ބޯ ވިލާތަކުގެ މައްޗަށް އިރު ކުރި ހޯދުމަށްފަހު ފަނޑު ދޯދިތަކުން ކޮންމެވެސް ވަރަކަށް ބިންގަނޑަށް އަލިކޮށްލައިފިއެވެ. ރޯޒްމެހެލްއަށް ވެރިވެފައިވާ ކަޅުކަމާއި ބަނަކަންވެސް ގަސްތަކުގެ ގޮފިތައް ފުރާނާލި އިރުގެ ދޯދިތަކުން ކުޑަ އުޖާލާކަމެއް ގެނުވިއެވެ. ދުނިޔެ އޮތްހާ ދުވަހަކު އުއްމީދުގެ ދާވަނީގައި ހުރިހާ އިންސާނުން ހިފަހައްޓަން ޖެހޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިންވަރަށް ރުހުމަކީ މުއުމިނުންގެ އީމާންކަމުގެ ބަޔެކެވެ. ސަލްވާ އެހެން ކޮޓަރިއެއްގައި ތަޅުލެވިގެން ނަމާދުކޮށް އަޅުކަމުގައި އިންދާ ވަރުބަލިވެގެންގޮސް ނިދިފައި ހޭލެވުނީ ރަންދޯދިތައް ފަރުދާތައް ފޫދުއްވާފައި ފައިތިލައިގާ ބޮސްދޭންފެށުމުން ކުޑަކޮށް ހޫނުވެގެންނެވެ. ދެލޯ ހުޅުވާލުމާއިއެކު ތެދުވެގެންގޮސް ކުޑަދޮރުކައިރީގައި ހުއްޓުނެވެ.

މި ތޫފާން މައިތިރިވިޔަސް ދެން އަންނަންއުޅޭ ކޮޅިގަނޑެއްގެ ބާރުމިން އަންދާޒާ ނުކުރެވޭނެއެވެ. ރޯޒްމެހެލްއަށް ދެން ބިންދާލާނެ ރާޅު މިއަށްވުރެ ބޮޑުވެދާނެކަމުގެ ހިލަމެއްވެސް ސަލްވާއަކަށް ނުވެއެވެ. އޭގެތެރޭގައި ހަފުސްވެ ގެނބިގެންދާނީ ކިތައް ފުރާނަކަމެއް އަދި އެނގެނީއެއްނޫނެވެ.

ފޯނު ނަގަންވެގެން ގުދުވުމާއިއެކު ވިއްސަކަށް މިސްކޯލުހުރުމުން ސަލްވާގެ ހިތް އަވަސްވެގަތެވެ. ލޮގް ހުޅުވާލިއިރު ގުޅާފައިހުރީ ހައިކަލްއެވެ. އޭނަ ވީތަނެއް ނޭގިގެން ހައިކަލް ހޯދިކަން ޔަގީންވުމުން ސަލްވާ ދެރަވިއެވެ. އެހާ ބޮޑު ހިތާމައެއްގައި ހުރެފައިވެސް އޭނަގެ މަތިން ހަދާންކުރާނީ އެހިތުގައި އޭނައަށް ކޮންމެވެސް ކަހަލަ ލޯތްބެއް ނޫނީ އިހުސާސެއްވީމަ ނޫންހެއްޔެވެ؟ އޭނަ ރޭ ކޮޓަރިއަށް ނިދަން ނުދިޔަކަމީ ކުށެކެވެ. ހައިކަލްގެ ހިތާމައިގާ ބައިވެރިވެ ހިތްވަރުދޭން އެންމެ ކައިރީގައި ހުންނަންވީމަ އެކަމުން މަނާވެގަތީއެވެ. މީހަކު ކޮށާ ކުދިކުދިކޮށްލިޔަސް އޭނަ ދާންޖެހޭނެއެވެ. ހުރިހާ ކާމިޔާބެއް މިލިބެނީ މެހެރީނާއަށެވެ. އެކަމުގެވެސް ކޮންމެވެސް ހިކުމަތެއްވާނެއެވެ. ބައެއްފަހަރު ހުރިހާ މޮޅެއް ނުބައިމީހުން ހާސިލުކޮށް ދުނިޔޭގައި ޝާން ޝައުކަތުގައި އުޅެފާނެއެވެ. އެފަދަ މީހުނަށް ސަޒާލިބެން ވަކި ދުވަހެއް ކަނޑައަޅުއްވާފައިވަނީ ސަބަބެއް ނެތިއެއްނޫނެވެ. ކޮންމެވެސް ދުވަހަކުން އިންސާފުލިބޭނެކަމާއި މެދު ސަލްވާ ޝައްކެއްނުކުރެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލިއިރު ފެނުނީ ހައިކަލް ފާޚާނާއިން ނުކުމެގެން އައިތަނެވެ. އިއްޔެލައިގެން ހުރި ޓީޝާޓާއި ޖިންސް އަދިވެސް ބަދަލުކޮށެއްނުލައެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ދެލޮލުގައި ރަތްކަމެއް ހުއްޓެވެ. ހިތާމައިގެ ފުރިހަމަ ތަސްވީރެކެވެ. ސަލްވާއާއި ހަތަރުކަޅިހަމަވުމާއިއެކު އެލޮލުން ފެނުނު ރިހުމަކުން ސަލްވާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ދުވެފައިގޮސް ބައްދައިގަތްގޮތަށް ރޮއިގަންނަން އުޅެނިކޮށް އޭނަ އެއްފަރާތަށް ލާފައި މާ އަވަސްއަރުވާފައި ހުރި މީހެއް ގޮސް ހައިކަލްގެ ގައިގާ ބާރަށް ހިފައިގަތެވެ.

