ވިޝާމް ފޭސްބުކަށް ވަދެފައި ހާވަމުންގޮސް އަޒަލްގެ ޕްރޮފައިލް ބަލަލިއެވެ. އެތައް ސަތޭކަ ލައިކެއް ލިބިފައި އިން ސަލްވާގެ ފޮޓޯއަށް ނަޒަރު ހުއްޓުމާއިއެކު ވިޝާމްގެ ބުމަ ކައިރިކޮށްލެވިއްޖެއެވެ. އަޒަލްވެސް މިއިނީ ހައިކަލްގެ ފޮޓޯ ޝެއާކޮށްފައެވެ. އެފޮޓޯއަށް ނުބަލަން ހުއްޓާވެސް މިއޮތީ ފެނިފައެވެ. ސަލްވާ މޫނު ބުރުގާ ނާޅާ ހުރި ފޮޓޯއެއް އެންމެން އިޝްތިހާރު ކުރާއިރު ސަލްވާވެސް ހަމަ އަޅާނުލާ ހުންނަންވީ ކީއްވެހެއްޔެވެ؟ ވާނީވެސް އެހެންނެވެ. ހައިކަލް އެކުއްޖާއަށް މަޖުބޫކުރު ކުރަނީއެވެ. ކޮންމެވެސް މަޖުބޫރީއެއް ދިމާނުވާނަމަ އޭނަގެ ސަލްވާ އެހެން ނުހުންނާނެއެވެ. ސަލްވާއަކީ އެހާ ހިމޭނުން ހުންނާނެ ކުއްޖެއްނޫނެވެ. ބައެއް ކަންތަކުގައި ގޮތްދޫނުކުރާ ގޮތެއްވެސް ހުރެއެވެ. ވީއިރު މިކަހަލަ ފޮޓޯއެއް ލުމުން އެހާ މަޑުމަޑުން ހުރުމުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް އޮންނާނެކަން ޔަގީނެވެ. ހައިކަލް ސަލްވާ ބްލެކްމެއިލް ކުރީނޫން ކަމެއްވެސް ނޭގެއެވެ. ވިޝާމް ލެޕް ލައްޕާލާފައި އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލާފައި ދެލޯ މަރައިލީ ހިތަށް ކުޅަދާނަ ނުވެގެންނެވެ.

ވިޝާމް އެދުވަހު އޮފް ނަގައިގެން ހުރުމުން ރޯޒްމެހެލް ފާސްކުރާނެ ފުރުސަތު ލިބުނެވެ. އޭނަ ބޭނުންވީ މިގޭގައި އުޅުނު ނޯކަރުންނާއި ބެހޭ މައުލޫމާތު ސާފުކުރާށެވެ. ފާގިޔާ އުޅުނު ތަނާއިމެދު އެހާ ޝައުގުވެރިވީ މެހެރީނާއާއި ނާޒްމީ ދެއްކި ވާހަކަތަކުންނެވެ. އެމީހުން އެހާ ޖެއްސުންކޮށް ދެރަކޮށްލީ ދޮންމަންމަ ފާގިޔާއަށް ވެއްޖެއްޔާ އެކަން އޭނައަށް އެނގުން މުހިއްމެވެ. ނުލަފާކަމުން ނާއިރެއްހެން ވުމާއި ދޮންމަންމަގެ ހިތި މާޒީއާއި ގުޅުމެއްވެސް ވެދާނެއެވެ. މެހެރީނާގެ ނުލަފާކަމުން ފާގިޔާ ފަކީރުގެ ދުވަސް ދުއްވާލާ އެތައް ޖެއްސުން ފަށެއްކޮށްލައިފިކަން ވިޝާމްއަށް މިވަނީ އެނގިފައެވެ. އެހާވަރުން އެކަން ބަލަން އޭނަ އުޅުނު ސަބަބަކީ އެއީއެވެ. މާއިޒްއާއި ސުވާލުކޮށްލުމުން ބުނީ އާއްމުކޮށް އެގޭގައި ނޯކަރުން ދިރިނޫޅޭކަމުގައެވެ. ކުރަން ހުންނަ މަސައްކަތްކޮށްލާފައި އެމީހުން ދަނީ ކައިރީގައި ކުއްޔަށް ހިފާފައި ހުންނަ އެޕާޓްމެންޓަކަށްކަމުގައި މާއިޒް ބުނެލިއެވެ. ނަމަވެސް ތަންކޮޅެއް ކުރިން އުޅުނު ސިކިއުރިޓީ ގާޑަކާއި އޭނަގެ އަންހެނުން އެގޭގައި ވަކިން ހަދާފައި ހުރިތަނެއްގައި އުޅުނުކަމަށް ބުނެ މާއިޒް އެބައި ދެއްކިއެވެ. ބަދިގެއާއި ދިމާލަށް ނުކުމެގެން ދާއިރު ފާރާއި އިންވެގެން ހުރި ތަންކޮޅުހީވަނީ ސްޓޯރެއްހެންނެވެ.

ވިޝާމް އެކަނިވާއިރަށް އެ ކުޑަ ކޮޓަރިކައިރިއަށް ދިޔައެވެ. ވިޝާމް ޕިނެއް ކޮށްޕާލައިގެން ތަޅުހުޅުވަން ނެގީ މަދު ސިކުންކޮޅެކެވެ. އެތެރެއަށްވަދެ ދޮރު ލައްޕާލާފައި ފޯނުން އަލި އަޅުވާލައިފިއެވެ. ބޭރުން ކުޑަކޮށް ފެނުނަސް ދެމީހަކަށް ހަމަޖެހިގެން ދިރިއުޅެވޭނެވަރުގެ ކޮޓަރިއެކެވެ. ފަރުނީޗަރުތައްވެސް ހަމަޔަށް ހުއްޓެވެ. އެކަމަކު އެހުރިހާ ތަނެއްހެންވަނީ ހުސްކޮށްލާފައެވެ. ވިޝާމް އެނދުގައި އޮތް ގޮދަޑިއަށް ދާންދެން ހިއްލާފައި ކަރުދާސްކޮޅެއް ނަމަވެސް ފެނޭތޯ ހޯދިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ލޮލުގައި އަޅައެއްނުގަތެވެ. އޭނަ ފޫހިވިއެވެ. މިހާވަރުން ކުރެވުނީ ބޭކާރު މަސައްކަތެއްކަން އެނގުމުން ވަގުތު ބޭކާރުކުރެވުނީތީ ހިތާމަކުރިއެވެ.

