ރައުދާ މާ ގިނަގިނައިން ރޯޒްމެހެލްއަށް އައުން ވީ ސަލްވާއަށް އުދަގޫކުރުވަނިވި ކަމަކަށެވެ. ހައިކަލްވެސް ގެއަށް ވަނުން މަދުކުރީ އެހެންވެކަން ސަލްވާއަށް އެނގުނެވެ. ރޭނގަނޑު ކާގަޑީގައި ރައުދާ ބައިވެރިވުން އާއްމުވިއެވެ. އެކަން އެހެންވަނީ ޒައިތޫންއާއި މެހެރީނާވެސް ބާރު އަޅައިގެންނެވެ. ހައިކަލްއާއި ރައުދާ ގުޅުވުން އެންމެނަށްވެސް ވަނީ އެހެން ކަމަކަށްވުރެ މުހިއްމުވެފައެވެ. އެރޭ ކާން ތިބެފައި ކުއްލިއަކަށް އަޒަލް ހޮޑުލުމުން ޒައިތޫންއާއި މެހެރީނާ އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ހިތްހަމަނުޖެހިފައި ތިބެއެވެ.

"އޯ ގޯޑް......ޒެލް ކިހިނެއް ތިވީ؟ " ރައުދާ ދުވެފައިގޮސް އަޒަލްއަށް އެހީވާން އުޅުނެވެ. އެއާއިއެކު ފޯނު ނަގައިގެން ހައިކަލްއަށް ގުޅަންވެގެން އުޅުނެވެ.

"ނޫނޭ މަންމާ. ދެން ޑޭޑްއަށް ގުޅީމަ ހާސްވާނީ. ބައްޕައަށް އެނގިލައްވާނެ މިގޮތަށް ވާކަން.........." އަޒަލް ހަމަޖެހިލިޔަސް އަދިވެސް އޭނަގެ ބޮލަށް އެނބުރުން އަރާފައިވިއެވެ. މޫނުގެ ކުލަ އެހާ ފަނޑުވިއެވެ. އޭނައަށް މިވާ ގޮތްގޮތާއިމެދު ޚުދު އޭނަވެސް ބިރުގަންނަ ހިސާބަށް ދާން ފަށައިފިއެވެ.

"ޒެލްވެސް ޕްރެގްއީތަ؟ ދޮންބެއަށްވެސް އެވަރު ހަމަ އެނގިނުލެއްވީމަ ސަޕްރައިޒްވެއްޖެ. މެރީކުރުމަށްފަހު ތިގޮތަށް ހޮޑުލުމަށް އޮވޭ ނަމެއްދީފައި. އެއީ މޯނިން ސިކްނެސް. ޒެލްވެސް ހަމަ މީހަކާއި އިންނައިރަށް ބަނޑުބޮޑުވާން ޖެހޭތަ.........." މެހެރީނާ އިނީ ތުންފިތާލައިގެންނެވެ. އެވަރުންވެސް ރައުދާ ހައިކަލްއަށް ގުޅަން މަސައްކަތްކުރިއިރު ފޯނު އޮތީ ނިވާލާފައެވެ. ރައުދާ މެސެޖެއް ކޮށްލީ އަޒަލް ބަލިކަމަށް ބުނެއެވެ. އޭނަ ވާހަކަދައްކަން ބޭނުންވާ ކަމަށާއި ދަރިންގެ ކަންތައްތަކުގައި ފަރުވާކުޑަ ނުކުރަން އެދުނެވެ.

އަޒަލް ކޮޓަރިއަށް ވަންއިރު ވިޝާމް ސޯފާގައި އިނެވެ. ސޯފާ މަތީގައި ފަތުރާލާފައި ހުރި ފޮޓޯތަކެއް އެއްކޮށްލާފައި ބޮޑު ސިޓީއުރައަކަށް ލައިގެން ދާން ހިގައިގަތް ވަގުތު ކުޝަންގެ ދަށުން ފޮޓޯއެއްގެ އެއްބައި ފެންނަން އޮތެވެ. ވިޝާމްއަށް ގޮވާލަން އުޅެފައިވެސް އަޒަލްގެ ޚިޔާލު ބަދަލުވިއެވެ. އޭނަ ކުޝަން ހިއްލާލާފައި އެފޮޓޯ ނެގިއެވެ. މިއީ ކާކުގެ ފޮޓޯއެއް ހެއްޔެވެ؟

"ލަވް ޔޫ ބޭބީ ގާލް......" ވިޝާމްގެ ސޮއި އަޒަލްއަށް ފާހަގަކުރެވުނެވެ.

އަޒަލް ވަގުތުން އާޒީންއަށް ގުޅައިގެން ގެނެސް އެފޮޓޯ ދެއްކިއެވެ. ސަލްވާގެ ފޮޓޯއެކޭ ބުނުމުން އަޒަލްއިނީ ޝޮކެއްގައެވެ. އެފޮޓޯ ލިބުނީ ވިޝާމްގެ އަތުން ކަން އެނގުނުއިރު އެކަން އާޒީންއަށް ސިއްރުކުރިއެވެ. ނަމަވެސް ހިތަށް ވަރަށް އަސަރުކުރިއެވެ. ވިޝާމްއާއި ސަލްވާގެ މިއޮތީ ކޮންކަހަލަ ގުޅުމެއްބާވައެވެ. އެކަން އެނގުމަކީ އޭނައަށް މުހިއްމުކަމެކެވެ.

ސަލްވާ ހޮޑުލައި ނިމުމުން މޫނު ދޮއްވާލަދީފައި ހައިކަލް ސަލްވާގެ ބޮލުގައި ފުނާ އަޅުވާދިނެވެ. އެދިގު އިސްތަށިގަނޑުގައި ހައިކަލް ގެ އަތް ޖެހުމުންވެސް ލިބޭ އަރާމަކުން ނިދިއަންނަގޮތްވެސް ވިއެވެ. އެފަދަ ކުދިކުދި ކަންތައްތަކުންވެސް ސަލްވާއަށް ލިބޭ މަތިވެރި އުފަލަށް އޭނަ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ.

