"ހައިކަލް؟ " މާއިޒް ކިޔާލިއެވެ. މާއިޒްއާއި ވިޝާމް ޑިއުޓީއިން ނިމިގެން ލީނާއަށް ޒިޔާރަތްކޮށްލަން އެކޮޓަރިއަށް ދިޔައިރު ލީނާ އިނީ އެނދުމަތީގައި އިށީދެލައިގެންނެވެ. މާއިޒް ފެނުމުން އަންނަން އިޝާރާތްކޮށްލިއެވެ.

"އެނގޭތަ؟ ދަރިފުޅު ހީވަނީ ހައިކަލްހެން...." ލީނާގެ އެ ޖުމްލައާއިއެކު މާއިޒްއާއި ވިޝާމްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

"ޑޮކްޓަރ ހައިކަލް......" ލީނާ ތުންތަޅުވައިލިއެވެ. އެއާއެކު އެދެލޯ ފުރުނީ ކަރުނުންނެވެ.

"ހައިކަލް މިތަނަށް އައީތަ؟ " މާއިޒް އަހައިލިއެވެ. އަރީން ކިޔާވަރުން ހައިކަލް ލީނާ ދެކެލަން އައީކަމާއިމެދު ޝައްކެއްނެތެވެ.

"އައިސީޔޫ އިން ފެނުނީ. އަހަރެންގެ ހައިކަލް ހާދަ ޝަޚުސިއްޔަތު ވަރުގަދަވެފައި ސްމާޓްވެއްޖެއޭ. ހައިކަލް ކައިރީ ބުނެބަލަ މިރޫމަށްވެސް އަންނާށޭ. ހާދަ ދެކޭ ހިތްވެއޭ. ހައިކަލްއާއި ދިމާނުވެ މިދުނިޔެއިން ދާކަށް ބޭނުމެއްނޫން. މަރުވުމުގެ ކުރިން އެންމެ ފަހަރަކުވެސް ފެންނަން އެދެނީ ހަމަ. މާޒް ކޮންމެހެންވެސް ބުނައްޗޭ. ހަދާން ނައްތާލައިގެން ނުވާނެ. ހައިކަލް ކައިރީ ބުނާއިރަށް އަންނާނެ. އެންމެފަހު ވަގުތުވެސް އަހަންނާއިއެކު ވީ ހަމައެކަނި އިންސާނަކީ ހައިކަލް......................" ލީނާ މަޑުމަޑުން ކިޔައިލިއެވެ. މާއިޒްއާއި ވިޝާމް އެތަނުން ނުކުމެފައި ވިޝާމް ހޭންފެށިއެވެ. ހައިކަލްއަކީ ހާދަ ކާމިޔާބުމީހެކޭވެސް ބުނެލިއެވެ. ބަލިމީހުންވެސް ހައިކަލްއާއިހެދި މޮޔަވެފައިވިއްޔާއެވެ. ޑޮކްޓަރ ހައިކަލްއާއިމެދު ހިތުގައި ހަސަދަވެރިކަން އުފެދުނަސް އެއްވެސް ކަހަލަ ގެއްލުމެއްދޭކަށް ނޫނީ އަނިޔާއެއް ކުރާކަށް ވިޝާމްއަކަށް ނުކެރެއެވެ. ނަމަވެސް އޭނަގެ ނުކިޔަމަންތެރި ހިތް އަންގަނީ ގަދަކަމުންވެސް ސަލްވާ ހާސިލުކުރުމަށެވެ. އޭނަގެ ސިކުނޑިއަށް ވެރިވެފައިވާ ލޯބީގެ ޝައިތާނާ އޭނަ ހަމަމަގުން ކައްސުވާލައިފިއެވެ. ސަލްވާ ވަގަށް ނަގައިގެން ގެންދަންވެސް އޭނަ ޚިޔާލުކުރެއެވެ. ލޯބީގައި ދީވާނާވެފައިވާ ހިތަށް ފިނިކަމެއް ނުލިބިގެން އޭނަގެ ދިރިއުޅުން ވީރާނާވެގެންދަނީއެވެ. ސިގިރެޓް ބުއިމުގެ ހައްދެއްނެތެވެ. ކެއުމެއް ބުއިމެއްނެތި އޭނަ ވިސްނަނީ ސަލްވާއާއިމެދުގައެވެ. ހަދަން ވީގޮތަކާއި މެދުގައެވެ. ސަލްވާ ހާސިލުކުރުމަށް ކުރަންވީ ކޮންމެ ކަމެއް ކުރަން އޭނަ ފަހެއް ނުޖެހޭނެއެވެ.

