އެ ކުޑަ އާއިލާ ރިޒޯޓަށް ފުރިއިރު އަޒަލްއާއި އާޒީންވެސް ތިބީ ވަރަށް ހަމަޖެހިފައެވެ. ބައްޕައާއި ދޮންމަންގެ ގުޅުމަށް އެކުދިންވަނީ މަރުހަބާ ކިޔާފައެވެ. ރިޒޯޓަށްގޮސްފައިވެސް ސަލްވާ އެކުދިން ކައިރީ ޟުހާ ނަމާދުކުރަން ހަދާންކޮށްދިނެވެ. މޫދަށް އެރޭހިތުން މޮޔަވެފައި ތިއްބަސް އެންމެ ފުރަތަމަ ނަމާދުކޮށްގެން ދުޢާކުރިއެވެ. ސަލްވާ ބުނާފަދައިން އަޅުކަންކުރުމުން އެލިބޭ ހިތްހަމަޖެހުން އެހެން ހުރިހާ ކަމަކާއި ނުބައްދަލެވެ. ހެއްދެވިފަރާތާއި ގުޅުން ވަރުގަދަކުރުމުން އެހެން ހުރިހާ ފަރާތްތަކާއި އޮންނަ ލޯބި ހަރުދަނާވެ އުފާވެރިކަން އިތުރުވާނެއެވެ. ނަމާދުކުރުމަށްފަހު އަޒަލްއާއި އާޒީން ސޯޓު އެއްޗެހި ލައިގެން ސަންސްކްރީން ލާންފެށިއެވެ. ސަލްވާ ކަޅުހެދުން ބޭލިއިރު އެތެރެއިން ލާފައި ހުރީ އަތްދިގު ކުރުތާ ހެދުމަކާއި ހަރުވާޅެކެވެ. އަޒަލް ސޯޓަކާއި އަތްކުރު ޓީޝާޓެއްދީފައި އެދުނީ އެހެދުން ލުމަށެވެ. ޕްރައިވެޓް ބީޗެއްވީމަ އިތުރުމީހަކު ނާންނާނެކަމުގައެވެ. ސަލްވާ ހާސްވާގޮތްވިއެވެ. އެކުދިންނަށް އޭނަ ހަގީގަތް ކިޔާދޭނީ ކިހިނެއްހެއްޔެވެ؟ ހައިކަލްގެ ކުރިމަތީގައި މިކަހަލަ ހެދުމެއް ލައިގެން އުޅޭކަށް އޭނައަށް ލާހިކެއްނޫނެވެ. މިވީހާތަނަށް ހައިކަލްއަށް އޭނަގެ ހަށިގަނޑު މިހާވަރަށް ފެނިފައި ނުވާނެކަމުގައި ބުނަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އަޒަލްމެން ހީކުރީ ސަލްވާއަށް ސޯޓުލައިގެން ފެޝަންކޮށް އުޅެން ނުކެރެނީކަމުގައެވެ. މޫދަށް އެރެން މިކަހަލަ ހެދުމެއް ލިޔަސް ރަގަޅުވާނެއެވެ. މިތާ އުޅޭނީ އެކުދިންނާއި ބައްޕަ އެކަނިތާއެވެ. އަޒަލްމެން އެވަރަށް ބުނީމަވެސް ސަލްވާ ބުނީ ސޯޓެއްލާން ނުކެރޭނެކަމުގައެވެ.

"ޑެޑީ ބުނީތަ ސޯޓް ނުލާށޭ....." އާޒީން ސަމާސާކޮށްލިއެވެ.

"އާޒްވެސް ދެން........" ސަލްވާ ރަކިވިއެވެ.

"އޯލްރައިޓް. މޫދަށް އެރެންދާނީ ސަލްވާ ލައިގެން ތިހިރަ ހެދުންލައިގެން އޯކޭއެއްނު . އެކަމަކު އަހަރެން ބަލައިކަން މި ސޯޓް ލައިބަލަ. ސަލްވާއާއި ގުޅޭނެހެން ހީވާތީ މިހެން މިކިޔަނީ. ފޯ މީ ޕްލީޒް...." އަޒަލް ސިކުނޑީގައި ކޮންމެވެސް ކަމެއް ރާވާލާފައި ދެލޯ ކުޑަކޮށްލިއެވެ. އެދެލޮލުން ފާޅުވޭވޭ ހުރި ލާނެތް ވިދުވަރު ސަލްވާއަކަށް ނުފެނުނެވެ. ސަލްވާ ކުރުނުކޮށް އާދޭސްކުރަންފެށުމުން ސަލްވާ ނޫކުލައިގެ ޑެނިމް ޖިންސް ސޯޓާއި ހުދު ޓީޝާޓު އަތުލައިގެން ފާޚާނާއަށް ވަނެވެ. އިރުކޮޅެއްކޮށްލާފައި ސަލްވާ ނުކުތުމުން އަޒަލްއާއި އާޒީންއަށްވެސް ހައިރާންކަމާއިއެކު ދެލޯ ބޮޑުކޮށްލައިގެން ތިބެވުނީ ސަލްވާގެ ހަށިގަނޑުގެ ފުރިހަމަކަމުންނެވެ. ދެފައިގެ ރީތި ބައްޓަމާއިއެކު ވިދުން ގަދަކަމުން ހެއަރރިމޫވް އިޝްތިހާރަކަށްވެސް އެންމެ އެކަށީގެންވާނެކަން ޔަގީނެވެ. ހަމުގައި އެންމެ ލަފެއް ތިއްކެއްވެސް ނެތެވެ. އިސްތަށިގަނޑު ދެބައިކޮށްފައި ވޫލްކޮޅަކުން އައްސާލާފައި އޮތެވެ.

"ވާއު.........ޔު ލުކް ސްޓަނިން ސަލްވާ. އެމޭޒިން. ގޯޖަސް.." އާޒީންއާއި އަޒަލްގެ ދުލުން އެކިގޮތްގޮތަށް ތައުރީފު އޮއްސައިގަތުމުން ސަލްވާގެ މޫނު ޖަންބެއްހެން ރަތްވިއެވެ. ސަލްވާ ލަދުން މޫނުގައި އަތްއެޅުމުން އަޒަލްމެންނަށް މަޖާވިއެވެ.

"ހެހެ. ތެންކްސް ޒެލްމެންނަށް ކަމުދިޔައީމަ. އެކަމަކު........"

"ދެން މިދަނީ ޗޭންޖުކުރަން..." ސަލްވާ އަނެއް ފަރާތަށް އެނބުރެން އުޅުނުއިރު އަޒަލް ދެލޯބޮޑުކޮށްގެން ހުރެ ސަލްވާއާއި ދިމާލަށް އިޝާރަތްކުރިއެވެ. އެއާއިއެކު އަޒަލް ކަންފަތްފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަތުމުން ސަލްވާގެ ކަނދުރާގެ ލޯލިތައްވެސް ހުރީ ކޮޅަށެވެ.

"ޒެ...ލް......ކިހިނެއްވީ.... " ސަލްވާ ކަންބޮޑުވިއެވެ.

