"އަޅުގަނޑު ކުރީ ކޮންކުށެއްކަން އެނގުނީމައެއްނު ރަގަޅުކުރެވޭނީވެސް. ޕްލީޒް އަނިޔާނުކުރޭ..............." ސަލްވާ ތެދުވަމުން ބުނެލިއެވެ. މުށިދެލޯ ކަރުނުން ތެމެމުންދިޔައިރު އެހިތަށް ކޮށްފައިވަނީ ބުނަންނޭގޭފަދަ އަސަރުތަކެވެ. މިމީހުންގެ މުއްސަދިކަމާއި އިއްޒަތްތެރިކަން ބޮޑުކަމުން އޭނަފަދަ ނިކަމެތި އަންހެންކުއްޖަކު ދުވަހަކު ގަބޫލުކުރަން ތައްޔާރަށް ނެތްކަން ޔަގީންވެ ހިތަށް އަސަރުކުރިއެވެ. އެހިތުގައިވަނީ ހައިކަލްއަށްޓަކާ އިހުތިރާމްއާއި ލޯބި އުފެދިފައެވެ. ނަމަވެސް މިހާވަރުން މިގޭގައި އުޅޭނީ ކިހިނެއްހެއްޔެވެ؟ މިއަދުވެސް މިތާ އޮވެ ނިދުނީ ގަސްތުގައެއް ނޫނެވެ. ރޭ ރަގަޅަށް ނިދި ނުލިބުމުގެ ސަބަބުން ފޮތެއް ކިޔަން އިނދެފާ ޖައްސާލެވުނީ މި އަންހެނުންނަށް ފެންނަންކަން ނޭގެއެވެ. އޭނަގެ ސޫރަދެކެވެސް އެމީހުން އެއަންނަނީ ހާދަ ވަރުގަދަ ރުޅިއެކެވެ.

ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވިފައި މެހެރީނާ އެނބުރިބަލައިލިއިރު ސަލްވާގެ ކަރުނުން ފުރިފައިވާ ދެލޯ އެމީހެއްގެ މޫނަށް ހުއްޓުނެވެ. އާޒީންއަށް ސަލްވާގެ މޫނު އަލަށް ފެނުމުން ހުއްޓުންއެރިއެވެ. މޮޑެލްއެއްފަދައެވެ. ނޫނެކެވެ. އެއަށްވުރެވެސް ރީއްޗެވެ. ތަފާތު ރީތިކަމެކެވެ. މޫނު ވިދާވަރުވެސް ފާހަގަކުރެވުނެވެ. ދޮންމޫނުން މުށި ދެލޯ ފެންނައިރު އަންހެންކުދިން ހަސަދަވެރިވާހާ ފުރިހަމައެވެ. އާޒީންގެ ފަހަތުން ކަހަލަ ގޮތަކަށް ފޯނު ކަންފަތުގައި ޖަހާލައިގެން އަންނަ ހައިކަލް ފެނިފައި މެހެރީނާގެ ދެލޯ މުދުނަށް އެރިއެވެ. އޭނަ އެވަގުތު ތެޅިގަތްއިރު މޭގައި އޮތް ހިތް ފުންމާނުލީވެސް ހަމަ ކިރިޔާއެވެ. ބިންމަތީގައި އޮތް ބުރުގާއާއި މޫނު ފޮތިކޮޅު ސަލްވާގެ އަތަށް ދިންގޮތަށް ސަލްވާއަށްވެސް ކިރިޔާ މޫނު ފޮރުވުނުކަމެވެ. ނަމަވެސް އެދެލޮލަށް ބަލާލުމުން ސަލްވާ ރޮނީކަން އެނގުނެވެ. އެދެލޯ ކަރުނައިގެ ބޮޑެތި ތިކިތަކުން ހިސާރަވެފައިވިއެވެ.

"ކިހިނެއް މިވަނީ؟ " ހައިކަލްއަށް އޭނަގެ ކޮއްކޮ މެހެރީނާގެ މޫނަށް ބަލައިލުމާއިއެކު މެހެރީނާގެ ތުންފަތަށް ހިނިތުންވުމެއް ގެނައެވެ. ނަމަވެސް ބޮޑުވައްކަމެއް ކުރަނިކޮށް ފަޅާއެރުމުން އަރާނެ ކުލަވަރު މޫނުގައި ހުއްޓެވެ.

"ސަލްވާ..... ކައްސާލައިގެން ވެއްޓުނީ...މާ ބޮޑުކަމެއްނުވެއޭ ދޮންބޭ....އާ..." މެހެރީނާ ކަރުކެހިލާފައި ބުނެލިއެވެ.

"އެބަ އަންނަން އައިސްޕެކެއް ހިފައިގެން. މިތާ އިށީދެބަލަ ފަހަރި......" މެހެރީނާ ދެއްކުންތެރި ހިނިތުންވުމެއް ވެރިކޮށްލުމަށްފަހު ދާން ހިނގައިގަތެވެ. އާޒީންވެސް އެތާ ނުހުރެ އަވަސްވެގަތީ ކޮޓަރީގެ ހިމާޔަތް ހޯދުމަށެވެ. ސަލްވާގެ ރީތިކަން ފެނިފާ އާޒީންގެ ހިތަށް އެތައް ޝުއޫރުތަކެއް ވެރިވި ނަމަވެސް ބައްޕަ ސަލްވާއަށްވުރެ އެމީހުންދެކެ ލޯބިވާކަމަށް ޔަގީންކުރެވުނެވެ. އެކަމުގެ ސަބަބުން ހަސަދަވެރިކަން ފަނޑުވިއެވެ. ބައްޕަ ސަލްވާއާއި އެހާ އަޅައެއްނުލާކަން އާޒީން ދަނެއެވެ. އެދެމީހުންގެ ދޭތެރޭގައި ގުޅުމެއްވެސް ނޯންނަފަދައެވެ.

ހައިކަލްއާއި ސަލްވާއަށް އެކަނިވެލާނެ ފުރުސަތެއް ލިބުނުއިރުވެސް ސަލްވާ ހުރީ ޖެހިބުދެއްފަދައިންނެވެ.

"ސަލްވާ. ކޮންމެވެސް ކަމެއް ފޮރުވަން އުޅޭހެން ހީވޭ. ކަމެއްއޮތިއްޔާ ބުނެބަލަ. މެހެރު އެއްޗެކޭ ބުނިތަ......." ހައިކަލް އޯގާތެރިކަމާއިއެކު އަހާލައިފިއެވެ.

"ނު..............." ސަލްވާ ނޫނެކޭ ބުނަން އުޅެފައި ހުއްޓައިލިއެވެ. އަޑު ސަކަރާތްވެފައި ހުރުމުން އަދިވެސް ރޮނީކަން ކިތަންމެ ރީއްޗަށްވެސް ހައިކަލްއަށް އޮޅުންފިލިއެވެ. ސަލްވާ އިނީ އަތުގައި ހިފަހައްޓާލައިގެން އިސްޖެހިފައެވެ.

