ރައުދާ މަޑުމަޑުން ހިގަމުންގޮސް އެހިސާބާއި އަރާހަމަވިއިރު ހައިކަލް ގަސްތަކާއި ނިވާވަނީއެވެ. އޭނަ ގޮވާލުމުން އެނބުރި ބަލައިލިއިރު ހައިކަލްގެ މޫނުމަތިން ފެނުނީ ރުޅީގެ ކުލަވަރެވެ. އެތުންފަތުގައިވި ހިނިތުންވުން ފިލާ އިންތިހާ ދަރަޖައިގެ ސީރިޔަސްކަން ވެރިވެގެން ދިޔައެވެ. އަނދިރީގެ ތެރެއިންވެސް ހައިކަލްގެ ތޫނު ދެލޯ ޚަންޖަރެއްފަދައިން އޭނަގެ ހިތް ފޫއަޅުވައިލިއެވެ. އޭނަގެ އަތުން ހައިކަލް ބީވެގެން ދިޔަދިނުމަކީ ދިރިއުޅުމުގައި އެޅި ޅަ އެއްޗެކެވެ. ހައިކަލް ދާންވެގެން އެނބުރުމުން ރައުދާ އެއަތުގައި ހިފައިލީ ނިކަން ކެރިހުރެއެވެ. ހައިކަލް ވަގުތުން އެ އަތް ދުރަށްލީ ފޫހިވެފައި ހުރެއެވެ. ރައުދާ ކޮންމެވެސް ވަރަކަށް ލަދުގަތެވެ. ނަސީބަކުން އެހެން މީހަކަށް އެ މަންޒަރު ނުފެންނާނެއެވެ. ގަސްތަކުން އެމީހުން ފަރުދާވެފައިވެއެވެ. އެއީ ރައުދާ ބޭނުންވިފަދަ މާހައުލެކެވެ.

"ބޭނުން ވާހަކައެއް ދައްކާލަން...." ރައުދާ މަޑުމަޑުން ބުނެލިއެވެ.

"އަހަރެމެން ދައްކަން ޖެހޭ އިތުރު ވާހަކައެއް އޮތްހެނެއް ހިޔެއްނުވޭ......" ހައިކަލް ކެތްތެރިކަން އިސްކުރިއެވެ. ކުރިމަތީގައި މިހިރީ ހަޔާތުގެ އެތައް ދުވަހެއް އެއްކޮށް އުޅެފައިވާ ބައިވެރިއެކެވެ. ދެކެފަރިތަ މޫނެކެވެ. ނުދަންނަ މީހަކަށް ހަދާފައި އެއްފަރާތްކޮށެއް ނުލެވޭނެއެވެ. ކުދިންގެ މަންމަވެސް މެއެވެ. އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް އެހާ ނިކަމެތިކޮށްލާކަށް ބޭނުމެއްނޫނެވެ. ރައުދާއަށް ލިބުނު ޖަވާބަކުން ހުއްޓުން އަރާފައި ހުއްޓާ ހައިކަލް ގަސްތަކުގެ ތެރެއިން ނުކުތެވެ. ބޮޑެތި ލެންޓަންތަކުގެ އަލިން ދުރަށް ދާންދެން ބަބުޅަމުންދާއިރު ވަރަށް ހިތްގައިމެވެ. އެދިމާލަށް ހުއްޓިފައިވާ ލޯތައް އަވަސްއަވަހަށް އެހެން ދިމާލަކަށް ދަތުރުކުރިތަން ފެނިފާ ހައިކަލް ހިނިއަންނަގޮތްވިއެވެ.

"ހައިކަލް......" ރައުދާ ގޮވައިލިއެވެ. އެއަޑުގައި އަވަސްކަމެއްވިއެވެ.

"ކޮންކަމެއް ބޭނުމީ؟ " ހައިކަލްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ ހުރީ ރައުދާއަށް ފުރަގަސްދީގެންނެވެ.

"އައި....ވޯންޓް ޓު ނޯ އަޒަލް އެހާ އަވަހަށް މެރީ ކުރި ސަބަބު....." ރައުދާ ބުނެލިއެވެ. ހައިކަލް ފަޓުލޫނުގެ ޖީބަށް އަތްޖަހައިލަމުން ރައުދާއާއި ދިމާލަށް އެނބުރުނެވެ.

"އަޒަލްގެ ކަންތަކާއި އަޅާލާންފެށިކަމެއް ނުދެނެހުރިން...." ހައިކަލްގެ ދެލޮލުގައިވާ އެއްޗެއް ރައުދާއަށް ތަރުޖަމާކުރާކަށް ނޭގުނެވެ. ހައިކަލް ހުއްޓިލައިގެން ހުރި ގޮތުންނާއި އެ ފުންދެލޮލުގައިވި ބާރަކުން ރައުދާއަށް ނޭގޭފަދަ އަސަރުތަކެއްކުރިއެވެ. އެ ޝަޚުސިއްޔަތަށްޓަކާ ހިތުގައި އިތުރުވިންދެއްޖެހިއެވެ. އޭނައަށް ހައިކަލްގެ ރުޅި ހައްގު ނަމަވެސް ހައިކަލް ހާދަ ހިތްތިރިއެވެ. އޯގާތެރިކަމާއި ރަގަޅު އަޚުލާގުގެ ވެރި އެކެވެ. އޭނަ ފެނުމުން ފުރަތަމަ ރުޅިގަދަވިވަރު މޫނުމަތިން ކުޑަކޮށް ފާޅުވިޔަސް ހާދަ ފަސޭހައިން ހަމަޖެހިލައިފިއެވެ. އޭނަގެ މޮޔަކަމުން ހައިކަލް އަތުން ބީވެގެން ދިޔަދެވުނީއެވެ. އަދިވެސް އުއްމީދުގެ ހުޅުކޮޅު ހިތުގައި ކަނި ޖަހައެވެ. ނިވެމުންދާ ޖަޒުބާތްތަކުގައި އަލުން ރޯކުރަން ހަދާނެގޮތްތައް އޭނައަށްވެސް އެނގެއެވެ.

