"މިހާރު ދެން އަމިއްލަ ރިޒޯޓަކަށް ނޫނީ އަންނަ ހިތެއްނުވޭ މިކަހަލަ މީހުންނާއި ދިމާވާތީ...." މެހެރީނާ ދާލިޔާ ކިހިލީގައި ޖެހިގޮތަށް އެކުވެރިޔާއަށް ލޮލުން އެންގީ އައުމަށެވެ. އެކަމަކު އޭނަގެ ދެލޯ ވަށައިގެން ސްކޭންކުރީ އޭނަ ނުރުހޭ އެހެން ސޫރައެއް ފެނިދާނެކަމަށްޓަކާ ތުން ފިތާލައިގެން ހުރެއެވެ. ވިޝާމް އެހެން މީހަކާއި އިނީބާވައޭވެސް ހިތަށް އެރިއެވެ. އެކުވެރިޔާވެސް ހެމުން ހެމުން ދަބަސް ކޮނޑުގައި އަޅުވާލައިފިއެވެ.

ވިޝާމް އެ ކުޑަ ފިރިހެންކުއްޖާ ގެ ކައިރިއަށް ތިރިވެފާ ކޮލުގައި ބޮސްދިނެވެ.

"ލެޓްސް ގޯ ހޯމް. މަންމީ ޒެލް ވީ ތަނެއް ނޭގިގެން ވޮރީކުރާނެ......."

ޒެލް ތުއްތު ބަހުރުވައިން އެކި ވާހަކަދައްކާލެއް ލޯބިކަމުން ކޮންމެ މީހަކުވެސް އެކުއްޖާއަށް ފިދާވާނެއެވެ. އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލާފައިވާއިރު ބޯވެފައި ފަންކަމުން ވައިރޯޅިއަކަށްވެސް އެ އިސްތަށިގަނޑާއި ސިއްރުން ސަމާސާކޮށްލެވޭކަށް ނޯވެއެވެ. ވަޔާއިއެކު އިސްތަށިގަނޑު މޫނަށާއި ލޮލަށް ފައިބައިގަތުމުން އަތުން ރީތިކޮށްލާއިރު އެ ރީތި ދެލޮލުގެ ވިދުންގަދަވެފައި ބުމަ އެހާ ނަލައެވެ. ޒެލް އިނގިލި އަނގަޔަށް ޖަހާލައިގެން ވިޝާމްގެ ކޮނޑުގައި ދަތްދޮޅި ޖައްސާލައިގެން އޮތްއިރު ފެންނަ ކޮންމެ މީހަކަށް ހީވީ ބައްޕައާއި ދަރިފުޅުހެންނެވެ. ކޮންމެ މީހެއްގެ ހިތް ތައުރީފުކުރިއެވެ. އެސްފީނާ ޖެހޭހާ ރީއްޗެވެ. ވިޝާމް ލޯންޗަށް އެރުނީ ނައްޓާލަން އުޅުނު ވަގުތުއެވެ. މެހެރީނާގެ ކުރިމަތީގައި އިށީދެވުމުން އޭނައަށްވެސް ސިހުމެއް ލިބުނަސް މަޖާވެސް ވިއެވެ. މެހެރީނާގެ އުނގުގައި އިން ނާޒުކް ބުދެއްފަދަ އަންހެންކުއްޖާ އާއި ޒެލް ދެވަނަފަހަރަށްވެސް ބައްދަލުވީއެވެ. ދާލިޔާ ޒެލްގެ އަތުގައި ހިފާ ދަމާލުމުން މިފަހަރު ޒެލް ބަލަން އިނީ ރަކިވެފައެވެ. ކަތި ސިއްރު ނަޒަރަކުން ބަލާލާފައި ވިޝާމްގެ މޭގައި މޫނު ފޮރުވިއެވެ.

މެހެރީނާގެ މޮޅުކަމަކީ ވިޝާމްއަކީ ދަންނަ މީހަކަށްވެސް ނެހެދުމެވެ. ރޮބޮޓެއްހެން އެއްދިމާލަކަށް ބަލަންއިނީ ވިޝާމް ފެނުނުކަމަކަށްވެސް ހަދާނުލައެވެ.

ނަމަވެސް އޭރު މެހެރީނާގެ ޚިޔާލުތައް ދެކޮޅަށް ކިރެންފެށިއެވެ.

