އެކަމަކު އެހާވަރަށް އެންމެންނަށް އޮޅުވާލަން ނުވާނެތީ ހައިކަލް އެންމެފަހުން ބުނެލީ އޭނަ ދާނީ ސަލްވާ ގޮވައިގެންކަމުގައެވެ. ސަލްވާވެސް ސިހިފައި ބަލައިލީ ހައިކަލް ބުނި އެއްޗެއް ޔަގީންނުވެފައެވެ. ހިތް އަވަސްވިވަރުންނާއިއެކު އެހެން އެންމެންގެ ލޯތައް އޭނައަށް ހުއްޓުމުން މޫނު މަލެއްހެން ރަތްވެއްޖެއެވެ. މެހެރީނާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

"ހޫމް...ސަލްވާވެސް ހަމަ ދާނެ. ކީއްވެ ނުދާންވީ................." މެހެރީނާ ހުނުމަކާއިއެކު ކިޔައިލީ މުޅިން ހަމަޖެހޭ އެއްޗެއްވެސް ނޫނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއިއެކު އެހާ އަވަހަށް ފިލާދިޔައެވެ. ދެން އަނގަޔަށް ހެދިގޮތަކުން ހިތި ބޭހެއް ބޮވިގެން އަނގަ ނުބައިވެފައި އިންފަދައެވެ. ކިތަންމެ ފޮރުވަން އުޅުނަސް މެހެރީނާގެ މޫނުމަތިން ހުރިހާ އެއްޗެއް ފެންނަން ހުއްޓެވެ. ކޮއްކޮއަށް ވީވަރު ހައިކަލްއަށް ރީއްޗަށް އޮޅުންފިލިއެވެ. ކޮއްކޮއާއިމެދު ހިތުގައި ހަމްދަރުދީވެސް އުފެދުނެވެ. އެހާބޮޑަށް ސަލްވާކަހަލަ ކުއްޖަކުދެކެ ނަފްރަތުކުރަންވާނެ ހެއްޔެވެ؟ ނޫނީ ހަސަދަވެރި ވަނީބާވައެވެ.

"ބަޓް.......މީ. މީ ފިނި މޫސުމް. އެނގޭތަ؟ ޓެމްޕްރޭޗާ މައިނަސްގައި ހުންނާނީ. ސަލްވާ އެގަދަ ފިންޏަށް ނުހޭނި ހުއްޓާ ކުއްލިއަކަށް ދިޔައީމަ ފްލޫވެސް ޖެހިދާނެ. މަރުވެސް ވެދާނެ. ފިންޏަށް ބަލިކުއްޖަކު ކެތްކުރާނެގޮތެއް ނޭގޭ. ދޮންބެގެ ރަސްމީދަތުރެއް ވީމަ އެކޮޅަށް ގޮއްސަ ސަލްވާ އެކަނި އެގޭގައި ހުންނަން ކިހާ ފޫހިވާނެ. ސަލްވާ ނުދައްޗޭ. ޔޫ ވިލްބީ ބޯޑް ޓު ޑެތް........." މެހެރީނާ ގަދަކަމުން ހީލަން މަސައްކަތްކުރިޔަސް އެކަމެއްވެސް ނުވިއެވެ. ހައިކަލް ދެއަތްތިލަ ގުޅުވާލައިގެން މޫނުގައި ޖައްސާލައިގެން އިނދެފާއި ކުޑަކޮށް ހީލިއެވެ. ސަލްވާއަށް ބާރެއްނެތެވެ. އެއީ އޭނަގެ ނިންމުމެވެ. ސަލްވާ ބޭނުންވިޔަސް ނުވިޔަސް އޭނަދާނީ ސަލްވާ ގޮވައިގެންނެވެ. ސަލްވާ އެންމެ ދެކެން ބޭނުންވާ މަންޒަރުތެރޭގައި ސްނޯވެހޭތަން ހިމެނޭކަން ހައިކަލްއަށްވަނީ އެނގިފައެވެ.

އަޒަލްއަށް އެ ޚަބަރުއިވިފާ ވަރަށް އުފާކުރިއެވެ. އެހާ ފޯރިއައެވެ. އޭނައަތުގައި ވިންޓާ ކޯޓެއް އޮންނާނެކަމަށާއި ސަލްވާ އެކޯޓުލުމުން ވަރަށް ރީތިވާނެކަމުގައި ބުނެލިއެވެ. އަދި އެކުދިންގެ އެމެރިގާގެ ގޭގައި ވޫލެން ތޮތްޕާއި ބޫޓުތައް ހުންނާނެކަމުގައިވެސް އަޒަލް ބުނެލުމުން މެހެރީނާ އިނީ ދަތްތައް ވިކާލައިގެންނެވެ. ރަގަޅަށްވެސް ސަލްވާ އެކުދިން އެސިހުރުގައި ޖައްސާ މޮޔަކުރުވައިފިއެވެ. ސަލްވާ ގެންދަންޏާ އެކުދިންވެސް ގެންދަންވާނެއޭ ކިޔާފައި މައްސަލަ ޖައްސާކަށްވެސް ނޭގުނެވެ. އެކުދިންނަށް އެކަމުގައި ހުރި ބިރުވެރިކަން ރޭކާނުލަނީއެވެ. ބައްޕައާއި ކުދިން ވަކިކޮށްލާއިރުވެސް ނޭގެނީއެވެ. އެކުދިން ހިނިއައިސްފަ ތިބެ އަދި އެއުފަލުގައި ބައިވެރިވަނީއެވެ. ދޮންމަންމަގެ މަޅިތައް ކަރަށް ފެތެމުންދާއިރުވެސް މައުސޫމްކަމުން ހިލަމެއްނުވެއެވެ. ދޮންބެގެ ކުދިންތައް ހާދަ މޮޔައެވެ. ހާދަ މައުސޫމެވެ. ދޮންމަންމަ ހުރެގެން ކަރަށް ފައިން އަރާ ބާރުކުރާއިރުވެސް އެތިބެނީ ހީލަހީލައެވެ. ކިހާ ދެރަކަމެއްހެއްޔެވެ؟ ނަމަވެސް ހައިކަލް ހުއްޓާ އިތުރުވާހަކަ ދައްކާކަށް މެހެރީނާއަކަށް ނުކެރުނެވެ.