"އައި ކޭންޓް އިމޭޖިން ދަ ޕެއިން ޒެލް ވެންޓް ތުރޫ އޯލް އެލޯން. ވިޝާމް ހާދަ ގޯހޭ. ޒެލް ދުނިޔެއާއި ވަކިވީމަ ވިޝާމްއަށް ޒެލް ފޭސްބްލައިންޑްނެސް ހުރި ވާހަކަ ބުނަން އެނގުނީ.....ހިތް ހަލާކުވެއްޖެ.........." މެހެރީނާ ރޯންފެށިއެވެ.

ސަލްވާހުރީ ބުދެއްހެން ގަނޑުވެފައެވެ. މެހެރީނާވެސް އަޒަލްގެ ކުއްލި ވަކިވުމުން އަސަރުކުރިޔަސް މިއީ ހަމަދެއްކުންތެރި ކަރުނައެވެ. ފޭކް ރުއިމެވެ. އަޑުވީއްލާ ރޮއިގެން ހައިކަލްގެ ހަމްދަރުދީ ހޯދަންވެގެން ކުރިކަމެކެވެ. ނޫނެކެވެ. އަޒަލްއަކީ މެހެރީނާގެ ބޭބެގެ ދަރިފުޅެވެ. ސަލްވާދެކެ ނަފްރަތުކުރިނަމަވެސް އެއީވެސް ހިލަހިތެއް ނޫނެވެ. އެހިތުގައިވެސް އާއިލާއަށްޓަކާ އިހުސާސްތަކެއް ލައްވާފައިވާނެ ނޫންހެއްޔެވެ؟ އެހެން މީހުނަށް ރަހުމާއި ކުލުނު އެހިތުގައި ވާނެއެވެ. އެއާއިއެކު ހައިކަލްގެ އަންހެންކޮއްކޮއަށް ވީމަ ހައިކަލްއަށް މެހެރީނާގެ ކުށެއްނުވެސް ފެންނާނެއެވެ. ހައިކަލް އޯގާތެރިކަމާއިއެކު ބުނީ ނުރުއިމަށެވެ. އަދި މޫނަށާއި އަތަށްވެފައި ހުރިގޮތަކާއިމެދު ސުވާލުކޮށްލުމުން އައީ ސަލްވާ ސިހޭކަހަލަ ޖަވާބެކެވެ. އޭނަ ހިތްހަމަނުޖެހިފައި ސަލްވާއާއި ދިމާލަށް އެއްޗެކޭ ބުނީތީ ވިޝާމް ގޮށްމުށުން އަނގަމައްޗަށް އެތިފަހަރެއް ބޭލީކަމުގައެވެ. އެވާހަކަ ގަބޫލުކުރަން ސަލްވާއަށް އުދަގޫވިނަމަވެސް ތެދަކަށް ވެދާނެހެން ހީވިއެވެ. ވިޝާމް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އޭނަގެ ހިމާޔަތުގައި މީހަކު ކޮށާލަން ފަސްނުޖެހޭނެކަމަށް ވިޝާމްވަނީ ބުނެފައެވެ. ސަލްވާގެ ގައިން ހީބިހިނެގިއެވެ. މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ކޮޓަރިން ނުކުތްއިރުވެސް ހައިކަލްއަށް ރޭކާލީހެން ހިޔެއްނުވެއެވެ.

ދުރުން ގުގުރީގެ އަޑުއިވުމާއިއެކު ވައި ބާރުވެލިއެވެ. އެހިސާބަށް ވެރިވެފައިވާ އަނދިރިކަން ގަދަވާން ފެށުމުން ކޮންމެ އިރަކުވެސް ވާރޭ ވެހިގެންފާނެކަހަލައެވެ. ޕޫލްކައިރީ ހުރި ބިޔަގަހުގެ މޫމަތީގައި އިށީދެ ގަހަށް ލެނގިލައިގެން އިންއިރު ސަލްވާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އަތުގައި އޮތް ވިނަކޮޅެއް ހަފާލަ ހަފާލާއިނީ ޚިޔާލެއްގައެވެ. މިހެން ފިލައިގެން އިނުމަކީ ހައްލެއްނޫނެވެ. އޭނަޖެހޭނީ ގޮސް ހައިކަލްއާއި ވާހަކަދައްކާށެވެ. ކުއްލިއަކަށް ހީނުކުރާ ކަހަލަ ކަމެއްވިއެވެ. މިފަދަގަޑިއެއްގައި ހައިކަލް އެތަނަށް އަންނަންވީ ސަބަބެއްވެސް ސަލްވާއަކަށް ނޭގުނެވެ. އޭނަ ނުފެނިގެން ހޯދަމުން އައީބާވައެވެ. ހައިކަލްގެ ފިރިހެންވަންތަ އަޑުއިވިފާ ސަލްވާ ތެދުވާން އުޅެނިކޮށް އަރުޖަމަންދު ޖަވާބު ދިނެވެ. ދެން އިވުނީ ޒައިތޫން އެއްޗެކޭ ބުނި އަޑެވެ. އެތިން މީހުން އައިސް އިށީދެލީ ގަހުގެ އަނެއްފަޅީގައި ހުރި ބެންޗުގައެވެ. ޒައިތޫން ވާހަކަދައްކަން ފެށިގޮތަށް ސަލްވާގެ ނަން ކިޔުމުން ސަލްވާ ސިހޭގޮތްވިއެވެ. ސިއްރުސިއްރުން މީހުން ދައްކާ ވާހަކަ އަޑުއެހުމަކީ ފާފައެކެވެ. ނަމަވެސް އެބުނި އެއްޗަކުން އޭނަ އިންކަން އަންގާނެ ހިތްވަރެއް ނުލިބުނެވެ. ސަލްވާ ނޭވާ ހިފަހައްޓައިލިއެވެ.

