ވިޝާމް ނިންމީ ހުރިހާ ހެކިތަކާއިއެކު މި ހުރިހާ އެއްޗެއް ގެންގޮސް ހައިކަލަށް ދިނުމަށެވެ.

ވިޝާމް ކާރަށް އެރިއިރު ވާރޭވެހޭލެއް ބޯކަމުން ތަންދޮރު ވަކިވާވަރެއްވެސް ނޫނެވެ. ކާރުގެ ވައިޕަރަށްވެސް ފެންތައް ފޮހުމާއި ނުކުޅަދާނައެވެ. އެހާވަރުން ބޯ ވާރޭގެ ތެރޭގައި ހައިކަލްގެ ގެއާއި ހަމަޔަށް ފޯރިއިރު ގެއަށް ވެރިވެފައިވާ ފަނޑު އަލިކަން ރަމްޒުކޮށްދިނީ އެގޭގެ އެންމެން ނިދާފައިވާކަމުގައެވެ. އެހެން ބަޔަކު އުޅޭކަމެއްވެސް ނޭގެއެވެ. ހައިކަލްއާއި ސަލްވާ އަދި ޒެލްއެވެ. އެ ކުޑަ އާއިލާއެވެ. އެފަދަ އާއިލާއެއްގެ އުފާވެރިކަން ނިގުޅައިގަންނަން ހިތަށް އެރުވުމަކީވެސް ނުބައި ކަމެކެވެ.

ވިޝާމް ކާރު ހުއްޓާލައިގެން އެގެއާއި ދިމާލަށް ބަލަން އިންއިރު އެގޭތެރޭގައި މިވަގުތު ހިނގަނީ ކޮންކަމެއްބާވައޭ ހިތަށް އެރިއެވެ. ސަލްވާ ހައިކަލްގެ އަތުތެރޭ ނިދާފައި އޮތް މަންޒަރު ޚިޔާލީ ލޮލަށް ސޫރަވުމާއިއެކު ހިތަށް ތޫނު ތަދެއްވިއެވެ. ހިތުން ލޭ އޮހޮރުވާލައިފިއެވެ.

ބެލް ޖެހުމާއިއެކު ހައިކަލް ނުކުތެވެ. ނިދާ ގައުން ލައިގެން ހުރިއިރު އިސްތަށިގަނޑު ކުޑަކޮށް ހޭވިފައި އޮތެވެ.

"ސަރ. ސަމްތިން ފޯ ޔޫ..........."

"މިއީ ސަލްވާ އަދި އަޒަލްގެ އެއްޗެއް...." ވިޝާމް ރީތިކޮށް ހަދާފައިވާ ޕާރުސަލް ދިއްކޮށްލުމުން ހައިކަލް ހިފިއެވެ.

"އޯކޭ ތޭންކްސް..." ހައިކަލް ހުރީ ދެ ޚިޔާލެއްގައެވެ. އެތެރެއަށް ވަންނަން ބުނަންވީހެއްޔެވެ؟ ނަމަވެސް ވިޝާމް އަޒަލްއާއި ދޭތެރޭ ކަންތައްކުރިގޮތް ހަދާންވުމުން ވަގުތުން މޫނަށް ނުރުހުމުގެ ކުލަ ވެރިވެގެން ދިޔުމާއިއެކު ހައިކަލް ވިޝާމްއާއި އިތުރު އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ. ވިޝާމްވެސް މަޑުކޮށްނުލާ ދުރަށް ދާން ހިގައިގަތްއިރު ބާރު ގުގުރިއަކާއިއެކު ވިދުވަރުގެ އަލިން ބިންގަނޑުވެސް ދިއްލިގެން ދިޔަހެން ހީވިއެވެ.

"އައި ލަވް ޔޫ ސަލްވާ. ފުރާނައަށްވުރެ ބޮޑަށް ލޯބިވަން. އެހެންވެ އަމިއްލަ އެދުން އިސްކުރަން ނުކެރުނީ. ސަލްވާއާއި އެކަށީގެންވަނީ ހައިކަލްފަދަ މީހަކާއި. އަހަންނަކަށް ސަލްވާ ކަހަލަ ކުއްޖެއް ޑިޒާވްއެއް ނުވޭ. ދެން އަހަރެން ސަލްވާއަކަށް އުދަގުލެއްނުކުރާނަން. މިހިތް ހަލާކުވެގެން މަރުގެ އުނގުގައި ނިދާލަން ޖެހުނަސް ދެން ނާންނާނަން. ތިކަހަލަ ޕަފެކްޓްކުއްޖަކަށްޓަކާ ހެއްދެވިފަރާތުންވަނީ އެންމެ ރަގަޅު ބައިވެރިޔާ ހަމަޖައްސަވާފައި. އިޓްސް ގޯޑްސްވިލް....." ވިޝާމް ހިތާއި ހަގުރާމަކުރިއެވެ. ހިތުގައި އުފެދިފައިވާ ހަލަބޮލިކަން ބޭރުގައި އިފެދިފައިވާ ތޫފާނަކަށް ދޫނުކުރެއެވެ. އެހިތުގެ ހާލު އެހާވެސް ބޮޑެވެ. އެވަގުތުވެސް އިބުލީސް ވިޝާމްގެ ސިކުނޑިއަށް އެރި ނުބައި ކަންތައްތަކަށް ހިތްވަރުދޭން މަސައްކަތްކުރިއެވެ. ބޭނުންވިނަމަ ހައިކަލް ގެ ވަސް ފިލުވާލާފައި އޭނައަށް އަދިވެސް ސަލްވާ ހާސިލުކުރެވިދާނެއެވެ. ޒުވާންކަމުގެ ޖޯޝުގައި ނުވާނީ ކޮންކަމެއްހެއްޔެވެ؟ ނަމަވެސް އެއަށްވުރެ ވިލްޕަވާ ގަދައެވެ. ވިޝާމް އަދިވެސް ކާރުގެ ދުވެލި ބާރުވިއެވެ. އެއްޗެއްގައި ނުޖެހުނީ ހަމަ ކިރިޔާއެވެ. ވިޝާމް ބްރޭކް ހިފައިނުލިނަމަ އެސައިކަލްގައި ޖެހި އޭގައި އިން ޒުވާނާގެ ފުރާނައަށް ނުރައްކާވީސްކަން ގައިމެވެ.

