ތާއަބަދު ފާރަލާން ހަދައިގެން މެހެރީނާ ހީވެސް ނުކުރާފަދަ މަންޒަރެއް ފެނުނެވެ. ވިޝާމްގޮސް ހައިކަލްގެ ކޮޓަރީގެ ތަޅުގައި ހިފައިލި ވަގުތު މެހެރީނާ ހުރީ އަނެއް ފަރާތު ބެލްކަނީގައެވެ. ފޮތި ދަމާފައި ހުރުމުން ވިޝާމްއަށް އޭނަ އެތާހުރިކަން ނޭގުނީއެވެ.

"މިދެމީހުން ހަމަ ކަންތައް އެބަ ހިންގާލާ. މިވަގުތު ދޮންބެ ގޭގައި ނޫޅެނީކަމަށް ވާނީ. ރެޑްހޭންޑްކޮށް މިއަދު ހިފާނީ......" މެހެރީނާ ވިޝާމް އެކޮޓަރިއަށް ވަންތަން ފޮޓޯ ނެގުމަށްފަހު ފަރުދާތައް ދުރުކޮށްލާފައި ނުކުތްއިރު އޭނަގެ ހިތްވެސް އަވަސްވެފައިވިއެވެ. މިހާ ރީތިކޮށް ފަޅާ އަރާފާނެކަމަކަށް މެހެރީނާ ހީނުކުރެއެވެ. ސިއްރު ފިޔަވަޅުތަކެއްގައި އެކޮޓަރިއާއި ހަމަކުރިއިރު މެހެރީނާ އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިވިއެވެ. އެފްބީއައި އެޖެންޓެއްކަމުގެ އިހުސާސްކުރެވުނެވެ. ވިޝާމް ފުރަގަސްދީގެން ހުރެ އެތަން މިތަން ހޭވިއެވެ. ވޯކިން ކްލޯޒެޓަށް ވަނެވެ. އެތާހުރި ގަހަނާއަޅާ ފޮށްޓެއް ހުޅުވައިގެން ކޮންމެވެސް އެއްޗެއް ނެގިއެވެ. ވިޝާމް އެނބުރުނީ ހަމަ ކުއްލިއަކަށެވެ. މީހަކު ހުރިކަން ޔަގީންވެގެން ކަހަލަ ގޮތަކަށެވެ.

"ކީޕް ދިސް ބިޓްވީން އަސް......" ވިޝާމް ކައިރިއަށް ޖެހިލާފައި އެ އަނގޮޓި ދައްކާލައިފިއެވެ. އެ އަގޮނޓީގައިވަނީ އާދައިގެ އެހެކެވެ. ފަގީރުންނަށް ވީމަ އަލިމަސް ޖަވާހިރުފަދަ އަގުބޮޑު އެއްޗެހީގެ ބަދަލުގައި ކުލަކުލައިގެ ބިއްލޫރިކޮޅަކުން ހިތްހަމަޖައްސާލަނީއެވެ. ފޭކް ބަޔަކީއެވެ. އެއަނގޮޓީ ދައްކައިލީވެސް އެހުރިހާ އަގުބޮޑު އެއްޗެހި ހުއްޓާވެސް އެހެން އެއްޗެއް ނުނަގާ އާދައިގެ އެއްޗެއް ނެގުމުގެ މާނައެއް އޮތްކަން މެހެރީނާއަށް ވިސްނާދޭންކަން އެނގުނީ އިރުކޮޅެއްފަހުންނެވެ. މެހެރީނާއަށް ޖަހައިލެވުނީ ހިނިގަނޑެކެވެ.

ވިޝާމްއަށް ސަލްވާ ނުލިބޭނެހެން ހީވިވަރަކަށް އޭނަގެ ހިތުގެ ދީވާނާކަން ބޮޑުވެ ކެތްތެރިކަންކޮޅުން ލައިގެން ދާންފެށިއެވެ. ސަލްވާ އަބަދު ފެންނަ ފަށުގައި ނެތިއްޔާ ހިތަށް ހަމަޖެހުމެއްވެސް ލިބެނީއެއް ނޫނެވެ. ސަލްވާ ކޮލެޖަށް ދާ ގަޑީގައި އިންތިޒާރުގައި ފެންޑާގައި ހުރުމުން ހިތަށް ހަމަޖެހުން ލިބެއެވެ. ސަލްވާއަށް މެސެޖްކޮށް ބިރުދައްކައިގެންވެސް އޭނަ ދެކެން ބޭނުންވާ ގަޑިއަށް ފެންނަން މަޖުބޫރުކުރުވާން ފެށިއެވެ. އެދުވަހުވެސް ހައިކަލް ބޭރަށް ނިކުތްތަން ބަލަން ހުރެފައި ވިޝާމް މެސެޖްކޮށްލިއެވެ. ސަލްވާ ކޮޓަރިން ނިކުތީ ކަޅުހެދުން ލައިގެންނެވެ. މޫނުވެސް އަޅައިގެންނެވެ. ކުއްލިއަކަށް ވިޝާމް ސަލްވާގެ އަތުގައި ހިފެހެއްޓިއެވެ. މޫނުގައި އޮތް ފޮތިކޮޅުވެސް ހިއްލާލިއެވެ. ސަލްވާ އަތް ފޮޅުވައިލަން މަސައްކަތްކުރިއެވެ. އެކަމެއްނުވުމުން ވިޝާމްގެ އަތުގައި ހިފާ ނައްޓަންވެސް އުޅުނެވެ. އޭރު ހިތް ބިރުން އަވަދިވަނީއެވެ. ވިޝާމްއަކީ ހިލޭ ފިރިހެނަކަށްވާ ހިދު މިގޮތަށް އަތްލުމުގެ އެއްވެސް ހައްގެއްނެތެވެ.

