"ސަލްވާ. ވީ ނީޑް ޓު ޓޯކް...." ހައިކަލްގެ މޫނުމަތިން ތަފާތު އަސަރެއްނުފެނުނެވެ. އެދެލޮލަށް ބަލާފައިވެސް ޝުއޫރުތައް ތަރުޖަމާކުރުން ދަތްޗެވެ. ނަމަވެސް ސަލްވާގެ ހިތުގެ ކަނަކުން ބިރުވެރިކަމުގެ ސިގްނަލްދިނެވެ. ވަގުތުން ހަތަރެސްފައި ފިނިވެލައިފިއެވެ. ހާސްވީކަހަލަ ގޮތަކަށް ދެއަތް އުނގުޅަމުންގޮސް ސޯފާގައި އިށީންގޮތަށް ސަރުބަތުތަށިން އެތިފޮދެއް ބޯލީވެސް ހިކިފައިވާ އަރުތެރެ ތެންމާލުމަށެވެ. ހައިކަލްގެ އެ ޖުމްލައިގެ ވި ސީރިޔަސްކަމުން އެއީ އާދައިގެ ވާހަކައެއް ނޫންކަން ސަލްވާ ދެނެގަތެވެ. އެކަމަށް ތައްޔާރުވާން އޭނަ ޖެހޭނެއެވެ. ކޮންމެވެސް މީހަކު ބާރަށް ދޮރުގައި ތަޅައިގަތެވެ. ހީވީ ދޮރު ވައްޓާލަފާނެހެންނެވެ.

ހައިކަލް ދޮރުހުޅުވައިލިއިރު ވެގެން އުޅެނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ.

ދޮރުމަތީގައި ހުރި މެހެރީނާ ހާސްވެގެން ބިންމަތީގައި ފައި ހަރުވެސް ނުލައެވެ. ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވަމުން ދިޔައިރު އޭނައަށް ރަގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

"ދޮ....ދޮންބޭ.....ދެއާސް އެން އެކްސިޑެންޓް....ޒެލް........."

"ޒެލް ވީ ކޮންތާކު. ޒެލްއަށް ކިހިނެއްވީތަ؟ " ހައިކަލްގެ ހިތް ނުތަނަވަސްވެގެން ދިޔުމާއިއެކު މެހެރީނާގެ އަތުގެ ފަލަމަސްގަނޑުގައި ހިފެހެއްޓުނުލެއް ބާރުކަމުން އޭނަގެ ކޮނޑުހުޅުވެސް ލުއްސާލިހެން ހީވިއެވެ. ހިތާމައިގެ ކޮޅެއްނެތް ހިތާމައިގާ ރޮއިރޮއިހުރި މެހެރީނާއަށްވެސް ތަދު އިހުސާސްވެ އައްދިއްޔޯތް ކިޔާލެވިއްޖެއެވެ.

"ވިޝާމް ޒެލް ސިޑިބަރިމަތިން ކޮށްޕާލީ. ޒެލް ޖެހުނުގޮތަށް މޫވް ނުކުރޭ..ވިޝާމް އެމްބިއުލެންސަށްވެސް ގުޅައިފި. ހެޑް އިންޖަރީއެއް ކަމަށް މާޒް ބުނި އަޑުއެހިން........."މެހެރީނާ އަތުގައި އަތް އުގުޅަން ހުރެ މިފަހަރު ތަފްސީލުދިނެވެ. ހައިކަލްގެ ފަހަތުގައި ހުރި ސަލްވާއަށް އެއަޑުއިވި މީހާ ގަނޑުވާގޮތްވިއެވެ. ވިޝާމް ހަމަ އެފަދަކަމެއް ކޮށްފާނެބާވައެވެ. މެހެރީނާފަދަ މީހަކު ކޮންމެފަދަ ވާހަކައެއްވެސް ހަދައިގެން ދައްކަފާނެއެވެ. ނަމަވެސް އެފަދަ ބޮޑު ތުހުމަތެއް ކަމަކާއި ނުލާ އަޅުވާނެހެން ހިޔެއްނުވެއެވެ. ވިޝާމް މޮޔަވީބާވައެވެ. އިރާދަކުރެވިއްޔާ މާ ބޮޑުކަމެއްނުވާނެއެވެ. ސަލްވާ ހިތާހިތުން ދުޢާކުރިއެވެ. ބޮލަށް އަނިޔާވި ވާހަކަ އަހާފައި ހައިކަލްގެ ހިތުގައި ބިރުވެރިކަމުގެ ފިނި ރާޅެއް ދުވެލިއެވެ. ސިކުންތުކޮޅަކަށްވެސް ލަސްވުމެއްނެތި ހައިކަލް ދުއްވައިގަތީ ސިޑިބަރިއާއި ދިމާލަށެވެ. އެންމެ ތިރީ ހަރުފަތާއި ހަމަޔަށް ދެވުނުއިރު އޭނަގެ މަންމަ ބައްޕަގެ ގައިގާ ބައްދާލައިގެން ހުރެ ރޮމުން ދާތަން ފެނުނެވެ. ޒައިތޫން ހައިކަލްއަށް ބަލައިލިއެވެ.

"ދަރިފުޅާ. ޒެލްއެއް ނެތް......އެކުއްޖާ މަރާލައިފާ އޮތީ.."