ކޮޓަރިއަށް ވަދެފަ ވިޝާމް އެންމެ ކުރިން ނެގީ އަޒަލްގެ ޑައިރީއެވެ.

އެޑައިރީ ކިޔަމުން ދިޔައިރު ކިތަންމެ ކަމެއް ވިޝާމްއަށް ފާހަގަވިއެވެ. ކިތަންމެ ދުވަހެއް އަޒަލް ހަދާންކޮށްދީފައިވިއެވެ. ވިޝާމް އޭނަގެ މަންމަގެ ޑައިރީ ކިޔަން ފާޚާނާއަށްވަދެފައި އައި ރެއެއްގައި އަޒަލްއަށް ވިޝާމް ރުއިކަން އެނގި ހީކުރީވެސް ސަލްވާގެ ޑައިރީކަމުގައެވެ. ފާގިޔާގެ ޑައިރީ ކިޔުމުން މެހެރީނާއާއިމެދު އަޒަލްގެ ހިތް ޝަކުވާއިން ފުރުނެވެ. މެހެރީނާ ފާގިޔާއާއި ދޭތެރޭ އެހާ ނިކަމެތިކޮށް ކަންތައްކޮށްފައި ހުރުމުން ވަރަށް ދެރަވެ ރޮވޭގޮތްވިއެވެ. އަޒަލް ވިޝާމްއަށްޓަކާ އަދި ފާގިޔާއަށްޓަކާ ކަރުނަ އޮއްސިއެވެ. އަދި މެހެރީނާ ދައްތަ ސަލްވައޭ ކިޔައިގެން ދޮގު ހަދާފާނެކަމާއިމެދު ޝައްކުވެ އެކަން އަމިއްލައަށް ތަހުގީގުކުރަންވެސް ނިންމިއެވެ.

ވާރޭ ހުއްޓާލާކަށް ނޫޅެ ހައްތަހާ ބޯކުރިއެވެ. ގުގުރީގެ އަޑާއިއެކު ވިދުވަރުގެ އަލިގަދަކަމުން ހައިކަލް ސިޓިންރޫމްގައި އިންއިރު ފަރުދާތައް ފޫދުއްވާލާފައި އެތަނަށް އެޅެނީ ފުލުފުލުގައެވެ. ހަމަޖެހިލައިގެން ކައުޗްގައި ލެނގިލުމަށްފަހު ވިޝާމްދިން ޕާރުސަލް ކަނޑާލައިފިއެވެ. ސަލްވާއާއި އަޒަލްގެ އެއްޗެއްކަމަށް ވަންޏާ އޭނައަށް މުހިއްމުވާނެ ނޫންހެއްޔެވެ؟ ހުޅުވާލުމާއިއެކު ސިޓީ އުރަ ބޮނޑިއެއް އެއްކޮށްލާފައި ރަބަރުކޮޅަކުން އައްސާލާފައިވަނިކޮށް ފެނި އެއްފަރާތުގައި ބަހައްޓާފައި ބަލަންފެށީ އެތާ ހުރި ފޮތްތަކެވެ. ފޮޓޯއެވެ. އެއީ ކުރިން މެހެރީނާވެސް އޭނައަށް ދެއްކި ފޮޓޯތަކެވެ. އަދި ސަލްވާގެ ޑައިރީއެވެ. ތާރީޚު ޖަހާފައި ސަލްވާގެ ސާފު ރީތި އަތު ލިޔުމުން ލިޔެފައިވާ ޑައިރީ ކިޔާލަން ފަސޭހައެވެ. އޭނައާއި ވިޝާމް ކުޑައިރު އެކީ ހޭދަކުރި މަޖާ ދުވަސްތަކެއް ލިޔެފާ ހުއްޓެވެ.

"ވިޝާމް މިއިން ސާބިތުކުރަން އުޅެނީ ކޮންކަމެއްބާ. މި ޑައިރީތައް އަހަންނަށް ފޮނުވުމުގެ މާނައެއް ނުވިސްނުނު. ދެމީހުން ދޭތެރޭގައި އޮތް ބޮންޑު ކިތަންމެހާވެސް ރަގަޅަށް އެނގޭ. ދޮންމަންމައަކީ މަންމަކަމަށް ހީކޮށްގެން އުޅުނުއިރު އޭނަ ކުރި ގޯނާތައް ސަލްވާއަށް ކިޔާދިނުމުން ސަލްވާ ރުއިކަމަށްވެސް މިއޮތީ. އެހުރިހާ ސިއްރެއް ޝެއާކުރުމަށްފަހު ބެސްޓްފްރެންޑްސްގެ ގޮތުގައި އުޅެމުން ނުވީތާކަށް އިންނަން ވައުދުވެފައި.....ކީއްވެ ސަލްވާ. އަޖައިބުވަނީ ސަލްވާއާއި ވިޝާމް ވަކިވިފަހުން ސަލްވާ ޑައިރީ ލިޔުން ހުއްޓާލާފައި އޮތީމަ......" ހައިކަލް ނިތްކުރީގައި އިނގިލިތަކުން ފިރުމައިލިއެވެ. ތެދުވެ ކޮފީތަށްޓެއް ހިފައިގެން އައުމަށްފަހު ދެން ހުރި ފޮތްތައް ބަލައިލަންވެސް ހިތަށް އެރިއެވެ.

ތަންކޮޅެއް ރީތި ޑިޒައިނަކަށްހަދާފައިވާ ރަންކުލައިގެ އެޑައިރީ ކުރިއަކުން ހައިކަލްއަށް ފެނިފަކާ ނުވެއެވެ. އެފޮތް ހުޅުވާލުމާއިއެކު ސިހޭގޮތްވިއެވެ. ސަލްވާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސް ހަޔާތުގެ އެހެން ޗެޕްޓަރއެއް އާ ޑައިރީއަކުން ފެށިކަމަށް ލިޔެފައިވުމުން އެވީގޮތް ސާފުވިއެވެ.

