"އޯކޭ ވާނެ........" އާޒީން އެތެރެއަށްވަދެފާ ރަޖާގެ ދަށަށްވަދެއޮތަސް ހީފިލާގޮތެއްވެސްނުވިއެވެ. ހިތުގައި ޖެހި ހަމަ ރޮވެނީއެވެ. ޓިޝޫޕެކެޓަކަށްފަހު ޕެކެޓެއްހުސްވާއިރުވެސް މާއިޒްގެ ޖުމްލަތައް ތޫނު ތީރުތަކެއްފަދައިން ހިތަށް ހެރި ހިތް ކުދިކުދިކޮށްލައިފިއެވެ. ކޮންފަދަ އަނިޔާވެރި ލަފުޒުތަކެއްހެއްޔެވެ؟ ހާދަހާ ހިތަށް ތަދުކޮށްލައިފިއެވެ. ސަލްވާ ސައިތަށްޓެއްހިފައިގެން އައުމުން އާޒީންތެދުވެ އިށީދެއްޖެއެވެ. ސަލްވާ ދޮންމަންމަކަމުގައިވިޔަސް ގޯހެއްނޫނެވެ. އޭނަ އަރިދަފުސްރޯގާޖެހުމުންވެސް އަޅާލިވަރުކުޑައެއްނޫނެވެ. ހޫނުފެނުން އާވިއަރުވާވެސް ދިނެވެ. ޗިކަންސޫޕްވެސް ގެނެސްދިނެވެ. ހަގީގަތުގައި އޭނަގެ ބައްޔަށްވުރެ ހިތަށް ލިބިފައިވާ އަނިޔާ މާ ބޮޑެވެ. އޭނަ ސަލްވާއާއި ކޮންމެވެސް ވަރަކަށް އެވާހަކަ ހިއްސާކުރަން އެވަގުތު ބޭނުންވިއެވެ. ސަލްވާއަކީ ދީނީ އަންހެންކުއްޖަކަށްވާއިރު ކޮންމެވެސް ކަހަލަ ޚިޔާލެއްދެވިދާނެއެވެ. އޭނަ ކުރިން ނަމާދުކޮށް ދުޢާކުރުމުންވެސް އޭނަ ބޭނުންވާކަންތައް ވަނީ ފުރިހަމަނުވެއެވެ. އެހެންވާންވީ ސަބަބެއް އާޒީންއަކަށް ނޭގެއެވެ.

"ސަލްވާ. އަހަރެން ސުވާލެއްކުރަންތަ؟" އާޒީން ހެޑްބޯޑަށް ލެނގިލަމުން ހަމަޖެހިލިއެވެ.

"ހޫމް..." ސަލްވާ ހުރިހާ ސަމާލުކަމެއް އާޒީންއަށް ދިނެވެ.

"ސަލްވާ ދުޢާކުރަންތަ؟ ވަރަށް ބޭނުންވާކަމެއް އޮތިއްޔާ ދުޢާކުރާއިރަށް އެކަމެއް ވޭތަ؟ " އާޒީން އޭރުވެސް އިނީ ނޭފަތުގައި ޓިޝޫ ޖައްސާލައިގެންނެވެ.

"ބޭނުން ހުރިހާ ކަމެއް ވަގުތުންވާނީ ސުވަރުގޭގައި އެކަނި. އަހަރެމެންވެސް ވިޝްކުރަމެއްނު. އިންސާނުންގެ ބޭނުންތައް ގުނާ އަދަދުނުކުރެވޭނެ. ލިބޭވަރަކަށް އިތުރުކުރަން ހިތްއެދޭނެ. އެއީ އިންސާނާގެ ތަބީއަތް....." ސަލްވާ ހިނިތުންވެލިއެވެ.

"ޝޫޓިންސްޓާރެއް ފެނުނީމަވެސް ވިޝްކުރާގޮތަށް ދޯ...." އާޒީންއަށްވެސް އެކަމާއި އެއްބަސްވެވުނެވެ.

"ދީނުގައި އޮންނަނީ ކޮންމެކަމެއްގައި ދުޢާކުރުން. ބެގްކުރުން. ކުދިކުދި ކަންތައްތަކުގައިވެސް ދުޢާކުރުން. އިސްތިޚާރާކުރުން. އާޒް ބުނިހެން ދުޢާކުރާއިރަށް ކަމެއްނުވެ ހިނގައިދާނެ. އާޒްވިސްނިޔަސް އެނގޭނެ. ބޭނުން ކޮންމެކަމެއް ފުރިހަމަވާން ވެއްޖެއްޔާ މިއީވެސް ސުވަރުގެކަމުގައިވާނެ ދޯ. އެންމެންވެސް ބޭނުންވާ ކަމެއްވަގުތުން ވަންޏާ ހުރިހާކަމެއް ހަމަ ޕަފެކްޓްވާނެ. އެކަމަކު އެހެނެއްނޫން އެކަން އޮތީ. ކުރީ ދުވަހު ބެލި ވީޑިއޯއެއްގައި އުސްތާޒާއަކު އެކަމާއި ބެހޭގޮތުން ވާހަކަދެއްކެވި...." ސަލްވާ ވާހަކަދައްކަންފެށިއެވެ.

