"ތަވައްކަލު ކުރުމަކީ ތިބާއަށްޓަކާ ﷲ ސުބުހާނަހޫ ވަތައާލާ ރާއްވަވާފައިވާ ކަންތައްތަކަކީ އުދަގޫ ނުވަތަ ބުރަކަމެއްހެން ހީވިޔަސް ތިބާއަށް އެންމެ ރަގަޅުގޮތްކަމުގައި ގަބޫލުކޮށް އިތުބާރުކުރުމެވެ. އެކަމުގެ ސަބަބުން ތިބާގެ އީމާންކަން އިތުރުވެ ފާފަ ފުއްސަވާ ދެއްވާ އަދި ފަހުން އެ އުދަގޫތަކާއި ދަތިކަންތައް ދިގުދެމިގެންވާ ބޮޑު ނިއުމަތެއް ކަމުގައި ލައްވަފާނެތެވެ."

***

އަރްކާން, އޭނާ އަނާއާއެކު އުޅުނު ގެއަށް ވަދެފައި އެކޮޓަރީގެ ތެރެ ހާވަންފެށީ ކޮންމެހެން އެއްޗެއް ފެނިދާނެކަމަކަށް ނޫނެވެ. އެކަމަކު އޭނާ ގޮދަޑި ހިއްލާލުމާއެކު ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. އެއީ ފަހަރެއްގައި ވެސް ވެދާނެކަމަށް އޭނާ ލަފާކުރި ގޮތެއް ނޫނެވެ. އެހިސާބަށް އޭނާގެ ޚިޔާލު ނުފޯރިއެވެ. އަނާ ގެއްލުމުގެ ހަގީގަތް މިވަނީ ކައިރީގައެވެ. އެނދުގެ ގޮދަޑި ދަށުގައެވެ. އަރްކާންފަދަ ވަރުގަދަ ޝަޚުސިއްޔަތެއްގެ ލޮލުންވެސް ކަރުނަ ފާއްދާލައިފިއެވެ. އިސާހިތަކު އެ ބޯ އެސްފިޔަތައް ތެމިއްޖެއެވެ. ކަރުނައަކީ އޭނާއަށް ބީރައްޓެހި އެއްޗަކަށް ވީ ހިނދު އަމިއްލައަށް ވެސް އެކަން ގަބޫލުކުރުން ދަތިވިއެވެ.

***

ފަސް އަހަރު ފަހުން

އަޒާލިއާ މަތިން ލައިގެން ހުރި ކޯޓުގެ ސަބަބުން ހޫނުވާން ފެށިއެވެ. އެތެރެހަށީގައި ވި އުދާސްކަން ވެސް ވީ އިތުރެވެ. އޭނާ ގްރެޖުއޭޝަނަށް އަންނާނެކަމަށް ވައުދުވި ޒޭވިއާގެ އެއްވެސް ޚަބަރެއް ވީއެއް ނޫނެވެ. ފޯނު އޮތީ ނިވާލާފައެވެ. އުމުރުން ނަވާރައަހަރުވީ ހިތުގެ އެންމެ ފުންމިނުގައި ފިރިމީހާއަށް ޓަކައި ވި ލޯބި ފޮރުވައިގެން ހުރެއެވެ. ފިރިމީހާކަމުގައި ވިޔަސް އަދިވެސް ޒޭވިއާ އޭނާއާ ދޭތެރޭ އަމަލު ބަހައްޓަނީ ކޮއްކޮއެއް ފަދައިންނެވެ. މަޖުބޫރުވެގެން ކުރާ ކަމެއްގެ ގޮތުގައެވެ. ޒޭވިއާއާއިމެދު ޝައްކު ކުރަން އޭނާ ބޭނުމެއް ނޫނެވެ. އެކަމަކުވެސް އެއޮއްފަދަ މުހިއްމު ދުވަހު ޒޭވިއާ ނައުމުން އޭނާއަކީ މުހިއްމު މީހެއްކަމަށް ނުދެކުނީ ނޫން ހެއްޔެވެ؟

އެމީހުން ލަންޑަނުގައި ދިރިއުޅޭ ގެއަށް އެކަނިމާ އެކަނި އަޒާލިއާ ދިޔައީ ތެޅިތެޅިވާ ހިތަކާއެކުގައެވެ. އެގެ ވެސް ހުރީ ތަޅުލާފައެވެ. އެންމެފަހުން ބިރުން ގުޅައިލެވުނީ އޭނާގެ މައިދައިތަ ހީނާއަށެވެ.

