"ގުރުއާނަކީ ގިނަ ގުނަ ފާހިޝް އަމަލުތަކުން ދުރުކޮށްދޭ އައްޑަނައެކެވެ. ކޮންމެ ދުވަހަކު މަދުވެގެން ފަނަރަ ވަރަކަށް މިނިޓުވާންދެން ގުރުއާން ކިޔަވައިލާ ނޫނީ އަޑު އަހާލައިގެން ފާފަތަކުން ދުރުވެގަންނާށެވެ. ގުރުއާނަކީ މާތްﷲގެ ވަހީބަސްފުޅެވެ. އޭގައި އަންގަވާފައިވާ ގޮތަށް އުޅުމުން ދެދުނިޔޭގެ ނަސީބު ލިބޭނެކަން ކަށަވަރެވެ. "

***

"ޔާޔާ..ކިހިނެއްވީ؟ ނުރޮއި ވެގެން އުޅޭގޮތެއް ބުނެބަލަ....."އަޒާލިއާ ހާސްވެގެންގޮސް އެފިނިރޭގައިވެސް ދާތިކިތައް ހިއްލާލައިފިއެވެ. ކަޒްޔާއާއި ދިމާވީ ކޮންފަދަ ހާދިސާއެއް ބާވައެވެ. ވަގުތުންގޮސް ނޯއާގެ ކޮޓަރީގެ ދޮރު ހުޅުވައިލެވުނީ ކަންފަތުގައި ފޯނު ޖަހައިގެން ހުރެއެވެ. ލަދުންގޮސް މޫނަށް ވެރިވީ ރަތްކުލަ ކަންފަތު ފޫޅުގަނޑާއި ހަމަޔަށް ނުދާކަމެއް ނޭގެއެވެ. ކުރިމަތީގައި ޒޭވިއާ މިހިރީ ހަމައެކަނި ސޯޓެއްލައިގެން ފުޅާ މޭމަތި ހާމަކޮށްލައިގެންނެވެ.

"އާ ޔޫ ސްޓޯކިން މީ އަޒާލިއާ؟ "ޒޭވިއާ އެހީ ނިކަން ސީރިޔަސްކޮށެވެ.

"ނޫން. ދޮންބެ ރޫމްގައި އުޅޭނެކަމެއް އެނގޭނީ ކިހިނެއް؟ "

"ފާރަލާ ހޯދާ ބަލާ މީހަކަށް ނޭގޭނެކަމެއް ނުވާނެ." ޒޭވިއާ ހުރީ ބުމަ ގޮށް ޖަހާލައިގެންނެވެ. އޭނަގެ މަންމަ ކުރިމަތީގައި މޫނު އަލިކޮށްގެން ހުއްޓަސް އެކަނިވުމުން ދެބުމަ ދުރުކޮށްލާ އިރެއް ނުދެއެވެ.

"މި ރޫމްގައި ކީއްކުރަނީ؟ "

"އަޒާލިއާގެ މަންމައަށް ފެނިގެން އިންވެސްޓިގޭޝަނަކަށް ނުދަނީސް މިތަނުން ދިޔައްޔާ ރަގަޅުވާނީ......"ޒޭވިއާ އަތުން އިޝާރާތްކުރީ ކޮޓަރިން ނުކުތުމަށެވެ. އަދި ދޮރު ލައްޕާލައިފިއެވެ. އަޒާލިއާ އިތުރަށް ލަދުގަނެގެން ބިމުގެ އަޑިއަށް ވަންނާނެނަމައޭ ހިތަށް އެރިއެވެ.

"ހީ ހޭޓްސް މީ....ކީއްވެ؟ ފްރެންޑް ވެވިދާނެއްނު. ކުރީކޮޅު ޒޭވިއާ ކިހާ ކައިންޑް މިހާރު ފޫހިވާންވީ ކީއްވެބާ. ކޮންމެވެސް ގޯހެއް އެބައުޅޭ......" އަޒާލިއާއަށްވެސް އެވަރު ދެނެގަނެވިއްޖެއެވެ.