"އުސްތާޒާގެ ވާހަކައިން މިސާލެއް އާޒްއާއި ގުޅުވާފައި ބުނެފާނަން. އާޒް ލޯބިވަނީޔޯ ބޯއިއެއްދެކެ. ވަރަށްވަރަށް ލޯބިވޭ. އޭނަ ކިތަންމެ ރީއްޗަސް އެއީ ޕާޓޭއެކޯ. އެހެންވެ ކޮންމެ ރެއަކު ކަމާއި ކަންފަށާ ދަމުނަމާދުކޮށްގެން ދުޢާކުރަނީޔޯ އެލޯބި ކާމިޔާބުވާން. އެހެންދުޢާކުރަމުންގޮސް އަހަރެއްވީފަހުން އޭނައެއްނޫން ލިބުނީ. އާޒްދެކެ ލޯބިވާ ސޯލިހު ރަގަޅު ފިރިޔެއް. އޭރު އާޒްއަށް އެކަނި ދުޢާ އިޖާބަވީއެއްވެސް ނޫން. އާޒް ކޮންމެ ރެއަކު ދަންވަރު ހޭލާއިނދެ ދުޢާކުރަމުންގޮސް ހެއްދެވިފަރާތާއި އޮތް ގުޅުންވެސް ވަރުގަދަވެފައި ވާނީ. ދުޢާއަކީ އަޅުކަމަކަށްވީމަ ސަވާބުވެސް ލިބޭނެ. ފުރަތަމަ ރޭ ދުޢާކޮށްގެން އެ ޕާޓޭ ލިބުނުނަމަ ދެން އާޒްއަށް ވާނެގޮތް އެނގޭތަ. ފަހަރެއްގައި އޭނަ މީހަކު މަރައިގެން ޖަލުގައިވެސް ވެދާނެ. ނޫނީ މީހަކާއި އިނދެފައި އެމީހާއަށް ބޭވަފާތެރިވެ އަނިޔާކުރާ މީހަކަށްވެސް ވެދާނެ......... " ސަލްވާގެ ވާހަކަކޮޅުން އާޒީންއިނީ ދެލޯ ބޮޑުވެފައެވެ.

"އޯ......." އާޒީންއަށް ބުނެވުނީ އެހެންނެވެ. މިސާލަކޭ ކިޔާފައި ފިރިހެންކުއްޖެއްގެ ވާހަކަ ގެނައިގޮތުން ހީވީ އާޒީންގެ ހިތް އެނގިގެން ދެއްކިވާހަކައެއް ހެންނެވެ. ތަފާތަކީ މާއިޒް ޑޮކްޓަރަކަށްވީކަމެވެ. ރަގަޅު މާތް ޒުވާނަކަށްވީކަމެވެ. ސަލްވާ ބުނެދިންގޮތުން އާޒީންގެ ހިތް ޝައުގުން ފުރުނެވެ.

"މިބުނާ އެއްޗަކީ މާތް ﷲ ދެނެވޮޑިގެންވާނެ އަޅުތަކުންނަށް ރަގަޅުގޮތަކީ ކޮބާކަން. ގޯސްގޮތަކީ ކޮބާކަން. ކޮންމެކަމަކަށް ހިކުމަތެއްވާނެ. އާޒްވެސް ނަމާދުކޮށްގެން ދުޢާކޮށްބަލަ. ތަފާތު ފެންނާނެ. ނަމާދުގެ ހުރި ފޮނިކަން އިހުސާސްކުރެވޭނެ. ދުޢާ ވަގުތުން އިޖާބަނުވިޔަސް ހާދަ ގިނަ އެހެން ކަންތައްތައް ލިބޭ. އެތައް ސަވާބަކާއިއެކު އެތައް ކަމެއް ދަސްވޭ. މިސާލަކަށް ކެތްތެރިކަން. ޝުކުރުވެރިވުން. ހީޒް ދަ ކްރިއޭޓަރ. ދުޢާކޮށްފަ ބެގްކުރަންވީ ހަމަ. އާދޭސް ދެންނެވުމުން އާޒްއަށް ސަވާބުލިބޭނީ.... ގުރުއާނުގައިވެސް ވަހީކުރައްވާފައިވޭ ތިޔަބައިމީހުން ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި ހޯދާށޭ..............." ސަލްވާ ބުނެދިނެވެ.

"އައި ޕްރޭޑް. ދުއާވެސްކުރިން. ނުވީމަ ހުއްޓާލީ. ބަޓް ސަލްވާ ބުނެދިނީމަ ގަބޫލުކުރެވިއްޖެ. އެންމެ ފަހަރަކު ދުޢާކޮށްފައި ހުއްޓާލުމަކުން އަދި އެކަމެއް ނުލިބިވެސް ހިނގައިދާނެ........." އާޒީން އެސްފިޔަތައް ތިރިކޮށްލިއެވެ.

"ޑޯންޓް ގިވް އަޕް. އެންމެ ފަހަރަކު ކުރީމަ ކެތްކުރިކަމަށްވެސް ނުވާނެ އާޒް. ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުކުރީމަ އާޒްގެ ދިރިއުޅުން އުފާވެރިވާނެ. އެޓްލީސްޓް ރޫހާނީ އުފާވެރިކަން ހިތަށް ލިބޭނެ. އާޒް ލެޕް ހުޅުވަބަލަ. އަހަރެން ބުނާ ވީޑިއޯތަކެއް ޔޫޓިއުބުން ބަލަންފަށާބަލަ. އޭރުން ވަރަށް ގިނަ އެއްޗެހި ދަސްވާނެ......" ސަލްވާ އެނދުގެ އެއްފަރާތުގައި ހުރި ލެޕްޓޮޕަށް ނަޒަރުހުއްޓާލިއެވެ. އާޒީން ލެޕްޓޮޕްނެގުމަށްފަހު ސަލްވާގެ ކައިރިން އަހައިގެން އެބުނާ ވީޑިއޯތައް ބަލަންފެށުމުން ޝައުގުވެރިވިއެވެ. ސަލްވާ ދިޔުމުންވެސް އެތައް އިރެއްވާންދެން ދީނީ ލެކްޗަރުތައް ބަލަން އިނެވެ. އާޒީން ހައިރާންވިއެވެ. އޭނަ ގަވައިދުން ބަލާ ޓީވީ ސިލްސިލާގަޑިވެސް ކެޓިއެވެ. އެއަށްވުރެ މާ ޝައުގުވެރިކުރުވަނިވި އެއްޗަކަށްވިއެވެ. ހައިކަލް ގެއަށް އައިސްފާ އާޒީންގެ ހާލު ބަލައިލަން އައެވެ. އާޒީން ބުނީ ތެމުމުން ކުޑަކޮށް ރޯގާ ވައްތަރުވީކަމަށާއި މިހާރު ރަގަޅުކަމުގައެވެ. ތެދެކެވެ. ހައިކަލް އައިއިރު އާޒީންގެ މޫނު ފެންނަނީ ތާޒާކޮށެވެ. ލެޕް ހުޅުވާލައިގެން އެއްޗެއް ބަލަން އިންއިރު ދެލޮލުގައި ޝައުގުވެރިކަންވިއެވެ. ހައިކަލް އާޒީން ބަލާއެއްޗެއް އޮޅުން ފިލުވާކަށް ކޮންމެހެން ނޫޅުނެވެ. ނަމަވެސް އޭނަ އެތަނަށް ވަންއިރު ގުރުއާންގެ އާޔަތެއްގެ މާނަ އިވުމުން އާޒީން ބަލަނީ ދީނީއެއްޗެއްކަން އެނގި ހައިރާންވެސްވިއެވެ. ފަހުން ވިސްނުނެވެ. އާޒީންއަށް އެފަދަ ކަމެއް ދަސްވާނީ ސަލްވާގެ ފަރާތުންނެވެ. ދީނީ ލެކްޗާތައް އަބަދު ބަލާ އުޅެނީ ސަލްވާއެވެ.

