"ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ސުންނަތް އަމަލުކުރުން ރަމަޟާންމަހުގެ ފަހު ދިހަ ދުވަހަށްވުރެ ހެޔޮކަން ބޮޑެވެ. ލައިލަތުލް ގަދުރު ވިލޭރެ ފިޔަވައެވެ. އަދި ހަމަ އެފަދައިން ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ކުރާ ފަރުޟުކަންތައް އެހެން މަހު ކުރާ ފަރުޟުކަންތަކަށްވުރެ އަޖުރު ބޮޑުވެގެން ވެއެވެ." އަލްހާފިޒު ބިން ރަޖަބު ރަހިމަހުﷲ.

ވީއިރު ތަކްބީރު ތަހުމީދު ތަހްލީލު އަދި ތަސްބީހަ ކުރުން ގިނަކޮށް ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފާ ވަގުތުން ފަރުޟު ނަމާދުކޮށް ގިނަގިނައިން ސުންނަތް ނަމާދުކޮށް އިސްތިޣުފާރުކޮށް ދުއާކުރުމާއި ޒިކުރުކުރުން ސަދަގާތް ދިނުން ދީނީ އިލްމު އުގެނުން އާއިލާއަށް ވަގުތު ދިނުމުން ފަދަ އަޅުކަންތައް ކުރުމުގައި މި ދުވަސްކޮޅު ހޭދަކުރުމަކީ ތިމާގެ އަމިއްލަ ނަފުސަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމެވެ.

***

"އަހަންނަށް ނައިޓްމެއާސް ފެންނަނީ. އަންހެންކުއްޖަކު ޒޭވިއާގެ އަތުގައި ހިފާ ގެންދާތަން. ވައިޓް ޑްރެސްއެއްގައި ހުރި ތަންކޮޅެއް ޔަންގް ގާލްއެއް...." ދާލިއާގެ އެ ޖުމްލައިން ޒޭވިއާގެ މެޔަށް ފިނިވާގޮތްވިއެވެ. ދާލިއާ އެހެން ބުނީ ކޮންމެވެސް ހަގީގަތެއް އެނގިގެން އޭނާ ލައްވާ ތެދުބުނުވުމަށެވެ.

"ޕްރޮމިސްކުރޭ. އެހެން މީހަކާއި މެރީ ނުކުރަން...އަހަރެން މަރުވެދާނެ..." ދާލިއާ ޒޭވިއާގެ އަތުގައި ހިފައިލިއެވެ. ޒޭވިއާގެ އަތުގެ ތެރެއަށް އެތުނި އަތްތިލަ ލާފައި ފިތައިލިގޮތުން ކިތަންމެ އެއްޗެއް ބުނެދިނެވެ.

ޒޭވިއާގެ މޫނުމަތިން ޝުއޫރެއް ފައުޅުނުކުރިޔަސް ސިކުނޑިއަށް ހަލަބޮލިކަމެއް ވެރިވިއެވެ. އޭނަ އެންމެ ލޯބިވާ ދެފަރާތަށް ހަގީގަތް ފޮރުވުމަށްވުރެ މިވަގުތު އެކަށީގެންވާ ގޮތެއް ނެތެވެ. މަންމަ ފަހަރެއްގައިވެސް ދާލިޔާއަށް ޅީދަރިއެއްގެ މަގާމުދޭން އެއްބަހެއް ނުވާނެއެވެ. މަންމަގެ ހިތުގައި ޖައްސާލުމަކީ ޒޭވިއާއަށް ކުޅަދާނަކަމެއް ނޫނެވެ. ހަމަ އެގޮތަށް ދާލިއާއަށް އަޒާލިއާގެ ހަގީގަތް އެގިއްޖެއްޔާ ހިތް ހަލާކުވާނެއެވެ. ވީއިރު ބުއްދިވެރިގޮތަކީ އެދޭތެރޭގައި އިމެއް ވަކިކުރުމެވެ. "ޑަބަލް" ދިރިއުޅުމެއްގައި ހަޔާތް ވޭތުކުރާއިރު އަމިއްލަ ނަފުސަށް އޮތް ފުރިހަމަ އިތުބާރާއި ޔަގީންކަމެއްގެ ބޮޑުކަމުން ދުވަހަކު ބޭޒާރު ނުވާނެކަމުގެ ޔަގީންކަމުގައި އޭނަ ހުއްޓެވެ.

ސިކުނޑިއަށް ވެރިވި ވާންކަން ލުއިކުރަން ޒޭވިއާ ނިތްކުރީގައި އިނގިލިތަކުން ފިރުމައިލިއެވެ.

***

އަނާއަށް އަންނަމުން ދިޔަ ލޯބީގެ ނޯޓްތަކާއި މާބޮނޑި ޗޮކްލެޓާއި ހަދިޔާތަކުގެ އަސްލެއް ނޭގުނަސް އެއީ ބަލައިގަންނަން އުދަގޫކަމަކަށްވެސް ވިއެވެ. މީހެއްގެ ދީވާނާކަމަށް ހިތް ދީލާލުމުގެ ކުރިން އޭނަގެ އަމިއްލަ ހިތާމައާއި ޔަހްޔާގެ ހަދާންތަކުންވެސް ހިތް ފުރިފައިވިއެވެ. އެކަނިމާއެކަނި ފިހާރައަކަށް ދާން ނިކުމެވުނީ މުހިއްމު ކަމަކުއެވެ.

ކޮތަޅު ހިފައިގެން ނިކުމެވުނީ އަރްކާންގެ ކުރިމައްޗަށެވެ. އަނާގެ މޫނު ރަތްވީ ރުޅީގެ ސަބަބުންނެވެ. ބިރުވެސް ގަތެވެ. ފިނިގަނޑެއް ހަށިގަނޑުގައި ދަތުރުކޮށްލިގޮތުން "ޕެނިކް"މޯޑްއަކަށް ހަށިގަނޑު ދިޔައީކަން އެނގުނެވެ.

