"ތަށިތައް ދޮންނަން މެޝިނެއް މިގޭގައި ހުރޭ. އެއްވެސް މީހަކު އެވާހަކައެއް ނުބުނޭތަ؟" މާއިޒް އެއް ލޯ މަރައިލިއެވެ. އަޒަލް ހެދުނު ހެދުނާ މެސެޖްކޮށްފައި ބުނި ވާހަކައަކުން އޭނަގެ ހިތުގައި ސަލްވާގެ މައްޗަށް އޮތް ހުރިހާ އިތުބާރަކާއި ކުލުނެއްވެސް ނެތިގެން ހިގައްޖެއެވެ. ދޮންމަންމަގެ ނުބައިކަމާއިހުރެ އޭނަވެސް މިހިރީ ހައިރާންވެފައެވެ. ބައްޕަގެ އަންހެނުންނެއް ކަމަކު ގަދަރުކުރުން އެކަށީގެންވާ އިންސާނެއްހެއްޔެވެ؟ މެހެރްދައްތަ އަންގާފައިވާގޮތުން ފައިދަށުގައި އޮންނަ ފައިފުއްސަށް ކުރާ ގަދަރުވެސް ކޮށްގެން ނުވާނެއެވެ. އަޒަލް މެދުވެރިކޮށް މާއިޒްއަށްވެސް ދީފައިވަނީ އެކަހަލަ މެސެޖެކެވެ. ވީ ވަރަކުން ފުރައްސާރަކޮށް ގޯނާކުރުމަށެވެ.

"ނޫނޭ މާއިޒް. މެހެރީނާ ދައްތަވެސް އެ ވާހަކައެއް ނުބުނޭ. އަތުން ތަށިތައް ދޮވެދޮވެ އެކަމަށް އާދަވެފައިވާތީ މެޝިނެއް ނެތަސް ކުރެވިދާނެ...." ސަލްވާގެ ފަރާތުން ރައްދު ޖަވާބެއް ލިބިދާނެކަމަކަށް މާއިޒް އުއްމީދެއްވެސް ނުކުރެއެވެ. ފުރަތަމަ ބައްދަލުވުމުން އޭނައަށް ސިފަވީ ލަދުވެތި ބަސްމަދު އަންހެނެއްގެ ގޮތުގައެވެ. ދެލޮލުގެ ރީތިކަމުން ޅަކުއްޖެއްކަމުގައިވެސް ހީކުރެވުނެވެ. ފަހުން ބޮޑުދައިތަގެ ފަރާތުން އުމުރު އޮޅުން ފިލުމުން ހައިރާންވިއެވެ. ބޮޑުދައިތަގެ އުމުރުގެ އަންހެނެކެވެ. އަދި ބައްޕައާއި ކައިވެނިކުރި މަގުސަދުވެސް އެނގުނެވެ. ބްލެކްމެއިލްކުރީއެވެ.

"ވާއު. ވީއިރު ކޮފީމޭކަރެއްގެ ބޭނުމެއްވެސް ނުޖެހޭނެ. ކޮފީތަށްޓެއް ހަދާދެވިދާނެތަ؟ " މާއިޒްގެ ނަޒަރު ހުއްޓުނީ ނާޒުކް އަތްތިލައަށެވެ. ހޯލި ހިމަ އިނގިލިތަކެވެ. މަޑުވެފައި އޮމާންކަން ބަލާލުމުންވެސް އެނގެއެވެ.

ސަލްވާ އަތްމަތި އަވަސްކޮށްލާފައި ހޫނު ކޮފީއެއް ހެދިއެވެ. މާއިޒްގެ ކުރިމަތީގައި ބެހެއްޓުމާއިއެކު ކޮފީތަށީގައި ހިފީ ސަލްވާގެ އަތާއިއެކުގައެވެ. މާއިޒްގެ އެ ވިޔާނުދާ އަމަލުން ސަލްވާއަށް ސިހުމެއްލިބުނެވެ. އަތްދަމައިގަންނަން ދެތިން ފަހަރަކު އުޅުމުން ދޫކޮށްލިއިރު އެ ތުންފަތުގައި ނުލަފާ ހިންޏެކެވެ. އޭނަގެ ދޮންދަރިއަކުގެ ފަރާތުން އެފަދަ ކަމެއް ފެނިދާނެކަމަކަށް ހިޔެއްނުކުރެއެވެ. ކައިވެނިވެސް ހުއްދަނޫން ފަރާތެކެވެ. މާއިޒްއަށް އެކަން ނޭގެނީހެއްޔެވެ؟ ހިތަށް ކުރި ނުބައި އަސަރުގެ ސަބަބުން ސަލްވާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. މާއިޒްގެ މޫނުމަތީގައި އަތް ހިންގައިލެވުނީ ބޭ އިޚުތިޔާރުގައެވެ. މާއިޒްއަށްވެސް ޝޮކެއްލިބުނެވެ. ކޮޅަށް ތެދުވެވިއްޖެއެވެ.

"ބިޗް........" މާއިޒް ދަތްތަކަށް ބާރުލާފައި ކިޔައިލިއިރު ކޮލު ކަށިގަނޑަށްވެސް އެނގުންވިއެވެ. ކުރިއަށް ޖެހިލިއިރު އެދެލޮލުގައިވި ނުރައްކައުތެރި ވިދުވަރުން އޭނަގެ ރުޅީގެ މިންވަރު ހާމަކޮށްދިނެވެ.

"ތި ހިތްވަރު. ކަލޭ ޖެހޭނެ ތިކަމުގެ އަގު އަދާކުރަން. ވިސްނައިގެން ހުންނައްޗޭ....." މާއިޒް ދިނީ އިންޒާރެކެވެ.

