ނަމާދުކުރުމަށްފަހު ކޯޓާއި އަންގީލައްވައިގެންގޮސް ކޮފީއެއް ހަދާލިއެވެ. ބޭރަށް ނުކުމެ އުނދޯލީގައި ޖައްސާލާއިރަށް ކޮފީތަށި ހިހޫވާން ފެށިއެވެ. ހާދަ ފިނިކަން ގަދައެވެ. ހިތުން އެ ޚިޔާލުތައް ނެރެ އެއްލައިލަން އުޅުނަސް އެކަމެއްވެސް ނުވިއެވެ. ސަލްވާގެ މޫނު ރަތްވެ ތުންފަތުގައި ބާރަށް ދަތްއަޅައިލިއެވެ. ދެލޯވެސް މަރައިލިއެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވިހެން ހީވެފައި އެކަޅުކަންގަދަ އެސްފިޔަތައް ލަސްލަހުން ހުޅުވާލެވުނެވެ. ދާދި ކައިރީގައި ހުއްޓިލައިގެން އޭނަގެ މޫނަށް ބަލަން ހުރީ ހައިކަލް ފިޔަވާ ދެވަނަ މީހެއްނޫނެވެ. ޖިންސާއިއެކު ކަޅުކުލައިގެ ސްވެޓަރެއްލައިގެން ކަރުގައި ސްކާފެއް އޮޅާލައިގެން ހުރީ ފިނިން ސަލާމަތްވުމަށެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އެނދުން ތެދުވާއިރު ހައިކަލްގެ އިސްތަށިގަނޑު އެގޮތަށް އޮތުމުން އަދި ވަކިން ފިރިހެންކަމަށް ދައްކައެވެ.

"މޯނިން ވައިފް....." ހައިކަލް ސަލްވާގެ ނޭފަތުގައި މަޑުމަޑުން ހިފާލާފައި ސަލްވާ ބޮއިބޮއި އިން ކޮފީތަށިން ކޯވަރެއް ބޯލައިފިއެވެ. އެނަމުން ކިޔާލުމުން އެދޭތެރޭގައި އޮތް ގުޅުމާއިމެދު ހައިކަލް މިހާރު ދެކޭގޮތް ބަދަލުވެފައިކަން އެނގި ސަލްވާގެ މޫނަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވިއެވެ.

"މޯނިން ބްރޭކްފާސްޓް ހަދަން ހިތަށް އަރާފައި މިއައީ....." ސަލްވާ އަވަހަށް އެތަނުން ދާންވެގެން ބަހަނާއެއް ހޯދިއެވެ.

"ޑޭޒީ ނާދޭތަ؟ "ހައިކަލް ގަޑިއަށް ބަލާލާފައި ސުވާލުކޮށްލިއެވެ. ޑޭޒީއާއި ޗާލީ އެގޮތަށް ފަރުވާކުޑަކޮށްލާފައި ނާންނާނީ ކޮންމެވެސް ބޮޑުކަމެއްވެގެން ކަން ވިސްނާފައި ނާސްތާކޮށްގެން އެދެމަފިރިންގެ ހާލުބަލައިލަން ދާން ހައިކަލް ނިންމިއެވެ. ހައިކަލްގެ ދެލޮލަށް ބަލާފައި އެބެލުމުގެ ތޫނުކަމުންވެސް ހިތް ރޫރޫއަޅާކަހަލަ ގޮތެއްވިއެވެ. ހައިކަލް ސަލްވާގެ އަތުގައި ހިފާ ދަމާލުމުން ބެލެންސް ގެއްލިގެން އައިގޮތަށް ޖެހުނީ އޭނަގެ ހަށިގަނޑުގައެވެ. އެހޫނު ބައްދާލުމުން ސަލްވާގެ ޖިސްމަށް ލިބުނު އަރާމާއިއެކު ދެލޯ މަރައިލެވުނެވެ.

"ނާސްތާގެ ކުރިން މޯނިން ސެޝަނެއްވެސް އޮންނަންވާނެ. ޑޯންޓް ލީވް މީ ލައިކް ދެޓް. އަހަރެންގެ ހުއްދަނެތި. އޮނެސްޓްކޮށް ބުނަންޏާ ކޮފީއަށްވުރެ އަހަރެން ސަލްވާއަށް މާ ބޭނުންވޭ.........." ހައިކަލް ސީރިޔަސްކޮށް ބުނުމުން ސަލްވާ ދެލޯބޮޑުކޮށްގެން ބަލަންހުރީ ރީއްޗަށް ރަކިވެފައެވެ.

"ތި.....ތިބުނީ..........." ސަލްވާ ލަދުގަތްވަރު ފޮރުވަން ހީގަތްއިރު ކުރިއަށްވުރެ މޫނު ރަތްވެލައިފިއެވެ.

