ޑޮކްޓަރުންނަށް ޚާއްސަކޮށްފައިވާ ރޫމްގައި އެގަޑީގައި އެކަކުވެސް ނެތެވެ. ވިޝާމް ސޯފާއަށް ތިރިވިގޮތަށް ކަކުލުގައި މޫނު ޖައްސައިލިއެވެ. ހިމޭން ކަރުނަތައް އޮއްސަން އެހެން އިންދާ އެތަން އަނދިރިވަމުންގޮސް ހެކަނޭގޭ ވަރުވެއްޖެއެވެ. ވިޝާމްގެ ހިތާމައާއި ހިތްދަތިކަން ރުޅީގެ ސިފަ ޚިޔާރުކުރަން މާ ގިނައިރުތަކެއް ނުނެގިއެވެ. ފާޚާނާއަށްވަދެ މޫނު ދޮވެލިޔަސް އެދެލޮލުގެ ރަތްކަމެއް ނުފިލިއެވެ. އެކިކަހަލަ ޚިޔާލުތައް ފަރާތްފަރާތުން އޭނަގެ ސިކުނޑީގައި ޖެހި ބޮލުގައި ރިއްސާލައިފިއެވެ. ސަލްވާއޮތް ކޮޓަރިއާއި ހަމަޔަށް ގޮސްފައި ދޮރުގެ ތަޅުގައި ހިފާލިއިރު ވިޝާމް ހުރީ ނިކަން ހަމަޖެހިލާފައެވެ.

ހައިކަލް ހުއްޓަސް ވަރިހަމަކަމަށް ނިންމާފައި އެތެރެއަށްވަންއިރު ނަސީބަކުން ހައިކަލް ފެންނާކަށްނެތެވެ. ނަރުހަކު ހުރީ ބްލަޑްޕްރެޝާ ޗެކްކުރާށެވެ. މީހެއްގެ ހިލަންވެފައި ނަރުސްކުއްޖާ ބަލައިލިގޮތަށް ރަކި ހީލުމަކާއިއެކު މޫނަށް ތަފާތު ކުލައެއް ވެރިވިއެވެ.

"ހައި ސްޓެޕްމަމް......ކިހިނެއްތަ؟ " ވިޝާމް އެކުއްޖާއާއި އަޅާނުލާ ސަލްވާއޮތް އެނދުކައިރިއަށް ޖެހިލިއެވެ. އޭނައަކީ ހައިކަލްގެ ދަނބިދަރިފުޅުކަން ނުދަންނަ މީހެއް މިހޮސްޕިޓަލުގައި ނުވާނެކަން ޔަގީނެވެ.

"ސިސްޓަރ. ދެން ދިޔަސް އެންމެ ރަގަޅު. އައި ކެން ޓޭކް ކެއަރ އޮފް ހާ.........." ވިޝާމް ނަރުސް ކުއްޖާ އަތުން ބީޕީ އަތުލުމުން އެކުއްޖާ އަވަހަށް ދާން ހިގައިގަތްއިރު ސަލްވާ އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް ވިޝާމްގެ އިންޒާރުގެ ނަޒަރުން ސަލްވާގެ ދޫ ބަންދުވިއެވެ. އެކުއްޖާ ދޮރު ލައްޕާލުމާއިއެކު ވިޝާމް ދަތްތަކުގެ ތެރެއިން ވާހަކަދެއްކިއިރު ހަރުކަށިކަމެއްވެސް ވިއެވެ.

"ސަލްވާ. ޑިޑް ހީ ރޭޕް ޔޫ؟ " ވިޝާމްގެ ދެލޮލުން އަލިފާން ކަނިބުރާލިއެވެ.

"ކީކޭ ތިކިޔަނީ؟ "ސަލްވާ ބިރުގަތެވެ.

"އަހަރެން މިކިޔާ އެއްޗެއް ރަގަޅަށް އެނގޭނެ. ސަލްވާ ޕްރެގްކަން އަހަންނަށްވެސް އެގިއްޖެ. މި އަހަނީ އޭނަ ސަލްވާ ގައިގާ އަތްލިޔަ ދިނީ ކީއްވެގެންހެއްޔޭ..." ވިޝާމްގެ ޖުމްލައާއިއެކު ސަލްވާ ހިންދިރުވައިލިއެވެ.

ސަލްވާ އޮތީ ބިރުން ދެލޯ ބޮޑުކޮށްގެންނެވެ. ވިޝާމްގެ މޫނުމަތިން ފެނުނު ނުރައްކާތެރިކަމަކީ ކުރިން ދުވަހަކުވެސް ފެނިފައިވާފަދަ ކުލައެއް ނޫނެވެ. ދުވަހަކު ވިޝާމް މިހާ ގަދަޔަށް ރުޅިއައިސްފާ ހުއްޓާ އޭނަ ދެކެފައެއްނެތެވެ. ވިޝާމްގެ ދެލޮލުން ފެނުނު ކުލަވަރަކީ އޭނައަށްވެސް އާކަމަކަށްވިއެވެ. އޭނަ ބުނާ އެއްޗަކުން އަދި ވިޝާމް ނައްޓައިފިއްޔާ ހަދާނެގޮތެއް އެނގެނީއެއްވެސް ނޫނެވެ. އެންމެ ރަގަޅީ ހިމޭންކަން ޚިޔާރުކުރުމެވެ. ނަމަވެސް މިވަގުތު ހައިކަލް ނައުމަށް އެދި ދުޢާވެސް ކުރެވުނެވެ. ވިޝާމް ހައިކަލްގެ ގައިގާ ޖަހާވެސްފާނެއެވެ.

ހައިކަލް ސަލްވާ ނަރުހަކާއި ހަވާލުކޮށްފައި އެދިޔައީ މަޣުރިބު ނަމާދަށެވެ.

