މެހެރީނާ އޭނަގެ މަންމަ ޒައިތޫންއާއި އަޒަލް އަދި އާޒީން ކޮޓަރިއަށް ގެނައީ އޭނަ ކޮންމެހެން ހިއްސާކުރަން ޖެހޭ ވާހަކައެއް އޮވެގެންނެވެ. މެހެރީނާ އަމިއްލަ ކެތްތެރިކަމަށް އޭނަވަނީ ހިތާ ހިތުން ސާބަސްދީފައެވެ. ދެން އިތުރަށް އެންމެ މިނިޓަކަށްވެސް ކެތެއްނުވެވޭނެއެވެ. މެހެރީނާ އެންމެން ކައިރީ އެދުނީ ސޯފާގައި ޖައްސާލުމަށެވެ.

"އެނގޭ މިވާހަކަ ދެއްކީމަ މިތަނުން އެންމެ ދެރަވެ އަސަރުކުރާނީ އަޒަލްއަށް ކަމާއި މިކަމުގެ ސަބަބުން މިގޭތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިގާފާނެކަން. އަދި އެތައް ބަޔެއްގެ ގުޅުން ކެނޑޭނެކަން. އެކަމަކު މިއީ ފޮރުވައިގެން ހުރެވޭ ޒާތުގެ ވާހަކައެއްނޫން.............." މެހެރީނާ ކުޑަ ބްރީފްކޭހެއް ހުޅުވާލާފައި އެނދުމަތީގައި ބެހެއްޓިއެވެ. އެއިން ނެގި ފޮތްތަކާއި ސިޓީތައް އޭނަ އެއްފަރާތުގައި ބެހެއްޓިއިރު އިނީ ނުލަފާ ހިންޏެއް އައިސްފައެވެ.

"މި ރޯޒް މެހެލް މިވަގުތުވަނީ ބޭވަފާތެރިކަމާއި މަކަރާއި ހީލަތްތެރިކަން އޮޅުވާލުމުގައި ކަޅިވެފައި. ކުއްލިއަކަށް މިގެއަށް ވަދެގަތް ގޮތް ނޭގޭ ދެ ބީރައްޓެއްސަކު އެންމެނަށް އޮޅުވާލާ ހިތްތައް އަތުލައިގަތީ އިބުލީހަށްވެސް އެކަން ނުކުރެވޭނެހާ މޮޅަށް. އެހާވެސް އެމީހުންގެ މަކަރުވެރިކަމާއި އިޔަހޫދިކަން ބޮޑު. ޝައިތާނުންވެސް އަންނާނީ ރީތި ސިފައިގައޭ ބުނެއްނު. މިހެން ބުނަން ދެރަވެސް ވޭ. ދޮންބެއަށް ލިބޭ ދެރައެއް އެކަނި ނޫން. އެންމެނަށްވެސް މިކަމުން ހިތާމަ ލިބޭނެ މުޅި މިއާއިލާއަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެކޭވެސް ބުނެވިދާނެ. ދޮންބެގެ އަންހެނުން ސަލްވާގެ ވަގު ލޯބިވެރިޔަކީ ވިޝާމް. އަދި ސަލްވާގެ ބަނޑުގައިވަނީ ވިޝާމްގެ ދަރިއެއް............." މެހެރީނާގެ ޖުމްލައާއިއެކު އަޒަލްގެ އަނގަމަތީގައި އަތް އެޅުނެވެ. އާޒީންވެސް ދެލޯ ބޮޑުވިއެވެ.

"ދަރިފުޅާ މެހެރީން. ކީކޭ ތިކިޔަނީ؟ " ޒައިތޫންގެ މޫނުމަތިން އިތުރު ޝުއޫރެއް ނުފެނުނެވެ.

