ސަލްވާ ގޮނޑީގައި އިށީނުމުން އަޒަލްގެ މޫނު ވަކިން އަނދިރިވެ ޖޫސްތަށި ސަލްވާގެ މޫނަށް ޖަހަންވެސް ހިތަށްއެރިއެވެ. ލަދެއްވެސް ނުގަނެ އޭނައާއި އެއްމޭޒެއްގައިވެސް އިށީދެއްޖެއެވެ. އިތުރަށް އަނގަ ހުޅުވާލިޔަސް ސަލްވާގެ މޫނުގައިވާ ފޮތިގަނޑު ދަމައިގަނެ ލަދުގަންނަވާލަން އަޒަލް ނިންމިއެވެ.

ސަލްވާ އިތުރަށް އެންމެ ލަފުޒެއް ނުބުނިތާގައި އެތާ އިނދެގެން ކޮފީ ބޯކަށްވެސް ނޫޅުނެވެ. އޭނަ ތެދުވެގެންގޮސް ކަބަޑް ހުޅުވާލުމަށްފަހު ކޮންމެވެސް އެއްޗެއް ހާވަންފެށިއެވެ. އެހެން އުޅޭތީވެސް އަޒަލް ހައިރާންވިއެވެ. އާއިލާ މެމްބަރެއްހެން އުޅެންފެށިލެއް އަވަހޭވެސް ހިތަށް އެރިއެވެ. އަދި މޫނު ނުދައްކާ ފޮރުވައިގެން އުޅެނީ މީހާގެ ކޮންފަދަ އައިބެއް ހުރެގެންބާވައޭވެސް އަޒަލް ހިތަށް އެރިއެވެ. މެހެރީނާ ކާބަޔަށް ވަންއިރު ހުރީ ގަދަޔަށް ހެވިފއެވެ. ނަމަވެސް ސަލްވާ ފެނުމާއިއެކު ކުއްލިއަކަށް މޫނަށް އެރީ ނުބައި ކުލަވަރެކެވެ.

"ޒެލް. އާޒީންއަށް ވިޒިޓް ނުކުރާނަންތަ؟ ހުން ފިނިވެސް ނުވަނީޔޯ. ވަރުގަދަ ވައިރަސް އެކޯ.........." މެހެރީނާ ސަލްވާއާއި ދިމާލަށް ފިނި ބެލުމަކުން ބަލައިލުމަށްފަހު އަޒަލްއަށް ސަމާލުކަން ދިންއިރު ދެލޮލުން ހަރުކަށިކަން ފިލައިގެން ހިގައްޖެއެވެ.

"މެހެދައްތައަށް އެނގޭނެ ނުދާނެ ސަބަބު...." އަޒަލް ފޮތް ލައްޕާލީ އެންމެ ލަފުޒެއްވެސް ނުކިޔޭނެކަން ޔަގީންވެފައެވެ.

"ޒެލް އެކޭ ތިންއަހަރުގެ ކުޑަކުއްޖެކޭ ތަފާތެއްނެތް. އެކަމަކު ބޮޑުނުވަނީސް ޕްރިންސެއް ހޯދައިފި. މިހާރު އެކަންތައް ކިހާ ހިސާބެއްގައި އޮތީ......" މެހެރީނާ ސުވާލުކޮށްލިއެވެ.

"ބައްޕަ އަދި ޖަވާބެއްނުދެއްވާ......" އަޒަލް ރުންކުރުވާގޮތްވިއެވެ. ބޮޑުދައިތަވެސް އެކަހަލަ ވާހަކައެއް ބީރައްޓެއްސަކު ހުއްޓާ ދައްކަންވެދާނެހެއްޔެވެ؟ އޭނަ އަވަހަށް ޖޫސްތަށި ދަމާލާފައި ދާން ތެދުވިތަނުން ސަލްވާގެ ފޯނު ދިއްލެންފެށިއެވެ. މެހެރީނާ އަވަހަށް އަޒަލްއަށް އަތުން އަންގާލައިފިއެވެ. އަޒަލް އެ އިޝާރާތް ވިސްނިފައި މޭޒުމަތީގައި އޮތް ފޯނަށް ކަޅިއެއްލިއެވެ. ފޯނުގެ ސްކްރީނަށް "ހަބީބީ" ގެނަން އެރުމުން އޭނައަށްވެސް ހީކުރެވުނީ ކޮންމެވެސް ހަބީބު އެއް ގުޅަނީކަމުގައެވެ. މެހެރީނާވެސް ޔަގީންކުރީ ސަލްވާގެ ލޯބިވެރިޔާގެ ނަންކަމުގައެވެ. ކައިރީގައި ހިތެއް ޖަހާފައި އިންނާނީ ކިހާ ޚާއްސަވީމަހެއްޔެވެ. ސަލްވާގެ ނުބައިކަން ޔަގީންވެ ދެމީހުން އެކީގައި ނުކުމެގެން ދަމުން މެހެރީނާ އަޒަލްގެ ސިކުނޑިއަށް އިތުރަށް ވިސްނައިދިނީ ސަލްވާގެ ބޭވަފާތެރިކަމާއި ނުބައިކަމެވެ. ރައުދާއާއި ކެމީލާއަށްވުރެވެސް މަކަރުވެރި އަންހެނެކެވެ. އެ އަންހެނާގެ ސިހުރުން ސަލާމަތްވާން މަސައްކަތްނުކޮށްފިއްޔާ ކެންސަރުފަދައިން މުޅިތަނަށް މޫތައް ހަރާލާ ތަން ފާސިދުކޮށްފާނެއެވެ. ދުވަހަކު އެމީހާގެ ކިބައިން ސަލާމަތެއްނުވެވޭނެއެވެ. އަޒަލްގެ ހިތަށް ރުޅިވެރިކަން ވަދެ ސަލްވާ އެގެއިން ނެރެލާނެގޮތެއް ވިސްނަންފެށިއެވެ. ބައްޕަގެ ދިރިއުޅުމުން އެ އަންހެނާ ނެރެލުމަކީ އެންމެ އިސްވާޖިބެއް ކަމުގައި އަޒަލް ދެކުނެވެ.

