އަޒަލް ސަލްވާއަށް ވަރަށް ތައުރީފުކުރިއެވެ. ސަލްވާގެ ސަބަބުން އޭނަ ބަދަލުވީގޮތް ވަރަށް ތަފްސީލުކޮށް ލިޔެފައިވިއެވެ. ނިންމާލަމުން އަޒަލް ލިޔެފައިވަނީ އޭނަ ބައްޕައަށްވެސް ސިއްރުކުރި ވާހަކައެކެވެ. ބައްޕައަށް އެކަން އެނގިލައްވައިފިއްޔާ ދުވަހަކު މެހެރިނާ ދައްތައާއި މަންމައަށް މާފުނުކުރާނެއެވެ. އޭނަގެ ދުޢާއަކީ މެހެރީނާ ދައްތަގެ ދުލުން ކޮންމެވެސް ދުވަހަކުން ކުށަށް އިއުތިރާފުވުމެވެ. ނަމަވެސް އޭނަ ސަލްވާއަށް އެވާހަކަ ހާމަކުރާނެއެވެ. ސަލްވާގެ ޕޭންކޭކުތަކަށް އެބޯޝަން ޕިލްސް އަޅައިގެން ބޭބީ ވައްޓާލިކަން އަޒަލްއަށް އެނގުނީ މަންމައާއި މެހެރިނާ ބޮޑުދައިތަ ދެއްކި ވާހަކަ އިވިފައެވެ. އަޒަލްއަށް އެދުވަހު ޝޮކެއްލިބުނެވެ. އެދުވަހު ވަރަށް ގަދަޔަށް ރޮވުނެވެ. މިސިޓީ ލިޔެ ނިންމާލަން އުޅެފައި ނުނިންމާ އޮތްވާ އެވާހަކަ އިވުމުން އަޒަލް ލިޔުނީކަމަށް އަޒަލް ސިޓީ ނިންމާލިއިރު ލިޔެފައި އޮތެވެ. އަދި އޭނައަށް އަބަދުވެސް ހެޔޮ ދުޢާކޮށްދިނުމަށާއި ކޮންމެވެސް ކުއްޖަކަށް ޒެލްގެ ނަން ދޭން އެދުނެވެ.

އެސިޓީ ކިޔާފައި ސަލްވާ އަށް ހައިކަލްގެ ގައިގާ ބައްދާލެވުނެވެ.

މެހެރީނާގެ ހިތް ހަލާކުވެ ކަރުނަ ނުހިކޭއިރުވެސް މިފަހަރު ޑިޕްރެޝަންއަކަށް ނުދިޔައެވެ. އަމިއްލަ ނަފުސަށް ބާރުފޯރުވުނެވެ. އެހެން އެވީ އަބަދުހެން ނަމާދުކޮށް ގުރުއާން ކިޔަވަން އިނީމަކަމަށްވެދާނެއެވެ. ދުވަހަކު ކުރިމަތިނުވާފަދަ ހިތާމަވެރި ހާލަތެއް އައުމުން އޭނަ ހެއްދެވިފަރާތަށް ކުރިމަތިލީ މި ހިތާމައިން މިންޖުވާނީ ހަމައެކަނި އެގޮތުން ކަމަށް ގަބޫލުކުރެވިގެންނެވެ. އެހެންހުއްޓާ އަރީންގެނެސްދިން ޚަބަރަކުން އަނެއްކާވެސް މެހެރީނާގެ ދުނިޔެ އެފުށްމިފުށަށް ޖެހުނެވެ.

އަރީން ބުނީ އޭނަ ފާގިޔާއާއި ކައިވެނިކޮށްފިކަމުގައެވެ. އަޑުކޮޅަށް ރޮއިގަނެގެން އަރީންގެ ގައިގާ ތަޅައިގަނެގެން ގަޔަށް އަރައިނުގަނެވުނީ ހަމަކިރިޔާއެވެ. އަރީން މެހެރިނާގެ ދެއަތުގައި ހިފަހައްޓާފައި ހަމަޖެހެން އެންގިއެވެ.