"އަނާ. މިއައީ ވާހަކައެއް ބުނަން...."

"އަހަރެމެން ދައްކަން ޖެހޭނެ ވާހަކައެއްނެތް.." އަނާ އަނެއް ފަރާތަށް އެނބުރުނެވެ. ތެޅެމުން ދިޔަ ހިތް ހަމަޔަކަށް އަޅުވަން މޭގައި ހިފަހައްޓާލެވިއްޖެއެވެ.

"އެހެން ނެތްނަމަ ދެމީހުން އެއް އިރެއްގައި ބައްދަލުވެފައި ނުވީސް. އަހަރެންގެ ހަޔާތަށް އަނާ އައީ ދެމީހުން ގުޅެން އޮތީމަ. ޔަހްޔާއާއި މެރީކުރީމަ އަހަރެން ކެތްކުރިން. މިއަދު ތިހިރީ ސިންގްލްކޮށް. އެހެންވެ ސީދަލަށް ބުނަންޏާ އަދިވެސް ބޭނުން..."އަރްކާން ވަގުތުން ނުކުތާއަށް ދިޔައެވެ.

"އަރްކާން ތަ ހުރިހާ އެއްޗެއް އެ ފޮނުވަނީ؟ "އަނާ ލޯ ބޮޑުކޮށްލިއެވެ.

"ތި ހީކުރެވުނީ ރަގަޅަށް.."

"ސުބުހާނަﷲ. ނޯއާ ޖަލަށް ލާ ބައްޕަ އެހާލުގައި ޖެހި މުޅި އާއިލާގެ އުފާވެރި ދިރިއުޅުން ހަލާކުކޮށްލި އާއިލާއެއްގެ މީހަކާ ގުޅުން ބޭއްވުމަށްވުރެ މަހަކާއި ރައްޓެހިވިޔަސް މާ ރަގަޅު...ސޮރީ............." އަނާގެ އަޑުގައި ސާބިތުކަމެއްވިއެވެ.

"އަނާ ތި ދެއްކި އެކްޒާމްޕަލް ފުދޭވަރަކަށް މަޖާ.." އަރްކާން ހިނިގަނޑެއް ޖަހާލާފައި ބުމަ ކައިރިކޮށްލިއެވެ."އަނާ އެކަމަކު އިތުރަށް ބަދުނާމްވެ އިތުރަށް އާއިލާ ހާލުގައި ޖެއްސުމުގެ ޒިންމާ އުފުލަން ބޭނުމީތަ؟ އަހަރެންގެ އަތުގައި ހުރި ދެމީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލާންވީ؟ އަދި ނޯއާ އަލުން ޖަލަށް ކޮށްޕާލަންވީ؟ އެވަރުގެ ބާރު އެބައޮތް.. ބައްޕައަކީ ރައީސްގެ އެއް އަތް. އެހެންނޫނަސް ..ސިޔާސީ މީހުންގެ ނުފޫޒު އޮންނާނެވަރު އެނގެއެއްނު. ބައްޕަ ކުރިމަތިލާފައިވާ ގޮނޑި ކާމިޔާބުކޮށް އަދި އެންމެ ޕަވާފުލް އެމްޕީއަށްވާނެ..."

އަރްކާންގެ ވާހަކައިން އަނާގެ މޫނުގެ ކުލައާއެކު ހިތްވެސް އޮއްސިގެން ހިގައްޖެއެވެ.

އަރްކާން އަނާ "ބްލެކްމެއިލް"ކުރީ އަނާއަށް ދެކޮޅު ހެދޭވަރަކަށް ނޫނެވެ.

"އަނާ ގޮސް މަންމަ ކައިރީ ބުނޭ އިންނާނީ އަރްކާންއާ އޭ.....އިތުރު އެއްވެސް ޗޮއިސް އެއް އަނާއަކަށް ނުދޭނަން..."

އަނާގެ އަތުގައި އޮތް ކޮތަޅުން އަރްކާންގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލާފައި ދުވަމުންގޮސް ގެއަށް ވަންގޮތަށް ބިންމައްޗަށް ތިރިވިއެވެ. އެހެން މީހަކާއި އެވާހަކަ ހިއްސާކުރުން ލަދުވެތިވީ އަރްކާންގެ އަތުގައި އޭނަގެ ފޮޓޯ ހުރިކަން އެނގޭތީއެވެ. މަންމަމެން އެހާ ފޮރުވައިގެން އުޅުނު ޖަވާހިރެއްފަދަ އަންހެންދަރިއަކު އަރްކާންގެ ދަލުގައި ޖެހި ސިއްރުން އެ ބޭއްވި ގުޅުންތައް މުސީބާތަކަށްވެގެން އޭނަގެ ދިރިއުޅުން ހަލާކުކުރަން ކުރިމަތިލައިފިއެވެ. އަރްކާންގެ ވަކިތަކުން ސަލާމަތްވާނެ ގޮތެއް ނޭގި ހާސްކަމާއި ކަންބޮޑުވުން އިތުރުވެއްޖެއެވެ. އަރްކާންގެ ފަރާތުން ސަލާމަތްކޮށްދެއްވަން އެދި ދުޢާކުރުން ފިޔަވާ ކުރާނެ އެހެން ކަމެއް ނުފެނުނެވެ.

