ހައިކަލް ނިދަން ކޮޓަރިއަށް ވަނުމުގެ ކުރިން އޭނަގެ މަންމަގެ ހާލު ބަލައިލަން ބައްޕަމެން ދިރިއުޅޭ ކޮޓަރިއަށް ވަދެލިއެވެ. އެކޮޓަރިތެރެއަށް ވެރިވެފައިވަނީ ލޮލަށް ފިނިކަން ގެނެސްދޭފަދަ މަޑު ފެހިކުލައެކެވެ. ރަސްކަލުން ނިދާފަދަ ޝާހީ ބޮޑު އެނދެއްގައި މަންމަ އޮށޯވެލައިގެން އޮތްއިރު ބައްޕަ އިންނެވީ އެނދުގެ މަގަތުގައި ފޮތެއް ހުޅުވާލައިގެންނެވެ. ހައިކަލް ސަލާމް ގޮވާލާފައި ވަނުމުން އަބުދުލް އަޒީޒު ސަލާމް ބަލައިގަތެވެ. އަދި ހައިކަލް އިށީންނަން އެދުނެވެ. ނަމަވެސް ބައްޕަވެސް އިންނެވީ އެހާ ހިތްހަމަޖެހިފައިނޫންކަން އެނގި ހައިކަލްގެ ހިތަށް އުދަގޫވިއެވެ. ދުލުން ބޭރުނުވިކަމުގައިވިޔަސް އޭނައަށް ސަބަބު އެނގެއެވެ. އެއްކޮޅުގައި ލޯބިވާ މައިންބަފައިންނެވެ. އަނެއްކޮޅުގައި ސަލްވާއެވެ. މިހާރު ސަލްވާވެސް ހަޔާތުން ދުރަށް ފޮނުވައިލެވޭވަރަށްވުރެ ގާތްވެފައިވާކަމުގައި ހިތް ބުނަން ފަށައިފިއެވެ.

އަބުދުލްއަޒީޒު ފޮތުން ނަޒަރު ވަކިކޮށްލަމުން ލޮލުގައި ވާ އައިނުވެސް ނަގާފައި މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ފާޚާނާއަށް ވަންނަން ހިނގައިގަތެވެ. ބައްޕަވެސް އެހެރީ އޭނަދެކެ ހިތްހަމަނުޖެހިފައެވެ. އެހިމޭންކަން ހައިކަލްއަށް ވަރަށް ގިނަ ވާހަކަތައް ބުނެދީފިއެވެ.

"މަންމާ ވަޓް ހެޕެންޑް؟ ހުރިހާކަމެއް ރަގަޅުތަ.............."ހައިކަލްގެ ހިތް ނުތަނަވަސްވިއެވެ. މަންމަގެ އެބަލި ގުޅިފައިވަނީ ސަލްވާއާއިކަމުގައި ހީކުރެވުނެވެ. ސަލްވާއާއި ކައިވެނިކުރުމަށްފަހު އޭނައާއި މަންމައާއި ދޭތެރޭގައި އޮންނަ ގުޅުން ހީނަރުވެފައިވާކަމުގައި އަމިއްލައަށް އިހުސާސްކުރެވުނީ އަދި ކިރިޔާއެވެ. މަންމައަށްޓަކާ ކުރިން ވަގުތުތައް ދީ ފޯނުން ގުޅައިގެންވެސް ހާލު ބަލައިލާ ހަދާލެވުނުއިރު މިފަހަކަށް އައިސް މަންމައާއި އޭނަ ދުރުވެއްޖެއެވެ. އެހެން ހިތަށް އެރުމުން އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ.

"މަންމަ މެހެރް ކައިރީ ބުނިން ފިޒިޝަނަކަށް އެޕޮއިންޓްމެންޓް ހައްދާށޭ...." ޒައިތޫން އޮތީ ސީލިންއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"މަންމަ މެޔަށް ތަދެއް އަރައިގެން...." ޒައިތޫން ބުނެލިއެވެ.

ހައިކަލް ނިއުރޯސާޖަންއަކަށްވިޔަސް އޭނައަށް ހިތުގެ މައުލޫމާތު ފުދޭވަރަށް ރަގަޅަށް އެނގިފައިވެއެވެ. މެޔަށް ތަދުވުން އެއީ ބައެއްފަހަރު ސީރިޔަސް ހާލަތެއް މެދުވެރިވުމުގެ އަލާމާތެކެވެ. ހައިކަލް އެކިގޮތްގޮތަށް ސުވާލުކުރިއެވެ. ޓެސްޓްތައް ހައްދަން ގެންދާވާހަކަ ބުނުމުން ޒައިތޫން ވަގުތުން ދެކޮޅުހެދިއެވެ. ހައިކަލް ހައިރާންވިއެވެ. މަންމަ ކަމެއްގެ ބަދަލުހިފަނީބާވައެވެ. މަންމަ ބަލިވުމުން އެންމެބޮޑަށް އެކަމާއި ހިތާމަކޮށް ދެރަވާނެ އެކަކީ އޭނައެވެ.

"ދަރިފުޅާ ހައިކަލް. މަންމަ ސްޓްރެސްވެގެންގޮސް ދިމާވިކަމެއްކަމަށް މިހާރު ހީވޭ. ދަރިފުޅު ތިކޮށްގެން އުޅޭ ކައިވެންޏަކާއިމެދުވެސް ވިސްނާވަރު އިންސާނަކަށް ނޭގޭނެ. އާއިލާގެ އެންމެންގެ ފަރާތުން އެކަނިއެއްނޫނޭ ބަދުބަސްތައް މަންމައަށް ލިބެނީ. އެކުވެރިންގެ މަލާމާތްވެސް ރައްދުވާން ފަށައިފި. ހައިކަލް ބުނާގޮތުން ސަލްވާއާއި ކައިވެނިކުރީ ސީރިޔަސްކޮށެއްނޫން. ކައިވެނި ރިއަލް ނުވެއްޖެއްޔާ ވާނެގޮތް ދަރިފުޅަށް އަންދާޒާކުރެވޭތަ؟ އެއީ އަބަދުގެ އަބަދަށްޓަކާ ޖަހައިލެވޭ ގޮށަކަށް ނުވާނަމަ ދެން މުޖުތަމައައިގާ ވަރިގިނަވާނީ. ތަން ފާސިދުވެދާނެ. މަންމަ ބުނަންއޮތްހާވެސް ވާހަކައަކީ ސަލްވާއާއި ދުރަށް ދާށޭ. ޔަގީނުންވެސް މަންމަގެ ބްލެސިންއެއް ނުލިބޭނެ. ރައުދާވެސް މިހާރު އިސްލާހުވެގެން ދަރިފުޅާއި އިންނަން އެހެރީ. ދަރިންގެ މަންމަވީމަ މާފުދީފައި އަލުން އިންނަންވީނު ދަރިފުޅާ..............."ޒައިތޫންގެ ވާހަކަތަކުން ހައިކަލްއިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެއާއިލާގެ ގިނަ މަންމައިން ފަދައިން ބޯދާ ޚިޔާލުގެންގުޅެއް ހަދައިގެން އޭނަގެ ދިރިއުޅުންވެސް ހަލާކުވެގެންދަނީއެވެ. އުއްމީދުގެ ހުޅުކޮޅެއް ފެންނަން ފެށިއިރަށް އެކަމަށް ފުރަގަސްދީފައި އަނބުރާ މާޒީއަށްދާން ލޯބިވާ މަންމަ ނަސޭހަތްދެނީއެވެ.

