އެއް އަތުން ކޮފީތަށި ހިފައިގެން އިނދެ މާއިޒް ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުން ދިޔައެވެ. ވިޝާމް އަތުލަން އުޅުމުން މާއިޒް ލޯ ހަނިކޮށްފައި ބަލައިލިއެވެ. ވިޝާމްއަށް އެނގުނެވެ. އާޒީން މެސެޖްކުރާނީއެވެ. އާޒީން މާއިޒްއާއިހެދި އެހާވަރަށް އުޅޭއިރު މާއިޒް ދެކޮޅުހެދުމުގެ މާނައެއް މިހާރަކު ނެތެވެ. އެހާ ލޯބިން ބަލާ ބޮޑުކުރިކަމުގެ އަގަކަށްވެސް އޭނަ ނަމަ އާޒީންއާއި ގުޅޭނެއެވެ. މާއިޒްގެ ހިތުގައިވާ އެއްޗެއް އޭނަވަނީ ވިޝާމްއަށް ފޮރުވާފައެވެ. އެހާ އެކުވެރިއިރުވެސް ލޯބީގެ ކަންތައްތައް ދެމީހުންވެސް ހިއްސާ ނުކުރަނީއެވެ.

"ޑޯންޓް ބްރޭގް ބްރޯ. އަހަރެމެން ހެލުސިނޭޝަނޭ ކިޔައިގެން އަދި އުޅުނަސް އެއީވެސް ބިންމަތީގައި ލައްވާފައި ބަޔެއް........" މާއިޒް ދިމާކުރިއެވެ.

"ޝިޔާދް ތަ ލީނާ މަންމާ؟ " ވިޝާމް ޔަގީންކޮށްލަން ސުވާލުކުރިއެވެ.

"ޝިދާދް. ކަލޭމެންނަށް އޮޅުން ފިލައިފިތަ. ޝިދާދް..." ލީނާ ކަރުބުޑުން ވާހަކަދެއްކިގޮތުން ހީވީ އެހެން މީހަކު އެނަން ބުނިހެންނެވެ. މާއިޒްވެސް އިނީ ގުޑިލާންވެސް ނޭގިފައެވެ. ވިޝާމްވެސް ސިހޭގޮތްވިއެވެ. ނަފްސާނީ މައްސަލަޖެހިފައިވާ މީހުން އަޑުބަދަލުކޮށްގެން ވާހަކަދައްކާ އަޑު އެމީހުންނަށް އިވިފައިވިޔަސް ލީނާގެ އަޑު އިވުމުން ގައިން ހީބިހި ނަގާގޮތްވިއެވެ.

އިރުއޮއްސުނުތަނާ ލީނާ ސަކަރާތްވާންފެށިއެވެ. ކަރުބުޑުން ހަޅޭއްލަވަލަވާފައި އަމިއްލަ ކަރުގައިވެސް ހިފަނީއެވެ. ނޭވާ ނުލެވިގެން ތެޅިފޮޅެންފެށިއެވެ. ވިޝާމްއާއި މާއިޒްވެސް ލީނާއަށް އެހީވާން ކައިރިއެވެ. ލީނާއަށް ޖެހިފައި މިވަނީ ކޮންފަދަ ކަންތައްގަނޑެއްބާވައެވެ. ލީނާ އެހެން އުޅެފައި ފިޓްވެސް ޖެހުނެވެ. މާއިޒް ލީނާގެ ބޯދަށަށް ބާލީހެއް ލައްވާފައި އެއް އަރިއަށް ބޭއްވިއެވެ. އެފަދަ ވަގުތުގައި އަނގަޔަށް ސަމުސަލެއް ނޫނީ އެއްޗެއް ލެއްވުމަކީ ނުރައްކާތެރިކަމެއްކަން ޑޮކްޓަރުންނަށް ވާތީ އެގުނެވެ. ދޫހެފުމަށްވުރެ އެކަމުން ސަލާމަތްކުރަން މަސައްކަތްކޮށްގެން ބަލިމީހާގެ ދަތްތައް ވެރުން ނޫނީ ލައްވާ އެއްޗެއް ހަލާކުވެ ކަރުތެރެއަށްގޮސް ނޭވާހޮޅީގައި ތާށިވުންފަދަ ކަމެއްވެސް މެދުވެރިވެދާނެއެވެ. ނޭވާ ލައްވަން މަސައްކަތްކުރަން ޖެހޭނީވެސް ފިޓްޖެހި ނިމުމުންނެވެ.

އިރުކޮޅެއްނުވަނީސް ލީނާއަށް ރަގަޅުވެ މީހާ ހަމަޔަކަށް އެޅުނެވެ. މާއިޒްއާއި ވިޝާމްއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދެދުވަހުން އެއްދުވަހު ލީނާ ހޮސްޕިޓަކަށް ގެންދިއުމަކީވެސް ފަސޭހަ ކަމެއްނޫނެވެ.

އާޒީންއާއި އަޒަލްއާއި ދެކުދިން މީހުންގެ ތެރޭގައި އުފާވެރިކޮށް އުޅުނަސް އެކަނިވާއިރަށް ހިތާމައާއި މޮޅިވެރިކަން ވަށާލައެވެ. އާޒީން އެންމެ ހިތާމަކުރަނީ އޭނައަށް މާއިޒްއާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތުންނެވެ. މާއިޒް ގެދޫކޮށްލާފައި ދާން ޖެހުނީ އޭނަގެ ސަބަބުންނެވެ. މާއިޒްއަށް މެސެޖް ފޮނުވަމުންގޮސް މާޔޫސްވީއިރު ޖަވާބެއް ނުލިބުނެވެ. އެތައް ފަހަރު އޭނަ މާއިޒްއަށް ގުޅައިފިއެވެ. ބައެއްފަހަރު ކަނޑާލުމުން ހިތް ފަޅައިގެންދާވަރުވެއެވެ. މާއިޒްގެ ހިތުގައި އޭނައަށްޓަކާ ކުޑަވެސް އިހުސާސެއް ނުވާކަން ޔަގީންކުރެވި ވަރަށް ހިތާމަކޮށްފިއެވެ. އެންމެ ގިނައިން އެވާހަކަ ހިއްސާކުރެވެނީ އަޒަލްއާއެވެ.

"އެހާ ގިނައިން މެސެޖްކުރީމަވެސް ރިޕްލައި ނުކުރޭ. ކީއްވާނީ އެންމެ ފަހަރަކު ރިޕްލައި ކުރިއްޔާ. ހާދަ އާދޭހެއް ކުރެވިއްޖެ. ދުވަހަކު ފޮގިވް ނުކުރާނަމޭ ބުނެލިޔަސް ހަމަ އޯކޭ. އިގްނޯ ކުރީމަ މާ ބޮޑަށް ދެރަވޭ......" އާޒީން ޓިޝޫއިން ކަރުނަތައް ފޮހެލިއެވެ.