އެހާ ބޮޑަށް ހާސްވެފައި ހުރެ ގެއަށް ވަންތަނާ އަޒަލް އަދި ފެންވަރަން ހުރެފައި ދޮރުމައްޗަށް އަރާފައި އެދުނީ ތުވާލި ގެނެސްދިނުމަށެވެ. ވިޝާމް ތުވާލި ގެނެސްދިނުމުން ވަރަށް ހަމަޖެހިލައިގެން ކޮޓަރިތެރޭގައި ހުރެ ފެންހިއްކަން ފެށިއެވެ. ބެލްކަނީގެ ދޮރުފޮތިތައް ދަމާފައި ހުރިކަން ނަސީބެކެވެ. އެހެންނޫންނަމަ އެ އުސް އިމާރާތްތަކުގެ ތެރެއިން މީހެއްގެ ލޮލުގައި އަޅައިނުގަންނާނެކަމެއްވެސް ނޭގެއެވެ. ވިޝާމްގެ އަޅާލުން ކުޑަކަމާއިމެދު ހައިރާންވެފައި އަޒަލް އަދި ތުވާލިން ވިޝާމްގެ ގައިގާ ބޮނޑިއެއް އެޅިއެވެ.

"އާ ޔޫ ގޭއި؟ " އަޒަލްގެ ސުވާލުން ވިޝާމް އެނބުރުނެވެ.

"އިލްޒާމެއް އެޅުވިޔަސް ތިއަށްވުރެ ހަޑި އެއްޗެއް ހަމަ ކިޔަން ޒެލްއަށް ނޭގުނު.............." ވިޝާމްގެ މޫނުމަތިން އެއްވެސް ޝުއޫރެއް ފާޅެއްނުވިއެވެ.

"ވިޝާމް. ޔޫ ނޯ ވަޓް. މީހަކު ފޫހިވާނެ. ތިވަރު ތަންކޮޅެއް ބޮޑު. ނޭކެޑްކޮށް ކައިރީގައި އެނބުރުނަސް ބަލާނުލާނީ އެކަހަލަ މީހެއްވީމައެއްނު. ރިއަލް ފިރިހެނެއްވެއްޖެއްޔާ ގައިމު ގޮތެއްނުވެ ނުހުންނާނެ. އެހާވެސް ރަގަޅަށް ހަގީގަތް އޮޅުން ފިލުވާފައި މިހެން މިބުނީ. ތި އުޅެނީ ހަމަ އޭގެ މީހެއްހެން....." އަޒަލް ސްޓޫލްމަތީގައި އިށީދެ ފައިގާ ކްރީމްލާންފެށިއެވެ.

"ހޫމް. މިދަނީ ކޮފީއަކަށް.........." ވިޝާމް ފަރުވާކުޑަގޮތަކަށް ކިޔާލައިފިއެވެ. އަޒަލް ވިޝާމްގެ ކުރި ބައްދާލާފައި ދެވުނަކަނުދިނެވެ. ދެން ކުރިކަމަކުން ވިޝާމްވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ކީއްވެ ތިހާ އިގްނޯ ކުރަނީ؟ ބޮޑީގާޑެއްގެ ގޮތުގައި ހުންނާނަމޭ ބުނެފައިވެސް މިގެއަށް އައި ޖާސޫސަކާއި އަހަންނަށް ވައްތަރުވާންފެށީމަ މިވަރަށް އަހަނީ. އައިމް ކޮންފިއުޒްޑް. ކޮންކަމެއް ވިޝާމް ބޭނުމީ؟ " ވިޝާމްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުން އަޒަލްގެ ހިތް ހަލާކުވެގެން ދިޔަނަމަވެސް އެކަން ފޮރުވަން ހިނިގަނޑެއްޖަހައިލިއެވެ. ހިތުގެ ގިލަންތައް ފޮރުވަން އަޒަލް ވަރެއްނެތެވެ. ހިތާހިތުން އެތައް ޝަކުވާއެއް ކުރާއިރުވެސް އޭނަ ހުންނަނީ ހެވިލާފައެވެ. ހިތާމަތައް ހިތުގެ އެންމެ ފުނުގައި ރައްކާކޮށްގެންނެވެ.

