އެމެސެޖް ކިޔާލުމާއިއެކު އޭނައަށް އިހުސާންތެރިވެދިނީ ކާކުތޯ ވިސްނައިލަން މަޖުބޫރުވިއެވެ. ހައިކަލްއަށް ނޭގުނީ މި މެސެޖަކީ އޭނައާއި އެއާއިލާއަށް އިންގިލާބެއް ގެނުވާނެ މެސެޖެއްގެ ފެށުންކަމެވެ. އޭނަ އެތައް ބަޔަކަށް އިހުސާންތެރިވެދީ މީހުންގެ ބޭނުންތައް ފުއްދާދީފައިވެއެވެ. ފަންޑުތަކަށް އެތައް ލައްކަ ރުފިޔާއިން އެހީވެދިނެވެ. ނަމަވެސް އޭނައަށް އިހުސާންތެރިވީ ކާކުހެއްޔެވެ؟ ކުއްލިއަކަށް މާޒީގެ ކޮންމެވެސް ހަދާނެއް އޭނަގެ ސިކުނޑީގެ ކަނެއްގައި ކޮށްޓާލިއެވެ. ލަސްނުކޮށް އޭނަ އެ މެސެޖަށް ޖަވާބުދިނެވެ.

ހައިކަލް ޑިއުޓީގައި އަވަދިނެތި އުޅެންޖެހުމުން އެމެސެޖް ފޮނުވިމީހާއާއި ބައްދަލެއް ނުކުރެވުނެވެ. ރެސްޓޯރެންޓެއްގައި ދިމާކުރާނެކަމަށް ހައިކަލް ވައުދުވިއެވެ. ހައިކަލް އެނބުރި ގެއަށް ވަނުމާއިއެކު ކަންފަތުގައިޖެހުނީ ޕިއާނޯގެ ރީތި ރާގެކެވެ. އެއީ މާއިޒްކަން ޔަގީންވިއެވެ. މާއިޒްގެ އެފަދަ ހުނަރުތައް ލިބިފައިވަނީ ކާކުގެ ފަރާތުންތޯ ސުވާލު އުފެދުނެވެ. ޒައިތޫން ހައިކަލްގެ ކޮނޑުގައި އަތް ޖައްސާލާފައި ވާހަކައެއް ދައްކާލަންވެފައި އެބައޮތް ކަމަށް ބުނެފާ އެ ކޮޓަރިއަށް ގެންދިޔައެވެ. މަންމަދެއްކީ އާ ވާހަކައެއްނޫނެވެ.

"ދޮންތަމެން ވަރަށް ބޭނުމޯ ހައިކަލްގެ ކައިވެނި އަވަސްކުރުވަން. މިހާރު ތިހެން ހުހަށް ހުންނަތާ ކޮން ދުވަހެއް؟ ހައިކަލް އަމިއްލައަށް ނުހޯދަންޏާ ދޮންތަމެން ގަސްތުކުރަނީޔޯ އަންހެންކުއްޖަކު ހޯދަން، އެހެންވީމަ ދަރިފުޅު ތިހޮސްޕިޓަލުން ޑޮކްޓަރެއްނަމަވެސް ހޯދާފައި އަވަހަށް ދޮންތަމެންނަށް ސަޕްރައިޒެއް ދޭން އުޅޭ...." ޒައިތޫން ދޮންތަމެންގެ ބޮލުގައި އެޅުވިޔަސް އެއީ މަންމަގެ ޚިޔާލުކަންވެސް އޭނަ ދެނެގަތެވެ.

"މަންމާ. އަޅުގަނޑަށް މާ ހިތަށް ފަސޭހަ މިހެން ހުސްހަށިބަޔަށް ހުންނަންވީމަ. މާ ގިނަ ޒިންމާތަކެއްނެތް. ޕޭޝަންޓުންނާއި އަޅާލެވުނީމަ ހިތްހަމަޖެހޭ. ކުދިން އެތިބީ ބޮޑެތިވެފާ. ދެމީހުންނާ ކައިވެނިކުރީމަވެސް ކާމިޔާބެއްނުވި. އެކަން އެންމެ ރަގަޅަށް އެނގޭނީވެސް ދޮންތަމެންނަށް. ވީމަ ދެން އިތުރަށް ދޮންތަމެން އުޅެނީ ކީއްކުރަންބާވައޭ ހިތަށް އަރާ. ހެހެ...." ހައިކަލް ހީލަމުން ވާހަކަދެއްކި ނަމަވެސް ހިތުގައިވަނީ ޝަކުވާއެވެ.

"ދޭ ލަވް ޔޫ އެލޮޓް މައި ސަން. ހުރި އެންމެ ފިރިހެންކޮއްކޮއަށް ރަގަޅު އަންބެއް ނުލިބުމުން އެއިން އެކަކަށްވެސް ހިތްހަމަޖެހުމެއް ނުލިބޭ. އެހެންވެ އެހާވަރަށް އެމަސައްކަތްކުރަނީ ދަރިފުޅުގެ ހަޔާތް އާބާދުކޮށްދޭން. ހެޔޮއެދޭ މީހުންނެއް ނުތިބޭނެ އަޅާނުލާ. ފިރިހެނުންގެ ޒުވާން އުމުރު ފެށެނީ އަސްލު ތިރީސް އަހަރުވީމަ. މީހަކާއި ނީދެ ހުސްހަށިބަޔަށް މުޅި އުމުރު ދުއްވާލާކަށް ނުވާނެ......." ޒައިތޫން ހައިކަލްގެ ބުރަކަށީގައި ފިރުމައިލިއެވެ.

"މަންމާ. އަޅުގަޑަށް ތިރީސް އަހަރު ފުރުނުފަހުން ގަރުނެއްވެއްޖެ. އަލަތު އަންބަކު ހޯދައިގެން ޕާޓީ ބާއްވާހިތެއްނެތް. މިދިރިއުޅުން ވަރަށް ހިތްހަމަޖެހޭ މަންމާ......." ހައިކަލް ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ފަނަރަ އަހަރުގެ އަންހެންކުއްޖަކާއި އިނަސް ހައިކަލް އާއި ގުޅޭނެ. ތިޔަ ރީތިކަމާއި ފުރިހަމަކަމަކީ ބައްޕަގެ ފަރާތުން ވާރުތަވެފައިވާ ކަންތައް. އަށްޑިއަހަރުވީއިރުވެސް ބައްޕަގެ އިސްތަށިގަނޑު އަދިވެސް ވަރުގަދަކަން ބަލާލާ. އެހާ ސްމާޓް. ވީއިރު ދަރިފުޅާއިހެދި އުޅޭ އަންހެނުން މަދެއްނުވާނެ. ނަމަވެސް މީހަކު ހޯދާއިރު އަމިއްލަ ފެންވަރު ހަނދާން ނައްތާނުލައްޗޭ ހައިކަލް............." ޒައިތޫން އެކިގޮތްގޮތަށް ވާހަކަ ދައްކައިގެން ހައިކަލްގެ ހިތް ބަދަލުކުރުވަން މަސައްކަތްކުރިއެވެ. އެވަގުތުވެސް ޒައިތޫން ހަދާންކޮށްދިނީ އެމީހުންގެ އިއްޒަތާއި ގަދަރާއިމެދު ފަރުވާ ބެހެއްޓުމަށެވެ. ދައްތަމެންގެ އެކުވެރިން ތިބީ އެމީހުންގެ އަންހެންދަރިންވެސް ހައިކަލްއާއި ގުޅުވަން ތައްޔާރަށެވެ. މުޅި އުމުރުދުވަހުވެސް އޭނަ އުޅުނީ އާއިލާގެ އެންމެން ރުހުނުގޮތަށެވެ. ނަމަވެސް ދެން އެފަދަ ފުރުސަތެއް ނުދެވޭނެއެވެ. ލޯބިވާ ހިތްކިޔާފަދަ އަންހެނަކު ހޯދަން ވަކި ދާނީ ކޮންތާކަށް ހެއްޔެވެ؟ އަނެއްކާވެސް ކެމީލާފަދަ އަންހެންކުއްޖަކު އޭނަގެ ބޮލުގައި ނާޅުވަނީސް އަމިއްލައަށް ކޮންމެވެސް ކަމަކާއި އުޅެންވެއްޖެއެވެ. ލޯބިނުވިޔަސް ބޭނުންވާ ސިފަތަކެއް ހުރި މީހެއްވެއްޖެއްޔާ އެންމެ ރަގަޅެވެ.