މިއީ ސަލްވާގެ ދަރިއެއް ހެއްޔެވެ؟ އެކުއްޖާ ވިޝާމްއަކާއި އެއްގޮތަކަށްވެސް ވައްތަރެއްނޫނެވެ. އެހެރަ ދެލޮލާއި ދޮންބެ........ނޫނެކެވެ. މިހެންވެގެން ނުވާނެއެވެ. މިއީ ދޮންބެގެ ދަރިއަކަށްވެގެން ނުވާނެއެވެ. އެކުއްޖާ "ޕާޕާ" އޭ ކިޔާފައި ގޮވައިލީވެސް ވިޝާމްއަށެވެ. ވިޝާމް އެހެން މީހަކާއި އިނދެގެން ލިބުނު ކުއްޖަކީކަން ނޭގެއެވެ. ދޮންބެމެންނަށްވެސް އެހާ ދުވަސްވާންދެން އެމެރިކާގައި އުޅެފައި އަދި މާލެ އަންނަން އެނގުނީ މިހާރުއެވެ. ސަލްވާ ހުރިތަނެއް އޭނަ ކޮންމެހެންވެސް ހޯދާނެއެވެ. އެ އަންހެނާގެ ސިހުރުގައި ދޮންބެ ޖައްސައިފިއްޔާ އޭނައަށް މިހާރު ލިބިފައިވާ އުފާވެރި ދިރިއުޅުމަށް މާޒީގެ ހިޔަނި އެޅިދާނެއެވެ.

ލޯންޗު މަޑުކޮށްލުމާއިއެކު މެހެރީނާ އަވަސްވެގަތީ ލޯންޗުން ފޭބުމަށެވެ. ދަރިފުޅު ނަގާފައި ބިންމަތީގައި ބެހެއްޓިގޮތަށް އޭނަ ހުރީ ފޯނު ކަންފަތުގައިޖަހާލައިގެންނެވެ. ދާލިޔާ ވިޝާމްގެ ޖިންސްގައި ހިފަހައްޓާފައި ކުޑަކޮށް ދަމާލުމުން ވިޝާމް އެ ތުއްތު އަންހެންކުއްޖާގެ އިސްތަށިގަނޑާއި ކުޅެލަމުން "ހައި ސްވީޓްހާޓް" އޭ ބުނެލީ ކުޑަކުއްޖަކާއި ވާހަކަދައްކާނެ އެންމެ ލޯބިވެތި އޯގާތެރި ރާގަކަށެވެ. ދާލިޔާއާއި އަޅާލުމެއްނެތި މެހެރީނާ މާ ފޯރިއާއިއެކު ވާހަކަދައްކަނިކޮށް ވިޝާމް ދާން ހިގައިގަނެފާ ބަލައިލެވުނީ ދާލިއާ އުޅޭގޮތެކެވެ. މެހެރީނާގެ އެހެރަ ފަރުވާކުޑަކަމާއެވެ. ނެނީއެއް ގެންގުޅެވޭ ފެންވަރުގެ މީހަކަށްވާހިދު ތިމާގެ ދަރިން ނުބެލެހެއްޓެންޏާ އެފަދަ ކަމަކަށްވެސް ފައިސާ ޚަރަދުކުރަންވާނެ ނޫންހެއްޔެވެ؟ ވިޝާމްއަށް ފެނުނު މަންޒަރަކުން އޭނަގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދާލިއާ ތޮށިގަނޑުމަތިން މޫދާއި ކައިރިއަށް ކުރިއަށް ދުއްވައިގަތީއެވެ. ވިޝާމް ހުޝިޔާރުކަމާއިއެކު ކުރިއަށް ދުއްވައިގަނެ އެކުއްޖާގެ ގައިގާ ކިރިޔާ ހިފެހެއްޓުނުކަމެވެ.

"އޯ........." މެހެރީނާވެސް އެމަންޒަރުބަލަން ދެތިން ފޫޓުދުރުގައި ހުރީ ޝޮކެއްގައެވެ. ވިޝާމްއަށް ނުހިފެހެއްޓުނުނަމަ އެކުއްޖާ މޫދަށް ވެއްޓޭނެކަމާއިމެދު ޝައްކެއްނެތެވެ. ވިޝާމް ހުރީ އެއް އަތުން ޒެލް ކޮނޑަށް ލައިގެންނެވެ. އެކަމަކު ދާލިއާއަށް އެދިމާވާން އުޅުނު ހާދިސާއިން ހިތް މަޑުވެގެން ދިޔުމާއިއެކު ބޭއިޚުތިޔާރުގައި އަނެއް އަތުން ދާލިއާ އުފުލައިލެވުނީ ހިމާޔަތްދޭފަދަ ގޮތަކަށެވެ. މެހެރީނާގެ ސިކުނޑި ރަގަޅަށް މަސައްކަތްކުރަން ފެށުމާއިއެކު އުދުހިލާފައި ކަހަލަގޮތަކަށް އައިސް އޭނަގެ ދަރިފުޅު ޖަހައިގަތެވެ. މެހެރީނާ ހިތާހިތުން ވިޝާމްއަށް ޝުކުރުވެރިވީއިރު އޭނަގެ ހިތް ރޯމަހެއް ފެނުން ނެގީމަ ތެޅޭފަދައިން ބާރުބާރަށް ތެޅުނީ މިއަދު ދާލިއާ މޫދަށް ވެއްޓުނުނަމަ ވާނެގޮތް ޚިޔާލުކޮށްލާފައެވެ. ދާލިއާ އެހެން ހުރެފައި ކުއްލިއަކަށް އަނެއްކޮޅަށް ދުއްވައިގަންނާނެއޭ ހިތަށް އަރާނީވެސް ކާކުހެއްޔެވެ؟ އެތަނުން ކޯންޗެއް ފެނިގެންކަމެއްވެސް ނޭގެއެވެ.