މެހެރީނާ ހައިކަލްގެ ދަތުރު ކެންސަލްކުރަން ވަރަށް މަސައްކަތްކުރިއެވެ. ސަލްވާ ހުއްޓުވަންވެސް އޭނަ ސިއްރުން ނުކުރާކަށް ކަމެއްނެތެވެ. ހަސަދައިގެ އަލިފާންގަނޑު ދުވަހަކު މިހާވަރަށް އެނދިކަމެއް ނޭގެއެވެ. އެކަމުގެ ސަބަބުން ރުޅިގަދަވެގެންގޮސް މޮޔަވާވަރުވިނަމަވެސް އޭނަ ކުރި އެއްވެސް ކަމަކުން އެދަތުރު ހުއްޓުވޭނެފަދަ ގޮތެއްނުވިއެވެ. ރައުދާގެ ކަންފަތަށްވެސް އެ ޚަބަރު ފޯރިއެވެ. ރައުދާވެސް ކަންބޮޑުވިއެވެ. ހައިކަލްއާއިއެކު ސަލްވާ ހޭދަކުރާނެ އިޝްގީ ރޭތައް ޚިޔާލަށް ގެނެވި އޭނަގެ ހިތް ހަލާކުވާވަރުވިއެވެ. އަޒަލްއާއި އާޒީން ޖަޒުބާތުގައި ޖައްސައިގެން ހައިކަލްގެ ދިރިއުޅުމުން ސަލްވާ ބޭރުކޮށްލާފައި އޭނަ އެމަގާމަށްދާން ހައްތަހާ ބޭނުންވިއެވެ. ނޫނީ އޭނަގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ. ރައުދާގެ މުއްސަދި ދިރިއުޅުމުގައި ބޭނުންވާހާ ކަންތައް ހޯދަމުން އައިސްފާ މިހާރު މިއޮތީ އޭނަ ހޯދަން އެންމެ ބޭނުންވާކަންތައް ނުވާގޮތްވެފައެވެ. ކޮންމެގޮތަކުންވެސް ހައިކަލްއަށް އޭނަ މަޖުބޫރުކުރާނެއެވެ.

އަޒަލް ކަހަލަ ހަލަނި ކުއްޖަކަށް ހިމޭނުން ހުރުމަކީ ނާދިރުކަމެކެވެ. ކުޑައިރުއްސުރެން އަޒަލްގެ އުފާވެރިކަން އަދި ލާނެތްކަމުން އެހެން އެންމެންގެ ހިތްތަކުން ޖާގަ ހޯދާފައިވެއެވެ. މިފަހަކަށް އައިސް އަޒަލް ހިމޭނުން ހުރި ދުވަސްކޮޅެއް އައުމަށްފަހު އަނެއްކާވެސް ރޯޒްމެހެލްގެ ރޫހަކީ އޭނަކަމުގައި ވެފައިވިއެވެ. އަބަދު ހީހީ ހުންނަ ކުއްޖާ ކައިރީ ސަލްވާވެސް ބުނެފައިވަނީ ހިނިތުންވުމަކީ ރަސޫލު ސުންނަތެއްކަމުގައެވެ. ގިނަގިނައިން ހިނިތުންވާން ސަލްވާވަނީ ބުނެފައެވެ.

އަޒަލް އޭނަގެ ބައްޕަ ޑޮކްޓަރ ހައިކަލްގެ ސްޓަޑީ ރޫމަކަށް ދިޔައިރު ހައިކަލް ފެންނާކަށް ނެތެވެ. ލެޕްޓޮޕް ހުޅުވާފައި ހުރުމުން އަޒަލް އިށީދެފައި އޭނަގެ އެފްބީއަށް ވަދެލަން އުޅުނެވެ. އެފްބީ ޕޭޖް ހުޅުވަން ޖައްސައިލިހާއިރުން ހުޅުވުނީ ހައިކަލްގެ ފޭސްބުކެވެ. އަޒަލް ގަސްތުކުރީ ބައްޕަގެ ޕޭޖަށް ފޮޓޯއެއް އަޕްލޯޑްކޮށްލާށެވެ. އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭގި އަޒަލް ޕޯސްޓްކޮށްލީ ރިޒޯޓުގައި ނަގާފައި ހުރި ފޮޓޯއެކެވެ. އޭނައާއި އާޒީން ސަލްވާ އަދި ހައިކަލް އިރުއޮއްސުނު ގަޑީގައި ނަގާފައި ހުރި ތަސްވީރެވެ. އަޕްކޮށްލުމާއިއެކު އެސިކުންތުކޮޅުވެސް އެތައް ހިތަކާއި ލައިކްތަކާއި ކޮމެންޓް އަންނަން ފެށިއެވެ. އަޒަލް ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހެއްގެ ފިޔަވަޅު އަޑުއިވިފައެވެ. އަވަސްއަވަހަށް ސައިންއައުޓްކޮށްފައި ބަލައިލިއިރު ދޮރުމަތީގައި ހުރީ އޭނަގެ ބައްޕައެވެ.

"ޑޭޑް؟ " އަޒަލް ގޮވާލިގޮތުން ކޮންމެވެސް އެއްޗެކޭ ބުނަންއުޅުނު ކަހަލައެވެ.

"ހޫމް ދަރިފުޅާ؟" ހައިކަލްވެސް ސުވާލުގެ ނަޒަރަކުން ބަލާލަމުން ބުނެލިއެވެ. ކޮންމެފަހަރަކުވެސް ހައިކަލް ފެނުމުން އަޒަލް ބަލައިލާގޮތުން ރަގަޅަށް ނުފެންނަކަމާއިމެދު ޝައްކެއްކުރެވުނެވެ. ކޮންމެވެސް ވަރަކަށް މީހާ އޮޅުން ނުފިލާތީ ބަލާކަހަލަ ގޮތެއްހުންނަހެން ހައިކަލްއަށް ހީވާންފެށިއެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. އެކަހަލަ އެއްޗެއް ހިތަށް އެރުވަކީވެސް އޭނައަށް ކުރެވުނު ކުށެކެވެ. އަމިއްލަ ނަފުސަށް ލައުނަތްދީފައި ހައިކަލް އެ ޚިޔާލު ވަގުތުން ސިކުނޑިން ބޭރުކޮށްލައިފިއެވެ.

"ނަތިން...." އަޒަލް ހީލަމުން ޖިންސްގެ ޖީބަށް އަތްޖަހާލައިފިއެވެ.