މަންމަގެ އެ މާޔޫސް ޖުމްލައިން ހައިކަލްގެ ހިތަށް ފުން އަސަރުތަކެއްކުރިޔަސް އޭނަ ހަމަޖެހެން މަސައްކަތްކުރިއެވެ. އެއާއިއެކު ދެން ހައިކަލްއަށް ބަލައިލެވުނީ ދޫލަމަތީގައި އޮތް އަޒަލްއަށެވެ. މާއިޒް އަޒަލްއަށް އެހީވާން މަސައްކަތްކުރިއިރު ވިޝާމް އިނީ ކުށްވެރިއެއްފަދައިން އިސްޖެހި މޫނުގައި އަތް އެޅިފައެވެ. މާއިޒް ހައިކަލް ކައިރީ ބުނީ އެމްބިއުލެންސްއަށް ގުޅައިފިކަމަށާއި އަޒަލްގެ މައިބަދައަށް ގެއްލުމެއްވެފައި ވެދާނެތީ ކާރުގައި ގެންދިޔުން ރަގަޅުނޫންކަމަށެވެ. އަޒަލްގެ މޫނަށް ހުދުކުލަވެރިވެ ނޭވާލާން އުދަގޫކަން ފާހަގަކުރެވުނެވެ. އެދެލޮލުގައި އެއްވެސް ދިރުމެއްނެތެވެ. ކަޅިވަނީ ހުއްޓެން ކައިރިވެފައެވެ. ޝަބްނަމްގެ މުތީތައް މަލަކަށް ފައިބާހެން އެދޮންމޫނުގައި މޫނުމަތީގައި ދާތިކިތައް ބަބުޅައެވެ. ހައިކަލް ކުޑަކަކޫމައްޗަށް ތިރިވިއިރު އޭނައަކީ ކުޅަދާނަ ޑޮކްޓަރެއްކަންވެސް ހަދާނެއްނެތެވެ. މާއިޒް ބުނި އެއްޗެއް މުޅިން ދޭހަވެސް ނުވިއެވެ. ހައިކަލްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

"ޑޭޑް؟ " އަޒަލް ޔަގީންނުވެފައި ކަހަލަ ގޮތަކަށް ހައިކަލްގެ މޫނަށް ބަލަން އޮތެވެ. ހައިކަލް ވަކިކުރަން ނޭގިފައި އޮތްކަން ޔަގީނެވެ. ހައިކަލް އާއެކޭ ބުނުމާއިއެކު އަޒަލް އެ ގަނޑުފެންކޮޅެއްފަދަ އަތުން ހައިކަލްގެ އަތްތިލައިގާ ހިފަހައްޓާލިއެވެ. އެއަތުގައި އެއްވެސް ބާރެއްނެތެވެ. އަޒަލް ހީލިއެވެ. މަރުގެ ވޭނުގައިވެސް އޭނަގެ ލޯބިވާ ބައްޕައަށް ހިތްވަރުދޭން މަސައްކަތްކުރީ ގައިގާ އަޅަމުންދިޔަ ވޭންވެސް ހަދާން ނައްތާލާފައެވެ.

ހައިކަލް އެވަގުތު ހަދާންވީ ކޮންމެ ފަހަރަކު އަޒަލް އެގޮތަށް އޭނަ ފެނުމުން ޔަގީންނުވެ ހަމަ އެގޮތަށް ސުވާލުކުރާފަދަ ގޮތަކަށް ގޮވާކަމެވެ. ހައިކަލްއަށް އެއްޗެއް ވިސްނެންފެށީ އެހިނދުކޮޅުއެވެ.

"ބީ ސްޓްރޯންގް. ލަވް ޔޫ ޑޭޑް........" އަޒަލްގެ ތުންފަތް ހަރަކާތްކުރިޔަސް އަޑުބޭރެއް ނުވިއެވެ.

"ﷲ ބީ ވިތް ޔޫ........"އަޒަލް ދެލޯ މެރެން އުޅުނެވެ. ހައިކަލްގެ ދެލޮލުގައި ކަރުނަ ގިނަވެގެން ދިޔައީ އޭނަގެ ހުރިހާ ހިތްވަރެއް ނެތިކޮށްލާފައެވެ. އަޒަލްގެ ޚަބަރު ހުސްވަމުން ދިޔައިރުވެސް އޭނަ ހައިކަލްގެ ލޮލުން ކަރުނަ ފޮހެލަދީފައި އެދުނީ ނުރުއިމަށެވެ.

"ޕްލީޒް ޒެލް ސްޓޭ ވިތް މީ.........." ހައިކަލް ހާސްކަމާއިއެކު އަޒަލްގެ ގައިގާ ހިފާފައި ކުޑަކޮށް ތަޅުވައިލިއެވެ. އަދި އަޒަލްގެ ބޯ ނަގާ އުނގުގައި ބޭއްވިއެވެ. އުމުރުދުވަހުވެސް އެފަދަ ގޮތަކަށް އެންމެންގެ ކުރިމަތީގައި ހައިކަލް މިގޮތަށް ކަރުނަ އޮއްސާފައެއްނެތެވެ. އޭރު ސަލްވާއާއި މެހެރީނާވެސް ސިޑިން ފައިބައިގެން އަތުވެއްޖެއެވެ. މެހެރީނާ ވަރުގަދަޔަށް ސަލްވާއަށް ދެލޯ އަޅާލުމުން ސަލްވާ އިސްޖެހިއެވެ. ބޭރަށްދާން ތައްޔާރުވެގެން ނިކުތް އާޒީން އަދި ލަވައެއްގެ ރާގު އަޅުވާލާފައި ސިޑިން ފޭބީ ދުވެލާފައި ކަހަލަ ގޮތަކަށެވެ. ތިރީގައި ހިނގި ހާދިސާގެ އެއްވެސް ހިލަމެއް އޭނައަކަށް ވެފައެއްނެތެވެ. އެންމެން އެއް ދިމާލަކަށް ބޮނޑިވެގެން ތިބިތަން ފެނިފައި އާޒީން އެންމެންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. ބައްޕަގެ ލޮލަށް ކަރުނަ އަންނާނީ ބޮޑުކަމެއްވެގެންނެވެ. އަޒަލްއަށް ކޮންމެވެސް ކަމެއްވެއްޖެއެވެ. ބޮޑުކަމެއްވެއްޖެއެވެ. އަޒަލް އޮތީ ދެލޯ މެރިފައެވެ. އާޒީންގެ ސިކުނޑިއަށް ވާންވެ ފަޅައިގެން ދިޔަފަދަ އިހުސާސެއްކުރެވުނެވެ.