"ހައިކަލް. ދޭ އާ މައި ކިޑްސް ޓޫ. މަންމައެއްގެ ލޯތްބާއި ކުލުނަކީ ދަރިންނަށްޓަކާ ދުވަހަކުވެސް ނެތިގެންދާނެ އެއްޗެއްނޫން. ގޯހެއް ހެދިގެން އަދި އަހަރެމެން ވަކިވާންޖެހުނަސް ފުރާނައަށްވުރެ ބޮޑަށް އެކުދިންދެކެ ލޯބިވޭ. އެކުދިންނަށްޓަކާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެވިދާނެ. ހައިކަލް އެކުދިންދެކެ ވާ ލޯބީގެ މަތިވެރި މިންވަރު މުޅި އާއިލާވެސް ދަނޭ އެކަމަކު މައެއްގެ ލޯބި މުހިއްމުވާނެކަމަށް ދެކެން. އެކުދިންވެސް މަންމަ ބޭނުންވާނެ. ވަން މޯ ތިންގް. އަޒަލް މެރީކުރަން އެހާ ވަރުން އުޅުނީ......އަޒަލް ޕްރެގްވީދޯ. އާޒީންއާއި މާއިޒްގެ އޮންނަ ގުޅުމާއިބެހޭގޮތުން ސުވާލު އުފެދޭގޮތަކަށް މެހެރް ވާހަކަދެއްކި. މަންމައެއްގެ މަގާމުގައި ހުރި މީހަކަށް އުދަގޫވާނެ އެކަހަލަ ވާހަކައިވުނީމަ...." ރައުދާ ހިނިތުންވެލިއެވެ. އޭރު އެދެމީހުންގެ ކޮންމެ ހަރަކާތެއް އެހިސާބުގައި ތިބި މީހުންނަށް ފެންނާނެ ކަން އެނގި ރައުދާ ހުރީ ވަރަށް ވިސްނައިގެންނެވެ. އެހެންމީހުންނަށް ފެންނާނީ އޭނަގެ މޫނަށް އަރާ ކުލަވަރެވެ. އެދޭތެރޭގައި އޮތް ގުޅުން ގޯހެއްނޫންކަމާއި ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ދެމީހުންގެ ހިތުގައިވެސް އޮތްކަން ދުނިޔެއަށް އަންގާދޭހިތުން ރައުދާވަނީ ކެތްމަދުވެފައެވެ. ސަލްވާފަދަ އާދައިގެ އަންހެންކުއްޖަކަށް އޭނައާއި ވާދަކޮށް ކުރިއެރިގެންނުވާނެއެވެ.

މާއިޒްއާއި އާޒީން ގުޅުވައިގެން ދެއްކި ވާހަކައާއި އަޒަލްގެ ޚަބަރު ރައުދާއަށް އެނގުނުކަމަށްޓަކާ އިންތިހާއަށް ހައިރާންވީއިރުވެސް ހައިކަލް އެކަން ފާޅެއްނުކުރެއެވެ. ރައުދާއަކީ އަންހެނުންގެ ޑޮކްޓަރަކަށްވުމުން އަޒަލް އޭނަގެ މަންމަ ކައިރީގައި ބަލިވެއިން ވާހަކަ ބުނީހެއްޔެވެ؟

"އެނީވޭސް ހައިކަލް. ބޭނުމެއްނުވާނެ މިވާހަކަ އަޑު އަހަން. އެކަމަކު ސްޓިލް އައި ރިމެމްބަރ ދޯސް ޑޭސް. ތިއަތުގައި ރަގަޅަށް ހިފާނުލެވިގެން އުޅެނިކޮށް ދުރަށް ދިޔައެއްކަމަކު އެހަނދާންތައް އަބަދަށްޓަކާ މިހިތުގައިވޭ. މިހާރުވެސް ކޮންމެ ރެއަކު ހައިކަލްގެ ކަޅާއި ރަތުގެ ހުރަސްރޮގުދެމި ގަމީސް ކައިރީގައި ބާއްވައިގެން ނޫނީ ލޮލަކަށް ނިންޖެއްނާދޭ، ފަސްޓް ނައިޓްގެ ހަދާނެއްގެ ގޮތުން އަދިވެސް އެ ނިދާހެދުން ވާޑްރޯބްގައި އަޅުވާފައި އޮވޭ. ހަމަ އެމީރުވަސް ހިފާލާފައި ހުންނަނީ. އެސެންޓްވަސް. އެހާ ދުވަސްވީއިރުވެސް އެލުއިވަހުން ހިތްހަމަޖެހުން ގެނުވާދޭ. އަހަރެންގެ ނޭފަތުގައި އަބަދަށްޓަކާ ހަރުލާފައިވާ އެންމެ ހިތްގައިމު ސެންޓަކީ އެއީ ކަމުގައި ވެފައިވަނީ ސަބަބެއްނެތިއެއްނޫން. އަރްމާނީ ކޯޑް. އަރްމާނީ ކޯޑްއާއި ހައިކަލް ވަތްކެއްނުކުރެވޭނެ. އެނީވޭސް އެހާ ފަސޭހައިން ހިތުން ފިލުވައިލެވޭނެ ދުވަސްތަކެއްނޫނެއްނު އެއީ. އިންސާނަކަށްވީތީ ކުށްކުރެވުނީ. އިންސާނަކަށްވީތީ ދުރަށް ދެވުނީ. ފޮގިވް މީ. ޕްލީޒް..........."ރައުދާ ކިޔާހާ އެއްޗެއް އަހަން ހައިކަލް ހަމަ އެގޮތަށް ޖީބަށް ދެ އަތްޖަހާލައިގެން ހުރީއެވެ. ހައިކަލްގެ އެންމެ ރަގަޅު އެއްސިފައަކީ އެއީއެވެ. އެހެން މީހުންގެ ވާހަކަ އަހަން އޭނަ ފުރުސަތުދޭކަމެވެ. ގޮތެއްނިންމާއިރުވެސް ހައިކަލް އެތައްފަހަރު ވިސްނާނެއެވެ. އޭނަގެ ގައިގާ އެ ސިފަތައް ހުންނަނީ ހަރުދަނާކަމުންކަން ނޭގެއެވެ. އެހެން މީހުނަށް ފުރަގަސްދީ ނިކަމެތިކޮށްފައިދާ ފަދަ ގޮތެއް ނުހުންނަނީއެވެ. ތިމާއަށް ތިމާ ފެނިފައި ނެތީއެވެ. އެކަމުން ހިތްވަރުލިބިފާ އޭނަ ހައިކަލްގެ އަތުގެ މުލައްދަނޑީގައި ހިފާލި ވަގުތު ހައިކަލްއަށްވެސް އެއަތަށް ބަލައިލެވުނެވެ. އަތުގެ އިނގިލީގައި ވިދަވިދާއޮތީ ހައިކަލްގެ އަތުން ރައުދާގެ އަތުގައި އަޅުވާދިން އަނގޮޓިއެވެ. އެ ޖަވާހިރު އަނގޮޓިއެވެ. އެ އަގޮނޓި އޭނަ ނުނަގާ އޮތުމުން ހިތުގައި ކޮންމެވެސް އެއްޗެއް އޮތީބާވައޭ ހައިކަލްގެ ހިތަށްއެރިއެވެ. ރައުދާގެ ހިތުގައި އޭނައަށްޓަކާ އިހުސާސެއްނުވާނަމަ މި އަނގޮޓި އަޅައިގެން ހުންނާނެކަމާއިމެދު ޝައްކެވެ.

