"ބައްޕާ. އަޅުގަނޑު ޝެއާކޮށްފިއްޔާ ބައްޕަ އެކަމަށް ހުއްދަ ދެއްވާނަންތަ. އެއީ އެހާ ކުޑަ ކަމެއްނޫން. ދުވަހަކުވެސް އަދި އެކަހަލަ ކަމަކަށް އެދިފައެއްނުވާނެ. ވަރަށް ކޮންފިއުޒްވެފައި މިހިރީ އެކަމަކު.........." އަޒަލް ކޮންމެވެސް ވަރެއްގެ ހާސްކަމުގެ ތެރޭގައި ހުރެފައި އެހެން ބުނެލިއިރު އޭނަގެ ހަތަރެސްފައި ފިނިވެއްޖެއެވެ. ހިތްވެސް ދެގުނަ އަވަސްވެލައިފިއެވެ. އެވަގުތު އެހެންމީހެއްގެ ފިޔަވަޅުގެ އަޑު އިވުނުހެން ހީވެފާ އަޒަލް ބަލައިލިއެވެ. އަދި އެވާހަކަ ކުރިއަށް ގެންދަންވީހެއްޔޭ އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ. މާމައާއި ބޮޑުދައިތައަށްވެސް އެކަން އެގެން ޖެހޭނެކަމުގައި އަޒަލް ދެކުނެވެ.

"އަޅުގަނޑު ބޭނުމީ މެރީކުރަން...." އަޒަލްގެ އެ ޖުމްލަ އިވިފާ ހައިކަލް އިނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.

"ތި ކަހަލަ ސަމާސާ ބައްޕައާއި ކުރަންވާނެތަ؟ " ޒައިތޫން ކުޑަކޮށް ލޯ އަޅައިލިއެވެ.

"މިއީ ސަމާސާއެއް ނޫނޭ މާމާ. ވިޝާމް ބޭނުންވަނީ ވީހާވެސް އަވަހަށް މެރީކުރަން......." އަޒަލް އެކިމީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ.

"އެއީ ކާކު؟ " ހައިކަލް އަހައިލިއެވެ.

"ދޮންބެ މާ އަވަހަށް ކާފައަކަށް ހަދަންވެގެން އަޒަލް ތިހާ ޅައުމުރު މީހަކާއި އިންނަނީ؟ ހެހެ ގޯހެއްނޫން. ކައިވެނީގެ މޫސުމް މިގެއަށް އަލުން އައީހެން ހީވެއްޖެ......" މެހެރީނާ ހިނިގަނޑެއް ޖަހައިލާފައިވެސް ހައިކަލްގެ މޫނުމަތިން ފެނުނު ސީރިޔަސްކަމުން ކަންބޮޑުވެފާ އަނގަމަތީގައި އަތްއެޅިއެވެ. ޒައިތޫންވެސް ހިތްހަމަނުޖެހިފައި ހުރިގޮތުން އެކަކުވެސް އެކައިވެންޏާއި އެހާ ގަބޫލުވިހެނެއް ހިޔެއްނުވިއެވެ. އަޒަލްގެ ފަރުވާލެއްނެތެވެ. އޭނަ ބޭނުމީ އެކަނި ބައްޕަގެ ހުއްދައެވެ. ބައްޕަގެ ރުހުން ލިބިއްޖެއްޔާ ދުނިޔޭގެ އެންމެން ދެކޮޅަށް ތިއްބަސް އޭނަ ކައިވެނިކޮށްފާނެއެވެ.

"އެއީ ޑޮކްޓަރެއް. ޑޮކްޓަރ ވިޝާމް. ދޮންބެގެ ފްރެންޑެއް......" އަޒަލް ބުނެދިނެވެ.

"އަޒަލް. ލައިފްގެ ތިހާ ބޮޑު ޑިސިޝަނެއް ކުއްލިއަކަށް ނަގާއިރު ފިރިހެންކުއްޖާގެ ބެކްގްރައުންޑް އެނގެންވާނެ. ޒެލް ކަމަކު އެދުނީމަ ނޫނެކޭ ބުނާކަށް ނެތިން. އެކަމަކު ވިޝާމްއާއި ބައްދަލުކޮށް ވާހަކަދައްކާފައި ބައްޕަ އެއްޗެކޭ ބުނާނީ އޯކޭތަ؟ " ހައިކަލްގެ މޫނުމަތިން އިތުރު ޝުއޫރެއް ނުފެނުނަސް އޭނަ މެކްބުކް ލައްޕާލާފައި ވަގުތުން ތެދުވެގެން ދިޔަގޮތުން ހިތްހަމަނުޖެހިފައިވާ މިންވަރު އެނގި އަޒަލްވެސް ކަންބޮޑުވިއެވެ. ހަގީގަތް ބައްޕައަށް ކިޔާދޭންވީބާވައެވެ. މިއީ އޭނަ ބޭނުންވެގެން ކުރާ ކައިވެންޏެއްނޫނެވެ. ވިޝާމްގެ ނިންމުމެވެ. އޭނަހެ ހާލަތު އެނގިހުރެ އޭނައަށް އެހީވާން ޑޮކްޓަރެއްގެ ގޮތުގައިވެދޭ މަތިވެރި ޚިދުމަތެކެވެ. ގުރުބާނީއެކެވެ. އެހެން މީހަކު އޭނަ ކަހަލަ ބަލިކުއްޖަކާއި ނީންނާނެއެވެ. ނަމަވެސް އޭރުން އޭނަ ބަލިކަން އެނގިގެން ބައްޕަ ފަހަރެއްގައި ވަގުތުން ދެކޮޅު ހަދާނެއެވެ.