"އަތަށް ކިހިނެއްވީ. މޫނުވެސް ތިހިރީ ނޫފައިގަނެފަ..."

"ލެޓް ގޯ އޮފް މައި ހޭންޑް. ވިޝާމްއާއި ބެހޭކަމެއްނޫން..." މީހަކަށް ފެނިދާނެތީ ހާސްކަމާއިއެކު ވަށައިގެން ހޯދާ ބަލައިލަމުން ސަލްވާ ކިޔައިލިއެވެ.

"ސޮރީ........" ވިޝާމް ބުނެލިއެވެ.

"ކޮންކަމެއް ބޭނުންވަނީ........" ސަލްވާގެ ދެފައިވެސް ރޫރޫއޅާގޮތްވިއެވެ.

ވިޝާމް މިގޮތަށް އަތުގައި ހިފާލާ ހިސާބަށް އަންނަން ފެށުމަކީ ނުރައްކާތެރިކަމެކެވެ. ހައްތަހާ ބޮޑަށް ވިޝާމްގެ ހިތް ގޯސްވަނީތާއެވެ. އަދި އެއަށްވުރެ ކައިރިވާކަށްވެސް ފަހެއް ނުޖެހޭނެއެވެ. މަޑުމަޑުންގޮސް ވިޝާމް އޭނަގެ ހިތުގެ ދީވާނާކަން ހާމަކޮށްދެނީއެވެ.

"އައިމް އާސްކިން ޔޫ ސަމްތިން ބޭބީ. އަތް ބެންޑޭޖްކޮށްފައި ތިހިރީ ކީއްވެ؟ އެއްވެސް މީހަކު އަނިޔާކުރަން ހިތަށް އެރުވިޔަސް އެމީހެއްގެ އިނގިލިތައް ވަކިވަކިން ބިންދާލާނަން. ކާކު މިހެން ހެދީ.......... " ވިޝާމް އެހުމުން ސަލްވާ ޚިޔާރުކުރީ ހިމޭންކަމެވެ.

"އަހަރެން މިހާ ނުތަޅުވާ ބުނެބަލަ ބޭބީ. އަހަރެން މޮޔަވެދާނެ......." ވިޝާމް އޭނައަށް ކުރެވިދާނެކަމަކާއިމެދު އަމިއްލަ ނަފުސަށް އިތުބާރެއްނެތެވެ.

"އަހަރެން ވެއްޓުނީ.." ސަލްވާއަށް ވިޝާމްގެ މިޒާޖު އެނގޭތީ ޖަވާބުދިނެވެ. ސަލްވާ ހިމާޔަތްކުރަން ވިޝާމް ކޮންމެފަދަ ކަމެއްވެސް ކޮށްދާނެއެވެ.

"ސުވާލުގެ ޖަވާބު ލިބިއްޖެއެއްނު. ބުނަން ވިޝާމް. މިހާރު ތިނަން އަޑުއަހާކަށް އަހަންނަށް ފަސޭހައެއްނޫން. އައިމް މެރީޑް. ވިޝާމްވެސް ތިހިރީ މީހެއްގެ ފިރިއެއްގެ ގޮތުގައި. ތިހިތުގައި އަހަންނަށް ކިރިޔާވެސް ލޯތްބެއްވާނަމަ އެ ލޯބި އަޒަލްއަށް ދީ. އަދި ތިގޮތަށް އުދަގޫނުކުރޭ............" ސަލްވާ ގޮސް ކޮޓަރިއާއި އަރާހަމަވެ ދޮރު ލައްޕާލަން އުޅުނު ވަގުތު ވިޝާމް އެދޭތެރެއަށް އަތްލެއްވިއެވެ. ސަލްވާއަށް ހަޅޭއްލަވައިގަނެވުނު ވަގުތު އަނގަމަތީގައި އަތްއެޅީ ހުޝިޔާރުވެފައެވެ. އޭނަ އެތެރެއަށް ވަދެ ދޮރު ތަޅުލުމުން ސަލްވާ ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު އެމޫނު ވަނީ ހުދުވެފައެވެ. "އޯ މައި ﷲ. މިވާން އުޅެނީ ކިހިނެއްކަމެއްވެސް ނޭގޭ"