"އަޒަލްއަށް އެނގޭނެ ޑިއުޓީ ހުންނަގޮތުން އަހަންނަށް އަބަދު ޒެލް ކިހިލީގައި ޖަހައިގެން ނޫޅެވޭނެކަން. އަހަރެންގެ ޒިންމާތަކެއްވޭ. ޒެލް ކައިރީ ބުނެފިން ކަޅުހެދުން ލައިގެން ބޭރަށް ދާށޭ. އޭރުން އަހަރެން ނެތަސް މީހުންނާއި ފޭސްކުރާކަށް ނުޖެހޭނެއްނު.........." ވިޝާމް ޖިންސްގެ ޖީބަށް އަތްޖަހާލިއެވެ. އަޒަލް ޓީޝާޓަކާއިއެކު ދިގުކޮށް އޮތް ސޯޓެއްލުމަށްފަހު މޫނުގައި ކްރީމްކޮޅެއް ހާކާލިއެވެ. އޭނަ އިނީ ވިޝާމްއާއި ހަތަރުކަޅި ކަމަކުރަން އުދަގޫވެފައެވެ. ހިތަށް އަރަނީ އެންމެ ބަހެކެވެ. ވިޝާމް އޭނަދެކެ ލޯބިނުވާކަމެވެ. އެހިތުގައި އެއްވެސް މަގާމެއްނެތެވެ. އެހެންވެ ހިތުގައި ރިއްސާލާއިފިއެވެ. ވޭނެއް ނުލިބޭ ރިހުމެކެވެ. އެއިހުސާސްތައް ބަޔާންކޮށްދޭން ދަތްޗެވެ.

"ކުރިންވެސް އެހެން ބުނިނަމަ. މެރީނުކޮށް ކަޅުހެދުން ލާން ބުނިނަމަ.ދެން މެރީ ކުރީ ކީއްވެޔޯ....." އަޒަލް އޮޅުން ފިލުވަން ބޭނުންވިއެވެ.

"ޒެލް ކޮފީ ބޯނަންތަ؟ " ވިޝާމް ދޮރު ލައްޕައިލަމުން ބުނެލިއެވެ.

"އައި ހޭޓް ޔޫ......." އަޒަލް ދޮރާއި ދިމާލަށް ބަލައިލާފައި މޭޒުގައި ބޯ ޖައްސައިލަމުން މަޑުމަޑުން ކިޔާލައިފިއެވެ. ދުލުން އެހެން ބުނިކަމުގައިވިޔަސް ވިޝާމްދެކެ އޭނައަށް ނަފްރަތެއްނުކުރެވެއެވެ. އެހިތުގައިވާ އިހުސާސްތަކަށް ދޭނެ ނަމެއް އޭނައަކަށްވެސް ނޭގެއެވެ. އެހާ އަޅާލުން ކުޑަކަމާއިއެކުގައިވެސް އެހިތުގައި އަބަދުހެން ވަނީ ވިޝާމްގެ ނަމެވެ. އޭނައަށް ވިޝާމްއާއި ރުހެވެނީބާވައެވެ. ނަމަވެސް އެހިތުގައި އޭނައަށްޓަކާ އެއްވެސް މަގާމެއް އޮތްކަމާއިމެދު ޝައްކެވެ.