"މަންމާ މަޑުކޮށްލައްވާ. މިއުޅެނީ އިމޭޖްތަކެއް ދައްކާލަން. ވިޝާމް ދޮންބެ ނުހުންނަ ގަޑި ބަލާލާފައި އެރޫމަށްވަދެ ސަލްވާއާއި އެކޫ އުޅޭތަން ފެނިގެންދާނެ. އަދި ޕޫލްކައިރީ ދެމީހުން ގަތް ގަނޑުވެސް މިއޮތް ފެންނަނީ....." މެހެރީނާ އޭނަގެ ލެޕް ހުޅުވާލާފައި ދައްކަންފެށި ފޮޓޯތަކުން ވިޝާމްއާއި ސަލްވާގެ ފަތިފުށް ހާމަވާންފެށިއެވެ. ދެމީހުން ބައްދާލައިގެން ތިބިއިރު ސަލްވާގެ އަތްވަނީ ވިޝާމްގެ ބުރަކަށީގައި ވަށާލާފައެވެ.

"ސުބުހާނަﷲ........." އާޒީންގެ ހިތަށްވެސް ނުބައިގޮތެއްވިއެވެ.

"އޯކޭ މި ޒަމާނުގައި މީހުން އެޑިޓްކޮށްފައި ފޮޓޯ ހަދާފާނެއޭވެސް ބުނެފާނެ. އެކަމަކު ރަގަޅަށް އެނެލައިޒް ކުރާ މީހަކަށް އެނގޭނެ ދޯ މިއީ ހަގީގަތްކަން. އަދި ބޮޑަށް ޔަގީންވާނެ މިހުރީ ސަލްވާގެ ޑައިރީވެސް. ދެމީހުންގެ ދަރިންނަށް ކިޔާނެ ނަމަށް ދާންދެން މިހިރީ ލިޔެފައި............" މެހެރީނާ ޑައިރީއެއް ނަގާފައި ބައެއް ތަންތަން ކިޔަންފެށި ވަރަކަށް އަޒަލްއަށް ރޮވެންފެށިއެވެ. ބޮލުގެ ރިހުން ގަދަވެގަތެވެ. އަޒަލް އަމިއްލަ ނަފުސަށް ވިސްނާދިނީ މީހާ ހަޔަކަށް އެޅުމަށެވެ. ހިތްދަތިކަމާއި ނާކާމިޔާބުގައި ހެއްދެވިފަރާތް ހަދާން ކުރުމަށް ހިތް އަވަސްވިއެވެ.

"ވިޝާމް އަޒަލް ޔޫޒްކުރީ. ކިހާ ފަސޭހަވާނެ ސަލްވާއާއި އެކީ އުޅެން. މޫނު އަޅައިގެން ހުރީމަ އެންމެން އިތުބާރުކޮށް އޭނަ ވަރުގެ މާތް މީހެއް ނެތްކަމަށް ދެކެ ލޯމަރާލައިގެން ތިބޭނެކަމަށް ހީކުރީ. ވިޝާމްއާއި ދެމީހުން މިގެއަށް ވަދެގަތް ސަބަބެއްވެސް ވިސްނައިލީމާ އެބައެނގޭ. އަޒަލް މޫނު ބުރުގާ އަޅުވައިގެން ގަންނަން އުޅުނު ގަނޑަކީ އެއީ. އޮޅިގެންކަމަށް ހަދާފައި ގޮސް ސަލްވާއާއި ތަތްވެވޭނެއްނު..........." މެހެރީނާގެ ކޮންމެ ޖުމްލައެއް ވިހައިން ކަޅިކޮށްފައިވާ ޚަންޖަރެއްފަދައިން އަޒަލްގެ ހިތަށް ހެރުނެވެ.

