނަގާފައި ހުރި ފޮޓޯ ފެނުމުން އޭނަގެ މުއްސަދި އުފާވެރި ދިރިއުޅުން ހާމަކޮށްދިނެވެ. ކަޒްޔާގެ ހިތް އަތުލީ ކައިޝާ އައިސްކޯނެއް ކާން އިން މަންޒަރެވެ.

"ބޮޑު ބޮޑު އައިސްކްރީމެއް ހާދަ މީރުހެން ހީވޭ.." ކަޒްޔާ ތުންފަތުގައި ދޫ ހާކައިލިއެވެ.

"ޓޭސްޓް ލުކިން ގުޑް....." އޭނަ ކޮމެންޓްކުރިއެވެ.

ކައިޝާ ހީހީ ހަލާކުވާވަރުވިއެވެ.

“އިންގްލިޝްއިން ފާސްވިތަ؟ "

"ކޮންމެ ފަހަރަކު ބީ ރިޕޯޓް.. އައި ނޯ ޝީ ގިވްޑް މީ މިސްޓޭކް ރިޕޯޓް...އެއަށްވުރެ މޮޅުވާނެ....." ކަޒްޔާ ބުނެދިނެވެ.

"ހޫމް...ޔޯ އިންގްލިޝް އިޒް ފްލޯލެސް. ޓީޗަރު އިންޑިއާ އޮރިއަކަށް ވާނީ.އެހެންވެ އޭނައަށް ޕޭޕަރ މާކުކުރަން ނޭގުނީ ކަމަށް ތި ވާނީ....ލޮލް..ތަންކޮޅެއް ގިނައިން ވާހަކަ ކިޔައިގެން އޯ ލެވެލްގައި އޭނައަށް ޔާޔާގެ މާކްސްފެނި ޝޮކަކަށްގޮސް ހާޓްއެޓޭކް ޖެހޭވަރުކޮށްލަންވާނެ.ދެން ބުނެބަލަ. ޔާޔާ ދޮންތައާއި ޖޭއެއް ނުވަންތަ؟ " ކައިޝާ ތަންކޮޅެއް ލޯބިން އަހައިލިއެވެ.

"ޖޭވަނީ އައިސްކްރީމް ކެއީމަ.."

"މި އަދި މީރު ކާއެއްޗެއް ނޫނޭ. ހުރެބަލަ. ޔާޔާ ޑްރޫލްވާވަރުގެ ފޮޓޯތައް ލާނަން. އިންސްޓަ އެކައުންޓެއް ހުޅުވަބަލަ....." ކައިޝާ އެދުނެވެ.

***

ނަރުގިސް މިފަހަރުގެ ކައިވެންޏަކީ ލޯބީގެ ކައިވެންޏަކަށްވުރެ ކުރިމަގު ބިނާކުރަން އޭނަ ކޮށައިލި މަގެކެވެ. އަރްކާންގެ ބައްޕަ އަކީ މަޝްހޫރު ވިޔަފާރިވެރިއެއްކަމުން ފެށުނީއްސުރެ އަރްކާން ދިރިއުޅުނީ ބައްޕައާއިއެކު ހިތްފަސޭހަ އަރާމު ދުނިޔެއެއްގައެވެ. ނަރުގިސް ދެކުނުގޮތުން އޭނަގެ ދުރު ވިސްނޭކަމުން ކައިޝާއަށްވެސް ދުނިޔޭގެ އުފަލާއި އަރާމު ހޯދައިދެވިއްޖެއެވެ. ކަޒްޔާ އޭނަގެ ބައްޕަގެ ގާތުގައި ހުރުން ޚިޔާރުކުރުމުން އެކުއްޖާގެ ދިރިއުޅުން ވިއްސިވިހާލިވީއެވެ. ވީއިރު އޭނައަށް އެކަން ދެކެން ކެތްނުކުރެވުނީއެވެ. އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުވެގެން ދާއިރު އެކަން ދެކެން ކުޅަދާނަވާނީ ކޮން މަޔަކަށް ހެއްޔެވެ؟އޭނަ ހިތުން ދަރިފުޅު ސަލާމަތްކުރަން މަސައްކަތްކުރިޔަސް ނަރުގިސްއަށް ދަރިންނަށްޓަކާ ކޮށްނުދެވުނީ އެންމެ ކަމެކެވެ. ދުނިޔެއާއި އެއްވަރަށް ޖަންނަތަށް ގެންދަން މަސައްކަތްކޮށް ނުދެވުމެވެ.