 

***

ކަޒްޔާ ކޮޓަރިއަށް ލީ ކުޑަދޮރުގައި ދަގަނޑު ޖަހާ ބޭރަށް ނިކުމެވޭނެ ހުރިހާ ތަނެއް ބަންދުކޮށްފައެވެ. ކަޒްޔާ ޝަކުވާ ކުރާކަށް ނޫޅުނެވެ. ކޮންމެވެސް ދުވަހަކުން މިނިވަންވެ އުފާވެރިކަން ލިބޭނެކަމަށް އުއްމީދުކުރިއެވެ. ހެއްދެވިފަރާތަށް އިތުބާރު ކަނޑައިލާކަށް ނުވާނެއެވެ. އޭނައަށް ކެލިގްރާފީގެ މަސައްކަތަށް ވަގުތު ދެވި އެކަމަށް ހުރިހާ ސަމާލުކަމެއް ދެވޭނެއެވެ. ކަޒްޔާގެ އުމުރުގެ ކުއްޖަކަށް އެކަމަކު އެކަންތައް ވީ ހީކުރިވަރަށްވުރެ އުދަގޫކަމަކަށެވެ. މިނިވަންކޮށް އުޅުނު ދޫންޏެއް ފިޔަކޮށާލާފައި ކޮށްޓަކަށް ލުމުން "ޑިޕްރެސް"ވާނެ ވަރަށް އޭނައަށް ނަފްސާނީގޮތުން ބަލިކަށިކަން ކުރިމަތިވިއެވެ. ބައެއްފަހަރު ފާރަށް ބަލަން އިނދެ ހީހީފައި ވާހަކަދައްކައެވެ. އަމިއްލަ އާއިލާ މީހުންނަށް އެއްޗެހި ގޮވައެވެ.

ނަރުގިސް ކަޒްޔާގެ ކޮޓަރިއަށް ވަނީ ހަނަފީ ފޮނުވި ފޮށިގަނޑެއް ހިފައިގެންނެވެ.

"ކަޒްޔާގެ ބައްޕަ ފޮނުވި ސާމާނު. އަހަރެން ތި ކެނޑީ ހަމަ އެކްސްޓްރީމް އެއްޗެއް ފޮނުވަފާނެތީ....."

"ސޯ ބޭޑް.." ކަޒްޔާ ކަޅި އަޅައިލިއެވެ.

"ނަރުގިސް ރުޅިގަދަވެގެން ކަޒްޔާގެ މޫނުގައި އެތިފަހަރެއް ނުޖެހީ ކިރިޔާއެވެ.

"ކަޒްޔާއަށް ބައްޕަ ކުރި ކަމެއް އަދިވެސް ގޯހެއް ނުވޭތަ؟ ތިމާގެ ޅަ ދަރިއަކު ފައިސާއަށް ވިއްކައިލުމަށްވުރެ ދަރިއަކަށް ދެވޭނެ ބޮޑު އަނިޔާއެއް މަށަކަށް ނުފެނޭ. ކަޒްޔާ ހޯމް ސްކޫލިން ހަދަން ޓީޗަރެއް ގެންނަން މިއުޅެނީ. ބިހޭވް ކުރައްޗޭ ނޫނީ ޖަވާބުދޭނީ އަނގަޔަކުން ނޫން......." ނަރުގިސްގެ މޫނުމަތިން ހަރުކަށިކަން ފެނުނެވެ.

"ކޮންތާކުން ތިހާ އަނިޔާކުރަން ދަސްކުރީ؟ ސިކްރެޓެއް ބުނެފާނަން. ގަމަރިއްޔާ ދައްތަ މަރައިލީ ޔޯ ހަޒްބެންޑް މިސްޓަރ ނަވާބު....ބޮޑުމަތިމަސްގަނޑު ކޮށާލާ އޭނައަށްކާން ދީފައި ހުއްޓައިލާނީ....."

"ކަޒްޔާ......." ނަރުގިސްގެ ވަރުގަދަ އަޑު ކޮޓަރިތެރޭ ގުގުމައިލިއެވެ.

"މަންމަ ހަޅޭއްލެވިޔަސް ބިރެއް ނުގަނޭ. އަދިވެސް އޭނަގެ ކުށް ފޮރުވަން މަންމަ ތިހުރީ. އިޔާން އިންޓަވިއު އެއް ނުނެގިގެން އެބައުޅޭ. އިންޓަވިއުގައި އެންމެ ކުރިން ކިޔާދޭނީ ގަމަރިއްޔާ ދައްތަ އަހަންނަށް ފޯނެއް ގަނެދިނީމަ ނަވާބުއަށް އެނގިގެން ތަޅާ މަރައިލި ވާހަކަ. އެކަމަކު ސްޓްރޯކެކޭ........" ކަޒްޔާ އެދުވަހު ކަންހިނގިގޮތް ކިޔައިދިނީ މަންމަ ގަބޫލުކުރާނެ ކަމުގެ އުއްމީދުގައެވެ.

"މީ ހާދަ އަނގަވެސް ގަދަ އަންހެނެކޭ. އެހާ އަޑު ހަރު. އެއްވެސް މެނާއެއް އެއްޗެއް މިކުއްޖާގެ ބައްޕަ ދަސްކޮށްދީފައެއްނެތް......." ނަރުގިސް އަތް މުށްކަވާލައިގެން ހުރެ ކޮޓަރީގެ ތެރޭ ދެކޮޅަށް ހިގަންފެށިއެވެ.މަންމަ ރުޅިގަދަވުމުން ތުން ފިތަ ފިތާފައި ލޮލަށް އެ ހަދާ ގޮތްތައް މަޖާވިއެވެ.

"ނަވާބު އަކީ ފިރިހެނެއްވެސް ނޫނެއްނު. ފިރިހެނުން ބާރެއްނެތް އަންހެނުންނަށް އަނިޔާ ނުކުރާނެކަމުގައި އަޑުއަހަނީ.............." ކަޒްޔާ މަޖާވެފައި އަދިވެސް މަންމަ ރުޅި އަރުވައިލަންވެގެން ބުނެލިއެވެ.

