ވިޝާމް ބޭނުންވީ ހަޅޭއްލަވައިގަންނާށެވެ. އޭނަގެ ދީވާނާ ހިތް ލޯތްބަށްޓަކާ ތެޅިފޮޅޭތާ މިވަނީ ކޮންދުވަހެއް ހެއްޔެވެ؟ އެއްވެސް ރަހުމަކާއި ނުލައި ސަލްވާ އޭނަގެ ހިތް ހަލާކުކޮށްލީއެވެ. ވިޝާމް އިސްތަށިގަނޑުގެ ތެރެއަށް އަތްމަހައިލިއެވެ. އޭރު އޭނަގެ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އޮހިގެންފިއެވެ.

ވިޝާމްއާއި އަޒަލްއަށް ހައިކަލްދިން ހަނީމޫން ދަތުރުގައި ނުގޮސް ހުރުމުން އެހެންމީހުނަށް ޝައްކުވެދާނެތީ އެ ހަތްދުވަހުގެ ދަތުރުދާން ވިޝާމް ނިންމިއެވެ. މިހުރިހާދުވަހު ކެތްކުރިގޮތަށް އިތުރު ހަތް ދުވަސްވާންދެން އޭނައަށް ކެތްނުކުރެވެންވީ ސަބަބެއްނެތެވެ. ފުރައިގެން ދިޔުމުގެ ކުރިން ސަލްވާގެ މޫނު ފެންނަން ހިތްއެދުނަސް އެކަންކުރެވެންވެސް ނެތެވެ. ސަލްވާ ހުންނަނީ މޫނު ފޮރުވައިގެންނެވެ. އެއީވެސް އޭނަގެ ހިތަށް އިންތިހާއަށް ދަތިކަން ލިބޭކަމެވެ. އޭނަގެ ފަލަކުގައި ރަނިކަންކުރާ ސާދަވިލޭރޭގެ ހަނދަށް ވިލާގަނޑެއް އެޅިފައިވާފަދައެވެ. އެންމެފަހަރަކުވެސް އެސޫރަ ފެންނާނެނަމައެވެ. ދެކޭހިތުން ކެތްތެރިކަން ކޮޅުންލައިގެން ދާވަރުވެއެވެ.

ވިޝާމްމެން ފުރިތާ ދެވަނައަށްވީ ދުވަހު އަޒަލްގެ ކައިވެންޏަށް އައި އެއާއިލާގެ އެންމެންހެން އެނބުރިގޮސް ގެ ފަޅުވެއްޖެއެވެ.

ރޯޒްމެހެލް ތެންމަމުން ދިޔައީ ނޮވެމްބަރުގެ ފިނި ފިނި ވާރެއިންނެވެ. ސަލްވާ ހެދުނު ތެދުވިގޮތަށް އާދައިގެމަތިން ހައިކަލްއަށް ބެޑްކޮފީ ގެނެސްދިނެވެ. ނާސްތާކުރާނީ އެންމެން އެކީގައިކަމަށްވާތީ ހައިކަލްއާއި އެކީގައި ސައިބޯންދާން އޭނައަށް އަދިވެސް ނުކުރެއެވެ. އެކަމަކު އަބަދަށްޓަކާ އެހެނެއް ނޫޅެވޭނެއެވެ. އެންމެންގެ ކުރިމަތީގައި މޫނު އަޅައިގެން އިނުން ނިމުމަކަށް ގެންނަންވެސް އެބަޖެހެއެވެ. ކޮންމެފަހަރަކު ކާންއަޅައިގެން ކޮޓަރިއަށް ގެނައުމަކީވެސް ރީތި އުސޫލެއްނޫނެވެ. ހައިކަލްގެ ކުރިމަތީގައިވެސް އޭނަ ހުންނަނީ ހެދުންތަކުގެ މަތިން ގަޔަށްދޫކޮށް އޮންނަ ނައިޓީއެއްކަހަލަ ހެދުމެއްލައިގެން ދޮޅިއެއް އަޅައިގެންނެވެ. ފިރިމީހާގެ ކުރިމަތީގައި އެހެން އުޅެން އޭނަގެ ހިތްވެސް ދެކޮޅެވެ. ނަމަވެސް ހައިކަލްގެ ފަރާތުން އިޝާރާތެއް ނުލިބި އެކަހަލަ ފިޔަވަޅެއް ކުރިއަށް އަޅަންވެސް ޖެހިލުންވަނީއެވެ. މިއަދު ފިނިގަދަކަމުން މިގޮތަށް މަތިމަތިން ދެތިން ހެދުންލައިގެން ހުރުމުގެ ފައިދާ އެބަފެނެއެވެ. ފިނީގެ އިހުސާސެއްނުކުރެވި ހީފިލުވާލަދިނެވެ.

ހައިކަލް ފާޚާނާއިން ނުކުމެގެން އައީ ތުވާލިން އިސްތަށިގަނޑު ހިއްކަމުންނެވެ. އެކަނި ފަޓުލޫނުލައިގެން ހުރިތަން ފެނުމުން އެހަށިގަނޑަށް ބަލައިލަން ނުކެރި ހުރެ ކޮފީތަށި ދިއްކޮށްލިއެވެ. ހައިކަލްގެ ނަޒަރު ސަލްވާގެ މޫނަށް ހުއްޓުނެވެ. ސަލްވާގެ އޮމާން އޮމާން މޫނުގައި ހީވަނީ ކްރީމެއް އުނގުޅާލާފައި ހުރިހެންނެވެ. ވިދުންގަދަކަމުގެ ހައްދެއްނެތެވެ. ކޮފީމަގުގައި ހިފިއިރު އެއަތުގެ އިނގިލިތަކުން ސަލްވާގެ އަތުގައި ބީހިލިއެވެ.

"ތޭންކްސް ގަލްބީ....." ހައިކަލްގެ ހިނިތުންވެލާފައި އެހެން ބުނުމުން ސަލްވާއަށް އެހެން ކަހަލަ އިހުސާސްތަކެއްކުރެވުނެވެ. ހުވަފެނުގައި ފެނުނު ފަދައިންނެވެ. ހިތަށް ލިބުނު ތަފާތު އުފާވެރިކަމާއިއެކު މޫނަށް ފިނިފެންމަލުގައި ހުންނަ ކުލަ ފާއްދާލިއެވެ. ދޭނެ ޖަވާބެއްވެސް ނޭގިފައި ހުރެފައި ހީލެވުނީ ރަކިކޮށެވެ. އެދޭތެރޭގައިވާ ލަދުވެތިކަމުގެ ފަރުދާ އުފުލޭނީ ކޮންދުވަހަކުންބާވައޭ ސަލްވާގެ ހިތަށް އެރިއެވެ. އޭނައަކީ މިހާ ނުކެރޭ ކުއްޖެއްވެސް ނޫނެވެ. ކުރިން އޭނަ އަނގަގަދަކަމުންނާއި ލާނެތްކަމުން ގޭގައި އުޅޭ މީހުންނާއި އަވަށްޓެރިންނަށް ހާދަ އުދަގޫކުރިއެވެ. ނަމަވެސް ހައިކަލްއާއި ދިމާވުމަށްފަހު އޭނައަށް ނުކެރޭ ބަލިޖެހިއްޖެއެވެ. ތަންކޮޅެއް ހަރުވީމަ ކުރެވޭ އިހުތިރާމެއްގެ ބޮޑުކަމުންބާވައެވެ. ހައިކަލް ފެންނައިރަށް އޭނަ ލަދުންގޮސް ދުވެފިލަން ބޭނުންވެއެވެ. ހައިކަލްގެ އެދެލޮލުން ބަލާލައިފިއްޔާ އަދި އެވާގޮތެއް ބުނެދިނުން އޭނައަށް ފަސޭހައެއްނޫނެވެ. ބާރުވައި ރޯޅިއަކާއިއެކުގައި ބެލްކަނީގައި ދަމާފައިވާ ބޯ ފަރުދާތައްވެސް ހޫރިގަތެވެ.

