އާޒީން އެކޮތަޅުތައް ހިފައިގެންގޮސް ކޮޓަރިއަށް ވަންތަނާހެން ފަހަތުން މީހަކު ގޮވައިލިހެން ހީވެގެން އެނބުރި ބަލައިލިއިރު ފަހަތުގައި ޖައްސާލާފައި ހުރީ ބޮޑުދައިތަ މެހެރީނާއެވެ. އާޒީންގެ މޫނުގެ ކުލަ އޮއްސުމާއިއެކު ހިންދިރުވައިލިއިރު ހީވީ ކަރުތެރޭގައި އެއްޗެއް ތާށިވެފައި އޮތްހެންނެވެ. މެހެރީނާ އުޅުނީ އެ ކޮތަޅުތައް ޖަހައިގަންނާށެވެ. އާޒީން ދޫކޮށް ނުލުމުން ހީވީ ހަމަ ޖަހާފާނެހެންނެވެ. އާޒީން ހާސްވެ ހަދާނެގޮތް ހުސްވިތަނާ ފަހަތުން މާއިޒް އައެވެ.

"އެކްޗުއަލީ ތިއީ މެހެރްދައްތަ އަދި އާޒްގެ އެއްޗެއްވެސް ނޫން. މީހެއްގެ އެއްޗަކާހެދި ތިހާވަރު ވާކަށް ނުވާނެ. ގެނޭ....." މާއިޒް އެއައި ބާރުމިނުގައި ގަދަކަމުން ކަހަލަގޮތަކަށް އާޒީންގެ އަތުން ހޯދުމާއިއެކު މެހެރީނާ މާއިޒްއާއި ދިމާކޮށްލިއެވެ. ބޮޑުދައިތަ އުޅޭގޮތުން ހާނިއްކައެއް ވެދާނެތީ ބިރުގަތަސް އޭނަ އުޅުނީ ވިސްނައިގެންނެވެ.

"މާއިޒް. މިބުނަނީނު ތި ގެންގޮސްގެން ނުވާނޭ....."

"ވިޝާމްއާއި އެއްކޮޅަށް މާއިޒް ހުންނައިރު ލަދެއްނުގަނޭތަ؟ ދައްތަގެ ދަރިއަކަށްވިޔަސް ބައްޕައަކީ ބަލަ އެ ވިޝާމްގެ ވެސް ބައްޕައޭ. އެހެންވެ އެ ފިރިހެނާއަށް މަދަދުކުރަނީ. މާޒްވެސް ދެން އުޅޭ ވައްތަރަކުން ބޯ ހަލާކު. މީގައި ހުރި ހަގީގަތް އެގިގެން ދޮންބެ އަނެއްކާ އެކަހަލަ ރާއްޖެތެރޭ އަންހެނަކު ގެއަށް ވައްދާތަން ބަލާކަށް އަހަރެން ބޭނުމެއްނޫން. ގެނޭ......"މެހެރީނާ ގެ މޫނު އަނގުރުކޮޅެއްހެން ރަތްކޮށްލާފައި މާއިޒްއާއި ކައިރިއަށް ޖެހުނެވެ.

"ސޮރީ އާންޓް. ވިޝާމްއަށް އަހަރެން އޮތީ ވައުދުވެފައި އޭނަގެ އެއްވެސް އެއްޗެއް މިގޭގައި ހުރިއްޔާ ގެނެސްދޭނެކަމަށް. ޒެލް ބަލިވުމާއިއެކު މެހެރްދައްތަ ޒެލްގެ ރޫމަށް ވިޝާމް ވަނަ ނުދީ ވިޝާމްގެ އެއްޗެއްވެސް ގެންދާކަށް ނުދިނީމެއްނު. ދޮންބެގެ ލައިފްގައި ޑިޒިޝަނެއް ނަގަންވީމަ މެހެރްދައްތައެއް ނޫނެއްނު އެކަންކުރާނީ. ހީޒް އޯލްޑާ ދޭން ޔޫ އަދި މާ ވިސްނުންތޫނުވާނެކަން ޔަގީން. ވީއިރު ހަގީގަތް ފޮރުވާކަށް ދައްތަ ނުޖެހޭނެ. މިއީ ވަރަށް ބޮޑު ގޯހެއް....." މާއިޒްގެ ޖުމްލަތަކުން އަދި ވަކިން ބޮޑަށް މެހެރީން ރުޅިގަދަވިއެވެ. ވަގުތުން އޭނަ ގުޅަންފެށީ ރޯޒްލީންއަށެވެ. މާއިޒް މަޑުނުކޮށް ހިނގައިގަތުމުން ފަހަތުންގޮސް ޓީޝާޓުގައި ހިފާދެމިއެވެ. އެވަރުންވެސް މާއިޒްގެ އަތުން އެ ކޮތަޅު ފޭރުމަށް ނުކުޅެދުނެވެ.

މާއިޒް ވިޝާމް އެގެއަށް ގެނައި ފޮށްޓާއި ހުރިހާ ސާމާނެއް ގެންގޮސް ވިޝާމްއާއި ހަވާލުކުރުމުން ވިޝާމް ހިނިތުންވެލިއެވެ.

"މިއީ ކޮންހާ ސިޓީތަކެއް؟ " އެކިމީހުންގެ ނަން ޖަހާފައި ހުރި ސިޓީތަކަކަށް ބަލައިލަމުން ވިޝާމް އަހައިލިއެވެ.

"ތިވެސްވާނީ ޒެލްގެ ނަމުގައި މެހެރްދައްތަ ލިޔާނެ ލެޓާސްތަކެއް. ޒެލްއަކަށް ނޭގޭނެ ދޯ އޭނަ މަރުވާނެ ދުވަހެއް. އެންމެނަށް ވަސިއްޔަތްކޮށްފައި ވަކިވަކިން ސިޓީ ލިޔާނީ މަރުވާ ދުވަހެއް އެގޭނަމައެއްނު. ރަގަޅަށްވިއްޔާ ދޮންބެއަށް އެޑްރެސްކޮށްފައި އޮތް ސިޓީގައި އޮންނާނީ ޒެލް މަންމައާއި އިންނާށޭ. މިއީ މުޅިންވެސް މެހެރްދައްތަގެ ޕްލޭން. ސަލްވާ އެގެއަށް ވަންފަހުން މެހެރްދައްތަގެ ވަޒީފާކަމުގައި ވެފައިވަނީ އެކަނި ސަލްވާއަށް ލަނޑުދޭން އެކި ޕްލޭން ރޭވުން. މިސިޓީތައް ދެއްކީމަ ބަސްޓްވެދާނެކަން އެނގުމީމަ މެހެރް ދައްތަ މި ފޮރުވީއޭ އަހަރެންގެ ހިތް ބުނަނީ. މީހަކާއި ޖައްސާލިޔަސް އެވަރު ބޮޑުކަން ނޭގޭ. މަންމައެއް ނޫން ސައިކެޓްރިސްޓަކަށް ދައްކަންވީ. މެހެރްދައްތަ......" މާއިޒްއަކީ ވިޝާމްގެ ބައްޕަގެ ދަރިއެއްކަން އެނގުމަށްފަހު އެދޭތެރޭގައިވާ ގުޅުމަށް އިތުރު ބަދަލެއް ނާދެއެވެ. ދެމީހުންގެ ދޭތެރޭގައި އޮންނަ ގާތް އެކުވެރިކަން އަދިވެސް އޮތީ ހަމަ އެހާ ވަރުގަދަކޮށެވެ.

ތިންއަހަރު ކުރިން މާއިޒްއަށްވަނީ އޭނަގެ މަންމައާއި މަންމަގެ އާއިލާ ބައްދަލުކުރުވާ އެދޭތެރޭގައި މައްސަލަ ހައްލުކުރާނެ ފުރުސަތުލިބިފައެވެ. މާއިޒް އެފުރުސަތުގެ ބޭނުން ރަގަޅަށް ހިފާ މާމަމެން ރުއްސިއެވެ.