"އަހަންނަށް ގަބޫލެއްނުކުރެވޭ. ސަލްވާ އެކަހަލަ ހުއްދައެއް ދޭނެކަމަށް. ދުވަހަކު ހިޔެއްނުކުރަން ސަލްވާގެ ގައިގާ އެހެން މީހަކު ބީހިލާނެކަމަކަށްވެސް އެކަމަކު ފިޒިކަލީ ރިލޭޝަނެއް ހިނގިކަމުގެ ޕްރޫޕް ޕްރެގްނެންސީއަކީ. ސަލްވާއަށް ނޭގޭނެ އަހަރެންގެ ހިތަށް މިކުރާ އަސަރު. ދެރަވާނެވަރު. މިދުނިޔޭގައި ހުއްޓަސް އަހަންނެކޭ މަރުވެފައިވާ މީހެކޭ އެއްވެސް ތަފާތެއް ނެތް. ކީއްވެ ތިހެން ހެދީ؟ އަދި ހައިކަލް ކަހަލަ ގޮތެއް ފޮތެއް ނެތް މީހެއް ދުވަހަކު މަށެއް ނުދެކެން. ލަދެއްވެސް ނުގަތް ތިމާގެ ދަރިންގެ އުމުރުގެ ކުއްޖެއްގެ ގަޔަށް އަރަން...." ވިޝާމްގެ ވާހަކަ ހުރީ މެހެރީނާގޮތަށެވެ. ސަލްވާގެ ހިތަށް އަސަރުކުރިއެވެ. އެތެރެ އެތެރެއިން ހަޅޭއްލަވައިގަނެވުނެވެ. ތިއީ ހުސްދޮގޭ ބުނަން ބޭނުންވިއެވެ. ހައިކަލްއަކީ އޭނަގެ ފިރިމީހާއެވެ. އުމުރުގެ ތަފާތު އޭނައަށްވެސް މުހިއްމެއްނޫނެވެ. އެދެމީހުންގެ ދޭތެރޭގައި ހިނގި ކޮންމެ ކަމަކަށް ސަލްވާގެ ރުހުން ލިބުނެވެ. އެއިން ކޮންމެ ކަމެއް ސަލްވާ ދެކުނީ ލޯބިކަމުގައެވެ. އޭނައާއި ހައިކަލްގެ އުމުރުގެ ފަރަގެއް އޭނައަށް ފާހަގަނުވާއިރު އެހެން މީހުންނަށް އެކަމާއި އުދަގޫވާންވީ ސަބަބެއްނެތެވެ. ވިޝާމްއަށްވެސް ހައިކަލްއާއި ދިމާލަށް ކުޑަ ކުޑައެއްޗެއް ބުނުމުގެ ހައްގެއްވެސް ނޯންނާނެއެވެ. އެބަސްތަކުން ސަލްވާގެ ހިތަށް ކުރި އަސަރު ހާމަވެގެން ދިޔައީ ދެލޮލަށް ޖަމާވި ކަރުނަ ތިކިތަކުންނެވެ.

"މިތަނުން ދޭ ހެޔޮނުވާނެ....." ސަލްވާ ބުނެލިއެވެ.

"ކީއްވެހެއްޔޭ އޭނަ އަތްލިޔަދިނީ. އަހަރެންގެ ހައްގަކަށް އޭނަ އަރައިގަންނަން ޖެހުނު ސަބަބެއް އެނގެން ބޭނުން. ހީ ވިލް ޕޭ ފޯ ދިސް. ކިހިނެއް ކަމެއް އަހަންނަށް ނޭގޭ އެކަމަކު އޭނަ ޖެހޭނެ މިކަމުގެ އަގު އަދާކުރަން..........." ވިޝާމްގެ ރުޅި ހައްތަހާވީ ގަދައެވެ.

ކާކުގެ ނަސީބެއް ކަމެއް ނޭގެއެވެ. އެވަގުތު މާއިޒް އެތަނަށް އައުމުން ވިޝާމްގެ ސުވާލުތަކަށް ހުއްޓުމެއް އައެވެ. މާއިޒްވެސް އެއައީ ވިޝާމް އެތަނަށް ވަންތަން ފެނިފާ ހިތުގައި ސުވާލުތަކެއް އުފެދިގެންނެވެ. ނަމަވެސް އެކަން ހާމައެއް ނުކުރެއެވެ.

ރޯޒްމެހެލަށް ދިޔަމަގުމަތީގައި ބަދަލުހިފުން ނޫންކަމެއް ވިޝާމްގެ ހިތަކު ނެތެވެ. ގޮސް ހުސްވުމުން އޭނައަށް ރަގަޅު މަގުވެސް އޮޅިއްޖެއެވެ. ހައިކަލް ސަލްވާއާއި މެދު ކަންތައްކުރިގޮތަށް އޭނަ އަޒަލްއަށްވެސް ހަދާނީއެވެ. އޭރުން ހައިކަލްގެ ހިތަށް އުދަގޫވާނެ ނޫންހެއްޔެވެ؟ ނޫނީ ހައިކަލްއަށް އެކައްޗެއްވެސް ނުވިސްނޭނެއެވެ. އޭނަ އަޒަލްގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނީއެވެ. ބަދުނާމުކުރާނީއެވެ. އަޒަލްގެ ބަލި ހާލާއިމެދު ވެސް އެވަގުތު ވިޝާމް ވިސްނައިނުލިއެވެ. ރުޅިއަކީ ޝައިތާނީ އަމަލެކޭ ބުނަނީ އެހެންވީމައެވެ. ރުޅި މައިތިރިކުރަން ނޭގިއްޖެނަމަ އަތުންފައިން ހެދޭނީ ގޯހެވެ.

އަޒަލް އެނދުގައި އޮށޯވެލައިގެން އޮތްއިރު އަނގައިގާ ހުރީ މެގްނަމެކެވެ. ދެލޯ މެރެމުން ދިޔައިރު ވިޝާމް ކޮޓަރިއަށް ވަންހެން ހީވިއެވެ.

"ހޭ ވިޝާމް...." އަޒަލް ކަންނެތް ގޮތަކަށް ގޮވާލިއެވެ.

"މެގްނަމް ބޯނަންތަ؟ " އަޒަލް ތެދުވުނެވެ.

ވިޝާމް އައިގޮތަށް އަތުން ޖަހާ މެގްނަމް ވިއްސާލުމުން އަޒަލް ސިހޭގޮތްވިއެވެ. ވިޝާމް އުޅެގަތްގޮތުން އަޒަލްގެ ހިތަށް ބިރުވެރިކަން ވަންނަގޮތްވިއެވެ. އޭނަ ލައިގެން ހުރި ހެދުމުގެ ގޮށްފޮތީގައި ހިފާލިގޮތަށް އިރައިގެން ދިޔުމާއިއެކު އެތެރެއިން ލާފައި ހުރި އެއްޗެހި ހުރީ ހާމައަށެވެ. އަދި ބިމުން އުފުލައިލިގޮތަށް އެނދަށް ގަންނަވައިލުމުން ލުއި ފަތެއް ވިއްސައިގެންދާ ފަދަ ގޮތަކަށް އަޒަލް އެނދުގައި ޖެހުނެވެ.

"މިއީނު ބޭނުންވެގެން އުޅޭ ކަމަކީ. ދެންވެސް މައިތިރިވެބަލަ. ޔޫ ކެން ހޭވް ވަޓް ޔޫ ވޯންޓް. ކަލޭގެ ބައްޕަ ސަލްވާއަށްވެސް ހެދީ މިހެން. ގަދަކަމުން މަގޭ ހައްގަކަށް އަރައިގަތީ. އެކަމުގެ ބަދަލު އަހަރެން މިހިފަނީ އޭނަގެ ދަރީގެ ފަރާތުން...." ވިޝާމް އަޒަލްގެ ގައިމައްޗަށް ޖެހިގަތީ ޝިކާރަވެރިއެއްހެންނެވެ.