އެހެން ޚިޔާލެއްގައި ބަދެވި ވަގުތުނަގާ ނުލާ ކަޒްޔާ ހުރިތަނެއް ހޯދުން މުހިއްމުވެ އޭނަ ކަޒްޔާ ކައިރިން ހުރިތަނެއް އަހަން އުޅެގަތެވެ. ކަޒްޔާ އަނގައިން ބުނާކަށް ބޭނުމެއްނުވިއެވެ. ފޯނުވެސް ކަނޑާލައިފިއެވެ. ކޮޓަރިތައް ހޯދާފައި ނިކުންނަނިކޮށް ޒޭވިއާއާއި ނޯއާ ވާރޭ ކޯޓުލައިގެން ނިކުންނަނިކޮށް ފެނުނެވެ. ޕަމްޕަކާއި އެކު ފްލޭޝްލައިޓެއް ލާފައިވާ ކޮތަޅެއް ޒޭވިއާގެ އަތުގައި އޮތެވެ.

"ދޮންބެ. ކޮންތާކަށް؟ "

"ބައްޕަ ކިޔާވަރުން މީހުންނަށް އެހީވާން ދާށޭ. ފެންބޮޑުވެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން މިދަނީ. ދީބާމެން ކާއެއްޗެހި ތައްޔާރުކުރަނީ. ލޫލޫމެން ބަތް ޕާރުސަލް ބަހަންފަށާ...." ނޯއާ ކަންނެތްވިޔަސް ބައްޕަމެންގެ ބަސް އަހައެވެ.

"މިއުޅެނީ ޔާޔާ ގެއްލިގެން...."

"އޯހް....ނޯއާ އެހެންވިއްޔާ ހުރިހާކަމަކަށްވުރެ މިކަން މުހިއްމުވެއްޖެއެއްނު. މިއޮތް ވިއްސާރަ ތޫފާނީ ރޭ އެ ކުއްޖާފުޅު މަގުއޮޅި ކަނޑަށްވެސް އެރިދާނެއްނު. މަގެކޭ ކަނޑެކޭ ތަފާތެއްނެތް...."ޒޭވިއާ ބުނެލިއެވެ.

"ތެދަށް ބުނަންތަ؟ މަށަށް ރަގަޅީ ގެއްލިއްޖެއްޔާ. ދުވަހަކު މަގޭ ކުރިމައްޗަށް ނައިއްޔާ...."ނޯއާގެ ފަރުވާލެއްނެތެވެ."ހުވަފެނުގައިވެސް އެކުއްޖާ ވާހަކަދައްކާހެން ހީވޭ. އަބަދު އެ ބާރު އަޑު ކަންފަތުގައި ގުގުމާފައި ހުންނަނީ. މަގޭ ކަންފަތްވެސް ކަނޑާލަންވީ..."

"ސޯ ހާޓްލެސް..." އަޒާލިއާ ރޮވިފައި ހުރެ ހިނގައިގަތެވެ. ހަރުވާޅު ހިއްލައިލީ ފެންގަނޑުން ސަލާމަތްކުރުމަށެވެ. ދޮން ފައިކުރީގައި އޮތް ރަނުގެ ކެވެލިފަށުގެ ސަބަބުން އެ ފައި މާ ރީތިކަމަށް ދައްކައެވެ.

"ތިދަނީ ކަޒްޔާގެ ގެއަށް؟ އެންމެ ރަގަޅު. ދޮންބެ މިދަނީ އެގެއަށް. މަޑުކުރޭ......."

"ނޯ......އައިމް ގޮއިން.." އަޒާލިއާ ހުރީ ނުރުހިފައެވެ.

"ބިޗުލެއް..." ނޯއާ އަޑުކޮޅަށް ބުނެލިއިރު އަވަސްކަމެއް ހުއްޓެވެ. އޭނަގެ ބޭނުން ހާސިލުކުރެވުނެވެ.

އަޒާލިއާ ރުވައިލި ދުނިދަނޑިއެއްހެން ފެންގަނޑުތެރޭ ބަކަތަޅަމުންގޮސް ފެންޑާއަށް އަރާފައި ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ބިރުންގޮސް ޚަބަރުހުސްވެދާނެފަދައެވެ. މޫނު ކަފަކޮޅެއްހާ ހުދެވެ.