"ޒެލްވެސް އަދި މިކަންތައް ސިއްރުކޮށްގެން ހުރޭ. ވިޝާމް މިގެއިން ފޮނުވާލައިފިއްޔާ ފަހަރެއްގައި އަދި ދޮންބެ ގަބޫލުނުކޮށްފާނެ. ދޮންބެއަށް އެދެމީހުން އެކީ ތިއްބާ ފެންނަން އަހަރެން ބޭނުމީ. ސޯ އަދި ވިޝާމްމެންނާއިއެކު އެކުޅިގަނޑުގައި ބައިވެރިވެގެން ހިމޭނުން ތިބެންވީ....." މެހެރީނާ ދެރަވާކަމަށް ހެދުނެވެ. މެހެރީނާ ވިޝާމް ސަލްވާއަށް ލިޔެފައި ހުރި ލޯބީގެ އަސަރުގަދަ ސިޓީތައް ކިޔަންފެށުމުން އަޒަލްއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ވިޝާމް އެހާ "ރޮމެންޓިކް" ކަން އަޒަލްއަށް މިއެގުނީކިރިޔާއެވެ. އެހިތުގައި ސަލްވާއަށްޓަކާ އެވަނީ ކޮންފަދަ މަތިވެރި ލޯތްބެއްހެއްޔެވެ؟ ފަށުވި އިބާރާތްތަކުން އިނގިރޭސިން ލިޔެފައިވާ އެއިން ކޮންމެ ސިޓީއެއްގައި ސަލްވާގެ ނަމުގެ ބަދަލުގައި އޭނަގެ ނަން ވާނެނަމަ އެހިތަށް ކޮންފަދަ އުފާތަކެއް ލިބޭނެހެއްޔެވެ؟ ނަމަވެސް އެއީ އޭނަގެ ނަސީބުގައިވާ ކަމެއް ނޫނެވެ.

އަޒަލް ފުންނޭވާއެއް ދޫކޮށްލަމުން ތެދުވެއްޖެއެވެ. ހަގީގަތުން ފަރުދާ ނެގުމުން އޭނަ މިވަގުތު ބޭނުމީ އެކަނިވެލާށެވެ. ހަދަންވީގޮތެއްވެސް ނިންމަން ވިސްނޭނީވެސް ސިކުނޑި ރަގަޅަށް މަސައްކަތްކޮށްގެންނެވެ. ހިތާމަކުރަމުންގޮސް ވަރުބަލިވާ ހިސާބަށް ހިގައްޖެއެވެ.

"ޒެލް ކޮންތާކަށް ތިދަނީ؟ " އާޒީން ކަންބޮޑުވެފައި ފަހަތުން އައެވެ.

"އައިމް ފައިން އާޒް. ކުރީއްސުރެ ޝައްކުވެފައި އޮތްކަމެއް އެނގުނީމަ ދެން އެހާ ޝޮކިންއެއްވެސް ނޫން......." އަޒަލް ކަރުނަ ފޮހެލާފައި ގަދަކަމުން ހިނިތުންވެލިއެވެ.

އުފަލާއި ހިތާމައަކީ އެކީގައި ވާ އެއްޗެކެވެ. ވާރޭއާއި އަވި ފަދައިންނެވެ. ހަޔާތުގެ ރީތި ކުލަތައް ފެންނާނީވެސް ބައެއްފަހަރު ހިތާމައިގާވެސް އުޅެފައެވެ. ވާރޭދުނިވެސް ފެންނަނީ ވާރޭވެހޭ އިރުއެވެ.