"ބައްޕާ. ނެކްސްޓްޓައިމް އަޅުގަނޑުމެން އެމެރިކާއަށް ގެންދަވައްޗޭ........" އަޒަލް އެދުނެވެ.

"ފޯ ޝުއަރ. ސަމަރޗުއްޓީގައި ފެމިލީ ޓްރިޕެއް ހަދާލާނީ. މިހާރުއްސުރެ ޒެލް ޕްލޭންކުރަން ފަށާ އިނގޭ. ބައްޕަ ގެންދާނަން ހުރިހާކުދިން އެކީގައި އެމެރިކާގައި ޗުއްޓީ ހަދާލަން..." ހައިކަލް ލޯބިން ދަރިފުޅުގެ ބޮލުގައި އަތް ފިރުމައިލިއެވެ. އަޒަލް ކޮޓަރިއަށް ދިޔަގޮތަށް ފޭސްބުކް ހުޅުވައިލިއިރު ހައިކަލްގެ ފޮޓޯއަށް ސަތޭކަވަރަކަށް ލައިކް ލިބިއްޖެއެވެ. އެފޮޓޯ އެތައްބަޔަކު ޝެއާވެސްކޮށްފިއެވެ. ހިފެހެއްޓުމެއްނެތް ތައުރީފު އޮއްސަމުން ދިޔައިރު ކޮންމެ ކުއްޖެއްގެ ރީތިކަން ފާހަގަކޮށް އިސްތަށިގަނޑާއިހެދި މޮޔަވެފައި ހުއްޓެވެ. އަދި ބައެއްމީހުން އަޒަލްއާއި އާޒީންގެ އިތުރުން ޝޯލްއަޅައިގެން ހުރި ރީތި އަންހެންކުއްޖާއަކީ ކާކުތޯ ސުވާލު އުފައްދާފައިވިއެވެ. އަޒަލްއަށް ނުހުރެވިގެން ކޮމެންޓެއް ކޮށްލިއެވެ. "ސަލްވާ މައި ސްޓެޕްމަމް މައި އިންސްޕިރޭޝަން. އެ ޖެމް ދެޓް ބްރައިޓެންޑް އެންޑް ޗޭންޖްޑް މައި ޓާނިޝްޑް ސޯލް " އެހެން ޖަހާލާފައި ހިތެއްޖެހުމުން ސަލްވާ ޚާއްސަވީވަރު ކޮންމެމީހަކަށްވެސް ފާހަގަކުރެވޭނެއެވެ. ކޮންމެއަކަސް ފަނަރަމިނިޓް ނުވަނީސް އެފޮޓޯ ހިޓްވެއްޖެއެވެ. އާޒީންއަށްވެސް އެ ފޮޓޯފެނިގެން އަޒަލް ކައިރީގައި ބުނެލިއެވެ. އަޒަލް ހީލަހީލާ ހުރީއެވެ. ހަގީގަތް ހާމަކުރާކަށްވެސް ނޫޅުނެވެ. އޭނަ ބައްޕަގެ ހުއްދަނުހޯދާ އެފޮޓޯ އަޕްކުރިޔަސް އެއީ މައްސަލައެއް ނޫންތާއެވެ.

ހައިކަލް ފުރުމުގެ ކުރިން ރޯޒްމެހެލް އެންމެން އެކީ ސައިބުއިމަކީ މެހެރީނާ ދިން ޚިޔާލެކެވެ. އެދުވަހު ހަވީރުސައި ތައްޔާރުކޮށްފައިހުރީ ޕޫލްކައިރީގައެވެ. އަސުރު އިރުތިރިވީއިރު އުޑުމަތީގައި ވިލާތައް ބޯވެފައި ހުރުމުގެ ސަބަބުން އިރުގެ އަލިކަން އެއްކޮށް ފިލައިފިއެވެ. ހެޔޮވަރަކަށް ވައިރޯޅިތައް ޖެހެމުންދާއިރު އެހިސާބުގައިވާ ޗާންދަނީ ގާޑްނިއާ އަދި ލައިލަކްފަދަ މަލުގެ މީރުވަސް ފަތުރާލައެވެ. އެ ސަހަރައްދު ވަނީ އޭގެ ސަބަބުން ސެންޓްލެވިފައެވެ. ބަގީޗާތެރޭގައި ސައިބޯން އެންމެ އެކަށީގެންވާ ދުވަހެއްކަމުގައި ވެފައިވިއެވެ. އެންމެނަށް ތިބެވޭވަރުގެ މޭޒެއް ބަހައްޓާފައި ހުރިއިރު ވަށައިގެންވަނީ ރަންކުލައިގެ ކުރެހުން އަޅާފައި ހުރި ގޮނޑިތަކެވެ. ޕިއްޒާ ސަބްމެރިން ޗީޒްކޭކުފަދަ ތަކެތިން މޭޒު ފަޅުފިލުވާފައިވާއިރު ކޮފީ ސައި އަދި ލަވާޒާއާއި ޖޫސްފަދަ ތަކެތިންވެސް މޭޒު ފަޅުފިލުވާލާފައިވިއެވެ. އެމީހަކު ބޭނުންވާ ކޮންމެ އެއްޗެއް ކެވޭގޮތަށެވެ. އެންމެ އަވަދިނެތި އުޅެމުންދާ މާއިޒްއާއި ވިޝާމްވެސް އެދުވަހު ހަވީރު ސައިގާ ބައިވެރިކުރަން މެހެރީނާ ނިންމިއެވެ. ވިޝާމްއާއި މާއިޒްދެކެ ހިތުގައި ރުޅިއާއި ހަސަދަވެރިކަން އޮތަސް ސަލްވާއަކަށްވުރެ ބޮޑަށް އެމީހުނަށް އޭނަގެ ހިތް ނުބަޔެއްނުވާނެއެވެ. ސަލްވާއަށް އާދެވޭ މަޖިލީހަކަށް އެދެޒުވާނުންނަށް ނާދެވެންވީ ސަބަބެއްނެތެވެ. ދެކޮޅުގައި ޒައިތޫން އަދި އަބުދުލްއަޒީޒު ތިއްބެވިއިރު ޕޫލާއި ދިމާލަށް މޫނުލައިގެން ތިބީ ވިޝާމްއާއި މާއިޒްއެވެ. އަނެއްދެގޮނޑިވަނީ ހައިކަލްއާއި ސަލްވާއަށް ބަހައްޓާފައެވެ. އެމީހުންނާއި ދިމާކުރިމަތީގައި ތިބީ މެހެރީނާއާއި އަޒަލް އަދި އާޒީންއެވެ. ވިޝާމްއިނީ އެގޮތަށް ހަމަޖެހުމުން ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. މިވީގޮތުން ސައިބޯ ގަޑީގައި ސިއްރުސިއްރުން ސަލްވާއަށް ބަލައިލެވޭކަށްވެސް ނޯންނާނެކަން ޔަގީނެވެ. އޮތްގޮތަކީ އޭނައާއި ކައިރީގައި ހުރި ގޮނޑީގައި ހައިކަލްގެ ބަދަލުގައި ސަލްވާ އިށީނުމެވެ. ނަމަވެސް އެއީ ވާނެކަމެއްހެން ހިޔެއްނުވެއެވެ.