"ސަލްވާ. އެނގޭތަ. އެ ކްރޮކޮޑައިލް ޕީޕްޑް އައުޑް ފްރޮމް ދަ ޓޮއިލެޓް. މިހާރު އެތެރެއަށް ދެމިގެންފި........." އަޒަލް ކުއްލިއަކަށް އެނބުރިގެންފާ ދުއްވައިގަތެވެ. ކިނބުލެކޭ ބުނުމުން ލިބުނު ސިހުމާއިއެކު ސަލްވާހުރީ ގަނޑުވެފައިކަހަލަ ގޮތަކަށެވެ. އާޒީންވެސް ހަޅޭއްފަޅޭއްޖަހައިގެންފާ ދޮރުން ބޭރަށް ދުއްވައިގަތެވެ. އެވަރުންވެސް އެކުއްޖާވެސް ސަލްވާގެ މަތިން ހަދާންނައްތައެއް ނުލިއެވެ. އޭނަ ދުއްވައިގަތީ ސަލްވާގެ އަތުގައި ހިފައިގެންނެވެ. އެކުދިން ދުވަމުން ދުވަމުން މިސްރާބުޖެހީ މޫދާއި ދިމާލަށެވެ. ހުދު ދޮންވެލިގަނޑު ބޮޑުކަމާއި ހިތްގައިމުކަމުގެ ދެވަނައެއްނެތެވެ. ތިންކުދިން އެއްވަރަކަށް ޖޮގްކޮށްފައި ކަހަލަ ގޮތަކަށް ދިޔައިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފުރާވަރުގެ ތިންކުދިން އެރީތި ދުވަހުގެ އުފާލިބިގަންނަނީކަމުގައި ދެކޭމީހުންނަށް ފެންނާނެއެވެ. އެއްހަމައެއްގައި އައިއިރު އަޒަލްއާއި އާޒީންއަށްވެސް ސަލްވާއާއިމެދު ގާތްކަމުގެ އިހުސާސްކުރެވުނެވެ. އެހާވަރުން ކިނބުލުން ސަލާމަތް ނުވެވިގެން ދުވެފައި އައިކުދިން ކިނބުލުގެ މަތިން ހަދާންހުރިހެނެއްވެސް ހިޔެއްނުވެއެވެ. ފަހަތުން އެއްޗެއް އަންނަތޯ ބަލަން އެނބުރި ބަލައިލީވެސް ސަލްވާއެކަނިއެވެ. އަނެއްދެކުދިން އެ ޚިޔާލެއްވެސް ނެތެވެ. އޭރު ހައިކަލްއަށްވެސް އެކުދިން ފެނުމުން އެދިމާލަށް އައެވެ. އަޒަލް މާ ބޮޑުކަމެއްވެގެން އަވަހަށް އަންނަން އެދުމުން އަވަސްވެލާފައި އައިއިރު އަދި ފެނުނީ އެހެން މަންޒަރެކެވެ. ސަލްވާއާއި ދެ އަންހެންކުދިން މަޑުމަޑުން ހިނގަމުން ކަހަލަ ގޮތަކަށް އަންނަތަނެވެ.

"ޑޭޑް. ޑޭޑް. ޔޫ ހޭވް ޓު ކޯލް ދަ ޕޮލިސް..." އަޒަލް ހައިކަލް އަރާ ހަމަކުރުމުން ހީލާފައި ކިޔާލިއެވެ. އެއާއިއެކު އަޒަލް ކުޑަކަކޫމައްޗަށް ތިރިވިގޮތަށް ފޯނާއި ކުޅެންފެށިއެވެ. އާޒީން އޭރުވެސް ހުރީ ސަލްވާގެ އަތުން ދޫކޮށްނުލައެވެ. ހައިކަލްގެ ނަޒަރު އެކުދިންނަށް ހުއްޓުނުއިރު އާޒީންވެސް ހުރީ ފާޑަކަށް ހެވިފައެވެ. ސަލްވާ އާޒީންގެ ފަހަތަށްވަދެ ފިލަން މަސައްކަތްކުރުމުން އާޒީން ސަލްވާ ގެ އަތުން ދޫކޮށްލާފައި ހިނގައިގަތީ އަޒަލް އާއި ދިމާލަށެވެ.

"ޑޭޑް. ޒެލް ބުނީ ކްރޮކޮޑައިލްއެއް ޓޮއިލެޓްއިން ޕީޕްކުރީޔޯ. މެރެތަން ރޭސްއެއްގައި ދުވާހާ ބާރަށް ދުއްވައިގަނެވުނީ. ރިކޯޑްވެސް މުގުރާނުލެވޭކަމެއްނޭގޭ. ސަލްވާ ކަމް އެންޑް ސިޓް ހިއަރ............." އާޒީން ވެސް ދޮންވެލިގަނޑުމައްޗަށް ވެއްޓިގަތެވެ. ސަލްވާ ހުރީ ރަކިވެ އިސްޖެހިފައެވެ. ދޮންވެލިގަނޑަށް ބަލަން ހުރިގޮތަށް އިސްއުފުލާލާކަށްވެސް ނުކެރުނެވެ. އާޒީން އެހެން ބުނުމާއިއެކު ސަލްވާ ހުރިތަނަށް ތިރިވިގޮތަށް އިށީދެލިޔަސް އޭނަގެ ފަޔާއި އަތް އެ ރަންއަވީގައި ހާމަޔަށް ހުރިގޮތުން ހައިކަލްވެސް ހުރީ ހަމަ އާޝޯޚުވެފައެވެ. ނަމަވެސް އެނގޭކަމަށް ހަދާނުލައެވެ. އޭނައަށް ސަލްވާ އެގޮތަށް ހުއްޓާ ފެނުނީ އަލަށްކަމުގެ އިހުސާސް ކުއްޖަކަށްވެސް ކުރުވިޔަ ނުދިނެވެ.

"ޒެލް ގުޅާފައި ބައްޕަ މުޅިން ހާސްކޮށްލައިފިއޭ. ކިހިނެއް އެނގޭނީ ޕްރޭންކެއް ކަމަށް. ސަލްވާވެސް އަދި ކިނބޫ އުޅޭކަމަށް ގަބޫލުކޮށްގެން ދޯ މިހިރީ. އަދިވެސް މުޅިން ހުދުވެފައެއްނު ތިހިރީ......" ހައިކަލް ހިނގައިގަތީ ސަލްވާއާއި ދިމާލަށެވެ. ހައިކަލް ވެސް ހުރީ ދިގުސޯޓަކާއި ތުނިގަމީހެއް ލައިގެންނެވެ. ޖެހެމުންދާ ވައިރޯޅިތައް ގަމީހުގައި އަޅުވާއިރު ވަރަށް ހިތްގައިމެވެ.