ވިޝާމް ނިކުންނަން އައީވެސް ފޯނުން އަލިކޮށްގެން ހުރެއެވެ. ކުއްލިއަކަށް އޭނަގެ ފިޔަވަޅުތައް ހުއްޓުނީ ދިމާ ކުރިމަތިން ފެނުނު އެއްޗަކުންނެވެ. ވަކަރު ދޮރުފަތުގައި "ވިޝާމް"ގެ ނަން ލިޔެފައި ހިތެއްކުރަހާފައި އިނެވެ. އޭނަގެ ގައިން ހީބިހި ނަގައިގެން ދިޔައީ ކީއްވެކަމެއް ނޭގުނެވެ. ހިތް ފިނިވެ އަތްފައިން ދާހިއްލާލައިފިއެވެ. އޭނައަކީ ކަންކަމާއި އެހާ އަވަހަށް ހާސްވާމީހެއްވެސް ނޫނެވެ. ނަމަވެސް އޭނަގެ ނަން މިތަނުގައި ލިޔެފައި އޮތް އޮތުން އޭނަ ހައިރާންކުރުވާ ސުވާލު މާކެއްގެ ތެރެއަށް ވައްޓާލައިފިއެވެ.

"ކީއްވެ؟ ކީއްވެ އަހަރެންގެ ނަން އެތާގައި......އަދި ދިވެހިން. އަޒަލްވެސް ނުކުރާނެ މިކަހަލަ ކަމެއް، މިދޮރު ނުހުޅުވާތާ ގަރުނެއްވެފައި ވާ ކަމަށް މާއިޒް ބުނީ. އެމީހުންނަށް އެހާ މުހިއްމެއްވެސް ނުވާނެއްނު މިތަން ހުޅުވައިގެން އުޅޭކަށް. އެތައް ގިނަ ރޫމްތައް އެގޭގައި އެއޮތީ. އަނެއްކާ ތަޅުދަނޑިވެސް އެމީހުން ގެންގޮސްފައިވާކަމަށް އެބުނީ. އެކަމަކު އެމީހަކަށް އަހަރެންގެ ނަން މުހިއްމުވީ ކީއްވެ........" ވިޝާމް މަޑުމަޑުން އެއަކުރުގައި އިނގިލިތަކުން ފިރުމައިލިއެވެ.

"މިއީ ކާކު ކުރިކަމެއް؟ ވެދާނެ އެހެން ވިޝާމެއްކަމަށް. އެކަމަކު އަހަރެންގެ ދޮންމަންމައަށް ކިޔަނީ ވެސް ފާގިޔާ. އަދި އަހަންނަށް މިކިޔަނީ ވިޝާމް. އެހެން ފާގިޔާއަކާއި ވިޝާމްއެއް ރޯޒްމެހެލްގައި އުޅުނިއްޔާ ވަރަށް ސްޓްރޭންޖް. އިއްތުފާގަކަށްވިޔަސް ހާދަ އެހެން ކަހަލަ ކަމެކޭ. އެކައްޗެއްވެސް ވިސްނުމަކަށް ނާދޭ......" ވިޝާމް ނުކުތްއިރު އޭނަގެ ބޯ ދޮރުގައި ކުޑަކޮށް ޖެހުމުން ތަދުވާގޮތްވިއެވެ. އަމިއްލައަށް ބޮލުގައި ފިރުމާލާފައި ހިންދެމިލިއިރު ކުރިމަތީގައި ހަށަން ބަދެލައިގެން ހުރީ މެހެރީނާ ފިޔަވާ ދެވަނަމީހެއް ނޫނެވެ. ތުންފަތުގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

"ސާބަހޭ ވިޝާމް. މިހާރު ދެން ބަންދުކޮށް ތަޅުއަޅުވާފައި ހުންނަތަން ތަނަށްވެސް ސިއްރުން ވަންނަން ފެށީތަ. އެވެސް ދޮރު ތަޅު ހަލާކުކޮށްލައިގެން. ވަގުން ވައްކަން ކުރާހެން......"މެހެރީނާ ބާރަކަށް ވާހަކަދެއްކިއެވެ.

"ޚަޒާނާއެއްކަމަށް ހީކުރީ. ނައިސް ރޫމް އެކަމަކު ނަތިން އިންސައިޑް........." ވިޝާމް އެއްމިޔަކަނުން ހީލިއެވެ.

"އެޖެންޓެއްކަމަށް ހެދިގެން އުޅުނަސް ތިއީ އެހާ ގާބިލުމީހެއްނޫން. ބައިދަވޭ ތިތާކަށް ވަންނަން ހިތަށް އެރީ ކިއްވެ؟ " މެހެރީނާއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ.

"ކިއުރިއޯސިޓީ......." ވިޝާމް އެތަން ތަޅުލަން އުޅެނިކޮށް މެހެރީނާ ވިޝާމް އެއްފަރާތަކަށް ކޮށްޕާލާފައި އެތެރެއަށް ވަދެއްޖެއެވެ. އަދި އޭނަވެސް ފޯނުން އަލިކޮށްފައި ބަލަން ފެށިއެވެ. ވިޝާމް އެތަނަށްވަދެ ކުރިކަމެއް އެނގެން ޖެހޭނެއެވެ. އޭނައަށްވެސް ވިޝާމްގެ ނަންފެނި އަނގަ ސަކަރާތްވެފައި ނުކުމެ އަހާލުމުން ވިޝާމް ޖަހައިލީ ހިނިގަނޑެކެވެ.

"އަމިއްލައަށް ދޯ އެނަން ލިޔުނީ؟ ނުދަންނަން އެހާ ރީތިކޮށް ލިޔަން ދަންނަކަމެއް..." މެހެރީނާ އޮޅުނެވެ.