ޝަރުތުތައް މާ ގިނައެއްނޫނެވެ. އޭނަގެ ބައިވެރިޔާގެ އުމުރާއިމެދު އޭނަގެ މާބޮޑު ފަރުވާލެއްނެތެވެ. ނަމަވެސް ތިރީހަށްވުރެ ދަށްވެގެން ނުވާނެއެވެ. ރީތި އަންހެނަކަށް ނުވިޔަސް އެންމެރަގަޅެވެ. އޭނަގެ ކުދިންނަށް ރަގަޅު ދޮންމަންމައަކަށް ވާންޖެހޭނެއެވެ. އޭނަގެ މައިންބަފައިންނަށް ކަމޭހިތާ އާއިލާއާއި ގުޅިގެން އުޅޭ މީހަކަށްވާންވާނެއެވެ.

ޖެހިގެން އައިދުވަހު ރޯޒްމެހެލްގެ ފަތާފެންގަޑު ސާފުކޮށް ބޭނުންކުރެވޭގޮތް ހެދުމުން މާއިޒްއާއި އަޒަލް އުޅުނީ މުޅިންހެންވެސް ގޭގެ ފަހަތުގައިވާ ޕޫލްގައެވެ. ހައިކަލް ފޮތްކިޔާ ބައިގާ އިންނައިރު އެދެބެން ޖަހާހާ ސަކަރާތެއް ހައިކަލްއަށް ފެނުނެވެ. އެކަން އެނގުމުން މާއިޒް ވަރަށް ރަކިވިއެވެ. ބައްޕަ އޭނައާއި ދޭތެރޭގައި ދެކޭނީ ކިހިނެއްބާވައެވެ. އޭނަ ފަހުން އުޅުނީ ވިސްނައިގެންނެވެ.

އިމަޖެންސީއަކަށް ހޮސްޕިޓަލަށް ދާން ހައިކަލްއަށް ޖެހުނެވެ. އަބުދުލްއަޒީޒުގެ ދެމަފިރިންވެސް އުޅުނީ ގެއިން ބޭރުގައެވެ. މައުމޫނާވެސް އެކުވެރިއަކާއިއެއްކޮށް ބޭރުގައި ވުމުން ގެއޮތީ ފަޅުވެފައި ކަހަލަގޮތަކަށެވެ. މާއިޒް އަޒަލްއަށް ގުޅަގުޅާ ފޯނު ނުނެގުމުން ޖިމަށްގޮސް މިއުޒިކް އަޑުގަދަކޮށް ޖައްސާލިއެވެ. ޖިމްގައި ވަގުތުތައް ހޭދަކޮށް ނިމުނުއިރު އެ ފުޅާ ހަށިގަނޑުގައި ދާތިކިތައް ވިދައެވެ. އިސްކޮޅުން ދިގުވެފައި ބާމަތި ފުޅާކަމާއިއެކު ކަސްރަތީ ހަށިގަނޑެއްލިބިފާ ވުމުން ގަވައިދުން ޖިމަށް ދާ ޒުވާނެއްކަން ހާމަކޮށްދެއެވެ. ކަސްރަތުކޮށް ނިމިގެން މިއުޒިކް ނިވާލުމުން ގޭތެރެއަށް ފެތުރުނީ މަރު ފަދަ ހިމޭންކަމެކެވެ. މާއިޒް ފިނިފެންފުޅިއެއް ހިފައިގެން ގޮސް ކޮރިޑޯއިން ނުކުތްގޮތަށް މޫނަށް ފިނިފެންތައް އަޅާލުމުން އެ ޓޭންވެފައިވާ މޫނުގައި ފެންތިކިތައް މުތީތަކެއްގެ ސިފައިގާ ފެންނާން ހުއްޓެވެ.

ނުދަންނަ ނަމްބަރަކުން ގުޅުމުން ފޯނު ނަގާފައި މާއިޒްގެ މޫނުމަތި އަލިވެގެން ދިޔަގޮތުން ކިހާ ޚާއްސަމީހެއްކަން އެނގުނެވެ. ފޯނުގައި ހުރެ ގޭގެ ފަހަތު ފެންޑާއިން ނުކުމެގެން ހިނގައިގަތީ ވައިވެސް ޖައްސާލުމަށެވެ. އެވަގުތު ނަޒަރު ހުއްޓުނީ ޕޫލާއި ދިމާލުން އެއްފަރާތެއްގައި ފެހި ވިނަގަނޑުމަތީގައި އަޒަލް އުއްޑުން އޮތްތަނެވެ. ދެއަތާއި ދެފައި ދަމާލައިގެން އެހެން އޮތްއިރު ކޮކާ އަލި އެމޫނަށް އެޅި ދިއްލިފައިވެއެވެ. އޭނައަށް ކުއްލި ސިހުމެއްލިބިފައި އެދިމާލަށް ދުއްވައިގަނެވުނެވެ. އަޒަލް ބަލިވީބާވައެވެ. އަޒަލްގެ ނަމުން ދެތިންފަހަރު ގޮވާލާފައި ވިންދުވެސް ބަލާލެވިއްޖެއެވެ. ވިންދު ތަންކޮޅެއް އަވަހެވެ. އޭނަގެ އަތުގައި އޮތް ފެންފުޅިން އަޒަލްގެ މޫނުގައި ހާކަންފެށުމުން ކުއްލިއަކަށް ފުންމައިގެން ތެދުވެފާ މާއިޒްގެ މޫނަށް ބަލަންއިނީ ނިދިން ހޭލެވުނުފަދަ ގޮތަކަށެވެ. މާއިޒްއަކަށް އެވަގުތު އެއްވެސް އެއްޗެއް ވިސްނައިގަންނާކަށްވެސް ނޭގުނެވެ. އެތާއޮވެ އަޒަލް ނިދިގަނޑެއް ޖަހައިލީހެއްޔެވެ؟ ނޫނީ ބަލިވީބާވައެވެ. ހޫނުގަދަކަމުން އަނބުރައިގަތީކަމަށްވެސް ވެދާނެއެވެ. މާއިޒް އަޒަލްގެ ކޮލުގައި މަޑުމަޑުން ޖަހައިލުމުންވެސް އަޒަލްއިނީ ބީރައްޓެހި އަދި ބިރުވެރި ނަޒަރަކުން ބަލާށެވެ.

"އޯ ގޯޑް. ޒެލް. އާރ ޔޫ އޯކޭ؟ ވާހަކަދައްކަބަލަ. ކޮންމެވެސް އެއްޗެކޭ ބުނެބަލަ....." މާއިޒް އޭރުވެސް އިނީ ކުޑަކަކޫ ޖަހާލައިގެން ގުދުވެލައިގެންނެވެ.

