"ޝީޒް ނޮޓް ޖަސްޓް ޔޯ ޑޯޓާ ޑޮކްޓަރ ހައިކަލް. އަޅުގަނޑުމެން ދެމީހުންގެ.........."ރައުދާ ބުމަ އަރުވައިލިއެވެ. މެހެރީނާއަށް ބޭއިޚުތިޔާރުގައި ހެވުމުން އަނގަމަތީގައި އަތްވެސް އެޅިއްޖެއެވެ. ޒައިތޫންގެ މޫނުމަތިވެސް ކޮންމެވެސް ވަރަކަށް އުޖާލާވެލައިފިއެވެ. އެވަގުތު ސަލްވާއަށް ޒައިތޫންއަށް ބަލައިލެވުނުތަނާ ސަލްވާއާއި ދިމާލަށް ކުޑަކޮށް ކަޅިއަޅާފައި ބަލައިލެވިއްޖެއެވެ. ސަލްވާގެ ހިތަށް އަސަރުތަކެއްކުރުވިއެވެ. ހައިކަލްގެ މަންމަގެ ހިތުގައި އަދިވެސް ރައުދާއަށްޓަކާ ޚާއްސަކަމެއްވާކަން އެވަގުތު އެގުނެވެ. ސަލްވާގެ ހިމޭންކަމާއި މަޑުމައިތިރިކަމުގެ ފައިދާ އެހެން މީހުން ނަގަންވެއްޖެއްޔާ ވާނެގޮތެއް ލަފާކުރާކަށްވެސް ނޭގެއެވެ.

"އެހަގީގަތް ބަދަލެއްނުވެސް ކުރެވޭނެ. ޒެލްގެ މަންމަގެ މަގާމު އެހެންމީހަކަށް ނުދެވޭނެ. ސަލްވާ އެކަހަލަ ފޮޓޯއެއްނެގީ ކީއްވެ؟ އެނގޭނެއްނު ޒެލްހަމަ އިންސްޓަގްރާމްވެސް ކޮށްފާނެކަން. ޒެލްއަށް ސަލްވާ ބުނެދޭންޖެހޭނެ. ޒެލް ކައިރީ ނުލާށޭ ބުނަންވެސް ވާނެ. އައި ތިންކް މިކަމުގައި އެންމެ ބޮޑުކުށްވެރިއަކީ ސަލްވާހެން. އެންޑް މިހާ ހޫނުވާއިރުވެސް ސަލްވާ ހަމަ ނޭގޭކަމަށް ހަދައިގެން ޒެލް ރޮއްވަން. ދިޒް އިސް ނޮޓް ފެއާ......" މެހެރީނާއަށް ހިތުގައި ގިނަވެގަތް އެއްޗެހިތައް ބޭރުނުކޮށް ކުޅަދާނައެއްނުވިއެވެ.

"ފޮޓޯ ލިޔަސް އަޅުގަނޑުގެ މައްސަލައެއްނެތް އެކަމަކު އަޅުގަނޑުގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ނިންމާނީ ހައިކަލް........" ސަލްވާ ގަސްތުކުރީ މެހެރީނާއަށް ވަރުގަދަ ރައްދެއް ދިނުމަށެވެ. އެގޮތަށް ސަލްވާ ޖެހިލުމެއްނެތި ބުނުމުން މެހެރީނާއިނީ ޝޮކެއްގައެވެ. އަނގަ ހުޅުވިފައެވެ. ހައިކަލް ނެތްނަމަ ސަލްވާގެ އަނގަމަތީގައި ބޮނޑިއެއް އެޅުނީހެވެ. ލަދެއްނެތި ޒުވާބުކުރަންފެށީއެވެ. ޚުދު ސަލްވާވެސް އިނީ އެހާ ދެރަވެފައެވެ. ހިނިތުންވެލާނެ ހިތްވަރެއްވެސް ނެތިފައެވެ. އަޅުގަނޑުމެން ދެމީހުންގެ ދަރިފުޅޭ ރައުދާ ބުނުމުން ސަލްވާގެ ހިތަށް ނުބައިގޮތެއްވެ އެތެރެއަށް ދަމައިގަތްފަދަ އިހުސާސެއްކުރެވުނެވެ. މާޒީނަމަވެސް ރައުދާ މިހާރުވެސް އެއިނީ ހައިކަލްގެ ކުރިމަތީގައެވެ. ސަލްވާ ދެކުނު ގޮތުން ކައިވެންޏެއް ރޫޅޭނީ އެކީގައި ނޫޅެވިގެންނެވެ. ވަރިއާއި ހަމަޔަށް އަންނާނީ ގޮތްހުސްވެގެންނެވެ. ވަކިވުމަށްފަހު އެދެމީހުން ގެ އެއްވެސް ގުޅުމެއް އޮތުން ހުއްދައެއްނުވާނެއެވެ. ވީއިރު ރައުދާ ހައިކަލްއާއި ވާހަކަދައްކަން މަސައްކަތްކުރުމަކީ އެދެމީހުންގެ ދޭތެރެއަށް ވަނުމެވެ.

