ބަގަރާ ސޫރަތުގެ ސަތޭކަ އަށްޑިހަ ފަސްވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވަނީ "شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَىٰ وَالْفُرْقَانِ" މާނައަކީ ރަމަޟާން މަހަކީ ތެދުމަގުގެ ތެރެއިންނާއި ހައްގާއި ބާތިލު ވަކިވުމުގެ ގޮތްތަކުގެ ތެރެއިން ފައުޅުވެގެން ހުރި ހެކިތަކެއް ކަމުގައްޔާއި މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައި ކީރިތި ގުރުއާން އެ މަހެއްގައި ބާވައިލެއްވި މަހެވެ. "

***

"މަސްޖިދު އަލް ނޫރު"ގެ ހަރިންމަތެރެވެސް ބަގީޗާއެކޭ ތަފާތެއް ނެތެވެ. މަޑިމަސް ވަކަރު ގަސްތަކާއި ޗަމްޕާޕޫލް ފަދަ ބިޔަގަސްތަކާއެކު ހަދުވަރީ ޖޭސްމިން ހުސްނުހީނާ ގާޑެނިއާ ދެތަނޑިމާ ފަދަ މާ ގަސްތަކުން ފަޅުފިލުވާލާފައެވެ. މުޅި ހިސާބުގައި ސެންޓު ލެވިފައިވަނީ މާމެލާ މެލީގެ ހިތްގައިމު ވަހުންނެވެ. ހައިބަވަންތަކަމާއި މުގައްދަސްކަން މުޅި މާހައުލުގައި ފެތުރި އެހެން ދުނިޔެއެއްގައި އުޅެވޭ ފަދައެވެ. ހިކިފަތްތަކުގެ ދޫލައިން ބިންގަނޑު ނިވާވެފައި އޮތްއިރު ޚަރީފު މޫސުމް އައިސްފައި އޮތްފަދައެވެ.

އަޒާލިއާ މިސްކިތާއި ދިމާލަށް ހިނގައިގަތީ އެންމެ ގާތް އެކުވެރިޔާ ކަޒްޔާއާއި ބައްދަލުކުރުމަށެވެ. އަތުގައި އޮތް ފޯނުން ގާރީ އަމީރް ޝަމީމްގެ ބަލާޣާތްތެރި އަޑު އަހަމުން ދިޔައިރު ދެއަތުން ހީބިހި ނެގިއެވެ. މާތްﷲގެ ކަލާމްފުޅު އިވުމުން މުސްލިމުން ނޫން މީހުންނަށްވެސް އަސަރު ކުރޭ ނޫންހެއްޔެވެ؟ އެހެން ކުދިން މިއުޒިކްއަހާ ފަދައިން އޭނަ ގުރުއާނަށް ދެވިހިފާފައި ހުރުމުން ހިތަށް އުފާވެރިކަން ލިބެއެވެ. އޭނަގެ ހިތުގައި މިސްކިތަށް ދެވިފައިވާ ގަދަރާއި ލޯތްބަކީ މަޔަކު ދަރިއަކު ދެކެވެސް ވާނެފަދަ މުގައްދަސް ގުޅުމެކެވެ. ރަމަޟާން މަހަށްޓަކާ މިސްކިތް ދޮވެ މުސައްލާތައް އާކުރިއިރު އޭނަ ބައްޕަ ހަމްޒާ ޚާން އާއިއެކު އެކަމުގައި ބައިވެރިވިއެވެ. މިސްކިތުގައި ވުޟޫކުރަން ހަދާފައި ހުންނަ އިސްކުރުބަރި ހުންނަ ހިސާބުވެސް އޭނަ ދޮވެލަދިނީ މާތްﷲ ގެ ދަރުމައާއި ސަވާބު އެދިގެންނެވެ. ބައްޕަގެ އެކުވެރި ހަނަފީގެ މިސްކިތަކަށްވާތީ އޭސީ ހަރުކޮށްދީ މުސައްލާތަކާއި އެކު ޚަތިމުތައްވެސް ހަދިޔާކޮށްދިނީއެވެ.

"އައްސަލާމް އަލައިކުމް........." އަޒާލިއާގެ ނަޒަރުގައި ކަޒްޔާ އަޅައިގަތެވެ. ބޮލަށް މަހާލާފައިވާ ކުޑަ ބުރުގާއަކާއެކު އަތްދިގު ޓީޝާޓަކާއި ޖިންސެއްގައި ހުރިއިރު ހެދުން ގައިގެ ތަނެއްގައި ލައްވާނުލައެވެ. އޭނަ އާދައިގެ މަތިން ގަހުގައި ހުރި ހުވަދު މާތައް ބިންނަނީއެވެ. މާތަކާއިއެކު ފަތްތަކަށް ދާންދެން ވަކިކޮށް ގަސް ބަރަހަނާ ކޮށްލުމަކީ ކުޑައިރުއްސުރެ އޭނަގެ ބައްޕައަށްވެސް ނުހުއްޓުވުނު އާދައެކެވެ. ކަޒްޔާގެ ބައްޕަ ހަނަފީގެ މިސްކިތަކަށްވާތީ އެ މިސްކިތުގައި ނަމަކަށް ކުނިކަހާ ދީ އޭނަ ހަދައެވެ. އެކަމަކުގެ އުޖޫރައަކަށް އޭނަ ގެއަށް ގެންދާ އެއްޗަކީ މާތަކެވެ.

"ތިހެން އުޅެނިކޮށް ޖިންނި އެއް އަވަލައިފިއްޔާ.............."އަޒާލިއާއަށް މަޖާވިއެވެ.

"ލޫލޫ. މިހާރުވެސް ކޮރު ޖިންނިއެއް ދޭތެރެއަކުން ފެނި ގެއްލޭ..........." ކަޒްޔާ ޖިންނި ހިނގާ ގޮތަށް ހިނގައިލުމުން އަޒާލިއާ ލޯ އަޅައިލިއެވެ.

"ޖިންނިއަކަސް ﷲ ސުބުހާނަހޫ ވަތައާލާ ހެއްދެވި މަޚުލޫގަކަށް ޣީބަ ކިޔާކަށް ނުވާނެ. ތިބުނާ ޖިންނިއާއި ބައްދަލުކުރަން އެޕޮއިންޓްމެންޓެއް ހައްދަން ޖެހޭނީ. އެކަމަކު ފެންނައިރަށް ފެއިންޓްވެދާނެ. އެވާހަކައެއް ނޫނޭ. މިރޭ ތަރާވީސް ނަމާދު އޮންނާނެ. އައިމް ސޯ އެކްސައިޓެޑް. މިފަހަރު އެންމެ ގިނަ ޚަތިމް ކުރެވޭ ކުއްޖަކު ބަލަންވާނެ. މިފަހަރު މުސްހަފް ކަލެކްޝަންއަށް ރަންކުލައިގެ ޚަތިމެއް ބައްޕަ ދެއްވީ........" އަޒާލިއާ ގެ ދެލޮލުގެ ވިދުން ގަދަވިއެވެ.