"މެހެރް ސިސް ތިއުޅޭ ފާޑެއްވެސް ދޯ. ހީވީ އަހަރެން މި ބޭބީ ކިޑްނެޕްކޮށްގެން ދާން އުޅުނީހެން ވިއްޔަ. އެނީވޭސް އެޑްވައިސްއެއް ދީފާނަން. ތުއްތުކުދިން ވަރަށް އަންޕެރްޑިކްޓަބްލްވާނެ. މޫދުކައިރީގައި ތިބެފައި ފުންމާލަފާނެ. އަލިފާނަށްވެސް އަތްލަފާނެ. ޓޭކް ގުޑް ކެއާ އޮފް ހާ އިނގޭ މެހެރް ސިސް............" ވިޝާމް އެއްލޯ މަރާލާފައި ހިނގައިގަތްއިރު މެހެރީނާ ހުރީ ދާލިއާ މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. މިހާރު ހިފަހައްޓައިގެން ހުރީ އަގުބޮޑު ޖަވާހިރެއް ގެއްލިދާނެތީ އުޅޭހެންނެވެ. ރުޅިފިނިވެ އެދެލޮލަށް ކަރުނަ ޖަމާވެފައިވިއެވެ. ދުވަހަކު މެހެރީނާ އެފަދަ ނާޒުކް ބަލިކަށި ހާލަތެއްގައި ހުއްޓާ ވިޝާމްއަށް ފެނިފައެއްނުވެއެވެ. މަންމައަކަށްވުމުން މެހެރީނާގެ ހިތުގައި ކުލުނާއި ލޯބި އުފަންވީއެވެ. އެއްޗެއް ވިސްނި އިބުރަތެއް ލިބުނުކަމަށްޓަކާ ވިޝާމް އުފާވިއެވެ. ފޯނަށްވުރެ ދަރިން އުޅޭ ނޫޅޭގޮތް ބަލަންޖެހޭނެކަން މެހެރީނާއަށް ވިސްނޭވަރުގެ ހާދިސާއެކެވެ.

ވިޝާމް ސްޕެޝަލައިޒްވެގެން އައުމަށްފަހު ވަޒީފާ ނުލިބިގެން ހުންނާކަށް ނުޖެހުނެވެ. އޭނަ ކަނޑައިލި ހޮސްޕިޓަލުން ވަޒީފާ ހަމަޖެހުނުކަމަށް މާއިޒް ބުނުމުން ވިޝާމްއަށް ހައިރާންކަމެއްލިބުނެވެ. އަރީން މިހާ ދީލަތި މާތްމީހަކަށްވީ ކޮންއިރަކުން ހެއްޔެވެ؟ އޭނަ ހޯދި ރަން ވަނައިގެ ސަބަބުން ކޮންމެތާކުންވެސް ވަޒީފާ ލިބޭނެކަން އެނގޭތީ އެހެންގޮތެއް ހަދަން ނުކެރުނީއެވެ. އޭނަގެ ރިކޯޑް ކޮންމެގޮތަކަށް އޮތަސް އެމީހުންނަށްވެސް މުހިއްމެއްނުވިއެވެ.

