"ކަލޭ. ކަލޭގެ ތިހިތްވަރު. އަދި މަށާއިމެދު ޝައްކުކުރަންވެސް ފެށީތަ؟ ނިކަންގޮސް ދޮންބެ ކައިރީ އަހަންނޭ ކިޔައިގެން ކުޓުވަބަލަ. މިބޭސްގުޅު ކާލާފައި މިތަނުން ދެވޭނީ. އަނގަ ހުޅުވާ. ހަމަ މިހާރު......" މެހެރީނާ ސަލްވާއަށްވުރެ ބާރުގަދަކަމުން އޭނަ ސަލްވާ ގޮނޑިއަށް ތިރިކޮށްލުވާފައި ގަދަކަމުން އަނގަ ހުޅުވަން އުޅެގަތެވެ. މެހެރީނާ ސަލްވާގެ ދެކޮލަށް ފިތާ އަނގަވެސް އިރާނުލީކިރިޔާއެވެ. ސަލްވާ ކުއްލިއަކަށް މެހެރީނާ ކޮށްޕާލާފައި ދުއްވައިގަތްގޮތަށް ރޮމުން ރޮމުންގޮސް ކޮޓަރިއަށް ވަދެވުނުއިރު މުޅިކުއްޖާވެސް ރޫރޫއަޅައެވެ. ހައިކަލް ލެޕްޓޮޕް ލައްޕާލާފައި ތެދުވެގެން އައިސް ސަލްވާގެ ދެކޮނޑުގައި ހިފަހައްޓާލިއިރު އެދެލޮލުން ފެނުނީ ކަންބޮޑުވުމުގެ ކުލަވަރެވެ.

"އާ ޔޫ އޯކޭ؟" ހައިކަލް ސުވާލުކުރިއެވެ. ހައިކަލްގެ އަޑު އިވުމާއިއެކު ސިހިފައި މޫނު ފޮރުވަންވެގެން އޭނައަށް މޫނު ޖައްސައިލެވުނީ ހައިކަލްގެ މޭގައެވެ. އޭރުވެސް އޭނަގެ ހިތުގެ ތެޅުން މައިތިރިއެއް ނުވެއެވެ.

"ވަޓްސް ރޯންގް؟ "ހައިކަލް އަނެއްކާވެސް އެހިއެވެ. ރޮމުން ރޮމުން ހައިކަލްގެ ކައިރިއަށް އާދެވުނުކަމުގެ މޮޔަކަން ސަލްވާއަށް އިހުސާސްކުރެވުނެވެ. މިހެދުނު ގޯހުގެ ބޮޑުކަން ސިކުނޑިއަށް ނަގައިގަނެވުނެވެ. ހައިކަލްއަށް އެ ހާދިސާ އެންގުމުން ގޭގެ މަސްލަހަތު ގެއްލިދާނެއެވެ. ދޮގުހަދާކަށްވެސް ނުކެރޭނެއެވެ. ސަލްވާ ހައިކަލްއާއި ދުރުވެލަމުން އެވަރުކަމެއްނުވެއޭ ބުނާފަދަ ނަޒަރުން ބަލާލާފައި ދުރަށް ދާން އުޅުނެވެ. ހައިކަލް އެއްލި އަތުން ސަލްވާގެ އަތުގެ މުލައްދަނޑީގައި ހިފުނެވެ. ހައިކަލް ސަލްވާ ގެންގޮސް އެނދުގައި ބޭންދިއެވެ.

"ވާހަކަދައްކަބަލަ. ސަލްވާއާއި ދިމާލަށް ކާކު ކީކޭ ބުނެގެން.............. " ހައިކަލް ޔަގީންކަމާއިއެކު ބުނެލިގޮތުން ސަލްވާގެ ހާސްކަން އިތުރުވިއެވެ. ތުންފަތުގައި ދަތްއަޅާ ބާރުކޮށްލީ ހާސްކަން ފޮރުވުމަށެވެ. ހިފަހައްޓަން އުޅުނަސް ލޮލުގައި ގިނަވެގަތް ކަރުނަތައް މުތީތަކެއްފަދައިން ކޯތާފަތްމަތިން ތިރިއަށް ދެމިގަންނަން ނެގީ ސިކުންތުކޮޅެކެވެ.

"ސަލްވާ؟ "ހައިކަލް ގޮވައިލިއެވެ.

ޖަވާބަކަށް ވީ ނޭފަތްދަމާލުމެވެ.

"ލުކް އެޓް މީ......" ހައިކަލް ސަލްވާގެ ކަކުލުގައި ކިރިޔާ ޖެހޭ ހިސާބުގައި ހުއްޓިލަމުން ކުޑަކޮށް އަތުގައި ހިފާ ތަޅުވައިލިއެވެ. އޭރު ހައިކަލްވެސް ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ސަލްވާ އެހާ ހިތުގައި ޖެހިފާ ރުއިމުން އުދަގޫވަނީ އޭނައަށެވެ. މި ކަންތައް އޭނަ ހުއްޓުވަން ޖެހޭނެއެވެ. ސަލްވާ އިސްއުފުލާ ބަލައިލަން ނުކެރުނުތާގައި މެހެރީނާގެ ނަން ކިޔަންވެސް ޖެހިލުންވިއެވެ. މެހެރީނާގެ ރުޅިވެރި މޫނު އަދިވެސް ލޮލަށް ފެންނަފަދައެވެ. އެލޮލުން ބުރައިލި އަލިފާންކަނިތަކުން އޭނަވެސް އަންދާ އަޅިޔަށް ހަދާލަފާނެހެން ހީވިއެވެ.

"އައި ސެޑް ލުކް އެޓްމީ." ހައިކަލް ސަލްވާގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވައިލިއިރުވެސް ސަލްވާއިނީ އެސްފިޔަތައް ތިރިކޮށްލައިގެންނެވެ." ކީއްވެ ބުނާގޮތަށް ނަހަދަނީ؟ އައިމް ޔޯ ހަޒްބެންޑްއޭ ސަލްވާ. ނަމެއްގައިވިޔަސް އެހެން ދޯ ބުނެވޭނީ. ދީނުގައި އޮވޭ ފިރިމީހާއަށް ކިޔަމަންތެރިވާން. އެހެންވެގެންނޭ މިއަހަނީ. އަހަންނަށް އެހައްގު އޮތީމަ. ސަލްވާ ރޮނީ ކީއްވެކަން އެނގެން ޖެހޭނެތީ..... " އެގޮތަށް މަޖުބޫރުކޮށް ގަދަކަމުން ވާހަކަދައްކުވަން ހައިކަލްވެސް ބޭނުމެއްނޫނެވެ. ނަމަވެސް ސަލްވާ ކަންތައްތައް ސިއްރުކުރާވަރުން ހަރުކަށިކަން ދައްކަން މަޖުބޫރުވީއެވެ. އެހެންގޮތެއް ނެތީއެވެ. ސަލްވާއަށް މިގޭގައި ހިތާމައެއް ދިމާވެ ދަތިތަކެއް ކުރިމަތިވަންޏާ އޭނައަށް އެކަން އެނގެން ޖެހޭނެއެވެ. ކަރުނުން ފުރިފައިވި އެ ރީތި ރީތި ދެލޮލުން ހައިކަލްއާއި ހަތަރުކަޅި ހަމަކުރުވަން މަޖުބޫރުކުރެވުނީތީ އުދަގޫވީ ހައިކަލްގެ ހިތަށެވެ. އެލޮލުގައި ބަބުޅަމުންދިޔަ ކަރުނައިގެ މުތީތައް ހައިކަލްގެ ހިތަށް ކިތަންމެހާވެސް އަސަރުކުރުވައިފިއެވެ.

