"އެންމެ އަމާންކަން ލިބޭ ހިނދުކޮޅަކީ ސަޖިދައިގާ އޮންނަ ވަގުތެވެ. ހެއްދެވިފަރާތާއި ހިމޭންކަމާއެކު އެކަނިމާއެކަނި ވާހަކަދެއްކޭ ވަގުތުގައެވެ. ބަސްމޮށުމަކާއި ނުލައި އެފަރާތުން ހުރިހާ އެއްޗެއް އަައްސަވާ ވޮޑިގަންނަވައެވެ. ބަޔާންކޮށްދިނުމަކާއި ނުލާ އިހުސާސްތައް ދެނެވޮޑިގަންނަވައެވެ. އެއްވެސް ހައްދެއްނެތި އަޅާދެކެ ލޯބިވެވޮޑިގަންނަވައެވެ."
***
ސޮރީ ލޫލޫ ޑާލިންގް. ހިލޭ ފިރިހެނުން ތެރޭ އަންހެންކުއްޖެއް ނުގެންގުޅެވޭނެ. ޒޭވިއާވެސް އަންނަން އެބައުޅޭ......." ހީނާ ޚާން ހިނިތުންވާން ނުދަންނަފަދައެވެ. މޫނުގައި ރުލެއް ޖެހިދާނެތީ ވިކްޓޯރިއާ ބެކަމް ގާތުން ފިލާވަޅުނަގަން ގިނަވަގުތު އޭނަ މަސައްކަތްކުރެއެވެ.
***
ހަމްޒާ ޚާންގެ އަޅުވެރިކަމުގެ އަސަރު އޭނަގެ ގޭތެރޭގެ މާހައުލުން ރަގަޅަށް ދައްކުވައިދެއެވެ. އެގޭގެ ހަތަރުފާރުން އެތެރޭގައި ގިނައިރު ހިފާލާފައި ހުންނަނީ ގާރިއެއްގެ ހިތްގައިމު އަޑެވެ. ނޫނީ ދަރުސެކެވެ. ސައުދީ ޓީވީއިން މައްކާ ނޫނީ މަދީނާގެ ހަރަމްފުޅު ލައިވްކޮށް ޖައްސާފައެވެ ޝުރައިމްމެން ފަދަ މަޝްހޫރު ޝޭޚުންގެ އަޑުން ގުރުއާން ކިޔަވާއިރު ވަކިން ބޮޑަށް އަސަރުކުރުވައެވެ. އާއިލާ މެމްބަރުން ވަގުތުހުސްކޮށްލަނީ ގުރުއާން ކިޔެވުމުގަޔާއި ޒިކުރުކުރުމުގައެވެ. ނަމަދުތަކާއި ދުޢާކުރުމުގައެވެ. ރޯދަމަހު މުނިފޫހިފިލުވުމަށް ކުރާ ހަމައެކަނި ކަމަކީ ތަރާވީސްދަން އެކީ ހޭދަކޮށްލުމެވެ. ކެއުމުގެ ގަޑީގައި އާއިލާ އެއްވެ އަޑުގަދަކޮށް ސަމާސާކުރުމުގައި ތިބެ ސުފުރާއަށް އިންސާފުކުރުމުން އުފާވެރިކަން ލިބިގަނެއެވެ. ﷲ ސުބުހާނަހޫ ވަތައާލާއާއި އޮންނަން ޖެހޭ ހަގީގީ މުގައްދަސް ގުޅުމުން ތިމާގެ ހިތާއި ހަށްޓަށް ހަމަޖެހުން ގެނުވައިދީ އެލިބޭ ރޫހާނީ އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ. އެ އާއިލީ ވާހަކަތައް ނިންމައިލެވެނީވެސް ހަމްޒާގެ އަގުހުރި ދަރުހަކުންނެވެ.
ހަމްޒާ ޚާން އޭނަގެ ފިރިހެން ދަރިފުޅު ނޯއާ އާއި މުހިއްމު ވާހަކައެއް ދެއްކިއިރު އަދި އޮވެވުނުކަމަށްވަނީ ހުވަފެނީ އާލަމެއްގައެވެ. ދިގު ދަތުރަކަށްފަހު ވަރުބަލިވެފައިވާ ވަރުން އަދިވެސް ނިދީގެ އަސަރު ނުފިލަނީއެވެ. ބައްޕަ ކީހާ އެއްޗަކަށް އާން ހޫން ކިޔާލަ ކިޔާލަން އޮތްއިރު އަދި ރަގަޅަށް ލޯ ހުޅުވައިނުލެވެއެވެ. ކުޝަން ބާލީސް އަދި ކަންނޭލާއި ބޯ ކުއިލްޓުގެ ހިމާޔަތުގައި ކަފަގަނޑެއްފަދަ ބުޅަލާއި ބައްދާލައިގެން އަރާމު އެނދުގެ މަޑުކަމުގެ ތެރެއަށް ގެނބިގެން އޮތެވެ.
"ކާކާއި އިންނާށޭތަ އެބުނީ؟ އޭނ މީހަކާއި އިންނަން...." ނޯއާ އަމިއްލަ ނަފުސާއި މުޚާތަބު ކުރާފަދަ ގޮތަކަށް ތުން ތަޅުވައިލިއެވެ. "އަހަރެން ނިދަން އޮވެފައި އާއެކޭވެސް ބުނެފިން. ބައްޕަ އެބުނީ އެ އަންހެންކުއްޖާގެ އުމުރު ފޯޓީންތަ ނޫނީ ފޯޓީތަ؟ ހޫ ކެއާސް.. ދެން ބައްޕަގެ އެކުވެރިއެއްގެ ދަރިއަކު މީހަކާއި އިންނަ ހިތުން އުޅޭތީ ބައްޕައަށް ފެނުނީ ބައްޕަގެ ދަރި...އެހެން ތަ ބުނީ. އަހަރެން މިއީ ސެކްރިފައިސް ކުރަން ގެނެސްފައި އޮތް ކަންބަޅިއަކީ ކަން ނޭގެއެއްނު......." ނޯއާގެ ސިކުނޑި އަދިވެސް ރަގަޅަށް މަސައްކަތެއް ނުކުރެއެވެ. "ކޮފީ......އައި ނީޑް ކެފެއިން...އެކަމަކު ދެރައޭ މިއަދު ރޯދައަށް މިހިރީ..."