"އާ ޔޫ ހާޓް؟ ލެޓް މީ އެކްޒެމިން ޔޯ ހޭންޑް............ " ހައިކަލްގެ ޖުމްލައިން ސަލްވާ ހާސްވިއެވެ. ހިތްކުރިއަށް ވުރެ ބާރަށް ތެޅިގަތެވެ. އަތުކުރި ދައްކާލުންވެސް ބޮޑުކަމަށްވިއެވެ. ހައިކަލްއަކީ ނިއުރޯސާޖަންއަކަށް ވާހިދު އޭނަގެ އަތަށް ލިބިފައިވާ ގެއްލުން އެނގޭނީ ކިހިނެއްހެއްޔޭ އަހާލަން އުޅެފައިވެސް އެހިތްވަރެއްވެސް ނުކުރެވުނެވެ. އޭނަ އަތުގައި ތަދުވާތަން ދެއްކިއިރު ކޮންމެވެސް ވަރަކަށް ދުޅަކަމެއް ހުއްޓެވެ. ނޫފައިގެންފައިވާކަހަލަގޮތަކަށް އަތުކުރީގެ ވަށައިގެން ތަންގަނޑެއް ހުއްޓެވެ. ހައިކަލް އެއަތުގައި މަޑުމަޑުން ހިފަހައްޓާލާފައި ގޮތްގޮތަށް ބަލާހެދިއިރު ސަލްވާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކަންބޮޑުވެގެންގޮސް އަތް ދަމައިގަނެވެން އުޅުމުން ހައިކަލް ދޫކޮށެއްނުލިއެވެ. އެނާޒުކް އަތްތިލަ ހައިކަލްގެ ބޮޑު އަތްތިލައިގެ ތެރެއަށް ލެވުނު ވަގުތު އެކުރެވުނީ ތަފާތު އިހުސާސްތަކެވެ. ފުރަތަމަ ފަހަރަށް ފިރިހެނަކު އެހާ ކައިރިވި ފަހަރެވެ. ސަލްވާ އަމިއްލަ ނަފުސަށް އަޑުލިއެވެ. މިއީ އޭނަގެ ފިރިމީހާއެވެ. ހިލޭމީހެއްނޫނެވެ. މިގޮތަށް އުޅޭކަށް އޭނަ ނުޖެހޭނެއެވެ. ހިތް ހަމަޔަކަށް އަޅުވާށެވެ. އޭނަ ހެއްދެވިފަރާތުން ވާގި އެދުނެވެ. ހިތްވަރާއި ސާބިތުކަން ދެއްވުން އެދި ދުޢާކުރިއެވެ. އެވަގުތު މެހެރީނާ އައިސްޕެކަކާއިގެން އައިސް އަރާމަހަވެފައި ލިބުނު ސިހުމެއްގެ ބޮޑުކަމުން ފައިދަށުން ބިންގަނޑު ދެމިގަތްހެންވެސް ހީވިއެވެ. ދޮންބެ އެ އަންހެނާގެ އަތުގައި އެގޮތަށް ހިފާލައިގެން ހުރުމުން އޭނަގެ ހިތަށް އެކުރެވުނު ނުބައި އިހުސާސް ދުލަކާއި ހަމަޔަށް ގެންނަން ކުޅަދާނައެއްނޫނެވެ.

"ތެންކިއު މެހެރް........." ހައިކަލް މެހެރީނާގެ މޫނަށް ބަލާލުމެއްނެތި އައިސްޕެކް އަތުލައިގެން ސަލްވާގެ އަތް ބޮނޑިތާން ކުރަންފެށިއެވެ. ހައިކަލް ގަނޑުފެން އަޅާދެމުންދިޔައިރު ފިނިވީ އެކަނި އަތަކަށްނޫނެވެ. މެއަށްވެސް ގަނޑުފެން އެއްޗެއް އޮއްސައިލިހެން ހީވިއެވެ. މެހެރީނާ އެއްލިގެން ކަހަލަގޮތަކަށް މޫނު އަނބުރައިލިއިރު ސަލްވާއަށްވެސް ބަލައިލެވުނީއެވެ. އެދެލޮލުން ސަލްވާ ފިއްސާ އަޅިޔަށް ހަދާލާނެފަދަ ވަގުތުކޮޅެކެވެ. މެހެރީނާގެ ރުޅި މޫނު ފެނިފެނިވެސް ސަލްވާ އެކަމަކަށް އަދިވެސް ނުހޭނެއެވެ. ކޮންމެފަހަރަކު އޭނައަށް ސިހުންލިބި ހިތަށް ބިރުވެރިކަން ވަދެއެވެ. އެމީހުން އޭނަދެކެ އަންނަ ނަފުރަތުގެ ސަބަބުން އެއިންމީހަކު ފެނިލިޔަސް އޭނަގެ ހިތަށް ގޮތްގޮތްވެގަނެއެވެ. މެހެރީނާ ފުރަގަސްދީފައި ދާތަން ފެނުމުން ހައިކަލް ގޮވާލާފައި އެދުނީ އާޒީންއަށް ބޯނެ އެއްޗެއް ގެންގޮސްދިނުމަށެވެ. އޭނައަށް ވަގުތެއްވަންދެން އާޒިންގެ ހާލު ބަލައިލަދޭން އެދުނެވެ. މެހެރީނާއަށް އޭނަގެ ބޭބެގެ އެދުމަކަށް ދެކޮޅު ހަދާ އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

"ސަލްވާ؟ " ހައިކަލް ގޮވައިލިއެވެ.

"ލައްބަ......" ސަލްވާގެ އަޑުމަޑުކަމުން ހައިކަލްއަށް ކިރިޔާ އިވުނުކަމެވެ.

"މްމްމް. އަދިވެސް ރުއި ސަބަބެއް ނުބުނަމެއްނު..." ހައިކަލް ދެވަނަފަހަރަށްވެސް އެކަން އޮޅުން ފިލުވަން އުޅުނެވެ.

"އަތަށް ތަދުވެސް ވީ ވަރުން........." ސަލްވާ ތުންފަތުގައި ދަތްއެޅިއެވެ.

"އަހަރެން ހީކުރީ ވަރަށް ސްޓްރޯންގް އަންހެންކުއްޖެއްކަމަށް. މިއީ އަދި އާދައިގެ ކަމެއްނު. މާ ބޮޑެތި ކަންތައްތަކާއި ދިމާވީމަ ދެން ކެތްކުރާނީ ކިހިނެއް.........." ހައިކަލް ވާހަކަދެއްކިއެވެ. ސަލްވާ ބުނަން ބޭނުންނުވާކަން އެނގި މަޖުބޫރުކުރާކަށް ހައިކަލް ވެސް ނޫޅުނެވެ. ސަލްވާ ލަދުރަކިގޮތަކަށް ހީލަމުން އެސްފިޔަތައް ތިރިކޮށްލުން ފިޔަވާ އެހެން ބަހެއްބުނާކަށް ނުކެރުނެވެ.

"ބެންޑޭޖްކޮށްލީމަ ރަގަޅުވާނެ އިނގޭ. އިޓްސް ޖަސްޓް އެ ސްޕްރެއިން......"ހައިކަލްގެ އޯގާތެރި ހިނިތުންވުން ސަލްވާގެ ހިތުގައި ބީހިލިއެވެ. ހިތަށް ތަފާތު އަސަރުތަކެއްކުރުވިއެވެ. އެމޫނަށް ބަލަހައްޓައިގެން އަބަދަށްޓަކާ މިގޮތަށް އިނދެވޭނެނަމައެވެ.