"ނަތިން ޓު ބީ ޝައި އެބައުޓް........." ސަލްވާ ލަދުގަތްވަރު ފެނިފާ އެކަން އޮއްބާލަން ގިލގިލިކޮށްޓާލުމުން ސަލްވާ ހެމުންގޮސް ހައިކަލްގެ އަތުތެރެއަށް ވެއްޓޭވަރުވިއެވެ. އެސަކަރާތެއްޖަހާފައި ދެމީހުން އެކީގައިގޮސް ނާސްތާ ތައްޔާރުކުރިއެވެ. ސްކްރޭމްބްލްޑް އެގްސްއާއި ސޭންޑްވިޗެވެ. ތާޒާ މޭވާއެވެ. އެއަށްފަހު ކާރުގައި ދިޔައީ ޖޭސަންގެ ދަރިފުޅު ދެކެލާށެވެ. އެކުއްޖާއޮތީ ވަރަށް އުފާވެރި މޫޑެއްގައެވެ. މުޅިން ރަގަޅެވެ. އޮޕަރޭޝަނަށްފަހު އެއްވެސް ކަހަލަ އިތުރު މައްސަލައެއް ނުޖެހެއެވެ.

ހައިކަލް ޗާލީމެންގެ ގެއަށްދިޔައިރު ޗާލީއޮތީ ފްލޫޖެހިގެން އެނދުގައެވެ. ހައިކަލް ޗާލީގެ ދެމަފިރިންނަށް ޗުއްޓީދިނެވެ. ރަގަޅުވާންދެން އެގެއަށް ނައުމަށް އެންގިއެވެ. އަދި ކައިރީގައި ހުރި ސްޓޯރަކަށް ގޮސް އެމީހުންނަށް ބޭނުންވާނެ ކާއެއްޗެއްސާއި ބޭސްވެސް ގެންގޮސްދިނެވެ. ކަމަކު ޖެހިއްޖެއްޔާ ގުޅަން އެދުނެވެ. ހެދުނު ވަގުތު އޮތީ މި މޫސުމާއި ބަލާއިރު ހައިރާންވާހާ ހޫނުކޮށެވެ. އާދައިގެ ޓީޝާޓެއް ލައިގެންވެސް އުޅެވިދާނެއޭ ހިތަށް އަރާފައި ހައިކަލްއަށް މަޖާވިއެވެ. ފިނިމޫސުމުގައި ޓީޝާޓެއްލައިގެން އުޅުން ބުއްދިވެރިއެއްނޫނެވެ. ސްޓޯރަށް ގޮސްފައި ކައްކަން ބޭނުންވާ ސާމާނު ގަނެގެން އައުމަށްފަހުވެސް ސަލްވާ ލައްވާ ކައްކުވާކަށް ހައިކަލް ބޭނުމެއްނުވިއެވެ. އެހެންވެ ކައިރީގައި ހުރި ރެސްޓޯރެންޓަކަށްގޮސް ކައިގެން ގެއާއި ހަމަޔަށް އާދެވުނުއިރު ފިނިވެގެންގޮސް ސަލްވާ ރޫރޫއަޅަން ފަށައިފިއެވެ. ކުއްލިއަކަށް އުޑުމަތި ބަނަކޮށްލާފައި ސްނޯވެހިގަތީ އާދަޔާ ޚިލާފު ބޯކޮށެވެ. އެއާއިއެކު އެހާ ވައިގަދަވުމުން މިއީ ސްނޯ ތޫފާނެއްކަން އެނގުނެވެ. ފޯނުން މޫސުމް ބަލައިލިއިރު ބްލިޒާޑެއްގެ އިންޒާރުއައިސްފާވެއެވެ. ސަލްވާއަށް އާ ކަމަކަށްވެގެން އުފާވެފައި ހުއްޓަސް ހައިކަލް ހުރީ ކަރަންޓްކެނޑުން ފަދަ ކަމެއްދިމާވެދާނެތީ ކަންބޮޑުވެފައެވެ. ނަމަވެސް ގޭގައި ހަފްތާއަކަށްވާ ވަރަށް ކާއެއްޗެހި އެބަހުއްޓެވެ. އުއްބައްތިތަކާއި ހޫނުކުރާނެ ސާމާނު ހުރުމުން އެހާ ފިކުރުކުރާކަށް ނުވެސް ޖެހޭނެއެވެ.