"ދޮންބެ ޟުހާ ނަމާދަށް ތެދުވޭ." ދެވަނަފަހަރަށްވެސް ނޯއާ ހުވަފެނީ ދުނިޔެއަކަށް ގެއްލުނެވެ. ރޮކެޓަކަށް އަރައިގެން ފަޒާއަށް ނައްޓައިލިތަނާ އެސްފިޔަތަކުގެ ތެރެއިން އަޒާލިއާގެ ސޫރަ ފެނިލިހެން ހީވިއެވެ. އަތުގައި ހުރި ފެން ޖަގު ލޮލުގެ ސްކްރީނަށް ރަގަޅަށް އެރުމާއެކު ނޯއާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. މިގަޑީގައި ފިނިފެންކޮޅެއްގައި ޖެހިލެވޭވަރަށްވުރެ އޭސީގެ ފިނިކަން ގަދައެވެ. ސޯޅައަށްވުރެ ދަށްނުކުރެވެނީ ކާކުގެ ނަސީބެއްކަން ނޭގެއެވެ. އަޒާލިއާގެ އަތުގައިި ހުރީ ފެންޖަގެކެވެ. އޭނަ އެނދުން ބައިލުވަން ގެންގުޅޭ އެއް ހަތިޔާރެވެ. އެ ފެނިފައިވެސް އޭނަގެ ހިތް ގުޑުގުޑު އަޅައިގަތެވެ. އަރާމު ދާނަކުން އޭނަ ތެދުކޮށްލުމުގެ ގާބިލުކަން ހުރި ކޮންމެ އެއްޗަކާއިމެދު ދެކެނީ ދުޝްމިނެއްކަމުގައެވެ. ގަނޑުފެނަކީ އަޒާލިއާގެ އާންމު ހަތިޔާރެވެ.
"ކިހާ ރީތި ހުވަފެނަކުން ތި ހޭލެއްވީ. ސްޕޭސްއަށް ދާން ރޮކެޓު ނައްޓައިލިތަނާ....ސިލީ ގޫޒް......"
"ސްޕޭސްއަށް ދެވޭނީ އެންމެ ކުރިން ކަންނެތްކަން ފިލުވާފައި ހުރިހާ ނަމާދުތަކެއް ކުރީމަހެން ލޫލޫއަށް ހީވަނީ. އަދި މިއެއް ނޫނޭ ގެންނާނީ. ލޫލޫގެ ބެސްޓީގެ ޕެޓަކީ ހޯނެއް. ނަމާދަށް ގަޑިއަށް ނުތެދުވަންޏާ އެ ސޮރު ގެންނާނީ. ދޮންބެ އަނގައަށް ވަދެ އެ ނޯހް ދެން ކުރާނެ ކަމެއް އެނގޭތަ....." އަޒާލިއާގެ ޖުމްލައިން ނޯއާ އޯކަށް ދަމަން ފެށިއެވެ. އަދި ގޭގެ ފާރުތައް ގުގުމައިލާހާ ބާރަށް އޭނަ ގޮވަންފެށީ މަންމައަށެވެ. "މި އަޒާލިއާ މިއޮތް ރޯދަ ހަލާކުކުރަނީ...."
އޭނަގެ ދޮންބެ ހޯނާއި ބޮއްދެކެ އެހާ ބިރުގަންނަ ސަބަބެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެފަދަ އެއްޗެއްގެ ނަން އިވުނަސް އޭނަ އަނގަ ޗޭކޮށްލާގޮތުން މީހަކު ހިނި އަންނާނެއެވެ.
"ދޮންބެ ހޯނެއްދެކެ ބިރުން އުޅޭއިރު މަރުވެގެން ވަޅުލީމަ ވާނީ ކިހިނެއް؟ ނަމާދު ނުކުރާ މީހުންނަށް އަޒާބު ލިބޭނެ. އެމީހަކު އެންމެ ބިރުގަންނަ އެއްޗަކުން....."
"ދަރުސް އެފެށީ...މިތަނުން ދޭ. ލުލުއާ ނޫނީ ކުރަތްޕެއް ގެނެސް ތި ރޫމަށް ދޫކޮށްލާނީ.."
"ބައިދަވޭ ކަޒްޔާގެ ޕެޓް ހޯނަށް ދިން ނަމަކީ ނޯހް....ދޮންބެގެ ނަމާއި ގުޅުވާފައި. ހަމަ ބުނެލީ......"
"އާރްގްގގްގް...." ނޯއާ ހަޅޭއްލަވައިގަތެވެ.