"އަޒަލް ތިދެއްކި ވާހަކައަކުން ބައްޕަ އެހުންނެވީ ކިހާ ފިކުރުބޮޑުވެފައިކަން އަޒަލްއަކަށް ނޭގުނުތަ؟ އަންގާވެސް ނުލާ ހަމަ ކުއްލިއަކަށް މީހަކާއި އިންނާށޭ ބުނިއިރު އެއީ ކާކުކަމެއް ކޮން އާއިލާއެއްކަމެއްވެސް ނޭގުނު. އަޒަލް ޅަކަމުން ދުނިޔޭގެ ކަންތައްތަކަށް ފިކުރު ހިންގައިނުލެވެނީ. އެމީހަކު އަޒަލްއާއި އިންނަން އެއުޅެނީ ލާރީގެ ދަހިވެތިކަމުގައި. އުޅެން ފަސޭހައަކަށް. އެހެންނޫންނަމަ ކުޑަކުއްޖެއްގެ ބޮލަށް އެރިގެން ވަގުތުން އިންނާކަށް ނޫޅޭނެ. ދައްތަމެންގެ ދަރިންވެސް އެތިބީ ހުހަށް. އަޒަލް އަދި ކިޔަވާ ނިމުނީއެއްނޫން. އަމިއްލަ ފައިމައްޗަށް ތެދުވެފައި ދެން މީހަކާއި އިންނަ ވާހަކަ ދެއްކިނަމަ ގައިމު ބައްޕަ އުފާވީސް. އަޒަލްމެންގެ ތޫނުފިލިކަމާއިއެކު ބައްޕަގެ ފިޔަވަޅުމަތިން ހިގާނެކަމުގެ އުއްމީދުގައި ހުއްޓާ ދެކުދިންވެސް ތިދަނީ އެހެން ދިމާލަކަށް. އަޒަލްއަށް އެނގޭތަ؟ އަޒަލްއަށްޓަކާ ބައްޕަ ހޯދަދޭނީ އެންމެ އެކަށީގެންވާ ފުރިހަމަ ބައިވެރިޔާ. އަޒަލްގެ މުސްތަގުބަލް އުޖާލާކޮށްދެވޭނެފަދަ ރަގަޅު ބައިވެރިޔެއް. ރަގަޅު އާއިލާއެއްގެ މީހަކަށްވެސް ވާންޖެހޭނެ. މިހާރު ޑޮކްޓަރުންނަކީ ބިމުގައިވާ ވެއްޔަށްވުރެވެސް ގިނަ ބަޔެއް. ޑޮކްޓަރުގެ ލަގަބު އޮތަސް އަހަރެމެންގެ ދަރިއަކާއި ގުޅުވާއިރު އާއިލާއަށްވެސް ބަލާނަން.........." ޒައިތޫނާ ހިތްހަމަނުޖެހިގެން ހުރެ ތަގުރީރެއްދިނެވެ.

"ދޮންބެގެ ފިޔަވަޅުމަތިން ކުދިން ހިނގަންފެށީ. ދަސްކޮށްދިންގޮތަށް އެކުދިންވެސް ތާކުން ހަމަ ނިކަމެތި އާދައިގެ މީހަކު ފެންނައިރަށް އިންނަން އުޅެނީނު މަންމާ...." މެހެރީނާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. ސަލްވާގެ މަތިން ހަދާންވިޔަސް ގައިން ހުޅު ހިފާލައެވެ.

"މެހެރީނާ ހުއްޓާލާ. ހައިކަލް ގެ ކައިވެންޏާއި ބެހޭގޮތުން މެހެރީނާއަށް އެކައްޗެއްވެސް ނޭގޭ. އެހެންވީމަ އެކަންތަކާއި ނުބެހި ހުރިއްޔާ ރަގަޅުވާނީ...." ޒައިތޫންވެސް އެތަނުން ދާން ހިގައިގަތުމުން މެހެރީނާ ނުލަފާ ހިންޏެއް ހީލައިފިއެވެ. އޭނަވަނީ މަންމަމެން ސިއްރުންދެއްކި ވާހަކަތައް އަހާފައެވެ. ހައިކަލްއާއި ސަލްވާގެ ކައިވެނީގެ ހަގީގަތް އޭނައަށް މާ ރަގަޅަށްވެސް އެނގެއެވެ. އޭނައަށް ނޭގޭކަމަށް ހީކޮށް މަންމަ ވީވަރު އެހެރީއެވެ. އަޒަލް އެތާހުރި ސޯފާއަކަށް ވެއްޓިގެން އިނގިލީގެ ނިޔަފަތިތައް ހަފަންފެށިއިރު ދެލޮލުގައިވި ނުތަނަވަސްކަމުން އޭނަގެ ސިކުނޑިގައި އެތައް ކަންތައްތަކެއް ހިނގާކަން މެހެރީނާ ދެނެގަތެވެ.

"ޒެލް. ތިހާ އަވަސް އަރުވާލައިގެން އިންނަން އުޅެނީ އަނެއްކާ ޕްރެގްވީތަ؟ " މެހެރީނާ ޖެހިލުމެއްނެތި އަހާލައިފިއެވެ.

"ހަހަ. ނޯ ވޭ........" އަޒަލް ހޭންފެށިއެވެ.

"ޒެލް ބުނަން...." މެހެރީނާ އަޒަލްގެ ކޮނޑުގައި އަތް ބޭއްވީ އެއްޗެއް ވިސްނާދޭން އުޅޭފަދަ ގޮތަކަށެވެ.