"ނޫން މިގޮތަކަށް ނޫނޭ ވިޝާމް. ޕްލީޒް ގެޓް އޮފް މީ......" އަޒަލްގެ ނޭވާ އުފުރިދާނެހެންހީވިއެވެ. ބިރުންގޮސް މުޅި ކުއްޖާ ހާސްވެ ފިނި ދަލެއް ހިއްލާލައިފިއެވެ. އަޒަލް ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވަން ފެށުމެވެ. ކުއްލިއަކަށް ވަރުގަދަ އަތަކުން ވިޝާމް ދުރަށް ކޮށްޕާލުމާއިއެކު އަޒަލްއަށް ފެނުނީ އޭނަގެ ބައްޕަ ހައިކަލް އެވެ. ވިޝާމްގެ އަތްދަށުން ސަލާމަތްވުމާއިއެކު ފުންމައިގެން ތެދުވިގޮތަށް ހައިކަލްގެ ކަދުރާގައި އޮޅުލައިގަތުމާއިއެކު އަޒަލްއަށް ރޮވިއްޖެއެވެ. އޭނަގެ ހެދުންވެސް މަޑުމަޑުން ތެމި ފިނިވާންފެށިއެވެ. އަޒަލްއަށް މަޑުމަޑުންގޮސް ދެލޯ ހުޅުވާލާފައި ބަލައިލެވުނުއިރު އެހުރިހާ މަންޒަރުތަކެއް ގެއްލިއްޖެއެވެ. ބައްޕަވެސް ވިޝާމްވެސް ފެންނާކަށް ނެތެވެ. އޭނައަށް އޮވެވުނީ އެނދުގައެވެ. މެގްނަމް ވިރިގެން މޭމައްޗަށް ވެރިފައި ހުރުމުން ފިނިކަން އިހުސާސްކުރެވުނީއެވެ.

އެއީ ފެނުނު ހުވަފެނެކެވެ. މާނަވީ ހުވަފެނެކެވެ. ހާދަ ހަގީގަތާއި އެއްގޮތަކަށެވެ. އެވީ ކިހިނެއްހެއްޔެވެ؟ އަޒަލް އެކަމާއިމެދު ވަރަށް ވިސްނިއެވެ. ސަލްވާއޭ ކިޔައިގެން ވިޝާމް އެހުވަފެނުގައި ދެއްކި ވާހަކަތައް އަދިވެސް ކަންފަތުގައި ހަރުލާފައިވިއެވެ. ހުވަފެނުގައި ވިޝާމް ވާހަކަދެއްކީވެސް ކަލޭ ކަލެއޭ ކިޔާފައެވެ. ހުވަފެނަކަށްވިކަން ހާދަ ރަގަޅެވެ. އެހެންނޫންނަމަ އިތުރަށް ހިތް ހަލާކުވާނެއެވެ.

ފަތިހު ވިޝާމް ތައްޔާރުވާން ހުއްޓާ އަޒަލް ހޫނު ކޮފީއެއް ހިފައިގެން އައުމާއިއެކު ވިޝާމް އެތަށީގައި އަތުން ޖެހިއެވެ. ވިޝާމް ރުޅިގަދަވެފައި ހުރެ ހަޅޭއްލަވައިގަތީ އޭނަގެ ހިތް އަތުލާން އެގޮތަށް ކޮފީއާއި އެއްޗެހި ގެނެސްނުދޭން ހާސްފަހަރު ބުނެވިއްޖެކަމަށް ކިޔާފައެވެ. އެއާއިއެކު އަޒަލްގެ މޫނަށް ވެރިވި ކުލަވަރާއި ޝޮކްގެ ސަބަބުން އޭނައަށް ކުރެވުނު ކުށް އިހުސާސްވެ އަޒަލްއާއި ދޭތެރޭގައި ކަންތައްކުރެވުނީ ރަގަޅަށް ނޫންކަމުގައި ދެކެވުނެވެ. އަދި އެންމެ ކަންބޮޑުވީ އެވަގުތު ހައިކަލްވެސް އެހެންލާފައި މަޑުކޮށްލުމުންނެވެ.

"ވަޓްސް ގޮއިން އޮން....." ހައިކަލް އަހައިލީ ތަންކޮޅެއް ބާރަށެވެ.

"ޑޮކްޓަރ ހައިކަލް. އައި ގޮޓް ކެރީޑް އެވޭ.........." ވިޝާމްގެ ދުޝްމިނަކަށް ހައިކަލް ވާހިނދުގައިވެސް އެ ޝަޚުސިއްޔަތުގެ ވަރުގަދަކަމުން އިހުތިރާމްކުރަން މަޖުބޫރުވާފަދަ ގޮތެއް ހުރެއެވެ. ކޮންމެ ކޮންމެ އެއްޗެއް ކިޔާލަން ނުކުރެނީ އެހެންވެއެވެ. އޭނައާއި އެއް އުމުރެއްގެ މީހަކަށް ވީނަމަވެސް ކުރިމަތިލެވިދާނެއެވެ. އުމުރުގެ ތަފާތު ބޮޑެވެ. ހައިކަލްއަކީ ވެރިއެކެވެ. އެންމެން ގަދަރުކުރާ މޮޅު މީހެކެވެ. އަދި ނުވީތާކަށް އޭނަގެ އަންހެނުންގެ ބައްޕައެވެ.

އަޒަލްވެސް ވިޝާމްއަށް ބަލައިލި ނަޒަރުން ހީވަނީ ހުރިހާކަމެއް އޮޅުން ފިލުވާދޭށޭ ބުނިހެންނެވެ. މިގޮތަށް ބައްޕަ އައުމުން ޚުދު އޭނަވެސް ލަދުގަންނަގޮތްވެއްޖެއެވެ. ވިޝާމްއަކީ ނަމެއްގައި ނަމަވެސް އޭނަގެ ފިރިމީހާ ނޫންހެއްޔެވެ؟ އެދޭތެރޭގައި ވާ ބީރައްޓެހިކަމާއި ދުރުހިލޭކަން ބައްޕަމެންނަށްވެސް އެނގިގެން ނުވާނެއެވެ. މިވީގޮތުން ކިތަންމެ ސުވާލެއް އުފެދޭނެއެވެ.

ވިޝާމް ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ހަމަޖެހިލިއެވެ. އޭނަ މިގެއިން ދާކަށް އަދި ބޭނުމެއްނޫނެވެ. ސަލްވާއާއި ވަކިވާން ވެއްޖެއްޔާ އޭނަގެ ދިރިއުޅުމުގެ ބައްތި ނިވިދާނެއެވެ.

"ޔާ ޑޭޑް. އިޓްސް އޯކޭ. ވިޝާމްގެ އަތުން ޖެހި ކޮފީތަށި ވެރުނީމަ އަޅުގަނޑު އެއްޗެކޭ ބުނީމަ ވިޝާމް ކުޑަކޮށް ރުޅިގަދަވާގޮތްވީ................" އަޒަލްވެސް ބޭނުންވީ ހައިކަލްއަށް ހަގީގަތް ފޮރުވާށެވެ. އަޒަލްގެ ހިތުގައި ވިޝާމްއަށްޓަކާ ވި ލޯބީގެ ސަބަބުންނެވެ. ހައިކަލްއަށް އެދެމީހުންގެ ދޭތެރޭގައިވާ ހަމަނުޖެހުމާއި މައްސަލަ އެނގިހުރެވެސް އިތުރަށް ކޮންނާކަށް ނޫޅުނެވެ. ދެމަފިރިން ވިއްޔާކުދި ކުދި މައްސަލަތައް ޖެހޭނެއެވެ. ނަމަވެސް ހައިކަލްގެ ހިތުގައިވި ޝައްކު މިރޭ އިންތިހާއަށް ބޮޑުވިއެވެ. ވިޝާމް އަޒަލްއަށް އަނިޔާ ކުރާކަމާއިމެދު ޝައްކުވިއެވެ.