"ޒެލް........." އާޒީން ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތުމުން ފާރުތަކުގައި ޖެހި އެ އަޑު ގޭތެރޭގައި ގުގުމައިލިއެވެ. އެއަޑުއެހި ކޮންމެމީހެއްގެ ގައިން ހީބިހި ހަލުވާލާނެއެވެ. މެހެރީނާ ރޯންފެށިއެވެ. ރޮއިރޮއިހުރެ ވެގެން އުޅޭގޮތް ކިޔައިދިނުމުން ހިލަބުދެއްހެން އެސްފިޔަޖަހާލަން ނޭގި ހުރުމަށްފަހު ދެންފެނުނީ އާޒީން އަރިއަޅާލިތަނެވެ. މާއިޒް ހުޝިޔާރުކަމާއިއެކު ކުރިއަށް ޖެހިލާފައި ހިފެހެއްޓުމުން މާއިޒްގެ އަތުތެރެއަށް ޚަބަރުހުސްވެގެން ދެމުނީއެވެ.

އޭރު އެމްބިއުލެންސްގެ ސައިރަންގެ އަޑުއިވެން ފެށިއެވެ. މިނިޓެއްނުވަނީސް ޕެރަމެޑިކް މީހުން އައިސް އަޒަލް ސްޓްރެޗާއަށް ލިއެވެ. ޝޮކެއްގެ ސަބަބުން ބަސްހުއްޓިފައި ހުރި ހައިކަލްގެ ސިކުނޑި ރަގަޅަށް މަސައްކަތްކުރަންފެށިއެވެ. އެންމެނަށް އަމުރުކުރީ އަވަސްކުރުމަށެވެ. ގެއްލެމުންދާ އެންމެ ސިކުންތުކޮޅަކީވެސް ވަރަށް އަގުހުރި އެއްޗެކެވެ.

އަޒަލް ސީޓީ ސްކޭން ހަދާފައި ވަގުތުން ތިއޭޓަރަށް ވެއްދިއެވެ. ހައިކަލްއާއި އޭނައާއިއެކު މަސައްކަތްކުރާ ސީނިއާ ޑޮކްޓަރުންނާއި ޓީމް އަޒަލްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރިއެވެ. އިމަޖެންސީކޮށް އޮޕަރޭޝަންކޮށް ސިކުނޑިއަށް އެޅެމުންދާ ލޭ ހުއްޓުވަން އުޅެނިކޮށް އަޒަލް ކާޑިއެކް އެރެސްޓަކަށް ދިޔައެވެ. ލޯބިވާ ދަރިފުޅުގެ ހަޔާތުގެ ބައްތި ނިވެމުންދާތަން ފެނި ހައިކަލްގެ ހިތް ފަޅިފަޅިވެގެންދިޔައެވެ. އެވަރުންވެސް އެންމެފަހުގެ ނޭވަޔާއި ހަމަޔަށް އޭނައަށް ކުރެވުނު މަސައްކަތެއްކުރަން ހައިކަލް އުޅުނީ އަވަދިނެތިއެވެ.

ހަގީގަތުގައި އަޒަލްއަށްޓަކާ ދެން ކޮށްދެވޭނެކަމަކީ އެކަނި ދުޢާކުރުމެވެ. އޮޕަރޭޝަންކޮށްގެން އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދީފައިވާއިރު މިއަދު ހައިކަލްވަނީ އޭނަގެ ދަރިފުޅު ސަލާމަތްކުރަން ނުކުޅެދިފައެވެ. ފުރާނަފަދަ ލޯބިވާ ދަރިފުޅުގެ އަތުގައި ހިފެހެއްޓިގޮތަށް ކަރުނަ އޮއްސުން ފިޔަވާ މިއަދު އިތުރު އެއްވެސް އެހީއެއް ވެވޭކަށްނެތެވެ. އެވަގުތު އިހުސާސްކުރެވުނީ އިންތިހާ ދަރަޖައިގެ ކުށްވެރިކަމެވެ. ރައުދާގެ ވާހަކަތައް ކަންފަތުގައި ގުގުމިއެވެ. އަޒަލް ބަލިކަމަށާއި އެހީވާން އެދި ރައުދާ ފޮނުވި މެސެޖްތަކެވެ. ހައިކަލްއަށް އޭރު އަޒަލް ބަލިމީހެއްގެ ގޮތުގައި ނުދެކެވުނެވެ. އަޒަލް ބޮލުގައި ރިއްސުމުން ނެގުނީ އެންމެ އާދައިގެ ކޮށެވެ. ޑޮކްޓަރަކަށްވެ ހުރެ ދަރިފުޅާއިމެދު ފަރުވާކުޑަކޮށްލެވުނީއެވެ. ކުރިން އެނގުނުނަމަ އަޒަލްގެ ފުރާނަ ސަލާމަތްކުރެވުނީހެވެ. ބަލައިގެން އުޅެވުނީހެނެވެ. ޓޮކްސިންއިން އިބުރަތެއް ހޯދުނުނަމައެވެ. އެއީ ވާހަކައެކެވެ. އޭގައި ބަތަލަކަށް ހުރި ޑޮކްޓަރުވެސް ދަރިފުޅާއިމެދު ފަރުވާކުޑަކޮށްލީއެވެ. އާޚިރު ނަތީޖާއަކީ ދަރިފުޅު އަބަދަށްޓަކާ ދުނިޔެއާއި ވަކިވެގެން ދިޔުމެވެ. އޭނައަށްވެސް ކުރިން ފިޔަވަޅު އެޅުނުނަމައެވެ. ރައުދާގެ ވާހަކަތައް ސީރިޔަސްކޮށް ނެގުނުނަމައެވެ. އަޒަލްއަށް އައި ބަދަލުތައް ފާހަގަކުރެވުނުނަމައެވެ. މީހުން ވަކިކުރަން ނޭގޭކަމާއިމެދު ޝައްކެއްވުމުންވެސް އޭނައަށް އެކަންވެސް ހަދާނުން ފޮހެވުނީއެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. ދެން އަޒަލް ސަލާމަތްވާނީ މުއުޖިޒާތަކުންނެވެ.

ހައިކަލް ސީސީޔޫއިން ނުކުތްތަން ފެނިފާ ވިޝާމް ކައިރިއަށް ހުއްޓުނެވެ. އޭރު މެހެރީނާ އޭނަ އަޒަލް ކޮށްޕާލިއޭ ކިޔައިގެން ހައިކަލް ކައިރީ ވާހަކަދައްކާފައި ވާކަމެއް ވިޝާމްއަކަށް ނޭގުނެވެ. ވިޝާމް ބޭނުންވީ އަޒަލް މިހުރިހާ ދުވަހު ފޮރުވައިގެން ހުރި ސިއްރެއް ހާމަކުރުމަށެވެ. އަޒަލްގެ ފޭސްބްލައިންޑްނެސް ހުރި ވާހަކަ ބުނުމަށެވެ.