"އާޒް ދެރަނުވޭ. އަދި ދޮންބެ އަންނާނެ އިރާދަކުރެއްވިއްޔާ. ދުޢާކުރީމަ ހުރިހާކަމެއް އޯކޭވާނެ. ޑޭޑްވެސް އާޒްދެކެ ރުޅިނާދެއެއްނު. ޑޭޑްވެސް ބޭނުމެއްނުވާނެ އާޒް ދެރަކުރަން. ޑޭޑް ދޮންބެއަށް މަޖުބޫރުކޮށްގެންވެސް އަދި ގެންނާނެ. އަދި އަޅާނުލާ އެހުންނެވީ ހަމަ ދޮންބެއަށް ވަގުތުދޭން. ޔޫ ނޯ ވަޓް އާޒް. މިހާރު އަބަދު ވިސްނެނީ އެންމެ ކަމަކާ. ދޮންބެގެ ބައިލޮޖިކަލް ޕޭރެންޓުސްއިންނަކީ ކޮންބަޔެއް؟ ޑޭޑް ކޮންމެވެސް ކަމެއް ސިއްރުކުރާހެން ހީވޭ......އައި ޑޯނޯ...." އަޒަލް އާޒީންގެ ކޯތާފަތުގައިވާ ކަރުނަ ފޮހެދިނީ ނިކަން ލޯބިންނެވެ.

"ހިގާބަލަ ބިލިއަޑް ކުޅެން....."އަޒަލްވެސް ބޭނުމީ އެކަނި ތަނެއްގައި އޮށޯވެލައިގެން އޮންނާށެވެ. ނަމަވެސް އާޒީން ހިތާމަކުރަން ދޫނުކުރަންވެގެން ކޮންމެވެސް ކަމެއްގައި ބައިވެރިކުރާހިތްވީއެވެ.

"މިގަޑީގައި؟ " އާޒީން ގަޑި ބަލައިލިއެވެ. އަޒަލްގެ ހިތާމަތައް ފޮރުވާފައި އޭނަ މަސައްކަތްކުރީ އާޒީން އުފާކޮށްދޭށެވެ. އާޒީންގެ ހިތާމަތައް އިތުރުވެދާނެތީ މިހާރު އޭނަ ހުންނަނީ އޭނައާއި ވިޝާމްގެ މައްސަލަތައް ސިއްރުކޮށްގެންނެވެ. އޭނަ ބޭނުންވަނީ އެންމެން އުފާކޮށްދޭށެވެ. އެހެންވެ އުޅެނީ އަބަދު ކޮންމެވެސް މަޖާކަމެއްގައެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި މާމަވެސް ހެއްވާލެވޭތޯ އަޒަލް ބަލައެވެ. ނޫނީ މެހެރީނާގެ ބޯ މަސާޖްކޮށްލަދީ މޭކަޕްވެސް ކޮށްދީފާނެއެވެ. މާމަ ދީނަށް ލޯބި ޖައްސަންވެގެން އޭނަވަނީ މިހާރު އެހެން ކަމެއްވެސް ފަށާފައެވެ. ހަލަބުގެ ރާނީފަދަ އިސްލާމީ ތާރީޚުގެ ރީތި ވާހަކައެއް ކިޔާދިނުމުން މާމަވެސް ދީނާއި ކައިރިވެދާނެކަމަށް އަޒަލް ދެކުނެވެ. އެހެންވެ ސަލްވާގެ އަތުން އެ ވާހަކަ އަތުލައިގެން ކޮންމެ ރެއަކުގޮސް ކޮންމެވެސް ވަރަކަށް ކިޔާދޭނެއެވެ. ޒައިތޫންގެ ބެޑްޓައިމް ސްޓޯރީއަކީވެސް އެއީ ކަމުގައިވިއެވެ.

އަޒަލް އެހެން އުޅެމުންވެސް ވިޝާމްއާއި ދޭތެރޭގައި ވީހާވެސް ރަގަޅަށް ކަންތައްކޮށްދޭން މަސައްކަތްކުރެއެވެ. ވިޝާމްއަށް މީރުހެން ހީވާ އެއްޗެއް ހެދިޔަސް ގިނަފަހަރު ޖެހެނީ އެއެއްޗެއް އުކާލާށެވެ. ކާކަށްވެސް ނާންނާނެއެވެ. ހަދިޔާއެއްދިނަސް ނުހިފާނެއެވެ. ދިން ފޯނުވެސް އަތްނުލާ ބޭއްވީ އަލަމާރީގައެވެ. އޭނައަށް އެއްޗެއް ހޯދާނުދޭން އަޒަލްކައިރީ ބުނެލިއެވެ. ރީތިކޮށެވެ. އަޒަލް ދެރަވެދާނެތީ ވިސްނީކަން ނޭގެއެވެ. ނަމަވެސް އަޒަލް ހިތްހަލާކުވާވަރުވިއެވެ. ނަމަވެސް ވިޝާމްއަށްޓަކާ އަޒަލްގެ ހިތުގައިވާ ލޯބި ހައްތަހާ އިތުރުވިއެވެ. ވިޝާމް ގެއަށް އައުން ލަސްވިޔަސް އިންތިޒާރުގައި އެކަނިމާ އެކަނި ބޭރުގައި އިނދެވެއެވެ. ބަނޑުހައިވެދާނެތީ ކާން ހަދައެވެ. ވިޝާމްގެ ކާރު ފެނުމުން އަވަހަށް ކޮޓަރިއަށް ވަދެ ނިދާކަމަސް ހެދިގެން އޮންނަނީ ވިޝާމް އެކަންވެސް މަނާކޮށްފަނެތީއެވެ. އިންތިޒާރު ނުކުރަން ބުނެފާނެތީއެވެ. އެތައް ފަހަރު ވިޝާމްގެ ފޭސްބުކް ބަލައިލެވެއެވެ. ވިޝާމް ލިޔާ ކޮންމެ އެއްޗެއްގެ މާނައާއިމެދު އެހާ ވިސްނެއެވެ. މީހަކު ލާފައި އިން ފޮޓޯއަކަށް "ކްރޭވިން ސަމް އޮފް ދެޓް ކޭކް ރައިޓްނައު " ކިޔާފައި ވިޝާމް ކޮމެންޓެއްކުރުމުން އޭގެ ކޭކެއް އަޒަލް ހެދިއެވެ. ވިޝާމްއަށް ގެނެސްދިނުމުން ކެއީ ކުޑަ އެތިކޮޅެކެވެ.

ވިޝާމް ލޯނު އަދާނުކުރެވިގެން އުޅޭތަން ފެނިފާ ދިން ފައިސާގައި ނުހިފާ އަދި އަޒަލްއާއި ދިމާލަށް ހަޅޭއްލަވައިގަތީނުން ރޮއްވާލިއެވެ.