"ހޫމް މިރޭ އިންސާނުން އެކަންޏެއްނޫނޭ. ހުރިހާ ދިރޭ މަޚުލޫގުންނެއްވެސް ރެފިއުޖީ ސްޓޭޓަސްގައި ގެދޮރު ގެއްލި މަގުމަތިވެ ފެނުތެރޭ ބެހި ބެހި...ލޫލޫ އަހަރެން އެގެއަށް ގޮއްސަ ގުޅާނަން. ނެތިއްޔާ މުޅިރަށު އެންމެން އެއްކޮށްގެން ކަނޑުގެ އަޑިއަށް ދާންދެން ސާޗްކުރާނީ. އައި ހޯޕް އެގޭގައި އޮންނަ މަސްޖެހި ފަލަ ހޯނު ބަޑުހައިވެގެން ޔާޔާ ކައިނުލާނެކަމަށް....." ނޯއާ ކުރިއަށް ހިނގައިގަތެވެ. އޭރު ވާރޭ ބޯކޮށްލައިފިއެވެ. އެވަގުތު މަގުގެ މެދުން ދުވެފައި އަންނަ ކުއްޖަކު ފެނި ޒޭވިއާ ނޯއާއަށް އެންގުމުން ދެމީހުން މަޑުކުރިއެވެ.

"ލޫލޫގެ ބެސްޓީ ޗަކަގަނޑުތެރޭވެސް ފެންގަނޑު ބުރުއްސަމުން އެބައާދޭ..."

"އަލްހަމްދުލިﷲ.." އަޒާލިއާ ހިނިތުންވެލިއެވެ.

ކަޒްޔާ އެމީހުންނާއި އަރާ ހަމަވިއިރަށް ނޯއާ ކަންފަތުގައި މަޑުމަޑުން އަތް ޖައްސާލައިފިއެވެ.

"ލޫލޫ...އަހަރެމެން ގޭގައިވެސް ފެންބޮޑުވެފައި އޮތީ. ވަގަކު ވަނީކަން ނޭގޭ ގޭގެ ދޮރުވެސް ވައްޓާލާފައި ބުޅާގަނޑެއް ވަދެ އޮތީ. ނޯހް ގެއްލިއްޖެ..އެކުއްޖާ ޑްރައުނިން ވެއްޖެ...." ކަޒްޔާ ދެންމެ ދެންމެ ރޮއިގެންފާނެހެން ހީވިއެވެ.

" އެކުއްޖާ ޑްރައުނިން.....ސީރިޔަސްކޮށް؟ " ނޯއާ އެހިއެވެ." މިސިން ޕާސަން ލިސްޓްގައި ޖައްސަންވީނު...އެ ބޭފުޅާގެ އައިޑީ މަށަށް ފޮނުވާ..."

"ދޮންބެ ހާދަ ގޯހޭ. ޔާޔާ އަށް ސިމްޕަތީވާންވީމަ ބުލީނުކޮށްބަލަ. އެންމެންގެ ސަޕޯޓް މިހާރު ބޭނުމެއްނުވާނެތަ؟ ޝީ ލޮސްޓް ހާ ފެވެރިޓް ޕެޓް......"

"އޭތި އޮތްތަން އަހަންނަށް އެނގޭ...ކެޓްގެ ބަނޑުތެރޭ. އެވީގޮތުން ތިގެއަށް ވަން ބުޅަލުގެ ބަނޑު ފަޅާލާފައި ނަގަން ޖެހޭނީ.....ރެސްޓް އިން ޕީސް ޔާޔާގެ ޕާޓްނަރ....ސަންދޯއް ޖަހަން ހެލްޕް ބޭނުންވާނެތަ....................." ނޯއާ ނުލަފާގޮތަކަށް ހީލިއެވެ.

ކަޒްޔާ އަދި ބާރަށް ރޮއިގަތުމުން ނޯއާ ޒޭވިއާގެ އަތުގައި ހިފާ ދަމައިގަތެވެ. އެމީހުންގެ މަސައްކަތް ހުއްޓާލައިގެން ކަޒްޔާގެ "ފޭކް" ރުއިން އަހައިގެން ކަންފަތް ހަލާކުކުރާކަށް ނުވާނެއެވެ.