"އަހަރެން ކަރު ހިއްކައިގެންފި. ލޫލޫ ފެންނައިރަށް އަހަރެން ކޮންމެވެސް އެއްޗެއް ކާ ހިތް އެބަވޭ..އަނެއްކޮޅުން މަގޭ ފިންގާ އިޒް ބްރޯކެން..ޑީޕްލީ ކަޓެޑް........." ކަޒްޔާ އަތުގެ އިނގިލި ދައްކައިލަމުން މަސްހުނި ބަހުރުވައިން ވާހަކަދެއްކިއެވެ. އިނގިރޭސި ރޯ ނުބައިކޮށް ކިޔުނަސް އޭނަގެ ފަރުވާލެއްނެތެވެ. އަތުގައި ހުރީ މަލަންކޮޅެއް އަޅާފައެވެ. ކުޑަ ކޫރުމެއް އެޅުނަސް ކަޒްޔާ ތަންގަނޑު މީހުން އެއްކޮށްލާވަރު ކުރާނެއެވެ. ރަގަޅަށްވިއްޔާ މަލެއްގެ ކަށްޓެއް ހެރުނީއެވެ.

"މޭ ﷲ ހީލް ޔޫ......."

"އާމީން.." ކަޒްޔާ މޫނުގައި އަތް ފިރުމައިލިއެވެ. އެއާއެކު ތުންފަތް މައްޗަށް ލާނެތް ހިންޏެއް ވެރިވިއެވެ. އޭނަ މަސައްކަތެއް ނުކުރަން ބަހަނާއެއް ދައްކަން ތަންތަނުގައި މަލަން އަޅަން ދަސްކުރީއެވެ. އަޒާލިއާއި ހިއްސާކުރަން އުޅެފައި ހިންދިރުވައިލިއެވެ.

"ތި ބަނޑުކޮޅު ފުރޭ ވަރަށް މިއަދު ކާ އެއްޗެހި ލިބޭނެ އިންޝާﷲ. އެކަމަކު އެންމެ ކުރިން ކަރުހިއްކުން ފިލުވަމާ..."

އަޒާލިއާ މިސްކިތާއި އިންވެގެން ހުންނަ ފިހާރައަށްވަދެ ގަނެލީ ޖޫސްޕެޓީއެވެ. ފޭރު އަދި ޖުމްހޫރީ މޭވާގެ ވައްތަރުތަކެވެ. އެއީވެސް އަޒާލިއާގެ މަސައްކަތެވެ. ތަފާތު ވައްތަރުގެ ކާ އެއްޗެހި ހެދުމުގެ ޝައުގު އޭނަ ހުރެއެވެ. ޖޫސްޕެޓީ ބޮމުން އެކުދިންގެ މިސްރާބު ހުރީ ފުއްޓަރު ފަރާތުގައި ހުންނަ ކަޒްޔާގެ ބައްޕަ ހަނަފީގެ ގެއާއި ދިމާލަށެވެ. މުއްސަދި ނޫނަސް ގަދަރުވެރި އިހުތިރާމް ލިބިފައިވާ އާއިލާއެކެވެ. މުޅިގޭގައި ހުދު ދަވާދުލާފައި ހުރިހާ ފަރުނީޗަރެއްވެސް ހުދުން ހުރުމުން ސާފު ތާހިރުކަމާއިއެކު ލޮލަށް ފިނިކަން ގެނެސްދެއެވެ. ސޯފާސެޓްމަތީގައި ހުދުކުލައިގެ ދެތިން ކުޝަނެވެ. ފާރުގައި ހަރުކޮށްފައިވާ ޓީވީއާއެކު ކުޑަ އަލަމާރިއެއް ބަހައްޓާފައިވެއެވެ. ބައްޕަގެ ހުއްދަ ނުހޯދާ އެކުވެރިއެއްގެ ގެއަށް ދިޔަކަން އެނގުނަސް އަޒާލިއާގެ ބައްޕަ ރުޅި ދުރުވާނެއެވެ. ކުރީ ދުވަހެއްގައި ވަދެފައި އަދި އިރުކޮޅެއްވާންދެން ނިދަން އޮވެވުނެވެ. އެދުވަހުވެސް މަންމައާއި ބައްޕަ އޭނަ ގޭގައި ބަންދުކުރާ ހިސާބަށް މައްސަލަ ބޮޑުވިއެވެ.

ގެއަށް ވަން ކަޒުޔާގެ ބުރުގާ މޭޒުމައްޗަށް ގުޅައަކަށް ޖަހާލައިފިއެވެ. ބޮބްކަޓް ސްޓައިލަށް އިސްތަށިގަނޑު ކޮށާފައި އޮތުމުން ފިރިހެންކުއްޖަކާ ވައްތަރެވެ. އަވީގައި އުޅުމުގެ ސަބަބުން ރަންކުލަ އަރާފައިވާ ހަމާއި އިސްތަށިގަނޑެކެވެ. ކޮންވެސް ވަރަކަށް ތޫނު ދަތްތަކުގެ ސަބަބުން ވެމްޕަޔަރު ކުއްޖެއްފަދައެވެ. ދަތްތައް ނުދައްކާ ހިނިތުންވުމުން އޭނަ މާ ރީއްޗެވެ. ލޮލާއި އަނގަމަތީގައި ލާނެތްގޮތެއް ހުރެއެވެ. އަބަދު ކޮންމެވެސް މީހަކަށް ލަނޑެއް ނުދެވިގެން ވިސްނާފަދަ ގޮތެކެވެ. ބާ ހެދުންގަނޑެއްލައިގެން މިލަވެގެން ހުންނައިރުވެސް ކަޒްޔާ ހުތުރެއް ނޫނެވެ. ކަޒްޔާ ބުނާގޮތުން ކަންނެތްކަމުން ފެންވެރެނީ ހަފްތާއަކު އެއް ދުވަހުއެވެ. ސަފަރުކައްދައޭ ކިޔާފައި ކުދިން ބުލީކޮށްވެސް ހަދައެވެ. ކަޒްޔާ ދެރަވާހެނެއް ހިޔެއްނުވެއެވެ. އަބަދު ހުންނަނީ މޮޔަގޮތަކަށް ހެވިފައެވެ.

"އަހަރެން ލޫލޫގެ ގާތު އެބައިން ބޮޑު ޚަބަރެއް ބުނަންވެފައި...."

"ދެން ނުބުނާތި މަގޭ ހުރި ކޮންމެވެސް ސިފައެއް. އެހެންޏާ ކުރީ ދުވަހު އަދި ބުނެފިޔޭ ލޫލޫ އަނގައާއި ލޯ ހުޅުވާލައިގެން ނިދަން އޮތްއިރު ސޮނި ފައިބާފައޭ....." ކަޒްޔާ އަޒާލިއާގެ އުނގަށް ފައި ލައިގެން ހަމަޖެހިލިއެވެ.

"އަސްލު މަށޭ އެގޮތަށް އަނގަ ހުޅުވަލައިގެން ހުރިހާ ސޫފިތަކަށް އިންވައިޓްކޮށްގެން އޮންނަނީ. އެއް ދުވަހު ހޭލެވުނުއިރު އަނގައިން ހޯނެއް ނުކުތީ. ޕީޑް އެންޑް ޕޫޕްޑް އިން މައި މައުތް ޓޫ........." ކަޒްޔާގެ ޖުމްލައިން އަޒާލިއާއަށް ބޭއިޚުތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. ފަކުރުންގޮސް އަތުން ހީބިހިނެގިއެވެ. އޭނަ އެންމެ ބިރުގަންނަ އެއްޗެހީގެ ތެރޭ ހޯނު ހިމެނެއެވެ.

"އީކް............."އަޒާލިއާ އޯކަށް ދަމަައިގަތެވެ. އަނގަމަތީގައި އަތް އެޅިއެވެ.