"ކިހާވަރެއްވި. ދޮންބެ ރުޅިދުރުވީ ހަމަ އެއްވެސް ކަމަކާ ނުލައެއްނު. އެކަމާއި އެންމެ ގުޅުން ހުރި މީހަކީ ސަލްވާ. ސަލްވާ އެބުނަނީނު އޭނައަށް ވަރިހަމައޭ. ދޮންބެ ކަމަކާއި ނުލައި އަޒަލްވެސް ރޮއްވާލީ. ދޮންބެގެ ވައިފްއަކީ ހަމަ އެންޖެލްއެއް. މިހާ ޕިއޯ އެންޖެލިކް އަންހެންކުއްޖެއް މި ކާއިނާތުގައި ނުވާނެކަމާއިމެދު ޝައްކެއްނުކުރަން. ސަލްވާވެސް އުފާވާނެ ކަޅުފޮތިތަކުން ފޮރުވިގެން ހުރެފައިވެސް ދޮންތަމެންގެ ފިރިންނަށްވެސް ސަލްވާގެ ރީތި މޫނުކޮޅު ފެނުނީމަ. އެންމެންވެސް އުޅޭވިއްޔަ ސަލްވާ ހުންނަލެއް ނޭގިގެން. ނާޒްމީ ހަޒްބެންޑްވެސް އަހަޔޯ ސަލްވާ ކިހިނެއްހެއްޔޯ ހުންނަނީ؟ ފޮޓޯއެއްވެސް ނުފެނިގެން އުޅޭ. އެންމެ ފްލާޓީ މީހަކަށް ހުންނާނީ އަރީން. އައި ބެޓް އަރީން ފެއިންޓްވާނެކަން ސަލްވާގެ ފޮޓޯ ފެނިލިޔަސް...." މެހެރީނާ ދަތްތައް ޖައްސާލައިގެން އިނދެ ތުންފަތް ހުޅުވައިލިނަމަވެސް ހިނިތުންވުމެއްހެނެއް ހިޔެއްނުވެއެވެ. އެހާ މަސްނޫއީ ހިންޏެއް ދުވަހަކު ހައިކަލްއަށްވެސް ފެނިފައެއް ނުވެއެވެ. އެކަނި މެހެރީނާގެ މޫނު މައްޗަކުން ނޫނެވެ. ރައުދާގެ މަސްނޫއީ ހިނިތުންވުންތަކާވެސް އަޅާކިޔޭ ވަރެއްނޫނެވެ. ރައުދާގެ ހިތް އެވާހަކަތަކާއިމެދު އެއްބައިވިނަމަވެސް މެހެރީނާހާ ސީދާކޮށް މީހުންނާއި ދިމާކުރުމުގެ އާދަ ނުހުންނާތީ ރައުދާއިނީ ނުހޭން ހިފަހައްޓައިގެންނެވެ. ނަމަވެސް ހިތް ސާބަސްދިނެވެ. ތައުރީފުކުރިއެވެ.

"އިނަފް މެހެރީނާ......" ހައިކަލްގެ ކެތްތެރިކަން ކޮޅުންލައިގެން ދާހާވަރުވިއެވެ.

"ދޮންބެ އެކަމަކު......" މެހެރީނާ އެއްޗެކޭ ބުނަން އުޅުމާއިއެކު ޒައިތޫންގެ ތޫނު ސީރިޔަސް ނަޒަރުން އޭނަގެ އަނގަ ލައްޕައިލަން މަޖުބޫރުވިއެވެ.

"މެހެރީނާ ދޮންބެ ބުނެފިއެއްނު ތިވާހަކަ އިތުރަށް ނުދައްކާށޭ. ވީއިރު ހުއްޓާލަންވެއްޖެއެއްނު... " ޒައިތޫންގެ ވާހަކައަށް އަބުދުލްއަޒީޒުވެސް ތާއީދުކޮށް މެހެރީނާއަށް އެންގީ ޒުވާބުކުރަން ނޫޅުމަށެވެ. ބޮޑެތިމީހުންނަށް އިހުތިރާމްކުރަން ދަސްކުރުމަށެވެ. މެހެރީނާއަށް އިތުރަށް ސަލްވާއާއި ދިމާކުރަން ނުކެރުމުން އެކަން ހުއްޓާލާފައި ރައުދާއާއިއެކީ ސެލްފީއެއް ނަގަން އުޅެގަތެވެ. މެހެރީނާ ފަހަރަކު ދިމާލަކަށް ހުއްޓި އެހިސާބުގައި ތިބި މީހުން އެއްކޮށް ނެގިއިރުވެސް ސަލްވާ އަރާގޮތަށް ނުނެގީވެސް ސަލްވާ ބާކީކޮށް ދެރަކޮށްލާށެވެ. އެކަން އެންމެނަށްވެސް ފާހަގަކުރެވުނެވެ. ރައުދާ އަޒަލްއަށް ވީގޮތެއް ބަލާފައިއަންނާނަމޭ ކިޔާފައި ގެއަށް ވަންނަން މިސްރާބުޖެހިއިރު ތިމާވަރުގެ ރަގަޅު އަޅާލާ މަންމައެއްނެތްފަދައެވެ. އިރުކޮޅެއްފަހުން އަޒަލް ގޮވައިގެން އައިއިރު އަޒަލްހުރީ ނިކަން ހަމަޖެހިފައެވެ. ދެލޯ ދުޅަވެފައި ހުއްޓަސް ހީހީ އިންއިރު ހަމަ އެ ލާނެތް އުފާވެރި އަޒަލްއެވެ. އެހެން އެންމެން ތިބީ މޫޑު ކަޓާފައެވެ. ވިޝާމްވެސް އިނީ އެހާ ދެރަވެސްވިއެވެ. ސަލްވާއާއި އޭނަ ކުރަންވީ ހާދަ ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އެއް ފުރާޅެއްގެ ދަށުގައި މިހާ ދުވަސްވީއިރުވެސް އެފަދަ ފުރުސަތެއް މިވަނީ ނުލިބިފައެވެ. ސައިނިމިގެން ސަލްވާއާއިއެކުހެން ވިޝާމްއަށްވެސް ތެދުވެވުނެވެ. އެއާއިއެކު ސަލްވާ ވިޝާމްގެ ގައިގާ ނުޖެހި އެއްފަރާތްވާން އުޅުމުން އަދި ލިބުނު ލަނޑުދެރައެއްނޫނެވެ. ގޮނޑީގައި ހެދުމުގެ ބަޔެއް އަޅައިގެންފާ އޭނަ އަރިއަޅާލިއެވެ. ވިޝާމްގެ ހިތް އަވަސްވުމާއިއެކު އޭނައަށްވެސް ސަލްވާގެ ގައިގާ ހިފަން އަތްދިއްކޮށްނުލެވުނީ ހަމަ ކިރިޔާއެވެ.

"ކެއަފުލް........" ވިޝާމް ފުންނޭވައެއް ދޫކޮށްލުމަށްފަހު ޖިންސްގެ ޖީބަށް އަތް ޖަހައިލިއެވެ. ހައިކަލް ސަލްވާގެ އަތުގާ ހިފަހައްޓާ އޭނަ ސަމާލުކޮށްލަދިނެވެ. ސަލްވާ ފެނުމުން އޭނަގެ ހިތް އަވަސްވާވަރުން ހުއްޓިދާނެހެން ހީވާފަހަރު އާދެއެވެ. އެ އަންހެންކުއްޖާ އޭނަގެ ހިތާއި އެކުޅެލާގޮތަށް އެހެން އެއްވެސް އަންހެނަކަށް ކުޅެވިފައެއްނެތެވެ. ޖިސްމުވެސް ފިނިކޮށްލާގޮތަށް ހިތަށް އެލިބޭ ފިނިކަމާއި އަރާމް ބުނެދޭކަށް ނޭގެއެވެ. ދެރައީ އެއް ފުރާޅެއްގެ ދަށުގައި ތިބިއިރުވެސް ދެބީރައްޓެހިންގެ ގޮތުގައި އުޅެން ޖެހުނުކަމެވެ. އޭނަގެ މިލްކަކަށްނުވީތީއެވެ.