"އަހަރެންގެ އެކަހަލަ ކިތަންމެ ކަމެއް ސިސްއަށް ނޭގި ހުންނާނެ. ބައިދަވޭ ޔޯ ހެއަ ލުކްސް ގްރޭޓް؟ ކޮންކަހަލަ ކްރީމެއް ބޭނުންކުރަނީ؟ " ވިޝާމްގެ ތައުރީފުން މެހެރީނާ ރީތިކޮށް "ބްލަޝް"ވެއްޖެއެވެ. އޭނަގެ އިސްތަށިގަނޑަށް ޒުވާން ފިރިހެންކުއްޖަކު ތައުރީފު ކުރުމުން ހިތަށް ލިބުނީ ބުނަން ނޭގޭފަދަ އުފަލެކެވެ. ވިޝާމްދެކެ އަންނަ ރުޅިވެސް ފާޑަކަށް ފިލައިގެން ހިގައްޖެއެވެ.

"ކްރީމެއް ލައިގެނެއްނޫން. ގުދުރަތީ ރީތިކަންކަމުގައި ބަލާ. މުޅި މިއާއިލާގައި އުޅެނީ ރީތިކަން ހުސްކުރި މީހުން. ޝާހީ އާއިލާއެއްވީމަ އެނގެއެއްނު..........." މެހެރީނާ ވިޝާމްގެ މޫނަށް ބަލާލަމުން ހީލީ ފޮނިގޮތަކަށެވެ. އެއާއިއެކު މެހެރީނާ ކުއްލިއަކަށް ދެލޯ ބޮޑުކޮށްފައި "އާއު" އޭބުނެލި ގޮތުން ހީވީ ވިޝާމްގެ މޫނުން އެއްޗެއް ފެނުނުހެންނެވެ. އޭރު މެހެރީނާގެ ހިތް ތެޅިގަތްލެއް ބާރުކަމުން މޭފަޅާލާފައި ނުނިކުތީ ހަމަ ކިރިޔާއެވެ. މިހުރިހާ ދުވަހު އޭނަ ހުރީ ވިޝާމްގެ މޫނުމަތި ފެނިފާ ސިފަވަނީ ކާކުކަން ނޭގިފައެވެ. ހަމަ ކުއްލިއަކަށް ލޮލުގެ ކުރިމަތިން ފެނިލި ސޫރައަކުން ކަމެއް ޔަގީންވެ އޭނަ ދުއްވައިގަތީ ނާޒްމީ ހުރިތަނެއް ހޯދުމަށެވެ. މެހެރީނާގެ އެ އާދަޔާ ޚިލާފު ތަބީއަތާއިމެދު ވިޝާމްވެސް ހައިރާންވިއެވެ. ކޮޓަރި ތަޅުލުމުގެ ކުރިން އަދި އެއްފަހަރު އެތެރެއަށްވަދެ އޭނަ ފާސްކުރިއެވެ. މުޅި އެދުވަހު އޭނަގެ ސިކުނޑިއަށް ވެރިވެފައިވަނީ އެޚިޔާލުތަކެވެ. ސަލްވާގެ ސަބަބުން އޭނަގެ ހިތާމަތައް އެތައްގުނަ އިތުރުވެފައިވާ މިދަނޑިވަޅުގައި އެހެން ކަންތައްގަނޑެއް ބޯގާނަންފެށީއެވެ. ތުނބުޅި ބާލާކަށްވެސް އޭނަ ހަދާނެއްނުހުރެއެވެ. ކާހިތް ކެނޑުނެވެ. އެއާއިއެކު ނިންޖަކީ ލޮލާއި ބީރައްޓެހި އެއްޗެއްކަމުގައި ވެއްޖެއެވެ. ޑިޕްރެޝަންގެ ނުރައްކަލާއި ކުރިމަތިވެދާނެކަމުގެ ސިގްނަލް ބަލައިލާ ކޮންމެ ދިމާލަކުން ފެނެއެވެ.

އަޒަލް ކްލިނިކަކަށްގޮސް ޑޮކްޓަރަކަށް ދައްކައިގެން ސީޓީ ސްކޭންއެއް ހައްދަން ސްލިޕެއް ހޯދިއެވެ. ހީކުރިވަރަށްވުރެ ފަސޭހައިން ސީޓީސްކޭން އެޕޮއިންޓްމެންޓެއް ލިބުނެވެ. ސީޓީސްކޭނާއި ބެހޭގޮތުން އަޒަލް ވަރަށް ކިޔެވުމަށްފަހު ރޭޑިއޭޝަން ފިޔަވާ އަނެއްހެން ތަދެއް ނުވާނެކަން ޔަގީންވިއެވެ. ބޮލުގައި އެހާވަރަށް ރިއްސާތީ ޚުދު އޭނަވެސްވަނީ ބިރުގެންފައެވެ. ބޮލުގައި ޓިއުމަރެއް ހުރީބާވައެވެ.

މޫނުބުރުގާ އަޅައިގެން އަވިއައިނު ޖަހާލައިގެން އިނުމުން އެއްވެސް މީހަކަށް އޭނަ ވަކިކުރާކަށް ނޭގޭނެއެވެ. އޭނަ ނުބައި ނަމެއްދިނީވެސް ހުރިހާ ގޮތަކަށް ވިސްނާފައެވެ. ސީޓީސްކޭން ނިމުމުން އަނެއްދުވަހު ރިޕޯޓްބަލާ އަންނަން ބުނެފާ ސްލިޕްކޮޅެއް ދިނުމުން އަޒަލް އެތަނުން ނުކުމެގެންގޮސް ކާރަކަށް އަރަން ދިޔައިރު ކޮންމެވެސް މީހެއްގެ ގައިގާ އަޅައިނުގަތީވެސް ކިރިޔާއެވެ.

"ސޮރީ...." އެޒުވާނާ ބުނެލިއެވެ.