"އީކް ނުވޭ. ހޯނުތައް ކިހާ ޕްރިޓީ. އެކަމަކު ހޯނު އަނގަޔަށް ވަން ވާހަކައަކީ ދޮގެއް. އެސޮރު މަށަށް އެކަހަލަ ލަނޑެއް ނުދޭނެއްނު. މިގެއިން ކައިގެން ބޮއިގެން ނިދައިގެން ފާޚާނާކޮށް އުޅެ ގޭގެ ވެރިންނަށް ގޯނާ ނުކުރާނެކަން އެ މަންޖެވެސް ދަނޭ......ދޯ.." ކަޒްޔާގެ ޖުމްލައާއެކު ހޯނު ޗޮކެއް ކަނޑައިލި އަޑާއެކު ކަޒްޔާ ބުނީ ހޯނުގެ ބަހުރުވައިން އާއެކޭ ބުނީކަމުގައެވެ. ކަޒްޔާގެ ލޯ ދަތުރުކުރި ދިމާލަށް އަޒާލިއާ ބަލާލާފައި ދުރަށް ދުއްވައިގަނެވުނެވެ. ސީލިންގްގައި ތަތްލަވައިގެން އޮތީ މަސްޖަހާފައި އޮތް ފަލަ ހޯނެކެވެ.

ކަޒްޔާ ކަބަޑްމަތީގައި ހުރި މާމަގެ ދުފާދަޅުން އަނގަ ރަތްވާންދެން ދުފަންފެށިއެވެ. ދުންފަތްކޮޅެއް ލުމުން އަނބުރައިގަންނަގޮތްވެސް ވިއެވެ. ހޯނު ފެނި ފަކުރުން އެގޭތެރޭ ހުންނަން ނުކެރިގެން ނިކުތް އަޒާލިއާއާއެކު ކަޒްޔާވެސް ހިނގައިގަތީ ބުރުގާ ބޮލަށް މަހައިލަމުންނެވެ. ރީތި ސްޓައިލަކަށް ބުރުގާ އަޅާކަށް ފަރިދައްކާފަދަ ސިފައެއް އޭނަގެ ލައްވާފައެއް ނުވެއެވެ. ނޫނީ އުމުރު ޅަ ކަމުން އަދި ތިއްތިވާކަހަލަ ވިސްނުން ނުގެންގުޅެނީއެވެ.

"އަނބުރައިގަންނަ ގޮތްވެއްޖެ. އަނެއްކާ ދުންފަތް ދުފަައިލާ އިރަށް ކެންސަރު ޖެހުނީތަ؟ " ކަޒްޔާ ލޯ ބޮޑުކޮށްލިއެވެ.

"ކެންސަރަކީ އެލާޖީ ރިއެކްޝަނެއްހެން ވަގުތުން ޖެހޭ އެއްޗެއް ނޫނޭ ޔާޔާ ޑާލިން..." އަޒާލިއާ ކަންބޮޑުވަނީ ކަޒްޔާ ބައެއްފަހަރު އެކަހަލަ މޮޔަ ވާހަކަތައް ދައްކާތީއެވެ. ސަމާސާއެއްކަމަށް ހެދިޔަސް ކަޒްޔާގެ ސިކުނޑީގައި ކުޑަ "ލަސް"ކަމެއް ހުންނަނީބާވައޭވެސް ހިތަށް އަރައެވެ. ސާދަ އަހަރުގައި މީހަކާއި އިންނަން ތައްޔާރަށް ހުރިއިރު އަޒާލިއާ އަހަން ބޭނުންނުވިޔަސް ފިރިހެންކުދިންގެ ވާހަކަތައްވެސް ދައްކަނީއެވެ. އަޒާލިއާގެ ހިތް އަދިވެސް ސާފެވެ. ފިރިހެންކުއްޖަކާއި ބެހޭގޮތުން އޭނަގެ އުމުރުގައި އަދި ވިސްނާފައެއް ނެތެވެ.

"އޭރު ބުނީމެއްނު ހޯނު އަނގަޔަށް ވަނީއޭ. ސަމާސާއަކަށްވެސް ދޮގުހެދުމާއި ބެހޭގޮތުން ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސެއް އޮވޭ. ވީމަ ދޮގު ހަދައިގެން ﷲގެ ރުހިވޮޑިނުގަތުން ލިބިގަންނާކަށް ނުވާނެ. ދެން.....ތިބުނާހެން ލޯ ހުޅުވައިގެން ނިދަންޏާ ފައިދާވެސް ކުރާނެ. ވަގަކު ވަދެފައި އައި ބާރުމިނުގައި ނިކުންނާނެ ދޯ..............." އަޒާލިއާގެ ލޮލަށް އަދިވެސް ފެންނަނީ އެ ފަލަ ހޯނެވެ.

"އެނގޭ އެކަމަކު ހަދާންނެތެނީ..މަގޭ މާމައާއި ކާފައާއި ދެ ދަރިންނާއެކީ އުޅެންޏާ އެވަރެއްނުވާނީ....."

"އައޫޒް ކިޔާ. ވޯލްނަޓްސްއާއި ބްލޫބެރީސް އަދި ޑާކް ޗޮކްލެޓް ގިނައިން ކައްޗޭ. ހަދާން ނެތުމަށް ރަގަޅު ފަރުވާއެއް......" އަޒާލިއާ އެންގިއެވެ.

"ވޯލްނަޓް ޖެހޭނީ ސޭޓުގެ ލޮލުގައި އަތް އަޅާފައި ވަގަށް ނަގަން. އަގުބޮޑުކަމުން އެންމެ އޮށެއްވެސް ދިހަ ރުފިޔާއަށް ޖެހޭނީ..........................." ކަޒްޔާ ކުޑަކޮށް ވިސްނައިލިއެވެ. ހަލަނިކަމުން މަގުން ހިނގާފައި ދިޔައިރުވެސް ފެންނަ ކޮންމެ ގާކޮޅެއް ގަހެއް މަލެއް އަދި ދޮންވެލިފުކަކަށްވެސް ކަޒްޔާގެ ގޯނާތަކުން ސަލާމަތެއް ނުވެއެވެ. ގަހެއް ފެނިއްޖެއް އެލިގަންނާނެއެވެ. "ހައިޕާ" ކަމުގެ ހައްދެއްނެތެވެ. އަޒާލިއާއާ ދިމާ އިދިކޮޅެވެ.