އެންމެން ހަމަޖެހިލައިގެން އިންތިޒާރުކުރަމުން ދިޔައީ ހައިކަލްގެ ދެމަފިރިންނަށެވެ. އެހެންތިއްބާ ރައުދާ އައުމުން ޒައިތޫނަށްވެސް ހައިރާންކަމެއް ލިބިގެންދިޔައެވެ. ރައުދާއަށް މެހެރީނާ ދައުވަތުދިން ވާހަކައެއް ޒައިތޫންއަކަށްވެސް ނޭގެއެވެ. ރައުދާ އިށީނީ މެހެރީނާއާއި ޖެހިގެން ހުރި ގޮނޑީގައެވެ. އެހެން އިނުމުން ހައިކަލްއާއި ދިމާކުރިމަތީގައި އިނދެވޭނެތާއެވެ. މެހެރީނާގެ ހިތް އުފަލުން ނަށާލައިފިއެވެ.

"ޒެލްއާއި ވިޝާމްވެސް އެމެރިކާއަށް ޖައްސާލަންވީނު ހަނީމޫން ހަދާލަން؟ " ރައުދާ އަޒަލްއާއި ދިމާލަށް އެނބުރިލާފައި ބުނެލި އެއްޗަކުން އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ރައުދާގެ އެ ހުށަހެޅުން ހުށަހެޅީ ކިހާ ގޮތްހުސްވެގެންކަން ދެތިން މީހަކަށް ރޭކާލިޔަސް ޒުވާންކުދިންނަކަށް ނުވިސްނުނެވެ. ރައުދާގެ ހިތްވެސް ހަސަދައިގެ އަލިފާނުން ފިހެވިގެންގޮސް އެތައް ލަކުނުތަކެއްލައިފިއެވެ. އެމެރިކާގައި ހައިކަލްއާއި އޭނަގެ ޒުވާން ދުވަސްވަރުގެ ހަދާންތައް ރައްކާކުރެވިފައިވާ ގެއަށް އެހެން އަންހެނަކު ގޮވައިގެންގޮސް ވަނުމަށް ރައުދާގެ ހިތަކަށް ކުޅަދާނައެއްނޫނެވެ. އެކަނިގޮސް ގަންނާނެ ގަނޑުހިތަށް އަރާފައި ލޭވެސް ކެކިއްޖެއެވެ. ހައިކަލް މަނާކޮށްފައިވާއިރުވެސް ޗެލެންޖުކުރަން މިގެއަށް ވަދެ ކުރިމަތީގައި އިންނަން ބޭނުންވީވެސް އެހެންވެއެވެ. ހައިކަލް ކިތަންމެ ފޮހެލަން އުޅުނަސް މާޒީ ނުފޮހެވޭނެއެވެ. ހައިކަލްއަށް އޭނަ ތިން އަންހެންދަރިން ނުވިހާކަމަކަށްވެސް ނުވާނެއެވެ.

"ސޮރީ މަމް. އިހަށް ދުވަހު ހަނީމޫން ހަދާލާފައި އައީ. ވިޝާމްވެސް ޖޮބަށް ދާން ފަށާފައި އެހާ ގިނަގިނައިން ޗުއްޓީއެއް ނުދޭނެއްނު....." އަޒަލް ފޯނު ހުޅުވާލުމަށްފަހު ހިނިތުންވެލިއެވެ.

"އަރީންގެ ކައިރީ މަންމަ ބުނެފިއްޔާ ނުވާނެކަމެއް....." ރައުދާ ވާހަކަދައްކަ ދައްކާއިނދެފައި އެއް ދިމާލަކަށް ކަޅި ހުއްޓުނުގޮތަށް ދެބުމަ ކައިރިކޮށްލެވިއްޖެއެވެ. ދެލޮލަށްވެސް ވާންވިކަހަލަ ގޮތެއްވިއެވެ. ވިޝާމްވެސް ފަހަތަށް އެނބުރި ބަލައިލާ ހިތްވީ ރައުދާއަށް އައި ބަދަލުގެ ސަބަބުން ދެނެގަތުމަށެވެ. މާއިޒްވެސް އެނބުރުނެވެ. މެހެރީނާ އަދި އަޒަލްއާއި އާޒީންވެސް އެދިމާލަށްބެލިއެވެ. ވިޝާމްއަށް ވިސްނުނެވެ. ހައިކަލްއާއި ސަލްވާއެވެ. އެދެމީހުން ފެނިފާ ރައުދާ ރުޅިއައުމަކީ ހަމަ އެންމެ އެކަށީގެންވާކަމެކެވެ.

ހައިކަލްއާއި ސަލްވާ އެކީގައި ކަހަލަގޮތަކަށް ހިގާފައި އައިސް މޭޒާއި އަރާހަމަވީއިރު އެތަނަށް ހިމޭންކަމެއް ވެރިވެފައިވިއެވެ. ހުރިހާ އެންމެންގެ ނަޒަރުހެން އެދެމަފިރިންނަށް ހުއްޓުނުއިރު އަޒަލްއާއި އާޒީން ތިބީ ހިނިތުންވެލައިގެންނެވެ. ރައުދާއާއި މެހެރީނާގެ ދެލޮލުން ފެނުނީ ފޫހިކަމެވެ. ހައިކަލް އަށް ރައުދާ އެތަނުންފެނި އަނބުރާލާފައި ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނަ ހިތާއި ހަގުރާމަކޮށް ނަފުސް ކޮންޓްރޯލްކުރީ ދަރިންނާއިމެދުވެސް ވިސްނާފައެވެ. އެކުދިންގެ މަންމައަށް އިހުތިރާމްކުރަން ވެގެންނެވެ. މަންމަވާނީ މަންމައަށްކަން އެނގޭތީއެވެ. މެހެރީނާއަށް ރަގަޅަށް އެނގިހުރެ އޭނަ ނުރުހޭ ކަންތައްތަކުގެ ސިލްސިލާއަށް އަނެއް ބޮޅުއިތުރުކޮށްލީއެވެ. ރައުދާ އަންނާނީ މެހެރީނާ ދައުވަތުދީގެންނެވެ. އޭނަ އެކަން ބޭނުންނުވާނެ ވަރު އެނގިހުރެ ދައުވަތުދޭކަށް ނުވެސްޖެހޭނެނޫންހެއްޔެވެ؟