"އެންމެން އެކިޔަނީއެއްނު ވިޝާމްއޭ ޒެލް ކޮށްޕާލީ. ސަލްވާއާއި ދެމީހުންގެ ކުޅިގަނޑުގެ ތެރެއަށް މައުސޫމް ކުއްޖަކު ވައްދައިގެން އެންމެފަހުން އެކުއްޖާގެ ވަސް މިދުނިޔެއިން ފޮހެލީ. ހައިކަލް. މިފަހަރު ޖެހޭނީ ދެގޮތުން ކުރެ ގޮތެއް ނިންމަން. ސަލްވާ މިގެއިން ދާންޖެހޭނީ ނޫނީ މަންމަ އޭނައާއި އެއްފުރާޅެއްގެ ދަށުގައެއް ނުހުންނާނަން. ހައިކަލްގެ ލޮލުގައި އަނދުން އަޅުވައިގެން ހުއްޓަސް އެ ހިތުގެ ކަޅުކަން މަންމަމެންނަށް ހާމަވެއްޖެ. މެހެރީނާއަކީ މަންމައަށް ލިބިފައި ހުރި މޮޔަ ކުއްޖެއް ކަމަކު އޭނަ އެހުރިހާ ކަމެއް މަންމަމެންނަށް ހާމަކޮށްދިނީ......"

"މަންމާ. ފުރަތަމަ ދުވަހުވެސް އަޅުގަނޑު މަންމަ ކައިރީ ބުނިން ސަލްވާއާއި ކައިވެނިކުރީ ވަކި މަގުސަދެއްގައޭ ހަގީގަތް މިހުރިހާ ދުވަހު ނުބުނެ ހުރީ. މިޝަލްއަށް ލިވާ ނުލިބިގެން އުޅެނިކޮށް އޭރު ޓްރާންސްޕްލާންޓް ހަދަން ލިވާ ދިންމީހަކީ ސަލްވާގެ ބައްޕަ. އެކަމަކު އޭނައަށް ދިން ފައިސާގެ ބޭނުމެއްނުކުރި. ބޭނުމެއް ޖެހޭ ދުވަހަކުން ބުނާނަމޭ ކިޔާފައި ހުއްޓާ ފޯނުކޯލެއް އައީ. އޭނައެދުނީ ސަލްވާއާއި ކައިވެނިކުރަން. ޑީލެއްހެދީ. ކޮންމެހެން އަބަދަށް އުޅޭކަށް ނޫން ސަލްވާއާއި އިނީ. ވަކި މުއްދަތަކަށް. ސަލްވާ ކިޔަވާނިމެންދެން. އެއިހުސާންތެރިކަމުގެ ބަދަލު ވެދޭންވެގެން ކުރިކަމެއް އެއީ. މަންމ ތިއެދިލެއްވީ ސަލްވާ މިގެއިން ނެރެލާން. މަންމަ އެދޭގޮތަށް އެކަން ކޮށްދޭނަން............" ހައިކަލްގެ އެ ޖުމްލަތަކާއިއެކު ސަލްވާގެ ބޮލަށް އެނބުރުންއެރިއެވެ. ނުކައި ހުރުމުންނާއި ލިބުނު ޝޮކަކުން އޭނަ ޚަބަރުހުސްވެގެން ވެއްޓުނުއިރު ހައިކަލް ދެން ދެއްކި ވާހަކަތަކެއް ނީވުނެވެ.

"އެކަމަކު މިގެއިން ދުރަށް ފޮނުވާލިޔަސް އޭނަ ހުންނާނީ އަޅުގަނޑުގެ އަންބެއްގެ ގޮތުގައި. މަންމައަށް ސަލްވާއާއިއެކީ އުޅެން އުދަގޫކަމަށް ވަންޏާ އެހެން އެޕާޓްމެންޓެއްގައި ބަހައްޓަފާނަން. މަންމާ މިހާރު ސަލްވާ ދޫކޮށްލުން އެހާ ފަސޭހައެއްނޫން. އިޓްސް ނޮޓް ޕޮސިބަލް. ސަލްވާގެ ސަބަބުން ކުދިންނަށް ރަގަޅު ބަދަލެއް އައި. ދެން އޮތީ މެހެރް ދައްކާ ވާހަކަ. ބައެއްފަހަރު ލޮލަށް ފެންނަ ފެނުމަކީ ހަގީގަތަކަށް ނުވެ ހިގައިދާނެ. މެހެރު މޮޔަކުއްޖެއްކަމަށް މަންމަ ގަބޫލުކުރައްވަންޏާ އޭނަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަމަށްވެސް ބަލަންވާނެ. މިޒަމާނުގައި ފޮޓޯތަކާއި ވީޑިއޯތައް އެޑިޓްކޮށްގެން ކިތަންމެފަހަރަކު އޮޅުވާލާފައި އެބަހުރި. ކުށެއްކުރިޔަސް ސަލްވާގެ ފަރާތުން އޭގެ އެކްސްޕެލޭނަޝަނެއް ބޭނުމީ. މިދުވަސްކޮޅު އެއްވެސް ކަމަކާއި ޑިޒިޝަނެއް ނެގުން ފަސޭހައެއްނޫން މަންމާ. އެކަމަކު ވިޝާމްއަށް މިގޭގައި ދެނެއް ނުހުރެވޭނެ. ޒެލްގެ މަރުގެ ފަހަތުގައި އޭނަ ހުއްޓަސް ނެތަސް ވިޝާމް ޖެހޭނީ މިގެއިން ދާން..............." ހައިކަލް ހުރީ އޭނަގެ ގޮތުގައި ސާބިތުވެގެންނެވެ. ސަލްވާގެ ދުލުން އިވިގެން ނޫނީ އޭނަ އެކަން ގަބޫލެއްނުކުރާނެއެވެ. ވާރޭ ވެހެން ފެށުމުން އެމީހުން ހިޔަލަށް ވަންއިރު ސަލްވާ އެގަހުގެ ފަހަތުގައި އަބުރައިގެން ވެއްޓިފައި އޮތްކަމެއް ނޭގުނެވެ.