"މަންމާ. ރައުދާއާއި ދެމީހުންނަށް އެކީ ނޫޅެވިގެން ވަރިއާއި ހަމަޔަށް ދިޔައީ. އަލުން މަންމަ ތިބުނުއްވަނީ އަޅުގަނޑު އޭނައާއި އިންނާށޭތަ؟ "ހައިކަލްގެ ހިތަށް ބާރުކުރިއެވެ. އޭނަ ދެލޯ މަރާލާފައި ހުޅުވައިލީ އުދަގޫވެފައި އިނދެއެވެ.

"ކޮންމެހެން ހައިކަލްގެ އުފަލާއިމެދު މަންމަ ނުވިސްނަނީއެއްނޫން. އެކަމަކު މަންމައަކަށް ދަރިއަކު ފުންމިން ނޭގޭ އަނދިރިގަނޑަކަށް ފުންމާލަން އުޅޭއިރު ކެތްވާނެތަ؟ ސަލްވާފަދަ ގޮތްނޭގޭ އަންހެނަކާއި އިނދެގެން ފަހުންވާނެގޮތެއް އެނގެނީއެއްވެސް ނޫނޭ ހައިކަލް. ވީހާވެސް އަވަހަށް އޭނަގެ ފަރާތުން ސަލާމަތްވެގެން އެހެން އަންހެނަކާއި ކައިވެނިކުރޭ............." ޒައިތޫން އަމުރުވެރިފާޑަކަށް އެންމެ ފަހު ޖުމްލަ ބުނުމުން ހައިކަލް އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ.

"ތިކަމާ ވިސްނާނަން....." ހައިކަލް އިނީ ހިމޭނުންނެވެ.

"ދަރިފުޅުދެކެ ލޯބިވާ މަންމަގެ ހައިސިއްޔަތުން ބުނާ އެއްޗެއް މިއީ......." ހައިކަލްގެ ހިމޭންކަން ފެނުމުން އެކަމާއި މާ ވަރުގަދަކޮށް ހިފާ މަޖުބޫރުކުރާކަށް ޒައިތޫން ބޭނުމެއްނުވިއެވެ. ބަސްއަހާ ދަރިއަކަށް ވިޔަސް ހައިކަލްގެ ހިތެއްވެސް ވާނެއެވެ. އެހިތް އެދޭކަންތައްތައްވެސް ވާނެއެވެ. މަންމަގެ ނުފޫޒުގެ ސަބަބުން ހުރި އެންމެ ފިރިހެންދަރީގެ އުފާތައް ނިގުޅައިގަންނާކަށް އޭނައަށް ނުކެރޭނެއެވެ.

"އެނގެއެއްނު ބޮޑުބެދައްތަމެން އެދައްކާ ވާހަކަ. މިހާރު މަންމަގެ ދަރިން ރާއްޖެތެރޭގެ އާދައިގެ ނިކަމެތި އާއިލާތަކުން މީހުންނާއި އިންނަނީ އާއިލާގެ އަގު ވައްޓާލަންވެގެން ހެއްޔޯ. ޝާހީ އާއިލާގެ ލޭގެ އަގުވެސް ހުންނާނެޔޯ. ދެން ނިކަމެތިންނާއި މަސްހުނިވެގެން ލިބޭދަރިންގެ ހުންނާނީ ކޮން މޮޅުކަމެއްހެއްޔޯ. ނަސްލަށް ބަލަންޖެހޭނެޔޯ. އެއީވެސް ދޮގެއްނޫން. އަޒަލް ކައިވެނިކުރި ފިރިހެންކުއްޖާ ޑޮކްޓަރަކަށްވިޔަސް އޭނަގެ ނަސްލަކީ ކޮބާ؟ ކޮބާ ބައްޕަ؟ މަންމަކޮބާތަ. މަންމައަށް ހިޔެއްނުވޭ ހައިކަލް އެއިން އެއްވެސް ކަމެއް ހޯދަން މަސައްކަތްކުރިހެނެއް. މަންމަ މިހާރު އެމީހުން ހޯދައިފިން. އޭނަގެ މަންމައަކީ ފާޑެއްގެ ބަކުރުބެއެއްގެ ދަރިއެކޯ. ބައްޕައަކީ މަސްވެރިއެއް........މަންމަ މިހުންނަނީ ލަދުންމީހުން ކުރިމައްޗަށް ނުކުންނަން ނުކެރިފައޭ ހައިކަލް. ހައިކަލް އާއި މާމަ ދަރިންވެސް އެކަހަލަ އާއިލާތަކަށް ވަދެއްޖެ. ސަލްވާއަކީ ދަރިފުޅުގެ މަގާމާއި އެކަށީގެންވާ މީހެއްތޯ ނިކަން ހިތާއި ސުވާލުކޮށްބަލަ. ކޮންމެހެން ބޮޑާވަނީއެއްނޫން. ކިބުރުވެރިވަނީއެއްނޫން. ނަމަވެސް މެހެރީނާ ބުނާހެން އާދައިގެ މީހުން މޮޅުމީހުންނާއި އިނުމަކީ ވަރަށް މޮޔަކަމެއް. އެކަހަލަ އާއިލާތަކުގެ މީހުންގެ ބަހުރުވަވެސް ހުންނާނީ އެހާ ދަށްކޮށް. އުޅުންވެސް ރީއްޗެއްނުވާނެ. އަދި ނުވީތާކަށް އެ އަންހެކުއްޖާ ހައިކަލްއާއި އިނީ ނުބައި ނިޔަތެއްގައިކަން ޔަގީނޭ. ސަލްވާ ބޭނުންވަނީ މި މޮޅުގެ މިލްކުކުރަން. ދަރިން ހޯދައިގެން..........ފިރިހެންދަރިއެއް ނެތީމަ..." އެންމެފަހުން ނުބުނަން ހުރި ވާހަކަތައްވެސް ޒައިތޫންގެ ދުލުން ބޭރުވިއެވެ. މާއިޒްގެ ސިއްރު އެނގޭކަން މިވީހާތަނަށް ޒައިތޫންވެސް ފާޅުކޮށްފައެއްނެތެވެ. ހައިކަލް އެހެރީ އެކަން ސިއްރުކޮށްލައިގެންނެވެ.