"ނޮއިސް ޕޮލިއުޝަންވެގެން މަގޭ ކަންފަތް ހަލާކުވެއްޖެ. އީއެންޓީއަކަށް ދައްކައިލާވަރަށް ގޯސްވެއްޖެ.................."

ކަޒްޔާ ހިތުގައި ޖައްސާފައި ނޯއާ އެތަނުން ދިޔުމުން އޭނަ ކަޅި އަޅާލައިގެން ހުއްޓެވެ. އަޒާލިއާ ކަޒްޔާގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. އަދި ހިކިލައިގެން ހޫނު އެއްޗެއް ބޯލަން އަންނަން އެދުނެވެ. ހޯނަށް ވީގޮތް އަދި ނޭގޭ ކަމަށާއި ދުޢާކުރުމުން އައްސަވާ ފަރާތެއްވާކަން ހަނދާންކޮށްދިނެވެ. ކަޒްޔާ ބަސްހައިގެން އެތެރެއަށްވަދެ ތެތް އެއްޗެހި ބަދަލުކޮށް ކޮޓްން ގަމީހަކާއި ޖިންސެއް ލައިގެން ބޯފޮތީގެ ބުރުގާ އެއް އެޅިއެވެ. ދީބާމެންނާއެކު ބަތް ޕާރުސަލް ބަހަން ދާނެ ހިތްވަރެއްވެސް ކަޒްޔާގެ ނެތެވެ. އެހެންނޫންނަމަ އިންސާނިއްޔަތަށްޓަކާ އެންމެ ކުރިން ދުއްވައިގަންނާނެ ކުއްޖަކީ އޭނައެވެ. ދެކުދިން ހޫނު މައިލޯއާއި ކުކީސް ކާންތިބިއިރު އަޒާލިއާ ދުޢާއާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. ދޭތެރެއަކުން ކަޒްޔާގެ ލޯ ކަރުނުން ބަރާވުމާއެކު ނޯހްގެ މަތިން ހަދާންކޮށްލިއެވެ. އަޒާލިއާ ކިތަންމެ ފަކުރުގަންނަ އެއްޗަކަށްވިޔަސް އޭނަ އެހެން ކުދިންގެ އިހުސާސްތަކަށް ގަދަރުކުރެއެވެ. އެކިކުދިންގެ ޚިޔާލާއި ވިސްނުން ތަފާތުވާނެއެވެ. ލޯބިކުރާ އެއްޗެހިވެސް ތަފާތުވާނެއެވެ. އާއްމުކޮށް ހޯނަށް ނަފްރަތުކުރިޔަސް ކަޒްޔާގެ ސަބަބުން އެ ހޯނަށް ހޭނި އެގޭގެ އެއްބައި ކަމުގައި ހިތް ގަބޫލުވެސް ކުރިއެވެ. އެކުދިން ވާހަކަދައްކަން ތިއްބާ ބަބްލްސް ފުންމައިގެން އައިގޮތަށް އަޒާލިއާގެ އުނގުގައި މޮޑެވިގަތެވެ.

***

ކަޒްޔާގެ އާއިލާއަށް އޭނަ ދުނިޔޭގައި ހުރިކަން އެނގުނީ ހަނަފީ އޭނަގެ އަންހެން ދަރިފުޅު ހިލޭބަޔެއްގެ ހިމާޔަތަށް ދޫކޮށްފައި ދިޔުމުންނެވެ. އަޒާލިއާގެ މަންމަ ނަރުގިސް ގެ ހުރިހާ ނުތަނަވަސްކަމެއް ގުޅިފައިވަނީ ދަރިފުޅުގެ ކައިވެނީގެ ތޯތޯ ވާހަކަތަކާއެކުގައެވެ. ސޯފީގެ ފަރާތުން ކައިޝާއަށް އެ ޚަބަރު އެނގުނަސް އެކަން ސާބިތު ކުރެވޭނެ ގޮތެއް އަދި ނެތެވެ. ނަރުގިސް ނިސްބަތްވާ ޕާޓީގެ އިސްމީހަކަށް ވުމާއެކު ޖެންޑާގެ އިސް މަގާމެއް ފުރަމުން ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރެއެވެ. ކުޑަކުދިން ކައިވެނި ކުރުވުމަކީ އޭނަދެކޭގޮތުން ދުނިޔޭގައި ލެއްވި އެންމެ ބޮޑު ޖަރީމާއެވެ. ހަނަފީގެ ފަރުވާކުޑަކަމާއި ދަރިފުޅާއިމެދު އިހުމާލުވީތީ ޝަރީއަތަށް ގެންދަން އޭނަ ނިންމިއެވެ. ބައްޕަ ކެންސަރުޖެހިގެން ދުރުތަނަކަށް ގެންދާއިރު އެވަރުގެ ކުޑަކުއްޖަކު ހަވާލުކުރަން އޭނަގެ މަންމަ ދުނިޔޭގައި ނެތީއެއް ނޫނެވެ.