ކޮންމެކަމެއްވާނީ ރަގަޅަށޭ ބުނެއުޅޭ ނޫންހެއްޔެވެ. ސްނޯ ތޫފާނެއް މިދުވަސްކޮޅު އައުމަކީ ގޯހެއްކަމަށް ބަލާނެ ފުރުސަތެއްނެތެވެ. މުޅި އެމެރިކާ ފިނިވެގެން ހީކަރުވާ ރޫރޫއެޅިޔަސް އޭނައަށް ވިއްޔާވީ ފައިދާއެވެ. އޭނަގެ ހަނީމޫން ހަފްތާގައި އެގޭގައި "ނޯ ޑިސްޓާބް "ސައިން އެޅުވުމެކޭ ތަފާތެއްނެތެވެ. ވީވެސް އެހެންނެވެ. ހީކުރިވަރަށްވުރެ ވަރުގަދަ ތޫފާނެކެވެ. އިސާހިތަކު ދެތިންފޫޓަށް ސްނޯ ބޯވެ ކާރުތައް ވަޅުލެވި މަގުތައްވެސް ބަންދުވެއްޖެއެވެ. ދުރުފެންނަ މިންވަރު އުޅެނީ ޒީރޯގައެވެ. ހުއްޓާނުލާ ތިންގަޑިއިރަށް ތޫފާން ދެމިގެން ދިޔައިރު ހައިކަލްއާއި ސަލްވާ ވެސް ތިބީ އެގޭގައި ބަންދުވެފައެވެ. ހައިކަލް ހަދާންވީ ކުޑައިރު އެމީހުން ޓަނެލްތައް ހަދައިގެން ގެއިން ނުކުންނަގޮތެވެ. ފުރާޅުމަތިން ތިރިއަށް ސްނޯމައްޗަށް ފުންމާލާ ގޮތެވެ. މައިންބަފައިން ހާސްކަމާއިއެކު އުޅޭއިރު ހައިކަލްމެން އުޅުނީ އެކަމުން އުފާކުރުމުގައެވެ. މިހާރު އޭނަ އެމަގާމުގައި ހުރިއިރު ވިސްނީ އެކަނި ސަލްވާއާއި ދޭތެރޭގައެވެ. ސަލްވާއަށް ރައްކާތެރިކަންދީ އޭނަ ފިނިވިޔަނުދޭން ހައިކަލް ނުކުރާކަށް ކަމެއްނެތެވެ.

އިރުއޮއްސުނުތަނާ ކަރަންޓު ނެތުމުން ސަލްވާ ބިރުގަންނަގޮތްވިއެވެ. ފިނިގަދަކަމުން ގަނޑުވެދާނެހެން ހީވުމުން ސަލްވާއިނީ ފަޔާޕްލޭސް ކައިރީގައެވެ. އަލިފާނުގެ ހުޅުތައް ދޫތައް ނެރޭފަދައިން އެކި ދިމަދިމާލަށް ދާއިރު އަޑުގޮއްވާލަނީ ހަރުފައެއް ފަދައިންނެވެ. ތޫފާން ބޭރުގައި އުތުރިއަރަމުންދާއިރު އަލިފާނުގެ ހޫނުކަން ސަލްވާގެ މޫނަށް އެޅި އަރާމުކަމެއް އިހުސާސްކުރުވާދެއެވެ. ސަލްވާ އިނީ ދެކޮފީ އާއި ޕޮޓް ކައިރީގައި ބަހައްޓައިގެން ހައިކަލްގެ އިންތިޒާރުގައެވެ. ހައިކަލް އުއްބައްތިތައް ރޯކޮށްލުމަށްފަހު ސަލްވާ ކައިރީގައި އިށީދެ ކޮފީތަށިނެގިއެވެ. ކުޝަންތައް ކައިރީގައި އެއްފައި ދަމާލައިގެން އިންއިރު ފިލްމީ މަންޒަރެއްފަދައެވެ. އެތައްވަގުތަކު ސަލްވާ ހެއްދެވިފަރާތަށް ހަމްދުކޮށްފިއެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަން އެނގި މިފަދަ އުފާތަކާއި ހަމަ ކުއްލިއަކަށް ވަކިވާން ޖެހިދާނެކަން އެނގޭއިރުވެސް ލިބެމުންދާ ރަހުމަތްތަކާއި އުފާތަކަށް ހިތް ޝުކުރުން ނުފުރޭ ހިދުކޮޅެއްނާދެއެވެ. ހުވަފެނުގައިވެސް އޭނަ އުއްމީދު ނުކުރާ ހީނުކުރާވަރުގެ ހިތްހަމަޖެހުމާއި އުފާތައް މިވަނީ ލިބިފައެވެ.

"ވީ އާ ސްޓްރޭންޑެޑް......" ސަލްވާއަށް ބުނެވުނެވެ.