"މިއަދު ޔެލޯ އެލާޓްނެރެފައި ދޯ މިއޮތީ....... " ސަލްވާ ލަދުގަތްވަރު ފެނުމުން އާދައިގެ ގޮތަކަށް ހައިކަލް އަހާލިއެވެ.

"ވައިބާރުކަމުން ގޭގެ ފުރާޅުތައްވެސް އެއްލައިލިވާހަކަ ނޫހުގައި އޮތް. ކޮންމެވެސް ރަށަކަށް ނަގޫރޯޅިއެއްވެސް އެރިޔޯ. ނަސީބެއް މީހަކަށް އަނިޔާއެއްނުވިކަން. އަލްހަމްދުލިﷲ...................." ސަލްވާ ސޯފާގައި ޖައްސާލުމަށްފަހު ފޯނާއި ކުޅެންފެށިއެވެ. ހައިކަލް ގަމީސްލުމަށްފަހު ގޮށް އަޅުވަން ހުރެފައިވެސް ސަލްވާއާއި ދިމާލަށް ބަލައިލިކަން އެނގުނެވެ.

"ކޮންމެ ކަމެއްގެވެސް ހިކުމަތެއް އޮންނާނެ. ބައެއްފަހަރު އިންޒާރު ނޫނީ ފިލާވަޅަކަށް ނޫނީ ހަމަ އެހެންމީހުންނަށް އިބުރަތަކަށްވެސް ކަންތައްވޭ. އެއްވެސް މީހަކަށް އަނިޔާއެއްނުވިކަމާއިމެދު ޝުކުރުކޮށް ބޮޑަށް ހެއްދެވިފަރާތާއި ގުޅުން ވަރުގަދަކުރަންދޯ ހަމަޖެހެނީ...." ހައިކަލް ވާހަކަދެއްކީ ސަލްވާގެ ހިތް އުފާވާފަދަ ގޮތަކަށެވެ. އޭނަ ކޮފީތަށިހިފައިގެން އައިސް އިށީނީ ސަލްވާއާއި ދާދި ކައިރީގައެވެ.

"ލައްބަ. މިއީ ވަގުތީ ތަނެއްވީމަ ކޮންމެ އިރަކުވެސް ދާއިމީ ގެއަށް ދާންޖެހިދާނެކަމަށް ރެޑީވެގެން ތިބުން ބުއްދިވެރި. ކޮންމެކަމަކީ ސައިން އެއް............" ސަލްވާ މަޑުމަޑުން ބުނެލިއެވެ. ބޮޑީޝޮޕްގެ މީރުވަހުން ހިތްފުރިގެން އަރާވަރުވިއެވެ.

"އިސްލާމިކް ޑިގްރީ ހަދާއިރު ކޮންކަހަލަ މާއްދާތަކެއް ކިޔަވަނީ؟ " ހައިކަލް ސަލްވާ ލައްވާ ވާހަކަދައްކުވަންވެގެން އެހިއެވެ.

"އިސްލާމިކް ފެއިތް. މެތޮޑްސް އޮފް ދައުވާ. އިސްލާމިކް އެޑިއުކޭޝަން.........."ސަލްވާ ބުނެދިނެވެ. ދީނާއިމެދު މިއަންހެންކުއްޖާގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަމާއިމެދު ހައިކަލްވެސް ހައިރާންވިއެވެ. އޭނަވަނީ ތަފާތު އަންހެންކުދިންނާއި ދިމާވެފައެވެ. މަންމައާއި ދައްތަމެން އަދި ކުރީގެ ދެ އަނބިންނާއި އާއިލާގެ މީހުންގެ އިތުރުން އެއްކޮށް މަސައްކަތްކުރާ މީހުންގެ ތެރޭގައިވެސް ދީނީއެއްވެސް މީހަކު ނޫޅެއެވެ. ތަފާތު އިހުސާސްތަކެއްކުރެވުނެވެ. ސަލްވާގެ ހިތުގައި ހެއްދެވިފަރާތަށް އޮތް ލޯބި އެކުޑަ ކުޑަ ވާހަކަކޮޅުންވެސް ދޭހަވިއެވެ. ރައުދާގެ ބަދަލުގައި މިހާ ދީންވެރި ކުއްޖަކާއި ކައިވެނިކުރެވުނަމަ މިގޭގައި އޮންނާނީ ވަރަށް ތަފާތު އުސޫލުތަކާއި މާހައުލެއްކަމާއިމެދު ޝައްކެއްނެތެވެ. ސަލްވާ ބޭނުންވަނީ ޓީޗަރަކަށްވާށެވެ. ނޫނީ އުސްތާޒާއަކަށްވެގެން މީހުންނަށް ދަރުސްދޭށެވެ. މެހެރްޓީވީއިން ފުރުސަތުލިބިއްޖެއްޔާ ދީނީ ޕްރޮގްރާމްއަކަށް އަރަން އުއްމީދުކުރާކަމުގައިވެސް ސަލްވާ ބުނެލިއެވެ. އެކިގޮތްގޮތުންވެސް މީހުންނަށް ދީން އޮޅުންފިލުވާދީ ރާއްޖޭގެ މީހުން ވެއްޓެމުންދާ ވަޅުގަނޑުން ސަލާމަތްކުރަން އޭނައަށްވެސް އެހީއެއް ވެވިއްޖެއްޔާ ކިތަންމެހާވެސް ރަގަޅެވެ.

"އަޅުގަނޑުމެން ނަމާދުކުރިޔަސް ގުރުއާނުގެ ދެލިގަނޑު ކިޔެވިޔަސް ހަގީގަތުގައި އޭގެ މާނަނޭގޭނެ. ތަފްސީރުނޭގުމުން ހިތަށް އަސަރެއްނުކުރާނެ. ފަސްވަގުތު މިސްކިތަށް ދިޔަސް ނަމާދުކުރެވުނުކަމަކަށް ނުވާނެ. ޚުޝޫއަތްތެރިކަމާއިއެކު ނަމާދުކޮށް ގުރުއާންއަކީ ކޯޗެއްކަން އެނގިގެން ކިޔަވާނީ. އަޅުގަނޑުމެންނަށް ދީނީ އިލްމުލިބިފައިވާލެއް ވަރަށް ކުޑަ. ލެކްޗާތައް ބަލާ ހެއްދެވިފަރާތާއި އޮތް ގުޅުން ވަރުގަދަކުރުމުން ހިތްތަކަށް ރޫހާނީ ހަމަޖެހުން ލިބޭނީ. އޭރުން ތަފާތު ފޮނި އިހުސާސްތަކެއްކުރެވޭނެ. ކޮންމެ ކަމަކާއިވެސް ވާހަކަދައްކާލެވޭނެ ފަރާތެއްވާނެ. ނަމާދުކޮށްގެން އެއްވެސްކަހަލަ ހަމަޖެހުމެއް ނުލިބެންޏާ އޭގެ މާނައަކީ ރަގަޅަށް އަޅުކަން ނުކުރެވެއޭ. އަޅުގަނޑުމެންނަށް ވާގޮތަކީ ހެދުނުން ފެށިގެން ހަވީރުވާންދެން އޮފީހުގައި ތިބެފާ ދެންވެސް މީޓިންތައް ނޫނީ އެކުވެރިންނާއިއެކު ކޮފީގައި ތިބެފާ ދީނަށް ވަގުތެއްނުދެވޭ. ނަމާދުކުރާށޭ ކިޔާފައި ނިތް ތަޅާލަނީ. އެހެންވެ ހަގީގީ އުފަލެއް ނުލިބޭނެ. ފައިސާ ލިބިފައިހުއްޓަސް......" ސަލްވާ އެހުރިހާ ވާހަކައެއް ދެއްކީވެސް އިސްއުފުލައިލަން ނުކެރި އިނދެއެވެ.