"އައިމް ސޮރީ...." ސަލްވާއަށް ބުނެވުނެވެ.

"ކޮންކަމަކާތަ؟ " ހައިކަލް އަހާލިއެވެ.

"ޕްރެގްވީމަ ހަމަ އެބުނާހެން ހަޒްބެންޑުން މިޖެހެނީ ވައިފްގެ ހުރިހާ ކަމެއްކޮށްދޭން. ހުރިހާ ބުރައެއް އުފުލަން..އެހެންވެ................." ސަލްވާ ކުޑަކޮށް ހީލިއެވެ.

"ތިހެންބުނީ ކާކުތަ؟ " ހައިކަލް އަހައިލިއެވެ.

"ރައުދާ....." ސަލްވާ ނުބުނަން ހުރެފައިވެސް އެނަން ކިޔާލާފައި ލޯގަނޑުން ހައިކަލްގެ މޫނަށް ބަލައިލީ އެދެލޮލުގެ ޝުއޫރު ދެކެލާހިތުންނެވެ. ހައިކަލްގެ ބުމަކައިރިކޮށްލީ އެނަން އެހުމުން އުދަގޫވިފަދައިންނެވެ. ހައިކަލްގެ އަތުގެ ހަރަކާތްވެސް ލަސްވިއެވެ. މޭޒުމަތީގައި ފުނާ ބޭއްވިއެވެ.

"މިފެމިލީ އެންމެން އެހާވަރަށް ރުޅިއަންނަނީ ކީއްވެބާވައޭ ހިތަށް އަރާ....." ކުއްލިއަކަށް ސަލްވާ ބުނީ ހައިކަލްވެސް ހިތަށް ނާރާފަދަ އެއްޗެކެވެ.

"ޒެލްއާއި އާޒް ސަލްވާދެކެ ލޯބިވޭ. ދެން ކާކު ރުޅިއަންނަން ހުރީ؟ " ހައިކަލްއަށް އެނގުމާއިއެކުވެސް ސަލްވާ ލައްވާ ވާހަކަ ދައްކުވަން ބޭނުންވިއެވެ. އޭނަގެ މަންމައާއި ކޮއްކޮ ސަލްވާދެކެ ކުރާ ނަފްރަތު ހައިކަލްއަށްވެސް ނޭގެނީއެއް ނޫނެވެ. މަންމަމެންގެ ނަފްރަތަކީ ރައުދާފަދަ ގަދަރުވެރި މާތް އަންހެންކުއްޖަކަށް ސަލްވާ ނުވުމެވެ. މާތްވުމަކީ ވަކި އާއިލާއަކަށް ނިސްބަތްވެގެން ލިބޭ ޝަރަފެއްކަމަށް މަންމަމެން ދެކުމަކީ ހައިކަލްވެސް ދެރަވާކަމެކެވެ. އެއީ އާއިލީ ބޮޑާކަމެވެ. އާއިލީ މޮޅުކަމަށް ފަޚުރުވެރިވުމެވެ.

މެހެރީނާ އޭނަ ޕޫލަށް ވައްޓާލި ވާހަކަ ކިޔައިދޭން އުޅެފައިވެސް ސަލްވާގެ ހިތުގެ ކަނަކުން އެންގީ އެވާހަކަ އިހަށް ބޭއްވުމަށެވެ. ދޭތެރެ ޖެއްސުން ދީނުގައި ހުއްދައެއް ނޫނެވެ. މެހެރީނާ ބުނާނީ އޭނަ ގަސްތުގައި ކޮށްޕާނުލާ ކަމަށެވެ. ގަސްތުގައި މަރާލަން އުޅުނުނަމަ އޭނަ ސަލާމަތްކުރަން ވިޝާމްއަށް އެހާވަރުން ގުޅަންވީ ކީއްކުރަންހެއްޔޭ އެންމެންގެ ހިތަށް އަރާނެއެވެ. ސަލްވާ ދީނަށް ލޯބިކުރިޔަސް އުމުރުގެ ހަގުކަމުން ދިރިއުޅުމުގެ ތަޖުރިބާއެއްނެތެވެ. ދުޝްމިނުންނާއި ހެޔޮއެދޭމީހުންވެސް ވަކިކުރާކަށް ނޭގެއެވެ. އިތުބާރުކުރަންވީ މީހުންނާއި ނުކުރަންވީ މީހުންވެސް ސަލްވާއަށް އޮޅުމެއް ނުފިލިއެވެ. މެހެރީނާގެ މަކަރުވެރިކަމުން ހިތަށް ނާރާވަރުގެ ދާގަނޑެއް ވަށާ ފަތުރަމުންދާއިރުވެސް އެކުއްޖާ ހުރީ އޮޅުމެއްގެ ތެރޭގައެވެ.

"މެހެރީނާ ދައްތަ ލައިކް ނުވާކަން ޔަގީން........" ސަލްވާ މަޑުމަޑުން ކިޔައިލިއެވެ.

"ހޫމް......" ހައިކަލް ބުމަ އަރުވައިލިއެވެ.

"ކީއްވެ މެހެރުދައްތަ ރުޅިއަންނަނީ....." ސަލްވާ ސުވާލުކުރިއެވެ.

"ޔޫ ޝުޑް އާސްކް ހާ........" ހައިކަލް ޑްރެސިންޓޭބަލް މަތީގައި ހިތްގައިމުގޮތަކަށް އިށީނެވެ. ސަލްވާގެ މޫނަށް ބަލަން އިނުމުން ހިތަށް ލިބޭ އުފާވެރިކަން ކުރިއަށްވުރެ އިތުރުވެފައިވެއެވެ. މިއީ ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން އޭނައަށް އުޅެވޭގޮތެއް ނޫނެވެ. އެންމެ ޒުވާން ދުވަސްވަރުވެސް އޭނަ އަންހެންކުއްޖަކާއިހެދި އުޅެފައެއްނުވެއެވެ. އޭނަގެ ހިތެއްވެސް ނޯންނަނީހެއްޔޭ ކިޔާފައި އެކުވެރިން ދިމާކުރިއެވެ. މިހާރު ހިތުގައި މިވަނީ ލޯބިހެއްޔެވެ؟ ރީތި އަންހެންކުދިން ފެނުމުންވެސް ނުވާހާ ގޮތްގޮތް ސަލްވާ ފެނުމުންވެއެވެ.

