މެހެރްޓީވީ ހުޅުވުމުގެ ރަސްމިއްޔާތަށްޓަކާ އެތަން ޒީނަތްތެރިކޮށްފައިވާއިރު އާޝޯޚުވާފަދައެވެ. އެހާ ޗާލެވެ. އެކިކުލައިގެ އަލިން އެތަން ދިއްލާ އަޅާފައިވާއިރު އެންމެމަތީގައި "މެހެރްޓީވީ" މާ ދުރަށް ފެންނަގޮތަށް ރަތްއަލިން ދިއްލާލާފައިވެއެވެ. މެހެރީނާހުރީ ނިކަން ފަޚުރުވެރިވެފައެވެ. ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްކަމުގައި ވެފައިވިއެވެ. ޒައިތޫންމެން އަންނަ އިރު ސަލްވާ ގެނައުމަށް މެހެރީނާވަނީ އެދިފައެވެ. ކުއްލިއަކަށް މެހެރީނާގެ ހިނިތުންވުން އެއްކޮށް ގެއްލިގެން ދިޔައީ ދެކެން ބޭނުން ނުވާ ސޫރައެއް ފެނިފައެވެ. އޭނަގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ އަރީން މިތަނަށް އައުމަށް ދައުވަތުދިނީ ކާކުހެއްޔެވެ؟ އެދޭތެރޭގައިވާ ދުޝްމަންކަން މުޅި އާއިލާވެސް ދަނެއެވެ. އެކަކު އަނެކަކުގެ ސޫރަ ފެނުނަސް ދެމީހުން އަނދާވަރުވެއެވެ. އެކަމަކު އޭނަގެ ޗެނެލެއް ހުޅުވުމުގެ ރަސްމިއްޔާތަށް އަންނަން ކެރިއްޖެއެވެ. ޖެއްސުމަށެވެ.

"ހައި މެހެރީން..." އަރީން ދަނޑިވަޅެއް ބަލާފައި މެހެރީނާއާއި ކައިރިއަށް ޖެހިލިއެވެ.

"ކީއްކުރަން މިތަނަށް އައީ؟ މިތަނަށް އައުމުގެ އެއްވެސް ހައްގެއް ނޯންނާނެ....." މެހެރީނާ ޖަޒުބާތުތައް ކޮންޓްރޯލްކުރިއެވެ. މޫނުމަތިން ރުޅިވެރިކަން ނުދައްކަން ހިތާއި ހަގުރާމަކުރިއެވެ.

"މަރުހަބާކިޔަން މިއައީ. އެންމެފަހުން ޑްރީމްގެ އެއްބައި ފުރިހަމަވެއްޖެ. މަރުހަބާ މެހެރީނާ...." އަރީންގެ އެ ޖުމްލައިން މެހެރީނާގެ ކެތްތެރިކަން ކޮޅުންލައިގެން ދާވަރުވިއެވެ.

"ތިހާ ނަފްރަތުކުރާ މޫނެއް މިތަނުން ފެނުނީމަ މި އުފާވެރިކަން ޚަރާބުވެއްޖެ. މަރުހަބާ ކިޔުމުގެ މާނައެއްނެތް. މިތަނުން ދިޔައްޔާ ހެޔޮކަމެއް ކޮށްދެވުނުކަމަށް ވާނެ. އަދި ތަންކޮޅެއް ހަމަޖެހިލައިގެން މިރޭ އުޅެވޭނެ. އެވަރު ނުބުންޏަސް އެނގޭނެ. ތިއީ އަހަރެންގެ ދެ ދުނިޔޭގެ ދުޝްމަން..." މެހެރީނާ ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ވާހަކަދެއްކުމުން އަރީން ހީލިއެވެ.

"ކޮބާ ދޮންބެ؟ ކޮއްކޮގެ އުފަލުގައި ބައިވެރިނުވާންވެގެން ސެމިނާރެކޭ ކިޔާފައި ފުރީއެއްނު...." އަރީން އެވާހަކައަށް ޖަވާބެއްނުދިނެވެ.

