"ދޮންބެ. ހުވާކޮށްފައި މިބުނީ އެ އަންހެނާ އަޅުގަނޑުގެ އަތަށް ހޫނު ކޮފީ އެޅީމައޭ ރުޅިގަދަވީ. އެހެންވެގެންނޭ ކޮށްޕާލީ. ދެން ދޮންބެ ކީއްވެ އަޅުގަނޑުދެކެ ރުޅި ދުރުވާންވީ؟ އަދިއޭނައަށް ސިމްޕަތީވާންވީ. އައިމް ދަ ވިކްޓިމް ހިއަރ. ޕްލީޒް ގަބޫލުކުރޭ..........." މެހެރީނާ ހިތުގައި ޖެހިފައިވާފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

"ސްޓޮޕް ވިތް ދަ ލައިސް މެހެރީނާ. އަހަންނަށް މެހެރީނާ އެނގޭވަރަކަށް އެހެން ކާކަށް އެނގޭނީ. ކުޑައިރުއްސުރެން ތިގޮތަށް ޗީޓްކުރުމާއި ދޮގުހެދުން އަދި މީހުންނަށް ލަނޑުދީގެން ބޮޑުވެފައި ތިހިރީ. މާ މައްޗަށް ތިދަނީ........." ހައިކަލްގެ ކޮލު ކަށިގަނޑަށް ބާރުކޮށްގެން ހުރި ގޮތުން ރުޅިގަދަވެފައިވާ މިންވަރު އަންދާޒާކުރެވުނެވެ.

"އެ ފޮތިބޮނޑި މިގެއަށް އައިފަހުން މުޅިންވެސް ސުންޕާ........" މެހެރީނާއަށް ކެތްނުކުރެވިގެން ސަލްވާއާއި ދިމާލަށް އެއްޗެކޭ ބުނަން އުޅުނުތަނާ ހައިކަލް އަތް ނެގިގޮތުން މެހެރީނާއަށް ހީވީ އޭނަގެ މޫނަށް އެތިފަހަރެއް ވީއްލާލާނެކަމުގައެވެ. ބިރުންގޮސް ހިތްފިނިވެފައިވާ ހާލުގައި އޭނައަށް ދެލޯ މަރައިލެވުނެވެ. ހައިކަލް ނަފުސްގެ މައްޗަށް ބާރު ފޯރުވަމުން އަތްތިރިކޮށްލައިފިއެވެ.

މެހެރީނާ އިސްޖަހައިލިގޮތަށް ދެން އިތުރަށް އަނގަ ހުޅުވާލާކަށް ނުކެރުނެވެ. ބިރުންގޮސް އޭނަގެ މޭގަނޑު ގުޑާލިއެވެ. ދެރަވުމުގެ އިތުރުން ސަލްވާދެކެ ދުވަހަކު ނާންނަވަރަށް ރުޅިގަދަވެ މޮޔަވާވަރުވިއެވެ. މިވަގުތު ސަލްވާ ފެނިއްޖެއްޔާ އެމޫނު ނޮޅާލެވޭނެއެވެ. ހުރިހާ މަސްހުނި ޖަޒުބާތުތަކެއް އޭނަގެ ސިކުނޑި ހަލަބޮލިކޮށްލިވަރު އެދެލޮލުން ހާމަވެއެވެ. އޭނަގެ ދޮންބެ ސަލްވާއާއި އެއްބަޔަށް ހުރެގެން އޭނަގެ ހިތް ފަޅިފަޅިކޮށްލީއެވެ. ދުވަހަކު މާފެއްނުދޭނެއެވެ. މިގޭގެ "ކޮންޓްރޯލް" ސަލްވާ ފޭރިގެންފިއެވެ.

"ހަނދާން ކުރައްޗޭ މެހެރީނާ. ސަލްވާއާއި ދިމާލަށް މީގެ ފަހުން އެއްޗެކޭ ބުނެގެން ނުވާނެ. މިއީ އަހަރެންގެގެ. ބޭބެދެކެ ލޯބިވަންޏާ އަންހެނުންނަށް ރެސްޕެކްޓްވެސް ކުރަންޖެހޭނީ. އޭނަ މިގޭގައި ހުރިހާ ހިދަކު އޭނަގެވެސް ތަނެއް މިއީ. އެހުރިހާ ހައްގަކާއި ބާރެއް ދީގެން މިގެއަށް ގެނެސްފައޭ އެހެރީ. ޝީޒް މައި ވައިފް މެހެރީނާ. އަހަރެން މިއީ ބޭބެކަމަށް ގަބޫލުކުރަންޏާ އެއީ ފަހަރި. މިކަންތައް ގަބޫލުނުކުރަންޏާ މިގެއިން ދޭ...... ....." ހައިކަލްގެ ހަރުކަށި ޖުމްލަތަކުން ހިތަށް ލިބުނު ދަތިކަމުގައި ކެތްނުކުރެވިގެން މެހެރީނާ އެތަނުން ނުކުމެގެން ދިޔައީއެވެ.

ސައިބޯހިތް ނުވިޔަސް ސަލްވާ ކޮފީއާއި އެހެން އެއްޗެހި ތައްޔާރުކުރީ އޭނައަށްޓަކާ ކަން އެނގޭތީ ނާސްތާ ކުރަން އިށީނެވެ. އިރުކޮޅަކުން ރުޅިފިލާ އެގޮތަށް ހަރުކަށިކޮށް ކޮއްކޮއާއި ދޭތެރޭ ވާހަކަދެއްކުނީތީ ދެރަވިއެވެ. އޭނަގެ ވާހަކަތަކުގައިވެސް ހިމެނުނީ މުޅިން ތެދު ވާހަކަތަކެއްނޫނެވެ. ސަލްވާއަކީ އޭނަގެ ކާކުހެއްޔެވެ؟ ނަމެއްގައި ހުއްޓަސް އެއީ އެހެންމީހެއްގެ ހައްގެކެވެ. އަމިއްލަ އަންހެނުންނޭ ބުންޏަސް އޭނައާއި ގުޅުމެއްވާ ފަރާތެއްކަމަށް މިހާރު އިހުސާސެއް ނުކުރެވެއެވެ. ސަލްވާގެ ބައްޕަވެސް އޭނައަށް އޮޅުވާލީއެވެ. ފުރަތަމަ ދެއްކީވެސް އުމުރުން ދުވަސްވީ އަންހެނެއްގެ ފޮޓޯއެވެ. ދެވަނަފަހަރަށް މެއިލްކުރި ބްލެކް އެންޑް ވައިޓް ފޮޓޯއަކީ ސަލްވާގެ ފޮޓޯގަނޑެއްކަމުގައި ވިޔަސް އެވެސް އެހާ ނުސާފެވެ. ކިރިޔާ ސިފަތައް ވަކިވިކަމުގައިވިޔަސް އެހާ ރަގަޅަކަށް އޮޅުންފިލީއެއްނޫނެވެ.