ރުޅިގަދަވެގެންގޮސް އޭނައަށް ކެތްނުކުރެވިގެން އަތްމުށްކެވުމުން ޖީބަށް ޖަހައިލިއިރުވެސް އޭނަ މޫނުމަތިން އެއްވެސް ޝުއޫރެއް ނުދައްކާގޮސް ގޮނޑި ދަމާލައިގެން އިށީނީވެސް މެހެރީނާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އެގޮތަށް ހެދުމުން ސަލްވާއަށް ވިޝާމްއާއި ޖެހިގެން އިށީންނަންވުމުން ސަލްވާގެ ހިތް ރޫރޫއަޅައިގަތެވެ. މުޅިކުއްޖާވެސް ފިނިވާންފެށިއެވެ. މިއާދެވުނީ ކޮންފަދަ ތަނަކަށްހެއްޔެވެ؟ މިކަން ދެނެހުރިނަމަ އޭނަ ކޮންމެވެސް ބަހަނާއެއް ދައްކާނެއެވެ.

ވިޝާމްގެ ހިތަށް ކުޑަ ކުޑަ ފިނިކަމެއްލިބުނެވެ. ހިތްއެދޭ އަންހެންކުއްޖާއާއި އެއްތާކު އިށީންނަން ލިބުނުކަމީވެސް އޭނަގެ ނަސީބެވެ. ސަލްވާއިށީނުމުން މާތަކަށްވުރެވެސް ހިތްގައިމު ލުއިވަހެއް ވިޝާމްގެ ނޭފަތުގައިޖެހުނެވެ. ސަލްވާ ލައިގެން ހުރި ލޯޝަނުގެވަހެވެ. ނޫނީ ހަމަ އެރީތި ހަށިގަނޑުގައި ހިފާފައި ހުންނަވަހަކީއެވެ. ބަގީޗާއެއްގައި ފޮޅިފައިވާ މީރުވަސްދުވާ މަލެއްފަދަ ރީތި ރީތި އަންހެންކުއްޖަކަށްވުމުން ކަމަށްވެދާނެއެވެ. ކައިރިވެލުމުން އަބަދުވެސް ވިޝާމްއަށް އެމީރުވަސް ދުވައެވެ. ވިޝާމްގެ ހިތަށް މިއިން ދުވަހަކު ނުލިބޭފަދަ އުފާވެރިކަމެއްލިބުނެވެ. ސަލްވާ ކަޅުހެދުންލާފައި ހުއްޓަސް އަޅައިގެން ހުރީ ފިޔާތޮށްޓާއި ވައިލެޓްކުލައިގެ ޝޯލްއެކެވެ.

"ދޮންބެ ވީ އާ ވެއިޓިން ފޯ ޔޫ. ދޮންބެއަށް ޚާއްސަކޮށް ހެދި ސަޔެއްވީމަ މިތިބީ. އަވަހަށް ހުރިހާކުދިން ބިސްމިކިޔާފައި ކާންފަށާ....." މެހެރީނާ ހިލާފައި ކިޔާލިއެވެ. ގަސްތުގައި ސަލްވާ ނުހިމަނައިލީ ސަލްވާ ލަދުގަންނަވަންވެގެންނެވެ. އެ އާއިލާއިން އޭނައަކީ މި ގޭގެ މެމްބަރެއްކަމަކަށް ނުވެސް ދެކެއެވެ. ބީރައްޓެހި މަންޖެއަށް ކުޑަ ކުޑަ ރީތިކަމެއް ދެއްވިކަމަށްޓަކާ އުޅެނީ ފުންމައިގެންގޮސް އުޑަށް އަރައިގަންނާށެވެ.

ރައުދާއަށްވެސް ހައިކަލްގެ މޫނަށް ބަލައިލެވުނުއިރު އޮޅިގެންނަމަވެސް ހައިކަލްގެ ދެލޯ އޭނައާއި އަމާޒުވިއެވެ. އެއާއިއެކު ރައުދާގެ ހިތްވެސް ހުއްޓުނުފަދަ ގޮތެއްވިއެވެ. ހައިކަލްގެ ޖާދޫއެއްފަދަ ދެލޮލުގައި އެހުންނަގޮތަކުން ހަމަ ހިތަށް އެތައް ތީރުތަކެއް ހަރައިލިފަދައެވެ. ހައިކަލް މިގަޑީގައި ފެންވަރާލައިގެން އައީމަވެސް ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ފެންވަރާލައިގެން ސެންޓްޖަހާލައިގެން އަބަދު ހުންނާތީ އެރީތިކަން އެތައްގުނަ އިތުރެވެ. ހައިކަލްގެ އެންމެރަގަޅު ސިފައަކީ ސާފުތާހިރުކަމަށް ސަމާލުކަންދޭވަރެވެ. އެހެންބަލާއިރު ފުރިހަމަނޫން ސިފައެއް މިއަދު ރައުދާއަކަށް ނުފެނެއެވެ. ޓޭންވެލާފައި ހުރުމާއިއެކު އެހެރަ "މެޗުއަރ" ކަމަކާއި ފރިހެންވަންތަކަމަކުން ޅަދަރިންވެސް ހަލާކުކޮށްލާނެއެވެ. އެންމެ ބަލައިލުމަށްޓަކާ ޖާނުދޭނެއެވެ. ސަލްވާފަދަ އަމިއްލަ ދަރިއެއްފަދަ އަންހެންކުއްޖަކާއި ވެސް ހާދަ ގުޅެއޭ ހިތަށް އެރިއެވެ. މި ޗާމިން ސްމާޓް ފިރިހެނާ އޭނައަށް ލިބިފައި މޮޔަކަމުން ގެއްލުވައިލީއެވެ. އަލުން ބޭނުމެވެ. އެކަމަކު ހާދަ އުދަގޫ ހަރުފަތްތަކެއް ގިރާކުރަން ޖެހޭނެއެވެ.