"ވިޝާމް ޔޫ އާ އެ ޑޭމް ގުޑް ސަން އިން ލޯ......މިބުނީ ސްޓެޕް ސަން އިން ލޯއޭ ހާދަވަރަކަށޭ ސަލްވާ ދޮންމަންމައަށް އަޅާލަނީ..........." މެހެރީނާ މަލާމާތުގެ ފާޑަކަށް ދިމާކޮށްލިއެވެ.

"އައިމް ޓްރައިން. މެހެރްދައްތަ އޮބްޒާވްކުރުމުގައި ހަމަ އެއްވަނަ................" ވިޝާމް ސީރިޔަސްވިއެވެ. އަދި ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ. އޭރު އެއަތުގެ ފިނިކަން އަމިއްލައަށް އިހުސާސްކުރެވުނެވެ.

"ދެލޯ އަދި ސަލާމަތުން އެބަހުރި...." މެހެރީނާ ހިނިގަނޑެއްޖަހާލައިފިއެވެ.

"އަލްހަމްދުލިﷲ....." ވިޝާމްވެސް ހީލިއެވެ.

މެހެރީނާ އަޒަލްއާއި އާޒީން އެއްފަރާތަށް ގެންގޮސްގެން އެކުދިންނަށް ވިސްނައިދިނީ ސަލްވާއާއި މެދު ވިސްނައިގެން އުޅުމަށެވެ. ހައިކަލް މާބޮޑަށްވެސް އަނބިމީހާކޮޅަށް ގޮސްހުސްވެފައިވާ ކަމަށާއި އެހެންވަނީ އަންހެނުންގެ ނުފޫޒުގަދަކަމުން ކަމުގައި މެހެރީނާ ބުނެލިއެވެ. އަޒަލްއާއި އާޒީންގެ ހިތަށް ބިރުވެރިކަން ވަންނަހާ ބޮޑަށް މިސާލުޖެހިއެވެ. އެންމެންގެ ކުރިމަތީގައިވެސް ހައިކަލް އަޒަލް ރޮއްވަން ޖެހުނީ ސަލްވާގެ މައްސަލައެއްގައެވެ. ކުދިންގެ ހިތުގައި ނުޖައްސާ އެހާ ލޯބިން ގެންގުޅެފައި މިހާރު ސަލްވާ އައިފަހުން މައްސަލަޖެހުމަކީ ފަހުން ދިމާވެދާނެ ބޮޑުކަމެއްގެ އިންޒާރެކެވެ. އޭގެ ކުރިން ސަލްވާ ޖެހޭނީ މިގެއިން ފޮނުވައިލާށެވެ. މެހެރީނާ ބުނާހާ އެއްޗެއް އަހައިގެން ކަމަށް ހެދިގެން ތިއްބަސް އަޒަލްއާއި އާޒީން އެވާހަކަ މުޅިއަކުން ގަބޫލެއްނުކުރިއެވެ. އަޒަލްދެކުނު ގޮތުގައި އޭނަ ކުރީ ހަމަ ކުށެކެވެ. ބައްޕަ އެބުނުއްވީ ހަމަ ރަގަޅަށެވެ. ސަލްވާގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ދައުރުކުރީ އޭނަގެ ސަބަބުންނެވެ. އޭނައަށް އެތަންކޮޅު ނުވިސްނުނީއެވެ. ސަލްވާ ކުރީދުވަހަކުވެސް އެކަހަލަ ވާހަކައެއް ދެއްކިއެވެ. އުފާވެރި ދިރުއުޅުން އެގޮތަށް ހާމަކުރުމުން މީހުންގެ ފަރާތުން އެސްފީނާޖެހިގެން ދިރިއުޅުން ހަލާކުވެދާނެކަމުގައެވެ. ދެމަފިރިންގެވެސް އުފާވެރިކަމާއި ޒާތީކަންތައްތައް އެއްގޮތަކަށްވެސް އެފްބީ ތަންތާގައި ލިޔާކަށް ނުވާނެއެވެ. އެއީ ވަރަށް ޒާތީ އަމިއްލަ ކަންތައްތަކެވެ. އެބަލާފައި ބައެއްމީހުން ހަސަދަވެރިވާނެއެވެ. އެސްފީނާޖެހޭނެއެވެ. އެހެންވުމުން ދެމަފިރިން ވަކިވުމަކީވެސް ވެދާނެ ކަމެކެވެ. އަޒަލް އެވާހަކަ ހަދާންވީމަވެސް ދެރަވިއެވެ. އެކަމާއި ވިސްނައިނުލާ އެފޮޓޯލެވުނީއެވެ. އެވެސް ބައްޕަގެ ހުއްދަނުހޯދާ ބައްޕަގެ އެފްބީގައެވެ. ސަލްވާގެ ކައިރިން މާފަށް އެދެން އޭނަ މެސެޖެއް ފޮނުވިއެވެ. ހައިކަލްއަށްވެސް މެސެޖްކުރިއެވެ.

އުޑުމަތީގައި ފިޔަޖަހަޖަހާ ހުރި އެތައް ސަތޭކަ ތަރިތަކުން އުޑު ޒީނަތްތެރިކުރެވިފައިވާއިރު ރޯޒްމެހެލްގެ ބެލްކަނި އޮތީ އަނދިރިކޮށެވެ. ބަގީޗާގައި ހުރި ބޮއްކެއްގެ ފަނޑު އަލިއެޅިފައި އޮތެވެ. އެތާ ހުރި ދިގު ގޮނޑިއެއްގައި ދިގުދެމިލައިގެން ސިގްރެޓެއް ތުނބުގައި ޖަހާލައިގެން މާއިޒް އޮތެވެ. ތަރިތަކަށް ބަލަން އޮތްއިރު ފުން ވިސްނުމެއްގައި އޮތްފަދައެވެ. ކައިރީގައި ހުރި އައިސްކްރީމްތަށިން އެތިކޮޅެއް ކާލިއެވެ. ފޯނެއް އައުމުން ތެދުވެގެން އެއްފަރާތަކަށް ހިނގައިގަތްތަނާ އާޒީންގެ ގައިގާ އަޅައިނުގަތީ ކިރިޔާއެވެ.