"އެންމެ އޮށެއް ނޫން. ޕެކެޓެއް ދިހަ ރުފިޔާ." އަޒާލިއާ ގެއާއި އަރާ ހަމަވެފައި ގެއަށް ވަދެފައި މާ ހެފުން އަޅާފައި ވަށިގަނޑެއް ހިފައިގެން ނުކުތެވެ. ދެކުދިން ދެފަރާތުގައި ހިފައިގެން ހިނގައިގަތެވެ. ރަމަޟާނަށް މޫދަށް ދިޔުމާއި މާ ހެފުމަކީ މާ ކުރީއްސުރެން ދިވެހިންގެ ސަގާފަތާއި ގުޅިލާމެހިފައިވާ ކަމެކެވެ. މޫދާއި ކައިރިވެލިއިރު މޫދުގައި އެރޭނެ ތަންކޮޅެއްވެސް ނެތެވެ. އެ ރީތި ބީޗް ހުރިގޮތަށް އޮތީ ޕިކްނިކް ގޮސްފައި ތިބި ތަފާތު އުމުރުގެ މީސްތަކުން ފުރާލާފައެވެ. އެކޮޅުން މިކޮޅަށް ޖަހާފައި ހުރި ކުޑަތަކާއި ގޮނޑިތައް އަދި މޫދުގައިވެސް ހަމަޖެހިލައިގެން އުޅެވޭނެ "ޕްރައިވެޓް" ތަންކޮޅެއް ނެތެވެ. ފަރުން ނަގާ ރާޅުތައް ފަހަރަކަށްވުރެ ފަހަރަކު ބޮޑުވެ ފޮނުލައްވަމުން އަންނަގޮތަށް ގޮނޑޮދޮށުގައިވާ މީހުންތައްވެސް ދަމައިގަނެއެވެ. ސީބެޑްތަކާއި ރާޅާ އަޅާ މީހުންނާއި ފަތާމީހުން ހަޅޭއްލަވަނީ ނިކަން ފޯރިހިފާފައެވެ. އަޒާލިއާ ރަގް ފަތުރައިލީ ތަންކޮޅެއް ދުރުގައެވެ. އަދި ވަށިގަނޑު ހުޅުވާލާފައި އެއްޗެހި އަތުރަންފެށިއެވެ. ރީތި ވަށިގަނޑެކެވެ. މަތިގަނޑުގެ އެތެރެ ބައިގާ ތަށްޓާއި ސަމުސަލާއި އުލާއި ޖެހޭގޮތަށް ހުއްޓެވެ. ކަޒްޔާ ތައުރީފުކުރިއެވެ. އަދި ނިކަން ދަހިގޮތަކަށް ކާންފެށިއެވެ.

"އަދިވެސް އެއްކަލަ ޚަބަރު ނުބުނަމެއްނު" އަޒާލިއާ ކަޅުހެދުން ކުޑަކޮށް ހިއްލާލައިގެން ދެފައިވަށްކޮށްގެން އިށީނެވެ.

"އަހަރެން މެރީ ކުރުވަން އުޅެނީ. އެވެސް އޯލްޑް ފާޓަކާއި........"

"އަސްތަޣުފިރުﷲ. لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ އެންމެ ސާދަ އަހަރެއްނު ތިވީ. އައަދި ގްރޭޑް ނުވައެއްގައި ތި ކިޔަވަނީ. ތައުލީމުވެސް ހޯދަން ޖެހޭނެއްނު. ނޫން ޔާޔާ ތި ކައިވެނިކޮށްގެން ނުވާނެ. އަންހެންކުއްޖާގެ ރުހުންނެތި ކައިވެންޏެއް ނުކުރެވޭނެ......"

"އަހަރެން އާއެކޭ ބުނެފިން.." ކަޒްޔާ ހުރިހާ ދަތްތައް ދިއްލާލައިގެން އިނެވެ. ދުނިޔެ އަތްމައްޗަށް ލެވުނަސް މީހަކު އުފާވާނީ އެހާ ވަރަށެވެ.

"މޮޔަވީތަ؟ އާ ޔޫ ކްރޭޒީ ޔާޔާ. ސަރުކާރުން އެއިޓީން ނުވަންޏާ މެރީ ނުކުރެވޭ ގާނޫނެއް ހަދާފައި އޮވެއެއްނު............" އަޒާލިއާ ކުޑަކޮށް ލޯ އަޅައިލިއެވެ.

"ބޮޑުދައިތަ ބުނީ ފުދޭވަރަކަށް މުއްސަދިވެފައި ރަށުގެ ގަދަރުވެރި އާއިލާއެއްގެ ރޯޔަލް ބޭފުޅެކޭ. އަހަރެމެންގެ ކާފަމެންގެ ބިންތައްވެސް ކުޑައެއްނޫން ފައިސާނެތަސް ހަމަ ގަދަރުވެރި އާއިލާއެކޯ. އެބުނާ މީހެއްގެ އަތުގައި އިތުރަށް ހުރީ ފައިސާ.........."

"ސުބުހާނަﷲ. ދެން ޗައިލްޑް ބްރައިޑަކަށްވާން ތިއުޅެނީ؟ހަމަ މުއްސަދިކަމާހެދި................. " އަޒާލިއާ ގަބޫލުނުކުރެވިފައި ބަލަން އިނެވެ. އޭނަ ވިސްނަމުން ދިޔައީ އެ ކައިވެނި ހުއްޓުވާނެ ގޮތެކެވެ. ކަޒްޔާފަދަ ޅަ އަންހެންކުއްޖަކު އެންމެ ސާދަ އަހަރުގައި ބޮޑު ސިންގާ ފިރިހެނަކާއި ކައިވެނިކޮށްގެން އުޅޭ މަންޒަރު ޚިޔާލަށް ގެނައުންވެސް ފަސޭހައެއްނުވިއެވެ.

"މުއްސަދިވީމަ ރަގަޅުކަމެއްނު.. ލޫލޫ ގެ ހަޒްބެންޑަށްވާން ބޭނުމީ ކޮންކަހަލަ މީހެއް..."

"އެއްވެސް އިންޓެރެސްޓެއްނެތް. ތިކަމާ ވިސްނާނީ ކިހިނެއް؟ދޮންތިމެން މެރީ ކުރީވެސް އުމުރުން ޓްވެންޓީ ވީ ފަހުން. އެންމެން ހެން ޔޫކޭ އާއި ކަޝްމީރުގައި ހަޒްބެންޑުންނާއެކު ދިރިއުޅެނީ. އުފަލުން އެކީ އުޅުނު އާއިލާވެސް މެރިޖާއިހެދި ވަކިވީ. ދޭތެރެއަކުން ޗުއްޓީގައި ބައްދަލުވިޔަސް މިހާރު އެ މަޖާކަމެއްނެތް. ބައެއްފަހަރު އެކަނިވެރިވެސްވޭ. އެންމެ ހަނގު ކުއްޖާވީމަ އެންމެން ވަރަށް ޕެމްޕާކޮށް ލޯބިން ގެންގުޅުނީމަ އެދުވަސްތައް މިސްވޭ އެކަމަކު މިއީ ވަގުތީ ޑެސްޓިނޭޝަންއެއް ވީމަ ދިރިއުޅުން އެހާ ޕަރފެކްޓެއްނުވާނެ. ލައިފްއަކީ ޓެސްޓެއް. ޖަންނަތުން އެންމެން އެކީވުމަށް ދުޢާކުރަނީ......." އަޒާލިއާ ކުޑަކޮށް ހީލިއެވެ.

ކަޒްޔާ މަޖާކޮޅެއް ކައިލިއިރު ކުޅިކަމުން ލޮލުން ފެން އައިސް ޗޫސްދަމައެވެ. ކުޅިމަޑުކުރަން ލައްޑޫ ގުޅައެއް އަނގައިިގާ ޖެހިއެވެ. އެވަގުތު އަޒާލިއާ ޓައްޕެއް ހުޅުވާލާފައި ޗޮކްލެޓް ރާސްބެރީ ޗީޒްކޭކުގަނޑެއް ދިއްކޮށްލިއެވެ. ކަޒްޔާ އަނގަމަތީގައި ހާކައިގެން އިދެ ކަމުން ދިޔައިރު މުޅި އަނގަމަތީގައިވެސް ހޭކިފައި ހުރީ ޗީޒާއި ޗޮކްލެޓެވެ.