"ދަރިފުޅާ ހައިކަލް. ކޮންއިރަކު ފުރުން ހަމަޖެހިފައިއޮތީ؟ " ޒައިތޫން ސުވާލުކޮށްލިއެވެ.

"މާދަންރޭ...." ހައިކަލް އިނީ ސީރިޔަސްވެފައެވެ. ރައުދާ އިނުމުން ވާހަކަނުދައްކަން ހުވާކޮށްގެން އިނީކަންނޭގެއެވެ. ފާޅުގައި އެއްޗެކޭ ނުބުނަނީވެސް އޭނަގެ އެހުންނަ ހިތްހެޔޮކަމާއި އެހެންމީހުންނަށް ގަދަރުކޮށް އިހުތިރާމްކުރާވަރުން ކަމާއިމެދު ޝައްކެއްނެތެވެ. މޫޑު އޮފްވެފައި އިން ސަބަބު މެހެރީނާ ދެނެގަތެވެ.

"ޑޭޑް އެފްބީއަށް ލީ ޕިކްއަށް ހާދަ ގިނަ ލައިކެކޭ. އައި ބެޓް ޒެލްއަށްވެސް މިހާ ގިނަ ލައިކް ނުހޯދޭނެކަން......." އާޒީން ފޯނު ހުޅުވައިގެން އިނދެލާފައި ކުއްލިއަކަށް ހީލިއެވެ. ހައިކަލް ވަކި ތަސްވީރެއް ނޭގިގެން އަހައިލިއެވެ. އާޒީން އެފްބީޕޭޖް ދެއްކުމުން ހައިކަލް ހައިރާންވެ އަންތަރީސްވިއެވެ. އޭރު އަޒަލްއިނީ ކަންބޮޑުވެގެން ނިޔަފަތީގައި ދަތްއަޅާލައިގެންނެވެ. ބައްޕަގެ މޫނަށް ވެރިވި ކުލަވަރުން އެކަމާއި ހިތްހަމަނުޖެހުނުކަން އަޒަލް ދެނެގެންފިއެވެ. އާޒީންއާއި ދިމާލަށް ހަޅޭއްލަވައިގަންނަން އުޅެފައިވެސް އޭނަ އިނީ ދެން ނިއުޅިދާނެ މަންޒަރަކަށް ބެލުމުގައި ކަންބޮޑުވެފައެވެ.

"ފޭސްބުކްގައި މި ޕިކް؟ އާޒީން ކީއްވެ " ހައިކަލް ކަންބޮޑުވެގެން ނަޒަރު ހުއްޓައިލީ ސަލްވާގެ މޫނަށެވެ. ސަލްވާއަށް ވާނުވާ ނޭގޭކަމުން އޭނައިނީ މަޑުންނެވެ. ހައިކަލްއަށް ޔަގީންވަނީ އެކަމާއި ސަލްވާ ހިތްހަމަނުޖެހޭނެކަމެވެ. އެއީ އާޒީން ކޮށްގެންވާނެ ކަހަލަކަމެއްނޫނެވެ. މޫނު ބުރުގާ އަޅާކުއްޖެއްގެ ފޮޓޯ އެގޮތަށް ސޯޝަލްމީޑިއާގައި ބޭނުންކުރުމަކީ އެއްގޮތަކަށްވެސް ވާންޖެހޭނެކަމެއްކަމަށް އޭނަވެސް ގަބޫލެއްނުކުރެއެވެ.

"ޑޭޑް އަޕްލޯޑްކޮށްފައިވާ ޕިކްއެއް ނޫންތޯ މިއީ. އަޅުގަނޑަށް އެގުނީވެސް ޒެލް ބުނީމަ..." އާޒީންއަށް ކަމެއް ގޯސްވެއްޖެކަން އެނގުނީ އަޒަލްގެ މޫނަށް ބަލާލާފައެވެ. އަދި ބައްޕަގެ މޫނަށް އެރި ކުލަވަރު ދެކެފައެވެ.

"ސޮރީ ބައްޕާ..އަޅު....އަޅުގަނޑު...." އަޒަލް އެއްޗެކޭ ބުނަން އުޅުނެވެ.

"އަޒަލް ތިކުރީ މާފުދެވޭކަހަލަ ކަމެއްނޫން. ހުއްދަނުހޯދާ މިކަހަލަ ކަންތައްކޮށްގެން ނުވާނެއްނު. އެގެންވާނެ މޫނުބުރުގާ އަޅާ ކުއްޖެއްގެ ފޮޓޯ އެންމެނަށް ފެންނަހެން ޝެއަރކޮށްގެންނުވާނެ ކަން. އެވަރު ނުވިސްނޭހާ ކުޑަކުއްޖެއްނޫން ކަން ނޭގޭ. އައިމް ސޯ ޑިސަޕޮއިންޓެޑް އިން ޔޫ އަޒަލް..........." ހައިކަލް ތަންކޮޅެއް ބާރަށް ބުނެލި ޖުމްލަތަކުން އަޒަލް ދެރަވެގެންގޮސް ދެލޯ ފުރިގެން ކަރުނަ ފައިބައިގަތްތަން ދެކެފާ ހައިކަލްގެ ހިތް ކަފަކޮޅެއްހާ މަޑުވިއެވެ. އޭރު މެހެރީނާވެސް އެއްލިގެންގޮސްފާ ކަޅިއަޅައިލީ ސަލްވާއަށެވެ. އަޒަލް ރޯންޖެހުނީ ހަމަ ސަލްވާގެ ސަބަބުންނެވެ. ސުންޕާ އަންހެނެކެވެ. މިގޭގެ އުފާވެރިކަމުގައި ހުޅުޖަހަން އުޅޭ އަންހެނެވެ. މިއޮތް އުފާވެރި އެއްވުންވެސް އެއަންހެނާގެ ސަބަބުން ފަނިވެއްޖެކަމާއިމެދު ޝައްކެއްނެތެވެ. ސަލްވާއިނީ ވާނުވާނޭގިފައެވެ. އަޒަލް ރޯތަންފެނިފާ ހިތަށް އަސަރުތައްކޮށްގެން އޭނަވެސް ފެންކަޅިވިއެވެ. އާޒީންއާއި ހަތަރުކަޅި ހަމަކޮށްލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

"ކިހިނެއް މިވަނީ؟ " ޒައިތޫންވެސް ހިތްހަމަނުޖެހިފައި އަހައިލިއެވެ.