"ޑޮކްޓަރ ހައިކަލް. އައިމް ސޮރީ............" ވިޝާމް އެއްޗެކޭ ބުނަން މަސައްކަތްކުރިއެވެ.

ހައިކަލް ހިތްހަލާކުވެފައި ހުއްޓާ އަދި ވިޝާމް ފެނުމުން އެ އިހުސާސްތައް ރުޅިވެރިކަން ޚިޔާރުކުރިއެވެ. ހައިކަލްގެ ހިތަށް އެވަގުތުކޮޅު އެއްފަހަރާ އެތައް އެއްޗެއް އެރިއެވެ. ސަލްވާއާއި ރައްޓެހިވެގެން އުޅެފައި އަދި އެވަރުން ނުފުދިގެން އަޒަލްގެ ފުރާނަ ދުއްވާލާފައި އޭނަގެ ކައިރިން މާފަށްވެސް އެދޭކަށް ޖެހިލުމެއްނުވިއެވެ. މިއީ އޭނަގެ ދަރިފުޅުގެ ގާތިލެވެ. އެކުއްޖާ މަރާއި ހަގުރާމަކުރަމުން ދިޔުމުގެ އަސްލަކީ މިއީއެވެ. މިވަރުގެ މީހެއްގެ ކެރޭކަމެވެ. ލަދެއްވެސް ނުގަނެ މާފަށް އެދުނީއެވެ. އޭނަ ދުވަހަކުވެސް ވިޝާމްއަށް މާފެއްނުކުރާނެއެވެ.

"އިނަފް. އިތުރަށް އެންމެ ލަފުޒެއްވެސް އަހާކަށް ބޭނުމެއްނޫން..........." ހައިކަލް ހަރުކަށިކަމާއިއެކު އެހެން ބުނެފާ ދާން ހިނގައިގަތުމުން ވިޝާމް ހުރީ އިސްޖެހިފައެވެ. އެންމެންގެ ކުރިމަތީގައި ހައިކަލް އެގޮތަށް ވާހަކަދެއްކުމުން ވިޝާމްއަށް މިއަދު ކިތަންމެ ވަރަކަށްވެސް އުދަގޫވެއްޖެއެވެ. އެކަމަކު އެއީ އެކަން ވާނެގޮތްކަމަށް ގަބޫލުކުރެވުނެވެ. އޭނައަކީ ހައިކަލްގެ ކުށްވެރިޔާއެވެ. ވިޝާމް ބޭނުންވީ އެކަނިވެރިވެލާށެވެ.

ސީސީޔޫ ލައުންޖްގައި އާއިލާގެ އެތައްބަޔަކު އެއްވެފައި ތިބިއިރު އެންމެންގެ ދެލޯވަނީ ފެންކަޅިވެފައެވެ. ސަލްވާ އެންމެފަހަތު ގޮނޑިބަރީގައި އިންދާ މެހެރީނާ ގޮސް ސަލްވާގެ އިސްއުފުލައިލިއެވެ. އެދެލޯ ކަރުނުން ފުރިފައިވާތަން ފެނުމުން އަދި މެހެރީނާ އަނދައިގަތެވެ.

"މިހިރަ ނުލަފާ އަންހެނާ ކޮންކަހަލަ ކިނބޫ ކަރުނައެއް ތިއޮއްސަނީ؟ ކަލެއާއި ކަލޭގެ ލޯބިވެރިޔާ ބައިވެރިގެން އަޒަލް ދުނިޔެއިން ނައްތާލަން ރޭވީ. އަދި ހިތް ނުފުރިގެން ތިއިނީ އަޒަލް މަރުގެ ޚަބަރު ނުލިބޭތީހެން ހީވެއްޖެ. ސުންޕާ އަންހެނެއް. ރޯޒްމެހެލްއަށް ވަންފަހުން މުޅިންވެސް ދެރަކަންތައް ވީ. މުޅިގެ ފަޅުކޮށް އެންމެން ނައްތާލާފައި މި ސިހުރުވެރިޔާ ނުކުންނާނީ. މިތަނުން ނުކުމެގެން ދޭ.........." މެހެރީނާ ސަލްވާގެ މޫނު ފޮތިކޮޅު ދަމައިގަތެވެ. އެންމެން އެނބުރިއނބުރިފައި ބަލަންފެށިއެވެ. މާއިޒްއަށް އެމަންޒަރު ފެނުމުން ތެދުވެގެން އައިގޮތަށް މެހެރީނާ ދުރުކުރަން މަސައްކަތްކުރިއެވެ.

"މާއިޒް. އަހަރެން ބަލަން ހުއްޓާ ވިޝާމް އަޒަލް ކޮށްޕާލީ. ފާޑެއްގެ ޒުވާބެއްކޮށްފައި. ވިޝާމް އަޒަލްއާއި އިނީ ލޯތްބަކުންނޫން. ހީ ޔޫޒްޑް ހާ.. އެކުއްޖާއަށް އަނިޔާކޮށް ރޭޕްކޮށްފައި އެންމެފަހުން މަރާލަންވެގެން ގަސްތުގައި ކޮށްޕާލީ. މާއިޒްވެސް ކޮންމެހެން މީނަގެ ސަލާމަތަށް އަންނާނެކަމެއް ނެތް............"