ހައިކަލް ގަސްތަކުގެ ތެރެއަށް ނުކުމެފާ ގަހެއްގައި ބުރަކަށި ޖައްސައިލެވުނީ ކޮޅަށް ހުންނާނެ ވަރެއްވެސް ނެތުމުންނެވެ. ސަލްވާގެ ބައްޕަ އަލީ އިސްމާއިލަށް ގުޅައިގެން އޭނަ ސުވާލުކުރިއެވެ. އޭނައަށް ސަލްވާގެ އުމުރު އޮޅުވާލުމުގެ ބޭނުމަކީ ކޮބާހެއްޔޭ އަހާލައިފިއެވެ. ފުރަތަމަ އެހެން ފޮޓޯއެއް ދައްކަން ޖެހުނީ ކީއްވެކަން އޮޅުން ފިލުވަން އެދުނެވެ. އަލީ އިސްމާއީލް ބަލިބަލި އަޑަކުން ބުނެލީ ފަހުން އެވާހަކަ ދައްކާނެކަމުގައާއި ސަލްވާ ރަގަޅަށް ބަލާދިނުމަށެވެ. ހައިކަލްއަށް އޭނަ ކުރާ އިތުބާރު އެހެން އިންސާނަކަށް ނުކުރެވޭކަމުގައެވެ. ފުރަތަމަ ދެއްކީ ސަލްވާގެ މަންމަގެ ފޮޓޯއެއްކަމުގައެވެ. ފޯނު ކަނޑާލުމުން ހައިކަލް ފުންނޭވަޔެއް ދޫކޮށްލައިފިއެވެ. އަލީ އިސްމާއިލް އިންސާނިއްޔަތަށްޓަކާ ކޮށްދިން ކަންތައްތަކުގެ ބަދަލުގައި އޭނައަށް ޝަކުވާކޮށްގެން އިތުރަށް ކުރާނެ މާބޮޑުކަމެއްވެސް ނެތެވެ. ނަމަވެސް ކަންތައްތައް ވާގޮތުން އޭނަ މިގޭގައި ސަލްވާ ގެންގުޅޭނެ ގޮތެއް ވިސްނުމަކަށް ނައެވެ. އޭނަގެ މައިންބަފައިންނާއި ކޮއްކޮ އަދި ކުދިންތައް އެތިބީ ސަލްވާއާއި ޖައްސާލާފައެވެ. އޭނަ ނެތްތަންތާ ސަލްވާއަށް ކޮށްލާ ވަރެއްވެސް އެގެނީއެއްނޫނެވެ. ޔަގީންވީ އެމީހުން އުދަގޫކޮށް ސަލްވާ ރޮއްވާލާކަމެވެ. މިއީ ދެވަނަ ފަހަރެވެ. ސަލްވާ ނިކަމެތި ކުއްޖަކަށްވީމަ ބާވައެވެ. އަޒަލްއާއި އާޒީން ހިތްހަމަނުޖެހެނީ ސަލްވާއަކީ ދޮންމަންމަވީމަ ހެއްޔެވެ. އެހެންނުވާ ވަރެއްވެސް ނޫނެވެ. އެކުދިންނާއި އެއް އުމުރެއްގެ އަންހެންކުއްޖަކު ދޮންމަންމައަކަށް ހޯދަދިނުމުން ވާނީ އެފަދަގޮތެކެވެ. އެތައް ސުވާލުތަކުން ސިކުނޑި ފުނިޖެހިއްޖެއެވެ.

ޑިއުޓީއިން ވިޝާމްއާއި ދިމާވެގެން އަދި ކައިވެނީގެ ފޯމުގައި ސޮއިކުރަން ޖެހުމުން ހައިކަލްގެ ކަންބޮޑުވުން ދެގުނަ އިތުރުވިއެވެ. ދެވަނަ ވިސްނުމަކަށް ދާން ހިތަށް އަރާފައިވެސް އަޒަލް ބަދުނާމުވާފަދަ ކަމެއްކޮށްލާކަށް ހިތެއްނޭދުނެވެ. ބަރުވެފައިވާ ހިތަކާއިއެކު ފޯމުގައި ސޮއިކޮށްލިއިރު ވިޝާމްގެ ތުންފަތުގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ.

"ތެންކިއު ސަރ...." ވިޝާމް މަޑުމަޑުން ބުނެލިއެވެ. އިންތިޒާރުގެ ވަގުތު ކުޑަތަންވެއްޖެއެވެ. ބާކީ މިއޮތް ހަފްތާގައި އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ނުދިޔައްޔާ ރަގަޅެވެ. މާއިޒްއާއިއެކު ގޮސް ފޯމުލާފައި ދެމީހުން ވަނީ ކޮފީއަކަށެވެ.

އެދުވަހު ހެދުނު އަޒަލްއާއި އާޒީން ޕާޓީއަކަށް ދާންވެގެން އެވާހަކަ މެހެރީނާ ގާތުގައި ބުނެލިއެވެ. ޕާޓީއަށް ދާންއުޅެނީ ފަޅުރަށަކަށެވެ. އާޒީން އެކުވެރިންގެ ނަންތައް ކިޔައިލިއިރު މުޅިންވެސް މުއްސަދިންގެ ދަރިންނެވެ. ހައިކަލްއަށް އެނގިގެން ހުއްދަނުދޭނެކަން އެނގުމުން ސަލްވާ ކުށްވެރިކުރާނެގޮތެއް މެހެރީނާ ހޯދިއެވެ. ސަލްވާގެ ބޮލުގައި ޒިންމާ އެޅޭގޮތަށެވެ. މެހެރީނާ ބުނީ ސަލްވާކައިރިން ހުއްދަ ހޯދުމަށެވެ. ދޮންމަންމަ އެހެރީ މަންމަގެ މަގާމުގައި ކަމަށްވާއިރު އޭނަ ހުއްދަދީގެން ޕާޓީއަށް ދެވިދާނެކަމުގައެވެ. ބައްޕައަށް އެނގިލައްވައިފިއްޔާ މަނާކުރާނެ ކަމުގައި ބުނެ ސަލްވާއާއި ވާހަކަދައްކަންވީގޮތް މެހެރީނާ ދަސްކޮށްދިނެވެ.