"ތިއީ ކާކުތަ؟ " އަޒަލް އަށް އޭނަ ނުވެސް އެނގުނުކަހަލައެވެ.

"މިއީ މާޒް. ދޮންބެ. ސީރިޔަސްކޮށް ނޭގުނުތަ. އެކްޓްކުރަނީދޯ. ޒެލް ތިގޮތަށް ވާހަކަދައްކަނީ ކީއްވެކަން ބުނެދީފާނަންތަ؟ އަހަރެން މިގުޅަނީ ބައްޕައަށް........" މާއިޒް ފޯނު ނެގުމާއިއެކު އަޒަލް ހާސްކަމާއިއެކު މާއިޒްގެ އަތުގައި ހިފެހެއްޓިއެވެ. އޭނަ މާއިޒްގެ އަތުގައި އަޅުވާދިން ކަޅުކުލައިގެ ފަށް ނަޒަރުގައި އަޅައިގަތެވެ. އެވެސް އާޒީންއަށް ރީތިވި ފަށެކެވެ. މާއިޒްގެ ނަން އެނގުމުން އަދި މޫނު ވަކިކުރަން ނޭގުނަސް މާއިޒްއަކީ ކާކުކަން ރަގަޅަށް އޮޅުން ފިލައިފިއެވެ.

"ދޮންބެ. އަހަރެން ސަމާސާކުރީއޭ. ބައްޕަކައިރީ ނުކިޔައްޗޭ ޕްލީޒް، މިތާގައި ޖައްސައިލިތަނާ ނިދުނީ......." އަޒަލް ގަސްތުގައި ދޮގެއް ހަދާލިއެވެ. އޭނައަށްވެފައިވާ ގޮތް އޮޅުވައިލިނަމަވެސް ހިތް އަވަސްވެ ފިނިދަލެއްވެސް ހިއްލާލައިފިއެވެ. ހިތުގައިވަނީ ބިރުވެރިކަމެވެ. އޭނައަށް ބެލްކަންޏާއި ވީ ދިމާލަށް ބަލައިލެވުނީ ހާސްވެފައިވާފަދަ ގޮތަކަށެވެ. އޭނަ ބެލްކަނީގެ ރެއިލިންމައްޗަށް ކޮޅަށް އަރާފައި އުޅުނީ ގަހުގައި އިން މާ ރީތި ދޫންޏެއް ނަގާށެވެ. ކޮންމެވެސް ގޮތަކުން ފައި އަރިއަޅާލިގޮތަށް އޭނަ ވެއްޓުނީ އެދިމާލަށެވެ. ހަޅޭއްވެސް ލަވައިގަނެވުނެވެ. ވިނަގަނޑުމަތީގައި ޖެހުނުގޮތަށް ހޭވެރިކަން މިވީ މާއިޒް މޫނުގައި ފެންހާކަނިކޮށެވެ. މައްސަލައަކީ އަދި އެއީއެއްނޫނެވެ. އޭނަގެ ދެލޯ ސަލާމަތުން ހުއްޓަސް ހުރިހާ ތަނެއް ފެނުނަސް އެއީ މާއިޒްކަން ވަކިކުރާކަށް ނޭގުނެވެ. މާއިޒްކަން ޔަގީންވީ އަތުގައި އޮތް ފަށުންނެވެ. މޫނަށް ބަލާލައިގެން އެއްގޮތަކަށްވެސް ކުރިން މާއިޒް ހުރި ސިފަ ހަނދާނެއްނުވިއެވެ. އޭނަ ބިރުގަންނަން ފެށީ އާއިލާގެ އެއްވެސް މީހަކު ހުރި ސިފަ ހަނދާނަށް ނުގެނެވުމުންނެވެ. މާތްކަލާކޯއެވެ. އަމިއްލަ ސިފަ ހުރިގޮތެއްވެސް ނޭގުނެވެ. ސިކުނޑިއަށް ބާރުލުމުންވެސް ހަނދާނެއްނުވިއެވެ. ނަމަވެސް އެހެން ހުރިހާކަމެއް ހަދާން އެބަހުއްޓެވެ. އެކަނި ނޭގެނީ މީހުންގެ ސިފަތަކެވެ.

މާއިޒް ކައިރީގައި ބުނެފިއްޔާ ހާދަ ވަރަކަށް ހާސްވާނެއެވެ. ބުނެގެން ވަކި ކުރާނީ ކީއްހެއްޔެވެ؟

ނޫނެކެވެ. އޭނަ އެއްވެސް މީހެއްގެ ކައިރީގައި އަދި އެވާހަކައެއް ނުބުނާނެއެވެ. މާއިޒް އަތުގައި ހިފާ ކޮޅަށް ނެގުމުން ކުޑަކޮށް އަނދިރިވިހެން ހީވިއެވެ.

"ޔަގީންތަ އޯކޭކަން؟ ކީއްވެ ފާޑަކަށް ތިހިރީ؟ " މާއިޒް ދެވަނަ ފަހަރަށްވެސް ސުވާލުކުރިއެވެ.

"މާޒް. އައިމް ފައިން. މުޅިން ރަގަޅު. އެބައަންނަން ފެންވަރާލައިގެން...." މާއިޒްއަކީ ޑޮކްޓަރަކަށްވާތީ އޭނައަށް ވެގެން އުޅޭގޮތް އެނގިދާނެކަމުގެ ބިރު ބޮޑުވެ އަވަހަށް އެތަނުން ދާން ގަސްތުކުރިއެވެ. ކޮޓަރިއަށްވަން ގޮތަށް އޭނަގޮސް ލޯގަނޑުން އޭނަ ހުރި ސިފަ ބަލައިލިއެވެ. އަމިއްލަ ނަފުސް ވަކިކުރަންވެސް ނޭގުނެވެ. އެންމެން ފެންނަނީ ބީރައްޓެހިންގެ ގޮތުގައެވެ. ލެޕް ހުޅުވައިގެން އެކި ފޯލްޑަރުތައް ހުޅުވާލައިގެން ބަލަން ފެށުމުން ފެންނަނީ ނުދަންނަ މޫނުތަކެވެ. އަޒަލްގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އޭނައަށް ކޮންމެވެސް ކަމެއްވެއްޖެއެވެ. ބެލްކަނިން ވެއްޓުނުގޮތަށް ސިކުނޑިއަށް ކޮންމެވެސް ގެއްލުމެއްވެއްޖެއެވެ. އޭނައަށް އާއިލާ ކީއްކުރަން އަމިއްލަ ނަފުސް ވަކިކުރާކަށް ނޭގުނެވެ. މިހާރު އަނެއްކާ މާއިޒްގެ ސިފަ ހަނދާނުން ފޮހެވިއްޖެއެވެ. ސިކުނޑިއަށް ބާރުލާން ފެށީމަވެސް އެއްވެސް މީހަކު ހަދާނެއްނެތެވެ.

އަޒަލް ބާލީހުގައި ބައްދައިގަތްގޮތަށް މޫނު ފޮރުވައިލިއިރު ރޮވެމުންދިޔައެވެ. ކުއްލިއަކަށް އޭނަގެ އުފާވެރިކަމާއި ހަމަޖެހުމެއް މިފޭރިގަނެވުނީ ހާދަ ނުބައިގޮތަކަށެވެ. ހިތަށްވެސް ނާރާފަދަ ނުރައްކާތެރިކަމެއްވެއްޖެއެވެ.