"އަޒަލް އަހަރެންނަށް އިހުސާންތެރިވާނެ ކަމަށް. މި މެރިޖްގެ ބޭނުމަކީ ކޮބާކަން އަޒަލްއަށް އެނގެއެއްނު. އަހަންނަށް ފައިސާ މުހިއްމެއްނޫން. ޑޮކްޓަރަކަށް ވީމަ މުސާރަ އެހާ ބޮޑު. ބޭނުންވާވަރަށް ފައިސާލިބޭ. އަޒަލްގެ އެހީ ނުލިބުނަސް އަހަންނަށް މެނޭޖްކުރެވޭނެ. ސޯ ޕްލީޒް ސްޓޮޕް ދަ ފޭވާސް....." ވިޝާމް ހަޅޭއްލަވައިގަތުމުން އަޒަލް ހުރީ ގުޑިލަންވެސް ނުކެރިފައެވެ. މީހަކަށް އިވިދާނެތީ އަޑުމަޑުކުރަން އެދުނެވެ.

"އަޒަލްއާއި ހެދި ހަޅޭއްލަވަން ޖެހެނީ......" ވިޝާމް ތަންކޮޅެއް މައިތިރިވިއެވެ.

"ކުރީފަހަރުވެސް ވިޝާމް ބުނި ހަޅޭއްނުލަވާނަމޭ......" އަޒަލް ހުރީ ދެލޯ ފުރެންދެން ކަރުނަލައިގެން ތުން ފިތާލައިގެންނެވެ. މައުސޫމްކަމުން ފުރިފައިވާ ކުށެއްނެތް އަންހެންކުއްޖެކެވެ. އަޒަލްގެ ކުށެއްނެތި މިހާ ނުލަފާ ވާން ޖެހޭބާވައެވެ. ކުރިން އޭނައަކީ އެހާ ހަރުކަށިމީހެއް ނޫނެވެ. ލާނެތް މަޖާ މިޒާޖެއްގެ ވެރިއެކެވެ. އަބަދު ހީހީ ހުންނަ ޒުވާނެކެވެ. މިހާރު ގޮސްހުސްވެ މާޔޫސްވުމުން އޭނައަށް އެންމެ ގިނައިން ރުޅި ބޭލެނީ އެންމެ ކައިރީގައި ހުންނަ ކުއްޖާއަށެވެ. އޭނައަށް ހެޔޮއެދޭ ކުއްޖަކަށެވެ. އަޒަލް އެހާ ދެރަވެ މޮޅިވެރިވެފައި ހުންނަތަން ފެނުމުން ހިތް މަޑުވެ ބައްދާލާފައި ދެރަނުވާން ބުނަންވެސް ހިތް އެދެއެވެ. ނަމަވެސް އެކަހަލަ ގޯހެއް ހެދުމުގެ ކުރިން އޭނަ އެފަހަރުވެސް ނުކުމެގެން ދިޔައީއެވެ. އަޒަލް ފާރަށް ލެނގިލިގޮތަށް މޮޅިވެރި ތަސްވީރެއްހެން ހުރިއިރު ހިތް ހުއްޓިދާހެން ހީވިއެވެ. ބޮލުގައި ރިއްސަންފެށުމުން ދެލޯ މަރާލިގޮތަށް ކަރުނަވެސް ދިރުވާލައިފިއެވެ.

މެހެރީނާ އިނީ ވަރަށް އުފާވެފައެވެ. އެންމެން މޭޒުދޮށުގައި ހަމަވީއިރަށް އޭނަ ފޮނިކަނޑަން ފެށިއެވެ. ރާއްޖެތެރެއަށް ބޭސްކުރަން ދިޔުމުން އޭނައަށް އޭނަގެ ފެންވަރު މިފަހަރު އަމިއްލަ ގަދަރާއި ހައިބަތު ވަޒަން ކުރެވިއްޖެކަމަށާއި އޭނަ ގެންގުޅުނީ ރާނީއެއްފަދައިން ކަމުގައެވެ. ހޫނުވުމުން ވިހެދޭން ފަންކާ ހިފައިގެން މީހުން ތިބޭކަމަށާއި އަވީގައި ހިނގާފައި ދާއިރު ކުޑަ ނަގައިގެން އެކީގައި ދާ ކުދިން ތިބިކަމުގައި ބުނެލީ ފަޚުރުވެރިކަމާއި އެކުގައެވެ.

"ފަތްޕިލާ ވެލިން ބޭސްކުރުމުން އެއްވެސް ވަރަކަށް ސައިޑްއިފެކްޓްސް އެއް ނުހުރޭ. ތެޔޮދަމާލީމަވެސް ވަރަށްސަޅި. ދޮންބެމެން ޑޮކްޓަރުންނަށް ވީމަ ދެން އެކަހަލަ ބޭސްވެރިކަމާއި އެއްކޮޅަކަށް ނުވެސް ހުންނަވާނެ. އަދި އެންމެ މޮޅު ތަންކޮޅަކީ މިފަހަރު އެރަށުގައި ހުރި ސިހުރުވެރިއެއްގެ މައުލޫމާތުވެސް އިނގުނު........" މެހެރީނާ ވަށްކަޅިއަކުން ސަލްވާއަށް ބަލައިލަމުން އެރަށުގެ ނަން ކިޔުމާއިއެކު ސަލްވާގެ އަތުން ސަމުސާ ދޫވިއެވެ.

މެހެރީނާ ބުނީ އޭނަގެ ބައްޕަ އިސްމާއީލުގެ ނަމެވެ.

"އަޅުގަނޑަށް ހީވަނީ މެހެރްދައްތަމެނަށް މައުލޫމާތު ދިންމީހަކު ގޯސް މައުލޫމާތެއްހެން ތިޔަދިނީ. ސިހުރުވެރިންނެއް މިސްކިތަށް ދިޔަސް ގިބުލައަކަށް ނަމާދު ނުކުރާނެ. ބައްޕަ ވަރަށް އަޅުވެރިވާނެ. އަޅުގަނޑު މޫނު ބުރުގާ އެޅުވިމީހަކީވެސް ބައްޕަ........" ސަލްވާ އޭނަގެ ބައްޕަ ދިފާއުކުރުމުން ހައިކަލް ހިނިތުންވެލިއެވެ.

"އެރަށު އެންމެންވެސް އެކައްޗެއް ކީ...." މެހެރީނާ ވަރަށް ރުޅިއައެވެ. ސަލްވާ އަނގަ ފެޅީތާއެވެ.

"ބައްޕައަކީ ރާގީއެއް، ރުގުޔާކުރާ މީހެއް........" ސަލްވާ އޮޅުން ފިލުވާދިނެވެ.