ސަލްވާ ޕޮޓްތަކުގައިވާ މާގަސްތަކަށް ގަސްކާނާ އަޅަންހުރިއިރު މިއަދު މޫނު ފޮރުވާކަށް މަސައްކަތެއްނުކުރެއެވެ. އިރުކޮޅަކު ބަލަން ހުރެލާފައި އަޒަލް ކައިރިވެލިއެވެ. އޭރު އަޅިވިލާތައް އުދަރެސް ބައްދަމުންގޮސް އިރުގެ އަލިން ދުނިޔެމަތި މަހުރޫމްކޮށްލައިފިއެވެ. ސަލްވާ އަޒަލްއާއި ދިމާލަށް ބަލައިލާފައި ހިނިތުންވެލިއިރު ހުދުހުދު ދަތްތަކެއް ފެނިލިއެވެ.

"ހައި ސަލްވާ. މި ކާނޭޝަންމާތައް ވަރަށް ރީތި ދޯ. އަހަރެމެން ބޭރުގައި އުޅުނުއިރު އެތާ އުޅުނުގޭގެ ގާޑަން މާ ރީތި. ހުދު ފެންސަށްވެސް އޮންނަނީ ޕިންކް ރޯޒް ވެލާއެއް އަރުވާލާފައި. އަދި ތިރީގައި ލެވެންޑާ ބުރު ގަނޑު. އޯސަމް. އިންސްޓާކޮށްފައިވެސް ހުންނާނެ. ސަލްވާއަށް އެތަނަށް ދެވުނު ދުވަހަކުން މޮޔަވާނެ. ބައްޕައާއި ދެކުދިން އަދި ހަނީމޫން ނަހަދަމެއްނު. ދާންވީނު. މޭއި މަހު އަހަރެމެން އެކޮޅަށް އަދި ދާނަން............." އަޒަލް ވަރަށް ގާތްގޮތަކަށް ހީލަމުން ކާނޭޝަންތަކުގައި އަތް ބީއްސާލައިފިއެވެ.

"އިންޝާﷲ...." ސަލްވާ މަސައްކަތް ނިންމާލާފައި އަތުން އަންގީ ނައްޓާލާފައި އެތާ ހުރި އިސްކުރުން އަތްދޮންނަން އުޅެގަތެވެ.

"ހޫމް ރީތި ބަގީޗާތައް ބަލައިލާހިތްވޭ. މިރަށުންވެސް އަދި ނުދެކެން މިހާ ރީތިތަނެއް. ފާޑުވެރިކޮށް ގަސްތައް އިންދާފައި މިހިރީ. ލަވް އިޓް......" ސަލްވާ އެތާ ހުރި ޕޮޓްތަކުގައި ހުރި އާވައްތަރުގެ މާތަކުގެ ނަން އަޒަލްކައިރިން އަހާލުމުން އަޒަލްއަށް އެނގުނުކަމަކަށްނުވިއެވެ. އެހާ ރީތިކޮށް އަޒަލް ވާހަކަދެއްކުމުން ސަލްވާވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެންމެން އެކީގައި އެއްއާއިލާއެއްގެ ގޮތުގައި އުޅުމަށް ކުރި އުއްމީދުގެ ހުޅުކޮޅު ކޮންމެވެސް ވަރަކަށް ބޮޑުވެއްޖެއެވެ. އިރާދަކުރެއްވިއްޔާ އަޒަލްމެންގެ ހިތުގައި އޭނައަށްޓަކާ ލޯބިވެސް އުފެދޭނެއެވެ.

"ސަލްވާ. އަހަރެންގެ ރިކުއެސްޓެއް އެބައޮތް. ބައްޕަ ކައިރީގައި ނުބުނައްޗޭ. އަހަންނާއި އާޒް މިއުޅެނީ ޕާޓީއަކަށް ދާން. ސަލްވާ ހުއްދަދީފިއްޔާ ހަމަ އޯކޭވާނެ...." އަޒަލް އިނީ ހީލަ ހީލައެވެ. މެހެރީނާގެ މަކަރުވެރިކަން އަޒަލްއަށް އެހާވަރަކަށް އޮޅުމެއްނުފިލައެވެ. ފަހުން ޖެހިދާނެ މައްސަލައަކަށްވެސް އޭނަ ނުވިސްނައެވެ. އޭނަ ބޭނުމީ ދޮންމަންމަގެ ހުއްދައެކެވެ. މަންމަގެ މަގާމުގައި ހުރި މީހާ ހުއްދަދީފިއްޔާ ދިޔުމަކުން މައްސަލައެއް ނުޖެހޭނެއެވެ.

"އެކަމަކު..ބައްޕަ ރުޅިދުރުވެއްޖެއްޔާ......" ސަލްވާ ކަންބޮޑުވިއެވެ.

"ނޯ. ބައްޕަ ވަރަށް ކޫލްވާނެ. އަހަރެމެން ގޯސްކޮށެއް ނޫޅޭނަން. ހަމަ ކުޑަކޮށް މަޖާކޮށްލާފައި އަންނާނީ. ހުރިހާ ފްރެންޑުން ބައިވެރިވާ އާދައިގެ ޕާޓީއެއް. އަހަރެމެން ލަސްނުވެ އަންނާނަން. ސަލްވާއަށް ނަމްބަރުވެސް މިދެނީ. ގުޅާލައްޗޭ....." އަޒަލް ނަމްބަރު ދިނުމަށްފަހު ދެތިންފަހަރު ކިޔައިގެން ސަލްވާ އެއްބަސްވިއިރު ހީކުރީ އެބުނާފަދަ އާދައިގެ ޕާޓީއެއްކަމުގައެވެ. އެމަންޒަރު ބަލަން ފިލާހުރި މެހެރީނާއަށް ފުންމައިގަނެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ޕާޓީއަށް ތައްޔާރުކުރަން އެގެއަށް މިހާރު ދަނީކަމުގައި ބުނެފައި އަޒަލްއާއި އާޒީން އެގެއިން ނުކުތްއިރު އެއީ ކިހާވަރުގެ ކަމެއްކަން ސަލްވާއަކަށް ރޭކާނުލިއެވެ. މެހެރީނާގެ މަކަރުވެރިކަމުގެ ދަލުގައި އެނިކަމެތި އަންހެންކުއްޖާ ޖައްސާލައިގެން އޭނަ ހުރީ ހިތާހިތުން އެކަމާއި އުފާކުރާށެވެ. ނަގަމުންދާ ތޫފާން ބޯމަތިވާއިރު ސަލްވާ ނެތިގެން ހިނގައިދާނެކަމަށް މެހެރީނާ ޔަގީންކުރިއެވެ.