"ދޮންބެގެ ނަން ކިޔާވަރު މީހެއްވެސް ނޫން ތިއީ. ދޮންބެކަހަލަ މާތް އިންސާނަކާއިމެދު ހިތް ކިލަބުކުރަން ފާޑުފާޑުގެ ވާހަކަދައްކާނެ ކަމެއްނެތް. ދޮންބެ އަހަންނަކަށް ދޮގެއް ނަހަދާނެ...."މެހެރީނާ ބުނެލިއެވެ.

"ހެހެ. ދޮންބެ މާތްވިޔަސް މޮޅުވިޔަސް އަހަރެންގެ މުވައްޒަފެއްނު.." އަރީން ހީވަނީ މެހެރީނާ ރުޅިއަރުވަން މަސައްކަތްކުރާހެންނެވެ. އުމުރުން ތިރީސް ހަތްއަހަރުވީއިރުވެސް އަރީން ހުރީ ހުސްހަށިބަޔަށެވެ. އެކަމުގެ ސިއްރެއް އެހެންމީހަކަށް ނޭގެއެވެ. އިންނާނެ އަންހެންކުދިން ނުވަނީއެއްނޫނެވެ. ނަމަވެސް އޭނަ އަދިވެސް "ޕްލޭބޯއި" އެއްފަދައެވެ. އުމުރުން އެހިސާބަށް ދިޔުމުންވެސް ދިރިއުޅުމެއް ފަށަން ޚިޔާލުނުކުރާތީ އާއިލާއިންވެސް އެކަމަށް ބާރުއަޅައެވެ.

"ދޮންބެހާ މޮޅު މީހެއް ރާއްޖެއަކުނެތް. ނިއުރޯސާޖަންއަކަށްވެފާ އެހާ ރަގަޅު. އަދި ބުނަންތަ؟ ކޮންމެހެން ބޮޑާވެ ކިބުރުވެރިވާނެކަމެއް ނެތް. ދޮންބެ އަދި ތިތާކު ނުހުންނާނެ. އަމިއްލަ ހޮސްޕިޓަލެއްގައި ވެރިޔަކަށް ހުންނާނީ. ހީކުރަނީ ތިނޫނީ މުއްސަންޖެއް ނެތްކަމަށްތަ؟ ކަލޭގެ މުއްސަދިކަމަށް ހަލާކުހުރި. ފެނުނަސް އަހަރެންގެ އެތެރެހަށިން ދުންއަރާވަރުވޭ. މިހިތްވަނީ ނަފްރަތުން ފުރިފާ. ދުވަހަކު ހިތް ހެވެއްނުވާނެ...." މެހެރީނާގެ ނަފްރަތުން ފުރިފައިވާ ގޮތަކަށް ބުނެލިއެވެ.

"ރުޅިއަންނަ ކަމެއް ނޭގޭ. އެންމެފަހުން އިންނަން ޖެހޭނީވެސް އަހަންނާއި ކަން ނޭގޭ..." އަރީންގެ ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކެވެ.

"އަހަރެން ބޮކަކާއި އިންނަން ޖެހުނަސް ކަލެއަކާއި ނީންނާނަން...." މެހެރީނާގެ ކެތްތެރިކަން ކޮޅުންލާފައި ބާރަކަށް ބުނެލުމުން ކައިރީގައި ތިބިމީހުންނަށްވެސް އިވޭނެހެން ހީވިއެވެ.