ހައިކަލް މަޑުމައިތިރިކަމާއިއެކު އެދުނީ އޭނަގެ އަތުން ދޫކޮށްލުމަށެވެ. އެހެންމީހުނަށް ފެނިދާނެތީ ރައުދާގެ އަތް ފޮޅުވައިނުލީކަން ޔަގީންވެ ރައުދާގެ ހިތުގައި އޮތް އިހުތިރާމް އިތުރުވިއެވެ. ހިތްނޭދުނަސް އޭނަ ހައިކަލްގެ އެދުމަށް އިޖާބަދިނެވެ.

 

"ހައިކަލް މާފެއްނުކުރާނަންތަ؟ " ރައުދާ ދެވަނަފަހަރަށްވެސް ސުވާލުކުރިއެވެ.

"މާފުދީފީމޭ އަހަރެން ބުނުމުން ހިތަށް ހަމަޖެހުމެއް ލިބޭނެބާވައޭ ހިތަށް އަރައިފި. މާފުދިނަސް ދުވަހަކުކޮޅުންވެސް ހަނދާންނައްތާލެވޭނެ ކަންތައްތަކެއް ނޫން އެއީ. މާޒީގެ ސަފުހާތައް އަލުން ހުޅުވާކަހަލަ މީހެއްކަމަށް ހީނުކުރިއްޔާ ދެން ރަގަޅީ. އަލުން އެދުވަސްތައް ގެންނާކަށް ނެތިން. ދަ ޑެމޭޖް ހޭޑް ބީން ޑަން. ދެނެއް ހިތް ބަދަލެއްނުވާނެ. މާފުދިނަސް އިންސާނުންނަށް ހަނދާން ނައްތާނުލެވޭނެއޭ ބުނެއުޅޭ ދޯ. ސޮރީ..........."ހައިކަލް ރައުދާއާއި ހަތަރުކަޅިހަމަކުރިއެވެ. ރައުދާގެ ހިތް ކަތިލެވިއްޖެއެވެ.

"އެކަމަކު އަޒަލްމެންނަށް ދޮންމަންމައެއް ބޭނުމެއްނުވޭ....." ރައުދާ ބުނެލިއެވެ.

"ކުދިން ކުޑައިރު އެކަން ވިސްނިނަމަ. ޓޭކް ކެއަރ........" ހައިކަލް ދާން ހިނގައިގަތެވެ. ރައުދާގެ ހިތް އޮއްސިގެންދިޔަފަދަ ގޮތެއްވިއެވެ. ކަރުނައަކީ އޭނައާއި ބީރައްޓެހިއެއްޗެއްކަމަށް ދައުވާ ކުރިޔަސް އޭނަގެ ލޮލުން ކަރުނަ ނިރާލައިފިއެވެ. ހިތްވެސް ރޮއިގަތެވެ. ހައިކަލްގެ ފަހަތުން ކަހަލަގޮތަކަށް ހިގަމުންގޮސް މެހެރީނާއާއި އެހެން އެކުވެރިން ތިބިތަނެއްގައި މަޑުކޮށްލިއިރު އޭނަ އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވާލުމުގައި ކާމިޔާބުކޮށްފިއެވެ.

ހައިކަލްއާއި ރައުދާ އެގޮތަށް އެކަނިވެރިކޮށް ވާހަކަދައްކަން ތިބުމުން ކޮންމެވެސް ބޮޑުކަމެއް ނިންމީކަމުގައި މެހެރީނާއަށް ހީކުރެވި ފާޑެއްގެ ފޯރިއެއް އައިސްފައި އޭނަ ހުއްޓެވެ. ރައުދާ އައުމުން ނުސީދާކޮށް ދިމާކުރިއެވެ. ރައުދާވެސް ހުރީ ހީހީއެވެ. ހައިކަލްދެއްކި ވާހަކައާއި އޭނަގެ ގޮތްދޫނުކުރުން އަދި ވިސްނުން ހުރިގޮތް މެހެރީނާއާއި ހިއްސާކުރާކަށް އޭނަ ނެތެވެ. އޭގެ ބަދަލުގައި އޭނަވަނީ ވަރުގަދަ އަޒުމެއް ކަނޑައަޅާފައެވެ. އޭނަ ހުއްޓާލާނީ ހައިކަލް ހާސިލުކޮށްފައެވެ. އޭނައާއި ހައިކަލް އަދި ދަރިން އެކީގައި އުޅުމުން އެއާއިލާ ފުރިހަމަވީއެވެ. ދޮންމަންމައަކަށް އެއާއިލާގައި ޖާގައެއްނެތެވެ. އެކަމަށްޓަކާ ސަލްވާ މަގުން އެއްފަރާތްކުރަން މިހާރުއްސުރެ އޭނަގެ ސިކުނޑީގައި ރޭވުންތައް ފުނިޖެހެންފެށިއެވެ.

އައި ބާރު ވައިރޯޅިއަކާއިއެކު އެހިސާބުގައިވާ ދިއްލާލާފައިވި ބައްތިތަކުގެ ހުޅުކޮޅުތައް ހޫރިލާފައި ބައެއް ބައްތިތައް ނިވުނެވެ. ސަލްވާވެސް އެނބުރިފައި ބަލައިލީ ހައިކަލް ދިޔަ ދިމާލަށެވެ. ސަލްވާގެ ހިތަށް އެހާ ދަތިވި މަންޒަރެއް އަދި ހަޔާތުގައިވެސް ފެނިފައެއްނުވެއެވެ. އެހާ ދެރަވި ވަގުތުކޮޅެއް ނާދެއެވެ. ހިތުގައި މީހަކު ހިފާ ބާރުކޮށްލީމަ ވާކަހަލަ ގޮތެއްވެ ނޭވާވެސް ނުހިނގިއެވެ. މޭގައި ފިރުމައިލެވުނީވެސް އެހިތަށް ތަސައްލީއެއް ލިބޭތޯއެވެ. އެރީތި ދެލޮލުން ބޭގަރާރުކަމާއިއެކު ހޯދީ އެފަދަ މަންޒަރެއް ބަލާކަށް ނޫނެވެ. އޭނައަށް ހުރިހާ މަންޒަރެއް ފެނުނެވެ. ހައިކަލްގެ އަތުގެ މުލައްދަނޑީގައި ރައުދާ ހިފައިލިވަގުތު ހިތަށް ވީ ހާދަ ނުބައި ގޮތެކެވެ.