"ފޮނިފިރިހެނެއް.........." އާޒީންއަށް ބުނެވުނެވެ. އެވަގުތު ލޮލުގައި އަޅައިގަތީ މާއިޒް އެއްބައި ކާލާފައިހުރި "މިންޓް ޗޮކްލެޓް ޗިޕް" ތަށްޓެވެ. އާޒީން ސަމުސަލެއް އަނގަޔަށްލާފައި ލޮވެލިއެވެ. ކުއްލިއަކަށް އެތަށި ޖަހައިގެންފާ ބާރުގަދަ އަތަކުން އޭނަގެ މުލައްދަނޑީގައި ހިފިގޮތަށް ދުރުކޮށްލިއެވެ. ގަދަ ކޮށްޕާލުމަކަށްވިޔަސް ވިސްނައިގެން ނެތުމާއިއެކު އާޒީން ވެއްޓިގެންދިޔަގޮތަށް ބެލްކަނީގައި ބޯޖެހުނެވެ. ބޮލަށްވުރެ ހިތަށް ތަދުވެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. މާއިޒް ހާދަހަރެވެ. ހިތުގައި ކިރިޔާވެސް ކުލުނެއްއޮތްނަމަ ކުޑަ ކުޑަ އަނިޔާއެއްކޮށްލަންވެސް އެހިތް ނުރުހޭނެއެވެ. އެހިތުގައި ލޯބީގެ ކުނޑިފަށެއްވިނަމަވެސް މިވަރަށް ހިތުގައި ޖައްސާ ރޮއްވާކަށް މާއިޒްގެ ހިތަށްވެސް ކުޅަދާނައެއްނުވާނެއެވެ. މާއިޒްގެ ހިތުގައި އޭނައަށް އެއްވސް އެއްޗެއް ނެތްކަން އެނގި ހިތުގައި ރިއްސަންފެށީ އަދި ވަކިވަރެއް ބަލާފައެއްނޫނެވެ.

"އޫ..........ހާދަ ވަރަށޭ ތަދުކޮށްލީ....އާ ޔޫ އިންސޭން؟ މަރާލަންތަ ތިއުޅުނީ؟ ހެޑްއިންޖަރީއެއް ތިކުރީ؟" އާޒީން ހިތަށް ތަދުވިނަމަވެސް އެކަން ފޮރުވަން މަސައްކަތްކުރިއެވެ.

"އަނިޔާވިވަރު ކުޑައީ. ތަދުކުރީމަ އެނގޭނީ އަހަންނާއި ގާތްނުވާން. ކިތައްފަހަރު ބުނާނީ ދުރުން އުޅޭށޭ. ގާތްނުވާށޭ. އަހަރެން ބޭނުމެއްނުވެއޭ. އެހާވަރަށް ބުނާއިރުވެސް ކަންފަތް ނުހުންނަނީބާވައޭ ހިތަށް އަރަނީ. އަހަރެން ލާ ހެދުން ލާން ޖެހެނީ. ބޫޓަށް އެރޭތޯ އުޅެނީ. އަހަރެން ކައިފަ ހުންނަ އެއްޗެއް ކައިގެން ކޮންކަމެއް ސާބިތުކުރަންތިއުޅެނީ؟ ލޯބިވާކަމަށް ދައުވާކުރަމުން ޑައިރީގައި ލިޔުނަސް އަހަރެންގެ ހިތް ބަދަލެއްނުވާނެ. ބުނަން އާޒީން. ތިގޮތަށް އުޅެންޏާ އަހަރެން ކުރިންވެސް ބުނިހެން ނުފެންނަ ހިސާބަކަށްދާނީ. މޮޔައެއްހެން ތިއުޅެނީ. ޔޫ ކާންޓް ހޭވް މީ. ބޭކާރުކަމެއް ތީ. ފާޑުފާޑަށް ފުލުފުލުގައި މެސެޖްކުރަނީ އާޒީންކަން އަހަންނަށް ނޭގިގެނެއްނޫން މިއުޅެނީ. މަށެއް ނުލިބޭނެ އާޒީންއަކަށް. ދުވަހަކު އެކަމެއްނުވާނެ. ޔޫ ބެޓަރ ފޮގެޓް މީ. ތިހެން އުޅޭތީ ވަރަށް ފޫހިވެއްޖެ. އާޒީންގެ ސޫރަ ފެނުނަސް އަހަރެން ފޫހިވާން ފަށައިފި. ސީރިޔަސްކޮށް. ރޯޒްމެހެލްއަށް ނުވަދެ އުޅެނީވެސް އާޒީން ހުންނާތީ.........." މާއިޒް ކިތަންމެމަޑުން ވާހަކަދެއްކިޔަސް ހަރުކަށިކަން ހުއްޓެވެ. އަދި އެއިން ކޮންމެ ޖުމްލައެއް ތޫނުކަށިތަކެއްހެން ހިތް ތޮރުފާލިއެވެ. ކަރުނައަށްވެގެން އޮހެމުންދިޔަ ލޭތައް ހުއްޓުމެއްނެތެވެ. އެހާގަދަޔަށް ރުޅިއައިސް ބުމަކައިރިކޮށްލައިގެން ހުރުމުން ހިތްހަލާކުވާފަދަ ރީތިކަމުގައި އާޒީންއަށް ފެނުނެވެ. މިހާރު އެނގިއްޖެއެވެ. މާއިޒް އޭނަދެކެ ހަގީގަތުގައިވެސް އެއަންނަ ރުޅިއަކީ އާދައިގެ ރުޅިއެއްވެސް ނޫނެވެ. އެހެންމީހުންނާއިއެކު ހިނިތުންވެފައި އުޅުނަސް މާއިޒް އޭނަ ފެނުމުން މޫޑުވެސް ގޯސްވާކަން އެނގިއްޖެއެވެ.

އަދި މާއިޒް އެންމެ ރުޅިއައީ އޭނަ ކައިފާ ހުރި އައިސްކްރީމްތަށިން ކެއީމައެވެ. ލޯބިވެރިއެއްގެ ގޮތުން ނުދެކުނަސް ކޮއްކޮއަކަށްވެސް އެއްތަށިން ކެވިދާނެއެވެ. މާއިޒް އޭނަ ލަދުގަންނަވާލައިފިއެވެ. ހާދަ ދެރަކޮށްލައިފިއެވެ. ނޭފަތް ދަމާލާފައި އާޒީން ހަމަޔަކަށް އެޅެން މަސައްކަތްކުރިއެވެ.