ތިންއަހަރު ކުރިން ސަލްވާވެސް މެލޭޝިއާއަށް ފުރީ އަމިއްލައަށް ހޯދި ސްކޯލާޝިޕެއްގައެވެ. ސަލްވާ އިސްލާމިކް ސްޓަޑީޒްއިން ޑިގްރީ ހާސިލުކުރިއެވެ. ތިންއަހަރުވާންދެން އޭނަ މެލޭޝިއާގައި ކިޔަވަން އުޅުނުއިރު އެންމެ ގާތުގައި އަބަދުވެސް ހުރީ ފާގިޔާއެވެ. މަންމައަކު ނެތްތަން ފޫބައްދާދިނެވެ. ވިޝާމް އޭރު އުޅުނީ ނޭޕާލްގައެވެ. ލިބޭ ޗުއްޓީގައި މެލޭޝިއާއަށް ޒިޔާރަތްކުރިޔަސް އޭނަގެ އުޅުނީ ދުރުންނެވެ. ބީރައްޓެއްސެއް ފަދައިންނެވެ. ވިޝާމް އުޅޭގޮތުން ސަލްވާ ހީކުރީ ވިޝާމްވެސް ސަލްވާގެ ޗެޕްޓަރ ލައްޕާލީކަމުގައެވެ. އެހެން ކުއްޖަކާއި ރައްޓެހިވީކަމަށެވެ. ސަލްވާގެ ދަރިފުޅު ޒެލްއަށް ހައިކަލްގެ ފޮޓޯތައް ދައްކާފައި ބައްޕައޭ ކިޔުއްވާތީ ދެން ވީ މާ މަޖާގޮތެކެވެ. ހައިކަލްފަދަ ރީތި މީހެއް ވެއްޖެއްޔާ އެއީ ޒެލްގެ "ޕާޕާ"އެވެ. އެހެންވެ ޒެލްގެ ބައްޕަމެން އޮންނަނީ ގިނަވެފައެވެ. ބޮޑުވީވަރަކަށް ޒެލްއަށް ހައިކަލް ވަކިކުރާން އެނގޭނެކަން ސަލްވާއަށް އެނގެއެވެ. ދަރިފުޅަށް ބައްޕަ އެނގުމަކީ ޒެލްގެ ހައްގެކެވެ. ކިތަންމެ ދުވަހަކުންވިޔަސް ޒެލްއަށް އޭނަގެ ބައްޕައަކީ ހައިކަލްކަން އެނގި އޭނަ ހައިކަލްއާއި ބައްދަލުކުރުވާނެއެވެ. ހައިކަލް އޭނަގެ ދިރިއުޅުން ކުޅިގަނޑަކަށް ހަދާލިނަމަވެސް އެންމެރަގަޅެވެ. ޒެލްގެ ސަބަބުން އޭނައާއި ހައިކަލްގެ ގުޅުމަށް ދުވަހަކު ނިމުމެއްނުވާނެއެވެ.

ހައިކަލް އޭނަ ދޫކޮށްފައި ދިޔަކަމުގައި ވިޔަސް އޭނަގެ ހިތުގައި އަދިވެސް ވަނީ ހައިކަލްގެ ހަދާންތަކެވެ. ކޮންމެ ރެއަކު އޭނަ ކަރުނަ އަޅާ ރޮއެވެ. ޒެލް ފެންނަ ކޮންމެ ފަހަރަކު އެދެލޮލަށް ބަލާފައި ސަލްވާއަށް ރޮވެނީ ހައިކަލްގެ ދެލޮލުގައި އެހުންނަ އަޅައިގަންނަ ގޮތް ކުޑައިރުވެސް ޒެލްއަށް ލިބިފައިވާތީ އެހަދާންކޮށްފައެވެ. ސަލްވާއަށް ރޮވިއްޖެއްޔާ ޒެލް ސަލްވާގެ ލޮލުން ކަރުނަ ފޮހެދޭނެއެވެ.

"ޕްލީޒް ޑޯން ކްރައި ލަވް ޔޫ. މަންމީ..." ޒެލް ބުނާނެއެވެ.

ސަލްވާއަށް ކުރެވޭކަމަކީ ޒެލް ގެނެސް ހަޔާލާ ފިތާލައިގެން އަދި ކުރިއަށްވުރެ ބާރަށް ރުއިމެވެ.

ނަމަވެސް އޭނަ މި ތިންއަހަރުވެސް ހޭދަކުރީ ކެތްތެރި ހިތްވަރުގަދަ އަންހެނެއްގެ ފުރިހަމަ މިސާލެއް ފަދައިންނެވެ. ހުރިހާ ހިތްވަރެއް ހޯދީ ހެއްދެވިފަރާތަށް ދުޢާކޮށް އަޅުކަމާއި ކުއްތަންވެގެންނެވެ. ދުނިޔެއިން ލިބުމަށް އެދޭ އިތުރު އުފަލެއް ނެތެވެ. މިހާރު ސަލްވާ މިހުންނަނީ އެކަނި ޒެލްއަށްޓަކައެވެ. އޭނަގެ ލޯބިވާ ކުޑަކުޑަ ފިރިހެންދަރިފުޅަކީ އޭނަގެ ފުރާނައެވެ. ދިރިހުރުމުގެ ހުރިހާވެސް އުއްމީދެވެ.