"އެއީ މާއިޒްބާ.....ނޫނީ ވިޝާމްއަށްވެސް ވެދާނެ. ދަންނަމީހަކު ވަކިކުރާކަށްވެސް މިތާކުން ނޭގޭ. ނޭމްލެސް ފޭސެސް....." އަޒަލް އަމިއްލަ ނަފުސާއިމެދު ހަމްދަރުދީވިއެވެ. ފޭސްބްލައިންޑްނެސް އޭނަގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލައިފިއެވެ. އެކަންތަކުން އަރައިގަނެ އޭނަގެ އުމުރުގެ އެހެން އަންހެންކުދިން ފަދައިން އުޅެން އަޒަލްވެސް މިހާރު ބޭނުމެވެ. އެބަލިން ފަސޭހަވާނީ ކިހިނެއްހެއްޔެވެ؟

"ނޯ. އެހެނޭ ކިޔާފައި އަދި ހިތާމަކޮށް މި ކުރު އުމުރު ބޭކާރުކޮށްލާކަށް ނުވާނެ. އުފަލުގައި އުޅެންޖެހޭނީ....." އަޒަލް ގޮސް ކެފޭއަށްވަދެ ޝޭކަކާއި ޗީޒްކޭކަކަށް އޯޑަރުކުރިއެވެ. އޭނަ ކުޑަކޮށް މޫނު ބުރުގާގެ ފޮތިކޮޅު ހިއްލައިލި ތަނާއިއެކު ކުރިމަތީގައި ހުރި މޭޒުގައި އިން ޒުވާނަކު ބުމަ ހިއްލާލީ އޭނަ ކާކުކަން އެނގިގެން ކަހަލަ ގޮތަކަށެވެ.

"ޒެލް......" މާއިޒްގެ އަޑެވެ. އަޒަލް އަވަސްއަވަހަށް ސްލިޕްކޮޅު ޕާސްއަށް ލާފައި ހީލިއެވެ.

"ހޭއި.......ދޮންބެ.." އަޒަލް އުފާވެފައި ކަހަލަގޮތަކަށް ތެދުވެގެންގޮސް މާއިޒްގެ ގައިގާ ބައްދާލައިފިއެވެ.

"މިތަނުގައި އެކަނި؟ " މާއިޒް ހައިރާންވިއެވެ.

"ޗީޒްކޭކް ކާހިތުން ހަމަ ޖައްސައިލީ....."

"ކޮބާ ވިޝާމް؟ "

"ގޭގައިކަމަށް ވާނީ. ބުނި ނައިޓް ޝިފްޓޯ."

"އަހަންނަށްވެސް އެކަން އެނގޭ. މިބުނީ ޒެލް އެކަނި އުޅޭތީ. ހަޒްބެންޑް ހުންނަނީ ކަމަކު ދޯ. އެކަނި ރެސްޓޯރެންޓްތަކަށް އައީމަ އެއްގޮތަކަށްވެސް ކޫލްއެއްނޫން.. އެޓްލީސްޓް ދޮންމަންމައަށް ތިކަން އެނގިއްޖެއްޔާ ލެކްޗަރެއްދޭނެކަން ޔަގީން. އެންޑް ބައްޕަވެސް ބުނުއްވާނެ މަނާކަމެކޭ. މިހާރު ދޮންމަންމަގެ ރޫލްސް ފޮލޯކުރަން ޒެލްވެސް ޖެހޭނެ......"

"ހެހެ.ދޮންބެ. އައިމް ނޮޓް އެ ޗައިލްޑް އެނީ މޯ. އަމިއްލަ ރެސްޕޯންސިބިލިޓީ ނަގަން އެގޭވަރުގެ އަންހެނެއް. ނަތިން ވިލް ހެޕެން ޓު މީ އިންޝާﷲ. މޫނުބުރުގާ އަޅައިގެންހުރުމަކީ ރައްކާތެރިކަމެއްނު. އައި ކެން ފީލް އިޓް. އެހެންނޫންނަމަ މީހުން އިސްތަށިގަނޑަށް ބަލާވަރުން އުދަގޫވޭ. ސަލްވާވެސް ބުނާނެ ފިރިމީހާގެ ހުއްދަނެތި ގެއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް ނާޅައްޗޯ......." އަޒަލް ވާހަކަދައްކަ ދައްކާ އިންދާ ކޮންމެވެސް އަންހެންކުއްޖަކު އައިސް މާއިޒްއާއި އަރާހަމަވެފައި ޑޮކްޓަރ މާއިޒްއޭ ކިޔާފައި ގޮވައިލީ ވަރަށް ގާތްގޮތަކަށެވެ. އެއަންހެންކުއްޖާއަކީ އަދި އަލަށް ވަޒީފާއަށް ވަދެގެން އުޅޭ ކުއްޖަކަށްވިޔަސް އެކުއްޖާގެ ރީތިކަމުން މަޝްހޫރުކަން ހޯދާފައިވިއެވެ. މާއިޒްމެންފަދަ ހުސްހަށިބައި ޑޮކްޓަރުންގެ ލޯތައް ހުއްޓޭހާ ފަރި ރީތި އަންހެންކުއްޖެކެވެ. އެކުއްޖާއަށް އަޒަލްގެ މޫނު ފެނުމުން ވަގުތުން ވާހަކަދައްކަން އުޅެގަތެވެ. އަޒަލްއާއި ސީޓީ ސްކޭން ރޫމުން ދެންމެ ދިމާވިކަމަށް ބުނުމުން އަޒަލް ވަގުތުން ހާސްވިއެވެ.

"ވަޓް؟ ސީޓީ ސްކޭން ރޫމުންނޭ؟ " އަޒަލް ހައިރާންވިކަމަށް ހެދުނެވެ.

"އައި ނޯ ޔޫ......ނަމަކީ ލީޒާ ރައިޓް؟ އަދި މެރީޑާކަހަލަ ރީތި އިސްތަށިގަނޑެއް އޮތީވެސް..... " އެކުއްޖާ އެހެންބުނުމުން މާއިޒްވެސް ހޭންފެށިއެވެ. އަޒަލް ވަގުތުން މޫނުފޮތިކޮޅު ވައްޓާލައިފިއެވެ. ނަމަކަށް ލީޒާއޭ ބުނެވިފައި އޮތްކަމީ އޭނަގެ ނަސީބެވެ. އެހެންނޫންނަމަ އޭނަ ރީއްޗަށް ބޭޒާރުވީހެވެ. މާއިޒް އެކުއްޖާ ކައިރީ ބުނީ އޮޅުމެއްކަމަށެވެ. މިއީ އޭނަގެ ކޮއްކޮ އަޒަލްކަމުގައި ބުނެލިއެވެ. ބުޅިއިސްތަށިގަނޑެއް އޮތްކުއްޖަކާއި އަޒަލް އޮޅުވައިލީ ކަމުގައި މާއިޒް ޔަގީންކުރިޔަސް އެކުއްޖާ ބުނީ އޭނަގެ ލޯ އޭނައަށް ކެއްސެއް ނުދޭނެ ކަމުގައެވެ. މާއިޒް އެވާހަކަ ގަބޫލުނުކުރާފަދަ ގޮތަކަށް ބަލަހައްޓައިގެން އިނުމުން އެކުއްޖާ އިނީ ދެރަވެފައެވެ. އަޒަލް އެހާ ބޮޑަށް އޮޅުވައިލީ ކީއްވެބާވައޭ ހިތަށް އެރިއެވެ. ނަންވެސް ނުބައިކޮށް ބުނީކަމަށް ވެދާނެއެވެ. ނަމަވެސް އޭނަ އެކަންތައް މާ ބޮޑުކަމަކަށް ހަދަން އުޅެފިއްޔާ އަޒަލްވެސް ރުޅިއަތުވެދާނެއެވެ.