"ތިހާ ރުޅިއަންނަންޖެހޭ ރީޒަންއެއްނެތް. ލޯބިވުމަށް އެޅޭ ހުރަހެއްވެސް ފެންނާކަށް ނެތް. ޔޫ އާ ނޮޓް މައި ޑޭމް ބްރަދަރ. މިގޭތެރެއިން އެކަން އެނގެނީ އެކަނި ބައްޕައާއި މަންމައަށް. ދޭ އެޑޮޕްޓެޑް ޔޫ................" އާޒީންއަށް ކެތްނުކުރެވިގެން ހަޅޭއްލަވައިގަނެވުނެވެ. ހޭވެރިކަން ހުރިނަމަ އޭނަ ފަހަރެއްގައިވެސް ބައްޕަގެ ސިއްރު އެގޮތަށް ބޭޒާރުކޮށެއްނުލާނެއެވެ. މާއިޒް ކުއްލި ހަރަކާތަކާއިއެކު އާޒީން ގެންގޮސް ފާރުގައި ޖައްސާލާފައި އަނގަމަތީގައި އަތްއެޅިއެވެ.

"ހަޅޭއްނުލަވާ. އެންމެނަށް ތިކަން އަންގަންތަ ބޭނުމީ. އޭނ. އެޑޮޕްޓްކުރިއްޔާ ބައްޕަގެ ސިކްރެޓް އެންމެނަށް ހާމަކުރުމުގެ ހައްގު އާޒީންއަށް އޮތީތަ........." މާއިޒްގެ ޖުމްލައިން އާޒީންއަށް ވިސްނުނީ މާއިޒްއަށްވެސް އެކަން އެނގޭކަމެވެ. މާއިޒްއަށް އެޖުމްލައިން އެހާ ބޮޑު އަސަރެއް ނުކުރީ ކީއްވެހެއްޔެވެ؟ އޭނަގެ މޫނުމަތިން އަދި އެދެލޮލުން އިތުރު ޝުއޫރެއްވެސް ދައްކައިނުލާ ހުރުމުން ޝައްކުތަކެއްވިއެވެ.

"ކޮންކަމަކާ ޒެލް ހަޅޭއްލަވަނީ؟ " ދުރުން މެހެރީނާގެ އަޑުއިވިފައި މާއިޒް އާޒީންގެ އަނގަމަތިން އަތްނަގާފައި ދުރަށްދާން ހިނގައިގެންފިއެވެ. އޭރު އާޒީން ހުރީ އެގާތްކަމުން ވިރިގެން ހުރިތަނަށް ފައިބާވަރުވެފައެވެ. މާއިޒްގެ ހަރުކަށިކަމުންވެސް ހިތުގައިވާ ލޯބި ފަނޑުވާގޮތެއްނުވިއެވެ. މެހެރީނާއަށް ނުފެންނަންވެގެން އާޒީން އެއްފަރާތަށް ޖެހި ފާރަށް ލެނގިލައިގެން ހުއްޓާ މެހެރީނާ ގެ ފިޔަވަޅުގެ އަޑު ދުރުވަމުންގޮސް އަޑުކެނޑިއްޖެއެވެ. އާޒީން މަޑުމަޑުން ހިނގާލާފައިގޮސް ކާކޮޓަރިއަށްވަދެ އައިސްޕެކް ނަގައިގެން ބޮލުގައި ޖައްސަންފެށުމުން ތަދު މަޑުވިއެވެ. ގޮނޑިއަށް ދެފައި އަރުވާލައިގެން އެހެން އިނދެ އައިސްކްރީމް ތަށްޓަކުން ސަމުސާއަކަށްފަހު ސަމުސާއެއް އަނގަޔަށްލުމުން ކޮންމެވެސް ވަރަކަށް ހާސްކަން ކެނޑުނަސް ލޮލުން ކަރުނަ އައުމެއް ނުހުއްޓެއެވެ. ސަލްވާ ވަދެފާ ސުވާލުކުރުމުން އާޒީންބުނީ ވެއްޓި ބޮލަށް އަނިޔާވީކަމުގައެވެ. ސަލްވާއަށް ޝައްކުވިއެވެ. އެހާވަރަށް އަނިޔާވެގެން އާޒީން މިގޮތަކަށް ނުރޯނެއެވެ. އޭނަވެސްވަނީ މިފަދަ ދުވަސްތަކެއްދެކެފައެވެ. ދެރަވެ ހިތުގައި ޖެހިގެން ރޯއިރު ތަފާތެވެ. އަނިޔާވުމުން މިހެނެއް ނުރޯނެއެވެ.

"އާޒް. ކިހިނެއްވީ؟ ނުބުނާނަންތަ؟ " ސަލްވާ ޖެހިގެން ހުރި ގޮނޑީގައި އިށީދެއްޖެއެވެ. ހައިކަލް އަދިވެސް ގެއަށް ނާންނާތީ ސަލްވާވެސް ހުރީ އެކަނިވެފައެވެ. އަޒަލް މެސެޖްކުރުމުން އޭނަ އަޒަލްއާއި ވާހަކަދައްކަންކަމަށް އެކޮޓަރީގެ ދޮރުގައި ޓަކިޖަހަޖަހާ ނުވެސް ހުޅުވިއެވެ. އެހެންވެ ސަލްވާ އެކަމާއި ބެހޭގޮތުން ވައިބާ ކުރިއެވެ.