ހައިކަލް ދެވަނަ ފަހަރަށް ގުޅުމުން ސަލްވާ ކޮފީތަށިވެސް ނުބޮއި އަވަސް އަރުވާލައިގެން ތިރިއަށް ފޭބިއެވެ. ހައިކަލް ހުޅުވާލަދިނީ ކާރުގެ ކުރީ ސީޓުގެ ދޮރުކަމުން ލަދުގެންފާ ހުރެވެސް އަރަންޖެހުނީ ކުރިއަށެވެ. ކާރަށް އެރުމަށްފަހު ހައިކަލް އިތުރު ވާހަކަދައްކާކަށް ނޫޅުނެވެ. މޫނުމަތިން ފެނުނީ ހާސްކަމާއި ކަންބޮޑުވުމެވެ. އާޒީން މާ ބަލީ ކަމަށްވެސް ވެދާނެއެވެ. އަމިއްލަ ޒުވާން ދަރިފުޅު އެހާލުގައި އޮތްތަން ފެނުމުން ކޮންމެ ބައްޕައަކަށްވެސް ވާނީ އެވަރެވެ. އެކުދިންގެ މަންމަ ކޮބާބާވައޭ އެވަގުތު ސަލްވާގެ ހިތަށް އެރިއެވެ. ނަމަވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިން ބުނާކަށް ނޫޅުނެވެ. ކާރުތެރެއަށް ވެރިވެފައި އޮތީ މަރުފަދަ ހިމޭންކަމެކެވެ. ހޮސްޕިޓަލް ތެރެއަށް ވަނުމުން ސަލްވާއަށް ފާހަގަވީ އެންމެންގެ ނަޒަރު ހައިކަލްގެ މައްޗަށް ހުއްޓުނުކަމެވެ. އެކަނި އަންހެންކުދިންނެއްނޫނެވެ. ފިރިހެނުންވެސް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ހަސަދަވެރިކަމުގެ ލޮލަކުން ކަމަށްވެސް ވެދާނެއެވެ. ސަލްވާއާއި ދިމާލަށް ބަލާނެ ދެލޮލެއްނެތެވެ. އަވިއައިނަކުން އެ ދެލޯ ފޮރުވާލައިގެން އަތަށް އަންގީ އަރުވައިގެންހުރިއިރު އޭނައެކޭ ފޮތިބޮޑިއެކޭ ތަފާތެއްނެތެވެ. މޫނު އަޅަން ޖެހުމުން އެހާ އުފާވި ވަގުތެއް ނާދެއެވެ. މީހުންގެ ވިހަގަދަ ނަޒަރުން ސަލާމަތްވެވޭނެ އެކަނި ގޮތަކީ އެއީ ކަން ސަލްވާއަށް ޔަގީންވީ އެވަގުތުއެވެ. އޭނަ މޫނު ނާޅާ ހުރިނަމަ ހައިކަލްފަދަ "ސެލެބްރިޓީ" އެއްގެ އަންބަކަށްވުމުން މީހުން އޭނައަށް ބަލައިލާނެ ވަރެއް އެނގެނީއެއް ނޫނެވެ.

ހައިކަލްއާއި ސަލްވާއަށް އާޒީންގެ ކޮޓަރިއާއި ހަމަޔަށް އާދެވުނުއިރު އަބުދުލްއަޒީޒުގެ ދެމަފިރިން ކޮޓަރިން ނުކުތީއެވެ. އާޒީންއަށް އޮތީ ނިދިފައިކަމުގައި ބުނެލިއެވެ. ސަލްވާ ލަދުން ހުރެވެސް ސަލާމް ގޮވައިލުމުން އަބުދުލްއަޒީޒު ސަލާމް ބަލައިގަތުމުގެ އިތުރަށް މަޑުވެސްކޮށްނުލާ ދުރަށް ދާން ހިނގައިތެވެ. ހީވާގޮތުން ސަލްވާއާއިމެދު ނުރުހުންވެފައި ހުރީއެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ ސަލްވާގެ ހިތް ޝަކުވާއިން ފުރުނެވެ. ހައިކަލް އޭނަގެ މަންމައާއި ބައްޕަގެ ކައިރީގައި މިކައިވެންޏާއި ބެހޭގޮތުން ބުނެފައިވާ ބުނެފައިވާ އެއްޗެއް ސަލްވާއަކަށް އެނގިފައެއްނެތެވެ.