"ނަވާބަކީ މީހުންނަށް އަނިޔާވެރިވާނެ މީހެއްނޫން. އަނިޔާވެރިވާނެނަމަ އަހަރެންގެ ގައިގާ ފަތަކުންވެސް ޖަހާލާފައެއް ނުހުންނާނެ..."

ކަޒްޔާ ފޮށިގަނޑުގައި ހުރި އެއްޗެހި ބަލައިލިއެވެ.

ކުރެހުމަށް ބޭނުންވާ ސާމާނުތަކާއި ފޮތް ކޮޅެކެވެ. ޗިޕްސްއާއި ޗޮކްލެޓް އަދިވެސް ތަފާތު ވައްތަރުގެ ކާ އެއްޗިއްސެވެ. ނަން ހުސްކޮށެވެ. އޭނަ ކެއުމަށް ފޯރި ހުންނަވަރު ބައްޕަދަނެއެވެ. ނަމަވެސް މިހާރު ކާ އެއްޗެއްސާއި ދުރުވެގެން އުޅުމުގެ ސަބަބުން ހިކިކަމުން ކަށިކޮޅެއްފަދައެވެ. އޭނައަށް އެގެއިން ގެނެސްދޭ ކާ އެއްޗެހި މިހާރަކަށް އައިސް ކާހިތް ނުވަނީއެވެ. ބަނޑުހައިކަމުގެ ހަޅުތާލެއް ކުރުމަށް މިވަރުވެސް އެންމެ ރަގަޅު ނޫންހެއްޔެވެ؟

"އެންމެ ސްވީޓެސްޓް ބައްޕަ. ދުނިޔޭގައި ހުރި އެންމެ ބެސްޓް ބައްޕަ..." ކަޒްޔާ ފޮށިގަނޑު އެނދުމަތީ ބަހައްޓާފައި ބައްދާލަމުން ހިނިތުންވެލިއެވެ.

"ނަވާބުގެ ތުއްފާހުގައި އުޅެމުން ތިހެން ބުނަން ލަދުވެސް ގަންނަން ޖެހޭނެ....."

"ނަވާބު. ނަވާބު....މަންމަ ތަސްބީހައެއް ކިޔަނީ؟ ފޫހި ނަމެއް ފޫހި މީހާގަނޑެއް. އެންމެ ފޫހިވަނީ އެ މަތިމަސްދެކެ. އިންޑިއަން ސްޓައިލް ބޮޑު މަތިމަސް ފެނުނީމަވެސް މީހަކު ފޫހިވެގެން ހަލާކުވާނެ. މަންމަ ގޮސް އޭނަ ގާތު ބުނެދީފާނަންތަ އަހަރެން އޭނަގެ ގޭގައި ހުންނާނަކަށް އޭނަގެ ކާ އެއްޗެއް ކާން އަދި އޭނަ ދޭ އެއްޗެއް ލާންވެސް ބޭނުމެއްނޫނޭ. މަންމައާއި ދޮންތިއެއްނު އޭނަގެ ފައިސާއިން ބޭނުންކުރަނީ. އައި ހޭޓް ލިވިން އިން ދިސް ހެލް. ބައްޕަގެ ގެ އެތައް ހާސް ބައި ރަގަޅު. އެއީ އަހަރެންގެ ޖަންނަ..."

އެންމެފަހުން ނަރުގިސްގެ ހަމަލާއެއް ކަޒްޔާގެ ގަޔަށް އަރައިފިއެވެ. ކަޒްޔާ އަތުގައި މަޑުމަޑުން ފިރުމައިލުމަށްފަހު ދުރަށް ދިޔައެވެ. މަންމަ އޭނަ މަރައިލިކަމުގައި ވިޔަސް އޭނަގެ ހިތް ނަވާބަށް ހެޔޮވާނެ ގޮތެއްނެތެވެ. ގަމަރިއްޔާއަށް ކުރި އަނިޔާތައް ސިކުނޑީގެ ކެމެރާގައި އޭނަ ރައްކާކޮށްލައިފިއެވެ. އަމިއްލަ ނަފުސަށްވުރެ ކަޒްޔާއަށް އޭނަ ލޯބިވާ މީހުން މުހިއްމުވިއެވެ. އަނިޔާ ކުރަންޏާ އޭނައަށް އަނިޔާކުރާށެވެ. ތަޅާ މަރާވެސް ލާށެވެ. އޭނަގެ ޝަކުވާއެއް ނެތެވެ.

***

ކަޒްޔާއަށް އިޔާންގެ ބެލުންތަކުން އުދަގޫވިއެވެ. އިޔާން އެކޮޓަރި ކައިރިން މާ ގިނަފަހަރު ފެންނާތީ އޭނަ ހުރީ ފޫހިވެފައެވެ. ކައިޝާ ރައްޓެހިވެގެން އުޅޭ ކުއްޖާ އޭނައަށް އެފަދަ ގޮތަކަށް ބަލައިގެން ނުވާނެއެވެ. ކައިޝާ އަށް ކިޔާ ދިނަސް ގަބޫލު ކުރާނީއެއްވެސް ނޫނެވެ. އެހެން ހުއްޓާ މަންމަ އޭނަގެ ގައިގާ ޖެހި ދުވަހު އިޔާންއަށް ލިބުނު ފުރުސަތެއްގައި އެތަނަށް ވަދެ ފާޑަކަށް އުޅެގަތުމުން ކަޒްޔާ އައި ރުޅީގައި ބިއްލޫރި ފުޅިއަކުން ބޮލަށް ދިން ހަމަލާއިން ލޭގަނޑު އޮހިގަތުމުން ބިރުވެސް ގަތެވެ. ކަޒްޔާ ނުކުމެ މީހަކު މަރުވަނީއޭ ކިޔާ ހަޅޭއްލަވައިގަތުމުން ކައިޝާ އަރްކާން އަދި ނަރުގިސްވެސް ދުވަމުން އައީ މަރުވަނީ ކާކުކަން ނޭގި ހާސްވެފައި ތިބެއެވެ.