"ކާޓޫނެއް ނަމަ ކަންފަތުން ދުން އަރާނެ ކަން ޔަގީން. ހަހަހ. އެކަމަކު ޕްރޮމިސް. ކަޒްޔާ ކައިރިއަކު ނުބުނަން އެ ޕެޓަށް ނޯހް ކިޔާށޭ. އެކުއްޖާއަށް ފެނިގެން އަމިއްލައަށް ދިން ނަމެއް." އަޒަލިއާ ދިމާކުރިއެވެ. ނޯއާ ކުޝަން ބިމަށް އެއްލާލާފައި މަޑުފައިވާނަށް ފައި ކޮށްޕައިލިއެވެ. ދެފައި ޓައިލްސްމަތީ ކާއްތަމުން ރުޅިމޫނު ދައްކާލައިގެން ކުސްތަޅަމުން ދިޔައިރު އުމުރުން އެކާވީސް އަހަރަށްވުރެ ދިހަވަރަކަށް އަހަރުގެ ކުއްޖެއް ފަދައެވެ. އަޒާލިއާ ކަފަގަނޑެއްފަދަ ބުޅާ އުރައިލާ މޫނުގައި ޖައްސައިލީ ނިކަން ލޯބިންނެވެ.
ދެބެންގެ ޓޮމް އެންޑް ޖެރީފަދަ ކޯޅުމަކީ މާހިރާއަށް އާ މަންޒަރެއްނޫނެވެ. ކުޑައިރުއްސުރެން ދެބެން އެހެން އުޅުނަސް އެދޭތެރޭގައި އޮތް ލޯބި ކުޑައެއް ނޫނެވެ. ދެކެން ދޮރުމަތީގައި ހުރި މާހިރާ ހިނިއައެވެ. އޭނަގެ ދަރިފުޅު ނޯއާ އުމުރުން ބޮޑަސް އަޒާލިއާއަށްވުރެ އޭނަ އުޅޭގޮތް މާ ޅައެވެ. ޒިންމާ ދާރުކަމެއް ހުނުރެއެވެ. ނޯއާ ކުރާ ހިތްވާކަމަކީ ނިދުމެވެ. އަދިވެސް ނަމާދު އަމިއްލައަށް ކުރާ ހިތުން ކުރާކަމަށް ނުވެއެވެ. ކުރާ ހިތްވާނަމަ އެހެން މީހުން ނަމާދުމަތިން ހަދާންކޮށްދޭން ނުޖެހޭނެ ނޫންހެއްޔެވެ؟ ދެން ކުރާ ހިތްވާކަމަކީ ގޭމް ކުޅުމެވެ. އޮންނަތާ އޮވެގެން ގޭމް ކުޅެފައި ކެއުން ނޫންކަމެއް ނޯއާ ނުދަނެއެވެ.
***
ހީނާ އަޒަލިއާ ގާތު ބުނީމަ ޒޭވިއާގެ ޓީޝާޓާއި ޖިންސް އިސްތިރިކޮށްލަދިނެވެ. އާއްމުކޮށް ނޯއާގެ ހެދުންތައް އިސްތިރިކޮށްލަދޭތީ އޭނައަށް މާ ބޮޑުކަމަކަށް ނުވިއެވެ. ހީނާދައްތަ އާއްމުކޮށް އަޒާލިއާއަށް ކަންތައް ކުރަން ޖައްސަނީއެއްވެސް ނޫނެވެ. އަޒާލިއާ އަމިއްލައަށް ކުރާހިތުން ކަންތައް ކުރަނީ ގެވެހި ކުއްޖަކަށް ވާތީއެވެ. ހީނާ ޒޭވިއާގެ ކޮޓަރިއަށް ވަންއިރު ފެންވަރާލައިގެން ތުވާލި އަނދެގެން ނުކުތީއެވެ. އޭނަގެ ބައްޕަ ފަރާތު ސިފަތައް ކޮންމެވެސް ވަރަކަށް ޒޭވިއާއަށް ލިބިފައިވެއެވެ. ކަޅުކަން ގަދަ ބުމައާއިއެކު ހިތްތައް ކަތިލާފަދަ ދެލޯ ލިބިފައިވެއެވެ. ހިލައިން ކަނޑާފައިވާހެން ހީވާ ދަތްދޮޅިއެކެވެ. ހުދުދަތްތަކެވެ. ތުނިކޮށް ކޮށާލާފައިވާ ތުނބުޅީގައި ރަން މުށިކުލަ ހުރުމުން ނިކަން ސްޓައިލިޝްއެވެ.
"އައްސަލާމް އަލައިކުމް..ޕްރެޝަސް"
"ވައަލައިކުމުއްސަލާމް މަމް..." ޒޭވިއާގެ މޫނު ކުޑަކޮށް އަލިވިއެވެ.
"މެންދުރު ނަމާދުކޮށްފިންތަ؟" ހީނާ އެހިއެވެ.
"އެހެން އަހަން ނުވެސް ވާނެއްނު. ގަވާއިދުން ނަމާދުކުރާނެތާ..." ޒޭވިއާއަށް މަންމަ ގޮވާއުޅޭނީ މުޅިންވެސް ލޯބިން ބަންޑުންވާފަދަ ނަންތަކުންނެވެ. ޕްރެޝަސް ޕްރިންސް ޖާން އަދި ސްވީޓީއަކީ އެންމެ ގިނައިންމަންމަގެ ދުލުކުރިއަށް އަންނަ ނަންތަކެވެ. އެންމެ ރުޅިގަދަވެފައި ހުރެވެސް މަންމަ އޭނައަށް އެނޫން ނަމަކުން ގޮވި ހަދާނެއްނެތެވެ.
"ކޮންތާކަށް ދާން ތިއުޅެނީ؟ "
"ރޯދަކުރުކޮށްލަން ދުއްވާލަން. ދެން މިކަހަލަ ރަށެއްގައި މާ ބޮޑުކަމެއް ނޯންނާނެތާ...."