"ސަލްވާ. ކާކު ރޮއްވާލީ؟ އައިމް ސޮރީ އަހަންނަށް މިގޮތަށް ވާހަކަދެއްކުނީމަ. ދެރަވާނެ ދޯ ވާގޮތެއް ނުބުނެ ސަލްވާ ތިގޮތަށް އަބަދު ރޮންޏާ. އެއްފަހަރު ދެފަހަރުކަމެއްވެސް ނޫން. އަހަރެން ދެކެން ބޭނުންވާ މަންޒަރެއްނޫން މިއީ. ނުބުނަން ހުއްޓަސް ވާހަކަދެއްކެނީ އެހެންވެ......." ހައިކަލް ސަލްވާގެ ކޯތާފަތް ފޮހެދީފައި ޓިޝޫއެއް ގެނެސްދިނެވެ. ދެން އެދުނީ މޫނު ދޮވެލައިގެން ހަމަޖެހިލައިގެން އައުމަށެވެ. ސަލްވާއަށްވެސް މިވަގުތު ބޭނުންވާނީ އެކަނި އިނދެ އަމިއްލަ ނަފުސް ހަމަޔަކަށް އެޅުވުމެވެ. ފަސްވަރަކަށް މިނިޓްފަހުން ސަލްވާ ނުކުތްއިރު މޫނުފެންނަނީ ތާޒާކޮށެވެ. އޭރު ހައިކަލް ހުރީ ރީތިވާ މޭޒުދޮށުގައެވެ. ތަނުގައި ދިއްލާފައިވާ ރީދޫ ލައިޓެއް ދިއްލާލާފައިވީއިރު ހައިކަލްގެ މޫނުފެންނަލެއް ވަރަށް ހިތްގައިމެވެ. ސްމާޓްކަމުގެ ދެވަނައެއްނެތެވެ. ހައިކަލް އޭނަގެ އަތުކުރީގައި އޮތް ގަޑިނަގަންފެށިއެވެ. ސަލްވާ ހުއްޓުނީ ކައިރީގައެވެ.

"ރެޑީ ޓު ޓޯކް؟" ހައިކަލް ކުޑަކޮށް ހީލިނަމަވެސް އަޑުގައި ސީރިޔަސްގޮތެއް ހުއްޓެވެ. އޭނަ ސަލްވާއާއި ދިމާލަށް ބަލާކަށް ނޫޅުނެވެ.

"ލައްބަ. އެއީ ދެން އެހާ ބޮޑުކަމެއްނޫން. އިމޯޝަނަލް ވެވުނީ......ޕްލީޒް ޕްރޮމިސްމީ ސަމްތިން.." ސަލްވާ ކައިރީގައި ހުއްޓިލަމުން މޭޒުގެ ކަނުގައި އިނގިލިތައް ވިއްދާލައިގެން ހުރިއިރު އެދޮންމޫނުމަތިން އަދިވެސް ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެވެ.

"ހޫމް؟ " ހައިކަލް ބުނެލިއެވެ. ފަރުވާކުޑަ ރާގެކެވެ.

"މެހެރްދައްތައާއި ދިމާލަށް އެއްޗެކޭ ބުނެފިއްޔާ ގޭތެރޭގެ މަސްލަހަތު ގެއްލިދާނެ. އަޅުގަނޑުދެކެ އެންމެ ރުޅިއަންނާނީވެސް. ޕްރޮމިސްމީ ވީގޮތް ކިޔައިދިނަސް މެހެރްދައްތައަށް ނާންގާނެކަމަށް. ޕްލީޒް. " ސަލްވާ އާދޭސްކުރާފަދަ ގޮތަކަށް ބުނެލިއެވެ.

"ތިބުނިގޮތުން މެހެރީން ގޯސްކަމެއްކުރީކަން އެބައެނގޭ. ގޯސްކަމެއް ވިއްޔާ އެކަން ހުއްޓުވަން ޖެހޭނެ. ބުނީމައެއްނު އަހަންނަށް ގޮތެއްނިންމަން އެނގޭނީ..." ހައިކަލް ފޯނު ހިފައިގެންގޮސް ޖައްސައިލީ ލެދަރ ސޯފާސެޓްގައެވެ. ސޯފާގައި އަތް ޖައްސާލާފައި އިޝާރާތުން އެންގީ ސަލްވާ އިށީނުމަށެވެ. ހައިކަލް ރުޅިއަތުވެދާނެތީ ސަލްވާ ކިޔައިދިނީ މެހެރީނާ އޭނަކައިރީ ބޭހެއް ކާށޭ ބުނުމުން އިންކާރުކުރި ވާހަކައެވެ.

"އިތުރުކަމެއް ނުހިގާތަ؟ އެކަނި ބޭސްކާށޭ ބުނީ؟ " ހައިކަލް އެހިއެވެ. ސަލްވާ ހިންދިރުވައިލިއެވެ.

"ޑޭމިޓް ސަލްވާ. ޑޯންޓް ޓެސްޓް މައި ޕޭޝަންސް ލައިކް ދިސް. އަހަންނަށް އެނގޭ އެކަނި އެހިސާބުން ނިމުނީނޫންކަމާއި ކިތަންމެ ކަމެއް ހިނގާ ކިތަންމެ ވަރަކަށް އެއްޗެހިވެސް ގޮވައިލިކަން. ހާދަ ވަރަކަށް ކެތްކޮށްފީމޭ ސަލްވާ ހުރިހާ ވާހަކައެއް ކިޔާދޭތޯ. އަހަންނަށް އިތުބާރުކޮށްފައި ހުރިހާ ކަމެއް ޝެއާކުރާނެކަމަށް އުއްމީދުކުރީ. ކޮންކަމެއް އަހަންނަށް ފޮރުވަން ތިއުޅެނީ؟ އަނަގަކައިރި ރަތްވެފައި މިހިރީ ކަމަކާނުލައި؟ މެހެރީނާ އަނިޔާކުރީ. ނޫންތަ..... " ހައިކަލް ސަލްވާގެ އަނގައިގާ ރަތްވެފައި ހުރި ދިމާލުގައި އިނގިލި ޖައްސައިލަމުން ބުނެލީ ހިތްހަމަނުޖެހިފައި އިނދެއެވެ. އެހާހިސާބަށް ދިޔުމުން އެވާހަކަ ފޮރުވައިގެން ހުންނާކަށް ނުކެރުނެވެ. ދެން ޖެހުނީ ތަފްސީލުކޮށް ކިޔާދޭށެވެ.

"ވިޓަމިން އެކޭ ކިޔާފައި ބޭސްގުޅައެއްކާންދޭން އުޅުނީ. މެހެރްދައްތަ އެހާވަރުން ކާންދޭން އުޅޭތީ ޝައްކުކުރެވިގެން ނުކާންވެސް އުޅުނިން. މޫނުމަތީގައި އެތިފަހަރެއްޖެހި. ދެން ގޮނޑިއަށް އިނދަޖައްސާލީ. އަނގައިގާ ހިފާ ފިތައިލީ. އެކަމަކު ޕްލީޒް ޕްލީޒް އައި ބެގް ޔޫ. މެހެރްދައްތަ އާއި ދިމާލަށް އެއްޗެކޭ ބުނެފިއްޔާ މާ ދަތިކުރާނެ. މިގޭގައި ނޫޅެވޭވަރުކުރާނެ. އިޓްސް އޯކޭ. އައި ކެން ޓޮލެރޭޓް ކޮންމެ އަނިޔާއެއްކުރިޔަސް. ކެތްކުރެވޭނެ. ދީނުގައިވެސް އަންގަވާފައިވަނީ ކެތްކުރަން. ދިރިއުޅުމުގެ ކޮންމެ ސިކުންތަކީވެސް ޓެސްޓެއް. ހެއްދެވިފަރާތުން މިކަހަލަ ހިތާމަތައް ކުރިމަތިކުރުވާއިރު ލިބެމުންދާ ގިނަގުނަ ނިއުމަތްތައް ހަދާންކޮށް އަބަދު ހަމްދުކުރަން. ބޭނުމެއްނުވޭ އަޅުގަނޑުގެ ސަބަބުން މެހެރްދައްތައަށް އޭގެ އެއްވެސް އަސަރެއްކުރާކަށް......" ސަލްވާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ދޭތެރެއަކުން ހުއްޓަމުން ވާހަކަދެއްކިއިރު ހިތުގައި ޖެހިފައިވާވަރު ހައިކަލްއަށް އަޑުން އެނގުނެވެ.