"މޮޔަވެގެން ތިއުޅެނީ؟ ހެއްދެވިފަރާތްދެކެ ބިރެއްނުގަނޭތަ؟މިތަނުން ދޭ......." ސަލްވާ ކެތްކޮށްގެން ހުއްޓަސް ދެލޮލުގައި ހުރީ ކަރުނައެވެ. ވިޝާމް މިއުޅެނީ ރޯޒްމެހެލްއަށް ކުޑަވަރެއްގެ ގިޔާމަތެއް ގެނެސް އެންމެންގެ ދިރިއުޅުމާއި ކުޅެލާށެވެ. މިކަންތައްވަނީ އަޒަލްއާއިވެސް ގުޅިފައެވެ. އެމައުސޫމް ކުއްޖާގެ ކުށެއްނެތި ވިޝާމް މިވައްތަށް އުޅޭކަށް ނުޖެހޭނެއެވެ. ވިޝާމް މިކަހަލަ ކަމެއްކޮށްފާނެކަމަކަށް ސަލްވާ ހިތަކަށް ނާރައެވެ. ވިޝާމް ހާދަ ބަދަލުވެއްޖެއެވެ. ލޯބި އާވާރާކަން ޚިޔާރުކުރީއެވެ. އެނޫން އެހެން ނަމެއް ދެވޭކަށް ނެތެވެ. ވިޝާމް ކުރިއަށް ފިޔަވަޅު އެޅިވަރަކަށް ސަލްވާ ދިޔައީ ފަހަތަށެވެ. ބިރުންގޮސް އޭނަގެ މޫނުގައިވާ ފިޔާތޮށި ކުލަ ކެނޑިއްޖެއެވެ.

"މިއީ ވިޝާމްގެ ގެއެއްނޫން. މިތަނުން ނުކުމޭ....." ސަލްވާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"އަހަރެން އޮތީ މަންމަ ކައިރީ ވައުދުވެފައި ސަލްވާ ބަލާނެކަމުގައި. ރައްކާތެރިކޮށްދޭނެކަމުގައި. އަބަދުވެސް ކައިރީގައި ފެންނަފަށުގައި ހުރެގެން ނޫނީ މިހިތަކަށް ހަމަޖެހުމެއް ނުލިބެއޭ ބުނެފިއްޔާ ގަބޫލުކުރާނަންތަ؟ އަހަންނަކަށް ގަބޫލެއްނުކުރެވޭ ތިއީ މީހެއްގެ އަންބެއްކަމެއް. އަހަރެމެންވަނީ އެންގޭޖްކޮށްފަ. ސަލްވާ އަހަންނަށް ދިން އަނގޮޓި މިއޮތީ. ހަދާން އެބަހުރި ދޯ................." ވިޝާމް އޭނަގެ އިނގިލި ދެއްކިއެވެ. އެ ކަޅުކުލައިގެ އެހެއް ޖަހާފައި އިން އަނގޮޓި ވިޝާމް އެހެރީ އަޅައިގެންނެވެ. ސަލްވާއަށް ހާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެލޯ ބޮޑުކޮށްގެން ހުރީ އެސްފިޔަޖަހާލަން ހަދާން ނެތިފައެވެ.

އެކޮޓަރިއަށްވަދެ ވިޝާމް އެ އެއްޗެއް ހޯދިގޮތެއް ވަގުތެއް ނޭގިފައެވެ. ކެރޭ ޖެހިލުން ކުޑަ މީހަކަށްވިޔަސް މިހާވަރު ވާނެކަމަކަށް ސަލްވާ ހިޔެއްނުކުރެއެވެ.

"އަހަރެންގެ މި ލޯބި ލޯބި އެންޖެލް އަށް މަޖުބޫރުކަމެއްނެތި މީހަކާއި އިންނާނެކަމަކަށް ގަބޫލެއްނުކުރެވޭ. ފޯ ގޯޑްސް ސޭކް ޔޫ އާ ޖަސްޓް އެއިޓީން. ހައިކަލްގެ އުމުރުން ފަންސާސް އަހަރު ނޫން ކަމެއްވެސް ނޭގޭ. ޑޮކްޓަރ ހައިކަލްގެ ތިންދަރިންނަށްވުރެ ސަލްވާގެ އުމުރު ހަނގު. އޭނަ އަދި ކިތަންމެ ސްމާޓްވިޔަސް އޭޖް ގެޕް ހުރީމަ އަހަންނަށް އެނގޭ ކިތަންމެ މައްސަލަތައް ޖެހޭނެކަން. ހައިކަލްއަކަށް ނޭގޭނެ އެހާ ލޯބިން ގެންގުޅޭކަށް.. އެހާ ސީރިޔަސް. ރޮމެންޓިން ނޫން ވީމަ ދޯ އެހާ ރީތި ދެ އަންހެނުންނަށްވެސް އޭނައާއިއެކީ ނޫޅެވޭނީ. ސޭޑިސްޓެއް ފާޑުވެސް ހުރޭ. ލައިކް ކްރިސްޓިއަން ގްރޭ. ބުނެބަލަ ލޯބި. އޭނަ އަނިޔާ ކުރޭތަ؟ ތަދުކުރޭތަ. ރޮއްވާލައިގެން ދޯ އޭނަ ހިތްހަމަޖެހުން ހޯދަނީ....................." ވިޝާމް ވާހަކަދެއްކީ ދެލޯ ހަނިކޮށްގެން ހުރެއެވެ. ހައިކަލް ސަލްވާގެ ގައިގާ އިނގިލިކުރި ޖައްސާލާކަށްވެސް ވިޝާމްގެ ހިތެއްނޭދެއެވެ. ވިޝާމް ޔަގީންކުރަނީ މި ކައިވެނީގެ ފަހަތުގައި ކޮންމެވެސް އެހެން ސަބަބެއް އޮތްކަމެވެ. އެއާއިއެކު ހައިކަލްއާއިމެދު އޭނަ ޝައްކުވެސް ކުރާން ފަށައިފިއެވެ. ރައުދާއާއި ކެމީލާގެ ކުރީގެފިރިމީޙާކަން އެނގުނު ހިސާބުން ފެށިގެން ތަފާތު ނުބައި ވަހުމްތައް ހިތުގައި އަށަގަތީއެވެ.