ނަރުގިސް އައިސްފައި ހުރި ގަދަ ރުޅިއާއެކު ވަގުތުން ޓިކެޓް ނެގިއެވެ.

އެމީހުންނަށް މަންޒިލަށް ފޯރިއިރު ފެންބޮޑުވެގެން އެންމެން އުޅުނީ ފެން ހިންދުމުގެ މަސައްކަތުގައި އަވަދިނެތިއެވެ. ނަރުގިސްއާއި އޭނަގެ އެކުވެރިޔާ ރާދާ ގެސްޓްރޫމެއްގެ ކޮޓަރިއަށް ކުއްޔަށް ހިފުމަށްފަހު އެރޭ ކަޒްޔާގެ ކޭސްއާއި ބެހޭގޮތުން މަޝްވަރާ ކުރިއެވެ. އެރިއިރާއެކު ދެމީހުން ސައިބޮއިގެން ޝޭޚު ހަމްޒާގެ ގެއަށް ދާން މިސްރާބުޖެހިއެވެ. އެގޭގެ ހައިބަތާއި ޝާހީކަން ފެނި އަދި މެދުގޯތީގައި އިންދާފައި ހުރި ހިޔާދޭ ގަސްތައް ފެނުމުން ގަޔާވެސް ވެވުނެވެ. ބޯވާރެއިން ތެމިފައިވާ ގަސްތަކުގެ ފަތްތަކުގައި މުތީތައް ފަދައިން ފެންތިކިތައް ހަރުލާފައިވެއެވެ. ކޮންމެވެސް ވަރަކަށް ވިނަތަކުގެ މަތީގައި ފެން އޮތުމުން ސާފުވެފައި ތާޒާކަމަށް ދައްކައެވެ.

"މާލޭގައި މިހާ ބޮޑެތި ގޯތިތައް ހުންނަނަމަ..." ރާދާ ޝައުގުވެރިވިއެވެ.

"ގޯތިތައް ބޮޑަސް މިތަންތާ އުޅޭ މީހުންގެ ބޯ ހަމަނުޖެހޭ. މަގޭ ދަރި ނޫން ކުއްޖެއް ނުފެނުނީތަ؟ ހާދަވަރަށޭ ރުޅި އަންނަނީ..މަ ރުޅި މަޑު ދޯ. އެހެން މަންމައެއް ނަމަ މި މީހުން ގޮވައިގެން މިހާރު ހުރީހީ ކޯޓުގައި........." ނަރުގިސް ފަތަރާސީކޮށް ހިގަމުން ދިޔައިރު އޭނަގެ އަގުބޮޑު ފައިވާން ކިލާ ވެދާނެތީ ނިކަން ބަލަމުން ފިޔަވަޅު އެޅިއެވެ. އަތްދިގު ޓީޝާޓަކާއި ޖިންސްގައި ހުރިއިރު އިސްތަށިގަނޑު ބާގަންޑީއިން ހައިލައިޓްކޮށްލާފައެވެ. ލުއި މޭކަޕެކެވެ. ފެންނަފެނުމުގައި އެހާ ޒުވާން ރީތި އަންހެނެކެވެ. އިސްކޮޅުން ދިގުކަމާއިއެކު ލޫޅާފަތިވިޔަސް ވަނާތައް ފާޅުވާން ހުއްޓެވެ.