"އަޒަލް. ގޮސް ބައްޕަ ކައިރީ ބުނަންވީނު ހެޑް އިންޖަރީއެއް ވީ ވާހަކަ. ބައްޕައަކީ ނިއުރޯސާޖަންއެއް. ބައްޕައަށް އެނގޭނެ ސިކުނޑިއަށް ގެއްލުމެއްވިޔަސް. ސާޖަރީއެއް ހަދަން ޖެހުނަސް ބައްޕަ އެހާ މޮޅުވާނެ. އެޓްލީސްޓް ސީޓީ ސްކޭނެއް ހައްދައިގެން އަނިޔާތައް ދެނެގަނެވިދާނެ. ފޮރުވައިގެން ހުންނަން ހަދައިގެން ލިބިފައިވާ ގެއްލުން އިތުރަށް ބޮޑުވުން ނޫންކަމެއް ނުވާނެ. އިންޓަނަލް ބްލީޑިންވަނީ ނޫންބާ. މިހެން ހުރެފާ ކުއްލިއަކަށް ޝޮކަކަށްގޮސްގެން މަރުވެގެން ވެއްޓޭނީ ކަންނޭގޭ. މާޒްކައިރީ ހުރިހާ ވާހަކައެއް ކިޔައިދޭންވީ. އެކަމަކު. ނޫން އެހެން ހެދޭކަށް ނެތް. ބުނާވަގުތުން ފެށިގެން މާޒް ހަދާނެގޮތް މިހާރުވެސް ލޮލަށް ފެނޭ. ވަގުތުން ބައްޕައަށް ގުޅާނެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އިންޖެކްޝަންތައް ޖަހާ ނައިޓްމެއަރއަކަށްވާނީ. މަރުވިޔަސް މާ ހިތަށް ފަސޭހަ. ނުކެރޭނެ. ނުބުނެ ސިއްރުކުރާނީ. އެކަމަކު. މީހުން ވަކިކުރަންނޭގެންޏާ ދުނިޔޭގައި އުޅޭނީ ކިހިނެއްތަ؟ މިގޮތަށް ދުވަހަކު މީހަކަށް ވީކަމެއްވެސް ނޭގޭ. ވާހަކައަކުން ފިލްމަކުންވެސް ނުދެކެން. މެމޮރީ ލޮސްވާކަމާއި ޑިމެންޝިއާފަދަ ކަންތައް އެނގެނީ........" އަޒަލްގެ ޟަމީރު އޭނައާއި ވާހަކަދެއްކިއެވެ. ހިތް އޭރުވެސް އެންމެ ބާރުބާރަށް ތެޅެމުންދިޔައެވެ. ނޭވާ ކުރުވާގޮތްވެއްޖެއެވެ. ބޮލުގެ ރިހުންވެސް ހައްތަހާ ގަދަވަނީއެވެ. ނޭވާވެސް ނުލެވޭގޮތްވަނީއެވެ. އެތެރެހަށްޓަށާއި ބޮލުގެ އެތަންމިތަނަށް ފިނިވެ އައްސިވާން ފަށައިފިއެވެ. މޫނަށް އަނިދިރިވާނެހެންހީވިއެވެ. އޭނަ މަރުވަނީހެއްޔެވެ؟ ހަތަރެސްފައި ގަނޑުފެންގަނޑެކޭ ތަފާތެއްނެތެވެ. އަޒަލް އަދިވެސް ބާރަށް ބާލީހުގައި ބައްދައިގަތެވެ.

ބައްޕާ. ދޮންބޭ ޕްލީޒް ހެލްޕް މީ. އައިމް ސްކެއާޑް އަޒަލް މޫނުގައި ދެއަތްއެޅިއެވެ. ބައްޕަދެކެ ވަރަށް ލޯބިވޭ އެކަމަކު ބައްޕަގެ ސިފަ ހަނދާނަކަށްނާދޭ. މިވަނީ ކިހިނެއްތަ؟ ހާދަވަރަކަށޭ ބޮލުގައި ރިއްސަނީ؟ ބައްޕަ ކޮންތާކު ތިހިރީ އަޒަލް ހިތާހިތުން ރޮމުން ޝަކުވާކުރަމުން ދިޔައިރު އެސްފިޔަތައް ފޫދުއްވާފައި ކަރުނަތައް އޮހުނެވެ.

އަޒަލްއަށް އެނގެނީ އެންމެ ކަމެކެވެ. އޭނައަށް ދިމާވެގެން އުޅޭކަންތައް ހިއްސާކުރެވޭނީ އާޒީންގެ ކައިރީގައި އެކަނިކަމެވެ. އެކަމަކު އާޒީން ހުންނާނީ ކޮން ސިފައެއްގައި ހެއްޔެވެ؟ އާޒީންއާއި ދިމާވިޔަސް ވަކިކުރަން އެނގޭނެގޮތެއްވެސް ނެތެވެ. އޭނައަށް އެނގެއެވެ. އޭނައާއި އާޒީންގެ މިޒާޖު އުޑާއި ބިމާހާ ތަފާތުވިޔަސް ސިފަ އެއްގޮތެވެ. އާއިލާމީހުންނަށްވެސް އެދެބެން ވަކިކުރާކަށް ނޭގެއެވެ. އެހާ ވައްތަރެވެ. ކުދި ބުޅި ލާފައި އޮންނަ ދިގު އިސްތަށިގަނޑާއި ހިތުގެ ބައްޓަމަށްވާ މޫނެވެ. ދޮންކަމުން ޖަންބުކުލަ އަރާވަރުވެޔޭ އެންމެން ކިޔާނެއެވެ. އެކަމަކު ދޮންމީހުންނާއި ބުޅި އިސްތަށިގަނޑުލާފައި ތިބޭމީހުންވެސް ހާދަ ގިނަވާނެއެވެ. އާޒީން ވަކިކުރާނީ ކިހިނެއްހެއްޔެވެ؟ އަޒަލް ވިސްނާލުމުން އަމިއްލަ މޮޔަކަމާއިމެދު ހިނިއައެވެ. މިގޭތެރޭގައި އާޒީން ނޫންމީހަކު ނޫޅޭނެތާއެވެ. އެކޮޓަރިއަށް އާޒީން ނޫން މީހަކު މިގަޑީގައި ވަންނާނެހެން ހިޔެއްނުވެއެވެ. މޫނު ދޮވެލާ ހަދައިގެން އެކޮޓަރިއަށްގޮސް ޓަކިދިނުމުން އާޒީން ނުކުތުމުން އޭނަ ފާހަގަކުރީ އާޒީންގެ ރީތި އިސްތަށިގަނޑެވެ. ބައެއްދިމާލުން ހައިލައިޓްކޮށްފައިވާފަދައިން މުށިކުލަވެސް އަރައެވެ. އާޒީންއާއި މިވާހަކަ ހިއްސާކުރަންވެސް ހިތް ދެކޮޅުވެ. އެ ޖަޒުބާތީ ކުއްޖާ ރޮއިގެން އެންމެނަށް މި ސިއްރު ބޭޒާރުކޮށްލާނެއެވެ.

"އާޒްތަ. " އަޒަލް އޮޅުން ފިލުވަންވެގެން ސުވާލުކުރިއެވެ.

"ނޫނޭ އެސިފަ ޖެހިގެން ހުރި ހަންޑިއެއް...." އަޒަލް ސަމާސާކުރަނީކަމުގައި ހީކޮށް އާޒީންވެސް އެއްބައިވެލިއެވެ.

"މިކޮޓަރީގައި އޮވެލަން މިއައީ..." އަޒަލްހުރީ ކިރިޔާ ނުރޮވިއެވެ.