ޖެހިގެން އައިދުވަހު އެ ރިޕޯޓްބަލާ އަޒަލް ފޮނުވީ ރޯޒްމެހެލްގެ ޑްރައިވަރެކެވެ. އެތަނުން މީހަކު ސުވާލުކުރިޔަސް އެއްވެސް މައުލޫމާތެއް ނުދޭން އަޒަލް އަމުރުކުރިއެވެ. އެއީ އޭނަގެ އެކުވެރި ކުއްޖެއްގެ ރިޕޯޓްކަމުގައި އަޒަލް ބުނެލީ ޑްރައިވަރުވެސް އަނގަގަދަކަމުން އެހެންމީހެއްގެ ކައިރީ ކިޔާފާނެކަމުގެ ބިރުހީވެފައެވެ. އަޒަލް އަތަށް ރިޕޯޓް ލިބުމާއިއެކު އަޒަލްގެ މޭގަނޑު ފިނިވެގެން އައެވެ. އޭގައި ކިތަންމެ މައްސަލަހުރިކަން ފާހަގަކޮށްފައި އޮތެވެ. އިންފާކްޓްސް އަދި އެނިއުރިޒަމްފަދަ ލަފުޒުތައް އަޒަލްއަށް ފެނުނީ ބިރުވެރި ޑެތް ސެންޓެންސް ތަކެއްގެ ގޮތުގައެވެ. އޭނަގެ ބޮލުގައި ރިއްސާ ސަބަބަކީ އެއީއެވެ. ނަމަވެސް އެކަހަލަ މައްސަލަތައް ހުރުމުން ކުރަންޖެހޭ ފަރުވާ އަޒަލްއަށްވެސް ވިސްނެއެވެ. އޮޕަރޭޝަންކުރުމެވެ. ބިރުންގޮސް އަޒަލް ރޫރޫއަޅާގޮތްވިއެވެ. އޭނަ މިވާހަކަތައް ހިއްސާކުރަންވީ ކާކާހެއްޔެވެ؟

ބޯކޮށް ވާރޭވެހޭ އަޑު ކޮޓަރިތެރޭގެ ހިމޭންކަން މުގުރާލާފައިވިއެވެ. ފިނިކަންވެސް ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއް ގަދަވަމުންދިޔައެވެ. އެވަރުންވެސް އޭސީގެ ފިނިހޫނުމިން މަތިކުރާކަށް އަޒަލް ބޭނުމެއްނުވިއެވެ. އަޒަލް ނިދަން ތައްޔާރުވެ ފިނިފެންމާކުލައިގެ ޕިޖާމާއެއްލިއެވެ. އިސްތަށިގަނޑުވެސް ޕޯނީޓެއިލް އެއްހެން އައްސާލި ނަމަވެސް ނުކިޔަމަންތެރި އިސްތަށިކޮޅުތައް އެކިދިމާލުން ފައިބާފައިވެއެވެ. އަޒަލް އެނދަށް އަރާފައި ނިދަން އުޅުނަސް އެކި ޚިޔާލުތައް އޭނައަށް އުދަގޫކުރިއެވެ. އޭނަގެ ބައްޕަގެ މަތިން ހަނދާންވާން ފެށީ މާބޮޑަށެވެ. ބައްޕަކައިރީގައި އޭނައަށް ދިމާވެގެން އުޅޭ ކަންތައްތައް ކިޔާދީފައި ސީޓީ ސްކޭން ރިޕޯޓްވެސް ކިޔައިދޭނީއެވެ. އޭނަވެސް މިބަލީގައި މަރުވާކަށް ބޭނުމެއްނޫނެވެ. އެންމެފަހުން އަޒަލް ހައިކަލްއަށް ގުޅިއެވެ.

"ޑެޑީ. ކޮން ދުވަހަކުން މިކޮޅަށް ދުރުވަނީ...." އަޒަލް ރޮވިފައިވާ އަޑަކުން އަހައިލިއެވެ.

"ދަރިފުޅާ ޒެލް. ބައްޕަ ވަރަށް އަވަހަށް ދާނަން. ކިހިނެއްވީ؟ ދަރިފުޅު އޯކޭތަ؟ " ހައިކަލް ސުވާލުކުރިއެވެ.

"ނޫން. ޑޭޑް. ނޮޓް އޯކޭ. އައިމް ސްކެއާޑް...." އަޒަލް ބުނެލިއެވެ.

"ކޮންކަމަކާ؟ ދަރިފުޅާ. ކިހިނެއްވީ؟ ކޮންކަމަކާ ބިރުގަންނަނީ.. ޓެލް މީ އެވްރީތިން..." ހައިކަލް އެއްފަހަރާ އެތައް ސުވާލުކުރިއެވެ.

"އައި މިސް ޔޫ......" އަޒަލް ދިނީ އެހެން ޖަވާބެކެވެ.

"މިސް ޔޫ ޓޫ ދަރިފުޅާ އެކަމަކު ތީ ބައްޕަ ކުރި ސުވާލުގެ ޖަވާބެއް ނޫނެއްނު...." ހައިކަލް ބުނެލިއެވެ. ސިގްނަލް ދަށްކަމުން ކެނޑިކެނޑިގެން ލިބޭތީ ވާހަކަދައްކާކަށްވެސް ފަސޭހައެއްނޫނެވެ.