"ހަހަ. މެހެރީނާވެސް ދޯ. އެހާ ފަކުރު ގަންނަ އެއްޗަކާއި ކައިރިވާން ހަމަ ކެރޭނެ؟ ހޫމް މެހެރީނާ. ޗެލެންޖަކަށް ބަލާ. މެހެރީނާ މަރުވިޔަސް ޑެޑް ބޮޑީއާއި އިނދެފައި ހުއްޓާލާނީ..." އަރީން ހުނުން ކޮންޓްރޯލްކޮށްލާފައި ތަންކޮޅެއް މަޑުމައިތިރިކޮށް އިންޒާރެއްދީފައި ދުރަށް ހިނގައިގަތުމުން މެހެރީނާގެ ލޮލުން ފެންއަންނަގޮތްވިއެވެ. ރުޅީގެ ސަބަބުން އޭނަ މޮޔަވާވަރުވިއެވެ. އަރީންހާ ނުލަފާ ގޮތްކުޑަ އިންސާނެއް މި ބިންމަތީގައިވެސް ނުވެއެވެ. އޭނަވަނީ މެހެރީނާގެ ހަޔާތް ބަރުބާދުކޮށް ނަފްސާނީ ބަލިމީހަކަށް ހަދާފައެވެ. އެވަރުންވެސް ދުރުން އުޅޭކަށް ނޭގުނެވެ. ދުރުކޮށްލެވެންވެސް ނެތީއެވެ. އާއިލާގެ މީހަކަށް އޭނަވިކަމީ މެހެރީނާގެ ބަދުނަސީބެވެ. މިރޭގެ ޕާޓީ އޭނަ ބޭނުންވި ގޮތަކަށް ކުރިއަށް ދާތަނެއް ނުފެނުނެވެ. އަރީން އެހެރީ އޭނަގެ މިއުފާވެރި ރޭ ޚަރާބުކުރަން ފައި ވިއްދާލާފައެވެ. މަންމަމެން އައިއިރު ސަލްވާ ނުގެނައުމުން ސުވާލުކުރުމުން ބުނީ ޓަކިދީދީ ސަލްވާ ދޮރު ނުހުޅުވިކަމުގައެވެ. އަޒަލްއަކަށްވެސް ނާދެވުނެވެ. ދެއްކީ ކުޑަ އުޒުރެކެވެ. މައްސަރުކަންތައް ޖެހިގެން ނާދެވުނީއެވެ. ދޮންބެ ނައުމުން ހިތަށް ލިބުނު މޮޅިވެރިކަން އަދިވެސް ފިލައިގެނެއް ނުދެއެވެ. ސެމިނާރަކަށް ދާށޭ ކިޔާފައި އަރީން ބުނިހެން އޮޅުވައިލީހެއްޔެވެ؟

އެހާވަރުން ރައުދާއާއި ކެމީލާ ގެނައުމުން ވީ ކަމެއް ނެތެވެ. ހައިކަލްވެސް ޕާޓީގައި ބައިވެރިވުމުގެ ބަދަލުގައި ފޫހި ސެމިނާރެއް ފަޅުފިލުވާދޭން އައީއެވެ.

ސަލްވާ މަޣުރިބު ނަމާދުކުރުމަށްފަހު ގުރުއާން ކިޔަވަންއިނެވެ. މަޚުރަޖުން ރީތިކޮށް ކިޔަވަންއިންއިރު އޭގެ މާނައާއިމެދުވެސް ވިސްނާ ފިކުރުކުރިއެވެ. އަރަބިބަސް ދަސްކުރިއްޔާ މިއަށްވުރެ މާރަގަޅަށް ގުރުއާން އޮޅުން ފިލާނެއޭ ހިތަށް އެރިއެވެ. މާނަ އެގުމުން ހިތަށް ގެނެވޭލެއް ބޮޑުވެފައި އަސަރުވެސް ކުރާނެއެވެ. އޭނަ ޕާޓީއަށް ދާން ތައްޔާރުވީ ވަރަށް ފޫހިވެފައިހުރެއެވެ. އޭނަ މިކަމުން ސަލާމަތްވާނެނަމައޭ ހިތަށް އެރިއެވެ. ތައްޔާރުވެ ނިމިގެން އޭނަ އިންތިޒާކުރަންފެށީ ޒައިތޫން އޭނަ ބަލާ އަންނާނެ ގަޑިއަށެވެ. ސަމާލުވެ ދޮރުގައި ޓަކިދޭއިރަށް ބަލަބަލާއިނެވެ. ލަސްވާންފެށުމުން ހަލަބުގެ ރާނީ ވާހަކަ ނަގައިގެންގޮސް އެނދުގައި ޖައްސާލެވުނެވެ. ދެލޯ ކޮންމެވެސް ވަރަކަށް ބަރުވާންފެށިއެވެ. މަޑުމަޑުންގޮސް ފޮނި ފޮނި ނިންޖަކަށް ގެނބިއްޖެއެވެ.

"އައްސަލާމް އަލައިކުން ހާދަ ވަރަކަށޭ ތި ނިދަނީ؟ ދެލޯ ހުޅުވަބަލަ ގަލްބީ........" ފިރިހެންވަންތަ އަޑަކުން ކޮންމެވެސް މީހަކު ބުނެލުމުން ސަލްވާއަށް ދެލޯ ހުޅުވައިލެވިއްޖެއެވެ. ސަލްވާ ސަލާމް ބަލައިގަތެވެ.