ހައިކަލް އިނީ ހިމޭނުން އަޑުއަހާށެވެ.

"ލުކް ސަލްވާ. މެހެރީންއަކީ އަހަރެންގެ ކޮއްކޮ. އޭނަ ގޯސްކަމެއްކުރިއްޔާ ބޭބެއެއްގެ ވާޖިބެއް އެކަން ރަގަޅުކުރަން މަސައްކަތްކުރުން. ގޯސްމަގަކުން ހިގަންޏާ އެކަން ނުހުއްޓުވާ ބަލަން ހުރުމަކީ އަމިއްލަ ކޮއްކޮއަށް ދެވޭ އަނިޔާއެއް. އޭރުން ހައްތަހާ ނުބައި މީހަކަށްވާނީ. އެހެންމީހުންވެސް ފޫހިވާ މީހަކަށްވާނީ. އޭގެ ކުރިން ހަމަ މަގަށް އަޅުވަން އެބަޖެހޭ. އަހަރެންގެވެސް ޒިންމާތަކެއްވޭ. އަމިއްލަ ނަފުސް ކުށްތަކުން ސަލާމަތްކުރަން މަސައްކަތްކުރާ ފަދައިން ލޯބިވާމީހުންވެސް ދުރުކުރަންޖެހޭނީ........" ހައިކަލް ބުނެލިއިރު އޭނައިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ސަލްވާ މެހެރިންއަށް ރެސްޕެކްޓްކުރާފަދައިން މެހެރީންވެސް ސަލްވާއަށް ހެޔޮކޮށް ހިތަން އޭނަ އޮތީ އަންގާފައެވެ. އަދި ގޭގައި ގެންގުޅޭ މީހަކަށްވެސް އެގޮތަށް އަނިޔާކުރެވިގެން ނުވާނެއެވެ. ސަލްވާއަކީ އޭނަގެ އަންހެނުންނެވެ. މެހެރީނާ އަށް ސަލްވާގެ ގައިގާ އަތްލުމުގެ ހުއްދައެއް އޭނަނުދޭނެއެވެ. އެވަރުންވެސް މެހެރީނާ އެހެރީ ސިއްރުސިއްރުން ސަލްވާއަށް ގެއްލުންދޭށެވެ. އަމިއްލަ ކޮއްކޮ ނުބައިބައި ކުޅޭކަން އެނގި ހާދަވަރަކަށް ހިތަށް އުދަގޫވެއްޖެއެވެ. އެހާ ރީއްޗަށް އޭނަ މެހެރީނާއާއި އެވާހަކަދައްކާފައި އޮތްވާ އެކަން ހަދާންނައްތާލައިފިއެވެ. ސަލްވާއަށް އަނިޔާކުރުމަށް އަތުކުރި އޮޅާލާފައިވާއިރު ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. މެހެރީނާގެ އެހެރީ ކޮންކަހަލަ މިޒާޖެއްހެއްޔެވެ؟

"ދެން ނުރޮއްޗޭ...." ހައިކަލް އޯގާތެރި ހިނިތުންވުމަކާއިއެކު ސަލްވާ ގެނެސް މޭގައި ޖައްސައިލިއެވެ. އަދި ބޮލުގައި ބޮސްދީގެން އިރުކޮޅެއްވާންދެން ދުރުކޮށްނުލާ އިންއިރު ސަލްވާއަށް ވީވަރު ބުނާކަށްވެސް ނޭގެއެވެ. ހިތް ފުންމާލަފާނެހެން ހީވިއެވެ. މުޅިކުއްޖާ އައިސްކޮޅަކަށް ވިއެވެ. އެއާއިއެކު މަޑުމަޑުން ފޮނި ފޮނިއިހުސާސްތަކެއް މުޅިހަށިގަނޑުގައި ހިނގާލައިފިއެވެ. އުމުރަށް އެހެން އިނދެވޭނެނަމައޭ ހިތަށް އެރިއެވެ. އެފަދަ ކުދިކުދި ބީހިލުންތަކާއި އޯގާތެރިކަމަށް ސަލްވާގެ ހިތްވަނީ ފެންބޮވައިގެންފައެވެ. ނުކެރެނީ އެއަށްވުރެ ދުރަށް ދާށެވެ.

ނިދަން ތައްޔާރުވުމަށްފަހު ސަލްވާ ދެލޯ މަރާލައިގެން އެނދުގައި އޮތްއިރު ހައިކަލްވެސް ޖައްސައިލީ އެނދުގެ އަނެއްފަޅީގައެވެ. އެނދުގެ ދެފަޅީގައި ފޮތްކިޔާ ލައިޓް ޖެއްސޭގޮތަށް ހުރެއެވެ. އޭރު ދެލައިޓްވެސް ހުރީ ދިއްލާލާފައެވެ. ޑޮކްޓަރަކަށްވުމުން އެންމެފަހު ދިރާސާތަކާއި ބެހޭގޮތުން ކިޔުމަކީ އާދައަކަށްވުމުން ހައިކަލްއޮތީ ކޮންމެވެސް ފޮތެއް ބަލާށެވެ. އެހެންއޮތްއިރު ދޭތެރެއަކުން އެހެން ޚިޔާލުތައްވެސް ސިކުނޑިއަށް އުދަގޫކުރެއެވެ. ސަލްވާއަށް ބަލައިލެވެއެވެ. އެންމެފަހުން ފޮތް ބާއްވާފައި ނިދަންވެގެން ލައިޓް ނިވާލުމަށްފަހު އަނެއް ފަޅީގައި ހުރި ލައިޓް ނިވާލަން ޖެހުނީ ސަލްވާގެ ގައިމަތިން އަތް ގެންގޮސްފައެވެ. އެހެން ހެދުމުގެ ތެރޭގައި ސަލްވާގެ ގައިގާ އަތްޖެހުނެވެ. ނިދާފައިކަމަށް ހެދިގެން އޮތް ސަލްވާއަށްވެސް ތަފާތު އަސަރުތަކެއްކުރުވިއެވެ. އެއާއިއެކު ސިހިފައި ދެލޯ ހުޅުވާލުމާއިއެކު ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ. ލޮލުން އެތައް ވާހަކަތަކެއް ދެކެވުނެވެ. ކުރީރޭތައް ފަދައިން މިރޭވެސް ސަލްވާގެ ފަރާތުން ފެނުނު ސިހުމާއި ކަންބޮޑުވުމުގެ ސަބަބުން ހައިކަލްއަށް ޖެހުނީ އޭނަގެ ނަފުސް އޮބަހައްޓާށެވެ. އޭނައަށް ކިތަންމެ ރަގަޅަށްވެސް ސަލްވާގެ އިހުސާސްތައް ދެނެގަނެވުނެވެ. ސަލްވާގެ އިހުސާސްތަކަށް އޭނަ ގަދަރުކުރާނެއެވެ. މަޑުމަޑުންގޮސް ސަލްވާގެ ސިހުމާއި ބިރު އަދި ކަންބޮޑުވުން ނެތިގެންދާނެ ދުވަހެއްވެސް އަންނާނެކަމާއިމެދު ހައިކަލް ޝައްކެއްނުކުރެއެވެ. މިފަދަ ކިތައްރެއާއި ކުރިމަތިލާންޖެހޭނެބާވައޭ ހައިކަލްގެ ހިތަށް އެރިއެވެ. އޭނަގެ އިހުސާސްތަކުގައި ގަނޑުފެން އަޅަންޖެހޭނީ ކިހާ ދުވަހެއްވާންދެންކަމެއް ނޭގެއެވެ. އޭނައަށް އެނގެނީ އެއުފާތައް ދުވަހަކު ނުލިބުނަސް ސަލްވާގެ ރުހުންނެތި އޭނަ އެ ހައްގު ފޭރިނުގަންނާނެކަމެވެ.