"އޭނަ މި ރޫމަށްވަދެ އަހަރެންގެ އަތުގަޔާއި ކޮލުގައި ހިފައިލީމަ ރުޅިއައިސްގެން ފުޅިއަކުން ބޮލުގައި ޖެހީ...." ކަޒްޔާ ހަގީގަތް ކިޔައިދިނެވެ.

"ދޮގު. އައި އާސްކްޑް ފޯ ދެޓް އިންޓަވިއު..އިންޓަވިއު ދޭން އެއްބަސްވެ އަންނަން ބުނީމަ އާދެވުނީ...ކަޒްޔާ ރުޅިއައީ އަހަރެން ނޯއާއަށް އެއްޗެކޭ ބުނީމަ......" އިޔާން ވަގުތުން ދިފާއުގައި ބުނެލިއެވެ.

"ކަޒްޔާ އަބަދު ދޮގުހަދާ ކުއްޖެއްގެ ވާހަކަތައް ގަބޫލެއް ނުކުރެވޭނެ. ކިތައް ދޮގު ހަދާނީ..ވައިލެންޓް ކަމުންގޮސް މޮޔައިންގެ އެސައިލަމްއަކަށް ލާން ޖެހޭވަރު ވެއްޖެ. އިޔާންއަކީ ނޯއާހެން ޅަ ކުދިންނާއި ހެދި އުޅޭ ވައްތަރެއްނޫން. ކިތަންމެ ބުންޏަސް އޭނަ ދޯ ކަޒްޔާއާއި އިނީ..މަންމާ. ކަޒްޔާ މިހެން އުޅެންޏާ ރަށަށް ފޮނުވައިލާ. މިގޭގައި ހުރެގެން ފިތުނަ ހެދުން ނޫންކަމެއް ނުކުރޭ...." ކައިޝާ އެންމެންގެ ކުރިމަތީގައި އެއްޗެހި ކިޔާލިއިރު ކަޒްޔާ ހަށަން ބަދެލައިގެން އަޑު އަހަން ހުއްޓެވެ.

"ތިއަށްވުރެ ބޮޑު ނަސީބަކީ ކޮބާ..." ކަޒްޔާ ހީގަތެވެ.

ކައިޝާ ލަދުގަތްވަރުން އިޔާންގެ ދިފާއުގައި އަނގަ ހުޅުވިޔަސް އޭނަގެ ކޮއްކޮ މިފަދަ ކަމެއްގައި ދޮގު ނަހަދާނެކަން ޔަގީންވިއެވެ. އިޔާންގެ ފޯނުން ކަޒްޔާގެ ފޮޓޯގަނޑެއް ފެނިގެން ކުރީ ދުވަހު ސުވާލުު ކުރުމުން ބުނީ ނޫހުގައި ޖަހަންވެގެން ނެގި ފޮޓޯއެއް ކަމަށެވެ. އިޔާންގެ މަކަރުވެރިކަމާއި އޮޅުވާލުންތަކުން ހިތުގައި ފޫހިކަމެއް އުފެދުނެވެ. އަރްކާން އިޔާންގެ ކޮނޑުގައި އަތުން ޖަހާލާފައި އެދުނީ އެތަނުން ނިކުތުމަށެވެ. ކޮންމެފަދަ ސަބަބަކާއިހުރެވެސް ކަޒްޔާގެ ކޮޓަރިއާއި ހަމަޔަށް އައުމަކީ އިޔާން ހެދި ގޯހެއްކަމުގައި ބުނުމުން ކައިޝާ އިތުރަށް ލަދުގަތެވެ. އިޔާންގެ ލޮލުން ކައިޝާއަށް ހުރިހާ މަކަރެއް ސާފުވެ ހަގީގަތް ހާމަވެއްޖެއެވެ.

ނަމަވެސް އިޔާންގެ އެފަދަ ކުޑަ ކުށަކާއި ހުރެ ރުޅިވެވޭވަރަށްވުރެ އެދެމީހުންގެ ގުޅުން އޮތީ ކުރިއަށް ގޮސްފައެވެ.

***

ކަޒްޔާ އަރްކާންއަށް ގަމަރިއްޔާގެ ހުރިހާ ވާހަކަތަކެއް ކިޔާދީ އިންސާފު ހޯދަދޭން އެދުނެވެ. އަރްކާންދެކެ ގަމަރިއްޔާ ދަރިއެއްފަދައިން ލޯބިވިކަމަށާއި "ނެނީ"ގެ ގާތިލު ދޫކޮށްލައިގެން ހުރުމަކީ އެކަށީގެންވާކަމެއްތޯ ސުވާލުކުރިއެވެ.

"މިގޭ އެންމެނަކީ އަނިޔާވެރިން." ކަޒްޔާ ފާޑަކަށް ބުނެލިއެވެ. އަރްކާން ޔަހްޔާގެ މަރާއި ގުޅިގެން ދެކެވުނު ވާހަކަތައް ބުނަން އުޅެފައިވެސް ކަޒްޔާ އެވާހަކަ ދިރުވައިލިއެވެ. އޭނައަށް ހަގީގަތް ނޭގި ހެއްކެއް ނެތް ވާހަކައެއް ދެއްކުމުގެ މާނައެއްނެތެވެ.