"ޒެލް. އާޔޫ އޯކޭ؟ " އާޒީން ހާސްވާގޮތްވިއެވެ.

"ނޫނޭ. އޯކޭއެއްނޫން. ނުބައި ހުވަފެނެއްފެނުނީ....." އަޒަލް އެނދަށް ވެއްޓިގެންފާ ބާލީހުން މޫނު ފޮރުވުމުން އާޒީން އިތުރު ސުވާލެއްނުކޮށް އަޒަލް ނިދާލަން ފުރުސަތުދިނެވެ.

ހައިކަލް ރެސްޓޯރެންޓަށް ވަނުމުން އެތައް ލޮލެއް އޭނައަށް ހުއްޓުނެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑާއިއެކު ތުނިކޮށް ބަހައްޓާފައިހުރި ތުނބުޅިމަތިމަހުގެ ސަބަބުން ފިރިހެންވަންތަވެފައި ސީރިޔަސްކަމެއް ހުއްޓެވެ. ޝަޚުސިއްޔަތު ވަރުގަދަކަމުން އެންމެނަށްވެސް އޭނަ ފެނުމުން އަސަރުކުރުވާފަދަ ގޮތެކެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވާކަން އެނގޭހެނެއްވެސް ހިޔެއްނުވެއެވެ. އޭނަ އައީ ފޯނެއްގައި ހުރެއެވެ. ހޯދަން އައިމީހާ ފާހަގަވުމުން ހައިކަލް އެދިމާލަށް މިސްރާބުޖެހިއެވެ. އެއްކަނެއްގައި ހުރި މޭޒުގައި އިން މީހާ ތެދުވެ އަދަބުވެރިކަމާއިއެކު ސަލާމްކޮށްލާފައި ވާހަކަދައްކަންފެށިއެވެ.

"އަޅުގަނޑަކީ އަލީ އިސްމާއީލް.....ތިބޭފުޅާއާއި ބައްދަލުވެވުނީތީ ހިތަށް ހަމަޖެހުމެއްލިބިއްޖެ........" އިސްމާއީލްގެ ކުޑަ ދެލޮލުގައިވެސް ބެބުޅުމެއްހުއްޓެވެ. އުމުރުން ދުވަސްވެ އިސްތަށިގަނޑު އެއްކޮށް ނުރަވެފައި ހުއްޓަސް ބަލާބެލުމަށް އޭނަގެ ސިއްހަތު ރަގަޅެވެ.

"ހައިކަލް ކިޔައިފިއްޔާ އުފާވާނީ. އަހަންނަކީވެސް އިސްމާއީލްބެ ފަދައިން އިންސާނެއް. އުމުރުން ތިމާއަށްވުރެ ދޮށީމީހުންނަށް އިހުތިރާމްކުރަންވެސް އޮވޭ. ވީއިރު ތިގޮތަށް ވާހަކަދައްކައިގެން ލަދުނުގަންނަވާ. ކޯންޗެއްތޯ އިސްމާއިލް ބެއަށް ގެންނާނީ؟ " ވޭޓަރު އަރާހަމަވުމުން ހައިކަލް އެހިއެވެ. އޭނަ ބޭނުންވީ އެކަނި ކޮފީއެކެވެ. އިސްމާއިލް ބުނީ ސައިތަށްޓެއްކަމުގައެވެ. ނަމަވެސް ހައިކަލް ދޫނުކޮށްގެން ކާ އެއްޗެއް ގެންނަންވެސް އެއްބަސްވިއެވެ. ހޮޓާތަތަކުގައި ތިބޭ އެއްޗެހި ނޭގޭކަމުގައި ބުނުމުން ހައިކަލް އިސްމާއިލްއަށް ކަމުދާނެހެން ހީވާ އެއްޗަކަށް އޯޑަރުކުރުމަށްފަހު ދެމީހުން އެކީގައި ކެއެވެ. ހައިކަލް އެދުމުގެ މަތިން އިސްމާއިލްވެސް އިނީ އޭނަގެ ވާހަކަ ހުށަހެޅުން ފަސްކޮށްލައިގެންނެވެ. އެހާވެސް އެތާތެރޭގައި މީހުން އެރޭ ގިނައެވެ. އެފަދަ ސިއްރުވާހަކައެއް ދައްކަން އެންމެ އެކަށީގެންވާތަނެއްގެ ގޮތުގައި އެތަން ނުފެނުނީއެވެ.

ކައިގެން ބިލް ދައްކާފައި ކުރިން ނުކުތީވެސް ހައިކަލްއެވެ. އޭނަ ކާރުގައި އިންތިޒާރުގައި އިންދާ އިސްމާއިލް ފެނުމުން ބިއްލޫރި ތިރިކޮށްލާފައި ކާރުގެ ކުރީ ސީޓަށް އަންނަން ދައުވަތުދިނެވެ. އިސްމާއިލްބެ ކާރަށް އަރާފައި އިނީ ލަދުގެންފާ ކަހަލަގޮތަކަށެވެ. އެހާ ބޮޑުކަމަކު އެދެންވުމުން އޭނަގެ ހިތް ފިނިވެފައިވަނީ ދުވަހަކު ނުވާވަރަށެވެ. އަންހެންދަރިއެއްގެ ބައްޕައަކަށްވެފައި ފިރިހެނަކަށް ސަލާމްޖެހުމަކީ އަދަބީގޮތުން ރީތިކަމަކަށް ނުވިޔަސް މިއަދު އޭނައަށް އެކަން ވާޖިބަކަށްވެއްޖެއެވެ.

އިސްމާއީލްބެ އޭނަގެ ހަޔާތުގެ ވާހަކަ ކުރުގޮތަކަށް ކިޔައިދިނެވެ. ނުކުރާ ކުށެއްގައި ބެދި އޭނަ ރާއްޖެތެރެއަށް އަރުވާލުމުން އުޅެން ފަސޭހައަކަށް ދެވަނަ އަންބެއް ހޯދިއެވެ. އަންހެންދަރިއަކުވެސް ލިބުނެވެ. ދާދިފަހުން އެކުއްޖާގެ މަންމަ ނިޔާވުމުން ދަރިފުޅު ގެންނަންމިޖެހުނީ ފުރަތަމަ އަނބިމީހާ ގާތަށެވެ. އޭނަގެ އަންހެނުންގެ ޒީލަގަދަކަމައި ރުންކުރުކަން އަދި ފިރިހެންދަރިންގެ ގޯނާތަކުގެ ސަބަބުން އެގޭގައި އެންމެހިދުކޮޅަކަށް އުޅުންވެސް ވަނީ އަޒާބަކަށެވެ. އެއީ ދީނީ ރަގަޅު އަންހެންކުއްޖެކެވެ. މޫނުބުރުގާ އަޅާފައި ހުންނަ ކުއްޖަކަށްވުމުން އަދި ވަކިންބޮޑަށް އެއްބަފާކުދިންގެ އުދަގޫތަކާއި ޖެއްސުންތައް ބޮޑެވެ.