"އިންޝާﷲ...." ސަލްވާއަށް ބުނެވުނެވެ. ހައިކަލް ޖަވާބެއްދޭން އުޅެނިކޮށް އާޒީން ކޮޓަރީގެ ދޮރުން ބޯދިއްކޮށްލާފައި އޭނަގެ ބައްޕައަށް ގޮވަންފެށިއެވެ. މެހެރީނާ އޭނަގެ ބޮލަށް އެރިގެންނެވެ. އެހެންނޫނަސް ބައްޕަ އެ އަންހެނާއާއި އަޅާލާތަން ފެނުނީމަ އާޒީންވެސް ފޫހިވިއެވެ. މި އަންހެނާ އުޅެނީ އެކުދިންނާއި ބައްޕަ ވަކިކުރުވާށެވެ. އެކުދިންނާއި ވާދަކުރާށެވެ. އެއީ ކުރެވޭނެކަމެއް ނޫނެވެ.

"ސަލްވާ އެއްވެސް ކަމަކަށް ބޭނުންވަންޏާ... ކޯލްމީ އިނގޭ.." ހައިކަލްގެ އެ ޖުމްލައިން ސަލްވާއަށް ހީލެވުނެވެ. ފިރިހެންވަންތަ އަޑެކެވެ. އަބަދު އަހައިލަން ހިތްބޭނުންވާފަދަ ގޮތެއް އެބަހުއްޓެވެ.

ސަލްވާ ކޮޓަރިއަށްވަންގޮތަށް އޭނަ ޑައިރީއާއި އެކު ކަރުދާސްކޮޅެއްނަގައިގެން ލިޔަންފެށިއެވެ. އޭނަގެ ހިތުގެ ހާލަތުބަޔާންކޮށް އޭނަގެ ލޯބިވާ ހަބީބީއަށް ޝަކުވާ ފުންޏެއް އޮއްސާލައިފިއެވެ.

"މިއަދު މިހިގީ ހިތަށްވެސް ނާރާ ފަދަ ހާދިސާއެއް. އެކަމަކު އަންބެއްގެ ގޮތުން މިގެއަށް ގެނައީ ކީއްވެބާވައޭ ހިތަށް އަރައިފި. މިހާ ބޮޑު އަނިޔާދޭއިރު އަޅާވެސް ނުލަމެއްނު. ވައި ޔޫ އާ ޑުއިން ދިސް ޓުމީ. އިޓް ހާޓްސް އެލޮޓް. ދެރަވާވަރު ގަލަމަކުން ބަޔާން ކުރާކަށް ނޭގޭ. އެންމެން އަނިޔާވެރިވިޔަސް އިފް އޮންލީ ޔޫ އާ އޮން މައި ސައިޑް ކެތްކުރެވޭނެކަން ޔަގީން. ތިއީ ހިމާޔަތްދޭ ރައްކާތެރިކޮށްދޭނެ އިންސާނާކަމަށް ހީކުރީ. އެކަމަކު އެހެނެއްވެސް ނުވި. އެންމެފަހަރަކުވެސް ދިފާއުގައި ބަހެއްބުނެލާނެނަމަ. މަގޭ އަންހެނުންނަށް ތިހެން ނަހަދާށޭ ބުނެލާނެނަމަ. އޭރުން ހިތަށް ލިބޭނެ އުފާ އަންދާޒާކުރާކަށްވެސް ނޭގޭނެ. ތިޔަ ހިތުގައި އަހަންނަށްޓަކާ އިހުސާސެއް އުފެދޭނެ ދުވަހަކަށް އިންތިޒާރުކުރާނަން. ދުޢާއަކީ އެފަދަދުވަހެއް ކައިރި މުސްތަގުބަލެއްގައި ދެއްކެވުން. ގޯޑް އިޒް ގްރޭޓް. މާތް ﷲއަށް އިތުބާރުކުރަން. އަނިޔާލިބިފައިވާ މީހުންނާއިއެކު މާތް ﷲ ވާކަން ހަނދާންކުރުމުން ހިތަށް ކިރިޔާވެސް ހަމަޖެހުމެއް މިލިބުނީ. އެހީތެރިއެއްގެ ގޮތުން ވަކި ފަރާތެއްވާކަން އެނގޭތީ ކުރިޔަށްދާން ހިތްވަރު ލިބޭ. މެހެރީން ދައްތައަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުއާކުރަން........" ހިތް ފުރޭވަރަށް ނޯޓް ލިޔުމަށްފަހު ޑައިރީގައި ތަތްކޮށްލާފައި ކަޅު ހިތެއް ކުރަހައިލެވުނެވެ.

ބައިގަޑިއެއްހާއިރުފަހުން ހައިކަލް ބޭރުން އައިއިރު ބެންޑޭޖެއްގެނައެވެ. ސަލްވާގެ އަތް ބެންޑޭޖްކޮށްލަދިންއިރު އުޅެވުނުލެއް ގާތްކަމުން ސަލްވާއިނީ ލަދުން ވިރިވިރިއެވެ. ފޮތިބޮނޑިއަކުން ފޮރުވިގެން އިނުމުން އޭނަގެ އިހުސާސްތައް ހައިކަލްއަސް ފޮރުވިފައިވީއެވެ. ނަމަވެސް ސަލްވާ އެގަންނަ ލަދެއްގެ ސަބަބުން ދިމާކުރާހިތްވެސް ވިއެވެ. ދެން ހައިކަލް އުޅުނީ ސަލްވާގެ ކޮޓަރީގައިވާ ސާމާނުތައް ބަދަލުކުރުމުގެ މަސައްކަތުގައެވެ. އެހެންމީހުން ކިޔާނެ އެއްޗަކަށް އޭނަފަރުވާލެއްނެތެވެ.

ހައިކަލްގެ ކޮޓަރި ފުރަތަމަ ފަހަރަށް ފެނުމުން ސަލްވާ ހުރީ އާޝޯޚުވެފައެވެ. ދީވާނާވާރުގެ ހިތްގައިމު މާސްޓަރ ބެޑްރޫމެކެވެ. ގޭގެ ޝާހީކަމާއި ރީތިކަން ފެނުމުން ނުވާވަރު ވީ އެ އަރާމު ކޮޓަރީގެ ތަނަވަސްކަމާއި ބޮޑުކަންފެނިފައެވެ. ޗާންދަލިޔާތަކާއި ބޮކިތައް އެހާ ރީއްޗެވެ. އެނދުވެސް އަރާމުކަމާއި މަޑުކަމުން ބަލާބެލުމަށްހީވީ ގެނބިގެން ހިނގައިދާނެހެނެވެ. އެނދުގެ ވަށައިގެން ހުދު ސަދުވާ ދެމިފައިވާއިރު ވަރަށް އިޝްގީގޮތެއްވެސް ހުއްޓެވެ. ކުދިކުދި ބާލީސްތަކާއި ކުޝަންތަކާއިއެކު ކުރިމަތީގައި އަޅާފައިވާ ރަގްވެސް މަޑުވެފައި ކެހެރިގަނޑެއްފަދައެވެ. ތަރުތީބުކަމާއި ސާފުތާހިރުކަމުން ހިތް ތައުރީފުކުރިއެވެ. ހައިކަލްއާއިއެކު އެކޮޓަރިއަށް އެޅުނު ފިޔަވަޅާއިއެކު އޭނަ ހާސްވެފައި ހުރިވަރުން ޕެނިކްއެޓޭކެއް ޖެހޭވަރުވިނަމަވެސް އޭނަ ހިތް ހަމަޔަކަށް އެޅުވިއެވެ. މިފަދަ ކޮންމެ ނިއުމަތަކީ ފިލައިގެންދާނެ ކަންތައްކަމާއި އެކަމަށް ގޮސް ހުސްނުވާން ހިތަށް ވިސްނައިދިނެވެ. ލިބޭ ކޮންމެ ނިއުމަތަކަށް އޭނަގެ ހިތް ހަމްދުކުރެއެވެ. ހެއްދެވިފަރާތަށް ޝުކުރުވެރިވެއެވެ.