"ކިހިނެއް ކަޒްޔާ ތިބުނަނީ ތެދެއް ކަން ގަބޫލުކުރާނީ..ޝީ ޑައިޑް އޮފް އެ ހެމޮރެޖިކް ސްޓްރޯކް...." އަރްކާން ގަދަ ބުމަ ކައިރިކޮށްލައިގެން ހުރިއިރު އިނގިލިތައް އެތައް ފަހަރު މުށްކަވާލާފައި ހުޅުވާލައިފިއެވެ.

"ވެލް......ޔޫ ހޭވް އެ ބަރަބޯ ސިކުނޑިއެއްގެ ބަދަލުގައި. ނަވާބު ދިފާއުކުރަން މިގޭ އެންމެން ތިހާވަރު ވަންޏާ ބުނާނެ އެއްޗެއް ނެތް. ގަމަރިއްޔާދައްތައަށް އިންސާފު ލިބޭނެ އަދި. ގިޔާމަތް ދުވަހު. އެކަމަކުނަވާބުއަށް އަހަރެން މި ނަރަކައިން ނުކުތް ދުވަހަކުން ލަނޑެއް ދޭނަން. ބަލައްޗޭ...ލުކް ދޮންބެ. އައި ނޯ ހީޒް ޔޯ ފާދަރ...ކައިޝާވެސް ބުނާނެ ދޮންބެގެ ބައްޕައަށްވީމަ ރެސްޕެކްޓްކުރާށޭ. އެކަމަކު އިހުތިރާމްކުރެވޭނީ އިހުތިރާމް ލިބިގަންނަން އެނގޭ މީހުންނަށް. އޭނަ ގަމަރިއްޔާދައްތަފަދަ މުސްކުޅި ބަލިކަށި އަންހެނެއްގެ ގައިގާ ތަޅައިގަތީ ކުޑަ ފޯނަކާއިހެދި. އަހަރެން މަރާލިނަމަވެސް އެންމެ ރަގަޅު. އައި ކުޑް ހޭވް ފޮގިވްޑް. އެކަމަކު މިގޭތެރޭގައި އިންސާނެއް ކަމުގައި ދެކުނު އެހާ މާތް މީހަކަށް ހެދިގޮތުން ނަވާބުއަށްޓަކާ ފޫހިކަން ނޫން އެއްޗެއް ނެތް..." ކަޒްޔާ ކޮޓަރިތެރޭ ހިގަމުން ވާހަކަދެއްކިއެވެ.

"ސްޓޮޕް އެކްޓިން ލައިކް ޔޫ އާ އެ ޑިޓެކްޓިވް އެންޑް ޑޫ ސަމްތިން ޔޫޒްފުލް. އޮންލައިން އިންގްލިޝް ކްލާހަކަށް ލާ ދޭންވީތަ؟"އަރްކާން ކަޒްޔާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ.

***

އަރްކާން ރިސެޕްޝަނަށް ގޮސް ގަމަރިއްޔާގެ ފައިލް ބަލަން ބޭނުންވާކަމަށް ބުނެފައި ދުވަހުގެ ތާވަލްއަށް ބަލައިލިއެވެ. އަނާއަށް މަޖުބޫރުކުރަމުންގޮސް އެންމެފަހުން އެކުއްޖާ އަށް ގޮތް ހުސްވެ އަރްކާންއާއި އިންނަން އެއްބަސްވިއެވެ.

"ހެހެ. ފައިނަލީ..." އަރްކާންގެ ބުމަ ދުރުވެލިއެވެ.

"ބޭޑް ޑޭ އަކަށްފަހު އަނާގެ ޔެސް އިން ހުރިހާ ސްޓްރެސް އެއް ފިލައިފި. މައި އަނާ.............."އަރްކާން މެސެޖްކޮށްލައިފިއެވެ. ބްލެކްމެއިލްކޮށްގެންވެސް އޭނަ ހާސިލުކުރަނީ އޭނަ އެންމެ ކުރިއްސުރެ ހިތުގައި އެޅި އަންހެންކުއްޖާއެވެ. އޭނައަށް ކެހިދީފައި އެހެން މީހެއްގެ ބައިވެރިއަކަށް ވިޔަސް ކޮންމެވެސް ދުވަހަކުން ހާސިލުކުރަން ޖެހޭނެކަމަށް އޭނަ ދެކުނެވެ. އަނާގެ ބޭވެފާތެރިކަމުން ހިތުގައި ނަފްރަތުގެ ކުލަ ޖައްސަން ލިބި ބަދަލުހިފޭނެ މަގު ތަނަވަސްވިޔަސް އަރްކާންގެ ނިޔަތުގައި ގޯސްކަމެއް ނެތެވެ. އޭނަ ބޭނުމީ އަނާ ހަޔާތުގައި ހުރުމެވެ. އެހެންމީހަކަށް ދޫކޮށްލައިގެން ހުރެވޭވަރަށްވުރެ އޭނަގެ އަމިއްލަ އެއްޗެއް ކަމުގައި އޭނަ ދެކުނެވެ. ގަދަކަމުން ހާސިލުކޮށްގެންވެސް އޭނައާއި އަނާގެ ހަޔާތުގައި ރީތި ކުލަތައް ޖެއްސޭނެ ދުވަހަކަށް އޭނަކުރި ދިގު އިންތިޒާރު ނިމުމަކަށް އަންނަނީއެވެ.