އެޕާޓްމެންޓެއްގެ ފަސްވަނަ ފްލޯގައި ހުރި ހިތްފަސޭހަ ކޮޓަރިއެކެވެ. ރަންއަލިކަމެއް ވެރިވެފައިވާ ކޮޓަރީގެ ދޮރުފޮތިތައް ވަޔާއި ވިހުރެމުން ދިޔައެވެ. ސަލްވާ ހުދުނިދާ ހެދުމެއް ލައިގެން ޒެލްއަށް ގާތުން ދޭން އޮތްއިރު އެ ދޮންމޫނަށް ވެރިވެފައިވާ ރަންކުލައިގެ ސަބަބުން ފެންނަލެއް ފުރިހަމައެވެ. ސަލްވާ ދަރިފުޅުގެ ފަން އިސްތަށިގަނޑުގައި ފިރުމިއެވެ. ދެއަހަރު ފުރިފައިވާތީ މިކަން ހުއްޓުވަން އުޅުނަސް ޒެލް އަދިވެސް ދޭތެރެއަކުން ބޯންޖެހެއެވެ. ސަލްވާ އެއާދަ ހުއްޓުވަން މަސައްކަތްކުރުމާއިއެކުވެސް ޒެލް އިނގިލި ބުއިމަށް އާދަކުރިއެވެ. އެގެންގުޅޭ ކުޑަ ރަޖާކޮޅުވެސް ދޫކޮށެއްނުލައެވެ. ޒެލް ނިދާނީ ގުރުއާން ޖަހާދިނީމައެވެ. ބައްޕައަކާއި ނުލައި ބޮޑުވާތީ މިހާރަކަށް އައިސް ޒެލް ބައްޕަ ބޭނުންވެގެން ސުވާލުކުރެއެވެ. ބައްޕަ ހުރީ ކޮންތާކުތޯ އަހާނެއެވެ. ބޮޑުވާވަރަކަށް އެސުވާލު ކުރުން އިތުރުވާނެކަން ސަލްވާއަށް ޔަގީނެވެ.

ޒެލްއަށް ސަލްވާ ކުރުސި ކިޔާދިނެވެ. އެސްފީނާއިން ސަލާމަތްވުމަށް ދުޢާކުރިއެވެ. ފަލަގު ނާސި ސޫރަތް ކިޔަވާފައި ޒެލްގެ ގައިގާ ފިރުމާލުމުން ރައްކާތެރިކަން އިހުސާސްކުރެވުނެވެ. ޒެލް ނިދާ ހަރުވުމުން ކޮލުގައި ބޮސްދީފައި ހިނިތުންވެލީ ހަމްދުކުރަމުންނެވެ. މިހާ އަގުބޮޑު ހަދިޔާއެއް ލިބުނުކަމަށްޓަކާ އޭނަ ހެއްދެވިފަރާތަށް ހަމްދުނުކުރާ އެންމެ ދުވަހެއްވެސް ނުދެއެވެ. އަދިވެސް ދުޢާއަކީ ހައިކަލް އޭނަގެ ކައިރިއަށް އައުމެވެ. އޭނައާއި ދަރިފުޅު ބަލައިގަތުމެވެ.

"ހައިކަލް އަހަރެމެންގެ މަތިން ހަދާންވެސް ނުވަނީތަ؟ މިދަރިފުޅަށްވެސް ބައްޕައެއްގެ ލޯބި ބޭނުންވާނެ. ޕްލީޒް ކަމްބެކް.......ޕްލީޒް ޓޭކް މީ ބެކް...." ސަލްވާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ކަޅުހެދުންލައިގެން ޝޯލް އޮޅާލައިގެން ކޮޓަރިން ނުކުތްއިރު ވާރޭގެ ތިކިތަކުން ފަޒާ ފުސްކޮށްލާފައިވާތަން ފެނުނެވެ. ފިނިގަދަވުމުން ކޮފީތަށްޓެއް ގިރާލައިގެން އޭނަ ސިޓިންރޫމްގެ މަޑު ސޯފާއެއްގެ އަރާމުކަން ލިބިގަތްތަނާ ފާގިޔާ ކޮޓަރީގެ ދޮރު ހުޅުވައިލި އަޑުއިވުނެވެ.

"ދައްތަ އަދިވެސް ނުނިދަންތަ؟ " ސަލްވާ ކުޑަކޮށް ހިނިތުންވެލީ ލޮލުގައިވާ ކަރުނަތައް އަވަހަށް ފޮހެލާފައެވެ. ނަމަވެސް ފާގިޔާއަށް އެ ކަން ސިއްރެއްނުވިއެވެ. ކިތަންމެ ފަހަރަކު ފާގިޔާއަށް އެލޮލުގައިވާ ރިހުމާއި ކެކުޅުން ފެނިފާވިއެވެ.

"މިރޭ ކުޑަކޮށް ފައިގާ ރިއްސާތީ ނުނިދިފައި އޮތީ....." ދޮރުތަކުގައި ވައިއަޅުވާއަޑު އިވިފައި ފާގިޔާ އެދިމާލަށް ހިނގައިގަތެވެ.