"ތިހުރިހާ ވާހަކަތަކެއް ޑޮކްޓަރ ހައިކަލްގެ ކަންފަތަށް ފޯރާނެ. ސަބަބަކީ ކިތަންމެ ނިކަމެތްޗަކަށްވިޔަސް ހައިކަލްގެ އަންބެއްގެ ގޮތުގައި މިގޭގައި މިހިރީ. މާއިޒްގެ މަންމަގެވެސް މަގާމު ފުރާލަދޭން ހުރި މީހާ މިއީ. މާއިޒްވެސް އެކަން ދަނެގެން އުޅެބަލަ. ހެޔޮނުވާނެ. މާއިޒް ދެންމެ އަތުގައި ހިފާލިއިރު އަމިއްލަ ކުށް އިހުސާސެއްނުވޭތަ؟ ފާފައަކަށް އަރައިގަންނައިރު މަރު ހަނދާނެއްނުވޭތަ؟ މާއިޒް. މަންމަ ނުކިޔަންޏާ ދޮންމަންމަ ކިޔަސް ހެވޭ. އެކަމަކު ދީނުގައި އޮތްގޮތަށް އުޅެން ދަސްކުރޭ.........." ސަލްވާގެ ހިތުގައިވީ ފޫއްސެއްގެ ބޮޑުކަމުން މާއިޒްއަށް ހުރިހާ އެއްޗެއް ގޮވާލުމަށްފަހު ތަށިތައް ބަހައްޓާފައި ދާން ހިނގައިގަތެވެ. ހައްގު ބަސް ބުނަން އޭނަ ފަހެއްނުޖެހޭނެއެވެ. އިހުތިރާމް ކުރަން އޭނަ ދަނެއެވެ. ނަމަވެސް ވަކި ހައްދެއްގެ ތެރޭގައެވެ. މާއިޒްހުރީ ޝޮކެއްގައެވެ. އޭނަގެ "އިގޯ" ވެސް އެނުލަފާ އަންހެނާ ފުނޑުފުނޑުކޮށްލައިފިއެވެ. ތީރުތަކެއްފަދަ ބަސްތަކަކުން ސިކުނޑި ގަނޑުކޮށްލިއެވެ. ސަލްވާ ލޯމަތިން ގެއްލުމުން އާދެވުނު ރުޅި ބޭލީ ކޮފީ މަގަށެވެ. ފާރުގައި ޖަހާ ތަށިކުދިކުދިކޮށްލުމާއިއެކު ފާރުގައި ކޮފީއިން ކުރެހުން އެޅުނުތަން ފެނުނެވެ.

މާއިޒްގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު ކުރިއަށްވުރެ ގަދަވެގަތެވެ.

ސަލްވާވެސް ދެރަވެ ހިތުގައި ޖެހިފައި ހުރިވަރުން މާ ބާރަކަށް ސިޑިން އަރައިގެން ދަނިކޮށް މީހެއްގެ ގައިގާ އަޅައިގަތެވެ. އެމީހަކު އޭނަ ވެއްޓިޔަނުދީ އަތުގެ ހިމާޔަތް ފުރިހަމަޔަށްދިންއިރު އެއަތުގެ ބާރުވެސް އިހުސާސްކުރެވުނެވެ. ސަލްވާއަށް ބަލައިލެވުނީ ފިރިހެންވަންތަކަމުން ފުރިފައިވާ މޫނަކަށެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅި މަތިމަހާއިއެކު އެ ލޮލުގައިވި ތޫނުކަމަކުން މުޅި ކުއްޖާ ފިނިކުރުވައިފިއެވެ. ދުވި ސެންޓްވަސްވެސް ސަލްވާގެ މުޅި ރޫހަށްވެސް އުފާވެރިކަމާއި ތާޒާކަން ގެނުވިއެވެ. ނޭފަތުގައި އެވަސް ހިފީ ފިލައިގެންދާނެ ފަދަ ގޮތަކަށް ނޫނެވެ. އެހާ ބާރަށް ހިތް ތެޅިގަތީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނޭ ހިތަށް އެރިއެވެ. ހައިކަލްއަކީ ބައްޕަގެ އުމުރުގެ މީހެއް ނޫންކަން ޔަގީންވީ ހަމަ ލޮލަށް ފެނުމުންވެ. މާއިޒްގެ ބައްޕައެކޭ ބުނާވަރެއްވެސް ނޫނެވެ. ޒުވާންކަމުން މާއިޒްގެ ބޭބެއެއްފަދައެވެ. ހާދަ ސްމާޓެވެ. އެހިދުކޮޅުވެސް ސަލްވާގެ ހިތް ހައިކަލްއާއިމެދު ވިސްނަން މަޖުބޫރުކޮށްފިއެވެ. ހައިކަލްއަށްވެސް އެހާ ގާތުން ސަލްވާގެ މުށި ދެލޮލަށް ބަލައިލާނެ ފުރުސަތެއް ލިބުމުން ހައިރާންކަމެއް ލިބުނެވެ. ސަލްވާގެ ރީތި ދެލޮލަށް އެހިތްވެސް އެސިކުންތުކޮޅު ތައުރީފުކޮށްފިއެވެ. ހައިކަލް އަމިއްލަ ނަފުސަށް ބާރުފޯރުވަމުން ސަލްވާ ގަޔާއި ދުރުކޮށްލުމުންވެސް ސަލްވާއަށް ހަށިގަނޑު ބެލެންސް ނުކުރެވުނެވެ. އަލަށް ހިނގަން ފަށައިގެން އުޅޭ ކުއްޖެއްފަދައިން ކާލި އަޅައިލިއެވެ. ސަލްވާއަށް ހިފައިލެވުނީ ރެއިލިންގައެވެ.

"ކެއަރފުލް......." ހައިކަލްއަށް ކިޔާލެވުނެވެ.

"ލައްބަ..." ސަލްވާ އަވަސްއަވަހަށް ދުރަށް ބަލައިލިއެވެ. އޭނަގެ މޫނަށް ހޫނުވެ އެމޫނަށް އެތައް ކުލަތަކެއްވެރިވާނެކަން ސަލްވާއަށް އިހުސާސްވިއެވެ. މޫނު ފޮރުވައިގެން ހުރެވުނުކަމީ ނަސީބެކެވެ.