އަޒަލް ނަމާދުން ހިތްވަރު ހޯދިއެވެ. ލޮލުން އައި ކަރުނަތައްވެސް ހުސްވެއްޖެއެވެ. އޭނަގެ ނާކާމިޔާބީ ގަބޫލުކޮށްފިއެވެ. ވިޝާމްއާއި ސަލްވާ މުޅި އެއާއިލާއަށް އޮޅުވާލާ އެންމެންގެ ހަޔާތާއި ކުޅެލީއެވެ. ހަލާކުކޮށްލީ ހަމަ އެކަނި އޭނަގެ ދިރިއުޅުމެއްނޫނެވެ. އޭނަގެ ބައްޕައަކީ އޭނަގެ "ހީރޯ"އެވެ. އެހާ ރަގަޅު އިންސާނަކަށްވެސް އެދިނީ ބޮޑު ކެއްސެކެވެ. އޭނަފަދަ އެމެރިކާ ތަންތާ އުޅެ ބޮޑުވީ އަންހެންކުއްޖަކުގެ ދިރިއުޅުމަށް އައިސް ސަލްވާ ހެޔޮކަމެއް ކޮށްދިނެވެ. އެއީ ހެއްދެވިފަރާތާއި އޮތް ގުޅުން ވަރުގަދަކޮށްދިނުމެވެ. މަގު އޮޅިފައި ހުރި ދަތުރުވެރިޔަކަށް ސީދާ މަގު ދައްކާދިނެވެ. ނަމަވެސް ސަލްވާ ހުރީ ތިމާގެ އަމިއްލަ ނަފުސް ހަދާން ނައްތާލާފައެވެ. އޭނަފަދަ ކުއްޖަކު މިގޮތަށް ބަދަލުވެ ކަޅުހެދުން ލުމަކީ އެހެން މީހުންނަށް ގަބޫލުކުރާކަށް ފަސޭހަކަމެއްވެސް ނޫނެވެ. އޭނަގެ ދެބެންގެ ދެދަރި ކުދިންގެތެރޭގައި އަދިވެސް ވަރަށް ސްޓައިލިޝް ކުދިން އުޅެއެވެ. ދީނާއި އެހާ ދުރެވެ.

އޭނަ ދުވަހަކު ސަލްވާއަށް މާފެއްނުކުރާނެއެވެ. އޭނައަށް ލަނޑެއްދިން ނަމަވެސް އެންމެ ރަގަޅެވެ. ނަމަވެސް ބައްޕައަށް އޮޅުވާލިކަމުގެ ސަބަބުން އެހިތުގައި ނަފްރަތުގެ ކަނި ބުރަންފެށިއެވެ.

އަޒަލްއަށް ކޮޓަރީގައި ވިޝާމް ގެންގުޅޭ ހުރިހާ ސާމާނަކާއި އެއްޗެއްސަށް ބަލައިލެވުނެވެ. މަދު ގަމީސްތަކާއި ޓީޝާޓްތަކެވެ. އޭނަގެ ހިތުގައިވި ލޯތްބަކުން ގެނެސްދިން ފޯނާއި ޓީޝާޓުތަކަށް ދާންދެން އަތްނުލާ ހުރިގޮތަށް އަލަމާރީގައެވެ. ތަޅުލައިގެން އެގެންގުޅޭ ބައިގާ ގެންގުޅޭ ފޮށީގައި އަދި ވާ އެއްޗެއްވެސް އެނގެނީއެއް ނޫނެވެ. ކެހިވެރި މަކަރުވެރިމީހެކެވެ. އޭނައާއި ވިޝާމްއާއި ދެމެދު ދެކެވުނު ވާހަކަތަކާއި ހިނގި ކަންތައް ހިތަށް އަރުވާލުމުންވެސް މަންޒަރު ކިތަންމެހާވެސް ސާފުކޮށް ފެންނަންފެށިއެވެ. މެހެރީނާދައްތަގެ ވާހަކަތަކަށް ލިބުނު ޔަގީންކަމަކަށް އެ ކަންތައްވެސް ވިއެވެ. އަދި އެފެނުނީވެސް ކޮންފަދަ ތެދު ހުވަފެނެއްހެއްޔެވެ؟

އަޒަލް އަލަމާރި ހުޅުވައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ ދޮރު ހުޅުވައިލި އަޑު އިވުނެވެ.

