ސަލްވާއަށް ޒެލްއޮތް ހާލުފެނި ބިރުންގޮސް ހިތްހުއްޓޭވަރުވިއެވެ. ފާގިޔާގެ ކައިރީ ކުޅެން އިނދެފައި ޒެލް ބްލޮކް އަނގަޔަށް ލައިގެން ނޭވާ ހާސްވެގަތްއިރު ސަލްވާ އެއްޗެއް ގަނެލައިގެން އައިސް ގެއަށް ވަދެވުނީއެވެ. ވަގުތުން މަގަށް ނުކުތްތަނާ ނަސީބަކުން ކާރެއް ލިބުނެވެ. ފާގިޔާވެސް އޭނައާއިއެކުގައި ކާރަށް އެރިއެވެ. ސަލްވާ ހިތްވަރުކޮށްގެން އިންއިރު މެދުކެނޑުމެއްނެތި ދުޢާކުރިއެވެ. ކަރުނައިގެ ތެރެއިންވެސް ސަލްވާ ހަދާންކުރީ އެންމެ ފަރާތެކެވެ. ޑްރައިވަރު ކާރު މަޑުކޮށްލީ މިރޭ ހުޅުވި ހޮސްޕިޓަލަށެވެ. އެންމެ ކައިރީގައި ހުރި ތަނަކީވެސް އެއީ ކަމަށްވާތީއެވެ. ސަލްވާ އެންމެ ސިކުންތެއްވެސް ނަގާނުލައި ދުއްވައިގަތްއިރު މިއީ ކޮންބަޔެއްގެ ތަނެއްކަންވެސް އޮޅުމެއްނުފިލައެވެ. އެތައްބަޔަކު އެއްވެފައިވާ ތަނުންވެސް ދަރިފުޅުގެ ބައްޕަ ހައިކަލް ފެނުމުން ކުޑަ ހައިރާންކަމެއްވެސް ލިބުނެވެ. ނަމަވެސް އެއީ އެހެން ކަމަކާއި ފިކުރު ހިންގައިލެވޭ ވަގުތެއް ނޫނެވެ. ހައިކަލްއާއި ދިމާލަށް ދުއްވައިގަނެވުނުއިރު ސަލްވާގެ ހިތް ކުދިކުދިވެދާނެފަދައެވެ.

ނަމަވެސް ހައިކަލް ފެނުމާއިއެކުވެސް ޒެލްއަށް ކުޑަ ދިރުމެއްލިބުނުފަދައެވެ. އުދަގޫގޮތަކަށް ކެއްސާލުމާއިއެކު އެދެލޯ ހުޅުވާލިއެވެ. ހައިކަލްއާއި ޒެލްގެ ނަޒަރު ފަޅި ސިކުންތުކޮޅަކަށްވެސް ބައްދަލުވިއެވެ. އެހާލުގައި އޮވެވެސް ޒެލް ހީލާން އުޅުނެވެ. "ޑެޑީ" އަށް ގޮވާލާފައި އެތުއްތު އަތްތިލައިން ހައިކަލްގެ މޫނުގައި ޖައްސާލިއިރު ހައިކަލްގެ ލޮލުން ފެނުނީ ލޯތްބާއި ކުލުނެވެ. ސަލްވާއަށް ވަގުތުވެސް ހުއްޓުނުހެންހީވިއެވެ. އެދެބަފައިންގެ އެ ޚާއްސަ ވަގުތުކޮޅު އުމުރަށްވެސް ހިތުގައި ރައްކާކުރެވޭނެއެވެ. އެއީ ހައިކަލްއާއި ޒެލްގެ ފުރަތަމަ ބައްދަލުވުމެވެ.

ޒެލްއޮތީ ހުއްޓިފައެއްނޫނެވެ. ނޭވާ ނުލާކަމުގައި ހީކުރެވުނަސް ޒެލް އުދަގޫގޮތަކަށް ނޭވާލާން މަސައްކަތްކުރިއެވެ. ޒެލް އިމަޖެންސީރޫމަށް ގެންގޮސްގެން ދޮރު ލައްޕައިލުމުން ސަލްވާ ހުރީ ހިނގައިގަންނަން ނުކެރިފައެވެ. އޭރު އެންމެންގެ އަމާޒުފަތްގަނޑަކަށް އޭނަވެއްޖެއެވެ. ޒައިތޫންއާއި މެހެރީނާ އަދި ރައުދާގެ އިތުރުން އަންހެންވެރިންގެ ތަފާތު ނަޒަރުތަކާއި ކުރިމަތިލާންޖެހުނެވެ. މިތަނުގައި އެންމެން އެއްވެގެން މިކުރަނީ ކޮންކަމެއްބާވައޭ ހިތަށް އެރިއެވެ. މެހެރީނާގެ ރުޅިވެރިކަން ފޮރުވަން މަޖުބޫރުވީ މީޑިއާތައް ކުރިމަތީގައި އޭނަގެ ކަޅު ފަރާތް ފޮރުވަންކަން ނޭގެއެވެ. ސަލްވާގެ ކަރުނަތަކުން އަސަރުކޮށްގެން ރޯޒްލީން ކުރިއަށް ޖެހިލާފައި ސަލްވާ ގެނެސް މޭގައި ޖެއްސިއެވެ. އަމިއްލައަށް ތައާރަފު ވުމާއިއެކު ހައިކަލްގެ އަންހެނުން ދޯ އޭ އަހާލުމުން ސަލްވާ ހުރީ ކުޑަކޮށް ހާސްވެފައެވެ. އޭނަ ވަކި ބުނާނީ ކީކޭހެއްޔެވެ؟ ރޯޒްލީންއަކީ އަލަށް ދިމާވި ފަހަރިއެވެ. އެހެންމީހުން ނަފްރަތުކުރާކަމުގެ ހިލަމެއްވެސް ރޯޒްލީންއަށް ނުވަނީއެވެ.

ވިޝާމް ނިކަން ކޫލްކޮށްހުރެ އަދި ނޫސްވެރިންނަށް މައުލޫމާތުދިނެވެ.

"މިފަދަ ހަފްލާއެއް މިހާ ހިތާމަވެރިކޮށް ނިމުނުކަމީ ދެރަކަމެއް. އަދި މި ހޮސްޕިޓަލުގެ ވެރިޔާގެ ދަރިފުޅު ޒެލް ހައިކަލް ފުރަތަމަ ބަލިމީހެއްގެ ގޮތުގައި ގެނެވުމަކީ އެއްވެސް މީހަކު އެދޭނެކަމެއްވެސް ނޫން..........."

"އެއީ ޑޮކްޓަރ ހައިކަލް އަބުދުލްއަޒީޒުގެ ދަރިފުޅު؟" ނޫސްވެރިޔަކު ފޯރިއައިސްފާ ހުރެ އަވަސްރާގަކަށް އެހިއެވެ.

"ޔަޕް..."

"ބަޓް..........."