ރޯޒްލީން ނޭވާއަށް އުދަގޫވުމާއި ފިޓްޖެހުންފަދަ މައްސަލަތަކާއިއެކު މީހާ ފަލަވެ ނޫޅެވޭވަރުވެގެން އުޅެނިކޮށް މާއިޒްއަށް ކޮންމެވެސް މީހަކު ލަފާދިނީ ރުގުޔާ ކުރުވުމަށެވެ. މެޑިކަލީ މާ ބޮޑު މައްސަލައެއް ނުފެނި ދެދުވަހުން އެއްދުވަހު އައިސީޔޫއަށް ވައްދާވަރަށް ހާލު ބޮޑުވަންޏާ ދެން އޮތް ހައްލަކީ އެއީ ނޫންހެއްޔެވެ؟ އޭރު އަބުދުލްއަޒީޒުއާއި ޒައިތޫންވެސް ވަނީ ރޯޒްލީން ގެއަށް ގެންގޮސްފައެވެ. އެމީހުންގެ ދަރިފުޅުގެ ހާލުދެކެފައި އެދެމީހުންގެ ލޮލުންވެސް ކަރުނަ އޮހުނެވެ. ރޯޒްލީންއަށް އޭރު މައިންބަފައިން ވަކިކުރާކަށްވެސް މާ ރަގަޅަކަށް ނޭގުނެވެ. ސިހުރުހާހޫރައިގެ ސަބަބުން ރޯޒްލީންވަނީ މުޅިން ހަލާކުކޮށް ދުނިޔެއިން ނެތިގެންދާން ކައިރިވެފައެވެ. އިސްމާއީލް ރުގުޔާ ކުރަން ފެށުމާއިއެކުހެން ރޯޒްލީން ވަރަށް ބޮޑުތަން ރަގަޅުވިއެވެ. އިސްމާއީލް ބުނިގޮތުން ރޯޒްލިން ގެ ހަށިގަނޑު ތެރެއަށް ވަދެގެން އުޅުނީ ނުލަފާ ކާފަރު ޖިންނިއެކެވެ. ރޯޒްއަށް ނަމާދު ނުކުރެވެނީވެސް އެކަމާއިހެދިއެވެ. އެހާ ފަލަވެ ބުރަހެލިވި ސަބަބަކީވެސް ޖިންނީގެ ދުއްތުރާތަކެވެ. ރޯޒްލީން މޮޔަކޮށްލައިގެން އެޖިންނި އުޅުނީ ރޯޒްލީންގެ ފިރިމީހާގެ ތިންވަނަ އަނބި ފާގިޔާ ކިޔާ އަންހެނަކު ސިހުރު ހަދައިގެންނެވެ. އެސިހުރުގެ ބާރުގަދަކަމުން ނައްތާލުން ވީ ހީކުރި ވަރަށްވުރެ އުދަގޫކަމަކަށެވެ. އެކަމުގައި އިސްމާއީލު ނެތިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ނަމަވެސް އިސްމާއީލްގެ އީމާންތެރިކަމާއި އަގީދާ ވަރުގަދަކަމުން އޭނަ އާއި ޖިންނިން ކުރި ވަރުގަދަ ހަނގުރާމައިގާ އޭނަ ކުރި ހޯދިއެވެ. ރޯޒްލީންގެ ހަށިގަނޑުތެރެއިން އެ ޖިންނި ނެރުމާއިއެކު ރޯޒްލީންއަށް ޖެހިފައިވި އުދަގޫ މުޅިން ފިލާ މީހާގެ ސިއްހަތު މުޅިން ހަމަޔަކަށް އެޅެން މާ ގިނަ ވަގުތެއްނުނެގިއެވެ.

އަބުދުލްއަޒީޒުމެން ރޯޒްލީން ގެންދިޔައީ އެމެރިކާއަށެވެ. އޭރު ހައިކަލްވެސް ދަރިފުޅު އަޒަލް މަރުވުމުގެ ހިތާމައާއި ގުޅިގެން މައިންބަފައިންގެ އެދުމާއި ދެކޮޅު ހެދުމެއްނެތި އެމެރިކާއަށް ފުރީއެވެ. ޒައިތޫން އަދި މެހެރީނާވެސް ގަބޫލުކުރަން ބޭނުންވީ އެހެން ގޮތެކެވެ. ރޯޒްލީންގެ ބަލި ފަސޭހަކުރީ އެމެރިކާގެ މޮޅު ނަފްސާނީ ޑޮކްޓަރުންނެވެ. އިސްމާއީލްގެ މޮޅުކަން ގަބޫލުކުރާކަށް އެމީހުންގެ ޟަމީރު ތަނެއްނުދިނެވެ. ޚާއްސަކޮށް މެހެރީންއެވެ. އެމީހުން ދެކުނީ އިސްމާލީގެ ޖިންނި ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތްކަމަށެވެ.

އެމެރިކާއަށް ގޮސްފައި މެހެރީނާ މާލެއައީ ރޯޒްމެހެލްގެ ވެރިކަން ކުރާހިތުން ކެތްނުވެގެންނެވެ. އެގެ ހިތަކަށް ލިބުނީއެވެ. ނަމަވެސް އަރީން ފަހަތު އަޅުވައިލިގޮތަށް ފާޑަކަށް ބްލެކްމެއިލްކުރަން ފެށުމުން މަޖުބޫރުވީ އަރީންއާއި ކައިވެނިކުރަން އާއެކޭ ބުނާށެވެ. އެހެން އެއްވެސް ގޮތެއް ނެތިގެން މެހެރީނާ ކައިވެނި ކުރުމަށްފަހު އަރީންގެ އެޕާޓްމެންޓަށް ބަދަލުވުމުންވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ބޭނުންވީވެސް ރޯޒްމެހެލްގައި ދިރިއުޅޭށެވެ. ހައިކަލްގެ ދިރިއުޅުމަށް ދެވަނަފަހަރަށް ސަލްވާ އައިސްދާނެތީ އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިފައިވާއިރު ދޭތެރެއަކުން ހުވަފެނަކުން ނަމަވެސް ސަލްވާ ފެނިލައެވެ. ހަސަދަވެރި ހިތަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއޭ ބުނާ އުސޫލުން މެހެރީނާގެ ހިތަށް ކޮންމެވެސް ކަހަލަ އުދަގޫތަކެއް ނުވާ ދުވަހެއް މަދުވާނެއެވެ. އެތިން އަހަރު ވޭތުވެގެން ދިޔުމަށްފަހު ސަލްވާ މާލެއިން ފެނުނުފަހުން މެހެރީނާގެ ހަޔާތަށް އަނެއްކާ ސުންޕާކަން ލައިގަތްކަމުގައި އޭނަ ހުރީ ނިންމައިގެންނެވެ.

މާލެއަށް ތޫފާނީ ރެއެކެވެ. ކެރިގަނޑުގައި އަންނަ ބާރު ވަޔާއިއެކު ދޭތެރެއަކުން ގުގުރާލާއިރު ހިތްތަކަށް ބިރުވެރިކަން ވަންނާނެއެވެ. ކޮންމެހެން ބޭނުމަކު ޖެހިގެން ނޫނީ އެއްވެސް މީހަކު މިފަދަ ރެއެއްގައި މަގުމައްޗަށް ނިކުމެއެއް ނޫޅޭނެއެވެ. އެންމެންވެސް ބޭނުންވެފައި ތިބޭނީ އެމީހެއްގެ ތަންމަތީގައި އަރާމްކޮށް ނިދީގެ ތެރެއަށް ގެނބިގަތުމަށެވެ. ހައިކަލް ކާރު ރޯޒްމެހެލްގެ ޕާކްކުރާތަނުގައި މަޑުކޮށްލާފައި ދުރު ދުރުގައި ފިޔަވަޅު އަޅަމުންގޮސް ފެންޑާއާއި އަރާހަމަވިއެވެ. ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަމުގެ ސަބަބުން ހޭލާއުޅޭ އެކަކުވެސް ނެތްކަން ޔަގީންވިއެވެ. ރޯޒްމެހެލްގައި މިހާރު ދިރިއުޅެނީ އޭނަގެ މައިންބަފައިންނާއި އާޒީން އަދި ރޯޒްލީންއާއި މާއިޒްއެވެ. އޭނަ އަމިއްލަ ގެއަށް ބަދަލުވާން އުޅެފައި އަދިވެސް އެއްކޮށް ބަދަލުނުވަނީ އެކަނިވެރިކަން އިހުސާސްކުރެވޭވަރުންނެވެ.