އަޒަލް ކަންތައްވީގޮތް ކިޔާދިނީ ހީހީފައެވެ. ސަލްވާ ސޯޓުލައިގެން މޫދަށް އެރެން އެއްބަސްނުވުމުން ސަލްވާ ބިރުގަންނަވަން ކުރިކަމެއްކަމުގައި ބުނުމުން އަދި ސަލްވާ ރަކިވީ ވަކިގޮތެއްބަލާފައެއް ނޫނެވެ. އަޒަލްއާއި އާޒީން ހޭންފެށިއެވެ. ހައިކަލް ވަރަށް ހަމަޖެހިލާފައިގޮސް ސަލްވާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އާޒީންއާއި އަޒަލް ޕިކްނިކް ބޭގް ގެންނާށޭ ކިޔާފައި ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އެކަން އެކުދިން ކުރީ ކޮންމެހެން ހައިކަލްއާއި ސަލްވައަށް އެކަނިވެރި ފުރުސަތެއްދޭކަށް ނޫނެވެ. އާޒީންމެންނަކަށް ހައިކަލްއާއި ސަލްވާގެ ގުޅުމެއް ނެތްކަމެއްވެސް ނޭގެއެވެ. އެކުދިން ދެކޭގޮތުގައި އެއީ ލޯބިން އުޅޭ ދެމަފިރިންނެވެ. ފެންނަތާގައިވެސް އުޅެނީ ގާތްކޮށެވެ. ޚާއްސަކޮށް އަޒަލްގެ ޕާޓީރޭގައިވެސް އުޅުނީ އެހާ ލޯބިންނެވެ. ނަމަވެސް އެކުދިން އެގޮތަށް ދިޔުމުން ސަލްވާގެ ހާސްކަން އިންތިހާއަށްދިޔައެވެ. އެއޮމާން ނިތްކުރީގައި ދާތިކިތައް ބަބުޅަންފެށިއެވެ. ހައިކަލްގެ ދެލޮލަށް ބަލަން ހުރެވުނީ މެސްމެރައިޒްކޮށްފައިވާ ހެންނެވެ. އެއާއިއެކު މޫނަށް ރަތްކުލަވެރިވިއެވެ. އޭނަ ހުރީ ހަމަރޮވޭވަރުވެފައެވެ. އަޒަލްއާއި އާޒީން ބައިވެގެން އެކުރިކަމަކުން އެކުދިންނާއިމެދު ހިތުގައި ޝަކުވާ އުފެދުނެވެ. ކިނބުލެކޭ ކިޔާ މޮޔަހައްދާފައި އޭނަ ކޮޓަރިން ނެރުނީ ހައިކަލްއަށް ދައްކަންވެގެންނެވެ. އަމިއްލަ ގަމާރުކަމުން އެވަރު ވިސްނައިގަންނާކަށްވެސް ނޭގުނެވެ. މިވަރުގެ ލަދެއް އުމުރު ދުވަހުވެސް ނުގަނެއެވެ. ހައިކަލްއަށްވެސް އިރުކޮޅެއްވާންދެން އެރީތި މައުސޫމް މޫނަށް ބަލަން ހުރެވުނެވެ. އެންމެ ގަޔާވާ ސިފަތަކަކީ އެ ލަދުވެތިކަމާއި މަޑުމައިތިރިކަމެވެ. އެމޫނަށް ވެރިވާ ކުލައެވެ.

"އަހަންނަށް ފެނިދާނެތީ ހާސްވެފައިކަން އެނގޭ. ލަދުގަންނަވަރު ކަމެއް ނުވެސްވެއެއްނު. އަހަރެން ކުޑައިރުއްސުރެން އުޅުނީ ޔޫރަޕްގަޔާއި އެމެރިކާގައި ކަން ސަލްވާއަކަށް ނޭގޭވިއްޔަދޯ. ބިކިނީ ތިބޭ ތިބޭ އަންހެންކުދިންނާއިއެކު ބީޗަށް ދިޔަ އަދަދެއްވެސް ހަދާނެއްނެތް. ހައިސްކޫލްގައި އުޅުނުއިރު ސަމަރ ޖޮބްގައި ލައިފްގާޑަކަށްވެސް އުޅުނިން. ވީއިރު ތިގޮތަށް އަންހެންކުއްޖަކު މިފެނުނީ އަލަށް ނޫނޭ. އައި ތިންކް މިއީ ސަލްވާގެ ހަޔާތުގައި އައި އެންމެ އެމްބެރޭސިން މޯމެންޓް. އޭމް އައި ރައިޓް؟ " ހައިކަލްވެސް ލާނެތް ހިނިތުންވުމަކާއިއެކު ސަލްވާގެ ނިތްކުރީގައިވާ ދާތިކިތައް ފޮހެލަދިނެވެ. ދެން ނިތްކުރީގައި ބޮސްދީފައި މޫނުގައި ފިރުމައިލީ ހިތަށް ކެތްނުވެގެންނެވެ. ނޭގުނަސް އެހިތްވަނީ ސަލްވާގެ ލޯބިން ފުރިފައެވެ. އަމިއްލައަށް އެކަން ގަބޫލުނުކުރި ސުވާލުތަކެއްގެ ތެރޭގައި ބަދެވިފައިވީނަމަވެސް އޭނަގެ ހިތުގައި ސަލްވާއަށްޓަކާ ލޯތްބާއި ކުލުނު އުފެދިއްޖެއެވެ. ހައިކަލް އެހެން އަހައިލުމުން ސަލްވާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. އެއާއިއެކު އިސްޖަހައިލީ ތުންފަތުގައި ދަތްއަޅާލަމުންނެވެ.

"ސަލްވާ. ހަމަ އެހާލަދުންތަ. ހަޒްބެންޑްދެކެވެސް؟ މްމްމްމް؟ " ހައިކަލް ސަލްވާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.

ހައިކަލްގެ ފުން ދެލޮލުން އެވަގުތު ފެނުނީ ތަފާތު އަސަރުތަކެވެ. ކަމަކަށް އެދިއެދި ހުންނަތާ އެތައް ދުވަހެއްވެފައިވާއިރު އެހިތުގެ އާލާކަން ކަނޑުވާލަން މިހާ ރީތި ފުރުސަތެއްނުލިބޭނެކަމުގައި ބުނެ ހިތް ބާރު އެޅިއިރު ގެ ހިތްވެސް އަތުން ވީއްލިގެން ހިނގައްޖެއެވެ. ސަލްވާ ކަންބޮޑުވެފައި ފަހަތަށް ޖެހެން އުޅެފައިވެސް ހިތަށް ވިސްނާދިނީ ހައިކަލްއަށް ނޫނެކޭ ބުނަން އޭނަ ނުޖެހޭނެކަމުގައެވެ. ހައިކަލް ކޮންމެކަމެއް ކުރިޔަސް އޭނަ ދެކޮޅުހަދައިގެން ނުވާނެކަމެވެ. ގާނޫނީ އަދި ދީނީގޮތުންވެސް އޭނައަކީ ހައިކަލްގެ ހައްގެކެވެ. އެކަނި އޭނަގެ މިލްކެކެވެ. ހައިކަލްގެ ކޮންމެ ބޭނުމަކަށް އޭނަ ކިޔަމަންވާން ޖެހޭނެއެވެ. ނޭގިނަމަވެސް ސަލްވާގެ ހިތްވެސް ހައިކަލްގެ ގާތްކަމަށް ބޭނުންވެފައިވެއެވެ.