"ތިހެން އުޅެމުން އަނެއްކާ ގޯހެއް ނަހަދައްޗޭ. އެހެންމީހުން ތެޅިފޮޅިގެން ކައިވެންޏާއި ހަމަޔަށްދަނީ އެކަހަލަ ގޯހެއް ހެދުނީމަ އެކަން ފޮރުވަން. ޒެލް ޅަ އުމުރުގައި ކައިވެނި ކުރަން އުޅުމަކީ ބޮޑު ޖޯކެއް. އެއްވެސް މީހަކު ގަބޫލެއްނުވާނެ. ތިހާ ޅައިރު ކައިވެނިކުރީމަ ދެދުވަސް ނުވަނީސް ކައިވެނި ރޫޅޭނެ. ރާއްޖޭގައި އެހާ ވަރި ގިނަ ސަބަބަކީވެސް އެގޮތަށް ދަސްނުކޮށް މީހުންނާއި އިނުމާއި އެއްފެންވަރެއްގެ މީހުން ނުގުޅުން ކަހަލަ ކަންތައްތަކުގެ ސަބަބުން. ވީމަ ޒެލްވެސް ވިސްނާ. ދަރިން ލިބުނީމަ އަވަހަށް މުސްކުޅިވާނީ. ދެމީހުން އެކީގައި އުޅުނަސް އެންމެރަގަޅު އެކަމަކު އަދި އިންނާނެކަމެއް ނެތް...." ސަލްވާ އައިސް އަރާ ހަމަވިއިރު އެއިވުނު ޖުމްލަތައް ސަލްވާ ހައިރާންވެ އަންތަރީސްކުރުވިއެވެ. ބޮޑުދައިތައަކު ތިމާގެ ކޮއްކޮއަށް އެދަސްކޮށްދިނީ ކޮންފަދަ ނުބައި ފިލާވަޅެއްހެއްޔެވެ؟ ހުޅަގުގެ މީހުންފަދައިން ލޯބިވެރިޔާއާއިއެކު އެއްގެއެއްގައި ދިރިއުޅެންވީއެވެ. އެމީހުންނަށް ކައިވެނީގެ މާތް ގުޅުމަކަށް ކޮންމެހެން ބޭނުމެއްނުވާނެއެވެ. ދަރިން ހޯދާނީވެސް ކައިވެންޏާއި ނުލައެވެ. އިސްލާމީ ރީތި އާދަތައް ދޫކޮށް މިމީހުން ހުޅަގަށް ތަބާވާންވީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟

ސަލްވާ ފެނިފާ އަޒަލްގެ މޫނުވެސް ބަނަކޮށްލިއެވެ. ރުޅިވެރިކަމާއިއެކު ސަލްވާއަށް ބަލާލައިފިއެވެ.

"މިއޮތް އައީނު މިގޭ މަހާ ރާނީ. މިހާރު އެހެންމީހުންގެ ހުއްދަ ހޯދުމެއްނެތި މުޅި މިގޭތެރޭގައި އެނބުރެނީ އެހެން މީހުން ދައްކާ ވާހަކަތައް އަހަންތަ. މީނަ އައިފަހުން މިގޭގައި ތަފާތު ވައްތަރުގެ މައްސަލަތައް ޖެހެން ފަށައިފި. އެންމެން އެކިގޮތްގޮތުން ފިކުރުތައް ކުރަން ޖެހިއްޖެ. ސުންޕާކަމުގެ މިސާލެއް.............."މެހެރީނާ ދެލޯ ހަނިކޮށްލާފައި ކުރިއަށް ފިޔަވަޅެއްއެޅިއެވެ. ސަލްވާ ހުރިތަނުން ގުޑާވެސްނުލިއެވެ.

"މިއައީ ހައިކަލް ހުރިތޯ ބަލައިލަން....." ސަލްވާ މަޑުމައިތިރިގޮތަކަށް ބުނެލިއެވެ. މުށިދެލޮލުގެ ވިދުންގަދަކަމާއި ރީތިކަން ދާދި ކައިރިން ފެނިފާ މެހެރީނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެދެލޯ އުތުވާލަން ބޭނުންވިއެވެ. އެތައްފަހަރު އައިނު އަޅަން ބުނެވިއްޖެއެވެ. ދެލޮލުން ސިހުރުހަދައިގެން އޭނަގެ ދޮންބެގެ ހިތް މި ނުލަފާ ޝައިތާނާ އަތުލައިގެންފާނެއެވެ.

"ހައިކަލްއޭ؟ ލަދެއްނުގަނޭތަ ތިހެން ކިޔަން. އެއީ ޑޮކްޓަރ ހައިކަލް. ޑޮކްޓަރ ހައިކަލްއޭ ކިޔަންޖެހޭނީ. އަޑުއިވޭތަ މިހިރަ ގަމާރަށް. ކަލޭގެ ފެންވަރު އޮޅުނީތަ؟ އޯގޯޑް. މިއީ ހަމަ ކާސްއެއް. މިކަމުން އަވަހަށް ސަލާމަތް ނުވެވުނިއްޔާ މިގޭ ހުރިހާ އެންމެން ކާލާފައި މިގެއަށް ވެރިކަންކުރާނެ..." މެހެރީނާގެ އެ ވިހަގަދަ ޖުމްލަތައް އިވިފައި މިފަހަރު ސަލްވާއަކަށް އެހާ އަސަރެއްނުކުރިއެވެ. މެހެރީނާއަކީ "މެންޓަލް" މީހެކޭ ހިތަށް އެރުމުން ދެރަވެސްވިއެވެ. މީހުން އޭނައާއި ދޭތެރޭ ކޮންމެފަދަ ނުބައިގޮތަކަށް ދެކުނަސް އެހެންމީހުންނާއި ދޭތެރޭ ކަންތައްކުރާން ޖެހޭނީ ވީހާވެސް ރަގަޅަށެވެ. އަޒަލް ދެކޭގޮތުގައި ދޮންމަންމައާއި އަނގައިން ބުނާކަށްވެސް ނުޖެހޭނެއެވެ. ދޮންމަންމަގެ ނަން އިވުނަސް އޭނަ ފޫހިވެގެންގޮސް މޫޑު ޚަރާބުވެއެވެ. އެކަޅުހެދުން ފެންނައިރަށް އެތާކުން ދުރަށް ދެވޭތޯ އަޒަލް ބަލައެވެ. މިފަހަރުވެސް ސޯފާއިން ފުންމާލާފައި ވަގުތުން އެތަނުން ދުރަށް ދާން ހިގައިގަތީ އެ އަންހެނާއާއި ވީހާވެސް ދުރުން އުޅެން އަޒުމް ކަނޑައަޅާފައިވާތީއެވެ.