ސަލްވާ މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ފާރުގައި ލައްވީއިރު ވިޝާމްވެސް ސަލްވާއާއި ދާދި ކައިރީގައި ހުއްޓުނެވެ. އަތް ފާރުގައި ޖައްސާލައިހެން ހުރިގޮތުން ސަލްވާ އަށް ހިރިލެވޭކަށްވެސް ނެތެވެ. ސަލްވާގެ ހިތް ރޫރޫއަޅަންފެށިއެވެ.

"ކްރިސްޓިއަން ޑޭއަކީ ކާކުތަ. ކީކޭ ތިކިޔަނީ. ހަތްދިހަ އަހަރު ވިޔަސް އަހަންނަށް ފަރުވާލެއްނެތޭ. ދެން އެހެންމީހުންނަށް ކޮން އުދަގުލެއްތަ ވާންވީ؟ ވިޝާމް ތިއުޅެނީ ކޮންފާޑަކަށްތަ؟ ލެޓް މީ ގޯ.............ތިގޮތަށް އަހަރެން ބިރުނުގަންނަވާ........ " ސަލްވާގެ ދެލޮލުގެ އެސްފިޔަތަކުގެ ފުރަގަހުގައި ފިލާހުރި ކަރުނަތައް ދެންމެ ފައިބަފާނެކަހަލައެވެ. އޭނަގެ ގައިގާ ވިޝާމް މިގޮތަށް އަތްލުމަކީ އޭނަގެ ފުރާނަ ހުރެގެން އެއްބަސްވާނެކަމެއް ނޫނެވެ. ނަމަވެސް ރުޅި އިސްކޮށްފިއްޔާ ވިޝާމް ބާރު ދައްކަންވެސް ފަހެއްނުޖެހޭނެއެވެ.

"ހައިކަލްވެސް އަތްލައެއްނު. އަހަންނަށް ނުވާންވީ ކީއްވެތަ. އެހެން މީހަކަށް ނޭގޭނެ. އެންމެ ފަހަރަކު. ހާދަ ރީއްޗޭ. ސްވީޓްކަމުގެ އިންތިހާ................." ވިޝާމް ސަލްވާގެ ތުންފަތުގައި އިނގިލި ޖެއްސިއެވެ. އެއާއިއެކު އޭނަގެ މޫނުމައްޗަށް އެރި ދިލަ އެތިފަހަރުން ދެލޯ މަރާލަން މަޖުބޫރުވިއެވެ.

"ހިޔެއްނުކުރަން ތީ މިހާ ދަށް ފެންވަރުގެ މީހެއްކަމަށް. އެ ވިޝާމް ނޫޅޭނެ ތިފާޑަށް. ތިހެން އުޅެގެން މި ހިތުގައި ނަފްރަތު އުފެދުން ނޫންކަމެއް ނުވާނެ. ހައިކަލް ހާ މާތް އިންސާނަކާއި އަޅާ ކިޔޭވަރެއްވެސް ނުވޭ.........." ސަލްވާގެ ދެލޮލުން ކަރުނަތައް އޮހިގަތްއިރު ވިޝާމްވެސް ހުރީ ރޮއިރޮއިއެވެ. އޭނައަށް ޖަޒުބާތީވެވުނީ ކޮންމެހެން ސަލްވާ ދިން ހޫނު ހަދިޔާއަކުން ނޫނެވެ. ސަލްވާގެ ހިތުގައި ހައިކަލްއަށްޓަކާ އޮތް ލޯބި އިހުސާސްކުރެވުމުން ހިތަށް ކުރި އަސަރު އެވަގުތު ހުރިހާ ކަމަކަށް ވުރެ ބޮޑުވީއެވެ. އެބަސްތައް އޭނަގެ ހިތަށް ހެރުނީ އެތައް މިލިއަން ކަށިތަކަކަށް ވެގެންނެވެ. ސަލްވާއަށްވެސް އެވަގުތު އުދަގޫވިއެވެ. އެ ދިގު އެސްފިޔަތައް ފުރާލާފައި ކަރުނަ އޮހިގަތުމުން ސަލްވާއަށްވެސް ހުރެވުނީ ހަމަ ބަލާށެވެ. ބުނަންވީ އެއްޗެއް ހަދާނެ ގޮތެއްނޭގިފައެވެ. އެރީތި ދެލޮލަށް ސަލްވާވެސް ތައުރީފުކުރި ޒަމާނެއް އައެވެ. ވިޝާމް ރުއިމުން ކަރުނަތައް ފޮހެދިން ޒަމާނެއްވެސް އައެވެ. ނަމަވެސް އެއީ މާޒީއެވެ. މިހާރު އޭނައަކީ އެހެން މީހެއްގެ ހައްގެކެވެ. އޭނައަށް މަޖުބޫރެވެ.