އިރުގެ ދޯދިތައް ހުރަހެއްނެތި ބިންގަނޑު ފިއްސަމުންދާއިރު ހޫނުފިނިމިން އެއް ވަރެއްގައި ހިފަހައްޓާދިނީ ޖެހެމުންދިޔަ ނަލަ ނަލަ ރޯޅިތަކުންނެވެ. އަދި ކުދިކުދި ރާޅުތައް ހިތްގައިމު މިއުޒިކެއްފަދައިން ފަޒާގައި ރާގު އަޅުވަމުންއައިސް ސަލްވާއާއި ހައިކަލްގެ ޖެހިފިތިފައިވާ ފައިތިލައިގާ ބީހިލާފައި ދިޔައިރު އިރުކޮޅެއްވާންދެން ސަލްވާވެސް އެހެންކަމެއް ހަނދާނެއްނުވިއެވެ. ދެތިން މިނިޓްވެސް ގަރުނެއްވާންދެން ދެމިގެންދިޔަފަދައެވެ. އަޒަލްމެން ސަކަރާތްޖަހަމުން އަންނަ އަޑު އިވުމުން ހައިކަލް ސަލްވާގެ އަތުގައި ހިފަހައްޓާލަމުން މޫދާއި ދިމާލަށް ހިނގައިގަތެވެ.

"ފަތަން އެނގޭނެތަ؟ " ހައިކަލްގެ ބޮޑު އަތްތިލައިގެ ތެރޭގައި އެ ނާޒުކް އަތްތިލަ ފުށްކޮޅެއްފަދައިން މޮޑެވިގެންދިޔަފަދައެވެ.

"ނޫން....ނޭގޭ...." ސަލްވާ ބުނެލިއެވެ.

"ހާސްނުވައްޗޭ އިނގޭ. އަހަންނަށް ހީވަނީ ވަރަށް ގިނަ ކަންތައްތައް އަހަރެން ދަސްކޮށްދޭން ޖެހޭނެހެން. ޔޫ ނޯ ވަޓް. މޭބީ ދިސް ހޯލް ޓްރިޕް ކުޑް ބީ ސަމްތިން ނިއު. ސަމްތިން ބިއުޓިފުލް.......ހޫމް... އެކަމަކު ސަލްވާ ބޭނުމިއްޔާ....." ހައިކަލް ހީލާފައި ބުނި ޖުމްލައިގާ އެތައް މާނައެއްވިޔަސް ސަލްވާއަށް އެހާ ބޮޑަށް އެނގުނުހެނެއް ހިޔެއްނުވެއެވެ. އޭރު ފުދޭވަރަކަށް ދުރަށް ދެމީހުނަށް ދެވިއްޖެއެވެ. ފުންވަމުން ދިޔަވަރަކަށް ސަލްވާ ބިރުގަނެ ހައިކަލްގެ އަތަށް ބާރުކުރިއެވެ.

"ޑޯންޓް ވޮރީ. ޔަގީނުންވެސް ގެނބުނަކަ ނުދޭނަން...." ހައިކަލް ޔަގީންކަންދިނެވެ. ސަލްވާ ވަގުތުން އިންޝާﷲއޭ ބުނެލުމުން ހައިކަލްވެސް މަޑުމަޑުން އެހެން ކިޔައިލިއެވެ. ސަލްވާއަކީ ދީނީ އަންހެންކުއްޖެއްކަން ބައެއްފަހަރު ހަދާން ނައްތާލެވުނަސް އެއީ ސަލްވާގެ ކިބައިން ފެންނަ އެންމެ ހިތްހަމަޖެހޭސިފައެވެ. އޭނަގެ ދެކުދިންނަށްވެސް މިކުޑަ ދުވަސްކޮޅު ފުދޭވަރެއްގެ ބަދަލެއް އަތުވެއްޖެކަން ހައިކަލްވެސް ފާހަގަކުރިއެވެ.

"ޑޭޑް. މާ ފުންތަނަކަށް ނުދުރުވައްޗޭ. ސަލްވާއަކަށް ފަތާކަށް ނޭގޭ. ޝީ މައިޓް ޑްރައުން......" އަޒަލް މޫދަށް އެރިފާ އަޑުކޮޅަށް ގޮވާލިއިރު ކަންބޮޑުވުމާއި އަވަސްކަން އެކުލެވިފާވިއެވެ. އަޒަލް އަޅާލާވަރު އެޖުމްލައިން ސަލްވާއަށްވެސް އިހުސާސްކުރެވުނެވެ. ހައިކަލްގެ ކުދިންނަށްޓަކާ އެހިތުގައިވެސް ލޯބި އުފެދިއްޖެއެވެ. އެކުދިންނަށްޓަކާ ދޮންމަންމަ ޅަ ކަމުން ދޮންމަންމައެއްގެ ހަރުކަމާއިއެކު ހައިބަތު ނުދެއްކުނަސް އެކުވެރިންގެ ގޮތުގައިވެސް އުޅެވިދާނެނޫންހެއްޔެވެ؟ ހަގީގީ ދޮންމަންމައެއްފަދައިން ދޮންދަރިންނާއި ޖައްސާލާފައި އުޅޭކަށް ސަލްވާ ނޭދެއެވެ. ކުރީކޮޅު އެ ގުޅުން ހިތިގޮތަކަށް ދާން އުޅެފައިވެސް ހައިކަލްގެ ރަގަޅު ތަރުބިއްޔަތުގެ ސަބަބުން އެކުދިން ދޮންމަންމަ ބަލައިގެންފިއެވެ.

ހައިކަލް ސަލްވާއަށް ފެންމަތީގައި އޮންނަން ދަސްކޮށްދޭން އުޅުނެވެ. އޭނަބުނީ އަމިއްލަ އެނދުގައި ބާލީސްމަތީގައި އޮންނަފަދައިން ރިލެކްސްކޮށްގެން އޮށޯތުމަށެވެ. ހައިކަލްއަށް އިތުބާރުކޮށްލައިގެން އޭނަގެ ހަށިގަނޑު ފެންމަތީގައި ބާއްވަން ދޫކޮށްލިގޮތަށް ކަންފަތާއިއެކު ބޮލުން ބަޔެއް ފެންގަނޑުން އަޑިޔަށް ލިއެވެ. ހައިކަލް ސްވިމިން ކޯޗެއްފަދައިން އިރުޝާދުދޭންފެށިއިރު އޭނަ ހުރިލެއް ގާތްކަން ސަލްވާއަށް އިހުސާސްކުރެވި ނޭވާ ހިފަހައްޓާލަން މަޖުބޫރުވިއެވެ.

"ދެން ޕޮޒިޝަން ޔޯ އާމްސް ލައިކް ދިސް." ހައިކަލް އަތުގައި ހިފާފައި އަތް ބަހައްޓަންވީގޮތް ކިޔައިދިނެވެ.