އާޒީން ކާކޮޓަރިއަށްވަދެ ކޮފީއެއް ހަދާލައިގެން ނުކުންނަނިކޮށް މާއިޒް ނުކުމެގެން ދިޔަތަން ފެނުނެވެ. މުޅި ހިސާބުގައި މީރުވަހެއްހިފާލިއެވެ. ވަންމިލިއަން ސެންޓްވަހަކީ އާޒީންގެވެސް ފެވެރިޓެވެ. މާއިޒް ހުރީ ބުމަ ކައިރިކޮށްލައިގެންނެވެ. އަދިވެސް ރުޅި މައިތިރިނުވަނީކަން ނޭގެއެވެ. އެއްފަރާތުން ވެވޭ ލޯތްބަކީ ހާދަ ހިތަށް ތަދުވާކަމެކެވެ. އާޒީންމެން ކުޑައިރު މާއިޒް ގެންގުޅެފައިވަނީ ނެނީއެކެވެ. މަންމަ އަބަދުވެސް އޭނަގެ ކައިރީގައި ބުނާނީ މާއިޒްއަކީ ބޭބެއެއް ނޫންކަމެވެ. މަންމަ ހުރިއިރު ކައިރިވިޔަވެސް ނުދެއެވެ. އޭރުއްސުރެ މާއިޒްއާއި ދޭތެރޭގައި ބައްޕައެއްގެ ނަޒަރުން ނުދެކެވެއެވެ. އޭނަގެ އުމުރުން ބާރައަހަރުގައި އޭނައަށް ޔަގީންވީ މާއިޒްއަކީ އޭނަގެ ބައްޕަ އެޑޮޕްޓްކުރި ކުއްޖެއްކަމެވެ. އެއާއިލާއަށް ނިސްބަތްވާ ޒުވާނެއްވެސް ނޫންކަމެވެ. ބައްޕައާއި ރައުދާދެއްކި ވާހަކައަކުން އާޒީންއަށް އެކަން އެނގުމަށްފަހު މާއިޒް ކައިރީގައި ބުނަން ބޭނުންވިއެވެ. ނަމަވެސް އޭނަ އެއްގޮތަކަށްވެސް ބައްޕަމެން ސިއްރުކޮށްފައިވާ އެފަދަ ކަމެއް އެހެން މީހަކަށް އަންގާހިތެއްނުވިއެވެ. އަޒަލް ކައިރީގައިވެސް އެވާހަކަ ސިއްރުކުރީ އެހެންވެއެވެ. އަޒަލްދެކެނީ ބޭބެއެއްގެ ގޮތުގައެވެ. އެއީ އަޒަލްއަށް އެކަމުގެ ހިލަމެއްވެސް ވެފައިނުވާތީއެވެ. މާއިޒް އެއާއިލާ ކުއްޖަކަށް ނުވިޔަސް ބޮޑުދައިތަމެންނާއި މާމަ އަދި ކާފަވެސް މާއިޒްއަށް ހާދަ ހެވެވެ. ތަފާތުކުރަނީ އެކަނި ބޮޑުދައިތަ މެހެރީނާއެވެ. މެހެރީނާ އެހާ ރުޅިއަންނަކަން އާޒީންގެ އިތުރުން މާއިޒްއަށްވެސް އެނގެއެވެ. މާއިޒް ތަންކޮޅެއް ކުޑައިރު އެކުދިންގެ ބައްޕަ މާއިޒްދެކެ ވަރަށް ލޯބިވާއިރުވެސް މަންމަ މާއިޒްއަށް ތަފާތުކުރެއެވެ. ބޮޑުވިފަހުން މާއިޒްއަށް ޝައްކުވީބާވައެވެ. އޭނަ ރައުދާއަށް މަންމަ ކިޔުން ހުއްޓާލިއެވެ. މަންމައަކާއި ފިރިހެންދަރިއެއްގެ އޮންނަންވާ ގުޅުން ދުރުވާނީ މާއިޒްއަށްވެސް ކަމެއް އެނގިގެންބާވައެވެ. އަދި މާއިޒް ބައްޕއަށްވެސް މާ ބޮޑަށް އިހުތިރާމްކޮށް ގަދަރުކުރާކަހަލައެވެ. ހަގީގަތް އެނގުމުން މާއިޒްގެ ހިތަށް އަސަރުކުރީކަން ނޭގެއެވެ. ހިލޭމީހަކަށްވެހުރެ އެންމެން އޭނަދެކެ ވާ ލޯބީގެ އަގު ވަޒަންކުރަނީކަމަށްވެސް ވެދާނެއެވެ.

އާޒީންއަށް ވަނީ ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު ނުލިބިފައެވެ.

އަޒަލް ހަނީމޫން ދަތުރު ނިންމާލާފައި އައިއިރު ވިޝާމްއަށް ނާދެއެވެ. ވިޝާމް މާލެއައިސް ފޭބިތަނާ ކޯލެއް އައީއެވެ. އޭނަގެ ގާތް އެކުވެރިޔަކު މޫދަށް ގެނބިގެން ރަށުގެ ހޮސްޕިޓަލަށް ގެންދެވުނު ހިތާމަވެރި ޚަބަރު ލިބި ވަގުތުން ޓިކެޓް ނަގައިގެން ވިޝާމްފުރީއެވެ. އަޒަލް ހުރީ އުފާވެރި މޫޑެއްގައެވެ. އެންމެނަށް ދޭން އޭނަ ހަދިޔާވެސް ގެނައެވެ. އޮސްޓްރޭލިއާއިން ގަތް ތަފާތު އެއްޗެހީގެ އިތުރުން ޗޮކްލެޓްކަހަލަ ސާމާނުވެސް ހުއްޓެވެ. އެންމެނަށް ހަދިޔާ ބަހާނިމުމުން ސަލްވާއަށް ނުގެންނަނީހެއްޔޭ އާޒީން އަހައިލިއެވެ. އަޒަލް ހީލާފައި ބުނީ އެހެންމީހަކަށް ނުދެއްކޭނެ ކަމުގައެވެ. އެކަމަކު އާޒީންއާއި ދެކުދިން އެކަނިވުމުން އަޒަލް ސަލްވާއަށް ގެނައި ހަދިޔާ ދައްކާލުމުން އާޒީން ދެލޯބޮޑުކޮށްލިއެވެ.