ނަރުގިސްއާއި ރާދާ ކުރި މަސައްކަތުން އަލިމަގެއް ނުފެނުނެވެ. ކަޒްޔާ ކައިވެނި ކުރިކަމުގެ ހެއްކެއް ނުހޯދުނެވެ. ހަމައެކަނި ސޯފީގެ ފަރާތުން ކުރެވުނު ޝައްކަކަށް ފިޔަވަޅެއް އެޅޭކަށް ނެތެވެ. ކަޒްޔާއަށް އާދޭސްކުރުމުންވެސް އެކުއްޖާ މަންމައާއިއެކު މާލެ ދާން އިންކާރުކުރީއެވެ.

"ގަދަކަމުން ނަގައިގެން ގެންދެވޭނީވެސް ކުޑަކުއްޖެއް ނަމަތާ.." ނަރުގިސް ދޮރާށި ކައިރީ ހުރެފައި ކާރާއި ދިމާލަށް ހިނގައިގަތެވެ. ކަޒްޔާ އަނގައިގާ އައިސްކޯނެއް ޖަހައިގެން ހަމަޖެހިލާފައި ހުރިއިރު އެމޫނުމަތިން މައުސޫމްކަން ފައުޅުވެއެވެ.

"މަންމަ ކުރިން ބުނީ ކުޑަކުއްޖެކޭ. މިހާރު ބޮޑުމީހަކަށްވީ....." ކަޒްޔާ އަވަހަށް ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ.

"ޝަޓަޕް ކަޒްޔާ. ތިހާ ބަސްނާހާ ދަރިއެއް މީހަކަށް ނުލިބޭނެ. މި ވިލެޖްގައި ފަގީރު ދިރިއުޅުމެއް ހޯދައިގެން ހާލުގައި އުޅޭއިރު ތިމާގެ މަންމަ އުފާވެރި ދިރިއުޅުމެއް ހޯދަދޭން މަސައްކަތް ނުކުރެއޭ ނުބުނާތި. ދެ މަގުއޮތް. ކަޒްޔާ ޚިޔާރުކުރީ މި ދިރިއުޅުން..ކައިޝާގެ ދިރިއުޅުން ފެނިއްޖެއެއްނު. ކިހާ ކަލަރފުލް. މިއީ ބްލެކްއެންޑް ވައިޓް ދިރިއުޅުން..ކުލައެއްނެތް ފިލްމެއް ބަލާހިތްވާނީ ކާކު؟ ކަޒްޔާގެ ތި ދިރިއުޅުން ދޫކޮށް އަދިވެސް މާލެ އަންނަން ބޭނުމިއްޔާ ހަމަ ވެލްކަމް......." ނަރުގިސް ރާދާގެ ގާތުގައި ފަހަތު ސީޓުގައި އިށީނެވެ.

"މަންމަ ކީ އެއްޗެއް ނުވިސްނުނު. އައި ޑިޑްންޓް ޗޫސް އެ ރޯޑް. ޗޫސްޑް މައި ފާދާރ......................."

ނަރުގިސް ޑްރައިވަރު ގާތު އެދުނީ ކާރު ދުއްވައިލުމަށެވެ.

"ހަނަފީގެ ސަބަބުން ކަޒްޔާއަށް މި ދިމާވީ ކޮންފަދަ ދެރަގޮތެއް. މަ ގުޅީމަ ބުނެފިއޭ ބައްޕަ ބަލިވީމައޭ. އޭނަ ކަޒްޔާގެ ހާލު ވަރަށް ގާތުން ބަލައޭ. އިތުބާރުކުރާ ބެސްޓީއާއި ދަރިފުޅު ހަވާލުކުރިއިރު ހަނަފީއަށް ނުވިސްނުނު އެކުރެވުނީ ކޮންފަދަ މޮޔަކަމެއްކަން. ނަސީބެއްނު މި ފޫހި ދިރިއުޅުމާއި ދުރަށް ދެވުނުކަން. މުސްލިމުންގެ ނަމަށް ހުތުރު އަރުވަން ހަރުކަށި ފިކުރަށް ވަދެ ހަނަފީވެސް އެހެރީ ބޯ ގޮވާފައި. ކުޑައިރު ކޮންމެހެން ބުރުގާ އަޅުވަން ޖެހޭތަ. މީހަކާއި ކައިވެނި ކުރުވަން ޖެހޭތަ. ދޮގުހެދުމަކީ ދީނުގައި ބޮޑު ފާފައެއްކަން ނޭގި ކަން ނޭގޭ އޭނަ މަށަށް ދޮގުހަދަނީ.." ނަރުގިސް ވާހަކަދެއްކީ އިނގިރޭސިންނެވެ. ޑްރައިވަރަށް ނޭގޭނެކަމުގައި އޭނަ ޔަގީންކުރިއެވެ.