އޭރު ވިޝާމްއަށްވެސް އޭނައަށް ކުރެވުނު ކުށް އިހުސާސްކުރެވި މައިތިރިވެއްޖެއެވެ. ރުޅިވެސް ވަގުތުން ފިލައިގެން ހިގައްޖެއެވެ. . އޭނަ ހުރިހާކަމަކުން ނާކާމިޔާބުވަނީއެވެ. އަޒަލްއަށް އަނިޔާދީ ހައިކަލްގެ ފަރާތުން ބަދަލުހިފަން އޭނަ ނިންމިޔަސް ގެއަށް އެރޭ އާދެވުނުއިރު އޭނަގެ ޚިޔާލުބަދަލުވީ ވެސް ރަގަޅަށެވެ. އޭނަވެސް ހަގީގީ ފިރިހެނަކަށް ނުވާނެ ނޫންހެއްޔެވެ. އަންހެންކުދިންގެ ބަލިކަށިކަމުން ފައިދާ ނަގާ މީހުންނަކީ އެންމެ ނާކާމިޔާބު މީހުންނެވެ. އޭނަވެސް އެލިސްޓުގައި ނުހިމެނުނީ ހަމަކިރިޔާއެވެ. އަޒަލްގެ އެއްވެސް ކުށެއްނެތި އެކުއްޖާއަށް އަނިޔާ ދިނުމަކީ ބޭ އިންސާފެވެ. ކުށްވެރިއަކީ ހައިކަލްއެވެ. އަޒަލްއެއް ނޫނެވެ. އަޒަލް އަށް އަދަބު ދޭން ހިތަށް އެރުމަކީވެސް އޭނަ ކުރި ކުށެކެވެ. ލޯބީގައި ފަނާވިޔަސް އެހާ ދަށު ދަރަޖައަކަށް އޭނަ ނުވެއްޓޭނެއެވެ.

ހައިކަލް ހުރީ އެކަމާއި ވަރަށް ނުތަވަސްވެފައެވެ. އަޒަލްގެ ދެލޮލުން އޭނައަށް ފެނުނީ އެހާވެސް ބިރުވެރިކަމެވެ. ރައުދާ ދެއްކި ވާހަކަތަކުން އަޒަލް ޑިޕްރެސްވެފައިވާކަން އެނގުނެވެ. އަޒަލްގެ ހިތާމައަކީ ވިޝާމް ބާވައެވެ. އެކަން ހުއްޓުވަން އޭނަ ފިޔަވަޅު އަޅަންޖެހޭނެއެވެ. އަޒަލް އެކަނިކޮށްގެން ވާހަކަދައްކަން ހައިކަލް ނިންމިއެވެ. އޭރުން އެދޭތެރޭގައިވާ މައްސަލަ ދެނެގަނެވިދާނެއެވެ.

މިރޭ ވިޝާމް އުޅުނީ އަޒަލްދެކެ ލޯބިވާ ފިރިއެއްފަދައަކުން ނޫނެވެ. ވިޝާމް ކިތަންމެ އޮޅުވާލިޔަސް އެ މަންޒަރު ފެނުނީ އޭނަގެ ލޮލުންނެވެ. ސުވާލަކީ އެކަމަށް މަގު ފަހިވާން ޖެހުނު ސަބަބެވެ. ވިޝާމްގެ މަގުސަދެވެ.

ހޮސްޕިޓަލަށް ވަދެފާ ލިފްޓަށް އަރަން ދިޔައިރު އޭނަ ސަލްވާ ހަވާލުކުރި ނަރުސް އަންހެންކުއްޖާއާއި ދިމާވިއެވެ. ހައިކަލް ސުވާލުކުރިއެވެ.

"ޑޮކްޓަރ ވިޝާމް ދުރުވެ އެންގީ އަޅުގަނޑު ދާން......" އެކުއްޖާ ލަދުން ހުރެ ބުނެލިއެވެ.

"ވިޝާމް؟ " ހައިކަލް ހައިރާންވިއެވެ.

"ލައްބަ.....ޑޮކްޓަރ މާއިޒްވެސް ފަހުން އެތަނަށް ވަންތަން ދެކުނިން. އެހެންވެ އަޅުގަޑަށް ނުކެރުނު ވަންނާކަށް........................"

މާއިޒްއާއި ވިޝާމް ނުދަންނަކުއްޖަކު އެތާ މަދުވާނެއެވެ. ފާހަގަވާހާ ރީތި ދެ ޒުވާނުންވީމަ އަންހެންކުދިންގެ ތެރޭގައި މަޝްހޫރުވާނެ ނޫންހެއްޔެވެ؟

ހައިކަލް ލިފްޓަށް އަރާފައި ފަޓްލޫނުގެ ޖީބަށް އެއް އަތް ޖަހާލިއިރުވެސް އަތްތިލަ ފެންކޮޅެއްފަދައެވެ. ވިޝާމް ސަލްވާ ގެ ކޮޓަރިއަށްގޮސް ނަރުސްކުއްޖާ ފޮނުވާލަންޖެހުނީ ކީއްވެހެއްޔެވެ؟ އޭނަ ނެތްކަން ވިޝާމްއަށް އެނގި އެގަޑީގައި އެތަނަށް ކޮންމެހެންވެސް ދާން ޖެހޭބާވައެވެ. ނޫނެކެވެ. އެއީ އެކަހަލަ ކަމަކަށްނުވާނެއެވެ. ވިޝާމްއަކީ އޭނަގެ ދަނބިދަރިފުޅެވެ. ސަލްވާއާއި އެކަހަލަ ގުޅުމެއް އޮވެގެން ނުވާނެއެވެ. ކުށްހީއަކީ ފާފައެކެވެ.

ހައިކަލް ޕްރައިވެޓް ރޫމަށް ވަންއިރު ސަލްވާ އިނީ އިށީދެލައިގެންނެވެ. ދެލޯ ފުރިފައިވަނީ ކަރުނުންނެވެ. ހައިކަލް ކައިރިއަށް އައުމާއިއެކު މޭމަތީގައި ބޯ ޖައްސައިލިގޮތަށް އެނާޒުކް އަތް ހައިކަލް ވަށާލިއެވެ.

"ވަޓް ހެޕެންޑް. އާ ޔޫ އޯކޭ........" ހައިކަލް ސުވާލުކުރިއެވެ.

"ހާދަ ލަހުން....." ސަލްވާ ޝަކުވާކުރިއެވެ.

"ކުޑަ ކަމެއް ދިމާވީ....." ހައިކަލް ބުނެލިއެވެ.