"ސޮރީ. ބިޒީކަމުން އަދި ސަލްވާ މިގެއަށް ގެނައިފަހުންވެސް ދިމަލެއް ނުވޭ، ވާހަކަ ދައްކާލާނެ ވަގުތެއްވެސް ނުވެފައި މިއޮންނަނީ. އަހަރެން މިއުޅެނީވެސް ބޭރު ގައުމަކަށް ފުރަންކަމަށް. އެކަމަކު އޭގެ ކުރިން ސަލްވާގެ ކޮލެޖް ކަންތައްތައްވެސް ނިންމަން އެބަޖެހޭ ދޯ. ތަފްސީލުކޮށް ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދެވިދާނެތަ؟ " ހައިކަލް ގެ އެޖުމްލައިން ސަލްވާގެ ހިތުގައިވާ އުއްމީދުގެ ހުޅުކޮޅު ބޮޑުވެއްޖެއެވެ. އެމޫނަށްވެސް އެ އަލިކަން ފޯރިފަދައެވެ. މޫނު އަޅައިގެން ހުއްޓަސް ހައިކަލްއަށް ސަލްވާގެ ރީތި ދެލޯ ދިއްލިގެން ދިޔަތަން ފެނުނެވެ. ހީލިކަންވެސް އެނގުނެވެ. އެހެނޭ ކިޔާފައި އަދި ސަލްވާގެ މޫނު ދެކެލުމުގެ ޝައުގެއްވެސް އެހިތަކު ނުއުފެދުނެވެ. އޭނައަށް އެފަދަ ކިތަންމެ ރީތި ލޮލެއްވެސް ފެނިފައިވެއެވެ. ހައިކަލްގެ ހިތުގެ މައްޗަށް ވެރިވެގަންނާނެފަދަ ކުޅަދާނަކަމެއް އަންހެންކުއްޖަކަށް ލިބިފައެއް ނުވެއެވެ.

ސަލްވާ ބޯ ޖަހައިލީ އެކަމަށް ހިތް އެދި އެދި ހުރިފަދަ ގޮތަކަށެވެ.

"ހިނގާ ތިރިއަށް....."ހައިކަލް ތިރިއަށް ދަމުން ބަދިގޭގައި ގެންގުޅޭ ކުއްޖެއްކަމަށްވާ ޖެނީއަށް ގޮވާލާފައި ކޮފީ ގެނެސްދޭން އެދުނެވެ. ހައިކަލްގެ ފަހަތުން ސަލްވާ ދާތަން ފެނުމުން މެހެރީނާގެ މޫނު ބަނަވިއެވެ. ނަމަވެސް ހައިކަލް ހުއްޓާ ދިމާކޮށްލަން ނުކެރުނުތާ ފަހަތުންގޮސް އަޑުއަހަން ހުންނާނެ ހިތްވަރެއްވެސް ނުލިބުނެވެ. ހައިކަލްއާއި ސަލްވާގެ ގުޅުމެއް ނެތްއިރު ދެމީހުން ހެދުނު ހެދުނާ ގޭގެ ބިއްދޮށަށް އެކީގައި ދާންވީ ކީއްކުރަންހެއްޔެވެ؟ މެހެރީނާގެ ސިކުނޑި ސުވާލުތަކުން ފުރި ކިލަބުވެއްޖެއެވެ. އޭނަގެ ހާސްކަން އެންމެ ބޮޑަށް ގުޅިފައިވަނީ ހައިކަލްގެ ހިތަށް އެ ނުލަފާ އަންހެނާ ވެރިވެގެންފާނެކަމަށްޓަކައެވެ.

މެހެރީނާ ކިތަންމެ ވަރަކަށް ސިކުނޑި ހާސްކޮށް ވާނުވާ ނޭގި ދެކޮޅަށް ހިނގިއިރު ހައިކަލްއާއި ސަލްވާއަށް އެކަމެއް ރޭކާނުލައެވެ. އެދެމީހުން ދޭތެރޭގައި މެހެރީނާ ހީކުރިފަދަ ގާތްކަމެއް އަދިއެއްނެތެވެ. އިށީދެލައިގެން ތިބީ ޕޫލްކައިރީގައި ހުރި ދިގު ގޮނޑިތަކުގެ ތެރެއިން ބޮޑުގަހެއްގެ ހިޔަލުގައި ހުރި ގޮނޑިއެއްގައެވެ. ދެމީހުން ދޭތެރޭގައި އަދި އިތުރަށް ދެމީހުންނަށް އިށީދެވޭނެ ހުސްޖާގަ ހުއްޓެވެ. ކުރިމަތީގައި ބެހެއްޓުނު ބިއްލޫރު ފައި ލީ ކުޑަމޭޒުމަތީގައި ކޮފީތަބަކެއް ހުއްޓެވެ. ހައިކަލް ސަލްވާއާއި ދެއްކީ ކޮންމެހެން ދައްކަން ޖެހޭ ވާހަކަތަކެވެ. ސަލްވާގެ ބޭންކް އެކައުންޓެއް ނެތްކަން އެނގުމުން މާދަން ބޭންކަށް ގޮސް އެކަން ކުރަންވާނެކަމުގައިވެސް ހައިކަލް ބުނެލިއެވެ. ކޮލެޖަށްދަމުން ރަގަޅަށް ކިޔަވާ ބައްޕަ ފަޚުރުވެރިވާފަދަ އަންހެނަކަށްވުމަށް ހައިކަލް ބުނީ ވަރަށް ސީރިޔަސްވެފައެވެ. މިގޭގައި ހުރެގެން އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ދަތިކަމެއް ނޫނީ އުދަގޫތަކެއް ނުވާނެކަމުގެ ޔަގީންކަން ހައިކަލް ދިނެވެ. އެ ހިސާބަށް ވާހަކަ ދިޔުމުން ސަލްވާގެ ހިތުގައި ވި ޝަކުވާތައް ހައިކަލްއަށް އަޑު އިއްވަން ބޭނުންވިއެވެ. ހައިކަލްގެ އާއިލާމީހުން އޭނައާއި ދޭތެރޭ ކަންތައް ކުރާގޮތް ހައިކަލްއަށް އެނގުމެއްނުވަނީ ބާވައެވެ. އެއާއިއެކު އެ ހިތުގައި އެހެން ކަހަލަ ސުވާލުތަކެއް އުފެދުނެވެ. ހައިކަލް އޭނައާއި ވާހަކަދައްކަނީ އެގެއަށް ކިޔަވަން ގެނެސްފައި ހުރި އަންހެންކުއްޖަކާއި ވާހަކަދައްކާނެ އުސޫލަކުންނެވެ. އޭނައަކީ އަންހެނުންކަމުގައި ގަބޫލުކުރާފަދަ ގޮތެއްވެސް ނެތެވެ. އެއީ ކީއްވެހެއްޔެވެ؟ ސަލްވާގެ ގާތުގައި އޭނަގެ ބައްޕަވެސް އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާކަމުން ސަލްވާގެ ސިކުނޑި ޖަވާބު ނުލިބޭ ސުވާލުތަކުން ފުރިއްޖެއެވެ.