"އެއީ ދޮގެކޭތަ ބުނީ؟" ރާދާ ސުވާލުކުރިއެވެ.

"ސީދާ އެހެނެއް ނުބުނޭ. ތިމަންނަ ކުރިކަމެއް ކުރީ ކަޒްޔާއަށް ރަގަޅަށޭ. ހަމްޒާގެ ބެލުމުގެ ދަށުގައި ހުރުމުން ކަޒްޔާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެއޭ. ކޮންމެވެސް ނުބަޔެއް އެބައުޅޭ. އަދި މި ދޫކޮށްލީއެއްނޫން. އަންނާނަން. މި ހުރަގެއިން ކަޒްޔާ ސަލާމަތްކުރާނަން. މިއީ ހަމަ ރީތިކޮށް ހަދާފައި ހުއްޓަސް ހުރަގެއެއް. ސިކުނޑި މުޅިން ދޮވެނުލަނީސް މަގޭ ދަރި ސަލާމަތްކުރާނަން............." ނަރުގިސް ހީލިއެވެ.

***

އަޒާލިއާ ނަމާދުކޮޓަރީގައި ހުރިއްޔާ ކަޒްޔާ ނިކަން ރީތިކޮށް ނަމާދުކުރާނެއެވެ. އެކަމަކު އެކަނި ހުރިއްޔާ އަވަސްކަމުން ނަމާދުގައި ކިޔަވަން ޖެހޭ ތަކެތި ނުކިޔަވާ ހަމައެކަނި ހަރަކާތްކުރާފަދައެވެ. ކަޒްޔާގެ އިހުސާންތެރިކަމެއް ނެތްވަރު ފެނި އަޒާލިއާ ދެރަވިއެވެ. އޭނަ ނުފެންނަކަމަށް ހަދަންވީ ހެއްޔެވެ؟ ނޫނެކެވެ. ތެދުވެރި ރަހުމަތްތެރިއެއްނަމަ ޖަންނަތަށް ދާން ކުރާ މަސައްކަތުގައި އެކުވެރިޔާ ބައިވެރިކުރާނެއެވެ. އޭނަ ކަޒްޔާއަށް ވިސްނައިދިނީ މީހުންނަށް ދައްކަން ނަމާދުނުކުރުމަށެވެ. ނަމާދު ކުރަނީ ތިމާ ހެއްދެވި ފަރާތަށެވެ. އެފަރާތް ދެކެވޮޑިގަންނަވާއިރު އެގޮތަށް ނަމާދުކުރަން ކަޒްޔާ ޖެހިލުންނުވަނީ ކީއްވެހެއްޔެވެ؟ އަޅުކަން ކުރަންވީ އެހެން މީހުންނަށް ދެއްކުމުގެ ގޮތުންނޫނެވެ. އަޅުކަމުން ސަވާބު ހޯދާ އާޚިރަތަށްޓަކައެވެ.

އަޒާލިއާއާއި ކަޒްޔާ ސުޕަމާކެޓްގެ ހަރުގަނޑުތައް ބަލަމުން ދިޔައެވެ. ހަވީރަށް ކޭކުހަދަން ސާމާނު ގަންނަން ދެކުދިން އައީ ނޯއާއާއެކުގައެވެ. ނޯއާ ކާރުން ފައިބަން ބޭނުންނުވެފައި އިނީއެވެ.

"މި ޗީޒް ކިހިނެއްތަ؟ "

"މީގައި ހަލާލު ލޯގޯނެތް. ވީމަ ކަމަކު ނުދާނެ..."އަޒާލިއާ އެ ޗީޒްގަނޑު އަތުލާފައި ހަރުގައި ބެހެއްޓިއެވެ. "ރިމެމްބާ ދިސް. ގޭގެ މޭޒުމައްޗަށް އަރުވަންވާނީ ހަލާލު ކާ އެއްޗެހި. ގެއަށް ވަންނަންވާނީ ހަލާލު ފައިސާ. ހެހެ. އެއީ ބައްޕަގެ ފޭމަސް ބުނުމެއް.."