ހައިކަލްއާއި ސަލްވާ އެކީގައި ކަހަލަގޮތަކަށް ސާމާނު އެކޮޓަރިއަށް ވެއްދުމުގައި އުޅުނުއިރު ދޭތެރެއަކުން އާއިލާގެ ކޮންމެވެސް އެކެއްގެ ލޮލުގައި އެކަން އަޅައިގަނެގެން ސިއްރު ވާހަކަތަކެއްވެސް ދެކެވުނެވެ. ނަމަވެސް ހައިކަލްއާއި ދިމާލަށް އެހެނޭ ކިޔައިގެން ވާހަކަދައްކާނެ ހިތްވަރެއް މެހެރީނާ އަދި ކުދިންނަކަށް ނުލިބުނެވެ. ޒައިތޫން އެޝަކުވާކުރީ އަބުދުލްއަޒީޒުއާއެވެ. އޭނަ އެދިލެއްވީ ހައިކަލްއަށް އިތުބާރުކުރުމަށެވެ. ވިސްނޭ ހަރުދަނާ ޒުވާނެއްކަމުން އޭނަ ގޯހެއް ނަހަދާނެކަމުގައެވެ. ކުރާ ކޮންމެ ކަމަކަށް ފާޑުކިޔަންޏާ ހައިކަލްވެސް ފޫހިވެގެން އަމިއްލަ ގޮތްތައް ޚިޔާރުކޮށްފާނެއެވެ. މިވީހާތަނަށް ހައިކަލްވަނީ އެމީހުންގެ ބަސްއަހާ ފިރިހެންދަރީގެ ގޮތުގައި ހުރެދީފައެވެ.

ސަލްވާގެ އެއްޗެހި ކޮޓަރިއަށް ގެންދިޔުމުގެ ތެރޭގައި ސަލްވާގެ ލެޕްޓޮޕްގެ ބާކަން ހައިކަލްއަށް ފާހަގަކުރެވުނެވެ. ދެބައި ކިރިޔާ ވަކިނުވެ ހުރިކަމެވެ. އެހާލުގައި ލެޕް ގެންގުޅެން އުދަގޫވާނެވަރު ހިތަށް އަރާފައި ހައިކަލް ވިސްނީ އެރޭ ލެޕެއްވެސް ގަނެދިނުމަށެވެ.

ކޮޓަރީގައިވެސް ސަލްވާ އުޅުނީ މޫނު އަޅައިގެންނެވެ. އެހެން އުޅެންވުމުން ސަލްވާއަށް ހާދަ އުދަގޫވާނެއޭ ހިތަށް އަރާފައި މިކުރެވުނީ ރަގަޅުކަމެއްބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ. ހިތަކަށް އުޅެން ވަކިކޮޓަރިއެއްގައި ހުއްޓާ އޭނަގެ އަމިއްލަ ކޮޓަރިއަށް ގެނައުމުން އޭނަގެ މިނިވަންކަމަށްވެސް ހުރަސްއެޅޭނެއެވެ. ނަމަވެސް ދެމީހުން ވަކިން އުޅެވޭކަށްވެސް ދެނެއް ނެތެވެ. އިޝާނަމާދުކޮށް ނިމިގެން ސަލްވާ ކޮޓަރިއަށް އައިއިރު އެނދުމަތީގައި ބޮޑު ޕާރުސަލެއް ހުއްޓެވެ. ހައިކަލް އިނީ އެނދުގައި އިށީދެލައިގެން ފޯނެއްގައެވެ. ސީރިޔަސްކޮށް ވާހަކަދައްކާއިރު ހާދަ ފިރިހެންވަންތަކަމެއް ހުއްޓޭ ސަލްވާގެ ހިތަށް އެރިއެވެ. ދުވަހަކުވެސް ފިރިހެނަކު ފެނިފާ މިފަދަ އެއްޗެހިތައް ހިތަށް އަރާފައެއްނުވެއެވެ. އޭނަގެ ހިތަށް ފާޑުފާޑުގެ އެއްޗެހި އަރަންވީ ކީއްވެހެއްޔެވެ؟ މިހާވަރުން ހިތުގައި އަޅައިގެން އުޅެންވެއްޖެއްޔާ ހައިކަލްއަށް އެސްފީނާވެސް ޖެހިދާނެއެވެ.

"އާދެބަލަ. މިއޮތީ ގިފްޓެއް. ހޯޕް ޔޫ ލައިކް އިޓް. ވަރަށް އަވަސްއަރުވާލާފައި ގެނައިމަ ފަހަރެއްގައި ސަލްވާ އެންމެ ލައިކްނުވާ ބްރޭންޑަކަށްވެސް ވެދާނެ........" ހައިކަލް ކުޑަ ހިނިތުންވުމަކާއިއެކު ތެދުވެއްޖެއެވެ. ގަމީހުގެ އަތުކުރި އޮޅާލާފައިވާއިރު އެރީތި އަތުކުރި ފެންނަން ހުރިއިރު ވަރަށް ފިރިހެންވަންތައެވެ. ސަލްވާ ލަދުން ހުރެ ކައިރިއަށް އައެވެ. އެޕާރުސަލް ކަނޑާލައިގެން ބަލައިލިއިރު ލެޕަކާއި އައި ފޯނެކެވެ. އޭނަ އެންމެ ބޭނުންވާފަދަ ހަދިޔާއެކެވެ. ނަމަވެސް މިހާ އަގުބޮޑު އެއްޗަކަށް އޭނަ ފަހަރެއްގައިވެސް އުއްމީދެއްނުކުރެއެވެ. ފޯނާއި ލެޕް ބާވެފައި ހުރުމުން އޭނައަށްވެސް އުދަގުލެވެ.

"ޖަޒާކަﷲ ޚައިރަން. އަޅުގަނޑަށް ނޭގޭ ޝުކުރުވެރިވާނެގޮތެއްވެސް. މިހާ އަގުބޮޑު އެއްޗަކާއި އަޅުގަނޑާއި އެކަށީގެންވާ ކަމަކަށް ގަބޫލެއްނުކުރަން. އަޅުގަނޑުގެ ލެޕް ވަކިވެފައިވިޔަސް އަނެއްހެން ހަމަ ޔޫޒްކުރެވޭ. ނަމަވެސް.....މި އެއްޗެހި......އަޅުގަނޑު އެކްސެޕްޓްކުރާނީވެސް ކިހިނެއް......ވަރަށް އުދަގޫ......" ސަލްވާގެ އެސްފިޔަތައް ތިރިކޮށްލައިގެން ހުރިއިރު އަތްފައި ފެންކޮޅެހެންވިއެވެ.