"ހާދަ ވައިބާރޭ. ދޮރުތަކުގައި ތަންޑު އަޅުވާފައި ހުރިތީ ބަލާނުލައި ހިތްހަމައެއް ނުވެސްޖެހޭ. ވަގުންގެ އުދަގޫތައް މިހާރު ކުރިއަށްވުރެ ބޮޑު. އެކަމަކު ވިޝާމް ބުނީ މިއީ އެންމެ ސިކިއުރިޓީ ރަގަޅު އެޕާޓްމެންޓްކަމަށް. ނަމަވެސް މާލޭގައި މިހިނގާ މާރާމާރީތަކުގެ ސަބަބުން ޔަގީންކަމެއް ވަކި އޮންނާނެތަ." ފާގިޔާ އެކި ވާހަކަދައްކަމުންގޮސް ކާބަޔަށްވަދެ އެބައި ޗެކްކޮށްލާފައި އައިއިރު ހުރީ ހިނިތުންވެފައެވެ.

"ސަލްވާއަށް އެނގޭތަ؟ ވިޝާމްގެ ވަޒީފާވެސް ހަމަޖެހިއްޖެ. މުސާރަ އެހާ ބޮޑު. ވިޝާމްއާއި ސަލްވާގެ ދިރިއުޅުން ކާމިޔާބުވުމަށް އެދި ދުޢާނުކުރާ އެންމެ ދުވަހެއްވެސް ނުދޭ. އަލްހަމްދުލިﷲ. އެ ދުޢާތައް އިޖާބަކުރައްވައިފި......" ފާގިޔާ ސަލްވާގެ ގާތުގައި އިށީދެ އޯގާތެރި ނަޒަރަކުން ބަލައިލިއެވެ.

"ރަގަޅު. ވަރަށް އުފާވެރި ޚަބަރެއް......" ސަލްވާ ކޮފީތަށި ތުނބުގައި ޖެހިއެވެ.

"ފޮނި އެއްޗަކުން ސަދަގާތްކުރަން ޖެހޭނެ. މާދަން ބޮނޑިބަތާއި ކުޅިމަސްހަދާނީ...."

"ތިހެން ބުނީމަ އަޅުގަނޑުވެސް ބޮޑިބަތް ކާހިތްވެއްޖެ. ބޮނޑިބަތް ނުކެވޭތާ ހާދަ ދުވަހެއް ވެއްޖެއޭ. އެންމެފަހަށް ކެވުނީ ޒެލްއަށް ހަތްދުވަސްވީ ދުވަހު....." ސަލްވާ ހިނިތުންވެލިއެވެ.

"ސަލްވާ. ދެން އަބަދަށް ހަމަ ތިގޮތުގައި ހޭދަކުރާނީތަ؟ އެމީހުން ދުވަހަކު ސަލްވާ ގަބޫލެއްނުކުރާނެ. ހަގީގަތުގައި ޒެލްއަށްވެސް މިހާރު ބައްޕައެއް ބޭނުންވޭ. ބޮޑުވާވަރަކަށް އެ އަހަނީ ބައްޕަ ކޮބާހެއްޔޭ. ފެންނަ ކޮންމެ މީހަކަށް ބައްޕަ ކިޔާ ޒެލް އެގޮވަނީ. ސަލްވާ ބޭނުމެއްނުވޭތަ ޒެލްއަށް ރަގަޅު ބައްޕައެއް ހޯދާކަށް...." ފާގިޔާ ދުރުން ވާހަކަފެށިއެވެ.

"ޒެލްގެ ބައްޕަ ދުނިޔޭގައި ހުރިހާ ހިދަކު އެހެން ބައްޕައެއް ހޯދާކަށް ހިތެއް ނުރުހޭ ދައްތާ. އެއާއިލާ އެންމެން ނަފްރަތުކުރިޔަސް ހައިކަލް ކިހާ ރަގަޅުކަން ދައްތައަށްވެސް އެނގެއެއްނު. އަދިވެސް އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން ހައިކަލްއަށް ކުރެވުނު ކުށް އިހުސާސްކުރެވި އެނބުރި އައިސް ޒެލް ގެންދާނެކަމަށް. ހައިކަލްއަށްވެސް އެނގޭނެ ޒެލް ހުރިކަން. ނައީ ކީއްވެކަން ހޯދަން މަސައްކަތްނުކުރަނީ ކިއްވެކަމެއް ނޭގޭ. ހިތް ބުނަނީ ހައިކަލް އަންނާނެއޭ. އެހެންމީހުންގެ ނުފޫޒުގެ ސަބަބުން ބޭނުންވިޔަސް މަޖުބޫރީއެއް ދިމާވީ......." ސަލްވާގެ ލޮލުން ކަރުނަ ނީރާލިއެވެ. ހަގީގަތަކީ ހައިކަލް އާއި އޭނަގެ ބައްޕައާއި ދެމީހުންވެގެން ކުރި ވިޔަފާރިއެކެވެ. އޭގެ އަގު އަދާކުރަން މިޖެހުނީ ސަލްވާއަށެވެ.