"ރައުދާ ބުނި. މާއިޒްއަކީ ހައިކަލްގެ ދަރިއެއްނޫނޭ. އެޑޮޕްޓްކޮށްފައޭ....." ޒައިތޫން ތެދުވުމާއިއެކު ކުޑަކޮށް ކެއްސަންފެށިއެވެ. ހައިކަލް ކައިރިއަށް ޖެހިލާފައި މަންމަގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލަދިނެވެ. އަދި ބިއްލޫރިތަށްޓަކަށް ފެން އަޅައިގެން ގެނެސްދިނެވެ.

ހައިކަލް ވަރަށް ދެރަވިއެވެ. ފެންކަޅިވާގޮތްވިއެވެ. ސަލްވާއާއިމެދު މަންމަ އެގޮތަށް ދެކޭކަން އެނގުމުން މިއަދު ހިތަށް އަސަރުކޮށްފިއެވެ. ސަލްވާގެ އެފަދަ އެއްވެސް ނުބައި ނިޔަތެއްނެތެވެ. މައުސޫމް އަންހެންކުއްޖެއްގެ ބޮލުގައި އެކަހަލަ ދޮގު ތުހުމަތު އަޅުވާކަށްނުވެސްވާނެއެވެ. ރައުދާއަށް މާއިޒްގެ ވާހަކަ މަންމަމެން ކައިރީގައި ނުބުނެ ނުހުރެވުނެވެ. އެނގުމަށްފަހުގައިވެސް މަންމައާއި ދައްތަމެންގެ ފަރާތުން މާއިޒްއަށް ލިބިފައިވާ ލޯތްބާއި އަޅާލުން މަދުނުވީ ކީއްވެކަމާއިމެދު ހައިކަލް ވިސްނިއެވެ.

"މާއިޒްއަކީ އެޑޮޕްޓްކުރި ކުއްޖެއްކަން އާޒީންމެންނަށް އެނގި އެހެން ކަހަލަ އިހުސާސްތަކެއް އުފެދޭގޮތްވެދާނެތީ މަންމަމެން ވަރަށް ވިސްނިން. މާއިޒް ދޮންބެގޮތުގައި އެކުދިންނަށް އެންގުން ވަރަށް މުހިއްމުވި. މާއިޒްއަކީ ކާކުގެ ދަރިއެއްކަން ނޭގޭއިރު ހައިކަލް ބޭނުންވާނެތަ؟ " ޒައިތޫން ސުވާލުކުރިއެވެ.

"މަންމަ ތިބުނި އެއްޗެއް ނުވިސްނުނު..." ހައިކަލް ނޭގޭކަމަށް ހެދުނެވެ.

"މިބުނީ އާޒީންމެން މާއިޒްއާއި ލޯބީގެ ގޮތުން ގުޅިއްޖެއްޔާ ހައިކަލް ހަމަ އުފަލުން އާއެކޭ ބުނާނަންތަ؟ ހުއްދަދޭނަންތަ؟ " ޒައިތޫން ގެ ޖުމްލައިން ހައިކަލް ސިއްސައިގެން ދިޔައެވެ.

"އަމިއްލަ އަންހެން ދަރި ބައްޕަ ނެތް މީހަކާއި ގުޅުނަސް ހައިކަލްއަށް ހަމަ ރަގަޅީތަ؟ " ޒައިތޫންގެ ފަރާތުން އެކިކަހަލަ ސުވާލުތައްކުރިމަތިވިއެވެ. މާއިޒްގެ ބައްޕައާއި މަންމައަކީ ކާކުކަން ހައިކަލްއަށް ރަގަޅަށް އެނގެއެވެ. ނަމަވެސް އެކަން މަންމަމެންނަށް ހާމަކުރާކަށް ނެތެވެ. މާއިޒްގެ ހަގީގަތް ޖެހޭނީ އަނދިރީގައި ބާއްވާށެވެ. އެކަން ފެންމަތިވުމަށްފަހު މަންމަމެން މާއިޒްފަކީރަށް ކޮންމެފަދަ ގޮތެއްވެސް ހަދާލަފާނެއެވެ. ރައުދާ ކައިރީ އެސިއްރު ހާމަ ނުކުރެވުނުކަމީ ނަސީބެކޭ އެވަގުތު ހައިކަލްގެ ހިތަށް އެރިއެވެ. މާއިޒްއާއި އޭނަގެ ދަރިއަކު ލޯބީގެ ގޮތުން ގުޅިއްޖެއްޔާ އޭނަ ފަހަރެއްގައިވެސް ނޫނެކޭ ނުބުނާނެއެވެ. އެއަށްވުރެ ބޮޑަށް އޭނަ މާއިޒް އާއި އަންހެންކުދިންދެކެ ލޯބިވެއެވެ. އެކުދިންގެ އުފަލަށްޓަކާ އޭނަ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. އޭނަ މިހުރިހާ ދުވަހު ފޮރުވައިގެން ހުރި ސިއްރު ބޭޒާރުވިޔަސް އެންމެ ރަގަޅެވެ. ނަމަވެސް އަޒަލްއާއި މާއިޒްގެ އޮންނަނީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމެވެ. ކޮންމެވެސް ސަބަބަކާއިހުރެ އާޒީން މާއިޒްއާއި ވަރަށް ދުރެވެ. ވީއިރު އިޝްގީ ލޯތްބަށް ފުރުސަތެއް ނެތެވެ.