ސަލްވާ ނަމާދުކޮޓަރީގެ ދޮރު ހުޅުވައިލިތަނުން މެހެރީނާ އަރާ ހަމަވެފައި ބޯ އަރިކޮށްލާފައި އެތެރެއަށް ބަލައިލިއެވެ. ބިންމަތީގައިވާ މަޑު ރަގްމަތީގައި ރަންކުލައާއި ރަތްކުލައިގެ މުސައްލާ ފަތުރާލާފައިވާއިރު ބިތުގައި އިސްމުފުޅު ލިޔެފައިވާ ބޮޑު ފްރޭމެއް ފެނުނެވެ. އަރާމު ނަމާދުގެއެކެވެ. ހިމޭންކަމާއި ޚުޝޫއަތްތެރިކަމާއިއެކު ހެއްދެވިފަރާތަށް ކުރިމަތިލައިގެން ނަމާދުކުރެވޭނެފަދަ ތަނެކެވެ. މެހެރީނާވެސް އަޖުމަ ބަލައިލާހިތްވި ނަމަވެސް ސަލްވާދެކެ ވީ ފޫއްސެއްގެ ބޮޑުކަމުން ތުން އަނބުރާލާފައި ދިޔައީ ވެސް ކުދިކިޔަމުންނެވެ.

އަޒަލް މާއިޒްއާއި ދިމާވެގެން ވިޝާމްގެ ވާހަކަ އޮޅުން ފިލުވިއެވެ. ވިޝާމްއާއި ދެމީހުންގެ ގުޅުން އޮތްވަރު އެނގިފާ މާއިޒްވެސް ހުރީ ޝޮކެއްގައެވެ. އަޒަލްއާއި ވިޝާމް ރައްޓެހިވެ ކައިވެންޏާއި ހަމަޔަށް ދިޔައިރު އޭނައަށް ރޭކާނުލިއެވެ. ވިޝާމް ސިއްރުވެރިމީހެއްކަމަށް ހީކުރެވުނީ އަދި މާ ކުޑަކޮށެވެ. ވިޝާމްހާ ސިއްރުވެރި މީހެއް މި ކާއިނާތުގައިވާނެ ކަމާއިމެދު ޝައްކެވެ. ކޮއްކޮއާއި ރައްޓެހިވެގެން އުޅުނުއިރުވެސް އޭނައަށް ނޭގުނެވެ. އެންމެ ކައިރީގައި އުޅުނުއިރުވެސް ލޯބިވެރިޔަކު ކީއްކުރަން އަންހެންކުއްޖެއްގެ ނަންވެސް އޭނަ ކިޔާނުލައެވެ. އޭނަ އެރޭ ވިޝާމް ގެއަށް ގެނައިއިރު އަޒަލް ގޭގައި އުޅުނު ހަދާންވެފައި އަދި މާއިޒްއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. އެގެއަށް ގެނައުމުންވެސް ވިޝާމް ހުރީ ފާޑަކަށެވެ. އެވަރުންވެސް އޭނަ އަޒަލް ދަންނަކަމަކަށް ނެހެދިއެވެ. ވިޝާމްއަކީ ކޮންގެއެއްގެ ކާކުކަމެއް މާއިޒްއަށް ނޭގުނަސް އަޚުލާގު ރަގަޅު ހަރުދަނާ މީހެއްކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. މީހުންނަށް ކަމޭހިތައެވެ. ބައްޕަވެސް އެރޭ މާއިޒްއާއި ސުވާލުކުރިއެވެ. މާއިޒް ބުނީ އެހާވަރަށް ވިޝާމް ނޭގޭކަމުގައެވެ. ނަމަވެސް އެކުވެރިއަކަށް އެހާ ރަގަޅު މީހެއް ނުހުންނާނެކަމުގައި ބުނެލިއެވެ. ބައްޕަ ބުނީ ވިޝާމްއާއި ބައްދަލުކުރަން ބޭނުން ކަމަށާއި އޮފީހުން ދިމާވާން ބޭނުންކަމުގައެވެ.

މާއިޒް ކޮޓަރިއަށްވަންއިރުވެސް އޭނަގެ މޫނުމަތި ހުރީ ރަތްވެފައެވެ. ބައްޕަ ހުރީ ޔަގީނުންވެސް އެކަމާއި ހިތްހަމަނުޖެހިފައެވެ. ބައްޕަ ހީކުރާނީވެސް އޭނަ ބާރު އަޅައިގެން ނޫނީ މެދުވެރިއަކަށްވެގެން އެކަން ކުރުވީކަމެވެ. ލަދުންނާއި ރުޅިންގޮސް މާއިޒްއަށް ފޯނުވެސް ހޫރައިލެވިއްޖެއެވެ. ކަރުގައިވާ ޓައީއަށް ދޫކޮށްލުމަށްފަހު ގުދުވެ ފޯނުނެގިއެވެ. ވިޝާމްގެ އަޑު ޖެހުމުންވެސް މާއިޒް އައީ ރުޅިއެވެ.

"އަޒަލް ނޫން މީހަކު މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީތަ. އެހިސާބަށް ދިޔައިރުވެސް ބުނެލާކަށް ނުކެރުނު. ބައްޕަ އެވާހަކަދެއްކީމަ ލަދުންގޮސް ހަމަ ހުރިތަނަށް ތިރިނުވީ ކިރިޔާ. ބައްޕަ ހީކުރައްވާނީ އަހަރެންކަމަށޭ ތަތްކުރުވީ. ކޮންކަހަލަ އެކުވެރިއެއް ތިއީ؟ މަގޭ ހިތަށްވެސް ނާރާ އަހަރެންގެ ކޮއްކޮއާއި ހެދި އުޅެފާނެއޭ. ގެއަށް ގެނައިރޭ ވެސް އެކަން އެނގިފައި އޮންނާނީ. އެވަރުންވެސް އަދި ނުބުނެ......" މާއިޒް އެއްޗެހި ގޮވާލުމުން ވިޝާމް ހޭންފެށިއެވެ.

"ކާމް ޑައުން ބްރޯ. މީހާ ނިކަން ހަމަޖެހިބަލަ. އަހަންނަށް އެބަފެނޭ ރޫމްގައި ދެކޮޅަށް ހިގާތަން. ކޮފީއަކަށް އާދޭ. އޭރުން ތި ވާހަކަ ދެއްކޭނީ..." ވިޝާމް އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ.