"ހާލު ރަގަޅުތަ. ނަމާދުކޮށްފިންތަ؟ " ހައިކަލް އިނީ އެނދުގެ މަގަތުގައި އިށީދެލައިގެންނެވެ. ކޯޓުފަޓުލޫނުގައި ފެންނަލެއް ހާދަ ސްމާޓެވެ. ކުރުކޮށް ކޮށާލެވިފައިވާ ކަޅުކަންގަދަ އިސްތަށިގަނޑު ވިދައެވެ. އޮރެންޖް އަލި އެޅިފައިވާއިރު އެމޫނު ވަރަށް ހިތްގައިމެވެ.

"އަލްހަމްދުލިﷲ. އަޅުގަނޑު ހަމަ މުޅިން ރަގަޅު. އަދި އިޝާ ނުކޮށް މިއޮތީ....." ސަލްވާ ލަދުގަންނަގޮތްވިއެވެ.

"މިއޮތީ އަހަރެން އެކޮޅުން އަންނަމުން ގެނައި ލެވެންޑާ މާ ބޮނޑިއެއް. ލެވެންޑާ މާދެކެ ލޯބިވަމެއްނު...." ހައިކަލް އެ ވައިލެޓް މާބޮނޑި ސަލްވާގެ މޫނުމަތީގައި ކާއްތާލުމުން ސަލްވާގެ މޫނަށް ރަތްކުލައެއްވެރިވެއްޖެއެވެ. ހައިކަލް އެހާ ލޯބިން ވާހަކަދެއްކުމުން ހިތްފުރިގެން އައެވެ.

"ޝުކުރިއްޔާ ހަބީބީ...." ސަލްވާ ތެދުވަމުން މާ ބޮނޑީގައި ހިފެހެއްޓިއެވެ.

"ކޮންއިރަކު ދުރުވީ؟ " ސަލްވާ އަހައިލިއެވެ.

"ޕާޓީއަށް ގޮސްފައި ފެންނާން ނެތުމުން މިއައީ. އަހަރެން އެހާވަރަށް ބުނީމަވެސް ނުދިޔައީ ކީއްވެ ގަލްބީ؟ " ހައިކަލް ސަލްވާއަށް ބަލަން އިނީ ތަފާތު ނަޒަރަކުންނެވެ. އޭނަ މަޑުމަޑުން ސަލްވާގެ މޫނުގައި ފިރުމާލައިފިއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ބާރުބާރަށް ދޮރުގައި ތަޅަންފެށުމުން ސަލްވާއަށް ތެޅިގަނެވުނެވެ. ހިތްވެސް އަވަސްވެލައިފިއެވެ. އަވަހަށް ތެދުވާން ހަދައިގެން އެނދުމަގަތުގައި އޮތް އެއްޗެއް ބިންމައްޗަށް ވެއްޓުނެވެ. ދޮރާއި އަރާހަމަވެފައި ހުޅުވަން ނުކެރި ހުރެފައި ފަހަތަށް ބަލައިލިއިރު ހައިކަލް ފެންނާކަށްނެތެވެ. ހައިކަލް އެހާ އަވަހަށް ގެއްލިއްޖެއެވެ. ހައިކަލް ދިޔައީ ކޮންތާކަށްހެއްޔެވެ؟ ސަލްވާ އަވަހަށް ލެވެންޑާ މާ ބޮނޑި އޮތްތޯ ބަލައިލިއިރު ބިންމަތީގައި އޮތީ ކިޔަން ގެންގުޅުނު ވާހަކަ ފޮތެވެ. ފޮތް ހުޅުވާލެވިފައި އޮތްއިރު ގަނޑު ވިހުރެމުން ދިޔައެވެ. ރަގަޅަށް ވިސްނައިލިއިރު ދޮރުވެސް ހުރީ ތަޅުލާފައެވެ. އޭނައަށް ހޭލެވުނީ ހުވަފެނަކުންނެވެ. އެއީ ކޮންކަހަލަ ހުވަފެނެއްހެއްޔެވެ؟ ހަގީގީ ކަމަކާއި ތަފާތެއްނެތެވެ. ހައިކަލް ދެއްކީވެސް ޕާޓީގެ ވާހަކައާއި އޭނަ އިޝާނަމާދުނުކޮށް އޮތުމުން އެވާހަކައެވެ. އެކަމަކު ހުވަފެނުގައި ނަމަވެސް އޭނައާއި ހައިކަލް ގެ އެކުޑަ ކުޑަ ވާހަކަކޮޅުގައި ގަލްބީ ފަދަ ނަމަކުން މުޚާތަބުކުރުންވީ ހިތަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނު ކަމަކަށެވެ. ގަލްބީ، ހަބީބީ އަދި ހަޔާތީފަދަ ނަންނަމުން ލޯބިވެރިން ގޮވުމުން ސަލްވާ މާ ހިތްހަމަޖެހޭނެއެވެ. އެއީ އަރަބިބަސްދެކެ ވެވޭ ލޯތްބެއްގެ ސަބަބުންނެވެ. އޭނަ އަށް ހައިކަލް އެފަދަ ނަމަކުން މުޚާތަބުކުރާނެ ދުވަހެއް އަންނާނެކަމެއްވެސް ނޭގެއެވެ. ސަލްވާ ގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. އޭނަ ފޯނު ހުޅުވާލުމަށްފަހު ހައިކަލްގެ ނަމުގައި ސޭވްކޮށްފައި އޮތް ނަމްބަރު "ހަބީބީ" އަށް ބަދަލުކޮށްލައިފިއެވެ.