"މަންމާ. ބައެއްކަންތައް މޮޅަށް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތް. އައި ޓްރަސްޓް އޯލްމައިޓީ. އެއިން ކުއްޖަކާއި މާއިޒް ގުޅިއްޖެއްޔާ އޭގައިވެސް ކޮންމެވެސް ހިކުމަތެއްވާނެ. އިރާދަކުރެއްވިއްޔާ ކޮންމެކަމެއްވެސް ވާނީ ރަގަޅަށް. މަންމާ. އަޅުގަނޑާއި ސަލްވާގެ މިރިލޭޝަން... މަންމަ މިފަހަރު އަޅުގަނޑަށް އިތުބާރުކުރައްވާ. މަންމަ ދެރަވާފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން. މަންމަ ދުވަހެއްގެ ކޮޅުންވެސް ސަލްވާ ބަލައިނުގަންނާނެކަން ޔަގީންވާ ދުވަހަކުން އައިމް ރެޑީ ޓު ލޯވް ހާ...ފެމިލީ އެހެންމީހުން ވިސްނާނެ ގޮތެއްގެ ސަބަބުން އެމީހެއްގެ އުފާތައް ދޫކޮށްލުމަކީ މޮޔަކަމެއް. މުހިއްމުވާނީ މީހުން ވިސްނާނެގޮތްތަ؟ ނޫނީ ވަޓް އޯލްމައިޓީ ތިންކް އެބައުޓް އަސް؟ މަންމާ. އަޅުގަނޑަށް ދުވަސްކޮޅެއް ދެއްވާ. ސަލްވާއާއިމެދު މަންމަ ހިތްހަމަޖެހުމަކީވެސް އެކަށީގެންވާކަމެއް. މަންމަގެ ހިތް އަތުލުމުގައި އޭނައަށް ކާމިޔާބުނުކުރެވިއްޖެއްޔާ އަޅުގަނޑު އޭނަ ދޫކޮށްލާނަން....." ހައިކަލް އެގޮތަށް ވާހަކަދެއްކީ މަޖުބޫރުވެގެންނެވެ. މަންމަގެ ހިތް ހަމަޖައްސާދިނުމަށެވެ.

އޭރު ހައިކަލް ހުރީ ހަޔާތުގެ ހަތަރުއަނގޮޅި ކަންމައްޗެއްގައެވެ. ދާންވީ ކޮންމަގެއްކަން ޔަގީންނުކުރެވިފައެވެ.

"ނައު ލެޓް މީ ޗެކް ޔޯ ބީ ޕީ މަންމާ؟ " ހައިކަލް ބީޕީ އެޕެރޭޓާސް ގެނެސް އެނދުމަތީގައި ބެހެއްޓިއެވެ. ޒައިތޫންގެ މޫނު ކޮންމެވެސް ވަރަކަށް އަލިވެއްޖެއެވެ. ހައިކަލްގެ ޖުމްލަތަކުން އުއްމީދު އާވެއްޖެއެވެ. ހައިކަލްފަދަ ފިރިހެންދަރިއެއް މީހަކަށް ހަމަ ނުލިބޭނެއެވެ. މީހަކަށް ލިބިފައިވާ ޖަވާހިރެކެވެ. ތައުރީފުކޮށް ކޮޅަކުން ނުލާނެއެވެ. ސަލްވާއަށް މަންމަގެ ހިތުން ޖާގަ ނުލިބުނިއްޔާ ދޫކޮށްލާނަމޭ ރީއްޗަށް އެބުނީއެވެ. އޭނައަށް ދުވާލު އިރުފަދައިން ޔަގީންވާކަމަކީ ސަލްވާއާއި ދިމާލަށް ރުހުމުގެ ލޮލަކުންވެސް ބަލައިނުލެވޭނެކަމެވެ.

އޭނަ ސަލްވާއާއި ފާޅުގައި ޗެލެންޖު ނުކުރިޔަސް މެހެރީނާ ލައްވާ ސަލްވާ އިނދަޖައްސުވާލާނެއެވެ. އެ އަންހެންކުއްޖާ މިގެއިން ކީއްކުރަން މިގައުމުންވެސް ފޮނުވާލާފައި ނޫނީ ދެން ހަމަޖެހުމުގެ ނޭވާއެއްވެސް ނުލެވޭނެއެވެ. މިހުރިހާ ދުވަހު ދުޝްމިނެއްގެ ގޮތުގައި ދެކެމުން އައި ރައުދާވަރުގެ އަންހެނަކު އޭނައަށް މިހާރަކު ނުފެނެއެވެ. ހުރިހާގޮތަކުންވެސް އޭނަގެ ދަރިފުޅާއި އެކަށީގެންވަނީ ހަމަ ރައުދާއެވެ. އެހެރަ ރީތިކަން އެކަންޏެއްނޫނެވެ. މުދާވެރިކަމާއި އިލްމު އަދި ނަސަބުގެ ގޮތުން ބެލިޔަސް ހައިކަލްއާއި ކުފޫހަމަވަނީ ރައުދާއެވެ. އަބުދުލްއަޒީޒު ފާޚާނާއިން ނުކުމެގެން އައިއިރު ޒައިތޫންގެ ތަބީއަތު ރަގަޅުކަމުން އެކަމުގެ އަސަރު އޭނައަށްވެސް ކޮށްފިކަހަލައެވެ. ހައިކަލްއާއި ވާހަކަދައްކަންފެށިއެވެ. މާ އަވަދިނެތި ހަތަރުދަމު ހޮސްޕިޓަލުގައި ނޫޅެ އާއިލާއަށް ވަގުތުދޭންވާނެ ކަމުގައި އަބުދުލްއަޒީޒުވެސް ބުނެލީ ހިނިތުންވެލަމުންނެވެ. އޭރުން މަންމަމެންގެ ނުތަނަވަސްކަން ފިލާ ހަމަޔަކަށް އެޅޭނެއެވެ.

ހައިކަލް ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ސަލްވާ ފާޚާނާއިން ނުކުމެގެން އަންނަނީއެވެ. ނިދަން ތައްޔާރުވެލައިގެން ހީވެއެވެ. ލައިގެން ހުރީ އަތްދިގު ކަޅާއި ރަތުގެ ހެދުމެކެވެ. އިސްތަށިގަނޑު މައްޗަށް އޮމާންކޮށްލާފައި ވޫލްކޮޅަކުން ކިޔަމަންކޮށްފައިވާއިރު އެމޫނު ފެންނަލެއް ރީތިކަމުން ހިތްފުރޭވަރަށް ބަލައިނުލެވޭވަރުވެއެވެ. މޫނުގައި ފެންތިކި ބަބުޅާއިރު މަލެއްގެ ފިޔައަކަށް ޝަބުނަމް ފައިބާފައިވާފަދައެވެ. ކޮޓަރިތެރެ ހުރީ ފުދޭވަރަކަށް ފިނިކޮށްކަމުން ސަލްވާވެސް ހުރީ ފިނިވެފައެވެ. ދެއަތްތިލަ ގުޅުވާލާ ފިތާލައިގެން މޭގައި ޖައްސާލައިގެން ހުރުމުން ހައިކަލް ވަގުތުން އޭސީގެ ރިމޯޓް ނެގިއެވެ.