އެވަގުތު މެހެރީނާ ދޮރުން އެތެރެއަށް ބޯ ދިއްކޮށްލާފައި ބަލައިލިއެވެ. ފެނުނީ ހީކުރިވަރަށް ވުރެ އެހެން ކަހަލަ މަންޒަރެކެވެ. އެހާ ގައިގޯޅިވެގެންނެވެ. ފިލްމެއްގެ "ފޭކް" ތަންކޮޅެއް ނޫނެވެ. ހަމަ ހަގީގަތެވެ. މެހެރީނާގެ ދެލޯ ވިދާލައިފިއެވެ. ފޮޓޯއެއް ނަގާފައި ފޯނު ތިރިކޮށްލާއިރަށް ސަލްވާއަށްވެސް މެހެރީނާއަށް ބަލާލެވިފައި ކުއްލިއަކަށް ތެޅިގަނެގެން ވިޝާމްގެ އަތުގެ ތެރެއިން ނުކުމެވިއްޖެއެވެ. ވިޝާމް ހަމަ އެއްވެސް އެއްޗެކޭ ނުބުނެ ބާރުބާރަށް ހިނގާލާފައި ދިޔައިރު މެހެރީނާ ވިޝާމްގެ މޫނަށް ބަލައިލިއެވެ. ބޮޑު ފިރިހެނަކު އެގޮތަށް ރޯތަން ފެނިފާ މެހެރީނާ އަޖައިބުވެ އަންތަރީސްވިއެވެ.

"އާޗާ. ރޯމިއޯ ޖޫލިއަޓް. ލައިލާ މަޖުނޫނު....ހައު ރޮމެންޓިކް.. ނުލިބިގެން ހަމަ ރޮވެނީ ދޯ............ސާބަހޭ ސަލްވާ....." މެހެރީނާ އަތްތިލަ ޖަހައިލިއެވެ.

"ޕުއަ ދޮންބެ. ދޮންބެ ގޭގައި ނޫޅޭ ވަގުތު ބަލަބަލާފައި މިދެމީހުން މިއޮތް ގަންނަ ގަނޑު. ލަދެއް ހަޔާތެއް ނެތް އަންހެނުންވެސް ދެކެން އެކަމަކު މިވަރުގެ ކަމެއް ނުދެކެން. މީހާގެ ފެންވަރު މިހާރު މިއެގުނީ. ދެމީހުން ބައްދައިގެން ރޮއި ރޮއި......އައްޗީޑި. ވިޝާމްގެ ވަގު އަނބި......ދެމީހުން އެކީގައި ހަވަރު އެއްކޮށް ބަހައްޓާފައި ހައްދު ޖަހުވާނީ............" މެހެރީނާ އެޖަހައިލި ބަސްތަކާއި ޖަދަލުކުރާނެ ވަރެއް އޭނަގެ ނެތެވެ. ހަގީގަތް ހާމަކުރަން ދޫ ނުކުޅެދުނެވެ. ވެއްޓިފައިވާ ވަޅުގަނޑުގެ ފުންމިނެއްވެސް އެވަގުތު އަންދާޒާކޮށެއް ނުލެވުނެވެ. ދުވަމުން ދުވަމުންގޮސް ފާޚާނާއަށް ވަދެވުނުގޮތަށް މޫނުގައި އަތްއެޅުނުއިރު އޭނަގެ ގައިގާ އެއްވެސް ހަކަތައެއްނެތެވެ.

އޭނަ ހުރިހާ ވާހަކައެއް ހައިކަލްއަށް ކިޔައިދޭނީއެވެ. ވިޝާމްއާއި އޭނަގެ އޮތް ގުޅުން ހައިކަލްއަށް އެނގެން ޖެހޭނެއެވެ. މެހެރީނާ ހަދަހަދައިގެން ދައްކައިފިއްޔާ ހައިކަލްގެ ހިތުގައި ޝައްކުތައް އުފެދޭނެއެވެ. އޭނައަކީ ކެހިވެރިއެއް ނޫނެވެ. ބޭވަފާތެރިއެއްވެސް ނޫނެވެ.