***

ހީނާ ޚާން އިންގްލެންޑުން އެނބުރި އައުމުން ލިބުނު ޝޮކާ ހިތްދަތިކަމާއެކު މާހިރާގެ ލޮލުން ކަރުނަ ހިފެހެއްޓުން ދަތިކަމަކަށްވިއެވެ. އޭނައަށް އޮޅުވާލާފައި އެކުއްޖާ އެތަނަށް ދޫކޮށްފައި އައި އައުން ގަބޫލުކުރާނެ ގޮތެއް ނޭގުނެވެ. އަލާޔާއަށް ގުޅުމުން ޚަބަރު ބަލައިލާނެ ކަމަށް ބުނެ މަންމަގެ ހިތް ހަމަޖައްސާދިނެވެ. ފަހުން އަލާޔާ ބުނީ އަޒާލިއާ ހުރީ ހޮސްޓެލްއެއްގައި ކަމަށާއި ހުރިހާ ކަމެއް ރަގަޅުކަމުގައެވެ. މަންމަ ހީކުރާ ވަރަށްވުރެ ޒޭވިއާ މާތްވާނެކަމުގައި ބުނެ މަންމަގެ ހިތަށް ތަސައްލީ ލިބޭނެހެން ވާހަކަދެއްކިއެވެ. އަޒާލިއާވެސް މަންމައައި ވާހަކަދެއްކިއެވެ.

"މަންމާ. އަޅުގަނޑު މިހިރީ ހޮސްޓެލްގައި. ވަރަށް ހިތްހަމަޖެހިގެން. ކިޔެވުން ނޫން އެހެން އެއްވެސް ކަމެއް ބޮލުތެރެއަކު ނެތް. ޗުއްޓީއެއް ލިބުނަސް އަލާޔާ ކައިރިއަށް ދާނީ......މަންމަ ކަންބޮޑުނުވޭ. ކިޔަވާ މޮޅު ކުއްޖަކަށްވެގެން އައީމަ މަންމަ ކިހާ އުފާވާނެ."

މާހިރާގެ ހިތަށް ލިބުނު އުފާވެރިކަން ދެމިގެން ދިޔައީ ކުޑަ ހިދުކޮޅަކަށެވެ. އަނާ ދެއްކި ވާހަކައަކުން މުޅި ގޭތެރެ ހަލަބޮލިކޮށްލައިފިއެވެ. ހީނާ ޚާންގެ އަޑު އެންމެނަށްވުރެ ގަދައެވެ.

"އަނާ ދުޝްމިނުންގެ ތެރެއަށް ވަންނަން އުޅޭއިރު ބޭބެއަށް އެ ހާލު ޖެހުނީ އެމީހުންގެ ސަބަބުން. ކަޒްޔާގެ ބޭބެއޭ އެއީ. ކަޒްޔާ ނޯއާ ބަދުނާމުކޮށް ކޯޓަށް ދޮގު ބަޔާންދީ އެކުއްޖާގެ ކުށެއްނެތި ޖަލަށް ލީ....އަނާ ތިކަން ހުއްޓައިލާ..."

"ހީ ވޯޒް މައި ފަސްޓް ލަވް..ވަރަށް ދުވަސްވާންދެން ސިންގްލްކޮށް ހުރެވިއްޖެ. މިހާރު ބޭނުމީ މެރިކުރަން. އެއީ އަރްކާންއާ......ތާރީޚުވެސް ހަމަޖައްސައިފިން...." އަނާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ.

ހީނާ ޚާން ގެ މޫނަށް ވެރިވި ކުލަވަރު ދެކެފައި މާހިރާއަށް އިސްޖެހުނެވެ. އޭނަގެ ތަރުބިއްޔަތުކުރުމުގައި ހުރި އުނި ކަންތައް ދައްކައިގެން މިއަދު ހީނާ ޚާން މަލާމާތްކުރާނެއެވެ. އޭނައަށްވުރެ އަންހެން ދަރިން ރަގަޅަށް ތަރުބިއްޔަތު ކުރަން އެނގުނު އަންހެނަކު އެ އާއިލާގައި ނެތްކަމުގެ ދައުވާ ނުކުރިޔަސް އެންމެނަށް ހީވެފައި އޮތީ އެހެންނެވެ.

މާހިރާގެ ފައިގައި ކޮޅަށް ހުންނާނެވަރު ނެތި ވާގި ހުސްވިއެވެ. އިށީދެވުނުގޮތަށް ލޮލުން ކަރުނަގަނޑު ބާލާފައިވެސް މާހިރާ އެކައިވެންޏަށް ހުއްދަދިނެވެ. އެކުއްޖަކު ހަޔާތުގެ ބައިވެރިޔަކު ޚިޔާރުކުރުމަކީ އަމިއްލަ ހައްގެއް ކަމަށާއި އެކުއްޖަކު ބޭނުންގޮތަކަށް އުޅެންވީ ކަމުގައި ބުނީ ހިތުގައި ހިލަގަނޑެއް ބާއްވަމުންނެވެ. އަނާއަކީ ކުރީއްސުރެން ތަންކޮޅެއް ގޮތްދޫނުކުރާ މިޒާޖެއްގެ އަންހެންކުއްޖެކެވެ. އެކަން ވާރުތަވީ ބޮޑުދައިތަ ހީނާގެ ފަރާތުން ނޫންކަމެއްވެސް ނޭގެއެވެ. މަންމައަށްވުރެ ބޮޑަށް އަނާއަށް ލިބުނީ ކަޝްމީރުގެ ސިފަތަކެވެ. މަޑުކުލައެއްގެ ލޮލަކާއި ފިޔާތޮށި ދޮންކުލަ އަދި މުށި އިސްތަށިގަނޑެވެ.

"ތެންކިއު މަންމާ. ހެޔޮ ދުޢާ ކޮށްދެއްޗޭ. މަންމަގެ ބްލެސިންއާއިއެކު ހަޔާތެއް ފެށުމުން ދެރަގޮތެއް ނުވާނެ..." އަނާ ގޭތެރެއަށް ވަދެގެން ދާން ހިނގައިގަތެވެ.

"މާހިރާއަށް ސާބަސް. އޭނަ އެކައިވެނި ކުރުވުނަ ނުދީ..." ރުޅީގެ ސަބަބުން އޭނަގެ މޫނު އެއްކޮށް ރަތްކޮށްލައިފިއެވެ.