"ހައި......" ވިޝާމްގެ އަޑު އިވުމުން އަޒަލް އެނބުރި ބަލާލައިފިއެވެ. އެހެންދުވަހު އަބަދު ހީހީ ހުންނަ ކުއްޖާގެ މޫނުމަތިން މިއަދު ވިޝާމްއަށް ފެނުނީ ތަފާތު ކުލައެކެވެ. އެހާވެސް ސީރިޔަސް ދެލޮލެވެ. އެލޯ އެހެން ދުވަހު ތަރިތައްފަދައިން ވިދައެވެ. ނަމަވެސް މިއަދު ވިދުމެއް ނެތެވެ.

"އަހަރެން ވަރިކޮށްފައި ހަމަ މިވަގުތު މިގެއިން ނުކުމެގެންދޭ. ކެހިވެރި މަކަރުވެރި ފިރިހެނާ......" އަޒަލް ވިޝާމްގެ މޫނުމަތީގައި އަތް ހިންގާލަމުން ހަޅޭއްލަވައިގަތެވެ. އަދި ވިޝާމްގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފާ ތަޅުވައިގަތެވެ.

ނަމަވެސް އެއީ އަޒަލްއަށް ކުރަން ކެރޭވަރުގެ ކަމަކަށް ނުވިއެވެ. ހިތުން މޫނަށް އެތިފަހަރެއް ބާލާފައި ވަރިކުރަން އެންގިޔަސް ދޫ ހިމޭންވިއެވެ. އަމިއްލަ ނަފުސް ހަލާކުވެގެން ދާއިރުވެސް އެހެން މީހަކު ދެރަކޮށްލާހިތްނުވީއެވެ. އޭނަދެކެ އެހިތުގައި ލޯބީގެ ޒައްރެއްގެ މިންވަރު ނެތެސް އަޒަލްގެ ހިތަކީ ވިޝާމްގެއެވެ. އެހިތް އަނބުރާދޭނެނަމައޭ އަޒަލް ހިތަށް އެރިއެވެ. އެހެންނޫންނަމަ މިއަދު މިގޮތަށް ހިމޭންވެފައި ބުދެއްހެން ނުހުރެ އެދޭތެރޭގައި ފައިސަލާ ކުރެވުނީހެވެ.

"ވިޝާމް. އަހަންނަށް އެންމެ ކަމެއް އޮޅުން ފިލުވާދީފާނަންތަ؟ ހަޔާތުގައި ދެން ދުވަހަކުވެސް ކަމަކު ނޭދޭނަން. އެންމެ ފަހު ފަހަރަށް ކަމަކު މިބުނަނީ...." އަޒަލްގެ އަޑުގައިވާ ރިހުމުގެ ސަބަބުން ވިޝާމްގެ ހިތްވެސް މަޑުވެލިއެވެ. ޖިންސްގެ ޖީބަށް ފިނި ދެއަތްތިލަ ޖަހާލަމުން ވިޝާމް ހުރީ ހިމޭންކަމާއިއެކު ބަލާށެވެ.

"އެނީތިން ޒެލް....." ވިޝާމް ހިމޭންކަމުގެ ވަގުތުތަކަށްފަހު ބުނެލިއެވެ.

"ވިޝާމް އެއްވެސް މީހަކުދެކެ ލޯބިވަންތަ؟ " އަޒަލް ސުވާލުކުރިއެވެ.

"ވެލް........ކީއްވެ..." ވިޝާމް އަހަން އުޅުނެވެ.

"ޔޭސް އޯ ނޯ؟" އަޒަލް ހަށަން ބަދެލިއެވެ.

"ޔެސް......" ވިޝާމްއަށް އެވަގުތު އަޒަލްގެ ލޮލާއި ހަތަރުކަޅި ހަމަކުރަން އުދަގޫވިއެވެ. އޭނަ ދުރަށް ބަލަންފެށިއެވެ. އަޒަލް މިހުރީ ހާދަ ދެރަވެފައެވެ. ހާދަ މާޔޫސްވެފައެވެ. އަޒަލްއަށް ސަލްވާގެ ޚަބަރު އެނގުނީހެއްޔެވެ؟

"ތޭންކްސް...." އަޒަލް ދާން ހިގައިގަތެވެ.