"ލުކް އެޓް ދެމް. ކިހާ ގުޅޭ. ހީވަނީވެސްއެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާ ދެމީހުންހެން. ރައުދާ ހާދަ ރީއްޗޭ. ޕްރިންސެސްއެއްފަދަ. އެހާ ސްޓައިލިޝް. އައި ޑޯންޓް ބިލޯންގް ހިއަ. ނޫނެކޭ ބުނެވުނުނަމަ. ބައްޕަ ބޭނުންވެގެން އެހިޔަސް ހަމަ ނޫނެކޭ ބުނަން ފުރުސަތުވެސް އޮތް. އެހެން ބުނެވުނުނަމަ. ކުރީގެ އަންހެނުންނަށްވީމަ ދެން ކޮންމެހެން ހައިކަލްވާހަކަ ދައްކަން ނުވެސް ޖެހޭ. އެކަމަކު އެދެމީހުން ވާހަކަ އެދައްކަނީ ކީއްވެގެންކަމެއްވެސް ނޭގޭ. ހީޒް މައި ހަޒްބެންޑް. ކޮންމެގޮތެއްވިޔަސް ފިރިމީހާ އެހެން އަންހެނަކާއި ވާހަކަދައްކާތަން ފެނުނީމަ ހިތަށް ތަދުވާނެ. އަސަރުކުރާނެ ވަރަށް ދެރަވޭ. ބޭނުންވަނީ ހިތްފުރެންދެން ރޯން. ނޭގޭ ހައިކަލް އަހަރެން މިގެއަށް ގެނައި ސަބަބެއް. ދެރަވާކަށް ނޫން މިޖެހެނީ. އަސްލު ވަރަށް ފޫހިވެއްޖެ. މިހާ ނުރުހެވޭ މަންޒަރެއް ފެނުނީމަ ރުޅިއާދެވިއްޖެ. ހައިކަލް ނުޖެހޭނެ މިކަހަލަ އަނިޔާތައް ދޭން. ކިހިނެއްހަދަން ތިއުޅެނީ. .........."

ހައިކަލްއާއި ރައުދާ އެކަނިމާ އެކަނި ބައްދަލުކުރީ ކޮންކަމަކާ ހެއްޔެވެ؟ އެހެން މީހުން ތިއްބަސް ދައްކަން ބޭނުންވާހަކައެއް ދެއްކިދާނެއެވެ. ނަމަވެސް އެހެނެއްނުވިއެވެ. އެދެމީހުން އެކީ ފޮޓޯ ނަގަނަގާފައި އެންމެފަހުން ވަގުތުކޮޅެއް ހޯދައިގެން ވާހަކަދައްކަން އެއްކައިރި އަށް ޖެހިލީއެވެ. ހައިކަލްއާއިމެދު ހިތް ޝަކުވާއިން ފުރިގެން ބަންޑުންވެއްޖެއެވެ. އެންމެންވެގެން އޭނަގެ ދިރިއުޅުމާއި ކުޅެލަނީބާވައެވެ. އޭނަގެ ބޮލުގައި ރިއްސަންފެށިއެވެ. ހިތް އެދުނީ ވީހާވެސް އަވަހަށް މިތަނުން ދިޔުމެވެ.

މިއީ އޭނަ ބޭނުންވެގެންކުރި ކައިވެންޏެއްނޫނެވެ. މިފަދަ މޮޅު ޝާހީއާއިލާއެއްގެ މެމްބަރަކަށް ވެދާނެކަމަކަށް އޭނަ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. އަދި ހައިކަލްފަދަ މަޝްހޫރު މޮޅު ޑޮކްޓަރެއްގެ އަންބަކަށްވެދާނެކަމަށް އަމުދަކުން ނުދެކެއެވެ. އޭނަފަދަ ނިކަމެތި އަންހެންކުއްޖަކަށް އެފަދަ މަގާމެއް ހައްގެއްނޫނެވެ. ހުވަފެނެއްގައިވެސް އޭނަ މިފަދަ ކަމަކަށް އުއްމީދުނުކުރެއެވެ. އެކަށީގެންނުވާ ކަމެއް ކުރެވުނީއެވެ. ކުށެއްކުރެވުނީއެވެ. މިއީ އެކަމުގެ ނަތީޖާއެވެ. ނޫނެކެވެ. އޭނަ އަމިއްލައަކަށް ހޯދައިގަތް ކަމެއްނޫނެވެ. މަޖުބޫރުކޮށްގެން އޭނައާއި އެކަށީގެންނުވާ ތަނަކަށް ގެނެސްލީއެވެ. އެހެން އެންމެނަށް ހީވާނީ އޭނަގެ ނަސީބު ވަރަށް ރަގަޅުހެންނެވެ. އުޅޭނީ އުފަލުންހެންނެވެ. ނަމަވެސް ދިމާ އިދިކޮޅެވެ. ބިރުވެރިކަމާއި އެކަނިވެރިކަން އޭނަ ދިރުވާލަން އުޅޭފަދައެވެ. މިއާއިލާގެ އެންމެން އޭނައާއި ދުޝްމަންވެއްޖެއެވެ. ހުރިހާ އެންމެން ބަލަނީ ރުޅިވެރި ނަޒަރަކުންނެވެ. އެއްވެސް މީހަކު ވާހަކަދައްކާ އެކުވެރިވާކަށްވެސް މަސައްކަތެއްނުކުރެއެވެ.