"ޑޮކްޓަރ ހައިކަލްގެ ޕާސަނަލް ލައިފް މީޑިއާއާއި ޝެއާ ނުކުރާތީ އެހެންއެވީ. ޒެލް ކިޔާ ފިރިހެންދަރިއެއް ހުންނަކަން ނޭގި އޮތުމަކީ އެކަށީގެންވާކަމެއް. ޒެލްމެން ރާއްޖެ އައީ އިހަށް ދުވަހު. ބައެއްފަހަރު ޑީއެންއޭ ޓެސްޓް ނެހެދިޔަސް ދަރިން ވަކިކުރަން އެނގިދާނެ. މިއީ އެފަދަ ކޭސްއެއް. ޒެލްގެ ސިފަތަކަށް ބަލައިލީމަވެސް ތިބޭފުޅުންނަށް އެކަން ޔަގީންވެލައްވާނެ. ޑޮކްޓަރ ހައިކަލްގެ ކާބަން ކޮޕީއެކޭ ޒެލް ތަފާތެއްނެތް......" ވިޝާމްގެ ޖުމްލަތައް އަހަން ތިބި މެހެރީނާއާއި ރައުދާއަށް އަނގައިން އަޑެއް ލައްވާލެވުނެވެ. އާއިލާ މީހުންތިބީ މިފެނުނު މަންޒަރުތަކުން ހުއްޓުން އަރާފައެވެ. ވިޝާމްބުނިހެން ޓެސްޓް ނެހެދިޔަސް ޒެލްއަކީ ކާކުގެ ދަރިއެއްކަން ދެނެގަނެވިއްޖެއެވެ. އެހާވެސް ޒެލް ހައިކަލްއާއި ވައްތަރެވެ. ހައިކަލްގެ ފުން ރީތި ދެލޮލާއި ގަދަ ބުމައެވެ. މޫނުގެ ބައްޓަމާއި ހަމުގެ ކުލައެވެ. ޒައިތޫން ތުންފިތާލައިގެން ހުރިއިރު މެޔަށް ބާރުވެ ހިތް ހުއްޓިދާނެހެން ހީވިއެވެ. އެންމެންގެ ކުރިމަތީގައި ސަލްވާ އެމީހުން ފަޟީހަތްކޮށްފިއެވެ. އެތައް ނޫސްވެރިންނެއްގެ ކުރިމައްޗަށް ޒެލް ގޮވައިގެން ސަލްވާ އެ އައީ ގަސްތުގައެވެ. ވިޝާމް އަދި ޒެލްގެ އައިޑީވެސް އެމީހުންނަށް ދެއްކިއެވެ. އޭރު މާއިޒް އުޅުނީ ޒެލް ރެޖިސްޓާކުރުމުގެ މަސައްކަތުގައެވެ. އެންމެ ފުރަތަމަ ބަލިމީހާގެ ޝަރަފު ލިބުނީ ޒެލް ހައިކަލްއަށެވެ.

ސަލްވާ މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ގޭޓްކައިރީގައި ބުދެއްހެން ހަރަކާތެއްނެތިފައި ހުރި ފާގިޔާއާއި އަރާހަމަކުރިއެވެ. ފާގިޔާހުރީ އަމިއްލަ ނަފުސް ކުށްވެރިކުރެވި ހިތާމައިން އިސްޖެހިފައެވެ. ދެލޮލުގައި ހުރީ އޮހިގަންނަން ތައްޔާރުވެފައި ހުރި ހޫނުކަރުނައެވެ. ޒެލްއަށް އެ ހާލުޖެހުނީ އޭނައަށް ފަރުވާކުޑަކުރެވުމުގެ ސަބަބުންނެވެ. ބަލައިނުލެވުނީތީއެވެ.

"ދައްތައަށް މާފުކޮށްދީ......" ފާގިޔާއަށް ބުނެވުނެވެ.

"ނޫން ނޫން. މާފަށް އެދޭކަށް ނުޖެހޭ. އެވަގުތު އަޅުގަނޑު އެތާ އިންނަމަވެސް ޒެލް ބްލޮކް އަނގަޔަށް ލައިފާނެ. އަނގަޔަށް އެއްޗެއްލައި އުޅޭ ކުއްޖަކަށް ނުވީމަ އެހެން ހަދާފާނެކަމަކަށް ހިތަކަށްވެސް ނާރާނެ. ދަރިފުޅަށް ކަމެއް ދިމާވާންހުރީމަ އެހެންވީ. އަޅުގަނޑުގެ ހިތް މުޅިން ސާފު...."

"ފާގިޔާ ދައްތާ. އިރާދަކުރެއްވިއްޔާ ޒެލްއަށް ކަމެއްނުވާނެ....." ސަލްވާ ފާގިޔާގެ ގައިގާ ކުޑަކޮށް ބައްދައިލަމުން ލޮލުގައިވާ ކަރުނަ ފޮހެލަދިނެވެ. ފާގިޔާގެ ހިތަށް ވަކިންބޮޑަށް އަސަރުކުރިއެވެ. މެހެރީނާގެ ލޮލުގެ ދުރުމީއަށް އެމަންޒަރުވެސް އެރިއެވެ. ފާގިޔާއާއި ސަލްވާގެ އޮތް ގުޅުމަކީ ކޮބާބާވައޭ ހިތުގައި ސުވާލު އުފެދި ކިލަބުވެފައިވާ ހިތަށް ކުޑަ ކުޑަ ހަމަޖެހުމެއްލިބުނެވެ. ޒެލް އަދި ދޮންބެގެ ދަރިއަކަށްވިޔަސް ރަގަޅަށްވެއްޖެއްޔާ ވިޝާމްއާއި ސަލްވާގެ ގުޅުމެއްނެތި ނުދާނެއެވެ. އެހެން ވިސްނިޔަސް އޭނަގެ ހިތްވަނީ ބިރުގެންފައެވެ. މާއިޒްގެ ސަބަބުން ވިޝާމްގެ އަތަށް އެހުރިހާ އެއްޗެއް އެރުމަށްފަހު ވިޝާމް ކަންތައްކުރާނެގޮތެއްވެސް އޭނައަކަށް ނޭގެއެވެ. ވިޝާމްއާއި އެކަހެރިކޮށް ބައްދަލުކޮށް ވިޝާމްގެ ބޮލަށް އެއްޗެއް ވައްދަން އޭނަ ނޫޅުނިއްޔާ އޭނަ ބޭޒާރުވެދާނެއެވެ. ވިޝާމްގެ ހިތުގައި ސަލްވާގެ މައްޗަށް އޮތް ލޯބީގެ ސަބަބުން އޭނައަށް އަދިވެސް ކާމިޔާބު ލިބިދާނެކަމުގައި ހީކުރެވި މެހެރީނާގެ ތުންފަތުގައި ކުޑަ ހިނިތުންވުމެއް ކުޅެލައިފިއެވެ.

ސަލްވާ ކޮރިޑޯގައި ހުއްޓާ ހައިކަލް އިމަޖެންސީއިން ނުކުމެގެން ސީދާ އައީ އޭނައާއި ދިމާލަށެވެ. ސަލްވާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހައިކަލްގެ އޭނަގެ ހިތްމަތީ ފިޔަވަޅުއަޅަމުން އައިފަދައެވެ. ހައިކަލް ސަލްވާ ކައިރީ އެދުނީ އޭނައާއިއެކީ އައުމަށެވެ. އަދި އެއާއިއެކު އަމިއްލަކަން އިހުސާސްވާގޮތަށް ސަލްވާގެ ބުރަކަށީގައި އަތް ޖައްސާލިއެވެ. އެތާ ތިބި އެހެންމީހުން ވިސްނާނެގޮތަކާއިމެދު ހައިކަލް އެއްވެސް ފަރުވާލެއްނެތް ފަދައެވެ. ސަލްވާގެ ކޮނޑުގައި ހިމާޔަތްދޭފަދަ ގޮތަކަށް އަތް ވަށާލައިގެން ގޮސް ލިފްޓަށް އެރުވިއެވެ. ސަލްވާ ބިރުގަތެވެ. ހައިކަލް އެގޮތަށް އޭނަ ގޮވައިގެން ދުރަށް މިއައީ ނުބައި ޚަބަރެއްދޭން ހެއްޔެވެ؟ ދަރިފުޅަށް ކަމެއްވި ވާހަކަ ބުނަންބާވައެވެ. ސަލްވާ ކެތްކޮށްގެން ހުރިކަމުގައި ވިޔަސް ލޮލުން ތާޒާކަރުނަ ގިނަވެގަތެވެ. މިހިމޭންކަންދެކެ އޭނައެހާވެސް ބިރުގެންފިއެވެ.

ފަހަރެއްގައި އޭނަ މިގެންދަނީ ޒެލް އެޑްމިޓްކޮށްފައިވާ ރޫމަކަށް ބާ ވައެވެ.

ތަނަވަސް ބޮޑުކޮޓަރިއަކަށް ވަދެ ދެމީހުން އެކަނިވުމާއިއެކު ސަލްވާ މޫނު ބުރުގާ ނެގިއެވެ. އޭރު އެދެލޮލުން އޮހެމުން ދިޔަ ކަރުނައިގެ ތިކިތައް ތިރިއަށް ދެމުމުންދާއިރު ޝަބްނަމްގެ ތިކިތައް ފިނިފެން މަލަކަށް ފައިބާފަދައެވެ. ކެތްތެރިކަން ކޮޅުންލައިގެން ގޮސް ދެއަތުން ހައިކަލްގެ ގަމީހުގައި ހިފާ ބޮނޑިކޮށްލެވުނެވެ.