ސަލްވާ އާޒީންއާއި ހަވާލުކުރުމަށްފަހު ހައިކަލް ބުނީ މަންމަމެން ގެއަށް ލާފައި އެނބުރި އަންނާނެކަމުގައެވެ. ކަރުބޮޑު ޓީޝާޓަކާއި ހަރުވާޅެއްލާފައި ވުމުން އާޒީންގެ އޮމާން ރީތި ހަށިގަނޑުން އެތައްތަނެއް ހާމަޔަށްވެއެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި ސަލްވާ އިންތަން ފެނުމުން އާޒީންގެ ދެލޯ ބޮޑުވުމާއިއެކު ބުމަ ކައިރިކޮށްލިގޮތުން އެކުއްޖާ ރުޅިއައިކަން އެނގުނެވެ. ހުންގަދަކަމުން ތުންފަތް ރަތްވެ މޫނުވެސް އަނދަ އަނދާ ހުރިކަހަލައެވެ. އާޒީން ފޯނުން ގަޑިބަލައިލާފާ ބާލީސްކައިރީގައި ފޯނުބޭއްވިއެވެ. އައިފޯނުގެ ޑިސްޕްލޭއަކަށް ލާފައި އިނީ މެރީޑާގެ ފޮޓޯއެކެވެ. އާޒީންއާއި އަޒަލްގެ އިސްތަށިގަނޑު މެރީޑާއާއި މާ ބޮޑުތަފާތެއްނެތެވެ.

"އެއްޗެއް ބޯނަންތަ؟ "ސަލްވާ އަހާލައިފިއެވެ.

"ކޮބާ ބައްޕަ؟ " އާޒީން ކުރީ އެހެން ސުވާލެކެވެ.

"މާމަމެން ގެއަށް ލާފައި ބައްޕަ ދުރުވާނެ. ބައްޕަ އެދިލެއްވީމަ މިއައީ. ކަމަކަށް ބޭނުންވެއްޖެއްޔާ ބުނައްޗޭ އިގޭ..........." ސަލްވާ ޖަވާބުދިނެވެ. އާޒީން ވަގުތުން ޓީވީ އޮންކޮށްލާފައި ހުޅުވައިލީ މެހެރްޗެނެލްއެވެ. އިނގިރޭސި ލަވައެއް ދައްކާތަން ފެނިފާ އާޒީން އަޑު ބާރުކޮށްލީ ސަލްވާއަށް ޖެއްސުމަށެވެ. ދީނަށް ލޯބިކުރާކަމަށް ހެދިގެން ތިބޭ މީހުން މިކަންތައްވެސް ހަރާމްކޮށް އުޅޭނެއޭ މެހެރީނާވަނީ ބުނެފައެވެ. މިއުޒިކަކީ ހަރާމްކަމެއް ކަމަށް އާޒީންއަށް ގަބޫލުކުރެވޭނީ ކިހިނެއްހެއްޔެވެ؟ ލަވައަކީ އޭނަ އެންމެ ހިތްދަތިވާވަގުތު ބައިވެރިޔާއެވެ. ލަވައިވުމުން އެކުރާ އަސަރުތަކާއި ޖާޒުބާތީވެވޭވަރުން އޭނަ އާއްމުކޮށް ލަވަ އަހާ އުޅެއެވެ. ސަލްވާ ވަކި އެއްޗެއް ނުބުނެ އޭނަގެ އަތުގައި އޮތް ފޮތަކަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

އިރުކޮޅެއްފަހުން އާޒީންއަށް ނިދިފާ އޮތްވާ ހައިކަލްއައެވެ. ދޭތެރެއަކުން ވަދެލާފައި އާޒީންގެ ހާލު ބަލައިލިޔަސް ކޮޓަރީގައި މަޑުނުކޮށް ކޮންމެފަހަރަކު ދަނީ އާޒީން ނިދާފައި އޮތުމުންކަމަށް ވެދާނެއެވެ. ނޫނީ އޭނައާއިއެކު އެތާ އިނުމުން ހައިކަލްއަށް އުދަގޫވާނެތީއެވެ. ބަންގިދިނުމުން ނަމާދަށް ދަމުން އާޒީންގެ ނިތްކުރީގައި ހައިކަލް ބޮސްދިނެވެ. ސަލްވާ ކައިރީ އާޒީންއާއި އަޅާލަން އެދުނެވެ. އެހުރިހާ އިރުވާން ފޮތުގެ ސަފުހާތައް އުކަ އުކާއިންއިރުވެސް ހައިކަލް ސަލްވާއާއި އަނގައިން ބުނުމެއް ނެތްތާގައި އޭނަ އިނީ ގޭގައި އިންނަފަދައިން "އިންވިޒަބަލް" ވެފައޭވެސް ސަލްވާގެ ހިތަށް އެރިއެވެ. ހައިކަލް އެހާ ސީރިޔަސްވެފައި ހުންނަނީ ކީއްވެހެއްޔެވެ؟ ސްމާޓްކަމުން ފޮނީހެއްޔެވެ؟ މިރޭވެސް އަތްދިގު ރޮގުތަކެއް ދެމި ކަޅު ގަމީހަކާއި ޖިންސެއްލައިގެން ހުރިއިރު ފިރިހެންވަންތަކަމުގެ އިންތިހާއެވެ. އޭނަގެ ގައިން ދުވާ ސެންޓުވަހުން ކޮޓަރީގައި އެއަރފްރެޝްނާ ޖަހާކަށްވެސް ބޭނުމެއްނުވާނެއެވެ. ނަރުހުންވެސް ވަދެފާ އެއޮތް ވާ ތުއިއަކުން ސަލްވާ ހަމަ ހައިރާންވިއެވެ. އެކުދިން އެހާ ވެފައި ތިބިއިރުވެސް ހައިކަލްގެ އެއްވެސް އަޅާލުމެއްނެތެވެ.