"ޕްލީޒް ޓޭކް މީ ހޯމް. މިހާރު މުޅިން ރަގަޅުވެއްޖެ. ވަރުވެސް ޖެހިއްޖެ އަދި ހޮޑުލެވޭގޮތެއްވެސް ނުވޭ....." ސަލްވާ ކަރުނަ ހިފަހައްޓަން މަސައްކަތްކުރިއެވެ.

"އެކަނިވީމަތަ. އެއްވެސް މީހަކު ނާންނަނީތަ؟ ނަރުސް ކުއްޖަކު ބަހައްޓާފައި ދިޔައީވެސް ކަމަކު......" ހައިކަލްއަށް ބުނެވުނީ ތަންކޮޅެއް ހިތްހަމަނުޖެހިފައި ހުރެއެވެ. މިރޭ ދިމާވި ހުރިހާ ކަމަކުން އޭނަގެ ސިކުނޑިއަށްވަނީ ބާރުކޮށްފައެވެ.

"މާއިޒްވެސް އައި...." ސަލްވާ ބުނެލީ ހާސްކަމާއިއެކުގައެވެ.

"ގުޑް. ހޫމް ދެން އޮށޯވެލާ. މި ޑްރިޕް ހުސްވީމަ ގެއަށް ގެންދާނަން. މާ ގިނަ އިރެއް ނުވާނެ. އެއްޗެއް ބޯލަންވީ ދޯ. ކުޑަކުޑަކޮށް ކާންވެސް ވާނެއްނު އޭރުން ވަރު ޖެހޭނީ...." ހައިކަލް އަނގައިގާ ލަވާފައި ކާންދިންއިރު ވެސް ސަލްވާ އިނީ ކޮންމެވެސް ކަމަކާއި ފިކުރުބޮޑުވެފައެވެ. މި އުފާވެރިކަމަށް ވިޝާމްގެ ސަބަބުން ހިޔަނި އެޅޭތީ ވިސްނޭނެ ނޫންހެއްޔެވެ؟

ހައިކަލް ސަލްވާ ހަމައެކަނި މާއިޒްގެ ނަން ބުނެލާފައި ފުއްދާލުމުން އެކަން ފާހަގަކުރިއެވެ. ވިޝާމް އައި ވާހަކަ ނުބުނީ ކީއްވެހެއްޔެވެ؟ ވިޝާމް ސަލްވާގެ ފަހަތުން އުޅުމަކީ ހާދަ ހުތުރުކަމެކެވެ. ވިޝާމްއަށްވުރެ އުމުރުން ސަލްވާ ހަގުކަމުގައި ވިޔަސް އެހެރީ ވިޝާމްގެ މަންމައެއްގެ މަގާމުގައެވެ. އެކަން ވިޝާމް ހަދާން ނައްތާލައިގެން ނުވާނެއެވެ.

ގެއަށް ފޮނުވާލުމަށްފަހު އެދެތިން ދުވަހުވެސް ސަލްވާއަށް ހައިކަލްގެ އެހީތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބުނެވެ. ކަންތައްވަނީ ރައުދާ ބުނިގޮތަކަށް ނޫނެވެ. އޭނަގެ ސަބަބުން ހައިކަލްއަށް އުދަގޫވާހެނެއް ހިޔެއްނުވެއެވެ. ކޮންމެ ކަމެއްކޮށްދެނީ ހިތުން ރުހުމުންކަން ސަލްވާއަށް ޔަގީނެވެ. އޭނަ ބަލިކަމުން ފެންވަރުވާ އިސްތަށިގަނޑުގައި ފުނާއަޅުވާ އަނގައިގާ ލަވާ ކާންދެނީވެސް ހައިކަލްގެ ލޯބިކަމުގައި ސަލްވާ ދެކުނެވެ. ސަލްވާގެ ހިތް އުފަލުން ފުރޭވަރުވިއެވެ. އެކަންތައް ކޮށްދީފައި އެވާހަކަ ހައިކަލް ނުވެސް ދައްކައެވެ. ކަމެއްކޮށްދީފައި އެކަމުގެ ބަދަލު އަތުލަން އުޅޭ ފާޑެއް ނުހުރެއެވެ. ލޯތްބަކީ އެއީއެވެ. އެހެން ވާނަމަ އަބަދު ބަލިވާން ޖެހުނަސް ސަލްވާގެ ފަރުވާލެއްނެތެވެ.

ރޯޒްމެހެލްގެ އެހެން މެމްބަރުންވެސް ތިބީ ހާސްކަމެއްގެ ތެރޭގައެވެ. މާއިޒް ގެއިން ދިޔުންވެސް ވީ ލިބުނު ހުސްކަމަކަށެވެ. އެންމެންގެ ސިކުނޑިވަނީ ސުވާލު މާކްތަކުން ފުރިފައެވެ. އޭގެ އިތުރުން ސަލްވާ ހޮޑުލައިގެން އެޑްމިޓްކުރުން ވެގެން ދިޔައީ ޒައިތޫންއާއި މެހެރީނާއަށް ބިރުވެރި ހުވަފެނަކަށެވެ. ހައިކަލް ސިއްރުކޮށްގެން ހުއްޓަސް މެހެރީނާމެންނަށް ސަބަބު އެނގިއްޖެއެވެ. އެއީ ސުންޕާ ޚަބަރެކެވެ. އަޑު އަހަން ހިތް ނޭދޭ ވާހަކައެކެވެ. އެކަމުން ހައިކަލް ސަލާމަތްކުރަން ޒައިތޫން ވިސްނިއެވެ. އެމީހުންގެ ގަދަރާއި ނަން ހަޑިވާކަށް އޭނަވެސް ނޭދެއެވެ. ދެން ހުރީ މެހެރީނާއެވެ. އޭނަގެ ވިސްނުމަކީ އަދި އެއީއެއް ނޫނެވެ. އޭނަ ޔަގީންކުރީ ސަލްވާ ބަލިވެއިނީ ވިޝާމްގެ ދަރިއަކަށް ކަމަށެވެ. ސަލްވާ ފަޟީހަތް ކުރަން އެކަށީގެންވާ ފުރުސަތަކަށް އޭނަ ހުންނަނީ ބަލަބަލައެވެ.

ވިޝާމް ބޭޒާރުވުމުން އޭނައަށް ވެސް މަޖުބޫރުވީ ހައިކަލްއަށް އޮޅުވާލަން އަޒަލްއާއި ދޭތެރޭ ތަފާތުކޮށް ކަންތައް ކުރުމަށެވެ. ހިތް ނޭދުމާއިއެކުވެސް އަޒަލް ގޮވައިގެން ރެސްޓޯރެންޓަށް ރޭގަނޑު ކެއުމަކަށްވެސް ގެންދިޔައެވެ. އޭނަ އަޒަލް ކައިރީ ބުނީ އެރޭ ކަމަކާއި ރުޅިގަދަވެފައި ހުރުމުން ކޮފީތަށި ހޫރުވާލެވުނީކަމުގައެވެ. ޑިނާއަކީ އޭނަ މާފު ހޯދަން ކުރި ކަމެއް ކަމުގައެވެ. ހަގީގަތަކީ ވިޝާމްއަށް ލޯބީގައި ލިބުނު ނާކާމިޔާބުގެ ސަބަބުން ގޮތް ހުސްވެ ދީވާނާވެ ރުޅިގަދަވެ އެހެން މީހުންގެ އިހުސާސްތައް ދެނެގަނެވޭފަދަ މީހަކަށް މިހާރު ވިޝާމް ނުވެއެވެ. އަޒަލް އެހާވަރަށް އޭނައާއި ހެދި އުޅޭކަން އެނގޭއިރުވެސް އެކަން އެނގޭކަމަށް ހަދާ ނުލާ ސަބަބަކީވެސް އެއީއެވެ. އަޒަލް އޭނައާއި ހެދި އުޅޭ ވަރަކަށް އޭނަވަނީ ފޫއްސެވެ. އަޒަލް ދެރަކޮށްލެވޭއިރުވެސް އޭނައަށް ރޭކާނުލައެވެ.