ބެލް ނާޅަނީސް އަންހެނަކު ދޮރު ހުޅުވާލައިފިއެވެ.

"ކަޒްޔާ ހަނަފީ އަށް ގޮވާލަދީފާނަން؟ " ނަރުގިސް ގަދަކަމުން ހީލިއެވެ.

"އިށީންނަވާ. މި ގޮވާލަނީ..އަޅުގަނޑަށް ކިޔަނީ މާހިރާ.." އޭނަ އަމިއްލަ ތައާރަފަކަށްފަހު ނަރުގިސްވެސް ކަޒްޔާގެ މަންމަ ކަމުގައި ބުނެލިއެވެ. އެކުވެރިޔާއަކީ ކާކުކަން އަންގައިދިނީ ފޮނިވެލާފައެވެ. ގޭތެރޭގެ ޝާހީކަމާއިއެކު ދީނަށް ލޯބިކުރާ ބަޔަކު އުޅޭތަނެއްކަމުގެ ހެކިތައް ފާރުތަކާއި ބިއްލޫރި ރެކުގައިވާ ފޮތްތަކާއި ފްރޭމްތަކުންވެސް ހާމަކޮށްދިނެވެ. މާހިރާ ކޮރިޑޯ ކަޑައްތުކޮށް ލޯމަތިން ގެއްލުނެވެ.

"ގޭތެރޭގައިވެސް ބޮޑު ބުރުގާ އަޅައިގެން މިއުޅެނީ ހަމަ ހައްދުފަހަނަޅާފައިވާ ލެއް ބޮޑުކަމަކުން ނޫންތަ؟މިފަދަ މީހުން ގިނަވެގެން މި ގައުމުގައި ނޫޅެވޭ. ބަލާތި ރާދާ. އަހަރެން ހުއްޓާލާނީ މި ޝޭޚު ޖަލުގެ ގޮޅިއަކަށް ލާފައި. ހަނަފީވެސް ކުރިއަކުން މިހާ އެކްސްޓްރީމް އައިޑިއާ ތަކެއް ނުހުރޭ. އެކަމަކު އަމިއްލަ ދަރި ވިއްކައިލީ ކީއްވެ ބާވައޭ ހިތަށް އަރާ..." ނަރުގިސް ސޯފާގައި އިށީދެލީ އެއްފައި މައްޗަށް އަނެއް ފައި ލައިގެންނެވެ. މޮޑެލެއް ފަދައެވެ.

"ކެންސަރަށް ބޭސްކުރުވަންވެގެން ލާރިގަނޑެއް ހޯދަން ނޫންކަމެއް ނެގޭ...."

"ތިބުނީ ހަމަތެދެއް....އަހަންނަށް ކުރިން ތި ތަންކޮޅު ވިސްނައިގަންނާކަށް ނޭގުނު.." ނަރުގިސް ބޯ ހޫރައިލިއެވެ.

އިރުގަނޑެއްނުވަނީސް ކަޒްޔާ ނިކުމެގެން އަންނަތަން ފެނުނެވެ. ނަރުގިސްއަށް އަތް އަޅައިލެވުނީ މޭގައެވެ. ކަޒްޔާ ހުރީ ފިރިހެނެއްގެ ގަމީސް ލައިގެންނެވެ. ތަންކޮޅެއް މަޑުފޮތީގެ ދިގު ގޮޅިތަކެއް ޖެހި މުށި ގަމީސް އޭނަގެ ފައިގެ ފަލަމަސްގަނޑާއި ހަމަޔައަށް އަރާއިރު އެތެރެއިން ލާފައި ހުރީ ޓައިޓެކެވެ. ފެންވަރާ ތާޒާވެލައިގެންހުރިއިރު އިސްތަށިގަނޑު ތެތްކޮށެވެ. ސީދާ ފިރިހެން ސެންޓެއްގެ ވަހެވެ. އެންމެ މިނިޓަކުންވެސް ކަމުގެ ހުރި ބިރުވެރިކަމާއި ނުރައްކާތެރިކަން އަންދާޒާކުރެވި ނަރުގިސް ދަރިފުޅުގެ އަތުގައި ހިފާ ކައިރިއަށް ޖައްސާލައިފިއެވެ.