"ހަމަޖެހިބަލަ ސަލްވާ. އަހަންނަކީވެސް އާދައިގެ އިންސާނެއް. މަލާއިކަތެއްނޫން. ސަލްވާ ތިހާ ހާސްވެގެން ބިރުން އުޅެންޏާ ބޮޑު ބައްޔަކަށްވެގެން ހިގައިދާނެ. އަހަންނަށް އެހާ ފައިސާލިބިފައި ސަލްވާ އަހަރެންގެ އަންހެނުންގެ މަގާމުގައި ހުރިއްޔާ އެކަށީގެންނުވާންވީ ސަބަބެއްނެތް. އަހަރެން ފެންވަރު ރަގަޅު އެއްޗެހި ގެންގުޅެންޏާ އަހަރެންގެ ވައިފް އާއި ފެމިލީ އެންމެނަށްވެސް ދީގެން އުޅޭނީ. އެއީ ޝުކުރުކުރާވަރުގެ ކަމެއްވެސް ނޫން. ހާދަ ވަރަކަށޭ ސަލްވާ ހާސްވަނީ. ހޫމް ދެން ބުނެބަލަ. ހަބީބު ދޯ ކިޔަނީ. އެއީ ކާކުތަ؟ " ހައިކަލް ކުރި ސުވާލުން ސަލްވާ ސިހިފައި އެ މުށިދެލޮލުން ހައިކަލްއަށް ބަލައިލިއިރު އެދެލޮގެ ވިދުމާއި މައުސޫމްކަން ފުރަތަމަ ފަހަރަށް ހައިކަލް ފާހަގަކުރިއެވެ. ދުވަހަކުވެސް ނުދެކޭފަދަ ރީތިކަމަކާއި ތޫނުފިލިކަމެއް އެލޮލުގައިވިއެވެ. ހައިކަލްގެ ތޫނު ނަޒަރާއި ފަޅިސިކުންތުކޮޅަކަށްވެސް ކުރިމަތިލުމަށް އޭނަގެ ދެލޯ ނުކުޅެދުނެވެ. ލަދުވެތިކަމާއިއެކު ރަކިވީއިރު ހައިކަލްއަށް "ހަބީބީ" ގެނަން ކޮންމެވެސް ގޮތަކުން އެނގިގެން އޭނައާއި ދިމާކޮށް ލަދުގަންނަވައިލަން އުޅެނީކަމުގައިވެސް ހީކުރެވުނެވެ. ދޭނެ ޖަވާބެއްވެސް ނޭގި ރަކި ހުނުމެއް ހުނެވެ.

ހައިކަލްއަށް ނެގުނީ އެހެން މާނައެކެވެ. ސަލްވާގެ ލޯބިވެރިޔެއް ހުރެފައި އެމީހާގެ ނަމަކީ ހަބީބުކަމުގައި ޔަގީންކުރެވި ތަބީއަތަށް ބަދަލެއްއައެވެ. ސަލްވާއާއި ސަމާސާކުރާހިތްވެސް ކެނޑުނެވެ. އޭނަގެ އަނބިމީހާގެ ގޮތުގައި ހުރެ އެހެންމީހަކަށް މެސެޖުކޮށް ގުޅާ ހަދަންޏާ ސަލްވާގެ ދީންވެރި އަންހެންކުއްޖެއްގެ ގޮތުގައި ބަލައިގަންނާކަށް އޭނައަށް ފަސޭހައެއްނޫނެވެ. އޭނަގެ ހަޔާތަށް އަބަދުވެސް އަންނާނީ މިފަދަ އަންހެނުންހެއްޔެވެ؟ ފަނޑު އުއްމީދަކާއިއެކު ހަޔާތް އާބާދުކުރަންވެގެން އެޅި ފުރަތަމަ ފިޔަވަޅުވެސް އެޅުނީ ރަގަޅަކަށްނޫނެވެ. ނުބައި ދިމާލަކަށެވެ. މަންޒިލް ހޯދުން އޭނައަކަށް ފަސޭހަނުވާނެކަން ޔަގީންވެ ފޫހިކަމެއް ހިތަށް ވެރިވިއެވެ.

"ކި....ކިހިނެއް އެނގުނީ. އެއީ އަޅުގަނޑު ފޯނު...." ސަލްވާ އަޅައަޅައިގެންފާ އެއްޗެކޭ ބުނަން މަސައްކަތްކުރިއެވެ. އޭނަ ފޯނުގައި ހައިކަލްގެ ނަން އެގޮތަށް ރައްކާކޮށްފައި އޮތީ އެނަންދެކެ ވާ ލޯބީގެ ސަބަބުންކަމުގައި ބުނަން ބޭނުންވިއެވެ. އަދި އެފަދަ ނަމަކުން ކިޔަން ޖެހުނު ސަބަބަކީ ފެނުނު ހުވަފެނަކުން ހައިކަލްއަށް އެނަމުން މުޚާތަބުކުރެވުނީމަ ކަމުގައި ބުނާކަށް ޔަގީނުންވެސް ނުކެރޭނެއެވެ. ލަދުންގޮސް އޭނަގެ މޫނަށް އެތައް ކުލައެއްވެރިވާނެކަން ސަލްވާއަށް ޔަގީންވިއެވެ. މޫނު ބުރުގާ އަޅައިގެން ހުރެވުނުކަމީ ޝުކުރުކުރާވަރުގެ ކަމެކެވެ.

"ހަމަޖެހިބަލަ. އިޓްސްއޯކޭ. އަހަރެން ނޫޅެން އަދަބެއްދޭކަށް. ސަލްވާ ބޭނުންނަމެއް ބޭނުންމީހަކަށް ކިޔަންވީ. އަހަރެންގެ އެއްވެސް ފަރުވާލެއްނެތް. އަހަންނާއި ބެހޭކަމެއްވެސް ނޫން. އަހަރެން މިއުޅެނީ ބޭރަށްދާން. އެނދުގައި ނިދާލައްޗޭ. އަހަރެން ކައުޗްގައި ނިދާފާނަން......." ހައިކަލްބުނެލިއެވެ.

"އެކަމަކު އަޅުގަނޑު އެނދުގައި ނިދާފައި......." ސަލްވާގެ ވާހަކަ ހައިކަލް މެދުކަނޑުވައިލީ ކޮންމެވެސް ވަރަކަށް ނުރުހިފައިހުރެއެވެ.