"ހެހެ. އަހަރެންގެ ވާހަކަ ނުސީދާކޮށް ތިބުނީ؟ " ހައިކަލް މަޑު ހުނުމުންވެސް ސަލްވާގެ ހިތަށް އަސަރުތަކެއްކުރިއެވެ. އެއާއިއެކު އޭނަ އެބުނި ވާހަކަ ހައިކަލްއަށް ރަގަޅަށްވެސް އަމާޒުވާކަން ވިސްނި ހާސްވެ ލަދުގަންނަގޮތްވިއެވެ.

"ނު...ނޫން. ކޮންމެހެން އެހެނެއްނޫން....." ސަލްވާ ރަކިގޮތަކަށް ހީލިއެވެ.

"އިޓްސް އޯކޭއޭ. ސަލްވާ ޔޫ އާ ރައިޓް؟ ހަމަ ހަގީގަތަށް ތި ވާހަކަދެއްކީ. ދިރިއުޅުމުގައި މިވީހާތަނަށް ހިތާހިތުން ކުރަމުން އައި ސުވާލުގެ ޖަވާބު ސަލްވާ ދީފި. އެހެންވެ ދޯ އަހަންނަށްވެސް މިހުރިހާ އެއްޗެއް ލިބިހުރެ ހިތަށް ހަގީގީ އުފަލެއް ނުލިބިގެން މިއުޅެނީ. އައި ހޯޕް ސަލްވާގެ ފަރާތުން ދަސްވާނެކަމަށް....." ހައިކަލް ހައިރާންވީ މިހާ ޅަ އަންހެންކުއްޖެއްގެ އަގީދާ ވަރުގަދަކަމުންނެވެ. އޭނަގެ އަޒަލްއާއި އާޒީންއަށް ދީނާއި ބެހޭގޮތުން އެނގޭނީ ކުޑަ ކުޑަ މިންވަރެކެވެ. މާއިޒް ދީނާއި ދޭތެރޭ ދެކޭގޮތެއްވެސް ހައިކަލްއަކަށް ނޭގެއެވެ. ހުޅަގުގެ އަވައިގާ ޖެހިގެން އެކުދިންގެ އަގީދާ ބަލިކަށިވެ އެހެން ދިމާލަށް ގޮއްސިއްޔާ ޒިންމާވާން ޖެހޭނީ ޚުދު އޭނައެވެ.

ހައިކަލް ކޮފީތަށި ހުސްކޮށްލުމަށްފަހު ތެދުވުމުން ސަލްވާ ތަށި އަތުލިއެވެ.

"ސަލްވާ. މޫނު ފޮރުވުމަކީ މަޖުބޫރުކަމެއްތަ؟ " ހައިކަލް އަހައިލިއެވެ.

"ނޫން....." ސަލްވާ ޖެހިލުންވެފައި ހުރެ ބުނެލިއެވެ.

"ވީއިރު އަހަރެން ބޭނުން ކޮންމެއިރަކު ކެއުމުގައި ސަލްވާ އަހަންނާއިއެކު ބައިވެރިވާން......." ހައިކަލް އެދުނެވެ.

"އެކަ....އެކަމަކު މެހެރީން..ދައްތަ....." ސަލްވާ ހާސްވީވަރު ފެނިފައި ހައިކަލްއަށް އެވަގުތު މަޑުމަޑުން ސަލްވާގެ ކޮލުގައި އަތްބީއްސާލެވުނީ ހިތްވަރުދިނުމުގެ ގޮތުންނެވެ.

"ސަލްވާ. ތިއީ އަހަރެންގެ ވައިފް. އެހެންމީހުންނާއި ކުރިމަތިލާން ހިތްވަރު ހުންނަން ޖެހޭނެ. އެނގެއެއްނު. ދުވަހަކުވެސް މައިދައިތަ ނޫނީ ފަހަރިން އެހާ ހިތްހެވެއްނުވާނެ. އެކީގައި އުޅޭއިރު ޖެހޭ މައްސަލަތައްވެސް ހުންނާނެ. އެކަމަކު ސަލްވާ ޖެހޭނެ ކެރެން. އެހެން މީހުންނާއި ވާހަކަދައްކަން. އެހެންމީހުންގެ ހިތާއި ހަމަޔަށް ފޯރަން. އެންމެފަހުން އެންމެންވެސް ސަލްވާދެކެލޯބިވާން ވެސް ފަށާފާނެ. ހޫ ނޯސް...." ހައިކަލް ވާހަކަދައްކަން ހުރެ ލޯގަނޑުން ސަލްވާގެ މޫނަށް ބަލައިލިއިރު ސަލްވާވެސް ހުރީ ބަލާށެވެ. ސަލްވާ ވަގުތުން އިސްޖަހާލަމުން ތުންފަތުގައި ދަތްއަޅައިގަތެވެ. ހައިކަލް އަތުން އިސްތަށިގަނޑު ރީތިކޮށްލައިފިއެވެ. އަތުކުރީގައި އަޅާ އަގުބޮޑު ގަޑީގެ ސަބަބުން އެފިރިހެންވަންތަ އަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ހައިކަލް ދޮރާއި އަރާ ހަމަވެފައި ސަލްވާ އަށް ބަލައިލަމުން އަންނާށޭ ބުނެލިއެވެ. ސަލްވާ ހުރީ ޖެހިލުންވެފައެވެ. ހައިކަލްއާއިއެކު އޭނަ ސައިބޯން ދިޔައްޔާ އެންމެންވެސް ރުޅިއަންނާނެއެވެ. މެހެރީނާ ފަހުން އޭނަގެ ގަޔަށް ބޮލަށް އަރައިނުގަންނާނެކަމެއްވެސް ނޭގެއެވެ. ސަލްވާ ދެ ޚިޔާލެއްގައި ހުއްޓާ ހައިކަލް ސަލްވާގެ އަތުގައި ހިފައިގެން ހިނގައިގަތުމުން ސަލްވާ ހުރީ ހުވަފެނެއްގައިވާ ކުއްޖެއްހެންނެވެ. ގަބޫލުކުރަން ދަތިވެފައެވެ. އާދައިގެ މަތިން ހައިކަލް ކޮޓަރި ތަޅުލާކަށް ނޫޅުނެވެ. އޭނަ ކޮޓަރި ހުޅުވާފައި ހުއްޓަސް އެތަނަށްވަދެ ހާވާނެ މީހަކު ނުހުރެއެވެ. އޭނަ ފޮރުވާފައި ބަހައްޓާކަހަލަ އެއްޗެއް އެކޮޓަރިއަކު ނުހުރެއެވެ. ސަލްވާގެ އެއްޗެހި އަޅާފައި ހުންނަ އަލަމާރި އޭނަ ހުންނަނީ ތަޅުލާފައެވެ. އަންހެންކުދިންވީމަ ސިއްރު ޑައިރީއާއި އެއްޗެހި ހުންނާނެކަން ހައިކަލްވެސް ދަނެއެވެ.