ހައިކަލްއާއި ސަލްވާ އެކީގައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަންނާން ދިޔައިރު ވިޝާމް ކޮޓަރިން ނުކުމެގެން އައީއެވެ. ކޮރިޑޯ ކިތަންމެ ފުޅާކަމުގައި ވީނަމަވެސް ވިޝާމްއާއި ސަލްވާ އަރާ ހަމަވީއިރު އެދޭތެރޭގައި އޮތީ ހަނި ޖާގައެކެވެ. ސަލްވާގެ އަތުގައި ވިޝާމް ހިފައިލީ ގަސްތުގައެވެ. ހައިކަލް ދެތިން އިންޗުވަރު ތަންކޮޅެއް ކުރީގައި ހުރި ކަމުން ހައިކަލްއަށް ފެނުމަކީ އެކަށީގެންވާކަމެއް ކަން ވިސްނުނުއިރުވެސް އޭނަގެ ބަސްނާހާ ހިތް ޗެލެންޖުކުރީއެވެ.

ސަލްވާއަށް އަތް ދަމައިގަނެވުނެވެ.

ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އެހިނގި ކުޑަ ކުޑަ ހާދިސާއިން ހައިކަލް ހުރީ އަންތަރީސްވެފައެވެ. ވިޝާމް ސަލްވާގެ އަތުގައި އަތްލީ ގަސްތުގައި ކަމެއް ނޫނީ އެކްސިޑެންޓަކުން ކަމެއް ނޭގުނެވެ. ނަމަވެސް ހައިކަލްގެ ހިތުގައިވާ ޝައްކުތަކުގެ ލިސްޓަށް އިތުރުވި ބޮޅެއް ކަމުގައި އެކަންވިއެވެ.

ހައިކަލް ސަލްވާގެ ކައިރިން އެއްވެސް އެއްޗެކޭ ނޭހި ނަމަވެސް ސަލްވާ ހުރީ ހާސްވެ މުޅިން ފިނިވެފައެވެ. ތިމާއަށް ކުށެއް ކުރެވި ކަންބޮޑުވެފައި ހުރިފަދައަކުން ހަރަކާތް ހުރިނަމަވެސް ހައިކަލް ކެތްކުރިއެވެ. ވިޝާމް ސަލްވާއާއި ގަޔާވެގެން ނޫނީ އަޅައިގެން އުޅޭނަމަ އެވާހަކަ ސަލްވާ ބުނަން ޖެހޭނެ ނޫންހެއްޔެވެ؟

ހަވީރު ގޯތިތެރެއަށް ހިޔާއެޅިފައިވާއިރު ހެޔޮވަރަކަށް ވައިވެސް ޖެހެމުންދިޔައެވެ. މި ހިތްގައިމުކަމުން އުފާ ލިބިގަންނަން މެހެރީނާ ސަންބެޑެއްގައި ޖައްސާލައިގެން އޮތްވާ ހައިކަލްވެސް ފޯނެއްގައި ހުރެ އެފަރާތަށް ނުކުމެލައިފިއެވެ. ފޯނު ނިމުމުން މެހެރީނާ ހައިކަލްއަށް ގޮވާ ގެނައީ އޭނަ ދައްކަން ބޭނުން ވާހަކައެއްވެސް އޮތުމާއިއެކުގައެވެ.

"ދޮންބެ. ފަހަރި ހޮޑުލައިގެން އެޑްމިޓްކުރީ އަނެއްކާ ޕްރެގްވީ؟ މަންމަ ބުނީ ދޮންބެ މަންމައަށް ސިއްރެއް ނުކުރާނެޔޯ. އެކަމަކު އަޅުގަނޑަށް ވަރަށް ޝައްކު.........." މެހެރީނާ ހަމަޖެހޭގޮތް ދައްކައިގެން އޮތްނަމަވެސް އެތެރެހަށީގައި ބިރުވެރިކަމެއް އުފެދިފައިވިއެވެ. ސަލްވާ ބަލިވެ އިނިއްޔާ މިގެއަށް ޒަލްޒަލާއެއް އައުމެކޭ ތަފާތެއް ނެތެވެ.

"ހޫމް. މީހަކާއި އިނީމަ ދެން އޮތްކަމަކީ އެއީއެއްނު. މެހެރްވެސް ވެއްޖެއެއްނު އެކަހަލަ ކަމަކާއި އުޅެން. މުސްކުޅިވެދާނެ ނޭގި ހުއްޓާ. ކަމަކުނުދާނެ. އިންސާނުން ދުނިޔެއަށް އައުމުގެ އެއް ބޭނުމަކީ ދަރިފަސްކޮޅު ދެމެހެއްޓުން. އަރީންވެސް އެހެރީ ޖަވާބެއްގެ އިންތިޒާރުގައި ދޯ. ކޮންމެވެސް ޖަވާބެއް އޭނައަށްވެސް ދޭންވާނެ......" ހައިކަލް ސަމާސާގޮތަކަށް ހީލަމުން ބުނެލިއެވެ.

"ދޮންބެ ޕްލީޒް ސަމާސާއަކަށް ނަމަވެސް އަރީންގެ ވާހަކަ ނުދައްކަވާ. އެހާ ނަފްރަތު ކުރާ މޫނެއް މިދުނިޔެއަކު ނުވާނެ......." މެހެރީނާ އަނގަޔަށް ހަދައިލިގޮތުން އޭނަ ފޫހިވީވަރު ހައިކަލްއަށް އެނގުނެވެ. މެހެރީނާ އޭރުވެސް ހުރީ ސަލްވާ ބަލިވެއިންކަން މުޅިން ޔަގީން ނުކުރެވިފައެވެ. ދޮންބެ އެކަމާއި ދެކޮޅަށް އެއްޗެކޭ ނުބުނުން އަހާކަށްވެސް ނުކެރުނެވެ. ބަލިވެއިންކަން ޔަގީންކޮށްދީފިއްޔާ އޭނަގެ ހިތް ހުއްޓިދާނެއެވެ.