"ޔޫ ލުކް ކޯލްޑް. މަރުވިޔަސް އަހަންނަށް ހޫނުވެދާނެތީ ތިވިސްނަނީ؟ " ހައިކަލް ސަމާސާކޮށްލާހިތްވިއެވެ.

"ލައްބަ އެހެން މީހުންގެ ފީލިންގްސްއާއިމެދު ބޮޑަށް ވިސްނަންވާނީ........" ސަލްވާ ހީލިއެވެ. އޭނަ ހަދާންވީ މިއަދު ހަވީރު އެދޭތެރޭގައި ހިނގި ހާދިސާއެވެ. ހައިކަލް ބަލަން ހުރިގޮތް ހަދާންވެފައިވެސް ގައިން ހީބިހި ނަގައިލިއެވެ. ހައިކަލްގެ އެ ގާތްކަން ސަލްވާއަށް ދުވަހަކު ނުކުރާފަދަ އިހުސާސްތަކެއް ކުރުވިއެވެ. އަދިވެސް ސަލްވާ އެހެރީ އެހަދާނުގައެވެ. ހައިކަލްގެ އެރީތި ދެލޮލުން ބަލަމުންދާހެން ހީވެފައި ކޮޓަރިއަށް އައިސް އޭނަ އެކަނިހުރެވެސް ރަކިވެގެން އުޅުނެވެ.

"އެހެންމީހުންގެ އިހުސާސްތައް ދެނެގަންނަން އެނގޭވަރުގެ ކުއްޖަކަށް ވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅު... ހެހެ..." ހައިކަލް މާނަވީގޮތަކަށް ހީލުމަށްފަހު ރިމޯޓް އެނދުމައްޗަށް އެއްލާލާފައި ހުއްޓުނީ ރީތިވާ މޭޒުކައިރީގައެވެ. އަތުގައިވާ ގަޑިނެގިއެވެ.

"ކޮފީއެއް ގެންނަންތޯ؟ " ސަލްވާ އަހައިލިއެވެ.

"އަހަރެން ނިދިޔަނުދޭންވެގެން ސަލްވާ ކޮފީ ގެންނަން ތިއުޅެނީ. އެކަމަކު ނިދާލަން މާ ބޭނުން ވުޑް ބީ ބެޓާ ދޭން ސްޓޭއިން އަޕް. އަހަންނަށް ހީވަނީ ސަބަބު ސަލްވާއަށްވެސް އެނގޭނެހެން................" ހައިކަލް ސަމާސާއެއްކުރަން އުޅެފައިވެސް މަންމަގެ ހަރުކަށިކަމާއި ވިސްނާގޮތް ހިތަށް އަރާފައި ހަށިފުރާ ނޭވާއެއްލިއެވެ. އޭނަ ބޭނުންވާފަދަ ދިރިއުޅުމެއްގެ ކައިރިފަށަށް އާދެވިފައި ދުރަށް ދާން ހަމަ ޖެހޭހެއްޔެވެ. މިރޭވެސް ބޭކާރު ރެއެއްގެ ގޮތުގައި ނިމިގެންދާނެކަން ގައިމެވެ. މިކަހަލަ ކިތައް ރޭ އޭނަ ވޭތުކުރަން ޖެހޭނެހެއްޔެވެ. ހައިކަލް އަލަމާރި ހުޅުވާލާއިރަށް ޚިދުމަތްތެރި އަންބެއްފަދައިން ސަލްވާ އަވަހަށް ނިދަންލާ ޕިޖާމާ ނަގާދީފިއެވެ.

"ތޭންކްސް...." ހައިކަލް ޕިޖާމާއަތުލިއިރު ދެމީހުންގެ އަތްތިލަ ބީހުނެވެ. ހައިކަލްއަށްވެސް އަސަރުތަކެއްކުރިއެވެ. ހަށިގަނޑުގައި ނޭގޭ ވިންދެއްޖަހައިލިއެވެ. ސަލްވާގެ މޫނަށް ބަލަން އުޅެފައިވެސް އިތުރު ގޯހެއް އަތުން ހެދިދާނެކަމުގެ ބިރުން ފާޚާނާއާއި ދިމާލަށް ހިނގައިގަތެވެ.

"ނޯ ޝުގާ ނޯ މިލްކް. މޭކް އިޓް އެން އޯލް ބްލެކް ކޮފީ....." ހައިކަލް ކުޑަކޮށް އެނބުރިލިއިރުވެސް އޭނަ ސަލްވާއަށް ނުބަލަން މަސައްކަތްކުރިކަން ފާހަގަވިއެވެ. ސަލްވާއަށް އެކަން ވިސްނުނެވެ. އެއީ ކީއްވެހެއްޔެވެ؟ އެހާ އަވަހަށް ހައިކަލް ބަދަލުވިކަން އެނގުމުން ސަލްވާގެ ހިތަށް ކޮންމެވެސް ކަހަލަ އުދަގުލެއްވިއެވެ. އެ ނާޒުކް ހިތަށް ތަދުވެއްޖެއެވެ. ހިތާމައާއި ލަދުވެތިކަން އަދި އަމިއްލަ ނިކަމެތިކަންވެސް އިހުސާސްކުރެވުނެވެ. ހައިކަލްއަށް އޭނަ ކަމުނުދިޔައީބާވައެވެ. އެގޮތަށް ކަންތައްކުރަނީ އޭނަގެ ކޮން ކުށަކުންބާވައެވެ. އެހެން އެންމެން އޭނަ ދެރަކޮށްލިޔަސް ނިކަމެތިކުރިޔަސް ހައިކަލް އޭނައާއިއެކުގައި ވަންޏާ ލިބޭ ހިތްވަރެކެވެ. ނިދަން އުޅުނުމީހާ ކޮފީ ބޯނަމޭ ބުނެލިގޮތްވެސް ތަފާތެވެ. ހައިކަލްގެ އެހުންނަ ތަފާތު ގޮތަކުން އޭނަ މުޅިން އޮޅިއްޖެއެވެ. އެއްފަހަރު ލޯބިން ބަލާލައިފިއްޔާ އަނެއް ފަހަރު ބައްދަލުވާއިރު އެދޭތެރޭގައިވާ ދުރުކަން ކުރިއަށްވުރެ ފުޅާވެއެވެ. ސަލްވާ ކޮފީހަދަން ހުރެފައި ކޯތާފަތަށް ވެއްޓުނު ކަރުނަ ތިކި އޭނަ ފޮހެލިއެވެ.