އެރަށަށް ދެވުނުފަހުން ވަރުގަދަ ކޮޅިގަނޑެއް ނަގާ ވައިޖެހުނުލެއް ގަދަކަމުން އަޒަލްމެން ހީކުރީ އެންމެ ފަހު ވަގުތުކަމަށެވެ. އެންމެން ރޮއި ހަޅޭއްލަވާވެސް ހެދިއެވެ. ފަހުން ކޮޅިގަނޑު މަތަވުމުން މަޖާކުރަން ތިއްބާ މާއިޒް އަދި ބައްޕަވެސް އެތައްފަހަރު ގުޅިއެވެ. ބައްޕަމެން ހާސްވާނެވަރު އެނގިހުރެވެސް އެކުދިން އަޅާނުލާ ފޯނުނުނަގާ ތިބީއެވެ. ގޮނޑުދޮށުގައި އަލިފާންގަނޑު ރޯކޮށްލައިގެން ބާބެކިއު ހަދާ ކެއުމަށްފަހު ދެން ފޯރިގަނޑު ފެށުނެވެ. ސިގްރެޓްބުއިމުގެ އިތުރުން ބައެއްކުދިން "ހަޝިޝް" ބޭނުންކުރިއެވެ. އަޒަލްވެސް އެއްފަހަރު އެއިން ސިގްރެޓެއް ދަމާލާފައި ކޮށި އަރައިގަތްގޮތަށް ނޭވާއުފުރިދާނެހެން ހީވި ވަގުތުކޮޅެއްވެސް އައެވެ. އޭގެ ދުމުގައިވެސް ހުރީ އަރާމު މީރުވަހެކޭ އަޒަލްގެ ހިތަށް އެރިއެވެ. ގިނައިރުވީވަރަކަށް ފޯރިގަދަވިއެވެ. ބާރުބާރަށް ހެވީމެޓަލް ލަވަޖައްސައިގެން ގައިގޯޅިކޮށް ފާޑުފާޑަށް ނެށިއެވެ. އިސްލާމީ އުސޫލުތަކާއި މުޅިންވެސް ޚިލާފު ވިޔާނުދާ ކަންތައްތަކުގައި އެޒުވާނުން އުޅުނުއިރު ހެއްދެވިފަރާތް މަތިން ހަދާން ހުރި އެކަކުވެސް ނެތެވެ. އެފަދަ ވިޔާނުދާ އަމަލެއްގައި ތިއްބާ ފުރާނަ ހިއްޕަވާ މާތް ﷲގެ ހަޟުރަތަށް ދާންޖެހިއްޖެއްޔާ އެއަށްވުރެ ހިތްދަތި މަރެއް އޮންނާނެހެއްޔެވެ؟

ފުލުހުންނަށް ކޮންމެވެސް މީހަކު ރިޕޯޓްކޮށްގެންގެން ޓީމެއް އައިގޮތަށް އެޒުވާންކުދިންކޮޅު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. މުޅިންވެސް މުއްސަދި އާއިލާތަކުގެ ކުދިންނެވެ. މަޝްހޫރު ނަން ހިގާ މީހުންގެ ދަރިންތަކެވެ. ނުވީތާކަށް ފުލުހުންގެ އިސްވެރިޔެއްގެ އަންހެންދަރިއަކުވެސް ވިއެވެ. ހައިކަލްއަށްވެސް އެޚަބަރު ލިބުމުން ފައިދަށުން ބިންގަނޑުދެމިގަތްފަދަ ނުބައި އިހުސާސެއްކުރެވުނެވެ. ވާރޭވެހިވެހި އޮތްވާ އޭނަ ވަގުތުން ކާރުގައި ފުލުސްއޮފީހަށް ދިޔައެވެ. އަޒަލް އޭރުވެސް އިނީ ބޮލާއިއެކު އޭނަ ލައިގެން ހުރި ޓީޝާޓުގެ ހުޑް އަޅާލައިގެން މޫނުފޮރުވައިގެންނެވެ. އާޒީންވެސް ހުރީ ރޮއިރޮއިދެލޯ ރަތްވެފައެވެ. އެއްގޮތަކަށް ހުއްޓާނުލާ ކެއްސާވަރުން ފުއްޕާމޭވެސް ފަޅައިގެންގޮސްދާ ވަރުވެފައެވެ. އެކުދިންގެ ބަޔާން ނެގުމަށްފަހު ދޫކޮށްލުމުން ހައިކަލްއާއިއެކު ކާރަށް އަރާފައި އާޒީން އިނީ އިސްއުފުލައިލަންވެސް ނުކެރިފައެވެ. ބައްޕަ ކިތަންމެ ހިތްވަރުގަދަ ކަމަށް ހެދިގެން ހުއްޓަސް ލަދުގަންނާނެވަރާއި ދެރަވާނެވަރު އޭނައަށް އިހުސާސްކުރެވުނެވެ.

"ބައްޕާ. އަޅުގަނޑުމެންނަށް މާފުކުރައްވާ. ދިޔައިރު ނޭގޭ އެކަހަލަ ޕާޓީއެއްކަމެއް......" އާޒީން އާއި އަޒަލް ކާރުގެ ފަހަތު ސީޓުގައި ތިބިއިރު އަޒަލްއިނީ ހިމޭންވެފައެވެ.

"މާފުދިނަސް ހުރިހާ މީޑިއާތަކެއްގައި އާޒްމެންގެ ވާހަކަދޯ އޮންނާނީ. ގެއިން ބޭރަށްދާން ހުއްދަދިނީ ކާކު؟ " އަޑަށް ހަރުކަށިކަމެއް ގެންނަމުން ހައިކަލް ސުވާލުކުރިއެވެ.

"މެހެރީނާ ދައްތަ ބުނީ.....އޫޕް....އެހެނެއްނޫން..........މިބުނީ........" އާޒީންއަށް ބޮޑުދައިތަގެ ނަން ބުނުމާއިއެކު ދުލުގައި ދައިގަނެވުނެވެ. މެހެރީނާ ނުބުނަން ވައުދުކުރުވާފައިވާކަން އޭނަ ހަދާނުން ކައްސާލީއެވެ. އަޒަލް ދެލޯ ބޮޑުކޮށްލާފައި ބަލައިލުމުން އާޒީންވެސް ހާސްވިއެވެ. މެހެރީނާދައްތައާއި ބައްޕަގެ ގުޅުންވަނީ މިހާރުވެސް ދޮންމަންމަގެ ސަބަބުން "ފިނި" ވެފައެވެ. އިތުރަށް އެ ގުޅުން ހީނަރުވެއްޖެއްޔާ ހާދަ ދެރައެވެ. މެހެރީނާ ދައްތަ ބުނެގެން ސަލްވާ ގާތުން ހުއްދަ ހޯދިވާހަކަ ބުނެފިއްޔާ ބޮޑު ހަގުރާމައެއް ފެށިދާނެއެވެ.