ހައިކަލްގެ ފަހަތުންގޮސް ކާކޮޓަރިއަށްވަންއިރު އެ ތަނަވަސް ކާކޮޓަރީގެ އަލިކަން އެހެން ދުވަހަށްވުރެ ފަނޑެވެ. ސަބަބެއްނެތިއެއްނޫނެވެ. ކުޑަދޮރުތައް ހުޅުވާލާފައި ފަރުދާތައް ކަލާފާއި ހުއްޓަސް އިރުގެ އަލިކަމެއްނެތެވެ. އޭރުވެސް އެއްރާގަކަށް ވާރޭ ވެހެމުންދާތަން ފެނެއެވެ. ގަސްތަކުގައި ފެންތިކިތައް ބީހިލާ މަންޒަރު ހާދަ ހިތްގައިމެވެ. އެންމެންގެ ލޯތައް ސަލްވާއަށް އަމާޒުވުމުން ސަލްވާ ވަރަށް ލަދުގަތެވެ. އަބުދުލްއަޒީޒުއާއި ޒައިތޫންވެސް ސުވާލުގެ ނަޒަރަކުން ބަލާފައި ދެނެގަތީކަންނޭގެއެވެ. ޒައިތޫން ތުން ފިތައިލަމުން ކުރިމަތީގައި ހުރި ތަށްޓަށް ނަޒަރު ހުއްޓާލައިފިއެވެ. ސަލްވާގެ ރީތިކަމާއި ޅަކަން ފެނުމުން ޝޮކެއްލިބުނެވެ. އެއްވެސް މޭކަޕެއްނެތި ހުރިއިރުވެސް އެކުއްޖާގެ ތާޒާކަމާއި މޫނުގެ އޮމާންކަމުން އަސަރުނުކުރާނެ ހިތެއްވާނެ ކަމެއްނޭގެއެވެ. ހައިކަލް އެހާ ނިކަމެތި އަންހެންކުއްޖަކާއި ގުޅެންޖެހުނު ސަބަބުން އަބުދުލްއަޒީޒިގެ ދެމަފިރިންނަށް ވިސްނިއްޖެއެވެ. މެހެރީނާ ރުޅިއައިސްގެން ފަޅަފަޅައިގެންދާވަރުވިއެވެ. ސަލްވާއަށް އޭނަ އިންޒާރުކޮށްފައި ހުއްޓާ މޫނު ނެގުމުގެ ހިތްވަރު ލިބުނީ ކިހިނެއްހެއްޔެވެ؟ މާއިޒްވެސް ކާކޮޓަރިއަށް ވަދެފައި ދެވަނަ ފަހަރަށް ސަލްވާގެ މޫނަށް ބަލައިލީ ޔަގީންނުވެފައި ހުރެއެވެ. މިއީ ހަމަ ސަލްވާހެއްޔެވެ؟ އަޒަލްމެން މިކުއްޖާ ރީތިވެގެން އެވާހަކަދެއްކުމުން އޭނަ ހީކުރީ ޖެއްސުމަކަށް ބުނި އެއްޗެއްކަމުގައެވެ. ބައްޕަގެ އަންހެނުން އަޒަލްމެންނަށްވުރެވެސް ޅަ ވައްތަރު ޖަހައެވެ.

"ގޯޑް. ނޯ...ސޯ ޔަންގް އެންޑް ޔުނީކް ގޮތަކަށް ރީތި. އަޒަލްމެން ބުނިހެން ޑޭޑްއާއި އެހާ ގުޅޭ ކުއްޖެއްނުވާނެ. އެކަމަކު އެކަހަލަ ކުއްޖެއްގެ ނިޔަތް ރަގަޅެއްނުވާނެ. ޝީ ހޭޒް އެ ހިޑެން އެޖެންޑާ. އަހަންނަށްވެސް ފީލްވޭ......................." މާއިޒް ހިތާހިތުން ކިޔާލިޔަސް އުފާވެރި ހިނިތުންވުމަކާއިއެކު އެންމެނަށް "މޯނިން " ކިޔާލާފައި ގޮނޑިއެއް ދަމާލައިގެން އިށީނެވެ. އޭނަ ހުރީ ޑިއުޓީއަށްދާން ތައްޔާރުވެގެންނެވެ. ފަޓުލޫނަކާއި މުށިކުލައިގެ އަތްދިގު ގަމީހެއްގައި ހުރިއިރު ސްމާޓްކަމުން ބޮޑުވާވަރަކަށް އޭނަގެ ބައްޕަގައި ހައިބަތުވެސް ލިބި މީހުން ގަދަރުކުރާފަދަ ގޮތެއްހުއްޓެވެ. ކަރުގައި ސްޓެތޯވެސް އަޅުވާފައި އޮތެވެ. އާޒީން ސިއްރުން ބަލާލާފައި ރުޅިއަންނަގޮތްވިއެވެ. ފޮނި ބޮޑާ ފިރިހެނެކެވެ.

"ރީތި ސިފައެއްގައި އައިސްހުރެ އަހަރެންގެ ހައިކަލް ހައްލާލައިފި. ރާއްޖެތެރޭގެ ބީރައްޓެއްސެއް............." ޒައިތޫންގެ ހިތަށް އަރާ ފައިބަމުން ދިޔައެއްޗެހިވެސް މަދެއްނޫނެވެ. އޭނަ އިނީ ތުންފިތާލައިގެންނެވެ. ހައިކަލް އޭނަގެ ބައްޕަގެ ކައިރީގައިމުޅިން އެހެން ވާހަކަތަކެއް ދައްކާފައި މިކުއްޖާ އެއާއިލާ މީހުން ކުރާ ކަންތައްތަކާއި ބައިވެރިކޮށް އާއިލާ މީހަކަށް ހަދަން އުޅޭތީ ހިތްހަމަނުޖެހުނެވެ. އޭނަ ހުންނަނީ ފުރުސަތަކަށް ބަލަބަލައެވެ. ހައިކަލްއަށް އެއްޗެއް ވިސްނޭނެކަމަށް ދުއާކޮށްކޮށެވެ. މީހުން ހާދަ މަލާމާތްކުރާނެއެވެ. ކިތަންމެ ރީއްޗަސް މިކަހަލަ އަންހެންކުދިންގެ އަގެއްނުހުންނާނެއެވެ. ރާއްޖެތެރޭގެ ނިކަމެތިންނާއި އެމީހުންގެ އާއިލާއާއި އަރަފޯދިގެންނުވެއެވެ.

އެހެންމީހުންގެ ނުރުހުމަށް ފަރުވާލެއްނެތި ހައިކަލް ވަރަށް ހަމަޖެހިލައިގެން އިނދެ އެންމެނާއި ވެސް ވާހަކަދެއްކިއެވެ. ސަލްވާވެސް ބާކީކޮށްނުލިއެވެ. ސަލްވާ ކާލެއް މަދުވުމުން އޭނަ ސަލްވާގެ ތަށްޓަށް ބައެއް އެއްޗެހިއަޅާފައި ކާން ބުނަނީވެސް އަޅާލާ ބައިވެރިޔާފަދައިންނެވެ. އެކަނި ސަލްވާއަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އެހެންމީހުންނަށްވެސް އޭނަގެ އާދައިގެ މަތިން އަޅާލިއެވެ. ހައިކަލްގެ އޯގާތެރިކަމާއި އަޅާލާ ސިފައިގެ ސަބަބުން އެންމެންގެ ހިތުގައި އޭނައަށް ޚާއްސަލޯތްބެއް އުފެދިފައިވެއެވެ.