"ޑޯންޓް ވޮރީ. އަހަރެން މިހިރީނު. ހަޒްބެންޑް އެކަންޏެއްނޫން. ބަލިވެއްޖެއްޔާ ޑޮކްޓަރެއް. ނުރައްކަލެއް ދިމާވެއްޖެއްޔާ ބޮޑީގާޑް. ސޯ ކޮންކަމަކާއި ހާސްވަނީ ސަލްވާ. ޓްރަސްޓްމީ އަހަރެން ސަލްވާއަށް ކަމެއްވިޔަކަ ނުދޭނަން. އިރާދަކުރެއްވިއްޔާ. އެންޑް ޔޫ ނޯ ވަޓް. ހަނީމޫން ދުވަސްކޮޅު ބްލިޒާޑެއް އައިސްގެން މިގޮތަށް ބަންދުވެގެން ތިބުން ރޮމެންޓިކްއެއް ނޫންތަ؟ ހެވީ ސްނޯފޯލް. ހޫނު ކޮފީ. ރޯރިން ފަޔާ އެންޑް މައި ހޮޓް ވައިފް. މި ކޯޒީ ރޫމް. ވަޓް މޯ ކުޑް އެ މޭން އާސްކް ފޯ. ލަވް ދިސް..." ހައިކަލްގެ ފިރިހެންވަންތަ އަޑުންވެސް ގައިން ހީބިހި ހަލުވާލައެވެ. އެ ރީތި ދެލޯ އޭނަގެ މޫނަށް ހުއްޓިފައިވާކަން އެނގި ސަލްވާގެ މޫނަށް ރަތްކުލަވެރިވާން އިރުކޮޅެއްވެސް ނުނަގައެވެ. ސަލްވާވެސް އެކަން ފޮރުވަން ރަތްލޭކޮޅެއްފަދަ ތުނބުގައި ކޮފީތަށި ޖެއްސިއެވެ. އެވަގުތު އޮޅިގެން ނަމަވެސް ހައިކަލްގެ މޫނަށް ބަލައިލެވުނެވެ. ހައިކަލްގެ ތުންފަތުގައި ބީހުމުގެ ޝަރަފު ލިބިގަތް ކޮފީމަގާއިމެދު ހަސަދަވެރިވެއޭ ހިތަށް އެރި ވަގުތުކޮޅެކެވެ. އޭނައަށްވުރެ ކުރިން ކެމީލާއާއި ރައުދާވެސް އެ ޝަރަފު ހޯދިކަން ހިތަށް އަރާފައި ދެރަވިއެވެ. ހައިކަލްވެސް ވާހަކަދެއްކުން ހުއްޓާލާފައި ސަލްވާއަށް ބަލަމުން ދިޔައީ އެ ކަތި ނަޒަރުންނެވެ. ލަދުގަންނަވާފަދަ ބެލުމެކެވެ. އެލޮލާއި ހަތަރުކަޅި ހަމަކުރަން އަންހެންކުއްޖަކަށް ފަސޭހައެއްނޫނެވެ. އޭނަގެ ބެލުމުންނާއި ކޮންމެ އާދައެއްވަނީ މަސްތުން ފުރިފައެވެ. ފިރިހެންވަންތަކަން ތީރުތައްފަދައިން ގޮސް ހިތްތަކަށް ހަރާލާފަދައެވެ. ސަލްވާ ވިސްނަމުން ދިޔަ ކަމަކާއި އެސިކުނޑީގައިވާހާ އެއްޗެއް ހައިކަލް ދެނެގަތްކަހަލައެވެ.

"ކަމް ހިއަރ....." ހައިކަލް ކޮފީ ޖޯޑު ބެހެއްޓާފައި ބުނެލިއިރު އަމުރުވެރިގޮތެއްވެސް ހުއްޓެވެ. ސަލްވާ އަބަދުވެސް ހައިކަލްއާއިމެދު ދެކެނީ ވަރަށް މާތް ސީރިޔަސް ފިރިހެނެއްގެ ގޮތުގައެވެ.

"މްމމްމ؟ " ސަލްވާ ކަންބޮޑުވިއެވެ.