"އަހަންނަށް ފެންނަގޮތް މިބުނީ. އަހަންނަށް ސަލްވާގެ ބައްޕަވެފައިވާ އިހުސާންތެރިކަން ދުވަހެއްގެ ކޮޅުންވެސް ހަދާންނައްތައެއް ނުލެވޭނެ. ސަލްވާ އަހަންނާއިއެކު އުޅޭހާ ހިނދަކު އަހަންނަށް ވެވޭނެ އެންމެ ރަގަޅަށް ކަންތައްކޮށްދޭން ހިތާހިތުން ވައުދުވިން. އެހެންވީމަ އިތުރަށް އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން. މިތާގައި ހިގާނީ އަހަރެންގެ އަމުރު. ސަލްވާ އެނދުގައި ނިދާ............" ހައިކަލް ލޯގަނޑު ކައިރީ ހުއްޓި އިސްތަށިގަނޑުގައި އަތްހިންގައިލިއެވެ. ކުޑަކޮށް ސެންޓު ޖަހައިލުމުންވެސް ތަނުގައި ހިފައިލި ލުއިވަހަކީ ހިތްތަކަށް އަރާމުވާފަދަ ވަހެކެވެ. ހައިކަލް ދެން މަޑުކޮށްނުލާ އެތަނުން ނުކުމެގެން ދާން ހިގައިގަތުމުން ސަލްވާއަށްވެސް ވިސްނުނެވެ. ހައިކަލް އެހާ ބޮޑަށް ހިތްހަމަނުޖެހުނީ އޭނަ އެވަރުގެ ކުޑަ އެއްޗެއް ބުނެލުމުން ހެއްޔެވެ؟ ހައިކަލް އެހާވެސް ގޮތްދޫނުކުރާ މީހަކީހެއްޔެވެ؟ ގަޑިއަށް ބަލައިލިއިރު އަށެއްޖަހާ ބޮޑުވެއްޖެއެވެ. އޭނަ އެނދުގައި އިށީންގޮތަށް ވިސްނުމެއްގެ ތެރޭގައި އިންއިރު އަތުގައި މަޑުމަޑުން ފިރުމައިލެވުނެވެ. ހައިކަލްއާއިމެދު ވިސްނުނުވަރަކަށް އެހިތުގައި ކޫރުން އެޅުނެވެ. އޭނަދެކެ ހައިކަލްވެސް ރުޅިއަންނަނީބާވައެވެ. އެންމެން ރުޅިއަޔަސް ކެތްކޮށްފާނެއެވެ. ނަމަވެސް ހައިކަލް ފޫހިވަންޏާ ހައިކަލްގެ އަންބެއްގެ ގޮތުގައި ހުރުމުގެ މާނައެއްވެސް ނެތެވެ. ނޫނެކެވެ. އޭނަ ހެއްދެވިފަރާތަށް އިތުބާރުކުރާނެއެވެ. އޭނައާއި ހައިކަލްގެ ނަން އެކީގައި ލައުހުލް މަހުފޫޒްގައި ލިޔުއްވާފައިވާނީ ކޮންމެވެސް ހިކުމަތަކަށްޓަކައެވެ. އެއީ އޭނަގެ ހަޔާތުގެ ބައިވެރިޔާއެވެ. އަބަދުގެ އަބަދަށްޓަކާ އެގޮތަށްވުމަށް އެދި ދުޢާކުރެވުނެވެ.

ހައިކަލް ބޭރަށް ދިޔުމުގެ ކުރިން އާޒީންގެ ހާލު ބަލައިލަން އެކޮޓަރިއަށް ވަދެލާފައި ދާން ގަސްތުކުރިއެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރުގައި އަތްލާން އުޅުނުވަގުތު އެތައްބަޔަކު ހީގަތްއަޑު އިވުނެވެ. ޚާއްސަކޮށް މެހެރީނާ ކަކަކަކަ އަޅާފައި ހޭއިރު ދުވަހަކު އުފާވެފައިނުވާ މިންވަރަށް އުފާވެފައިވާކަމުގައިވެސް ހީކުރެވުނެވެ. އެތާތިބީ އާއިލާގެ މީހުންކަމުގައި ވުން އެކަށީގެންވެއެވެ. ހުޅުވިފައިވާ ދޮރުން އެތެރެއަށް ބަލައިލިއިރު ލޯ އަމާޒުވީ އޭނަގެ މަންމަގެ މޫނަށެވެ. ދޮންމޫނު ވަކިން އަލިކަމަށް ފެނުނެވެ. ހުރިހާ ބޮކިތަކެއް ދިއްލާލައިގެން މިތާ ޕާޓީއެއް ބާއްވަނީ ލިބިގެން އުޅޭ ކޮން އުފަލަކުންހެއްޔެވެ؟ ބޮޑުދައިތަމެންކަމަށް ވެއްޖެއްޔާ އޭނައާއި ދިމާކުރާނެވަރު ހިތަށް އަރާފައި ހައިކަލް ނުވަދެ ދުރަށް ދާން ހިނގައިގަތެވެ. އޭނައަށް އެތާ އަޒަލްމެންގެ މަންމަ ރައުދާ އިންކަން އެނގުނުނަމަ ތަބީއަތު މުޅިން ޚަރާބުވީސްކަން ޔަގީނެވެ.

އެރޭ ހައިކަލް ގެއަށްއައިގޮތަށް އުޅުނީ އޭނަ ފޮތްކިޔަން އުޅޭ ބައިގައެވެ. އެތާ މަސައްކަތެއް ކުރަން ލެޕްހިފައިގެން އެތައް އިރެއްވާންދެން އިނދެވުނެވެ.

ފަތިހު ފަތިހާ ހައިކަލް ކޮޓަރިއަށްވަން އިރު ސަލްވާ ފެންނާކަށް ނެތެވެ. އޭނައަށް ފުރުސަތުދީފައި ސަލްވާ ދިޔައީ ބާވައެވެ. ނޫނީ މިގަޑީގައި އޭނަ އުޅޭނީ ނަމާދުކުރުމާއި އަޅުކަމުގައި ނަމާދުކޮޓަރީގައި ބާވައޭވެސް ހައިކަލްގެ ހިތަށްއެރިއެވެ. ކޮޓަރިއަށް ވަންއިރު ތަންމަތި އަޅާ ހުރިހާ އެއްޗެއްވަނީ ތަރުތީބުންނެވެ. އެކުއްޖާ އެތާ ނިދަން އޮތްހެނެއްވެސް ހިޔެއްނުވެއެވެ. ކޮފީދެތިން ތަށި ބޯލުމަށްފަހު ނިދިއެއްކޮށް ފިލާ ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ފިލައިފިއެވެ. ނަމަވެސް ސަލްވާއާއި ހަބީބު ދޭތެރެއަކުން އޭނަގެ ހިތަށް އުދަގޫކުރަނީ ކީއްވެބާވައޭ އަމިއްލަ ހިތާއި ސުވާލުކުރެވުނެވެ. އެހަބީބުއަކީ ކާކުކަން އެނގެން ބޭނުންވިއެވެ. އޭނައަށްވުރެ ސަލްވާއަށް ހަބީބު ކަމުދާން ޖެހޭ ސަބަބެއް އެގެންޖެހޭނެއެވެ.