"އިތުރު އެހެން އެއްވެސް ކަމަކަށް ސަލްވާ ބޭނުންވޭތަ؟ " ހައިކަލް ކޮފީތަށި ބޮއި ނިމިގެން ތަބައްމަތީގައި ބެހެއްޓުމަށްފަހު ގަޑިއަށް ބަލާލާފައި ތެދުވެއްޖެއެވެ. ސަލްވާ ވިސްނާލިއެވެ. އޭނަ މިގެއަށް ހައިކަލްގެ އަންބަކަށްވެގެން އައުމަށްފަހު ކަންތައް މިވަނީ ހީކުރާ ގޮތަކަށް ނޫނެވެ. ހައިކަލްގެ ފަރާތުން ބިރުވެރިކަންތައް ކުރިމަތިވާނެކަމުގެ ބިރުން ފިނިވެގެން އުޅުނެވެ. އެރެއާއިމެދު އޭނަ އިންތިހާއަށް ހާސްވިއެވެ. ފަހުން އެނގުނެވެ. އުފާވެސްވިއެވެ. ހައިކަލްއަކީ އޭނަ ހީކުރިކަހަލަ ފިރިހެނެއްނޫނެވެ. އަންހެނުންނާއިހެދި މޮޔަވާ ޒާތުގެ މީހެއްނޫނެވެ. ނޫނީ އެއީ އަދި އެހެންވީ ކަމެއް ނޫންކަން ނޭގެއެވެ. ރީތި އަންބަކު ހުރުމުން އެއްވެސް ފިރިހެނަކު ނުދެނެހުރިކަމަށް ހަދާލައިގެން ނުހުންނާނެއެވެ. މިއީ ހިންދީ ޑްރާމާއެއް ނޫނެވެ. މިކައިވެނީގައި އޭނައަށް ނޭގޭ ކޮންމެވެސް ސިއްރެއްވެސް އެބައުޅެއެވެ. ހައިކަލް އޭނައާއި ދުރުން އުޅެންވީ ކޮންމެވެސް މަގުބޫލު އުޒުރެއް އޮންނާނެއެވެ. ދެން އޮތީ ގޭމީހުންގެ ފަރާތުން އޭނައަށް ކުރިމަތިވާ ބަސްތަކެވެ. މާއިޒްގެ ގޯނާއެވެ. އެކަންތައް ހައިކަލްއަށް އަންގާކަށް ނުވާނެއެވެ. އެއީ ހައިކަލްގެ އާއިލާއެވެ. އެމީހުންނާއި ދެކޮޅަށް ވާހަކަ އަޑުއަހާކަށް ހައިކަލްވެސް ބޭނުމެއްނުވާނެއެވެ. ހައިކަލްއާއި ވާހަކަދައްކާލުމުން ޔަގީންވީ ހައިކަލް އޭނައަށް މިނިވަންކަން ދިން ވަރެވެ. ކޮލެޖަށްދަމުން ބޭނުންނަމަ ވަޒީފާއަކަށްވެސް ދެވިދާނެއެވެ. ވީއިރު ހުރިހާކަމެއް ފުރިހަމަވެފައިވާ ތަނެއްގައި އޭނައަށް މަދުވަނީ ހިމޭނުން އިނދެ އަޅުކަންކުރާނެ ތަންކޮޅެކެވެ.

"މިގޭގައި ނަމާދުކުރަން ޚާއްސަ ބަޔެއް ހުރޭތޯ؟ " ސަލްވާ އަހާލައިފިއެވެ.

"އެންމެންވެސް ނަމާދުކުރަނީ އެމީހެއްގެ ރޫމްގައި...." ހައިކަލް ކުޑަކޮށް ވިސްނާލާފައި ޖަވާބުދިނެވެ.

"ނަމާދުކުރަން ވަކި ކޮޓަރިއެއް ލިބިއްޖެއްޔާ ވަރަށް އުފާވާނެ. ނަމާދަށް ޚާއްސަތަނެއް ހުރީމަ ތަފާތު އިހުސާސްތަކެއްކުރުވާ. އޭރުން އެންމަނަށް އެކީގައި ޖަމާއަތުގައި ނަމާދުވެސް ކުރެވޭނެ. އެކަންވާނެ ގޮތެއް ހައްދަވާދެއްވިއްޔާ އަޅުގަނޑު ވަރަށް އުފާވާނެ....." ސަލްވާގެ އަޑާއި ދެލޮލުންވެސް އޭނަގެ ޅަކަމަށް ހެކިދެއެވެ. ނަމަވެސް އެކަންތައްތަކެއް ހައިކަލްއަށް މުހިއްމެއްނޫނެވެ. ތެދަށް ބުނަންޏާ އޭނަ ސަލްވާއަށް ކޮށްދޭ ހުރިހާ ކަމަކީވެސް އިސްމާއީލް އޭނައަށް ވެދިން އިހުސާންތެރިކަމުގެ ބަދަލެވެ.

"ޝުއަރ. ނުވާންވީ ކީއްވެ. ތިރިން ކޮޓަރިއެއް އެކަމަށް ޚާއްސަކުރެވިދާނެ. މިހާ ގިނަ ރޫމްތަކެއް ހުރި ގެއެއްގައި ޕްރޭޔާ ރޫމެއްވެސް ހުންނަން ޖެހޭނެކަމަށް އަހަރެންވެސް ގަބޫލުކުރަން. ވަރަށް ރަގަޅު އައިޑިއާއެއް ސަލްވާ ތިދިނީ..... އެނީ ތިންގް އެލްސް؟ " ހައިކަލް ގެ އެ ސުވާލަށް ސަލްވާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފިއެވެ.