"މެހެރީނާ. އަހަރެން ފާގިޔާއާއި ކައިވެނިކޮށްގެން މިއެޕާޓްމެންޓަށް ގެނެޔަސް އޭނަ ހުންނާނީ އެހެން ބަޔެއްގައި. ފާގިޔާއާއި މެހެރީނާއާއި ދެމީހުން ކޮންމެހެން އެކީގައި އުޅޭކަށް ނުޖެހޭނެ. ފާގިޔާގެވެސް ވާނީ ހަމަ ހިތެއް. ނިކަމެތި މީހެކޭ ކިޔާ ލޭބަލް ކުރިޔަސް އަދި އެވެސް މަގޭ ދަރިއެއްގެ މަންމައެއް. ވިޝާމްގެ މަންމަ. ވިޝާމްއަކީ އަހަރެންގެ ފިރިހެންދަރިފުޅު. ކިހިނެއް އެއާއިލާ ދުރުކޮށްލެވޭނީ. އަހަރެން ކުރި ކުށެއްގެ ޒިންމާ އަހަރެން ނަގަންޖެހޭނެ. އަހަރެން ބޭނުމެއްނޫން ފާގިޔާ އެކަނިވެރިކޮށްފައި އެހެން ބައިންދާކަށް އަދި އެހެން ދޮންބައްޕައެއް ވިޝާމްއަށް ހޯދަދޭކަށް. ވިޝާމްއަށް ކިރިޔާވެސް ކަމެއްކޮށްދެވޭނީ ފާގިޔާ އަހަންނާއިއެކު ހުރިއްޔާ. މިހާވަރަށް ފައިސާ ލިބިފައި ހުރުމުން ނިކަމެތިންނަށް އެހީތެރިވެދޭން ބޭނުންވާއިރު އެލިސްޓުގެ އެންމެ ކުރީގައި ފާގިޔާ ހިމެނޭނެ ދޯ. ސޯ މެހެރް ރުހުނަސް ނުރުހުނަސް އަހަރެން މިކަން ކުރާނަން..."

"ޅަ އަންހެންކުއްޖަކުވެސް ނުވީތަ؟ " މެހެރީނާ ހުރީ ކަރުނުން ދެލޯ ފުރާލައިގެންނެވެ.

"ދެމީހުންނަށް އަހަރެން ބޭނުންވާކަންތައް ފުލްފިލްކޮށް ނުދެވެންޏާ ތިންވަނަ އަންބެއްވެސް ހޯދިދާނެ. މެހެރީނާ ހޯދަދީފިއްޔާ ހަމަ އިންނާނީ......." އަރީން ލާނެތް ހިންޏެއް ހީލިއެވެ." ބަޓް ސްޓިލް އަހަރެންގެ ދޮށީ ދެއަނބިންނަށްވެސް ހުރިހާ އިނާޔަތަކާއި ލޯތްބެއް އަދި ހުރިހާ ރައިޓްސް އެއް އޮންނާނެ. ސޯ ލަވް ނޯ ވޮރީސް. ބަސްއަހައިގެން އިނދޭ. ލައިކް އައި ސެޑް ޔޫ ޝުޑް ބީ ޕްރައުޑް އަރީންގެ ފަސްޓްވައިފްގެ މަގާމުގައި ހުރީމަ...." އަރީން މެހެރީނާގެ ކޮލުގައި ހިފާލާފައި ނުކުމެގެން ދިޔުމުން މެހެރީނާ އިނީ މޮޔައެއްހެން އެއްދިމާލަށް ބަލަހައްޓައިގެންނެވެ. މުޅި ދުނިޔެވެސް އޭނައާއި ދެކޮޅަށް ރޭވުންތައް ރާވަނީއެވެ. އެންމެ ދެރަވަނީ އޭނަގެ ދޮންބެވެސް އޭނައާއި ރުޅިވީމައެވެ. ހާދަ ރަގަޅު ބޭބެއެކެވެ. އޭނަ އެހާ ނުލަފާކޮށް ކުޑައިރު އުޅުނުއިރުވެސް އަބަދުވެސް ހިމާޔަތްދޭނެއެވެ. އެހާ ލޯބިން ވާހަކަދައްކާ ރުއްސަން މަސައްކަތްކުރާނެއެވެ. ނަމަވެސް އޭނަ އެހާ ރަގަޅު ބޭބެއަށްވެސް އަނިޔާވެރިވީއެވެ. އޭނައަކީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟

ވިޝާމްވެސް ހައިރާންވިއެވެ. މަންމަ އަރީންއާއި ކައިވެނިކޮށްގެން އެގެއަށް ބަދަލުވާން އުޅުމުން ނުބައިގޮތެއްވިއެވެ. މެހެރީނާގެ ނުބައިކަން އެންމެ ކައިރިން ފެނިފައި ހުރި އެކަކީ މަންމައެވެ. މަންމަ އެ އަންހެނާއާއި އެއްކޮށް އެއް ފުރާޅެއްގެ ދަށުގައި އުޅޭނީ ކޮންގޮތަކުން ހެއްޔެވެ؟ އެއީ މަންމަގެ ޒުވާންއިރު އެތައް އަހުވައެއް ދައްކަމުން އުޅުނު އަންހެނާއެވެ. ފާގިޔާ ބުނީ އެމީހުން އުޅޭނީ އެހެން ފްލޯރއެއްގައި ކަމުގައެވެ. ވިޝާމް ހުރީ އޭނަގެ މަންމައާއިއެކު ނުދާންވެގެންނެވެ. ނަމަވެސް މަންމަގެ އުފަލަށްޓަކާ އެރޭ އެގެއަށް ދާން އޭނައަށް މަޖުބޫރުވިއެވެ. އަރީންވަނީ ވިޝާމްގެ ކައިރިން މާފަށް އެދިފައެވެ. އެކަމުގެ ބަދަލުގައި ވިޝާމް އެދޭ ކޮންމެކަމެއް ކޮށްދޭން އަރީން ހުރީ ތައްޔާރަށެވެ. ވިޝާމް ހުރީ މަޖާވެސް ވެފައެވެ. މިއީ ދުނިޔޭގެ އުސޫލެވެ. އެއްދުވަހެއްގައި އޭނަގެ މަންމަ ރޯޒްމެހެލްގެ ނޯކަރެއްގެ މަގާމުގައި ހުރެފައި މިއަދު ބޮޑު ސީއީއޯއެއްގެ އަންހެނުންގެ ގޮތުގައެވެ. ނުވީތާކަށް އެންމެ ޖެއްސުންކޮށް މަލާމާތްކުރަމުން ނިކަމެތިކުރި އަންހެނާއާއިއެކު އެއް ފިރިޔަކު ހިއްސާކުރަން ޖެހުނީއެވެ. އަދި އޭނަގެ ބައްޕައަކަށް މިވީ އެބުނާ ގަދަރުވެރި އާއިލާގެ ބޭފުޅެކެވެ. މެހެރީނާގެ ދެބެންގެ ދެދަރި މީހަކަށްވުމުގެ އިތުރުން ފިރިމީހާއެވެ. މެހެރީނާ ހާދަދެރައެއް ވާނެއެވެ. މީހުނަށް ބަދުބަސް ބުނެ ނިކަމެތި ނުކުރަންވީ ސަބަބަކީ މިއީއެވެ. މެހެރީނާގެ ދަރިފުޅުގެ ދޮންމަންމައަކަށް މިވީ އޭނަ އެންމެ ނަފްރަތު ކުރި އެ ނިކަމެތި ނޯކަރެވެ.

އަރީންއާއި މަންމައާއިއެކު އެގޭގައި އުޅެން ވިޝާމް ދިޔަސް އޭނަ އޭރު ކޮންމެވެސް ކަހަލަ ޕްލޭނެއްކުރަމުން ދިޔައެވެ. އަބަދަށް މަންމަމެން ކައިރިއަކުވެސް ނޫޅެވޭނެ ނޫންހެއްޔެވެ؟ އޭނަ ބޭނުމީ އަދިވެސް މޮޅަށް ކިޔަވާށެވެ. އެމެރިކާ ކަހަލަ ތަނަކުން ވަޒީފާ ލިބޭވަރުކުރަން އޭނަވަނީ ފައިވިއްދާފައެވެ.

އާޒީންއަށް އަޒަލް ފޮނުވި ސިޓީއަކީ އެއްމާބަނޑު ދެކުދިންގެ ދޭތެރޭގައި އޮތް ގާތްކަން ރަމްޒުކޮށްދޭފަދަ މަޖާ އަދި އެހާ ސަމާސާއާއި ލޯބި އެކުލެވޭ ސިޓީއެކެވެ. މަޖާކޮށްކޮށްފައި ދޭތެރެއަކުން ސީރިޔަސްކޮށްވެސް ލިޔެފައި ހުއްޓެވެ. އޭނައަށްޓަކާ އާޒީން އުފަލުގައި އުޅުމަށް އެދިފައިވިއެވެ. އޭރުން އޭނަގެ ފުރާނައަށްވެސް ހަމަޖެހުން ލިބޭނެއެވެ. އާޒީން އެސިޓީ ކިޔުނުއިރު ހެވުނުވަރަށް ރޮވުނެވެ. ސިޓީ ނިންމާފާއި އަވަސްވެގަތީ ސަލްވާއާއި ބައްދަލުކޮށް މާފަށް އެދުމަށެވެ. އަދި އެވަގުތުން ވަގުތަށް އެގެއަށް ބަދަލުވިއެވެ. އެހެން ވުމުން ސަލްވާއަށްވެސް ވަރަށް ފަސޭހަވިއެވެ. ޒެލްއާއިއެކު ކުޅެން އާޒީން ވަރަށް ގިނަ ވަގުތު ހޭދަކުރާތީއެވެ. އަދި ސަލްވާއާއި އާޒީން އެކީގައި މީރު އެއްޗެހި ކައްކާ ބާޒާރުކޮށްވެސް އުޅެއެވެ. ފާގިޔާއާއި އިސްމާއީލްވެސް މަދުމަދުން އެގެއަށް ޒިޔާރަތްކޮށްލާ ހަދައެވެ.

މާއިޒް ހަމަޖެހިލައިގެން އެނދުގައި އޮށޯވެލުމަށްފަހު އަޒަލް ފޮނުވި ސިޓީކިއެވެ. ސީޓީ ސްކޭންހަދަން ދިޔައީ އަޒަލްއޭ ކިޔައިގެން މާއިޒްގެ އެކުވެރި އަންހެންކުއްޖާ ދެއްކީ ތެދުވާހަކައެއްކަން އެސިޓީގައި އަޒަލް ބަޔާންކޮށްފައިވިއެވެ. މާއިޒް ދެރަވިއެވެ. ކުރިން އެނގުނުނަމައެވެ. އެދުވަހު އޭނަ ހީކުރީ އެކުވެރިޔާއަށް އޮޅުނީކަމުގައެވެ.