"ކީއްވެ ގޮހޮރު ފަޅައިގެންދާ ވަރުވީމަ އެންމެ މީރު ފުޑް ތިނެގީ؟ ނޯޓީ ބޭޑް ހާޓްލެސް އަޒާލިއާ ހަމްޒާ ޚާން ކަޝްމީރީ........"

"ހަހަހަ........ހުރޭ ސްނެޕްކޮށްލާނަން.." އަޒާލިއާ މަޖާވެފައި ފޮޓޯއެއް ނެގިއެވެ. " މި ފޮނުވާނީ ޔާޔާ އިންނަން އުޅޭ މުސްކުޅި ބޭގަނޑަށް. ދެން ހަމަ ކުޑަ ކުއްޖަކު ފެންނައިރަށް ބޮޑު ފިރިހެނަކު އިންނަން އެއްބަސްވާންވޭތަ؟ ފޫހިކަން....އެކަމަކު ޔާޔާ ތިހުންނަނީ ރޮބޮޓެއްހެން ހެވިފައި. ބައްޔެއްތަ.............."

"ދޮންމަންމަ މިގެއިން ދިޔަފަހުން އެހެން އެއްވެސް ކަމެއް ބޮޑުކަމަކަށް ނުވޭ. އޭނަ ހުރިއިރު އުޅުނީ ދުނިޔެމަތީގެ ނަރަކައިގާ. އެހެންވެ ބައްޕަ ކޮންމެ ކަމަކު ބުންޏަސް ކޮށްދޭން ހިތާހިތުން ވައުދުވިން. ބައްޕަކަހަލަ ރަގަޅު މީހަކަށް ވެއްޖެއްޔާ އެނިމުނީ. ކައިވެންޏަކީ ދީނުގެ ސުންނަތަކޭ ބޮޑުދައިތަ ބުނީ.........................." ކަޒްޔާ ހާސްވާން ޖެހޭ ވަރުގެ ކަމެއް ނެތްތާއެވެ.

"ސުންނަތެއް އެކަމަކު ކުޑަކުދިން މީހުންނާއި އިންނާކަށް ނުޖެހޭ. ޔާޔާ ކަހަލަ ބޭބީ ކުއްޖަކަށް އެހާ ބޮޑު ޒިންމާއެއް ނުނެގޭނެއްނު..." އަޒާލިއާ ހަރުގޮތަކަށް ބުނެލިއެވެ.

"ކަންބޮޑުނުވޭ. އެ ބޭގަނޑަށް ހަދާލާނެގޮތް ލޫލޫ ބަލައްޗޭ."

ކަޒްޔާއާއި އޭނަގެ އެކުވެރިކަން ފެށުނީ ދާދި ފަހުންނެވެ. އެވެސް މިސްކިތުންނެވެ. އަޒާލިއާގެ އާއިލާ މިރަށަށް ބަދަލުވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެއެވެ. ކަޝްމީރުގައި އެތައް އަހަރެއްވާންދެން ދިރިއުޅުމަށްފަހު ހަގުރާމަ ބޮޑުވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔުމުން މިކޮޅަށް ހިޖުރަ ކުރިތާ އަދި ދޮޅުމަހެއްހާ ދުވަހެވެ. އަޒާލިއާގެ ކާފަގެ ފަޅަށް ހުރުމަށްފަހު އެގެއަށް ދިރުން ލިބުނީ އެމީހުން ދިރިއުޅުން މިކޮޅަށް ބަދަލުކުރުމުންނެވެ. ހަމްޒާ ޚާންއަކީ އިލްމުވެރިޔަކަށްވެފައި މީސްމީޑިއާގައި މަޝްހޫރު ނަމެކެވެ. އޭނަ ވިޔަފާރިއެއް ނުކުރިޔަސް ހަމަޖެހިގެން ދިރިއުޅެވޭވަރަށް ފައިސާއާއި ބިންތައް ލިބިފައިވެއެވެ. އިލްމުވެރިޔަކަށްވުމުން ލިބޭ މުސާރަވެސް ކުޑައެއް ނޫނެވެ.

***

އަޒާލިއާ ގެ ނޭފަތުގައި ހަރުލީ ބަޚޫރު އިން ބޮކަރާއި މާވަހަރުފަދަ އަގުހުރި އެއްޗެހިން ދުން އަޅާ ވަހެވެ. ރަމަޟާންމަހަށް ގެ ދޮވެ ސާފުކުރާފަދައިން ގޭތެރޭގައި މީރުވަސް ދުއްވަން ދުން ބުރުވުމަކީ މާމަމެން ކުޑައިރުއްސުރެ އަދިވެސް ކަށީގައި ހިފާފައިވާ އާދައެކެވެ. ގަދަ ވަހުން ސަލާމަތްވާން ކޮޓަރީގައި އިނަސް ދޮރުގެ ހިންމިތަކުން ކޮންމެވެސް ވަރަކަށް ވަހުގެ އަސަރު ކޮޓަރިއަށް ކޮށްފިއެވެ. މީރުވަހަކަށްވިޔަސް ގަދަ ވަސް ޖެހުމުން އޭނަ ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސާގޮތްވެއެވެ. "މައިގްރެއިން" ގެ ކުނޑިފަށެއް އޭނަގެ ޖީންއިން ލިބިފައިވަނީއެވެ. ރޯދައިގެ ސަބަބުން އެންމެނަށް އެކިގޮތްގޮތުން ފޯރިއާއި ޖޯޝް ހިފާފައިވެއެވެ. އަޒާލިއާއަށް ރަމަޟާން ސިފަކުރެވެނީ އަޅުކަމާއި ﷲ ސުބުހާނަހޫ ވަތައާލާއާއި ގުޅުން ރަގަޅުކުރުމަށެވެ.

"ﷲއަކްބަރު ﷲއަކްބަރު....."މަސްޖިދު އަލްނޫރުގެ އިމާމް ހަނަފީގެ އަޑު މުޅި ހިސާބުގައި ހިފައިލިއިރު މިސްކިތް ފުރެމުން ދިޔައެވެ.

އަޒާލިއާއާއި ކަޒްޔާ ތަރާވީހަށް ދާން ނުކުތެވެ. ތަންކޮޅެއް ކުރީގައި ތިބެ ހިނގަމުން ދިޔައިރުވެސް މާމަމެންގެ ޚަބަރު ބަލައިލަން އިރުއިރުކޮޅާ އެނބުރި ބަލައިލެވެއެވެ.