"މާބޮޑުކަމެއްނުވޭ މަންމާ. އަޒަލް ރޯންވީމަ އެރޮނީ. ގޯސްކަމެއްކުރީތީ ރޯންޖެހުނީ. އަދި ރޯވަރުގެ އެއްޗެއް މީހަކުނުވެސް ބުނޭ. އަޒަލް އަޅުގަނޑުގެ ލެޕުން އެފްބީ ހުޅުވާފައި ހުއްޓާ ފޮޓޯއެއްލީ. ހަމަ އޯކޭ އަޒަލް ބޭނުންވަރަކަށް ފޮޓޯލިޔަސް އެއްޗެއް ބުނެފައެއް ނުހުންނާނެ. މައްސަލައަކީ އެފޮޓޯގައި ސަލްވާ ހުރިކަން. މޫނު ނާޅާ...." ހައިކަލްގެ ޖުމްލައިން ޒައިތޫންގެ މޫނުމަތިން ތަފާތު ޝުއޫރުތަކެއް ފެނުނެވެ. މެހެރީނާއަށް އެންމެފަހުން ކެތްނުވެގެން އެއްޗެކޭ ބުނެލެވުނެވެ. އޭނަ ހާދަ ކެތްކޮށްފިއެވެ. އެންމެފަހުން މުޅި ޖިސްމުވެސް ތުރުތުރުލާންފެށީ ރުޅިގަދަވެގެންގޮސް މޮޔަވާވަރުވީމައެވެ. ސިކުނޑީގައިވާ އެއްޗެއް ހިފަހައްޓަންވެއްޖެނަމަ ހަމަ ފަޅައިގެންގޮސްދާނެއެވެ.

"ޒެލް ޝެއާކޮށްފައި އޮތީ ފެމިލީ އާއިއެކަނި ދޯ. ފެމިލީ މީހުންނަށް ސަލްވާ ފެނުނަސް އެއީ މައްސަލައެއްކަމެއް ޒެލްއަކަށް ނުވެސް އެނގޭނެކަންނޭގޭ. މިތާގައިވެސް ހިލޭ ފިރިހެނުން އެބަތިބި. މާއިޒްއާއި ވިޝާމް. އެމީހުނަށްވެސް ސަލްވާ އެބަފެނޭ. އެއީ އެހާވަރުގެ ކަމެއްނޫނޭ ދޮންބޭ. ރުޅިދުރުވާވަރުގެ ކަމެއް ނުވެސްވޭ. ސަލްވާވެސް އުފާވާނީ އެފޮޓޯއަށް ލިބިފައިހުރި ކޮމެންޓްތައް ކިޔާލީމަ. އަންހެންކުދިން ކިތަންމެ ދީންވެރިވިޔަސް އެމީހަކަށް މީހުން ތައުރީފުކުރާ އަޑުއިވުނީމަ އުފާވާނެ. ފޮނިވެސްވެވޭނެ. ސަލްވާ ކީކޭ ބުނަނީ؟ ދޮންބެ އެބުނާ އެއްޗަކާއި އެއްބަސްތަ؟ "މެހެރީނާ ސަލްވާއާއި ހަތަރުކަޅިހަމަކޮށްލިއެވެ.

"ސަލްވާ މީގައި ބުނާ އެއްޗެއް މުހިއްމެއްނޫން. އަޒަލްކުރީ ގޯސްކަމެއް. ދެވަނަފަހަރަށް އެކަން ތަކުރާރުވެގެންނުވާނެ. އޯކޭ؟ " ހައިކަލްގެ އަޑު ސީރިޔަސްކަމުން އަޒަލް ވަގުތުން ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. އެންމެންގެ ކުރިމަތީގައި އެގޮތަށް ރޮއިގަނެވުމުން އަޒަލްއިނީ މޫނުން އަތްނަގަންވެސް އުދަގޫވެފައެވެ.

"މެހެރީން ދައްތާ. އަޅުގަނޑުމެން ނުވާނެއްނު ހިލޭބަޔަކަށް. ވީ އާ ފެމިލީ. އެކަމަކު އަޒަލް ގޯސްކަމެއްކުރީމަ އާންޓީމެން ހިތްވަރުދެންޏާ ސްޕޮއިލްވާނީ. މޫނުއަޅާ ކުދިންގެ އަބުރަށް ހުތުރު އަރާކަހަލަ އެއްވެސް ކަމެއްކުރުމަކީ ތާއީދުކުރެވޭނެ ކަމެއްނޫން. ވަރަށް ގަދަރުކުރާ މާތް ކުއްޖެއް ސަލްވާއަކީ..........." ވިޝާމް ވެސް ސަލްވާގެ ދިފާއުގައި ބަހެއްބުނެލިއެވެ.