ހައިކަލް ނުކުތުމާއިއެކު ސަލްވާ ވުޟޫކޮށްލައިގެން ނަމާދުކުރަންވެގެން މުސައްލާ ފަތުރާލައިފިއެވެ. އާޒީންގެ ކައިރީގައި އިހަށް ޓީވީ ނުހުޅުވަން އެދުނެވެ. އާޒީންއަކަށްވެސް އެކަމާއި ދެކޮޅަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެހެންވެ ފާޑަކަށް މޫނު ހަދާލައިގެން ފޯނުން ގޭމެއް ކުޅެލަން އޮތީއެވެ. ސަލްވާ ނަމާދުކޮށްނިމިގެން މުސައްލާ ފަށްޖަހާލާފައި އައިސް އާޒީންގެ ކައިރީގައި ހުއްޓިލިއެވެ.

"އާޒް ނަމާދު ކުރަންވީ ދޯ........ " ސަލްވާ ކުޑަކޮށް ހިނިތުންވެލިއެވެ.

"ވަޓް؟ " އާޒީން ހީކުރީ ޖެއްސުންކުރަން އުޅެނީކަމުގައެވެ.

"އަހަންނަށް އެނގޭ އާޒް ބަލިކަން. ކޮޅަށް އިނދެ ނަމާދުކުރެވޭނެ ހަކަތައެއް ނުހުންނާނެ. އެކަމަކު ބަލިވެއުޅެންޏާ އޮށޯވެގެންއޮވެވެސް ނަމާދުކުރުމަކީ ވާޖިބެއްނު ދޯ..." ސަލްވާ އޭނައަށް އެނގިހުރިގޮތަކަށް ވާހަކަދެއްކުމުން އާޒީން ރުޅިގަދަވެގެން މޫނުމަތިން އެކަން އެނގުނެވެ. ނަމަވެސް ދޮންމަންމައެއްކަމަކު ބައްޕައަށް ކުރާ އިހުތިރާމްކުރުމުގެ ގޮތުން އޭނައޮތީ ހިމޭނުންނެވެ. ދަތްތައް ވިކައިގެންނެވެ. އާޒީން ދެލޯ މަރާލައިފިއެވެ. އާޒް އާޒްއޭ ކިޔައިގެން މި އަންހެނާ އުޅޭއިރު ހާދަވަރަކަށް ބޮލުގައި އެބަ ރިއްސައެވެ. އާޒްގެ ނަމުން ގޮވަންޖެހޭނީ އޭނަގެ އާއިލާމީހުންނާއި ދަންނަ މީހުންނެވެ. ދޮންމަންމައަކީ އެހުއްދަ ދޭނެ އެންމެ ފަހުމީހާއެވެ.

"އައި ކެން ހެލްޕް. ކުޑަކޮށް ހުން ފިނިވެލީމަ ހޫނު ފެންފޮދަކުން ވުޟޫކޮށްލާނީ......." އާޒީން އަނގައިން ނުބުނުމުން ހިތްވަރުލިބިފައި އޭނަ އަވަހަށް ބޯތަށްޓަކަށް ފެންއަޅައިގެން އައިގޮތަށް އާޒީންގެ ބޮލުގައި ފެންފޮތިލާންފެށިއެވެ. ބޯ މޮޑެދިނެވެ. އާޒީންއަށް އެކަންވީ ސަލްވާގެ ދެއްކުންތެރިކަމަށެވެ. ދޮންދަރިން ރުޅިއަންނަކަން އެނގޭތީ ހިތް އަތުލަން ޖަހާހާ މަޅިތަކެވެ. އޭނަ ފަހަރެއްގައިވެސް ނުހެއްލޭނެއެވެ. ސަލްވާ އަލްހަމްދުކިޔަވާފައި ގަޔަށް ފުމެވެސް ހެދިއެވެ. ސަލްވާގެ އޮމާން އަތުން މޮޑެދޭންފެށުމުން އަރާމުވެ ރިހުން ލުއިވެ ލޯ ހުޅުވައިލެވޭނެ ވަރުވެސްވިއެވެ.