"އޯ ސީރިޔަސްލީ. އަލަށް އަޑުމިއެހީ. އޭގެ މާނައަކީ އަނެއްކާ ވަލީވެރިޔެކޭތަ؟ ކަނޑުގައި ހިގާ ވަލީވެރިން އުޅެއޭ ކިޔައިގެންވެސް ބައެއް ފުލޯކު ވާހަކަތައް ހުރެއޭ އަޅުގަނޑުގެ ރައްޓެއްސަކު ބުނި....." މެހެރީނާ މަލާމަތުގެ ރާގަކަށް ވާހަކަދެއްކިއެވެ.

"ސޮރީ. އެކަމަކު މޮޑިފައި ކޮށްފައި ސިހުރުވެރިންނަށް ގާރީއޭ ކިޔާ އާ ނަމެއްދިނަސް އެމީހުން ކުރާ ކަމަކީ ސުޕަނެޗުރަލް ބާރުތަކުން ބާރު ހޯދައިގެން މީހުން މެރުންކަހަލަ ކަންތައްކޮށްދީގެން ލާރި ހޯދުން. ފަހަރި ތިހެން ބުންޏަސް އަހަރެމެންނަށް އޮޅުވާނުލެވޭނެ. ހަމައެކަނި ތަފާތަކީ ރީތި ނަމެއް ދިނުން......" މެހެރީނާ ކާމިޔާބުގޮތަކަށް ހީލިއެވެ. ހައިކަލް ހިތްހަމަނުޖެހޭގޮތް ވިއެވެ. މެހެރީނާ އެހާ އަދަބުކުޑަކޮށް ވާހަކަދައްކާއިރު އެއާއިލާ އެހެން މީހުން އެގޮތެއް ނޫނެވެ.

"މިސާލަކަށް ދެމަފިރިން ވަކިކުރުން މީހުންނާއި ދެވުމަށްވެސް އެމީހުން ވަރަށް މޮޅުވާނެ...." އެންމެން ހިމޭންވުމުން މެހެރީނާ ބަހަކުން ޖަހައިލިއެވެ. އޭނައަށް ލިބިފައިވާ ހެކިތަކާއި ކާމިޔާބަށްޓަކާ މެހެރީނާ އިނީ ފަޚުރުވެރިވެފައެވެ. ރޯޒްމެހެލްގައި ގޮއްވާލަން އޭނަ ތައްޔާރުކުރަނީ ނިއުކްލިއާ ބޮމަކަށްވުރެ ބިރުވެރި އެއްޗެކެވެ.

"މެހެރް. އާ ޔޫ އިމްޕްލައިން ދެޓް ސަލްވާއާއި ދޮންބެ އިންނަން ސަލްވާގެ ބައްޕަ ސިހުރު ހެދީ ކަމަށް؟ " ހައިކަލް ސީދާ ސުވާލުކުރުމުން މެހެރީނާ ހީލިއެވެ.

"ގޯޑް އޮންލީ ނޯސް ދޮންބޭ. ދެން ހީކުރެވޭނީވެސް އެކަހަލަ ގޮތަކަށް....."

"ޔޫ އާ ރޯންގް. ސަބަބަކީ އެކަން ޑިސައިޑް ކުރުމުގެ ހުރިހާ ބާރެއް ލިބިގެންވިކަން. ސުޕަނެޗުރަލް ބާރަކުން ފޯސްކޮށްގެން ކުރަން ޖެހުނު ކަމެއްނޫން އެއީ. އެނީވޭސް އަހަރެމެންނަށް ކޮންކަމެއް ސަލްވާގެ ބައްޕަ ކޮންމެ ކަހަލަ މީހަކަށްވިޔަސް. ޑެވިލްއަކަށްވެސް އެންޖެލްއެއް ކަހަލަ އަންހެންކުއްޖެއް ލިބިދާނެ. ސަލްވާއަކީ މިގެއަށް ވަރަށް ބޮޑު ޗޭންޖެއް ގެނުވި އަންހެންކުއްޖެއް. ޔަގީނުންވެސް ޒެލްއާއި އާޒް ދީނަށް އުޅެންފެށީ ސަލްވާގެ ސަބަބުންކަމަށް ދޮންބެ ގަބޫލުކުރަނީ. ސޯ ޝީޒް ލައިކް އެ ބްލެސިން ޓު އަސް.......ނޫންތަ މެހެރް؟ " ހައިކަލްގެ ވާހަކަތަކުން މެހެރީނާ މިފަހަރު އިނީ ހީލަ ހީލައެވެ. އޭނަގެ ދޮންބެގެ "އެންޖެލް" ގެ ކަޅު ފަރާތް ވަރަށް އަވަހަށް ހާމަވާނެއެވެ. އޭރުން ދޮންބެއަށް ޝޮކެއް ލިބޭނެކަން ގައިމެވެ. އެންމެންނަށް ތިމާވަރު މާތް އަޅުވެރި އަންހެނަކު ނެތްކަން ދައްކައިގެން ހުރި ކުޑަ އިބުލީހެކެވެ.

ހުރިހާ ހެއްކަކާއިއެކު އޭނަ ދޮންބެއަށް ސަލްވާގެ ފަތިފުށް ހާމަކުރާނެއެވެ.

"ދޮންބެ ހާދަ ވަރަށޭ ޓްރަސްޓްކުރަނީ. އޯކޭ ސަލްވާއަކީ ހަމަ އެންޖެލްއެއް....." މެހެރީނާ މަލާމާތުގެ ރާގަކަށް ދަމާލާފައި ކިޔައިލިއެވެ. މެހެރީނާ ސަލްވާދެކެ ކިތަންމެ ރުޅިއަޔަސް ހައިކަލްއަށް ވަރިހަމައެވެ. އެރުޅިއަކުންވެސް އެދޭތެރޭގައިވާ ގުޅުން ކަނޑައެއް ނުލެވޭނެއެވެ. ލިބެން އުޅޭ ދަރިފުޅުގެ ސަބަބުން އެގުޅުމުގެ ވާފަށްވަނީ ނުމޮހެވޭވަރަށް ބާރުވެފައެވެ.

ވިޝާމްއާއި މާއިޒްފަދަ މަންމަނެތް ޔަތީމު ދެޒުވާނުންނަށް މަންމައެއްގެ ގާތްކަން މޮޔަ ލީނާގެ ފަރާތުން ލިބެންފެށުމުން ވިޝާމްގެ ހިތް އޭނަގެ ހަގީގީ މަންމަ ހޯދަން ބާރު އެޅިއެވެ. މަންމައަކީ ކާކުކަން އެނގުމުގެ ހައްގު އޭނައަށްވެސް އޮންނަންވާނެއެވެ. ގެއަށް ގޮސްފައި އޭނަގެ ބައްޕައާއި ސުވާލުކުރުމުން ބައްޕަ ހުރީ ފާޑަކަށެވެ. ބައްޕަ އެކްސިޑެންޓެއްވިފަހުން ޕެރެލައިޒްވެ ފުރޮޅުލީ ގޮނޑީގައި އިންނަން ފެށިފަހުން ކުރިއަށްވުރެ ރުންކުރުވެފައި ރުޅިއަވަހެވެ. ނަމަވެސް އެވާހަކަ އެހުމުން ދެލޯ ފެންކަޅިވެފާ ވިޝާމްގެ އަތުގައި ހިފަންއުޅުމުން ވިޝާމް ބައްޕަގެ ގޮނޑި ކައިރިއަށް ގުދުވިއެވެ.