"އެހާވަރުން އުޅެންވާނެތަ؟ "

"ދުޢާ އިޖާބަކުރެއްވުމުގެ ޝަރުތުތަކުގެ ތެރޭގައި ހަލާލު ތަކެތި ކައިބޮއި ބޭނުންކުރުން އޮވޭ. މިސާލަކަށް ޔާޔާ ކިހާ ދެރަވި ހޯނު ގެއްލުނީމަ. ދުޢާކޮށްފައި އިޖާބަނުވިޔޭ ކިޔާފައި ޝަކުވާކުރާއިރު ހެއްދެވި ފަރާތުން އަންގަވާގޮތަށް އަހަރެމެންނަށްވެސް ނޫޅެވޭ. އެމީހަކު ދެރަވާކަމެއް ނޫނީ އިންތިހާއަށް ބޭނުންވާކަމެއް ދިމާވީމަ ދުޢާކޮށްފައި އާދޭސް ދަންނަވާނެ. އެކަމަކު ދުޢާ އިޖާބަކުރައްވާ ޝަރުތުތަކަށް ބެލުމެއް ނެތް. ހަގީގަތުގައި ﷲ ސުބުހާނަހޫ ވަތައާލާގެ ނިއުމަތްތައް ގިނަކަމުން ގުނާ އަދަދުވެސް ނުކުރެވޭ. އަހަރެމެން މިހާ ބަސްނާހާއިރުވެސް....ސޯ ހިނގާ ގުރުއާނާއި ސުންނަތަށް ފޮލޯ ކުރަން.." އަޒާލިއާ ހަލާލު ލޯގޯ ހުރި ތަކެތި ހޯދަން ޗީޒްތަކުގެ ބްރޭންޑް ނަންތައް ބަލަންފެށިއެވެ.

"ޗޮކްލެޓްވެސް އެހެންތަ؟ ހަލާލު ނެތިއްޔާ ނޮޓް އީޓަބްލް....." ކަޒްޔާ ޗޮކްލެޓެއް ނަގާފައި ހީލިއެވެ." މީތި ހަލާލުތަ؟ "

ދެކުދިން ވިޔަފާރިކޮށްގެން ނިކުންނަމުން ކަޒްޔާ ކައުންޓަރުގައި އިން ކުއްޖާ ގާތު ބުނީ ބޮސްއަށް އޭނަގެ މެސެޖެއް ދިނުމަށެވެ. ހަލާލު ނޫންތަކެތި ހަރުގަނޑުގައި ނުބެހެއްޓުމަށެވެ. ނޫނީ ކަސްޓަމަރުން މަދުވާނެކަމުގައެވެ. އެކުއްޖާގެ ހުނުން ދޭހަކުރާކަށް ކަޒްޔާއަކަށް ނޭގުނެވެ.

***

ޒޭވިއާއާއި ނޯއާގެ "ޗޮކްލެޓް ވައިބްސް" ވުޖޫދަށް ގެނައުމަށްޓަކާ މަސައްކަތްކުރިއިރު ފައިސާގެ ގޮތުން އެހީތެރިވެދިނުމުގެ އިތުރުން މަސައްކަތްކުރުވަން އަވަދިނެތި އުޅެވުނީ ޒޭވިއާއަށެވެ. ނޯއާ ގިނަވަގުތު އިންނާނީ ކޮންމެވެސް ގޭމެއް ކުޅުމަށެވެ. ނޫނީ ބަބްލްސް އުނގަށް ލައިގެންނެވެ. ޗޮކްލެޓެއް ނޫނީ އައިސްކޯނެއް އަނގައިގާ ޖަހައިގެންނެވެ. ޗިޕްސްކަހަލަ އެއްޗެއް ހަފާލަ ހަފާލައެވެ. އަނގައިން ސުޕާރީ ނޫނީ ޗުއިންގަމެއް ހުސްވާ އިރެއްވެސް ނުދާނެއެވެ. ދަރިފުޅުގެ ކަންނެތްކަން ފިލުވާ ހަރުދަނާ މީހަކަށް ހެދުމަށްޓަކާ މާހިރާވެސް ސިއްރިއްޔާތުގައި މަސައްކަތްކުރެއެވެ. ހީނާއަށް އެނގިއްޖެއްޔާ ފާޑު ފާޑުގެ ބަސްތަކުން ދިމާކުރާނެއެވެ.