"އަނާއަށް ލިބުނީ ރަގަޅު ފިރިއެއް. އެކަމަކު އިމްތިހާނެއް ކަން ނޭގޭ. އެކުއްޖާ ނިޔާވީ. އަނާ އެކަމާ ވަރަށް ހިތާމަކޮށްފި. މިއަދު ކައިވެންޏެއް ކުރަން ބޭނުންވެގެން އަހަރެން އެކަން ހުއްޓުވުމަކީ ރަގަޅުގޮތެއްކަމަށް ނުފެނުނު. އަނާއަށް ރަގަޅު ގޮތެއް މެދުވެރި ކުރައްވައިފިއްޔާ ކިތަންމެހާވެސް ރަގަޅު..އަރްކާންއަކީ ޑޮކްޓަރެއް. ޓީވީއިން ފެނެއެއްނު. އެހެންވީމަ އަދި އެމީހުން އަހަރެމެންނާއި ޚިޔާލު ތަފާތުވިޔަސް އަނާގެ ސަބަބުން އެމީހުންނަށް ހިދާޔަތްވެސް ދައްކަވައިފާނެ......."މާހިރާގެ ވާހަކަތައް އަހަން ސިއްރުން ހުރި އަނާއަށް ރޮވެމުން ދިޔައެވެ.

***

އަރްކާން އަނާއާއި ކައިވެނި ކުރަން އުޅޭ ޚަބަރު ލިބުމުން ކަޒްޔާގެ ހިތަށް ބުނަން ނޭގޭފަދަ ލޮޅުމެއް އެރިއެވެ. ނޯއާއާއި އެއްބަނޑު އެއްބަފާ ކުދިން އޭނަ ދަނެއެވެ. އަޒާލިއާގެ އިތުުރުން އަލާޔާ އާއި އަނާގެ ތެރެއިން ދެކުދިން ކައިވެންޏަށްފަހު ދިރިއުޅުނީ ޔޫކޭގައެވެ. އަނާގެ ފިރިމީހާއަކީ ޔަހްޔާކަން އެނގުމާއެކު ހައިރާން ކުރުވީ އަނާ ޔަހްޔާގެ ގާތިލްއާއި ކައިވެނި ކުރަން އެއްބަސްވީމައެވެ. އަނާއާއި ދިމާވާނެނަމައެވެ.

ކަޒްޔާ އޭނަ އާއްމުކޮށް ލައި އުޅޭ ޖިންސާއެކު ގަޔަށް ދޫކޮށް އޮތް ޓީޝާޓުލުމުން ގައިގެ އެއްވެސް ތަނެއްގައި ލައްވާނުލިއެވެ. ކުރިއަށްވުރެ މާ ބޮޑަށް ހިކީއެވެ. ގައިގެ ތަނެއްގައި ލައްވާނުލައެވެ. ކޮޓަރިން ބޯ ދިއްކޮށްލިތަނުން އަރްކާން އަންނަތަން ފެނި ކަޒްޔާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ.

"ކޮންގްރާ. އަނާއާއި މެރީކުރަނީ؟"

"ކާކު ބުނީ؟ "އަރްކާން ނުރުހުންވެފައި ބުނެލިއެވެ.

"ކައިޝާ...އެކަމަކު އެހާ މައްސަލަ ޖެހިފައި އޮތް ފެމިލީއެއްގެ ކުއްޖަކު ނޫން މީހަކު ދޮންބެއަށް މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީ؟ އެމޭޒިންގްލީ ޝޮކިން އެންޑް އައި ސްޓިލް ފީލް އިޓްސް އެ ޑްރީމް...." ކަޒްޔާ އަމިއްލަ އަތުގައި ވިކައިގަތީ ހުވަފެނެއް ނޫންކަން ޔަގީންކުރަން ވެގެންނެވެ.

"ދެ އާއިލާގެ މައްސަލައެއް އޮތަސް އަނާއަކީ ކުރީއްސުރެ ދަންނަ ކުއްޖެއް. ފެމިލީ ރިލޭޝަން ގޯސްވުންއެއީ އެހެން ކަމެއް...."

"ވައި އަނާ...." ކަޒްޔާ ހާސްފަހަރު ސުވާލުކުރަން ބޭނުންވިއެވެ. އޭނަ އަނާއާއި ކައިވެނި ކުރަނީ ކީއްވެހެއްޔޭ ތަކުރާރުކޮށް ސުވާލުކުރިޔަސް އަހަން ބޭނުންވަނީ އަދި އެހެން ސުވާލެކެވެ.އޭނަގެ ސުވާލަކީ ޔަހްޔާގެ ގާތިލުކަން އެނގިހުރެ އަނާ އެކައިވެނިކުރަނީ އެހާވެސް ލޯބިވާތީތޯއެވެ. ބައެއްފަހަރު ލޯބިވެރިންވެގެން ފިރިމީހާ ނޫނީ އަނބިމީހާ މަރާލާފައިވެސް އެބަހުއްޓެވެ. އެކަމަކު އެވަރުގެ އެއްޗެއް ބުނެފިއްޔާ އަރްކާންގެ ފަރާތުން ރައްދު އަތުވެދާނެގޮތަކާއިމެދު ވިސްނައިލަން ޖެހުނެވެ.

"ސްވީޓްހާޓް. ކުޑަކުދިން އަނގަގަދަ ނުކޮށްބަލަ..."

ކަޒްޔާ އަރްކާންގެ ލޮލަށް ބަލަން ހުރީ ތަފާތު ނަޒަރަކުންނެވެ. އޭނައަށް ހަގީގަތް އެނގޭކަން އަރްކާންއަށް އަންގަން ބޭނުންވިއެވެ.

 

ނުނިމޭ

ކޮމެންޓް 0