"ބައްޕާ އެކަން އެނގުން އަހަންނަށް ވަރަށް މުހިއްމު. މަންމައަކީ ކާކުތަ؟ " ވިޝާމް ސުވާލުކޮށްލުމުން ތުރުތުރު އަޅާ ދެއަތުން ވިޝާމްގެ އަތުގައި ބޮސްދިނެވެ.

"ދަރިފުޅާ ބައްޕައަށް މާފުކުރޭ. ދަރިފުޅުގެ މަންމައަކީ ހަމަ ޖަވާހިރެއް. އަދި ދޮންމަންމަވެސް އެފަދަ. ބައްޕައަށް ހީވަނީ ފަންޑިތައިގެ ކަންތައްތަކެއް ވަދެގެންހެން ބައްޕަގެ ހިތް ބަދަލުކޮށްލީ. ބައްޕަގެ ހަޔާތަށް މި ނުލަފާ ރަންނަމާރިއެއްކަހަލަ އަންހެނަކު އައިގޮތަށް މުޅި ދިރިއުޅުން ހަލާކުކޮށްލައިފި. ބައްޕަ މިހާރު އޭނަގެ ސޫރަދެކެވެސް ފޫހިވޭ....." ވިޝާމްގެ ބައްޕަ ބުނެދިނެވެ.

ދެމީހުން ވާހަކަދައްކަން ތިއްބާ ވައިސޫރިއެއްހެން ދޮންމަންމަ ފާގިޔާ ފުންމައިގެން އައިގޮތަށް ކުނިކަހަން ގެންގުޅޭ ފިހިގަނޑުން ފިރިމީހާގެ ގައިގާ ވިހެނުލީ ހަމަކިރިޔާއެވެ. ވިޝާމް ހުޝިޔާރުކަމާއިއެކު އެ ފިހިގަނޑުގައި ހިފެހެއްޓިއެވެ.

"އާން ކަލޭގެ މަންމައާއި ބެހޭގޮތުން ސުވާލުކުރަން ކަލެއަށްވެސް އެނގުނީ އެމައިމީހާ މަރުވީމަތަ؟ މުއްސަދި މަހުޖަނެއްގެ ބަދިގޭގެ ނޯކަރަކަށް ކަލޭގެ މަންމަ އޮވެފައި އެންމެފަހުން ދުނިޔެ ދޫކޮށް ދިޔައީ. އެވެސް ފާގިޔާއެއް. މަގޭ ނަން އެ އަންހެން މީހާއަށްވެސް ކިޔާފައިވަނީ. ވާދައަށް ކަންނޭގޭ. ކަލޭގެ އަމާ ފާގިޔާގެ ކައިރިއަށް ރަށަށް ދާންވީނު. އަހަރެމެންނަށް ދެން ދުއްޕާން ކުރަން މިގެއަށް އަންނާނެކަމެއްނެތް. ދޭ މިތަނުން...." ފާގިޔާ ހަޅޭއްލަވައިގަތެވެ.

ވިޝާމް ހަދާނަށް އައީ ރޯޒްމެހެލްގެ ނޯކަރުން އުޅުނު ކޮޓަރިއެވެ. ފާރުގައިވި ވިޝާމްގެ ނަމެވެ. މެހެރީނާމެން ފާގިޔާއެކޭ ކިޔާފައި ދެއްކި ވާހަކަތަކެވެ. އޭނަގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔުމާއިއެކު ހިތަށް ވެގެން ދިޔައީ ނުބައިގޮތެކެވެ. ވީއިރު އޭނަގެ މަންމައާއި ދޮންމަންމައަށް ކިޔަނީވެސް އެއް ނަމެކެވެ. ފާގިޔާއެވެ. ރޯޒްމެހެލްގެ ނޯކަރަކަށް އުޅުނު ފާގިޔާއަކީ އޭނަގެ ދޮންމަންމައެއް ނޫނެވެ. އަސްލު މަންމައެވެ. ހަގީގަތް އެނގުމުން ވިޝާމްގެ ހިތަށް އަސަރުކުރިއެވެ. މަންމަގެ ހަގީގަތް އިތުރަށް ހޯދަން އޭނަ ނިންމިއެވެ. ބައްޕައާއިމެދުވެސް އެވަގުތު ހަމްދަރުދީވިއެވެ. ދޮންމަންމަދެކެ ވީ ލޯތްބަކީ ފަންޑިތައިގެ ބާރުގައި ހިނގިކަމެއް ކަމަށް ބައްޕަ ގަބޫލުކުރާނީ ކޮންމެވެސް ސަބަބެއް އޮތީމައެވެ. އޭނަގެ ދޮންމަންމައަކީ ސިހުރަހާހޫރައަށް ކުޅަދާނަ މީހެއްކަމުގެ އަޑު ތަންކޮޅެއް ކުޑައިރު އިވިފައިވިއެވެ. އޭނަ ސަލްވާ ކައިރީގައިވެސް ދޮންމަންމަގެ ވާހަކަ ކިޔާދެއެވެ. އޭރުވެސް ދޮންމަންމަ ސިފަކުރެވުނީ ވިޗެއްގެ ގޮތުގައެވެ.

ވިޝާމް ކޮޓަރިއަށްވަންއިރު ކޮޓަރި އަނދިރިކަމުން ކަށްވަޅުފަދައެވެ. ނިދާބޮކި ދިއްލާލުމުން ފަނޑު އައްޔެއްގެ ހިތްގައިމުކަން ކޮޓަރިތެރެއަށް ފުރޭނިގެން ދިޔުމާއިއެކު ވިޝާމް ބަލައިލީ އަޒަލް އުޅޭތޯއެވެ. މަޑު ރަޖާއެއް ގައިގާ އޮޅާލައިގެން އަޒަލްއޮތީ ދެލޯ މަރާލައިގެންނެވެ. ބުޅި އިސްތަށިގަނޑު ބާލީސް މަތީ ފަތުރާލައިގެން އޮތްއިރު އެމޫނުގެ މައުސޫމްކަމުގެ ސަބަބުން އޭނަނޫން ފިރިހެނުންގެ ހިތް ސަކަރާތް ނުވެ ނުހުންނާނެކަން ވިޝާމްއަށް ގައިމެވެ. އޭނަގެ ހިތުގައި އެންމެ އަންހެންކުއްޖެއްގެ ނަން ނުވާނަމަ އަޒަލްގެ އެދުންތަކަށް އިޖާބަދޭނެތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނަގެ އިހުސާސްތައް ނިދާލާފައިވަނީ ހަމައެކަނި ސަލްވާއަށްޓަކައެވެ.