"އާޒްއާއި ހެދި ދޮންބެ އުޅޭކަން އެނގޭ ހެހެ.....:ޕ ނޯވިން އާޒް ވިލް ހޭވް މާޒް ވިތް ހާ އައި ކެން ބީ އެޓް ޕީސް"

އަޒަލް އެހެން ބުނާނީ އަޒަލްވެސް އެކަމަށް ކިހާ އެދޭތީހެއްޔެވެ؟

ހައިކަލް އާއިލާ ގޮވައިގެން އެމެރިކާއަށް ދިޔަ ދަތުރު މަންމައާއި ބައްޕަގެ އިތުރުން ރޯޒްލީންއާއި މާއިޒްވެސް ބައިވެރިވިއެވެ. އަދިވެސް ބައެއް އެހެން ޒުވާނުންވެސް އެދަތުރުގައި ބައިވެރިވީ ފޯރިގަދަކޮށްލުމުގެ ގޮތުންނެވެ. އެމެރިކާއަށްދަމުން ޕެރިހުގައި ހަފްތާއެއްހާ ދުވަސްހޭދަކޮށްލިއެވެ. އޭރަކީ ޚަރީފު މޫސުމްކަމުން ފިނިކަން ގަދަވެފައި މުޅިރަށުގެ އެވެނިއުތައްވަނީ ޚަރީފުގެ ކުލަޖެހިފައެވެ. ގަސްތަކުން އޮރެންޖް ރަތް އަދި ރީދޫކުލައިގެ ފަތްތައް އުދުހެމުންދާއިރު އެފެންނަ މަންޒަރު ބަޔާންކުރަން ދަތްޗެވެ. ފައިދަށުގައިވެސް ފަތްތަކުގެ ދޫލައެވެ. ފުރަތަމަ ފަހަރަށް ޚަރީފުގެ ރީތިކަން ދެކެ ސަލްވާ ހުރީ އާޝޯޚުވެފައެވެ. އެތައްފަހަރު މާތް ﷲއަށް ހަމްދުކުރެވުނެވެ.

އާއިލާގެ އެންމެން އެކީ އެފަދަ ދަތުރުތައްކޮށް އެކީގައި އުޅުމުން އުފާތައް ދެގުނަ އިތުރުވެއެވެ. އެންމެންވެގެން ހިފާފައިވާ ހޮޓެލްގައި ތިބިއިރު އައިފުލް ޓަވަރު ދިއްލޭތަން ފެނެއެވެ. އެތައް ހާސް ބޮކިތަކުން ރަންކުލައިން ދިއްލިފައިވާއިރު ސަލްވާއަށް ވަރަށް އާ ކަމަކަށްވިއެވެ. އެމީހުން ތިބިބައިގެ ކުޑަދޮރުކައިރީގައި ހުރެ ސަލްވާ ފޯނުން އެ މަންޒަރު ވީޑިއޯކުރިއެވެ. ފިނިކަންގަދަކަމުން ގަނޑުވެދާނެހެންވެސް ހީވިއެވެ.

"ހިގާލަން ދާނަންތަ؟ " ހައިކަލް އަހައިލިއެވެ.

"ލައްބަ. ކޮންމެ ދިމާލަކަށް ހިނގާލިޔަސް ރީތިކަން ނޫން ކަމެއް ނުފެނޭ. މިހާ ހިތްގައިމު ތަނަކަށް އަދި ނުދެވޭ......." ސަލްވާ އަވަހަށް ތައްޔާރުވާންފެށިއެވެ. ސަލްވާގެ އުފާވެރިކަންދެކެފައި ހައިކަލްގެ ހިތަށްވެސް ބަޔާންކުރަން ދަތި އުފަލެއްލިބުނެވެ. ސަލްވާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގެ ސަބަބަކަށް އޭނަ ވީކަމަށްޓަކައެވެ.

"އަހަރެންގެ ލޯބިވާ އަންހެންކުއްޖާއަށްވުރެ ރީތި ފުރިހަމަކަމެއް އަހަންނަށް ގައިމު ދުނިޔެއަކުން ނުފެނޭ. މިވެސް އޯލްމައިޓީގެ ކުޅަދުންވަންތަކަން......." ހައިކަލް ސަލްވާގެ ނިތްކުރީގައި ތުންފަތް ޖައްސާލުމުން ސަލްވާއަށް ދެލޯ މަރައިލެވުނުއިރު ކޯތާފަތަށް ޖަންބުކުލަވެރިވިއެވެ. ދެން މަޑުމަޑުން އިސްއުފުލާލާފައި އެދެލޮލަށް ބެލުނުގޮތަށް ދެލޯ ވަކިކުރަން އުދަގޫވިއެވެ.