ހައިކަލް އޭނަގެ މަންމަގެ ކައިރީގައި ސަލްވާ ބަލިވެއިން ވާހަކަ ބުނުމުން ޒައިތޫން އިނީ ތުން ފިއްތާލައިގެންނެވެ. އެކަމާއިމެދު ޒައިތޫން ހިތްހަމަނުޖެހުނުކަން އެނގުމުން ހައިކަލް ދެރަވިއެވެ. މަންމަމެން އުފާނުވީ ކީއްވެހެއްޔެވެ؟ ސަލްވާގެ ދަރިއެއްކަމަކު އެއީ އޭނަގެވެސް ލޭ ނޫން ހެއްޔެވެ؟ ފަހުން ހުރިހާ ކަމެއް ރަގަޅުވުމަށް ހައިކަލް ދުޢާކުރިއެވެ.

އަޒަލްއާއި އާޒީން ގެންގޮސްފައި އެޕްރިންޓްކޮޅު ދައްކާފައި ކޮއްކޮއެއް ލިބެން އުޅޭ ވާހަކަ ބުނުމުން ދެކުދިންވެސް އުފާވެފައި ހަޅޭއްލަވައިގަތެވެ. އަދި ސަލްވާގެ ގައިގާ އޮޅުލައިގަތެވެ. މަރުހަބާކިޔެވެ. އެދެކުދިން އުޅުނުގޮތް ފެނިފާ ސަލްވާއާއި ހައިކަލްއަށް ބަޔާން ނުކުރެވޭފަދަ އުފަލެއް އިހުސާސްކުރެވުނެވެ.

"އެކަމަކު ޝީ ލުކްސް ސޯ އަގްލީ ޑޭޑް..." އަޒަލް އެ ޕްރިންޓްކޮޅަށް ބަލާލާފައި ދޫނެރެލިއެވެ.

"ކަމޮން ޒެލް. ޒެލް ކުޑައިރުވެސް އޮންނާނީ ކުޑަ އޭލިއަންއެއްހެން. ޑޭޑް އަޅުގަނޑުމެންގެ ޕިކްއެއް އޮންނާނެތަ؟ " އާޒީން އޭނައާއި އަޒަލް ކުޑައިރު އޮތްގޮތް ބަލާލާހިތްވިއެވެ. ކުރީގެ ހަދާންތައް އާކުރަން ހައިކަލް ބޭނުމެއްނޫނެވެ. ކުރީގެ އަލްބަމްތަކާއި ފޮޓޯތައް އަދި ސްކޭން ޕްރިންޓްތައްވެސް ހުންނާނީ ނުނަގާ ފޮރުވާފައެވެ. ނަމަވެސް އާޒީންގެ އެދުމުގެ މަތިން ހައިކަލް އެމަސައްކަތްކުރިއެވެ. ދެކުދިން އެކީގައި ތިބި ފޮޓޯތައް ފެނިފާ އެކުދިންނަށް މަޖާވިއެވެ. މަންމަގެ ބަނޑުގައިވެސް ދެކުދިން އުޅުނީ ހާދަ ކައިރީގައެވެ. ރައުދާއާއި ހައިކަލް އަދި ކުދިން އެކީ ތިބި ފޮޓޯތައް ފެނިފާ ސަލްވާއަށް އުދަގޫތަކެއް އިހުސާސްކުރެވުނެވެ. ރައުދާގެ ފޮޓޯތައް އޭނައަށް ދޭން ހައިކަލް ކައިރީ ބުނާނީއެވެ. ކިތަންމެ ވަރަށް ހިތް ސާފުކުރަން މަސައްކަތްކުރިޔަސް އިންސާނެއް ވެއްޖެއްޔާ އުނިކަންތައް ހުންނާނެއެވެ. ސަލްވާގެ ބަލިފައިކަމުގައި ރައުދާވަނީ ވެފައެވެ.

"ބޭބީ ދޮންތަ ކިޔާނީ ޒެލްއަށް ދޯ....." އަޒަލް ބުނެލިއެވެ.

"ނޮޕް. އައިމް ދަ އޯލްޑާ ވަން ސޯ ދޮންތީ އަކީ މިއީ. ޒެލްއަށް ކިޔާނީ ކުޑާ ނޫނީ ތުއްތީ ތިއްތޭ ނޫނީ... ވަޓްއެވާ........" އާޒީން ހީލާފައި ކިޔާލިއެވެ.

"އޯކޭ އެކަމަކު ބޭބީގެ ނޭމް ޗޫޒްކުރާނީ އަހަރެން......." އަޒަލް އާޒީންއަށް ބުނެލިއެވެ. ދެކުދިން މިހާރުއްސުރެ އިންތިޒާރު އެކުރަނީ ލިބެންއުޅޭ ކޮއްކޮއަށެވެ. އެހާ ފޯރިއާއިއެކުގައެވެ. ރީތި ނަންތައް ވެސް ކިޔަކިޔާފައި އެނަން ކިހިނެއްވާނެތޯ ހައިކަލްއާއި ސަލްވާ ކައިރިން އެހިއެވެ. ސަލްވާއާއި އާޒީން އަދި އަޒަލް އެނދުމަތީގައި ތިއްބާ ހައިކަލް އަލްބަމްތައް ގެންގޮސް އަލަމާރިއަށް ލައިފިއެވެ. ދެބެން ސަލްވާއާއި އޮތް ގުޅުން ރަގަޅުކަމުން ހައިކަލް ހުންނަނީ ހިތްހަމަޖެހިފައެވެ. ސަލްވާގެ ސަބަބުން އަޒަލްއާއި އާޒީންގެ ހަޔާތަށް އައިސްފައިވާ ހެޔޮ ބަދަލުންވެސް ހައިކަލް އުފާކުރިއެވެ. ނަމާދަށް ބަންގި ދިނުމުން ތިން ކުދިން އެކީގައި ނަމާދު ކޮޓަރިއަށް ދާންވެގެން ނުކުތުމުން ހައިކަލްވެސް މިސްކިތަށް ދާން ގަސްތުކުރިއެވެ.

އަޒަލް އެރޭ ސަލްވާއަށް މަރުހަބާ ކިޔާފައި ކާޑެއް ފޮނުވިއެވެ. ސްޓޭޓަސްގައިވެސް އެކަމަށް އިޝާރާތްކޮށްފައި އުފާވެރިކަން ހާމަކުރިއެވެ. ހިތްތަކެއް ޖަހާފައެވެ.

އެދުވަސްކޮޅު ޒައިތޫންއާއި މެހެރީނާ ދިވެހި ބޭސްކުރުވުމުގެ ބަހަނާ ދައްކާފައި ރާއްޖެތެރެއަށް ފުރައިގެން ދިޔުންވެސް ހައިކަލް ހައިރާން ކުރުވަނިވި ކަމަކަށްވިއެވެ. އެދެމީހުންގެ އެހެން މަގުސަދެއް އޮތްކަމެއް ހައިކަލްއަކަށް ނޭގުނެވެ. ދިވެހި ބޭސްކުރަން ޖެހޭވަރުގެ ކަމެއް މަންމަ ނޫނީ މެހެރީނާގެ ހުރިކަމަކަށް ހައިކަލް ގަބޫލެއްނުކުރެއެވެ.