ސަލްވާ ނެތުމަށްފަހު ބުނަންނޭގޭފަދަ ފަޅުކަމަކާއި ހުސްކަމެއް އޭނަގެ ހަޔާތަށް ވެރިވެއްޖެއެވެ. އެތެރެއަށްވަދެފައި ހޫނު ކޮފީއެއް ހިފައިގެން ނުކުމެފައިވެސް ހައިކަލް އަށް މަޑުން އިދެވޭކަމަކަށް ނުވިއެވެ. ބައެއްފަހަރު ތަނެއްގައި އިށިދެފާނެއެވެ. ތަބަށް ލެނގިލައިގެން ހުސްކަމުގެ ތެރެއަށް ބަލަން ހުރެދާނެއެވެ. ވައިތަންކޮޅެއް މަޑުކޮށްލުމުން ހައިކަލް ފަޓުލޫނު ޖީބުގައިވާ ފޯނުނެގިއެވެ. އިރުކޮޅެއްވާންދެން ހުރެފައި އޭނަގެ ޟަމީރު އެންގީ ސަލްވާއަށް ގުޅުމަށެވެ.

"ނިދީތަ؟ " ހައިކަލް އަހައިލީ ގާތްކޮށެވެ.

"ވާރޭ ވެހޭ މަންޒަރު ބަލަން ބެލްކަނީގައި މިހިރީ....." ސަލްވާ ބުނެލިއެވެ.

"އެކަނިހުރެ ވާރޭ މަންޒަރު ބަލާކަށްނުވާނެ. ރޯޒްމެހެލްއަށް އަންނަންވީނު..." ހައިކަލް ދައުވަތުދިނެވެ.

"ނޫން ދެން ތިގެއަށް ވަންނާކަށް ނުކެރޭނެ....."

"ކުރީ ރޭ ދިމާވުމަށްފަހު އަހަރެން ވަރަށް ކައިރިން ސަލްވާ އުޅޭގޮތް އެބަބަލަން. އެރޭ ދެމީހުންނަށްވެސް ރަގަޅަށް ވާހަކަދައްކާލެވޭނެ ފުރުސަތެއް ނުލިބުނު. އެހާ ދުވަސްކޮށްފައި ދިމާވީމަ ހަމަހޭވެރިކަން ނެތީމަ ކަމަށްވާނީ. ހޫމް ސަލްވާ. ވަޓް އިފް އައި ސޭ އަހަރެންގެ އަންބެއްގެ ގޮތުގައި ހުރިއްޔާ އަހަރެންގެ ހުއްދައެއްނެތޭ ވިޝާމްއާއި އެއެއް ގެއެއްގައި އުޅޭކަށް......." ހައިކަލް މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.

"އެކަމަކު ތިން އަހަރުވީއިރު އަޅުގަނޑު އުޅުނުތަނެއް ބަލާކަށް ބޭނުމެއްނުވި. ވައި ނައު؟ އަޅުގަނޑަށް އެގޭ މެރީކުރި އިންޓެންޝަން. ބައްޕައާއި ޑީލެއް ހަދައިގެން އަޅުގަނޑު ގެންގުޅުނީ ޓޯއިއެއްގެ ގޮތުގައި. ބައްޕަވެސް ކަންތައްކުރީ އެހާ ދެރަކޮށް. ހީ ފޯސްޑް މީ ޓު މެރީ ޔޫ ޑޮކްޓަރ ހައިކަލް."

"އައި ހެޑް ސަމްވަން ހޫ ލަވްޑް މީ ސޯ މަޗް ދެން އެގޮތަށް ދިރުއުޅުން ހަލާކުކޮށް މިހާ ދެރަކޮށްލަންވީ ސަބަބެއް އަދިވެސް ނުވިސްނޭ......." އެދުވަހު ހިމޭންކޮށްފައި ހުރެފައި ސަލްވާ ހުރިހާ ޝަކުވާއަކާއި ރުޅިއެއް އެއްފަހަރާ ބާލަން އުޅެނީހެން ހީވިއެވެ.

"ފޯނުން ނޫންކަން ނޭގޭ މިވާހަކަދައްކަން ޖެހޭނީ. މީޓް މީ ސަލްވާ...."

ސަލްވާގެ ވާހަކަ ހުރިގޮތުން ހައިކަލް ހިތްހަމަނުޖެހޭގޮތްވިއެވެ. ސަލްވާގެ ނިންމުމެވެ. ސަލްވާ ދުރަށް ދިޔައީ ސަލްވާގެ ލޯބިވެރިޔާއާއިއެކުގައެވެ. ސަލްވާގެ ހިތުގައި ހައިކަލްއަށްޓަކާ ލޯބީގެ ޒައްރެއްގެ މިންވަރު އޮތްނަމަވެސް އެގޮތަށް ފިލައިގެންގޮސް ނޫޅެވޭނެކަން ގައިމެވެ. ލޯބިވީނަމަ ކޮންމެ ހާލެއްގައިވެސް ޚިޔާރުކުރާނީ ރޯޒްމެހެލްއެވެ. ބަދުނަސީބަކީވެސް ބައެއްފަހަރު އަމިއްލަ ނަފުސަށް ހޯދައިގަންނަ އެއްޗެކެވެ.

ސަލްވާގެ ބައްޕަ އިސްމާއީލް ހާޓްއެޓޭކެއްޖެހިގެން އެންޖިއޯގްރާމް ހެދިއިރު ހިތުގެ ލޭ ހޮޅިއެއް ބެދިފައި ހުރުމުން ސްޓެންޓެއް ލައްވަންޖެހުނެވެ. އެއަށްފަހު ޝިފްޓްކުރީ އައިސީޔޫއަށެވެ. ސަލްވާއަށް ބައްޕަ އޮތް ހާލު ފެނިފައި ދެލޮލުގައި ކަރުނަ ގިނަވެގެން ދިޔުމާއިއެކު އެ ބަލިކަށި އަތުގައި ހިފާލެވިއްޖެއެވެ. އޭނަގެ ބައްޕަ ކުރިން އެހާ ސިއްހަތު ރަގަޅުކޮށް ފެނުނަސް މިހާރު މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. ކުއްލިއަކަށް ބައްޕަގެ ޒުވާންކަން ކެނޑި އުމުރުން ދުވަސްވީ ވައްތަރު ޖެހިއެވެ. ވިޝާމް ސަލްވާއަށް އަންގާފައިވަނީ ބައްޕަ ކައިރީ ހިތްވަރުކުރުމަށެވެ. ނަމަވެސް ބައްޕަ ފެނުމުން ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ހިތާމައިންގޮސް ހިތް ކަޅިވިއެވެ.

"ބައްޕާ. އަޅުގަނޑަށް މާފުކުރައްވާ......"

"ކޮންކަމަކާ ދަރިފުޅާ؟ " އިސްމާއީލް ހީލިއެވެ.

"ތިންއަހަރުވީއިރުވެސް ބައްޕަގެ ހާލު ބަލާ ނުލާ އުޅެވުނީ......."