"ޒެލް........މަޑުކޮށްބަލަ..." ވިޝާމް އަށް ބުނެވުނެވެ.

"ވެގެން އުޅޭގޮތް ބުނެދީ....." ވިޝާމް ސުވާލުކޮށްލިއެވެ.

"އަހަންނަށް މިހާރު އެނގިއްޖެ ވިޝާމްއާއި އެކުވެރިވާން އުއްމީދުކުރުމަކީ ކަނޑަށް ވެއްޓުނު އެއްޗެއް ހޯދުން ކަހަލަ ކަމެއްކަން. މީންސް އިމްޕޮސިބަލް. އަހަރެން ނުބުނާނަން ވިޝާމް ކައިރީ އަހަރެން ދޫކޮށްދޭށޭ. މިގެއިން ދާށޭ. މިގެއަށް އައުމަކީވެސް ވިޝާމްގެ ޗޮއިސްއެއް. އަދި އަހަރެންގެ ނަސީބުގައި ހުރިގޮތް. ކޮންމެ ކަމެއްވެސް ދެނެވޮޑިގެންވާ ފަރާތުން ވިޝާމް އަހަރެންގެ ހަޔާތަށް ފޮނުއްވި ރީޒަން އެއް އޮންނާނެ. އެވެދާނެ އިމްތިހާނަކަށް ނޫނީ ފިލާވަޅަކަށްވެސް. އަހަރެން ބަދުނަސީބޭ ކިޔައިގެން ކޮމްޕްލެއިން އެއްވެސްނުކުރާނަން. ގޯޑް ގޭވް މީ ސޯ މެނީ ބްލެސިންގްސް. ވީޑިއޯތައް ބެލީމަ މިއަށް ވުރެ މާ ހިތާމައިގާ އުޅެ މަރުވަމުންދާ ކުދިންނާއި މީހުންވެސް ފެނޭ. އައި ތޭންކް ގޯޑް ފޯ އެވްރީތިން......" އަޒަލް އެކޮޓަރިން ނުކުތުމަށްފަހު އޭނަ ދޮރަށް ލެއްޕުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާނެ ވަރެއްވެސް ނެތެވެ. ބޮލުގައި ރިއްސަނީ ހާދަ ވަރަށެވެ.