"އިޓްސް އެ ނައިޓްމެއާ......ބައްޕަ ދުރުވީމަ ކިޔާދޭނީ. ކަމް ބެކް ސޫން. ޑޭޑް. ސަލްވާ ކޮބާތަ؟ މިސް ހާ ޓޫ...." އަޒަލް އެކިވާހަކަދައްކާފައި ފޯނު ބޭއްވިއެވެ. އެއަށްފަހު ކުއިލްޓް މެޔާއި ހަމަޔަށް އަޅާލުމުން ހީފިލާ އަރާމުވިއެވެ. ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިގެން އެއް ދިމާލަކަށް ބަލަހައްޓައިގެން އޭނަ އޮތީ ފުން ވިސްނުމެއްގައެވެ. ބައްޕައެއްގެ ހައިސިއްޔަތުން އޭނައާއި އަޅާލިޔަސް ހުރިހާ ޚިދުމަތެއްކޮށްދިނަސް އޭނަ މިހާރު ބޮޑަށް ޖެހޭނީ ފިރިމީހާގެ ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށެވެ. ބައްޕަ އަބަދުވެސް ވާނީ ބައްޕައަށެވެ. ނަމަވެސް މީހަކާއި އިނުމަށްފަހު ފިރިމީހާއާއިއެކު އެ ފެށުނީ އެހެން ދިރިއުޅުމެކެވެ. އެހެން އާއިލާއެއް ބިނާކުރަން އެޖެހުނީއެވެ. ވީއިރު އޭނަ ދެން ބައްޕައަށް އުދަގޫކޮށް ބައްޕަމަތިން ހަދާންވަނީއޭ ކިޔުމަށްވުރެ ފިރިމީހާއާއިއެކުގައި ދިރިއުޅެން މަސައްކަތްކުރުން މާ ރަގަޅުވާނެއެވެ. މައްސަލައަކީ އޭނައާއި ވިޝާމްގެ ކައިވެނި ބިނާކުރެވުނީ ރަގަޅަށް ނޫންކަމަށްވާތީއެވެ. ދެމަފިރިއެއްގެ ދޭތެރޭގައި އޮންނަން ޖެހޭ ގުޅުމެއްނެތްތާ ލޯތްބެއް ކުލުނެއް ގާތްކަމެއްވެސް ނެތެވެ. އޭނަގެ ނަސީބު ދެރައީކަމަށްވެދާނެއެވެ. ލޯތްބާއި ނުލާ ހަޔާތެއް ފެށުމަކީ މޮޔަކަމެކެވެ. އަޒަލްގެ ހިތަށް ތަފާތު އުދަގޫތަކެއްވާންފެށިއެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަށް އެހިތް ބޭނުންވާންފެށިއެވެ. ވިޝާމް ދުވަހަކުވެސް އެފަދަ ލޯބިވާ ފިރިޔަކަށްވާނެބާވައޭ އަމިއްލަ ހިތާ ސުވާލުކުރެވުނެވެ. ބައްޕަ ސަލްވާދެކެ ލޯބިވާފަދައިން ވިޝާމް އޭނަދެކެ ލޯބިވާނެބާވައެވެ. ނޫނީ މި ކައިވެނި ރޫޅާލާފައި އޭނަދެކެ ލޯބިވާ ބައިވެރިޔަކު ހޮވަންވީކަން ނޭގެއެވެ. ނޫނެކެވެ. އޭނަގެ ހަގީގަތް އެނގޭމީހެއް ވެއްޖެއްޔާ އިންނާކަށް ބޭނުމެއްވެސް ނުވާނެއެވެ.

އަމިއްލަ ބަލިކަމާއި ނުކުޅެދުންތެރިކަން ހިތަށް އަރާފައި އަޒަލްގެ ހިތަށް ދަތިވެ ރޮވޭގޮތްވިއެވެ. ބޮޑެތި ކަރުނަ ތިކިތައް އެކޯތާފަތް ތެންމަމުން ދިޔައިރު އަޒަލް ފޮހޭކަށްވެސް ނޫޅުނެވެ. ވިޝާމް ކޮޓަރިއަށް ވަދެފާ އެމަންޒަރު ފެނުމުން ހިތަށް ހަމްދަރުދީ ވަދެގެން ނުހުރެވިގެން ކައިރިއަށް އައެވެ. އޭނަ އަމިއްލަ ނަފުސާއިމެދު އެކަނި ވިސްނަން ހަދައިގެން އަޒަލްގެ ހާލުވެސް ބަލައެއް ނުލެވެއެވެ. އެކުއްޖާގެ ހިތެއްވެސް އޮންނާނެއެވެ. ދެރަވާނެއެވެ. އެހެން މީހުނަށް ދިމާނުވާފަދަ އުދަގޫ މައްސަލައެއްގައި އުޅޭނެ ހާލު ހިތަކަށްވެސް ނުގެނެވެއެވެ. އެކަރުނަތައް މިހާ ފާޅުގައި ވިޝާމްއަށް މިފެނުނީ އަލަށެވެ.

"ހޭއި އާ ޔޫ އޯކޭ؟" ވިޝާމް އެނދުކައިރިއަށް ހުއްޓިލާފައި އަހައިލީ އޯގާތެރިކޮށެވެ. އެ އަޑު ކަންފަތުގައި ޖެހި ޖެހި އަޒަލްއަށް އެއީ ރީތި އަޑެއްކަމުގައި ވެފައިވެއެވެ. އެއަޑުގައި ފިރިހެންވަންތަގޮތެއް ހުރެއެވެ.

"އޯކޭ ނުވާނެއްނު........" އަޒަލްއަށް ބުނެވުނެވެ.