"ޒެލް ގަނޑާ............ވަޓް އިޒް ދިސް. ސަލްވާކަހަލަ ދީނީ ކުއްޖަކަށް؟ "

"ހަހަ......"

"ސީރިޔަސްލީ ސަލްވާ ނުލާނެ މިހެދުން....."

"ބުރުގާ އަޅާކުދިން ނިދަން އެނދަށް އަރަނީވެސް ކަޅުހެދުމާއިއެކު ކަމަށް އާޒް ހީކުރަނީ؟ ސްޓުޕިޑް. ސަލްވާއަށް މިހެދުން ކަމުދާނެ. ކަޕްލްއެއް ވެއްޖެއްޔާ ސްޕެޝަލް ނައިޓްސްތައް އަންނާނެ. ރޮމެންޓިކް ރޭތަކުގައި މިގޮތަށް ޑްރެސްކުރާނެއްނު. އަދި މި ފީރޯޒް ސެޓާއިއެކު ހެދުން އަޅާލީމަ ކިހާ ރީތިވާނެ. ބެލްކަނީގައި ޑޭޑްއާއި ދެކުދިން ހަމަ ކެންޑްލްލިޓް ޑިނަރއެއްވެސް ބާއްވަފާނެ. މިގޮތަށް ޑްރެސްކޮށްގެން......"

"ޔޫ އާ ރައިޓް...." އާޒީން ހޭންފެށިއެވެ. އެއީ ވަރަށް ރީތި މިޑީހެދުމެކެވެ. މަޑު ނޫކުލައެއްގައި ވާއިރު ހެދުމުގެ މޭމަތި ހުރީ ފްލޯރަލް ކޮށެވެ. އަތެއްނެތްއިރު ބުރަކަށިވެސް ހާމަޔަށް ހުންނާނެއެވެ. ވަރަށް ސްޓައިލިޝް ހެދުމެކެވެ. މޮޑެލްއިން ޕާޓީތަކަށް ދާން ލާކަހަލަ ހެދުމެވެ. ޑިނަރއަކަށްދާންވެސް އެކަށީގެންވެއެވެ. ސަލްވާއަށް ހެޔޮވަރުވާނެބާވައެވެ. މިހުރިހާ ދުވަސްވީއިރުވެސް ހަށިގަނޑުގެ ބައްޓަން ހުންނަގޮތެއްވެސް އެނގެނީއެއްނޫނެވެ. އަޒަލް ލަފާކޮށްފައިވަނީ ރަގަޅަށްކަން އާޒީންއަށްވެސް ހީވިއެވެ. ސަލްވާ ހުންނާނީ ހިކިކޮށެވެ. ރީތިވަރަކަށް އިސްކޮޅާއި ރޫފައެޅިގެންވާނެއެވެ. ފީރޯޒްސެޓްވެސް އެހާ ނަލައެވެ. މިހެދުމާއި އެކު ސެޓް ބޭނުންކުރުމުން ސަލްވާ ހުންނަލެއް ބަލައިލާހިތްވިއެވެ.

އަޒަލް އެހެދުން ގެންގޮސްދިނުމުން ސަލްވާ ވަރަށް ލަދުގަތެވެ. ނަމަވެސް އެކަން ފާޅުނުކޮށް އަޒަލްއަށް ޝުކުރުވެރިވިއެވެ. ހެޔޮހިތުން ގެނެސްދިން އެއްޗަކަށްވުމުން އޭނަ އުފާވެސްވިއެވެ. ނިދާއިރު އެކަހަލަ ހެދުމެއް ލުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް ހައިކަލްއާއި އެއްކޮޓަރިއެއްގައި އުޅޭއިރު އޭނައަށް މިފަދަ އެއްވެސް ހެދުމެއްލާކަށް ނުކެރޭނެއެވެ. އަޒަލްގެ ހަދާނަކަށް ބާއްވާނީއެވެ. ނަމަވެސް ފީރޯޒްސެޓް ބޭނުންކުރެވިދާނެއެވެ. ގަހަނާއާއިހެދި ނޫޅޭ ކުއްޖަކަށްވިޔަސް އެފަދަ އެއްޗެއް ލިބުމުން ސަލްވާވެސް އުފާވިއެވެ. އަޒަލްދިނީމަ ޚާއްސަވެސްވިއެވެ. އަޒަލްމެންގެ ހިތްހެޔޮކަންވެސް އެނގުނެވެ. މުއްސަދިވިޔަސް ހިތްހެޔޮވެފައި ދީލަތިކަމެއް ހުރީކަން ޔަގީނެވެ. އެހެންނޫންނަމަ ނިކަން މުށްބާރުވާނެއެވެ.

ކޮލެޖަށް ކިޔަވަން ދިޔުމާއި ބެހޭގޮތުން އަޒަލްއާއި އާޒީން ވާހަކަދެއްކިއެވެ. ފުރަތަމަ ވަރަށް ފޯރިއާއިއެކު އެކަމަށް އެއްބަސްވެފައި ޚިޔާލުބަދަލުކުރީ ކީއްވެކަމެއް އާޒީންއަކަށް ނޭގުނެވެ. އަޒަލްބުނީ އޭނަ ކިޔަވާނީ އޮންލައިންކޮށް ކަމުގައެވެ. އެކިގޮތްގޮތުން ވާހަކަދައްކައިގެންވެސް އަޒަލް ކޮލެޖަށް ދާކަށް އެއްބަހެއްނުވިއެވެ. އާޒީން ހުރީ ކޮލެޖް ދިރިއުޅުންވެސް ތަޖުރިބާކޮށްލާހިތުންނެވެ. މާއިޒްގެ ސަބަބުން އޭނަގެ އުފާވެރިކަން ނެތިގެންގޮސްފައިވާއިރު ގޭގައި ހުރުމުން ހައްތާ ހިތާމަތައް އިތުރުވުން ނޫންކަމެއްނުވާނެއެވެ.