"ގުޑް. އަހަރެން ބޭނުމީ އިސްމާއިލްބެއަށް ސަލްވާގެ ފަރާތުން ކުޑަ ކުޑަ ޝަކުވާއެއްވެސް ނުގެންދެވޭނެ ފަދަ ގޮތަކަށް ކަންތައް ކޮށްދިނުން. މިގެއިން ރައްކާތެރިކަމާއި ހިމާޔަތްވެސް ދިނުން. ސަލްވާ ބޭނުން ރޮގަކުން ކިޔަވާ ވަޒީފާއަށްވެސް ދިޔުން. އޭރުން އަހަރެންގެ މަގުސަދު ފުރިހަމަވީ......." ހައިކަލް އެއްފަރާތުން ފެންނައިރުވެސް އެމޫނުމަތި ފެންނަލެއް ވަރަށް ހިތްގައިމެވެ. އެހާ ފިރިހެންވަންތަ މީހުން ރާއްޖޭގައި ވެސް އެބައުޅެއޭ އެވަގުތު ސަލްވާގެ ހިތަށް އެރިއެވެ. ކުއްލިއަކަށް ކޮންމެވެސް މީހެއްގެ ހަނދާންތައް ހިތުގައި ކޮށްޓާލުމުން ސަލްވާގެ ހިތަށްފިނިވާގޮތްވިއެވެ. އޭނަ މިހާރު ކޮބާހެއްޔެވެ؟

ދެމީހުން އެކީގައި ކޮފީ ބޮއި ނިމިގެން ގެއަށް ވަންތަން ފެނުނު ކޮންމެ މީހަކަށްވެސް ހީވާނީ ކޮފީ ޑޭޓަކުން އައީހެންނެވެ. ނަމަވެސް އެދޭތެރޭގައި އަދި އެއްވެސް ކަހަލަ ގުޅުމެއް ނެތެވެ. ހައިކަލްދެއްކި ވާހަކަތަކުން ސަލްވާގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބެއްނުލިބުނެވެ. ހައިކަލް އޭނައާއި ކައިވެނިކުރީ "ޑީލް" އެއްހަދައިގެން ކަހަލަ ގޮތަކަށް ވާހަކަ އެހެރީ ކީއްވެތޯ ހިތުގައި ސުވާލު އުފެދުނެވެ.

ދެތިން ދުވަސް ތެރޭގައި ސަލްވާގެ ކޮލެޖާއި ބޭންކް ކަންތައްވެސް ނިމިއްޖެއެވެ. ތިރީބައިން ސަލްވާއަށް ހައިކަލް ހަމަޖައްސާދިން ކޮޓަރީގެ ފާރުތައް ޒީނަތްތެރިކުރަން އޭނަ ރީތި ފްރޭމްތައް ގެނައެވެ. މާތްﷲ ގެ ކަލިމަފުޅާއި ގުރުއާނުގެ އާޔަތްތައް ހުރި ފްރޭމްތައް ހުރުމުން ނަމާދުކުރާތަނެއްގެ ހައިބަތު އިތުރުވާނެއެވެ. ތަފާތު ވައްތަރުގެ މުސްހަފްތައް ގެނެސް ކުޑަ ރެކެއްގެ މަތީގައި ބެހެއްޓިއެވެ. އަދި މަޑުމަޑު ބޯ ކުނާތައް އަޅާ ޒީނަތްތެރިކުރެވުމުން މިސްކިތެއްފަދަވިއެވެ. ސަލްވާގެ އުއްމީދަކީ އެގޭ އެންމެނަށް އެތަން ޚާއްސަވެ އަޅުކަންކުރާ ތަނެއްގެ ގޮތުގައި އެތަން ވުމަށެވެ. އޭނަ އެކުރާކަމެއް އެނގުނަސް މެހެރީނާމެން އެއްޗެކޭ ނުބުނެ ތިބީ ހައިކަލްއަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. ސަލްވާ އެކަންތަކާއި އުޅެމުން ދިޔައިރުވެސް ދޭތެރެއަކުން މެހެރީނާމެންގެ ފަރާތުން ހިތުގައި ޖެހޭބަސްތައް އިވޭފަހަރު އައެވެ. އެއިން ކޮންމެފަހަރަކު ސަލްވާ ކެތްތެރިވެލައިގެން ހުންނަނީއެވެ. ހައިކަލްވެސް އުޅެނީ އޭނަގެ އަމިއްލަ ކަންތައްތަކުގައި އަވަދިނެތިއެވެ. ޑިއުޓީގެ އިތުރުން ކުލިނިކެއްގައި މަސައްކަތްކުރެއެވެ. ލިބޭ ހުސް ވަގުތުތަކުގައި އިދާރީ ކަންތައްތަކުގައާއި މީޓިންތަކުގައެވެ. އާއިލާއަށް ވަގުތުދިނަސް އާއިލާގައި އޭނަ ނުހިމަނާކަން ސަލްވާދަނެއެވެ. އެ ހަފްތާ ތެރޭގައި އޭނަ ކެއުމަށް ހާޟިރުނުވިޔަސް އެކަމާއިވެސް ހައިކަލްއަށް އުދަގޫނުވަނީކަން ނޭގެއެވެ.

މެހެރްޓީވީ ހުޅުވަން ދެދުވަހަށް ވެފައި އޮތްވާ ހައިކަލް ސެމިނާރަކަށް ފުރަން ޖެހުމުން މެހެރީނާ އެކަމާއި ހިތާމަކުރިއެވެ. އޭނަގެ ހަޔާތުގެ އެހާ މުހިއްމު އިވެންޓެއްގައި ދޮންބެ ނެތުމުން އެތަން ފަޅުވާނެއޭ ކިޔައިގެން އުޅުނެވެ. ނަމަވެސް އެކަން ފަސްކުރެވޭކަށްވެސް ނެތެވެ. އާއިލާގެ ގިނަބަޔަކު އެކަމަށްޓަކާވަނީ މާލެ އަންނަން ޓިކެޓްވެސް ނަގައިފިއެވެ. އެހެންނޫނަސް ހައިކަލް އެގޮތަށް ޕާޓީތަކާއި ރަސްމިއްޔާތުތަކުން ފިލަން މަސައްކަތްކުރާކަމީ އެންމެނަށް އެނގޭ ސިއްރެކެވެ. އަންހެންކުދިންގެ ސަމާލުކަން ބޭނުންނުވާ ފިރިހެނެކެވެ. މެހެރީނާގެ ދޮންތަމެންނާއި ކުދިންތައް އެގެއަށް އައިގޮތަށް ގޭގެ ހުރިހާ ކޮޓަރިތައް ފުރާލިއެވެ. ސަލްވާ އިނީ ކޮޓަރިން ނުކުންނާން ނުކެރިފައެވެ.