"އަހަންނާ އެކީއެއް ނޫން ކޮފީއަށްދާނީ. ބައްޕަ ބޭނުމޯ މީޓްކުރަން....." މާއިޒް ދަތްތަކަށް ބާރުލާފައި ކިޔައިލިއެވެ.

"ގޯޑް. ނޯ... ބައްޕައާއި؟ މަގޭ ދުވަސް ތި ދިޔައީ............" ވިޝާމް މަޑު ހުނުމަކާއިއެކު ބުނެލިއެވެ.

"ތިހާ ފިޑިއްޔާ ތިކަން ހުއްޓާލާ. އެހެންނޫނަސް ނޭގޭތަ އަޒަލްއަކީ ކުޑަކުއްޖެއްކަން؟ " މާއިޒްގެ ރުޅި ފިންޏެއްނުވިއެވެ.

"އައިލް މީޓް ޔޯ ޑޭޑް...." ވިޝާމް އެސުވާލަށް ޖަވާބުދޭން ބޭނުމެއްނުވިއެވެ.

ހައިކަލް ކެބިންގައި ހުރި އޭނަގެ ބޮޑު ގޮނޑީގައި އިށީދެލައިގެން އިންއިރު މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ. ޑިއުޓީ އަދާކުރަމުން އޮފީހުގައި މަތީ މަގާމެއް އަދާކުރަން ޖެހުމުން މުޅި ދުވާލު ހަތަރުދަން ހޭދަވަނީ މިތަނުގައެވެ. އަރީން އޮންނަނީ ހުރިހާކަމެއް ހައިކަލްގެ ބޮލުގައި އަޅުވާފައެވެ. އެތަން ހިންގަނީ އަރީންގެ ބަދަލުގައި ހައިކަލްއޭ ހީވާފަހަރުވެސް އާދެއެވެ. އާއިލާއަށް ވަގުތުދެވޭލެއް މަދުކަމާއިމެދުވެސް މިއަދު ވިސްނަންޖެހުނެވެ. އަޒަލްމެން ކުދިން އެހާ އަވަހަށް މީހުންނާއި އިންނަން އުޅެނީ ބައްޕަގެ ފަރާތުން އެކަށީގެންވާ ލޯތްބާއި އަޅާލުން ނުލިބޭތީބާވައެވެ. ބައްޕައެއްގެ ޒިންމާވެސް އޮންނަނީ އަދާނުކުރެވިފައެވެ. އާޒީންވެސް މިއަދު ހުންއައިސްގެން އުޅޭތީ މަންމަވެސް އެކަމާއި ހައިކަލްއަށް ގުޅިއެވެ. ހައިކަލް އަށް އެފަހުން ޚަބަރު ބަލައިނުލެވެއެވެ. މާއިޒްގެ ފަހަތުން ވަން ޒުވާނާ ފެނުމާއިއެކު އޭނަގެ ދަރިފުޅަށް އެޒުވާނާ ކަމުދިޔައީ ކީއްވެކަން ވިސްނައިގަނެވުނެވެ. އަންހެންކުދިން ހިތްކިޔާފަދަ ރީތިކަމެއް ލިބިފައިވެއެވެ. މާއިޒްފަދައިން އިސްކޮޅުން ދިގު ބައިމަތިފުޅާ ޒުވާނެކެވެ. ހަންގަޑުގެ ކުލަ ހުރީ އަވީގެ ސަބަބުން ރަންކުލަ އަރާފައިވާފަދަ ގޮތަކަށެވެ. ބޯބުމައާއިއެކު ސީދާ ނޭފަތެކެވެ. އެސްފިޔަތައް ދިގުކަމުން އަންހެންކުދިން ހަސަދަވެރިވާނެއެވެ. ކަންނެތް ހިނިތުންވުމެކެވެ.

ޖިންސްގެ ޖީބަށް އެއް އަތް ޖަހާލައިގެން އަނެއް އަތުން ފޯނާއި ކުޅެމުން އައިސްފާ ހައިކަލްއާއި ސަލާމް ކޮށްލަން އަތްދިއްކޮށްލިއެވެ.

"މޯނިން ސަރ..." ވިޝާމް ވާހަކަދެއްކީ އަދަބުވެރިކޮށެވެ. ހައިކަލްގެ ހިތް އަތުލަންވެގެން ހުރިހާކަމެއްވެސް ކުރާނެއެވެ. ވިޝާމްހާދަ މާތްވެގެންނޭ މާއިޒްގެ ހިތަށް ވެސް އެރިއެވެ. އަޚުލާގު ރަގަޅަސް އޭނަ ވެރިންނަށް މިހާ ކިޔަމަންތެރިވާނެހެނެއް ހިޔެއްނުވެއެވެ.

"މޯނިން. ހޭވް އެ ސީޓް....." ހައިކަލް ކުރިމަތީގައި ހުރި ގޮޑިއަށް އިޝާރާތްކޮށްލިއެވެ. މާއިޒްވެސް އިށީދެފާ ނުތަނަވަސްކަމާއި ލަދުވެތިކަން ކަނޑުވާލަން ދައްކަންފެށީ އެތަނަށް އާ އެމްއާރު އައި މެޝިނެއް ގެނެސްގެން އެވާހަކައެވެ. މިހާރު ހުރި ރޭޑިއޮލޮޖިސްޓް އަތުގައި ސެޓްފިކެޓްތައް ކިތަންމެ ގިނަޔަސް އޭނަގެ ރިޕޯޓްތަކާއިމެދު ހިތްހަމަނުޖެހިގެން ޑޮކްޓަރުން ވާހަކަދައްކާކަމުގައިވެސް މާއިޒް ބުނެލިއެވެ. ރަސްމީކޮށް ދިޔަ ވާހަކަ މަޑުމަޑުންގޮސް ވިޝާމްއާއި ހަމަޔަށް ހުއްޓުނެވެ. ވިޝާމްއަށް ވަޒީފާ ނުލިބިގެން އުޅެނީ ކީއްވެހެއްޔޭ ހައިކަލް ސުވާލުކުރިއެވެ. ވިޝާމް ކިޔެވީ ކޮންތާކުންތޯވެސް އެހިއެވެ. އޭނަ ޖަވާބުދިނީ ހަމަޖެހިލައިގެން އިނދެއެވެ. ކުރިއަރަން ބޭނުންވަނީވެސް ނިއުރޮލޮޖީގެ ރޮގުންކަމުގައި ބުނެލީ މާނަވީ ހިނިތުންވުމަކާއިއެކުގައެވެ. އޭނަގެ އާއިލާއާއި ބެހޭގޮތުން އެހުމުން ބުނީ އުޅެނީ ބޭބެއެއްގެ ކައިރީގައި ކަމުގަޔާއި ބައްދަލުކުރުވާނެ ކަމުގައެވެ.