ސަލްވާ ހޭވެރިކަންވީ ހިމަފޮދު ވާރޭގެ ތިކިތަކުން ތެމި ފިނިކަން ލިބުމުންނެވެ. އޭނަގެ ހާލާއިމެދު ހަމްދަރުދީވެ ވާރޭވެސް އެތުނި ހަށިގަނޑުގައި ފިރުމާދީ ހޭހަންކުރަނީކަން ނޭގެއެވެ. ސިކުނޑިއަށް އަރާމު ލިބި ދެލޯ ހުޅުވައިލެވުނެވެ. ފަތްތަކުން ތިކިތަޅަމުން ދިޔަ ވާރޭތިކިތަކަށް ބަލަން އޮތްވާ މަޑުމަޑުންގޮސް އޮވެވުނުތަން އިހުސާސްވިއެވެ. ބިންގަނޑުގެ ހަރުކަމާއިއެކު ގަޔަށްތަދުވިއެވެ. ތެދުވާން އުޅެނިކޮށް ކަންފަތުގައި ގުގުމަންފެށީ ހައިކަލްގެ ޖުމްލަތަކެވެ. ހައިކަލް އޭނަގެ މަންމަމެން ކައިރީ ބުނީ އޭނަ ގެއިން ބޭރުކޮށްލާ ވާހަކައެވެ. ބައްޕައާއިއެކު ހެދި ޑީލްގެ ވާހަކައެވެ.

ކައިވެނީގެ ކުރީކޮޅު ދުވަސްވަރު ކަންތައް ހިނގިގޮތް ހަދާނުގެ މަޑިކިލަބުގައި ކޮށްޓާލައިފިއެވެ. ހައިކަލްގެ ދުލުން އެވާހަކަ އިވުމުން ސަލްވާގެ ހިތް އެތައް ސަތޭކަ އެތިކޮޅުތަކަކަށްވެގެން ހިގައްޖެއެވެ. އޭނަ ހައިކަލްއަށް ކުރިހާ އިތުބާރަކާއި ޔަގީންކަމެއް އެއްފަހަރާ ނެތިގެން ދިޔައީއެވެ. ދެކަކޫގެނެސް މޭގައި ޖައްސައިލިގޮތަށް ރޮއިރޮއިއިންއިރު ދެން ހަދަންވީގޮތަކާއިމެދު ވިސްނިއެވެ. މެހެރީނާގެ ރުޅިއާއި ޒައިތޫން އަދި ދައްތަމެންގެ ދުރުހިލޭކަމުގެ އަސްލު އޭނައަށް އެނގުނެވެ. އެއްވެސް މީހަކު މަރުހަބާ ކިޔަން ދެކޮޅުހެދީ ހައިކަލްގެ ފަރާތުން އެކަހަލަ އިޝާރާތެއްވެފައި އޮތުމުންނެވެ.

މި މުއްސަދިކަމާއި ގަދަރުވެރިކަމުން ޒައްރެއްގެ މިންވަރުވެސް އޭނަ ނޭދެއެވެ. އޭނަ އެދުނީ އެކަނި ހައިކަލްގެ ލޯތްބަށެވެ. އޭނަގެ ފިރިމީހާގެ ހިމާޔަތަށެވެ. ނަމަވެސް ހައިކަލްވެސް އެދިނީ ކެއްސެވެ. އޭނަގެ މަންމަ ބުނާއިރަށް އެހެރީ ގެއިން ނެރެލާށެވެ. އެއްވެސް ރަހުމެއްނެތް ހިލަ ހިތެކެވެ.

އެކަން އެނގުނުކަމަށް ނަހަދާ އޭނަވެސް މިގޭމުގައި ބައިވެރިވާނީއެވެ. ޑީލްހަދަން އެގޭނީ އެކަނި ހައިކަލްއާއި އޭނަގެ ބައްޕައަކަށް ނޫނެވެ. މުޅިދުނިޔެވެސް އޭނައާއި ދެކޮޅަށް ހަގުރާމަ އިއުލާންކޮށްފައިވާ ފަދައެވެ. އެންމެން އޭނައަށް މަލާމާތްކޮށް ހެމުންދާހެން ހީވިއެވެ. އޭނަ ބައްޕަ ކައިރިއަށްވެސް އަނބުރާ ދާކަށް ބޭނުމެއްނޫނެވެ.