ސަލްވާއަށް އެހެން އިންއިރުވެސް ފެންނަނީ ވިޝާމްގެ ކަރުނުން ފުރިފައިވާ ދެލޮލެވެ. އެގޮތަށް ރުއިމުން ސަލްވާ ހާދަ ދެރަވެއްޖެއެވެ. އޭނަ ވިޝާމް ދެރަވާފަދަ ގޮތަކަށް ވާހަކަ ދައްކައިގެން ނުވެސް ވާނެއެވެ. ތެދެކެވެ. ވިޝާމްވެސް އޭނަދެކެވަނީ ހަގީގީ ލޯތްބެވެ. އެހިތުގައި ވާ ލޯތްބަށް އޭނަ ގަދަރުވެސް ކުރެއެވެ. ނަމަވެސް ވިޝާމްގެ ކަންތައް މާ މައްޗަށްދާން ފެށުމުން ހައިކަލްއާއި އަޅާ ކިޔަން ޖެހުނީއެވެ. ނަމަވެސް މިހާރު ވިޝާމް ރޮއްވާލެވުމުން އޭނަގެ ހިތްވެސް ރޯލައިފިއެވެ. މިއަދު ކަރުނަ އޮހުނީ ވިޝާމްއަށްޓަކައެވެ. މީހެއްގެ އަންބެއްގެ ގޮތުގައި ހުރެގެން އެހެން ފިރިހެނަކަށްޓަކާ ކަރުނަ އޮއްސައިގެން ނުވާނެކަން އަމިއްލަ ނަފުސަށް ހަދާން ކޮށްދީފައި ސަލްވާ ގޮސް މޫނު ދޮންނަން ފެށިއެވެ.

"ޑޯންޓް ކްރައި ވިޝްޕޫ. ފޮގިވް މީ..." ސަލްވާގެ ހިތުގެ ކަނަކުން ކިޔައިލިއެވެ.

މެހެރީނާ ރައުދާ ކައިރީގައިވެސް ވިޝާމްއާއި ސަލްވާ ރައްޓެހިވެގެން އުޅޭކަމަށް ޝައްކުވާކަމަށް ބުނުމުން ރައުދާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. ހައިކަލްއާއި އޭނައާއި ދޭތެރޭގައިވާ އެކަނި ހުރަހަކީ އެ އަންހެންކުއްޖާއެވެ. ސަލްވާއާއި ވިޝާމް ގުޅިއްޖެއްޔާ އަޒަލްގެ ހިތަށްކުރާނެ އަސަރާއިމެދުވެސް ވިސްނާލަން ޖެހުނެވެ. އަމިއްލަ އަންހެންދަރިފުޅުގެ ފިރިމީހާ އެދަރިފުޅުދެކެ ލޯބިނުވެ ސަލްވާގެ ފަހަތުން ދުވާންވީ އަޒަލްގެ ގައިގާ ކޮންކަމެއް އުނިވެގެންބާވައޭ ހިތާ ހިތާ ސުވާލުކުރެވުނެވެ. އެހެންވެ ހިތަށް ލިބެންޖެހޭ ހަގީގީ އުފާވެރިކަމެއް ނުލިބުނެވެ. އަޒަލްއަށް އެނގިއްޖެއްޔާ ދެރަވާނެވަރު އަންދާޒާކުރެވުނެވެ. ވިޝާމްއަކީ އޭނަގެ ދަނބި ދަރިއެވެ. މެހެރީނާއާއި އެއްބައިވެ ހުރެ ވާހަކަދެއްކިޔަސް މެހެރީނާއާއި ދޭތެރޭގައި ހިތުގައި ނުރުހުމުގެ ޝުއޫރުތައް ހިގައިލިއެވެ. މެހެރީނާއަކީ ކޮންކަހަލަ އަންހެނެއްހެއްޔޭވެސް ހިތަށް އެރިއެވެ. ފިލްމުތަކުން ފެންނަ ކަހަލަ ނުލަފާ ފަހަރިއެކެވެ. އެންމެންގެ ދިރިއުޅުމުގެ ތެރެއަށް އަތް ބާނައިގެން ހަލާކުކުރުމަށް ވުރެ ތިމާގެ ހަޔާތް އާބާދުކުރެވޭތޯ ބެލިއްޔާ މާރީތިވާނެއެވެ.

މެހެރީނާއަށް ވަގުތެއްވާއިރަށް ހައިކަލްގެ ކޮޓަރިއަށް ވަދެ ތަންތަން ފާސްކުރަނީ އެއްވެސް ކަހަލަ ހެއްކެއް ގަރީނާއެއް އަތުޖެހޭތޯއެވެ. ހައިކަލް ހުއްޓަސް އެތަނަށް ވަދެ އަނގަ ތަޅަން އިންނާނެއެވެ. ވޯކްއިން ކްލޯޒެޓްގައި ސަލްވާ ތަޅުލައިގެން ވަކި ބަޔެއް ގެންގުޅެކަން މަހެރީނާއަށް ފާހަގަވިއެވެ. އެތާގައި ފޮރުވާފައިވަނީ ކޯންޗެއްބާވައެވެ. އެބައިގެ ތަޅުދަނޑި ސަލްވާ ބާއްވާތަނެއް އެނގުންވެސް މުހިއްމެވެ. މެހެރިނާ ހުންނަނީ ކެތްނުލަވާފައެވެ.