"ހަމަހޭ ހުރެއްޖެއްޔާ ކިތަންމެ ބަލިކޮށް އުޅުނަސް ނަމާދުކުރަންވާނެކަމަށް މަންމަ އަބަދުވެސް ބުނެދިން. އުމުރުން ތޭރައަހަރުގައި ވަރަށް ގަދަ ހުމެއްޖެހިގެން ނުތެދުވެއޮތްއިރުވެސް މަންމަ ވުޟޫކުރުވާފައި ނަމާދުކުރުވާނެ. ނަމާދުކުރީމަ ބަލީގެ އުދަގޫތައް ކުޑަވެ ހިތަށް ހަމަޖެހުން ލިބުނު. ތަންކޮޅެއް ކުރިން ލަވަ އަޑުއަހާ އުޅުނިން. ފަހުން ގާރީން ރީތިގޮތްގޮތަށް ގުރުއާން ކިޔަވާއަޑު އިވިފައި ލަވަތައްދެކެ މުޅިން ފޫހިވި. ފިލްމު ބެލުން ހުއްޓާލާފައި ލެކްޗަރުތައް އަޑުއަހަން ފެށުމުން އެކަމަށް ހިތްޖެހި ހުރިހާ ވަގުތުތަކެއްހެން ވޭތުވާންފެށީ އެކަމަށް. ކުރިން ލައިފް ވޭސްޓްކުރެވުނީއޭވެސް ހިތަށް އެރި. ނަމާދުކޮށް ގުރުއާން ކިޔަވާ އުޅެންފެށީމަ ހަޔާތުގެ ހުރިހާ މާޔޫސްކަމާއި ހިތްދަތިކަމެއް ފިލާ ހިތްވަރުގަދަވި. އަދި ހެއްދެވިފަރާތާއި އޮތް ގުޅުން ގާތްވިކަން. ފަހުން އެހުރިހާކަމެއް އިހުސާސްކުރެވުނީ. ބައްޔަށް ބޭސްކުރަނީ ޑޮކްޓަރުން. ޑޮކްޓަރުން މެދުވެރިއަކަށްވިޔަސް ޝިފާ ދެއްވަނީ އެންމެ ފަރާތަކުން. މަރުވާނެ އިރެއް އެއްވެސް އިންސާނަކަށް ނޭގޭނެ. ބައެއްމީހުން މުސްކުޅި އުމުރަށްގޮސްގެން މަރުވިޔަސް އެންމެނަށް އެ ނަސީބެއް ނުލިބިހިގައިދާނެ. ދިމާވާ އެކްސިޑެންޓަކުން ނޫނީ ޖެހޭ ބައްޔަކުންވެސް އިންސާނާ މިދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކުރަން ޖެހިދާނެ. ނަމާދުކޮށްގެން ހުއްޓާ މަރުވިއްޔާ އެޓްލީސްޓް ރިގްރެޓް ނުކުރާނެކަން ނޭގޭ. ނަމާދުކުރީމަ ލިބޭ ހިތްހަމަޖެހުން އާޒްއަށްވެސް ތަޖުރިބާ ކުރެވިފައި ހުންނާނީ. އެހެންވެ ކޮންމެ ހާލެއްގައިވެސް ފަސް ވަގުތު ނަމާދުކުރަން މިޖެހެނީ.............." ސަލްވާ އާޒީންގެ ބުޅި އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން އިނގިލިތަކުން މަސާޖުކުރަމުން ވާހަކަދެއްކިއެވެ. އާޒީން ލަވައަށް ލޯބިކުރާވަރު އެގުމުން މިއުޒިކަށްވުރެ ހިތަށް ފިނިކަންގެނެސްދޭ ރީތި ރާގުރާގަށް ގުރުއާން ކިޔަވާފައި ހުންނަކަން އަންގާދޭން ސަލްވާ އެފުރުސަތުގެ ބޭނުން ހިފީއެވެ.

ސަލްވާދެއްކި ވާހަކައާއިމެދުވެސް އާޒީން އެހާ ވިސްނައެއްނުލިއެވެ. އެއަށްވުރެ ބޮޑަށް އޭނަވަނީ ދެރަވެ ރުޅިގަދަވެފައެވެ. މިހާ ބޮޑަށް ބަލިވުމުން މޫޑު އެއްކޮށް ޚަރާބުވެއްޖެއެވެ. ނުވީތާކަށް ސަލްވާ ބާރު މި އަޅަނީ ނަމާދުކުރާށެވެ. މަރަށް އޮންނަ މީހަކަށް ނަމާދު ވާޖިބުވާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. ސަލްވާގެ ލެކްޗަރު އަޑުއަހާފައި އޭނަ ފޫހިވުން ނޫންކަމެއްނުވިއެވެ. މާ ދީންވެރި މީހަކަށް ހެދިގެން އެންމެނަށް ތިމާވަރުގެ އަޅުވެރިއެއް ނެތްކަމަށް ހެދިގެން އުޅޭއިރު އަސްލު ސޫރަ އަދި ވަނީ ވަންހަނާވެފައެވެ. ބައްޕައަށް އިހުތިރާމް ކުރާތީ މި އަންހެނާއަށް ކަމެއް ކޮށްލަން ނުކެރެނީއެވެ. އެހެންނޫންނަމަ މިހާރު މިތަނުން ނެރެވެސް ލާނެއެވެ.

ހަގީގަތުގައި އާޒީން މޫޑު ގޯސްވެގެން އުޅެނީ އެންމެ ސަބަބަކާއިހެދިއެވެ. އޭނަގެ ހިތާއި ސިކުނޑީގައި އެންމެ ޚިޔާލެއް އެނބުރެމުންދާއިރު ހިތް އެންމެ އެދޭ ސޫރަވެސް ފެނިލީއެއް ނޫނެވެ. ދުނިޔެއިން އެންމެ ދެކެން ބޭނުން ނުވާ އަންހެން މީހާ ކުރިމަތީގައި އިނދެގެން އިތުރަށް ޒަޚަމްތަކުގައި ލޮނު މިރުސްއަޅަނީއެވެ.

"ވަޓްއެވާ. މިއަށްވުރެ މަރުވިޔަސް މާ ރަގަޅު......." އާޒީންގެ ހިތަށް އަސަރުކޮށްފައި ބުނެވުނެވެ. އާއިލާ އެއްވެސް މީހަކު ނެތި ހިލޭ މީހެއްގެ އަތްމައްޗަށް އޭނަ ދޫކޮށްލާފައި ދިޔަކަމާއިމެދު ހިތް ޝަކުވާއިން ފުރިއްޖެއެވެ. ބައްޕަވެސް އޭނަގެ ގާތުގައި މަޑުކޮށްނުލާ ދިޔައީއެވެ.

"ބައްޕައަށް ގުޅީމަ އާޒް ތަންކޮޅެއް ހިތްހަމަޖެހޭނެކަން ނޭގޭ...." ސަލްވާ ފޯނުނެގިއެވެ.