ހިތާމައިގެ ކަނޑެއްގައި ޣަރަގުވެ ދެލޮލުން ކަރުނަ ހިލުނު ވަގުތު އޭނައަށް އޭނައަކީ އެކަނިވެރިއެއްނޫންކަން އިހުސާސްކުރެވުނެވެ. އެންމެން އެކަނިކޮށްލިޔަސް ހެއްދެވިފަރާތް ވާކަން އޭނަ މިނިޓަކަށްވެސް ހަދާން ނައްތައިލީ ކީއްކުރަންބާވައެވެ. ކީރިތި ގުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވަނީ" ވަލާ ތަހިނޫ ވަލާ ތަޙުޒަނޫއެވެ. މާނައަކީ ތިޔަބައިމީހުން ފިނޑިނުވާށެވެ. އަދި ހިތާމަނުކުރާށެވެ." އެއާޔަތް މަތިން ހަދާންވުމާއިއެކު ގަނޑުފެނުން ހިތް ތެންމާލިފަދަ އިހުސާސެއްކުރެވުނެވެ. ގުރުއާނުގެ ކޮންމެ އާޔަތެއްގެ މާނައާއިމެދު ރަގަޅަށް ވިސްނާ ފިކުރުކޮށް ކިޔެވުމުން ލިބޭ ސަވަބާއިއެކު އެތައް އެއްޗެހި އެނގި ސްޓްރެސް ފިލުވާދެއެވެ. މިވަގުތުވެސް އޭނަ އެ އާޔަތްމަތިން ހަނދާންވުމާއިއެކު އުއްމީދުގެ އަލިކަން އޭނަ ވަށާލައިފިއެވެ. ދުޝްމިނުންގެ ތެރޭގައި ވިޔަސް ފުރިހަމަ މޫމިނެއްގެ ގޮތުގައި ހުރި މީހަކަށް ދެރަގޮތެއްނުވާނެއެވެ. މިއީ މުޅިންވެސް އިމްތިހާނެވެ. ދުނިޔެއަކީ އިމްތިހާނުގެ ގޮވައްޗެވެ. އަބަދު އެއްގޮތަކަށް ކަންތަކެއް ނުހިގާނެއެވެ. ހިތާމަތައް ފިލާ އުފާވެރިކަންވެސް މިންވަރުކުރައްވާނެއެވެ. ލޮލުގައިވާ ކަރުނަތަކުގެ ތެރެއިންވެސް ސަލްވާއަށް ހިނިތުންވެލެވުނެވެ.

ހައިކަލް އަރާހަމަވުމާއިއެކު ސަލްވާ އިންތަނުން ތެދުވެ ބަލައިލީ މާ ދުރަށެވެ. ސަލްވާ ހައިކަލްގެ ލޮލަށް ނުބެލުމާއި ވަގުތުން ތެދުވިގޮތުން އޭނަ ހުރީ ކޮންމެވެސް ކަމަކާއި ވަރަށް ހިތްހަމަނުޖެހި ރުޅިއައިސްފައިކަން ހައިކަލް ފާހަގަކުރިއެވެ. ދެމީހުން ޕާޓީއަށް އެކީ އައުމަށްފަހު ނުލާހިކު ހަމަޖެހިލައިގެން އެކުވެރިކޮށް ތިބެފައި ކުއްލިއަކަށް ގޯސްކޮށް ދިޔައީ ކޮންކަމެއްބާވައޭ ހައިކަލް އަމިއްލަ ހިތާއި ސުވާލުކުރިއެވެ. ސަލްވާގެ ލަދުވެތިކަމާއި މަޑުމައިތިރިކަމުގެ ސަބަބުން މިފަދަ ހިތްވަރެއް ކޮށްފާނަކަމަކަށް ހައިކަލްވެސް އުއްމީދެއްނުކުރެއެވެ.

"ވަޓް ހެޕެންޑް......." ހައިކަލް ސުވާލުކުރިއެވެ.

"ކަމެއްނުވޭ. އެކަމަކު އަޅުގަނޑު މިހާރު ގެއަށް ދާންބޭނުން. މިތަނުން ފެންނަނީ މުޅިންވެސް ނުރުހެވޭ ކަންތައް. އަވަހަށް ނިދާލަންވެސް ބޭނުން........" ސަލްވާ ބުނެލިއެވެ. ކަނޑުން އަންނަ ތެތް ވައިރޯޅިތައް ހައިކަލްގެ މޫނާއި އަތުގައި ބޮސްދިނުމުން ކޮންމެވެސް ވަރަކަށް ހީކަރުވާފަދަ އިހުސާސެއްކުރެވުނެވެ. ތުންފަތުގައިވެސް ލޮނުރަހަދޭފަދައެވެ. ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިއްޖެއެވެ. ފިނިވެގެން ކަމެއް ނޫނީ ސަލްވާގެ ވާހަކަ ހުރިގޮތުން ކުރި އަސަރަކުން ކަމެއް ނޭގުނެވެ. ހަނދުވަރުގެ އަލި އެޅިފައިވާ މޫދު ބަބުޅާއިރު ރީތިކަމުން އެރޭހިތްވިއެވެ.

"މިރޭ އެހާ އަވަހަށް ނުނިދިޔަސް ވެދާނެ ދޯ. ސަލްވާ އެކަނި މާލެ ފޮނުވައިލެވޭކަށްވެސް އަހަންނަށް ނެތް. އަޒަލްގެ ޕާޓީވީމަ ނިމެންދެން ހުންނަން އަހަރެން ބޭނުން....." ހައިކަލް އަށް ކޮންމެވެސް އެއްޗެއް ވިސްނިއްޖެއެވެ. ސަލްވާ އެހާ ހިތްހަމަނުޖެހުނީ އޭނަ ރައުދާއާއި ވާހަކަދެއްކީމަކަން ޔަގީނެވެ. އަންހެންކުދިންގެ ހިތް ބަލިކަށިވާނެއެވެ. އެހާ އަވަހަށް ހިތުގައި ހަސަދަވެރިކަން އާލާވާނެއެވެ. ސަލްވާވެސް ނުރުހުނީ އެހެންވެއެވެ. ހައިކަލްގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.

 

"ހިތްހަމަނުޖެހޭވަރުގެ ކޮންކަމެއް ފެނުނީ........ " ހައިކަލް އަހާލިއެވެ.

ސަލްވާ އިސްއުފުލާލާފައި ހައިކަލްއާއި ހަތަރުކަޅިހަމަކުރިއެވެ.