"އިޒް ހީ އޯލްރައިޓް؟ ޕްލީޓް ޑޯންޓް ޓެލް ޒެލްއަށް ކަމެއްވީއޭ. މިހިމޭންކަން ދެކެ ބިރުގަނެއްޖެ. އަޅުގަނޑުގެ ހުރިހާވެސް އުފަލަކީ އެއީ. އެ ދަރިފުޅާއި ނުލައި ދުނިޔޭގައި އުޅޭނެ ގޮތެއް ނުވިސްނޭ. ޕްލީޒް ބުނޭ ދަރިފުޅު އޯކޭއޭ ..........." ސަލްވާ ރޮމުން ހައިކަލްގެ ގައިގާ ހިފައިގަތެވެ. ހައިކަލް ބުނީ އިރާދަފުޅުން ދަރިފުޅު ރަގަޅުވާނެކަމުގައެވެ. އެމީހުން މަސައްކަތްކުރަނީ ކުއްޖާ ތިއޭޓަރަށް ވައްދައިގެން ތާށިވެފައިވާ އެތިކޮޅު ނެގުމަށެވެ. ސަލްވާއަށް އެކްސްޕްލެއިން ކޮށްދޭންވެގެން ވަކިން ގެނައީ ހާސްވާނެވަރު އެގޭތީއެވެ. ވީވެސް އެހެންނެވެ. ތިއޭޓަރުގެ ނަން ބުނުމާއިއެކު ސަލްވާ ދެލޯބޮޑުކޮށް މޭގައި އަތްއެޅީ ބިރެއްފެނިގެން ކަހަލަ ގޮތަކަށެވެ. ޒެލް އެހާ ބަލިނޫންނަމަ ތިއޭޓަރަށް ޝިފްޓް ކުރާކަށް ނުޖެހޭނެކަމަށް ސަލްވާ ނިންމިއެވެ. އެމީހުންނަށް އެ ބްލޮކް ކޮޅު ނުނެގުނީ ކީއްވެހެއްޔޭ ކިޔާފައި ސަލްވާ ޝަކުވާކުރިއެވެ. އަދި މާ ބާރަށް ރޯންފެށިއެވެ. ހައިކަލް ހުއްޓުވާކަށް ނޫޅުނެވެ. ގަމީސްތެމިގެން މެޔަށް ފިނިވީއިރުވެސް ސަލްވާއަށް ދޫކޮށްލައިގެން ހައިކަލް ހުއްޓެވެ. ހައިކަލް ކުރަން ބޭނުންވި އެތައް ސުވާލުތަކާއި ޝަކުވާތަކެއް ހިތުގައި ފޮރުވައިގެން ހުރީ މިއީ އަދި އެކަމަށް އެކަށީގެންވާ ދަނޑިވަޅުކަމުގައި ނުވާތީއެވެ.

"އިނަފް ނައު. މިހާރު މާ ގިނައިން ރޮވިއްޖެ....." ހައިކަލްއަށް ސަލްވާ ވަރުބަލިވެ މޫނު ދުޅަވެފައިވާވަރު ފެނުމުން ގެންގޮސް ސޯފާގައި ބައިންދާފައި ކުރިމަތީގައި ކުޑަކަކޫ ޖައްސައިގެން އިށީނެވެ.

"ކޮންއިރަކު ތިހާ ފިނޑިކުއްޖަކަށްވީ؟ އޯލްމައިޓީއަށް ޓްރަސްޓްކުރާކަށް ނުޖެހޭތަ؟ އަހަރެންކަން ނޭގޭ މިއަދު އެންމެ ރޯންވީ. ހީޒް މައި ސަން އެކަމަކު އެކުއްޖާ ދުނިޔޭގައި ހުރިކަން ނޭގި މަރުވޭވޭ އޮތް އަތް މައްޗަށް އެރީ. އެންމެފަހު ނޭވާލަނީއޭ ހީވި ވަގުތުކޮޅެއްގައި ދަރފުޅު ފެނުމުގެ ނަސީބި މިންވަރުކުރެއްވީ. އަހަރެން މިހިރީ ހިތްވަރުކޮށްގެން. މިހެންބުނާއިރުވެސް އެނގޭ މަންމައެއްގެ ހިތަށް އަސަރުކުރާނެވަރާއި އަންހެނުން އިމޯޝަނަލްވާނެ ވަރު. އެކަމަކު ހެއްދެވިފަރާތަށް އިތުބާރުކުރޭ......." ހައިކަލްގެ ވާހަކަ ކޮޅު ޖާދޫއެއްފަދައެވެ. ވަގުތުން ސަލްވާ ދެލޯ ފޮހެލާފައި ހަމަޖެހިލިއެވެ.

"ނުރޯނަން ދެނެއް. ތިއީ ތެދެއް. އެފަރާތުން ދެއްވި އެންމެ އަގުބޮޑު ނިއުމަތް. ގެންދަވަންވީމަ ގެންދަވާނީވެސް. ކޮންމެހާލެއްގައިވެސް އެފަރާތަށް ވަކީލުކުރަންވާނެ......" ސަލްވާ ކިޔަމަންތެރި ކުޑަކުއްޖެއްހެން ވާހަކަދައްކަމުން ހައިކަލްގެ ކޮނޑުގައި ބޯ ޖައްސައިލީ ވަރުބަލިވެފައިވާ ކަހަލަ ގޮތަކަށެވެ. އެދޮންމޫނަށް އެއްކޮށް ފިޔާތޮށިކުލަ ވެރިވެ ފުރިހަމަކަމެއް ފެންނާން ހުއްޓެވެ.

"އެއްޗެއް ކާލައިގެން ބޭރަށް ދާނީ ދޯ...." ހައިކަލް މަޑުމަޑުން ބުނެލިއެވެ.

ހައިކަލް ސަލްވާގެ މޫނު ދޮއްވާލަދިނެވެ. ކާން ގެނެސްފައި ހުރި އެއްޗެހިވެސް ބަސްއަހައިގެން ކެއެވެ. ސަލްވާ ހަމަޖެހިލުމުން ހައިކަލް ބޭރަށް ނުކުތްއިރު ޒެލް އަދި ތިއޭޓަރުން ނުނެރެއެވެ. އެތައްބަޔަކު ތިއޭޓަރުގެ ބޭރުގައިވާ ލައުންޖުގައި އިންތިޒާރުގައި ތިބިއިރު އޭގެތެރޭގައި މެހެރީނާއާއި ރައުދާ ހިމެނެއެވެ. އިރުކޮޅެއްނުވަނީސް ޑޮކްޓަރަކު ނުކުމެ ހައިކަލްއާއި ވާހަކަދެއްކިއެވެ. ޒެލްގެ ހާލު މުޅިން ރަގަޅުކަމުގައި ބުނުމުން ސަލްވާގެ ލޮލަށް މިފަހަރު އައީ އުފާވެރިކަމުގެ ކަރުނައެވެ. ދަރިފުޅު ތިއޭޓަރުން ނެރޭތަން ފެނުނެވެ. ސްޓްރެޗާމަތީގައި އެކުޑަ ކުޑަ ޒެލް އެއް އަރިއަކަށް ބާއްވާފައި އޮތްއިރު ފަންއިސްތަށިކޮޅު ވިހުރެމުންދިޔައެވެ. އެސްފީނާޖެހޭހާ ބޯ ވަރުގަދަ އިސްތަށިގަނޑު ލޮލުގައި އަޅައިނުގަތް މީހެއް އެތާކުނެތެވެ. އަންހެންކުއްޖެއްހެން އިސްތަށިގަނޑު ދިގުކޮށްލާފައި އޮތުމުން ޒެލްއާއި ކިތަންމެހާވެސް ގުޅެއެވެ. އެއީ ހައިކަލް ކުޑައިރު އޭނަގެ ފޮޓޯތަކުގައިވެސް އޭނަ ހުންނަގޮތެވެ. ސަލްވާ ޒެލްގެ އިސްތަށިގަނޑު އެގޮތަށް ދިގުކުރުމުގެ އަސްލެވެ.

ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެފަދަ އިމަޖެންސީއެއް ވުން ވެގެންދިޔައި އެހަފްލާ އިތުރަށް ފުރިހަމަވިކަމަކަށެވެ. ހައިކަލް ވެސް އަލުން ނުކުމެ އޭނަގެ ވާހަކަކޮޅު ފުރިހަމަކުރިއެވެ. އޭނަގެ ދަރިފުޅު ޒެލް އެރޭ އެތަނަށް ގެނައުމުން ހިތަށްވީގޮތް ވަރަށް އަސަރާއިއެކު ބަޔާންކުރަމުން ހެއްދެވިފަރާތަށް އޭނަ ހަމްދުކުރިއެވެ. އަދި ޒެލްފަދައިން ކޮންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކުރަން އެ ހޮސްޕިޓަލުން ވީ އެންމެ ރަގަޅަށް މަސައްކަތްކުރާނެ ކަމަށާއި ޝިފާދެއްވާނީ ވަކި ފަރާތަކުންކަން ހާމަކުރަމުން ދުޢާކުރަންވެސް ހަދާންކޮށްދިނެވެ. ޑޮކްޓަރެއްގެ ދަރިއަކަށްވިޔަސް މިފަދަ ހާދިސާއެއް ކުރިމަތިވެދާނެކަމަށާއި ކުޑަކުދިން ގެންގުޅުމުގައި ވީހާވެސް ރައްކާތެރިވުމަށް ހައިކަލް އިލްތިމާސް ކުރިއެވެ. ކުޑަކުދިން އަތްފޯރާ ހިސާބުގައި ކުދި އެއްޗެހި ބެހެއްޓުމުން އަނަގަޔަށް ލައިގެން އުޅެނިކޮށް ނޭވާހޮޅީގައި ތާށިވެގެން ނޭވާނުލެވި ފުރާނައަށް ނުރައްކާވާކަމަށް ހައިކަލް ބުނެލިއެވެ. ކިތަންމެ ބަލައިގެން ލޯބިން އުޅުނަސް މަރު ޖެހުމުން ކުރާނެކަމެއް ނެތެވެ. ނަމަވެސް އުމުރަށް ގިލްޓީވުމުގެ ބަދަލުގައި ދަރިންނަށް ވީހާވެސް ހިމާޔަތްދިނުމަކީ މައިންބަފައިންގެ ވާޖިބެކެވެ. އޭނައަށްވެސް ވަނީ އެފަދަ އެހެން ހިތާމަވެރި ހާދިސާއެއް ދިމާވެފައެވެ. އަންހެންދަރިފުޅު އަޒަލް އުސްތަނަކުން ވެއްޓި ބޮލަށް ލިބުނު ގެއްލުންތަކަކާއިއެކު އެތައް މަހެއްވާންދެން އުޅުނުއިރު ފަރުވާކުޑަކޮށްލެވުނީއެވެ. ނިއުރޯ ސާޖަންއަކަށް ވުމާއިއެކުގައިވެސް ދަރިފުޅުގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. އޭނަގެ އެއްވެސް ބާރެއްވާނަމަ ފުރާނަ ދީފައިވެސް އަޒަލް އަދި މިޝަލްގެ ފުރާނަވެސް ސަލާމަތްކުރާނެއެވެ. މުޅި އުމުރަށްވެސް އެކުށްވެރި އިހުސާސް އޭނަގެ ލޮލުން ކަރުނަ ހިކިޔަނުދޭނެކަމުގައި ބުނިއިރު އާޒިން އިސްޖަހާލައިގެން ހުރެ ރޯންފެށިއެވެ. އެހެން މީހުންވެސް ތިބީ ފެންކަޅިވެފައެވެ.

ހައިކަލް އޭނަގެ އަންހެންދަރިފުޅު އަޒަލް ކިޔައިދިން ހިތާމަވެރި ވާހަކައެއްވެސް ހިއްސާކޮށްލިއެވެ. އަޒަލް ކީ ވާހަކައެއްގައި އެވާހަކައިގާ އުޅޭ ފިރިހެންކުއްޖާގެ ކުޑަ ކުޑަ ފިރިހެންކޮއްކޮ އަށް ޝެލްފެއްގެ މަތިން މެޓާތަކެއް ފެނުނީއެވެ. އޭރު އެކުއްޖާގެ އާއިލާ އުޅުނީ ބަގީޗާތެރޭގައި ކެއުމަކަށް އިންސާފުކުރާށެވެ. ކޮއްކޮ ބޭނުންވެފައި ހުރިވަރުން ވަރަށް މަސައްކަތުން ޝެލްފަށް އަރާ ޗޮކްލެޓް ކެންޑީސްތައް ނެގިއެވެ. ކަނިކޮށް ކަރުގައި އަޅައިގެން އެތުއްތުކުއްޖާ ނިޔާވީއެވެ. އެކުއްޖާއަށް ނޭވާނުލެވުމުން އާއިލާއަށް އަންގަން ކިތަންމެހާވެސް މަސައްކަތްކުރިއެވެ. އެކަން ޔަގީންވީ ކުޑަދޮރުގައި ޗޮކްލެޓް ޕްރިންޓްތައް ހުރުމުންނެވެ. އެކުޑަ ކުޑަ އަތުގެ ޕްރިންޓްތަކެވެ. އެތުއްތު ފުރާނަ ނިމިގެން އެދިޔައީ އާއިލާ މީހުން އެކުއްޖާއަށް ކުޑަދޮރުން ފެނި އެމީހުން އެކުއްޖާއަށް އެހީވާން ނައީ ކަމަށް ހީކުރެވި ހުރެއެވެ. އެހެން އެންމެން މަޖާކުރަން ތިބިއިރު އެތުއްތު ދަރިފުޅު އެހީއަށް އެދި ވީވަރު ކުޑަދޮރުގެ ބިއްލޫރިތައް ހެކިދިނެވެ. ހިތާމަވެރި ނިމުމެކެވެ. ވީއިރު އެންމެންވެސް އެފަދަ ހަރު މެޓާތަކާއި އެއްޗެހި ކުޑަކުދިންނަށް ނުދޭންވެސް ހައިކަލް އެދުނެވެ. ހައިކަލްގެ ވާހަކައިން އެންމެނަށް ވަނީ އެތައް އަސަރެއްކޮށްފައެވެ.

ހިތާމަވެރި ހާދިސާތަކާއި ވާހަކަތަކުންވެސް އިބްރަތް ލިބިގަންނަންވީއެވެ. މިއީ ވަގުތީ ހިޔާވައްސެކެވެ. ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ. އެކަން ވާނީ ހަމައެކަނި ޖަންނަތުގައެވެ. އެހެންނޫންނަމަ އޭނަގެ ލޯބިވާ ކުދިންވެސް ދުނިޔޭގައި ތިބީހެވެ. ފުރާނަ ދީފައި ގަނެވޭނެނަމަވެސް އޭނަ އެކަންކުރާނެއެވެ. ދުނިޔޭގައި އެއްވެސް އިންސާނަކަށް އެންމެ އުފާވެރި ފުރިހަމަ ދިރިއުޅުމެއް ހޯދުމަކީ މުސްތަހީލްކަމެކެވެ. ހައިކަލް އިނގިރޭސިން އިއްވާލި އެ ސްޕީޗްގެ ފުރިހަމަކަމުން އެންމެން ތިބީ ނޭވާވެސް ނުލާ ހައިކަލްގެ މޫނަށް ނަޒަރު ހުއްޓުނުގޮތަށް ދުރުވެސް ބަލައިނުލެވިފައެވެ. ހައިކަލް ކުދިންދެކެ ވާ ލޯބި އޭނަގެ ވާހަކައިން އެތައްފަހަރު ސާބިތުކޮށްދީފިއެވެ.

ހައިކަލްގެ ފިރިހެންވަންތަ ޝަޚުސިއްޔަތާއި ސީރިޔަސްކަމުގެ ފަހަތުގައި ވަނީ ކޮންފަދަ އޯގާތެރި މަޑުހިތެއްކަން އޭނަ ބުނެދީފިއެވެ.