މިހާ ފަސޭހައިން ވިޝާމްމެންނަށް ދޫކޮށްގެން ތިބެން ޖެހުނަސް ބައްޕައާއިމެދު ވިސްނާލާފައި ހިތަށް ނަފްރަތުގެ އަސަރުވެސް ކުރެއެވެ. ވިޝާމްއަކީ އޭނަގެ ލޯބި ހައްގު ފަރާތެއްހެއްޔޭ ހިތާ ހިތުން ސުވާލުކުރެވުނެވެ. އެކިގޮތްގޮތަށް އަޒަލްގެ ވިސްނުމާއި ޚިޔާލު ދަތުރުކުރިއެވެ. ހުރިހާކަމެއް ބައްޕައަށް އެނގުމަށްފަހު އާޚިރު ނަތީޖާ ހިތިވާނެކަމާއިމެދު ޝައްކެއްނެތެވެ. ވިޝާމްއާއި ސަލްވާވެސް މިގެއިން ދާން ޖެހޭނެއެވެ. އޭރުން ރޯޒްމެހެލްއަށް ދެން ވާނީ ކިހިނެއްހެއްޔެވެ؟ ދުވަހަކުވެސް ވިޝާމްއާއި ސަލްވާ އެކުރި ކަންތައްތަކުގެ ހިތިކަން ކަރުބުޑުން ފިލައިގެންދާނެ ކަމެއްނޭގެއެވެ. އަޒަލް ހަދާންވީ ވިޝާމް ކުރީ ދުވަހު ބުނި އެއްޗެކެވެ. އޭނަގެ މަންމަ ބައްޕަގެ ކޮންސަލްޓިންރޫމަށް ދިޔަވާހަކައާއި އެދެމީހުން ގުޅޭ ވާހަކައެވެ. ފަހަރެއްގައި މެހެރީނާދައްތަމެން އެބުނަނީ ރަގަޅަށެވެ. އޭނަގެ ބައްޕައާއި ހުރިހާ ގޮތަކުން އެކަށީގެންވަނީ ހަމައެކަނި މަންމައެވެ. އުމުރާއި އާއިލާ އަދި މުއްސަދިކަމާއި ތައުލީމީގޮތުންވެސް މެއެވެ. ސަލްވާއަށް ލިބިފައިވަނީ ޅަކަމާއި ރީތިކަން އެކަނިއެވެ. ރާއްޖެތެރޭ މީހުން ވަރަށް އަމިއްލަ އެދުންބޮޑެވެ. ދެލޯބިވެރިންނަށް އެމީހުން ބޭނުންގޮތަކަށް އިނދެގެން މަޖާ ނެގެން އޮތްވާ މިގެއަށް އައީ ފައިސާގެ ދަހިވެތިކަމުގައެވެ. އަދި ބައްޕަގެ ބޮލުގައި ދަރިއަކު އެޅުވީއެވެ. ހެއްދެވިފަރާތުން އެމީހުން ފޮނުއްވީ ހަމަ އަޒަލްމެންނަށް ފިލާވަޅަކަށް ނޫންހެއްޔެވެ؟ ދީނީ މީހުން ކަމުގައި ހެދިގެން އޮޅުވާލާ މީހުންވެސް އުޅޭކަމަށް މެހެރީނާދައްތަ ބުނުމުން އޭނަވެސް ގަބޫލެއް ނުކުރިއެވެ. މިހާރު ހުރިހާ އެއްޗެއް އެނގިއްޖެއެވެ.

އަޒަލް ގަހުގެ މޫމަތީގައި އިށީދެލައިގެން ދެލޯ މަރާލައިގެން އެތައް އިރެއްވާންދެން އިނެވެ.

ސަލްވާ ހައިރާންވިއެވެ. ރޯޒްމެހެލްއަށްވަނީ ހާދަ އެހެންކަހަލަ ހިމޭންކަމެއް ވެރިވެފައެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެކީގައި ސައިބޯނަމޭ ކިޔާފައި އަޒަލްއާއި އާޒީންގެ ޚަބަރެއްވެސް ނުވިއެވެ. ހައިކަލް ގޭގައި ނޫޅޭތީ ކޮޓަރިން ނިކުންނާކަށްވެސް ނުކެރުނެވެ. ވިޝާމްއަށް ފެނިގެން އޭނައަށް ގޯނާކުރުވާކަށް ހިތެއްނޭދެއެވެ. ކޮޓަރި ތަޅުލައިގެން އެހެން އޮވެފާ އާޒީންއާއި އަޒަލްއަށް މެސެޖްކޮށްކޮށް ޚަބަރެއް ނުވުމުން ބޭރަށް ނުކުމެލިއެވެ. ވިޝާމްއަށް ނުފެނުމަށް ހިތާ ހިތުން ދުޢާކުރިއެވެ.

އަޒަލްމެން ފެންނަން ނެތުމުން އެކުދިން ކޮންމެވެސް ތާކަށް ދިޔައީބާވައޭ ހިތަށް އެރިއެވެ.