ބަނޑުހައިކަމުގެ ހޫނުކަން އެތެރެހަށީގައި ގަދަވެ އެއްޗެއް ކާލަން ސަލްވާ ބޭނުންވިއެވެ. ހެދުނުއްސުރެން އޭނަ މިއިންނަނީ ތަޅުލެވިގެންނެވެ. ކޮޓަރި ބަންދުގައެވެ. އޭނަ ނުކައި ބަނޑަށް މަރުވިޔަސް މިގޭ މީހުންނަށް ކޮންކަމެއް ހެއްޔެވެ؟ ހައިކަލް ހުރިނަމަވެސް އަޅާލާނީއެއް ނޫނެވެ. އެފަދަ ހިތްދަތިކަމެއް ދިމާވާ ކޮންމެ ފަހަރަކުވެސް ގުރުއާން އަޑުއެހުމުން ހިތަށް ލިބޭ ފިނިކަމާއި އަރާމު ހަނދާންވެ ވަގުތުން ސަލްވާ ފޯނު ހުޅުވާލައިފިއެވެ. ހެޑްސެޓް އަޅައިގެން ގުރުއާން އަޑުއަހަން އޮތްވާ މެސެޖެއް އައުމުން ބަލައިލެވުނީ ހައިކަލްކަމުގައި ހީކޮށެވެ.

ނުދަންނަ ނަމްބަރަކުން އައިސްފައިވާ މެސެޖެކެވެ.

"ލުލޫ ޖާން. ކޮންތާކު ތިހިރީ؟ ކަޅު ހެދުމެއްލައިގެން ހުއްޓަސް ފިލައިގެނެއް ނޫޅެވޭނެ. ހިޔަނިހެން އަބަދުވެސް ގާތުގައިވާނަން. ނިކުމެ ނިކަން މިފަރާތަށް ބަލާލަބަލަ....." އެމެސެޖް ކިޔާލުމާއިއެކު ސިހުނެވެ. އޭނަ ވަގުތުން ދުއްވައިގަތްގޮތަށް ކަޅުހެދުމާއިއެކު މޫނު އަޅައިގެން އެދިމާލުން ބެލްކަންޏަށް ނުކުތެވެ. އެންމެ ކައިރިން ފެންނަން ހުރި އިމާރަތާއި ދިމާލަށް ބަލާލުމާއިއެކު ދެލޯ ބޮޑުވިއެވެ. އެކުޑަދޮރުން ހިޔަންޏެއް ފެންނާން ހުއްޓެވެ. އަވަހަށް ދޮރުފޮތިގަނޑު ދަމާލެވުނުއިރު މުޅި ހަށިގަނޑުވެސް ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ. އޭނަ ފަހަތުން އަންނަން ފެށީހެއްޔެވެ؟ ދެންވާނެ ގޮތެއްވެސް ނޭގެއެވެ.

އިރުއޮއްސި އަނދިރިކަންވެރިވާން ފެށުމުން ސަލްވާ ކޮޓަރިން ނުކުމެގެން އައިސް އެތެރޭގައި ހުންނަ ބެލްކަނިން ބަލައިލިއިރު ސިޓިންރޫމް އޮތީ ފަޅުކޮށެވެ. ތިރީ ބައިން ބާރު ބާރަށް ރޮކް ލަވައެއް ޖަހާއަޑުއިވުމުން ކަންފަތަށް އުދަގޫވެ ބޮލުގައިވެސް ރިއްސާލައިފިއެވެ. ނަމާދުގަޑީގައިވެސް އަޑުމަޑުކުރުމެއް ނެތީހެއްޔެވެ؟ ސަލްވާ ގަސްތުކުރީ އަވަހަށް ބަދިގެއަށްވަދެ އެއްޗެއް ހިފައިގެން ކޮޓަރިއަށް ވަދެ އެރޭ އަލުން ނުނިކުތުމަށެވެ. އޭނަގެ އަތުގައިވާހާ ފައިސާއެއްވެސް ބޭނުންކުރެވުނީ ނަމާދުގެ ޒީނަތްތެރިކުރުމަށެވެ. އެހެންނޫންނަމަ ފިހާރައަށްވެސް ވަދެވިދާނެއެވެ.

ނަސީބަކުން ކާކޮޓަރިވެސް އޮތީ ހުހަށެވެ. އޭނަ އަވަހަށް ކޮފީއެއް ތައްޔާރުކުރުމަށްފަހު އިށީންތަނާހެން މެހެރީނާގެ އަޑު އިވުމުން ސިހޭގޮތްވިއެވެ. އޭރު މެހެރީނާ ހުރީ ދާދި ކައިރީގައި ޖައްސާލާފައެވެ.

"މަންމަ ބުނި އެތާ ހުހަށް ހުރި ރޫމްގެ ތަޅުދަނޑި އޮތީ ސަލްވާގެ އަތުގައޭ. އެތާގައިވެސް މިރޭ ބައެއްކުދިން ނިދާލަންވެގެން. އެ ތަޅުދަނޑި ގެނޭ....." މެހެރީނާ އަމުރުކުރިއެވެ.

"އަޅުގަނޑު ޑޮކްޓަރ ހައިކަލް ކައިރިން ހުއްދަ ހޯދައިގެން އެ ރޫމް ޕްރެޔަރކުރާ ޚާއްސަތަނަކަށް ހަދާފައި ހުރީ......" ސަލްވާގެ އެޖުމްލައިން މެހެރީނާ ދެލޯ ބޮޑުކޮށްލިއެވެ.

"ކަލޭ. ކަލޭ ހާދަ ލަދުކުޑަވެގެން ތިއުޅެނީ؟ " މެހެރީނާ ކުރިއަށް ޖެހިލާފައި ސަލްވާގެ މޫނަށް އެތިފަހަރެއް ވީއްލާލައިފިއެވެ. އެވަގުތު ޒައިތޫންވެސް ދޮރުމައްޗަށް އެރިއެވެ. ވެގެން އުޅޭ ގޮތަކާއިބެހޭގޮތުން ސުވާލުކުރުމުން މެހެރީނާ އަޑުގަދަކޮށްފައި ސަލްވާ ތަޅުދަނޑި ނުދީ ގަދަކޮށްލައިގެން އުޅޭ ކަމުގައި ބުނެފިއެވެ.