ހައިކަލް ހެދުނު ޑިއުޓީއަށް ދިޔުމުގެ ކުރިން މެހެރީނާއަށް ގޮވާ ގެނެސްގެން އެވާހަކަދެއްކުމުން މެހެރީނާ ގަދަކަމުން ލޮލުން ކަރުނަގެނެސްގެން ރޯވައްތަރުދެއްކިއެވެ. މެހެރީނާ ހުވާކޮށްފައި ބުނީ ވިޓަމިންގުޅައެއް ކަމުގައެވެ. ހައިކަލް ހުރީ މެހެރީނާގެ ވާހަކަތައް ގަބޫލުކުރާގޮތަކަށް ނޫނެވެ. އޭނަ ވިސްނާދިނެވެ. ތިންވަނަފަހަރަށް މިކަން ތަކުރާރުވެއްޖެއްޔާ އޭނަ ސަލްވާ ގޮވައިގެން އެހެން ތަނަކަށްދާނީ ކަމުގައި ބުނެލުމުން މެހެރީނާ ސިހުނެވެ. ކުރީފަހަރުވެސް މެހެރީނާ ގެއިން ނެރެލާ ވާހަކައެއް ނުބުނީ ކީއްވެކަމެއްނޭގުނެވެ. މިއީ ހައިކަލްގެ ގެއެކެވެ. ދާންޖެހޭނީ ހައިކަލްއެއް ނޫނެވެ. މެހެރީނާއެވެ. ހަގީގަތަކީ ހައިކަލްގެ މިޒާޖެވެ. ރުޅިމައިތިރިކުރަން އޭނަ މަސައްކަތްކުރާވަރެވެ. މެހެރީނާއަކީ ކޮއްކޮ ކަމުގައިވުމުން ހައިކަލް އަބަދުވެސް ކޮއްކޮއަށް ޚާއްސަގޮތެއް ބެހެއްޓިއެވެ. އެހާ ރީތިކޮށް ކޮންމެ ފަހަރަކު ވިސްނާދިނީވެސް މެހެރީނާ ބަދަލުވެދާނެކަމުގެ އުއްމީދުގައެވެ. ހައިކަލް ވާހަކަދައްކާފައި ދިޔުމުން މެހެރީނާގެ ހިތުގައި އޮތް ހަސަދައިގެ އަލިފާންބޮޑުވުން ނޫންކަމެއް ނުވިއެވެ. އެހާވަރަށް ނުބުނާށޭ ބުނެފައި އޮތްވާ އެނުލަފާ ކަބުލޭގެ ގޮސް މާ ތުއިވާންވެގެން ޅަވާންވެގެން ހައިކަލް ކައިރީ އެވާހަކަދެއްކީއެވެ.

މެހެރީނާ ފަތާފެންގަނޑު ކައިރީގައި ހުރި ދިގުގޮނޑިއެއްގައި ހަށިގަނޑު ދަމާލައިގެން އޮތެވެ. ސަންސްކްރީންލައިގެން އޮތްއިރު ވިއްސާރަ ވިލާތަކުގެ ތެރެއިން ބޮދަމުންދާ އިރުގެ ފަނޑު ފަނޑު ދޯދިތައް އޭނަގެ ހަށިގަނޑަށް އެޅިފައިވިއެވެ. އަރާމު ހޫނުކަމެއް ހަމުގައި ހިފާލިއެވެ. ގޭގައި ގެންގުޅޭކުއްޖަކު ހޮޅިއެއްލައްވައިގެން އައިސް އޮރެންޖް ޖޫސްތަށްޓެއް ކައިރީގައި ބަހައްޓާލަދިނެވެ. މެހެރީނާ ރަހަ ބަލައިލިއެވެ. އޭނައޮތީ ދައްތަ ނާޒްމީއަށް ގުޅައިގެންނެވެ.

"ރަގަޅަށްވެސް އެ ނާސި ކަނބުލޭގެ ދޮންބެގެ ހިތަށް ވެރިގެންފި. ހީވާގޮތުން ދޮންބެއަށްވެސް އަހަރެމެންނަށްވުރެ މުހިއްމުވަނީ އޭނަ. ދޮންބެއަށް ވެރިވެގަނެގެން އުޅޭއިރު އިހަށްދުވަހު ދޮންބެގެ ހަޔާތަށް އައި މީހެއް. ލޭގެ ގޮތުންވެސް އަހަރެމެންނާއި ގުޅިފައިވަނީ. ނަމަވެސް އެއަންހެނާއަށް ހީކުރެވެނީ ތިމާއަށް ވެރިކަން ކުރެވޭނެކަމަށް. އަދި މިގެއަށްވެސް. ނަމާދުގެއެއް ހަދައިގެން ތިމާގެ އެކަނި ތަނެއްކަމަށް ހީކުރާމީހަކު އަދި މުޅިގެވެސް އަތްދަށުލާން މަސައްކަތްކުރާނެ. ހޫމް.ދެން އޮތީ ދޮންބެ ކޮންކަމެއް ނުކުރެވިގެން އެމީހަކު ގެނައީ؟. އަހަރެމެންނަށްވެސް ދޮންބެގެ ހުރިހާކަމެއް ކޮށްދެވޭ. އިސްތިރިކޮށް ކާންގެންގޮސް ކޮފީދީ ކޮޓަރި ރީތިކޮށްދެވޭ. ވައި ވުޑް ހީ ނީޑް އެ ސްކަމް ލައިކް ހާ. ދޮންބެއަކީ އަހަރެންގެ މީހެއް. ސަލްވާފަދަ ހިލޭމީހަކަށް އެއްވެސް ހައްގެއް އޮވެގެނެއްނުވާނެ. ޗީ. ދެން މާ ވެރިވެގެން އުޅެނީ. ތިމާ ފެންވަރު މީހަކާއި އަޅައިގަތްނަމަވެސް އެންމެ ރަގަޅު. މިގެއިން ނެރެލާއިރު ވަރަށް ލަދުގަންނާނެ....... " މެހެރީން ތުންފިތައިލީ ކުޑަކުއްޖެއްހެންނެވެ. ނާޒުމީ އޭނަގެ ކޮއްކޮ މެހެރީނާއާއި އެއްބައިވެގެން ވާހަކަދެއްކިޔަސް މެހެރީނާގެ މޮޔަކަމާއިމެދު ހިނިވެސް އައެވެ. އެމީހުންނަށްވެސް ހައިކަލްއަށް ކޮށްނުދެވޭ ކަންތައްތައް ހުންނާނެއެވެ. ހައިކަލްވެސް ހަޔާތުގެ ބައިވެރިޔަކަށް ބޭނުންވާނެއެވެ. އެހުސްކަން ދައްތަމެންނާއި ކޮއްކޮމެންނަށްވެސް ފުރައެއް ނުދެވޭނެއެވެ. ހުރި އެންމެ ފިރިހެންކޮއްކޮއަށް ވުމުން މަންމައާއި ދައްތަމެންވެސް ޚާއްސަ ލޯތްބެއްވެއެވެ. ހައިކަލްއާއި އެކަށީގެންވާ ބައިވެރިޔަކު ހޯދަން އެންމެންވެސް އިސްކަމެއްދިނެވެ. ސަލްވާ ކިތަންމެ ޅަވެފައި ރީއްޗަސް އެއީ ރާއްޖެތެރޭގެ އާދައިގެ އާއިލާއަކުން އައިސްފައި ހުރި ސިހުރުވެރިއެއްގެ ދަރިއަކަށްވާއިރު ރުހެވޭނީ ކިހިނެއްހެއްޔެވެ؟ ރައުދާ ހާސްބައި ރަގަޅެވެ. ޒުވާން ދުވަސްވަރު ކޮންމެ ގޮތަކަށް އުޅުންހުއްޓަސް އޭނަވަނީ އެކަމާއި މާފަށް އެދިފައެވެ. މިހާރު އެއީ ކުރީގެ ޅަ ރައުދާއެއްނޫނެވެ. ހަރުދަނާ ޝަޚުސިއްޔަތެކެވެ. ހައިކަލްއާއި އެންމެ އެކަށީގެންވާ ބައިވެރިޔާއެވެ.