"އިށީންނަވާ. އެބަ އަންނަން އެއްޗެއް ހިފައިގެން..." މާހިރާ ހިނިތުންވެލިއެވެ.

"އެންމެ ރަގަޅު..."

މާހިރާ އެތެރެއަށް ވަނުމާއެކު ދެފަރާތުން ދެމީހުން ކަޒްޔާގެ އަތުގައި ހިފައިގެން ހިނގައިގަތީ އޭނައަށް ގަދަހަދާނެ ފުރުސަތެއްވެސް ނުދީއެވެ. ދެމީހުންގެ ވަރުގަދަކަމާއިއެކު އޭނަގެ ނާޒުކްކަމުން މާ ބާރެއް ނުދެއްކުނެވެ. ގެންގޮސް އެރުވީ ކާރަކަށެވެ. މާގިނައިރެއް ނުވެ އެތިން މީހުން ތިބީ ކޮޓަރިއެއްގެ ތެރޭގައެވެ. މުޅި ކޮޓަރިތެރޭގައި ފޮނި ވައްތަރެއްގެ ސެންޓުވަހެއް ހިފާލާފައެވެ. ކަޒްޔާ އެއްފަހަރާ ދެތިން ކިނބިހި އެޅުނެވެ. ނަރުގިސް ކަޒްޔާ އެނދުގައި ބޭންދިއެވެ.

"ކަޒްޔާ. ދޮގު ނަހަދާ މަންމަ ގާތުގައި ބުނޭ. މިއީ ކާކުގެ ގަމީހެއްތަ؟ "

"މިއީ. ނޯއާގެ......"ކަޒްޔާ އެސްފިޔަ ޖަހައިލިއެވެ.

"ކަޒްޔާ ހަޒްބެންޑްތަ؟ " ނަރުގިސް ރާދާއަށް އިޝާރާތްކޮށްލުމުން އޭނަ މިސްރާބު ޖެހީ ކޮޓަރިން ބޭރަށެވެ. ކަންފަތުގައި ފޯނު ޖަހާލައިގެންނެވެ.

"މަންމަ މޮޔަވީދޯ.ތިކަހަލަ ވާހަކަދައްކަނީ." ކަޒްޔާ ތުން ފިތައިލިއެވެ.

"ދެން ކީއްވެގެންނޯ ފިރިހެނެއްގެ ހެދުން އަޅައިގެން އޭނަގެ ކޮޓަރިން ނިކުމެގެން ދިޔައީ؟ މިހާ ވިއްސާރައިރު ބޯ ދޮވެގެން......." ނަރުގިސްއަށް ކަޒްޔާގެ މައުސޫމްކަމެއް ނޭގުނެވެ. އޭނަގެ ޚިޔާލަށް ގެނެވުނީ އެންމެ ނުބައި މަންޒަރެވެ.

" ހައުސް ޑޯ ބްރޭކްޑް.....ނޯއާމެން އިރުއެރިއިރު ދިޔައީ އެގެ ސާފުކުރަން. އެނގޭތަ؟ ނޯހްވެސް ގެއްލިއްޖެ......އެހެންވެ ވަރަށް ދެރަވި.." ކަޒްޔާގެ ލޮލުގައި ކަރުނަ ތިއްކެއް ފައުޅުވިއެވެ.

"ކޮން ނޯހްއެއް؟ "

"ގޭގައި އުޅޭ ހޯނެއް...."