"މެހެރް ދައްތަ ބުނާގޮތުން މި ފެމިލީ އަކީ ލައިކް ރޯޔަލް. ދެން އެކަމެއް ޗޭންޖުނުވެސް ނުކުރެވޭނެ. އެކަމަކު އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް ކިޔަވާނަން މާސްޓާސް އާއި ހަމަޔަށް. އެޓްލީސްޓް ބާރު އޮތްކަންތައްތަކަށް ޓްރައިކުރެވިދާނެ. އަދިވެސް ހިތަށްއަރަނީ ކޮންމެވެސް ދުވަހަކުން މެހެރްދައްތަ ދެކޭގޮތް ބަދަލުވާނެއޭ....." ސަލްވާ ހައިކަލްގެ ފައިމަތީގައި އަތްބާއްވާލައިގެން އިނދެ ވާހަކަދެއްކިއެވެ.

"ޔޫ އާ މައި ވައިފް. މާސްޓާސް ހަދަންވީ ކުދިން ތަރުބިއްޔަތު ކުރުމުގައި. ވަފާތެރި އަންބެއްގެ ގޮތުގައި އަބަދަށް އަހަންނާއެކު ވާކަހަލަ އަންހެންކުއްޖަކަށްވާން ބޭނުމީ......ދެޓްސް މޯ ދޭން އިނަފް......." ހައިކަލްގެ ޖުމްލައިން ސަލްވާ އުފާވިއެވެ. ވީއިރު މެހެރީނާ ކޮންމެފަދަ ކަމެއްކުރިޔަސް ކޮންކަމެއްހެއްޔެވެ؟ ދެވަނަ ފަހަރު މަރާލަން އުޅެފިއްޔާ އޭނަވެސް މަޑުން ނުހުންނާނެއެވެ. އޭނަ އަދިވެސް މިހުންނަނީ ހައިކަލްގެ ހިތުގައިވާ އެއްޗެއް ނޭގޭތީ ބިރުގެންފައެވެ. ހައިކަލް ބޮޑަށް ލޯބިވަނީ މެހެރީނާދެކެ ހެއްޔެވެ؟ ނޫނީ އޭނަދެކެ ހެއްޔެވެ؟ އެސުވާލުގެ ޖަވާބު ލިބޭނެނަމައެވެ. ހައިކަލް އެހެން ބުނާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް އޭނަގެ ހިތް ބޭގަރާރުވެއްޖެއެވެ. ކެނޑިނޭޅި ލިބެނީ އެހެން މީހެއްގެ މެސެޖެވެ. އެހެން މީހަކު ލޯބިވާވަރު އަންގާދީފައެވެ.

ހައިކަލް ޑިއުޓީއަށް ދިޔުމުން ސަލްވާ ފިލާވަޅުތައް ހަދަން އިނދެލާފައި ކުޑަކޮށް އެއްޗެއް ކައިލިއެވެ. ބަނޑުބޮޑުވި ފަހުން ކޮފީގެ ވަސްޖެހުމުން ހިތްގައިމުކަމެއް އިހުސާސްވެއެވެ. ކޮފީތަށި ނުބުޔަސް އަބަދު ކޮފީތަށްޓެއް ގެނެސް ކައިރީގައި ބަހައްޓައިގެން އިނުމަކީ މޭނުބައި ކުރުމުގެ ފަރުވާއެކެވެ. ކަރަންފުލެއް އަނގަޔަށް ލައިގެން ހަފަމުންގޮސް ވޯކިން ކްލޯޒެޓަށް ވަދެފާ ހެދުމެއް ނަގަންވެގެން ދޮރު ހުޅުވާލިއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އޭނަ ތަޅުލާފައި ހުންނަ ބައިގެ ތަޅުވަޅަށް ކޮންމެވެސް ކަމެއްވެފައި ހުރިކަމެވެ. ކަންބޮޑުވެފައި ހުރެގޮސް ބަލައިލިއިރު ތަޅުހުރީ ހަލާކުކޮށްލާފައެވެ. ސަލްވާ ތެޅިތެޅިވާ ހިތަކާއިއެކު އެދޮރުފަތް ހުޅުވާލުމާއިއެކު މޭގަނޑު އަގަޔަށް ނައީ ހަމަ ކިރިޔާއެވެ. އޭނަ ފޮރުވައިގެން ގެންގުޅޭ އެންމެ އެއްޗެއްވެސް ނެތެވެ. ޑައިރީއާއި ސިޓީތަކާއި ފޮޓޯތަކުން ފެށިގެން ގެންގޮސްފިއެވެ. ހުރިހާ ސިއްރެއްވީ އޭގައެވެ. އެހުރިހާ އެއްޗެއް ވަގަށް ގެންދިޔައީ ކާކުހެއްޔެވެ. ފުރަތަމަވެސް ސިކުނޑިއަށް ވެރިވީ ވިޝާމްގެ ނަމެވެ. ސަލްވާ ދެލޯ މަރާލިއެވެ.

"ވިޝާމް އަނގޮޓިވެސް ގެންދިޔައީ. މިހާރު އެހުރިހާ އެއްޗެއް ސިއްރުން އެގެންދިޔައީ. ޑައިރީ ކިޔާލީމަ އަހަރެން ލޯބިވަނީ ހައިކަލްދެކެކަން ވިޝާމްއަށް ރަގަޅަށް އެނގޭނެ. މިހާރު އެނގޭނެ އަހަރެން ހައިކަލްއާއި މެރީ ކުރީ މަޖުބޫރުވެގެން ކަމާއި ބޭވަފާތެރި ނުވާކަން. އެޓްލީސްޓް ވިޝާމް ބޭނުންވެގެން އުޅޭހާ ޖަވާބެއް އޭގައި ވާނެ. ދެން ބަދަލުހިފަން ކުރާނެ ކަމެއްވެސް ނޭގޭ......."