"ދޮންމަންމައަށް އެނގޭ. އަޅުގަނޑުމެން ދިޔައީ ހުއްދަ ހޯދައިގެން...." އާޒީންއަށް ދެންބުނީ ސީދާ މެހެރީނާ ދަސްކޮށްދިންގޮތަށެވެ

"ބައްޕާ. ދޮންމަންމަ ދެކެ ރުޅި ނުދުރުވައްޗޭ....." އާޒީން ކެއްސަންފެށިއެވެ.

"އެހެންވެ ދޯ މިހުރިހާއިރުވަންދެން މިކަމާއި އުޅުނުއިރު އޭނަ އަށް އެވާހަކަ ނުބުނެވުނީ....." ކާރު ޕާކްކޮށްލާފައި ހައިކަލް ފޭބިއިރު މޫނުމަތިންފެންނަނީ ސީރިޔަސްކަމެވެ. ބަގީޗާގައި ދިއްލާފައިވާ ރީތި ބޮކިތަކުގެ އަލީގައި ގަސްތަކަށް ފައިބާފައިވާ ފެންތިކިތައް ފެންނަނީ ހުވަފެނީ ގޮތަކަށެވެ. މާބްލް ތަޅުންމަތީގައި ފެންދެމެމުންދާއިރުވެސް އެހާ ހިތްގައިމެވެ. ވާރޭ ކަނިޖަހަމުން ދިޔައިރު އަޒަލްއާއި އާޒީން އަތުގައި ހިފައިގެން އެކުދިންގެ ބައްޕަގެ ފަހަތުންދިޔައެވެ. ބޮޑެތި ގަސްތައް ވަޔާއިއެކު ނަށަމުންދާއިރު ފިނިކަން އިތުރުވެ އާޒީންގެ ހަންގަނޑުވެސް ތޮރުފާފަދައެވެ. އަމިއްލަ ގައިގާ ދެއަތުން ބައްދާލައިގެން ހުރިއިރު ދަތްދޮޅިއަށްދާންދެން ރޫރޫއަޅައެވެ. ހާދަ ފިނިގަފައެވެ. އެންމެފަހުން ފެންޑާއާއި އަރާހަމަވިއެވެ.

"އައިމް ވެރީ ޑިސަޕޮއިންޓެޑް އިން ޔޫ. މިއަދު އާޒީންމެންނަށް ކަމެއްދިމާވިނަމަ ކާކު ޒިންމާ ނަގަން ހުރީ؟ ސުވާލުވެވޭނީ ދޮންމަންމައަކާއި ނޫން. ބުނިހާކަމެއްކޮށްދީފައި ލޯބިން ގެންގުޅުނީމަ ތިގޮތަށް ނުބުނެ ފިލައިގެންގޮސް މުޅި ރޭ ފަޅުރަށެއްގައި ތިބިއިރު އެކަމާއި ހިތާމަކޮށް ކަންބޮޑުވާނެ ބަޔަކު ތިބިކަމެއްވެސް ހަނދާނެއްނެތެއްނު........" ފެންޑާގައި އޮތް މަޑުއޮރެންޖްކުލައިގެ އަލި ހައިކަލްގެ މޫނަށް އެޅިފައިވާއިރު އެދެލޮލުން ފެންނަނީ އެތައް އަސަރުތަކެވެ. ހިތާމައާއިއެކު ރުޅިވެރިކަމެވެ. އާޒީންއާއި އަޒަލް އަދަބުވެރިކަމާއިއެކު ހުއްޓިގެން ހިމޭނުން ތިވީ ބައްޕަ ނުރުހުންވެފައިވާވަރު އެނގި ދެރަވެފައި ތިބެއެވެ. ދެކުދިންވެސް ތިބީ ރޮވޭވަރުވެފައެވެ.

"ޓެލް މީ އާޒީން އަޒަލް. އެތާގައި ކުރީ ކީއްތަ؟ " ހައިކަލް އެހިއެވެ.

"ޕާޓީ. ކުރީ...." އާޒީން ދެވަނަފަހަރަށްވެސް ކެއްސުންގަޑު އެރިއެވެ. ހާސްވެގެންގޮސް އެދޮންމޫނު ރަތްވެއްޖެއެވެ.

"ޗޭންޖުކޮށްގެން ޑައިނިން ރޫމަށް އާދޭ. ބޭނުންވާހަކަ ދައްކާލަން. އާޒީން ސްވެޓަރު ހެދުމެއްލާނީ އިނގޭ. ބަލިރަގަޅުނުވަނީސް މިވިއްސާރައިގާ ޕާޓީކުރަން އަދި ވީ....." ހައިކަލް ގޭގެ ދޮރު ހުޅުވައިލުމުން އާޒީން އަވަސް ފިޔަވަޅުތަކެއްގައި ސިޑިއާއި ދިމާލަށް ދިޔައިރު ސަލްވާ ނަމާދު ކޮޓަރިއާއި ދިމާލަށް ދިޔަތަންފެނުނެވެ. މިއޮތް ދަންވަރު އެކުރަނީ ކޮން ނަމާދެއްހެއްޔެވެ؟ ދަންވަރުވީމަކަން ނޭގެއެވެ. މިރޭ އެދިޔައީ މޫނު ނާޅައެވެ. އެހާ ދުރުންވެސް އެމޫނުގެ ވިދުންގަދަކަމުން ދިއްލިފައިވާފަދައެވެ. އެކުއްޖާ އެލަނީ ކޮންކަހަލަ ކްރީމެއްބާވައެވެ. ފަހަތުން އައިސް އަރާހަމަކުރި އަޒަލްއާއި ދެކުދިން ސިއްރު ސިއްރުން ސަލްވާގެ ވާހަކަދެއްކިއެވެ. މެހެރީނާދައްތަ ބުނިފަދައިން އެއީ ސިހުރުހަދާ އަންހެނެކެވެ. މިއޮތް ވިއްސާރަ ރޭވެސް އެނދުގައި ނޯވެވިގެން އެއޮތްދަނީ ކިޔަވަކިޔަވާފައި ކޮންމެވެސް ކަމެއްކުރަން ކަން އެކުދިން ނިންމިއެވެ. އެއަންހެނާގެ ސަބަބުން ބައްޕަވެސް އެހުންނެވީ މޫޑު ޚަރާބުވެފައެވެ. މިރޭ ކުރެވުނީ ނުބައިކަމެއްކަން އާޒީންއަށް އިހުސާސްކުރެވުނަސް އެއީ އެހާ ގޯސްކަމެއްކަން ހިތަކަށް ނޭރިއެވެ. އެކުދިންގެ ރީތިނަމުގައި ލައްގަނޑެއް ޖެހިދާނެކަމަކަށްވެސް ހިޔެއްނުކުރެއެވެ. އެއާއިއެކު އެއީ ފާފަތަކަށް އަރައިގަނެވިދާނެފަދަ މާހައުލެއްކަމަށް ނުދެކުނެވެ. ޒުވާން އެކުވެރިކުދިންތަކެއް ޕާޓީކޮށްލީ ނޫންހެއްޔެވެ؟ އަޒަލް އެންމެފަހަރަކު ދަމާލިޔަސް އެއީ ޑްރަގްނެގި ކަމަކަށްވެސް ނުބުނެވޭނެއެވެ.