އާޒީންވެސް ރޮއިރޮއިހުރެ ބުނީ މެހެރީނާ ދައްތަ ބުނީ ހަގީގަތެއް ކަމުގައެވެ. އަޒަލްވެސްވަނީ އެވާހަކަ އާޒީންއާއި ހިއްސާކޮށްފައި ކަމުގައެވެ. ވިޝާމް އެގެއަށް އައީ އެހެން ބޭނުމަކުއެވެ. ލޯބިވެރިޔާ ހޯދަންވެގެންނެވެ. އެންމެފަހުން ވިޝާމް އަޒަލް މަގުން އެއްފަރާތްކޮށްލީއެވެ. ކޮންފަދަ އަނިޔާވެރި އިންސާނެއްހެއްޔެވެ؟ ރީތި ސިފައިގާ ތިބި ދެ ގާތިލުންނެވެ. އެންމެންގެ ނަފްރަތުގެ އަމާޒުފަތްގަނޑަކަށްވި ސަލްވާ ހުރީ ކުރާނެކަމެއް ނޭގިފައެވެ. އޭނައަށް ރޮވެމުން ދިޔައެވެ. މެހެރީނާ އަދި މޫނު ފޮތިކޮޅު ނަގައިގެންވެސް ހިތްހަމައެއް ނުޖެހުނެވެ. ބުރުގާވެސް ދަމައިގެންފިއެވެ. ކަޅުހެދުމުގެ ކަރުވަޅަށް ދަމާފައި ދަމައިގަތުމުން ސަލްވާ ދެލޯ ބޮޑުވެފައި މެހެރީނާގެ އަތުގައި ހިފަހައްޓަން އުޅުނެވެ. އެންމެގެ ތެރޭގައި އޭނަ އޮރިޔާންކުރަން މެހެރީނާ އުޅޭފަދައެވެ. އެއާއިލާގައި ޒުވާން ފިރިހެނުން އެބަތިއްބެވެ. ރާއްޖޭގެ ޒުވާން ނާއިބު ރައީސްވެސް އެބައިންނެވިއެވެ. އެއީ ޒައިތޫންގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެކެވެ. މޫނު ބުރުގާ އަޅާ ކުއްޖަކާއި ދޭތެރޭގައި އެހާ އިހާނެތިކޮށް ކަންތައް ކުރާއިރު އެހެންމީހުން މަޑުން މިތިބެނީ ކީއްވެހެއްޔެވެ؟

"މާތްމީހަކަށްވެގެން ތިކަހަލަ މާތް ހެދުމުގެ އަގު ވައްޓާލަން ކަލޭ އުޅޭނެކަމެއްނެތް. ތިކަހަލަ މުޑުދާރު މީހުންގެ ސަބަބުންނޭ ތިހެދުން ލައިގެން އުޅޭ ރަގަޅުމީހުންނަށްވެސް މަލާމާތް ރައްދުކުރަންޖެހެނީ. އަޒަލް މަރާއި ހަގުރާމަކޮށްކޮށް އޮތްއިރު އަދި ލަދެއްނުގަނޭ މިތަނަށް އައިސް އިންނާކަށް. ކަލޭ މިތަނުން ދާން އުޅޭ....." މެހެރީނާ ސަލްވާ ގޮނޑިން ދަމާ ތެދުކޮށްލާފައި ދުރަށް ކޮށްޕާލުމާއިއެކު އެވަގުތު އެތަނަށް ވަން ވިޝާމްއަށް އެމަންޒަރުފެނި ލޭކެކޭގޮތްވިއެވެ. ސިގްރެޓެއް ބޯލަން ބޭރަށް ނުކުމެފާ އައިއިރު އަދި މެހެރީނާ މިއުޅެނީ ސަލްވާގެ ގަޔަށް އަތްލައިގެންނެވެ. އެހެންމީހުން ތިބީ ހިތްވަރުދޭށެވެ. މާއިޒްވެސް ހަށަން ބަދެލައިގެން ދެބުމަގޮށްޖަހާލައިގެންނެވެ. ސަލްވާ ރޮއިރޮއިހުރިތަން ފެނުމުން ވިޝާމްގެ ހިތަށް ކުޅަދާނަވާނީ ކިހިނެއްހެއްޔެވެ. އޭނައަށް އަމިއްލަ ނަފުސަށް ބާރެއް ނުފޯރުވުނެވެ. އެދިޔަ ބާރުމިނުގައިގޮސް ގޮށްމުށްކަވާފައި މެހެރީނާގެ މޫނުގައި އެތިފަހަރެއް އެޅިގޮތަށް ލޭ އޮހޮރުވާލައިފިއެވެ. އަދި ސަލްވާގެ ބުރުގާއާއި މޫނުފޮތިކޮޅު ނަގާ ދިއްކޮށްލިގޮތުން އެންމެންގެ ސުވާލުތަކަށް ޖަވާބުލިބިއްޖެއެވެ. ސަލްވާއާއި ވިޝާމްގެ ގުޅުން އޮތްކަން ވިޝާމް ހާމަކޮށްދީފިއެވެ.

"ދެން ސަލްވާގެ ގައިގާ އިނގިލިކުރިވެސް ޖައްސާނުލާތި. ހަތަރެސްފައި ބިންދާލާނަން. ހުވާކޮށްފައި މިބުނީ.........." ވިޝާމް އިންޒާރުކުރިއެވެ.

"އެންމެނަށް ފެނިއްޖެއެއްނު މި ފިރިހެނާގެ ކަޅު ފަރާތް. މާ ޗާމިންވެގެން އަޒަލް ހައްލާލިއިރު ދޮންބެއަކަށްވެސް ނޭގުނު. ޒެލްގެ ފިރިޔަކަށް ވުމުން އޭނަގެ ލޯބިވެރިޔާގެ ހިޔަނިހެން އުޅެވޭނީ. ކުޑަ ކުޑަ އަންހެންކުއްޖަކު ހައްލާލައިގެން އުޅެފަ އެންމެފަހުން އަދި މަރާނުލިނަމަ............." މެހެރީނާ ބުމަމަތީގައި އަތްއަޅައިގެން ހުރެ އަދި ގަސްތުގައި ބާރުބާރަށް ރޯންފެށިއެވެ.