އަޒަލްވެސް ހާދަ ދެރަވާނެއެވެ. އެކުއްޖާގެވެސް އޮންނާނީ ހިތެއް ނޫންހެއްޔެވެ؟ އޭނަ އަޒަލްއަށްވެސް ދެނީ ކެއްސެކެވެ. އަޒަލްވެފައިވަނީ ހަގީގަތުގައިވެސް ޝިކާރައަކަށެވެ. އޭނަގެ އަމިއްލަ އެދުންބޮޑުކަމުގެ ތެރޭގައި ތާށިވެފައިވާ ކުށެއްނެތް ފުރާނައެއް ކަމުގައެވެ.

"ޒެލް އާ ޔޫ އޯކޭ؟ " ހިތާމަތައް އެއްފަރާތްކުރުމަށްފަހު އޭނަ އިންސާނިއްޔަތުކަން ކުރިއަށް ނެރުނެވެ.

"އައިމް ފައިން. އެކަމަކު ބޮކި ނިވާލަދީފާނަންތަ؟ ޕްލީޒް..." އަޒަލްގެ އަޑުގައި ރިހުމެއް ހުއްޓެވެ. ގިނައިރުވާންދެން ރުއިމުގެ ސަބަބުން އަޑު ކުރެހިފައިވާފަދައެވެ.

"ބޮލުގައި ރިއްސަނީތަ؟ " ވިޝާމް ސުވާލުކުރިއެވެ.

"ނޫން......ލޮލަށް އުދަގޫވާތީ......" އަޒަލް އޮތީ ލޯ ހުޅުވާނުލަން ކަން ނޭގެއެވެ.

"ފައިން....." ވިޝާމް ބޮކި ނިވާލިއެވެ.

"ޒެލް ބުނާކަށް ބޭނުން ނުވަނީ ދޯ. ހިތަށް އަރާނެ އަހަރެން އަޅާނުލާނެއޭ. އައިމް ސޮރީ. ފޯ އެވްރީތިންގް. އަހަންނަށްވެސް ދިމާވެފައިވާ ސިޗުއޭޝަނުންގެ ގޮތުން އަޒަލްއަށް ހެލްޕެއް ނުވެވެނީ. ތެދަށް ބުނަންޏާ ދިރިހުއްޓަސް ރޫހު މިވަނީ މަރުވެފައި. މިވަގުތުވެސް މަރުގެ މަލާއިކާ ވަޑައިގެން ފުރާނަ ހިއްޕަވައިފިއްޔާ ރަގަޅޭ ހިތަށް އަރާ. މަރުވާން ހިތަށް އެރިފަހަރު ގުނާ އަދަދު ނުކުރެވޭނެ. އެކަމަކު އީމާންކަމުގެ ކުނޑިފަށެއް ވާ މީހަކަށްވެސް ނުކެރޭނެ އަމިއްލައަށް މަރުވާކަށް. އެކަމަކު މަރުވެގެން ނޫނީ މި ހިތާމަތަކުން ސަލާމަތްވާނީ. ޒެލްއަކަށް ނުވެސް އިހުސާސްކުރެވޭނެ.....އެނީވޭސް ލެޓް މީ ގިވް ޔޫ އެ ހެޑް މަސާޖު...." ވިޝާމް އަޒަލްގެ ބޮލުގައި ފިރުމާލިއެވެ.

"ނޫން. އަހަރެން އޯކޭއޭ ވިޝާމް....ނިދާލަން ބޭނުމީ..." އަޒަލް ގެ ޖަވާބުން ވިޝާމް މާޔޫސްވިއެވެ.

ވިޝާމްގޮސް ވަނީ ފާޚާނާއަށެވެ. ދެމީހުންގެ ކަމަކަށްވީ ދެތާގައި ތިބެގެން ރުއިމެވެ. އެއީ ވިޝާމްއަދި އަޒަލްގެވެސް ބަދުނަސީބެވެ. އެހެންނޫންނަމަ އެދެޒުވާނުންނަކީ ގުޅޭ ޖޯޑަކަށްވާނެއެވެ. ނަމަވެސް ވިޝާމްގެ ހިތް ސަލްވާއަށް ދެވިފައިވާކަމުން އަޒަލްއާއި އަޅާނުލެވެނީއެވެ. ހިތާމަކޮށް ރުއިން ނޫންކަމެއް ނަސީބުގައި ލިޔުއްވާފައި ނެތީކަން ނޭގެއެވެ. ދެތަނުގައި ތިބެގެން ކަރުނަ އޮއްސަން މަޖުބޫރުވެ ލޯބީގައި ނާކާމިޔާބުވީއިރު ހިތްވަރުކޮށްގެން ދެމީހުންނަށް ދިރިއުޅުމެއް ހޯދުމުގެ ފުރުސަތުވެސް ލިބުނެވެ. ނަމަވެސް ލޯތްބަކީ އެހެން ކަހަލަ އެއްޗެކެވެ. ލޯބިވެރިޔާ ނުލިބިއްޖެނަމަ ދުނިޔެއިން އެހެން އުފަލެއް ބޭނުންނުވާ މީހުންވެސް އުޅެދާނެއެވެ.

އަޒަލްވެސް ވިސްނަން އޮތީ ހިތްދަތިކަމާއިއެކުގައެވެ. މިރޭ އޭނަގެ ބޮލުގައި ރިއްސާއިރު އަލިއެޅުމުންވެސް އުދަގޫ އެބަވެއެވެ. މައިގްރެއިންވެސް ހުންނަނީކަމަށް ވެދާނެއެވެ. ނަމަވެސް އެހުރިހާ ކަމަކަށްވުރެ ސްޓްރެސްވެސް ބޮޑެވެ. ހިތަށް ކުރާ ބާރު ބޮޑެވެ. ވިޝާމްއަށްޓަކާ އެހިތް ވިންދުޖަހާއިރު ވިޝާމް އެގޮތް ބޭނުމެއް ނުވެއެވެ.