ދެކުދިން ތެތްހެދުން ބަދަލުކޮށްގެން ސްވެޓަރު ފާޑުގެ ހެދުންތަކުގައި ނުކުތްއިރު މާއިޒްވެސް ކޮޓަރިން ނުކުމެ އާޒީންއަށް ބަލައިލީ ވަރަށް ރުޅިވެރި ނަޒަރަކުންނެވެ. ތިކުރީ މާރަގަޅުކަމެއް ނޫނޭ ބުނާފަދަ ނަޒަރެކެވެ. އާޒީންއާއި މާއިޒްގެ ނަޒަރު ބައްދަލުވި ސިކުންތުކޮޅަކަށްފަހު އާޒީން އަވަސްއަވަހަށް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

"ދޮންބޭ ޑީޓެއިލް ކިޔާދޭނަން. މިވަގުތު ޑޭޑް އެބައިންނެވި އިންތިޒާރުގައި. އަހަރެމެންނާއި ވާހަކަދައްކަން ބޭނުމޯ. އަހަރެމެން މިތިބީ ކުށްވެރިވެފާ......." އާޒީން މާއިޒްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

ހައިކަލް އާޒީންމެނަށް ހޫނު ޗޮކްލެޓް ބުއިން ތައްޔާރުކޮށްފައި ހުއްޓެވެ. ކާކޮޓަރީގައި ތިބިއިރު ބިއްލޫރި ދޮރުތަކުން ބޭރު ހާމަޔަށް ހުރުމުން ވާރޭވެހޭ މަންޒަރު ރީތިކޮށް ފެނެއެވެ. ހައިކަލް ވާހަކަދެއްކީ ވިސްނާދޭފަދަ ގޮތަކަށެވެ. ދެކުދިންނަކީ އޭނަގެ ފުރާނަކަމަށާއި އެކުދިންނަށް ކަމެއްވެއްޖެއްޔާ އަމިއްލަ ނަފުސަށް މާފުނުދެވޭނެކަމުގައި ބުނެލިއެވެ. އެކުދިން ދުނިޔެއަށް އައި ދުވަހަކީ ހައިކަލްގެ ހަޔާތުގައި އެންމެ އުފާވެރި ދުވަހެވެ. އެނޫނީ ދުވަހަކުވެސް އުފަލުން މީހުން ރޮއި އުޅޭކަމަށް އެނގިފައިނުވާކަމުގައި ހައިކަލް ބުނެލިއެވެ. ނަމަވެސް މިއަދަކީ އޭގެ ދިމާ އިދިކޮޅެވެ. އެންމެ ބޮޑަށް ދެރަވި އެއް ދުވަހެވެ. ލޮލުން ކަރުނަ ނައިކަމުގައިވިޔަސް އެހާ ހިތާމަކުރެވިއްޖެއެވެ. އަޒަލް މީހަކާއި އިންނަން އުޅޭއިރު އަދިވެސް އޭނަގެ ދެކުދިން ބޮޑުވެއްޖެކަމުގައި އޭނައަށް ގަބޫލެއްނުކުރެވެއެވެ. އަބަދުވެސް އެކުދިންވާނީ ހައިކަލްގެ "ލިޓްލް ގާލްސް" އަށެވެ. ވީއިރު މިފަދަގޮތަކަށް އާއިލާ ބަދުނާމުވާފަދަ ކަމެއް އާޒީންމެން ކުރީ ހަމަ ނުވިސްނޭތީހެއްޔޭ އަހާލިއެވެ. އޭނަ ކުދިންނާއިމެދު އެހާވަރަށް ވިސްނާއިރު ބައްޕައަށްޓަކާ އާޒީންމެންގެ ހިތުގައި އެއްވެސް ލޯތްބެއް ނެތީހެއްޔެވެ. ސަލްވާ ދޮންމަންމައެއްގެ ގޮތުގައި ގެނަޔަސް އޭނަގެ ހިތުގައި ކުދިންނަށްޓަކާ ވާ މަގާމާއި ލޯބި އެހެން އިތުރު މީހަކަށް ނުދެވޭނެއެވެ. ވީއިރު އަޒަލްއާއި އާޒީން މިފަދަ ގޮތަކަށް ދާންވީ ކޮން ކަމަކާއި ހެއްޔެވެ؟ އޭނައަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްހެއްޔެވެ؟ ހައިކަލް އެހުރިހާ ވާހަކަތަކެއް ދައްކާ ނިމުނުއިރު ޖަޒުބާތީވެގެންގޮސް އާޒީންގެ ލޮލުން ކަރުނަ އޮހެންފެށިއެވެ. އަޒަލްވެސް އިނީ ތުންފިތާލައިގެންނެވެ. އާޒީންއާއި އަޒަލްވެސް މާފަށް އެދުނެވެ. ބަސްއަހާނެކަމަށާއި ދުވަހަކު ބައްޕަގެ ހުއްދަ ނުހޯދާ އެއްވެސް ތަނަކަށް ނުދާނެކަމުގައި ވައުދުވިއެވެ.

ހައިކަލް އެރޭ އެތަނުގައި އާޒީންމެން ތިއްބާ ފުލުހުންގޮސް ހައްޔަރުކުރަން ޖެހުނީ ކީއްވެކަން އޮޅުން ފިލުވަން ސުވާލުކުރީ އޭނަ ބޭނުން އެހެން ހުރިހާ ވާހަކަތަކެއް ދެއްކުމަށެފަހުގައެވެ. އެކުދިންނަށްވެސް ބައްޕައަށް އިތުބާރުކުރެވި ކޮންމެ ކޮންމެ ވާހަކައެއް ދައްކަން ފަސޭހަވާނީ އޭރުންކަމުގައި ހައިކަލް ދެކުނެވެ.

"ބައްޕާ. އެމީހުން ހެވީ މެޓަލް ލަވަ ޖެހި. އެންމެން ޑާންސްވެސްކުރި......" އަޒަލް ބުނެދިނެވެ.