"ގަލްބީ....." ސަލްވާގެ ކަންފަތް ކައިރީގައި ހައިކަލް އެނަން ކިޔާލިހެންހީވިއެވެ. ސަލްވާއަށް ރަކިގޮތަކަށް ހީލެވުނެވެ. އިރުކޮޅެއްފަހުން ސަލްވާ އުޅެގަތީ އިޝާނަމާދުކުރުމަށެވެ. އިޝާނަމާދު ގަޑިން ނުވިކަމަށްޓަކާ އިންތިހާއަށް ދެރަވިއެވެ. އެއާއިއެކު ކޮންމެވެސް ސަބަބަކާއިހުރެ ޕާޓީއަށް ނުދެވުނުކަމަށްޓަކާ ޝުކުރުވެރިވިއެވެ. އެއީ ލެއްވި ރަހުމަތެކެވެ. އެތަނަށް ދިޔަނަމަ އެންމެންގެ މަލާމާތާއި ޖެއްސުމުގެ ސަބަބުން އޭނަގެ ހިތް އިތުރަށް ހަލާކުވާނީއެވެ.

މާއިޒް ޑިއުޓީގައި ހުރިއިރު ދޭތެރެއަކުން ލީނާގެ ހާލު ބަލައިލަންދިޔައެވެ. ވިޝާމްކައިރީގައި ލީނާގެ ވާހަކަދެއްކުމުން ވިޝާމްއަށްވެސް ފުންއަސަރުތަކެއް ކުރިއެވެ. އެމީހާގެ ދަރިންގެ ނުބައިކަމާއިމެދު ވިސްނައިލެވުނެވެ. މާއިޒްއަށްޓަކާ ވިޝާމްވެސް އެމީހާގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ފޯމުގައިވެސް ސޮއިކުރިއެވެ. "ދޮންމަންމަ" ޖެހިއެވެ. އަމިއްލަ މަންމައަށް ނުވާއިރު މަންމަކަމަށް ހަދާކަށް ނުވެސް ކެރޭނެ ނޫންހެއްޔެވެ؟ ލީނާއަށް އެހާ ގިނަގިނައިން ޒިޔާރަތްކުރިއިރުވެސް ލީނާއަކަށް ވިޝާމް އަދި މާއިޒްވެސް ވަކިކުރާކަށް ނޭގެއެވެ. އަނގައިން ބުނަނީވެސް ހިތަށް އެރިފަހަރެއްގައެވެ. ޗޮކްލެޓް މީރުވާހަކަ ލީނާ ބުނެލިއެވެ. ދެން އުޅުނީ ކާނޭޝަން މާ ރީތިވެގެންނެވެ. ވިޝާމް ޗޮކްލެޓެއް ގެނެސްދިނުމުން އެލޮލުން ކަރުނަ އައިތަން ވިޝާމްއަށް ފެނުނެވެ. ކާނޭޝަން މާ ވަކިކުރަން ނޭގޭތީ މާ ފިހާރައަކަށްގޮސް އެމަލަކީ ކޮބާތޯ ވިޝާމް ސުވާލުކުރިއެވެ. އެ މާ ގަނެގެން ގެނެސް އެތާހުރި ވާސްއެއްގައި ޖަހާލަވެސް ދިނެވެ. މާއިޒް އެރޭ އެތަނަށްވަނީ ލީނާގެ ހާލު މާ ބޮޑުވެގެންނެވެ. ރޭގަނޑުވުމުން ލީނާއަށް އެވަނީ ކިހިނެއްހެއްޔެވެ؟ އަނގައިން ނުބުނެވޭތާގައި ނޭވާ ހަމަ ހުސްވާން އުޅޭ ކަހަލައެވެ.