ސަލްވާގެ އަތުގައި ހިފައިގެން ހައިކަލް ނުކުތީ ހިގާލާށެވެ. އަތު ގުޅުވާލައިގެން ދެލޯބިވެރިންފަދައިން ހިގާލާފައި ދިޔައިރު ސަލްވާއަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނައަށް ލިބިފައިވާހެންނެވެ. މިއީ އޭނަ އަބަދުވެސް ދެކުނު ހުވަފެނެކެވެ. ޕެރިހުގައި ބައިވެރިޔާއާއިއެކު އަތުގުޅުވާލައިގެން ހިގާލަން ދިޔުމެވެ. ދެމީހުން އެކީގައި ސެލްފީނެގުމެވެ.

އާޒީން ކަޅުކުލައިގެ ކޯޓެއްލައިގެން ބޫޓަކަށް އަރާފައި ހުރިއިރު ރީތިކަމުން މާއިޒްގެ ނަޒަރު އިރުއިރުކޮޅާ އާޒީންގެ މޫނަށް ހުއްޓުނެވެ. ޓަވަރު ބަލައިލަން ދިޔައިރުވެސް މާއިޒް ހުރީ ވަކިކަމެއް ނިންމައިގެންނެވެ.

"މެރީ މީ އާޒް....." ކުއްލިއަކަށް މާއިޒް އާޒީންގެ ކުރިމައްޗަށް ހުއްޓި ބުނެލި އެއްޗަކުން އާޒީން ސިހުނެވެ. އަބަދާއަބަދު ހަގުރާމަކޮށް ޒުވާބުކުރަމުންގޮސް މިފަދަ އެއްޗެއް ބުނީމަ ގަބޫލެއްވެސް ނުކުރެވުނެވެ.

"އެކަމަކު މާއިޒް އަހަންނާއި ހެދި ނުވެސް އުޅެމެއްނު.."

"ވައި ޑޫ ޔޫ ތިންކް އައި ނެވަ ގޮޓް މައިސެލްފް އެ ގާލްފެރެންޑް؟ "

އާޒީން ދެލޯ ބޮޑުކޮށްގެން ހުރިތަން ފެނިފާ މާއިޒްއަށް މަޖާވިއެވެ.

"ސޯ ޔޫ ލަވްޑް މީ އޯލް ދީސް ޔިއަރސް ދޯ....." އާޒީން އެހެން ބުނެލުމުން މާއިޒް ކުޑަކޮށް ރަކިވި މޫނަށް ރަތްކުލަވެރިވިއެވެ. ނަމަވެސް އެކަން ފޮރުވަން މާއިޒް ކުޅަދާނައެވެ.

"ސޯ އާ ޔޫ ގޮއިން ޓު ސޭ ޔޭސް އޯ ނޮޓް ތަ؟" މާއިޒް ރުޅިއައިސްފާ ބުނެލިއެވެ.

"ނޯ....." އާޒީން ހަށަން ބަދެލީ ސީރިޔަސްކޮށެވެ. ތުންފިތާލައިގެން ހުރީ ނުރުހިފައެވެ. ހަމައެކަނި ނޫނެކޭ ބުނެ ޖަވާބުދީފައި އާޒީން ހިނގައިގަތެވެ. މާއިޒްގެ ފިނިވެފައިވާ އަތްތިލަ ޖީބަށް ޖެހުމާއިއެކު ބަލަން ހުރެވުނީ މާޔޫސްވެ ބުނާނެ އެއްޗެއް ނޭގިފައެވެ. މާއިޒް ހުރީ ޝޮކެއްގައެވެ. އާޒީންގެ އިހުސާސްތައް ރަގަޅަށް އެނގި އެހިތުގައި އޭނައަށްޓަކާވާ ލޯބި އަޒަލްއަށްވެސް އެނގިފައިވާއިރު މިވީ ކިހިނެއްހެއްޔެވެ؟ އިރުކޮޅެއްނުވެ އާޒީން އެނބުރުނުއިރު އެތުންފަތްމަތީގައިވަނީ އޭނަ ދުށް އެންމެ އުފާވެރި ހިނިތުންވުމެވެ. މާއިޒްއާއި ދިމާލަށް ދުވެފައި އައިގޮތަށް ހަމަ ބައްދާލާނެހެން ހީވި ވަގުތުކޮޅަކަށްފަހު އާޒީންގެ ފިޔަވަޅުތައް ތަތްލިއެވެ.

އާޒީން އާއެކޭ ބުނެލުމާއިއެކު ތަންކޮޅެއް ދުރުގައި ވީޑިއޯކުރަން ތިބިކުދިންކޮޅެއް ހެމުން އައިގޮތަށް އެކުދިންނަށް މަރުހަބާކިޔަންފެށިއެވެ. ހައިކަލްގެ އަންހެންދަރިފުޅާއި ދައްތަ ރޯޒްލީންގެ ދަރިފުޅު މާއިޒްގެ ގުޅުމާއިމެދު މުޅި އާއިލާ ރުހޭނެކަން އެމީހުންނަށް އެނގެއެވެ. މާއިޒްގެ ބައްޕައަކީ ކާކުކަން ބެލުން އެކަކަށްވެސް މުހިއްމެއްނޫނެވެ.