ޒޭވިއާ ޓީޝާޓު ވައްޓައިލުމަށްފަހު ރީތިވާ މޭޒުމަތީގައި ސެންޓުފުޅިން ގަޔަށް ބުރުއްސައިލުމުން ތަނުގައި މީރުވަހެއް ހިފާލައިފިއެވެ.
"އެކަނި ދަންޏާ މަންމަވެސް ގެންދަންވީނު..މަންމަ ގެންދަން ހުރި ޕާޓްނާ މަންމައާއިއެކު އުމުރު ދުވަހަށް ހުންނަން ވައުދުވެފައި މާ ކުރިން ދާއިމީ މަންޒިލަށް ގޮސްފި....." ހީނާ މޭޒުމަތީގައި ދެން ހުރި ސެންޓްފުޅީގައި ވަސް ބަލައިލިއެވެ. ލޯ ކަރުނުން ތެންމާލިއެވެ. މާ ބޮޑަށް މަރުހޫމް ފިރިމީހާގެ މަތިން ހަދާންވީއެވެ. " ދަރިފުޅު މި ސެންޓް ޖެހީމަ މަންމަ ހަމަ ބައްޕަ މަތިން މިސްވަނީއޭ...."
"އޯކޭ އޯކޭ މަމް.."މަންމަގެ އިހުސާސްތައް ދެނެގަނެވި ޒޭވިއާ މަންމަގެ ގައިގާ ކުޑަކޮށް ބައްދައިލީ ހިމާޔަތްދޭފަދަ ގޮތަކަށެވެ. އޭނަގެ ބައްޕަ މަރުމަތީގައި އޭނައަށް ކުރި ވަސިއްޔަތަކީ މަންމައަށް ހިމާޔަތާއި އަޅާލުން ދީ ހިތުގައި ނުޖައްސާ ގެންގުޅުމަށެވެ. "ކުރިން ހިތަށް އެރި މިގޭގައި އޮންނަ ޗަސް ކަންނޭލުގަނޑު ގެންދާނަމޭ އެކަމަކު އޭނަގެ ކަމަކީ އޭނަގެ ބުޅަލާއި ވާދަޔަށް ސާދަ ގަޑިއިރު ނިދުން. ލަންޑަނަށް ގޮސްފައިވެސް އުޅުނީ އެހެން..ޓްރިޕް ޚަރާބުކޮށްލީ އަމިއްލައަށް....."
"ނޯއާ އަދި ޅަ ކަމުން އެހެން އުޅެނީއޭ. އޭނަ ވެސް މީހަކާއި އިނީމަ ރަގަޅުވާނެ. ނައުމީ އާއި ދެކުދިން އެންގޭޖްކޮށްފައެއްނު އޮތީ. ކައިވެންޏަށްފަހު އުފުލަން ޖެހޭ ޒިންމާތައް އެހެން އޮވުނަކަ ނުދޭނެ........." ހީނާ ބުނެލިއެވެ. "މަންމަ އެބަ އަންނަން ތައްޔާރުވެލައިގެން.."
"މަންމާ އެކަމަކު އެހާ ގިނައިރު ނުކުރައްޗޭ. އަންހެންކުދިން މޭކަޕްކުރަން ހާދަ އިރެކޭ ނަގަނީ."
"މަންމަ މިލަޖަހައިގެން ހަޑިމިލޭރު ކަމަށް ހެދިގެން ދިޔައިމަ ޕްރެޝަސް ލަދުނުގަންނާނެތަ؟ޒީނަތްތެރިކަމަކީ އަންހެންކުދިންގެ އެއްބައި............." ހީނާ ޒޭވިއާގެ ބުރަކަށީގައި މަޑުމަޑުން ޖަހާލާފައި ދާން ހިނގައިގަތެވެ.
ޒޭވިއާއާއެކު އޭނަގެ މަންމަ ކާރު ބުރު ޖަހަން ގޮސް މަޑުކޮށްލީ ބްރިޖެއްގެ ކައިރީގައެވެ. އޭނަ މަންމައާއެކު ސެލްފީއެއް ނަގާފައި ސްނެޕްކޮށްލީ "ޑޭޓް ވިތް މައި މަމް" ޖަހާލާފައެވެ. ޒޭވިއާދެކެ މަންމަ ވާ ލޯތްބާއި ގުރުބާނީގެ އަގު ވަޒަންކުރާ ދަރިއަކަށް ޒޭވިއާވިއެވެ. މަންމަ ބުނާ ކޮންމެ ކަމެއް އޭނަ ފަސްޖެހުމެއްނެތި މި ވީހާ ދުވަހު ކޮށްދީފައިވިއެވެ. މަންމަ ބުނާ މީހަކާއި ކައިވެނި ކުރަންވެސް އޭނަ ތައްޔާރެވެ. އެކަމަކު އޭނަ ތަކުރާރުކޮށް ހަދާންކޮށްދެނީ މަންމަ ބުނާ މީހަކާއި އިންނާނީ ތިރީސް އަހަރުވުމުން ކަމަށެވެ. ފަންސަވީސް އަހަރު ފުރުނުތަނާ އެފަދަ ވާހަކައެއް މަންމަ ފަށައިފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ.
"ޕްރެޝަސް ހަދާން އެބަހުރިތަ އަޒާލިއާ އުފަންވީ ދުވަސް؟"
"އޮފްކޯޒް. އައި ވޯޒް އިލެވެން.........." ޒޭވިއާ ބްރިޖްގެ ރެއިލިންއަށް ލެނގިލައިގެން ހުރިއިރު ހުރިހާ ސަމާލުކަމެއް އޭނަގެ މަންމަގެ ވާހަކަތަކަށެވެ.