"ކިތަންމެ ވަރަށްވެސް ބޮލުގައި ރިއްސާ އެކަމަކު ވިޝާމް ލައްވާ މަސާޖުކުރުވާކަށް މިހާރު ހިތެއް ނޭދޭ. ސަބަބަކީ ވިޝާމްގެ ހިތް އެނގޭތީ. މަޖުބޫރުކުރަން ބޭނުންނުވާތީ. ލޯބިން އުޅެފައި ފަހުން މާ ދެރަވާނެ ވިޝާމް ދާ ދުވަހަކުން. ހާދަ ދެރައެއްވެއޭ. އެކަކަށްވެސް ނޭގޭނެ ސަފާ މިކުރާވަރު. ދެރަވާވަރު. އަދި އެހާ ބިރުވެސް ގަނޭ. އޮންލީ ﷲ ނޯސް. އެކަނިވެރިންނާއިއެކު ވަނީވެސް ހަމައެކަނި އެފަރާތް. ކިރިޔާވެސް އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން ލޯބި ލިބޭނެކަމަށް. އެދުވަހަކަށް އިންތިޒާރުކުރާނަން. ކެތްކުރާނަން. މާތް ﷲ ވޮޑިގެންވަނީވެސް ކެތްތެރިންނާއިއެކު. ފީލިން ސޯ ސޭޑް، އެކަމަކު ސްޓޭޓަސްތައް އުފާވެރިކުރަން ޖެހޭ. އެހެންމީހުންނަށްޓަކާ އުފާވެރިކޮށް އުޅެންޖެހޭ...." އަޒަލްގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ބާލީހަށް ވަންނަމުން ދިޔައެވެ. އެކަރުނަ ފޮހެދޭކަށް އެކަކުވެސް ނެތެވެ. އެރިހުން އެންމެނަށްވަނީ ސިއްރުކުރެވިފައެވެ.

"ގޯޑް ޕްލީޒް އެންޑް މައި ސަފަރިން......." އަޒަލް ދުޢާކުރިއެވެ.

އަޒަލް ތެދުވެގެން ކޮޓަރިން ނުކުތްގޮތަށް ހިނގައިގަތީ ނަމާދު ގެއަށެވެ. ކިރިޔާވެސް ހިތަށް ފިނިކަމެއްލިބި ހިތާމަތަކަށް ނިމުމަކަށް އަންނާނީ ހެއްދެވިފަރާތަށް ދުޢާކޮށް ނަމާދުކުރަން އިނީމައެވެ. އަޒަލް ސަޖިދައިގާ އޮވެގެން އެތައް އިރެއްވާންދެން ދުޢާކުރިއެވެ. މުސައްލަވެސް ތެމުނެވެ. އަލުން ކޮޓަރިއަށް ވަންނާކަށް އަޒަލްގެ ހިތެއް ނުރުހުނެވެ. އެހެންވެ ސިއްރުސިއްރުން އެހެން ކޮޓަރިއަކަށްވަދެ އެނދަށް އަރާ އޮތްވާ މަޑުމަޑުން ދެލޯ މެރި ނިދުމުގެ ފޮނިކަން އޭނަގެ ޖިސްމާއި ރޫހަށް ފޯރުކޮށްދިނެވެ.

ސަލްވާއަށް ވިޝާމް ފޮނުވާފައިވާ މެސެޖްތަކާއިމެދު ވިސްނުމުން ސަލްވާގެ ހިތަށްވެސް ހަމްދަރުދީވެރިވާންފެށިއެވެ. ވިޝާމް އޭނައާއިހެދި ދީވާނާވާވަރަށް ލޯބިވެގެން އުޅޭއިރު އެހިތަށް ކުރާނެ ފުން އަސަރު އިހުސާސްވެސް ކުރެވެއެވެ. ވިޝާމްގެ ނަސީބު އެހާ ދެރައީ ކީއްވެބާވައެވެ. އަޒަލްދެކެ ލޯބިވާނެނަމައެވެ. އަޒަލް އޭނައަށްވުރެ މާ ރީތިވެފައި ހުރިހާގޮތަކުންވެސް މޮޅު ކުއްޖެއް ނޫންހެއްޔެވެ؟ އަޒަލްގެ ނެތީ ކޮން ސިފައެއްހެއްޔެވެ؟ އެއޮތް ރީތި އިސްތަށިގަނޑަކަށްޓަކާވެސް ފިރިހެނުން ފިދާވާނެއެވެ. މޮޅު އާއިލާއެއްގެ މުއްސަދި ރީތި އަންހެންކުއްޖެކެވެ. އެކަމަކު ވިޝާމް ބުނާހެން ލޯތްބަކީ ކަނު އެއްޗެކެވެ. ލޯބިވާކަށް ވަކި މިންގަނޑެއް ނޯވެއެވެ. ކިތަންމެ އާދައިގެ މީހެއްދެކެވެސް މޮޔަވާވަރުވެދާނެއެވެ. ހުރި ތަފާތު ސިފައެއްގެ ސަބަބުންވެސް ހިތަ ކިޔާފާނެއެވެ.

ސަލްވާ ގޮނޑީގައި ދެފައި ދަމާލައިގެން އިންއިރު ވަށައިގެންވާ ޕޮޓްތަކުގައި ހުރި ތަފާތު މާމެލާމެލީގެ މީރުވަހުން އެހިސާބުވަނީ އެއްވަސްވެލާފައެވެ. އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް ބެލްކަންޏަށް ދީފައިވާއިރު އެދޮންމޫނަށް ނާރިގުކުލަ ވެރިވެފައިވިއެވެ. ގެއްލިފައި ކަހަލަ ގޮތަކަށް އިންދާ ހައިކަލް އިރުކޮޅެއްވާންދެން ސަލްވާގެ ހަރަކާތްތައް ދެކެން މަޑުކޮށްލައިގެން ހުއްޓެވެ. ސަލްވާއަށް ހޭވެރިކަންވެގެން އެބުރި ބަލާލުމުން ހީލިއެވެ. ހައިކަލް އެއައީ ޑިއުޓީ ނިންމާލާފައެވެ. ހުދުކުލައިގެ އަތްދިގު ގަމީހާއި ޓައީއާއިއެކު ނޫ ޖިންސްގައި ހުރިއިރު ހާދަ ސްމާޓެވެ. އެއްއަތް ޖިންސްގެ ޖީބަށް ޖަހާލައިގެން ހުރިއިރު އެއަތުކުރި އޮޅާލާފައި ގަޑިފެންނަން އޮތުމުން އެފިރިހެންވަންތަ އަތާއި ހާދަ ގުޅެއެވެ.

"ލޮސްޓް އިން ތޯޓްސް؟ " ހައިކަލް ހީލިއެވެ.

"ކުޑަކޮށް ބޮލުގައި ރިއްސަނީ......." ސަލްވާ ހިނިތުންވެލިއެވެ.