މެހެރީނާ ކާކޮޓަރިއަށްވަންއިރު ސަލްވާ ހުރީ އާވިއަރައަރާ ހުރި ކޮފީއެއް ހަދައިގެން މޭޒުމަތީގައި ބަހައްޓައިގެންނެވެ. ހޫނު ބިސްގަނޑެއް ތަށްޓަކަށް ލާފައި އޮތްއިރު ސެންޑްވިޗެއްވެސް ތައްޔާރުކުރަމުން ދިޔައެވެ. މިއަދު މޫނު ނާޅާ ނުކުމެފައިހުރީ އޭނަގެ ރީތިކަން އިޝްތިހާރުކުރަން ހެއްޔެވެ؟ ރައުދާ އާއި ހައިކަލް ގުޅުވަން އޭނައާއި މަންމަ މަޝްވަރާކޮށް ރައުދާ މިގެއަށް ގެނައިކަން މި ނުލަފާ އަންހެނާއަށް ކޮންމެވެސް ގޮތަކުން އެނގިގެން ހައިކަލްއަށް ތުއިދެއްކެން އުޅެނީއެވެ. ކަޅުބުރުގާގެ ތެރެއިން އެއޮމާން މޫނު ވިދާތަން ފެނުމުން މެހެރީނާގެ ހިތް ހަސަދައިގެ އަލިފާން ރޯވެ އަނދައިގެންގޮސް ސިކުނޑިއާއި ހަމަޔަށް އަސަރުކޮށްފިއެވެ. ހަމަހޭވެރިކަން ގެއްލޭ ހިސާބަށް ދިޔައެވެ. މެހެރީނާ ކައިރިއަށް ޖެހިލާފައި އުޅުނީ އެކްސިޑެންޓަކުން ކަމަށް ހީވާގޮތަށް ކޮފީތަށި ސަލްވާގެ ގަޔަށް ބަންޑުންކުރާށެވެ. ނަމަވެސް ލަނޑުލިބުނީ ޚުދު އޭނައަށެވެ. އޭނަ އަތުން ޖެހުނުއިރަށް ސަލްވާ ސަލާމަތްވާން ހަރަކާތް ކުރެވުނުގޮތުން ތަށި އެއްކޮށް ބަންޑުންވީ މެހެރީނާގެ އަތަށެވެ. ސަލްވާ ހާސްކަމާއިއެކު އަވަހަށް ފެން ބޯތަށްޓެއްގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ.

"ސުބުހާނަﷲ. ގަސްތުގައެއްނޫން. މާފު................" ސަލްވާ ބުނަން އުޅުނު ޖުމްލަ ހުއްޓުނީ މެހެރީނާގެ ސަބަބުންނެވެ. މެހެރީނާ ސަލްވާއާއި ދިމާލަށް ފުންމައިގަތްއިރު ފީކުކުޅެކޭ ތަފާތެއްނެތެވެ. ސަލްވާގެ މޫނުމަތީގައި ދެތިން ބޮނޑިއެޅީ ފުލުފުލުގައެވެ. ބޯތަށިވެސް ސަލްވާއާއި ދިމާލަށް ހޫރާލައިފިއެވެ. ސަލްވާގެ ދޮންމޫނު ރަތްވުމާއިއެކު އެސްފިޔަތައް ތެމިއްޖެއެވެ.

"ކޮންމެފަހަރަކު ތިގޮތަށް އަނިޔާކުރުމުގެ ހައްގެއް ފަހަރިންނަށްވެސް އޮންނަން ޖެހޭނެކަމަށް ގަބޫލެއްނުކުރެވޭ. މިއަދުވެސް އަޅުގަޑުގެ ކުށަކާއި ލައިގެން ހިނގި ހާދިސާއެއްނޫން. އެންމެން ރުޅި އަންނަންޏާ މިގެއިން ގޮސްދާނަން. ނޫނީ ހައިކަލް ސުވާލުކުރީމަ ކޮންމެ ފަހަރަކު ދޮގުހަދާކަށްވެސް ނުކެރޭނެ. ސަބަބު ބުނަން މަޖުބޫރުވާނީ....." ސަލްވާ ތުންފަތުގައި ދަތްއަޅައިލީ ހިތަށް ކޮށްފައިވާ އަސަރަކުންނެވެ. ހައިކަލްވެސް އޭނައާއި އެއްބަޔަށް ހުންނާނެކަމެއް ނޭގެއެވެ. ދެންތިބީ ދޮންދަރިންނެވެ. އެންމެންވެސް އޭނައަށް ނަފްރަތުކުރެއެވެ. އޭނަ މިގެއިން ދާންވީއެވެ. ހައިކަލްއާއި ވަކިވާން ޖެހޭކަން ހިތަށް އަރާފައި މާބޮޑަށް ރޮވެންފެށިއެވެ.

"ބުނަން ކަލޭ އަނގަ މައިތިރިކޮށްގެން ހުރޭ. ނޫނީ އަނގަގަނޑު އިރާލަފާނަން. ކަލެއަށް ފެންވަރު ރަގަޅު ގެއަކަށްވަދެވުނީމަ މީހާ އޮޅިއްޖެ. ކުއްޅަވައްފަލު ރަނިން. ކުއްޅަވައް ކާން ރާއްޖެތެރެއަށް ދޭ. ތިކަހަލަ ކަންޓްރީސައިޑްމީހުން ގެއަށް ވެއްދީމަ މިގެއަށް ސުންޕާކަން ލައިގަނެގެން އެންމެންގެ ހިތުގެ ހަމަޖެހުން ނަގާލައިފި. ދެން މިތަނުން މި ސުންޕާ ހަރުފައިގެ ވިހަކަން ފިލައިގެން ދާނެކަމެއްވެސް ނޭގޭ. ކޮންފަދަ ބޮޑު މުސީބާތެއް. ވީގޮތަކުން މިގެއިން ދަމާ ނެރެން ޖެހިއްޖެ. މިހާރު އަހަރެންގެ އަތް ހަލާކުކޮށްލީ. އަތް އަންދައިލީ. ބަލައްޗޭ. ކަލޭވެސް ފިއްސާލާނަން. މޫނު ނޮޅާލާނަން. ތި ދެލޯވެސް ކޮނެލާނަން. ނޫނީ މިގެއިން ނުކުމެގެންދޭ. ވަލަށް ދަރު ހޮވަންދޭ. ނިކަމެތި ސުންޕާ. ކަލޭ ދޮންބެގެ ބޮލަށް އެރިގެން އުޅޭގޮތަށް އަހަންނަށް ބިރުދައްކާނަމޭ ހިތާ އުޅެނީދޯ ބުނާނަމޭ. ހައިކަލްއޭ ނުކިޔާށޭ ބުނީމަ އަޑުނީވެނީ ބީރީތަ. ހައިކަލްއާއި ދިމާލަށް ތި ދެލޮލުން ބަލައިގެންވެސް ނުވާނެ........................." މެހެރީނާ ސަލްވާ ކޮށްޕާލައިފިއެވެ.

މެހެރީނާގެ ބާރުގަދަކަމާއިމެދުވެސް މީހަކު ހައިރާންނުވާ ވަރެއްނޫނެވެ. އެފަދަ ހަމަލާއަކަށް ހުޝިޔާރުވެގެން ނެތް ސަލްވާ ވިއްސައިގެންގޮސް ޖެހުނީ ދޮރުންވަން މީހެއްގެ ފައިމަތީގައެވެ. އޭނަ މަތަވީވެސް އެމީހެއްގެ ފައިގާޖެހިފައެވެ. ސަލްވާގެ ދެލޮލުން އޮހުނު ކަރުނަތައް އެފައިތިލަ ކޮންމެވެސް ވަރަކަށް ތެންމާލިއެވެ. ބާރުގަދަ ދެއަތުން އޭނަގެ މުލައްދަނޑީގައި ހިފާ ތެދުކޮށްލުމާއިއެކު ބަލައިލެވުނީ އެ ހާލުގައި އޭނަވަނިކޮށް ފެންނަން އެންމެ ނޭދޭ ފަރާތަށެވެ. އޭނަގެ ފިރިމީހާ ހައިކަލްގެ ރީތި ރީތި ދެލޮލަށެވެ. އެތޫނު ދެލޮލުގައި ހައިރާންކަމެއްވިއެވެ.