"ދެން ކޮންކަމެއް ކުރީ؟ " ހައިކަލް އާޒީންގެ މޫނަށް ބަލައިލިއިރު އާޒީން އިނީ އަތުގައިވާ ކެވެލިކޮޅާއި ކުޅެކުޅެއެވެ.

"ޑްރަގްސް....." އަޒަލް ހިންދިރުވައިލިއެވެ.

"ޔަޕް ޑޭޑް. ދޭ ސްމޯކްޑް ހަޝިޝް...." އާޒީން އިތުރަށް ބުނެދިނުމުން ހައިކަލްގެ ހިތަށް ނުބައި އިހުސާސްތަކެއް ކުރެވުނެވެ. އޭނަގެ ކުދިންގެ އެކުވެރިންނަކީ އެހާ ނުބައި ބަޔަކީހެއްޔެވެ؟ ޑްރަގް ގެންގުޅޭ މީހުންގެ ވިސްނުމާއި އެމީހުންގެ ތަބީއަތުގައި ހިފާފައި ހުންނަ ނުބައި އާދަތަކުގެ ސަބަބުން މުސްތަގުބަލެއްވެސް ލިބޭނީއެއްނޫނެވެ. ބޮއިގެން ތިބެ މާރާމާރީހިންގާ މީހުން ގަތުލުކުރުންވެސް ވާނީ ފެންފޮދެއް ބޯލުންހާ ފަސޭހަކަމަކަށެވެ.

"އާޒްއާއި ޒެލްއަށް ޑްރަގް ބޭނުންކުރުމަކީ ކިހާ ނުބައިކަމެއްކަން ނޭގޭތަ؟ " ހައިކަލް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ރުޅީގެ ސަބަބުން ހިތް އަނދަ އަނދާވިޔަސް ބޭރުފުށުން ޚިޔާރުކުރި ހިމޭންކަމަކީ އޭނަގެ ކެތްތެރިކަމެވެ.

"ބައްޕާ. އަޅުގަނޑު ހީނުކުރަން އެކަހަލަ އެއްޗެއްކަމަށް. އެންމެ ފަހަރަކު ދަމާލީމަ ކޮށިއަރާގޮތްވީ. ފަހުން މިކާ ހުރެފަ ބުނީ ހަޝިޝް ސިގްރެޓެކޯ. ދެން އެނގުނީ އެހެން ކަހަލަ ވަހެއްކަން ދުވީ. އައިމް ސޮރީ. ބައްޕާ. އައި ޕްރޮމިސް. ދެން ދުވަހަކު ނުދާނަން..........." އަޒަލް އިނީ އިސްޖެހިފައެވެ. އެ ޚަބަރުން އިތުރު ހިތްދަތިކަމެއް ލިބުނަސް ނުވާކަމަކަށް ނެހެދޭނެއެވެ. އަޒަލް ކުށަށް އެއްބަސްވެ މާފަށް އެދިއްޖެއެވެ. ނަމަވެސް މިދުވަސްކޮޅު މީޑިއާގައި ދެވަނަ ވާހަކައެއް ނުދެއްކޭނެއެވެ.

ހަގީގަތުގައިވެސް ބައެއް ހާލަތްތަކުގައި ކުދިންނަކީ ނިއުމަތެކެވެ. ނޫނީ ލިބޭ ބޮޑު ހިތާމައެކެވެ. ސަލްވާފަދައިން ރަގަޅަށް ތަރުބިއްޔަތު ކުރެވިއްޖެނަމަ މައިންބަފައިންނަށް ފަޚުރެކެވެ. ނޫނީ ކޮންމެވެސް ދުވަހެއްގައި އެމީހުންގެ ހިތަށް އަނިޔާއެއްލިބި ނޫނީ ބަދުނާމުވުމަކީވެސް އާއްމުކޮށް ދަރިންގެ ފަރާތުން ލިބޭ ކަންތައްތަކެވެ.

ހައިކަލް އެކުދިން ނިދަން ކޮޓަރިއަށް ފޮނުވާލާފައި ބެލްކަންޏަށް ނުކުމެ ރެއިލިންގައި އަތްއަޅާލައިގެން ހުރީ ކޮޓަރިއަށް ވަންނަހިތްނުވެފައެވެ. ކޮޓަރިއަށް ވަނުމުން އިތުރު އެހެން ފިކުރެއްކުރަން ޖެހިފައިވެއެވެ. އޭނަގެ އަންހެނުންގެ ގޮތުގައި ހުރީ ތަންކޮޅެއް ހަރު އަންހެނެއްކަމުގައި އޭނަ ހީކުރިއެވެ. އޭނަގެ ކުދިން ހަމަ މަގަށް އަޅުވާ ދީނީ ކުދިންނަށް ހަދާލެވޭނެފަދަ އަންހެނެއްކަމުގައި ހީކުރެވުނެވެ. ނަމަވެސް އާޚިރުގައި ކަންވީ އެހެނެއް ނޫނެވެ. ސަލްވާއަކީ ދީނީ ކަންތައްތަކަށް ފަރުވާ ބެހެއްޓިޔަސް އަޒަލްމެނަށްވުރެވެސް ޅަ އަންހެންކުއްޖެކެވެ. އަޒަލްމެނަށް އަމުރުކޮށް ބަސްއަހަން މަޖުބޫރުކުރެވޭވަރުވާނީވެސް ހަރު މީހަކަށެވެ. މިހާ ޅަކުއްޖަކު އަޒަލްމެންނަށް ނަމޫނާއަކަށް ވެވޭނީ ކިހިނެއްހެއްޔެވެ. މިއަދުވެސް އެކުރީ ކޮންފަދަ ތާކުން ތާކުނުޖެހޭ ކަމެއްހެއްޔެވެ؟ އޭނަގެ ގާތުން އަހާލުމަކާއި ނުލާ އެކުދިން އެފޮނުވައިލި ތަނެއް ސަލްވާ ބަލާކަށްވެސް ނޫޅުނެވެ. އޭނަގެ ނަސީބު މިހާ ދެރައީ ކީއްވެހެއްޔޭ ހިތާހިތުން ސުވާލުކުރެވުނެވެ. ވިސްނަމުންގޮސް ލޯ ފެންކަޅިވިއެވެ. އުއްމީދުގެ އެންމެ ފަހު ހުޅުކޮޅުވެސް ކަނިކަނިލާތަން ލޮލަށް ސިފަވެއެވެ.