"އައި ނޯ. ސަލްވާ މާ ބޮޑަށް ވިސްނާތީއޭ. ޕްރެގްނެންސީގައި ތިގޮތަށް ވިސްނުމުން ދަރިފުޅަށް އަސަރުކުރާނެ. ވީހާވެސް އުފާވެރިކޮށް އުޅެންވާނީ. އައިމް ހިއަރ ފޯ ޔޫ. އަބަދުވެސް ސަލްވާ އުފަލުގައި ހުންނަން އެދެނީ. އޭރުން އިރާދަކުރެއްވިއްޔާ ސިއްހަތު ރަގަޅު އުފަވެރި ކުއްޖެއްވެސް ލިބޭނެ...." ހައިކަލް ކައިރިއަށް ހުއްޓިލާފައި ސަލްވާގެ ބޮލުގައި ފިރުމާލާފައި މޫނުގައިވެސް ބޮޑުވާ އިނގިލި ބީއްސާލިގޮތުން ސަލްވާގެ މުޅިގައިގާ ކަރަންޓު ދަތުރުކުރިއެވެ. އެފަދަ ކޮންމެ އަދާއަކުން ސަލްވާގެ ހިތް ފުރޭވަރުވެއެވެ. ނިއުމަތަށް އެތައް ފަހަރު ހަމްދު ކުރެވެއެވެ. އޭނަހާ ނަސީބު ރަގަޅު އަންހެންކުއްޖަކު މިއުޑު ހިޔާދަށުގައި ނުވާނެއޭ ހީކުރެވެއެވެ.

"ޓްރަސްޓްމީ މުޅި އުމުރަށްވެސް އަހަރެން ސަލްވާއާއިއެކު ވާނަން. އަހަރެން ހަދާން ނައްތައެއް ނުލާނަން ސަލްވާއައުމަށްފަހު އަހަރެމެންގެ ދިރިއުޅުމަށް އައި ބަދަލު. އަދި ލިބުނު އުފާތައް އެހެން އެއްވެސް ފަރާތަކުން ނުލިބޭ. ހަތަރުދަން ޑިއުޓީގައި އުޅުނުއިރު ފެމިލީއާއި އަޅާލުމެއް ނެތްތާގައި ދުނިޔެއަށް އައި ބޭނުންމަތިންވެސް ހަދާން ނައްތާލެވުނު. ހެއްދެވިފަރާތް މަތިން ޣާފިލުވެފައި ތިއްބާ ސަލްވާ އެކަން ރިމައިންޑްކޮށްދިނީ. އަދި މިފަހުން ދެރޭ ހުވަފެން ފެނުނު. އައި ލޮސްޓް ސަމްވަން އައި ލަވް. ދެރޭ އެހުވަފެން ފެނުނީމަ ހަމަ ހިތަށް އަރައިފި ބޮޑުކަމެއްވާން އުޅެނީބާވައޭ. އެހެންވެ މީޓިންވެސް ކެންސަލްކޮށްލާފައި އަވަހަށް ގެއަށް މިއައީ. މިހާރު ބޭނުންވަނީ އެހެން ޒިންމާތަކުން ވަކިވެގެން އާއިލާއާއިއެކު ގިނަވަގުތު ހޭދަކުރުން. އަބަދު ފައިސާއަށްޓަކާ މަސައްކަތް ކުރުމަށްވުރެ ލޯބިވާ މީހުންނާއިއެކު އުޅުމުން މާ ހިތްހަމަޖެހޭނެ.........."

ހައިކަލް ސަލްވާއާއި ކައިރީގައި އިށީނެވެ. އިސްތަށިގަނޑާއި ކުޅެލަމުން މޫނުގައި ފިރުމައިލިއިރު އެރީތި ދެލޮލުން ސަލްވާއަށް ފެނުނީ ލޯބީގެ ފުން ކަނޑެކެވެ. ލަދުންގޮސް މޫނު ރަތްވެ ޖަންބުކުލަ އެރީވެސް އެ ފުން ބެލުމުންނެވެ. ސަލްވާ ރަކިވިކަން އެނގުމުން އަދި އެހާ ހިތްގައިމު ހުނުމަކާއިއެކު ސަލްވާ އޭނަގެ އުނގުގައި ބޯ އަޅާލައިގެން ބޭއްވިއެވެ. އެ އިނގިލިތައް ކިރިޔާ ޖައްސާލުމުން ލިބުނު އަރާމާއިއެކު ދެލޯ މަރާލެވުނެވެ. ހުރިހާ ނާރުތަކާއި މަސާޖު ޕޮއިންޓްތައް އެނގިފައި ހުރި އެކްސްޕާޓެކޭ ތަފާތެއްނެތެވެ. ހައިކަލްގެ ޖިންސްގެ ފެބްރިކްގައި ސަލްވާގެ ކޯތާފަތް ޖައްސާލައިގެން ދެލޯ މަރާލައިގެން އޮތްއިރު ހައިކަލްއަށްވެސް ބެލެމުން ދިޔައީ އެދޮންމޫނަށެވެ. އެރީތިކަން މިލްކުކުރެވުމުން މިހާރު އޭނަގެ ދުނިޔެ ފުރިހަމަވެފައިވާކަމުގެ އިހުސާސްކުރެވުނެވެ. އޭނައާއި ސަލްވާ އަދި ހަތަރުކުދިންނަކީ އޭނަގެ ދުނިޔެއެވެ. ހައިކަލް މަޑުމަޑުން ސަލްވާގެ ބަނޑުގައި އަތް ޖައްސައިލިއިރު ލިބެންއުޅޭ ދަރިފުޅަށްޓަކާ ހިތުގައިވީ ލޯތްބާއި އިންތިޒާރެވެ. އެތުއްތު ދަރިފުޅު ދެކޭހިތުން ދެލޯ ބޭގަރާރުވިއެވެ.

މެހެރީނާ އޭނަގެ މަންމަ ޒައިތޫންއާއި އަޒަލް އަދި އާޒީން ކޮޓަރިއަށް ގެނައީ އޭނަ ކޮންމެހެން ހިއްސާކުރަން ޖެހޭ ވާހަކައެއް އޮވެގެންނެވެ. މެހެރީނާ އަމިއްލަ ކެތްތެރިކަމަށް އޭނަވަނީ ހިތާ ހިތުން ސާބަސްދީފައެވެ. ދެން އިތުރަށް އެންމެ މިނިޓަކަށްވެސް ކެތެއްނުވެވޭނެއެވެ. މެހެރީނާ އެންމެން ކައިރީ އެދުނީ ސޯފާގައި ޖައްސާލުމަށެވެ.

"އެނގޭ މިވާހަކަ ދެއްކީމަ މިތަނުން އެންމެ ދެރަވެ އަސަރުކުރާނީ އަޒަލްއަށް ކަމާއި މިކަމުގެ ސަބަބުން މިގޭތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިގާފާނެކަން. އަދި އެތައް ބަޔަކު ކެނޑޭނެކަން. އެކަމަކު މިއީ ފޮރުވައިގެން ހުރެވޭ ޒާތުގެ ވާހަކައެއްނޫން.............." މެހެރީނާ ކުޑަ ބްރީފްކޭހެއް ހުޅުވާލާފައި އެނދުމަތީގައި ބެހެއްޓިއެވެ.

ކޮމެންޓް 0