"އަޖައިބު ހައިރާނެއް ނުވާނެތަ؟ އަޒާލިއާ ކީކޭ ހިތަށް އަރައިގެން އެކަނިމާ އެކަނި ލަންޑަންގައި ތި ހޫރެނީ؟ ކަމެއް ދިމާވިނަމައޭ. މިކުއްޖާގެ މޮޔަކަމުންވެސް..އެކަމަކު ﷲއަށް ހަމްދުހުރި ސަލާމަތްކޮށްދެއްވީތީ. ލަންޑަނަކީ ވެސް މިހާރު މުސްލިމް ކުދިންނަށް އެހާ ސޭފް ތަނެއް ނޫން. ކިތައް ކުދިން ގަޔަށް ވަޅި ހަރައިފި. އަދި އަޒާލިއާ ހުންނަގޮތަށް ހެދުން އަޅައިގެން ހުރީމަ ވަގުތުން ބުނާނެ ޓެރަރިސްޓެކޭ........" ހީނާ ޚާން އަރައިގަތް ރުޅީގައި އެތިވަރު ގޮވައިގެންފައި މަޑުމައިތިރިވިއެވެ." އެބަ ފޮނުވަން ދަންނަ ބައެއްގެ ޑްރައިވަރެއް. އޭނާ ގެންދާ ތަނަކަށް ދިޔައިމަ ރަނގަޅުވާނެ. ޒޭވިއާއަށް ގުޅާނަން އިނގޭ. ކަންބޮޑުނުވޭ......"

އަޒާލިއާ ލަގެޖްތަކާއެކު ގެއަށް އަންނަން ނިންމީ މިފަހަރު ހޫނު މޫސުމްގައި ގޭގައި ދުވަސްގަނޑެއް ހޭދަކުރުމަށެވެ. އަލާޔާއަށް ވެސް ސިއްރުން އެގޮތަށް ނިންމުމުން ލަނޑެއް ނުލިބި ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެހެން މީހަކަށް އޭނާގެ ހިތް އޮތްގޮތެއް ނޭނގޭނެއެވެ. އެހިތުގައި ޒޭވިއާއަށް ޓަކައި ލޯބި އޮތީ ކިހާ މިންވަރަކަށް ކަމުގެ އިހުސާސެއް ނުކުރެވޭނެއެވެ. އިންތިޒާރުކޮށްކޮށް އޭނާ ވެސް ވަރުބަލިވެއްޖެއެވެ. ޒޭވިއާއާ އެއް ފުރާޅެއްގެ ދަށުގައި ދުވަސްކޮޅެއް ހޭދަކޮށްލަން ޟަމީރު ވިސްނައިދިނެވެ.

ބޮޑުދައިތަ ފޮނުވި ޑްރައިވަރު ކާރު ދުއްވަމުންގޮސް ލަންޑަން ފަހަނަޅާ ދާން ފެށުމުން ހިތުގައި ބިރުވެރިކަމެއް ހިނގައިލިއެވެ. އަނެއްކާ މި މީހާ އޭނާ ކިޑްނެޕްކޮށްގެން ގޮސް ބަޔަކަށް ވިއްކާ ނުލާނެ ހެއްޔެވެ؟ އަޒާލިއާ ދަތުރު ދުޢާކުރިއެވެ. ހެނދުނު ޒިކުރުކުރިއެވެ.އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެއެވެ. ސުވާލު ވެސް ކޮށްނުލާ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ފަހަނަޅާދާ ފެހިކަން ގަދަ ދަނޑުބިންތަކާއި ގުދުރަތީ ރީތިކަމަށް ހިތް ދޫކޮށްލައިގެން އިނެވެ.