ވިޝާމް ސަލްވާގެ ހަށިފާވެރިޔާފަދައިން އޭނަގެ ބޯކޮޅު ބަލައިގެން އުޅޭ މީހެކޭ ތަފާތެއް ނެތެވެ. ކިރިޔާ ތެދުވެ އުޅެވޭވަރުވުމުން ކޮލެޖަށް ދާންފެށީވެސް ގޭގައި ހުންނަ ހިތް ނުވާތީއެވެ. ހެދުނު ތެދުވެ ހޮޑުލާފައިވެސް ސަލްވާ ހިތްވަރުކޮށްލައިގެން ތައްޔާރުވެއެވެ. ގެއަށް އަންނައިރު ވިޝާމް ހުންނަނީ އޭނަގެ އިންތިޒާރުގައި ކަހަލަ ގޮތަކަށެވެ. ގޭތެރޭގައި އެކަނި ހިގާފައި އުޅުމަކީވެސް ކުރެވޭވަރުގެ ކަމެއް ނޫނެވެ. ކިރިޔާ ހަނި ފުރުސަތެއް ލިބުނަސް ވިޝާމް އެހާ ގޯނާކުރެއެވެ. އަތުގަޔާއި ކޮލުގައިވެސް ހިފަނީއެވެ. ބުރުގާ އަޅާފައި ހުއްޓަސް ނަގާކަށް ޖެހިލުމެއް ނުވެއެވެ. އޭނައަށް ކަމެއްވެދާނެތީ ވިޝާމް ކަންބޮޑުވާކަމަށް ބުނެ އަބަދު ކައިރީގައި އުޅެން ބޭނުންވާކަމުގައި ވިޝާމް ބުނަން ފެށިއެވެ. އަހަރެމެންގެ ދަރިފުޅޭ ކިޔާފައި ބޭބީއަށް އިޝާރާތްކުރަން ފެށުމުން އަދި ސަލްވާ ހާސްވީ މާ ވަރަށެވެ. އެހެން މީހަކަށް އިވިއްޖެއްޔާ ހީކުރާނީވެސް ކީކޭހެއްޔެވެ؟

ވިޝާމްގެ ކަންތައް މައްޗަށް ކަންތައް ދާން ފެށުމުން ހައިކަލް ކައިރީ ހުރިހާ ވާހަކައެއް ހިއްސާކުރަން ހިތް ބާރު އަޅަންފެށިއެވެ.

މާއިޒް އުޅެނީ އެޕާޓްމެންޓްގެ އެންމެ ތިރީބައިގައެވެ. ލީނާގެ ބުރަހެލިކަމުންނާ ހޮސްޕިޓަލަށް ކޮންމެ ވަގުތަކުވެސް ގެންދަން ޖެހިދާނެ ކަމަށް ބަލާފައި މާއިޒް އެގޮތަށް ނިންމިކަމަށްޓަކާ ވިޝާމްވެސް ތައުރީފުކުރިއެވެ. އަމިއްލަ މަންމައެކޭ އެއްފަދައިން ވިޝާމްގެ ހިތުގައިވެސް ލީނާއަށް ޚާއްސަކަމެއް ދެވިފާވިއެވެ. މަންމަ އޭނައާއިމެދު ކަންތައްކުރި އިހާނެތިގޮތާއި ނިކަމެތިކަމާއިމެދު އެތައް ކަރުނައެއް އޮއްސިފަހުން އޭނައަށް އެނގުނީ ފާގިޔާއަކީ އޭނަގެ ދޮންމަންމަކަމެވެ. އަމިއްލަ ފިރިހެންދަރިއަކަށް އެފަދަ ގޯނާތައްކުރަން މައިމީހާއަށް ނުކެރޭނެއޭ އޭރުވެސް ވިޝާމްގެ ހިތަށް އެރިއެވެ.

މާއިޒްއާއި ވިޝާމް ލީނާގެ ކޮޓަރީގައި ކޮފީ ބޯން ތިބިއިރު ލީނާއިނީ އެނދުމަތީގައި އިށީދެލައިގެންނެވެ. ކިތަންމެ ފަހަރަކު ވިޝާމް ނޫނީ މާއިޒް ލީނާގެ އިސްތަށިގަނޑު ރީތިކޮށް ވޫލްކޮޅު އައްސާލަދީފިއެވެ. ނަމަވެސް ކޮންމެ ފަހަރަކު މޮހެލާފައި އިންނަނީ އިސްތަށިގަނޑު ހާވައިގެންނެވެ. ބައެއްފަހަރު އެއް ދިމާލަކަށް ބަލަހައްޓައިގެން އިނގިލިން އިޝާރާތްކުރާނެއެވެ. އެތާގައި އިން މީހަކު މާއިޒް މެންނަކަށް ނުފެނެއެވެ.

"އެނގޭތަ އެހެރަ ޝިދާދު އެބުނި އެއްޗެއް؟ " ލީނާ ކުއްލިއަކަށް ހިނިގަނޑެއް ޖަހާލައިފިއެވެ.

"ކީކޭ ބުނީ؟ " މާއިޒް އަހާލިއެވެ.

"މަންމަގެ ތިބެނީ ދެދަރިންނޯ. ވިޝާމްއާއި މާއިޒްއޯ އެކުދިންނަށްވެސް ކިޔަނީ........."

"ޝިދާދުއަށް ހާދަ މޮޅަށޭ ތިއެނގެނީ؟ އޭނަކައިރީ ލީނާ މަންމަ ބުނެބަލަ އަންހެނެއްހެން ފިނިޑިވެގެން ނުހުރެ މަންމަގެ މިތިބަ ބޯއިންނަށްވެސް ފެނިލާށޭ. އެކަނި މަންމައަށް ބިރުދައްކާކަށްވެސް ނުޖެހޭނެ. ޝިދާދު ފެނިލާއިރަށް ބޯޅައެއްހެން ޗަސްކޮށްލާނަން......." ވިޝާމް މަޖާވެލާފައި ބުނެލިއެވެ. އެއް އަތުން ކޮފީތަށި ހިފައިގެން އިނދެ މާއިޒް ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުން ދިޔައެވެ. ވިޝާމް އަތުލަން އުޅުމުން މާއިޒް ލޯ ހަނިކޮށްފައި ބަލައިލިއެވެ. ވިޝާމްއަށް އެނގުނެވެ. އާޒީން މެސެޖްކުރާނީއެވެ. އާޒީން މާއިޒްއާއިހެދި އެހާވަރަށް އުޅޭއިރު މާއިޒް ދެކޮޅުހެދުމުގެ މާނައެއް މިހާރަކު ނެތެވެ. އެހާ ލޯބިން ބަލާ ބޮޑުކުރިކަމުގެ އަގަކަށްވެސް އޭނަ ނަމަ އާޒީންއާއި ގުޅޭނެއެވެ. މާއިޒްގެ ހިތުގައިވާ އެއްޗެއް އޭނަވަނީ ވިޝާމްއަށް ފޮރުވާފައެވެ. އެހާ އެކުވެރިއިރުވެސް ލޯބީގެ ކަންތައްތައް ދެމީހުންވެސް ހިއްސާ ނުކުރަނީއެވެ.

 

ކޮމެންޓް 0