މިސްކިތަށް ވަނުމުން އެތަނުގައި ދިއްލާލާފައިވާ އޮރެންޖްބޮކި ތަކުގެ އައްޔާއެކު އޭސީގެ ފިނިކަން އަދި ހަމަހިމޭންކަމުން ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. މާﷲގެ ގެކޮޅަށް ވަދެވުމުން ހިތަށް ލިބޭ ފިނިކަމާއި އެތަނުގައި ނަމާދުކުރެވުމުން ލިބޭ "ސަކީނާ" އަކީ މުއުމިނުންނަށް ޚާއްސަ ކަމެއް ބާވައޭ އަޒާލިއާގެ ހިތަށް އެރިއެވެ. އެފަދަ ޚާއްސަ ހަމަޖެހުމެއް އޭނައަށް ލިބުނެވެ. އަންހެނުންނަށް ޚާއްސަކުރެވިފައިވާ ބައިން އޭނައާއި ކަޒްޔާ ޚިޔާރުކުރީ ރަން އަދި މެރޫންކުލައިގެ މުސައްލައެވެ. ބައްޕަ ގަނެދެއްވި ހުދުކުލައިގެ އާ ފޮށާއާއި އިސްޓާކީނު ލުމަށްފަހު އަޒާލިއާ ނަމާދުކުރަންފެށިއެވެ. އެއާއެކު މުޅިން އެހެން ދުނިޔެއަކަށް ދެވުނުފަދައެވެ. ހުރެވުނީ ﷲ ސުބުހާނަހޫ ވަތައާލާގެ ދަރުބާރުގައިކަން އެނގި ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަން މުޅި ޖިސްމަށް ވެރިވިއެވެ. މިރަމަޟާންއަށް ހަމައެކަނި ޚާއްސަކުރެވިފައިވާ އަޅުކަމެއްގެ ގޮތުގައި ތަރާވީހު ނަމާދު ހިމެނިފައިވާތީ އޭނައަށް އެ އަޅުކަން ނިކަން ޚާއްސައެވެ. އަދި މި ނަމާދަށް މިސްކިތަށް ދިޔުމުގެ ހުއްދަ ބައްޕަ ދީފައިވާތީ ވަކިން އުފާވެއެވެ. ދީނުގައިވެސް އަންގަވާފައިވަނީ އަންހެނުން ގޭގައި ނަމާދުކުރުމަށެވެ. ހިމާޔަތާއި ރައްކާތެރިކަންވެސް އެކަމުގެ ހިކުމަތުގެ ތެރޭވިއެވެ.

" ތަހައްޖުދަށް މިހާރުއްސުރެ ލުކް ފޯވާޑް އެބަކުރެވޭ......" ނަމާދުން ނިމިގެން މަގަށް ނުކުމެފައި އަޒާލިއާ ޖޯޝުން ފުރިފައިވާ އަޑަކުން ބުނެލިއެވެ.

"ތެދަށް ބުނަންޏާ އަހަރެން އެ ގަޑީގައި ވަރަށް ކަންނެތްވޭ. ބައްޕަ ގޮވީމަ ރުޅިވެސް އާދޭ. ލޫލޫ ކިހިނެއް ތިހާ އަޅުވެރިވީ؟ މަ ވަރަށް ކަންނެތް. ސްލޮތްއެކޭ ތަފާތެއްނެތް. ކުރާ ހިތްވާ ކަމެއް އޮތިއްޔާ އެއީ ނިދުމާއި ކެއުން..........." ކަޒްޔާގެ އެސްފިޔަތައް ނިދީގެ ސަބަބުން ބަރުވެއްޖެއެވެ.

"ހިދާޔަތް ދެއްވީމަ އަޅުވެރި ވެވޭނެ....އެކަމަކު އަހަންނަކީ ތި ބުނާފަދަ އަޅުވެރިއެއްކަމެއް ސީދާ ބުނާކަށް ނޭގޭ. އެގޭހާ އެއްޗަކީ ރަމަޟާން ޖެހުނީމަ އީމާން ވަރުގަދަވޭ. އެއިޓީ ޕަސެންޓް ވަރު. ބައްޕަގެ ލެކްޗާސްތައް ބަލާ ބަލާ ދީނަށް ލޯބިކުރެވޭ. ރަގަޅަށް އުޅޭހިތްވޭ. އެކަމަކު ބައްޕަމެންނާއި ކައިރިވެސް ނުވާނެ ދޯ. ޝޭޚުންވީމަ. ޔާޔާގެ ބައްޕައަކީވެސް ހާފިޒެއްނު. ކިހާ ރީތިކޮށް މިރޭ ކިޔެވީ. އަޑުއެހީމަ އަސްލުވެސް ގައިން ހީބިހިނެގި. ގޫޒް ބަމްޕްސް އަދިވެސް އެބަހުރި......." އަޒާލިއާ ބުނެލިއެވެ.

"އަސްތަޣުފިރުﷲ. ލޫލޫ މަގޭ ދޮންމަންމައަކަށް ވާ ހިތުންތަ ތިއުޅެނީ؟ " ކަޒްޔާ ހޭންފެށިއެވެ.

"މޮޔަގަނޑު...މީހެއްގެ އަޑު ރީއްޗޭ ބުނީމަ އަދި އެމީހަކާއި އިންނާކަށް ނޫނޭ. ސާބަހޭ. މީހާ ކުޑަޔަސް މައިންޑް މެޗުއާ ވެއްޖެއެއްނު... ނޫޅެން ދެން ކަޒްޔާ ހަނަފީއާއި ވާހަކަދައްކަން...." އަޒާލިއާ ތަންކޮޅެއް ހިނގުން ބާރުކޮށްލިއެވެ.

"ސީރިޔަސްކޮށް ލޫލޫވެސް ދެން ބައްޕަގެ އަޑު ރީއްޗޭ ނުބުނައްޗޭ. އެ ދައިތަގަނޑުންވެސް ބައްޕަގެ ހިތް އަތުލައިގަންނަން އެންމެ ކުރިން ފެށީ އަޑު ރީތި ވާހަކަ. ދެން ކުއްލިއަކަށް ކައިވެންޏާއި ހަމަޔަށް ދިޔައި......." ކަޒްޔާ ދުވަމުން އައިސް އަޒާލިއާ އާ އަރާ ހަމަކުރިއެވެ. ކަންނެތްކަމުން ފައިވާން ހިއްލުންވެސް މަސައްކަތަކަށްވެ ދެފައި ދަމަމުންނެވެ. ކްލާސް ކުދިން ބުނާގޮތުން ކަޒްޔާ ހިނގާއިރު އަސްދޫންޏަކާއި ތަފާތެއް ނުހުރެއެވެ. އެހެންވެ އަސްދޫނި ހިނގާގޮތް ނަކަލުކޮށްގެން އެހެން ހިގަން ދަސްކުރިއެވެ.

"މިރޭ ކޯންޗެއް ޔާޔާ ކައްކަނީ؟ "

"އަހަރެން ނުކައްކަން. ހަލީމާއްތަ އާއްމުކޮށް ކަނޑުކުކުޅާއި ދޮންކޭލާއި ބަތް ހަނާކުރިމަސް އަދި ދިޔާ ހަކުރު ސުހޫރަށް ފޮނުވާނެ. އެއީ ދަމު ކެއުން. އިރުއޮއްސޭއިރަށް މީރު ޖޫހަކާއި ހެދިކާ ތައްޔާރުކުރޭ. ހުކުރުދުވަހު ކުކުޅު ކާން ލިބޭ. ރޯދަ އައީމަ މީރުކޮށް ކާން ލިބޭތީ އެންމެ އުފާވަނީ ތިގޭގައި ކޯނޗެއް ހަދާނީ.........." ކަޒްޔާ ބުނެލިއެވެ.

"އާއްމުކޮށް ކައްކާ އެއްޗަކީ ބިރިޔާނި . މަންމަ އެކަމަށް ވަރަށް ކުޅަދާނަ. ހައިދަރު އާބާދީ ބިރިޔާނީގެ ރަހަވެސް ހުރޭ. ރަމަޟާނަށް ހަލީމް ކިޔާ އެއްޗެއް ޚާއްސަކޮށް ހަދާ. މާމައަކީ ކަޝްމީރު މީހަކަަށްވީމަ އެހިސާބުގެ ކެއުން ނެތި މާމައަކަށް ނުކެވޭ."