މާގިނަ އިރުތަކެއް ނުވަނީސް "ކޮޓެޖް"ފަދަ ގެތައް ފެންނާންފެށިއެވެ.އަމާން ހިތްގައިމު ވެށްޓެކެވެ. ކާރު މަޑުކޮށްލީ ބޮޑުހަވޭލީއެއް ފަދަ އިމާރާތެއް ފެންނަ ހިސާބަކަށެވެ. ބިޔަ ގަސްތަކުގެ މެދުން އެހަވޭލީ ފެންނައިރު ޑްރެކިއުލާ ނޫނީ ފުރޭތައެއްގެ މަކާންކަމުގައި ހީކުރެވޭވަރެވެ. އަޒާލިއާ ޑްރައިވަރަށް ޝުކުރު އަދާކޮށްފައި ކާރުން ފޭބުމަށްފަހު ބެކްޕެކް ކޮނޑުގައި އެޅުވިއެވެ. އަދި ލަގެޖް ދަމަމުން ކުރިއަށް ފިޔަވަޅުތައް އެޅިއެވެ. ހޫނު މޫސުންކަމުން ފެހިކަން ގަދަވެފައި ވިނަގަނޑު ދުރުދުރަށްދާންދެން ފެތުރިފައި އޮތްއިރު ޖެހޭ ވައިރޯޅީގައި ހިފާފައިވަނީ މާމެލާމެލީގެ މީރުވަހެވެ. އެކަމަކު އެ ގެ ފެނުމުން ހިތަށް ފިނިވި ސަބަބެއް ނޭގުނެވެ. އޭނާ ދޮރުމައްޗަށް އަރާފައި ބެލް ޖެހިއެވެ. ދޮރު ހުޅުވައިލީ އަނގަޔާއެކު ސްކާފް އަޅާ މޫނުގެ ބޮޑުބައިި ފޮރުވައިގެން ހުރި އަންހެންކުއްޖެކެވެ. ޚާދިމާއެއް ކަމުގައި ނިންމިއެވެ.

"ޒޭވިއާއަށް ގޮވާލަދީފާނަންތަ؟" އަޒާލިއާ ހިނިތުންވެލިއެވެ.

ދޮރު ހުޅުވައިލި އަންހެންކުއްޖާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ސިހުމުގެ ކުލަވަރު ފެނުނެވެ.

"އައިމް ހިޒް ކަޒިން. ޒޭވިއާގެ މަންމަ މިގެއަށް ފޮނުވީ...ސޯ ހީ މަސްޓް ބީ ހިއާ.." އަޒާލިއާ ބުމަ އަރުވައިލިއެވެ. އެ އަންހެންކުއްޖާ ބަލަން ހުރިގޮތުން އަޒާލިއާ ބިރުގަންނަގޮތްވިއެވެ. އެހާ ފުން ނަޒަރުން އަންހެނުންވެސް ބަލާ އުޅޭހެއްޔެވެ؟ އެބެލުމުގެ މާނައެއް ނޭގުނަސް އެކުއްޖާގެ ހިތުގައި އެތައް ސުވާލުތަކާއި އެކު ނޭގޭފަދަ ރުޅިވެރިކަމެއް އޮތްހެންވެސް ހީވިއެވެ.

"ކޮން ނަމެއް ކިޔަނީ؟ "އަޒާލިއާ އެހިއެވެ. އެކުއްޖާ ދޮރު ލައްޕާލުމަށްފަހު ހިނގައިގަތެވެ. "މާސްޓަރ މިގަޑީގައި ނިދާފައި އޮންނާނީ. މަޑުކުރޭ...."

އެކުއްޖާ އެތެރެއަށް ވަދެގެން ހިނގައިގަތްއިރު ކަޅި އަޅައިލިކަމުގެ އިހުސާސެއްވިއެވެ. މިގޭތެރެއަށް ވަނުމުން ފިނިގަނޑެއްވެސް ގަޔަށް އަރައިފިއެވެ. މިގެ އޭނާއަށް މަރުހަބާ ނުކިޔާ "ފިނި"ތަނެއް ކަމުގައި ވެއްޖެއެވެ. އަމިއްލަވަންތަކަމުގެ ކުޑަ ނަމަވެސް އިހުސާސެއް ނުކުރެވުނެވެ. މި އަންހެންކުއްޖާވެސް އޭނާގެ ސުވާލަށް ޖަވާބުދިނުމެއް ނެތި ވައިރޯޅިއެއްހެން ވަދެގެން ދިޔުމުން އަޒާލިއާ އެތެރެއަށް ފިޔަވަޅެއް އެޅިއެވެ. ކޮންމެވެސް ދިމާލަކުން ޕިޔާނޯ ކުޅޭފަދަ އަޑެއް އިވުމާއެކު ކޮންމެވެސް އެއްޗެއް ތަޅައިގެން ދިޔަ އަޑު ކަންފަތުގައި ޖެހުމާއެކު ދުއްވައިނުގަނެވުނީ ކިރިޔާއެވެ.