"ސަލްވާ ބުނީމެއްނު ދުޢާކުރީމަ ކޮންމެވެސް ދުވަހަކުން އެކަމެއްވާނެއޭ. އެކަމަކު އެންމެ ބޭނުންވާ ކަންތައް ނުވާނެކަން މިހާރު ޔަގީންވެއްޖެ. ހީ ސެޑް ދުވަހަކުވެސް ނުލިބޭނެއޭ. އެހާ ޔަގީންކަމާއިއެކު އެވާހަކަ ބުނުމުން މިރޭ ކޮންވިންސްވެއްޖެ. އޭނަގެ ދެލޮލުން ހުރިހާ ވާހަކަތަކެއް ކިޔައިދީފި. މިހާރު ޔަގީންވެއްޖެ ލޯބިވާ މީހާ ދުވަހަކު ނުލިބޭނެކަން. ހީ ޑަޒަންޓް ލަވްމީ ސަލްވާ. އެންމެރަގަޅު ލޯބިނުވިޔަސް. އެކަމަކު އޭނަގެ ނަފްރަތު، ކިހިނެއް އެކަމަށް ކެތްކުރާނީ؟ ތިމާ އެންމެ ލޯބިވާ އިންސާނާ ރުޅިއަންނަކަން އެނގުމުން ކެތްކުރާނެ ގޮތެއް ސަލްވާ ބުނެބަލަ. ނޭގޭ. ހަމަ ހިތްހަލާކުވެއްޖެ. ޔަގީންވެއްޖެ ދުވަހަކު އޭނަ ބަދަލުނުވާނެކަން. އެހާވެސް ޔަގީންކަމާއިއެކު ބުނީ. ހިތުގެ އެންމެ އަޑިން. ހީމޭޑް އިޓް ކްލިއާ. ކްރިސްޓަލް ކްލިއާ ދެރައީ ދުވަހަކު އެހެންމީހަކު ދެކެ ލޯތްބެއްނުވެވޭނެކަން. ބުނެއެއްނު ތެދުވެރި ލޯބިވެވޭނީ އެންމެފަހަރަކުއޭ......" އާޒީން ދެލޯ ފިތައިލަމުން އަނެއްކާވެސް ލޮލުން ކަރުނަ އޮހިގަތެވެ.

"ނޫނޭ އާޒް. ތިގޮތަށް ހޯޕް ގެއްލުވާނުލާ. އާޒް ބެލީމެއްނު ޑޯންޓް ބީ ސޭޑް ﷲ އިޒް ވިތު އަސް ކިޔާ އިސްލާމިކް ލެކްޗާއެއް. ދެރަވީމާ އޭގެ ލެކްޗާއެއް ބަލާލުމާއިއެކު ހިތްވަރު ލިބޭނެ. އުއްމީދު އާވާނެ. ހިނގަންޖެހޭ ރާސްތާ ކިތަންމެ ދުރަސް މަންޒިލަށް ފޯރާނެކަމުގެ އުއްމީދު އޮތީމަ ކުރިއަށް ދެވޭނެ. އާޒް ތިބުނަނީ ހިތް ބަދަލެއްނުވާނެއޯ. ކިތަންމެ ވަރަށް ލޯބިވާމީހެއްގެ ހިތް ނަފްރަތުން ފުރިދާނެ. ނަފްރަތުކުރާ މީހެއްގެ ހިތް އަނެކާއަށްޓަކާ ލޯބިން މޮޔަވާވަރުވެސްވެދާނެ. ހިތެއްގައި ލޯބިލައްވަނީ އެންމެ ފަރާތަކުން. ސޯ ޑޯންޓް ގިވް އަޕް. ދުޢާކުރާއިރު ޝަރުތުތަކުގެ ތެރޭގައި އޮވޭ ޔަގީންކަން އޮތުން. އާޒް ޝައްކުތިކުރަނީ؟ ހެއްދެވިފަރާތަށް ޔަގީންކަމެއްނެތި ދުޢާކުރަނީ؟ އިޓްސް ރޯންގް އާޒް. އަހަރެމެންގެ ދެކެ އެންމެ ލޯބިވާފަރާތަކީ އެއީ. މަންމައަކު ދަރިއަކުދެކެވާ ލޯތްބަށްވުރެ މަތިވެރި ލޯތްބެއް މާތްﷲ އިންސާނުންދެކެ ވެވޮޑިގަންނަވާ. އަހަރެމެން ކުރާ ހުރިހާ ކަންތައް އަދި ކުރަން ހިތަށް އަރުވާ ހުރިހާކަމެއްވެސް އެފަރާތުން ދެނެވޮޑިގަންނަވާ. ގެޓް ކްލޯޒާ ޓު ﷲ. އާޒްގެ ހިތުން އޭރު ތިކަހަލަ ކަންތައް މުޅިން ގޮސްދާނެ. ހިތާމަތައް ފިލާފާނެ. އޭރުން ދުނިޔޭގެ އުފާވެރިކަންވެސް ލިބެން ފަށާފާނެ. ޓްރަސްޓްމީ އާޒް. ތިގޮތަށް ރޮއިގެން ވާނެ މާ ބޮޑުފައިދާއެއްނެތް. އަދި ނުވިއޭ ކިޔާފައި ގިވްއަޕް ކުރާ ހިސާބަށް ދިޔުމުންވެސް ލިބޭނީ ކޯޗެއް؟ ހިތްދަތިކަން. އާޒްގޮސް ނަމާދުކޮށްގެން ދުޢާކުރޭ......" ސަލްވާގެ ވާހަކައިން އާޒީންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބުނެވެ.

"ސަލްވާ ތިބުނަނީ ރަގަޅަށް. އެކަމަކު އޭނަ ވަރަށް ސްޓަބްން. މިކަމެއްނުވާނެ.." އާޒީން ކިޔާލައިފިއެވެ.

"ތިހާ ޔަގީންކަމާއިއެކު ނުވާނެއޭ ބުނަނީ ކީއްވެ؟ " ސަލްވާ އަހައިލިއެވެ.