އަޒަލް ފޯނު އޮންނަނީ ނިވާލާފައެވެ. އެކަމަކު އާޒީންގެ ފޯނަށް މެސެޖް ޑެލިވާވެސް ވެއެވެ. އޭނަ ޖަވާބުނުދޭތީ ސަލްވާ ހީކުރީ އާޒީން ގޭގައި ނޫޅެނީކަމަށެވެ. ގޭގައި ނެތަސް އެގޮތަށް ޖަވާބުނުދީ ހުރުމަކީ އާޒީން ކުރާކަމެއްނޫނެވެ. ސަލްވާގެ ހިތުގައި އެއްވެސް ވަރެއްގެ ޝައްކެއް ނުހިގައެވެ. ހައިކަލް ގެއަށް އައުމުން ކޮޓަރީގައި ނަމާދުވެސްކުރިއެވެ. އާޒީންމެން ހަވީރު ނުފެންނަކަމަށް ބުނުމުން ހައިކަލްގެ މިޒާޖު ހުންނަގޮތުން ޚަބަރު ބަލާނުލާ ނުހުރެވުނެވެ. މިސްކިތަށްގޮސް މަޣުރިބުކޮށްލައިގެން އަންނަމުން ދެކުދިން އުޅޭތޯ ބަލައިލަން ގަސްތުކުރިއެވެ. އާޒީން އޭނަގެ މެސެޖަށް ޖަވާބުދިނެވެ. މަންމައާއިއެކު ރެސްޓޯރެންޓެއްގައި ކަމުގައި ބުނުމުން ހައިކަލް ހައިރާންވިއެވެ. މިއީ ރެސްޓޯރެންޓަށް ދާކަހަލަ ގަޑިއެއް ހެއްޔެވެ؟ އެހެންވެދާނެއެވެ. ރައުދާއަކީ ނަމާދުގަޑިއަށް ކަމޭހިތާ މީހެއްނޫނެވެ. އާޒީން ބުނީ އަޒަލް މިރޭ މާ އަވަހަށް ނިދިއައިސްގެން ނިދީކަމުގައެވެ. ދެބެން ނުފެނުމުން ހައިކަލްގެ ތަބީއަތަށް ހިމޭންކަމެއް ވެރިވިއެވެ. ކޮންމެރެއަކު ބައްޕައަށް ނިދާ ސަލާމް ނުކޮށް ނުނިދާ ކަހަލަ ކުދިންނެއްވެސް ނޫނެވެ.

އެރޭވެސް ސަލްވާ ހުރީ އުފަލުންނެވެ. ކައުޗްގައި މަޑުބަލީސްތަކަށް ލެނގިލައިގެން ހައިކަލްގެ އުނގަށް ފައި ލައިގެން އިންއިރު ހައިކަލް އެފައިތިލަ މަސާޖްކޮށްލަދިނެވެ.

"އެންމެ އެކްސައިޓްވެފައި ހުރީ ޒެލް. ޒެލް އެފްބީ ސްޓޭޓަސްތަކުގައިވެސް ނުސީދާކޮށް އެވާހަކަ ލިޔެފައި ހުރީ. ޒެލްމެން ބޭބީ އެކްސެޕްޓްކުރީމަ ވަރަށް އުފާވެއްޖެ.. ޒެލް މިހާރުއްސުރެ އެބަ ކިޔާ ހިގާށޭ ބޭބީ އަށް ޝޮޕިންކުރަން ޕެރިސްކަހަލަ ތަނަކަށް........."ސަލްވާ ބުނެލިއެވެ.

ހައިކަލް ކޮންސަލްޓިންރޫމަށް ވަނީ މާއިޒްގެ އެންމެ ފަހު ޕޭޝަންޓް ނިކުތީމައެވެ. މާއިޒް އޭރު އިނީ ސްޓެތޮސްކޯޕް ކަރުގައި އަޅުވާލައިގެން ބޮޑު ގޮނޑީގައި ލެގިލައިގެންނެވެ. ވިސްނުމެއްގައި އިންފަދައެވެ. ހައިކަލް ފެނުމުން މާއިޒް ކަންބޮޑުވެފައި ތެދުވެގެން އައެވެ.

 

ކޮމެންޓް 0