ރޯޒްމެހެލްގެ ހުރިހާ މެމްބަރުންވެސް ހެދުނު އެކީ ސައިބޮއިގެން އޮފީސްތަކަށާއި ކޮލެޖަށްދާން ތައްޔާރުވިއެވެ. ބޯ ވާރޭގައި ހައިކަލްއާއިއެކު ކާރުގައި ކޮލެޖަށް ދެވުމުން ސަލްވާއަށް އެދުވަސް ޚާއްސަވިއެވެ. އެތައްފަހަރު އޭނަ ހަމްދުކުރިއެވެ. ހައިކަލް އޭނައަށް ޚާއްސަވެފައިވާ ކޮންސަލްޓިންރޫމަށް ވަނުމަށްފަހު އިނީ ބަލިމީހުން ބަލާކަހަލަ މޫޑެއްގައެއްވެސް ނޫނެވެ. މޭޒުމަތީގައި އޮތް ބަރާއި ކުޅެމުންދިޔައިރު ޚިޔާލުގައިވަނީ އެހެން ކަމެކެވެ. ސަލްވާއާއިމެދުވެސް ވިސްނުނެވެ. ސަލްވާ ދެއްކި ވާހަކަތަކާއިމެދުގައެވެ. އެކުއްޖާގެ ޅަކަމާއިމެދުގައެވެ. ސަލްވާގެ މުސްތަގުބަލާއިމެދުގައެވެ. ސަލްވާ ކިޔަވާ ނިމުމަށްފަހު އެގެއިން ދާނީ ހެއްޔެވެ؟

އެންމެ ފުރަތަމަ ދައްކަން އައީ ޑިމެންޝިއާ ބަލިމީހެކެވެ. އޭނަ އައިގޮތަށް ހައިކަލްގެ ޓައީގައި ހިފާފައި ދަމައިގަތުމުން އެހީތެރިޔާ ލަދުން އެކަން ހުއްޓުވަން އުޅުމުން ހައިކަލް އެކަން މަނާކުރިއެވެ. ހައިކަލްގެ އޯގާތެރިކަމާއިއެކު ރީތިކަން ފެނިފާ އެހީތެރިޔާވެސް ހުރީ ހައިރާންވެފައެވެ. އުމުރުދުވަހުވެސް މިހާ ހިތްހެޔޮ ޑޮކްޓަރަކާއި ދިމާނުވެއެވެ. ހިތާހިތުން ހެޔޮ ދުޢާކުރެވުނެވެ.

ކޮންމެ ބަލިމީހަކުވެސް ދިޔައީ ހައިކަލްގެ އޯގާތެރިކަމާއި އަޅާލިވަރު އަދި ބުނެދޭވަރުން ހިތްހަމަޖެހިފައެވެ.

ބްރޭކްގަޑީގައިވެސް އެތަނުން ނުކުންނަ ހިތްނުވެފާ އިނދެފާ އޭނަ ސަލްވާއަށް މެސެޖެއްކުރިއެވެ. ވަގުތުން ޖަވާބު ލިބުމުން ހައިކަލް އިތުރު އެއްޗެއް އަހާލަން އުޅެނިކޮށް ކޮންމެވެސް މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުނެވެ.

"ހައި ޑޮކްޓަރ ހައިކަލް. ކިހިނެއްތޯ؟ " އަރީންވެސް ހުރީ ރަސްމީކޮށެވެ.

"ހައު ކެން އައި ހެލްޕް ޔޫ؟ " މިކަހަލަ ގަޑިއެއްގައި އަރީން އޭނަގެ ގާތަށް އަންނާނީ ކޮންމެވެސް ކަމަކުކަން ގާތްގަނޑަކަށް ޔަގީންވުމާއިއެކު ހައިކަލް އަހާލައިފިއެވެ.

"ނިއުރޯ ސާޖަންއެއްވީމަ މީހުންގެ މައިންޑްވެސް ރީޑްކުރެވޭދޯ. ހޫމް ހަމަ ހީކުރިގޮތަށް އަހަރެން މިއައީ ކަމަކުކިޔަން. ވަރަށް ޑިރެކްޓްކޮށް ބުނާނަން. އަހަރެން ބޭނުން މެހެރީންއާއި ކައިވެނިކުރަން. މިހާ ރަގަޅު ޕްރޮޕޯސަލްއެއް އޭނައަކަށް ނުލިބޭނެ......." އަރީން އެހާ ޖެހިލުންކުޑަކަމާއިއެކު އެބުނެލި ވާހަކައަކުން ހައިކަލްއަށް ހައިރާންކަމެއް ލިބުނެވެ. އަރީންފަދަ ޕްލޭބޯއިއެއް އޭނަގެ ކޮއްކޮއާއި އިންނަން އަހާކަށް ލަދެއްވެސް ނުގަތެވެ. ދެބެންގެ ދެދަރި ޒުވާނަކަށްވިޔަސް އޭނަ އުޅޭގޮތް ނުދަންނަ މީހެއް އާއިލާއަކު ނެތެވެ. ވީއިރު މެހެރީނާއާއި އަރީންގެ ކައިވެންޏާއި އޭނަ ގަބޫލުވާނެގޮތެއް ނެތެވެ. އެހެންނޫނަސް ހައިކަލް ދަންނަގޮތުން އަރީން ފެނުނަސް މެހެރީނާއަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.

"އައި ނޯ. ބްރަދަރ. ޔޫ އާ ޝޮކްޑް..މަ ނަމަވެސް ވާނީ ތިހެން. ވަރަށް ވިސްނާލާފައި ޖަވާބެއް ދެއްޗޭ. މެހެރީންވެސް އެކަނި ހަޔާތުގެ ދުވަސްތައް އެކަނިވެރިގޮތެއްގައި ގުނަމުންދާއިރު ބައިވެރިޔަކަށްވެސް ބޭނުންވާނެ. އިޓްސް ޓައިމްކަން ނޭގޭ ހަޔާތެއް ފަށަން. އަހަރެން ކަހަލަ މީހަކާއިއެކު ނޫނީ މެހެރީންއަކަށް ނޫޅެވޭނެ. އެހެންމީހުންނަށް އޭނަ ހެންޑްލްއެއްވެސް ނުކުރެވޭނެ. އެނގެއެއްނު މިބުނި އެއްޗެއް. ވަން މޯ ތިންގް. މާޒް ކައިރީ ބުނެބަލަ މާޒްގެ މުސްކުޅި ބިޓު ލީނާއަށް އެޕާޓްމެންޓެއްދީގެން ނަމަވެސް ގެންދާށޭ. މިއީ މޮޔައިން ބައިތިއްބާތަނެއް ނޫންކަން މާޒްއަށް ވިސްނާދީ. ނޫނީ އަހަރެންގެ އަތުން ގޯހެއް ހެދިދާނެ. ހޭވް އެ ގުޑް ޑޭ...." އަރީން ހުރިހާ ވާހަކައެއް ދައްކާލާފައި ނުކުމެގެން ދިޔުމުން ހައިކަލް ތެދުވެ ޖީބަށް އަތްޖަހައިލިއިރު މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ.