"ސިއްރެއް ބޭޒާރުވެދާނެތީ. އެސިއްރު ހިފަހައްޓަންކަން ނޭގޭ އޭނަ ލޯބި ގުރުބާންކުރާނީ. ބައެއްފަހަރު އެހެންވެސް ވެއެއްނު. ބޮޑު ބޮޑު ސިއްރެއް ފަޅާއަރާފަނެތީ ލޯބިވާ ދެމީހުން ދުރުވާންވެސް ޖެހޭ. މާޒްވެސް......" އެނަން ކިޔައިލެވުމާއިއެކު އާޒީންއަށް ހާސްވެގެން ހިންދިރުވައިލެވުނެވެ. އެސިއްރު ހާމަނުކުރެވުނީ ހަމަކިރިޔާއެވެ. ފަހަރެއްގައި ބައްޕަ އެވާހަކަ ސަލްވާއާއި ހިއްސާކޮށްފައި އޮވެދާނެއެވެ. ނަމަވެސް އޭނަ ޖެހޭނީ ބައްޕައަށްޓަކާ ހިމޭނުން ހުންނާށެވެ. އެލޯބީގައި ދީވާނާވިޔަސް އޭނައަށްވެސް ނުކެރޭނެއެވެ. ސަލްވާ ކިޔައިދިނީ ކުރީ އަހަރުގެ ރަމަޟާންމަހުގައި އޭނަ އަޅުކަންކުރަންވެގެން ލިސްޓެއްހެދި ވާހަކައެވެ. ރަމަޟާންމަހުގައި ޝައިތާނުން ކަސްތޮޅު އެޅިފައިވުމުން ހަގީގަތުގައިވެސް ނަފުސް އިސްލާހުކުރުމަށާއި ހެއްދެވި ފަރާތާއި ގުޅުން ބަދަހިވާން ރަނުގެ ފުރުސަތެއްލިބެއެވެ. ސަލްވާ އެއްގޮތަކަށްވެސް ފޭސްބުކްއަށް ވަދެނުލާތާގައި ހުރިހާ ވަގުތެއްގައި ފޯނުވެސް ބޭނުންކުރީ ގުރުއާން ކިޔެވުމާއި ތަފްސީރު އަޑުއެހުމަށެވެ. ޒިކުރުކުރުމަށެވެ. ތަރާވީހަކީ ރޯދަމަހުގެ ޚާއްސަ އަޅުކަމަށްވުމުން އެކަނި ގޭގައި ހުރެގެންވެސް އެނަމާދުކުރަންވާނެކަމުގައި މާމަ ވަސިއްޔަތްކޮށްފައިވާތީ ސަލްވާ އެކަން ބަރާބަރަށްކުރިއެވެ. ތަރާވީސް ނަމާދުކުރިއިރު ކުރީކޮޅު ބަލިވިޔަސް ފަހުން ފަހުން ކުރާހިތުން ކުރެވުނެވެ. ދަމުނަމާދުކޮށްގެން ގުރުއާންކިޔެވިއެވެ. ޚުޝޫއަތްތެރިކަމާއިއެކު ނަމާދުކުރުމުން ހިތަށް އެލިބޭ ތަސައްލީ ސަލްވާއަށްވެސް ބަޔާންކުރާކަށް ނޭގެއެވެ.

ސަލްވާގެ އެކުވެރިޔަކު އެއަހަރު ރަމަޟާންމަހުނިޔާވިއެވެ. ކިތަންމެ ޅަޔަސް މަރުގެ ވަގުތު ޖެހުމާއިއެކު އެމީހަކު ޖެހޭނީ ދުނިޔެއާއި އަބަދަށްޓަކާ އަލްވަދާއު ކިޔާފައި ދާށެވެ. ލަހެއްފަހެއްނެތިއެވެ. ވީއިރު އަނެއް އަހަރުގެ އެ މާތް އަޅުކަންކޮށް ނަފުސް ތާހިރުކުރަން ފުރުސަތު ލިބޭނެކަމަކަށް ސަލްވާ ހިޔެއްނުކުރެއެވެ. އެއީ އޭނަގެވެސް އެންމެ ފަހު ރަމަޟާންކަމުގައި ވެދާނެތީ ސަލްވާ ބިރުގަތެވެ. ހިޔަނިހެން އަބަދު ހަނާ އަޅާ އެއްޗަކީ މަރެވެ. މަރުވާނީ ކޮންވަގުތަކު ކިހިނެއްކަމެއް ނޭގެންޏާ އުޅެންޖެހޭނީ ވީހާވެސް ރަގަޅަށް ކަމުގައި ސަލްވާ ގަބޫލުކުރިއެވެ. ކުއްލިއަކަށް ބޮޑު ބައްޔެއް ޖެހުމާއިއެކު އަޅުކަން ކުރެވޭނެ ވަރު ނެތި ނޫނީ ތައުބާ ނުވެ ހުއްޓާ މަރުގެ މަލާއިކަތާ ވަޑައިގެން ފުރާނަ ހިއްޕަވާފާނެއެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވި މަގުސަދު ހަދާންނައްތާލައިގެން ނުވާނެކަމަށް ސަލްވާ އަބަދުވެސް ދެކުނެވެ. އެހެން އަހަރުތަކުގައި ފަރުވާކުޑަކޮށްލެވުނަސް މިދިޔައަހަރުގެ ރަމަޟާންމަސް ސަލްވާ ހިތްހަމަޖެހޭފަދަ ގޮތަކަށް ހޭދަކުރެވުނެވެ. އެއްވެސް ވަގުތެއް ބޭކާރުކޮށެއްނުލިއެވެ. ޚާއްސަކޮށް ފަހުދިހަރޭގެ ތެރޭގައި ލައިލަތުލް ގަދަރު ހިމެނޭކަމަށް ހަދީސުތަކުން ވަރަށްބޮޑަށް ޔަގީންވާތީ ސަލްވާ އެހެން ރޭތަކާއި ޚިލާފަށް އަޅުކަމުގައި ވަގުތުހޭދަކުރިއެވެ. ހެދުނުގަޑީގައި ނިދާފައި މުޅިރޭހެން ވޭތުކުރީ އަޅުކަމުގައެވެ.

ރަމަޟާންމަހުގައި ސަލްވާ އަޒުމް ކަނޑައެޅިގޮތަށް އަދިވެސް މިހިރީ އެކަންތައްތަކުގައި ގަދަޔަށް ހިފަހައްޓައިގެންނެވެ.

އެފަހުން ނަސީބު އޭނަގެ އަތުގައި ހިފިކަހަލައެވެ. އޭނައަށް ދެއްވީ އަންހެންކުއްޖަކު އެންމެ ހިތްކިޔާފަދަ ފިރިހެންވަންތަ ބައިވެރިއެކެވެ. ބުރައަކާއި ނުލައި ލިބުނު ދެއަންހެންދަރިން އެހާ ރަގަޅެވެ. އެއް އުމުރު ނަމަވެސް ބެލެވޭނީ ދޮންދަރިންގެ ގޮތުގައެވެ. ހައިކަލްގެ ނެތީ ކޮންކަމެއް ހެއްޔެވެ؟ އޭނަގެ ކޮންމެ ސިފައެއްވެސް ސަލްވާއަށް ރީއްޗެވެ. ސަލްވާ އާޒީންކައިރީ ނުބުނީ ސަލްވާ އެންމެ އެދޭފަދަ ހަޔާތުގެ ބައިވެރިޔެއް ލިބުނުކަމާއި އެމީހަކީ އާޒީންގެ ބައްޕަ ހައިކަލްކަމެވެ. ސަލްވާގެ ހިތުގައި އަބަދުވެސް ވީ އެފަދަ ހަރުދަނާ ސްމާޓް މީހެކެވެ. ހަރުމީހެކެވެ. ލިބުނީ އެންމެ ބޭނުންވާ އިންސާނާއެވެ. ދެރައީ އަދިވެސް ހައިކަލްދެކެ އޭނަ އެއޮތްވާ ޖެހިލުމެކެވެ. އެލަދު ފިލުވައިލާނެ ގޮތެއް ޚުދު ސަލްވާއަކަށްވެސް ނޭގެއެވެ. ފިޒިކަލް ގުޅުމަކަށް ދާން އެހާ ކަންބޮޑުވެއެވެ. އެކަންތައްތަކުން އަރައިގަންނަން ހަދާނެގޮތެއް ނޭގި ބައެއްފަހަރު ސިކުނޑިގާނަން ޖެހެއެވެ.