"އާޗް ޔޯ ބެކް ސްލައިޓްލީ. ހޫމް........ގުޑް. މޭމަތި ކުޑަކޮށް އުފުލާލާ. ދެން ބަނޑުވެސް........ޕަފެކްޓް. ކަކޫ ލަންބާލާފައި ދެފައި އެލުވާލާ އިނގޭ.... " ބައެއްފަހަރު ކޮންމެވެސް ވަރަކަށް އަތާއި ފައި ތަންތަނުގައި ހައިކަލް އަތް ޖައްސައިލަނީ ހިތުގައި ކަމެއް އޮވެގެން ކަމެއް ނޫނީ ހަމަ ދަސްކޮށްދޭންވެގެން ކުރިކަމެއްކަމެއް ސަލްވާއަކަށް ޔަގީނެއްނުވިއެވެ. ނަމަވެސް ސަލްވާއަށް ބަޔާންކުރުން ދަތި އަސަރުތަކެއްކުރިއެވެ. ކުޑަ ކުޑަ ބީހިލުމަކުންވެސް ހިތަށް ގެނެސްދިން އުފާވެރިކަން ބަޔާންކުރަން ނުކުޅަދާނައެވެ. ހައިކަލް ވަރަށް ކައިރިން ދެކޭނެކަން ޔަގީންވެ ލޯ ހުޅުވައިލަން ނުކެރިފައިއޮތީ ހަމަ ފުރާނަނެތް ކުއްޖެއްހެންނެވެ. ލޮނުގެ ސަބަބުންނާއިއެކު ރަތްވެފައިވާ މޫނު އަދި އެއަށްވުރެ ރަތްވެ ތުންފަތްވެސް ލިޕްސްޓިކް ޖައްސާފައިވާފަދައެވެ. އޭނައަށް އޮވެވުނީ ކުދި ރާޅުތަކާއިއެކު މަޑުމަޑުން ކިރިލަ ކިރިލައެވެ. ހައިކަލް އޭނަގެ ގައިން ދޫކޮށްލިއެއްކަމަކު އަޑިއަށް ނުދާތީ ފެންމަތީގައި އޮވެވުނީކަން އެނގި މަޖާވިއެވެ. އަރާމުކަމެއްވެސް އިހުސާސްވިއެވެ. ހިތާހިތުން އެތައްފަހަރު ހަމްދުކުރެވުނީ މިހުރިހާ އުފާތަކާއި ނިއުމަތްދެއްވި މަތިވެރި އިލާހަށެވެ. މިވަގުތުތައް ހާދަ އުފާވެރިއެވެ. އެންމެ ބޭނުންވާފަދަ ބައިވެރިޔެއް ހަޔާތަށް އައިސް ދިރިއުޅުމުގެ ހުސްކަން ފުރާލަދީފިއެވެ. ހައިކަލްގެ ހިތްވެސް އެތައްފަހަރު ތައުރީފުކުރިއެވެ. ސަލްވާ އެހެންއޮތްއިރު ފެނުޕަރީއެއްފަދައެވެ. އެހާ ރީއްޗެވެ. އިރުގެ އަލިން ދިއްލިފައިވާ އެމޫނުގެ ފުރިހަމަކަން ދާދިކައިރިން ފެނުނުއިރު ހިތް އޮބަހައްޓަން އެތައް މަސައްކަތެއްކުރަންޖެހުނެވެ. އެއްވެސް އަންހެންކުއްޖަކަށް އޭނަގެ ހިތާއި ކުޅެވިފައެއްނުވެއެވެ. އެއްވެސް އަންހެނަކަށް މިގޮތަށް އޭނަގެ އިހުސާސްތައް ހޭލައްވާލެވިފައެއްނެތެވެ. އޭނަގެ ހަށިގަނޑުގެ އެއްބަޔަކީ ސަލްވާކަމުގައި ގަބޫލުކުރެވުނީވެސް އެހެންވެއެވެ. އޭނަ ފުރިހަމަވާނީ ސަލްވާއާއި ގުޅިގެންނެވެ.

މިގޮތަށްއަމިއްލަ ޟަމީރާއި ހަގުރާމަކުރަން ޖެހޭނީ ކިތައް ދުވަސްވާންދެން ހެއްޔެވެ؟ ހެއްދެވިފަރާތުން އިމްތިހާނު ކުރިމަތިވާނީ އެކިގޮތްގޮތަށް ވާއިރު މިއީވެސް ދިރިއުޅުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް އިމްތިހާނެވެ. ކެތްތެރިކަމުގެ ކޮޅެއްނެތް ވަރަށް ކެތްކުރަން އެބަޖެހެއެވެ.

"އަނހާ. ސަލްވާ. އަނެއްކާ ނިދީތަ. ރިކެލްސްވީވަރުންގޮސް ނިދާ ނުލައްޗޭ. އަހަންނަށް އިތުބާރުކުރިޔަސް މަށަށްވެސް ބަލާނުލާ ގޯހެއްހެދިދާނެ. ސަލްވާ. ތިހެން ނަހަދާ ތި ލޯ ހުޅުވާފައި ބަލާލަބަލަ...." ހައިކަލް ހިނިތުންވެލާފައި އެ ފިރިހެންވަންތަ އަޑުން ބުނެލުމުން ވަގުތުން ދެލޯ ހުޅުވާލައިފިއެވެ. ހައިކަލްގެ ކަރުތާފެނުގައި ހުރުމުން އޭނަ އިސްކޮޅު ނުކާނެކަން އެނގި ޔަގީންވިއެވެ. އެއާއިއެކު މަޑުމަޑުން ދުރަށްދާހެން ހީވެފައި ސަލްވާ ބިރުން ހައިކަލްއާއި ދިމާލަށް އަތްދިއްކޮށްލުމާއިއެކު ސަލްވާގެ ބެލެންސް ގެއްލުނެވެ. ދެފައިތިލަ ފަސްގަނޑުގައި ނުޖެހުމުން ބިރުން ތެޅިގަތްގޮތަށް ހައިކަލްގެ އަތުގައި ރަގަޅަށް ނުވެސް ހިފި ދޫވިއެވެ. ހައިކަލް ހުޝިޔާރުކަމާއިއެކު ސަލްވާ ގެނެސް ކައިރިކޮށްލުމުން ގަތްބިރުންހައިކަލްގެ ކަނދުރާގައި އޮޅުލައިގަތެވެ. ހައިކަލް ހުރީ މަޑުމަޑުން ހީލަހީލައެވެ. އެވަގުތު ސަލްވާއަށް އުޅެވުނުގޮތުން މަޖާވެސްވިއެވެ. އޭނަގެ އަންހެނުންކަމުގައި ވިޔަސް ސަލްވާއަކީ އަދިވެސް ބޮޑު މީހެއްނޫނެވެ.

އަޒަލް އާއި އާޒީން ސްނޯކްލިންއަށް ގޮސްފައި ދެކުދިން އެއްގަމަށް އެރިއިރު ހައިކަލްއާއި ސަލްވާވެސް މޫދުގައި އުޅެލާފައި އެއްގަމަށް އަރައިފިއެވެ. އޭރު ސަލްވާ ހުރީ ވަރަށް ރީތިކޮށް ޓޭންވެލާފައެވެ. އަޒަލް އޭރުވެސް އިނީ މޫނުގައި ފިންސްއަޅައިގެންނެވެ.