ކުއްލިއަކަށް އަޒަލްގެ ބޮލުގެ ރިހުން ގަދަވެގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. އަމިއްލައަށް ބޮލުގައި އިނގިލިތަކުން މަސާޖުކުރުމުންވެސް ރިހުން ހިދެއް ހިދަކަށް ގަދަވާންފެށިއެވެ. އެނދުގައި އޮށޯވެ ބާލީހުގައި ބައްދައިލިގޮތަށް ދެލޯ މަރާ ތަގުޅިކޮށްލިއެވެ. ވަރުބަލިވާންފެށިއެވެ. މާ ބޮޑަށެވެ. ދެލޯ ހުޅުވައިލާނެ ވަރެއްވެސް ނެތެވެ. ހިތް އަވަސްވެ ނޭވާ ނުލެވޭނެހެން ހީވިއެވެ. އަތާއި ފައިގާ ވަރެއްނެތެވެ. ގަތްބިރުންގޮސް އޭނަ ދެފައި ތަޅުވައިގަތެވެ. އަތްވެސް އެކިގޮތްގޮތަށް ހަރަކާތްކުރަންފެށިއެވެ. އިރުކޮޅެއްފަހުން ކޮންމެވެސް ވަރަކަށް އެކަންތައްތައް ރަގަޅުވިޔަސް އޭނަގެ ބޮލުގެ ރިހުމަށް ލުޔެއްނުލިބުނެވެ. ފޯނުވެސް ނިއްވާލައިގެން އޮވެ އޭނަ މަސައްކަތްކުރީ ނިދާލުމަށެވެ. އާޒީން އާއި ސަލްވާވެސް އައެވެ. ކާންގޮވިއެވެ. އަޒަލް ބުނީ ނިދިއަންނަވަރުން ނުކެވޭނެ ކަމުގައެވެ. ވިޝާމްވެސް އައެވެ. ނުކައި މިރޭ ނިދަނީހެއްޔޭ އެހުމުން ކާ ހިތެއްނެތް ކަމުގައި ބުނެފައި ދެލޯ މަރާލައިފިއެވެ.

ވިޝާމް އާދައިގެ މަތިން ފޯނު ހިފައިގެން ގޮސް ކައުޗްގައި ޖައްސާލިތަނާ މީހަކު ޓަކިދިނުމުން ގޮސް ދޮރު ހުޅުވާލައިފިއެވެ. މިގަޑީގައި ހައިކަލް އައުމަކީ ވަރަށް ނުވާކަމެކެވެ. ހައިކަލް ވަންނަން ތަން ދައްކާލުމުން ހައިކަލް ވިޝާމް މިރޭ ރައުންޑަށް ނުދާ ރެއެއްހޭވެސް އަހައިލިއެވެ. ވިޝާމް ބުނީ ހައިކަލް އެއައީ އޭނަ ނިކުންނަން އައި ވަގުތުގައި ކަމަށެވެ. މިރޭ ގޭގައި މަޑުކޮށްލަން ކުރި ޚިޔާލުވެސް ބަދަލުވިއެވެ. ދެން ވިޝާމް ކައިރިން ހައިކަލް އަހާލީ އަޒަލްއަށް ވެގެން އުޅޭގޮތަކާއިމެދުގައެވެ. އަޒަލް ބޮލުގައި ބާލީސް އަޅައިގެން އޮތްތަން ފެނިފާ ވިޝާމްއަށް ބަލައިލެވުނެވެ. އެވަގުތު ނޭގި ނަމަވެސް ވިޝާމްއަށް ބުނެވުނީ ރަގަޅަށެވެ. އަޒަލްވެސް ބޮލުގައި ރިއްސަނީ ކަމުގައެވެ. ވިޝާމް އެތަނުން ނުކުތްގޮތަށް ފާރަށް އެތިފަހަރެއް ވީއްލިއެވެ. ހައިކަލް ފެނުމުންވެސް އޭނަގެ ސިކުނޑިއަށް ބާރުކޮށްފިއެވެ.