"އައި ތޯޓް ހީ ލަވްޑް މީ ބަޓް އައި ވޯޒް ރޯންގް"

"ހައިކަލްދެކެ ވީ ލޯބީގެ އަގު ވަޒަން ނުކުރިތާގައި މަންމަމެން ކައިރީގައި އެހެރީ ކިޔާ އެއްޗެހި. ހިއުމިލޭޓްކޮށްފައި އެވާހަކަދެއްކީ. ލައިކް ހީޒް ޔޫޒިން މީ. ވަކި މުއްދަތަކަށޭ ކައިވެނިކުރީ. ހަމަ ޕްރޮސްޓިޓިއުޓެއް ފަދައިން ސްލީޕްކުރަން ގެންގުޅުނުކަން މިއެގުނީ. ވީއިރު މުޅިންވެސް އެކްޓްތާ. އެހެންވެކަން ނޭގޭ ދުވަހަކުވެސް ލޯބިވަމޭ ނުބުނީ. ހައިކަލްއަށް ހާދަ ގަދަރެއް ކުރީމޭ. ހާދަ ލޯތްބެއްވީމޭ. އަމިއްލަ ފުރާނައަށްވުރެވެސް ލޯބިވިން. އެހާ ގަދަރުވެރި ޒިންމާދާރު މީހަކު ފަހަރެއްގައިވެސް މިކަހަލަ ކަޑަކަމެއްކޮށްފާނެ ކަމަކަށް ހިޔެއްނުކުރަން. ކައިވެންޏަކީ ޑީލަކަށް މީހުން ކުރާކަމެއްވެސް ނޫން. ކާކަށް އިތުބާރުކުރާނީ؟ ބައްޕަވެސް ހައިކަލްއާއި އެއްބައިވީ. އެއްވެސްކަމެއް ރޭކާނުލައި ހުރިހާ ފޮނި އުއްމީދުތަކާއި ހުވަފެންތަކެއް ހައިކަލްއާއިއެކު ބިނާކުރީ. ނިމުނުއިރު އެލޯބީގެ ގަނޑުވަރުވެސް ކުދިކުދިވެއްޖެ. މިހާރު ދެން ދާނީ ކޮންތާކަށް؟ އެކަމަކު އެގޭކަމަކީ އަންވޯންޓެޑް ތަނެއްގައި އެންމެ ހިދުކޮޅަކުވެސް ހުންނަން މިހިތް ނޭދޭކަން. ނަމަވެސް... އެގޭހާވެސް އެއްޗަކީ.. މުޅި އުމުރަށްވެސް ހައިކަލް ދެކެ ލޯބިވާނެކަން. ވަރަށް ބޮޑަށް ލޯބިވާކަން...."

"ހައިކަލް ކީއްވެ މިގޭގައި ނުބަހައްޓާނަމޭ ތިބުނީ. ކުޑަކޮށްވެސް ދެރައެއްނުވޭތަ؟ ހައިކަލްއާއިހެދި މޮޔަވާވަރު ކޮށްފައި ދުރަށް ފޮނުވާލަނީ ކީއްވެ؟ ކިހިނެއް ހައިކަލްއާއި ވަކިން އުޅޭނީ. އަހަރެން މަރުވެދާނެ. ހިތްހަލާކުވެދާނެ. ހައިކަލްއާއި ނުލައި ދުނިޔޭގައި އުޅޭނެ ގޮތެއް ހިތަށްވެސް ނުގެނެވޭ ނަމަވެސް ހައިކަލް އަހަންނަށް ބޭނުމެއްނުވާއިރު މިގޭގައި ހުންނަން ކެރޭނީ ކިހިނެއް. މެހެރްދައްތަމެން އަހަރެން މަރާލަފާނެ.........." ސަލްވާގެ ލޮލުން ކަރުނަ އޮހެމުން ދިޔައީ ހިފަހެއްޓުމެއްނެތިއެވެ. ހިތަށް ކުރާ ބާރު ބޮޑުކަމުން ހިތްފަޅިފަޅިވެދާނެފަދައެވެ. އޭނަ އުޑާއި ދިމާލަށް ބަލަމުން ދުޢާކުރިއެވެ.

މިގެއިން ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ކުރިމަތިވެ ހިތުގައި ލަކުނު ލެއްވިއިރުވެސް އޭނަގެ ހުރިހާވެސް ހިތްވަރަކަށްވީ ހައިކަލްއެވެ. އެންމެން ދެރަކޮށްލިޔަސް ހައިކަލް އޭނައާއިއެކު ވާނެކަމަށް އޭނަ އުއްމީދުކުރިއެވެ. ހައިކަލް އޭނައަށް އިތުބާރުކުރާނެކަމަށް ހީކުރިއެވެ. އޭނަގެ ހުރިހާވެސް އެއްޗަކީ ހައިކަލްއެވެ. އުފަލަކީ ހިތްހަމަޖެހުމަކީވެސް އެއީއެވެ. ނަމަވެސް އެންމެ ފަހުން ހައިކަލްވެސް އޭނަގެ ލޯބީގެ ދުނިޔެއިން ނެރެ އެއްލައިލަނީއެވެ.

"ޒެލް ހުރިނަމަ. އެ ސްވީޓް ސްވީޓް ޒެލް ހާދަ އަންޑަސްޓޭންޑިންއޭ. ހާދަ މިސްވެއޭ.......ކިހިނެއް ކެތްކުރާނީ؟ ޒެލް އެނބުރި އަންނާނެނަމަ......." އަޒަލް މަތިން ހަދާންވެފައި ސަލްވާއަށް އަދި މާ ބާރަށް ރޮވުނެވެ. ނަމަވެސް ކަރުނަތަކުން ކުރާނެ ކަމެއް ނެތެވެ. އަޒަލްވަނީ އަބަދަށްޓަކާ މި އަނިޔާވެރި ދުނިޔެއާއި ވަކިވެގެންގޮސްފައެވެ. އޭނައަށް އެހީވާކަށްވެސް ނާންނާނެއެވެ.