މި ތިން އަހަރު ތެރޭގައި ސަލްވާގެ ލޮލުން އޮހުނު ކަރުނައާއި ކުރި ހިތްވަރު އެންމެ ގާތުން ދެކެފައިވާ މީހަކީ ފާގިޔާއެވެ. ސަލްވާ ހައިކަލްގެ މަތިން ހަދާންނައްތާލާފައި ވިޝާމްއާއި ގުޅިގެން އުޅޭނެނަމައޭ ފާގިޔާ ހިތަށް އެރިޔަސް އެއީ މީހެއްގެ އަންބެއްކަން ފާގިޔާ ހަދާންނައްތާނުލައެވެ. ހައިކަލް ސަލްވާ ވަރިއެއް ނުކުރެއެވެ. އަދިވެސް ސަލްވާ އެހެރީ ހައިކަލްގެ އަންހެނުންގެ މަގާމުގައެވެ. ސަލްވާ އެހެރީ ފިރިމީހާއަށްޓަކާ މުޅި އުމުރު ހޭދަކުރުމުގެ އަޒުމްގައެވެ. އެހެން ފިރިހެނަކަށް އެ ނަސީބު ލިބޭނެކަމެއް ނޭގެއެވެ. ސަލްވާ ހައިކަލްއާއި ހެދި އުޅޭވަރު ފެނި ފާގިޔާއަކަށްވެސް އޭނަގެ އުއްމީދުތަކުގެ ވާހަކަ ބުނާކަށް ނުކެރެއެވެ. ފާގިޔާގެ ހިތާއި ފުރާނައިންވެސް އެދެނީ ވިޝާމްއާއި ސަލްވާ ގުޅިގެން އުޅުމެވެ. ނަމަވެސް އެދޭތެރޭގައިވަނީ ބުނަންނޭގޭފަދަ ދުރުކަމެކެވެ. ތިންއަހަރު ކުރިން މާލެއައުމަށްފަހު ދެމީހުން ޚިޔާރުކުރީ ދެ ރާސްތާއެވެ. ސަލްވާގެ މަންޒިލަކަށް މެލޭޝިއާވިއެވެ. ވިޝާމް އޭނަގެ މަންމައާއި ބައްދަލުކުރަން އަޔަސް ސަލްވާ ހުންނަނީ އޭނަގެ ގޮތުގައެވެ. މޫނު އަޅައިގެން ނޫނީ ވިޝާމް ފެންނަ ހިސާބަކަށް ނާދެއެވެ. އެހާވެސް ސަލްވާ ތެދުވެރިއެވެ. ވަފާތެރިއެވެ.

ވިޝާމްގެ ކައިރީގައި ފާގިޔާ ނުގޮތަކަށް ސަލްވާގެ ވާހަކަ ދައްކާލިޔަސް ވިޝާމް ހީގަންނާނެއެވެ. މީހަކާއި އިނުމަށްވުރެ އިސްކަންދެނީ ކިޔަވާ ނިމިގެން އަމިއްލަ ފައިމައްޗަށް ތެދުވާން ކަމުގައި ބުނެ ވިޝާމް މަންމަގެ ހިތްހަމަޖައްސާދޭނެއެވެ. ކިޔަވާނިމިގެން ލޯނު ދެއްކުމަށްފަހު މަންމަ ރުހޭ މީހަކާއި އިންނާނެކަމަށް ވައުދުވުމުން ފާގިޔާގެ ހިތަށް ފިނިކަމެއް ލިބި ހިތް ސިއްރު އިންތިޒާރެއްގައި ވިއެވެ.

ވިޝާމްގެ ހުރިހާވެސް އަޒުމަކީ ހުވަފެނަކީ ކިޔެވޭނެ އެންމެ މައްޗަކަށް ކިޔެވުމެވެ. ވިޝާމްގެ ހިތުގައިވަނީ ހައިކަލްއަށްވުރެ އެރޮގުން މޮޅުވުމެވެ. ނޭގިނަމަވެސް އެހިތުގައި ހައިކަލްއަށްޓަކާ ވީ ހަސަދައެވެ. ވާދަވެރިކަމެވެ.