"ފުރަތަމަ ވިޝާމް ސްޕެޝަލައިޒްވާން ދާންވީއެއްނު. ކިޔަވާ އަމިއްލަ ފައިމައްޗަށް ތެދުވުމަށްފަހު ނޫނީ އާއިލާއެއް ބެލެހެއްޓޭނެހެން ވިޝާމްއަށް ހީވޭތަ؟ ފިރިހެނެއްގެ ޒިންމާއެއް ތިމާގެ އަންހެނުންނާއި ދަރިން ބެލެހެއްޓުން. ހީކުރަން ވިޝާމްއަށް މިބުނި އެއްޗެއް އޮޅުން ފިލާނެކަމަށް. އަޒަލް މީހަކާއި އިންނާށޭ ބުންޏަސް އަދި އެއީ ހަމަ ޅަ ކުއްޖެއް. އަށާރައަހަރު ފުރުނަސް އަޒަލްގެ އުޅުން ހުންނަނީ އެއަށްވުރެވެސް ކުޑަކޮށް. އާޒްނަމަވެސް އަހަރެން އެހާ ޖެހިލުމެއް ނުވާނެކަން ނޭގޭ. އެކަމަކު އަޒަލް ވަރަށް ތަފާތު. އަދި މިފަހަކަށް އައިސް ފުދޭވަރަކަށް ޑިޕްރެސްވެފައި ހުރީ. ވިޝާމް. އަހަރެން އަދި ހުއްދައެއް ނުދޭނަން އަޒަލް އެހާ އަވަހަށް މީހަކާއި އިންނަން....." ހައިކަލްގެ ޖުމްލައިން ވިޝާމްގެ ހިތަށް ފިނިވެގެން ދިޔައެވެ. އަތްފައިވެސް ފިނިވެފައި ހިތަށް ވަން ބިރުވެރިކަމެއްގެ ބޮޑުކަމުން ބުނާނެ އެއްޗެއްވެސް ނޭގުނެވެ.

ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އޭނަ ކޮންމެގޮތެއް ހަދާފައިވެސް އަޒަލްއާއި އިންނަން ޖެހޭނެއެވެ. ރޯޒްމެހެލްއަކީ އޭނަގެ މަންޒިލެވެ. އޭނަގެ ދިރިއުޅުން ގުޅިފައިވަނީ އެގެއާއެވެ.

"އައިމް ސޮރީ ޓު ސޭ ދިސް ސަރ. އެކަމަކު އަޅުގަނޑަށްވަނީ ގޯހެއް ހެދިފައި.." ވިޝާމްކުއްލިއަކަށް ތެދުވެއްޖެއެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް އަޒަލް އަތުން ބީވެދާނެތީ އޭނަހުރީ ކަންބޮޑުވެފައެވެ. ތަނުގައި ހަމަޖެހިލައިގެން ނީދެވުނީވެސް އެހެންވެއެވެ.

"ކީކޭ ބުނަން ތިއުޅެނީ..." ހައިކަލްގެ ހިތްވެސް މަޑުޖެހިލިހެން ހީވިއެވެ.

"ޝީޒް.... ޕްރެގްނެންޓް. އަދި ޔަގީންވުމުން ބުނި ބެލްކަނިން ފުންމާލައިގެން އަމިއްލައަށް މަރުވާނީއޭވެސް. އަޅުގަނޑު ކުރި ކަމުގެ ޒިންމާ އުފުލަން ތައްޔާރަށް މިހިރީ. ޝީ ނީޑްސް މީ................" ވިޝާމްގެ އެ ޖުމްލައާއިއެކު މާއިޒްއަށްވެސް ލިބުނު ޝޮކްގައި ކޮޅަށް ތެދުވެވުނީ ލަހުންނެވެ. އެތައް ޖަޒުބާތެއްގެ ސަބަބުން ހައިކަލްގެ މޫނަށް ތަފާތު ކުލައެއްވެރިވިއެވެ. ރުޅިވެރިކަމާއި ހިތާމަ އޭނަގެ ސިކުނޑި ސިކުންތުކޮޅަކަށްނަމަވެސް އަމިއްލަ ބާރުގެ ދަށުން ވީއްލުވާލައިފިއެވެ. ތެދުވުނުގޮތަށް ވިޝާމްގެ މޫނަށް ވީއްލައިލެވުނު ބާރު އެތިފަހަރުން އަމިއްލަ އަތަށްވެސް ދިލަނަގާގޮތްވިއެވެ.

"ލަދެއްވެސް ނުގަނޭ. ހުރި ހަޔާތްކުޑަކަން ބަލައިލަބަލަ......" ހައިކަލް ކިތަންމެ ރުޅިއައިނަމަވެސް އަޑު އެއްވަރަކަށް ހިފެހެއްޓިއެވެ. ވިޝާމް ދެލޯ މަރައިލަމުން ފުންނޭވައެއްދޫކޮށްލިއެވެ. ކުރިމަތީގައި އޭނަގެ ދުޝްމަން ހުރިއިރުވެސް ކެތްތެރިވާން މަޖުބޫރުވިއެވެ.