ދުނިޔެއިން ބާކީވިޔަސް އޭނަ ހެއްދެވިފަރާތް މަތިން ހަދާން ނައްތައެއްނުލައެވެ.

އުއްމީދުގެ ހުޅުކޮޅު ނިވިޔަނުދީ ހިފެހެއްޓީ އޭނަގެ އީމާންތެރިކަމެވެ.

މާއިޒް ވިޝާމްއަށް ލަފާދިނީ މެޑިކަލް ބޯޑަށް އޭނަގެ ކޭސް ހުށަހެޅުމަށެވެ. އެއްގޮތަކަށްވެސް އަރީންމެން ބޭނުންވާގޮތަށް ހުރިހާ ކަމެއް ހިނގިޔަދީގެން ނުވާނެއެވެ. ކުށެއްނެތް މީހުން ނަހަމަގޮތުގައި ވަޒީފާއިން ވަކިކޮށްލާއިރު އެމީހުންގެވެސް ހައްގުތަކެއް އޮންނާނެއެވެ. ކޯޓަށް ދާން ޖެހުނަސް އެކަންވެސް ކުރަން މާއިޒް ހިތްވަރުދިނެވެ. އަރީންމެންނަކީ އަމިއްލަ އާއިލާވިޔަސް އެފަދަ ދަށުދަރަޖައިގެ އަމަލުތައްކުރާތީ މާއިޒްގެ ހިތުގައިވަނީ ނަފްރަތެވެ. މަންމައާއި ދެބެންގެ ދެދަރިމީހަކަށް ވިއޭ ކިޔާފައި އަނިޔާވެރިކަމަށް އޭނަ ފުރުސަތެއް ނުދޭނެއެވެ. މާއިޒް އެކި ކަންތައްތަކުގައި އަވަދިނެތި އުޅޭއިރު އޭނަ އަޒަލްގެ މަރާއިމެދު ހިތާމަކުރާހެނެއް އެއްވެސް މީހަކަށް ބަލާފައެއް ނޭގޭނެއެވެ. އެހާވެސް މީހުންގެ ތެރޭގައި ހިތްވަރުގަދައެވެ. ކެތްތެރިކަމުގެ ނަމޫނާއަކަށްވެގެން އެހެން މީހުނަށް އޭނަ ހިތްވަރުދިނެވެ.

ކޮޓަރިއާއި ހަމަޔަށް ގޮސްފައި މާއިޒްގެ ނަޒަރު ދަތުރުކުރީ ޓީވީ ރެކްމަތީގައި ހުރި ފޮޓޯފްރޭމް ތަކަށެވެ. އޭނައާއި އަޒަލް އެކީގައި ނަގާފައި ހުރި ފޮޓޯއެއް ނަގާފައި ބަލަން އިރުކޮޅަކު ހުއްޓާ ތަސްވީރު ފުސްވީ ލޮލަށް ޖަމާވި ކަރުނުންނެވެ. އަޒަލް އެކި މުނާސަބާގައި ދީފައި ހުރި ކުދި ކުދި ހަދިޔާތައް އަލަމާރިއާއި ރެކްމަތިން ފެންނާން ހުރުމުން ހިތަށް ކުރުވީ ބަޔާންކުރުން ދަތި އަސަރުތަކެވެ. އަޒަލްގެ ލާނެތް ސަކަރާތާއި ސަކަކަން ކަމުން ކޮށްލާ ކަންތައްތައް ދުވަހަކު ހިތުން ފޮހެވިގެނެއް ނުދާނެއެވެ. ދުވަހަކުވެސް އޭނަގެ ބާތުޑޭއެއް އަޒަލް ހަދާން ނައްތައެއްނުލާނެއެވެ. އެންމެކުރިން ވިޝްކުރާކުއްޖަކަށް އޭނަވާނެއެވެ. ކޮއްކޮއެއްގެ ގޮތުގައި ދެކުނު އެންމެ ފުރާނަވެސް ދުނިޔެއާއި ވަކިވެގެން އެދިޔައީއެވެ. މާއިޒް ސޯފާއަށް ބަންޑުން ވެއްޓިގަތް ގޮތަށް އެތައް އިރެއްވާންދެން ހަރަކާތެއް ނެތި އޮތެވެ.

ވިޝާމް ބައްޕައަށް ގަނެގެން ގެނައި އެއްޗެހިދޭންވެގެން އެކޮޓަރިއަށް ވަންއިރު ބައްޕަ އޮތީ ކުކުރާލަ ކުކުރާލައެވެ. ކޮޓަރިތެރެ ފިނިކޮށް އޮތްނަމަވެސް ބައްޕަގެ މޫނުމަތީގައި ދާތިކިތައް ފާއްދާލާފައި ހުއްޓެވެ. ތަނަކަށް ތަދުވެގެން އުޅޭފަދައެވެ. ވިޝާމްއަށް ބައްޕަގެ ހާލު ދެރަކަން އެނގި އެމްބިއުލެންސަށް ގުޅިއެވެ. އަދި ސީޕީއާރުދޭން އުޅުނެވެ. ބައްޕަ ބުނީ މަންމައަށް އާދޭސްކުރުމުންވެސް ވިޝާމްއަށް ގުޅައިނުދިން ކަމަށާއި މެޔަށް ތަދުވެގެން އުޅޭތާ ގިނަ އިރުވެއްޖެ ކަމަށެވެ. އަދި ވިޝާމްގެ މަންމައަށް ވިޝާމް ދުނިޔޭގައި ހުރިކަން ނޭގޭނެ ކަމަށާއި މަންމައާއި ވަކިކުރެވުނު ކަމަށްޓަކާ މާފަށް އެދުނެވެ. މަންމަ ހުރި ރަށްވެސް އެކޮއްކޮ ވިޝާމް ކައިރީގައި ބުނެދިނެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ މާ ގިނައިރުނުވަނީސް ބައްޕަ ނިޔާވިއެވެ. ވިޝާމްގެ ބައްޕަ މިދުނިޔެއާއި ވަކިވެގެން ދިޔައީ ކުރިއަށް ފިޔަވަޅެއް އަޅަން މަގެއް ދައްކާދީފައެވެ. އޭނަގެ ހަޔާތުގެ އުފާވެރިކަން އަނދާ އަޅިއަށްވިތަނާހެން ކުޑަކުޑަ އުފާވެރިކަމެއް ހިތަށް ލިބިއްޖެއެވެ. މަންމަ ދުނިޔޭގައި ހުރިކަން އެނގިފައި އުއްމީދުގެ ހުޅުކޮޅު ދިއްލިއްޖެއެވެ.