"ހައިކަލް ކައިވެނުކުރީ ޑީލަކުން ކަން އެނގުނީމަ އަޅުގަނޑު ބައްޕަދެކެވެސް ހިތްހަމަނުޖެހުނީ. އެހެންވެ މެލޭޝިއާއަށް ކިޔަވަން ދިޔަގޮތަށް ޑިގްރީ ހަދާ ނިންމާލާފައި މާލެމިއައީ...."

"އާނ ސަލްވާ ދަރިފުޅާ. ބައްޕަ އޭރު ދަރިފުޅަށް ރައްކާތެރިކަމާއި ހިމާޔަތްދޭން ވެގެން ކުރުވިކަމެއް. ޑޮކްޓަރ ހައިކަލްގެ ދަރިފުޅުގެ ފުރަމޭ ހަލާކުވެގެން ވަރަށް ބަލިވިކަން އެނގުމުން ބައްޕަ އެކުއްޖާއަށް އެހީތެރިވެދިނީ. ބައްޕަގެ ފުރަމޭ ހަދިޔާކުރީ. ފައިސާދޭން އުޅުމުން ބައްޕަ އެފަހަރު ނުހިފާ ދޫކޮށްލީ. އެކަމަކު ސަލްވާގެ މަންމަ ނިޔާވުމުން ބައްޕަމެންނާއިއެކު ނޫޅެވޭނެކަން އެންމެ ރަގަޅަށް އެނގެނީ ބައްޕައަށް. އެކަހަލަ ތަނެއްގައި ސަލްވާ ކަހަލަ އަންހެންކުއްޖަކަށް ރައްކާތެރިކަން ލިބުމަކީ ވާނެކަމެއްނޫން. އެހެންވެ ބައްޕަ ޑޮކްޓަރ ހައިކަލްއާއި ބައްދަލުކުރީ. އިހުސާންތެރިކަމުގެ ބަދަލަކަށް ދަރިފުޅު އަންބެއްގެ ގޮތުގައި ބައިންދަން ބައްޕަ އެދުނިން. ބޭނުން ރޮގަކުން ތައުލީމް ހާސިލް ކުރަން ފުރުސަތުދޭން އެދުނިން. ދަރިފުޅު ނިމުމުން ބޭނުން މީހަކާއި ކައިވެނިކުރެވޭނެ ގޮތަށް އެކަން ކުރީ. ވަރަށް އިތުބާރުކޮށްފައި އެކަން ކުރުވީ އެފަދަ މާތް ބަޔެއްގެ ތެރޭގައި ދަރިފުޅަށް ހުރިހާ އެއްޗެއް ލިބޭނެކަމުގެ ޔަގީންކަން އޮތީމަ. ޑޮކްޓަރ ހައިކަލް ފުރަތަމަ ހުރީ އެއްބަސްވާގޮތަކަށް ނޫން..ދަރިފުޅާ. ބައްޕައާއި ހައިކަލްވެސް އެފަދަ ނިންމުމެއް ނިންމީ ދަރިފުޅަށް ދެރައެއްދޭކަށް ނޫން. މިއަދު ދަރިފުޅަށް ތިހިރީ ކިޔެވި އަމިއްލަ ފައި މައްޗަށް ތެދުވެވިފާ. މިހާރު ބައްޕައަށް ހަމަ އެންމެ ރަގަޅު ވިޝާމްއާއި ކައިވެނިކުރިޔަސް. ސަލްވާ ބޭނުން ކޮންމެ ފަރާތެއް ޚިޔާރުކުރުމުގެ މިނިވަންކަން އެބައޮތް. ކިޔަވައިގެން ހުރުމުން އިރާދަކުރެއްވިއްޔާ ނިކަމެތި ބަލިކަށި އަންހެނަކަށް ނުވާނެ....."

"އޭރު ވިޝާމް ވަޒީފާއެއްނެތި ލާހޫރެމުން ދިޔަސް މިހާރު އެއީވެސް ޒިންމާދާރު ޑޮކްޓަރެއް ދަރިފުޅާ. ބައްޕަ ދަރިފުޅު ހައިކަލްއާއި ނުދެވިނަމަ މިހާރު ތިއުޅޭ އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަން ނޭގޭ........"

ސަލްވާ އެހުރިހާ އަޑުތަކެއް އަހަން އިނީ ހުއްޓުން އަރާފައެވެ. ވީއިރު އެކަންތައް އެހިނގީ އޭނަ ހީކުރިގޮތަކަށް ނޫނެވެ. ހައިކަލް އޭނައާއި ދުރުން އުޅުނީ ބައްޕައަށް ވެފައިވާ ވައުދު ފުރިހަމަކޮށްދިނުމުގެ ގޮތުންނެވެ. މަޑުމަޑުންގޮސް ހައިކަލްއާއި އޭނަގެ ގުޅުމުގައި އެހެން ކުލައެއް ޖެހިފައިވާކަން އަދި ބައްޕައަކަށް ރޭކާނުލައެވެ. އަދި އެދެމަފިރިންގެ ދަރިއަކު ހުރިކަންވެސް ބައްޕައަށް ވަނީ ފޮރުވިފައެވެ. ބައްޕަ ހީކުރަނީ އޭނަ އަދިވެސް ދިރިއުޅެނީ ހައިކަލްއާއި އެކުގައި ކަމަށެވެ. ބައްޕަގެ ކާފަދަރިއަކު ހުރިކަން އެނގިއްޖެއްޔާ އުފަލުންގޮސް އެބަލިކަށި ހިތަށް ދެވަނަ ފަހަރަށްވެސް ހަމަލާއެއް އަތުވެދާނެއެވެ. އަދި އެހާ އަވަހަށް އެ ޚަބަރުދޭކަށްވެސް އޭނަ ބޭނުމެއްނޫނެވެ. ބައްޕަ އިހަށް ރަގަޅުވިޔަދޭށެވެ.

ވިޝާމްއަށް އެޑްރެސްކޮށް އަޒަލް ލިޔެފައިވާ ސިޓީ ހިފައިގެންގޮސް އޭނަ އެނދުގައި ހަމަޖެހިލައިގެން އޮށޯވެލިއެވެ. އެސިޓީ ލިޔެފައިވަނީ އިނގިރޭސިބަހުންނެވެ. އަސަރުން ފުރިފައިވާ އިބާރާތްތަކެވެ. ހަޔާތުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާކަން އެނގިހުރެ އަޒަލް މިވަނީ އޭނަގެ ހިތުގެ އަޑު ވިޝާމްއަށް އިއްވާފައެވެ. ސިޓީ ކިޔަމުންދިޔަ ވަރަކަށް ވިޝާމްއަށް ލިބުނު ހައިރާންކަން ބޮޑުވެ ޝޮކެއްގައި އިނދެވުނެވެ. އަޒަލް އޭނަދެކެ ލޯބިވާކަމަށް އޭނަ ދުވަހަކުވެސް ހީކޮށްފައެއް ނެތެވެ. އެހާ ވަރަށް ޖެއްސުންކޮށް ގޯނާކުރީ ލޯބިވާތީކަން މިއެގުނީ ވަގުތު ފާއިތުވީފަހުންނެވެ. އަޒަލްގެ ޝަކުވާތަކާއި އިހުސާސްތައް އޭނަގެ ހިތަށްވެސް އަސަރުކުރުވައިފިއެވެ. އޭނަދެކެ މިދުނިޔެއިން ތެދުވެރި ހަގީގީ ލޯތްބެއްވީ އަންހެންކުއްޖަކީ ސަލްވާ ނޫންކަމާއި އަޒަލްކަން ސާބިތުވެއްޖެއެވެ. އަޒަލް ދުނިޔޭގައި ނެތަސް އެކުއްޖާ އޭނަގެ ހިތް ރޮއްވާލައިފިއެވެ. ދެލޮލަށް ކަރުނަ ގެނުވައިފިއެވެ. އަޒަލް ހިތާއި ފުރާނައަށްވުރެ އޭނަދެކެ ލޯބިވާކަން އޭނައަށް އެނގިފައެއްނުވެއެވެ. އޭނަ މުޅިން ސިހިއްޖެއެވެ. ކުރިން އެނގުނުނަމައެވެ. އަމިއްލަ ނަފުސް ގުރުބާންކޮށްގެންވެސް އޭނަ މަރުވަމުން ދިޔަ ކުއްޖެއްގެ ހިތްއުފާކޮށްދޭނެއެވެ. ނަމަވެސް މިއަދު އަޒަލްވަނީ ވެލީގެ ދާނުގައި ވަޅުލެވިފައެވެ.