މާއިޒްއާއި ވިޝާމް އެކީގައި ބޭރަށް ނުކުމެފާ ކޮރިޑޯއިން ހިނގައިގަތްއިރު އެންމެންގެ ލޯތައް އެދެޒުވާނުންނަށް ހުއްޓިފައިވިއެވެ. އެމީހުންނަށް އެނގުމެއްނުވާފަދައެވެ. ގޮސް ވަނީ އެތާ ކެފޭއަށެވެ. ކޮފީއަށް އޯޑަރުދީފައި ޖައްސައިލިއިރު މާއިޒްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ވަރުބަލިކަމުގެ އަސަރުތައް ފެނުނެވެ.

"ލީނާ ދައްތައަށްވެގެން އުޅެގޮތެއް އެއްގޮތަކަށްވެސް ނޭގޭ. ރޭގަނޑަށް ހާލުބޮޑުވެ ހަމަ ފުރާނަ ގޮސްދާނެހެން ހީވޭ. މެޑިކަލީ ހަމަ އެއްވެސް ކަމެއް ފާހަގައެއްނުވޭ. ސްކޭނެއް ހަދަންވެސް މިރޭ އެޑްވައިސްކޮށްފިން. ބަނޑު އިންނަނީ ވަރަށް ފުއްޕާފައި.........." މާއިޒް ދުންއަރަ އަރާހުރި ކޮފީތަށީގައި ރަހަބަލައިލިއެވެ.

"ސިހުރަކަށްނުވާނެތަ؟ އަހަރެންވެސް އެހާ ގަބޫލުކުރާކަމެއް ނޫން ޖިންނިންގެ އުދަގޫތައް އިންސާނަކަށް ފޯރައިގެން މިކަހަލަ ހާލަތަކަށް ހިނގައިދާނަކަމަށް. ޖިންނި ޝައިތާނުން އުޅޭކަމަށް ގަބޫލުކުރިޔަސް އެއްޗެހީގެ ސަބަބުން މިފަދަ ބައްޔެއް ޖެހިދާނެކަމަށް ހަމަ ގަބޫލުނުކުރެވެނީ. ކޮންމެ ކަމެއްވެސް ސައިންޓިފިކަލީ އެކްސްޕްލެއިން ކުރެވެން ޖެހޭނެ ދޯ. އެކަމަކު ލީނާ ދައްތައަށް ވާގޮތްތައް ފެނުމުން ވަރަށް އެހެން ކަހަލަ އިހުސާސްތަކެއްކުރެވޭ. ލައިކް ދެއަރސް ސަމްވަން އެލްސް އިން ދެޓް ރޫމް. އެތަނަށް ވަދެފާ ފިނިވާގޮތްވި........" ވިޝާމް ކިޔައިދިން ވާހަކަތައް އިވިފާ މާއިޒް ހޭންފެށިއެވެ.