"އައި ސެޑް ކަމް ހިއަރ....." ހައިކަލް އެތަނުން ތެދުވާހިތްނުވެ ކަންނެތްވެފައިވާ ކަހަލައެވެ. އެވަގުތު ފޯނުގެ ސްކްރީން ދިއްލުމުން ބަލައިލެވުނުއިރު މެސެޖެކެވެ. ވިޝާމްއަށް އޭނަގެ ނަމްބަރު ލިބުނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ދެލޮލުން ބިރުވެރިކަން ފެނިލުމާއިއެކު ފޯނު ނިއްވާލާފައި ތެދުވީ ހައިކަލްގެ އެދުމަށް އިޖާބަދޭށެވެ. ނަމަވެސް ވިޝާމްގެ މެސެޖުން ކަންބޮޑުވެ ހާސްވީވަރު އެމޫނުމަތިން ފާޅުވާން ހުއްޓެވެ. ހައިކަލް އެކަމާއި ބެހޭގޮތުން ސުވާލުނުކުރިޔަސް ސަލްވާއަށް އެއައި މެސެޖަކުން މޫނަށް އެރި ކުލަވަރު ރަގަޅަށް ފެނުނެވެ. އަދި ސަލްވާ ފޯނު ނިވާލީ ހައިކަލްއަށް އެއެއްޗެއް ފޮރުވަންކަންވެސް ދެނެގަނެވުނެވެ. ސަލްވާ ކުރީގެ ބޯއިފްރެންޑަކާއި ބެހޭގޮތުން ވާހަކަދެއްކި ހަދާނެއްވުމާއިއެކު ހިތުގައި ޝައްކެއް ހިނގައިލިއެވެ. ސަލްވާ އަދިވެސް އެމީހަކާއި ގުޅުމެއް އޮންނަނީ ހެއްޔެވެ؟ ނޫނީ އެމީހަކު އުދަގޫކުރަނީ ކަމަށްވެސް ވެދާނެއެވެ. ޔަގީންނުވާ ކަމަކާއި ބެހޭގޮތުން ވިސްނުމުގެ މާނައެއް ނެތެވެ. ހައިކަލް ސަލްވާގެ އަތުގައި ހިފާލުމުން ކުޑަކަކޫމައްޗަށް ތިރިވިގޮތަށް އިށީދެވުނުއިރު އޭނަގެ ކަކޫވަނީ ހައިކަލްގެ ގައިގާ ޖެހި ފިތިފައެވެ. ކޮންމެފަހަރަކު އޯގާތެރިކަމާއި މަޑުމައިތިރިކަން ނުދައްކާވާނެ ފަހަރުވެސް އާދެއެވެ. ލޯބީގައި ޖިސްމު އޮޔާލާދާއިރު އެހެން ހުރިހާކަމެއް ހަދާންނެތި ލޯބީގެ ޝައިތާނާ ބޮލަށް ސަވާރުވާ ފަހަރުވެސް އާދެއެވެ. މިރޭ ފެނުނީ ހައިކަލްގެ އަނެއް ފަރާތެވެ. ސަލްވާއަށް ކޮންމެފަހަރަކު ލޯބީގެ އާ ބާބެއް ދަސްކޮށްދޭފަދައެވެ. ސަލްވާއަށްވެސް ލަދުވެތިކަމަކީ އޮންނަ އެއްޗެއްކަން ނޭގޭފަހަރު އަންނަނީ ހައިކަލްއަށްޓަކާ އެހިތުގައި އުފެދެމުންދާ ވަރުގަދަ ލޯބީގެ ސަބަބުންނެވެ. އެޅަހިތުގައި ހައިކަލްގެ ލޯބީގެ އޮށް ހެދި ބޮޑުވާންފެށީ ހަލުވިކަމާއިއެކުގައެވެ.

ހެދުނު އިރުއެރިއިރުވެސް ސްނޯވެހުން ހުއްޓައެއް ނުލިއެވެ. އިރުއެރިއިރު އުޑުމަތީގައިވި އެންމެފަހުގެ ތަރިތައްވެސް މަޑުމަޑުން ފިޔަޖަހާލާފައި އޮއްސިގެން ހިގައްޖެއެވެ. ތަންކޮޅެއް ތިރީގައި ހަނދުވެސް އެކަނިވެރިވެފައި އިނެވެ. ދުނިޔެމައްޗަށް ވެރިވެފައިވާ ހިމޭންކަމާއިއެކު ހުދުކަމުން ހަނދުވެސް ހިތާމަކުރާފަދައެވެ. ސްނޯ އެތައް ފޫޓަކަށް ބޯވެ އެގޭގެ ފުރާޅާއި ކިރިޔާ އަރާ ހަމަނުވާކަމެވެ. ފިނިހޫނުމިން އާދަޔާ ޚިލާފު ދަށަށްގޮސް މީހުންނާއި ގެންގުޅޭ އެއްޗެހިވެސް މަރުވާންފެށިއެވެ. އެމީހުންނަށްޓަކާ ސަލްވާގެ ހިތް ހަމްދަރުދީންއިން ފުރުނެވެ. އެމީހުން އެގޭނެނަމަ މިގެއަށް ގެނެސްގެންވެސް ސަލާމަތްކުރަން އޭނަ މަސައްކަތްކުރާނެއެވެ. ތޫފާން މައިތިރިވީ މުޅި އެމެރިކާގައި ހުދު ބޯ ސާލެއް އޮޅާ ތާޒާކުރުވާފައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ލޮލަށް ފަސޭހަ ހުދުކަން ވިދާތަނެވެ. ހައިކަލް ފާޚާނާއަށް ވަނުމުން ސަލްވާ ފޯނު ޖައްސާލާއިރަށް އެއްފަހަރާ އެތައް މެސެޖެއް އަންނަން ފެށުމުން ކަރުތެރެ ހިކުނެވެ.

"މިހާރު ކިހިނެއް އަހަންނަށް ވިޝާމްއާއި ގުޅޭނީ؟ އަހަންނަނީ މިހާރު ހައިކަލްގެ ހައްގެއް. އޮންލީ ހިޒް. ދެން ނުވާނެ އެކަމެއް. އައިމް ސޮރީ ވިޝާމް. ތަގުދީރުގައި ވަނީ އަހަންނާއި ހައިކަލް ގުޅެން. ޕްލީޒް ދެން އަހަރެންގެ މަތިން ހަދާން ނައްތާލާ އަދި އަޒަލްއާއިއެކު އުފާވެރި ދިރިއުޅުމެއް އުޅޭ..." އެމެސެޖް ލިޔެލާފައި ސަލްވާ އަވަހަށް ފޮހެލައިފިއެވެ. ހައިކަލް ފާޚާނާއިން ނުކުތްއިރު ސަލްވާ އިނީ އިސްޖަހައިގެން ފޯނާއި ކުޅޭށެވެ. ކިތަންމެ އަވަހަށް ފޯނު ނިވާލިޔަސް އެމަންޒަރު ހައިކަލްއަށް ފެނި ހައިރާންވިއެވެ. ސަލްވާއާއި ސުވާލުކުރަން އުޅެލާފައިވެސް ހައިކަލް އެކަމުން މަނާވެގަތެވެ. ނަމަވެސް ހިތުން އެކަން ނެރެ އެއްލައިލެވޭގޮތެއް ނުވިއެވެ.