"ގުޑްބައި ލެޓައެއް ލިޔަން ޖެހުނު ސަބަބަކީ ހަޔާތުގެ އެންމެ ފަހު ޗެޕްޓަރ ލިޔެވެމުންދާތީ އާއިއެކު ތިއީ އަހަރެންގެ އެންމެ ފަހުގެ އަދި އެންމެ ލާސްޓް ލޯބިކަން ބުނެދޭން މިއަށް ވުރެ ފަސޭހަ ގޮތެއް ނެތީމަ. ޕްރައުޑް ޓު ބީ ޔޯ ވައިފް އެޓްލީސްޓް ނަމެއްގައިވިޔަސް އެފަޚުރުދިންކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރުވެރިވަން. ލޯތްބަކީ ކޯންޗެއްކަމާއި ލޯބި ދަސްކޮށްދިން އިންސާނަކީ ތިއީ. ވިޝާމްގެ ނަން މީހަކު ކިޔާލާ އަޑުއިވުނަސް ގައިން ހީބިހި ހަލުވައިލާ. ފެނުމުން ލޮލަށް އެލިބޭ ފިނިކަމަކުން އަބަދަށް ކުރިމަތީގައި އިންނާނެނަމައޭ ހިތަށް އަރާ. ހިތުގެ ކޮންމެ ވިންދެއް ޖަހަނީ ވިޝާމްއަށްޓަކައޭ ބުންޏަސް ދޮގަކަށްނުވާނެ. އެހާވެސް ބޮޑަށް ލޯބިވޭ. އެކަމަކު އެހާވަރުން އުޅުނީމަވެސް ވިޝާމްގެ ފަރާތުން ސަމާލުކަމެއް ނުލިބުމުން ހިތަށް ލިބޭ ދަތިކަން ބަޔާނެއްވެސް ނުކުރެވޭ. އިޓް ހާޓްސް އެލޮޓް. ހިތް ކުދިކުދިވެގެން ހާސް އެތިކޮޅުތަކަށް ބުރައިގެން ދޭ. އެހުރިހާކަމެއް ކޮށްދޭން އުޅުނީ ހަމައެކަނި ލޯބިވާ ފަރާތަކީ ތިއީކަމަށްވާތީ. ނަމަވެސް އެއްވެސް ފުރުސަތެއް ނުލިބުނު. ދުނިޔެއާއި ވަކިވެގެން ދިޔަސް ޖަންނަތުގައިވެސް ވިޝާމްއާއިއެކުގައި ވުމަށް ދުޢާނުކުރާ އެންމެ ދުވަހެއްވެސް ނުދޭ. ކޮންމެ ފަހަރަކު ނަމާދުކޮށްގެން އެދުނީ ވިޝާމްއާއިއެކުގައި ވާން. މިދުނިޔޭގައި ނުވެއްޖެއްޔާ މިބަދުނަސީބު ޒެލްއަށް އެދުވަހަކުންވެސް ލޯބި މިންވަރުކުރެއްވުމަށް އާދޭސް ދެންނެވީ ކިތައްފަހަރު ކަން ގުނާވެސް ނުލެވޭ. ދެމީހުން އެކީގައި ނުވަންޏާ ދެން ޒެލްއަށް އެންމެ ރަގަޅީ މަރުވުން ކަމަށްވެދާނެ. ސަބަބަކީ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ......."

"ވިޝާމް ކީއްވެ؟ އޭމް އައި ނޮޓް ޔޯ ވައިފް؟ އޭމް އައި ސޯ ޑޭމް ބޯރިން؟ ކީއްވެ ވިޝާމް އެއްވެސް ވަރަކަށް ލައިކްނުވީ؟ އެހާވަރަށް ފޫހިވީ ކީއްވެތަ؟ ހާދަ ދެރައެއްވޭ. ކޮންމެރެއަކު ނިދާއިރު މިހުރިހާ ސުވާލުތަކެއް ހިތަށް އުދަގޫކޮށް ނިންޖާއި ވަކިކުރުވާ. އެންމެ ރެއަކުވެސް ހަމަޖެހިލައިގެން ނުނިދޭ. ބައެއްމީހުންނަށް ލޯބިވާ މީހުން ލިބުމުގެ ނަސީބު ލައްވާފައިވާއިރު އަހަންނަށް ހުރިހާ އެއްޗެއް ލިބުނު އެކަމަކު މިންވަރު ނުކުރެއްވީ ލޯބި. އެއްފަރާތުން ވެވޭ ލޯތްބަކީ ހިތަށް ނިކަން ތަދުކުރުވާ އެއްޗެއްކަން އެނގިއްޖެ. ވިޝާމް ލޯބިނުވިޔަސް އަބަދަށްޓަކާ ލޯބިވާނަން."

"ސޮރީ.....ވަރަށް ބޮޑަށް ސޮރީ އެހާވަރަށް އުދަގޫކޮށް ޖެއްސުންކުރެވުނީތީ. ހިތްހެޔޮކުރައްޗޭ......."

އަޒަލް ހުރީ އެކު ދުވަސްތައް ހަދާންކޮށްދީފައެވެ. ވިޝާމް ކާ ހިތްވާ ކޮންމެ އެއްޗެއް އަޒަލް ކޮންމެ ގޮތެއް ހަދާފައިވެސް ހޯދައެވެ. ވިޝާމްގެ ހެދުން ދޮވެ އިސްތިރިކޮށްދޭންވެސް އަޒަލް ބޭނުންވިއެވެ. ވިޝާމް ގެއަށް އަންނަންދެން ހޭލާ އިނދެފައި ވިޝާމްގެ ކާރު ފެނުމުން އެނދަށް އަރާ އިންތިޒާރުގައި އޮވެފައި ކައިރިއަށް އައުމުން ދެލޯ މަރާ ނިދާކަމަށް ހެދިގެން އޮވެއެވެ. ނަމަވެސް ވިޝާމް އަޅާނުލައެވެ. އެތާ އޮންނަ ބާލީހަށް ކުރާ ގަދަރުވެސް އަޒަލްއަށް ނުކުރާފަދައެވެ. އެހުރިހާކަމެއް ކުރުން އަޒަލްއަށް މަނާކުރެއެވެ. ގިނަފަހަރު ކައިގެން އަންނަނީ ބޭރުންނެވެ. އަޒަލްގެ ހިތަށް ވާ އުދަގޫތައް ބަޔާންކުރާނީ ކިހިނެއްހެއްޔެވެ؟ ކޮންމެދުވަހެއް ނިމިގެންދަނީ ވިޝާމްގެ ހިތް އޭނައަށް ލެބުމަށް އެދި ކުރާ އިންތިޒާރުގައެވެ. އޭނަ ފޭސްބްލައިންޑްނެސްގެ ޝިކާރައެއްގެ ގޮތުގައިވަނިކޮށް އަދި އެނިއުރިޒަމްއާއި އެހެން މައްސަލަތައް ހުރިކަން އެނގުމުން އެންމެ ބޮޑަށް ހިތާމަކުރި އެއް ސަބަބަކީ ވިޝާމްއާއި ވަކިވާންޖެހުނީމައެވެ.