ހައިކަލް ސްޓަޑޫރޫމްގައި ފޮތެއް ބަލަން އޮތްވާ އަޒަލް ދުވަމުން ދުވަމުން އައިސް އެތަނަށް ވަނެވެ. އޭރު އެދޮންމޫނުގައި ދާތިކިތައްވިދައެވެ. މިއޮތްގަދަ ހޫނުގައި އޭނަ އެއައީ ބަގީޗާތެރޭގައި އުޅެލާފައިއައީ ކަން ނޭގެއެވެ.

"ޑޭޑް ބަލާބަ. އެ ގިފްޓް ފޯ ޔޫ........." އަޒަލް ހެމުން ބުނެލިއެވެ. ހުރީ އަތްފުރަގަހަށް ލައިގެންނެވެ. ހައިކަލްއަށް އެއްޗެކޭ ނުބުނެވެނީސް ލައިލަކް މާ ބޮނޑިއެއް ދިއްކޮށްލައިފިއެވެ. މާ ފިހާރައަކުން ގަނެގެން ގެނެސްދިންކަން އެނގުމުން ހައިކަލްގެ ހިތަށް އަސަރުތަކެއްވެސްކުރިއެވެ. މިފަހަކަށް އައިސް އަޒަލް އެކިގޮތްގޮތުން ބައްޕަދެކެ ލޯބިވާކަން ފާޅުކުރެއެވެ. އެފަދަ ކޮންމެވަގުތަކުވެސް ހައިކަލްގެ ހިތް ބަޔާންނުކުރެވޭފަދަ އުފާވެރި އިހުސާސްތަކުން ފުރުވާލައެވެ. ދަރިންނަކީ ހިތުގެ އެއްބަޔެވެ. އެކުދިންނަށްޓަކާ ވާ ލޯބި ފާޅުކުރަން ހިތްވެސް ނުކުޅެދިފައިވެއެވެ. އެވަރުން ނުވެގެން އޭނަ ބޭރުން ގެނުވި ޖުނިޕާ ބޮންސާއީ ގަހެއް ގެނެސްދީފައި ބުނީ ހައިކަލްއާއި ސަލްވާއަށް ކަމުގައެވެ. ސަލްވާދެކެވެސް އަޒަލްގެ ހިތުގައި މަގާމެއްވާކަން އިހުސާސްކުރުވާދީފިއެވެ. ސަލްވާވެސް އެގަހާއިހެދި މޮޔަވެގެން އުޅުނެވެ. ގޫގުލްކޮށްގެން އެގަސް ރަގަޅަށް ގެންގުޅޭނެގޮތްތައް ވަގުތުން ބަލައިގެން އެގަހާއިގެން އުޅުނީ އެހާވަރުންނެވެ. އެއިން ކޮންމެކަމެއް ހައިކަލްއަށް ހިތްހަމަޖެހުމެއް ގެނެސްދިނެވެ.

ވިޝާމް ޕޮޓްތަކުގައި ހުރި ކާނޭޝަންމާތައް ކަނޑާލިތަން ފެނިފާ މެހެރީންއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އޭނަ އަނގަ ހާވާލައިގެން އިރުކޮޅަކަށް ހުރުމަށްފަހު ބޮލުގެ އިސްތަށިތަކަށް ވަކިވަކިން ދަމައިލިއެވެ. ރުޅިގަދަވެގެންގޮސް ދަތްކޮޅުފައިބާވަރު ވެއޭ ބުނާބަސް ގަބޫލުކުރެވޭހާވަރަށް މެހެރީނާގެ ރުޅިގަދަވިއެވެ. ވަރަށް މަސައްކަތުން އަމިއްލަ ނަފުސް ކޮންޓްރޯލްކުރަމުން ކުދި ކިޔާލަކިޔާލާ ހުރެ އެތެރެއަށް ވަނެވެ. ރާއްޖެތެރޭގެ ސިހުރުވެރިންގެ އާދައިގެ ބަޔަކު މިގެއަށްވަދެ މިގެއާއި ގޭގެ މުދަލާއި ގަސްގަހާ އެއްޗިއްސަށް ދާންދެން އަތްގަދަކުރަނީއެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ މި ވަބާ ފިލުވައިލާނެގޮތެއް ހޯދަން އެބަޖެހެއެވެ. ސްޓްރެސް ލެވެލް މަތިވަމުންގޮސް ހާޓްއެޓޭކެއް ޖެހިދާނެކަމާއި މެދުވެސް ޝައްކެވެ. މެހެރީނާ ކުރަން ޖެހޭ މަސައްކަތްވެސް ރަގަޅަށް ފުރިހަމަނުކުރެވެއެވެ. ވިޝާމްއާއި ސަލްވާގެ ހަރަކާތްތަކަށް ފާރަލާންޖެހޭވަރާއިއެކު އެކަނި އިންނައިރުވެސް ސަލްވާއާއި މެދު ވިސްނަޖެހޭލެއް ބޮޑުކަމުން އޭނަގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.

ވިޝާމް ކައިރީގައި ހުރި ފިހާރައަކަށްވަދެ ބޮޑު ސްވިސް ޗޮކްލެޓެއްވެސް ގަނެލިއެވެ. ބަލިމީހުންނަށް ޒިޔާރާތްކުރާ ގަޑިއަށްވިޔަސް އޭނައާއި މާއިޒް ފިޔަވާ ލީނާގެ އެއްވެސް ގާތް މީހެއްނެތެވެ. އޭނަ ދަންނަ މީހަކުވެސް ނޫޅެއެވެ. ވިޝާމް ފެނުމާއިއެކު ލީނާގެ މޫނު އުޖާލާވެ ދެލޮލުގެ ވިދުވަރު ގަދަވިއެވެ. ގަދަކަމުން ހަށިގަނޑު ތެދުކުރަން އޭނަ މަސައްކަތްކުރިއެވެ. ކުރިން ވިޝާމް ފެންނައިރަށް ރުޅިމޫނު ހަދާލާ ލީނާ މިހާރު އޭނަފެނުމުން ބަލިވެސް ރަގަޅުވާހެން ހީވެއެވެ. ވިޝާމް މަލާއި ޗޮކްލެޓް ގެނައުމުން ލީނާ އުފަލުން މޮޔަވާވަރުވިއެވެ. އެކުއްޖާފުޅު އޭނަދެކެ ވާ ލޯބި އިހުސާސްކުރެވި ހިތް ފުރި ދެލޯ ފެންކަޅިވިއެވެ. ވިޝާމް ލީނާގެ އަތްތިލައިގާ ބޮސްދިނެވެ.