ސަލްވާގެ ތަބީއަތަށްވެސް ހިމޭންކަމެއް ވެރިވިއެވެ. އެމޫނުމަތިން އަބަދު ފެންނަންހުންނަ އުފާވެރިކަން ގެއްލި ތުންފަތުން ހިނިތުންވުން ފިލައިފިއެވެ. ވިސްނުމަކަށް ގެއްލިފައި ހުންނަފަދައެވެ. ހަގީގަތަކީ ވިޝާމްގެ މެސެޖްތައް މެދުނުކެނޑި އަންނަން ފެށުމުން އޭނަ ހާސްވިކަމެވެ. ފިރިމީހާއަށް މިފަދަކަމެއް ފޮރުވައިގެން ހުރުމުގެ ނުބައިކަން ނޭގެނީއެއްނޫނެވެ. ސިޗުއޭޝަނުގެ ގޮތުން އެވާހަކަ ހާމަކުރުން ފަސޭހައެއްނުވިއެވެ. އަޒަލްވެސް ހިމެނޭތީއެވެ. ވިޝާމް އަޒަލްގެ ފިރިމީހާގެ ގޮތުގައި ހުރެގެން ސަލްވާއާއިހެދި މޮޔަވާކަން އެނގިއްޖެއްޔާ ހައިކަލްއަށް ލިބޭނެ ޝޮކަކަށްވާނެއެވެ. އެހެން ކޮންމެ ފިރިހެނެއްނަމަވެސް އެންމެ ރަގަޅެވެ. ނަމަވެސް ތިމާގެ ދަނބި ދަރިފުޅު ތިމާގެ އަންހެނުން ފަހަތުން އުޅެންޏާ އެކަން ބަލައިގަންނާނީ ކާކުހެއްޔެވެ؟ އެވާހަކަ ދައްކަން ފަސްޖެހެވޭ ސަބަބަކީއެއީއެވެ. ހައިކަލްއަށް ކިތަންމެ ރަގަޅަށް ސަލްވާގެ ތަބީއަތަށް އައި ބަދަލު އެނގުނަސް އެގޭކަމަކަށް ނެހެދިއެވެ. ހައިކަލް އަމިއްލަ ނަފުސަށް ވިސްނައިދިނީ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ލިބޭ އުފާތަކާއި ހިތްހަމަޖެހުމުން މަހުރޫމް ނުވުމަށެވެ. ދިރިއުޅުމަކީ ކުރު އެއްޗެކެވެ. އޭނަގެ ހަޔާތަށް އެންމެ ހިތްއެދޭފަދަ ބައިވެރިޔަކު އައީ އަލަށެވެ. ވީއިރު ފަހުން ވެދާނެކަމަކާއިމެދު ވިސްނަން ހަދައިގެން އެގުޅުން ކިލަބުކުރުމުގެ މާނައެއްނެތެވެ. ސަލްވާގެ ބައްޕަ ހޯދަން އައި ދުވަހަކުންވެސް އޭނަ ފޮނުވިނަމަ ތާއެވެ. ސަލްވާއަކީ އޭނަގެ އަންހެނުންނެވެ. އޭނަގެ ބޭނުންތަކަށް އެހެން އިންސާނަކު ހުރަސްއަޅާނެ ކަމެއް ނެތެވެ.