އޭނަ އެމްއާރުއައި ނެގިގޮތާއި ފޮރުވިތަންވެސް ލިޔެފައިވެއެވެ. އެހެން ނަމެއްގައި ނެގީވެސް އެކަން ފޮރުވުމަށެވެ. ޑައިރީ ރައްކާކޮށްފައި އޮންނާނެތަންވެސް އަޒަލްވަނީ ބުނެދީފައެވެ. އެޑައިރީ ކިޔައިލުމުން އޭނަގެ ހުރިހާ އިހުސާސްތަކެއް އެނގިގެންދާނެކަމުގައި އަޒަލްވަނީ ބުނެފައެވެ. އެންމެ ފަހު ފޮޅުވަތާއި ހަމަޔަށް ވިޝާމްއަށް ކިޔުނީ ދެތިންފަހަރު ހުއްޓާފައެވެ.

ވިޝާމް އެސިޓީ މޫނުގައި ޖައްސާލައިގެން އޮތްއިރު ލޮލުން ފޭބި ކަރުނަތައް ބާލީހަށް ފޭދެމުންދިޔައިރު ކުށްވެރި އިހުސާސްތަކުން ހިތް ފުރިއްޖެއެވެ. އަޒަލްއަށްޓަކާ ލޮލުން ކަރުނަތިއްކެއް އޮހިދާނެކަމަށް ހީކޮށްފައިނެތަސް މިއަދު ހާމަވި ހަގީގަތް އޭނަގެ ހިތް ބަލިކަށިކޮށްލައިފިއެވެ. އޭނަދެކެ ލޯބިވީ އަންހެންކުއްޖާއަށްޓަކާ އޭނައަށް އަނިޔާވެރިވެވުނީ ނޭގުމުގައެވެ. އެކަން ނުދެނެހުރި ހާލުގައެވެ. އަޒަލް އެކަން ހާމަކުރިނަމަ ފަހަރެއްގައި އޭނަ ހަމަ އެހާ ހިތް ހިލައަށް ހަދާލައިގެން ދުރުން އުޅެފާނެބާވައެވެ. ސަލްވާއަށްޓަކާ އެ ޒުވާންހިތް ހިބަކޮށްދީފައިވިއިރު ސަލްވާގެ ފަރާތުން ލިބުނީ ކޯންޗެއްހެއްޔެވެ؟ އެކަނި ހިތާމައެވެ. އެހިތް ހަލާކުކޮށް ލޭ އޮހޮރުވާލައިފިއެވެ. މިއަދު އޭނަ އަޒަލްއަށް ޖަވާބުދޭނީ ކިހިނެއްހެއްޔެވެ؟

ވިޝާމް އެދުވަހު ހަވީރު ފިނިފެންމަލެއް ހިފައިގެން ސަހަރާއަށްދިޔައިރު އިއްތިފާގުން ލެވިފައި ހުރީވެސް ކަޅު ޖިންސަކާއި އަތްދިގު ކަޅުކުލައިގެ ގަމީހެކެވެ. ހިތާމަވެރި ސޫރައެކެވެ. އެދެލޮލުން ފާޅުވޭވޭ ހުރި ރިހުން ވަނީ ހާމައަށެވެ. އޭނަ އަޒަލްގެ މަހާނަމަތީގައި ފިނިފެންމަލެއް ބޭއްވިއެވެ.

"ޒެލް ސޮރީ. އައިމް ސޯ ސޮރީ. އަހަންނަށް ނޭގިނަމަވެސް ޒެލްގެ ހިތަށް އަނިޔާދެވިއްޖެ. ދެރަކޮށްލެވިއްޖެ. އެދުވަސްތައް އަނބުރާގެނެވޭނެނަމަ. އަހަންނަކީވެސް އެހާ ރަހުމް ކުޑަމީހެއްނޫން. އަހަންނަށް މާފުކޮށްދެއްޗޭ. އެނގޭ މިއަދު ޖަވާބެއް ނުދެވޭނެކަން. އެއަށްވުރެ މާ ދުރަށް ގޮސްފައި ތިވަނީ. ޒެލްގެ ސިޓީ އަދި ކިރިޔާ މިލިބުނީ. އައި ލޮސްޓް ވަން ޕްރެޝަސް ގާލް. ޔޫ ވިލް އޯލްވޭސް ބީ ރިމެމްބާޑް. އަދި އަބަދަށްޓަކާ ޒެލްވާނީ އަހަރެންގެ ވައިފްގެ ގޮތުގައި. އެހެން މީހަކު ދެން އެމަގާމަކަށް ދުވަހަކު ނާންނާނެ. ވެއިޓް ފޯ މީ. ވިލް މީޓް ޔޫ އިން ޕެރެޑައިސް އިންޝާﷲ................" ވިޝާމް އިސްޖަހާލައިގެން ހުރީ ވެސް ކުށްވެރިއެއް ފަދައިންނެވެ.

އެހިތުގައި ސަލްވާއަށްޓަކާ ވި ލޯބީގެ ހުޅުކޮޅު އޭގެ އެންމެ ފުރިހަމަގޮތުގައި ދިއްލިފައިވާއިރުވެސް އަޒަލްއަށްޓަކާ ވިޝާމްވަނީ ހަމްދަރުދީވެފައެވެ. އަޒަލްއަށްޓަކާ ކޮންމެފަދަ ކަމެއްވެސް އޭނަ މިއަދު ކޮށްދީފާނެއެވެ.

އަރީން ޑީއެންއޭ ޓެސްޓެއް ހަދަން ދީގެން ހުރިއިރު އޭނަގެ ހިތަށްވަނީ އަޖައިބެއްފަދަ ނުތަނަވަސްކަމެއް ވެރިވެފައެވެ. ހޮސްޕިޓަލުތެރެއިން ވިޝާމް ފެންނަ ކޮންމެ ފަހަރަކު ހިތް އަވަސްވެ ތަފާތު އިހުސާސްތަކަކުން ހިތް ފުރައިލައެވެ. ވިޝާމްގެ ހަގީގަތް ހޯދަން އޭނަ ފާގިޔާއާއި ބައްދަލުކުރަންވެސް ވިސްނިއެވެ. ނަމަވެސް އެންމެ މޮޅުގޮތަކީ ޓެސްޓްހަދައިގެން ޔަގީންކޮށްލުމެވެ. ވިޝާމްއަކީ އޭނަގެ ލޭކަމަށް ވަންޏާ އޭނަ ފަހަރެއްގައިވެސް އަމިއްލަ ދަރިއަކަށް ދެރަގޮތެއް ނަހަދާނެއެވެ. ދާލިޔާއަށް އޮތް ހައްގު ވިޝާމްއަށްވެސް އޮންނަންވާނެ ނޫންހެއްޔެވެ؟ އޭނައަށް ކުރެވުނީ ކުށްހީއެއްކަމަށް ވަންޏާ މި ކުށްވެރި އިހުސާސްތައް ހިތުން ފިލާ ހަމަޖެހޭ ދިރިއުޅުމެއް ހޯދިދާނެއެވެ.

ޑީއެންއޭ ޓެސްޓުން ވިޝާމް އޭނަގެ ދަރިއެއްކަން އެނގިއްޖެއްޔާ މެހެރީނާ ރުހުނަސް ނުރުހުނަސް އޭރުން މެހެރީނާ ދޮންމަންމައަކަށްވީއެވެ. ވިޝާމްވެގެންދާނީ އަރީންގެ ފުރަތަމަ އުފަން ދަރިފުޅަށެވެ. ނަހަލާލުކަމުގެ ލަގަބު ވިޝާމްއަށް ލިބުނީ ވިޝާމްގެ ކުށަކުންނޫނެވެ. ކުށްވެރިޔަކީ ޚުދު އަރީންއެވެ. ޒުވާންކަމުގެ ފޯރިއާއި ޖޯޝްގައި އަމިއްލަ ނަފުސް ވީއްލިގެން ދިޔައިރު އަޅައިނުލެވުނީއެވެ. އެފަދަ ފާފަތަކަށް އަރައިނުގަންނަންވީ ސަބަބަކީ މިއީއެވެ.

މިއީ ތަގުދީރުގެ ސަމާސާއެކެވެ.