ސަބަބަކީ އެންމެ ކުރިންވެސް ފަށާފައިމިވަނީ އޭނަގެ ބައްޕަ ސަލްވާގެ ކައިވެނި ނުދަންނަ މީހަކާއި ކުރުވަން ނިންމުމުން ސަލްވާ ހާސްވެގެން ޑައިރީ އައި ހިއްސާކުރި ވާހަކަތަކެވެ.

"ޑިއަރ ޑައިރީ.......އައިމް ޝޮކްޑް. އެއީވެސް ތަންކޮޅެއް ވީކް ބަހެއްކަން ޔަގީނެވެ. އަހަރެންގެ ސިކުނޑިއަށް ވީގޮތް ގަލަމަކުން ބަޔާންކޮށްދިނުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމެއްނޫނެވެ. އަހަންނާއިހެދި ފުރާނައިން ގުރުބާންވާން ހުރި ލޯބިވެރިޔާ ދޫކޮށްލާފައި ސްޓްރޭންޖަރ އަކާއި ކައިވެނިކުރުވަން އުޅުނީމަ ހާސްވެގެންގޮސް ހަމަ މަރުނުވީ ކިރިޔާއެވެ. އަދި އިންނަން އުޅޭ މީހާގެ އަހަންނަށްވުރެ ބޮޑު ދަރިން ތިބި ވާހަކަ ބައްޕަ އެވަގުތު ބުނުމުން ފެއިންޓްވާވަރުވި ނަމަވެސް ބައްޕަގެ ކުރިމަތީގައި ހިތްވަރު ދެއްކީ ނެތް ހިތްވަރުލާފައެވެ. އެންމެ ސަތާރައަހަރުގައި އެހަ ދުވަސްވީ މީހަކާއި އިންނަންވުމަކީ ދުވަހަކު އުއްމީދުކުރިކަމެއް ނޫނެވެ. ފުރތަމަ ހީކުރީވެސް ހަތްދިހަ ވަރަކަށް އަހަރުގެ މުސްކުޅިމީހެއްކަމުގައެވެ. އެފަދަ މުއްސަދިން ޅަ އަންހެންކުދިންނާއި އިނދެއުޅޭވާހަކަ ނޫސްތަކުން ކިޔާ އަޑުއަހަމެވެ.

އެރޭ އިސްތިޚާރާކޮށްގެން ދުޢާކުރިއިރު އެތައް އިރެއްވާންދެން ރޮވުނެވެ. ނަމަވެސް މި ނިކަމެތި އަޅާގެ ހުރިހާކަމެއް ހެއްދެވިފަރާތާއި ހަވާލުކުރީ އިތުބާރުކުރާ ހާލުގައެވެ. މިފުރާނައިގެ ވެރިފަރާތަށް ހުރިހާކަމެއް ދެނެވޮޑިގެންވާނެއެވެ. ދެރަގޮތެއް މެދުވެރިނުކުރައްވާނެ ނޫންހެއްޔެވެ؟ އެފަހުން ހުރެވުނީ ހަމަޖެހިލާފައެވެ.

އަދި އިސްތިޚާރާކުރުމުން ފެނުނީ ރީތި ހުވަފެނެކެވެ. އެކަން މާނަކުރެވުނީ ޕޮޒިޓިވްކަމެއްގެ ގޮތުގައެވެ. ވީއިރު ދެރަގޮތެއް ނުވާނެ ނޫންހެއްޔެވެ؟

ދެން ސަލްވާ ލިޔެފައި އޮތީ ކައިވެނީގެ ދުވަހުގެ ވާހަކައެވެ.

ސަލްވާ ފުރަތަމަ ފަހަރަށް ހައިކަލްއާއިއެކު ގެއަށް އައި ދުވަހު "ވެލްކަމް ހޯމް" އޭ ބުނުމުން ކުރެވުނު އިހުސާސް ލިޔެފައިވާ ތަން ފެނުމުން ހައިކަލްއަށް ހީލެވުނެވެ.

އޭނަގެ އަޑު އިވިފައި ދެން ހީބިހި ހަލާވާހަކަ ބުނީމަ ހައިކަލްއަށް ކިތަންމެހާވެސް މަޖާވިއެވެ. ސަލްވާގެ ޑައިރީ ކުރިއަށް ދިޔަ ވަރަކަށް ހައިރާންކަމެއް ލިބުނެވެ. ސަލްވާގެ މައުސޫމްކަން ހައިކަލްއަށް އެއިން ކޮންމެ ސަފުހާއެއް ހާމަކޮށްދިނެވެ. ސަލްވާއަށް ވިޝާމް ކުރި އުދަގޫތަކުގެ ވާހަކަތަކުން ފެށިގެން މެހެރީނާ އޭނަ ފަތާފެންގަނޑަށް ކޮށްޕާލި ދުވަހުގެ ހާދިސާވެސް ތަފްސީލުކޮށް ލިޔެފައިވިއެވެ. އަދި ފެންބޮވިގެން އުޅެނިކޮށް ވިޝާމްގެ ގައިގާ ބައްދައިލެވުނީ ވެސް ނޭގިކަމަށް އޮތެވެ. ހައިކަލްކަމަށް ހީކުރެވި އޮޅުމަކުން ބައްދާލެވުމާއިއެކު ހާސްވިވަރުވެސް ސަލްވާ ލިޔެފައި އޮތެވެ. ހައިކަލް ހަދާންވިއެވެ. ޕޫލްކައިރީގައި އެބުނާދުވަހުގެ ފޮޓޯއެއް ނަގާފައި މެހެރީނާ ދެއްކިއެވެ.

މެހެރީނާ ކުރާހާ އަނިޔާތައް ސަލްވާ އަސަރާއިއެކު ޑައިރީއާއި ހިއްސާކޮށްފައިވިއެވެ. ހައިކަލްކައިރީ ބުނަން ބޭނުންނުވަނީ ހައިކަލްގެ ކޮއްކޮއަށްވާތީއެވެ. ދޭތެރެ ޖައްސާ މީހަކަށް ބޭނުންނުވާން ވެގެންނެވެ.