"އަހަންނަށް އިންޑިއަން އަދި ދިވެހި ކެއުންވެސް މީރު..ކާ އެއްޗެއް ވިއްޔާ ކެވޭނެ. ބާކީވާ އެތިކޮޅު މިގެއަށް ވައްޓާލަދެއްޗޭ. ބޮޑުދައިތަ ދަހިކަމުން ކިރިޔާ ބަނޑުގައި އުގުޅޭވަރުގެ އެތިކޮޅެއް ފޮނުވައިލަނީ. އެވަރަކުން ނުފުދޭ.." ކަޒްޔާ ހިކިކޮށް ހުއްޓަސް ކެއުމަށް ނިކަން ވަރުހުރެއެވެ.

"މާމަ ސަދަގާތްކުރަން ގިނައިން ކާ އެއްޗެހި ތައްޔާރުކުރޭ. ބަނޑުފުރޭވަރަށް ކާން ލިބޭނެ އިންޝާﷲ..."

"ޖަޒާކަﷲ ޚައިރަން ހާދަ ރަގަޅޭ ކާންދެންޏާ ލޫލޫ މަގޭ ބެސްޓީއަކަށް ވާނީ..."ކަޒުޔާގެ ދެލޯ އުފަލުން ވިދައިލިއެވެ.

***

ކަޒުޔާމެންގެ ގެ ހުންނަނީ ފުއްޓަރުފަރާތުގައެވެ. ރާޅުތަކުގެ މިއުޒިކް ރޭގަނޑު ނާނާއެއްފަދައިން ނިދުމުގެ ބައިވެރިޔަކަށްވެދެއެވެ. އަނބުގަހުގެ ހިޔަލުގައި ހުރި ޖޯއްޔަށް ހަށިގަނޑު ސޮއްސާލައިގެން އޮތްއިރު މޭމަތީގައި ބާއްވާލައިގެން އޮތީ އަޒާލިއާ ދިން މުސްހަފެކެވެ. މަޖެންޓާ ކުލައިގެ ނިކަން ރީތި މުސްހަފެކެވެ. ފޮންޓްވެސް އެހާ ނަލައެވެ. ގޭގެ އަނބުގަހުގައި ހާލިހަދާ ބިސްއަޅާފައިވާ ދޮންދޫނިތައް ރީތި ރާގަށް ލަވަޖަހާފައި ބޯމަތިން އުދުހެއެވެ. ބިންމައްޗަށް ވެރިފައިވާ ހިކިފަތްތައް ވައިރޯޅިއާއެކު ހިރިލަނީވެސް ރާގަކާއެކުގައެވެ. ފަސްގަނޑާއި ގާފުނިތައް ދަށުގައި ޖަގަހަ ހަދައިގެން އުޅޭ ހިނިތަކުގެ ހިތްވަރާއި ބުރަ މަސައްކަތް ކަޒްޔާ ދެކުނެވެ. ދޭތެރެއަކުން ބުޅަލެއް ނޫނީ ކުކުޅެއް ކުރި ކަނޑައިލައެވެ. އަލްހަމްދު ކިޔަވަން ފަށާފައި އަތް ކާއްތާލެވުނީ ބަނޑުގައެވެ

"އަދި ހާދަ އިރެއް އެބައޮތޭ. ލޫލޫމެން ގޭގައި ހަދާ ބިރިޔާނި ކާހިތުން ހުރެވެނީއެއް ނޫން.. އަދި ހަލީމް އެކޭވެސް ބުނި. އެއީ މީހެއްގެ ނަމެއް ނޫންތަ؟ލޫލޫ ގެނައި ޗީޒްކޭކުވެސް ހާދަ މީރޭ. ނަސީބު ރަގަޅު ކުއްޖެއްނު. ކުކުޅު ފެނުނީމަ ތަންދޫރީ ކުކުޅެއް ކާލާ ހިތްވީ................. " ކަޒްޔާގެ ޚިޔާލަށް ތަފާތު މީރު ކާއެއްޗެހީގެ ނަންތައް އަންނަން ފެށުމުން ތުންފަތުގައި ދޫ ހާކާލެވުނެވެ. ކުއްލިއަކަށް ނޭފަތުގައި ޖެހުނީ ބޮޑުދައިތަ ހަލީމާމެންގެ ގެއިން ހަނާކުރި ހަވާދުން ރިހަ ހަަދާއިރު ދުވައިގަތް މީރުވަހެވެ. އޭނަގެ ބަނޑުގައި ކޮކާތައް އުދުހިގަތެވެ. މިވަރުން ގުރުއާނުން އަކުރެއް ކިޔެވޭނީ ކިހިނެއް ހެއްޔެވެ؟

"ކިތައް ފޮތް ކިޔެވިއްޖެތަ؟ " އަޒާލިއާ ވައިބާ ކުރިއެވެ.

"ވަން........." ކަޒްޔާ ހީކުރީ ސޫރަތުގެ ވާހަކަ ކަމަށެވެ. ކިޔެވުނީ އަދި އަލްހަމްދު އެކަންޏެވެ.

"މާޝާﷲ. ހާދަ ފާސްޓޭ...."

"އެހެންވާނެއްނު. ހިތްވަރުދޭނެ ފްރެންޑެއް ހުރީމަ. ކޮބާ އެއްވެސް އެއްޗެއް ހަދައިފިތަ؟ " ކަޒްޔާ އެހިއެވެ.

"މަންމަ އެބަހުރި ކެރޮޓް ޕިރިނީ ޝުފްތާ އަދި ގުލާބު ޖާމޫ ހަދާފައި. ފޮނި އެއްޗެހި ތަންކޮޅެއް ކުރިން ތައްޔާރުކޮށް ފިނިކޮށްލީމަ އިތުރަށް މީރުވާނެ...." އަޒާލިއާ މެސެޖްކުރިއެވެ.

ކަޒްޔާ ކުޅުދިޔާވިއެވެ. ކާހިތުން ކެތްކުރެވެނީއެއް ނޫނެވެ.

"ޟުހާ ނަމާދުކުރިންތަ؟ " އަޒާލިޔާ އަށް ދައްކަން އެނގޭނީ ދީނީ ވާހަކަތަކެވެ.

"ތަންކޮޅެއް ލަހުން ހޭލެވުނީ.. މާދަމާއިން ފެށިގެން ކުރާނަން....." ކަޒްޔާ ޔަގީންކަން ދިނެވެ.

"އިންޝާﷲ ނުބުނެ ވާހަކަ ދައްކާކަށް ނުވާނެ....."

"އެނގޭ. ރޯދަވީމަ ހަދާން ނުހުންނަނީ. ބޮޑުދައިތަގެ ގެއިންވެސް މިއަދު ގަދަޔަށް އެބަ ކައްކާކަން ނޭގޭ." ކަޒްޔާ ލިޔުނެވެ. "ރޯދަ ވީއްލާ ގަޑިއަށް މިހާރުއްސުރެ އިންތިޒާރުކުރެވެނީ. ހަދާންކޮށް ތަށިބަރި ފޮނުވައްޗޭ...."