ހައިކަލްގެ ބައްޕަ އޭނައަށް އަޅާދިން ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހައިކަލްގެ ޚާންދާނާއި އެކުވެރިންގެ އެތައް ބަޔަކަށް ދައުވަތުދީފައިވިއެވެ. އެތައް ޓީވީ ޗެނެލްތަކުން އެ ރަސްމިއްޔާތު ލައިވްކޮށް ދައްކަންވެގެން ބޮޑެތި ކެމެރާތަކާއި ސްޓޭންޑްތައް ހިފައިގެން ކޮޅުކޮޅުމައްޗަށް ހަރަކާތްތެރިވާތަން ފެނެއެވެ. ޚާއްސަކޮށް މެހެރްޓީވީއެވެ. މެހެރީނާ ހުރީ ވަރަށް ފޮނިވެފައެވެ. އަރީންފަދަ މާތް ގަދަރުހުރި މީހެއްގެ އަންބެއްގެ ގޮތުގައި މަޝްހޫރުވެފައިވާއިރު އޭނަގެ ބޭބެއަކީ އެހާ މަޝްހޫރު ހޮސްޕިޓަލެއްގެ ޑިރެކްޓަރެވެ. މީހަކު ފޮނިވެވޭނީ އެހާވަރަށެވެ. މެރޫންކުލައިގެ މެކްސީފާޑު ހެދުމަކާއިއެކު ރޫބީ ގަހަނާތަކުން ޒީނަތްތެރިވެލައިގެން ހުރިއިރު މިރޭ މެހެރިނާވަނީ އަދި ކަމެއް ނިންމާފައެވެ. މި ހޮސްޕިޓަލުގެ އެއްވަނަ ބަލިމީހާގެ ޝަރަފު ލިބިގަތުމަށް އޭނަހުރީ ހިތާހިތުން އަޒުމް ކަނޑައަޅާ އެކަމަށް ތައްޔާރުވެގެންނެވެ. އިރުއިރުކޮޅާ އަރީންގެ އަތުގައި އެލިގެން ނޫނީ ހައިކަލްއާއި ވާހަކަދައްކަން ހުންނައިރު އޭނަގެ ކެމެރާމަނުންގެ ފްލޭޝް އޭނައަށް އަމާޒްވާކަން އެނގި މެހެރީނާ ހުރީ ހެވި ދިއްލިފައެވެ. މިތާތެރެއިން ފެންނަނީ މުޅިންވެސް އޭނަ ހިތްހަމަޖެހޭފަދަ މޫނުތަކެވެ. މުއްސަދި މާތްމީހުންނެވެ. ތަންތާ އިސްވެރިންނެވެ. ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުންނެވެ. މެހެރީނާ އެންމެ ބޭނުންވާފަދަ ހަފްލާއެކެވެ.

ދެންހުރީ ރައުދާއެވެ. އޭނަވެސް އެހާ ވަރަށް ނަލަހެދިލައިގެން ރަސްމީގޮތަކަށް ހެދުން އަޅައިގެން ހުރިއިރު ހައިކަލްގެ ސަމާލުކަން އަތުލަން މަސައްކަތްކުރިއެވެ.

ރޯޒްމެހެލް ޚާންދާނަށް ނިސްބަތްވާ އެތައް ހަރު މީހުންނާއި ޒުވާނުންވެސް މޮޅު ސޫޓްތަކާއި އަގުބޮޑުހެދުންތަކުގައި އެތަނަށް ވަންނަމުން ދިޔައެވެ. ފަޒާ އެއްވަސްވެލާފައިވަނީ އެކިކަހަލަ މީރުވަސްދުވާ ސެންޓުންނެވެ. ވިޝާމް އާއި މާއިޒް އެކީގައި ވަދެގެން އަންނަތަން ފެނިފާ ލޯތައް އެދިމާލަށް އަމާޒުވިއެވެ. މެހެރީނާ ފާޑަކަށް އަނގަ ހަދައިލިނަމަވެސް އެހެންމީހުނަށް އެކަން ފާޅުވެދާނެތީ ވަގުތުން މޫނުމަތި ރީތިކޮށްލައިފިއެވެ. ވިޝާމްކަހަލަ ދަށް ފަންތީގެ މީހަކަށް ދައުވަތުދިނީ ކާކުބާވައޭ ހިތަށް އެރިއެވެ.

ރިބަންކަނޑާލުމާއިއެކު ރިމޯޓެއްގެ އެހީގައި އެއިމާރާތުގެ އެންމެ މަތީގައި އޮތް ހޮސްޕިޓަލުގެ ނަން ދިއްލިގެން ދިޔުމާއިއެކު އަތްތިލަބަޑީގެ އަޑުގަދަވިއެވެ. ހައިކަލް މައިކް ހިފައިގެން ހުރެ ވާހަކަދެއްކިއިރު އެންމެން ތިބީ އުފާވެރި ހިނިތުންވުމާއިއެކު އޭނަ ކިޔާ ކޮންމެ އެއްޗެއް ކަނުލާ އަހައިގެންނެވެ.

ޑޮކްޓަރ ހައިކަލް އެންމެ ފުރަތަމަވެސް ހެއްދެވިފަރާތަށް ހަމްދުކޮށް ޝުކުރުކުރިއެވެ. ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްއަށް ސަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރިއެވެ. މިފަދަ ބޮޑު ޕްރޮޖެކްޓެއް ކާމިޔާބުކަމާއިއެކު ނިންމައިލެވުނީ ހަމައެކަނި ހެއްދެވި ފަރާތުގެ ދީލަތިވަންތަކަމުންނެވެ. ކުޑައިރުއްސުރެން ނިކަމެތިންނަށް އެހީތެރިވެދޭން އޭނަ ދެކެމުން އައި ހުވަފެން އެންމެފަހުން ހަގީގަތަކަށްވީއެވެ. ހައިކަލް ޝުކުރުވެރިވި ލިސްޓުގައި އޭނަގެ މައިންބަފައިންނާއި އާއިލާ އަދި އެކުވެރިންނާއި އެތަން އިމާރާތްކުރުމުގައި އެކިގޮތްގޮތުން ބައިވެރިވި ހުރިހާ އެންމެންވެސް ހިމަނައިލިއެވެ.

ހައިކަލްގެ ވާހަކަކޮޅުގައި އަލިއަޅުވައިލީ ސިއްހީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށެވެ. މިވަގުތަށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކޮށް އަގުހެޔޮކޮށް ހުރިހާ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުން މުހިއްމެވެ. އިންސާނުންގެ ފުރާނައަކީ އަގުބޮޑު އެއްޗެއްކަމަށާއި އެކަމަށްޓަކާ މި ހޮސްޕިޓަލުގެ މެނޭޖްމެންޓުން ކޮށްދެވެން ހުރި ކޮންމެ ޚިދުމަތެއް ވަކި މީހަކު އިސްތިސްނާނުކޮށް ކޮށްދޭނެކަމުގައި ވައުދުވިއެވެ. އެތަނުން ލިބިގެންދާ ޚިދުމަތްތަކުގެ ތެރޭގައި ކީމޯތެރަޕީ ގުނަވަންތައް ބަދަލުކުރުންފަދަ ކަންތައްތަކާއިއެކު ނިއުރޮލޮޖީ އަދި ކާޑިއޯފަދަ ތަފާތު ޑިޕާޓްމެންޓްތަކުން އެންމެ ޒަމާނީ ޚިދުމަތް ހުޅުވާލެވިފައިވާނެ ކަމަށާއި އެތަނުގައި މަސައްކަތްކުރާނީ ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުންކަމަށް ހައިކަލް ބުނެލިއެވެ. ސިއްހީ ޚިދުމަތަށް ބޭނުންވާނި އެކަނި މޮޅު ޑޮކްޓަރުންނެއްނޫނެވެ. ވަރުގަދަ މެނޭޖްމެންޓަކާއި ފުރިހަމަ ނާސިން ޚިދުމަތް އަދި ފެންވަރު ރަގަޅު ފާމަސީގެ އިތުރުން ތަނުގެ ސާފުތާހިރުކަން އެހާ މުހިއްމެވެ. އެހުރިހާ ކަމެއް ފުރިހަމަވެއްޖެއްޔާ ބަލިމީހުންގެ އިތުބާރު އޮންނާނެއެވެ. މިހޮސްޕިޓަލާއިމެދު ހައިކަލް ދެކޭ ހުވަފެނަކީ އެއީއެވެ.