ހައިކަލް ސަލްވާ ބަލާ ކޮލެޖަށް ދިޔައެވެ. އޭރު ވާރޭ ހުއްޓާލާފައި އޮތުމުން ކުދިންތައްވެސް މަގަށް ނުކުމެ ތިއްބެވެ. ސަލްވާ ކާރަށް އެރިއިރު އަންހެންކުދިންތައް ބެލީ ހަސަދައިގެ ނަޒަރަކުންނެވެ. ހައިކަލްފަދަ ސްމާޓް ފިރިހެނަކު ފެނުމުން އެތައް އަންހެންކުދިންނެއްގެ ހިތުގެ ވިންދު އަވަސްވިއެވެ. ފިނިވާވަރުވިއެވެ.

ހައިކަލްއާއި ސަލްވާ އެކީގައި ގެއަށް ވަންއިރު އާޒީން އޮތީ ސޯފާއަކަށް އަރާ އޮށޯވެލައިގެންނެވެ. ސްވެޓަރުފާޑުގެ ހެދުމަކާއި ޖިންސެއްލައިގެން އޮތްއިރު އެބުޅި އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. އަތުގައި ވާހަކަފޮތެއް އޮތެވެ. ހައިކަލް ފެނުމުން އަވަސްއަވަހަށް އޭނަ ހާސްވެފައި ފޮތުގެ ކަވަރު ފޮރުވިކަން ސަލްވާއަށް އެގުނެވެ. ސަލްވާ ވަދެފައި ސަލާމް ގޮވާލުމަށްފަހު މޫނު ފޮތިކޮޅު ނައްޓާލާފައި ހިނިތުންވުމެއްދިނެވެ.

"ހައި ޑޭޑް. ހައި ސަލްވާ...." އާޒީން ސަލާމް ބަލައިނުގަނެ އެހެން ބުނުމުން ހައިކަލް އެކަމާއި ހިތްހަމަނުޖެހުނެވެ.

"ދަރިފުޅާ. ސަލާމް ބަލައިގަންނަން ދަސްކުރަންވާނެ އިނގޭ."

"ވައަލައިކުމުއް ސަލާމް...." އާޒީން ހީލިއެވެ.

"ހައު ވޯޒް ދަ ޑޭ؟ " ހައިކަލް އާޒީންގެ ކުޑަ ނޭފަތުގައި ހިފައިލިއެވެ.

"ވާރޭތެރޭގައި ޕޫލަށް އެރިގެން އުޅުނިން. ދެން ފިނިވާން ހެދީމަ އައިގޮތަށް ހޮޓް ހޮޓް ޗޮކްލެޓް ޑްރިންކެއްބުއީ. އާންޓްއާއިއެކު ކާޑު ކުޅެން އުޅެލާފައި މިހާރު މިއޮތީ ވާހަކައެއްކިޔާލަން. ޒެލް ނެތީމަ އެކަނި އެހާ މަޖަލެއްވެސް ނުވި. އައި މިސް ހާ ބޭޑްލީ. ޑޭޑް. ގޭގައި ހުރެ ފޫހިވާން ފަށައިފި. ކޮލެޖަށްދާން އަޅުގަނޑުވެސް ބޭނުން. ސަލްވާއާއިއެކީގައި ދެވޭނެއްނު. މޮޑެލްއިންނާއިއެކު މަސައްކަތްކުރިޔަސް ކޮލެޖަށްދިޔުންވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި މިހާރު ދެކެން. ގޭތެރޭގައި އުޅުމުން އެކުވެރިން ލިބޭލެއްމަދު................" އާޒީން ބުނެލިއެވެ. ހައިކަލްއާއިއެކު ސަލްވާ ކާރުގައި އައިސް ގޮސްވާތަން ފެނުމުން އާޒީންގެ ގާތުގައި އެވާހަކަދެއްކީ މެހެރީނާއެވެ. ހައިކަލްއާއިއެކު އެކާރުގައި އަބަދު އުޅެންވީ ސަލްވާ އެކަންޏެއްނޫނެވެ. ކުދިންނަށްވެސް އެހައްގު ލިބިދޭންޖެހޭނެއެވެ. އާޒީންގެ އެވާހަކައިން ހައިކަލް ވަރަށް ހިތްހަމަޖެހުނެވެ. އަޒަލްވެސް އަންނަގޮތަށް ކޮލެޖަށްދާން ބޭނުންވާނެކަން ހައިކަލްއަށް ޔަގީންވިއެވެ. ސަލްވާ އާޒީން އަދި އަޒަލްއަށް އެކީގައި ކޮލެޖަށްގޮސް ގެއަށް އާދެވޭނެތާއެވެ. ތިންކުދިންގެ ގުޅުން ބަދަހިވާނެއެވެ. އަދި ސަލްވާއަކީ އެކުދިންނަށް ރަގަޅު އަސަރުތަކެއްކުރުވާނެ ކުއްޖެއްކަމާއިމެދު ހައިކަލް ޝައްކެއްނުކުރެއެވެ. ހައިކަލް ޔަގީންކަން ދިނީ އާޒީންމެނަށް ކޮލެޖުން ޖާގަ ހޯދާނެކަމުގައެވެ.

ހަވީރު ސަޔަށްފަހު ސަލްވާ ފިޔަވާ އެންމެންހެން ބޮޑުކޮޓަރީގައި ވާހަކަދައްކާލަން ތިބެފާ މެހެރީނާ މެހެރްޓީވީ ހުޅުވާލައިފިއެވެ. އޭރު ޓީވީއަށް ރައުދާ އަރާ ކޮންމެވެސް ބައްޔަކާއި ބެހޭގޮތުން މައުލޫމާތުދޭން އިނެވެ. އޭނަގެ ރީތިކަމާއިއެކު ވަރަކަށް މޭކަޕްކޮށްލައިގެން އިނުމުން މީހުންގެ ލޮލުގައި އަޅައިގަންނާނެކަން ޔަގީނެވެ. ހައިކަލް ފޫހިވީ މެހެރީނާ ގަސްތުގައި އޭނައަށް ދައްކަން ޓީވީ ޖެއްސީމައެވެ. ނަމަވެސް އޭނަ އެތަނުން ތެދުވެގެން ހިނގައިގަތީ ފޯނެއް އައީމައެވެ.

"މެހެރް. ދޮންބެ ރުޅިއަންނާނެކަން އެނގޭއިރު ކީއްވެ " ޒައިތޫން ހިތްހަމައެއްނުޖެހުނެވެ.

"މަންމާ. އަޅުގަނޑަކަށް ނުވެސް އެނގޭ މިގަޑީގައި ރިޕީޓްދައްކާނެކަމެއް. އެހެންނޫނަސް ދޮންބެއާއި އަދި ރައު ގުޅޭނެކަން ހަމަ ޔަގީން. ކުދިންގެ މަންމައަކާއި ނޫންތަ ގުޅެންވާނީ. ހެޔޮނުވާނެ މަންމަމެންވެސް ދޮންބެއަށް ރަގަޅުގޮތްތައް ވިސްނާދިނީމަ ނޫނީ ދޮންބެގެ ދިރިއުޅުން ކުރިއަށްވުރެ އަނދިރިވުން ނޫންކަމެއް ނުވާނެ. މަންމަމެންގެ ހުރި އެންމެ ފިރިހެންދަރިފުޅަށް ވީއިރު މަންމަމެން ހަމަ ބަހެއްވެސް ނުބުނެ ތިބީ؟ އަޅުގަނޑު ކަމެއް ކުރީމަ މައްސަލައަކަށްވީ. އެކަމަކު ދޮންބެ ދެން ހެވޭ ކޮންމެކަހަލަ އަންހެނަކު ހޯދިޔަސް. މަންމަމެންނަށް ނުވިސްނެނީ ކީއްވެތޯ ވެސް ހިތަށް އަރާ. އެންމެ ލޯބިވާ ދަރިފުޅަށް ދެރަގޮތްގޮތް މިވަނީ........." މެހެރީނާ މޫނު ހަދައިގެން އިނދެ ވާހަކަދެއްކިއެވެ.