"މައި ބްރަދަރ މިހާ ދީނީ މީހަކަށްވީ ކޮންއިރަކުން؟ ހީޒް ނޮޓްލައިކް ދިސް ބިފޯ..." މެހެރީނާ ރައުދާގެ ކަންފަތްދޮށުގައި ކިޔާލައިފިއެވެ.

"މޫނު ބުރުގާ އަޅައިގެން ހުރި އަންހެންކުއްޖަކު ދިރިއުޅުމަށް އައީމަ ޗޭންޖުވީކަމަށްވާނީ. އެނީވޭސް ގުޑް ފޯ ހިމް...." ރައުދާ މާޔޫސްވެފައިވާ ރާގަކަށް ބުނެލިއިރު ހިތްވަނީ ހަސަދައިން ފުރިފައެވެ. ސަލްވާއާއި ހައިކަލްގެ ދަރިއަކު ހުރުމުން އެގުޅުން ކަނޑުވާލާކަށް ފަސޭހަ ނުވާނެކަން ޔަގީންކުރެވޭއިރުވެސް ބަލިވެއްޖެ ކަމަށް ނިންމާކަށް ހިތެއްނުރުހެއެވެ. އަދިވެސް އޭނަ ބޭނުންވަނީ ހައިކަލް އޭނަގެ ފަރާތަށް އެނބުރުވުމެވެ. އެދެމީހުންގެވެސް ދަރިއަކު އެބަހުރި ނޫންހެއްޔެވެ؟

ޒެލް ހޭލުމާއިއެކު ސަލްވާ ޒެލްގެ މޫނުގަޔާއި އެތަންމިތާ ބޮސްދިންއިރު ހައިކަލްވެސް ދާދި ކައިރީގައި ހުއްޓެވެ. ޒެލް ހީލާފައި ހައިކަލްއާއި ދިމާލަށް އަތްދިއްކޮށްލުމުން ހައިކަލް އެތުއްތު ޒެލް އަތްމައްޗަށް ލީއިރު އެބަލައިލީ ލޯބީގެ އެންމެ ފުން މިން އެކުލެވޭފަދަ ނަޒަރަކުންނެވެ. ހައިކަލްގެ ދެލޮލުން ސަލްވާއަށް ފެނުނީ ބަޔާންކުރަން ދަތި ލޯތްބެވެ. މަޑުމަޑުން ތިރިއަށް ގެނެސް މޫނާއި މޫނު ޖައްސައިލިގޮތަށް އެތުއްތު މޫނުގައި ބޮސްދިންއިރު ހައިކަލްގެ ލޮލުގައި ކަރުނައިގެ އަސަރު ކޮންމެވެސް ވަރަކަށްވިއެވެ. އެހިތުގައިވާ ޖަޒުބާތުތަކާއި އިހުސާސްތައް ހައިކަލް ބުނެނުދިން ނަމަވެސް ހައިކަލްގެ ހިތް ގެނބެމުން ދިޔައީ ދަރިފުޅުގެ ލޯބިންނެވެ. ޒެލް އުނގުގައި ބައިންދައިގެން ވަރަށް ލޯބިން އެކި ވާހަކަދައްކާ ސަމާސާކުރަނިކޮށް އާޒީން އެތަނަށް ވަނެވެ.

އާޒީން ފެނުމާއިއެކު ޒެލް ދޮންތީ އޭ ކިޔާފައި ގޮވާލުމުން އާޒީން ހުއްޓުން އެރިއެވެ. އެއާއިއެކު ހައިކަލްގެ ކައިރިއަށް ތިރިވިގޮތަށް އެކުޑަ މޫނުގައި ހިފަހައްޓާފައި ދޮނެއްދިނެވެ. އާޒީންއަށްވެސް ކުރެވުނީ ތަފާތު އިހުސާސްތަކެވެ. ސަލްވާ އެންމެންގެ ފޮޓޯތައް ދައްކާފައި ޒެލްއަށް ދަސްކޮށްދީފައި ނުވާނަމަ އެހާ ކުޑަކުއްޖަކަށް އެންމެން ވަކިކުރާކަށް ނޭގޭނެއެވެ. މިއީ ވިޝާމްގެ ދަރިއަކަށް ހަދަން މެހެރްދައްތަ އުޅުނަސް އެއީ ދޮގެއްކަން ޒެލްގެ މޫނަށް ބަލާފައިވެސް އެނގިއްޖެއެވެ. ސަލްވާއަށް އިތުބާރު ނުކުރެވުނަސް މިކަމުގައި ދެކޮޅުހެދޭކަށް ނެތެވެ. ފުރަތަމަ ނަޒަރުންވެސް ޒެލްދެކެ ލޯބިވެވިއްޖެއެވެ. އެހެރަ ތަފާތު ރީތިކަމަކުން ދުރު ހިލޭމީހުންވެސް އެކުއްޖާދެކެ ލޯބިވާނެއެވެ.

"ސަލްވާ. ތޭންކްސް..." އާޒީން ބުނެލީ ކުޑަކޮށް ހިނިތުންވެލަމުންނެވެ. ހިތުގައި އޮތް ރުޅިވެރިކަމެއް ފާޅެއްނުކުރެއެވެ.

"ޒެލް ބުނިކަމެއް ކޮށްދިނީމަ. ޕްރެގްކަން އެނގުނީމަ ޒެލް ކުރީފަހަރު ބުނި ދޯ ބޭބީއަށް ޒެލް ކިޔާށޭ........."އާޒީން ޒެލްގެ ކޮލުގައި ހިފަ ހިފާފައި ތެދުވެ ސަލްވާއާއި ހަތަރުކަޅި ހަމަކުރިއެވެ. އެތައް އަހަރެއްފަހުން ދިމާވުމުން ސަލްވާއާއިމެދު ހިތުގައި ޝަކުވާއުފެދުނެވެ. ޒެލް ހުރިކަން ބައްޕައަށް އަންގާވެސް ނުލިއެވެ. ގެންގުޅުނީ ފޮރުވައިގެންނެވެ. ބައްޕަ ކައިރިއަށް ގެނައީ އެކުއްޖާ މަރުވަނީކަމަށް ހީކުރެވި އެންމެފަހު ނޭވާއަށް އެޅުމުންނެވެ.

ފަހަރަކު މީހަކު ޒެލްދެކެން ވަންނާންފެށިއެވެ. އަބުދުލްއަޒީޒުގެ ދެމަފިރިންނާއި ހައިކަލްގެ ދައްތަމެންނެވެ. ކުދިންނެވެ. އެންމެންވެސް ޒެލްއާއި ހައިކަލް ވައްތަރުކަމުން ހައިރާންވެގެން އުޅުނެވެ.

ހަފްލާ ނިމުމުން ވިޝާމް އޭނަގެ މަންމަގެއަށް ލާފައި އެރޭ ހުރީ އެގޭގައެވެ. ފާގިޔާ އިނީ މޮޅިވެރިވެފައެވެ. ވިޝާމްއަށް މަންމަގެ ހިތާމަ އިހުސާސްކުރެވުނެވެ. ކަން ހިނގާ އެދިޔައީ މަންމަ ބޭނުންވިގޮތަކަށް ނޫނެވެ. ސަލްވާއަށް އޭނަގެ ފިރިމީހާއާއި އާއިލާއާއި ދިމާވެ އެމީހުން ޔަގީނުންވެސް ޒެލް ބަލައިގެންފިއެވެ. ވިޝާމްއަށް ރަގަޅީވެސް އެގޮތެވެ. ސަލްވާ ހައިކަލްގެ ގެއަށް ބަދަލުވުމެވެ. އޭނައާއި މަންމައަށް މިގޭގައި އުޅެވިދާނެއެވެ. ސަލްވާއަށް އުފާވެރިކަން ހޯދައިދީގެން އޭނައަށްވެސް ހަމަޖެހޭ ދިރިއުޅުމެއްލިބިދާނެއެވެ. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްނޫންކަން ސަލްވާ މިތިން އަހަރުތެރޭގައި ދައްކުވާދީފިއެވެ. ހައްތަހާ ދުރުވީއެވެ. ކުރިއަށްވުރެވެސް މާ ދުރުވެ ސަލްވާ އަކީ ހިލޭ މީހަކަށްވެއްޖެއެވެ. އެ އަންހެންކުއްޖާއަށް ބަލައިލުމުންވެސް ފާފަވެރިވާފަދަ އިހުސާސްކުރެވެއެވެ. ސަލްވާގެ ހިތުގައިވަނީ ހަމައެކަނި ހައިކަލްގެ ލޯތްބެވެ. އެލޯބި އޭނައަކަށް ހައްގެއްނޫނެވެ. އޭނަ ކިތަންމެ ބޭނުންވިޔަސް ސަލްވާގެ ހިތުގައި އޭނައަށްޓަކާ ލޯތްބެއް ނެތެވެ. އޭނައަށްވަނީ ކުށެއްކުރެވިފައެވެ. ސަލްވާގެ ދޮންދަރިފުޅުގެ ފިރިއެއްގެ ގޮތުގައި އެގެއަށްވަދެގެން ވެސް އޭނަ ސަލްވާގެ ފަހަތުގައި ހިޔަންޏެއްފަދައިން ހުންނަން މަސައްކަތްކުރި ކުރުމެވެ. އެއީ އޭނައަށް ހެދުނު ގޯހެކެވެ.