ޒައިތޫންގެ އުފަންދުވަސް ފާހަގަކުރަންވެގެން ހައިކަލްގެ ދައްތަމެން މިފަހަރު ރޭވީ ތަފާތު ގޮތަކަށެވެ. ޒައިތޫންގެ އާއިލާއިން ގަސްތުކޮށްފައިވަނީ ހަމައެކަނި އެއާއިލާ މީހުނަށް ދައުވަތު ދޭށެވެ. އެކުވެރިންވެސް ހިމަނާކަށް މިފަހަރު ބޭނުމެއްނުވިއެވެ. ކުޑަކުޑަކޮށް ފާހަގަކުރަންޏާ އެކުވެރިންނަށް ކިޔުމުގެ މާނައެއް ނެތްކަމުގައި ދެކުނީއެވެ. ޒައިތޫންގެ ހުރިހާ ދަރިންނާއި މާމަދަރިން އަދި އާއިލާގެ އެންމެންވެސް އެރެއަށްޓަކާ މާލެ އަންނަން ހަމަޖެހިފައިވިއެވެ. ޒައިތޫނަށް ސަޕްރައިޒެއް ދޭންވެގެން އެންމެން ރޭވި ރޭވުން ކާމިޔާބުވެސްވިއެވެ. އަބުދުލްއަޒީޒު ޒައިތޫން ގޮވައިގެން ހަވީރު ރިޒޯޓަށް ދިޔަގޮތަށް އުޅުނީ ބޭރުން އައި ވަފުދެއްގެ ބަޔަކާއި ބައްދަލުކުރުމުގައި އަވަދިނެތިއެވެ.

ޒައިތޫން އެކަނިމާއެކަނި ކޮޓަރީގައި އޮތްއިރު ފޯނުވެސް ވީތަނެއް ނޭގުނެވެ. ފޫހިވެގެން ހަލާކުވެފައި އިންއިރު މޮޅިވެރި ޚިޔާލުތައްވެސް ހިތުތެރޭގައި އެނބުރެމުންދިޔައީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. އޭނަގެ އުފަންދުވަހާއި ބެހޭގޮތުން މިފަހަރު ވާހަކަދައްކާލާ ޕާޓީއެއް ބާއްވާކަށް އެކަކުވެސް ނޫޅުނެވެ. އެކަން ހަނދާންހުރި މީހަކުވެސް ނެތެވެ. އެންމެ ރަގަޅެވެ. މިއީ ދުނިޔޭގެ ނިޒާމެވެ. ދަރިން ބޮޑެތިވެގެން މީހުނާއި އިނދެ އާއިލާއެއް ބިނާކުރުމުން މައިންބަފައިންނާއި ދުރުވީއެވެ. ނަމަވެސް ފިރިމީހާ ހަނދާން ނައްތާލައިގެން ނުވާނެ ނޫންހެއްޔެވެ؟

އަބުދުލްއަޒީޒުވެސް އެއުޅެނީ އިންވެސްޓަރުން ގޮވައިގެންނެވެ. އޭގެ ތެރޭގައި ރީތި އަންހެނަކުވެސް ހުރުމުން ޒައިތޫންގެ ހިތުގައި ނުބައި ޚިޔާލުތަކެއް ހިނގައިގެންފިއެވެ. އެހާވަރުން އެމީހުންނާއިގެން އެއުޅެނީ އެދެމީހުންގެ ތަފާތު ގުޅުމެއް އޮތީބާވައެވެ. އަބުދުލްއަޒީޒު ޒުވާން އިރު ރީތިކަމުން އޭނަގެ ފަހަތުން އަންހެނުން އުޅުނެވެ. އެއްފަހަރު އަންހެނެއްގެ މައްސަލަޖެހި ވަރިފަށަށްވެސް އެރިއެވެ. ނަމަވެސް އެކަމާއި އަބުދުލްއަޒީޒު މާފަށް އެދި އާދޭސްކުރިވަރުން ޒައިތޫން އޭނަގެ ފިރިމީހާގެ ބޭވަފާތެރިކަން ހަދާން ނައްތައިލީއެވެ. ކިތަންމެ ލޯބިން އުޅުނަސް ބައެއްފަހަރު މަގުން ކައްސާލުމަކީ އެކަށީގެންވާކަމެކެވެ. ހުރިހާ އެންމެން އޭނަގެ ދަރިފުޅު ހައިކަލްފަދަ ފިރިހެނަކަށްވާނެ ނަމައެވެ. ވަފާތެރި ތެދުވެރިކަމުގެ މިސާލެކެވެ.

އަބުދުލްއަޒީޒު އޮތީ މިރޭ އެވަފުދާއިއެކު ޑިނަރއަށް ދާން ތައްޔާރުވެގެން ހުރުމަށް ޒައިތޫނަށް އަންގާފައެވެ. ޒައިތޫން މެރޫންކުލައިގެ ހެދުމެއް ލައިގެން ހުރިއިރު ޔާގޫތު ގަހަނާ ސެޓް އަޅައިގެން ހުރުމުން ކިތަންމެހާވެސް ގުޅެއެވެ. ކުޑަކޮށް މޭކަޕްކޮށްލާ ޒީނަތްތެރިވެގެން ފިރިމީހާގެ އިންތިޒާރުގައި ހުއްޓާ އެނބުރިއައީ ދިހައެއް ޖަހާ ބޮޑުވިފަހުންނެވެ. އޭރު ޒައިތޫން އިނީ ތުން ފިތާލައިގެންނެވެ. އަބުދުލްއަޒީޒު މާފަށް އެދުނެވެ. އޭނައަށް ޒައިތޫންގެ ފޯނު އޮޅިގެން ގެންދެވުނީއެވެ.

"އެމީހުން ބޭނުންވަނީ މާލެއަށް ޑިނަރއަށް ދާން.." އަބުދުލްއަޒީޒު ހުރީ ލަސްވެފައެވެ.