"މާ އޯވަރ ނުވޭ ދޮންމަންމާ. ހަމަ ދެއްކުންތެރިކަން. އަހަރެން މަރުވިޔަސް އެހެން މީހަކަށް އެހާ އުދަގޫވާކަށް ނުޖެހޭނެ. އަހަރެންގެ އަތުގައިވެސް އެބައޮތް ފޯނެއް. ބައްޕައަށް ގުޅަންވީމަ ގުޅާނަން. ކޮންމެހެން އުދަގޫ އުފުލާނެކަމެއްނެތް. ކަމެއްކޮށްދެންޏާ މިތަނުން ދޭ. އޭރުން ފޭވަރއެއް ކޮށްދެވުނުކަމަކަށް ވާނީ. އަހަރެންގެ ލައިފް ރޫލް ކުރަން އުޅޭނެކަމެއްނެތް ސްޓެޕް މަދަރ......." އާޒީން ހިތާއި ހިތުން އެތިވަރުގޮވައިގަތެވެ. އައިވީއާއި އެއްޗެހި ގުޅާ ބޯންދިންވަރުން ފާޚާނާއަށްދާންވެސް އޭނަ ބޭނުންވިއެވެ. ނަރުހެއްގެ އެހީތެރިކަން ހޯދަންވެގެން އެނދުގައިވި ބަޓްންއަށް ފިތަން އުޅެފައިވެސް ޚިޔާލުބަދަލުވެގެން އޭނަ އަމިއްލައަށް ތެދުވުމާއިއެކު އަނދިރިވާ ކަހަލަ ގޮތެއްވިއެވެ. މޭނުބައިކޮށް ހޮޑުލަވާގޮތްވިއެވެ. އާޒީން ބާލީސްމައްޗަށް ވެއްޓިގަތެވެ. އަދި ދެއަތުގެ ތެރޭގައި ބާލީސް ބޮނޑިކޮށްލިއެވެ.

ދަރިފުޅު ބަލިވުމުން ފެމިލީ ލީވް ނެގުމަށްފަހު އާޒީންއާއި އެއްވަރަށް އަޒަލްއަށްވެސް މިއަދު ވަގުތުދޭން ހައިކަލްވަނީ ނިންމާފައެވެ. އެކަމަކު އަޒަލްއާއި ހަމަޔަށް މިފޯރީ މާ ލަހުންނެވެ. ހައިކަލް އަޒަލްގެ ކޮޓަރި ހުޅުވާލިއިރު އަޒަލްއޮތީ އޭނަގެ ބެއާ ގަޔާއި ފިތާލައި ބޮނޑިކޮށްގެން ނިދިފައެވެ. އެތަނަށް ވެރިވެފާ އޮތް ރަންކުލައިގެ އަލީގައި އަޒަލްގެ މޫނު ފެންނަލެއް ނިކަން މައުސޫމެވެ. އޭނައަށް އަދިވެސް ޅަކުއްޖެއްފަދައިން ފެންނަކުއްޖާ ބޮޑުވެ މީހަކާއި އިންނަން އުޅޭކަމަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ހައިކަލް އަޒަލްގެ ގައިމަތީ ރަޖާ ރީތިކޮށް އަޅާލުމަށްފަހު ނިތްކުރީގައި ބޮސްދިނެވެ.

"ސޮރީ ސްވީޓްހާޓް. އެންމެ ބޭނުންވި ވަގުތުވެސް ބައްޕައަށް މިއުޅެވުނީ ދުރުން. ގުޑްނައިޓް......" ހައިކަލް މަޑުމަޑުން ބުނެލުމާއިއެކު އަޒަލް ދެލޯ ހުޅުވާލުމަށްފަހު ކުޑަކޮށްހީލިއެވެ. އަދި އޭނަގެ ބައްޕައަށް ގޮވައިލިއެވެ.

"ޒެލް.......މިރޭ މާ އަވަހަކަށް ނިދަން އުޅެނީ؟ " ހައިކަލް އަހައިލިއެވެ.

"އާޒްމެންވެސް ނެތީމަ ފޫހިވެގެން. ބައްޕަ އަޅުގަނޑުދެކެ ހިތްހަމަނުޖެހިފައިހެން ހީވޭ، އައިމް ސޮރީ ބައްޕާ. ބައްޕަ ބުނާގޮތަށް ހަދާނީ. ބައްޕަ އޯކޭ ނުދެންޏާ މެރީވެސް ނުކުރާނަން....." އަޒަލް ދުނިޔެއިން އެންމެ ލޯބިވާ އޭނަގެ ހީރޯއަކީ އޭނަގެ ބައްޕަކަމަށްވާއިރު އެބައްޕަގެ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއްކުރާކަށް އޭނަ ތައްޔާރެއްނޫނެވެ.

"ބައްޕަ ކަން ނޭގޭ މާފަށް އެދެން ޖެހެނީ. ބައްޕަ ޑިއުޓީގައި މާ ބުރަކޮށް އުޅެމުން ފެމިލީއަށް އެއްވެސް ގޮތަކަށް ވަގުތު ނުދެވި މިހިސާބަށް މިއައީ. އަޒަލް ބުނީމެއްނު ބެލްކަނިން ފުންމާލައިގެން އަމިއްލައަށް މަރުވާނީއޭ. ބައްޕަގެ ޒެލްއަކީ ވަރަށް ސްޓްރޯންގް ކުއްޖެއްކަމަށް މިވީހާތަނަށް ހީކޮށްގެން އުޅުނީ.........." ހައިކަލް ވިސްނުންތެރިކަމާއިއެކު އަޒަލްގެ މޫނަށް ބަލައިލިއެވެ. "ޑިޕްރެޝަން" ގެ އެއްވެސްކަމެއް އަޒަލްގެ ފަރާތުން އޭނައަށް ފާހަގަކުރެވިފައެއްނެތެވެ. އޭނަގެ ތިންކުދިންވެސް މިފަހަކަށް އައިސް އެފަދަ ކަމެއްގެ ޝިކާރައަކަށްވެގެން ދާން އުޅޭހެން މިހާރު އެބަ ހީވެއެވެ. މިހެންވާން ޖެހުނީ އޭނަ ދޮންމަންމައެއް ގެނެސްދިނުމުންހެއްޔެވެ؟ ނޫނީ އަޅާނުލެވޭތީހެއްޔެވެ؟ ނޫންނަމަ ކުޑައިރު އެކުދިންނަށް ފެނިފައިވާ ކަންތައްތަކުގެ ސަބަބުން އަސަރުކޮށްފައިވަނީ ބާވައެވެ. މައިންބަފައިން ދަރިން ކުރިމަތީގައި ޒުވާބުކޮށް ހަރުކަށިކަން ދެއްކުމަކީވެސް އެފަދަ އަސަރުތަކެއް ކުރުވާނެކަމެކެވެ. އެތައް ކަންތައްތަކެއް އެއްފަހަރާ ކުރިމަތިވުމުން ހިތްވަރު ބަލިވެ ހަދަންވީގޮތް ނޭގި އޭނަވެސް މާޔޫސްކަމާއި ހިސާބަށް ހިގައްޖެއެވެ.