އާޒިން ކޮޓަރިއަށްގޮސް ނަމާދުކޮށްލައިގެން ދުވަހަކު ނޯންނަހާ ގިނައިރުވަންދެން ސަޖިދައިގާ އޮވެ ދުޢާކުރިއެވެ. ތަކުރާރުކޮށް އެދުނީ އެންމެކަމަކަށެވެ. އާދޭސްދެންނެވީ އޭނަގެ ހިތުގައި އާޒީންއަށްޓަކާ ލޯބި ލެއްވުމަށެވެ. އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް މާއިޒް އައުމަށެވެ. މާއިޒްގެ ހިތް ބަދަލުކުރެއްވުމަށެވެ. ކޮންމެ އުފަލެއްވެސް މާއިޒްއާއި ގުޅިފައިވާފަދައެވެ. ސަލްވާ ރަމަޟާންމަހާއި ބެހޭގޮތުން ދެއްކި ވާހަކަތައް އާޒީންގެ ހިތުގައި ގުގުމާލާފައިވިއެވެ. ސަލްވާފަދަ ރަގަޅުކުއްޖަކަށް އޭނައަށްވެސް ވެވޭނެނަމައޭ ހިތަށް އެރިއެވެ.

ބޯކޮށް ވާރޭވެހެމުން ދާ ވާރޭގެ ތެރޭގައި ރޯޒްމެހެލް ފެންނަނީ ވަރަށް ޖާދުވީކޮށެވެ. ބޮޑެތި ވާރޭގެ ތިކިތައް ގެއާއި ގަސްތަކުގައި ބީހެމުންދިޔައީ ރަހުމެއްނެތިއެވެ. މެހެރީނާ ސޯފާއެއްގައި އޮށޯވެލައިގެން އެ ހިތްގައިމު މަންޒަރުދެކެން އޮތެވެ. ތަންކޮޅެއްކުރީގެ މާޒީއެއް ހަދާންވުމުން އޭނައަށް އިރުކޮޅަކަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ރޯޒްލީންގެ ހަދާންތައް ސިކުނޑީގެ މަޑިކިލަބުގައި ފިޔަޖަހައިލިއެވެ. މެހެރީނާ ގަދަކަމުން ލޯ ހުޅުވައިލިއިރަށް ފެނުނީ ދެކެން ބޭނުންނުވި ސޫރައެކެވެ. ވިޝާމްއެވެ. އޭނަހުރީ ފެންވަރާލައިގެން ބޭރަށް ދާން ތައްޔާރުވެލައިގެންނެވެ. ނޫޖިންސާއިއެކު ލާފައި ހުރި ކަޅުކުލައިގެ ޓީޝާޓުގެ ސަބަބުން ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ދައްކުވައިދެއެވެ. އަންހެންކުދިން މޮޔަކުރުވާފަދަ ރީތިކަމެއް މޫނުމަތީގައިވިއެވެ. ފެންޑާގައި ހުރެ ސިގްރެޓްރޯކޮށްލާފައި ދުންތައް ދުއްވައިލިއެވެ. ވިޝާމްގެ ލަދުކުޑަކަންވެސް ދެކެބަލާށެވެ. ގޭތެރޭގައި ހުރެގެންވެސް ވިޔާނުދާ އަމަލުތައްކުރަން ފެށީއެވެ. ސިއްހަތަށްވެސް ބަލައިލުމެއްނެތެވެ. މެހެރީނާ މޫނު ހަދާލާފައި އެއްޗެކޭ ބުނަން އުޅުނެވެ. އެވަގުތު ކާރު ޕާކްކުރާތަނުގައި ކާރު މަޑުކޮށްލުމާއިއެކު ސަލްވާ ވާރެއިން ސަލާމަތްވާން ދުވެފައި އައިގޮތަށް ފެންޑާއަށް އެރިއިރު ކައްސާނުލީވެސް ކިރިޔާއެވެ. ވިޝާމް ކުރިއަށް ޖެހިލާފައި ހިފަހައްޓަން އުޅުމުން ސަލްވާ އެއްފަރާތަކަށް ޖެހިލިއެވެ.

މޫނު އަޅައިގެން ހުއްޓަސް ސަލްވާއާއި އަޒަލް ވަކިކުރަން އެއާއިލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ދެމީހުން ހިގާގޮތް ތަފާތެވެ. ސަލްވާގެ މަޑުމައިތިރި ފަރި ހިގުމާއި އަޒަލްގެ ހަލަބޮލިކަން އަޅާކިޔޭނެހާ ތަފާތެވެ. ވިޝާމް ނޭގޭކަމަށް ހެދިއެވެ.

"ޒެލް........ކޮންކަމެއް ތިއީ...." ވިޝާމް ސަމާސާކޮށްލަންވެގެން ގަސްތުގައި ބުނެލިއެވެ. ކާރުން ފޭބި ހައިކަލްވެސް ދެތިން ކޮތަޅު ހިފައިގެން އައިސް އަރާހަމަވިއެވެ. މެހެރީނާ ހައިކަލްއަށް ވިޝާމްގެ ނުލަފާކަން އަންގާލަން ބޭނުންވިއެވެ. މޫނު ބުރުގާ އަޅުވައިގެން އުޅެނީ ވިޝާމްއާއި ސަލްވާ ކުޅިގަނޑެއް ކުޅެކަންކަން އަންގާހިތުން އިންތަނުން ތެދުވެވިއްޖެއެވެ.

ކޮމެންޓް 0