"މާތް ﷲ ދަރިފުޅަށް ރަހުމަތްލައްވާށި....." ލީނާ ފުރަތަމަފަހަރަށް ވިޝާމްއަށް ހެޔޮ ދުޢާކުރިއެވެ.

"މި ދަރިފުޅު އެންމެ ލޯބިވާ ބައިވެރިޔާ ލިބުމަށް އެދިވެސް ދުޢާކޮށްދެއްޗޭ...." ވިޝާމް ހީލިޔަސް އެދެލޮލުން ފެނުނީ ހިތްހަލާކުވެފައިވާފަދަ ކުލަވަރެވެ. ލީނާއަށް އެވަގުތު ކޮންމެވެސް އެއްޗެއް ވިސްނުނެވެ. ވިޝާމްގެ އަންހެނުންދެކެ ލޯބިނުވާތީ ބުނެލިއެއްޗެއްހެއްޔެވެ؟

އަޒަލް އޭނަގެ މާމަގެ ސެލޫންގައި މަސައްކަތްކުރަން އަވަދިނެތި އުޅުނުއިރު ވަގުތު ދިޔަގޮތެއްވެސް ނޭގުނެވެ. ގެއަށް ފޯރިއިރު ކޮންމެވެސް ވަރަކަށް ވަރުބަލިވެ ކަރުހިއްކާކަން އިހުސާސްކުރެވުނެވެ. ފިނިކޮށްފައި ހުރި ކުރުނބާ ތަށްޓެއް ބޯލުމުން އެކަމަށް ހައްލު ލިބުނެވެ. އަޒަލް ބޮޑު އައިސްކްރީމް ތަށްޓެއް ހިފައިގެން ކޮޓަރިއަށްވަދެ އެނދުމަތީގައި ދެފައި ދަމާލައިގެން އިނދެ ލަސްލަހުން ކާންފެށިއެވެ. އޭރު އޭނަގެ ޚިޔާލުގައިވަނީ ވިޝާމްއެވެ. ވިޝާމްއާއިއެކު އެއްކޮޓަރިއެއްގައި އުޅެންޖެހުމުން އޭނަގެ މިނިވަންކަން ނިގުޅިފައިވާތީ އެކަމާއިވެސް ވިސްނިއެވެ. އެކީގައި އުޅެންފަސޭހައެއް ނޫނެވެ. ހީކުރިވަރަށްވުރެ އުދަގުލެވެ. އެކަނި އިނދެ ނަށާލާ ވައްތަރު ޖައްސާ އެކިގޮތްގޮތަށް ސެލްފީ ނެގި ޒަމާނެއްވެސް އައެވެ. ފެންވަރަން ހިތަށް އެރި ގަޑިއެއްގައި ފެންވަރާލައިގެން ތުވާލި އޮޅާލައިގެން ކޮޓަރިއަށް ނުކުމެ ލޯޝަންލެވޭކަށްވެސް ނެތެވެ. ނިދާއިރު ކުރު އެއްޗެއްލާކަށްވެސް ނުކެރެއެވެ. އާޒީންއާއި ވިޝާމް ގުޅުވަންވީއެވެ. އޭރުން އޭނައަށް ފަސޭހަވާނެއެވެ. ބޮޑީގާޑެއްގެ ގޮތުގައި ހުރެވިދާނެ ނޫންހެއްޔެވެ؟ ވިޝާމް އެހީވާށޭ ކިޔާފައި އޭނަގެ ފަރާތުން ލިބޭ އެހީއެއްވެސް އޮތީއެއްނޫނެވެ. މިކައިވެނީގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އޭނަބޭނުމީ މިނިވަންކަމެވެ. ކުރިން އުޅުނު އަޒަލްއެވެ.

ވިޝާމްއާއި މާއިޒް އެކީގައި ސިޑިން އަރަން އައިއިރު އާޒީންވެސް ސިޑީގެ ފުރަތަމަ ހަރުފަތުގައި ފައިއެޅީއެވެ. އާޒީން އައީ ފޮތްބަރިއެއް ހިފައިގެންނެވެ. ކިނބިހި އެޅުނުލެއް ގިނަކަމުން މޫނަށް ރަތްކުލައަރާފައިވިއެވެ. އެދެމީހުން ފެނިފައި އާޒީންގެ މޫނަށް ވެރިވި ކުލަވަރު ނުފެނުނީ ފޮތްތަކުގެ ނިވަލަށްވަދެ ފިލިކަމުންނެވެ. އެކަމަކު އެއީ ނުރައްކާކަމެކެވެ. އެހުރިހާ ފޮތްތަކާއިއެކުގައި އޭނައަށް ބަލާނުލާ ހުރެ ސިޑިން ދާން ހެދުމުން ލިބުނީ ލަނޑެކެވެ. އާޒީން ހާސްވެފައިހުރި ވަރުންނާއިއެކު ފޮތްތައް މޫނަށް ހުރަސްކުރުމުން އޭނަ ބެލެންސްކަޓާލާ ކައްސާލުމާއިއެކު ހަޅޭއްވެސްލަވައިގަނެވުނެވެ. ފިސާރި ހުޝިޔާރުކަމާއިއެކުގައި ވިޝާމް އޭނަގެ ގައިގާ ހިފެހެއްޓިއިރު އަތުގައިވާ ފޮތްތައް ހަރުފަތްތަކުގެ މައްޗަށް އެކިދިމާލަށް ވިހުރުވިގެން ހިގައްޖެއެވެ. އާޒީން ލަދުންގޮސް މަރުވާވަރުވިއެވެ. މިކަހަލަ ކަމެއް އަދި ހިގަންވީ މާއިޒްގެ ހާޒިރުގައިހެއްޔެވެ؟ އަދި އޭނަގެ އެހީއަށް ދުވެ އަންނަންވީ ކޮއްކޮގެ ފިރިމީހާހެއްޔެވެ؟

"ޒެލް؟ " ވިޝާމް ހުރީ ޔަގީންނުވެފައެވެ. އޭރުވެސް ވިޝާމްހުރީ އާޒީންގެ އަތުގައި ހިފަހައްޓައިގެންނެވެ.

"ނޯ އިޓްސް މީ... އާޒީން. ލެޓް ގޯ އޮފް މީ....." އާޒީން ގަތްލަދު ފޮރުވަން ރުޅިއައިކަމަށް ހެދުނެވެ. ވިޝާމްވެސް އެހީވާން އެއައީ އަޒަލްކަމަށް ހީކޮށްފައެވެ. ނޫންނަމަ އޭނަ މަރުވިޔަސް މިދެމީހުން ކުރެ މީހަކު އަންނާނީ އެއްވެސް ނޫނެވެ. އާޒީން ފޮތްތައް ހޮވަން ފެށުމުން އެހީވާން އައީވެސް ވިޝާމްއެވެ. މާއިޒް މަޑުކޮށްނުލާ އަވަސްއަވަހަށް ސިޑިން އަރައިގެން ދިޔައީއެވެ. އާޒީންވެސް ފޮތްތައް އެއްކޮށްލައިގެން ތިރީބައިގެ ކޮޓަރިއަކާއި ދިމާލަށް ހިނގައިގަތެވެ. ވިޝާމް ހިނިއައެވެ. އޭނައެކޭ އަޒަލްއެކޭ ހުރީ ކޮންތަފާތެއް ހެއްޔެވެ؟ އޭނައަށްވެސް އަޒަލްއާއި އާޒީން ވަކިކުރަން ނޭގެއެވެ. ވިޝާމް ޓައީއަށް ދޫކުރަމުންގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އެނދުގެ މެދުގައި ޖިމްނާސްޓް ޕޯސްއެއްހެން ދެފައި މުޅިން ހުޅުވާލައިގެން އައިސްކްރީމް ކާންއިން އަޒަލް ހާސްވެފައި އަވަހަށް ފުންމައިގެން ތެދުވެ ރީތިކޮށް އިށީނެވެ.