"މިއީ ދެން މީހުން ރޭގަނޑު ކާގަޑިއެއްވެސް ނޫނެއްނު........" ޒައިތޫން ގަޑި ބަލާލައިފިއެވެ.

"ކުޑަކޮށް އެއްޗެއް ކާލައިގެން އެމީހުން އަންނަންދެން މަޑުކޮށްލާނީ......." އަބުދުލްއަޒީޒު ވަގުތުން ރެސްޓޯރެންޓަށް ގުޅާލާފައި ސެލެޑެއް ގެނެސްދޭން އެދުނެވެ. ޒައިތޫން ކުޑަކޮށް ކެއެވެ. ދެން ބުނީ އޭނަ ބޮލުގައި ރިއްސަން ފަށައިފި ކަމުގަޔާއި ގެއަށް ދާން ބޭނުންކަމަށެވެ. އަބުދުލް އަޒީޒު ބުނީ ކަނޑުގަދަކަމުން ފުރޭނީވެސް ތަންކޮޅެއް ފަހުން ކަމުގައެވެ. ތެދެކެވެ. ވިއްސާރައޮތީ ނަގާފައެވެ. އުދަރެހުގައި އެންމެ ތަރިއެއްވެސް ފެންނާކަށްނެތެވެ. ޒައިތޫން އިތުރު އެއްޗެކޭ ނުބުނެ މޭޒުމަތީގައި އޮތް މެގެޒިންއެއް ނަގައިގެން ގަނޑުތައް އުކަންފެށިއެވެ. އޭނަގެ ހިމޭންކަމުންވެސް އަބުދުލްއަޒީޒުއަށް އެއްޗެއް ފަހުމު ނުވީ ބާވައެވެ. ވާނީ ކިހިނެއްހެއްޔެވެ؟ އޭރުވެސް އިނީ ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަދައްކާށެވެ. މުޅިންވެސް ވިޔަފާރީގެ ވާހަކައެވެ. ޒައިތޫންގެ ހިތް އޮއްސުނެވެ. މިނިޓް ގުނަމުން ދިޔަވަރަކަށް އެހިތަށް ކުރި ބާރު ބޮޑުވެ ކަރުނަތައް އެސްފިޔަތަކުގެ ފުރަގަހުގައި ފިލާހުރެފައި އޮހިގަންނަން ތައްޔާރުވިއެވެ. އިރުކޮޅެއް ފަހުން ނާޒުމީ ގުޅާފައި ނިދި އަޑަކުން މަންމައަށް ބާއްޖަވެރި އުފަން ދުވަހަކަށް އެދުނެވެ. އޭރު އަދި އެގާރަޖެހީއެވެ. ނިދަންވެގެން ވަގުތު ނުޖެހެނީސް އެކުއްޖާ އެގުޅީއެވެ.

"އެޓްލީސްޓް އެންމެ ކުއްޖަކު ހަދާން އެބަހުރި........ އެކަމަކު ނާޒްމީވެސް ދެން އެހާ ފިނިކޮށް އެހެން ބުނެފައި ފޯނު ބާއްވަން ޖެހޭތަ؟ " ޒައިތޫންގެ ލޮލުން ފޭބި ކަރުނަތިކި ފޮހެލާފައި ގޮސް އިށީދެލީ ސަންބެޑްގައެވެ. އޭރު ފުދޭވަރަކަށް ވައި ބާރެވެ. ކަނޑު ގަދަވިޔަސް ދާން ބޭނުންކަމަށް ބުނުމުން އެންމެފަހުން އަޒީޒު ލޯންޗު ގެނުވިއެވެ. ލޯންޗު ކަނޑު މެދަށް ހުއްޓުނެވެ. މިއީ ކޮންފަދަ ބަދުނަސީބު ރެއެއް ހެއްޔެވެ؟ ހުރިހާކަމެއް މިދަނީ ހިތަށް އެންމެ އުދަގޫވާ ގޮތަކަށެވެ. އާއިލާތެރޭގައި އޭނަގެ މަގުބޫލުކަން ގެއްލި އެއްފަރާތްކޮށްލިއިރު ތަގުދީރުވެސް އެއްބަޔަކަށް ނެތެވެ. ލޯބިވާ ފިރިމީހާގެ ހިތުގައިވެސް ވިޔަފާރި ކުރިއެރުވުން ނޫންކަމެއް ނެތެވެ. ހުރި އެންމެ ފިރިހެންދަރިފުޅުވެސް ބީރައްޓެހި އަންހެނަކާއި ކައިވެނިކޮށްގެން އޭނައަށް ނުކިޔަމަންތެރިވީއެވެ.

ހުރިހާ ޝަކުވާތަކެއް ހިތުގައި ފުނިޖެހި ޒައިތޫން ރޯޒްމެހެލްގެ ދޮރު ހުޅުވައިލިއިރު ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އެއާއިއެކު ހައިކަލް އޭނަގެ ގައިގާ އޮޅުލައިގަތުމާއިއެކު "ހެޕިބާތުޑޭ މައި ބިލަވްޑް މަމް" އޭ ބުނެލުމާއިއެކު ސިޓިންރޫމް ދިއްލިގެންދިޔައީ އެތައް އުއްބައްތި ތަކުންނެވެ. އެއާއިއެކު އެންމެން އެއް އަޑަކުން ޒައިތޫންއަށް އުފާވެރި އުފަންދުވަހަކަށް މަރުހަބާ ކިޔާއަޑު މުޅިގޭތެރެ ގުގުމާލައިފިއެވެ.

ޒައިތޫން ހައިރާންކަމާއިއެކު އަނގަމަތީގައި އަތް އެޅުނުގޮތަށް ވަށައިގެންވާ މޫނުތަކަށް ނަޒަރު ހިންގައިލިއެވެ. އޭނަގެ ހުރިހާ ދަރިންނާއި މާމަދަރިންގެ އިތުރުން މުޅި އާއިލާގެ އެންމެން އެތަނަށް އެއްވެފައި އޮތްތަން ފެނިފާ ޒައިތޫންއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ދެލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނައެވެ. ހިތުގައި ވި ހުރިހާ ޝަކުވާތައް ފިލައިގެން ދިޔައީ ބަސްބުނާ ހިނދުކޮޅެއްގެ ތެރޭގައެވެ.