ހައިކަލް ހިތްއަތުލާފަދަ ސްޕީޗެއް ދިންއިރު އެހެރަ ވަރުގަދަ ޝަޚުސިއްޔަތަކާއި ރީތިކަމުން އަސަރުނުކުރާ އެކަކުވެސް އެތާނެތެވެ. އެންމެންތިބީ ޖާދޫގައި ޖެހިފައެވެ. މެހެރީނާ ހުރީ ހުރިހާ ދަތްތައް ފެންނަ ވަރަށް ހެވިލާފައެވެ. ރައުދާ ހުރީ ހައިކަލްގެ މޫނަށް ނަޒަރު ހުއްޓުނުގޮތަށް އެސްފިޔަޖަހައިލަން ނޭގިފައެވެ. ހިތަށް އަސަރުތަކެއްކޮށްފައެވެ. ހައިކަލް ގަނޑުފެންގަނޑެއްފަދައެވެ. މިހާ ދުވަސްވީއިރު ތަފާތު ގޮތްގޮތަށް މަސައްކަތްކޮށްގެންވެސް ވިރުވައެއް ނުލެވުނެވެ.

އެންމެންގެ ތޫނު ލޯތައް އޭނައަށް ހުއްޓިފައިވާކަން އެނގުނަސް ހައިކަލް ހުރީ ނިކަން ހަމަޖެހިލައިގެންނެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު އެހާވެސް ބޮޑެވެ. ކެމެރާތަކުގެ ގަދަ އަލި މެދުކެނޑުމެއްނެތި އޭނަގެ މޫނަށް އެޅި ހުރިހާ އެންމެންގެ ސަމާލުކަން އޭނައަށް ހުއްޓިފައިވާ އެ ދަނޑިވަޅު އެތަނަށް ވެރިވެފައިވަނީ ބުނަން ނޭގޭފަދަ ހިމޭންކަމެކެވެ. އެހާވެސް އޭނަގެ ވާހަކަތައް އަހަން އެންމެން ޝައުގުވެރިވިއެވެ.

ކުއްލިއަކަށް އެހިމޭންކަން ފޫދުއްވާލީ އަތްމައްޗަށް ކުޑަކުއްޖަކު ލައިގެން ދުވެފައި އައި މޫނު ބުރުގާ އަޅައިގެން ހުރި އަންހެންކުއްޖެކެވެ. ސަލްވާ ދުވެފައި އައިގޮތުން ދުރުންވެސް ހައިކަލްއަށް ވަކިކުރަން އެނގުނުއިރު މެހެރީނާ ހުރީ އެތެރެއަށް ލީ ނޭވާ ބޭރަށް ލާން ނޭގިފައެވެ. މިއީ ބިރުވެރި ހުވަފެނެކެވެ. ބިރުވެރިކަމުގެވެސް އެންމެ ބިރުވެރި ނުބައި ހުވަފެނެކެވެ. ކަޅުހެދުމުގައި ހުރީ ސަލްވާއެވެ. ސަލްވާގެ އަތްމަތީގައި އޮތް ކުޑަ ފިރިހެންކުއްޖާވެސް މެހެރީނާއަށް ނޯޅެއެވެ. އެއީ އެދުވަހު ވިޝާމްއާއިއެކު ބީޗްގައި އުޅުނު ދާލިޔާގެ "ފްރެންޑްކުއްޖާ"އެވެ. އެކުއްޖާއޮތީ ދެލޯ މަރާލައިގެންނެވެ.

ސަލްވާ ޒެލް ހައިކަލްގެ އަތަށް ދިއްކޮށްލިއެވެ. ހީވީ ހަމަ އެއްލައިލިހެންނެވެ. ސަލްވާ ހަމަހޭވެސް ނެތްކަހަލައެވެ. ކުޑަކުއްޖާ ހައިކަލްގެ އަތަށް ލެއްވިގޮތަށް ހައިކަލްގެ ފައިބުޑަށް ސޮއްސާލައިގެން ވެއްޓުނީ މުޅިގައިގާ ވަރުދޫވެގެންނެވެ.

"ކުޅެނިކޮށް...ބްލޮކެއް ކަރުގައި ތާށި.. އަހަރެމެންގެ ދަރިފުޅު ސަލާމަތްކޮށްދީ. ޕްލީޒް. އައި ބެގްޔޫ. ހީޒް ނޮޓް ބްރީތިން..........."ސަލްވާ އަޑުން އަޑުނަގާ ރޯންފެށިއެވެ. ހައިކަލް އާއި އެތާ ތިބިހާ ޑޮކްޓަރުން އަވަސްވެގަތީ ދެލޯ މެރިފައި އޮތް ކުޑަ ކުޑަ ޒެލްގެ ފުރާނަ ސަލާމަތްކުރުމަށެވެ. ނޭވާ ހިނގާ ހޮޅީގައި ބްލޮކެއް ކަހަލަ އެއްޗެއް ތާށިވުމަކީ ފުރާނައަށް ނުރައްކާވާނެ ހާލަތެއްކަން އެތާ ތިބި އެންމެނަށްވެސް އެނގުނެވެ.

ސަލްވާއަށް ޒެލްއޮތް ހާލުފެނި ބިރުންގޮސް ހިތްހުއްޓޭވަރުވިއެވެ. ފާގިޔާގެ ކައިރީ ކުޅެން އިނދެފައި ޒެލް ބްލޮކް އަނގަޔަށް ލައިގެން ނޭވާ ހާސްވެގަތްއިރު ސަލްވާ އެއްޗެއް ގަނެލައިގެން އައިސް ގެއަށް ވަދެވުނީއެވެ. ވަގުތުން މަގަށް ނުކުތްތަނާ ނަސީބަކުން ކާރެއްލިބުނެވެ. ފާގިޔާވެސް އޭނައާއިއެކުގައި ކާރަށް އެރިއެވެ. ސަލްވާ ހިތްވަރުކޮށްގެން އިންއިރު މެދުކެނޑުމެއްނެތި ދުޢާކުރިއެވެ. ކަރުނައިގެ ތެރެއިންވެސް ސަލްވާ ހަދާންކުރީ އެންމެ ފަރާތެކެވެ. ޑްރައިވަރު ކާރު މަޑުކޮށްލީ މިރޭ ހުޅުވި ހޮސްޕިޓަލަށެވެ. އެންމެ ކައިރީގައި ހުރި ތަނަކީވެސް އެއީ ކަމަށްވާތީއެވެ. ސަލްވާ އެންމެ ސިކުންތެއްވެސް ނަގާނުލައި ދުއްވައިގަތްއިރު މިއީ ކޮންބަޔެއްގެ ތަނެއްކަންވެސް އޮޅުމެއްނުފިލައެވެ. އެތައްބަޔަކު އެއްވެފައިވާތަނުންވެސް ދަރިފުޅުގެ ބައްޕަ ހައިކަލް ފެނުމުން ކުޑަ ހައިރާންކަމެއްވެސް ލިބުނެވެ. ނަމަވެސް އެއީ އެހެން ކަމަކާއި ފިކުރު ހިންގައިލެވޭ ވަގުތެއް ނޫނެވެ. ހައިކަލްއާއި ދިމާލަށް ދުއްވައިގަނެވުނުއިރު ސަލްވާގެ ހިތް ކުދިކުދިވެދާނެފަދައެވެ.

 

ކޮމެންޓް 0