ބައްޕަގެ ކަށުކަމާކެމީގެ ކަންތައް ނިންމުމަށްފަހު މާއިޒް އެދިގެން ވިޝާމް ބަދަލުވީ މާއިޒް އުޅޭ އެޕާޓްމެންޓަށެވެ. ހަގީގަތުގައި އެކުވެރިޔާގެ އެހީ ނުލާ މިވަގުތު ވިޝާމްއަށް އުޅެވޭނެ މަގެއް އަދި ނެތެވެ. ވިޝާމް ވައުދުވީ އަމިއްލަ ހަށިގަނޑު ވިއްކާލައިގެން ނަމަވެސް އޭނަ މާއިޒްގެ އެހީގެ ބަދަލުދޭނެ ކަމުގައެވެ.

ވިޝާމް ފުރަންވެގެން ޗެކިންއަށް ވަދެފާ ހުއްޓާ ސަލްވާގެ މެސެޖެއް ލިބުމުން ހައިރާންކަމެއް ލިބުނެވެ. އޭނަ މިވޭތުވެދިޔަސް މަސްތަކުގައި ސަލްވާއަށް ފޮނުވި މެސެޖްތަކުގެ އަދަދު އެތައް ހާހަކަށް އަރާނެއެވެ. ކޮންމެ ދުވަހަކު އޭނަ ކިތަންމެފަހަރު މެސެޖްކޮށް ލޯބިވާކަން އެކިގޮތްގޮތަށް ފާޅުކުރެއެވެ. ނަމަވެސް ސަލްވާ މިގޮތަށް ޖަވާބުދީފައެއް ނުވެއެވެ.

"ވިޝާމް. އައި ނީޑް ޔޯ ހެލްޕް.. އާޖެންޓްކޮށް...." ސަލްވާގެ މެސެޖާއިއެކު ވިޝާމްގެ މާޔޫސްކަމުން ފުރިފައިވި މޫނު އުޖާލާވެ ދެލޯ ދިއްލިގެން ދިޔައީ ބަސްބުނާ ހިދުކޮޅެއްގެތެރޭގައެވެ.

އެންމެ ހިނދުކޮޅެއްވެސް މަޑުކޮށްލުމެއްނެތި އޭނަ އެތަނުން ނުކުމެގެން ދުއްވައިގަތުމުން އޭގެ ކުރިންވެސް ސަމާލުކަން ލިބިފައިވި ވިޝާމްއަށް އެންމެންގެ ނަޒަރު ހުއްޓުވާލިކަމަކަށެވެ. މި ރީތި ޒުވާނާ މޮޔަވީބާވައޭވެސް ހިތަށް އެރިއެވެ. ނަމަވެސް މޮޔައަކާއި ވައްތަރެއްނޫނެވެ. ރާއްޖެއިން ނުދެކޭފަދަ ރީތި ހަށިގަނޑަކާއި މޫނެކެވެ. ހިތްތައް ހަލާކުކޮށްލާފަދަ ސިފަތަކެއް ލިބިފައިވެއެވެ. ވިޝާމް ދުވަމުން ދުވަމުންގޮސް ފެރީ ޓިކެޓެއް ގަނެލުމަށްފަހު ފެރީއަށް އެރިއިރު އޭނަގެ ހިތް އަވަސްވެފައިވާލެއް ބޮޑުކަމުން ބޭރަށް އިވޭނެއޭ ހިތަށް އެރިއެވެ. އޭނައަށް ވެވޭނެނަމަ އުދުހިފައި ސަލްވާގެ ކައިރިއަށް ދިޔައީހެވެ. ސަލްވާގެ ކޮންމެ ކަހަލަ ބޭނުމެއް އޮތަސް އޭނަގެ ފުރާނަ އަތަށް ލައިގެންވެސް އެކަންކޮށްދޭނެއެވެ. އެފަދަ "ހެލްޕް"އެއްގެ އިންތިޒާރުގައި ހުރެ އޭނަ ދުނިޔޭން ނިމިގެންދަނީއެވެ. ސަލްވާ އޭނަ ކައިރިން އެހީއަށް އެދޭނީ ދިމާވި މުސީބާތެއްގެ ބޮޑުކަމުންނޭ ހިތަށް އަރާފައި ފިކުރުބޮޑުވެ ގަޑިއަށް ބަލައިލެވުނެވެ. އަދި ސަލްވާގެ ފޯނަށް މެސެޖެއްކޮށްލިއެވެ. ހުރި ތަނެއް އަހައިލިއެވެ.

"ޕޫލްކައިރީ މިހިރީ.. އިޓްސް މައި ލާސްޓް ޓައިމް ހިއަރ..." ސަލްވާ ބުނެލިއެވެ.