"ކިޔާބަލަ. އޭރުންނެއްނު އެނގޭނީ ދޯ ސަލްވާ. ނުބުނެ ހިތުގައި ފޮރުވައިގެން ހުއްޓަސް ނޭގޭނެ........." ހައިކަލް ބުމަ ހިއްލައިލިއެވެ. އެ ތޫނު ބެލުމުން ހިތަށް ތަފާތު އިހިސާސްކުރެވުމާއިއެކުވެސް އެދެލޮލުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. އެލޮލުގެ ޖާދޫގައި ޖައްސުވާފައިވާފަދައިން ބަލަން ހުރެވުނުއިރު ދެހިތުގައި ކިތަންމެ ކަންތައްތަކެއް ހިނގިއެވެ. އޭނައާއި ސަލްވާ އެކަނި މިރަށުގައިވާނެނަމައެވެ. ދެމީހުންގެ ގުޅުން މިނޫންގޮތަކަށް ދާނެނަމައެވެ. އެހިސާބަށް ވިސްނުން ދިޔުމުން ހައިކަލް ފުންނޭވައެއް ދޫކޮށްލިއެވެ. އެހެންވާންވީ ސަލްވާގެ ހިތް އޭނައަށް އެނގެންފެށުމުން ބާވައެވެ. މިއީ ގޯހެކެވެ. މިހެން ވެގެން ނުވާނެއެވެ. ސަލްވާވަނީ އޭނަގެ ހިމާޔަތުގައެވެ. އޭނަ ސަލްވާގެ ބައްޕައަށް ވައުދުވީ އެހެން ކަމަކަށެވެ. ނަމަވެސް މި ދެއަހަރު ނިމެންދެން ކީއްކުރަން ތިންމަހަށްވެސް ސަލްވާއާއި އޭނަގެ ގުޅުން އާދައިގެ ގޮތަކަށް އޮންނާނެއޭ ހިތެއް ނުބުނެއެވެ.

"އަމް....އަ. މިސާލަކަށް މިއުޒިކް..." ސަލްވާ އަޅައަޅައިގެންފާ ބުނެފާ ލޮލާއި ލޯ ވަކިކޮށްލިއިރު އޭނަގެ ލޮލުން ފެންއަންނަ ގޮތްވިއެވެ. ހައިކަލްގެ ލޮލުގެ ބާރުގަދަކަމުންހެއްޔެވެ. އެލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމުންވެސް ލަދުގަންނަގޮތެއްވެ މުޅި ގައިގާ އެ ދުވެލާ ކަރަންޓުގެ ރާޅުބާނިތަކަކާއިމެދުވެސް ސަލްވާ ހައިރާންވިއެވެ. ހަދާނެގޮތް ހުސްވެފައި ހުރި ސަލްވާ އެއްފިޔަވަޅުކުރިއަށް އެޅިގޮތުން ހީވީ ދާން އުޅުނުހެނެވެ.

"މަޑުކޮށްބަލަ ސަލްވާ....." ހައިކަލް ކުއްލިއަކަށް ސަލްވާގެ އަތުކުރީގައި ހިފާލާފައި ކުޑަކޮށް ދަމާލިގޮތަކުން ސަލްވާގެ ބެލެންސްގެއްލި އޭނަ އަރިއަޅާލަން ދިޔައެވެ. ހައިކަލް ހުޝިޔާރުކަމާއިއެކު ސަލްވާގެ ބުރަކަށީގައި ހިފަހައްޓަމުން ގަޔާއި ކައިރިކޮށްލިއެވެ. އޭރުވެސް އޭނަ ހުރީ ސަލްވާގެ އަތުކުރިންވެސް ދޫކޮށްނުލައެވެ. އެދެމީހުންނަށް އެކްސިޑެންޓަކުންވެސް ގައިގޯޅިވެވުނުލެއް ބޮޑުކަމާއިއެކު ސަލްވާއަށްވެސް ހައިކަލްގެ މޫނަށް ބަލައިލެވުނުގޮތަށް އިރުކޮޅެއްވާންދެން އެލޮލުގެ ޖާދޫގައި ޖެހިފައި ހުރެވުނެވެ. އެމަންޒަރުން އެތައްބަޔެއްގެ ހިތުގައިވާ އަލިފާން ކުރިއަށްވުރެ ބާރަށް އަނދައިގަތީ ސަބަބެއްނެތިއެއް ނޫނެވެ. ކޮންމެގޮތެއް ވިޔަސް އެތާ އޮތީ މުޅިންހެން ތަފާތު ސަބަބުތަކާއި ހުރެ އެ ގުޅުމަށް ނުރުހޭ މީހުންނެވެ.

މެހެރީނާ ރައުދާއާއިއެހެން އެކުވެރިންތަކަކާއި ވާހަކަދައްކަން ހުރެފާ ކުއްލިއަކަށް އެއް ދިމާލަކަށް ކަޅި ހުއްޓުނުގޮތަށް ޖުމްލަ މެދުކެނޑުނުގޮތުން ރައުދާއަށް އެއްޗެއް ހީވިއެވެ. އަވަސްއަވަހަށް އެދިމާލަށް ބަލައިލެވުމާއިއެކު ހިތް ހަލާކުވާވަރުވިއެވެ. ހައިކަލް ސަލްވާގެ ގައިގާ ހިފަހައްޓާލައިގެން ތިބިލެއް އިޝްގީކަމުން އާދެވުނު ރުޅީގައި ރައުދާ ތިރީ ތުންފަތުގައި ބާރަށް ދަތްއަޅައިގަތުމުން ލޭ ނައީ ކިރިޔާއެވެ. މެހެރީނާއާއި ރައުދާ އެކަކު އަނެކަކަށް މާނަވީ ނަޒަރެއް ބަދަލުކުރުމަށްފަހު އަލުން އެމީހުންގެ މައުޟޫ ކުރިޔަށް ގެންދިޔައެވެ. ބޭރުފުށުން އުފާވެރިކަން ދައްކައިގެން ތިއްބަސް އެދެހިތް ރުޅިން ފޯވިއެވެ.