"އެހެން ބުނީ ދެން.. އެދުވަހު ކަމަކާއި ދެރަވީމަ." އަޒަލް ކަންބޮޑުވިއެވެ.

"އަޒަލް ނުބުނީ ކީއްވެ؟ އެކަހަލަ ކަމެއްކޮށްލަން ހިތަށް އެރުވީތީވެސް ހާދަހާ ދެރަވެއްޖެއޭ. އަޒަލް އެކަހަލަ މައްސަލައެއް ހުރިއިރު ނޭގުނުކަމީ ބައްޕަގެ ފަރުވާކުޑަކަން. އިހުމާލުވެވުނުކަން. އެފަދަ ކަމެއް ހިނގިނަމަ ދުވަހަކު އަމިއްލަ ނަފުސަށް މާފުދޭނީ ކިހިނެއްތަ؟ ބައްޕަގެ ދަރިފުޅު އެހާ ބޮޑަށް މާޔޫސްވެ އަމިއްލައަށް މަރުވާން ޚިޔާލުކުރާވަރުގެ ކަމެއް ހިގިއިރު ބައްޕައާއިވެސް ޝެއާ ކުރެވެންވާނެއެއްނު. މިހިރީ ކޮންމެ ކަމަކާއިވެސް ހެލްޕްވާން. ދަރިފުޅާ. ދެން ކޮންމެފަދަ ބޮޑު ހިތާމައެއް ދެރަކަމެއް ވިޔަސް އެކަހަލަ ޚިޔާލެއްނުކުރައްޗޭ. އޭރުން ކިތައް މީހުންނެއްގެ ހިތް ހަލާކުވެގެންދާނެ. ތިންކުދިންނަކީ ބައްޕަގެ ދުނިޔެ. ފުރާނަ. ހުރިހާވެސް އުފަލަކީ ތިއީ......." ހައިކަލްގެ ހިތަށް ކޮށްފައިވާ އަސަރުން ދެލޮލުން ފެންނާން ހުއްޓެވެ. ވިޝާމް މިއަދު ބުނި ވާހަކަތައް އޭނަގެ ކަންފަތުގައި ހަރުލާފައިވަނީ ފަސޭހައިން ފިލާފަދަ ގޮތަކަށް ނޫނެވެ. އަޒަލްމެން ނުބެލެހެއްޓުނުކަމާއިމެދު އޭނަ ހިތާމަކުރާވަރު ދެނެވޮޑިގެންވަނީ އެކަނި ހެއްދެވި ފަރާތެވެ.

"ޒެލް ބުނެބަލަ. ސަލްވާ މިގޭގައި ހުރީމަ ޒެލްމެނަށް އެއްވެސް ކަމަކުން އުދަގޫވޭތަ؟ އޭނަގެ ސަބަބުން ހިތްހަމަނުޖެހުމެއް ހުރިއްޔާ ޒެލްމެން ބުނަންވީ. ދޮންމަންމައެއްގެ މަގާމުގައި ހުއްޓަސް ޒެލްމެންނަށް ދެރަގޮތެއް ވާތަން ދެކޭކަށް ބައްޕަ ނުހުންނާނެކަން އެނގެއެއްނު ދޯ..." ސަލްވާގެ ސަބަބުން އަޒަލްމެން ދެރަވެ ހިތްހަމަނުޖެހިފައިވާތޯ ބަލަންވެގެން ހައިކަލް ސުވާލުކުރުމުން އަޒަލް ހީގަނެފައި ބުނީ ދޮންމަންމަ އެއް ހުއްޓަސް އެންމެރަގަޅުކަމުގައެވެ. އަޒަލްވެސް ވިސްނީ އޭނަގެ ބައްޕަގެ މަޖުބޫރު ހާލަތާއިމެދުގައެވެ. ބައްޕަގެ ބޮލު ރިހުމަށް އެކުދިން ވާކަށް ނޭދުނެވެ. ދޮންމަންމައާއި ހިތް ދިމާއިދިކޮޅު ނަމަވެސް ދުލާއި ހަމަޔަށް އެވާހަކަ ގެންނަން ކުޅަދާނަނުވިއެވެ.