ވިޝާމް ހޮސްޕިޓަލުން ފެނިފާ ލިބުނު ހައިރާންކަމާއިއެކު ރައުދާ ވަގުތުން އޭނަގެ އެކުވެރިޔާ މެހެރީނާގެ ކަންފަތާއި ހަމަޔަށް އެ ޚަބަރުފޯރުވިއެވެ. މެހެރީނާހުރީ ޝޮކެއްގައެވެ. އަރީން އޭނައަށް ނާންގާ ވިޝާމްއަށް ވަޒީފާ ދޭންޖެހުނީ ކީއްވެހެއްޔެވެ؟ މިއީ އަރީން އޭނައަށް ކުރި ބޮޑު ޖެއްސުމެކެވެ. ސަރުކާރު ތަންތަން ހުއްޓާ އަރީން ވިޝާމްއަށް ވަޒީފާދޭން ޖެހުނު ސަބަބެއް އެނގެން އޭނަ ބޭނުމެވެ.

އަރީން ޑިއުޓީގައި ހުރެފައި އެޕާޓްމެންޓަށް ވަންއިރު ދާލިއާއޮތީ އެކުއްޖާއަށް ޚާއްސަކުރެވިފައިވާ ބައިގާ ނިދާފައެވެ. ނެނީ އެތަނުގައި ފޮތެއް ކިޔާލަން އިންދާ އަރީން ދަރިފުޅުގެ ކައިރިއަށް ގޮސް އެކުއްޖާގެ މޫނުގައި ބޮސްދީފައި ލޯބިން ބަލަން އިރުކޮޅެއްވާންދެން ހުއްޓެވެ. ދާލިއާއަކީ އަރީންގެ ފުރާނައެވެ. އެކުއްޖާއާއިހެދި އަރީން އުޅޭވަރު ނުދަންނަމީހަކު އެއާއިލާގައިވެސް ނޫޅެއެވެ. އަރީން އޭނަގެ ނިދާކޮޓަރީގެ ދޮރު ހުޅުވައިލިއިރު އަންހެނުން މެހެރީނާއިނީ ޑްރެސިންޓޭބަލް ކައިރީގައި މޭކަޕްކުރުމުގައި އަވަދިނެތިއެވެ. އޮފީސްހެދުމަކާއިއެކު ކަޅުސޫޓެއް ލައިގެން އިސްތަށިގަނޑުން ހުޅިއެއްޖަހާލާފައި ހުރިއިރު ރަސްމީގޮތެއް ހުއްޓެވެ. އޭނަގެ އަންހެނުން ކިތަންމެ ރީއްޗަސް މޭކަޕްކުރާވަރުން ވަނީ އަމަށަކު ފޫއްސެއްނޫނެވެ. އެކަން ހުއްޓުވާނެގޮތެއްވެސް ވިސްނުމަކަށް ނާދެއެވެ. އަވަދިނެތި އުޅޭވަރުން އެހެންކަމަކާއި ބޮޑަށް ނުވެސް އުޅެވެނީއެވެ. އަރީން ފެނުމާއިއެކު މެހެރީނާ ތުން އަނބުރައިލިއެވެ.

"އަރީން. އެހާ ބޮޑުކަމެއް ނާންގާ ކުރީ ކީއްވެ؟ " މެހެރީނާ ދެބުމަ ގޮށްޖަހައިލިއެވެ.

"އަނެއްކާ އަންހެންކުއްޖެއްގެ ވާހަކަތަ......" އަރީން ޓައީއަށް ދޫކޮށްލުމަށްފަހު ހީލީ ލާނެތްގޮތަކަށެވެ.

"މިދައްކަނީ ވިޝާމްއަށް ވަޒީފާދިންކަން އެނގިގެން އެވާހަކަ..." މެހެރީނާ ގެ ލޭ ހޫނުވިއެވެ.

"މެހެރްއަށް ނާންގާ ކަމެއް ކުރެވޭކަށްވެސް ނޯވޭ ދޯ....." މެހެރީނާ ހީކުރީ އަރީން އޭނަ ހިތް އުފާވާނެގޮތަކަށް މިފަހަރު ހަދާދޭނެކަމުގައެވެ. އަރީން ބުނެފާނެ އެއްޗަކުން އޭނައަށް ވަރުގަދަ ޝޮކެއް ލިބެން އުޅޭކަމެއް ނޭގި މެހެރީނާ ވިޝާމް އެތަނުން ކަނޑާލަން ބާރު އަޅަންފެށިއިރު ވިޝާމްއާއި ދޭތެރޭގައި ވާ ހަސަދައާއި ރުޅިވެރިކަމުގެ އަލިފާނުން މުޅި ހަށިގަނޑު ހޫނުވެފައިވިއެވެ. ވިޝާމް އޭނަގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިންކަން މެހެރީނާ ހަދާން ނައްތާލައިފިއެވެ.

 

ކޮމެންޓް 0