އަޒަލްއަށްވެސް ވީ އެވަރެވެ. އޭނަގެ މަންމައާއި ބައްދަލުވެ މަންމަގެ ވާހަކަތަކުން އެފަރާތަށް ހިތް ލެނބި މަންމައާއި ބައްޕަ ގުޅެން އޭނަގެ ހިތް އެދުނެވެ. ހުރަހަކަށް މިފެނުނީ ދޮންމަންމައެވެ. ބައްޕައާއި ދޮންމަންމަގެ ދޭތެރޭގައި ގުޅުމެއްނެތްކަމަށް ހީކުރެވުނީ ރަގަޅަކަށް ނޫންކަން މިރޭ ސާބިތުކޮށްދީފިއެވެ. ބައްޕަ ސަލްވާއާއި އަޅާލި މިންވަރު ލޮލުން ފެނުމުން އޭނައިނީ ތުންފިތާލައިގެންނެވެ. ބައްޕަ ސަލްވާގެ އަނގައިގާ ލައްވާފައި ކާންދިނެވެ. ބުރަކަށީގައި ފިރުމާލަދިނެވެ. އަދި ދެންމެ އެހާ ކައިރިކޮށް އުޅުނުތަން ފެނިފާ އެންމެފަހުން މިރޭގެ ހުރިހާ އުފާވެރިކަން ނެތިގެން ހިގައްޖެއެވެ. ސަލްވާގެ ސުންޕާކަމެވެ. އެ ޚިޔާލުތައް ހިއްސާކޮށް ހިތް ބަންޑުންކޮށްލާނެ ފަރާތެއްނުވެފައި ހުއްޓާ އާޒީންހެން ހީވި އަންހެންކުއްޖަކު ފެނުނެވެ. އޭނަ ހުރީ ބުޅި އިސްތަށިގަނޑުލާފައި ތިބިކުދިން ގިނަވުމުން އަޒަލް ހުރީ އާޒީންވަކިކުރާން ނޭގިފައެވެ. އަޒަލް ވިޝާމް ކައިރީގައި އެބައަންނަމޭ ކިޔާފައި ހިނގައިގަތީ ރޫމްތައް ހުރި ދިމާލަށެވެ.

"ހޭއި.އާޒްތަ؟ " އަޒަލް ކައިރިވެލާފައި ސުވާލުކުރިއިރުވެސް ޔަގީންކަމެއްނެތެވެ.

"ސާބަހޭ. ކޮންމެ ފަހަރަކު ތިގޮތަށް އަހަން ޖެހެނީ ކީއްވެކަމެއް ނޭގޭ. ކޮންމެ ފަހަރަކު އަހަރެމެން ކަޒިންސް އެއްކޮށް އުޅޭއިރު ޒެލް ހުންނަނީ ކޮންފިއުޒްޑް ލުކް އެއް. އިޓްސް އޭޒް އިފް ޔޫ ޑޯންޓް ރިކޮގްނައިސް މީ...ޔޯ އޯން ޓްވިން ސިސްޓަރ........." އާޒީން ފޯނު ކަނޑާލުމަށްފަހު ދެލޯ ހަނިކޮށްލުމުން އަޒަލް ހީލިއެވެ.

"އެވްރީތިން އޯކޭ ؟ ހިޔެއްނުވޭ މިހާރު އުފާވެފައި ހުރިހެނެއްވެސް. އިޓްސް ޔޯ ސްޕެޝަލް ނައިޓް. މިރޭ ތިހެން ހުރެގެންކަމަކު ނުދާނެ. މެމޮރީސްތައް މިރޭ މޭކްކުރިވަރެއް އޮންނާނީ. ޒެލް އެއްވެސް ކަމެއް އޮތިއްޔާ ބުނަންވާނެ. މިހާރަކަށް އައިސް ޒެލް ވަރަށް ޗޭންޖުވާހެން ހީވޭ. އެހާ ސިކްރެޓިވް. އެލާނެތް މަޖާ އަޒަލް ގެއްލިއްޖެ.........." އާޒީން އަޒަލްގެ ގައިގާ ކުޑަކޮށް ބައްދާލުމަށްފަހު ދެކޮނޑުގައި މަޑުމަޑުން ހިފަހައްޓާލިއެވެ. ކައިވެނީގެ ހުދުހެދުމުގައި އަޒަލް ފެންނަލެއް ރީތިކަމުން އޭނަގެ ކައިވެނިރޭވެސް އަވަސްވާނެނަމައޭ މިރޭ އާޒީން ހިތަށްއެރިއެވެ. މޭކަޕްވެސް އެހާ ފުރިހަމައެވެ. ނަމަވެސް އޭނައަށް ދުވަހަކުވެސް މިފަދަރެއެއް ނާންނާނެއެވެ.

"އާޒްއަށް ހީވީ ރަގަޅަށް. އެއްވެސް ކަމެއް ރަގަޅެއްނޫން. މެހެރްދައްތަ ބުނާގޮތަށް ސަލްވާ އައިފަހުން އެންމެން ބަދަލުވީ. އޭނަ ހުރިހާ އުފާވެރިދުވަހެއްވެސް ހަލާކުކޮށްލާނެ. ސަލްވާ އައިފަހުން ދޯ މިހެންމިވަނީ. ޝީޒް އެ ވިޗް............" އަޒަލް ތުންފިތާލިއެވެ. އާޒީންއަށް ވިސްނުނެވެ. އަޒަލްވެސް މިހިރީ ސަލްވާދެކެ ހިތްހަމަނުޖެހިފައެވެ. ރުޅިއައިސްފައެވެ. އާޒީންއަށް ބަލައިލެވުނީ އޭނަގެ ބައްޕައާއި ސަލްވާ ތިބި ދިމާލަށެވެ. ދެމީހުން ގޮނޑުދޮށުގައި ހިނގަމުންގޮސް ލޯމަތިން ގެއްލުނެވެ.

"ޑޭޑްވެސް އޭނައާއިއެކު ހުރިހާ ވަގުތެއް ހޭދަކުރީމަ ވަރަށް ފޫހި. ހީޒް ސަޕޯސްޑް ޓު ބީވިތް އަސް. ނޫނީ މަންމައާއިއެކު. ސަލްވާއާއި އެކީގައެއްނޫން. އައި ހޭޓް ހާ. ރިއަލީ ހޭޓް ހާ. ޑޭޑް އަހަރެންގެ ވެޑިންއާއިމެދު އެހާ ހިތްހަމަޖެހިފައި ހުރިހެނެއްވެސް ހިޔެއްނުވޭ. ޑޭޑް މިހާރު ސަލްވާއަށް ކެއާކުރަން ފަށައިފި. އަހަރެން ބޭނުމީ އެންމެކަމެއް. ސަލްވާ ޑޭޑްގެ ދިރިއުޅުމުން ދުރަށް ދިޔުން..ކޮންމެހެން ސަލްވާއަށް ދެރަގޮތެއް ހަދާކަށް ނޫން. އެކަމަކު ސަލްވާ އަހަރެމެންނާއިއެކު އުޅޭކަށް ބޭނުމެއްނޫން. އޭނަވެސް އުޅެންޖެހޭނީ އޭނަގެ ފެމިލީއާއިއެކު..........." އަޒަލް އައިސްފައިވާ ރުޅި ހާމަކުރުމުން އާޒީންއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ނަމަވެސް ސަލްވާއާއިމެދު އެހިތުގައި ކުލުނެއް ނުވާނަމަ ފަހުން އެބުނި ޖުމްލަތަކެއް ނުބުނާނެކަން ގައިމެވެ.