ހައިކަލްވެސް ފާޚާނާއަށްވަންގޮތަށް މޫނަށް އަތްފެންގޮށިން ފެން ޖަހާލަން ހުރިއިރު އެތެރެހަށީގައި ނޭގޭ އަލިފާނެއްރޯވެފައިވާ ކަމުގެ އިހުސާސްކުރެވުނެވެ. އޭނައަށް ސަލްވާދެކެ ލޯބިވާންފެށީ ހެއްޔެވެ؟ ނޫނީ ހަމަ ރީތި އަންހެންކުއްޖަކަށްވީމަ ބޭނުންވަނީ ހެއްޔެވެ؟ ފިރިހެނެއްވެއްޖެއްޔާ ހަޔާތުގެ ބައިވެރިޔެއް ބޭނުންވާނެއެވެ. ނޫނީ ދެން ނަހަލާލު ގުޅުންތަކަށް ހިތް ދީލާން ފަށާނެއެވެ. އީމާންތެރިކަން ވަރަށް ވަރުގަދަވެގެން ނޫނީ ރަގަޅަށް އުޅެވޭނެކަމާއިމެދު ޝައްކެވެ. އޭނަގެ ހިތަށް އަނިޔާ ލިބުނަސް އެންމެ ރަގަޅެވެ. ނަމަވެސް ސަލްވާގެ ހިތް ދެރަކޮށް ރޮއްވާލަން ވާނެހެއްޔެވެ؟ ދެންމެވެސް އޭނަހެދި ގޮތުން ސަލްވާ ދެރަވާނެކަން އޭނައަށް ނޭގެނީއެއްނޫނެވެ. ސަލްވާގެ ހިތުގައި އޭނައަށްޓަކާ ކޮންމެވެސް ކަހަލަ މަގާމެއްވާ ކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ. ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށްޓަކާ ވަނީ ލޯބި ބާވައެވެ. އޭނައަށް ސަލްވާ ދެކެ ލޯބިވެއްޖެއްޔާ މަންމަގެ ހިތް ރުއްސާނެ ގޮތެއް އޮންނާނެބާވައެވެ. އޭނަ މަންމައަށް ވިސްނާދޭނީއެވެ. އޭނަ މަންމަދެކެ ލޯބިވާވަރު ހާމަކޮށްދީފައި މަންމަގެ މަގާމަށް އެހެން މީހަކަށް ނާދެވޭނެކަމަށް ބުނާނީއެވެ. އޭނަ އަންހެނުންދެކެވެސް ލޯބިވާކަމަށާއި މަންމަ އެކަން ގަބޫލުކުރަން އެދޭނެއެވެ. ހަގީގަތުގައިވެސް ބައެއް މަންމައިން ވަރަށް ހަރުކަށިވެފަ ޅީދަރިއާއިމެދު ހަސަދަވެރިވެސްވާނެއެވެ. ގޭގެ ވެރިޔާއަކީ މަންމަކަމުގައި ދެކޭނެއެވެ. އިންޑިއާ ތަންތާ ޅީދަރިން ގެންގުޅެނީ އަޅުންފަދައިންނެވެ. އެހާވެސް މަންމަގެ ނުފޫޒުގަދަވާނެއެވެ. ރޯޒްމެހެލްގައިވެސް ވާން މިއުޅެނީ ހަމަ އެފަދަ ގޮތެއްނޫންހެއްޔެވެ؟ އޭނަ ވިސްނާ ވިސްނާ ބޮލުގައި ރިއްސާގޮތްވިއެވެ. މަންމައަކީ މަންމަކަމާއި މަންމަ ޚާއްސަވަރު އަންގާދީ ލޯބިވާކަން އިހުސާސްކޮށްދިނުމަށްފަހު އަނބިމީހާދެކެވެސް އެހާ ވަރަށް ލޯބިވުމުން އިންސާފުން ކަންތައްކޮށްދެވިދާނެއެވެ. ދީނުގައި މަންމަގެ މަގާމާއި މަންމަދެކެ ވާ ލޯބީގެ ނާޖާއިޒު ފައިދާ ނަގައިގެން ފިރިހެންދަރިންގެ ކައިވެނީގެ ދިރިއުޅުން ހަލާކުކުރަންވެސް ހެޔޮވެގެނެއްނުވެއެވެ.

ހައިކަލްއަށް ވިސްނުނީ މަންމައާއި އަނބިމީހާއަށް އިންސާފުން ކަންތައްކުރުމަކީ ކޮންމެ ކޮންމެ ފިރިހެނަކަށް ކުރުން ފަސޭހަކަމަކަށް ނުވާނެކަމެވެ. ދެމީހުން ރުއްސޭނީ ކުޅަދާނަ މީހަކަށެވެ. ދެމީހުން ގޮވައިގެން އެއްގެއްގައި ހަމަޖެހިލައިގެން އުޅެވޭނީ ލައްކައަކުން އެކަކަށެވެ. އަރައިރުމާއި ހަމަނުޖެހުމުގައި ދިރިއުޅުމަކީ އަދި އެހެން ވާހަކައެކެވެ.

ހައިކަލް ފާޚާނާއިން ނުކުތްތަނާހެން ސަލްވާވެސް ކޮފީ ހިފައިގެން އައިސް ހުއްޓެވެ.

"ފީލިން ސްލީޕީ؟ "ހައިކަލް އަހައިލިއެވެ.

"ކުޑަކޮށް..........." ސަލްވާ ހިންދިރުވާލިއެވެ.

"މިތާ އިށީދެބަލަ އިރުކޮޅަކަށް......" ހައިކަލް އެހެން ބުނުމާއިއެކު ސަލްވާ ބަސްއަހާ ކުޑަކުއްޖެއްފަދައިން ވަގުތުން އިށީނެވެ.