"ޒެލް. ދަރިފުޅާ. އާ ޔޫ އޯކޭ؟ އިޒް އެވްރީތިން އޯކޭ..........." ހައިކަލް އެނދުގެ މަގަތުގައި އިށީނުމުން އަޒަލް ބޮލުން ބާލީސްނެގިއެވެ.

"ބޮލަށް ތަދުވާތީ މިއުޅެނީ. އައި ސްކިޕްޑް ލަންޗް ދެން އައިސްކްރީމް ކެއީ. ގޫގުލްކޮށްލީމަވެސް އިން އައިސްކްރީމް ހެޑޭކްއެއްގެ ވާހަކަ...." އަޒަލްއެހެން ބުނުމުން ހައިކަލް ހިނިތުންވެލިއެވެ. މިހާރު އެންމެންވެސް ބަލިދެނެގަންނަނީ ގޫގުލްގެ އެހީގައި ކަމުގައި ބުނެ ހައިކަލް ސަމާސާކުރިއެވެ.

"ސޮރީ ސްވީޓްހާޓް. މާ ބިޒީވާން ހަދައިގެން ދަރިފުޅުމެން ކައިގެން ތިބިތޯވެސް ބަލާނުލެވުނީ..." ހައިކަލްގެ މޫނުމަތިން ފެނުނު އޯގާތެރިކަމާއި ކަންބޮޑުވުން އަޒަލްގެ ހިތަށް އަސަރުކުރުވިއެވެ. ބައްޕަ އެކުދިންދެކެ ލޯބިވާ މިންވަރު އަޒަލްއަށް ވިސްނެއެވެ. އެހެންވެ އޭނަގެ ބަލިހާލަތު ކިޔައިދޭކަށް ނުކެރުނެވެ. އެހެންވެ ހައިކަލްއަށް ކިޔައިދިނީ ޓެންޝަންހެޑޭކްގެ އަލާމާތްތަކެވެ. އޭނަ އަނބުރައިގަތް ވާހަކަވެސް ސިއްރުކުރިއެވެ. ހައިކަލް އަޒަލްގެ ބޯ ކުޑަކޮށް މަސާޖުކޮށްލަދިނެވެ. އެގޮތަށް ހެދުމުން ތަދުލުއިވިއެވެ. އެންމެފަހުން އަޒަލް ހައިކަލްގެ އުނގުގައި ބޯ އަޅާލައިގެން އޮށޯވެލައިގެން އޮތްވާ އާޒީން ވަދެފައި މާ ޅަވަނީއޭ ކިޔައިގެން ދިމާކޮށްލިއެވެ. އަދި ފޮޓޯއެއްވެސް ނެގިއެވެ. ބޮލުގައި ނުރިއްސިޔަސް ބައްޕަލައްވާ ބޯ މޮޑުވަން ފޭކްޖައްސަނީއޭވެސް ބުނެލީ ޖެއްސުމަށެވެ. އަޒަލްގެ ބަލީގެ ސީރިޔަސްވަރު އާޒީންއަކަށް ރޭކާވެސް ނުލީއެވެ. ޚުދު އަޒަލްއަކަށްވެސް އެހާބޮޑަށް ނޭގެއެވެ. އެހާ ގަދަޔަށް ރިއްސާފައި ވަރުބަލިވެ އަތްފައި ވާގިހުސްވާ ހިސާބަށް ދިޔައިރުވެސް އަޒަލްހުރީ ސިއްރުކޮށްލައިގެންނެވެ. އަޒަލް ބުނީ އާޒީން ޖޭވީކަމުގަޔާއި ބައްޕަ އާޒީންގެ ބޯ މޮޑެނުދޭނެކަމުގައެވެ. އާޒީންއަށްވުރެ ކުޑަވީމަ އެކަމުގެ ފައިދާ އޮތީ އޭނައަށް ކަމަށާއި އޭނައަކީ އާއިލާގެބޭބީ ކަމުގައެވެ.