މާއިޒްއާއި އާޒީންގެ ލޯބި ޕެރިހުގައި ފެށުމަށްފަހު އެދެކުދިން ބޭނުންވީ ކައިވެނި ވީހާވެސް އަވަސްކުރާށެވެ. އާޒީންއަށް އެކާވީސްއަހަރުވެފައި ވާއިރު އެއީ ކައިވެންޏަށް އެންމެ އެކަށީގެންވާ އުމުރުކަމުގައި މާއިޒް ދެކުނެވެ. އެހެންނޫނަސް ރައްޓެހިވެގެން އުޅުމަށްވުރެ ދީނުގައި އަންގަވާފައިވަނީ ހަލާލުގޮތުގައި އެގުޅުން ކުރިއަށް ގެންދަން ނޫންހެއްޔެވެ؟ އާޒީންވަނީ ސަލްވާގެ ސަބަބުން ބަދަލުވެފައެވެ. ހުއްދަނޫން ގޮތެއްގައި އެއްވެސް ކަހަލަ ގުޅުމެއް ބާއްވާކަށް އާޒީންވެސް ބޭނުމެއް ނުވާނެއެވެ. އޭނަވަނީ އެވާހަކަ މާއިޒްކައިރީ ދައްކާފައެވެ. އަތުގައި ހިފާލުމުގެ ހުއްދަ ލިބޭނީވެސް މާއިޒް ކައިވެނިކުރުމުން ކަމުގައި ބުނުމުން މާއިޒް ބުނީ މިހުރިހާ ދުވަސްވަންދެން ކެތްކުރި ފަދައިން ކެތްކުރާނެކަމުގައެވެ. އޭނަވެސް ބޭނުންވަނީ ދުވަހަކު މީހަކު އަތްނުލާ ތާޒާ ފިނިފެންމަލެއްފަދަ އަންހެންކުއްޖެކެވެ.

ޕެރިހުގެ ޓަވަރާއި ޕާކުތަކާއި ހިތްފަސޭހަ ރެސްޓޯރެންޓްގައި އެއާއިލާގެ އެންމެން އުފާވެރި ވަގުތުތަކެއް ހޭދަކޮށް ހަދާނީ ފޮޓޯތަކެއް ނެގިއެވެ. ޒެލް އޭރުވަނީ އާޒީންއާއި ނިކަން ދޯޅުވެފައެވެ. މުޅިންވެސް އުޅޭނީ އާޒީންގެ ފަހަތުގައެވެ. އެހެންވުމުގެ ސަބަބުން މާއިޒްއާއިވެސް އެހާ ގުޅެއެވެ. މާއިޒްވެސް ޒެލްއާއިހެދި އެހާވަރުވެއެވެ. އެންމެންގެ ފުރާނަކަމުގައި ޒެލްވަނީވެފައެވެ. ބޮޑުދައިތަމެންވެސް އެކުއްޖާއާއިހެދި މޮޔަވާވަރުވެއެވެ. ކޮންމެވެސް އެކަކު އުރާލާ ދޮން ދޭ ނަހަދާ އިރެއްނުދާނެއެވެ. ހައިކަލްއާއި ސަލްވާއަށް ކިތަންމެހާވެސް ވަގުތުވެއެވެ. ޕެރިހުގެ އިޝްގީ މާހައުލުގައި ރީތި ހަދާންތަކެއް ދޫކުރުމަށްފަހު އެންމެން އެމެރިކާއަށް ފުރިއެވެ.

ހައިކަލް ސަލްވާއަށް ގަނެދިން ގޭގެ ފުރިހަމަކަމުން ސަލްވާ ހުރީ އުފަލުން ފުރިފައެވެ. އެގޮތަށް ގެއެއް ހިބަކޮށްދީފާނެކަމަށް ސަލްވާ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. އެންމެ ހުވަފެނީ އަރާމު ގެއެކެވެ. ކުރިމަތީގައި މާގަސް އިންދާނެ ބޮޑު މެދުގޯތްޗެކެވެ. މޭޕްލް ރެޑްވުޑްފަދަ ޚަރީފުގަސްތައްވެސް އަލިފާންގަނޑެއްހާ ރަތެވެ. ހައިކަލް ބުނީ އަހަރެއްހާ ދުވަސްފަހުން ދިރިއުޅުން އެމެރިކާއަށް ބަދަލުކުރަން ޕްލޭންކޮށްފައިވާކަމަށާއި މިއީ އެމީހުންގެ މަންޒިލް ކަމުގައި ވާނެކަމަށެވެ.