މާއިޒް ލީނާއޮތް ކޮޓަރިއަށް ވަންއިރު ލީނާއިނީ އެނދުމަތީގައި ތެދުވެއެވެ. ތަނުގައި ހިފާފައިވި ލުއި މަލެއްގެ މީރުވަހުން ހިތަށް ދިރުން ގެނެސްދޭވަރުވިއެވެ. ލީނާއަކީ މާއިޒްގެ އެންމެ ފެވެރިޓް ބަލިމީހާއަށްވީއިރު ވިޝާމްއަށްވެސް އޭނަގެ ސަބަބުން ލީނާ ޚާއްސަވެފައިވެއެވެ. ވިޝާމް ހަނީމޫނަށް ފުރިއިރުވެސް ލީނާއާއި ބައްދަލުކޮށް އޭނަގެ ކައިވެނީގެ ޚަބަރުވެސް ލީނާއަށް ދިނެވެ. ފޮޓޯތައްވެސް ދެއްކިއެވެ. ހައިރާންވީ ލީނާ ވަރަށް ހަމަޖެހޭމީހެއް ފަދައިން ފޮޓޯތަކަށް ބަލާލާފައި ހިނިތުންވެލިކަމެވެ. ރޭގަނޑަށް ލީނާގެ ބަލި ބޮޑުވާތީ ނަފްސާނީ ޑޮކްޓަރު ބަލާފައި ބުނީ ނަފްސާނީ މައްސަލައެއްކަމުގައެވެ. އޭނަގެ ހަށިގަނޑުގައި ބައްޔެއްހުރިކަމަށް ނުދައްކައެވެ. އޭނަ ލަފާދެނީ ނަފްސާނީ ބޭސްކުރުމަށެވެ. ނަމަވެސް މާއިޒް އަދި އެކަމާއި އެއްބަހެއްނުވީތާގައި ލީނާ ހޮސްޕިޓަލުން ގެއަށް ފޮނުވާލާކަށްވެސް ނޫޅުނެވެ.

"މޯނިން " މާއިޒް އެނދުގެ މަގަތުގައި ކުޑަގޮތަކަށް އިށީނެވެ.

"ކޮބާތަ އެކީގައި އުޅޭ ކުއްޖާ...." ލީނާ ސުވާލުކުރިއެވެ.

"ވިޝާމްތަ؟ ހަނީމޫނަށް އޮސްޓްރޭލިއާއާއި ނިއުޒީލެންޑަށް ގޮސްފައި އެނބުރި އަތުވެއްޖެ. މިހާރު ފްރެންޑަކު ބަލިވެގެން އެރަށަށް ގޮސްފައިވީ...." ވިޝާމްބުނެދިނެވެ.

"އޭނަގެ އަންހެނުންގެ ފޮޓޯތައް ދެއްކުމުން ބުޅި އިސްތަށިގަނޑެއް އޮތްކަން އެނގުނު. އެނގޭތަ؟ ދައްތަ ކުޑައިރުއްސުރެން ބުޅިއިސްތަށިގަނޑަކާއިހެދި މޮޔަވިން. ބޭނުންހުރިހާ އެއްޗެއް ލިބުނުއިރުވެސް އެކަމެއްނުވި. އެހެންވެ ޖެހުނީ ބުޅިކުރަން. އެކަމަކު ދުވަސްކޮޅަކުން ފަންގަނޑެއްހެން ވުމުން ވަރަށް ދެރަވޭ. ދެން އެވާހަކަ ބާއްވާ. ގެނެސްދީފާނަންތަ ޗޮކްލެޓެއް. ޗޮކްލެޓް ކާހިތުން..........."ލީނާ ހެޑްބޯޑަށް ލެނގިލައިގެން އިންއިރު މޫނުމަތިން މޮޔަކަމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. މާއިޒްގެ ގާތުގައި ލީނާ ގިނައިގެން ދެއްކީ ވިޝާމްގެ ވާހަކައެވެ. އޭނައަށް ވިޝާމްއާއި ދޭތެރޭގައި ކަންތައްކުރެވުނު ގޮތުން ދެރަވާ ވާހަކައެވެ. މާފަށް އެދެން ބޭނުންވާ ވާހަކައެވެ. އެވާހަކަ ދައްކަމުންގޮސް ލީނާ ރޯންފެށުމުން މާއިޒްވެސް އިނީ އެކަމާ ދެރަވެފައެވެ.

ހައިކަލް ޑިއުޓީގައި ހުރެފާ އަންނާނީ މެންދުރު ނަމާދަށްފަހުގައި ކަން ޔަގީންވާތީ ސަލްވާ ގަސްތުކުރީ އަޒަލްދިން ހެދުން ގަޔަށް އޮތްގޮތެއް ބަލައިލުމަށެވެ. އެހެދުން ރީތިކަމުންގޮސް އެހެދުން އެންމެ ފަހަރަކު ނަމަވެސް ލާންޖެހޭނެޔޭ ހިތްބުނާވަރުން އެންމެފަހުން ޗެކްކޮށްލަންކަމުގައި އޭނަ ހެދުން ލައިގެންގޮސް ލޯގަނޑު ކައިރީގައި ހުއްޓުނެވެ. އިސްކޮޅު ސައިޒްގެ ބޮޑު ލޯގަނޑުތެރެއިން ފެނުނީ މުޅިން އެހެން އަންހެންކުއްޖެއްހެން ހީވިއެވެ. ކަކުލުން މައްޗަށް ހެދުން އޮތްއިރު އޭނަގެ ރީތި ހިމަ ހަށިގަނޑުގެ ވަނާތައް ހުރީ ހާމަޔަށެވެ. ސަލްވާ އިސްތަށިގަނޑުވެސް އޮމާންކޮށްލާފައި ދޫކޮށްލުމުން ކޮނޑުމައްޗަށް ފައިބައިގަތެވެ. އެހެދުމާއި މެޗްވާ ފީރޯޒްސެޓްވެސް އެޅުމަށްފަހު އޭނަ ވިސްނައިލިއެވެ. ފިރިމީހާކައިރީގައި ހުންނަން ޖެހޭނީ ވީހާވެސް ރީތިކޮށް ހެދުން އަޅައިގެން އޭނައަށް ކަމުދާގޮތަށެވެ. ކޮޓަރީގައި މޭކަޕްކުރިޔަސް މައްސަލައެއްނޫނެވެ. ފިރިމީހާވެސް އުފާވާނީ އޭނައަށްޓަކާ ޒީނަތްތެރިވުމުންނެވެ. އެކަމަކު އޭނައަށް މިހެން ހުރެ ހައިކަލްގެ ކުރިމައްޗަށް ދާކަށް ލާހިކެއްނޫނެވެ. ސަލްވާ ލޮލުގައި އަނދުންއަޅަންފެށިއެވެ.