ވިޝާމް އެދަންވަރު ހޭލާއުޅުނީ ސަލްވާގެ ހުރިހާ ހެދުންތަކާއި ދަރިފުޅުގެ އެއްޗެހި ޕެކްކުރުމުގައެވެ. ސަލްވާއާއި ހައިކަލްއާއި ދޭތެރޭގައި ކިތަންމެވަރަށް މައްސަލައޮތަސް ހައިކަލްއަކީ ސަލްވާގެ ފިރިމީހާއެވެ. ދަރިފުޅުގެ ބައްޕައެވެ. ފިރިމީހާ ދުނިޔޭގައި ހުއްޓާ އެދެމައިން ބަލަންވެސް ޖެހޭނީ ވިޝާމްއެއް ނޫނެވެ. ހައިކަލްއެވެ. ނޫނެކެވެ. އޭނަ މިހުރިހާ ކަމެއްމިކޮށްދެނީ ސަލްވާއަށްޓަކައެވެ. އަމިއްލަ އުފާތަކަށްވުރެ ސަލްވާގެ އުފާތައް މުހިއްމުވީމައެވެ. ވިޝާމް ދަބަސްތައް އެއްފަރާތުގައި ބަހައްޓާފައި މަންމަގެ އެއްޗެހިވެސް ޕެކްކޮށްލަދިނެވެ. އެރެއިން އެރެއަށް ވިޝާމް އޭނަގެ މަންމަ ގޮވައިގެން އޭނަ ދިރިއުޅޭ އެޕާޓްމެންޓަށް ބަދަލުވިއެވެ. ފާގިޔާ އިނީ ނެގިމަޑުވެފައެވެ. ސަލްވާއާއި ޒެލް ނެތުމުގެ އުނިކަން ފާގިޔާއަށް ފޫބައްދައިދޭނެގޮތެއް ވިޝާމްއަކަށް ނުވިސްނުނެވެ. ސަލްވާ ބަލިވެއިނީއްސުރެން މަންމަގެ މަގާމު އަދާކުރިމީހަކީ މިއީއެވެ. ޒެލްގެ މާމައެއްގެ ގޮތުގައި ފެނުނީ ފާގިޔާއެވެ. އެމަންމަގެ ހިތުގައި އަޅާނެ ވޭން ވިޝާމްއަށްވެސް އިހުސާސްކުރެވުނެވެ.

"މަންމާ. މަންމަ އެކަމާއި ނުވިސްނާ. ސަލްވާގެ ފިރިމީހާ ދުނިޔޭގައި ހުރިހާ ހިނދަކު ސަލްވާ ޖެހޭނީ އޭނަ ކައިރީގައި ހުންނާކަށް ނޫންތަ. ޒެލްއަށްވެސް ބައްޕައެއްގެ ލޯބި ބޭނުންވާނެ. ސަލްވާގެ ހިތުގައި މަންމައަށް އެއްވެސް ކަހަލަ ލޯތްބެއް އޮތްނަމަ ސަލްވާ މަންމައަށް ވިޒިޓްކުރާނެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަގަޅޭ ބުނެއުޅެއެއްނު. ޒެލް މަންމަ ކައިރީ ވަރަށް ދުވަސްވާންދެން ހުރެފި. ނައު ހީ ނީޑްސް ހިޒް ޕާޕާ. ސަލްވާގެ ގެއަކީ އެއީ. އެމީހުންގެ މަންޒިލަކީ އެއީ މަންމާ. މަންމަގެ ދަރިފުޅު މިހިރީ މަންމަ ކައިރީ. އަބަދުވެސް މަންމައާއިއެކު ވާނަން އިރާދަކުރެއްވިއްޔާ............" ވިޝާމް އޭނަގެ މަންމަގެ އުނގުގައި ބޯ އަޅާލަމުން ހިނިތުންވެލިއެވެ. ނަމަވެސް އެޒުވާން ހިތް ރޯވަރު އެނގި ފާގިޔާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ވިޝާމްއަށްޓަކާ ހެޔޮ ދުޢާކުރިއެވެ. ވިޝާމްވެސް އުފަލުގައި ލެހެއްޓެވުން އެދުނެވެ.

ޒެލް ހޮސްޕިޓަލުން ދޫކޮށްލުމުން ސަލްވާ ގުޅީ ފާގިޔާއަށެވެ. ވިޝާމް ފޯނު އަތުލާފައި ބުނީ ޑްރައިވަރަކު އެބަ ފޮނުވާކަމަށެވެ. ސަލްވާ އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލައިފިއެވެ.

ހައިކަލް ހެދުނު ނާސްތާ ކުރަން ދިޔުމުން ސަލްވާ ގަސްތުކުރީ ޒެލްގޮވައިގެން އެޕާޓްމެންޓަށް ދިޔުމަށެވެ. ރޯޒްމެހެލްއަށް އޭނަ ދިޔަސް މެހެރިނާމެންގެ ހިތުން އޭނައަށް މަގާމެއް ނުލިބޭނެއެވެ. އަދި ޒެލްއަށްވެސް އަނިޔާއެއްދީފާނެއެވެ. އޭނަ އެމީހުންނަކަށް އިތުބާރެއްނުކުރެއެވެ. މަތި އޮމާންކޮށްގެން ޒެލްދެކެ ލޯބިވާކަމަށް ހެދުނީވެސް ހައިކަލްއާއި ޒެލް ވައްތަރުކަމުންނެވެ. އޭނައަށް ހައިކަލް އިތުބާރުނުކުރާ ހާލުގައި އެގެއަށް ދާން ކެރޭނީ ކިހިނެއްހެއްޔެވެ؟ ވީމަ އެންމެ ރަގަޅުގޮތަކީ އަވަހަށް އަމިއްލަ އެޕާޓްމެންޓަށް ދިޔުމަށެވެ. ސަލްވާ ޒެލް ތައްޔާރުކޮށްގެން ބޭރަށް ނުކުމެ އެބުނާ ކާރުގެ އިންތިޒާރުގައި ހުއްޓާ މާއިޒް ކާރަކުން ފޭބިތަން ފެނުނެވެ.

"ސަލްވާ ވިޝާމް ފޮނުވައިގެން މިއައީ....."