"ކްރީޕީ......اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ " އަޒާލިއާ ކުރުސި ކިޔަވަން ފެށިއެވެ. "ބިރުނުގަނޭ. ނަތިން ވިލް ހެޕެން އިންޝާﷲ. ބިރުން އުޅޭތީ ހީވާގޮތް. އެހެންޏަ. އެންމެ ކުރިންވެސް ވެމްޕަޔަރެއްގެ ކިއްލާއެއް ކަމުގައި ހަދައިގަނެވުނީ. މިހާ އޯލްޑް ވައްތަރެއްގެ ގެއެއްވީމަ އެހެންވެސް ހިތަށް އަރާނެ. އަނެއްކާ ހޯންޓެޑްއީ ބާ.."

އަޒާލިއާއަށް ސޯފާގައި އިށީދެވިއްޖެއެވެ. ބޮޑުދައިތައަށް ގުޅަންވީހެއްޔެވެ؟

***

ނުނިދުމާއި މާޔޫސްކަމުގެ ޝިކާރައަކަށްވެފައި ހުރި ޒޭވިއާ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އަރްކާން އިރުޝާދުދިނެވެ. ވައިޓް ނޮއިސް މެޝިނެއްވެސް އޭނާ ގެނައެވެ. މާހިރުން ބުނާގޮތުން އޭގެއިން އިވޭ ފެންއާރުގެ އަޑާއި ވައިޖެހޭ އަޑުފަދަ ގުދުރަތީ އަޑުތަކުން މަސްނޫއީ އަޑުތައް ކަނޑުވައިލާ ގުދުރަތީ އަޑުތަކުން ނިންޖަށް އެހީތެރިވާނެއެވެ. އެކަމަކު އޭގެ ސަބަބުން ވަކި އަރާމު ނިންޖެއް ޒޭވިއާއަކަށް ނުލިބުނެވެ. އިންސޮމްނިއާއަށް ހުންނަ އެހެން ހާބަލް ފަރުވާތަކާއި މަސާޖްތަކާއި ޔޯގާ އަދި ނިދުމުގެ ކުރިން ހޫނުފެނުން ފެންވަރައިލުން ފަދަ ކަންތައްތަކުންވެސް ވީ ކަމެއް ނެތެވެ. އެންމެފަހުން ލިބުނު ލަފާއަކީ އޮޑިސީ ރަޖާއެއް ބޭނުންކުރުމެވެ.

އެ ރަޖާގެ ސަބަބުން ރޭ ކޮންމެވެސް ވަރަކަށް ނިދި ލިބުނެވެ. އޭގެ ބުރަދަނާއެކު ކޮންމެވެސް މީހަކު ބައްދާލައިގެން އޮތްފަދަ އިހުސާސެއް ކުރެވުނެވެ. މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނައިރުފަދައިންނެވެ. އަދި މަޑު ހޫނުކަމާއެކު އެރަޖާގެ ޕްރެޝާގެ ސަބަބުން ސެރޮޓޯނިން އުފައްދައެވެ. އުފާވެރިކަމާއި ހިތްހަމަޖައްސާ ހަށިގަނޑުގެ ވާންކަން ކަނޑުވައިލާ ހޯމޯންއަކަށް ވުމުން މިއިން ދުވަހެއްގައި ނުލިބޭފަދަ އަރާމުކޮށް އެނދުގައި އޮވެވުނެވެ.

އަމިއްލަ ނަފުސަށް ވައުދުވެފައިވެސް ރާފުޅީގައި އަތްނުލާ ނުހުރެވުނެވެ.

"އެންމެ ފަހު ފަހަރު...." ޒޭވިއާ ތަށިނެގިއެވެ. ނަސީބަކުން ފުޅި ހުރީ ހުސްވެފައެވެ. އަރައިގަތް ރުޅީގައި ފުޅި އަތުކޮޅަށް އެއްލާލުމަށްފަހު ސިޑިން ފައިބައިގެން އައީ ކޮފީއެއް ނަމަވެސް ބޯލުމަށެވެ. ކޮފީއާއި އެނާޖީ ޑްރިންކަކީ ވެސް މި ދުވަސްކޮޅު އޭނާގެ ބައިވެރިޔެކެވެ. ހަމައެކަނި ސޯޓެއްލައިގެން ހުރިއިރު އިސްތަށިގަނޑު ހޭވި ނިދީގެ އަސަރުތައް ފެންނަ ލޮލެކެވެ.