"ދޮންމަންމަގެ ދިފާއުގައި ތެދުވުނީތީ ހަމަ ޝުކުރިއްޔާ. އަނެއްކާ ދެކުދިން އެއްރަށެއްތަ؟ ކޮންނަމެއް އެރަށަށް ކިޔަނީ.........."މެހެރީނާ ޖެއްސުންކޮށްލިއެވެ. ވިޝާމް އަޒަލްއަށްވުރެ ސަލްވާގެ ދިފާއުގައި ވާހަކަދެއްކުމުން މެހެރީނާގެ ހިތް ޝައްކުން ފުރުނެވެ. ވިޝާމްއާއި ސަލްވާއާއި ގުޅުމެއްނެތްނަމަ ވިޝާމްއަށް އެގޮތަށް ވާހަކަދައްކާކަށް ނުކެރޭނެއެވެ. އެދެމީހުންގެ ދޭތެރޭގައި ކޮންމެވެސް ކަހަލަ ގޮތްނޭގޭ ގުޅުމެއްވާކަމާއިމެދު އޭނަގެ ހިތް ޝައްކުކުރިއެވެ. އެދެމީހުންގެ ކޮންމެ ހަރަކާތެއް އޭނަ ދިރާސާކުރީ ފަރުވާތެރިކަމާއިއެކުގައެވެ. މާއިޒްވެސް ހިނިއަންނަގޮތްވިއެވެ. އެދެޒުވާނުންގެ އެއްގޮތްކަމެއް ހުރެފައި "ފޮނި"ކަމުން އާޒީންގެ ލޮލުގައި އަޅައިގަތެވެ. ސިއްރުސިއްރުން ބެލުނު އަދަދެއްވެސް ނޭގެއެވެ. މާއިޒްމެން ނުބަލާކަމުގައި ހީކޮށްބަލައިލިއިރެއްގައި މާއިޒް ބަލަހައްޓައިގެން އިނުމުން ލަދުންގޮސް މަރުވާވަރުވިއެވެ. މިވަގުތު ލޯގަނޑަކުން މޫނު ބަލައިލެވޭނެނަމަ އޭނަ ހުންނާނީ ގަދަޔަށް ރަތްވެފައިކަން ޔަގީންވެ އެތަނުން ދުވެފިލަންހިތްއެދުނެވެ. އިސްޖަހައިލިގޮތަށް ތަށްޓަށް ބަލަންއިން ތަންފެނިފާ އަދި މާއިޒް ދިމާކޮށްލިއެވެ. އާޒީންއަށް ތަށިތެރެއިން އެއްޗެއް ފެންނަނީހެއްޔޭ ބުނުމުން ސިހުނުވަރާއިއެކު މާއިޒްގެ ކެރޭކަން އޭނަ ހައިރާން ކުރުވައިފިއެވެ. މާއިޒް ހާދަ ގޯހެވެ.

ހައިކަލް އަޒަލްކައިރީ ބުނީ މޫނުދޮވެލައިގެން އައުމަށެވެ. އަޒަލް ކިޔަމަންތެރިކަމާއިއެކު ވަގުތުން ތެދުވުނުއިރު އެބޮޑުދެލޯވަނީ ކަރުނުން ފުރިފައެވެ. އަޒަލް އެހާ ރޮވުނީ ބޭޒާރުވުމުންނެވެ. ލަދުންނާއި ހާސްވީވަރުންނެވެ. ބައްޕަދެކެ އެއްވެސް ވަރަކަށް ރުޅިއައިސްގެނެއްނޫނެވެ. އަދި ބާރަށް އެއްޗެއް ބުނީތީއެއްވެސް ނޫނެވެ. ކުރެވުނު ބޮޑުކުށާއި ބަލާއިރު އޭނަގެ ބައްޕަ ވާހަކަދެއްކީ ހީނުކުރާފަދަ މަޑުމައިތިރިގޮތަކަށެވެ. އެއްވެސްކަހަލަ އަދަބެއްނުލިބި ދެތިން ޖުމްލައަކުން ނިންމައިލިކަމުގައިވިޔަސް އަޒަލްއަށް އެކުށުގެ ބޮޑުމިން ކިތަންމެވަރަކަށް އިހުސާސްކުރެވުނެވެ. އަޒަލް އިސްއޮބާލައިގެން ހިނގާލާފައިގޮސް އެންމެންގެ ލޯތަކަށް ނިވާވިއެވެ.

"ދެން އެހާވަރުން އަޒަލް ރޮއްވާކަށް ނުވެއްވާނެއްނު. މާބޮޑުކަމެއްވީކީއެއްވެސް ނޫން...." ރައުދާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނިލައިފިއެވެ. ހައިކަލް އެހާވަރުން ސަލްވާއާއި އެއްބައިވެ ވާހަކަދެއްކުމުން އެހިތުގައި ރޯވެގަތް ހަސަދައިގެ އަލިފާންގަނޑު ހުޅުފަޅައިގެން ހިގައްޖެއެވެ. ބަހެއްނުބުނަން އިނދެފައިވެސް އޭނަގެ ހިތަކަށް ކުޅަދާނައެއްނުވެ ހިތުގައި އަނދައަނދާހުރި އުދާސްތައް ކޮންމެވެސް ވަރަކަށް ބޭރުކޮށްލެވުނީއެވެ.

"ދިސް އިޒް ބިޓްވީން މީ އެންޑް މައި ޑޯޓަރ.........." ހައިކަލް ފޫހިވެފައި އިނދެ ބުނެލިއިރުވެސް ރައުދާގެ މޫނަކަށް ބަލައިނުލިއެވެ. ހައިކަލްގެ އެޖުމްލައިން ރައުދާއަށް އެހެންކަހަލަ އިހުސާސްތަކެއްކުރެވުނެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް ހައިކަލް އޭނައަށް ޖަވާބުދީފި ނޫންހެއްޔެވެ؟ ހައިކަލްއަށް ނޭގުނަސް އެއީ ވަރަށް ބޮޑުވަރެކެވެ. އޭނަ ބޭނުމީ ކޮންމެވެސް ގޮތަކުން ހައިކަލް ލައްވާ ވާހަކަ ދައްކުވާށެވެ.

"ޝީޒް ނޮޓް ޖަސްޓް ޔޯ ޑޯޓާ ޑޮކްޓަރ ހައިކަލް. އަޅުގަނޑުމެން ދެމީހުންގެ.........."ރައުދާ ބުމަ އަރުވައިލިއެވެ. މެހެރީނާއަށް ބޭއިޚުތިޔާރުގައި ހެވުމުން އަނގަމަތީގައި އަތްވެސް އެޅިއްޖެއެވެ. ޒައިތޫންގެ މޫނުމަތިވެސް ކޮންމެވެސް ވަރަކަށް އުޖާލާވެލައިފިއެވެ. އެވަގުތު ސަލްވާއަށް ޒައިތޫންއަށް ބަލައިލެވުނުތަނާ ސަލްވާއާއި ދިމާލަށް ކުޑަކޮށް ކަޅިއަޅާފައި ބަލައިލެވިއްޖެއެވެ. ސަލްވާގެ ހިތަށް އަސަރުތަކެއްކުރުވިއެވެ. ހައިކަލްގެ މަންމަގެ ހިތުގައި އަދިވެސް ރައުދާއަށްޓަކާ ޚާއްސަކަމެއްވާކަން އެވަގުތު އެގުނެވެ. ސަލްވާގެ ހިމޭންކަމާއި މަޑުމައިތިރިކަމުގެ ފައިދާއެހެން މީހުން ނަގަންވެއްޖެއްޔާ ވާނެގޮތެއް ލަފާކުރާކަށްވެސް ނޭގެއެވެ.

ކޮމެންޓް 0