ހައިކަލް ފުން ނަޒަރަކުން އެ މޫނަށް ބަލާލައިފިއެވެ. ސަލްވާ އަތުގެ އިނގިލިތަކާއި ކުޅެންއިންއިރު އެ ދޮންއަތަށް ބަލާލާފައިވެސް ހައިކަލްގެ ހިތް ތައުރީފުކުރިއެވެ. ކޮންފަދަ ފުރިހަމަކަމެއްހެއްޔެވެ؟ އަތުގެ ނާޒުކް އިނގިލިތަކުން ފެށިގެންވެސް މީހުންގެ ލޮލުގައި އަޅައިގަންނާނެހާ ފުރިހަމައެވެ. ހައިކަލްގެ ރީތިދެލޮލުން ހުއްޓުމެއްނެތި ބަލަމުންދާއިރު އޭނަގެ މޫނަށް ރަތްކުލަ ވެރިވާކަން އަމިއްލައަށްވެސް އިހުސާސްކުރެވުނެވެ. ދުވެ ފިލަން ބޭނުންވިއެވެ. ސަލްވާގެ ނަސީބު އޭނައާއި އެހީވެދިނެވެ. ހައިކަލްގެ ފުން ނަޒަރުން ސަލާމަތްވީ ހައިކަލްގެ ދައްތަ ނާޒްމީ ގުޅުމުންނެވެ. ނާޒްމީއަށް މަންމަ ބަލި ޚަބަރު ލިބިގެން ޓެސްޓްހަދަން އެކޮޅަށް ގެންދަންވެގެން ހައިކަލްއާއި ވާހަކަދައްކާލީއެވެ. ނާޒްމީގެ ދެމަފިރިން މަންމަ ބަލާ އަންނާނެކަމުގައި ބުނެލިއެވެ. ހައިކަލް އިރުކޮޅެއްވާންދެން ނާޒްމީއާއި ވާހަކަދެއްކުމަށްފަހު ސަލްވާއާއި ދިމާލަށް ބަލައިލިއެވެ. މަންމަ ޗެކަޕްއެއް ހައްދާލަން ބޭރަށް ފުރަން އުޅޭކަމުގައި ބުނުމުން ސަލްވާ އެކަމާއި ދެރަވެގެން ވާހަކަދެއްކިއެވެ. މަންމައަށް ހެޔޮ ދުޢާކުރިއެވެ. އަވަސް ޝިފާއެއް ދެއްވުމަށް އެދުނެވެ. ހައިކަލްގެ ހިތަށް ތަފާތު އިހުސާސްތަކެއްކުރެވުނެވެ. އެންމެން އެހާ ރުޅިއަންނައިރުވެސް ސަލްވާ ހާދަ ހިތް ހެވެވެ. އެހެންމީހުންގެ ހިތްތަކުގައިވާ ނަފްރަތާއި ރުޅިވެރިކަން އެކުއްޖާއަށް އެނގުނަސް އެކަމާއި އަޅައެއްނުލައެވެ. ސަލްވާވެސް ވަކި ހިސާބަކުން ފޫހިވެދާނެކަންނޭގެއެވެ.

ހައިކަލްއާއި ސަލްވާ ކައިރީގައި އިށީދެގެން ތިބެ ކޮފީބޮމުން ދިޔައިރު ކުދިކުދި ވާހަކަތައް ދެކެވުނެވެ. ސަލްވާ ކުރާ ހިތްވާ ކަންތައްތަކާއި ރުޅިއަންނަ ކަންތައްތަކާއި ބެހޭގޮތުން ހައިކަލް ސުވާލުކުރިއެވެ. ސަލްވާގެ އާއިލާގެ ޚަބަރު އޮޅުން ފިލުވިއެވެ. ހައިކަލް ހުރިހާ އެއްޗެއް ދެނެގަންނަން ބޭނުންވާހެން ހީވުމުން ސަލްވާގެ ހިތަށް ސިއްރު އުފަލެއްލިބުނެވެ. ކޮފީމަގު ހުސްވުމުން ސަލްވާ ތެދުވެ ހައިކަލްއަށް ދެވަނަ ކޮފީތަށްޓެއް އަޅާދޭން އުޅުނެވެ. އެއް އަތުން ތަރުމޯޒު ހިފަހައްޓައިގެން އަނެއް އަތުން މަގު ހިފައިގެން ހުރެ ކޮފީއަޅަން އުޅުމުން ލިބުނު ލަނޑުވެސް ދެރައެއްނޫނެވެ. ދުންއަރަ އަރާ ހުރި ކޮފީ މަގާއިއެކު އަތަށްވެސް އެޅި ދިލަނަގައިގަތީ ކެތްނުވާވަރަށެވެ. ސަލްވާއަށް އޯނޯއޭ ބުނެލެވުނެވެ.

"ޑޭމިޓް. ސަލްވާ. ކީއްވެ ބަލާ ނުލާ އުޅެނީ؟ ކިރިޔާނު އަތުގެ ދުވަސް ނުދިޔައީ. ތީ ކުޑަކުއްޖެއްނޫނެއްނު. ތިހެން އުޅެމުން ބޮޑު އަނިޔާއެއް ވެއްޖެއްޔާ ސަލްވާގެ ބައްޕަ ކައިރީ ބުނާނީ ކީކޭތަ؟ އަހަރެންގެ ރައްކާތެރިކަމުގައި އަހަރެން ހުރިހާ ޒިންމާއެއް ނަގައިގެން ހުރެ ކުޑަ ކުޑަ އަނިޔާއެއްވެސް ވާކަށް ނޭދެން. އަޑުއިވިއްޖެތަ.............." ހައިކަލްއަށް އެމަންޒަރު ފެނިފާ އެހެންކަހަލަ ރުޅިއެއް އައެވެ. ސަލްވާއަށް އަނިޔާއެއްވުމުން އޭނައަށް އުދަގޫވިއެވެ. ސަލްވާ ބަލައިނުލާ އުޅޭތީ އަމިއްލަ ނަފުސާއި އަޅާނުލާތީ ވާހާ ކަންތައްތަކެވެ. ރުޅިއައިސްގެން ހަޅޭއްލެވުނީ އެހެންވެއެވެ. އޭނަ ވަގުތުން ތަރުމޯޒު އަތުލިއެވެ. އަދި ސަލްވާގެ އަތުގައި ހިފައިގެން ފާޚާނާއަށް ގެންގޮސް އިސްކުރަށް ދޫކޮށްލިއެވެ. ސަލްވާގެ އަތުގައި ހިފައިގެން ފެނަށް ލައިގެން ހުރިއިރު އެދޭތެރޭގައިވާ ގާތްކަން ދެމީހުންނަށްވެސް ވީ އުދަގޫކުރުވަނިވިކަމަށެވެ. އޭނަގެ އަތުގައި ހިފަހައްޓައިގެން ހައިކަލް ހުރިއިރު އޭނަ ހައިކަލްއާއި ސިންކާއި ދޭތެރޭގައި ވެފައި ހުރީ ހިރިލާންވެސް ނުކެރިފައެވެ. ހައިކަލް ހަމައަކަށް އެޅުމުން ދެރަވެސްވިއެވެ. އެހާ އާދައިގެ ކަމަކާއި އޭނައަށް ސަލްވާއާއި ދިމާލަށް ހަޅޭއްލަވައިގަނެވިއްޖެއެވެ.