"ހައު ޑެއަރ ޔޫ ޓަޗް މައި ޑޯޓަރ.........." ހައިކަލް ދެވަނަ އެތިފަހަރު ޖަހަން އުޅުނުތަނުން މާއިޒް އެދޭތެރެއަށްވަނެވެ. ބައްޕަގެ ނަފްރަތާއި އެވަގުތު ކުރާނެ އަސަރު ވިސްނުނަސް މިފަދަ ވަގުތެއްގައި މާރާމާރީ ހިންގުން ރަގަޅުނުވާނެކަން އެނގުނެވެ. މިޒަމާނުގައި ދެލޯބިވެރިން އެކީގައި އުޅޭއިރު ބަލާނުލާ އުޅެންޏާ އެފަދަ ދެރަގޮތެއް މެދުވެރިވެދާނެއެވެ. އެހެނޭ ކިޔާފައި ރުޅިއައުމަކީ ހައްލެއްކަމަކަށް މާއިޒް ގަބޫލެއްނުކުރެއެވެ. އޭނަ ދެރަވީ އޭނައަށް ނޭގި އަޒަލްއާއި ވިޝާމްގެ ގުޅުން އެހާ ދުރަށް ގެންގޮސްފައިވާތީއެވެ. ހައިކަލް އެބޮޑު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލިގޮތަށް ނިތްމަތީގައި އަތްއެޅީ ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުންނެވެ. އޭނަގެ ލޯބިވާ ދަރިން ރަގަޅުގޮތުގައި ތަރުބިއްޔަތު ނުދެވުނުކަމުގެ ޒިންމާ ނަގަންވީ ޚުދު އޭނަކަމުގައި ގަބޫލުކުރެވުނެވެ. އެހެންމީހެއްދެކެ ރުޅިއައުމަކީވެސް އިންސާފެއްނޫނެވެ. އޭނައަށް އެކުދިންނަށް ރަގަޅު މަންމައަކު ހޯދައިނުދެވުނީއެވެ. އެފަދަ އަންހެނަކު ހޯދުނުނަމަ ކުދިން ތަރުބިއްޔަތުކުރާނީ އިސްލާމީ ރީތި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. މައިންބަފައިންނަށް މިހާ ބޮޑު ހިތްދަތިކަމެއް ބަރުދާސްތުކުރަން ނުޖެހޭނެއެވެ. ނަހަލާލަށް ބަލިވެ އިނުމުގެ އިތުރުން އަމިއްލައަށް މަރުވާ ދަރަޖައަށް ދާނީ އަގީދާވެސް ބަލިކަށިވުމުންނެވެ. ޑިޕްރެޝަންއަކީ ބައްޔެކެވެ. ނަމަވެސް އޭނަގެ އަޒަލްއަކީ އެފަދަކަމެއްގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްވެސް ނޫނެވެ. އެފަދަ ނަފްސާނީ ބައްޔެއްވެސް ހުންނަކުއްޖެއްނޫނެވެ. ހާދަ ދެރައެވެ. މީހަކާއި އިނުމަކީ ފާފައެއްނޫނެވެ. ދެރައީ ބަނޑު ބޮޑުވެގެން އެކަން ފޮރުވަން އިންނަން ޖެހުނުކަމަށްޓަކައެވެ. ބައްޕައެއްގެ ހައިސިއްޔަތުން ފެއިލްވެފައިވާކަމުގައި ހައިކަލް ގަބޫލުކޮށް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.

ހައިކަލްގެ ހާސްކަން އިތުރުވީ އެވަގުތު މަންމަ ގުޅާފައި ދިން ޚަބަރަކުންނެވެ. އާޒީން ހުންގަދަވެގެންގޮސް އަނބުރައިގަތީއެވެ. އާޒީން އެއްގޮތަކަށްވެސް ފްލޫ ޝޮޓް ނަގާކަށް އެއްބަހެއްނުވިއެވެ. ދިފާއީ ނިޒާމް ރަގަޅުކުރަން ރަގަޅު ކާއެއްޗެއް ކާކުއްޖެއްވެސް ނޫނެވެ. ރޭގަނޑު ނިދާކަށް ސަމާލުކަމެއްނުދެއެވެ. ކަސްރަތުކުރާކަށްވެސް ނޫޅޭނެއެވެ. ޒުވާން އެހެން ކުދިން އުޅޭގޮތަށް ޖަންކްފުޑްކައިގެން އުޅެންޏާ ބަލިތައްވެސް މީހާއާއި ދޯޅުވާނެއެވެ. ފްލޫ ޝޮޓް ނަގަން ބާރު އެޅުނުނަމައޭ ހައިކަލްގެ ހިތަށް އެރިއެވެ. ނޫނީ ގަދަކަމުންވެސް ރަގަޅު ކާއެއްޗެހި ކާންދީ ގަޑިން ނިދަން ފޮނުވުނުނަމައެވެ. ބައެއްފަހަރު ކަންތައްތަކާއި މާ ފަރުވާކުޑަކޮށްލެވެނީއެވެ. ހަތަރުދަމު ވަޒީފާގައި އުޅެން ޖެހުމުން އާއިލާއަށް ވަގުތު ނުދެވޭތީ ދިމާވާހާ ކަންތައްތަކެވެ.

އާޒީން ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ހައިކަލް ސަލްވާއަށް ގުޅިއިރު ސަލްވާ ހުރީ ކޮލެޖުގައެވެ.

"އާޒީން އެޑްމިޓްކޮށްގެން މިއުޅެނީ؟ ސަލްވާއަށް ކޮންމެވެސް ގަޑިއެއްގައި އާޒީން ކައިރީގައި އިނދެވޭނެ ދޯ. ކޮންގަޑިއެއް ފަސޭހަވާނީ؟ " ހައިކަލް އަހާލައިފިއެވެ. ސަލްވާ ދީނީ މީހަކަށްވިޔަސް އަދި މާ ބޮޑު ބޭނުމެއް ހިފޭތަނެއް ނުފެނެއެވެ. ސަލްވާގެ ސަބަބުން އެކެއްގެ ދިރިއުޅުމަށްވެސް އެދެވޭ ހެޔޮ ބަދަލެއްނާދެއެވެ. ނަމަވެސް އަދި އެހެން ވިސްނަން ތަންކޮޅެއް އަވަސްކަން ނޭގެއެވެ. ހައިކަލް ވިސްނައިލިއެވެ.