"ނުރޮއި. ދެރަވާކަމެއް އޮތިއްޔާ ޝެއަރކުރޭ. އަހަރެން މިހިރީ އަޑުއަހަން......."ވިޝާމް އެނދުގެ މަގަތުގައި އިށީދެއްޖެއެވެ. އަޒަލް ވިޝާމްގެ މޫނަށް ބަލައިލިއެވެ. ރީތިމީހުންނަކީ ފޭސްބްލައިންޑްނެސް ހުންނަކުދިންނަށް ވަކިކުރާން ދަސްކުރަން އެންމެ އުދަގޫމޫނުތަކެވެ. ސަބަބަކީ މޫނުގެ ހުރިހާ ސިފަތައް "ނޯމަލް"ވީމައެވެ. ސީދާ ދަތްތަކާއި ނޭފަތް އަދި އޮމާން ހަމާއި އެހެން ހުރިހާތަނެއް ފުރިހަމައަށް ހުރެއްޖެއްޔާ އެއީ ރީތިމީހެއްކަމަށް ބެލެވިދާނެއެވެ. ނަމަވެސް ދެލޮލުގައި ދެކުލަ ނޫނީ ތަފާތު ވައްތަރަށް ސްޓައިލްކޮށްފައިވާ އިސްތަށިގަނޑު ފާހަގަކުރަން ފަސޭހަވާނެއެވެ. ތެދަށް ބުނަންޏާ އެކަހަލަކުދިން ބޮޑަށް އަޅައިގަންނަނީވެސް ސިފަ ތަންކޮޅެއް ހުތުރުމީހުންނާއެވެ. އަޒަލްއަށްވެސް ބޮޑަށް ވިސްނެނީ ވާހަކަދައްކާއިރު ގެންގުޅޭ ހަރަކާތްތަކާއި ކުރާ ކަންތައްތަކުންނެވެ. އަޒަލް ވިސްނަން އޮވެފައި އަޅައިގަތީ ވިޝާމްގެ ދިގު އެސްފިޔަތަކާއެވެ. ވިޝާމް އެކަނި ރީތީއެއްނޫނެވެ. އެއޮތް ދެއްވާފައިވާ އަޑަކުންވެސް މީހަކު ހައިރާންވާނެއެވެ. މިހުރިހާ ދުވަހު އެކީގައި އުޅުނުއިރު އޭނަ އަބަދުވެސް ވިސްނީ މިނިވަންކަން ގެއްލިފައިވާތީ އެކަމާއެވެ. ނަމަވެސް ކުއްލިއަކަށް އެ ދިގު އެސްފިޔަތަކަށް ބަލަން އިންއިރު ކޮންމެވެސް ވަރަކަށް ހިތް އަވަސްވެ ހިތުގައި އެހެން ވިންދެއް ޖަހާލައިފިއެވެ.

"ވަޓް؟ " ވިޝާމް އަހައިލިއެވެ.

"ނަތިން............" އަޒަލް އެސްފިޔަތައް ތިރިކޮށްލައިފިއެވެ.

"ހޫމް. ދެން އަޅާނުލާ. އެކަމަކު ރޮނީ ކީއްވެގެންނޯ؟ ވާރޭވެހޭތީ ބިރުންތަ؟ ނޭގޭނެއްނު ހަމަ ކުޑަކުދިން ބިރުގަންނާނެ މިގޮތަށް ވާރޭވެހުނީމަވެސް. ނޫނީ އަހަރެން އަޒަލް ދެރަވާކަހަލަ ކަމެއް ކުރީތަ؟ ނޭގިވިޔަސް ކުރެވިދާނެ...އެހެންވެއްޖެއްޔާ ސޮރީ އިނގޭ....." ވިޝާމް އިތުރަށް ބުނެލިއެވެ.

"ވާރޭވެހޭތީއެއްވެސް ނޫން. ވިޝާމް ކަމެއްކޮށްގެނެއްވެސް ނޫން. އެއީ...އަމް.. ނަތިން.." އަޒަލް ހިންދިރުވާލިއެވެ.

"ކަމެއްނުވެ ނުރޯނެއްނު......." ވިޝާމް ޓިޝޫއެއް ނަގާފައި ދިނެވެ. މޫނު ފޮހެލަން އެދުނެވެ.

"ތޭންކްސް.. އޯކޭ. އެހެންވީއިރު ބުނެފާނަން......ބައްޕަ މަތިން މާ ބޮޑަށް ހަދާންވީ....." އަޒަލްހެދީ މުޅިން ދޮގެއްނޫނެވެ.

"ވެލް. ޑޮކްޓަރ ހައިކަލްހާ ނަސީބު ރަގަޅުމީހެއް މި ކައުނުގައި ހުންނާނެއެކޭ ހިތެއް ނުބުނޭ. އެހާ ރަގަޅު ލޯބިވާ ވައިފެއް. ބަސްއަހާ ދެކުދިން. ބައްޕަދެކެ އެހާ ލޯބިވޭ. އައިމް ޖެލަސް......ހެހެ.." ވިޝާމް ސަމާސާއަކަށް ހަދައިގެންވެސް ފާޅުކުރީ ހަގީގަތެވެ. އޭނަ ބުނީ ހަމަ ހިތުގައި އޮތް އެއްޗެއް ސީދަލަށެވެ. ކުއްލިއަކަށް އަޒަލް ރަޖާގަނޑު އެއްލާލާފައި ތެދުވެ ޓިޝޫއިން މޫނު ފޮހެލައިފިއެވެ.

"ވިޝާމް. އަހަންނާއިއެކު ޝޮޕިންއަށް ދެވިދާނެތަ؟ " އަޒަލް އެހިއެވެ.

"މިރޭ ނައިޓް ޑިއުޓީ...." ވިޝާމް އަތުކުރީގައިވާ ގަޑިއަށް ބަލައިލަމުން ތެދުވުނުއިރު އަޒަލްގެ ދެލޮލުގައި ހުރި މޮޅިވެރިކަންފެނިފާ ސަހަރޯވެރިވާ ގޮތްވިއެވެ.

"އޯކޭ. އަހަރެންގޮސްދާނަން. ޑިއުޓީއަށް ދާންވާއިރަށް ގެއަށް އާދެވޭނެތާ. އަވަހަށް ތައްޔާރުވޭ...." ވިޝާމް އަޒަލް އިތުރަށް ރޮއްވާލަން ބޭނުމެއްނުވިއެވެ. އޭނަ ބުނާ އެއްޗަކުން މާހިތުގައި ޖެހިގެން އަޒަލް އޭނައާއި ވަކިވާން ނިންމައިފިއްޔާ ހުރިހާ ގެއްލުމެއް ލިބޭނީވެސް ހަމަ އޭނައަށެވެ. އޭނަ މިގެއަށް އައީ ސުވާލުތަކެއްގެ ޖަވާބު ބޭނުންވެގެންނެވެ. ހައިކަލްއާއި ސަލްވާ އިންނަންޖެހުނު ސަބަބެއް އެނގެން އޭނަ ބޭނުމެވެ.