ލުއި މިއުޒިކަކާއިއެކު ހަފްލާ ފެށުނެވެ. ނާޒުމީ ލަންޑަނުގައި ހުރެފައި ގެނައި ކޭކު ރީތިކަމުން އެންމެންގެ ތައުރީފު އޮހުނެވެ. ސަލްވާ ނިކުންނާން ނުކެރިފައި ހުއްޓާ ހައިކަލް ސަލްވާ ގޮވައިގެން އައެވެ. އެންމެންނަށް އުފާވެރި ޚަބަރެއްދީ ސިއްސުވާލަން ހައިކަލް ހުރީ ނިންމައިގެންނެވެ. އެކަހަލަ ކަމަކަށް އެންމެ އެކަށީގެންވަނީ މިފަދަ ހަފްލާއެއް ކަމަށް އޭނަ ދެކުނެވެ. ސަލްވާއަށް ދަރިއަކު ލިބެން އުޅޭކަން އެނގުމުން މަންމަމެން ސަލްވާއާއި ދޭތެރޭ ދެކޭގޮތް ބަދަލުވެސް ވެދާނެ ނޫންހެއްޔެވެ؟ ނަމަވެސް ހައިކަލްއަށް ޝޮކެއް ލިބޭފަދަ ހާދިސާއެއް މިތާގައި ހިނގާފާނެކަމަށް އޭނަ ފަހަރެއްގައިވެސް އުއްމީދެއްނުކުރެއެވެ. ސަލްވާއަށް ހަފްލާއާއި ގަޔާވެވޭގޮތެއްނުވިއެވެ. މިއުޒިކްގެ ސަބަބުން ބޮލުގައި ރިއްސާލައިފިއެވެ. މިއީ އޭނައަށް ބީރައްޓެހި ސަގާފަތެއްކަމުގެ އިހުސާސްކުރެވުނެވެ.

ސަލްވާ ހައިކަލްގެ އަތުގައި ހިފާ ކުޑަކޮށް ބާރުކޮށްލުމުން ހައިކަލް ވަގުތުން ސަލްވާއަށް ސަމާލުކަން ދިނެވެ.

"ބޮލުގައި ރިއްސާގޮތްވަނީ. ނުނިދާ މާ ގިނައިރުވާތީކަން ނޭގޭ..." ސަލްވާ ބުނެލިއެވެ.

ހައިކަލް އެބައަންނަމޭ ކިޔާފައި ވަގުތުން ސަލްވާ ކޮޓަރިއާއި ހަމަޔަށް ގެންގޮސްދިނެވެ.

"އައިމް ސޮރީ. އަހަންނަށް އެނގޭ މިއުޒިކްގެ ސަބަބުން ސަލްވާއަށް އުދަގޫވީމަކަން ބޮލުގައި ރިއްސަންފެށީ. ތި ހިތުގައިވާ އެއްޗެއް އަހަންނަށް އެނގޭ. އެކަމަކު މަންމަގެ އުފަލަށްޓަކާ މިރޭ އެކަން އަހަރެން މަނާނުކުރީ. މަޑުމަޑުންގޮސް ސަލްވާ ބޭނުންވާ ގޮތަކަށް މިގޭގެ ހުރިހާކަމެއް ގެންދެވޭނެކަމުގެ ޔަގީންކަން ދެން. އަހަރެމެންގެ ދަރިފުޅު ސަލްވާކަހަލަ ދީންވެރި ކުއްޖަކަށްވުމަކީ އަހަރެންގެވެސް އުއްމީދު. ހިތްހަމަޖައްސާލައިގެން ނިދާލާ އިނގޭ......" ހައިކަލް ސަލްވާގެ ނިތްކުރީގައި ބޮސްދީފައި ހީލިގޮތާއި އެބަލާލުމުގައި ހުރި އަސަރަކުން ސަލްވާގެ ހިތުގެ އެންމެ ހިމަ ނާރުތަކާއި ކުޅެލައިފިއެވެ. ހައިކަލްގެ އެމާނައިން ފުރިގެންވި ޖުމްލަތައް އޭނަގެ ހިތަށް ޝިފާއަކަށްވިއެވެ.

ހައިކަލް ނިކުތުމުން ސަލްވާގެ ލޮލުން ކަރުނަ އައީ ކީއްވެކަމެއް ނޭގުނެވެ. ހައިކަލްއަށްޓަކާ ހިތުގައިވާ ޖަޒުބާތުތައް ފުންވަމުންގޮސް އަބަދާއަބަދު އޭނަގެ ކުރިމަތީގައި ހައިކަލް ހުރުމަށް ހިތް އެދެން ފަށައިފިއެވެ. ތާއަބަދު އެ ސޫރަ ދެކޭހިތްވެއެވެ. އަހަން އެދެނީ އެ ޖާދުވީ އަޑެވެ. އެފުންދެލޮލުގެ ތެރެއަށް ގެނބެން ހިތްއެދެއެވެ. އެދެއަތުގެ ހިމާޔަތުގައި އަބަދަށްޓަކާ ހުރުމަކީ އޭނަގެ އުފަލެވެ. އޭނަގެ ހިތުގައި މިޖަހަމުންދާ ވިންދަށް ދޭނެ ނަމެއް ކުރިން ނޭގުނަސް މިހާރު އެގިއްޖެއެވެ. އޭނައަށް ހައިކަލްދެކެ ލޯބިވެވިއްޖެއެވެ. ވަރަށް ބޮޑަށެވެ. އެހިތުގެ ކޮންމެ ވިންދެއްގައި މިވަނީ ހައިކަލްގެ ނަމެވެ. ދެރަވަނީ ހައިކަލްގެ ދުލުން އެފަދަ ޝުއޫރެއް ފާޅުނުކުރުމުންނެވެ.