ޑައިރީތައް ކިޔާނިމިގެން ހައިކަލް ސިޓީ އުރަބޮނޑިއަށް ބަލައިލުމާއިއެކު ޖަޒުބާތީވެވޭގޮތްވިއެވެ. އެހުރިހާ އުރައެއްގެ ބޭރުގައި ވަނީ އަޒަލްގެ އަތު ލިޔުމެވެ. ކޮންމެ މީހަކަށް ވަކި ސިޓީއެއް ފޮނުވާފައިހެއްޔެވެ؟ މިއީ ކޮންކަމެއްހެއްޔެވެ؟ މިހުރިހާ ދުވަހު މިސިޓީތައް ހުރީ ކޮންތާކުބާވައެވެ. އަދިވެސް ބައެއް ސުވާލުތަކުގެ ޖަވާބެއް ނުލިބެއެވެ.

ހައިކަލްގެ ނަން ޖެހި ސިޓީ ހުޅުވާލާފައި ކިޔަންފެށުނީ ވަރަށް ހިތްވަރުކޮށްލާފައެވެ. އަޒަލް އޭނަގެ ކުރިމަތީގައި އެ އުފާވެރި ހިނިތުންވުމުގައި ހުރިކަމުގެ އިހުސާސްކުރެވުނެވެ. އަބަދު ހީހީ އުފާވެރިކޮށް އުޅޭ އަންހެންކުއްޖާ މިހާ ބޮޑު ބައްޔަކާއި އެކަނި ހަގުރާމަކުރިއޭ ހިތަކަށްވެސް ނާރައެވެ.

އަޒަލް އޭނަގެ ބައްޕަ ކައިރިން އެދިފައިވަނީ ސަލްވާ ދުވަހަކުވެސް ދޫކޮށްނުލުމަށެވެ. އެހާ ރަގަޅު އަންހެންކުއްޖަކު ދުނިޔޭގައި މަދުވާނެކަމަށާއި ސަލްވާ ދޮންމަންމައެއްގެ ގޮތުގައި ގެނައިކަމުން އަޒަލްއަށް ހެއްދެވިފަރާތާއި ގުޅުން ރަގަޅުކުރެވުނުކަމަށް ލިގުނެވެ. މެހެރިނާ ދައްތަ އޮޅުވައިލިކަން އަޒަލްއަށް ޔަގީންވެއްޖެކަމަށް ބުނެ އެކި ދުވަހު މެހެރީނާ ދެއްކި ވާހަކަތައް އިވިފައިވާކަމުގައި ބުނެފައިވިއެވެ. ސަލްވާގެ ޑައިރީތައް މެހެރީނާ ދައްތަ ވަގަށް ނަގައިގެންގޮސް ހުރީ އެކޮޓަރީގައި ރައްކާކޮށްފައެވެ. ސަލްވާއާއި ބައްޕަ ރުޅިކުރުވަން މެހެރީނާ ދައްތަ އުޅުނުކަމަށްޓަކާ ހިތާމަކުރާ ވާހަކައާއި ކޮންމެވެސް ދުވަހަކުން މެހެރީނާއަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުޢާކޮށްފައިވިއެވެ.

"ޑޭޑް. އަޅުގަނޑަށް ބައްޕަ ކައިރީ ބުނަން އުދަގޫ ވާހަކައެއް އެބައޮތެވެ. އަޅުގަނޑުގެ މަންމައާއި މެހެރްދައްތަ ދެއްކި ވާހަކަ އިވުމުން ބޭބީއަށް ވީގޮތް އަޅުގަނޑަށް އޮޅުންފިލައިފިއެވެ. މެހެރްދައްތަމެން ސަލްވާގެ ބޮލުގައި އެޅުވީ ކޮންފަދަ ދޮގު އިލްޒާމެއްހެއްޔެވެ؟ ކޮންމެވެސް ދުވަހަކުން މެހެރްދައްތަ ބައްޕަ ކައިރީ އެވާހަކަ ދައްކާފައި މާފަށް އެދޭނެކަމަށް ހީކުރަމެވެ. އެކަމަކު ގަބޫލުނުކުރެވުނަސް މަންމައާއި ދައްތަ އެވާހަކަ ދެއްކި އަޑު އިވުމުން ހާދަ ދެރައެއްވިއެވެ. މިވަގުތުވެސް ޑޭޑްކައިރީ އެވާހަކަ ބުނަން ބޭނުމެވެ. ފަހަރެއްގައިވާ ގޮތަކުން ނުބުނެވޭނެތީ ސިޓީއަށް މިތަންކޮޅު އިތުރުކޮށްލީއެވެ.

އައި ނޯ ޑޭޑް ޔޫ ވިލް ކްރައި ވެން ޔޫ ރީޑް ދިސް ލެޓަރ. ބަޓް ޑޭޑް އައިލް އޯލްވޭސް ބީ ރައިޓް ދެއަރ އިން ޔޯ ހާޓް. ޑޭޑް"

'ޔޫ އާ މައި ހީރޯ. އައި ލަވް ޔޫ ސޯ މަޗް ޑޭޑް......" އަޒަލް ބުނެފައިވަނީ ހައިކަލްފަދަ ފުރިހަމަ ބައްޕައެއް ލިބުނުކަމީ އޭނައަށް ލެއްވި ރަހުމަތެއްކަމުގައެވެ. ހެއްދެވިފަރާތަށް އެކަމާއިމެދު ޝުކުރުކުރެވުނު އަދަދެއްވެސް ނެތްކަމުގައެވެ. އަންހެންކުއްޖަކަށް ލިބޭނެ އެންމެ ފުރިހަމަ ލޯތްބާއި ހިމާޔަތް ބައްޕަގެ ފަރާތުން އޭނައަށް ލިބިފައިވާކަމުގައެވެ. ބައްޕައާއިމެދު ފަޚުރުވެރިވާކަމުގައެވެ. ދެން އޮތީ އޭނަގެ އެކައުންޓްގައިވާ ހުރިހާ ފައިސާއެއް މާތް ﷲގެ މަގުގައި އެކި ފަންޑުތަކަށް ހޭދަކުރަން އެދިފައެވެ.

އެސިޓީ ކިޔާނިމުނީ ދެތިންފަހަރު ހުއްޓާފައެވެ. އެތައްފަހަރު ކަރުނުން ދެލޯ ފުސްވެގެން ހުއްޓާލަން މަޖުބޫރުވިއެވެ.