"އަޅުގަނޑު ތިބޭފުޅާ އެދުނުކަންތައް ކޮށްދިނުމަށްފަހު އެންމެ ބައިލާރިވެސް ނުހޯދީ އިންސާނީ ޚިދުމަތެއްކަމުގައި އަޅުގަނޑުދެކުނީތީ. މިއަދު އަޅުގަނޑުމިވަނީ އެފަދަ އެހީތެރިކަމަކަށް ބޭނުންވެފާ. ތިބޭފުޅާ އަޅުގަނޑަށް ދުވަހަކު ކަމެއްކޮށްދެންޏާ އެކުއްޖާ އަންބެއްގެ ގޮތުގައި ތިގެއަށް ގެންގޮސްދެއްވާ. ހެޔޮ ހަތަރުވަނަ އަނބީގެ މަގާމު ދިނަސް. އަޅުގަޑު އެހާވެސް އިތުބާރުކުރަން. އެކުއްޖާއަށް ރަގަޅު ދިރިއުޅުމެއް ލިބިއްޖެއްޔާ މިވަގުތު ދުނިޔެ ދޫކޮށްފައި ދާން ޖެހުނަސް އަޅުގަނޑަށް ހެޔޮ. އޭރުން ފިކުރުބޮޑުވެ ނުނިދިގެން އުޅޭކަށް ނުޖެހޭނެ. އަޅުގަނޑު މި ކައިވެންޏަށް ޝަރުތުތައް ނުކުރީ ޝަތުރުތައްކޮށްގެން އެކައިވެނި ސައްހަ ނުވާނެތީ. މިސާލަކަށް އަޅުގަނޑު ބުނީ އެކުއްޖާ އަންބެއްގެ ގޮތުގައި ރައްކާތެރިކަން ދީފައި އޭނަ ބޭނުން މީހަކު ފެނުނު ދުވަހަކުން އިނދެގެން ހިގައިދާނެއޭ. ކޮލެޖަށް ފޮނުވައިގެން ކިޔަވާދޭށޭ. އެގޮތަށް ބުނެފިއްޔާ ކައިވެނި ސައްހަ ނުވާނެ ދެއްތޯ........" އިސްމާއީލްގެ ދެލޮލުން ކަރުނަ އޮހިގެންފިއެވެ. ހައިކަލް އިނީ ބަސްހުއްޓިފައެވެ. ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ނަމަވެސް އިސްމާއީލްގެ ވާހަކަ ހުރިގޮތުން މޮޔައަކަށްވެސް އޭނަ އެބުނާ އެއްޗެއްވިސްނޭނެއެވެ. އިސްމާއިލް ހައިކަލްއާއި އޭނަގެ ދަރިފުޅު ދެވަން ބޭނުމީ އެކަނި ރައްކާތެރި ވެށްޓެއް ހޯދަދިނުމުގެ ބޭނުމުގައެވެ. ތައުލީމު ހޯދަދިނުމަށެވެ. ނަމަވެސް ކައިވެންޏަކީ ކުޅޭ ކުޅިވަރެއްހެއްޔެވެ؟ ޝަރުތުތަކަކަށްޓަކާ ކުރުން ހުއްދަނުވަނީވެސް އެސަބަބާއި ހުރެއެވެ. ނަމަވެސް ހަގީގަތަކުން ލޯ މަރައެއްނުލެވޭނެއެވެ. އޭނަގެ ދިރިއުޅުން ވެފައިވަނީ އެހެން މީހުން ބައްޓަންކުރާ އެއްޗެއްގެ ގޮތުގައެވެ. ކުޅިވަރަކަށެވެ. މި ކުޅިގަނޑުގައި ބައިވެރިވިޔަސް އިތުރު ގެއްލުމެއްވާނެހެން ހިޔެއްނުވެއެވެ. އޭނަގެ ދިރިއުޅުމެކޭ މަންޒިލެއް ނެތް އޮޔާދާ އުޅަދެކޭ ހުރި ތަފާތެއްނެތެވެ.

އެންމެރަގަޅެވެ. އޭނަގެ ދައްތަމެން ކުރާ މަޖުބޫރީތަކަށް ނިމުމެއް ގެންނާން މިކައިވެނި ކޮށްލާނީއެވެ. ވާގޮތް އެނގިދާނެތާއެވެ. މޫނު ބުރުގާ އަޅާ އަންހެންކުއްޖެއް ގެނައުމުން އާއިލާ މީހުން ވަގުތުން އެކަމާއި ދެކޮޅަށް ތެދުވާނެއެވެ. އާއިލާމީހުންގެ ޚިޔާލާއި އެމީހުންގެ ވިސްނުން ގެންގުޅޭގޮތުން އެފަދަ އަންހެންކުއްޖަކަށް މަރުހަބާ ނުކިޔާނެކަމީ ފެންނަން ހުރި އިރުފަދައިން ޔަގީންވާކަމެކެވެ. އެކަމަކު ދައްތަމެންވެސް މިފަހަރު އެދެނީ އޭނަގެ އަމިއްލައަށް ބައިވެރިޔަކު ޚިޔާރުކުރުމެވެ. ވީއިރު ދައްކާންވީ ކޮން ބަހަނާއެއްހެއްޔެވެ؟ ކޮންމެ ފަދަ ގޮތަކަށް ކައިވެނިކުރި ކަމުގައި ވިޔަސް މީހަކާއި އިނުމުގެ ކުރިން އެއީ ކޮން އުމުރެއްގެ ކޮން ސިފައެއްގެ މީހެއްކަން އެނގުން މުހިއްމެވެ.

"ތިބުނާ ދަރިފުޅުގެ އުމުރުން ކިހާވަރެއްތަ އިސްމާއިލް ބޭ..." ހައިކަލް ފުންނޭވައެއް ދޫކޮށްލިއެވެ.

"ތިރީހަކަށް އަހަރު...." އިސްމާއީލް ވިސްނާލާފައި ގަސްތުގައި ދޮގެއްހެދީ އުމުރު އެނގިއްޖެއްޔާ ހައިކަލް ހަދާނެގޮތެއް ނޭގޭތީއެވެ. އަދި ކިރިޔާ ސްކޫލް ނިންމައިލި ކުއްޖެކޭ ބުނެފިއްޔާ ހައިކަލް ވަގުތުން އިންކާރުކޮށްފާނެއެވެ. އަދި އެކަން ޔަގީންކޮށްދޭން ވޮލެޓުން ފޮޓޯއެއް ނަގާފައިވެސް ދައްކާލައިފިއެވެ. އެފޮޓޯގައި ހުރި އަންހެންކުއްޖާ ވަރަށް އާދައިގެއެވެ. ފެންނަނީ ބަލިކަށިކޮށެވެ. ދެލޯ ވަޅުވަދެ ކަޅުދާއިރާއެއް ހެދި މޫނުގެ ކުލަ ހުދުވެފައެވެ. ހައިކަލް ފޮޓޯއަށް ބަލައިލިއިރު އެމޫނުން ތަފާތު ޝުއޫރެއްނުފެނުނެވެ. ނަމަވެސް މިއީ އޭނަގެ ހަޔާތަށް އައިސްފައިވާ މޮޑެލުންފަދަ އަންހެންކުދިންނާއި ބަލާއިރު ވަރަށް އާދައިގެ އަންހެންކުއްޖެކެވެ. ހުތުރުނޫނަސް ހާލަތުގެ ސަބަބުން ރީތިކަންވަނީ އެއްކޮށް ނެތިގެންގޮސްފައެވެ. ހައިކަލް ދޭނެ ޖަވާބެއްނޭގުމުން އިސްމާއިލް އިނީ ނޭވާލާންވެސް ނުކެރިފައެވެ.

އޭނަގެ މުޅި އާއިލާގެ މުސްތަގުބަލްވެސް ބިނާވުން އޮތީ ހައިކަލްގެ ޖަވާބާއި ގުޅިފައެވެ.