"އަޒާލިއާ އެންމެ ފުރަތަމަ އެރީ މަންމަގެ އަތް މައްޗަށް. އެންމެ ކުރިން އަޒާލިއާއާއި ބައްދައިލާ މޫނުގައި ބޮސްދިނީ ޕްރެޝަސް. އަދި ކިހާ އެކްސައިޓްވެގެން އުޅުނީ. ވަރަށް ކިއުޓްއޭ މާބްލްއެއް ހެނޭ ބުދެއްހެނޭ ބުނީ. އެހާ ސޮފްޓޭ. ސްނޯ ކޮޅެކޭ. މަންމަ ޕްރެޝަސް އުރައިލަންވެގެން ލުލޫ ދިނީމެއްނު. ދުވަހަކު އެހާ ޝައުގާއެކު ދަރިފުޅު އެއްޗަކަށް ބަލަން އިންތަނެއް އަދިވެސް މަންމަ ނުދެކެން. ދަރިފުޅު ބުނީ މިއީ މަގޭ އޭ. އެވަގުތުން ފެށިގެން މަންމަގެ ޅީ ދަރިއަކަށް ލޫލޫ ހަދަން ނިންމައިފިން. ހިތާހިތުން ވައުދުވިން.. އެފަހުންވެސް ދަރިފުޅު އެކުއްޖާއާއިހެދި ހަމަ ވަރެއް ވީ. ނޯއާވެސް އެހާ ވަރުން ނޫޅޭ.. ލޫލޫވެސް ދަރިފުޅަށް އަޅާލާ ވަރު މަންމަގެ ވީޑިއޯތަކުންވެސް ފެންނާނެ. ކައުޗްގައި ނިދާފައި އޮތްވާ ގައިމަތިން ރަޖާ ކެހިފައި އޮތީ. ލޫލޫއަށް އެންމެ ދެ އަހަރު. އެކަމަކު ގޮސް ވަރަށް މަސައްކަތުން ފައި ނިވާވާ ގޮތަށް އެ ބަރު ރަޖާ އަޅާލަދެއޭ. އެއްފަހަރު ދެފަހަރުކަމެއް ނޫން. މަންމަ ގޮތް ބަލައިލަން ލޫލޫ ފެންނައިރަށް ރަޖާ އެގޮތަށް ކަހައިލަން..ވަގުތުން އެ މައުސޫމް ކުއްޖާ ދުވެފައި އަންނާނެ. ރަޖާ އަޅާފައި ކައުޗަށް ލެނގިލައިގެން އިނގިލި ޖަހައިގެން ބަލަން ހުންނަނީ އެ ރަޖާ ކެހިދާނެތީ ރަގަޅުކޮށްލަދޭން.................." ހީނާ އެދެމީހުން ގުޅުވަން ނިންމި ނިންމުން އިވިފައި ޒޭވިއާއަށް ޝޮކެއް ލިބުނެވެ. މަންމަގެ ވާހަކަތަކުން ދެން މަޖާ ވާންފެށިއެވެ.
"މަންމާ. ހަދާން ވޭ. އެކަމަކު އަޒާލިއާ ސިސްއެއް ގޮތަށް ދެކުނީ. ހަހަ. ޝީޒް މައިން އޭ ބުނިއިރު އެކަހަލަ މާނައެއްގައެއް ނޫން އެދުވަހު ބުނީ........."
"މަންމަ ބޮޑުބޭބެ ކައިރީ ދަރިފުޅާއި އަޒާލިއާގެ ކައިވެނި ހަމަ ޖައްސަން އެދެފިން..."
"ވަޓް؟ ކައިވެންޏޭ؟މަންމާ.......އެކަމަކު އެއީ ކުޑަކުއްޖެއްނު. އެގާރަ އަހަރު ތަފާތުވީމަ އަދި އެންމެ ފޯޓީންވާނީ. ޓީން ދުވަސްވަރު މަޖާކުރާކަށްނު ބޭނުންވާނީ..............................." ޒޭވިއާގެ ހާސްކަން އިތުރުވިއެވެ.
"އަންހެންކުދިން ބޮޑެތިވީމަ ކައިވެނި ކުރުން ދީނުގައި ހުއްދަ. މަންމަ ހުރީ އަޒާލިއާއަށް އެއިޓީން ވަންދެން. އެކަމަކު ބޭބެ ކުރީ ރޭ އެކުވެރިޔަކަށް ގުޅައިގެން ވާހަކަދެއްކިއިރު އަންހެންކުދިން ޕޭރެންޓުންގެ ހިމާޔަތުގައި ޅައިރު މީހުންނާއި އިނުން އޯކޭ އޭ ބުނެ ކޮންމެވެސް ވާހަކައެއް ދެއްކި. އެހެންވެ އެހެން ހިތަށް އެރީ. އެހެން މީހަކާއި އަޒާލިއާގެ ކައިވެނި ނުކުރުވަނީސް މަންމަ ބުނާގޮތަށް ހަދާ. ދެރަގޮތެއްނުވާނެ އިންޝާﷲ. އިއްފަތްތެރި އަޅުވެރި އަންހެންކުއްޖަކު މި ޒަމާނުގައި ހޯދުމަކީ ހުއިގަނޑެއްގެ ތެރެއިން ތިނޯހެއް ހޯދުން ކަހަލަ ކަމަކަށް ކަން އެނގޭތަ؟....." ހީނާގެ ވާހަކަތައް ހުރީ ގޮތްދޫކޮށްފާނެފަދަ ގޮތަކަށް ނޫނެވެ. މަންމައާއި ޖަދަލުކޮށް އެކަމުގެ ހުރި ގެއްލުން ބުނެދޭން އުޅެފައިވެސް ޒޭވިއާ ހިމޭންވިއެވެ.