"އޯ.....އެހެންތަ. ކްއީންރޯޒް އަށްގެންގޮސް ދީފާނަން؟ " ސަލްވާ ބުނެލީ އޭނަ ދިރިއުޅޭ އެޕާޓްމެންޓްގެ ނަމެވެ. މާއިޒް ޒެލް އެއް އަތުން އުފުލާލަމުން އަނެއް އަތުން ކޮތަޅުގައި ހިފިއެވެ. ދޮރުހުޅުވާލަދިނުމުން ސަލްވާ ކާރުގެ ފަހަތުސީޓަށް އެރިއެވެ. އެކި ގޯޅިގޯޅިއާއި މަގުތައް ފަސްދެމުންގޮސް ސަލްވާ ނުދަންނަ ހިސާބަކަށް މިސްރާބުޖެހިއެވެ. އަދި މަޑުކޮށްލީ ހައިކަލް ދިރިއުޅޭ އާ ގެއަށެވެ. ސަލްވާ ހާސްވާގޮތްވިއެވެ. މާއިޒް އޭނަ މިގެއަށް ގެންނަންވީ ކީއްވެހެއްޔެވެ؟

"ވިޝާމް ބުނީ ސަލްވާއާއި ދަރިފުޅު ބަލަންޖެހޭނީ ދެން ޒެލް ބައްޕަ ނޫންހެއްޔޭ. މިގެއަށް ލާދޭށޯ. ސޯ ހިއަރ ވީ އާ....."މާއިޒް ޑިކީ ހުޅުވާލާފައި ދަބަސްތައް ނެރެލުމުން އަދި ވަކިން ސަލްވާ ހައިރާންވިއެވެ. ވިޝާމް އޭނަގެ ދަބަސްތައް ޕެކްކޮށް ރީތިގޮތުގައި އެޕާޓްމެންޓުން ނެރެލައިފިއެވެ. އޭނަ ދާންވީ މަންޒިލް ބުނަން ވިޝާމްއަކީ ކާކުހެއްޔެވެ؟ އޭނަގެ ދިރިއުޅުން ބައްޓަންކުރާނެގޮތް އެނގޭނީ ހަމައެކަނި އޭނައަށެވެ. ނަމަވެސް ވިޝާމްއަށް އެދެމައިން ބަލަން އުދަގޫވީކަން ޔަގީނެވެ. ސަލްވާ ހުރިތަނަށް ގާވެފައި އެންމެ ފިޔަވަޅެއް ކުރިއަށް އަޅަން އެއްބަސްނުވެފައި ހުއްޓާ މާއިޒް ޒެލް އުފުލާލައިގެން ގެއާއި ދިމާލަށް ހިނގައިގަތެވެ. ސަލްވާ ގޮވަގޮވާ ހުއްޓާ މާއިޒް ފެންޑާއާއި އަރާހަމަވެފައި ބެލްޖެހިއެވެ. ދެތިން މިނިޓްނުވަނީސް ދޮރު ހުޅުވައިލީ ހައިކަލްއެވެ. ޒެލް ޖޯޝާއިއެކު ޑެޑީއޭ ކިޔާފައި ހައިކަލްގެ ކައިރިއަށް ދާން އަތްދިއްކޮށްލިއެވެ. ހައިކަލް ޒެލް މޭގައި ޖައްސާ ބާރުކޮށްލަމުން ދެލޯ މަރައިލިގޮތަކުން ސަލްވާގެ ހިތް ފުރުނެވެ. ހާދަ ލޯބި ވަގުތުކޮޅެކޭ ހިތަށް އެރިއެވެ.

"ޒެލްމެން ބަލާދާން އުޅެނިކޮށް ތިއައީ. ސަލްވާ އާދޭ އެތެރެއަށް....." ހައިކަލް ހުރީ ހިނިތުންވެލައިގެންނެވެ.

މާއިޒް ތަނަކަށް ދާން ލަސްވަނީއޭ ކިޔާފައި ނުކުތުމުން ހައިކަލް ދޮރު ލައްޕައިލިއެވެ. އެކުޑަ އާއިލާ އެ ބޮޑު ގޭގައި އެކަނިވީއެވެ. ސަލްވާ ހުރީ ލަދުން މޯޅިވާވަރުވެފައެވެ. އެދެމީހުން ވަކިވާންޖެހުނު ސަބަބާއި އޭނަ ފިލައިގެން ދިޔަ ދުވަސް އަދިވެސް ކިތަންމެ ހަދާންތަކެއް އޭނަގެ ލޮލުގެ ސްކްރީނަށް އަރާ ފޭބިއެވެ. އެހުރިހާކަމަކަށްފަހު މިތިބީ އަނެއްކާ އެއްގެއެއްގައެވެ. އަދިވެސް ހައިކަލްގެ އަނބިމީހާގެ މަގާމުގައެވެ. ހައިކަލްގެ ތޫނު ނަޒަރު ހުއްޓުމުންވެސް ސަލްވާގެ ގައިގާ ކަރަންޓުގެ ރާޅުބާންޏެއް ދުވެލައިފިއެވެ. އަތްނުލިޔަސް ހައިކަލްގެ ލޮލުން އެކަނި ބަލާލައިގެންވެސް އޭނަގެ ހިތާއި ކުޅެލައެވެ. އެހެން އެއްވެސް ފިރިހެނަކަށް އޭނަގެ ހިއްސުތަކަށް ބާރު ފޯރުވިފައެއްނުވެއެވެ.

"ހެދުން ބަދަލުކޮށްލައިގެން ހިނގާ އެއްޗެއް ކާލަން.......... " ހައިކަލް އޭރުވެސް ހުރީ ޒެލް އުރާލައިގެންނެވެ.

ސަލްވާ ކަޅުހެދުން ބާލާފައި އައީ ފިޔާތޮށިކުލައިގެ ޓޮޕަކާއި ސްކިނީއެއް ލައިގެންނެވެ. ގޮނޑީގައި ޖައްސާލާއިރަށް ޒެލް ގޮސް ޓީޝާޓު ހިއްލާލައިގެން އެހެން ކަމަކާއި އުޅެގަތެވެ. ސަލްވާގެ މޫނަށް އެރީ ހެދުމުގައިވާ ކުލައެވެ. ހައިކަލްވެސް ބަލަން ހުއްޓާ އަދި ޒެލް މިއުޅެގަތީ ކޮންކަމަކާ ހެއްޔެވެ؟ ނަމަވެސް އެއީ ކޮންމެހެން ކުރަން މަޖުބޫރުކަމެކެވެ. ޒެލް ހުންނަނީ ފާޑަކަށް ދަހިވެފައެވެ.

އެކަހަލަ ލަދުވެތި އުދަގޫވި ކަންތައްތަކަށް ފަހު ދެމީހުން އެއްކޮށް ކައިގެން ހައިކަލް އުޅުނީ ޒެލްއާއިގެންނެވެ. ސަލްވާ ކޮޓަރިއަށްވަންގޮތަށް އެނދުގައި ޖައްސައިލީ ވެފައި ހުރި ވަރުބަލިކަމެއްގެ ސަބަބުންނެވެ. ރޭ ނުނިދާ ހުރުމުންނާއިއެކު މަޑު އަރާމު ގޮދަޑީގެ ސަބަބުން ވަގުތުން ހުވަފެނީ ދުނިޔެއަކަށް އޭނަ ގެނބިގެން ދިޔައެވެ.

"ޒެލް. ދަރިފުޅާ........" ސަލްވާ ކުއްލިއަކަށް ފުންމައިގެން ތެދުވުމާއިއެކު ކައިރީގައި ދަރިފުޅު ނެތުމުން ހާސްވިއެވެ. ބޮލާއި ދިމާލަށް މަތީގައި އޮތް ބޮޑު ޗާންދަލިއާއާއި ދިމާލަށް ބަލާލާފައި އޮވެވުނީ އަމިއްލަ ކޮޓަރީގައި ނޫންކަމުގައި އިހުސާސްކުރެވުނެވެ. ގައިމަތީގައި އަޅާފައި އޮތް ކުއިލްޓް އެއް ފަރާތްކޮށްފައި ތެދުވެ ފޯނަށް ބަލާލިއިރު ހަވީރު ފަހެއް ޖަހައިފިއެވެ. މަޑުމަޑުންގޮސް ހުރިހާކަމެއް ހަދާންވުމާއިއެކު ތެދުވެގެން ފާޚާނާއަށްވަދެ ވުޟޫކޮށްގެން ނަމާދުކޮށްލިއެވެ. ހައިކަލްއާއިއެކު ޒެލް ހުރިއްޔާ ހާސްވާންވީ ކޮންކަމަކާހެއްޔެވެ؟ ހައިކަލް ދަރިފުޅަށް ހިމާޔަތްދޭނެކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ.