"ރޯޒްވެސް އެގޮތަށް ރާއްޖެތެރޭ މީހަކާއި....." މެހެރީނާގެ ޖުމްލަ މެދުކަނޑުވާލީ ޒައިތޫންގެ ހަރު އަޑުންނެވެ.

"ފުދޭވަރުވެއްޖެ. ތިވާހަކަ ދެން ނުދައްކާ....." ޒައިތޫން ތެދުވެގެން އެތެރެއަށް ދާން ހިނގައިގަތެވެ. ރޯޒްގެ ނަން ބުނެގެން މެހެރީނާ ޒައިތޫންގެ ހިތުގެ އެންމެ ނާޒުކް ހިސާބާއި ކުޅެލައިފިއެވެ. މާޒީގެ ހަނދާންތައް އާކުރުވައިފިއެވެ. އާޒީން އެހާ ގަޔާވުމެއްނެތި އޮތީ ވައިބާގައި އޮންނަ ރޯޒްމެހެލް އާއިލާގެ ޒުވާންކުދިންކޮޅު އޮންނަ ގްރޫޕްގައި މަޖާ ވާހަކައެއްގައެވެ. އަޒަލްވެސް ވަރަށް ރީތި ފޮޓޯތައް ލަމުން ދިޔައެވެ. އެކަނި ސެލްފީ ނަގާފައި ހުއްޓަސް އުފާވެރިކަމުގެ އިންތިހާއެވެ. ކޮންމެ ފޮޓޯއަކުން އަޒަލްހުންނަނީ ހިނިތުންވެ ޖޯޝާއި ފޯރީގައެވެ. ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް އައިސްގެން އުޅޭފަދައެވެ.

މާއިޒް އީސިގްރެޓުން ފެށިގޮތަށް ޝީޝާއަށްވެސް ފާޑަކަށް ދެވިހިފިއެވެ. ފުރަތަމަ ފެށީ އެކުވެރިންނާއިއެކުގައެވެ. ފަހުން އަމިއްލައަށް ގަނެގެން ސިއްރުން ކޮޓަރީގައިވެސް ޝީޝާ ބޯންފެށިއެވެ. އާޒީންއަށް އެކަން ފަޅާއެރީ ހަނދާންނެތި ކޮޓަރި ތަޅުނުލާ ޝީޝާބޯން ހުރިތަންފެނިފައެވެ. ސިއްރުސިއްރުން ފޮޓޯއެއްނަގައިގެން އައިސްފަ ހުރެ މާއިޒްއަށް ވައިބާކޮށްލާފައި އާޒީން ހުރީ ވަރަށް ހެވިފައެވެ. މާއިޒްއަށް ލަނޑެއްދީ ބްލެކްމެއިލްކުރާނެ ކަމެއް ފެނުނީތީ ފަޚުރުވެރިވެސްވިއެވެ. ބަދަލުހިފޭނެގޮތެއް މަގުފަހިވީއެވެ. އާޒީންއަށް ނުވިސްނުނީ މާއިޒް އޭގެ ބަދަލު ހިފަން ކޮށްފާނެކަމަކާއި މެދުގައެވެ. ވާރޭވެހޭތީ ޕޫލްއަށް އެރިފާއޮތްވާ މާ ފިނިވާންފެށުމުން އެރިއިރު ކިބިހި އެޅެންފެށިއެވެ. ކިބިއްސެއްފަހު ކިބިއްސެއް އެޅެމުންގޮސް މުޅި ނޭފަތާއިއެކު ރަތްއަރާފައި ހުއްޓެވެ. ފަހަތު ފެންޑާގައި ހުރެ ތެތް އެއްޗެހިބަދަލުކޮށްގެން ހީފިލާކަހަލަ ހެދުމަކާއިއެކު ޖިންސެއްލުމަށްފަހު ކެހެރި ސްކާފް ކަރުގައި އަޅުވާލިއެވެ. ފެން ނުހިކި އޮތް ބުޅި އިސްތަށިގަނޑު ނިއުޅާލުމުން އެދޮންމޫނުގެ ވަށައިގެން ފެތުރިފާއޮތެވެ. މޭކަޕް ފިލާފައި ހުއްޓަސް ތުންފަތުގައިވެސް ހުރީ ރަތްކުލައެވެ. ވަރަށް ހަމަޖެހިގެން ހުރެ ކޮޓަރިއާއި ހަމަޔަށް ދިޔަމީހާ ފޮރު ހުޅުވާލާފައި ހަޅޭއްލަވައިގަތެވެ. އެންމެ ކުރިން ހީކުރީ ވަގެއްކަމުގައެވެ. އޭނަގެ އަލަމާރި ހުޅުވާލައިގެން ހާވަން ހުރީ މާއިޒްއެވެ. އޭނަގެ އުމުރުން ބާރައަހަރުއްސުރެން ފޮރުވައިގެން ގެންގުޅޭ ޑައިރީ އޮތީ އެނދުމައްޗަށް އެއްލާލާފައެވެ. ބިންމަތީގައި ހުރީ އޭނަ ލިޔުނު "ލަވް ނޯޓްސް" ކޮޅުތަކެވެ. މާއިޒްއަށްޓަކާ ހިތުގައިވިހާ އެއްޗެއް ލިޔެލިޔެފައި އޭނަ ރީތި ފޮށްޓަކަށްލާފައި ފޮރުވާފައި ހުއްޓާ މާއިޒް އެހުރިހާ އެއްޗެއް ބަލާލައިފިއެވެ. އޭނަގެ ޒާތީ ހުރިހާ މައުލޫމާތުތައް އެހެރީ ހާމަޔަށް ލޯ ކުރިމަތީގައެވެ. އެހާ ނިކަމެތިކޮށްލާފައެވެ. އެއަގުހުރި ލޯބި މާއިޒްގެ ފައިދަށުލާ މޮޑެލުމާއި ހުރީ ކޮންތަފާތެއްހެއްޔެވެ؟ އެހާ ރީތިކޮށް ހިތް ބޭޒާރުވުމުން ގަތްލަދެއްގެ ބޮޑުކަމާއިއެކު ރުޅިވެރިކަން ހިތުގައި އުތުރިއަރައިގަތެވެ. އެދިޔަ ބާރުމިނުގައިގޮސް އޭނަ މާއިޒްގެ ގަޔަށް އަރައިގަތެވެ. ދެއަތުން ތަޅައިގަންނަން އުޅުނެވެ. މާއިޒް ދާދި ފަސޭހަކަމާއިއެކު އާޒީންގެ ދެއަތުގައި ހިފަހައްޓާފައިގެންގޮސް ފާރުގައި ޖެއްސިއިރު އާޒީންއަށް ހިރިވެސް ނުލެވުނެވެ.