ބާރު ގުގުރިއަކާއިއެކު ފުރާޅު ފައިބައިގަތްހެން ހީވިއިރު ފާރުތައްވެސް ގުގުމައިލިއެވެ. ދޭތެރެއަކުން ވިދުވަރުގެ ހުދު އަލިތައް އެކި ދިމާލުން ފާޅުވެގެންދާއިރު ބައެއްމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަދެގެންދާވަރުވެއެވެ. ސަލްވާ ނަމާދުކޮށް ނިމިގެން އައިއިރު ހައިކަލް ބެލްކަނީގައި ހުރިތަން ފެނިފާ އެދިމާލަށް ފިޔަވަޅުތައް އެޅުނީ އަމިއްލަ އިޚުތިޔާރުގައެއްނޫނެވެ. މިއަދު ވީކަންތައް ކޮންމެވެސް ވަރަކަށް އޭނައަށްވަނީ އެނގިފައެވެ. އަޒަލްއާއި އާޒީން ގެއަށް ނައިސްގެން ލަސްވެގެން އެގޭ އެންމެން ވާހަކަދެއްކިއަޑު އަހާފައި ގެންގުޅޭ ކުއްޖަކު އެވާހަކަ ހިއްސާކުރުމުން ސަލްވާ ދެރަވިއެވެ. އެހާ ބޮޑު ހާދިސާއެއް ހިނގިއިރު ހައިކަލް ނުބުނީ ކީއްވެހެއްޔެވެ؟ އެހާ ހިތްހެޔޮކޮށް ހުރެފައި ކުއްލިއަކަށް ބަދަލުވުމުން ދެރަވެސްވިއެވެ. އާޒީންމެން ގެއަށް އައީ ދެންމެކަން އެނގުނެވެ. އެދިޔަތަނެއް ނޭގުނަސް އަންހެންކުދިން މިއޮތް ވިއްސާރަރޭގައި އެގޮތަށް ބޭރަށް ގޮސްގެން ނުވާނެއެވެ. އެއީ ރަގަޅުކަމެއްނޫނެވެ.

"ޑޮކްޓަރ ހައިކަލް......" ފޮނި މާމުއި ކަންފަތަށް ވިރުވާ އެޅިޔަސް އެހާ އަރާމެއްނުވާނެއެވެ. ސަލްވާގެ އަޑު މިހުރިހާ ދުވަހު ކަންފަތުގައި ޖެހުނުއިރުވެސް ހައިކަލް އެއަޑުގެ ރީތިކަމާއިމެދު ވިސްނާލާފައެއްނުވެއެވެ. އަޑުގެ ޅަކަން އެނގުނީވެސް އެވަގުތުއެވެ. އެގޮވައިލި ގޮތުންނެވެ.

"ހޫމް....." ހައިކަލް ކުޑަކޮށް އެނބުރިފައި ބަލައިލިއިރު ސަލްވާ ހުރީ ދާދި ކައިރީގައެވެ. ފަނޑު އަލިކަމުގެތެރެއިންވެސް އެ ދޮންމޫނު ފެންނަލެއް ހޫރެއްފަދައެވެ. މިރޭ އޭނަ ލައިގެން ހުރީ ގަޔަށް ދޫކޮށް ފަހާފައިވާ ފިޔާތޮށިކުލައިގެ ހެދުމެކެވެ. އިސްތަށިގަނޑު ފޮރުވާފައިވަނީ ފަށުވި ސްކާފަކުންނެވެ.

"ނުނިދަނީތަ؟ " ހައިކަލް ވެހެމުންދާ ވާރެޔަށް ނަޒަރު ހުއްޓައިލީ މި ޅަ އަންހެންކުއްޖާ އޭނަ ބަލައިލާ ކޮންމެފަހަރަކު ތުއިވެ ލަދުން އޮޅޭވަރު އިހިސާސްވާތީ އޭނައަށްވެސް ފަސޭހައަކަށެވެ. މިއުމުރުގެ ކުދިން އެގޮތަށް ބޮޑުމީހުންނަށް "ކްރަޝް" ވުމަކީ އެއީ ހަމަ އެންމެ ނޯމަލެއްކަމެއްކަމަށް އޭނަވެސް ގަބޫލުކުރެއެވެ. ލޯބިވެރިޔަކު ހުއްޓަސް ހެވެވެ. މިކުއްޖާއާއި އޭނަގެ ބައްޕަވެގެން މިކުޅޭ ޑްރާމާއެއްވެސް އެނގެނީއެއްނޫނެވެ.

"ނަމާދަށް ތެދުވެފަ......އަޅުގަނޑު ސުވާލެއްކޮށްލަން ތޯ....." ސަލްވާ ރެއިލިންގާ އެނާޒުކް އަތުން ހިފަހައްޓައިލިއިރު އެދެމީހުން ދޭތެރޭ ފޫޓެއްވަރު ހުންނާނެއެވެ.

"ކިޔާބަލަ...." ހައިކަލް ހުރީ ފޫހިވެފައެވެ.

"މިރޭ އަޒަލްމެން......އަޅުގަނޑަށް އެނގުނު ކޮންމެވެސް ބޮޑުކަމެއްވިކަން....." ސަލްވާ ބުނެލިއެވެ.

"އާން ކަމެއްވި. ހިތުން ނުފިލާވަރުގެ ކަމެއް ހިނގީ..އެނގެން ބޭނުންތަ؟ " ހައިކަލް ބޭނުންވީ ސަލްވާއާއި ދިމާލަށްވެސް އެއްޗެހި ގޮވާލާށެވެ. ސަލްވާ އެހާ ދީނަށް އުޅޭއިރުވެސް އެނގޭ އެއްޗެއް އެހެން މީހަކަށް ބުނެނުދީ އުޅެނީއެވެ. އެހެން ކުއްޖަކާއި ވާހަކަދައްކާ ގާތްވާން މަސައްކަތެއްނުކުރެއެވެ. އިސްލާމިކް ސްޓަޑީޒްއިން ޑިގްރީއެއް ހެދުމަށް ކޮލެޖަށްގޮސްފައި ގެއަށް އަންނަގޮތަށް އަޅުކަމުގައެވެ. ސަލްވާގެ ހަޔާތުގެ މަގުސަދަކީ އެއީއެވެ. މިގެއަށް އައުމުގެ ބޭނުމަކީ އޭނަގެ ހިމާޔަތުގައި ހުރެގެން ތައުލީމު ހާސިލުކުރުމެވެ.

"ހުރިހާ ހެޑޭކެއް މަށަށް. ސަލްވާއާއި ދައްކަންޖެހޭ ވާހަކައެއްވެސް އެބައޮތް. ހިނގާބަލަ ކޮޓަރިއަށް..." ހައިކަލް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

 

ކޮމެންޓް 0