"އަޅުގަނޑަކީ ދުވަހަކުވެސް މީހެއްގެ އެހީތެރިކަމަށް އެދިގެން އައިމީހެއްނޫން. ސަލާންޖެހުމަކީވެސް ލަދުވެތިކަމެއް ކަމަށް ގަބޫލުކުރާމީހެއް. ގިނަދަރިންނެއްގެ ބައްޕައަކަށްވެފާ ވަރަށް ބުރަ މަސައްކަތްކޮށްގެން ދިރިއުޅުން ވޭތުކުރިމީހެއް. މިހާރު ހަށިގަނޑުގައި ނުހުރޭ އެވަރަށް މަސައްކަތްކުރާނެ ބާރެއް. އަންހެނުންނާއި ދަރިންގެ ޚަރަދުތައް ބެލެހެއްޓެނީ ހަމަ ކިރިޔާ. އަޅުގަނޑުގެ ދަރިފުޅަށް މަތީ ތައުލީމް ހާސިލުކޮށްދެވޭނެ މަގެއް ނެތް. ކޮލެޖަށްގޮސްގެން މޮޅު ކުއްޖަކަށްވުމީ އޭނަގެ ހުވަފެން. މިޒަމާނުގައި އެކަހަލަ އަންހެންކުއްޖަކު ފެނުމަކީ ނާދިރުކަމެއް. ހުރިހާ ސުންނަތް ނަމާދުކޮށް އަޅުކަންކުރާ ރަގަޅު ދީންވެރި ކުއްޖެއް. އެކަމަށްޓަކާ މިވަގުތު އަޅުގަޑަށްވަނީ ތިފަދަ މާތް އިންސާނެއްގެ އެހީތެރިކަން ބޭނުންވެފާ. އަޅުގަނޑާއިއެކު އެ ކުޑަ އެޕާޓްމެންޓްގައި ކުޑަދުވަސްކޮޅަކަށް ނަމަވެސް މަޑުކޮށްފިއްޔާ އެކުއްޖާއަށް ރައްކަލެއްނެތް. ކޮންމެފަދަ ދެރަގޮތެއްވެސް މެދުވެރިވެދާނެ. އަޅުގަނޑުގެ ދަރިންގެ ތެރޭގައި ހުރޭ ބޮއިގެން އަބަދު މަސްތުކަންމަތީގައި ހުންނަ ފިރިހެނެއް. އަމިއްލަ ދަރިންގެ ވާހަކަ އެހެން މީހުންގެ ކުރިމަތީގައި ދައްކައި ނޫޅުނަސް ތިބޭފުޅާގެ ކައިރީގައި މިވަރަށް މިދެއްކި ސަބަބަކީ އަޅުގަނޑުގެ މަޖުބޫރީ..." އިސްމާއީލް ލޮލުން ކަރުނަ އޮއްސަމުން އަސަރާއިއެކު ވާހަކަދެއްކިގޮތުން ހައިކަލްއިނީ ދެރަވެފައެވެ.

"ވީއިރު އެހެން އެޕާޓްމެންޓެއް ކުއްޔަށް ހިފާފައި އެތަނުގައި އިސްމާއީލްގެ ބޭގެ ދަރިފުޅަށް ހުރެވޭނެގޮތް ހަދާދީފާނަން...." ހައިކަލް ރަގަޅު ޚިޔާލެއްދިނެވެ.

"އަޅުގަނޑު މިހާރު އަންހެނުން ކައިރީގައި ބުނެފިން ދަރިފުޅު ރަށަށް ފޮނުވާލަނީއޭ. އެކަމަކު ތިބުނާފަދަ ގޮތަކަށް އެޕާޓްމެންޓެއްގައި އެކަނި އަންހެންދަރިއަކު ނުވެސް ބެހެއްޓޭނެ. ކިރިޔާ އެމީހުންނަށް ރޭކާލިޔަސް އަންހެނުންނާއި ދަރިންވެސް އެތަނަށް ބަދަލުވާނެ. އެންމެ ރަގަޅު، ދެން ތިބޭފުޅާ ކައިވެންޏަށް އެއްބަސްނުވަންޏާ އަޅުގަނޑު ކުރާނެކަމެއްނެތް. ފައިސާގެ އެހީއެއް މިފަހަރުވެސް އަޅުގަނޑު ބޭނުމެއްނޫން..." އިސްމާއީލް ކާރުން ފައިބަންވެގެން ދޮރުގެ އަތްގަނޑުގައި ހިފެހެއްޓިއެވެ.

"އެންމެރަގަޅު. މިހިރީ އިސްމާއީލްބޭގެ ދަރިފުޅާއި އިންނަން...." ހައިކަލް މާބޮޑު ވިސްނުމެއްނެތި އެހެންބުނެލުމަށްފަހު އެބަހާއި މެދު ހިތާމަކުރިއެވެ. އިސްމާއީލް އަޑުހަރުކޮށް ހަމްދުކުރުމަށްފަހު ހައިކަލްގެ ގައިގާ ހިފައިގަތެވެ. އޭރު އެދެލޮލުން އޮހެމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އެފަދަ ގޮތަކަށް މީހަކަށް އާއެކޭ ބުނުމަށްފަހު އަނބުރާ ގެނައުމަކީވެސް ރީތިގޮތެއްނޫނެވެ. އިސްމާއީލް ބުނީ އޭނަ އަދި އޭނަގެ އާއިލާގެ ހިޔަނިވެސް ހައިކަލްގެ ހަޔާތަށް ނޭޅޭނެކަމުގައެވެ. ހައިކަލްގެ ފަރާތުން އޭނަ އަގު ހޯދަން ބޭނުމީ އެކަނި ދަރިފުޅުގެ ހައްގުގައި ކަމުގައެވެ. ދަރިފުޅުގެ ހުވަފެންތަކުގައި ކުލަޖެއްސުމަކީ އޭނަގެ ދިރިހުރުމުގެ އެކަނި އުއްމީދުކަމުގައެވެ. އޭނަ އެދުނީ ގެއިން ބޭރަށް ދަރިފުޅު ފޮނުވާއިރު އަދި ކޮލެޖަށް ފޮނުވާއިރުވެސް މޫނުބުރުގާ އެޅުވުމަށެވެ. އިސްމާއީލް އާދޭސްކޮށްފައި ބުނީ މިހާރުއްސުރެ އެކައިވެނި ކުރުމަށެވެ. އޭނައަށް ދަރިފުޅު އެކަނި ބަހައްޓާފައި އެގެއިން ނުކުންނަން ނުކެރޭ ކަމަށާއި ނިދަންވެސް ނުކެރޭކަމަށެވެ. މިހާރުވެސް އޭނަ ހައިކަލްއާއި ބައްދަލުކުރަން އައިސްފާ މިއިނީ ދަރިފުޅު ހޮސްޕިޓަލުގައި ބައިންދާފައި އައިސްކަމުގައި ބުންޏެވެ. އެންމެން ގެ ތެރޭގައި އިނުމުން ފިރިހެނުންގެ ފަރާތުން ގޯނާއެއް ކުރިމަތިނުވާނެކަން ގައިމެވެ. އިސްމާއީލްގެ މަޖުބޫރީ ވިސްނި އޭނަ ދަރިފުޅުދެކެ ވާ މަތިވެރި ލޯބި ވަޒަންކުރެވުނެވެ. އޭނަ ފަދައިންނެވެ. މާއިޒްއާއި އަޒަލް އަދި އާޒީންއަކީ އޭނަގެ ފުރާނައެވެ. ހައިކަލް އިސްމާއީލް ކައިރީގައި އޭނަގެ ކުދިންގެ ޚަބަރުތައް ކިޔާދިނެވެ. އެކުދިންނަށް ހެޔޮއެދޭ ދޮންމަންމައަކަށް އިސްމާއީލްގެ ގެ ދަރިފުޅުވާނެކަމުގެ އުއްމީދުކުރިއެވެ.