އަޒަލް އާއިލާގެ އެހެން މެންބަރުންނަށް އެޑްރެސްކޮށްފައި ހުރި ސިޓީތައް ބަލައިލަން ހިތް އެދުނަސް ހައިކަލް ކެތްކުރިއެވެ. އެއީ އަޒަލްގެ އަމާނާތެކެވެ. ޚިޔާނާތްތެރިވާކަށް ނުވާނެއެވެ.

އޭރުވެސް ވާރޭގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައީ އެއްވަރަށެވެ. އެވަރުންދަންޏާ ފެންވެސް ބޮޑުވެދާނެއެވެ. ހައިކަލްކޮފީތަށި އެއްނޭވާއިން ހުސްކޮށްލިއެވެ. އަދި ހުރިހާ އެއްޗެހި ޕާރުސަލްތެރެއަށް ލުމަށްފަހު އަވަސްފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް އަރައިގެންދިޔައިރު ހިތަށް ކުރާ ބާރެއްގެ ބޮޑުކަމުން ނޭވާ ނުލެވޭހެންވެސް ހީވިއެވެ. ކިތަންމެ ވަރަކަށް ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އުޅުނަސް މަސްހުނި އިހުސާސްތަކުން ހިތަށް ބާރުބޮޑުވެފައިވިއެވެ. ރުޅިއަށްވުރެވެސް އެވަގުތު އިތުރުވީ ހިތާމައެވެ. އޭނަގެ ކޮއްކޮ މެހެރީނާ އެފަދަ ނުބައި ކުޅެފާނެކަމަކަށް ހިޔެއްވެސް ނުކުރެއެވެ. ސަލްވާއާއިމެދު އެހާ އިހާނެތި ކޮށް ކަންތައްކުރަމުންގޮސް ގެއިން ނެރެލީއެވެ. އެވަރުންވެސް އޭނައަށް ރޭކާނުލިއެވެ. އަދި މެހެރީނާ ދައްކަން ބޭނުންވާ ޑައިރީ ހައިކަލްއަށް ފެންނަގޮތް ހަދާފައި އޭނައާއިއެކު ސަލްވާ ދިރިއުޅުންފެށުމަށްފަހު ލިޔެފައިވާ ޑައިރީވެސް ފޮރުވީއެވެ. ވިޝާމް ނުދެއްކިނަމަ އޭނަ ހުންނާނީ ކިހާ ބޮޑު އޮޅުމެއްގައި ހެއްޔެވެ؟ މިހާރު ސުވާލަކީ ވިޝާމްގެ އަތަށް މިހުރިހާ އެއްޗެއް އެރީ ކިހިނެއްހެއްޔެވެ؟

ހައިކަލް ކޮޓަރިއަށްވަދެފައި ބަލައިލިއިރު ފަނޑުއަލީގެ ތެރޭގައި ސަލްވާ ނިދިފައި އޮތްވާ ފެނުނެވެ. ހައިކަލްއަށް މަޑުމަޑުން ހިނގައިގަނެވުނީ އެދިމާލަށެވެ. ސަލްވާ ހީވީ ފިނިވެފައި އޮތްހެންނެވެ. ކުއިލްޓްވެސް ސޮއްސާލައިގެންގޮސް އެއްފަރާތަކަށް ޖެހިފައި އޮތުމުން ހަށިގަނޑުގެ މަތީބައިވަނީ ފިންޏަށް ހާމަވެފައެވެ. ހައިކަލް ސަލްވާގެ ކަދުރާއާއި ހަމަޔަށް ކުއިލްޓް އަޅާލަދިނެވެ. އަދި ނިތްކުރީގައި ބޮސްދިންއިރު ނޭގިވެސް ލޮލުން އޮހުނު ކަރުނަތިކި ސަލްވާގެ އަސްފިޔަތެރެއަށް ފޭދިގެން ހިގައްޖެއެވެ.

"އައިމް ސޮރީ. އައިމް ސޯ ސޮރީ ބޭބީ. ނޭގުމުގެ ތެރޭގައި މިހިތަށް ދެވުނު އަނިޔާތަކަށް އަހަންނަށް މާފުކޮށްދެއްޗޭ.........." ހައިކަލް މަޑުމަޑުން ސަލްވާގެ ކައިރީގައި އޮށޯތްގޮތަށް އެބާރުގަދަ އަތުގެ ހިމާޔަތަށް ގެނައެވެ. ސަލްވާ ނިދީގައި އޮވެ އެއަތުގެ ތެރޭގައި ހަމަޖެހިލިގޮތުން ހީފިލާ ނިދީގެ އަރާމު ދެގުނައަށް އިތުރުވާނެކަން ޔަގީނެވެ. ހައިކަލް ނުނިދިފާ އެތައް އިރެއްވާންދެން އޮތްއިރު ސަލްވާއަށް ގޯނާއެއްކޮށްލަން ހިތަށްއަރާފައިވެސް އަމިއްލަ އެދުން އިސްކޮށް ސަލްވާގެ އަރާމު ނިދިކޮޅު ޚަރާބުކޮށްލާކަށް ބޭނުމެއްނުވިއެވެ. އެޖަންބުކުލަ އަރާ މޫނަށް ބަލަހައްޓައިގެން އޮތުމުންވެސް މިރޭ ހައިކަލްގެ ހިތަށް ހަމަޖެހުން ލިބުނެވެ. މިރެއަށްފަހު އިރާދަކުރެއްވިއްޔާ ދެން އެދޭތެރެއަށް އެއްވެސް އިންސާނަކަށް ނުވަދެވޭނެއެވެ. މެހެރީނާ އެހުރިހާ ހެކިތަކެއްދެއްކިއިރުވެސް އޭނަގެ ހިތް އެވާހަކަތައް ގަބޫލުކުރަން ދެކޮޅުހެދީ ހިތާއި ހިތުގެ ގުޅުން އޮތްވަރުންނެވެ. ސަލްވާގެ ކުށެއް އޮތްކަމަށް އޭނަގެ ހިތް އޭރުވެސް އެއްބަހެއްނުވެއެވެ. އަޑީގައި ނުބަޔެއްއުޅޭކަމަށް އޭރުވެސް ހިތަށް އެރިއެވެ. ވިޝާމްއާއި ސަލްވާ އެކީގައި ވާހަކަދައްކަން ތިބި މަންޒަރު ލޮލަށްފެނުމުންވެސް ހިތް އެދުނީ އެއީ ނުވާކަމަކަށް ހެދުމަށެވެ. އެހާވެސް އިތުބާރުކުރެވޭފަދަ އަންހެންކުއްޖެކެވެ. މިވީގޮތުން އެ ލޯބީގައި އިތުބާރުގެ ތަތްގަނޑު ޖެހިއްޖެއެވެ. ދެނެއް އެކަން ބަދަލެއްނުކުރެވޭނެއެވެ.