"އަހަރެން މިހިރީ ފެންނަ ހިސާބުގައި. ފުންމާލައިފިއްޔާ ލިބޭ އަހަރެންގެ ފަރާތުން ލިބޭ އަދަބު ވަރަށް ބޮޑުވާނެ އިނގޭ.........." ވިޝާމް އިންޒާރުދިނެވެ. ވިޝާމްގެ ހިތް އަވަސްވެފައިވާވަރުން އިނގިލިތައްވެސް ރޫރޫ އަޅައެވެ. ސަލްވާ އެހެންއެބުނީ ކޮން މާނައެއްގައި ބާވައެވެ. ސަލްވާ އަމިއްލައަށް މަރުވާން އުޅެނީހެއްޔެވެ؟ ފެރީ ހާބަރާއި ކައިރިނުކުރަނީސް އެ ބަރު ބެކްޕެކާއިގެން ފުންމާލުމުން އަންހެންކުދިންތަކެއް އަދި ޑްރެމެޓިކްކޮށް ހަޅޭއްލަވާ އަޑުގަދަކުރިއެވެ. ނަސީބަކުން މޫދުގައި ނުޖެހި ގާމަތީގައި ފައި ޖެހުނެވެ. ކާރެއް ހުއްޓުވާފައި އަވަހަށް އެރިގޮތަށް ޑްރައިވަރު ކައިރީ އެދުނީ ވީހާވެސް އަވަހަށް ރޯޒްމެހެލްއަށް ގެންގޮސްދިނުމަށެވެ. މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ދަނޑިވަޅެއްކަން އެނގި އޭނަވެސް ވީހާ އަވަހަށް އެތަންކޮޅު ކަޑައްތުކުރަން މަސައްކަތްކުރިއެވެ.

ސަލްވާ ހުރީ ކަޅުހެދުންލައިގެން މޫނު ފޮތިކޮޅުވެސް އަޅައިގެންނެވެ. ނުވީތާކަށް މިއަދު އަވިއައިނެއް އަޅާފައި ހުރުމުން އެރީތި ދޮންމޫނު ފެނުމުގެ އުފަލެއް ވިޝާމްއަކަށް ނުލިބުނެވެ. އުޑުމަތި ބަނަކަމާއިއެކު ވައިގެ ހަމަލާ ގަދަކަމުން ކައިރީގައި ހުރި ގަހުގެ ގޮފިތައް ހޫރިގަންނައިރު އެގަސް ބިންމަތީގައި އިރުކޮޅަކަށް ހުރުމަށްވެސް ނުކުޅަދާނަވެފައިވެއެވެ. ވަޔާއި ހަގުރާމަކުރުމުގައި ޝަހީދުވެގެންދާ ފަތްތައް އެކިދިމާލުގައި ގިނަވެ ފުނިޖެހެމުންދާއިރު ޚަރީފުގެ މަންޒަރެއްފަދައެވެ. ސަލްވާ މޭގައި އަތް ބޮނޑިކޮށްލައިގެން ހުރިއިރު އެދޮން ހިމަ އިނގިލިތައް ތުރުތުރުލައެވެ. ވިޝާމްގެ މެސެޖް ފެނިފާ ސަލްވާ އެހާލުގައި ހުރެވެސް ހެވުނެވެ. ވިޝާމް އޭނަގެ މެސެޖުން ނުބައި މާނައެއްނެގީއެވެ. އަމިއްލައަށް މަރުވާން އުޅޭކަމަށް ހީކުރެވުނީއެވެ. ނިކަމެތި ހާލުގައި ބިމުގައި ފަންޏެއްހެން ދެމިދެމި އޮންނަން ޖެހުނަސް އޭނަ އަމިއްލަ ފުރާނަ ނުއަގުގައި ދުއްވައެއްނުލާނެއެވެ. މިއަށްވުރެ ނިކަމެތިކަމާއިއެކު ދުނިޔޭގައި އުޅެ ނިމިގެންދާ މީހުން ސަލްވާވަނީ ދެކެފައެވެ.

"ސަލްވާ. އާ ޔޫ އޯލްރައިޓް؟ " ވިޝާމްގެ ހިތްއެދުނީ އޭނަގެ މޭގައި އަބަދަށްޓަކާ މި ރީތި އަންހެންކުއްޖާ ފޮރުވައިލުމަށެވެ. އަބަދަށްޓަކާ އެ އަތުގެ ހިމާޔަތްދިނުމަށެވެ. ނަމަވެސް ސަލްވާއާއި އޭނައާއ ދޭތެރޭގައިވާ ފާރު އިތުރަށް އުސްވެދާނެފަދަ އެއްވެސް ކަމެއްކުރާކަށް އޭނަ ތައްޔާރެއް ނޫނެވެ.

"އެއްވެސް ކަމަކަށް އުއްމީދުނުކޮށް އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ " ސަލްވާ އަހައިލިއެވެ.

"ސަލްވާއާއި ހެދި އެއްވެސް ކަމަކަށް ހޯޕްނުކުރަން ދަސްވެއްޖެ......"ވިޝާމް އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔާލައިފިއެވެ. ފިނިވެފައިވާ ދެއަތްތިލަ ޖިންސްގެ ޖީބަށް ޖަހާލުމާއިއެކު ފުން ނޭވައެއް ދޫކޮށްލިއެވެ.

ސަލްވާ ނޭފަތްދަމައިލިގޮތުން އޭނަ ރޮނީކަން އެނގުނުވަގުތު ވިޝާމްގެ ހިތްވެސް ހުއްޓުނުފަދައެވެ.

ކޮމެންޓް 0