"އޭސީކޮށްފައި ހުރީމަ ދެން އަވަނަށް އެރުނުހެންތަ ހީވާންވީ؟ ކަމޯން ޑޫޑް. ދެން ތި ބޯދާ ޚިޔާލުތައް ނުކުރޭ. ރިއެލިޓީއާއި އިމޭޖިނަރީ އާއި ދޭތެރޭގައި ރޮގެއް އިންނަންޖެހޭނެ. ދޭތި އެއްކުރަންވެއްޖެއްޔާ ދެން ވަރަށް އުދަގޫވާނެ. ޖިންނިން ދެން ހަމަ މީހާ ނޭވާލާން ދަތިކޮށްފަ އެހެން އުދަގުލެއްނުކޮށް ދަނީ، ވެލް ތި ތިއަރީ އަހަންނަށް ގަބޫލެއްނުކުރެވޭ. ބައިދަވޭ ވަރަށް ތޭންކްސް ލީނާ ދައްތައަށް ވަރަށް ހިތްގައިމު މާކޮޅެއް ގެނެސްދިނީތީ. ކެޑްބަރީ ޗޮކްލެޓްވެސް...." މާއިޒް ބުނެލިއެވެ.

"އެއީ އަހަރެންގެ ދޮންމަންމައޭ......." ވިޝާމް އެއްލޯ މަރައިލިއެވެ.

"ނޮޓް ބޭޑް....." މާއިޒް ހިނި އައެވެ.

"މާއިޒްގެ ދޮންމަންމަ ކިހިނެއްތަ؟ " ވިޝާމް އަހާލައިފިއެވެ.

"އަހަންނަށް އޭނަގެ ވާހަކަވެސް ބުނެވުނީތަ." މާއިޒް ސިހޭގޮތްވިއެވެ. ހަގީގަތުގައި އޭނަ ވިޝާމް ކައިރީ ސަލްވާގެ ވާހަކަ ބުނި ހަދާނެއްނުވެއެވެ. ނަމަވެސް ސަލްވާއާއިމެދު ޚިޔާލުކުރެވޭލެއް މަދެކޭ ނުބުނެވޭނެއެވެ.

"މާޒްވެސް ޑިޕްރެޝަންއަށް ބޭސްކާން ފެނޭ. ބޯ ގޮވާފައި ތިހިރީ....." ވިޝާމް ސަމާސާ ހުނުމަކާއިއެކު ބުނެލިއެވެ.

"ހޫމް. ދޮންމަންމައެއް ހުރޭ. އަހަރެންގެ ބޯ ހަލާކުވާ ވަރުވޭ. އަހަރެމެންނާއި އެއްގޮތަކަށްވެސް ގުޅޭ މިޒާޖުގެ އަންހެނެއްނޫން. ފައިންފެށިގެން ބޮލާއި ހަމަޔަށް ކަޅު ހެދުމުގައި ފޮރުވިގެން ހުންނަ އެކްސްޓްރީމިސްޓެއް. ބައްޕައަށްޓަކާ ހިމޭނުން ހުންނަން މަޖުބޫރުނޫންނަމަ މިހާރު އެގެއިން ނެރެލައިފިން. އެކަމަކު ބައްޕަފަދަ މާތް އިންސާނަކަށް އިހުތިރާމްކުރަން ޖެހޭތީ އަހަރެން ހިމޭނުން ހުންނަނީ....." މާއިޒް ގެ ބޯ ބުމަ ކައިރިކޮށްލީ ފޫހިވެފައިވާފަދަ ގޮތަކަށެވެ.

"ލަވް މެރިޖަކީދޯ. ބައްޕަ ވަރަށް ލޯބިވޭތަ؟ " ވިޝާމް ކޮފީތަށި ތުނބުގައިޖެހިއެވެ.

"ތި ސުވާލު ބައްޕައާއި ކުރަންވީ....." މާއިޒް އާފުރިލިއެވެ. ނިދި އޭނަގެ ލޮލަށް ސަވާރުވާންފެށިއެވެ.

"ބައްޕަވެސް ހައްދުފަހަނަޅާފައިވާ މީހުންގެ ބަޔަށް ވަނީކަމަށްވާނީ. ހިޖާބުގައި ހުރި އަންހެންކުއްޖަކާއި އިންނާނީ އެކަހަލަ ޚިޔާލެއްހުރީމައެއްނު. މާ މޮޅަށް ކިޔެވީމަ އެހެންވެސް ވާނެ......" ވިޝާމް ދުރަށް ބަލަންއިންއިރު އެދެލޮލުގައިވާ ޝުއޫރުތައް ކިޔާކަށް މާއިޒަކަށް ނޭގުނެވެ. އޭނައާއި ކިތަންމެ ގާތްކޮށް އުޅުނަސް ސިއްރުވެރިގޮތެއް ވިޝާމްގެ ހުރެއެވެ. ޚުދު މާއިޒްވެސް އޭނަގެ އަމިއްލަ ކަންތައްތައް މިހާދުވަހު ހިއްސާކޮށްފައެއްނުވެއެވެ.