"އާ ޔޫ އިންސޭން. ކީކޭހިތަށް އަރާފައި؟ ކީއްވެ އަހަރެންދެކެ ލޯބިވީ؟ ކާކު ބުނެގެންތަ؟ އަހަރެންމިއީ ކާކުކަމެއް ނޭގެނީތަ؟ އައިމް ޔޯ ބްރަދަރ ޑޭމިޓް. ތިމޮޔަ ޚިޔާލު ދޫކޮށްލާ. އާޒިންއަކަށް އަހަރެން ނުލިބޭނެ. ތިއުޅެނީ އަހަރެން ދުނިޔޭގައި ހުންނާތީ އުދަގޫވެގެންހެން ހީވެއްޖެ. މިހުރިހާ ލަދަކާއި ބަދުނާމެއްގައި ބެދެވުމަށްވުރެ އަހަންނަށް މާފަސޭހަ އަމިއްލައަށް މަރުވާންޖެހުނަސް. މިވާހަކަ ބައްޕަގެ ކަންފަތަށް ފޯރައިފިއްޔާ. ބައްޕަކުރާނެ ހިތާމައާއި ދެރަވާނެވަރު އިހުސާސްކުރެވޭނެނަމަ މިކަހަލަ އެއްޗެއް ހިތަށްވެސް ނާރުވާނެ. ހާދަ އަމިއްލަ އެދުން ބޮޑު އަންހެނެކޭ. މިހުރިހާ އެއްޗެއް ނައްތާލަންޖެހޭނީ. އަޑުއިވިއްޖެތަ. ނޫނީ އާޒީންއަށް ފެންނާނީ އަހަރެންގެ ފުރާނަނެތް މަސްގަނޑު. "މާއިޒް ރުޅިއައިސްފާ ހުރެ އެހުރިހާ އެއްޗެއްކީއިރު އާޒީންހުރީ އެސްފިޔަޖަހާލަން ނޭގިފައެވެ. ގަނޑުވެފައިވާ ބުދެއްހެންނެވެ. އެދެލޮލުގައިވި ހުސްކަމުން މާއިޒްއަށްވެސް އުދަގޫވެ އޭނަގެ ރުޅިވެސް މައިތިރިކަހަލައެވެ. އެހުސްކަން ފުރެންފެށީ ކަރުނަތިކިތަކުންނެވެ. ހިތުގައި ޖެހުނު ވަރު އިހުސާސްކުރެވި މާއިޒްވެސް ފެންކަޅިވާވަރުވިއެވެ. ކިޔަން ހުރި އެއްޗެހި ގިނަޔަސް އިތުރު އެއްޗެއް ދުލަކަށް ނައެވެ. އިރުކޮޅެއްވާންދެން އެހާ ކައިރިން އާޒީންގެ ލޮލަށް ބަލަންހުރެފައި ދުރަށް ދާންހިގައިގަތެވެ. އާޒީން އެހާވަރުން ލިޔުނު ނޯޓްތައް މާބްލްމަތީގައިވީއިރު އޭގެ މަތިން ހިނގާފައިގޮސް މާއިޒް ދޮރުން ނިވާވިއެވެ.

އާޒީން މާއިޒް ހާވާފައިހުރި އެއްޗެހި ތަރުތީބުކުރާނެ ހިތްވަރެއް ނެތަސް ބިންމަތީގައިވާ ނޯޓްތައްތައް ހޮވިއެވެ. ލޮލުން ކަރުނަ ހިފެހެއްޓުމެއްނެތި ފައިބަމުންދިޔައިރު ހުއްޓުވާކަށް އާޒީން މަސައްކަތެއްނުކުރެއެވެ. އެނދަށް ވެއްޓިގަތްގޮތަށްއެތައްއިރެއްވާންދެން އޮތްއިރު ކަރުނައިން ބާލީސް ތެމިފޯވިއެވެ. ހައިކަލް ތަންކޮޅެއް އަވަދިނެތިއުޅޭތީ ހެނދުނުގެއަށް ދިޔަގޮތަށް ނައި ނަމަވެސް ސަލްވާއަށް ގުޅައިގެން އާޒީންގެ ހާލުބަލައިލަން އެދުނެވެ. ސަލްވާ އެކޮޓަރީގެ ދޮރުގައި އެތައްފަހަރު ޓަކިދިނުމުން އާޒީން ދޮރުހުޅުވާލައިފިއެވެ.

"ބައްޕަ ބުނުއްވީ އާޒީން ފޯނު ނުނަގައޭ ވީގޮތެއްބަލައިލަދޭށޭ..." ސަލްވާއަށް އާޒީންގެ ދުޅަވެފައިވާ ދެލޯ ފެނުމުން ރޮއިފާހުރިކަން އެނގުނެވެ.

"ފިނީގައި އުޅުނީމަ ރޯގާޖެހުނީ..."އަޒަލް ކިނބިހި އަޅާފައި ޓިޝޫއިން ނޭފަތް ފޮހެމުންދިޔައެވެ.

"އިނގުރު ސައިތަށްޓެއް ގެނެސްދެންތަ؟" ސަލްވާ އަހައިލިއެވެ.

"އޯކޭ ވާނެ........" އާޒީން އެތެރެއަށްވަދެފާ ރަޖާގެ ދަށަށްވަދެއޮތަސް ހީފިލާގޮތެއްވެސްނުވިއެވެ. ހިތުގައި ޖެހި ހަމަ ރޮވެނީއެވެ. ޓިޝޫޕެކެޓަކަށްފަހު ޕެކެޓެއްހުސްވާއިރުވެސް މާއިޒްގެ ޖުމްލަތައް ތޫނު ތީރުތަކެއްފަދައިން ހިތަށް ހެރި ހިތް ކުދިކުދިކޮށްލައިފިއެވެ. ކޮންފަދަ އަނިޔާވެރި ލަފުޒުތަކެއްހެއްޔެވެ؟ ހާދަހާ ހިތަށް ތަދުކޮށްލައިފިއެވެ. ސަލްވާ ސައިތަށްޓެއްހިފައިގެން އައުމުން އާޒީންތެދުވެ އިށީދެއްޖެއެވެ. ސަލްވާ ދޮންމަންމަކަމުގައިވިޔަސް ގޯހެއްނޫނެވެ. އޭނަ އަރިދަފުސްރޯގާޖެހުމުންވެސް އަޅާލިވަރުކުޑައެއްނޫނެވެ. ހޫނުފެނުން އާވިއަރުވާވެސް ދިނެވެ. ޗިކަންސޫޕްވެސް ގެނެސްދިނެވެ. ހަގީގަތުގައި އޭނަގެ ބައްޔަށްވުރެ ހިތަށް ލިބިފައިވާ އަނިޔާ މާ ބޮޑެވެ. އޭނަ ސަލްވާއާއި ކޮންމެވެސް ވަރަކަށް އެވާހަކަ ހިއްސާކުރަން އެވަގުތު ބޭނުންވިއެވެ. ސަލްވާއަކީ ދީނީ އަންހެންކުއްޖަކަށްވާއިރު ކޮންމެވެސް ކަހަލަ ޚިޔާލެއްދެވިދާނެއެވެ. އޭނަ ކުރިން ނަމާދުކޮށް ދުޢާކުރުމުންވެސް އޭނަ ބޭނުންވާކަންތައް ވަނީ ފުރިހަމަނުވެއެވެ. އެހެންވާންވީ ސަބަބެއް އާޒީންއަކަށް ނޭގެއެވެ.

ކޮމެންޓް 0