"ސިކިއުރިޓީއިންނަށް ގޮވާ..." މެހެރީނާ އަމުރުކުރިއެވެ. މާއިޒް ވިޝާމްގެ ކޮނޑުގައި ހިފަހައްޓާފައި އެތަނުން ދުރަށް ގެންދަންއުޅުނެވެ. ވިޝާމް ޖަޒުބާތުގައި ޖެހިފައި ހުރިވަރުން އަތުންފައިން ގޯހެއް ހަދާފާނެކަމާއިމެދު ޝައްކެވެ. އޭނަގެ ހިތުގައި ވިޝާމްއަށްޓަކާ އޮތް ލޯތްބާއި ކުލުނުގެ ސަބަބުން ވިޝާމް ކުރާ ކުށެއް އެހާ ފަސޭހައިން ނުވެސް ފެނުނެވެ. އަޒަލްއާއި ދެމީހުން މައްސަލައެއްޖެހިގެން ކޮށްޕާލީ ބާވައޭ ހިތަށް އެރިޔަސް މެހެރީނާގެ ފަރާތުން އިވުނު ވާހަކަތައް އޭނަ ގަބޫލެއްވެސް ނުކުރެއެވެ. އޭނަ ގަބޫލުކުރާނީ ވިޝާމް ދުލުން އެއްބަސްވުމުންނެވެ.

"ކިތަންމެ ޝާހީ ވިޔަސް އެހެންމީހުންގެވެސް އިއްޒަތާއި އަބުރެއްވޭ. ސަލްވާއާއިމެދު ކަލޭ ހިތަށް އެރިގޮތަކަށް ހަދާއިރު މަށެއް ހިމޭނުން ދެކޭކަށް ނުހުންނާނަން......"

ސަލްވާ ބުރުގާ އަޅައިގެން އަވަސްވެގަތީ އެތަނުން ދުރަށް ދާށެވެ. ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އޭނައަކީ ހައިކަލްގެ ބެލުމުގެ ދަށުގައިވާ މީހެކެވެ. އޭނައާއިމެދު ގޮތެއް ނިންމާނީ ހައިކަލްއެވެ. މެހެރީނާއެއް ނޫނެވެ. ދެފިކުރުގައި ހުރެފައިވެސް ސަލްވާ ދިޔައީ ރޯޒްމެހެލްއަށެވެ.

ރައުދާއަށް އަޒަލްގެ ހާލު އެގުނީ އެކުވެރިންތަކާއިއެކު ބާޒާރުކޮށްލަން ޕެރިހުގައި ހުއްޓައެވެ. އޭނަ ވަގުތުން ދަތުރު ކުރުކޮށްލާފައި މާލެއައިސް އަޒަލް ދެކެން ކްރިޓިކަލް ކެއަރ ޔުނިޓަށް ވަނެވެ. އަޒަލް ވެންޓިލޭޓަރުގައި އޮތްތަން ފެނުމާއިއެކު ޚަބަރުހުސްވެގެން އެތަނަށް ދެމިއްޖެއެވެ. އޭނައަށް އިމަޖެންސީގައި ފަރުވާދޭންފެށުމުން ލޯ ހުޅުވާލާފައި އަޒަލްއަށް ގޮވާ ރޯންފެށިއެވެ.

ސަލްވާ ކޮޓަރިއަށްވަދެފައި ވުޟޫކޮށްލައިގެން ދެރަކުއަތް ނަމާދެއްކުރިއެވެ. ސަޖިދައަށް ތިރިވިގޮތަށް ސަލްވާގެ ލޮލުގައި ގިނަވެފައިވާ ކަރުނަތައް އޮބިނޯވެގެން އޮހިގަތެވެ.

"ޔާ ﷲ. ޔާ ރަހުމާން. ޔާ ރަހީމް......" ތަކުރާރުކޮށް ހެއްދެވިފަރާތުގެ އިސްމުފުޅު ކީއިރުވެސް ސަލްވާގެ ހިތަކަށް އެހެން އިތުރު އެއްޗެއް ނައެވެ. ހިތް ކުދިކުދިވެފައިވާވަރުން ދުޢާކުރަންވެގެން ސަޖިދައަށް ތިރިވީއިރުވެސް ލަފުޒުތަކެއްގެ ސިފައިގާ ހިތަކަށް ނުގެނެވުނެވެ. އެތައް އިރެއްވާންދެނެ ރޮއިފާ ސަލްވާ ތެދުވެ ދެއަތް މައްޗަށް ނަގައިގެން ދުޢާކުރަންފެށީ މަޑުމޮޅިކަމާއިއެކުގައެވެ. ފުރަތަމަވެސް ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްއަށް ސަލްވާތްކިޔަވާ އާލުންނާއި އަސްހާބުންނަށް ރަހުމަތްލެއްވުމަށް ދުޢާކުރިއެވެ.

"ޔާ ﷲ. އިބަރަސްކަލާނގެއީ ދުޢާ އައްސަވާ ޝިފާ ދެއްވާ ކުޅަދުންވަންތަ ރަސްކަލާނގެ. އަޒަލްއަށް ޝިފާދެއްވާދޭވެ. އިބަސުވާމީންގެ ރަހުމަތް އޮއްސަވާ އެ ބަލިން ސަލާމަތްކުރައްވާދޭވެ. އަޒަލްގެ އުމުރު ދިގުކުރައްވާ މިއަޅާގެ އުމުރުގެ ބާކީ އޮތްބައިވެސް އަޒަލްއަށް ދެއްވާދޭވެ. އަދި މިއަޅާގެ ފިރިމީހާއަށް ކެތްތެރިކަން ދެއްވާދޭވެ............." ސަލްވާ އާދޭހާއިއެކު ތަކުރާރުކޮށް ދެންނެވީ އަޒަލްއަށް ޝިފާ ދެއްވުމަށެވެ. އޭނައަށް ލިބުނު އަނިޔާތައް އެއްފަރާތްކޮށްލާފައި މިވަގުތު ސަލްވާގެ ހުރިހާވެސް ދުޢާއެއްވީ އަޒަލްއާއި އެކުގައެވެ. އަޒަލް ބަލިކަމާއި އުއްމީދެއްނެތް ވާހަކަ ތުންތުންމަތިން އިވުމުން ސަލްވާގެ ހިތް ކުދިކުދިވިއެވެ. އެތާގައި އިނދެގެންވެސް ސަލްވާ ހިތުން ދުޢާކުރި އަދަދެއްވެސް ނޭގެއެވެ. މެހެރީނާގެ ސަބަބުން ހޮސްޕިޓަލް ދޫކޮށްލާފައި ގެއަށް އައިކަމުގައިވިޔަސް އޭނަގެ ހިތްވީ ހޮސްޕިޓަލުގައެވެ. އަޒަލްއަށް ރަގަޅުވާނެކަމަށް އޭނަ އުއްމީދު ދޫކޮށެއްނުލައެވެ.