 

ނިދަން އޮވެފާ ހައިކަލްއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ހޭލެވުނުއިރު އޭނައަށް އިދެވުނީ އެނދުމަތީގައި އިށީދެއެވެ. ބިރުންގޮސް މީހާ ޕެރެލައިޒްވެފައިވާފަދައެވެ. ފިނިދަލެއްވެސް ހިއްލާލާފައިވިއެވެ. ހިތް އަވަސްކަމުން އަތުގެ ވިންދުވެސް ބަލައިލެވިއްޖެއެވެ. ދުވަހަކު ދިމާވިފަދަ އުދަގޫތަކެއްނޫނެވެ. ނިދީގައިވެސް މީހުން ޕެނިކްއެޓޭކް ޖެހޭ ނޫންހެއްޔެވެ؟ އޭނައަށްވެސް ވީ އެކަހަލަ ގޮތެކެވެ. ހީވީ ހަމަ ހަގީގަތެއްހެންނެވެ. ފަރުބަދަގަނޑެއްކަހަލަ އުސްތަނެއްގައި ހުރެފައި އޭނަގެ އަތުން ދޫވެގެން ވެއްޓެން ދިޔައީ ސަލްވާހެއްޔެވެ؟ ކައިރީގައި ސަލްވާ ނިދާފައި އޮތްތަން ފެނިގެން ތަންކޮޅެއް ހަމަޔަކަށް އެޅި ގުދުވެ އެ ތަނަވަސް ނިތުގައި ބޮސްދެވުނެވެ. ސަލްވާގެ އުމުރު ދިގުވުމަށް އެދި ދުޢާކުރެވުނެވެ.

ހައިކަލް ކޮފީތަށި ހުސްކޮށްލާފައި ދެވަނަތަށްޓެއް ބޭނުންވެގެން އަނެއްކާވެސް ކޮފީތަށްޓެއް އެޅިއެވެ. ބެލްކަންޏަށް ވެރިވެފައިވަނީ ގަދަ އަނދިރިކަމެވެ. އުޑުގައި އެންމެ ތަރިއެއްވެސް ފެންނާކަށް ނެތެވެ. ކަޅުފޮއިރޭތަކުގެ ތެރެއިންވެސް އަނދިރިކަން ގަދަ ރެއެއްހެން ހައިކަލްއަށް ހީވިއެވެ. އެކަނި އިނދެ ކޮފީ ދަމާލާފައި ދެވަނަތަށި ހިފައިގެން ކޮޓަރިއަށްވަނެވެ. މިރޭ އޭނަގެ ލޮލަށް ނިދި ނައިސްގެން އުޅޭ ސަބަބެއްވެސް ނޭގުނެވެ. ފެނުނު ހުވަފެނުން ހިތަށް ވަނީ ތަފާތު ބިރުވެރިކަމެއް ވެރިވެފައެވެ.

ހައިކަލްއަށް ހަޔާތަށް އަންނަން އުޅޭ ބާރުގަދަ ކޮޅިގަނޑުގެ އެއްވެސް ހިލަމެއްވެފައެއް ނުވެއެވެ.

ދުނިޔެއަކީ އިމްތިހާނުގެ ގޮވައްޗެކޭ ބުނަނީ އެހެންވެއެވެ. މިއީ ދުވަސްކޮޅެއްގެ އުފާވެރިކަމެކެވެ. އެއްވެސް މީހަކަށް އަބަދަށް އުފަލުގައެއް ނޫޅެވޭނެއެވެ. ދާއިމީ ގެއަކީ ދުނިޔެއެއްނޫނެވެ. ކޮންމެ އިރަކުވެސް ލޯ މަރައިލަން ޖެހިދާނެކަމަށް ތައްޔާރުވެގެން ތިބެން ޖެހޭ ސަބަބަކީ އެއީއެވެ.

 

މެހެރީނާގެ ހިތުގައި ސަލްވާ އެގެއިން ނެރެލާނެ ގޮތެއް ހޯދުމަށް އެކި ޚިޔާލުތައް ކުރުން ނޫންކަމެއް ނުކުރެވެއެވެ. މެހެރީނާ އޭނަގެ އޮފީހަށް ދިހައެއް ޖަހާއިރު ގޮސްފަވެސް މެންދުރަށް ގެއަށް އަންނާނެއެވެ. ދެން އުޅޭނީ ކޮންމެވެސް މީހަކަށް ގުޅައިގެން ޚިޔާލެއް ހޯދުމުގައެވެ. ސަލްވާގެ ކުށެއްނެތަސް އެކި ދޮގު ވާހަކަތައް ހަދަހަދައިގެން ދެއްކުމުގައެވެ. އޭނަގެ މަންމަ ކައިރީގައިވެސް އެހާ އަނގަ ތަޅާނެއެވެ. ސަލްވާއާއި ޖައްސާލެވި މިހާ ދުޝްމަން ވެވުނުކަމަށްޓަކާ އޭނަ އަމިއްލަ ނަފުސާވެސް ސުވާލުކުރެވެއެވެ. ލިބެނީ އެންމެ ޖަވާބެކެވެ. އޭނަގެ ހުރި އެންމެ ބޭބެއަށްޓަކައެވެ. މެހެރީނާއަށް ނޭގޭ ތަންކޮޅަކީ ސަލްވާގެ ރީތިކަންވެސް އޭނަގެ ހިތް ހަސަދައިން ފުރުވާފައިވާކަމެވެ. ކުޑައިރުއްސުރެން އޭނަގެ މިޒާޖުގައި ރީތިވާން ބޭނުންވުމާއި އޭނައަށްވުރެ ރީތި މީހުންދެކެ ރުޅިއައިސްގެން އެމީހަކު ދަށްކުރާން އުޅުން ހިމެނެއެވެ. އަދި އާއިލީ ގަދަރާއި އިއްޒަތުގެ ސަބަބުން ބޮޑާކަން އެހިތުގައިވެއެވެ.