"ކޮންމެ ގަޑިއެއްވެސް ރަގަޅުވާނެ.." ސަލްވާ ކިޔަމަންތެރި އަންބެއްފަދައިން ވާހަކަދެއްކިއެވެ.

"ހަތަރެއްޖަހާއިރު ބަލާ ދާނަން..." ހައިކަލް ފޯނު ބޭއްވިއެވެ.

އަޒަލް ހުރީ ދެރަވެފައެވެ. ކައިވެނީގެ ވާހަކަދެއްކި ފަހުން ބައްޕައާއި ދިމާވުމުން އެދޭތެރޭގައި ކޮންމެވެސް ކަހަލަ ދުރުކަމެއްވިކަމުގެ އިހުސާސްކުރެވުނެވެ. އަނެއްކޮޅުން އާޒީން އެޑްމިޓްކުރުމުން ހޮސްޕިޓަލަށްދާނެ ހިތްވަރެއްވެސް ނުލިބުނެވެ. އޭނަ ބަލިވެދާނެތީވެސް ކަންތައް ބޮޑުވިއެވެ. އެހުރިހާކަމަކާއިމެދު ވިސްނަންވުމުން ބޯ ފަޅައިގެންދާވަރުވިއެވެ. އޭނަ މިދުނިޔެއަށް އައީ ކީއްވެހެއްޔޭވެސް ހިތަށް އެރިއެވެ. މެހެރީނާދައްތަ ބުނަނީ ދޮގެއްނޫނެވެ. އާޒީން އެހާ ބަލިވީވެސް އެ އަންހެނާ ކޮލެޖަށްގޮސް ވައިރަސް ހިފައިގެން ގެނެސްފައޭ ބުންޏެވެ. އެވާނީ ތެދަކަށެވެ. ސަލްވާ އައިފަހުން މިގޭތެރޭގައި ވަރަށް މައްސަލަތައް ބޮޑެވެ. އަބަދު ކޮންމެވެސް ދެރަކަމެއްވަނީއެވެ. އަޒަލް ކާކޮޓަރިއަށް ވަންއިރު ސަލްވާ ކޮފީއެއް ހަދަން އުޅެއެވެ. ސަލްވާ ސަލާމް ގޮވުމުން އަޒަލް އަޑުއިވުނިކަމަށްވެސް ނެހެދިއެވެ. ނޯކަރަކަށް އަމުރުކުރީ ކިވީ ޖޫސްތަށްޓެއް އަޅައިގެން ގެނެސްދިނުމަށެވެ. ފެހިކުލައިގެ ކިވީ ޖޫސްތަށި ކުރިމަތީގައި ބެހެއްޓިއިރު އަޒަލްގެ އަތުގައި އަތްލެވުނުކަމަށްޓަކާ ކަޅި އަޅާލާފައި "ބިޗް" އޭ ކިޔާލުމުން ސަލްވާ ހައިރާންވެ ދެރަވެސްވިއެވެ. ދެރަމީހުންނަށް ނިކަމެތިކޮށް ހަދަން ހެޔޮނުވާނެކަން އަޒަލްމެންނަށް ނޭގެނީހެއްޔެވެ؟ ގެންގުޅޭ މީހުންނަށް ހެޔޮކޮށް ހިތަން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސުގައިވެއެވެ. އެމީހުން ގޭގޭގެ ނޯކިރީކަން ކޮށްދޭން އަންނާނީ މަޖުބޫރީވެގެންނެވެ. ނިކަމެތިކަމުންނެވެ.

އަޒަލް ވާހަކަފޮތް ހުޅުވާލައިގެން އިންއިރު ފޯނުވެސް މޭޒުމަތީގައި ބާއްވާލާފައި އޮތެވެ. ފޯނުގެ ޑިސްޕްލޭއަށް ލާފައި ހުރީ އަޒަލްއާއި އާޒީންގެ ފޮޓޯއެކެވެ.

"އަޒަލް. އިތުރު އެއްޗެއް ގެނެސްދެންތަ...." ސަލްވާ ކޮފީތަށި ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓުމަށްފަހު ސުވާލުކޮށްލިއެވެ.

"ޑޯންޓް. ޓޯކް...." އަޒަލް ވަރަށް ރުންކުރުގޮތަކަށް ރުޅިވެރިކަމާއިއެކު ބުނެލިގޮތުން ސަލްވާ ދެރަވިއެވެ. އޭނައާއި އަޒަލްގެ އުމުރުންވާނީ ދާދި އެއްވަރެކެވެ. ވީއިރު އެކުވެރިންގެ ގޮތުގައި ތިބެވިދާނެނޫންހެއްޔެވެ؟ އޭނަގެ ނަސީބުގައި ހުރީ އަޒަލްގެ ދޮންމަންމައަކަށް ވުމެވެ. އެކަމާއި ސަލްވާ ހިތާމައެއް ނުކުރެއެވެ. އޭނައަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކަށް އޭނަ ދުވާލަކު އެތައްފަހަރު ޝުކުރުވެރިވެއެވެ. ހިތާމައާއި މުސީބާތްތައް އަދި ހީނުކުރާފަދަ ވޭނުގައި ދުނިޔޭގައި އުޅެމުންދާ މީހުން ޔޫ ޓިއުބުން ފެންނަ ފަހަރުވެސް ސަލްވާ މާތް ﷲއަށް ހަމްދުކުރެއެވެ.

ސަލްވާ ގޮނޑީގައި އިށީނުމުން އަޒަލްގެ މޫނުމަތި ވަކިން ބޮޑަށް ޖޫސްތަށި ސަލްވާގެ މޫނަށް ޖަހަންވެސް ހިތަށްއެރިއެވެ. ލަދެއްވެސް ނުގަނެ އޭނައާއި އެއްމޭޒެއްގައިވެސް އިށީދެއްޖެއެވެ. އިތުރަށް އަނގަ ހުޅުވާލިޔަސް ސަލްވާގެ މޫނުގައިވާ ފޮތިގަނޑު ދަމައިގަނެ ލަދުގަންނަވާލަން އަޒަލް ނިންމިއެވެ.

 

ކޮމެންޓް 0