ފަތިސް ނަމާދަށް ބަންގިދިން އަޑު ކަންފަތުގައި ޖެހުމާއިއެކު ހައިކަލް އަވަސްވެގަތީ މިސްކިތަށް ދާށެވެ. އޭރު ވާރޭ ހުއްޓާލާފައި ފަޟާއަށް ގަދަ ފިނިކަމެއްވެރިވެ ފުސްކޮށް ފެނެއެވެ. ދުންފިނި ހިފާފައިވާފަދައެވެ. މިސްކިތުގައި ޤުރުއާން ކިޔަވަން އިނދެފައި ގެއަށް އާދެވުނުއިރު އިރުއެރުމަކާއި ގާތްވެއްޖެއެވެ. ސަލްވާ ކޮފީ ހަދައިގެން ކޮޓަރިއަށް ގެނެސްދިނުމުން ހައިކަލް ސަލްވާގެނެސް މޭގައި ޖައްސާލާފައި ނިތްކުރިއަށް ބޮސްދިނެވެ.

"ތެންކިއު........"

އެ ކުޑަ އަދާއިންވެސް ސަލްވާ ލަދުންގޮސް މޯޅިވިއެވެ. ހައިކަލްގެ ފަރާތުން މިކަހަލަ ގާތްކަމަކަށް އޭނަ އުއްމީދުނުކޮށް ހުއްޓާ އެފަދަ ލޯތްބެއް ލިބުމުން ސަލްވާގެ ހިތް އުފަލުން އުދުއްސައިގަތެވެ. ހައިކަލް އޭނައަށް މާފުކުރީބާވައެވެ. ހައިކަލް ސަލްވާގެ ކޮލުގައި ހިފާލަމުން ރޭ އެއޮތް ވިއްސާރަ ރޭ ސަލްވާ އޭނަ އެކަނިކޮށްފައި ނިދުމުން ނުވެސް ނިދުނުކަމަށާއި އެކަނިވެރިވީކަމަށް ބުނުމުން ސަލްވާ އަދި ރަކިވިއެވެ. އެހެން ބުނީ ކީއްވެތޯ އަހައިލިއެވެ.

"އެނގޭނެއްނު. ކޮން ދުވަހެއް ދުރުން އުޅޭތާ. ޔޫ އާ މައި ވައިފް ސަލްވާ...ފިލައިގެން ދިޔަސް އެކަން ބަދަލެއް ނުވެއެއްނު. ތިން އަހަރުވިޔަސް ހަމަ އަހަރެންގެ އަންހެނުންގެ ގޮތުގައި ތިހިރީ............." ހައިކަލް ޑްރެސިންޓޭބަލަށް ކުޑަކޮށް ލެނގިލަމުން ކޮފީތަށި ނެގިއެވެ. އެތޫނު ދެލޮލުން ބަލަން ހުރިގޮތަކުން ސަލްވަ ވިރިގެން ފައިބަފާނެކަހަލައެވެ. ލަދުން ހަލާކުނުވާވަރެއް ނޫނެވެ. ކޮންފަދަ ފުން ދެލޮލެއްހެއްޔެވެ؟ ކަނޑެއްފަދައެވެ. ފުންކަމުގެ އިންތިހާއެވެ.

"ބަޓް......."

"ކަމް ހިއަރ...." ހައިކަލް އެދުނެވެ.

ކިޔަމަންތެރިކަމާއިއެކު ސަލްވާ އައިސް ހުއްޓުނީ ކުރިމަތީގައެވެ. އޭރުވެސް އިސްއުފުލާލާކަށް ނުކެރެއެވެ.

"ސަލްވާ ބޭބީ. އަދިވެސް ތިހާ ލަދުން އުޅޭއިރު ކައިވެނީގެ ފުރަތަމަ ރެއެކޭ ތަފާތެއްނެތް. ހަދާން އެބަހުރިތަ އެރޭމަތިން.. ލުކް އެޓް މީ......." ހައިކަލް ސަލްވާގެ ދަތްދޮޅީގައި ހިފާފައި އިސްއުފުލުވައިލިއެވެ. ސަލްވާ ރަކި ހިންޏަކާއިއެކު އެދެލޮލާއި ހަތަރުކަޅިހަމަކޮށްލިއެވެ. ކުއްލިއަކަށް ހައިކަލް މިހާބޮޑަށް ބަދަލުވާންވީ ސަބަބެއް އެއްގޮތަކަށްވެސް ސަލްވާއަކަށް ނުވިސްނެއެވެ. އެންމެންވެގެން ހައިކަލްގެ ހިތާއި ސިކުނޑިވެސް އޭނައާއި ދެކޮޅަށް އަނބުރާލާފައިވީއިރު މިގޮތަށް ބަދަލުވުމުން ނަގައިގަންނަންވީ ކީކޭކަމެއްވެސް ނޭގުނެވެ. ރެއާއި ހަމަޔަށްވެސް ހައިކަލްގެ އުޅުމުގައި ދުރުކަމެއް ހުއްޓެވެ. އެދުރުކަން ނައްތާލާނެގޮތެއް ނޭގިފައި ހުއްޓާ ކުއްލިއަކަށް ހައިކަލް އޭނައާއި ސަމާސާކޮށްލުމުން ސަލްވާއަށް ހީވީ ހުވަފެނެއްގައި ހުރެވުނުހެންނެވެ.

ސަލްވާއަށް ހުރެވުނީ ހައިކަލްއާއި ދާދި ކައިރީގައެވެ. ހައިކަލްގެ ފައިމަތީގައި އެއްއަތް ބޭއްވުނުގޮތަށް އެއަތްތިލަމަ ފޮރުވުނީ ހައިކަލްގެ ބޮޑު އަތްތިލައިންނެވެ.