"ޒެލް އަހަރެމެން ސެލްފިޝްވާކަށް ނުވާނެ. ޑޭޑްގެ ހެޕިނެސް ޒެލްއަށް މުހިއްމެއްނުވޭތަ؟ އަހަރެމެންނަށްޓަކާ ޑޭޑްގެ މުޅި ދިރިއުޅުން ހޭދަކުރީ. ހުރިހާ ލޯތްބެއްދިނީ. ކެއަރކުރަން އަބަދު ކައިރީގައި ހުރީ ޑޭޑް. އޭރު މަންމަ ކޮބާތަ؟ މަންމަ އަށް އަހަރެމެން ފެނުނީ މިއަދު. އެންމެ ބޭނުންވީ ދުވަހު މަންމައެއް ނެތް. މަންމަގެ ލޯތްބެއް ނުލިބުނު. މަންމައެއްގެ ލޯބި ދިން މީހަކީވެސް ޑޭޑް. މަންމަ ހުރީ ކޮންތާކުކަން ޒެލްއަށް އެނގޭތަ. ނޭގޭ. މަންމަ އަމިއްލަ ދުނިޔެއެއްގައި މަޖާކުރަން އުޅުނީ. ކުއްލިއަކަށް މަންމަ އައީ ކޮންމެވެސް އެހެން ބޭނުމަކުހެން ހީވޭ. ޑޭޑްގެ ދިރިއުޅުން ބަރުބާދުކުރަން މަންމަ އުޅުނަސް އަހަންނަށް އެކަމަކަށް އެއްބަސް ނުވެވޭނެ. ތިންކް އެބައުޓް އިޓް ޒެލް. ޒެލް ވެސް ބޭނުން މީހަކާއި މެރީކުރިއިރު ޑޭޑް އެކަމާއި ހިތްހަމަނުޖެހުނަސް އެހެރީ ޒެލްގެ އުފަލަށްޓަކާ އާއެކޭ ބުނީ. ހަމަ ބޭނުންވިގޮތަށް ޕާޓީވެސް ބާއްވަދިނީ. ޑޭޑްއާއި މަންމައަށް އެކީގައި ނޫޅެވުނީ ކީއްވެކަން އަހަރެމެންނަކަށް ނޭގޭނެދޯ. ކޮންމެވެސް ކަމެއްވީމަ ޑޭޑްވެސް މަންމައާއި ގުޅުމެއްނެތީ. ވީއިރު އަހަރެމެން ނުޖެހޭނެ ޕީސްކީޕާސްއިންގެ ބައި ކުޅޭކަށް." އާޒީން ވާހަކަދެއްކިއިރު އަޒަލް ހިމޭނުން ހުރެ އަޑުއެހިއެވެ.

"ވަން މޯ ތިންގް. މެހެރްދައްތަ ބުނީ ސަލްވާ ޑޭޑް ބްލެކްމެއިލްކޮށްގެންނޯ. ބަޓް ޝީ ސީމްސް ޓު ބީ އެ ނައިސް ގާލް. ވީއިރު ޑޭޑް ބޭނުން ޑިސިޝަނެއް ނެގިޔަދީ. އަހަރެމެން ޑޭޑްއަށް ޗާންސްދޭން ޖެހޭނެއްނު ޒެލް. ޒެލް ޕްލީޒް ރަގަޅަށް ވިސްނާލަބަލަ. ސަލްވާއަކީވެސް އަހަރެމެން އުމުރުގެ ކުއްޖެއް. އޭނަގެވެސް ފީލިންގްސްވާނެ، ކިހާ ދެރަވާނެ. ކިހާ ބާކީވާނެ. ޑޭޑް ފިޔަވާ މިއޮތް ބޮޑު ޕާޓީގައި އޭނަގެ އެކަކުވެސް ނެތް. އެންމެން ރުޅިއައިސްފާ އެތިބީ. މިކަމުގައި އަހަރެން ހުންނާނީ ޑޭޑް އާއި އެއް ބަޔަށް........" އާޒީން ވިސްނާދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

އާޒީން ބައްޕަ އެކުދިންނަށްޓަކާ ކޮށްދީފައިވާ ކަންތައްތަކާއި އެކި ދުވަސްތައް ހަދާންކޮށްދިނެވެ. ތެދެކެވެ. އޭނަވެސް މަންމައަށްވުރެ ބޮޑަށް ލޯބިވާ ފަރާތަކީ ބައްޕައެވެ. ބައްޕަ ހިތާމަކުރާވަރުގެ ކަމެއް އަޒަލްވެސް ނުކުރާނެއެވެ. އަޒަލްގެ ޚިޔާލު ބަދަލުކޮށްލެވުނުކަމަށްޓަކާ އާޒީން އަމިއްލަ ނަފުސަށް ތައުރީފުކުރިއެވެ. ދެކުދިން ގަނޑުފެން އަޅާފައި ހުރި ކިވީ ޖޫސްތަށްޓެއްހިފައިގެން ގޮސް އެތާހުރި ގޮނޑިތަކެއްގައި ޖައްސައިލިތަނާހެން ވިޝާމްއާއި މާއިޒްވެސް ބައިވެރިވިއެވެ. ހައިކަލް ސަލްވާއާއި ވެސް އެއްގަމަށް އަރައިގެން މިސްރާބުޖެހީ އެމީހުން މަޑުކޮށްގެން ތިބި އެދިމާލަށެވެ.

"ޑޭޑް އެންޑް ސަލްވާ. ހާދަ ގުޅޭ ކަޕްލްއެކޭ...." އާޒީން ކިޔާލިއެވެ.

"ޔަޕް...." އަޒަލް ބައިވެރިވިއެވެ.

"އޯ........ސީރިޔަސްލީ؟ " މާއިޒް އަށް އެދެކުދިންގެ ވާހަކަތައް ހުރިގޮތުން ހައިރާންކަމެއް ލިބުނެވެ.

ކޮމެންޓް 0