އެހުރިހާ ވާހަކަތަކަށްފަހުވެސް ހައިކަލް ވަރަށް ކަންބޮޑުވެފައެވެ. މިފަދަ ޚަބަރެއް އޭނަ މަންމަމެންނާއި ހަމަޔަށް ފޯރުވާނީ ކިހިނެއްހެއްޔެވެ؟ މަންމަމެންނަށް ކުރާނެ އަސަރާއި އެކަމާއި ރުޅިއަންނާނެ މިންވަރު މިހާރުއްސުރެ އަންދާޒާކުރެވިއްޖެއެވެ. މަންމަމެންނަކީ ޚާންދާނީ އިއްޒަތާއި ގަދަރަށް މާވަރަށް ބަލާ ބަޔެކެވެ. ނިކަމެތި އަންހެންކުއްޖަކަށް އެގެއިން ފުރުސަތެއްނުދޭނެއެވެ. އެތައްފަހަރު އިސްމާއީލްއަށް ގުޅާފައި އެބަސް އަނބުރާ ގެންނަންވެސް އޭނަ އުޅުނެވެ. ނަމަވެސް އޭނައަށް އެހާ ބޮޑު އިހުސާންތެރިކަމެއް ވެދީފައިވާ މީހަކަށް އަނިޔާއެއްދޭން ކެރޭނީ ކިހިނެއްހެއްޔެވެ؟ އެންމެ ރަގަޅެވެ. އޭނަގެ އަންހެނުންގެ ގޮތުގައި ހުރެގެން ކިޔަވައިގެން ބޭނުން ފިރިހެނަކާއި ގުޅިގެން އެމީހާ ހިނގައިދާނެ ނޫންހެއްޔެވެ؟ ރޯޒްމެހެލްއިން ޔަގީނުންވެސް އެ އަންހެނާއަށް ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެއެވެ. އިސްމާއީލް އެހާ ގިނައިން ވާހަކަދެއްކިއިރުވެސް އެންމެ ފަހަރަކުވެސް ދަރިފުޅުގެ ނަން ނުބުނާކަމުގައި ހައިކަލްއަށް ފާހަގަވީ އިސްމާއިލް ހޮސްޕިޓަލާއި ހަމަޔަށް ދޫކޮށްލާފައި އައިފަހުންނެވެ.

ހައިކަލް ކާރުގެ ތަޅުދަނޑިއާއިއެކު އެއްއަތްތިލަ ޖީބަށް ޖަހާލިގޮތަށް ގެއަށް ވަންއިރުވެސް މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. ސިކުނޑިވަނީ ހަލަބޮލިވެފައެވެ. ސިޓިންރޫމްގެ ސޯފާގައި ފޮތެއްހިފައިގެން އިނީ އާޒީންކަމުގައި އޭނަ ހީކުރިއެވެ. ދެއަންހެންކުދިންގެ ތެރެއިން މަޑުމައިތިރި އަދި ލަދުވެތިކުއްޖަކީ އެއީއެވެ. އަޒަލް ބަލައިލީ ނުދަންނަ މީހަކަށް ބަލައިލާ އުސޫލުން ކޮންމެވެސް ވަރަކަށް ނުތަނަސްވެފަ ހިންދިރުވާލާފައެވެ.

"އާޒީން؟ " ހައިކަލް ކައިރީގައި އިށީދެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

"ތިއީ ކާކު؟ " އަޒަލްއަށް އަހައިލެވުނެވެ. އެކްޓެއްހެނެއްވެސް ހިޔެއްނުވެއެވެ. ސީރިޔަސް ބީރައްޓެހި ނަޒަރަކެވެ.

"މިއީ ބައްޕައެއްނު...." ހައިކަލް ހައިރާންކަމާއިއެކު އަޒަލްގެ މޫނަށް ރަގަޅަށް ބަލައިލިއިރު އަޒަލްވެސް އިނީ ދެލޯ ބޮޑުކޮށްގެން ބަލާށެވެ. އެދެލޯ ފުރެންފެށީ ކަރުނަތަކުންނެވެ.

"ބައްޕާ. ކީއްވެ ބައްޕައަށް ނޭގުނީ މިއީ އަޒަލްކަން..." އަޒަލް ރޯންފެށުމުން ހައިކަލް އަޒަލްގެ ލޮލުން އަންނަ ކަރުނަތައްފޮހެލަދިނެވެ.

"އާޔޫ އޯކޭ ބޭބީ؟ ކަމެއްވީތަ؟ ކޮންކަމަކާ ތިރޮނީ؟ ތީ ބައްޕަގެ އަޒަލް އުޅޭގޮތެއްވެސް ނޫނެއްނު. މަޑުންއިނީމައެއްނު އާޒީންކަމުގައި ހީކުރެވުނީ. ދުރުން ބަލާލާފައި އޮޅުނަސް ބައްޕައަށް ތިދެކުދިންވެސް ވަކިކުރަން އެނގޭ އެހެން ދުވަހު ބައްޕަ ފެންނައިރަށް ދުވެފާ އައިސް އޮޅުލައިގަންނަ ހަލަބޮލި އަޒަލް މަޑުން އިނީމަ ބައްޕަވެސް އެހާ ހައިރާންވީ. އަޒަލް ބުނެބަލަ. ކިހިނެއްވީތަ؟ މީހަކު އެއްޗެކޭ ބުނީތަ. ބައްޕައަށް އާޒްއާއި ދެކުދިން އޮޅުނީއޭ ކިޔާފައެއް ދަރިފުޅު ތިހެނެއް ނޫޅޭނެ. ނުއެއް ރޯނެ. ކިތައްފަހަރު އަޒަލް މަންމައާއި ބައްޕައަށްވެސް އޮޅުވާލީ. ބައްޕަ ދުވަހަކު ރުޅިއައިންތަ؟ ނޫން. އެހެންވީމަ މިއަދު ތިގޮތަށް ރުއި ސަބަބެއް އަޒަލް ބުނެބަލަ. ކޮންމެވެސް ބޮޑުކަމެއްނުވާނަމަ ބައްޕަގެ އަޒަލް ނުރޯނެ.........އިންޖެކްޝަނެއް ފެނުނީމަ ނޫނީ...... " އެތައް ސުވާލުތަކެއް ކުރަމުން ދިޔައިރު ހައިކަލް އިނީ ދަރިފުޅުގެ އެމިޒާޖާއިމެދު ވަރަށްބޮޑަށް ނުތަނަވަސްވެފައެވެ. އަޒަލްފަދަ އުފާވެރި ހަލަބޮލިކުއްޖަކު މިގޮތަށް ޖަޒުބާތީވާންވީ ކޮންކަމަކާހެއްޔެވެ؟ ހިތަކަށްވެސް ނުގެނެވުނެވެ. އޭރު އަޒަލް އޭނަގެ ބައްޕަގެ އަތުގައި އޮތް އަގުބޮޑު ގަޑިއާއި ކުޅެމުންދިޔައެވެ.

"ބައްޕަ ދުވަހަކު މިގަޑި ނުނަގަން ޕްރޮމިސްކޮށްބަލަ ޕްލީޒް....." އަޒަލް އެދުނެވެ.

"ވަޓް؟ " ހައިކަލް އިތުރަށް ހައިރާންވިއެވެ.

 

ކޮމެންޓް 0