"ޕްލީޒް ނޮކް ބިފޯ ޔޫ ކަމް އިން ނެކްސްޓް ޓައިމް..........."އަޒަލް ބުނެލިއެވެ.

ވިޝާމް ޖަވާބެއްނުދީ ގެނައި ކޮތަޅެއް އެނދުމައްޗަށް އެއްލާލިއެވެ.

"ވަޓްސް ދިސް..." އަޒަލް އަހައިލިއެވެ.

"ހަދިޔާއެއް، ޒެލްއަށް ހަމަ ޕަފެކްޓް ހަދިޔާއެއް. ޗެކްކޮށްލާ......" ވިޝާމް ޓީޝާޓަކާއި ޖިންސް ހިފައިގެން ފާޚާނާއާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ނުކުމެގެން އައިއިރު އަޒަލް އިނީ މަޖާވެގެން ހޭށެވެ.

"އަހަރެން ކަޅުހެދުން ނުލާކަން ވިޝާމްއަށް ނޭގެނީތަ؟ މިގެއިން ކަޅުހެދުން ލާކުއްޖަކީ ސަލްވާ. ސަލްވާއަށް ދީފާނަން ވިޝާމްދިން ހަދިޔާއެކޭ ކިޔާފައި. އަހަރެމެން ބޭރަށްދާއިރުވެސް ކަޅުހެދުން ނުލަމެއްނު. ދެން ކީއްވެ ހަދިޔާއަކަށް މިކަހަލަ އެއްޗެއް ގެންނަންވީ...." އަޒަލް ބުރުގާ އޭނަގެ މޫނުގައި ޖެއްސިއެވެ. އޭނަ އެންމެފަހުގެ އައިސްކްރީމް ސަމުސާ ލޮވެލުމަށްފަހު އެނދުން ތެދުވެއްޖެއެވެ. ވިޝާމް އެކަޅުހެދުން ނެގިއެވެ. މޫނުގައި އަޅާ ފޮތިކޮޅާއިއެކު ބުރުގާވެސް އޮތެވެ. ރީތިކޮށް ޑިޒައިންކޮށްފައިވާ ބަޓަފްލައި ހެދުމެކެވެ. ޒަމާނީ ހެދުމަކަށްވެފައި އަޒަލްއަށް ހެޔޮވަރުވާނެކަން ވިޝާމްއަށް ޔަގީނެވެ.

"އަޒަލް ދެން ބޭރަށްދާނީ ކަޅުހެދުން ލައިގެން...." ވިޝާމްގެ ޖުމްލައިން އަޒަލް ހައިރާންވިއެވެ.

"ވަޓް؟ " އަޒަލްގެ ކަންފަތަށް އިވުނީ ރަގަޅަށްބާވައޭވެސް ހިތަށް އެރިއެވެ.

"ތިއިވުނީ ރަގަޅަށޭ. ބުނާގޮތަށް ހަދާ. އަހަރެން މިދަނީ ކާން........" ވިޝާމް ހެދުން އެނދުމަތީގައި ބާއްވާފައި ނުކުންނާން ހިނގައިގަތެވެ.

"ނޯ. އަހަންނަށް ނުކެރޭނެ ކަޅުހެދުންލާކަށް..." އަޒަލް ތަންކޮޅެއްބާރަށް ކިޔައިލިއެވެ.

"އަޒަލް. އިޓްސް ފޯ ޔޯ އޯން ގުޑް. ފޮރުވިގެން ހުރީމަ އެއްވެސް މީހަކަށް ވަކިކުރާކަށް ނޭގޭނެތީ ފޭސްބްލައިންޑްނެސް ހުންނަ ކުއްޖަކަށް އެންމެ ރަގަޅީ މިގޮތް. އަޒަލް ބުނާގޮތަށް ނަހަދަންޏާ ދެން ޑޮކްޓަރ ހައިކަލްއާއި މާޒްއަށް އަހަރެން އަންގާނަން....." ވިޝާމް ކުޑަކޮށް އެނބުރި ބަލާލާފައި ދާން ހިނގައިގަންނަމުން އިންޒާރުގެ ރާގެއްގައި ބުނެލިއެވެ. އެޖުމްލައިން އަޒަލް ތުންއޫކޮށްލައިގެން އެނދުމައްޗަށް ވެއްޓިގަތެވެ. ވިޝާމްގެ ހުރި ނުލަފާކަންވެސް މީހަކު ދެކެބަލާށެވެ. ޑޮކްޓަރ ހައިކަލްއާއި މާއިޒްއަށް އަންގާނަމޭ ކިޔާފައި ބިރުދެއްކީއެވެ. ވިޝާމް އެބުނީ ރަގަޅުވާހަކައެކެވެ. އޭނަ ސަލްވާގޮތަށް މޫނު ފޮރުވައިގެން ހުރުމުން އޭނައަށް ވާނެ ފައިދާ މާ ބޮޑެވެ. އެހެންނޫނަސް ސަލްވާވެސް މިހާރު އަބަދު ބުނާނީ ބުރުގާ އަޅާށޭއެވެ. އޭނަގެ އިސްތަށިގަނޑު ރީތިކަމުން ފިރިހެންކުދިން އެހާވަރަށް ބަލަންޏާ ފޮރުވުން މާ ރަގަޅުކަމުގައެވެ. އެސްފީނާއިންވެސް ސަލާމާތްވާނެކަމުގައެވެ. އެއީވެސް އޮންނަކަމެކެވެ. މީހުންގެ ވިހަ ލޯތަކުން ރީތިކަން ފޮރުވަންވާނެއެވެ. އެބުނާހެން އޭނައާއި އާޒީން ފެނިއްޖެއްޔާ މީހުންވަނީ ހާދަ ވަރެކެވެ. އަދި ދެކުދިން އެކީގައި ތަނަކަށްގޮއްސިއްޔާ ސެލެބްރިޓީއިންވަރުވެއެވެ. ބުޅިއިސްތަށިގަނޑުވެސް ދެކޭ ކަމަށާއި އެކަމަކު އަޒަލްމެންގެ އިސްތަށިގަނޑު ފެނުމުން މޮޔަވާކަމުގައެވެ. ކޮލެޖްކުދިންވެސް ތިބެނީ އެހާވަރުވެފައެވެ. ސަލްވާ ކިޔާވަރުން އޭނަވެސް ހުރީ މިއަންނަ ރޯދަމަހަށް ބުރުގާއަޅަން ނިންމައިގެންނެވެ. ސަލްވާ ގުރުއާނުން އާޔަތެއްވެސް ދެއްކިއެވެ. ނޫރުސޫރަތުގެ އާޔަތެއްގައި އޮތީ ނިވާވުމަށް މުސްލިމުންނަށް އަންގާފައެވެ. ވާޖިބުވެފައެވެ. މަރުވެދާނެތީ އޭނަވެސް ބިރުގަނެއެވެ. ސަލްވާ ބުނެގެން އޭނަވަނީ މުފްތީ މެންކް ނޫމާން އަދި ޔާސްމީން މުގާދުމެންފަދަ ދީނީ އިލްމުވެރިންގެ ދަރުސްތައް ބަލަންފަށާފައެވެ. ވަރަށް ޝައުވެރި ކުރުވަނިވިއެވެ. މަރުވާހިދު ބައެއްމީހުނަށް ޝަހާދަތް ނުކިޔޭނެކަމަށާއި ޝަހާދަތުގެ ކަލިމައިގެ މަތީގައި އުޅެންޖެހޭ ސަބަބަކީ އެއީކަމުގައި އެއް އިލްމުވެރިއަކު ވިދާޅުވިއަޑުއަހާފައި އަޒަލްގެ ގައިން ހީބިހިނެގިއެވެ. އެކަނި ޝަހާދަތްކިޔަސް ހިތަށް އެރިގޮތަކަށް އުޅެގެން ކަމަކުނުދާނެއެވެ.