"އިޒް ދެޓް ޔޫ......" އަޒާލިއާގެ އަޑު އިވުމުން ޒޭވިއާ ހުއްޓުން އެރިއެވެ.

އަޒާލިއާ މިގެއަށް އައީ ކިހިނެއްހެއްޔެވެ؟ މިގެއަށް އަންނަން އެނގުނީ ކިހިނެއްބާވައެވެ. ދެވަނަ ސިކުންތުކޮޅުގައި ކުރިމަތިން އަންނަތަން ފެނުނީ އަޒާލިއާއެވެ. މެރޫންކުލައިގެ ޕާކިސްތާނު ފާޑުހެދުމަކާއެކު ގުޅޭ ހަރުވާޅެއްލާފައި ރީތިކޮށް ޝޯލް އަޅާފައެވެ. ޒޭވިއާ ހުސްގަޔާ ހުރުމުން އެކުއްޖާގެ މޫނަށް ލޭގެ ކުލަ އަރާ ރަކިގޮތަކަށް ހީލެވިއްޖެއެވެ.

"އައިމް...އަމް ސޮރީ......"

"ކޮންކަމަކާ. އަޒާލިއާ މިގެއަށް އައީ ކިހިނެއް؟ ވަޓް އާ ޔޫ ޑުއިން ހިއަ.. ކާކު ބުނެގެން ހޭ ތިއައީ؟ ތިގޮތަށް އަންގާވެސް ނުލާ އައިސްގެން ނުވާނެ. އަހަރެން ނުބުނަން ދޯ މިގެއަށް އަންނާށޭ........."ޒޭވިއާ ބުމަ ގޮށް ޖަހާލައިގެން ހުރިގޮތުން ރުޅިގަދަވެފައި ހުރި ފާޑުޖަހައެވެ.

"ސަމަރ ހޮލިޑޭއަށް މިއައީ..." އަޒާލިއާ ކަންބޮޑުވިއެވެ.

"މިގެއަކު ނުހުރެވޭނެ...."

"ކީއްވެ ގްރެޖުއޭޝަނަށް ނައީ؟ ފޯނު ނިވާލާފައި. އެހެންވެ ގެއަށް ދިޔައިރު ތަޅުލާފައި ހުރީމަ މިގެ ހޯދައިގެން އައީ.....ސަމަރ ޗުއްޓީގައި މިގޭގައި ހުންނާނީ.. އިޒް ދެޓް އެ ޕްރޮބްލެމް؟ މިހާ ބޮޑު ހަވޭލީއެއްގައި. ބައި ދަ ވޭ އައި ލަވް ދިސް ހައުސް....އިޓްސް ގޯޖަސް......."

"އަހަރެން ބުނި އެއްޗެއް ނީވުނީތަ؟" ޒޭވިއާ ހަޅޭއްލަވައިގަތެވެ.

އެވަގުތު ޒޭވިއާއަށް ފޯނެއް އައުމުން އޭނާ ބަލައިލިއިރު ގުޅަނީ މަންމައެވެ. އެހެންމީހެއްނަމަ އޭނާ ފޯނު ނަގަން ހިތަށް ވެސް ނޭރީހެވެ. އެއަށްވުރެ ކުރިމަތިވެގެން އުޅޭ މައްސަލަ އުދަގޫވެފައި އޭނާގެ ފިކުރުބޮޑުވެ ނުތަނަވަސްކަން ލޮލުން ވެސް ފެންނަ ވަރު ވެއްޖެއެވެ. މަންމައާއި ވާހަކަ ދައްކާ ނިމުނުއިރު ޒޭވިއާގެ މޫނުމަތިން ފެނުނީ ގޮތް ހުސްވެފައިވާކަމެވެ. މަންމައަށް ވިސްނައިދޭން ކުރިހާ މަސައްކަތް ބޭކާރުވިއެވެ. ޒޭވިއާ ޖެހޭނީ އަޒާލިއާ އެގޭގައި ބަހައްޓާށެވެ. އަންހެނުން ކަމުގައި ދެކޭށެވެ. އަޒާލިއާގެ އުމުރުން އަށާރަ އަހަރު ފުރިއްޖެ ނޫންހެއްޔެވެ؟ ދެން ދެ އަނތްބަށް ނަމަވެސް ޖެހޭނީ އަޒާލިއާގެ ހައްގުތަށް އަދާކުރާށެވެ.