ދެމީހުން ވާހަކަދައްކަން ބައިގަޑިއެއްހާއިރު ވަންދެން އެ ކެފޭގައި ތިއްބާ ބޯކޮށް ވާރޭވެހިގަތް އަޑު ފަޒާގައި ހިފައިލިއެވެ. ފިނިކަންވެސް އިތުރަށްގަދަވިއެވެ. ކާރަށް އެރިއިރު ދެމީހުންވެސް ކޮންމެވެސް ވަރަކަށް ތެމިއްޖެއެވެ. ރޯޒްމެހެލްއާއި ހަމަޔަށް ދެވުނުތަނާހެން އަދި ކާރުގެ ތެޔޮ ހުސްވިއެވެ. އޭރު ވައިގަދަކަމުން ދެމީހުންގެ ގަމީހުގައި ވައި އަޅުވަމުން ދިޔައެވެ. ވާރޭގެ ތިކިތައް ހުރިހާ ފަރާތަކުން އައިސް ހަމަލާދިނީ ރަހުމެއްނެތިއެވެ. މާއިޒް އެދުނީ ވިއްސާރަކަމުން އެގޭގައި މަޑުކޮށްލުމަށެވެ. އެހާ ދުރަށް ދުއްވަންވެސް އޭނަ ހުރީ ކަންނެތްވެފައެވެ. ގެސްޓްކޮޓަރިއެއްގައި އޭނައަށް ހުރެވިދާނެއެވެ. ވިޝާމްވެސް އެކަމާއި މާބޮޑަށް ދެކޮޅުހެދުމެއްނެތި އެގެއަށް ވަންއިރު ގޭތެރެ އޮތީ ފަޅުވެފައެވެ. އެންމެން ނިދާހަރުވީކަން ނޭގެއެވެ. ބާރަޖެހުމުން އަދި ޒުވާން އަންހެންކުދިންނަށް ރޭގަނޑު ފެށުނީ ނޫންހެއްޔެވެ؟ މާއިޒް ކަންނެތްވެފައި ހުއްޓަސް ވިޝާމް ނިދަން ލާން ޕިޖާމާއެއް ދިނެވެ. ކޮފީ ޖަގެއްވެސް ގެނެސް ބަހައްޓާ މެހެމާންދާރީ އަދާކުރިއެވެ. އެއަށްފަހު ކައުޗަށް ވެއްޓިގަތްގޮތަށް ދެލޯމަރާލައިފިއެވެ. ވިޝާމް ތެތް އެއްޗެހި ބަދަލުކުރުމަށްފަހު މޭޒުމަތީގައި އޮތް މާއިޒްގެ ފަށް ނަގައިގެން އަތުގައި އެޅިއެވެ. ރީތި ފަށެކެވެ. އޭނަގެ އަތާއިވެސް އެހާ ގުޅެއެވެ. ކޮފީތަށްޓެއް ބޮއިބޮއި ހުރެފާ ބެލްކަންޏަށް ނުކުތްއިރު އެތަނަށް ވެރިވެފާ އޮތީ ރީދޫ ކުލައިގެ އައްޔެކެވެ.

"މާޒް....." ކުއްލިއަކަށް ކޮންމެވެސް އަންހެންކުއްޖެއްގެ އަޑު އިވުނެވެ. ވިޝާމް އެނބުރި ބަލައިލިއިރު ކަކުލާއި ހަމަޔަށް އަރާވަރުގެ ތުނި ހުދުކުލައިގެ ހެދުމެއްގައި ހުރި ބޯ ބުޅި އަންހެންކުއްޖެކެވެ. ބެއަރއަކާއި ބައްދާލައިގެން ހުއްޓަސް ޒުވާން އަންހެންކުއްޖެއްގެ ހުރިހާ ސިފަތަކެއްވެއެވެ.

ކޮމެންޓް 0