"ޑެޑީ އެ ގިފްޓް ފޯ ޔޫ ބޯތް....." އަޒަލް ދޮންވެލިގަނޑުމަތީގައި އަތް ވިއްދާލައިގެން އޮށޯވެ އޮވެފައި ދިއްކޮށްލި ބޮލީގައި ހިތެއްކުރަހާފައި ބައްޕަދެކެ ލޯބިވާވާހަކަ ބަޔާންކޮށްފައި ވެއެވެ. ހައިކަލް އަޒަލްގެ ނިތުގައި ބޮސްދިނެވެ. އޭނަ އެބޮލިވެސް ރައްކާކުރާނެއެވެ. ފޮރުވަންވީ ލޯބިވެރިޔާ ދޭ އެއްޗެހި އެކަނިއެއްނޫނެވެ. ދަރިންދޭ އެއްޗެހިވެސް ޚާއްސަކުރަންވާނެއެވެ. އޭނަގެ ހަޔާތަށް މިހާރު އައިސްފައިވާ އުފާވެރިކަން ބެލެންސްކުރެވޭނީ އޭނަވެސް ކުޅަދާނަ މީހަކަށްވެގެންނެވެ. ޚާއްސައީ އެކަނި ސަލްވާކަމަށް ހީކުރުވައިގެންވެސް ކަމަކުނުދާނެއެވެ. ނޫނީ ލޯބިވަނީ އެކަނި ދަރިންދެކެ ކަމުގައި ހަދައިފިއްޔާވެސް މުޅި ހަޔާތް ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ބެދެވިގެން ހިނގައިދާނެއެވެ. އޭނަ ލޯބިދޭނީ އެއްވަރަށެވެ. މަންމަ އަނބިމީހާ އަދި ދަރިންނަށްވެސް އެކަން ގަބޫލުކުރެވެންވާނެއެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ މަގާމު ދަނެގެން އެމީހަކު ބޭއްވި ހިސާބެއްގައި ތިބޭއިރު އޭނަ ދެއްކި ހިސާބެއްގައި ތިބީމަ ރަގަޅުވާނެއެވެ. އެ ނާޒުކް ރޮގު ހުރަސްކޮށްގެން ނުވާނެއެވެ. ކޮންމެ މީހަކަށްވެސް އެމީހާގެ ދަރަޖައާއި މަގާމު އޭނަ ބުނެދޭނެއެވެ. އެހިސާބަށް ވިސްނުން ދިޔުމާއިއެކު ހައިކަލް އަމިއްލަ ނަފުސަށް މަލާމާތްކޮށް ހީލިއެވެ. އަޖައިބެކެވެ. ސަލްވާދެކެ ލޯބިވާކަމަށް ހިތް އެއްބަސްވީއިރު ސަލްވާއާއި އޭނައާއި ދޭތެރޭގައި މިއޮތީ އަދިވެސް ނަންދޭން އުދަގޫ ގުޅުމެކެވެ. ސަލްވާގެ ބައްޕަ ސަލްވާ ބަލާ އަންނަން ދުވަހަކުން އަމާނާތްތެރިކަމާއިއެކު އޭނަ ހަވާލުކުރަންޖެހޭނެ ނޫންހެއްޔޭވެސް ހިތަށް އެރިއެވެ. ކޮންމެވެސް ވަރަކަށް ތަބީއަތު ގޯސްވާން އުޅެފައިވެސް ހައިކަލް އެވިސްނުން އެއްކިބާކޮށްފިއެވެ.

ސަލްވާގެ ހަޔާތުގެ ލަގަން އޮތީ އޭނަގެ އަތުގައެވެ. ސަލްވާއާއިމެދު ގޮތެއް ނިންމޭނީ އޭނައަށެވެ. އެހެންމީހަކަށް ދެނެއް ނުފޫޒު ނުފޯރުވޭނެއެވެ. އޭނައާއި ސަލްވާގެ ނަން އެކީގައި ލިޔުއްވާފައިވަނީ ކޮންމެވެސް ސަބަބަކާއިހެދިއެވެ. އޭނަ މިހާ ބޭނުންވާ އެއްޗެއް އަތް ފޯރާފަށުގައި ލިބެން އޮތްވާ ހާސިލުނުކޮށް ދީފިއްޔާ އޭނަވާނީ ބޮޑު މޮޔައަކަށެވެ. ފައިސާދީގެން ނަމަވެސް މިހާރު ބޭނުމީ ސަލްވާއެވެ.

ސްނޯކްލިންއަށް ހައިކަލް ދާން އުޅުމުން ސަލްވާ ފަސްޖެހުނެވެ. އާޒީންއާއި އަޒަލް ބުނީ ހަމަ ރީތިކަމުން މޮޔަވާނެކަމުގައެވެ. އެންމެންނާއިއެކު މޫދުގެ އަޑި ބަލައިލަން ދެވުމުން އާކަމަކަށްވިއެވެ. ވަރަށް ޝައުގުވެރިވިކަމެކެވެ. މައްޗަށް އަރާފައި ދެން އުޅުނީ ބޯޅަކުޅުމުގައެވެ. ބޯޅަކުޅުނުއިރުވެސް ބޯޅަ އަތުލުމުގެ ތެރޭގައި ހައިކަލް މާ ކައިރިވާ ކޮންމެ ފަހަރަކު ސަލްވާ "ބްލަޝް"ވާވަރު ހައިކަލްއަށް ފާހަގަވިއެވެ. ސިއްރުއުފަލެއް ހިތަށް ލިބުނެވެ. ސަލްވާގެ ހިތުގައިވާ ހުރިހާ އެއްޗެއް ހައިކަލް ދެނެގެންފިއެވެ. އެހުރިހާ ފޯރިއެއްގައި ތިބިއިރުވެސް ސަލްވާ ދޭތެރެއަކުން ހެއްދެވިފަރާތް ހަދާންކޮށް ބުނެލާ ބަސްތަކުން އެހެންމީހުންނަށްވެސް ޒިކުރުކުރަން ބާރުއެޅިއެވެ. އަދި އޭނަ ހުރީ ނަމާދު ވަގުތަށް ބަލަބަލައެވެ. ބާރަ ޖެހުމުން ސަލްވާ ބުނެގެން އެންމެން އެއްގަމަށް އެރީ ނަމާދުކުރަންވެގެންނެވެ. ސަލްވާ ނޫންކަމަށް ހަދާފައި ދިޔައީ އަޒަލްމެންނާއިއެކު އެކުދިން އުޅޭ ވިލާއަށެވެ. ހައިކަލްއާއިއެކު ދާކަށް ނުކެރުނެވެ. ބޭރުގައި ބަހައްޓާފައިވާ ގުޅިން ގައިގާ ވާ ދޮންވެލި ފިލުވައިގެން ކޮޓަރިއަށް ވަދެ ފެންވަރާ ރީތިވެލުމަށްފަހު ތިންކުދިން ނަމާދުކުރިއެވެ. ނަމާދުކޮށް ނިމުނުތަނާހެން ހައިކަލް ގުޅާފައި ބުނީ ކާން ދާން ތައްޔާރުވުމަށެވެ. ސަލްވާ ކަޅުހެދުން ލައިގެން ޝޯލްއަޅަންފެށިއެވެ. އަޒަލްއާއި އާޒީން އާދައިގެ މަތިން ޖިންސާއި ޓީޝާޓުލައިގެން ކުޑަކޮށް މޭކަޕްކޮށްލިއެވެ. އަޒަލް އިސްތަށިގަނޑު ނިއުޅުވާލާފައި ބޭއްވިއިރު އާޒީން އޮތީ އައްސާލާފައެވެ. ކިތަންމެ ވަރަށް ބެލިޔަސް ދެކުދިން ވަކިކުރުމަކީ ސަލްވާއަށްވެސް ފަސޭހަކަމެއްނޫނެވެ. އެހާވެސް އޮޅެއެވެ.