ކުއްލިއަކަށް މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވިގެން ސިހިފައި ތެދުވެވިއްޖެއެވެ. ކުރިމަތީގައި ހުރީ ހައިކަލް ފިޔަވާ ދެވަނަމީހެއްނޫނެވެ. ކަޅުފެހިކުލައަކަށްދާ ކޯޓްފަޓުލޫނުގައި ރަސްމީކޮށް ހުރިއިރު އޭނަ އެއައީ ޑިއުޓީގައި ހުރެފައިކަން ސަލްވާއަށް އެނގުނެވެ. ހާސްވީވަރުންނާއި ލަދުންގޮސް ވަގުތުން ހުރިތަން ފަޅާލާފައި އަޑިޔަށް ދާނެނަމައޭ ހިތަށް އެރިއެވެ. ލަދުވެތިކަމުގެ ސަބަބުން އެއޮތް ފިނިއިރުވެސް އޭނަގެ ނިތްކުރީގައި ދާތިކިތައް ހިއްލާލައިފިއެވެ.

"އަނހަ. އަހަރެން ހީކުރީ މިރޫމަށް އެހެން އަންހެންކުއްޖެއް ވަދެގެން އުޅެނީކަމަށް. ހެހެ. އަހަރެން ހިޔެއްނުކުރަން..............." ހައިކަލް ހިނި އަންނަގޮތްވިއެވެ. ސަލްވާ އޭނަ ނުހުންނަގަޑީގައި ރީތި ހެދުންތައް ލައިގެން މޭކަޕްކޮށްގެން އެކަނި ހުރެ ފަރިވާވަރު ބަލާލާށެވެ. އެއީ ދެން އަނެއްހެން މައްސަލައެއްނޫނެވެ. މިއުމުރުގެ ކުދިން ރީތިކޮށް ހެދުން އަޅާ މޭކަޕްވެސްކުރާނެއެވެ. ތަފާތަކީ ސަލްވާމެން އެރީތިކަން އެހެންމީހުންނަށް ނުދައްކާކަމެވެ. މޫނުބުރުގާ އެޅިޔަސް ރީތިކަން ދައްކަންޖެހޭ މީހުންނަށް ދެއްކުމަކީ ގޯހެއްނޫނެވެ. ސަލްވާގެ ރީތިކަން އޭނައަށްވެސް މިފެނުނީ ފުރަތަމަ ފަހަރަށެވެ. އުނަގަނޑަށް އެހާ ހިމަވެފައި ވަނާތައް އެހާ ފުރިހަމައެވެ. ބޮޑު ގޯނިހެދުމެއްގެ ނިވަލުގައިވަނީ ރީތިކަން ހުސްކުރި އަންހެންކުއްޖެކެވެ. އޭނަގެ ހިތަށްވެސް އެވަގުތު ކޮންމެވެސް ގޮތެއްވިއެވެ. ރީތި އަންހެންކުއްޖަކު އެހާ ނިވާކަމެއްނެތި ފެނުމުން ކޮންމެ ފިރިހެނަކަށްވެސް މިފަދަ ގޮތްގޮތްވާނެއެވެ.

ސަލްވާ ރަކިވެފާ އުޅުނީ އޭނަގެ ކަޅުހެދުން ނަގަން ދާށެވެ. ހައިކަލްވެސް އެނދާއި ވީ ފަޅިއަށް ހިނގައިގަތްއިރު ސަލްވާގެ މިސްރާބުހުރީ އަނެއް ކޮޅަށެވެ. ދެމީހުންނަށްވެސް އެއްފަހަރާ ކަހަލަ ގޮތަކަށް ހިނގައިގަނެވުމުން ސަލްވާގޮސް ހައިކަލްއާއި މުޑިޖެހުނެވެ. ލައްވީ މޭމަތީގައެވެ. ހައިކަލްއަށްވެސް އެވަގުތު ސަލްވާގެ ގައިގާ ހިފާލެވުމުން ސަލްވާގެ ދެލޯ ބޮޑުވިގޮތުން ހީވީ އޭނަ ބިރުން ހަލާކުވާވަރުވީހެންނެވެ. ހައިކަލް ގަސްތުގައި ކުރިކަމެއްހެންނެވެ.

"ނޫން....ނޫން...." ސަލްވާ ކަންބޮޑުވެފައި ދުރަށް ދާން މަސައްކަތްކުރިއެވެ.