ސަލްވާ ދޮރު ލައްޕާލަންވެގެންވެގެން ނުކުމެ އަދި ހައިކަލް ސިޑިއާއި ދިމާލަށް ދިޔަތަން ބަލަން ހުރީ ކުޑަކޮށް ހިނިތުންވެލާފައެވެ. ކުއްލިއަކަށް ފަނޑުއަލިކަމެއް ވެރިވެފައިވާ ކޮރިޑޯއިން ވިދުވަރެއްފަދައިން ފަހަތުން އައި ހިޔަންޏެއް އޭނަގެ އަނގަމަތީގައި އަތްއެޅިއެވެ. އެވަގުތު ހައިކަލް އެނބުރި ބަލައިލިނަމަ އެ މަންޒަރު ރީއްޗަށް ފެނުނީހެވެ.

"ބޭބީ. ޕްލީޒް ތިގޮތަށް އަހަރެންގެ ހިތް ހަލާކުނުކުރޭ. ހައިކަލްއަކަށް ނޫނޭ ބަލަން ޖެހެނީ. ނިކަން އަހަރެންގެ ހިތަށް މިވާވަރު ބަލާލަބަލަ. ބޭބީ ބަލިވީމަ ހެލްޕްވާން ހުންނަން ޖެހުނީމަ ރޫމަށް ލާފައި މަޖާކުރަން މިހާރުވެސް އެދިޔައީ......" ވިޝާމް ސަލްވާގެ އަނގަމަތިން އަތްނެގިއެވެ. ސަލްވާގެ ހިތް ފެނުންނަގާފައިވާ ރޯމަހެއްހެން ތެޅޭގޮތްވިއެވެ. ވިޝާމް ރަގަޅަށްވެސް ދީވާނާވީހެއްޔެވެ؟ އޭނައާއި ހައިކަލްގެ ފަހަތުން އަންނާކަށްވެސް ޖެހިލުމެއްނުވިއެވެ. އެހެންމީހުންނަށް ޝައްކުނުވާނެ ގޮތަކީ ނެތްގޮތެކެވެ. ހަދާނީވެސް ކިހިނެއްބާވައެވެ. ވިޝާމްއަށް ވިސްނާދޭނީ ކިހިނެއްހެއްޔެވެ؟

"އަހަރެން ބަލިވީއެއްނޫން. ނިދިއައީމަ ރޫމަށް މިއައީ. މޮޔަނުވެ މިތަނުން ދޭ....." ސަލްވާ ބިރުން ހުރެފައި ފަހަތަށް ދާން ފިޔަވަޅެއް އެޅިއެވެ.

"މިތަނުން ދާނީ އެންމެ ގޮތަކަށް. ހަދިޔާއެއްދިނީމަ...." ވިޝާމް ސަލްވާގެ މޫނުގައި ހިފަހައްޓަން އުޅުނެވެ. ސަލްވާގެ އަތް ވައިގެ ތެރޭގައި ހިނގާލުމާއިއެކު ވިޝާމްއަށް ކަންކަށިމަތީގައި ފިރުމައިލެވުނެވެ. އެއާއިއެކު ހޭންފެށިއެވެ.

"ތިއީއެއްނޫނޭ އަދި ބޭނުންވާ ހަދިޔާއަކީ......."ވިޝާމް ދެން ބުނި ނުސިޔާނު ޖުމްލައަކުން ސަލްވާގެ ރުޅި އިތުރުވިއެވެ. ނަމަވެސް ވިޝާމްއާއިމެދު ހަމްދަރުދީވާންވެސް އުޅުނެވެ. ވިޝާމް ރުޅިއަރުވައިފިއްޔާ ކޮންމެފަދަ ގޯހެއްވެސް ހަދާފާނެއެވެ. ވިޝާމް މިހުންނަނީ ހަމަ ހޭގައެއް ނޫނެވެ. އޭނަގެ އެކުވެރި ވިޝާމް މިހެނެއް ނޫޅޭނެއެވެ. ވީއިރު ވާހަކަދައްކަން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ.

ވިޝާމްގެ މާޒީގެ ހަދާންތައް ސަލްވާގެ ހިތަށް ކަށިތަކެއްހެން ހެރިފައިވިއެވެ. އެހިތުގައި ވިޝާމްއަށްޓަކާ ކުލުނާއި ހަމްދަރުދީވެއެވެ. އޭނައަށް ކުރިންވެސް ލޯތްބާއި ކުލުނު އޮޅުނީއެވެ. އޭރު ލޯބިކަމަށް ހީކުރެވުނަސް އެހުރިހާ އިހުސާސްތަކަކީ ވިޝާމްގެ މާޒީގެ ހިތާމަވެރިކަމުން އުފެދުނު އިހުސާސްތަކެވެ. އެއީ ލޯތްބެއްނޫނެވެ. އޭނަގެ އަމިއްލަ ހިތަށްވެސް އެވަރު ނުވިސްނުނީއެވެ.

"މިހާ ނާޒުކް ކުއްޖެއްގެ ކޮންފަދަ ހިލަ ހިތެއް ތިވަނީ؟ އަހަންނަށް އެނގޭ އެއްޗަކީ ގިޔާމަތާއި ހަމަޔަށްވެސް އަހަރެން މި މަސައްކަތް ނުހުއްޓާނެކަން. އަހަރެންގެ ލޯބި ހާސިލުކުރަން އަހަރެން ނުކުރާނެ މަސައްކަތެއްނެތް. އަޒަލްއާއި ކައިވެނިކޮށްގެން މިގެއަށް އައި ބޭނުމަކީވެސް އަހަރެންގެ ލޯބި. މިގެއަށް އަހަރެން ދަމާ ގެނައީ ލޯބީގެ ބާރު. ވީއިރު މިގޮތަށް ސަތޭކަ އަހަރު ހިފަހައްޓަން ޖެހުނަސް އަހަރެން ކެތްކުރާނަން. ފަހަތުން އަންނާނަން. މުސްކުޅިވެގެން ދަތްކޮޅު ފައިބާ އަސާޖަހައިގެން އުޅޭއިރުވެސް ހުންނާނީ ސަލްވާގެ ފަހަތުގައި........." ވިޝާމް ސަލްވާއާއި ދިމާލަށް އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ.