އަޒަލްގެ ހާލު ފަހަރަކަށްވުރެ ފަހަރެއް ދަށަށް ދިޔައެވެ. ހައިކަލްއަށްވެސް ޔަގީނެވެ. އޭނަގެ އަޒަލް ދެން ދުނިޔެއަށް ލޯ ހުޅުވައިލާނީ މުއުޖިޒާތަކުންނެވެ. އެންމެންހެން އަޒަލްއަށް ވަދާއީ ސަލާމްކުރަން އެތަނަށް ވަންނަމުން ދިޔައިރު ސަލްވާ ނުފެނުމުން ހައިކަލް ނުކުމެ ބަލައިލިއެވެ. ފެންނަން ނެތުމުން މާއިޒްއަށް ގޮވާފައި އެހިއެވެ. މާއިޒް ބުނީ ސަލްވާ ދިޔައީ ގެއަށް ކަމުގައެވެ. ހައިކަލް ސަލްވާއަށް ގުޅިއެވެ. ފޯނެއްނުނެގިއެވެ.

"މިއީ ޒެލްގެ ލާސްޓް މޯމެންޓްސް. ކީއްވެ ސަލްވާ ތިހެން ހަދަންވީ؟ " ހައިކަލްގެ ހިތުގައި ޝަކުވާ އުފެދުނެވެ.

މެހެރީނާ "ރޯޒްމެހެލް"އަށް އައިސް އޭނަގެ ކޮޅަށް ހުރިހާ ކަމެއް ބުރަވާގޮތަށް އަޒަލްގެ ކޮޓަރިއަށް އޭނަ ވަގަށްނެގި މުހިއްމު ޑައިރީތަކާއި ސިޓީތައް ލިއެވެ. ހައިކަލް ހަމަޔަކަށް އެޅި ކޮޓަރީގެ ދޮރު ހުޅުވަންދެން މިތަން ބަހައްޓާނީ ތަޅުލާފައެވެ. ހައިކަލް އަންނަންވާއިރަށް ހުރިހާ އެއްޗެއް ފެނި އަޒަލް މަރުވެގެން ދިޔައީ މިކަންތައްގަނޑު އެނގިގެން ކަމަށް ހީކުރާނެއެވެ. އޭރުން ސަލްވާ މިގެއިން ދިޔުމަށް އޭނަ ރޭވި ޕްލޭންތަކަށް އުފާވެރި ނިމުމެއް އަންނާނެއެވެ. އަޒަލްއަށް ހުރިހާކަމެއް އެނގިގެން އެންމެނަށް ލިޔެފައި ހުރި ސިޓީތައް މެހެރީނާ ނަގާ ފޮރުވިއެވެ.

"ޒެލްވެސް ކުރާކަންތައް. ޒެލްވެސް އެޖެންޓެއްފަދަ. އަހަރެންގެ ރޫމަށްވަދެ ހުރިހާ އެއްޗެހި ހޭވީމަ ޒެލްއަށް ސަލްވާގެ ކުށެއްނެތްކަން އެނގުނީ. އަދި ސަލްވާގެ ދަރިފުޅު އެބޯޓްކުރަން އަހަންނާއި ރައުދާ ޕިލްސްދިންކަންވެސް ޒެލްއަށް އެއޮތީ އެނގިފައި. އަދި ޒެލް މަރުވަމުންވެސް ދޮންބެއަށް ސިޓީ ލިޔެ ވަސިއްޔަތްއެކުރީ ސަލްވާއާއިއެކު އުޅުމަށް. އޭނަގެ ފުރާނަވެސް އުފަލުގައި ހުންނާނީ އޭރުންކަމުގައި ޒެލް ބުނާއިރު މިއީ އެކަށީގެންވާކަމެއްތަ؟ ޒެލް ކޮންފަދަ މޮޔަ...ޒެލްއަކަށް ނޭގޭނެ އެކަހަލަ ރާއްޖެތެރޭގެ ގަމާރުންނަށް ޝާހީ ލެޔާއި ގުޅިގެން އުޅުމަކީ އަހަރެމެންނަށް ކެތްނުކުރެވޭނެކަމެއްކަން. ސަލްވާ ހަމަ ޖެހޭނީ މިގެއިން ދާން. ވިޝާމްއާއި ދެމީހުން އިނދެގެން ދިޔައީމަ ވީއެއްނޫންތަ؟ އަހަންނަށް ހެޔޮ އެދެމީހުން ކޮންމެ ގަނޑެއް ގަތަސް..ޒެލްގެ ސިޓީތައް ނުފެނުނުނަމަ ދެންވެސް ސަލްވާ ކިޔާ ހުވަނި މިގޭތެރެއިން ފިލައިގެނެއްނުދާނެ. ނަސީބެއް ޒެލްގެ ކޮޓަރި ބަލައިލެވުނުކަން........." މެހެރީނާ ހުރިހާ މަސައްކަތެއްކޮށްލާފައި ކޮޓަރި ތަޅުލުމަށްފަހު ދެލޯ ފޮހެލިއެވެ.

"ސޮރީ ޒެލް ސްވީޓްހާޓް......." މެހެރީނާ މާފަށް އެދުނެވެ.

އަޒަލްގެ ސިކުނޑި މަރުވުމަށްފަހުވެސް ވެންޓިލޭޓަރުގެ އެހީގައި ނޭވާލިއެއްކަމަކު އޭނަގެ ހުރިހާ ގުނަވަނެއް ދިޔައީ ފެއިލްވަމުންނެވެ. ހައިކަލް ކެއުމެއް ބުއިމެއްނެތި ހަތަރުދަމު އިންނަނީ އަޒަލްގެ ކައިރީގައެވެ. ލޮލުން ކަރުނަ ނަޔަސް އޭނަގެ ހިތްހަލާކުވެފައިވާ ވަރު ބަލައިލި ކޮންމެމީހަކަށް ފެންނާނެއެވެ. އަޒަލްގެ އަތުގައި ހިފަހައްޓާލައިގެން އިންދާ އާޒީން އަދި ހައިކަލްގެ ކޮނޑުގައި ބޯއަޅައިގެން ރޯންފެށިއެވެ.