"ހާދަ ބިރުން.. ނޫޅެމޭ ކަމެއްކުރާކަށް. އެއް ރޫމެއްގައި އުޅެންޏާމުން ކުދި އެކްސިޑެންޓް ހިގާނެއްނު ހެހެ......................." ހައިކަލް ސަލްވާ ގަޔާއި ދުރުކޮށްލުމަށްފަހު ހީލިއެވެ. "ކޫލް" ހިނިތުންވުނެކެވެ. އޭނަ އިތުރު އެއްޗެކޭ ނުބުނެ އެނދުގެ ބާލީސްދަށުގައި އޮތް ސިޓީއުރައެއް ނަގާފައި ބަލައިލިއިރު ސަލްވާ ދުމެއްޖެހިހެންގޮސް ފާޚާނާއަށްވަދެ ދޮރު ލައްޕާލައިފިއެވެ. ނުކުންނާކަށްވެސް ނުކެރުނެވެ. ދޮރަށް ލެނގުނުގޮތަށް ދެލޯ މަރައިލާފައި ތުންފަތުގައި ދަތްއެޅުނުއިރު ހިތްވެސް އޮބިނޯވެއެވެ. އެތައް މޭލުގެ ދިގު ރޭހެއް ނިންމާލާފައި އައި އެތްލީޓަކާއި އެއްވެސް ތަފާތެއްނެތެވެ. ދެތިންފަހަރު ފުންކޮށް ނޭވާލަމުންގޮސް މީހާ ހަމަޔަކަށް އެޅުނުއިރު ވިސްނުން އެހެން ގޮތަކަށް ދާން އުޅުނެވެ. އޭނަ ދެންމެ އެކުރީ ހާދަ ނުބައި ކަމެކެވެ. ފިރިމީހާއަށް ނުބައި މެސެޖެއް ދެވުނީއެވެ. ދީނީގޮތުން އެކުރެވުނީ ހުއްދަކަމެއްނޫންކަން ގައިމެވެ. ހައިކަލްއަށް އޭނަ ނޫނެކޭ ބުނެގެންނުވާނެއެވެ. ހައިކަލް ހާދަ ދެރަވާނެއެވެ. ހިތުގައި ޖެހޭނެއެވެ. އޭނަ ހައިކަލް ހާދަ ވަރަކަށް ދުރުކޮށްލައިފިޔޭ ހިތަށް އަރާނެއެވެ. ހީލީ އަދި އެކަން ނުދައްކަންވެގެން ކަން ޔަގީނެވެ. ސަލްވާ ވިސްނިވަރަކަށް އެކަމާއި ދެރަވެގެންގޮސް ބިރުގަންނަންފަށައިފިއެވެ. އެންމެފަހުން ވުޟޫކޮށްލައިގެން ނުކުތްގޮތަށް އޭނަ މުސައްލަމަތީގައި އެތައް އިރެއްވާންދެން ނަމާދުކޮށް ދުޢާކުރަން އިނެވެ. ދެވަނަފަހަރަކު ހައިކަލް އެފަދަ ނިޔަތެއްގައި ކައިރިވިނަމަވެސް އޭނަ ނޫނެކޭ ނުބުނަން ހިތާހިތުން އަޒުމްކަނޑައެޅިއެވެ.

ހައިކަލް ދިޔަފަހުން ގެއަށް ނައުމުން ސަލްވާގެ ހިތް މޮޅިވެރިކަމުން ފުރުނެވެ. ހައިކަލް ރަގަޅަށްވެސް އޭނަހެދިގޮތުން ހިތްހަމަނުޖެހުނީބާވައެވެ. ނޫނީ އެހެން ކަހަލަ ކަމެއްދިމާވީހެއްޔެވެ؟ އެހެންދުވަހު މެސެޖްކޮށްލާގޮތަށް މިއަދު މެސެޖްވެސް ނުފޮނުވިތާ ގުޅާވެސް ނުލިއެވެ. އަސުރުނަމާދަށްފަހު އަޒަލްއާއި އާޒީން ކިޔާވަރުން ޕޫލަށް އެރެން އޭނަ ދިޔައެވެ. ފަތަން ނޭގޭތީ އާމްބޭންޑްއަޅައިގެން އޮތަސް މަޖާކަމަކަށްވިއެވެ. އެއަށްފަހު އެތާތިބެ ކޮފީބޮއެ ޕިއްޒާކައިގެން ގެއަށްވަދެ ފެންވަރާލައިގެން އައިސް ބިލިއާޑްކުޅެންވެސް އެކުދިންނާއިއެކު އުޅުނެވެ. އިރުއޮއްސެން ކައިރިވުމުން ނަމާދު ޖަމާއަތުގައި ކުރުމުގެ ވާހަކަ ބުނުމުން އާޒީންއާއި އަޒަލްވެސް އެއްބަސްވިއެވެ. ދެކުދިންވެސް ވުޟޫކޮށްލައިގެން ސަލްވާ ފަހަތުތިބެގެން ނަމާދުކުރިއެވެ. އެތަން އަރާމުކަމާއިއެކު އެހެން ދުނިޔެއަކަށް ދެވުނުހެން ހީވިއެވެ.

"ސޯ ޕީސްފުލް..." އަޒަލްވެސް ހިތާހިތުން ކިޔައިލިއެވެ. ނަމާދުކުރުމަށްފަހު ސަލްވާ ގުރުއާން ކިޔަވާއަޑުއިވިފައި އަޒަލްމެން ހައިރާންވިއެވެ. އަޑުރީތިކަމާއިއެކު ރާގު އެހާ ހިތްގައިމެވެ. އަހާހިތުން އަހައިލެވޭފަދަ އަޑެކެވެ. ނަމާދުކޮށް ގުރުއާން ކިޔެވުމަކީ ތަފާތު އިހުސާސްތަކެއް ކުރުވިކަމެވެ. ހުރިހާ ވަގުތެއްގައި ފޭސްބުކް އިންސްޓަގްރާމް ނޫނީ ވައިބާގައި ވަގުތު ބޭކާރުކުރުމަށްވުރެ ހެޔޮކަމެއްކުރުމުން ލިބުނު އުފާވެރިކަން މާބޮޑަށްވެސް ބޮޑުވިއެވެ. ސަލްވާއާއި އެކު އެގޮތަށް ވަގުތު ހޭދަކުރުމަށްފަހު އިޝާކޮށްގެން ކާން ދިޔައިރު މެހެރީނާގެ މޫނު އެހެންދުވަހަށްވުރެ ބަނައެވެ. އަޒަލްމެން ސަލްވާއާއި ދޯޅުވާން ފެށިކަން އެނގި ޒައިތޫންވެސް ހުރީ ނިކަން ހިތްހަމަނުޖެހިފައެވެ. އެކަން ހުއްޓުވަން އެމީހުން ކޮންމެހެންވެސް އެބަޖެހެއެވެ. ނޫނީ ދުވަސްކޮޅަކުން އެކުދިންވެސް "ހައްދު ފަހަނަޅާފައިވާ" ޖަމާއަތަށް ވައްދަފާނެއެވެ. އެހެން ރަށަކަށް ހިޖުރަ ނުކުރާނެކަމެއްވެސް ނޭގޭ ނޫންހެއްޔެވެ؟