އެންމެން އެކީގައި ރެސްޓޯރެންޓަށްގޮސް ކާން ތިބިއިރު އެންމެން ތިބީ އުފާވެރި މޫޑެއްގައެވެ. މެންދުރުފަހުން އަނެއްކާވެސް އުޅުނީ މަޖާކަމެއްގައެވެ. ބައިސްކަލް ދުއްވަންވެގެން ގޮސްފަ ސަލްވާއަށް ދުއްވަން ނޭގުމުން އަޒަލް ދޫނުކޮށް ހައިކަލް ކައިރީގައި އެދުނީ ސަލްވާއަށް ބައިސްކަލް ދުއްވަން ދަސްކޮށްދިނުމަށެވެ. އަޒަލްއާއި އާޒީން ދުއްވާފައި ދުރަށް ދިޔުމުން މިފަހަރުވެސް ދެމީހުން އެކަނިވުމުގެ އިތުރުން އެހާ ގާތްކޮށް އުޅެވުނެވެ. ހައިކަލްގެ އެފިރިހެންވަންތަ ހުނުމާއި އެރީތިކަން ސަލްވާއަށް އެތައް އަސަރުތަކެއްކުރުވިއެވެ. އެއީވެސް ހިތުން ނުފިލާނެ ހަދާންތަކެކެވެ. އިރުއޮއްސޭމަންޒަރު ބަލަންގޮސް އަޒަލް ނެގި ސެލްފީވެގެން ދިޔައީ ހަތަރުމީހުން އެކީގައި ނެގުނު އެންމެ ރީތި ސެލްފީކަމުގައެވެ. އިރުގެ ރަތްވިލާތައް ލާފައި ހުރިއިރު އެހަތަރު މީހުންގެ މޫނަށް ރަތްކުލަ އަރާފައިވީއިރު ރީތިކަމުގެ އިންތިހާއެވެ.

ހައިކަލް ފޯނުގައި ހުރުމުން ހިގާފައި އައީ ތަންކޮޅެއް ފަހަތުގައި ހުރެގެންނެވެ. ސަލްވާއާއި އަޒަލް އަދި އާޒީން ދިޔައީ އެއްހަމައެއްގައި ހިނގާލާފައެވެ. އެތައް ދުވަހަކުއްސުރެން ދެނެ ފަރިތަ އެކުވެރިންފަދައިންނެވެ. ހެމުން ސަކަރާތްޖަހަމުން އެކަކު އަނެކަކަށް ކޮށްޕަމުން ސަމާސާކުރަމުންނެވެ. އަޒަލް ދަބަހުން ސުޕާރީ ޕެކެޓްތަކެއް ނެގުމުން ސަލްވާވެސް އަތުލައިގެން ކުޑައެތިކޮޅެއް އަނގަޔަށް ލައިގެން ހަފަންފެށިއެވެ.

"އޭ ޒެލް. ވިޝާމް މަތިން މިސްއެއްނުވޭތަ؟ ޒެލްގެ ހަޒްބެންޑް ނެތްކަން ނޯޓިސް މިވީ އަދި ކިރިޔާ..." އާޒީންފެށި ވާހަކައަކުން ސަލްވާ ކޮށިއަރާގޮތްވެސްވިއެވެ. އަޒަލްއަށްވުރެ އެނަމުން އޭނައަށް ކުރި އަސަރު ޔަގީނުންވެސް ބޮޑެވެ. އަޒަލް ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ.

"ސީރިޔަސްލީ......ކޮބާތަ އެކުއްޖާ؟ " އަޒަލް ހިނިގަނޑެއްޖަހައިލިއެވެ.

"މިހާ މަޖާކޮށް އުޅުނީމަ ވާނީ އެވަރު. އަހަރެންވެސް އެއްގޮތަކަށްވެސް އޭނަ މަތިން ހަދާނެއްނުވި. އެހެން ދުވަހު ހީޒް އޯލް އައި ތިންކް އެބައުޓް.." އާޒީންގެ އެޖުމްލައާއިއެކު އަޒަލް ދެލޯ ބޮޑުކޮށްލަމުން ހުއްޓުނެވެ.

"ހޫ އިޒް ހީ؟ " އަޒަލް ސުވާލުކުރިއެވެ.

"ހެހެ...." އާޒީން ކަންބޮޑުވިއެވެ.

"އައި ރިއަލީ ޑޯންޓް ލައިކް ޔޫ ރައިޓް ނައު އާޒީން......" އަޒަލް ހިތްހަމަނުޖެހޭކަން އަންގައިލިއެވެ.

"އޯ ޔޫ ލަވް މީ ޒެލް... " އާޒީން ހީލިއެވެ.

"ބުނެބަލަ. ހޫ އިޒް ދަ ލަކީ ގައި؟ " އަޒަލް އޮޅުންފިލުވާހިތުން ހުއްޓަސް އާޒީން އެމީހެއްގެ ނަން ބުނާނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ހިތުގައިވަނީ މާއިޒްކަން އެނގިއްޖެއްޔާ އަޒަލްއަށް އެހެން ސިއްރެއްވެސް ކިޔައިދޭންޖެހޭނެއެވެ. ނަމަވެސް ބައްޕަ އެހާވަރުން ފޮރުވާފައިވާ ސިއްރެއް އަންގައިގެން ރޯޒްމެހެލްއަށް ގިޔާމަތްވެދާނެއެވެ. އަޒަލްއަށް އިތުބާރުކޮށްފައި ކިޔައިދޭންވީބާވައޭވެސް ހިތަށް އެރިއެވެ. އޭނައާއި އަޒަލްއަކީ ގާތްގަނޑަކަށް އެކެކެވެ. ދެމީހުން މޫނު ބަލާ ލޯގަނޑެއް ގެންގުޅުމުގެ މާނައެއްވެސްނެތެވެ. އެކަކު އަނެކަކަށްބަލައިލިމަ އެއޮތީ ތިމާގެ ސޫރަ ފެނިފައެވެ.