ހައިކަލް ސަލްވާއާއި ޒެލް ގޮވައިގެން ބާޒާރުކޮށްލަން ގޮސްފައި އައިއިރު ސާމާނުތައް ގިނަކަމުން ޒެލް ހުރީ މަޖާވެފައެވެ. ކުޅެން ގެންގުޅޭ ސާމާނު އެހާ ގިނަވީމަ ކުޅެފައި ނުކުޅެންވީ ކޯންޗަކާއިކަމެއްވެސް ޒެލްއަކަށް ނޭގުނެވެ. އުދުހެމުންދާ ފަތްތަކާއި ކުޅެން ޒެލް ދުވެދުވެފާ އުޅުނެވެ. އަދި ވަރަށް އުދަގުލުން ގަހަށް އަރަން މަސައްކަތްކުރިއެވެ. ސަލްވާ ފޯނުން ފޮޓޯނަގަން ހުއްޓާ ހައިކަލް ފަހަތުންގޮސް ބައްދާލައިފިއެވެ. އަދި އެފޯނު އަތުލާފައި ދެމީހުންގެ ސެލްފީއެއްނެގިއެވެ. ރޯޒްލީން ގުޅުމުން ހައިކަލް އަވަހަށް ފޯނުނެގިއެވެ.

"ރޯޒް އެގުޅީ. މާޒް މެރީކުރަނީ...." ހައިކަލް ކުޑަކޮށް ހީލިއެވެ.

"ކާކުތަ އެ ލަކީ ގާލްއަކީ؟ " ސަލްވާ ކުޑަކޮށް ހާސްވިއެވެ.

"އާޒް...." ހައިކަލްގެ މޫނުމަތިން އުފާވެރިކަމުގެ އަސަރު ފެނުނެވެ.

"ދެން އިރާދަކުރެއްވިއްޔާ އައި ވިލްބީ އެ ސްޓެޕް ގްރޭން ސޫން..." ސަލްވާ މަޖާވެލާފައި ހައިކަލްގެ އިސްތަށިގަނޑު ހާވާލިއެވެ.

"އަހަރެމެން މުސްކުޅިވެ މުނިކާފަ ދަރިން ލިބެންދެން ދުނިޔޭގައި އުޅުމަށް ދުޢާކުރައްޗޭ.. އޭރުން އަހަރެމެން ތިބޭނީ މިހެން...." ހައިކަލް ފޯނުން ދައްކައިލީ މީގެ ތިރީސް އަހަރުފަހުން ދެމީހުން ތިބޭނެގޮތް ފޯނުގައިވާ އެޕްއަކުން ހަދާފައެވެ. ސަލްވާ ބުނީ ހައިކަލް ގެ އުމުރުން ހަތްދިހައަހަރުވީމަވެސް ރީތިކަމުން ހިތްހުއްޓޭވަރުވާކަމުގައެވެ. ޚުދު އޭނަގެ ފޮޓޯވެސް އެހާ ރީއްޗެވެ. އެހާ ގާތްކޮށް އުޅޭއިރުވެސް ކޮންމެވެސް ކަމެއް ފުރިހަމަނުވާކަމުގައި ސަލްވާގެ ހިތް ބުނެ ދޭތެރެއަކުން ޝަކުވާގެ ނަޒަރަކުން ބަލައިލާކަން ހައިކަލް ފާހަގަކުރިއެވެ.

މެހެރީނާ އެކަނިވެރިވެފައި ހުރިއިރު އެންމެން އެމެރިކާއަށް ފުރިކަން އެނގުނެވެ. އަނެއްކޮޅުން އަރީންވެސް އޭނައަށް ކެހިދިނީއެވެ. އެހެން އަންބަކު ގެއަށް ގެނެސްގެން އޭނަގެ ހިތް ހަލާކުކޮށްލައިފިއެވެ. އެއަށްވުރެ ބޮޑު ފިކުރަކީ އޭނަގެ ހިތުގައި އުމޭރު ވާކަމެވެ. އަބަދާއަބަދު ހަނދާންވަނީ އެ ހިތާމަވެރި މޫނެވެ. ކަރުނުން ފުރިފައިވާ ރީތި ބޮޑު ދެލޮލެވެ. ނިކަމެތި މަސްވެރިއެއްގެ ދަރިއަކާއި ހިތާވެވުމުން މެހެރީނާ ލަދުވެސް ގަތެވެ. އެހެން މީހަކަށް އެނގިއްޖެއްޔާ ބުނާނީ ކީކޭހެއްޔެވެ؟ އޭނަ އަބަދާއަބަދު އެމީހުންނަށް މަލާމާތްކުރަނިކޮށް އެންމެފަހުން އޭނަގެ ހިތުގައިވެސް އެފަދަ މީހެއްގެ ލޯބި ލައްވައިފިއެވެ. އަރީންދެކެ ފޫހިވާންފެށީ ސަބަބެއްނެތިއެއްނޫނެވެ. ފާގިޔާއާއި ކައިވެނިކޮށްގެން ގެނައުމުން އޭނަގެ އަގު ވެއްޓި ލަދުވެތިކަން އިންތިހާއަށް ދިޔައެވެ. ނަމަވެސް މިއަދު އޭނަ ވަކި ދާނީ ކޮންތާކަށްހެއްޔެވެ؟ އާއިލާ އެންމެން އެމެރިކާއަށް ދިޔައިރު އޭނަ ގެންދިޔުމަކީ ބޭނުންކަމަކަށްނުވިއެވެ. އާއިލާވެސް އޭނަ ބާކީކޮށްލީއެވެ.