މަންމައާއި ބައްޕަ އަދި ކުދިންނާއި އާއިލާގެ އެންމެންވެސް އިރުއިރުކޮޅާ ހައިކަލްއަށް ގުޅައެވެ. ބްލިޒާޑްގެ ވާހަކަ ހުރިހާ ނިއުސް ޗެނެލްތަކުން ދައްކާތީ އެންމެންތިބީ ކަންބޮޑުވެފައެވެ. ޚާއްސަކޮށް އެތައްހާސް މޭލެއްގެ ދުރުގައި ތިބި ރައުދާއާއި މެހެރީނާވެސް އެކަމާއި ހަސަދަލާފައިވަނީ ހީވެސްނުކުރާހާ ބޮޑަށެވެ. އެއީ ޚުދު ރައުދާއަށްވެސް ނުލިބުނު އުފަލެކެވެ. ހައިކަލްއާއި އެކު ގެއެއްގައި ހައްޔަރުވެފައި ހުރެވޭނީ ކޮންފަދަ ނަސީބު ރަގަޅު އަންހެންކުއްޖަކަށް ހެއްޔެވެ؟ އެވެސް ބްލިޒާޑެއްގައެވެ. ގަނޑުފެނުގެ ތޫފާންގައި ފަޔާޕްލޭސްގެ ކައިރީގައި ކުއިލްޓް އަޅާލައިގެން މުޅިރޭ ވޭތުކުރުމަކީ އިޝްގުގެވެސް އެންމެ އުހެވެ. އެއުސްމިނަށް އޭނައަށް ދަތުރުނުކުރެވުނީ އޭނަގެ ހުރި މޮޔަކަމުންނެވެ. ފުރުސަތު ލިބިފައި ނަގާލީއެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ގެނައުމަކީ ވާނެކަމެއްނޫނެވެ. ވަގުތު އެހާ އަގުބޮޑު އެއްޗަކަށްވާ ސަބަބަކީ އެއީއެވެ. މެހެރްޓީވީ ހުޅުވާލައިގެން ޚަބަރުބަލައިލަން މެހެރީނާ އިންއިރު އެމެރިކާގެ އެކި ސިޓީތަކާއި ޓައުންތައް ދައްކާއިރު ސްނޯގެ ތެރޭގައި ތަންތަން ވަޅުލެވިފައިވާފަދައެވެ.

"ދެޓް ބިޗް.......ދޮންބެގެ ލައިފް ހަލާކުކޮށްލައިފި. ހޭޓް ހާ...." މެހެރީނާ ރިމޯޓް އެއްލާލާފައި ގުޅީ ކެމީލާއަށެވެ. ކެމީލާ އެގެއަށް އަންނަން ދައުވަތުދިނުމަށްފަހު އޭނަ އިންތިޒާރުގައި އިނީ ކެތްތެރިކަމެއްނެތިއެވެ. ކެމީލާފަދަ ދުރުވިސްނޭ އަންހެނަކަށް ހައިކަލްއާއި ސަލްވާ ދުރުކޮށްލާނެ އުކުޅުތައް މާރަގަޅަށް އެނގޭނެއެވެ. ރައުދާއަށް އެކަމެއް ނުވި ނޫންހެއްޔެވެ؟ ކެމީލާއަކީ ރައުދާއާއި ޚިލާފަށް އެއާއިލާއާއި އެހާ ގުޅޭ މީހެއް ނޫނަސް ހައިކަލްއާއި ކެމީލާގެ ހިއްސާކުރަނީ އެއް ދުޝްމަންކަމަށްވާއިރު ކެމީލާވެސް އެމީހުންނާއި ބައިވެރިވާނެކަމާއިމެދު މެހެރީނާ ޝައްކެއް ނުކުރެއެވެ.

އަޒަލް ޕޫލްގައި އުޅެފައި އެރިގޮތަށް ހެދުމުގެ މަތިން ތުވާލި ގައިގާ އޮޅާލައިގެން ކޮޓަރިއަށް ވަންނަން އައެވެ. ދޮރު ހުޅުވާލުމާއިއެކު މީހަކު ހުރިތަން ފެނިފާ ޔަގީންކުރަން އިރުކޮޅެއްވާންދެން ބަލަން ހުއްޓެވެ. އޭނަގެ އަލަމާރިއަށް މި ލަނީ ކޮން ފޮށިގަނޑެއް ހެއްޔެވެ؟

"ވިޝާމް؟ " ވިދުވަރެއްހާ ހަލުވިކޮށް އައި އަޒަލް ހުއްޓުނީ ވިޝާމްއާއި ކައިރީގައެވެ.

"ހޫމް. އަހަރެން ބުނީމެއްނު ރަށަށްދަނީ އެންމެ ދެދުވަހަށޭ؟ "ވިޝާމް ދޮރު ތަޅުލާންވެގެން އުޅުނެވެ.

"ތިއީ ކޯންޗެއް؟ "އަޒަލް އަހާލައިފިއެވެ. ތެމިގެން ހުރުމުން އޭސީގެ ފިނިކަމާއިއެކު އަތުން ހީބިހި ނަގާފައިހުއްޓެވެ.

"މީހެއްގެ އަމާނާތެއް......" ވިޝާމް ތަޅުދަނޑި ވައްޓައިލީ ޖިންސްގެ ޖީބަށެވެ.

"އަހަރެން ބަލައިލަން ބޭނުން..." އަޒަލް ބުނެލިއެވެ.

"ނޯ.........." ވިޝާމް އަޒަލްއާއި ކައިރިވެލަމުން މޫނު ކައިރިކޮށްލާފައި ހިނިތުންވެލަމުން ހަމައެކަނި އެ ޖުމްލަ ބުނެލިއެވެ. ދެން ނުކުމެގެން ދާން ހިނގައިގަތެވެ. އެވަގުތު އަޒަލްއަށް އަލަމާރިއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ވިޝާމް ފަހަތަށް ބަލާވެސް ނުލާ ބުނެލި ޖުމްލައަކުން އަޒަލް ސިހޭގޮތްވިއެވެ.