އެދެކުދިން އެއަރައިރުމެއްގެ ތެރޭގައި ތިބިއިރު ސަލްވާ އެއްފަރާތަކަށް ޖެހި މޫދާއި ދިމާލަށް ބަލަން ހުރީ ޚިޔާލަކަށް ގެއްލިފައެވެ. ވިޝާމްގެ ހަދާންތައް ކޮންމެވެސް ވަރަކަށް ހިތަށް އުދަގޫކޮށް ހަމްދަރުދީވާންފެށިއެވެ. ހަގީގަތުގައި ވިޝާމްގެ ކުށެއްނެތެވެ. ވިޝާމްއަށްޓަކާ އޭނަ ނުހުރެ ކައިވެނިކުރުމުން ކުށްވެރިވަނީ އޭނައެވެ. ވިޝާމްގެ ލާނެތް ވާހަކަތައްވެސް ސަލްވާގެ ޚިޔާލަށް އައެވެ. އޭރު ވިޝާމް އޭނައަށް އެކި ނަންނަމުން ގޮވާނެއެވެ. ރުޅިއަރުވަންވެސް އެހާ ދިމާކުރާނެއެވެ. އެތަނުން އެއް ނަމަކީ ލުލޫއެވެ. ވިޝާމްގެ ނަމަކަށް އޭނަ ކިޔާއުޅުނީ ވިޝްޕޫއެވެ. އޭރު ސްކޫލުގައިވެސް އޭނަ މަޝްހޫރުވެފައިވަނީ ވިޝްޕޫގެ ނަމުންނެވެ. އެހެން ކިޔަންވީ ސަބަބެއްވެސް އޭނައަކަށް ނޭގެއެވެ. ބައެއްފަހަރު ވިޝާމް ރުޅިއަރުވަން ޕޫ ބެއަރއޭ ކިޔައިގެން ސަލްވާ ދިމާކުރެއެވެ. ލާނެތްކަމެއް ދެއްވާފައިވިޔަސް އެއީ ހިތާމަވެރި ޒުވާނެކެވެ. ސަލްވާއަށް އޭނަ ކިޔައިން ވާހަކަތައް ހަދާންވުމުން ދެލޯ ކަރުނުން ތެމުނެވެ. ހައިކަލް އޭނައާއި ކައިރިއަށް ހުއްޓިލާފައި އެއްޗެކޭ ބުނުމުން ސަލްވާ ސިއްސައިގެންގޮސް ބަލައިލުމާއިއެކު ހުރިހާ ޝުއޫރުތަކެއް ފޮރުވާލަމުން ހިނިތުންވެލައިފިއެވެ.

ރޭގަނޑު އެންމެން އެކީގައި ކެއުމަށްފަހު އަޒަލްއާއި އާޒީން ވަރުބަލިވެފައިވާވަރުން އަވަހަށް ނިދާލަން ބޭނުންވިއެވެ. ހައިކަލްއާއި ސަލްވާ އެކީގައި އެމީހުންނަށް ޚާއްސަކޮށްފައިވާ ވިލާއާއި ދިމާލަށް ހިނގައިގަތީ އަތުގުޅުވާލައިގެންނެވެ. ސަލްވާގެ އަތް ފިނިކަމުންގޮސް ގަނޑުފެންކޮޅެކޭ ތަފާތެއްނެތަސް މަޑުކަމުން ފަށުވިފަދައެވެ. ބޮޑެތި ލެންޓަންތަކުގެ އޮރެންޖްއަލިން ދިއްލާލާފައިވާ އެކަނިވެރި ހިސާބަކަށް ނުކުމެފައި އެތާހުރި ދެހެމޮކްގައި ދެމީހުން ޖައްސައިލިއެވެ. އެތައް ސަތޭކަ ތަރިތައް އުޑުގައި ފިޔަޖަހާ މަންޒަރުބަލަން ތިބިއިރު އެތަނަށް ވެރިވެފައިވާ އެކަނިވެރިކަމާއި ހިމޭންކަމުން އެހެން ޕްލެނެޓެއްގައި އެދެމީހުންވާފަދައެވެ. ދުވާލު އިރު ވަރުގަދަކަމާއިއެކު ބިންގަނޑަށް ހަމަލާދިނަސް ރޭގަނޑަށް އޮތީ ފިނިފައިބާފައެވެ. ޖެހެމުންދާ ވައިގާވެސް ހުރީ ތެތް ފިނިކަމެވެ. ދުރުދުރުން ލަވައެއްގެ އަޑުއިވެންފެށިއެވެ. ހިތްހަލާކުވެފައިވާ އާޝިގެއްގެ ހިތުގެ ފަރިޔާދެވެ.

ހައިކަލްވެސް އެރާގަށް ހޫމް އަޅުވައިލަމުން ސަލްވާގެ މޫނަށް ބަލާލައިފިއެވެ. އެތޫނު ދެލޮލުން އެގޮތަށް ބަލަންފެށުމުން ސަލްވާ ވަރަށްފަސޭހައިން ރަކިވިއެވެ. ހައިކަލްއާއި ސަލްވާ މަޑުމަޑުން ހެމޮކް ހެއްލަމުން ދިޔައިރު ދެލވީ ގުޅިފައެވެ. ހައިކަލް ސަލްވާގެ ފައި އޭނަގެ ދެފައިން ހައްޔަރުކޮށްލިގޮތަށް އެއަތުގައި ހިފަހައްޓައިލިއެވެ. ހެމޮކްވެސް މަޑުޖެހުނެވެ.

"ސަލްވާ...." ހައިކަލް ގޮވާލީވެސް ޖަޒުބާތުގެ ސަބަބުން ބަރުވެފައިވާ އަޑަކުންނެވެ. އެއީ މާތް މީހަކުވެސް މަގު އޮޅުވާލާފަދަ ޖަގަހައެކެވެ. ސަލްވާގެ ހިތަށް ފިނިވުމާއިއެކުވެސް ހައިކަލްގެ އެއަތް ދުރުކޮށްލާކަށް ނުކެރުނެވެ. ފިރިމީހާކަމުގައި ހިތް ވިސްނާދިންއިރު އެއްވެސް ކަމަކާއި ދެކޮޅުހަދާކަށް ކެރޭނީ ކިހިނެއްހެއްޔެވެ؟ ކުރިންވެސް އޭނަވަނީ ވައުދުވެފައެވެ. ހައިކަލް ތެދުވެގެން އައިސް ސަލްވާއިން ހެމޮކްއިން ޖާގައަކަށް އެދުމުން ދެމީހަކަށް ތިބެވޭނެ ޖާގަ ނެތްނަމަވެސް އޭނައަކަށް ހައިކަލްދުރުކޮށްލެވޭނެ ގޮތެއްނެތެވެ. އެއަށްވުރެ ބޮޑަށް ހައިކަލްގެ ލޮލުގެ ޖާދޫގައި ސަލްވާ ޖެހެވިއްޖެއެވެ. އެހެން ހުރިހާކަމެއް ހަނދާން ނައްތާލާފައި އެލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގެން ދިޔައީ ހިތުން ރުހުމުންނެވެ. 

ކޮމެންޓް 0