ރެސްޓޯރެންޓްގެ ފުރާޅު ޗޮކްލެޓްކުލައިން ޕެއިންޓްކުރަން އުޅުނުއިރު ކަޒްޔާގެ މަތިން ހަދާންވެ ޒޭވިއާ ގާތު އެވާހަކަ ބުނެވުނެވެ. ކަޒްޔާއަކީ "ޕެއިންޓަރ"އެއްކަމުގައި ނޯއާ ބުނުމުން ޒޭވިއާ ކަޒްޔާގެ މަސައްކަތް ބަލައިލަން ބޭނުންވިއެވެ. އެމަސައްކަތް ކުރެވޭނެތޯ އެހިއެވެ. މިހާ ކުޑަކުއްޖެއްގެ އެވަރުގެ ގާބިލުކަމެއް ހުރެދާނެކަމަކަށް އޭނައަށް ގަބޫލެއް ނުކުރެވުނެވެ.

"އަގުބޮޑުވާނެ...މީގައި މިހިރަގޮތަށް ޗޮކްލެޓް ހައުސް ބޮކްސް ގެ ފުރާޅާއި ތަފާތެއް ނެތްގޮތަށް ޕެއިންޓްކޮށްލާނަން އިންޝާﷲ....." ކަޒްޔާ ޔަގީންކަން ދިނެވެ.

"ނިމިގެން ހިތް ހަމަޖެހެންޏާ އަގު ދޭނީ. ނޫނީ ފުރާޅާއެކު ގެންގޮސް ކުނިގޮނޑަށް ލާނީ. އަންޑަސްޓޭންޑް؟ " ނޯއާ ކަޒްޔާގެ ކޮލުގައި ބާރަށް ހިފައިލާހިތްވިއެވެ. މޮޔަކުއްޖެއްކަމަށް ހެދިގެން އުޅުނަސް ހުނަރުތައް ދެއްވާފައި އެބަހުއްޓެވެ.

" ވެން ޔޫ ސީ މައި ވޯކް ޔޫ ޑައިޑް........" ކަޒްޔާ ބުނެލިއެވެ.

"ޒޭވިއާ. ކަޒްޔާ ބުނަނީ އަހަރެން މަރުވެފަޔޯ. އައި ރިއަލީ ޑައިޑްތަ......... ....." ނޯއާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.

'މިބުނީ މަގޭ މަސައްކަތް ފެނުނީމަ މަރުވާނެއޭ. އެހާވެސް ފުރިހަމަވާނެ ވާހަކަ އެބުނީ. ޔޫ ލާން އިންގްލިޝް. ކިޔަވަން ފޮނުވީމަ މަކަރު ހެދީ ދޯ. ޒޭވިއާ އިންގްލިޝް ކިޔަވައިދީބަލަ. ކޮންމެ ފަހަރަކު އިނގިރޭސިން އެއްޗެއް ބުނެފައި އެބަޖެހޭ ޓްރާންލޭޓެޑް ކޮށްދޭން..." ކަޒްޔާ ހަށަން ބަދެލިއެވެ.

ނޯއާ ޒޭވިއާއަށް ބަލާލާފައި ބުމައަރުވައިލިއެވެ.

"ޒޭވިއާއެއް ނޫން. އަހަރެންގެ އިނގިރޭސި ޓީޗަރަކަށް ކަޒްޔާ ހަނަފީ ދަ ގްރޭޓް ހުންނާނީ. ކޮންގަޑިއެއްގައި ޓިއުޝަން ދޭނީ؟ ކެން އައި ލާންޑް އެންޑް އީޓް އިންގްލިޝް ވިތް ޔޫ........................" ނޯއާ އެހިއެވެ.

ކަޒްޔާ އުފަލުންގޮސް ދެލޯ ވިދައިލިއެވެ.

"އަގު ދޭންވާނެ...."

"ވިލް ގޭވް ދަ މަނީ..." ނޯއާ ކަޒްޔާގެ ވާހަކަދައްކާ ގޮތަށް ބުނެލިއެވެ. އޭނަ ވޮލެޓް ހުޅުވާލާފައި ވިހި ރުފިޔާ ދިއްކޮށްލުމުން ކަޒްޔާ ކުޑަކޮށް ނަށައިލިއެވެ.