މެހެރީނާ ކޮޓަރިއަށް ވަންއިރު އޭނަގެ މަންމަ އިނީ ތަސްބީހަކިޔާށެވެ. މިއީ ކުރިން މެހެރީނާދެކެ އުޅޭ މަންޒަރެއްނޫނެވެ. އުމުރުން ދުވަސްވުމުން މަންމަވެސް އަޅުކަމަށް ހިތްޖެހުނީކަމަށް ވެދާނެއެވެ. އެ ސުވާލުކުރުމުން ޒައިތޫން ބުނީ އަންނައަހަރު ހައްޖު ދަތުރެއް ރާވަން ބައްޕަ އުޅޭކަމުގައެވެ. މަންމަމެން ހައްޖަށް ދާއިރު އޭނަވެސް ގެންދަންވާނެއޭ ކިޔާ ވާހަކަދައްކަމުންގޮސް އެންމެފަހުން ވާހަކަ ނިމުނީ ސަލްވާއާއި ހަމައިންނެވެ. އެވަރުންވެސް އޭނަ ހުންނަނީ އޭނައަށް ފެނުނު މަންޒަރު އަދި ނުކިޔަންވެގެންނެވެ. އިތުރު ހެއްކާއި އެކީގައި ފަޅާއަރުވަން އޭނަ ބޭނުމެވެ. ތަންކޮޅެއް މީހުން ގިނަ ތަނެއްގައެވެ. ގޭގައި އާއިލީ ޕާޓީއެއް ބާއްވާއިރު ސަލްވާ ލަދުގަންނަވާލުމަކީ އޭނަގެ އުއްމީދެވެ.

"މަންމާ. މިހެން އަޅާނުލާ ތިއްބާ ދެން އިވޭނީ ސަލްވާ ބަނޑުބޮޑުވީ އަޑު. މަންމަ ދޮންބެ ކައިރީ ބުނެދީފާނަންތަ އެ އަންހެނާ މިގެއިން ފޮނުވާށޭ. ސަލްވާގެ ދަރިއަކު މަންމައަށް މާމަ ކިޔާ އަޑުއަހަން މަންމައަށް ކެތްވާނެތަ؟ ފިރިހެންދަރިއަކަށް ވެއްޖެއްޔާ ހާދަ ބިރުބޮޑޭ. މުޅިމިގޭގެ ވާރިސަކަށް އެ އަންހެނާގެ ދަރިއަކު..........." މެހެރީނާ ދެއްކި ވާހަކައާއިމެދު ވިސްނާލަން ޒައިތޫންއަށްވެސް މަޖުބޫރުވިއެވެ. އެބުނާހެން އަޅާނުލާ ދުވަސްވާން ހަދައިގެން އެފަދަ ހާދިސާއް ހިގާފާނެއެވެ. އޭނަގެ އަންހެންދަރިއަކު ސިކިއުރިޓީ ގާޑަކާއި ހިތާވެގެން ގެއިން ނެރެލި މީހަކު އަދި ފިރިހެންދަރިފުޅަށް އެހާ ދަށުދަރަޖައިގެ ބައިވެރިޔަކަށް އެދޭނެހެއްޔެވެ؟ ޒައިތޫންގެ ފެންކަޅިވެގެން ދިޔުމާއިއެކު ތަސްބީހަ ބާއްވާފައި ތެދުވެގެން ހިގައިގަތީ ހައިކަލްއާއި ވާހަކަދައްކާލުމަށެވެ.

ސަލްވާ ކާކޮޓަރީގައި އުޅެނިކޮށް ގެނެސްފައި ބުނީ އޭނަ ޕޫލަށް އެރެން ބަލައިލިއިރު ހިކިފަތްތައް އެޅިފައިވާ ކަމަށާއި ފަތްތައް ނަގާދިނުމަށެވެ. މެހެރީނާ ދިއްކޮށްލީ އެއްކޮޅުގައި ދާގަނޑެއްޖަހާފައިވާ ބުރުހެކެވެ. ސަލްވާ ޕޫލްގެ އަރިމަތީގައި ހުއްޓިލައިގެން ހުރެ އެމަސައްކަތްކުރަން ފެށިއެވެ. ކުއްލިއަކަށް މެހެރީނާ ފަހަތުގައި ހުރެފަގޮސް ޖެހިގަތީ ގަސްތުގައެވެ. ސަލްވާއަށް ހަށިގަނޑު ބެލެންސްނުކުރެވުމާއިއެކު ވިއްސައިގެންގޮސް ޖެހުނީ ޕޫލްގެ އެންމެ ފުންދިމާލުގައެވެ. ފަތަންނޭގުމާއިއެކު ދާދި އަވަހަށް ފެން ބޮވި ނޭވާނުލެވިގެން ސަލްވާ އުޅުނު މަންޒަރު ދެކެން މެހެރީނާ ހުރީ ހެވިލާފައެވެ. ރަހުމާއި ހަމްދަރުދީގެ ކަންފުޅެއްވެސް އެހިތަކު ނުވިއެވެ.

ކޮމެންޓް 0