އެހިމޭންކަމުން ހީނާއަށް ނެގުނީ އެހެން މާނައެކެވެ. ޒޭވިއާ ގަބޫލުކަމަށެވެ.
"ލޫލޫ މިއަދު ޕްރެޝަސް ގެ ހެދުންތައް އިސްތިރިކޮށްލަދިނީ...." ހީނާ ހެވިދިއްލިފައި ހުރިގޮތުން މަންމަގެ އުފާވެރިކަން އޭނައަށް އިހުސާސްކުރެވުނެވެ. ބިރުވެރިކަމުގެ ރާޅެއް ހިތުގައި ޖަހައިލިނަމަވެސް އޭނަގެ މޫނުން އެކަމެއް ނުފެނެއެވެ. "އެންމެ ރުލެއްވެސް ނެތެއްނު. މާހިރާ ރެއިޒް އެކުރީ މުރާލި ގެވެހި ކުއްޖެއް. އިސްލާމީ ތަރުބިއްޔަތެއް ދީފައި ބޮޑުކޮށްފައި އެހެރީ. ނޭގޭ ނޯއާ އެ ކަންނެތްކަން ވާރުތަކުރިތަނެއް....."
ޒޭވިއާގެ ސިކުނޑި ގޮވުމުގެ ކުރިން އެހެން ދިމާލަކަށް މައުޟޫ ގެންދަން ޖެހޭނެއެވެ. ނޫނީ ހަމަ ނިއުކްލިއާ ގޮވުމެއް ގޮވާފާނެއެ ހިތް ބުނަމުން ދިޔައެވެ.
"ނޯއާވެސް އެހެން އޮތަސް މަސައްކަތް ކުރޭ. ބިޓްކޮއިންއަށް ޑޮލަރު އިންވެސްޓްކުރީމޭ ބުނި..."
"އެއީ ކީއްކުރަން ދަރިފުޅާ..."
"އެވެސް ސްޓޮކް އެކްސްޗޭންޖްކަހަލަ އެއްޗެއް.. އަދި މީގެ ދިހަވަރަކަށް އަހަރުފަހަށް ފަހަރެއްގައި ނޯއާ ފެންނާނީ މިލިއަނަރެއްގެ ގޮތުގައި."
"ރޭ ދަރުސްގައި ބޭބެ ބުނެދެއްވީ ހަލާލްގޮތުގައި ފައިސާ ހޯދުމުގެ މުހިއްމުކަމާއި ބެހޭގޮތުންނު. މޭޒުމައްޗަށް އަރުވާ ކާއެއްޗެއްސާއި ފޭރާމާއި ބޭނުންކުރާ ކޮންމެ އެއްޗެއް ހަލާލުނުވެ ކުރާ ދުޢާ އިޖާބައެއްނުވާނެ. ތި ބިޓްކޮއިނަކީ ހަލާލް އެއްޗެއްތަ؟ " ހީނާ ޒޭވިއާގެ އަތުން ފޯނު އަތުލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ގުޅުމުންޒޭވިއާ މަންމަގެ އަތުން ފޯނު އަތުލައިފިއެވެ. ޒޭވިއާގެ އެންމެ ގާތް އެކުވެރިޔަކަށް އޭނަގެ މަންމަ ވާނެކަމުގެ ޔަގީންކަން ހީނާއަށް އޮތްނަމަވެސް އޭނަގެ އެ ޚިޔާލު މުޅިއަކުން ރަގަޅެއްނޫނެވެ. ޒޭވިއާގެ ސިއްރު ދުނިޔޭގެ ކުޑަ މިންވަރެއްވެސް ހީނާއަށް އެނގިފައެއް ނެތެވެ.
***
ހަމްޒާޚާން ތަރާވީސްދަމަށްފަހު އޭނަގެ އަންހެނުންނާއި ހީނާ އާއެކު މުހިއްމު ވާހަކައެއް ދައްކައިލަން ތިއްބެވެ. ހަމްޒާގެ ނިންމުން އިވިފައި ހީނާ އަނގަ ހަދައިލިގޮތުން ހިތިކަން ގަދަ ބޭހެއް ބޮވިގެން މޭނުބައިކުރިފަދައެވެ. ބޭބެގެ ސިކުނޑި ރަގަޅުބާވައޭވެސް ހިތަށް އެރިއެވެ. މާހިރާވެސް ހިތްހަމަނުޖެހިފައި އިންކަން މޫނުމަތިން ހާމަވިއެވެ.
"ހަނަފީ ބޭބެގެ ސިކުނޑި ދޮވެލީތަ؟"
"އެހެނެއްނޫން. ކޮބާ މީގެ މައްސަލައަކީ؟ " ހަމްޒާއެހިއެވެ.