"ހޫމް. ދެން އެރޭ ނުނިމި ހުރި ވާހަކަތައް ކިޔައިދީ. އަހަރެން މިހިރީ އަޑުއަހަން...." ހައިކަލް ބުމަ އަރުވައިލުމުން ސަލްވާގެ ހިތްއަވަސްވިއެވެ. ސަލްވާ ހަދާނެއްވެސް ނެތެވެ. އެހެންވެ އެރޭ ވާހަކަދިޔައީ ކޮން ހިސާބަކަށްތޯ އެހުމުން ހައިކަލް ބުނީ ވިޝާމްއާއިއެކު ފިލައިގެން ދާން ޖެހުނު ސަބަބާއި ހަމަޔަށް ކަމުގައެވެ. ސަލްވާ ކުޑަކޮށް ހީލާފައި ވާހަކަދައްކަން ފެށިއެވެ. ވިޝާމްއާއިއެކު ފާގިޔާގެ ރަށަށް ދިޔުމަށްފަހު ޕްރެގްކަން އެނގުމުން ކުރެވުނު އިހުސާސްތަކާއިއެކު ފާގިޔާ ރޯޒްމެހެލްއަށް އައުމުން މެހެރީނާ ކުރި އަނިޔާވެސް ކިޔައިދިނެވެ. ފާގިޔާ އޮތީ އޭރު ސަލްވާއަށް އެދުވަހުގެ ހާދިސާ ސިއްރުކޮށްފައެވެ. ފާގިޔާ އެވާހަކަ ބުނީ ދާދި ފަހުންނެވެ. ސަލްވާ އަށް ކޯސްލިބުމަށްފަހު މެލެޝިއާގައި އުޅުނު ދުވަސްތަކުގެ ވާހަކަދެއްކިއިރު ހައިކަލް މަތިން ހަދާން ނުކުރާ އެންމެ ދުވަހެއްވެސް ނާންނަކަމުގައި ބުނިއިރު ސަލްވާގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. ޒެލްއަށް ބައްޕަ ހޯދައިދޭން ބޭނުންވެފައި ހުރި ވަރާއި ޒެލްއަށް އަބަދުވެސް ބައްޕަ ގެ ފޮޓޯދައްކާފައި ލޯބިވާ ވާހަކަ ބުނުވާކަމަށާއި އެއީ ސަލްވާގެ ދިރިހުރުމުގެ އެކަނި އުއްމީދުކަމުގައި ބުނެލިއެވެ.

ހައިކަލްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ސަލްވާގެ ލޮލުން އޮހުނު ކަރުނަތައް ހައިކަލްގެ މުޅި ޖިސްމު ވެސް ރޫރޫއަޅުވާލިއެވެ. ސަލްވާގެ އެދެލޮލުން ކަރުނަ އައުމަކީ އޭނަ ފަހަރެއްގައިވެސް ދެކެން ބޭނުންވާކަމެއް ނޫނެވެ. ސަލްވާ ހައިކަލްގެ ގައިގާ ބައްދާލައިގެން ހުރެ ރޮއިރޮއިފާ ލޯބިވާ ވާހަކަ ބުނުމަށްފަހު ހައިކަލްއަށް ކެތްވާނީ ކިހިނެއްހެއްޔެވެ؟ އެހިތް ސަލްވާއަށް އިންތިޒާރު ކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ ސަލްވާގެ ހިތުގައިވާ ޝަކުވާތައް ބަންޑުންކޮށްފައި ވާހަކަދެއްކިއިރު ހައިކަލްވެސް ފެންކަޅިވާގޮތްވިއެވެ. އޭނަގެ ދުލުން ނުބުނިކަމުގައި ވިޔަސް އަމަލުން ހާމަކޮށްދިނީ ލޯބިވާ މިންވަރެވެ. ސަލްވާއަށްޓަކާ އެހިތުގައިވާ ލޯބީގެ ފުރިހަމަކަމެވެ. ދެމީހުން އެކީގައި ހޫނުފެނުން ފެންވަރާލާ ސައިބޮއި ހެދިއިރުވެސް ޒެލް އޮތީ ގަދަނިދީގައެވެ.

އާޒީން ބައްޕައާއި ބައްދަލުކުރަން އެގެއަށް ވަނުމުން ސިހޭގޮތްވިއެވެ. ފެނުނީ ހިތަށްވެސް ނާރާ ފަދަ މަންޒަރެކެވެ. ދެކެން ބޭނުންވިފަދަ ކަމެއްނޫނެވެ. ހަމަޖެހިގެން އުޅޭ އުފާވެރި އާއިލީވަގުތުކޮޅެއް ބައްޕައާއި ސަލްވާ ޒެލްއާއިއެކު ހޭދަކުރާތަނެވެ. އަޒަލް ދުނިޔެއިން ވަކިވުމުގެ ސަބަބަކަށްވި ސަލްވާއަށް އެގެއިން އެފަދަ ޖާގައެއް ލިބިފައިވާތަން ފެނުމުން އާޒީން ނުރުހުންވެ ފާޑަކަށް މޫނު ހަދާލެވުނެވެ. ބައްޕައާއި ސަލްވާ އެއް ސޯފާއެއްގައި ދާދި ކައިރީގައި އިށީދެލައިގެން ތިބިއިރު އިއްތިފާގުން ނަމަވެސް ދެމީހުން ލައިގެން ތިބީ ނޫ ޖިންސާއި ހުދުގަމީހެވެ. ޒެލްވެސް އެފަދައެވެ. ކުޅޭކާރެއްގައި ގޭތެރެ ކުޑަކޮށްލާފައި މާބްލް ތަޅުންމަތީގައި ދުއްވަންއިންއިރު ޖޯޝާއިއެކު ދޭތެރެއަކުން ތުއްތު ބަހުރުވައިން އެއްޗެކޭ ބުނެލައެވެ.

"ދޮންތީ......" އާޒީން ފެނުމާއިއެކު ޒެލް ކާރުން ފުންމާލާފައި ދުވަމުން އައުމުން އާޒީން ގަދަކަމުން ހީލަމުން ކަކޫމައްޗަށް ތިރިވިއެވެ. އެކުޑަ ކުޑަ ޒެލްގެ ރީތިކަމުން ފުރިފައިވީ ކޮލުގައި ބޮސްދިނެވެ.