"ސޮރީ ތަންކޮޅެއް ބާރަށް އެހެން ބުނެވުނީމަ. ސަލްވާ މާ ކްލަމްޒީވެގެން އުޅޭތީއޭ........" އެދޭތެރޭގައިވާ ހިމޭންކަން މުގުރައިލިއެވެ. އެހިމޭންކަންދެކެ އޭނަވެސް ބިރުގަތީއެވެ. ކުރެވިދާނެކަމަކާއިމެދުވެސް އެހާ ހާސްވިއެވެ. ނަފުސް ކޮންޓްރޯލކުރަން އަމިއްލަ ހިތާއި ހަގުރާމަކުރަން ހައިކަލްއަށް މަޖުބޫރުވިއެވެ. އެދޮންދޮން ކޯތާފަތުގައި އެންމެ ކުޑަވެގެން އަތް ބީއްސާލާން ބޭނުންވެފައިވެސް ހިތަށް ވިސްނާދިނެވެ. ފާޚާނާތެރޭގައި ހުރި ބާތުޓަބްގެ ވަށައިގެން ދިއްލާލާފައިވާ އުއްބައްތިތަކުގެ ސަބަބުން އެތަންވެސް ފެންނަނީ ހުވަފެނީކޮށެވެ. ހައިކަލް މަޑުމަޑުން ސަލްވާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލުމުން ސަލްވާ ސިހުނެވެ. ހައިކަލްއަށް ނޭގިބާވައެވެ. ނޫނީ ގަސްތުގައި ކުރިކަމެއްހެއްޔެވެ؟ ސަލްވާގެ މޭގަނޑު ފުންމާލަފާނެހެން ހީވާހާ ބާރަށް ތެޅެމުންދިޔައިރު މުޅިކުއްޖާ ފިނިވެގެންގޮސް އެހެންކަމެއްހެން ހީވިއެވެ. ހައިކަލް އެހާ ކައިރީގައި ހުރުމުން އޭނަ ބިރުގަނެއްޖެއެވެ.

"ހަމަޖެހިބަލަ.......... " ހައިކަލް ބުނެލިއެވެ.

"ކީކޭތޯ......." ސަލްވާ މަޑުމަޑުން އަހައިލިއެވެ.

"މާ ހާސްވެފައި ހުރީމަ. އަދިވެސް ދިލަނަގާތަ؟ " ހައިކަލް ދުރަށް ޖެހިލިއެވެ.

"މިހާރު އޯކޭ....." ސަލްވާ ނުކުންނާން ހިނގައިގަތެވެ. މޭޒުމަތީގައި ހުރި ތަބައް ހިފައިގެން އޭނަ ދިޔުމުން ހައިކަލް ކައުޗަށް ވެއްޓިގަތްގޮތަށް ދެލޯ މަރައިލުމާއިއެކު އެކިޚިޔާލުތައް އޭނަގެ ސިކުނޑިއަށް އުދަގޫކުރަންފެށިއެވެ. ފަނަރަވަރަކަށް މިނިޓް ފާއިތުވެގެން ދިޔައިރު ހައިކަލް ދެފަރާތަށް ފުރޮޅި ފުރޮޅިއޮތެވެ. ސަލްވާ ބޭރަށްގޮސްފައި މާ ލަސްވަނީ ކީއްވެބާވައެވެ.

ޖެހިގެން އައިދުވަހު ވިޝާމް މާލެއައެވެ. އެކުވެރިޔާގެ ހާލަތު ހުރިގޮތުން އޭނަ ބޭރަށް ގެންދަން ޖެހުމުން މާލޭގައި މަޑުނުކޮށް ވަގުތުން ފުރައިގެން ދިޔައީ ލަންކާއަށެވެ. އަބުދުލްއަޒީޒުގެ ދެމަފިރިންވެސް ބޭސްކުރުވަން ފުރިއިރު މެހެރީނާވެސް އެމީހުންނާއިއެކު ދިޔައީ ބާޒާރުކޮށްލާށެވެ.

އަޒަލް އެތައްވަރަކަށް ކިޔައިގެން ހައިކަލް އޭނަގެ ބައްޕަގެ އެންމެ އަގުބޮޑު ރިޒޯޓަށް ދަތުރުދާން ހަމަޖެއްސިއެވެ. މިދަތުރުގައި ހައިކަލް ނިންމީ އޭނައާއި ސަލްވާ ޕްރައިވެޓް ވިލާއެއްގައި ތިބުމަށެވެ. އެދެމީހުންނަށް އެކަނިމާ އެކަނި ބީޗެއްގައި ތިބެވިއްޖެއްޔާ ފަހަރެއްގައި އެދޭތެރޭގައިވާ ދުރުމިނެއް ނެތިގެންދާނެއެވެ. ހަނީމޫންގެ ދުވަސްތައް އެތާގައި ވޭތުކުރުމަކީ އޭނަގެ އުއްމީދެވެ. މަންމަގެ ހިތުން ޖާގަ ހޯދުމަކީ ސަލްވާއަށް ދަތިކަމަކަށް ވާނެހެން އޭނައަށް ހިޔެއްނުވެއެވެ. އެ ކުޑަ އާއިލާ ރިޒޯޓަށް ފުރިއިރު އަޒަލްއާއި އާޒީންވެސް ތިބީ ވަރަށް ހަމަޖެހިފައެވެ. ބައްޕައާއި ދޮންމަންގެ ގުޅުމަށް އެކުދިންވަނީ މަރުހަބާ ކިޔާފައެވެ. ރިޒޯޓަށްގޮސްފައިވެސް ސަލްވާ އެކުދިން ކައިރީ ޟުހާ ނަމާދުކުރަން ހަދާންކޮށްދިނެވެ. މޫދަށް އެރޭހިތުން މޮޔަވެފައި ތިއްބަސް އެންމެ ފުރަތަމަ ނަމާދުކޮށްގެން ދުޢާކުރިއެވެ. ސަލްވާ ބުނާފަދައިން އަޅުކަންކުރުމުން އެލިބޭ ހިތްހަމަޖެހުން އެހެން ހުރިހާ ކަމަކާއި ނުބައްދަލެވެ. ހެއްދެވިފަރާތާއި ގުޅުން ވަރުގަދަކުރުމުން އެހެން ހުރިހާ ފަރާތްތަކާއި އޮންނަ ލޯބި ހަރުދަނާވެ އުފާވެރިކަން އިތުރުވާނެއެވެ.

ކޮމެންޓް 0