އަޒަލް ދުވަހަކުވެސް ދިވެހި ވާހަކައެއްނުކިޔައެވެ. ދިވެހިކިޔަން ފަރިތައެއްވެސް ނޫނެވެ. ނަމަވެސް އޭނައަށް ސަލްވާ ދިން އިސްލާމީ ވާހަކައެއް ކިޔަންފެށިފަހުން ދިވެހިބަހަށްވެސް ކޮންމެވެސް ވަރަކަށް ފަރިތަވިއެވެ. އަސްހާބުން އުޅޭލެއް ހިތްގައިމުކަމާއި އީމާންތެރިކަން ވަރުގަދަކަމުން އަމިއްލަ އީމާންކަމާއި އަޅުވާކިޔުނެވެ. މުޖާހިދުންގެ ތާރީޚީ ވާހަކަތައް ކިޔަންވެސް ޝައުގުވެރިވެއްޖެއެވެ. އަސްހާބުންގެ ވާހަކަތައްކިޔާވަރަކަށް ދީނަށް ލޯބިޖެހި ހެއްދެވިފަރާތާއި އޮތް ގުޅުންވެސް ދިޔައީ ވަރުގަދަވަމުންނެވެ. ރޫހާނީ ހިތްހަމަޖެހުން ލިބެންފެށިއެވެ. ކުޑަކޮށްނަމަވެސް ހެވެވެ.

އެރޭ ކެއުމަށް އެންމެން ޖަމާވިއިރުވެސް ވިޝާމްއާއި މާއިޒް ނެތެވެ. އަޒަލް ކަޅުހެދުންލާ ވާހަކަދެއްކުމުން ޒައިތޫންއާއި މެހެރީނާގެ މޫނަށް ވެރިވި ކުލަވަރުން ހީވީ އަޒަލް ބުނަން ނުޖެހޭ އެއްޗެއް ބުނިހެންނެވެ. ހައިކަލްއާއި އަބަދުލްއަޒީޒު އެކަމަށް ހިތްވަރުދިނެވެ. އާޒީންވެސް އިނީ ހައިރާންވެފައެވެ. އަޒަލް ބުރުގާ އެޅިޔަސް މޫނު އަޅާފާނެކަމަކަށް ހީކުރާނީ ކާކުހެއްޔެވެ؟ އަޒަލް ފެޝަނަށް ލޯބިކުރާވަރު އޭނަ ދަނެއެވެ. އެކަހަލަ ކުއްޖަކު ކުއްލިއަކަށް ސަލްވާފަދަ ދީނީ ކުއްޖަކު ހެދުންއަޅާގޮތަށް ހެދުން އެޅުމަކީ އާދައިގެ ކަމެއްނޫނެވެ. ބައެއްމީހުން ބުނާނެއެވެ. މޫނު ބުރުގާއަކީވެސް ފެޝަނެކެވެ. އެތެރެއިން ލާފައި ތިބޭނީ ކުރުކުރު އެއްޗެއްސެވެ. މެހެރީނާއަށް ނީދެވިގެން މޫނު ބުރުގާއަޅާމީހުން ބަދުނާމުކޮށް ވާހަކަދައްކަން ފެށުމުން ޒައިތޫންވެސް ބައިވެރިވިއެވެ. އަބުދުލްއަޒީޒުބުނީ ހެދުމަކީ ރައްކާތެރިކަމެއް ކަމަށެވެ. ނަމަވެސް މޫނު ފޮރުވާކަށް އަބުދުލްއަޒީޒުވެސް ތާއީދެއްނުކުރިއެވެ. ހައިކަލްބުނީ އެކުއްޖަކަށް ބޭނުންގޮތަކަށް ހެދުން އެޅުން ހަމަ އެންމެ ރަގަޅުކަމުގައެވެ. ކެއުން ނިމެން އުޅެނިކޮށް ހައިކަލް ދިން ޚަބަރަކުން މެހެރީނާގެ ދެލޯ އުފަލުން ވިދައިގަތެވެ. ހައިކަލް ދުވަސްކޮޅަކަށް އެމެރިކާއަށް ދަނީއެވެ. އެކުވެރިއެއްގެ ދަރިފުޅު އޮޕަރޭޝަނެއް ކުރަންވެގެންނެވެ. އޭނަ އެންމެ އިތުބާރުކުރާ ޑޮކްޓަރަކީ ހައިކަލްކަމުގައި ވުމުން ހަމަ ކިޔާވަރުން ދާން ޖެހުނީއެވެ.

ހައިކަލް އޭރު އެއްވެސް މީހެއްގެ ކައިރީގައި ސަލްވާ ގެންދާ ވާހަކައެއް ނުބުނެއެވެ. އޭނަގެ ޖުމްލައިން ސަލްވާގެ މޫނަށް ވެރިވި ކުލަވަރު ހައިކަލްއަށް ފެނުނެވެ. މޮޅިވެރިކަމާއިއެކު އިސްޖަހައިލިއިރު ދެރަވެފައި އިންކަން އެނގުނެވެ. މެހެރީނާމެންގެ މުށުތެރެއަށް ބޭނުންގޮތަކަށް ހަދަން ދޫކޮށްލާފައި ހައިކަލް ދުރަށްދަނީކަމުގައި ހީވެ ހިތުގައި ޝަކުވާފުންޏެއް އޮންނާނެކަން އެނގިފައި ހައިކަލްއަށް މަޖާވިއެވެ. ސަލްވާއަށް މިފަހަރު ރަގަޅު ސަޕްރައިޒެއް ދޭންވާނެއެވެ.

"ދޮންބެ ކިހާ ދުވަހަކަށް ދުރުވަނީ؟ " މެހެރީނާއަށް ނީދެވިގެން އަހައިލިއިރު އިނދެވުނީ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައެވެ.

"މޭބީ... ޓެން ޑޭސް....." ހައިކަލް ގޮނޑީގައި ހަމަޖެހިލައިގެން ލެނގިލިއެވެ.

"ހާދަ ދުވަހަކަށޭ. ވަރަށް މިސްވާނެ...." މެހެރީނާ ފޯރިއައިވަރުން ހަތަރެސްފައި ފިނިވެލައިފިއެވެ. އާޒީންއާއި އަޒަލްވެސް އެކަމާއި ދެރަވެގެން ވާހަކަ ދެއްކިއެވެ. ނަމަވެސް މިއީ ހައިކަލް ދުރަށް ދާ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެންވެ އެކުދިންވެސް އެހާވަރުން ކޮންމެހެންދާ ހިތަކުން ނޫޅެއެވެ. ހައިކަލްދަނީ ޗުއްޓީއަކަށް ނޫނެވެ. ރަސްމީ ދަތުރެއްގައެވެ. އެކަމަކު އެހާވަރަށް އެންމެންނަށް އޮޅުވާލަން ނުވާނެތީ ހައިކަލް އެންމެފަހުން ބުނެލީ އޭނަ ދާނީ ސަލްވާ ގޮވައިގެންކަމުގައެވެ. ސަލްވާވެސް ސިހިފައި ބަލައިލީ ހައިކަލް ބުނި އެއްޗެއް ޔަގީންނުވެފައެވެ. ހިތް އަވަސްވިވަރުންނާއިއެކު އެހެން އެންމެންގެ ލޯތައް އޭނައަށް ހުއްޓުމުން މޫނު މަލެއްހެން ރަތްވެއްޖެއެވެ. މެހެރީނާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

ކޮމެންޓް 0