ޒޭވިއާ އަތުގެ އިޝާރާތުން މަޑުކުރަން އަންގާފައި ކޮޓަރިއަށް ވަދެފައި ތިރިއަށް އައީ ޓީޝާޓަކާއި ޖިންސެއް ލައިގެންނެވެ. މުށި ޖިންސަކާއި ކަޅު ޓީޝާޓެއް ހަށިގަނޑަށް ކޮންމެވެސް ވަރަކަށް ހިފާލާފައިވާ ގޮތުން އަޒާލިއާގެ ހިތް ތައުރީފުކުރިއެވެ. ތުނބުޅި ކޮންމެވެސް ވަރަކަށް ދިގުވެފައި ހުރުމުން ދީނަށް އުޅެން ފެށީ ބާވައޭވެސް ހިތަށް އެރިއެވެ.

"އަލްހަމްދުލިﷲ...." އަޒާލިއާގެ ހިތަށް ކުޑަ ކުޑަ އުފަލެއް ލިބުނެވެ.

"މި ކޮޓަރީގައި އުޅޭނީ. މައްޗަށް ނާރާތި. މަންމަ ބޭނުންވަނީ އަޒާލިއާ މިގޭގައި ދިރިއުޅެން. ބައްޕަ ކިހިނެއް؟" ޒޭވިއާ ތަންކޮޅެއް މަޑުމައިތިރި ރާގަކަށް ވާހަކަދެއްކިއެވެ.

"މާތްﷲއަށް ޝުކުރުހުރި. އެހާ ގިނަ އަހަރުވާންދެން ކޯމާގައި އޮވެފައި ހޭއެރީމަ އަލުން ވާހަކަދައްކަން ދަސްކޮށް ހިނގާ ހުރިހާ ކަމެއް ކުޑަކުއްޖެއްހެން ދަސްކުރަން ޖެހުނީ. ބައްޕަ ދެން ކުރީގެ ބައްޕަ ކަމުގައި ނުވާނެތީ ދެރައީ...." އަޒާލިއާގެ ލޮލުގައި ކަރުނަ ވިދަން ފެށިއެވެ.

"އެކަމަކު ވަރަށް ކާމްވެފައި މޫނު އަލި...ހީޒް އެޓް ޕީސްހެން މޫނަށް ބަލާފައި ހީވޭ އެހެންވެ ކިރިޔާވެސް ހިތަށް އުފާވެރިކަމެއް ލިބެނީ. ބައްޕަ ތަގުވާވެރިކޮށް ހެއްދެވި ފަރާތަށް މުޅި ހަޔާތުގައި އަޅުކަން ކޮށް އެ ފަރާތުގެ ރުއްސެވުން އެދި ކުރި މަސައްކަތް ބޭކާރެއްނުވާނެ އިރާދަކުރެއްވިއްޔާ." އަޒާލިއާ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލި އިރު ތަނަވަސްވެފައި ޝާހީ ގޮތެއް ހުއްޓެވެ. އެނދުގެ ވަށައިގެން ތުނި ސަދުވާއާއި އަރާމު އެނދެކެވެ. ގޮދަޑީގެ އުސްކަމާއިއެކު އަޅާފައިވާ ޖަރީކުރި ބެޑްޝީޓާއި ކުރެހުން އަޅާ ބާލީސްޖަހާފައި ހުރި އެނދުގެ ހެޑްބޯޑާއި ފަރުނީޗަރުތަކުންވެސް ރަސްކަލެއްގެ ޝާހީ ކޮޓަރިކޮޅެއްގެ މަންޒަރު ސިފަކުރެވުނެވެ.

"ދުވަހަކު މިކަހަލަ ތަނެއް ނުފެންނަ ކަމަށް ނެހެދި ބަލަ....ކަޝްމީރުގެ ގެވެސް މިހާ ޝާހީއެއް ނޫންތަ......"

"ހެހެ..." އަޒާލިއާ އަނގަ ލެއްޕިއެވެ.