"އިފްތާރަށް މިގޭ ސުފުރާމަތިވެސް ވަރަށް މުއްސަދިވާނެ. އެކަމަކު އަހަރެން ކަދުރުން ރޯދަ ވީއްލައިގެން މަޣުރިބަށް ދުވެފައި ދެވެނީ. އޭގެ ފަހުން ކެއުމުގެ ދުނިޔެއަށް އާދެވެނީ. ޔާޔާ. މި ދަރުސް ބަލާބަލަ. މޫސާ ޖިބްރީލްގެ ޖެމްސް އޮފް ރަމަޟާން ސީރީޒް ބަލައިލީމަ ގިނަ ކަންތައް ދަސްވެ ހިދާޔަތްލިބޭނެ. މިއީ އަހަރުގައި އަންނަ އެންމެ ރީތި އުފާވެރި ދުވަސްކޮޅު ވީމަ ބޭކާރުކޮށްލާކަށް ނުވާނެ............." އަޒާލިއާގެ ވާހަކަތައް އަހަން އިންއިރު އެކުއްޖާ ބޮޑުވެގެން ވާނީ ޔަސްމިން މޮގާހަދު ފަދަ އިލްމުވެރިއަކަށް ކަމުގައި އޭނަ ނިންމިއެވެ.

ކަޒްޔާ މުސްހަފު މޭގައި ބާއްވާލައިގެން އެހެން ތާއްޔާ ޖެހިޖެހި އިނެވެ. އެންމެ ފަހުން ފޯނުން އެކި ސައިޓުތައް ހާވަން އިންދާ ގަޑިދިޔަގޮތެއްވެސް ނޭގުނެވެ. ރޯދަކުރުކޮށްލަން ސޯޝަލް މީޑިއާ ވަރެއްނެތެވެ. ރޯދަމަހަށް ވަކިން ނޫސްތަކާއި ޓީވީތަކުގެ މުނިފޫހިފިލުވުން ވަރުގަދަވާނެއެވެ. ކެއުމާއި ކުޅިވަރުގެ މޫސުމެއްވެސް ނޫންހެއްޔޭ އޭނަގެ ހިތަށް އެރިއެވެ. އަޒާލިއާ އެކަމާއި ނިކަން ދެކޮޅުވާނެއެވެ. އަޒާލިއާ ދެކޭގޮތުން ބަރަކާތްތެރި ރަމަޟާންމަހަކީ އަޅުކަމުގެ މަހެކެވެ. އިތުރު ރަމަޟާންއެއް ދުށުމުގެ ނަސީބު ނުލިބި އެތައް ބަޔަކު ދުނިޔެ ދޫކުރާއިރު އެބުނާހެން އެ މަހުގެ އެންމެ ވަގުތެއްވެސް ބޭކާރު ގޮތުގައި ދުއްވާލާކަށް ނުވާނެ ނޫންހެއްޔެވެ؟ އަސުރަށް ބަންގިދޭން އަދި ބައިގަޑި އެބައޮތެވެ. މެންދުރު ނަމާދުވެސް ކޮށްލެވިދާނެއެވެ. އޭގެ ކުރިން ބޮޑުދައިތަ ކެއްކި އެއްޗެއްގެ ޚަބަރު ބަލައިލިޔަސް ގިނަ ވަގުތެއް ނުދާނެތާއެވެ. ދެގެ ދޭތެރޭގައި ހުރި ގަސްތަކުގެ ތެރެއިން ވަދެގެން މިސްރާބު ޖެހީ ހަލީމާމެންގެ ބަދިގެއާއި ދިމާލަށެވެ.

"އައްސަލާމް އަލައިކުމް..." ކަޒްޔާ އަކުރުތަކަށް ބާރުލާފައި ކިޔައިލިއެވެ. ހަލީމާ ސަލާމް ބަލައިގަތެވެ.

"އަޑެއް ދެއްވާފައި އޮތަސް އަންހެންކުދިން ބާރަށް ވާހަކަދެއްކީމަ ރީތިކަމެއް ނޫން..." ހަލީމާ އެތައް ހާސްފަހަރު ހަދާންކޮށްދީފިއެވެ. އެކަމަކު ކަޒްޔާގެ ބޮޑު އަޑު މުޅިތަނުގައި ހިފާނުލާ އިރެއް ނުދާނެއެވެ.

"މްމްމްމް....ޑްރޫލިން...." ކަޒްޔާ ތުންފަތުގައި ދޫ ހާކައިލިއެވެ.

"ކޮއިފުޅު ބޮޑުދައިތަމެންނަށްވެސް އެނގޭގޮތަކަށް ވާހަކަދައްކަބަލަ...." ހަލީމާއްތަ ބޯކިބާ މަސްގަނޑު މޮޑެން އިނެވެ. އެތަންކޮޅު ކުޑަކަމުން އުދާސްވެފައިވާވަރުން ހަލީމައްތަގެ މޫނުގައި ދާތިކިތައް ފޮދުޖަހަން ތައްޔާރަށެވެ. އެއްލި ކަޅިއަކުން ސީލިންމަތީގައި ނަގޫ ހަލުވަން އޮތް ހޯނު ފާޚާނާކޮށްފިއްޔާ ކަރަންފުލެއްކަމަށް ހީކޮށް ހަލީމައްތަ މޮޑެނުލާނެކަމެއް ނޭގެއެވެ.

"އެ އެއްޗިސްވެސް ނެޕީ ޖައްސަންވީނު...." ކަޒްޔާ އަށް ބަދިގޭގައި ހޯނު ގެންގުޅުން ރަގަޅެއްނުވިއެވެ.

ކޮންމެ ގޮތެއްވިޔަސް ބޯކިބާ ކާހިތް ކެނޑުނެވެ. ކަޝްމީރީ ކާ އެއްޗެހި އަތްފޯރާފަށުގައި އެބަހުއްޓެވެ. ކައިކައި ފޫހިވާވަރަށް ކެވުނު އެއްޗެހި ނުކާން ބަހަނާއެއް ހޯދިދާނެއެވެ.

"ހަލީމައްތަ ބުނީމެއްނު މެރީ ކުރުވާ ވާހަކަ. އެއީ ކޮން ކުއްޖެއްތަ......"

"އެހެން މީހަކަށް އިވިދާނެ...ޝްޝްޝް.....އަންހެންކުދިން ތިހާ ސުވާލު ގިނަކުރާކަށް ނުވާނެ. ބުނާ މީހަކާއި އިނީމަ ރަގަޅުވާނީ. ކަޒްޔާ މަންމައަށް ދައްކަންވެސް މި ޒުވާނާއާއި ކައިވެނިކުރަންވާނެ. އޭރުން މަންމަ ނިކަން ހަސަދަވެރިވާނެ...ކަޒްޔާ ތީ ބަސްއަހާ ކުއްޖެއްނު......................" ހަލީމާގެ އަޑު ނިކަން މަޑުވިއެވެ.

"އޭނަގެ ނަމަކީ ނޯހް.......ނޫހު އިނގިރޭސި ކުރަން ނޯއާ ކަން ނޭގޭ ކިޔަނީ. ހޫމް ނޯއާ. އެކަމަކު ނޫޙު އަލައިހިއްސަލާމްގެ ނަން އަރަބިން ކިޔާގޮތް ކިހާ ރީތި. ދެން މާ ޒަމާނީވެގެންގޮސް އިނގިރޭސި ނަންނަމުން ދަރިންނަށް ނަން މިދެނީ......" ހަލީމާ ބުނެދިނެވެ. " އެނަން ނުގަންނައްޗޭ. އަވަށްޓެރިންނަށް އެނގިއްޖެއްޔާ މި ކައިވެނި ވިޔަކަނުދޭނެ...."

ނުނިމޭ

ކޮމެންޓް 0