ސަލްވާ ނިދަން ކޮޓަރިއަށްވަދެފައި ނަމާދުކޮށް ހަދާލައިގެން ހަރުވާޅެއްލައިގެން ނިދަން ތައްޔާރުވިއެވެ. ގަޔަށް ދޫ ޓީޝާޓެއްލައިގެން އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލުމަށްފަހު އެނދުގައި އޮށޯންނައިރަށް ހައިކަލްގެ ތަސްވީރު އޭނަގެ ލޮލަށް ވެރިވެގަނެގެން ނިދި ގެއްލުވާލައިފިއެވެ. މި ކައިވެނީގެ މަގުސަދާއިމެދު އޭނަގެ ހިތުގައި ސުވާލުތައް ދުވަސްވާވަރަކަށް އިތުރުވަނީއެވެ. އަނެއްކޮޅުން އޭނައާއި ދާދި އެއް އުމުރެއްގެ ތިން ޒުވާންކުދިންގެ ދޮންމަންމައަކަށްވެ ހުރުމާއިއެކު އެކުދިންނާއި އެކުވެރިވާން އޭނަ ކުރާ މަސައްކަތްވެސް ވަނީ ބޭކާރެވެ. އަޒަލްއާއި އާޒީންވެސް އޭނަދެކެ ނަފްރަތު ކުރާކަހަލައެވެ. ފަހުން ރަގަޅުވާނެކަމުގައި ސަލްވާ އުއްމީދުކުރެއެވެ. ފާޑު ފާޑުގެ ފިކުރުތަކުން ސަލާމަތްވާންވެގެން އޭނަ ދީނީ ފޮތެއް ހުޅުވާލައިގެން ކިޔަންފެށިއެވެ. ދީނާއިމެދު އޭނަގެ ހިތުގައި ޝައުގު އުފެއްދީ އޭނަގެ މަންމައާއި މާމައެވެ. މާމަ ނަމާދުގޭގައި ކުޑަވަރެއްގެ ފޮތް ހަރުގަނޑެއްހުރެއެވެ. އެކި ސައިޒުގެ ފޮތްތަކުގެ ތެރޭގައި ސަލަވާތް ދުއާ ޒިކުރުފަދަ ތަފާތު ސައިޒްގެ ތަފާތު ވައްތަރުގެ ފޮތްތައް ހުއްޓެވެ. ޔަރުމޫކު ހަގުރާމަފަދަ ދީނީ ވާހަކަތަކެއްވެސް ހުރުމުން ސަލްވާ ހުސްވަގުތު އެފޮތްތައް ކިޔެވެ. އެފޮތްތަކުން އަސްހާބު ބޭކަލުންގެ ނަންތަކާއި ދިރިއުޅުމާއި ބެހޭގޮތުން އެތައް އެއްޗެއް ދަސްވިއެވެ. އެންމެ ޚާއްސަވީ ސަލަވާތް ފޮތެކެވެ. ސަލަވާތްކިޔެވުމުގެ ފައިދާތަކުގެ ތެރެއިން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހުވަފެނުން ފެންނާނެކަމާއި އެމީހަކު ބޭނުންވާ ކަންތައްތައް ދުނިޔެއިންނާއި އާޚިރަތުން ލިބޭނެކަން ބަޔާންކޮށްފައި ހުރި ތަން ފެނި ސަލްވާ އުފަލުން ހިތް އުދުއްސައިގަތެވެ. ކެނޑިނޭޅި އޭނަ ސަލަވާތްކިޔެވީ ހުވަފެނުން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ފެނުމަށް އެދިއެވެ. އެއީ އޭނަގެ އެންމެ އެދޭ ކަންތައްކަމުގައި ވިއެވެ. ކްލާސްއެހެން ކުދިން ޑޭމަން ސަލްވަޓޯ ޒެއިން މާލިކް ފަދަ މީހުންނަށް މޮޔަވެގެން އުޅުނުއިރު އޭނަގެ ހީރޯއިންކަމުގައި ހިމެނުނީ އަސްހާބުންނެވެ. އަސްހާބުންގެ ނަންތައް ދަސްކޮށްގެން އޭނަ އެތަނުން ވަކި ބޭކަލުންނެއް ޚާއްސަކޮށްގެން އުޅުނެވެ. އެއްރޭ އެކަހަލަ ހުވަފެނެއްވެސް ފެނުނެވެ.

ސަލްވާ ދީނަށް ލޯބިޖެހުނުފަހުން ލަވައިގެ ބަދަލުގައި އަޑުއަހަނީ ގުރުއާނެވެ. ލޯބީގެ ޑްރާމާތަކުގެ ބަދަލުގައި ބެލެނީ އިސްލާމީ ކުރު ހަގީގީ ފިލްމުތަކާއި ލެކްޗާސްތަކެވެ. ގިނަވަގުތު އަޅުކަމުގައި ހޭދަކުރުމުން ހިތަށް ބުނަންނޭގޭފަދަ ހަމަޖެހުމެއްލިބި އުފާވެރި އަންހެންކުއްޖަކަށް ވެވިއްޖެއެވެ. "ހިތްތަކަށް ހަމަޖެހުން ލިބެނީ މާތް ﷲ ހަދުމަ ކުރުމުންނެވެ." ގުރުއާނުގައި ވަހީކުރައްވާފައިވެއެވެ.

ކޮންމެވެސް މީހަކު ދޮރުގެ ތަޅުގައި ހިފާލިހެން ހީވެފައި ސަލްވާއަށް ފުންމައިގެން ތެދުވެ އެނދުމަތީގައި އިށީދެވިއްޖެއެވެ. އޭރު އޭނަގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ.

"މިގަޑީގައި އަންނާނީ ކާކުބާ....." ސަލްވާ ފާރުގައި ހުރި ގަޑިއަށް ބަލާލައިފިއެވެ.

 

 

ކޮމެންޓް 0