"ޑޯންޓް އިވެން ތިންކް އެބައުޓްއިޓް.........." ވިޝާމް އެޖުމްލައާއިއެކު ދޮރު ލައްޕާލައިފިއެވެ. އަޒަލް ހުރީ ފިޔަވަޅުމަތިން ގުޑާވެސްލާން ނޭގިފައެވެ. ވިޝާމްގެ އެހެރަ ވިސްނުންތޫނުކަމާއި ސިއްރުވެރިކަމެވެ. މިހާރު ގެއަށް މިގެނައީ ކޮންފަދަ ފޮށިގަނޑެއްކަމެއްވެސް ނޭގެއެވެ. އޭނައަށް ސިއްރުކުރާނީ ކޮންމެވެސް ގޯހެއް އުޅޭތީއެވެ. ވަގުތުން އަލަމާރީގެ ތަޅު ހަލާކުކުރަން އުޅެފައިވެސް އެކަހަލަ ކަމެއްކުރާކަށް ނުކެރުނެވެ. ވިޝާމްއާއި ދިރިއުޅުމުގެ އެންމެ ބޮޑު ސިއްރު ހިއްސާކުރެވިއްޖެއެވެ. ވިޝާމް އޭނަގެ ބައްޕަމެންނަށް އެކަން އަންގަފާނެތީ އޭނަ ގަންނަ ބިރު ހިމޭންކަން ޚިޔާރުކުރަން މަޖުބޫރުކުރުވިއެވެ. އަޒަލް ފެންވަރާލުމަށްފަހު ގައިގާ ލޯޝަންލާން އިންއިރުވެސް ވިސްނެމުންދިޔައީ އަލަމާރީގައި ހުރި ފޮށްޓާއިމެދުގައެވެ. ޝައުގުވެރިކަން ހިތަށް ވަދެފައިވަނީ މާބޮޑަށެވެ.

ވިޝާމް ކޮފީމެޝިން ކައިރިއަށް ހުއްޓުނުއިރު މެހެރީނާއާއި ނާޒްމީ ދައްކަމުން ދިޔައީ ފާގިޔާ ކިޔާ އަންހެނެއްގެ ވާހަކައެވެ. ވިޝާމް ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓަސް އޭނަގެ ކަންފަތް ހުޅުވާލައިގެން ހުރީ އެމީހުން އެދައްކާ ވާހަކައެއް އެހުމަށެވެ. ސަބަބަކީ ފާގިޔާ ކިޔާ މީހަކަށް އޭނަ ދަންނަނީ އޭނަގެ ދޮންމަންމަކަމަށް ވެފައި އެނަން ކިޔާ މީހުން މަދުކަމުންނެވެ. ނަސީބާއެއްގެ ފަރާތުން މާފަށް ނޭދި ހުއްޓާ އެފަކީރު އެމީހުންނާއި ވަކިވެގެން ދިޔުމުން ހިތާމަކުރާ ވާހަކަ ނާޒްމީ ބުނެލިއެވެ. މެހެރީނާ ހިނިގަނޑެއް ޖަހާލާފައި ބުނީ ނޯކަރުން އުޅޭނީ ނޯކަރުންގެ ފެންވަރުގައި ކަމަށާއި އެމީހުންނަށް ހުރިހާކަމެއް ފުރިހަމަކޮށް ނުދެވޭނެކަމުގައެވެ. މެހެރީނާއާއި ނާޒްމީގެ ހުރި ތަފާތު އެކުޑަ ވާހަކަކޮޅުން ވިޝާމްއަށް ފެނުނެވެ. ވިޝާމް އަވަހަށް ކޮފީތަށްޓެއް އަޅައިގެން ނުކުމެގެން ދިޔަސް އެކަމާއިމެދު ވިސްނިއެވެ. އޭނަގެ ދޮންމަންމަ މިގޭގައި އެއްއިރެއްގައި މަސައްކަތްކުރަން އައީހެއްޔެވެ؟ އޭނަ ޖެހޭނީ އެވާހަކަ ބައްޕަ ކައިރިން އަހާށެވެ. އޭނައަކީ މިގޭ މަސައްކަތްކުރި އަންހެނެއްގެ ދޮންދަރިއެއްކަން އެނގިއްޖެއްޔާ މެހެރީނާ ހާދަ ވަރެއް ދައްކާލާނެއެވެ.

ވިޝާމް ފޭސްބުކަށްވަދެފައި ހާވަމުންގޮސް އަޒަލްގެ ޕްރޮފައިލް ބަލަލިއެވެ. އެތައް ސަތޭކަ ލައިކެއް ލިބިފައި އިން ސަލްވާގެ ފޮޓޯއަށް ނަޒަރު ހުއްޓުމާއިއެކު ވިޝާމްގެ ބުމަ ކައިރިކޮށްލެވިއްޖެއެވެ.

 

ކޮމެންޓް 0