"ހައި ޑާލިން.....ހާދާ މޮޅޭ ބޭބީ ކާރުވެސް އެބަ ދުއްވަމެއްނު....." އާޒީން ޒެލް އުރާލައިފިއެވެ. އެކީގައި ސެލްފީ ނެގިއެވެ. އެންމެކުޑަވެގެން އޭނަ ބައްޕައާއި ސަލްވާއާއިއެކީގައިވެސް ފޮޓޯނެގީ ހިތާއި ދެކޮޅަށެވެ. ބައެއްފަހަރު ހިތް ބޭނުންނުވާކަންތައްވެސް މަޖުބޫރުވެގެން މީހުން ކޮށްއުޅޭ ނޫންހެއްޔެވެ؟ އޭނަގެ ދުޝްމިނަކީ ސަލްވާއެވެ. ޒެލްއެއްނޫނެވެ. ބައްޕަވެސް ސަލްވާ އެގޭގައި ބަހައްޓާނީ ދަރިފުޅަށްޓަކާކަން އާޒީންއަށްވެސް ވިސްނި ހިމޭންކަން ޚިޔާރުކުރީއެވެ. އެކަމަކު އޭނަ ސަލްވާއާއި ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ބުނެއެއް ނޫޅެއެވެ. އެގޭގައި ހުންނާކަށްވެސް އާޒީންގެ ހިތަކުނެތެވެ. އޭނަ ހުރީ އެގެއަށް ވީހާވެސް އަވަހަށް ބަދަލުވާށެވެ. ނަމަވެސް ސަލްވާ އައުމުން އެކަން ފަސްކޮށްލަން ހިތް މަޝްވަރާދިނެވެ. ސަލްވާއާއި އެއް ފުރާޅެއްގެ ދަށުގައި ހުންނާކަށް އޭނަގެ ހިތެއްނުރުހެއެވެ.

ހައިކަލް ރޯޒްމެހެލްއަށް ދިޔައީ ދައްތަމެންނާއި ބައްދަލުކުރާށެވެ. އެއާއިލާގައި ވަރަށް އަވަހަށް ކައިވެންޏެއް ކުރެވެން އުޅޭތީ އެކަމުގައި ބައިވެރިވާން އައި ގިނަބަޔަކު ތިބީ ރޯޒްމެހެލްގައެވެ. ސިޓިންރޫމްގައި ބައްޕައާއި މަންމަގެ އިތުރުން ދައްތަމެން ތިބިތަން ފެނިފާ ހައިކަލް ގޮސް ސޯފާއެއްގައި ޖައްސައިލިއެވެ. އެތައް ޒަމާނަކަށްފަހު ހައިކަލްގެ މޫނުމަތިން ބުނަން ނޭގޭފަދަ ހިތްހަމަޖެހުމަކާއިއެކު އުފާވެރިކަމެއް ފެނުނެވެ. އަޒަލްގެ މަރުގެ ހިތާމައާއި ސަލްވާގެ ވަކިވުން ހައިކަލްގެ ހިތް މުޅިން މާޔޫސްކުރުވާފައި ހުއްޓާ ހައިކަލްގެ ހަޔާތަށް އެހެން ޒެލްއެއް އައިސް އުފާވެރިކަން ހޯދަދީފިއެވެ. އެމެރިކާގައި އުޅުނުއިރު ހައިކަލް ދިރިއުޅުނީ ވަރަށް އެކަނިވެރިކޮށެވެ. ބައެއްފަހަރު ޒައިތޫންގެ ހިތްހަލާކުވެ އަމިއްލަ ނަފުސާއި ސުވާލުކުރެއެވެ. ހައިކަލް އަމިއްލައަށް ހެދުން ދޮވެ އިސްތިރިކޮށްހަދާތަން ފެނިފާ ޒައިތޫންގެ ލޮލުން ކިތަންމެ ފަހަރަކު ކަރުނަ އައެވެ. އެދެލޮލުގައިވާ ރިހުމާއި ހުސްކަން މަންމައެއްގެ ހިތަށް އަސަރުނުކުރުވައެއް ނުދާނެއެވެ. ބައިވެރިޔަކު ގެނެސްދޭން ބޭނުންވިއެވެ. ރައުދާ ހައިކަލްގެ ހިތުން ޖާގަ ހޯދަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.

ނޯކަރަކު ގެނެސް އަތުރައިލި ކޮފީއަށް އިންސާފުކުރަން އެންމެން ތިއްބާ މެހެރީނާވެސް އެގެއަށް އައެވެ. އެހެން ދުވަހު ފެންނަ ކަހަލަ އުފާވެރިކަމެއް އެމޫނަކު ނުވިއެވެ.

"ކޮފީގެ އެޑިކްޓެޑް ސްމެލް......ކެން އައި ހޭވް އެ ކަޕް؟ " މެހެރީނާ ތަންކޮޅެއް ބީރައްޓެހިގޮތަކަށް އެޖުމްލަ ބުނެލުމުން ހައިކަލްއަށްވެސް ތަފާތު އިހުސާސެއްކުރެވުނެވެ. މެހެރީނާ ހުރިހާ ކަމެއް އޭނަގެ ކޮޅަށް ބުރަވެ ނިމުމުން ނުބައިބައި ދޫކޮށްފައި އިސްލާހުވެ އަރީންއާއިއެކު އާ ދިރިއުޅުމެއް ޚިޔާރުކޮށްފިއެވެ. ނަމަވެސް ކޮއްކޮއަށްވެސް އޭނަގެ ހިތުގެ އިހުސާސްތަކެއް ނޭގުނެވެ. އެކަނިވެރިވާނެކަމެއް ނޭގުނެވެ.

ކޮންމެވެސް މީހަކު ބެލްޖެހުމުން މެހެރީނާ ދޮރު ހުޅުވާފައި އުޅުނީ އެމީހެއްގެ މޫނުމަތީގައި ދޮރު ލައްޕާލާށެވެ. ނަމަވެސް އެމީހަކު ވަރަށް ފަސޭހައިން މެހެރީނާގެ އަތުތެރެއިން އެތެރެއަށް ދެމިގެންފިއެވެ.

 

ކޮމެންޓް 0