"މައްސަލައަކީ އެ އަންހެންދަރި. އެކުއްޖާގެ އިއްޒަތާއި އަބުރުގެއްލިފައި އޮތީ. ދެމަފރިން ވަކިކޮށްލީ އެއޮތްފަދަ ކުޑަކުއްޖާ. އޭނަގެ މަންމަ އެފެއާއެއް ހިންގަނީޔޯ ބައްޕަގާތު ކިޔާ މަންމަގެ އަގު ވައްޓައިލީ. އެހެންވެ ދެމަފިރިން ވަކިވީ.ހަނަފީވެސް މޮޑަން ޝޭޚަކަށްވެއްޖެ. ފަހު ޒަމާނުގައި ފުޅަކާ ދަންނަ ބޭކަލުން ގިނަވާނެއޭ ކިޔާ އަޑުއަހަން، އޭގެ އެކެއް އެއީ. އޭނަގެ ތުނބުޅި ކުރިން ދިގުކަމަށް ވަނީ މިހާރު ހަޔެއްކަ ލޯލި އިސްތަށި އިނީ. އަދި ފަޓުލޫނުވެސް ދިގުވެ ދަރުސްތައް ނިކަން މޮޑަން ވެއްޖެ. ދީން މޮޑަނައިޒް ކުރާ ވައްތަރާއި ބޭބެ ދެކޮޅުކަމަށް އަޅުގަނޑު ހީކުރީ. އެކަހަލަ ފޭކު މީހެއްގެ ދަރިއަކާއި ބޭބެގެ ހުރި އެންމެ ފިރިހެންދަރިފުޅު ބޮލު އަޅުވަން ވެއްޖެއްޔާ ކޮންފަދަ ދެރައެއްތޯ ނޯއާއަށް ދެއްވަނީ؟ނޯއާ އަށް ކިތަންމެ ކިތަންމެ ބައިވެރިންނެއް ވެދާނެ. ނޯއާ އޭނަ މަންމަ ގާތު ޝަކުވާވެސްކުރިއޭ. ލޫލޫގެ ބެސްޓީއަކު ގެންގުޅޭ ހޯނަކުން އެ ކުއްޖާއަށް ބިރުދެއްކި ވާހަކަ. އެ ބެސްޓީއަކީ އެ ހޯނު ޕެޓަކަށް ގެންގުޅޭ ކުއްޖާ އެ ނުލަފާ ދަރިއަށް ނޫނީ ނުވާނެ. ކޮންފަދަ އަޖައިބުވައްތަރެއްގެ އަންހެނެއް. ސުބުހާނަﷲ. ބިރުވެސް ގަނެއްޖެ. އެނަގެ ހޯނާއި ހޯނުގެ އާއިލާ ފަތި ގޮވައިގެން މިގެއަށް ވަދެ މިގެވެސް މުޑުދާރު ގޮނޑަކަށް ހަދާފާނެ. އަޅުގަނޑުމެންނާއި އެ ހަލަނިގަނޑާއި ދޭތެރެއަކުން ދިމާވޭ ދޯ މާހިރާ. ލޫލޫއާއެކު މިސްކިތާއި ސްކޫލަށްދާ ގަޑީގައި އެ ދަރިވެސް ހިޔަނިހެން ތަތްވެގެން އުޅޭ. ހިނގާ ގޮތާއި އެ ދެއްވާފައިއޮންނަ އަޑެއްވެސް. އަސްތަޣުފިރުﷲ. އޭނަ އެއްޗެއް ބުނެފިއްޔާ ހޮނުގުގުރިއެއް ފަދަ. ވަގުތުން ސިހޭ.............." ހީނާ ކަޒްޔާއާއި ދެކޮޅަށް ހިތުގައިވާހާ އެއްޗެހި ބަންޑުންކޮށްލައިފިއެވެ.
"ހަނަފީގެ ބައްޕައަށް ފަރުވާދޭން ދިގު މުއްދަތަކަށް އިންޑިއާގައި ހުންނަން ވުމުން އެކުއްޖާ ބަލަހައްޓާނެ ބަލަދުވެރިއަކު ނެތް. އެފަދަ ކުއްޖަކަށް އެހީވުމަކީ ﷲ ސުބުހާނަހޫ ވަތައާލާގެ ފަރާތުން ސަވާބު ލިބޭނެކަމަކަށް ވެދާނެ. އެއީ ރަގަޅު އާއިލާއެއް. ތަގުވާވެރިން ދެނެވޮޑިގެންވަނީ މާތް ﷲ. އަޒާލިއާގެ އެކުވެރި ކުއްޖަކަށްވުމުން ލޫލޫގެ ފަރާތުން އެކުއްޖާއަށް ހިދާޔަތް ލިބިއްޖެއްޔާ ކިހާ ރަގަޅު..އަހަންނަށް ވައުދުވެވިއްޖެ. ." ހަމްޒާ ޚާން ހިނިތުންވެލިއެވެ." ހީނާ ހާސްނުވޭ. މިފަހަރު އަހަރެމެންގެ ލޫލޫގެ ކައިވެނިވެސް ކުރެވޭނެ. އޭރުން ދެކުދިންވެސް އުފާވާނެއްނު. ޒޭވިއާ އެއްބަސްވާނެތަ؟ "
ހަމްޒާ ޚާންގެ އެ ޖުމްލައިން ހީނާއަށް ވަގުތުން ހަމްދު ކިޔާލެވުނެވެ.
"ވީހާވެސް އަވަސްކުރަން ޒޭވިޔާ ބޭނުންވާނެ.."
"ހަހަހް...." ހަމްޒާ ޚާންއަށް މަޖާވިއެވެ.