ޖެހިގެން އައި ދުވަހު އަޒަލް އުޅުނީ ތެދުވެއެވެ. ސަލްވާމެން ކޮލެޖުން އައުމުން އެކީގައި ޓެނިސްކުޅުނެވެ. ސައިބުއީވެސް ގާޑަންތެރޭގައެވެ. ޕޫލްކައިރީ ކުއިލްޓް އަޅައިގެން ކުޑަ ޕިކްނިކެއް ހަދާލަން ތިންކުދިން ތިބެ ސެލްފީނަގާ މަޖާކޮށް އުޅުނެވެ. މެހެރީނާއަށް އަމަންޒަރު ފެނިފާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. ވަރަށް އަވަހަށް އޭނަ ހާމަކުރާ ހަގީގަތުގެ ސަބަބުން މަންޒަރު ބަދަލުވެގެން ހިގައިދާނެއެވެ. ސަލްވާއަށް ދޮންދަރިންނާއިއެކު މިހެން އުޅެވޭނީ ކުޑަދުވަސްކޮޅަކަށެވެ. އިނގިލިން ގުނާވެސް ލެވިދާނެއެވެ.

މަޣުރިބުކޮށްގެން އާދައިގެ މަތިން ތިންކުދިން އެކީގައި ގުރުއާން ކިޔަވަން އުޅެފަ އިޝާވެސް ކޮށްގެން އެތަނުން ނުކުތްއިރު ރައުދާވެސް އުޅެއެވެ. ރައުދާ ހުރީ ވަގުތަކަށް ބަލަބަލައެވެ. ސަލްވާއަށް ގޮވާގެނެސްގެން ވާހަކައެއް ދައްކާލަން ބޭނުންކަމުގައި ބުނެފާ ތިރީބައިގެ ކޮޓަރިއަކަށް ގެންދިޔައެވެ. ސަލްވާ ހުރީ އުދަގޫވެފައެވެ. ރައުދާ އޭނައާއި ދައްކަންޖެހޭނެ އެއްވެސް ވާހަކައެއް ނީންނާނެއެވެ. އަޒަލްމެންގެ މަންމަވީމަ އަޒަލްމެންނާއި ވާހަކަދެއްކީމަ ވީ ނޫންހެއްޔެވެ؟ ރައުދާއަކީ ހައިކަލްގެ ކުރީގެ އަންހެނުންނަށްވުމުން ކޮންމެވެސް ވަރެއްގެ އުދަގޫ އިހުސާސްތަކެއް ހުރުމަކީ ހަމަ އެކަށީގެންވާކަމެކެވެ. ހައިކަލް ރައުދާއާއި ވާހަކަދައްކާކަށްވެސް ސަލްވާ ނޭދެއެވެ.

ރައުދާ ލައިގެން ހުރީ ރަތްކުލައިގެ މިޑީއެއްގޮތަށް ފަހާފައިވާ ހެދުމެކެވެ. ތަންކޮޅެއް ބޯ ފޮތިކަމަށް ވެފައި ރަސްމީގޮތެއް ހުއްޓެވެ. ފަޔަށް ހިފާފައިވާ ސްކިނީއެކެވެ. ރޫބީ އެއް ފަށުފުލުގައި އޮތްއިރު ދެކަންފަތުގައިވެސް ޔާގޫތެވެ. ކަށި އިނގިލީގައި އޮތް އަނގޮޓިއާއި ދިމާލަށް ބަލައިލެވުމާއިއެކު ސަލްވާއަށް ދުރު ބަލައިލެވުނީ ހިތަށް އުދަގޫވެފައެވެ. އަދިވެސް ރައުދާ އެ ނަގާކަށް ނުވޭހެއްޔެވެ؟ ރައުދާވެސް އެތާ ހުރި ސޯފާއެއްގައި އިށީދެފައި ސަލްވާ އިށީންނަން އެދުނެވެ.