ހައިކަލް ހޮސްޕިޓަލުގައި މަސައްކަތްކުރަން ފެށިފަހުން އެންމެ އަވަދިނެތި އުޅެންޖެހުނު އެއްދުވަސްކަމުގައި އެދުވަސްވިއެވެ. އެކްސިޑެންޓެއްވެގެން ގެނެވުނު ޒުވާނެއްގެ ހާލުބޮޑުވެގެން ވަގުތުން ސާޖަރީއެއް ހަދަން ޖެހުނެވެ. ނިމިގެން ގެއަށްދާން އުޅެފައިވެސް އެހެން ބަލިމީހަކު ފިޓްޖެހޭތީ އޭނައަށް ވާނުވާ ބަލަން ހައިކަލް އައިސީޔޫގައި މަޑުކުރިއެވެ. އޭރު މީޓިންގެ ވަގުތުވެސް ޖެހިއްޖެއެވެ. ކޮފީއެއް ބޯލުމަށްފަހު މީޓިންގައި އިންދާ އިމަޖެންސީ ކޯލެއްއައެވެ. ހޭނެތިފައިވާ ހާލު ދެރަ ބަލިމީހަކު ގެނެސްގެން އެމީހަކު ރިފަރކުރީއެވެ. ސީޓީ ސްކޭން ހެދިއިރު ބްރެއިން އެނިއުރިޒަމްއެއް ފަޅައިގެންގޮސްފައިވާކަން ދެނެގަނެވުމުން ހައިކަލް އިމަޖެންސީކޮށް އެބަލިމީހާ ތިއޭޓަރަށް ވައްދަން ނިންމިއެވެ. ތިންގަޑިއިރުގެ އޮޕަރޭޝަނެއް ނިންމާލެވުނުއިރު ރޭގަނޑު އެގާރަޖަހާ ބޮޑުވެއްޖެއެވެ. ކިތަންމެ އަވަދިނެތި އުޅުނަސް ވަރުބަލިވިޔަސް ބަލިމީހާގެ ފުރާނަ ސަލާމަތްވީކަމަށްޓަކާ އޭނަ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ.

ގެއަށް އައި މަގުމަތީގައި އޭނަ މިސްކިތަށްވަދެ އިޝާ ނަމާދު ކުރިއެވެ.

ކާރު ޕާކުކޮށްލާފައި ހައިކަލް ގެއަށް ވަންނަން ހިނގައިގަތްއިރުވެސް ތުނިތުނިކޮށް ކަނިޖަހަމުންދިޔައެވެ. ކުޑަކޮށް ބޮލުގައި ރިއްސާކަހަލަގޮތެއްވުމުން އިނގިލިން ނިތްކުރި މަސާޖުކޮށްލިއެވެ. ކާކޮޓަރިއަށްވަދެ ކޮފީމަގެއް ހިފައިގެން ކޮޓަރިއަށްވަންއިރު ސަލްވާއޮތީ ކައުޗްގައި ނިދާލާފައެވެ. ރަޖާގަނޑު މޫނާއިއެއްކޮށް އަޅައިގެން އޮތުމުން އެރީތި މޫނުވެސް ފެނުމުގެ ނަސީބެއްނުލިބުނެވެ. ހައިކަލް ގަސްތުކުރީ ނިދުމުގެ ކުރިން އޮފީހުގެ ކޮންމެވެސް މަސައްކަތެއް ނިންމާލާށެވެ. ލެޕް ހިފައިގެންގޮސް އެނދުގައި އިށީންނަމަވެސް ފިކުރުތައްވަނީ އެހެން ދިމާލެއްގައެވެ. ހޫނު ކޮފީތަށިން އެތިފޮދެއް ބޯލުމަށްފަހު ސަލްވާއާއިމެދު ވިސްނައިލިއެވެ.

"ސަލްވާ ނޫނަސް ރީތި ކިތަންމެ ކުދިންނެއްވެސް އުޅޭ. އަހަންނަށް ފެނޭ އެތައްކުދިންނެއް. އެކަމަކު އަހަންނަށްވެސް އެނގެނީ ސަލްވާކަހަލަ ރީތިކުދިން މަދުކަން. ނޫނީ އަލަށްކަން މިފެނުނީ. ރީތި އެކަމަކު ނައީވް. ލަދުވެތި. އެހުރިހާކަމެއް އެއްވެފައިވާ އަންހެންކުއްޖަކު މިނޫނީ ނުފެނޭ. ކޮންމެހެން ސަލްވާ ރީތިވީމައެއްނޫން. ނަމަވެސް އަހަރެން މިހާރު ސަލްވާ އަހަންނާއިއެކު އަބަދަށް ހުރުމަށް ހިތް އެދެން ފަށައިފި. އަބަދު ކުރިމަތީގައި ހުންނާތީކަން ނޭގޭ. ގެއަށް އަންނައިރުވެސް ސަލްވާ ނެތިއްޔާ ފޫހިވޭ. އަބަދު ކުރިމަތީގައި ފެންނަން ހުރުން ބޭނުންވޭ. އަބަދުވެސް ހަޔާތަށް ގެންނަން ބޭނުންވާ ހުރިހާ ސިފަތަކެއް ހުރީ ސަލްވާގެ. އެހާ ރަގަޅު. ދީންވެރި. ގެވެހި. އިނަސެންޓް. އެކަމަކު ދެރަކަމަކީ. އެހާ ލަދުވެތިކުދިންނަށް ރޮމެންޓިކްވާން ނޭގޭނެތީ. ލަދުންގޮސް ވިރޭވަރުކުދިންނަށް ކޮންކަމެއް ކުރެވޭނީ................." ހައިކަލް ބޯ ހޫރާލައިފިއެވެ. އޭނައަށް މިވަރުން މަސައްތަކެއްނުވާނެއެވެ. ލެޕް ލައްޕާލާފައި ގޮސް ބެލްކަނީގެ ދޮރު ހުޅުވާލުމުން ހުރަހެއްނެތި ފިނި ރޯޅިތައް އޭނަގެ ހަމުގައި ބޮސްދޭންފެށުމުން ގައިގާވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ހިތްވެސް އަވަސްވެލިއެވެ.

ކޮމެންޓް 0