މެހެރީނާއާއި ރައުދާ ރެސްޓޯރެންޓަކުން ކޮފީބޮއިގެން ކާރުގައި ނައްޓައިލިއިރު އުޑުމަތިބަނަވެ ވައިބާރުވެލައިފިއެވެ. ދެންމެ ދެންމެ ވިލާގަނޑުންވާރޭ ވެހިގެންފާނެ ކަހަލައެވެ. މަގުމަތީގައި ވާ އުޅަދުތައްވެސް ބެލީ ވާރޭގައި ނުޖެހި އަވަހަށް މަންޒިލަށް ފޯރުމަށެވެ. މެހެރީނާ ބަލާނުލާ އޯވަޓޭކްކުރަނިކޮށް މަޑުމަޑުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި އޭގެ ފަހަތުގައި އިން ކުޑަ އަންހެންކުއްޖަކު ވިއްސައިގެންގޮސް ޖެހުނީ ފުރޮޅުދަށުގައެވެ. މެހެރީނާއާއި ރައުދާގެ ކަރުތެރެއިން ތޫނު ހަޅޭކެއްގެ އަޑު އަރައިގެން ދިޔައެވެ. އެހެން ލާފައި ދިޔަހާ އުޅަދުތައް ހުއްޓި އެންމެން އެދުވާލަށް ދުއްވައިގަތެވެ. ހަޅޭކުގެ އަޑު ބޭރުގައި ގަދަވިއެވެ. މެހެރީނާވެސް ބޭ އިޚުތިޔާރުގައި ކާރުން ފޭބުމާއިއެކު ހިތްވެސް ހުއްޓުނުފަދަ ގޮތެއްވިއެވެ. ދުވަހަކު ހިތަށް އަސަރުނުކުރާވަރަށް އަސަރުކުރީ ސައިކަލް ދުއްވަން އިން ފިރިހެނާ އެކުޑަކުއްޖާ ފުރޮޅުދަށުން ނެގިތަން ފެނިފައެވެ. އެކުއްޖާގެ ބޯ އޮތީ ޗަސްވެފައެވެ. ސިކުނޑި އޮތީ ނުކުމެފައެވެ. މެހެރީނާގެ ބޮލަށް އެނބުރުން އަރާގޮތްވުމާއިއެކު އަނގަމަތީ އަތްއެޅިއްޖެއެވެ.

"އޯ ގޯޑް ޝީޒް ގޯން.............." ރައުދާ އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔާލަމުން އަވަހަށް އެ ފިރިހެންމީހާއަށް އިޝާރާތްކުރީ ކާރަށް އެރުމަށެވެ. ހޮސްޕިޓަލަށް ގެންދަންވީ ކަމުގައި ރައުދާ ބުނެލިއިރުވެސް އެއްވެސް އުއްމީދެއްނެތެވެ. އެކުއްޖާ އެއޮތީ ކާރުދަށުވިގޮތަށް މަރުވެފައެވެ.

އެމީހާ ބަހަކުން ކުރެ ބަހެއްނުބުނެ ކާރަށް އަރާ ދޮރުލެއްޕިއިރުވެސް މެހެރީނާއިނީ ނޭވާލާން ވެސް ނުކެރިފައެވެ. އެކުޑަކުއްޖާގެ ބޮލުން އޮހެމުންދާ ލެއިން ޒުވާނާގެ ގަމީސް ފޯވަމުންދިޔައިރު އެކުއްޖާގެ އެއްވެސް ހަރަކާތެއްނެތެވެ. ޒުވާނާ މަޑުމަޑުން އެކުއްޖާއާއި ވާހަކަދެއްކިއެވެ. ލޯބިވާވަރު ބުނެދިނެވެ. ހީވާގޮތުން އޭނަ އެއިނީ ކުރި އަސަރަކުން ޝޮކެއްގައެވެ. ކާކުކަން ނޭގޭ ކޮން ބަޔެއްކަން ނޭގޭ ބަޔަކު އަމިއްލަ ކާރުގައި ހޮސްޕިޓަލާއި ހަމަޔަށް ގެންގޮސްފައި މެހެރީނާއަކަށް އެމީހުން ދޫކޮށްލާފައި ހިގައިދާކަށްވެސް ނުކެރުނެވެ. ސްޓްރެޗާއަކަށް ލައިގެން އެކުއްޖާ ގެންދިޔައިރު މެހެރީނާވެސް ހުރީ އިމަޖެންސީ ރޫމް ދޮރުމަތީގައެވެ. މާގިނައިރެއްނުވެ ޑޮކްޓަރަކާއި ނަރުހަކު އެ ޒުވާނާއާއި ވާހަކަދެއްކިއެވެ. ދަރިފުޅު މަރުވެފައިވާކަމަށް ބުނީ ވަރަށް ވިސްނާދީފައެވެ. އެއޮތް ބޮޑު ފިރިހެނާ އަޑުން އަޑުނަގާ ރޯންފެށިއެވެ. މެހެރީނާއާއި ރައުދާވެސް ތިބީ ޖެހި ބުދުހެން ހިރިލާން ނޭގިފައެވެ. މެހެރީނާގެ ލޮލުންވެސް ކަރުނައިގެ ތިކިތައް ފާޅުވާންފެށިއެވެ. އޭނަގެ ސަބަބުން މީހެއްގެ ހުރި އެންމެ ދަރިއަކު ކުއްލިއަކަށް ވަކިވެގެން ދިޔައީއެވެ. އޭނައަށް މާފު ހައްގެއް ނޫނެވެ.

އިސާހިތަކު ފުލުހުންނާއި ނޫސްރިޕޯޓަރުންވެސް އެހިސާބުގައި ހަރަކާތްތެރިވާތަން ފެނުނެވެ. ހުރިހާ ހެޑްލައިނެއްގައި މިއަދު އޮންނާނީ އެކުއްޖާގެ މަރުގެ ޚަބަރެވެ. އޭނަ މުޅި އުމުރަށް ކުށްވެރި އިހުސާސެއްކުރުވާ ފަދަ ކަމެއްގައި ބަދެވިއްޖެއެވެ. މެހެރީނާގެ ކަރުނުން ފުރިފައިވީ ނަޒަރު އެކުޑަކުއްޖާގެ ބައްޕައަށް ހުއްޓިފައިވަނިކޮށް އެމީހާގެ ދެލޯވެސް މެހެރީނާއާއި އަމާޒުވިއެވެ. މެހެރީނާ ހީކުރީ އޭނަގެ ގައިގާ ޖަހާނެކަމަށެވެ. އަދަބެއްދޭނެކަމަށެވެ. ހަގީގަތުގައިވެސް އަދަބެއް ހައްގެވެ. ނަމަވެސް ބިރުންގޮސް މީހާ ހުރިތަނަށް ނުވިރުނީ ކިރިޔާއެވެ. އެކަމަކު އެފިރިހެންމީހާގެ މޫނުމަތިން ރުޅިވެރިކަމެއް ނުފެނުނެވެ. އެކަނި ފުން ހިތާމައެވެ. ކެތްނުކުރެވޭފަދަ ފުން އެހިތާމަ މެހެރީނާގެ ހިތުގައި ދުވަހަކު ނުޖެހޭވަރަށް ހިތުގައި ޖައްސައިފިއެވެ. މީހަކަށް ދެރައެއްލިބިގެން ދުވަހަކު ދެރަނުވާވަރަށް ދެރަވެއްޖެއެވެ.

މެހެރީނާ ޕޮޕްކޯންތަށި ހިފައިގެންގޮސް ދެފައިވަށްކޮށްލައިގެން ސޯފާއަށް އަރާ އިށީންއިރުވެސް ހިތުގެ ތެޅުން ހަމަޔަކަށް ނޭޅެއެވެ. މެހެރްޓީވީ ހުޅުވާލުމާއިއެކު ފެނުނީ ޖީވާ އުމޭރުގެ ރީތި ހިނިތުންވުމަކާއިއެކު ސްކްރީން ފުރާލިތަނެވެ. މަރުވި ކުއްޖާގެ ބޮޑު ފޮޓޯއެކެވެ. މެހެރީނާ ކޮށިއަރާގޮތްވިއެވެ. އެކުއްޖާގެ މަރުގެ ޚަބަރު ބްރޭކިން ނިއުސްގެ ގޮތުގައި ހުރިހާ ޓީވީ ޗެނެލްއަކުން އެހާވަރަށް ދައްކަނީ އެހާ ކުއްލި ހިތާމަވެރި މަރަކަށްވީމައެވެ.

 

ކޮމެންޓް 0