ވާރޭވެހިވެހި އޮތްވާވެސް ކާރު ނެރެގެން ވިޝާމް ގޮވައިގެން އަޒަލް ފިހާރަތަކަށް ދިޔައެވެ. މޭކަޕް ސާމާނުތަކުގެ އިތުރުން ހެދުންތަކާއި ޗޮކެލްޓްކަހަލަ އެއްޗެހިވެސް ގަނެގެން އަންނަމުން އަދި ރެސްޓޯރެންޓަކަށް ވަންނަން އެދުނެވެ. ވިޝާމް އިރުއިރުކޮޅާ ގަޑިއަށް ބަލައިލައެވެ. އަޒަލްއަށް ކުއްލިއަކަށް މިއައީ ކޮންކަހަލަ ބަދަލެއްހެއްޔެވެ؟ ކުރީގައި އަޒަލް ތަނަކަށް ދިޔަސް އޭނައަށް އުދަގުލެއްނުކުރާނެއެވެ. މިރޭ އަޒަލް ހީވަނީ އޭނައާއި ތަތްލަވައިގެން އުޅޭހެންނެވެ. އަށްޓަމަހެކޭ ތަފާތެއްނެތެވެ. ދޭތެރެއަކުން އަތުގައިވެސް ހިފާލައެވެ. ވިޝާމް ހުރީ ހަދާނެގޮތް ހުސްވެފައެވެ. ސަލްވާއަށް މެސެޖްކުރާނެ ވަގުތެއްވެސް ލިބޭގޮތެއްނުވިއެވެ. މިހާރު ސަލްވާމެންނަށް ވާނީ މެންދުރުކަން ނޭގެއެވެ. ރާއްޖެއާއި އެމެރިކާގެ ގަޑި ފުދޭވަރަކަށް ތަފާތުބޮޑެވެ.

ހައިކަލް އުއްމީދުވެސް ނުކުރާފަދަ އުފާވެރި ސަޕްރައިޒިން ހަނީމޫނަކަށްވިއެވެ. ގަދަވަޔާއިއެކު ސްނޯގެ ތޫފާންއައިއިރު މިއުޒިކެއްފަދައިން ހިފާލާފައިވީ އަޑާއިއެކު އަލިފާން އަނދާ އަޑުވެސް ވީ އިޝްގީ ބައިވެރިޔަކަށެވެ. ކަރަންޓު ކެނޑިގެން އުއްބައްތިތައް ދިއްލާލައިގެން ބޯ ރަޖާތަކުގެ ދަށުގައި ފިނިން ހިމާޔަތް ހޯދިއިރު އޭނަގެ އަތުތެރޭގައި އެންމެ ހިތް އެދޭ ބައިވެރިޔާއެވެ. ސަލްވާގެ މައުސޫމްކަމާއި ލަދުވެތިކަން އޭނަގެ ފިރިހެންވަންތަކަން އެކުވުމުން ހަމަ ޖާދޫއެއްފަދައެވެ. ކެމީލާއާއި ރައުދާއާއިއެކުގައި ނުކުރެވޭފަދަ އެތައް ތަޖުރިބާއެއް ކުރެވުނެވެ. އެއީ ހިތުން ނުފިލާނެ ހަދާންތަކެވެ. ރޭތަކެވެ. ދުވާލުވެސް އެހާ ހިތްގައިމެވެ. އެންމެ ވަގުތެއްވެސް ބޭކާރުނުކޮށް ހައިކަލް ރީތި ހަދާންތައް ބިނާކުރަން މަސައްކަތްކުރިއެވެ.

ހައިކަލްއާއި ސަލްވާ ކެއުމަށްފަހު މަތީބައިގެ ބެލްކަންޏަށް ނުކުތީ ދުން އަރަ އަރާހުރި ކޮފީ ހިފައިގެންނެވެ. ބެލްކަނީގައި ހުރި މޭޒާއި ގޮނޑިވެސް ހުރީ ސްނޯއިން ފޮރުވިފައެވެ. މާ ވަށިތައްވެސް އެފަދައެވެ. ގަސްތަކެއް މެދުން ބިންދައިގެން ގޮސް ވެއްޓިފައިވާއިރު އެއްފަރާތުގައި ހުރި ގޭގެ ފުރާޅުވެސް އޮތީ ވެއްޓިފައެވެ. ކާރުތައްވެސް ވަޅުލެވިފައެވެ. ސްނޯއިން މުޅި ހިސާބުވަނީ ހިސާރުކޮށްލާފައެވެ. އާޝޯޚުކުރުވާފަދަ ހިތްގައިމު މަންޒަރުތަކެވެ. ފިނިގަދަކަމުންގޮސް ސަލްވާއަށް ހުރެވުނީ ހައިކަލްގެ އަތުތެރެއަށް ވަދެއެވެ. ފޯނެއް އައުމުން ހައިކަލް ވާހަކަދައްކަން ފެށުމުން އަނގައިން އާވި ނުކުތެވެ. ފިނިގަދަކަމުގެ ހައްދެއްނެތެވެ. ހައިކަލް ސަލްވާގެ އަތުގައި ހިފައިގެން ސިޓިންރޫމަށް އައުމަށްފަހު ދެމީހުންވެސް ޖައްސައިލީ ކުއިލްޓްމަތީގައެވެ. ހައިކަލް އެހެން ކޮފީތަށްޓެއް އެޅިއެވެ.

"ޒެލް ގުޅީ. ވަރަށް ދެރަވެފައި ހުރީ. ހިތަށް އަރާ ވިޝާމްއާއި ގުޅުމަށްފަހު ޒެލް މާ ހިތާމަވެރިކޮށް ފެންނަނީ ކީއްވެބާވައޭ. އަހަންނަށް އެހެން ހީވަނީ އަޒަލްދެކެ ލޯބިވާލެއް ބޮޑުކަމުން ބާވައޭވެސް ހިތަށް އަރާ. އެކަމަކު ވިޝާމް އަކީ ގޯސްކުއްޖެއްހެން ހިޔެއްނުވޭ......." ހައިކަލްގެ ނަޒަރު ސަލްވާއާއި އަމާޒުވިއެވެ.

ކޮމެންޓް 0