"މަންމާ. އަޅުގަނޑުމެންގެ ގެއެއް. އަޅުގަނޑުމެންގެ ކޮޓަރިތައް. އެކަމަކުވެސް މީނަގަދަބަސް ބުނަން އެބަޖެހޭ. ދޮންބެގެ ބޮލަށް އެރިގެން މިގެއަށް ވަންގޮތަށް ބޮޑު މުސީބާތަކަށްނު މިވީ." މެހެރީނާގެ ޖުމްލަތައް ދެން އަމާޒުވީ ސަލްވާއަށެވެ.

"ހުރި ކޮޓަރި ކުޑަވީތަ؟ އެތާގައި އެކަނިހުރެ ބޭނުންވަރަކަށް ނަމާދުކުރިޔަސް އެއްޗެކޭ ބުނާނެ މީހެއްނެތް. އަހަރެމެންވެސް ނަމާދުކުރަން. އެކަމަކު ދުނިޔެއަށް އިޝްތިހާރުކޮށްލައިގެނެއް ނޫޅެން. އިއުލާންކޮށްގެން ތިމާވަރުގެ އަޅުވެރި މީހެއް ނެތްކަމަށް ހެދިގެން ތިވައްތަރު މީހުން އުޅެނީ. ދެއްކުންތެރިކަން. މީހާގެ ހިތަކީ ހުރިހާވެސް އެއްޗެއް. ކޮންމެހެން ދުނިޔެއަށް އަންގާކަށް ނުޖެހޭނެ. މީ ހާދަ ވަރުގަދަ ކަމަނާފާނެކޭ......" މެހެރީނާ ރުޅިންގޮސް ފަޅަފަޅައިގެން ދާވަރުވިއެވެ. މޫނުވެސް ހީވަނީ އަނގުރުކޮޅެއްހެންނެވެ.

"މެހެރީނާ ދަރިފުޅާ. ދޮންބެ ހުއްދަދީގެން ކުރިކަމެއް ވަންޏާ އަޅާނުލާ ބަހައްޓާ. ދޮންބެއާއި މަންމަމެން ކޮންމެހެން މައްސަލަތަކެއް ޖައްސާނެކަމެއްނެތް. ކުދިން ނިދާނެ ތަނެއް ނެތިގެން އުޅޭކަށް ނުޖެހެއެއްނު އަދި. އެންމެން އެއްކޮޓަރިއެއްގައި ކޭމްޕް ކުރަންޏާ އެހެން ރޫމެއްވެސް ތައްޔާރުކޮށްލެވިދާނެ............." ޒައިތޫނާގެ ވާހަކަތަކުން މެހެރީނާވެސް ހިމޭންވިއެވެ. ސަލްވާއަށް ލޯ އަޅާލާފައި އޭނަގެ މަންމަގެ ފަހަތުން ނުކުތުމުން ސަލްވާ ކާހިތްވެސް ކެނޑުނެވެ. ބުމަ ހިސާބުން ތަދުވެ ދުޅަވެފައިހެން ހީވެފައި އޭނަ ގަނޑުފެނުން ބޮޑިތާން ކުރަންފެށުމުން ކޮންމެވެސް ވަރެއްގެ ލުޔެއްލިބުނެވެ.

މާއިޒް ޑިއުޓީއަށް ނުކުތީ މާލޭގައި ފްލޫ ކޭސްތައް މާ ގިނަވެ ޑޮކްޓަރުންގެ އެހީތެރިކަމަށް ބޭނުންވުމުން އިންސާނިއްޔަތަށްޓަކައެވެ. ހޮސްޕިޓަލުން ވަޒީފާ ލިބުންވެސް އެހާ ފަސޭހަވިއެވެ. އެތާ އެމްޑީއަކަށް ހުންނަނީވެސް އާއިލާމީހެކެވެ. ބައްޕަމެންނާއި ދެބެންގެ ދެދަރި ފިރިހެނެއްކަމަށްވާ އަރީންއެވެ. ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަހުވެސް ގާތް އެކުވެރިއެއްކަމަށްވާ ވިޝާމްއާއި ދިމާވިއެވެ. އޭނަވެސް ވޮލަންޓިއަރެއްގެ ގޮތުން ނުކުތީ ގިނަވަމުން ދިޔަ ރޯގާ ހުންޖެހިފައިވާ މީހުންނަށް އެހީވުމަށެވެ. އަދި އޭނަގެ ވަޒީފާ ހަމައެއްނުޖެހެއެވެ. މާއިޒް އިމަޖެންސީ ރޫމްގައި ހުއްޓާ އެތަނަށް ގެނެވުނު ދެބައި އުމުރުގެ އަންހެންމީހާ ފެނުމުން އެމީހާއަށް ވެގެން އުޅޭގޮތް ބަލަން ކައިރިވެލިއެވެ. ފަލަކަމުންގޮސް އަމިއްލައަށް ފަރާތަކަށް ފުރޮޅުންވެސް ދަތިކަމަކަށްވެފައިވެއެވެ. ނޭވާ ހާސްވެގެން ގޮސް ތެޅިފޮޅެނީއެވެ.

"ޑޮކްޓަރ މާއިޒް. އޭނަ ފެނުނީޔޯ މަގަށް ވެއްޓިފައި އޮތްވާ. އެއްވެސް ހިސްޓްރީއެއްވެސް ނެތް. އައިޑީކާޑެއްވެސް ނެތް. އަޅުގަޑުމެންނަކަށް ނޭގޭ ހަދަންވީގޮތެއް. ނަން އަހަ އަހާވެސް މި ދައްތަ ނުބުނޭ......." ނަރުސްކުއްޖާ ކުޑަކޮށް ރަކިވެފައި ހުރެ މާއިޒްއާއި ވާހަކަދެއްކިއެވެ. އެއީ އާކަމެއްނޫނެވެ. އެތާހުރިހާ ސްޓާފުންކަހަލަ ގޮތަކަށް މާއިޒްއަށް ހިތްކިޔާކަން އޭނަ ދަނެއެވެ. އޭނަ އެކުދިންނާއި ދުރުން އުޅޭތީ އޭނަ ލޭބަލްވެފައިވަނީ ފޮނި ބޮޑާމީހެއްގެ ގޮތުގައެވެ.