އެހާ ކައިރިން ސަލްވާގެ އޮމާން ރީތި މޫނު ފެނުމުން ލިބުނު ޝޮކާއިއެކު މިފެންނަނީ ހަގީގަތެއްބާވައޭވެސް ހައިކަލްގެ ހިތަށް އެރިއެވެ. މިއީ ހަމަ ސަލްވާހެއްޔެވެ. އޭނައަށް ފެނުނު ފޮޓޯތަކުގައި އެހުރިފަދަ ސާދާކަމެއް މިކުއްޖާގެ ނެތެވެ. ހާދަހާ ރީއްޗެވެ. މޭކަޕެއްނެތިވެސް ހުރިހާ ރީތި ސިފަތަކުން އެމޫނު ފުރިހަމަވެފައިވިއެވެ. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމެވެ. އެންމެ ފަޅި ސިކުންތުކޮޅަކުންވެސް ހައިކަލް އެކުއްޖާގެ ހުރިހާ ސިފަތައް ފާހަގަކުރިއެވެ. އޭނަގެ އަޒަލްއާއި އާޒީންއަށްވުރެވެސް އުމުރު ހަގުވާނެކަމަށް ލަފާކުރެވުނެވެ. ސަލްވާގެ ބައްޕަ އަކީވެސް ކޮންކަހަލަ އިންސާނެއްހެއްޔެވެ؟ އޭނައަށް ރަގަޅަށްވެސް އޮޅުވާލައިފިއެވެ. މިވަރުގެ ކެއްސެއް އެހެން މީހަކަށް ނުދެވޭނެއެވެ. ދޮގު ހެދުމުގެ ސަބަބަކީވެސް ކޮބާބާވައެވެ.

ސިހުމާއި ބިރުވެރިކަން އަދި ހުރިހާ ހިތާމައެއް ސަލްވާގެ ރީތި ދެލޮލަށް ޖަމާވެފައިވާފަދައެވެ. ފެނުނު ކޮންމެ މީހަކު ސަހަރޯވެ ހަމްދަރުދީވާނެއެވެ. އެ ދެލޯ ފެނި އަދި އެދެލޮލުން އޮހިއޮހި ހުރި ކަރުނަތައް ހައިކަލްގެ ހިތަށް އެތައް އަސަރުތަކެއްކުރުވިކަން ޔަގީނެވެ. ހައިކަލް ސަލްވާގެ މުލައްދަނޑިން ދޫކޮށްލަމުން މެހެރީނާއަށް ސަމާލުކަން ދިނެވެ. ސަލްވާ އެއްފަރާތަކަށް ޖެހުނުއިރު އޭނަ ހުރީ ލަދުން މަރުވާވަރުވެފައެވެ.

"ދޮންބޭ. ސަލްވާ އަޅުގަނޑުގެ އަތަށް ހޫނު ކޮފީ ބަންޑުންކުރީ. އޫ.... މިތަން އެއްކޮށް ފޮޅުނަގާފައި މިއޮތީ......އާހް. އައްދިއްޔޯތް........................." މެހެރީނާ ދެލޮލަށް ގަދަކަމުން ކަރުނަ ގެނެސްގެން ކަރުއެލުވާލަމުން ކިޔާލައިފިއެވެ. އަދި ސިންކު ކައިރިއަށް ޖެހިލާފައި ފެންއިސްކުރަށް ދޫކޮށްލައިފިއެވެ. ސަލްވާއަށް އިތުރަށް މަޑުކުރާކަށް ނުކެރުމުން އަވަސްއަވަހަށް އެތަނުން ނުކުމެގެން އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.

ހައިކަލްއަށް އެހާ ރީއްޗަށް ބޭޒާރުވުމުން މެހެރީނާ ހުރީ ކަންބޮޑުވެ ހަލާކުވާވަރުވެފައެވެ. ހިތްވެސް ތެޅެންފެށީ ވަކިގޮތެއް ބަލާފައެއްނޫނެވެ. ހައިކަލް އޭނަދެކެ ރުޅިއަންނާނެވަރު އޭރު އެހާ ރަގަޅަށް އަންދާޒާކުރެވިފައެއް ނެތެވެ. އެވެސް ހިލޭ މީހެއްގެ ހައްގުގައެވެ. އޭނަ ހީކުރީ ކުޑައިރުއްސުރެ ދޮގުހަދާ އޮޅުވާލައިގެން އޭނަ ހައިކަލްގެ ހިތަށް ސިހުރު ހަދާގޮތަށް މިއަދުވެސް ހަދައިލެވޭނެކަމަށެވެ. އޭނަގެ ކަރުނަތައް ފެނިފައި ހައިކަލްގެ ހިތް މަޑުވާނެކަމުގައެވެ. މެހެރީނާގެ އަތުން ދިލަނަގާ އަޅަމުން ދިޔަ ވޭނާއިއެކު އޭނަގެ ހިތަށް އިތުރަށް ބާރުކުރީ އޭނަ އެންމެނަށްވުރެ ބޮޑަށް ލޯބިވާ ދޮންބެ އެހެން އަންހެނެއްގެ ދިފާއުގައި އޭނައާއި ދެކޮޅަށް ހުރިކަން އެނގިފައެވެ. އެހާ ނުރުހުމާއިއެކު ބެލުމުން ހިތް ކުދިކުދިވެއްޖެއެވެ. އެދެލޮލުން މިވަގުތު ހަމްދަރުދީގެ އެއްވެސް ކުލައެއް ނުފެނުނެވެ. ދޮންބެ ސަލްވާގެ މޫނަށް ބަލައިލިގޮތް އޭނަގެ ދެލޮލަށް އަދިވެސް އެބަފެނެއެވެ. ހާދަ ހިތްދަތިވިއެވެ. އޭނައަށްވުރެ ދޮންބެއަށް މުހިއްމުވީ ސަލްވާއެވެ. ކޮއްކޮއަށްވުރެ އެ ހިލޭ އަންހެނާ މާ ރަގަޅުވެއްޖެއެވެ. މެހެރީނާގެ ހިތުގައި ޖެހި ރަގަޅަށްވެސް ރޮވިއްޖެއެވެ. ކަރުނަތައް އެސްފިޔަތައް ފޫ އަޅުވާލާފައި ތިރިއަށް ދެމެންފެށިއެވެ.

"ދޮންބެ. ހުވާކޮށްފައި މިބުނީ އެ އަންހެނާ އަޅުގަނޑުގެ އަތަށް ހޫނު ކޮފީ އެޅީމައޭ ރުޅިގަދަވީ. އެހެންވެގެންނޭ ކޮށްޕާލީ. ދެން ދޮންބެ ކީއްވެ އަޅުގަނޑުދެކެ ރުޅި ދުރުވާންވީ؟ އަދިއޭނައަށް ސިމްޕަތީވާންވީ. އައިމް ދަ ވިކްޓިމް ހިއަރ. ޕްލީޒް ގަބޫލުކުރޭ..........." މެހެރީނާ ހިތުގައި ޖެހިފައިވާފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

ކޮމެންޓް 0