"ސަލްވާ. އަހަރެން މިއައީ ސަލްވާއަށް ހެޔޮއެދޭތީ ވާހަކައެއް ބުނެލަން. އަހަންނަށްވެސް ފަސޭހަކަމެއްނޫން އަޒަލްއާއި އާޒީންއަށް ދޮންމަންމައެއް ހޯދަދީގެން އުޅެން. ނަމަވެސް އެކަން ގަބޫލުކޮށްގެން އެންމެން އެކީ ގުޅިގެން އުޅޭ ދުވަސްޖެހިއްޖެކަމަށް ގަބޫލުކުރަން. ސަލްވާއަށްވުރެ ބޮޑަށް އަހަންނަށް ހައިކަލް އެނގިފައި ހުންނާނީ. ފުރަތަމަ އަހަރެމެންގެ ކައިވެނީގައި ރެދުލީ ސަބަބު ސަލްވާއަށް އެނގޭތަ؟ ޅައުމުރުގައި ޓްވިންސްއިންނަށް ޕްރެގްވުން. އަހަރެންގެ މޮޔަކަމުން އެއްވެސް ކަހަލަ ދޭތެރެ ދުރުކުރާ ވަސީލަތެއް ބޭނުން ނުކުރެވުނު. އެހެންވެ ދެން ބޮޑު އަރައިރުމަކަށްވީ. އަދި އެކުދިން ޅައިރު ދެވަނަފަހަރަށް ބަލިވެއިނުމުން ވަރިއާއި ހަމަޔަށްވެސް ދިޔައީ.. އެ ދަރިފުޅުގެ ސަބަބުން އަބަދު އަރައިރުންވާން ޖެހިފައި އޮތީ....ސަބަބަކީ......ވެލް ދެން އެވާހަކަ ބާއްވަމާ ދޯ........" ރައުދާގެ ވާހަކަތަކުން ސަލްވާއިނީ ހައިރާންވެފައެވެ. އެއީއަދި ހައިކަލްވެސް ނުދައްކާ ވާހަކައެކެވެ. އާޒީންމެންނަށް ކޮއްކޮއެއް ލިބުނުކަމެއް ސަލްވާއަކަށްވެސް އެނގިފައެއްނެތެވެ.

"އަހަންނަކީ ގައިނީއެއް. އަލަށް ކައިވެނިކުރާ އަންހެންކުދިންނަށް ދޭތެރެ ދުރުކުރަން ބާރު އެޅުމަކީ އަހަރެން އާއްމުކޮށް ކުރާކަމެއް. ސަލްވާ މެހެރްޓީވީއިން އަހަރެންގެ ޕްރޮގްރާމް ބަލާނަމަވެސް އެކަން އެނގޭނެ. ސަބަބަކީ ކައިވެނީގެ އުފާތައް ރަގަޅަށް ހާސިލުކުރެވޭނީ ދެމީހުން ފްރީކޮށް ތިބެގެން. ދަރިއަކަށް ބަލިވެއިނީމަ ދެން އެހިސާބުން ހަނީމޫން އެނިމުނީ ދޯ. ސޯ އެންމެ މަދުވެގެންވެސް އަހަރު ދެއަހަރުވާންދެން ދަރިއަކު ނުދޯހީމަ ހަގީގަތުގައި ފިރިމީހާއަށްވެސް ކައިވެނީގެ އުފާތައް އޭގެ ފުރިހަމަ ގޮތުގައި ދެވޭނީ. ކީކޭ ސަލްވާ ބުނަނީ........" ރައުދާ އަހައިލީ ހީލާފައެވެ.

ސަލްވާވެސް ހިނިތުންވެލިއެވެ. ނަމަވެސް އޭނަގެ ހިތުގައި ބިރުވެރކަން ހިނގައިލިއެވެ. ރައުދާ މިވާހަކަދެއްކުމުގެ މަގުސަދަކީ ކޮބާބާވައޭ ހިތަށް އެރިއެވެ.

ރައުދާ އޭނަގެ އުނގުގައި އޮތް އަގުބޮޑު ގުޗީ ދަބަސް ހުޅުވާލާފައި ބޭސް ކަރުދާސްތަކެއް ނެގިއެވެ.

 

ކޮމެންޓް 0