"އަހަރެންގެ ގައިގާ އިނގިލި ކުރި ޖެއްސިޔަސް އަހަރެން ދުވަހަކު ހިތް ހެވެއް ނުކުރާނަން....." ސަލްވާ އަޑަށް ބާރުލާފައި ބުނެލިއެވެ.

"އޯކޭ އޯކޭ......" ވިޝާމް ދެއަތް ކޮށްޕާލީ ޖިންސްގެ ޖީބަށެވެ. ވިޝާމް އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އާޒީން ސިޑިން އަރައިގެން އަންނަތަން ފެނުނެވެ. ސަލްވާ އަވަހަށް ކޮޓަރިއަށް ވަންނާން ދިޔަނަމަވެސް އާޒީންއަށް އެދެމީހުން ވާހަކަދައްކަން ތިބިތަން ފެނި އެތައް ސުވާލުތަކެއް ހިތުގައި އުފެދުނެވެ. މިދެމީހުން މިހާ އެކަނިވެރިކޮށް މި އަނދިރީގައި ވާހަކަދައްކަން މިތިބީ ކީއްވެހެއްޔެވެ؟ އާޒީންއަށް ކެތްނުކުރެވިގެން އެއައި ބާރުމިނުގައި ވިޝާމްއާއި ސުވާލުކުރިއެވެ. ސަލްވާއާއި ދެމީހުންގެ އޮތީ ކިހާވަރެއްގެ ގުޅުމެއް ހެއްޔޭ އެހުމުން ވިޝާމް ފާޑަކަށް ހީލިއެވެ. ވިޝާމްބުނީ އެއް ގެއެއްގެ ތެރޭގައި އުޅެންޏާ ވާހަކަދެއްކުމަކީ ކުށެއްކަމަށް އޭނަ ނުދެކޭކަމަށެވެ. އާޒީން ހަދާންވީ އަޒަލްގެ އަތުގައި އޮތް ސަލްވާގެ ފޮޓޯމަތިންނެވެ. އޭގައި ހުރި ލިޔުންކޮޅު ލޯމަތުން ފެނިލިހެން ހީވިއެވެ.

"އާޒް. މަސްލަހަތަށް ބަލާފައި އެންމެ ރަގަޅުވާނީ ސުވާލުނުކޮށް ހަނުހުރުން އޯކޭ؟ " ވިޝާމް ހީލާފައި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

ކަމަކާއި ނުލައި ޝައްކުކުރަން ނުވެސް ވާނެއެވެ. ވިޝާމްއާއި ސަލްވާގެ ދޭތެރޭގައި އެއްވެސް ކަހަލަ ގުޅުމެއް ހިނގިތަނެއް ފެނުނީއެއް ނޫނެވެ. ނަމަވެސް އޭނަގެ ހިތުގައި އެތައް ވަހުމާއި ޝައްކުތަކެއް ހިނގައިގެންފިއެވެ. ވިޝާމްއާއި އަޒަލްގެ ކުއްލި ކައިވެނީގެ ފަހަތުގައި ކޮންމެވެސް ނުބަޔެއް އުޅޭކަމަށް ހީވެ އެކަން ދެނެގަތުމުގެ ޝައުގު ހިތަށް ވެރިވިއެވެ. އާޒީން ފާޚާނާއަށް ވަދެލާފައި ތިރިއަށް ދިޔައިރު ވިޝާމް ހުރީ މާއިޒްއާއި ވާހަކަދައްކާށެވެ. އަޒަލްއާއިއެކު ނޫޅެ އޭނަ ވަކިން އުޅޭތީ އާޒީން ނުރުހިފައި ދެލޯ އަޅާލައިފިއެވެ. އެހެން އެންމެންވެސް އުޅެނީ ލޯބިވެރިޔާ ނޫނީ ފިރިމީހާގެ ހިޔަނިހެންނެވެ. އަޒަލް ހާދަ ދެރަވާނެއެވެ. ވިޝާމްގެ ސިއްރުވެރިކަމުން މިރޭ އާޒީންގެ ހިތް މުޅިން ކިލަބުކޮށްލައިފިއެވެ.

އެންމެން ކުޑަކޮށް ކާލުމަށްފަހު ލަވަ ބާޒީ އޮތެވެ. އެމީހަކު ހިތަށް އެރި ރާގަކަށް ލަވަ ކިޔާ ސަކަރާތް ޖެހިއިރު ޒައިތޫންގެ ދަތްތައް ފެނިނުލާ އެންމެ ހިދުކޮޅެއްވެސް ނާދެއެވެ. އެހުރިހާ ސަމާސާތަކަކާއި ވަރަށް ގަޔާވެ ބައިވެރިވިއެވެ. އެންމެފަހުން އާއިލާގެ މެމްބަރުންގެ އެދުމާއިއެކު މާއިޒް ލަވައެއް ކިޔާދިނެވެ. އަސަރުގަދަކަމުން ގައިން ހީބިހި ހަލުވާލާވަރުވިއެވެ. އެންމެ އަސަރުކުރީ އާޒީންއަށެވެ. މާއިޒް މިހާ ރީތިކޮށް ލަވަކިޔާކަމެއް އޭނައަކަށް އެނގިފައެއް ނެތެވެ. މާއިޒް ލަވަ ކިޔަންފެށުމުން ޒައިތޫންގެ މޫނުމައްޗަށް ތަފާތު ކުލައެއް ވެރިވިއެވެ. އަބުދުލްއަޒީޒުގެ އަތުގައި ބާރަށް ހިފާލެވުނެވެ. މާޒީގެ ކޮންމެވެސް ކަމެއް ހަނދާންވިފަދައެވެ. ހައިކަލްވެސް އިސްޖަހައިލިއެވެ.

 

ކޮމެންޓް 0