މޯނީ ބުނިފަދައިން އޭނައަށް ސަޒާލިބިއްޖެއެވެ.

ޖީވާގެ މަރުގެ ސަބަބުން މެހެރީނާއަށް ދައުވާކޮށްގެން މެހެރީނާ ސިފައިންގެ ބެލުމުގެ ދަށުގައި ކޯޓަށްވެސް ގެންދެވި ކަފާލާތުގެ ދަށުން ދޫކޮށްލިއެވެ. އެދުވަހުވެސް މެހެރީނާ ހުރީ ލަދުން އިސްއުފުލައިލަން ނުކެރިފައެވެ.

މެހެރީނާ ހުންގަދަވެގެންގޮސް ރޫ ރޫއަޅަ އަޅާއޮތްވާ އަރީން ރަޖާއެއް ގައިގާ އަޅާލަދީފައި ފެންފޮތިލާން ފެށުމުން މެހެރިނާ އޮތީ ދެލޯ މަރާލައިގެންނެވެ. ހުންގަދަވެގެންގޮސް މޫނުވެސް އަނގުރު އަލިފާންކޮޅެއްފަދައެވެ. މެހެރީނާ އެހާ ދެރަވެފައި އޮތްތަން ފެނުމުން އަރީންގެ ހިތަށް އަސަރުކުރިއެވެ.

"މެހެރް ދެރަނުވައްޗޭ. އެހެން އަންހެނުންނާއި އަހަރެންގެ ގުޅުން އޮތަސް އެންމެ ޚާއްސައީ އަބަދުވެސް މެހެރް....." އަރީން މެހެރީނާގެ އަނދަ އަނދާވާ ނިތްކުރީގައި ބޮސްދިނެވެ. މެހެރީނާއަކަށް އެޖުމްލަތަކުން އުފަލެއް ނުލިބުނެވެ.

"ކޮބާ ދަރިފުޅު........" ދާލިޔާ އޮތީ ލޯ ހުޅުވައިލަން ބޭނުންނުވެފައެވެ.

"މި ކުރުބާތަށި ބޯލީމަ ވަރުޖެހޭނެ. ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރީމަ ވައިރަލް ހުންތައް އަވަހަށް ފިލާނެ. ނޫނީ ދެން އެޑްމިޓްކުރަން ޖެހިދާނެ މެހެރް...." އަރީން މެހެރް ތެދުކޮށްލާފައި ގަޔަށް ލައްކޮށްލައިގެން އިނދެ ތަށި ތުނބުގައި ޖެއްސިއެވެ. އެވަގުތު އަރީން ފެނުނީ އޯގާތެރި ނަމޫނާއެއްގެ ގޮތުގައެވެ. މެހެރީނާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. ނޫނީ އަރީން ފޫހިވެގެން އޭނަ ދޫކޮށްލާކަށް ފަހެއް ނުޖެހޭނެއޭ ހިތަށް އަރާފައި އެހާލުގައި އޮވެވެސް ގަދަނަހަދާ ދިން އެއްޗެއްވިއްޔާ ބޯލިއެވެ. އޭނަގެ ސުވާލު އަޑުއިވޭކަމަށް ނެހެދެމުން ދެވަނަފަހަރަށް ނޭހިޔަސް ދާލިޔާ ވީ ފާގިޔާގެ ކައިރީގައި ބާވައޭ ހިތަށް އަރާފައި އެތައް ޝުއޫރުތަކުން ހިތް ގުޑާލިއެވެ. މެހެރީނާ ހީކުރިގޮތަށް އަރީންވަނީ ނެނީ ފޮނުވާލާފައި ދަރިފުޅު ފާގިޔާއާއި ހަވާލުކޮށްފައެވެ. އެކަމަކު މެހެރީނާ ކުރާނީކީއްހެއްޔެވެ؟ ހުން ބުރާންތިވެފައިވާއިރު އޭނައާއި އަޅާލާނެ މީހެއް މިއޮތް ބޮޑު އާއިލާގައި ނެތެވެ. އަރީން މެހެރީނާގެ ގައިމަތީ ރަޖާ އަޅާލަދީފައި ނުކުމެގެން ދިޔަތަން ބަލަން މެހެރީނާއޮތީ މޮޅިވެރިކޮށެވެ. އެއްވެސް މީހަކު ދެކެން ނާންނަކަން ހިތަށް އަރާފައި ދެލޮލުން ކަރުނަ އޮހިގަތްތަނާ މީހެއްގެ ހިލަންވެފައި އެދިމާލަށް ބަލާލައިފިއެވެ.

(ނުނިމޭ)

ކޮމެންޓް 0