"ޑޭޑް. ޕްލީޒް ޑޫ ސަމްތިން. ޑޯންޓް ލެޓް ހާ ޑައި. ޕްލީޒް. ކިހިނެއް ޒެލްއައި ނުލާ އުޅޭނީ؟ އަޅުގަނޑަށް މިހިތާމައަށް ކެތްނުވާނެ......." އާޒީން ރޮއިރޮއި ދެލޯވަނީ ދުޅަވެފައެވެ. އެދެބަފައިން އެގޮތަށް ތިބި މަންޒަރު ފެނުނު ކޮންމެ މީހަކަށް އަސަރުކުރިއެވެ. އެއާއިލާއަށް އަޒަލް ނެތުމުން ލިބޭނެ ފުން ހިތާމަތައް އިހުސާސްނުކުރެވޭ ޑޮކްޓަރެއް ނަރުހެއް އަދި މުވައްޒަފެއްވެސް އެތާކު ނެތެވެ. އެންމެން ތިބީ ނެގިމަޑުވެފައެވެ. އެންމެން އިހުތިރާމްކުރާ އެހާ ރަގަޅު ޑޮކްޓަރެއްގެ ދަރިއަކު އެގޮތަށް ނިމިގެންދާތަން ދުށުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއްނޫނެވެ. ނަމަވެސް ދުނިޔެއަށް އައުމަށްފަހު ކޮންމެ ފުރާނައަކަށްވެސް ނިމުންވެއެވެ. ވިހޭގޮތަށް މަރުވެސް ވާނެއެވެ. މަރުގެ ވަގުތު ޖެހުމުން ލަހެއް ފަހެއްނުވާނެއެވެ.

ހައިކަލް އަޒަލްގެ އަތުގައި ހިފަހައްޓާލައިގެން އިންދާ ކުއްލިއަކަށް ޚިޔާލުގެ ލޯގަނޑަށް އެރީ މާޒީގެ ދުވަހެކެވެ. އޭރު އަޒަލް ވަރަށް ކުޑައެވެ. ހައިކަލް އަޒަލް ގޮވައިގެން ދިޔައީ އަޒަލްގެ ކްލާސްމޭޓަކަށް ޒިޔާރަތްކުރާށެވެ. އެކުއްޖާ އޭރު އޮތީ ވެންޓިލޭޓްކޮށްފައެވެ. އަޒަލް ބިރުންގޮސް ހައިކަލްގެ އަތުގައި ހިފެހެއްޓިގޮތަށް ދޫވެސް ކޮށްލާކަށް ނޫޅުނެވެ. ބިރުންގޮސް ހުރީ ރޮވޭވަރުވެފައެވެ. "ޑޭޑް ޑޯންޓް އެވާ ލެޓް މީ ބީ ލައިކް ދިސް. ޔޫ ވިލް ޓޭކް ކެއަރ އޮފް މީ ރައިޓް؟ " އަޒަލްގެ ތުއްތު އަޑު ކަންފަތުގައި ޖެހުނުހެން ހީވުމާއިއެކު ހައިކަލްއަށް ދެލޯ މަރައިލެވުނީ އަދި ވަކިންބޮޑަށް ކުށްވެރިކަން އިހުސާސްކުރަމުންނެވެ. އޭނަގެ ދަރިފުޅުގެ ވަސިއްޔަތް ހަދާންވީ މާ ފަހުންނެވެ. އަޒަލް އަބަދުވެސް ހޮސްޕިޓަލްދެކެ ނަފްރަތުކުރެއެވެ. ހޮސްޕިޓަލަށްވަނުމަކީ އަޒަލް އެދޭނެ އެންމެފަހު ކަންތައްތަކެވެ. މިއީ އަޒަލްއަށް ދެވުނު އަނިޔާއެކެވެ. މަރުވުންވެސް އަޒަލްއަށް މާރަގަޅުވާނެއެވެ. ހާދަ ދެރައެވެ. ކެތްކުރާނީވެސް ކިހިނެއްހެއްޔެވެ؟ ހުރިހާ ހޮޅިތައް ދަމައިގެންފާ އަޒަލް ގޮވައިގެން ގެއަށް ދާންވީއެވެ.

"ސޮރީ ސްވީޓްހާޓް އައި ފެއިލްޑް ޔޫ........"

ވިޝާމް ހުރީ ރޯޒްމެހެލްއަށް ވަންނަން ޖެހިލުންވެފައެވެ. ނަމަވެސް ސަލްވާ އެކަނި އެގޭގައި އުޅެނިކޮށް މީހަކު އަނިޔާއެއްވެސް ދީފާނެއެވެ. ސަލްވާ ރައްކާތެރިކުރުމަކީ އޭނަގެ ޒިންމާއެކެވެ. މިއާއިލާއިން ސަލްވާއާއި ދޭތެރޭގައި ކަންތައްކުރަނީ އިހާނެތިކޮށެވެ. މެހެރީނާކަހަލަ ނުބައި އަންހެނަކު ހުރިތަނެއްގައި އެއްވެސް މީހަކަށް ހަމަޖެހިގެނެއް ނޫޅެވޭނެއެވެ. މަންމައާއިމެދު ކަންތައްކުރިގޮތުން އެކަންވަނީ ސާބިތުކޮށްދީފައެވެ. ވިޝާމް އަޒަލްގެ ކޮޓަރިއާއި ހަމަޔަށް ދިޔައިރު ދޮރުމަތީގައި ސިކުއިރިޓީއެއް ހުރެފައި އެކަން މަނާކުރިއެވެ. ފުލުހުންގެ ހުއްދަނެތްކަމަށް އެންގިއެވެ.

"ޑޮކްޓަރ ވިޝާމް. ވަރަށް އަދަބުވެރިކަމާއިއެކު މިދަންނަވަނީ މިތަނަށް ވަނުން އިހަށް މަނާ........މިއީ ކްރައިމް ސީންއެއް..........." އެކަކު ބުނެލިއެވެ.

ވިޝާމް ހުރީ ހައިރާންވެފައެވެ.

 

ކޮމެންޓް 0