މާހިރާ އެއްގޮތަކަށްވެސް އެ ކައިވެންޏަކާއި ނުރުހެއެވެ. ނޯއާގެ ކައިވެނި ކުރުވުމުގެ މާނައެއްވެސް ނެތެވެ. އެހާ ޅަކޮށް އުޅޭ ފިރިހެންކުއްޖާއި އެފަދަ އަންހެންކުއްޖަކު ގުޅުވައިގެން ނޯއާއަށް އެކަމުން ކުރާނެ ރަގަޅު އަސަރެއްވެސް ނެތެވެ. ދެން ހުރީ އަޒާލިއާއެވެ. އަޒާލިއާގެ ދީންވެރިކަމާއެކުގައިވެސް އެއީ އަދި ކުޑަކުއްޖެކެވެ. އެންމެ ސާދަ އަހަރެވެ. މީހަކާއި އިންނަވަރު ވީކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. އަޒާލިއާގެ އުފާވެރިކަމާއި މައުސޫމްކަން ކައިވެނީގެ އަނގުރު އަލިފާނުގެ ދާން މައްޗެއްގައި ފިހެވިގެން ދާކަށް ބޭނުމެއްނޫނެވެ. ޒޭވިއާއަކީ ގޯސްކުއްޖެއް ނޫނެވެ. ނަމަވެސް މައްސަލައަކީ އޭނަގެ ސިއްރުވެރިކަމާއި އުމުރުގެ ތަފާތެވެ. ހިތާހިތުން ޝަކުވާކޮށްފައިވެސް އޭނަ ވަގުތުން ހެއްދެވި ފަރާތަށް އިތުބާރުކޮށް ތަވައްކަލް ކުރިއެވެ. ހަޔާތުގެ ކޮންމެ ކަމެއްގައި ފިރިމީހާއަށްވުރެވެސް އޭނަ ބަރޯސާވަނީ ﷲ ސުބުހާނަހޫ ވަތައާލާއަށެވެ. އޭނަ ދެކޮޅުހެދިޔަސް ހަމްޒާ ޚާން އެކަައިވެނި ކުރުވާނެކަން ވާހަކަތަކުން އެގުނެވެ. ވީމާ ބޭކާރު ޖަދަލުކުރުމަށްވުރެ އޭނަ ދުޢާކުރާނީއެވެ. އަމިއްލަ ދަރިންނަށް ހެޔޮ ދުޢާކުރުމުން ރަގަޅުގޮތްތައް މެދުވެރި ކުރައްވާނެއެވެ.
މާހިރާއަކަށް އެރޭ ލޮލު ފިޔަ ޖަހައި ނުލެވުނެވެ.
އެތައް އިރެއްވާންދެން އަޅުކަމުގައި ނަމާދުކޮށް ދުޢާކުރުމުގައި އިންއިރު ދޭތެރެއަކުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ފަހުން ހިތަށް ބަޔާން ނުކުރެވޭފަދަ ފިނިކަމެއް ލިބި ހަސްކަމާއި ނުތަނަވަސްކަން ފިލާދިޔައެވެ.
***
އަޒާލިއާ ގާތު އެ ޚަބަރުދިނީ ބޮޑުދައިތައެވެ. ހަމައެކަނި އޭނަގެ ކައިވެނީގެ ވާހަކައެއް ނޫނެވެ. ނޯއާއާއި ނައުމީގެ އެންގޭޖެމެންޓް ރޫޅައިލާ އޭނަގެ ކައިވެނި ކުރެވެނީ ކަޒްޔާއާއެވެ. ލިބުނު ސިހުމާއެކު އަޒާލިއާގެ ބޮލަށް އެނބުރުން އެރިއެވެ. ގޮނޑިއާއި ދިމާލަށް ހިނގައިގަތްތަނާ ފެންކޮޅަކަށް އެރި ކައްސާލާފައި ބޯޖެހި ނިތްކުރީގައި ބޮޑު ގޮބެއް ލައިފިއެވެ. ދެވަނަ ސިކުންތުކޮޅުގައި ހީނާ ހުރީ އައިސްޕެކް ޖައްސައިގެންނެވެ. އަޒާލިއާ އިނީ ޝޮކެއްގައެވެ.
"ކޮން އަޑުފަށްގަނޑެއް. ޗަސް ކަންނެޔޮގަަނޑު ވެއްޓުނީތަ.................." ޒޭވިއާ ދޮރުމައްޗަށް އެރިއެވެ.
"ޕްރެޝަސް ރޯދައަށް ހުރެ މީހުންނަށް ނަން ނަމުން ގޮވާކަށް ނުވާނެ "
"އަހަންނަކީ ޗަސް ކަންނެޔޮ ގަޑެއްނޫން.."އަޒާލިއާ ލޯ ބޮޑުކޮށްލައިފިއެވެ. އޭނަ ދެރަވީވަރަށްވުރެ ބޮޑަށް ރުޅި އައެވެ. އެހެން ދުވަހެއްނަމަ ބޮޑުމީހުންނަށް އިހުތިރާމްކޮށް ގަދަރުކުރަންވެސް އޭނަ އެއްޗެކޭ ނުބުނާނެއެއެވެ. ނަމަވެސް ލިބުނު ޚަބަރަކުން އޭނަގެ ސިކުނޑި މަސައްކަތްކުރުން ހުއްޓާލައިފިއެވެ.
"އެއީ ލޫލޫއަކަށް ނޫނޭ. ނޯއާއަށޭ. ޒޭވިއާވެސް ތިމާގެ އަނބިމީހާއަށް ގަދަރުކުޑަވާނެ ގޮތަކަށް ވާހަކަ ނުދައްކާނެއްނު މަންމަ އެހާ ރަގަޅަށް ތަރުބިއްޔަތު ދީފައި ހުރި ކުއްޖެކޭ....ދޯ ޕްރެޝަސް.ދެންވެސް ބުނެބަލަ އެއީ ލޫލޫއާއި ދިމާލަށް ބުނި އެއްޗެއް ނޫނޭ.................." ހީނާ އަވަހަށް ރަގަޅުކޮށްލަދިނެވެ.
"ޗަސް ކަންނެޔޮގެ ބަދަލުގައި ސްޕޮންޖްބޮބް އޭ ބުނިއްޔާ ލައިކްވާނެތަ؟ " ޒޭވިއާ އެއްލޯ މަރައިލީ މަންމައަށް ނުފެންނަގޮތަށެވެ. މަންމަގެ ނަޒަރު އަޒާލިއާގެ މޫނަށް ހުއްޓުނު ސިކުންތުކޮޅުގައެވެ.
ނުނިމޭ