"މޭ ﷲ ވިލް ގިވް ޔޫ ބިގް މަނީ"

***

ޝޭޚު ހަމްޒާ އަސުރު ނަމާދަށްފަހު ދަރުސްދިނުން އާދައަކަށް ހެދިއެވެ. އެތައް ބަޔަކު އެގަޑީގައި އޭނަގެ އަޑު އަހަން މިސްކިތަށް ޖަމާވެއެވެ. މިޒާޖުގައި ސަމާސާގޮތެއްވެސް ހުންނަކަމުން އޭނަގެ ދަރުސް ޝައުގުވެރިވެފައި ކުޑަކުދިންވެސް އަޑުއަހާ ހިތުން މިސްކިތަށް ދެއެވެ. ސޯފީ އެ ޚަބަރުވެސް ކައިޝާއަށް އެންގިއެވެ. ޝޭޚު ހަމްޒާގެ ދަރުސް އަޑު އަހާފައި ބައެއްކުދިން މޫނު ބުރުގާ އަޅާހިތުން އެވާހަކަދައްކާ އުޅޭ ކަމަށާއި އެވާހަކަ ނަރުގިސްއަށް އަންގާދޭން އެދުނެވެ.

ނަރުގިސްއާއި ރާދާ ސެލޫންއިން ނުކުމެގެން އައިއިރު ފިލްމީ ތަރިންފަދައެވެ.

“އަރްކާންގެ ޕާޓީއަށްވެސް ކަޒްޔާ އަންނަން އެއްބަސްނުވި ދޯ.ކިހާ ސަޅި އިވެންޓެއް އެ މިސް ކޮށްލަނީ؟ " ރާދާ ކާރުގެ ދޮރުފަތް ހުޅުވައިލިއެވެ. ނަރުގިސް ޖެހިގެން ހުރި ސީޓުގައި އިށީދެ ލޯގަނޑުން މޫނަށް ބަލައިލަމުން ހިނިތުންވެލިގޮތުން މޭކަޕާއިމެދު ހިތްހަމަޖެހުނުކަން ސާބިތުކޮށްދިނެވެ.

"ދުވަސްކޮޅެއްވާންދެން އަޅާނުލާ ބަހައްޓާނީ. މިއަދު ކައިޝާ ދެއްކި ވާހަކައަކުން ބޯ ގޮވާވަރުވި. އަރްކާން ހަނީމޫނުން އައިހާ އަވަހަށް ޝޭޚު ހައްޔަރުކުރުވާނަން. އޭނަގެ ސަބަބުން މުޖުތަމައަ ފާސިދުވަނީ. އިންޑިއާގެ ވަލުން ކިޔަވައިގެން އައިސް އެތަންތާ މީހުންގެ ޖާހިލުކަމާއި ނުބައި ސަގާފަތާއި ތަފާތު މަޒުހަބުތައް ފަތުރުވާ ޅަދަރިންގެ ބޯ ކައިނުލަނީސް މި ކަން ކޮޅެއްގައި ޖައްސަން އެބަޖެހޭ....." ނަރުގިސް ސީޑީއެއް ލެއްވުމުން މިއުޒިކެއްގެ އަޑު ކާރުތެރޭގެ ހިމޭންކަން ނަގައިލިއެވެ.

"އަރްކާންގެ އަންކަލްއަކަށް ޑިފެންސް މިނިސްޓަރ ހުރެފައި ނުފޫޒުގަދަ މީހުން ތިބީމަ ކޮންމެވެސް ކުށެއްގައި ބައްދާފައި ހައްޔަރުކުރަން ހަމަ ފަސޭހަވާނެ. ތިކަން ލަސްނުކުރޭ. އޭރުން މީހުންގެ ޅަ ދަރިން ކައިވެނިކުރުވުމާއި ފޭކް ދަރުސް ދިނުމާއި ފިތުނަ ހެދުން ފަދަ ކަންތައްތަކުން މުޖުތަމައަ ސަލާމަތް ކުރެވިދާނެ... ރާދާވެސް އެއްބައިވިއެވެ.

***

"ލޫލޫ....ވަރަށް ބޮޑު ސިއްރެއް ބުނަން އެބައޮތް..." އަޒާލިއާއާއި ކަޒްޔާ އިށީދެލައިގެން ތިބީ ދޮންވެލިގަނޑުމަތީގައެވެ.

ނުނިމޭ

ކޮމެންޓް 0