"އިޓްސް އޯކޭ. ދެން މެނޭޖްމެންޓުން އެކަމާއިމެދު ގޮތެއް ނިންމާނެ. އަހަރެމެންނާއި ހަމަޔަށް ޕޭޝަންޓެއް އައީމަ ފައިސާއަށްވުރެ މީހާގެ ފުރާނަ ދޯ މުހިއްމުވާނީ. ވީމަ ފަރުވާދޭންޖެހޭނެ. އޮކްސިޖަން ކިހާ ވަރެއް؟ " މާއިޒް އަހާލައިފިއެވެ.

"ހަންރެޑް..." ނަރުސް ޖަވާބުދިނެވެ.

މާއިޒް މޭމަތީގައި ކަށިގަނޑު އަޅައިގެން އަޑުއަހާފައިވެސް ހައިރާންވިއެވެ. މޭމަތިސާފެވެ. ނަމަވެސް ބަލިމީހާގެ ހާލުބޮޑުކަމުން ދެންމެ ދެންމެ ނޭވާ ހުއްޓިދާނެހެން ހީވިއެވެ. ލޭގެ ޕްރެޝާ ހަކުރު އޮކްސިޖަން އަދި ވިންދާއި އެހެން ހުރިހާ ކަމެއްވެސް ހުރީ އެންމެ ރަގަޅަށެވެ. މާއިޒް ހައިރާންވެފައި އިރުކޮޅެއްވާންދެން ހަދަންވީގޮތަކާއިމެދު ވިސްނަން ހުއްޓެވެ. ނަފްސާނީ ޑޮކްޓަރަށް ފޮނުވައިލަންވީބާވައެވެ. ނޫނީ އޭނައަށް ނޭގި އެހެން މައްސަލަތަކެއް ހުރީހެއްޔެވެ؟ މާއިޒް ލޭގެ ޓެސްޓްތަކެއް ހަދަންދިނުމަށްފަހު ނޯމަލް ސެލައިން އިން ނެބިއުލައިޒްކުރަން އެންގިއެވެ. އޭނަ އިމަޖެންސީއިން ނުކުތްއިރު އެތައް ލޯތަކެއް އޭނައަށް ހުއްޓިފައިވާތަން ފެނުނެވެ. ވިޝާމް ފެނިފައި މާއިޒް ގޮސް ހީލަމުން ބައްދައިލި މަންޒަރުން އެހެންމީހުން ބޮޑަށް އަޅައިގަތް ކަމަކަށްވިއެވެ. ދެމީހުން އެއްކޮށް ނުކުމެގެންގޮސް ކާރަށް އެރިއެވެ.

މާއިޒް އާއި ވިޝާމް ކޮފީއެއް ބޮއިގެން ނުކުމެ ވާހަކަދައްކާލަން ތިބިއިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތްފަދައެވެ. ސިގިރެޓް ބޯން ތިއްބާ ދަންނަ މީހަކަށް ފެނިދާނެތީ މާއިޒް ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. ނަމަވެސް އެހެންމީހުންނަށް އޭނަގެ ޒާތީކަންތައްތަކާއި ބެހެވެންވީ ކީއްވެހެއްޔެވެ؟ އޭނަ އުފާވެރި ޒުވާނެއްގެ ގޮތުގައި ފެނުނަސް އޭނަގެ ހިތުގައިވާ ޒަޚަމްތައް އެހެން މީހަކަށް ނުފެންނާނެއެވެ. އޭނަގެ ހިތުގެ އެންމެ ފުނުގައިވާ ރިހުމާއި ހިތާމަތައްވަނީ ސިއްރުކުރެވިފައެވެ. ބަލާބެލުމަށް އޭނައަކީ އުފާވެރި ހަމަޖެހޭ ޒުވާނެކެވެ. ހަގީގަތަކީ އަދި ހިތި އެއްޗެކެވެ.

ރޯޒްމެހެލްއާއި ހަމައިން ވިޝާމްއާއި ވަކިވުމުގެ ސަލާމްކޮށްލާފައި މާއިޒް އެތެރެއަށްވަންއިރު ގޭތެރޭގައި ވަރަށް ފޯރި ހިފާލާފައި އޮތެވެ. މެހެރްޓީވީ ހުޅުވަންވާއިރަށް އާއިލާގެ ގިނަ މެމްބަރުންތަކެއް މާލެއައިސްފާވެއެވެ. އޭނަގެ އުމުރުގެ ޒުވާނުންވެސް އެތާހިމެނެއެވެ. ދެޖިންސްގެ ޒުވާނުން އެއްތަންވުމުން ކިހާ ފޯރިއެއް އޮންނާނެހެއްޔެވެ؟ މާއިޒް ހުރީ އެކަމުގާ ބައިވެރިވާހިތްވެސް ނުވެފައެވެ. ސިއްރު ސިއްރުން މަތީބަޔަށް ދާން ވެގެންގޮސް ސިޑިއާއި އަރާހަމަވިއެވެ. އެއާއިއެކު ގެއިން ކަރަންޓު ކެނޑިއްޖެއެވެ. އެންމެން ހަޅޭއްފަޅޭއްޖަހައިގަތް އަޑު އިވުނެވެ. އެއާއިއެކު ސިޑީގެ ނިވަލުން ނުކުތް އަންހެންކުއްޖަކު އޭނަގެ ގައިގާ ބައްދާލައިފިއެވެ. އަނދިރިކަން ގަދަކަމުން ސިފަވަކިނުވިޔަސް އެއީ ކާކުކަން ރަގަޅަށް އެނގުނެވެ. ސިކުންތުކޮޅެއްގެ އެ އަމަލާއި މާއިޒްއަށް ބައިވެރިވެވުނެވެ. އެފޮނި ވަގުތުކޮޅު ނިމުމަކަށް އައީ އެކުއްޖާ އޭނަގެ އަތުތެރެއިން ސަލާމަތްވެގެން ދިޔުމުންނެވެ. މޫނަށް އަލިވިހެން ހީވެގެން އޭނަ މެރިފައިވާ ދެލޯ ހުޅުވައިލިއިރު ފޯނުން އަލި އަޅުވާލައިގެން ދާދި ކައިރީގައި މީހަކު ހުއްޓެވެ.

 

ކޮމެންޓް 0