"މިގޭތެރޭގައި އުޅޭއިރު ކުރިން ބުނިހެން މަތީ ބައި މަނާވާނެ. މަންމަގެ ސަބަބުން އަހަރެމެން ކައިވެނިކޮށްގެން ތިއްބަސް މިއީ ހަގީގީ މެރިޖެއް ނޫން. އަޒާލިއާވެސް ބޭނުމެއްނުވާނެ އަހަންނާއެކު އުޅެން. އެކަމަކު އަހަރެމެން ދޭތެރޭ އޮތް ދުރުކަން މަންމަމެންނަށް އެނގިގެން ނުވާނެ އޯކޭ؟" ޒޭވިއާގެ ޝަރުތުތައް ގިނަކަމުން އަޒާލިއާގެ ހިތަށް ގުޑުމެއް އެރިގޮތަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީއެވެ. ޒޭވިއާގެ މޫނުމަތިން ފެންނަ ރުޅިވެރިކަމާއި މާޔޫސްކަމުގެ އިތުރުން ހީލާން ވެސް ނުދަންނަ ފަދައެވެ. ހިތާމައާއި ރުޅިވެރިކަމުގެ ތަސްވީރެއް ކުރެހުންތެރިޔަކު ސިފަކޮށްލާނެނަމަ އެފަރާތަކީ މިއީއެވެ.

***

"ޗޮކްލެޓް ވައިބްސް" މަޝްހޫރުވެގެން ގޮސް ދުނިޔޭގެ އެތަން މިތާ އެ ވިޔަފާރި ފުޅާކޮށް މުއްސަދި މަހުޖަނަކަށް ނޯއާ ވެއްޖެއެވެ. ޒުވާނުންގެ ތެރެއިން އޭނާ ފާހަގަކުރެވި އެތައް ބަޔެއްގެ ސަމާލުކަން އަތުލީ އެހާ ޅައިރު ހޯދައިގަތް ކުރި އެރުމާއި މަޝްހޫރު ކަމަކުންނެވެ. އަންހެންކުދިންނަށް ނޯއާގެ ނަން އިވުނަސް މޮޔަވާގޮތްވެއެވެ. ހުރިހާކަމެއް ފުރިހަމަވެފައި އެހާ މުއްސަދިވުމުން ޕްރިންސް ޗާމިންކަމުގައި ވީއެވެ.

ކަޒްޔާ ޓީވީ ހުޅުވާލުމަށްފަހު ބަލަން އިނީ ނޯއާގެ އިންޓަވިއު ދެކެލުމުގެ ބޭނުމުގައެވެ. ތަންކޮޅެއް ކުރިއްސުރެ އެމީހުން ގެ ޕްރޮގްރާމަކަށް ޒުވާން ވިޔަފާރިވެރިޔާ އަދި ޗޮކްލެޓް ވައިބްސްގެ ސީއީއޯ އަރާނެކަމުގައި ބުނެ އިޝްތިހާރު ދައްކަން ފެށުމުން ކަޒްޔާގެ ހިތް ބޭގަރާރުވިއެވެ. ޓީވީއިންވެސް ދެކެން އެހާ ބޭނުންވާ މޫނެއްނެތެވެ.

ނޯއާ ނޫކުލައާއި ކަޅުކުލަ އެކުލެވޭ ސޫޓެއްލައިގެން ހުރިއިރު ފިރިހެންވަންތަކަމުގެ ދެވަނައެއް ނެތެވެ. ކަޒްޔާގެ ހިތް ތެޅިގަތްލެއް ބާރުކަމުން ފުނޑުފުނޑުވެދާނެހެން ހީވިއެވެ. ހިތް ނުހުއްޓޭނެކަމެއްވެސް ނޭގެއެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު ތުނބުޅި ރީތިވަރަކަށް ބަހައްޓާފައެވެ. ފަނޑު ހިނިތުންވުމެއް އެކުލެވޭ ތުންފަތެކެވެ.

"އާރ ޔޫ ސިންގަލް..."

"ނޫން. އައިމް މެރީޑް.." ނޯއާގެ ޖުމްލައައެކު ކަޒްޔާގެ ހިތަށް ނުބައި އިހުސާސެއް ކުރެވުނެވެ. ކުޝަން މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ.

 

ނުނިމޭ

ކޮމެންޓް 0