ކަޒްޔާ ހޯނުގެ މައުޟޫއަށް ދިޔަގޮތަށް އެހެން ވާހަކައަކަށް އަނބުރައިލުން މުސްތަހީލްވެގެން ނަރުގިސް ރުޅިގަދަވިއެވެ. މިއީ ހައްތަހާ ހަނަފީގެ އިހުމާލެވެ. ދަރިފުޅު ނަފްސާނީ ބަލިކުއްޖަކަށް ހަދައިފިއެވެ. ސާދަ އަހަރުގެ އެހެން ކުދިންނާއި ހަށިގަނޑުވެސް އެހާ ތަފާތެވެ. ހޯމޯންތައް މަސައްކަތްކުރާނަމަ އަންހެންވަންތަ ސިފައެއްވެސް ހުރީސްތާއެވެ. ކުޑަކުއްޖެއްހާ ހިކިވެފައި އެހާ އިސްކޮޅުން ކުޑައެވެ. ކުޑަކުދިންގެ ޅަ ވާހަކަތަކަށްވުރެ ކަޒްޔާގެ ވާހަކައިން އޭނައަށް ދޭހަވީ ނަފްސާނީގޮތުން ގެއްލުންވެފައިވާކަމެވެ. ޕެޓަކަށް ހޯނެއް ގެންގުޅުމަކީ އަޖައިބުވާވަރުގެ ކަމެކެވެ. އެހެން ކުދިން އެހާ ފަކުރުން އުޅޭ އެއްޗަކަށް ލޯބި ޖެހުނުވަރުން އެސޮރު މަރުވުމުން ރޮއި ނަގަނީއެވެ. ރާދާ ބޮޑު އައިސްކްރީމް ތަށްޓަކާއި ޕިއްޒާ ހޯގީ އަދި ކޭކު ތަބަކެއް ގެނެސް މޭޒުމަތީ ބެހެއްޓިއެވެ.

"އޯ ތެންކިއު ޔޫ..." ކަޒްޔާގެ ލޯ ދިއްލުނެވެ.

"ކަޒްޔާ އެއްބަސްނުވެގެން މިއުޅެނީ....."

"ކައި ނިމެންދެން ވާހަކަ ނުދައްކަފާނަންތަ؟ ކައި ނިމިގެން ކިޔާދޭނަން..." ކަޒްޔާ އަނގަ ހުޅުވުނު އެންމެ ބޮޑުކޮށް ހުޅުވާލާފައި ހޯގީ އަނގައިގާ ޖެހިއެވެ.

"ގޭ މީހުން ކާންވެސް ނުދެނީތަ ކަޒްޔާ ނޫނީ ނުކަނީތަ؟ " ނަރުގިސް އެހިއެވެ.

"ލޫލޫ ބުނީ މެޓަލިކް ރޭޓް މަތީކަމަށް. އެގޭގައި ނެތް ކާއެއްޗެއް ނުހުރޭ. އެގޭގައިހަދާ ބިރިޔާނީ ކައިކައި މީހަކު ފޫއްސެއްނުވާނެ. ކަޝްމީރީ ޑިޝްތަކާއި ސެލެޑް އަދި މެޓާއާއި ހަލްވާ ބޭނުންވަރަކަށް ކެވޭ........"ކަޒްޔާ އެއްގޮތަކަށްވެސް އަޒާލިއާ ސީދާ އެބުނީ ކޯންޗެއްކަމެއް ހަދާނެއް ނެތެވެ.

"ސްވީޓްހާޓް.....ބުނަން ވާހަކައެއް.." ރާދާ ކަޒްޔާގެ ތެތް އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަން ފަށައިފިއެވެ. "އަހަރެން މަސައްކަތް ކުރަނީ ޖެންޑާގައި އިނގޭ. ދޮގުހެދުމަކީ ގާނޫނީގޮތުން އަދަބުދެވޭނެ ކުށެއް. އަދި ކުޑަކުދިން މީހުންނާއި އިނުމަކީވެސް މަނާކަމެއް...ގާނޫނީގޮތުން އެކަން މަނާވެފައިވަނީ ބައެއް ސަބަބުތަކާއިހެދި. އެހެންވީމަ އަދި މިކަމާއިހުރެ ކަޒްޔާ ކުށްވެރިއެއްނުވާނެ. ހަޒްބެންޑް ޖަލަށް ގެންދާނީ................"

"ރިއަލީ؟ ނޯއާ ޖަލަށް ލައިފިއްޔާ ވަރަށް އުފާވާނެ. ހީ އީޓެޑް މައި ބްރެއިން..." ކަޒްޔާ ކިޔާލައިފިއެވެ.

ނުނިމޭ

ކޮމެންޓް 0