ކޮންމެވެސް މީހަކު ދޮރުގެ ތަޅުގައި ހިފާލިހެން ހީވެފައި ސަލްވާއަށް ފުންމައިގެން ތެދުވެ އެނދުމަތީގައި އިށީދެވިއްޖެއެވެ. އޭރު އޭނަގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ.

"މިގަޑީގައި އަންނާނީ ކާކުބާ....." ސަލްވާ ފާރުގައި ހުރި ގަޑިއަށް ބަލާލައިފިއެވެ. ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެއެވެ.

ހައިކަލް އާޒީން ގޮވައިގެން ގެއަށް ގެނައިއިރު ދަމު އެކެއްވެސް ޖަހައިފިއެވެ. އާޒީން ހުން ފިނިވުމުގެ އިތުރުން އޭނަގެ ގައިގާ ވަރުޖެހި ކޮޅަށް ތެދުވެވޭވަރުވެސް ވުމުން އެންމެ މިނިޓަކަށްވެސް އެތާގައި އޮންނާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް ހައިކަލް ހުރީ އަދި އެހާ އަވަހަށް އާޒީން ގެއަށް ގެންނަން އެއްބަސްވާގޮތަކަށް ނޫނެވެ. އެރޭ އެތާ ހުންނަން ދިޔައީ މެހެރީނާއެވެ. މެހެރީނާ ހައިކަލް އެއްފަރާތަކަށް ގެންގޮސް ދެއްކި ވާހަކައަކުން ހިތަށް ނުބައި އަސަރުތަކެއްކުރިއެވެ. މެހެރީނާ އެބުނަނީ ކޮން ހަބީބުއެއްގެ ވާހަކަހެއްޔެވެ؟ މެހެރީނާ ބުނިގޮތުން ހަބީބުއަކީ ސަލްވާގެ ލޯބިވެރިޔާއެވެ. އަޒަލްއަށްވެސް އެކަން އެނގޭނެކަމުގައި ބުނެ މެހެރީނާ ހައިކަލްގެ ހިތަށް އިތުރު ޔަގީންކަމެއް ދިނެވެ. އެދެމީހުން ތިއްބާ ފޯނެއް އައިކަމަށާއި އެނަމުގެ ކައިރީގައި ހިތެއް އިނުމުން އެއީ ޚާއްސަމީހެއްކަން މީހަކު ނުބުންޏަސް މެހެރީނާއާއި އަޒަލްއަށް ޔަގީންވިކަމުގައި ބުނުމުން ހައިކަލްގެ ތަބީއަތު ގޯސްވާގޮތްވިއެވެ.

ކާރުގައި އިންއިރުވެސް އަމިއްލަ ނަފުސާއިމެދު މިރޭ ވިސްނައިލެވުނެވެ. އޭނަގެ އިގޯއާއި ޗެލެންޖުކުރަން ހުރިހާ އަންހެނުން އުޅެނީބާވައޭ ހިތަށް އެރިއެވެ. އޭނައަކީ އެހާވެސް ނާކާމިޔާބު މީހެއްހެއްޔެވެ؟ އޭނަގެ އަންހެނުންގެ ގޮތުގައި ހުރެ ސަލްވާވެސް އެހެން ލޯބިވެރިޔަކު އެބަގެންގުޅެއެވެ. މިއީ އޭނަ ބޭނުންވާގޮތެއްނޫނެވެ. ސަލްވާގެ ކޮންމެވެސް ސިފައަކާއި އޭނައަށް ގަޔާވެވި އެހާ ފަސޭހައިން ދޫކޮށްލާހިތެއް އޭނަވެސް ނުވެއެވެ.

ފްރިޖުން ފެންފުޅިއެއް ނަގައިގެން ފެންތަށްޓެއް ބޯލުމުން ހިތުގައިވާ އުދާސްކަން ކޮންމެވެސް ވަރަކަށް ފިލިއެވެ.

"ސަލްވާ. އަހަރެންގެ ހިތަކަށް ނާރާ އެހެން މީހުން އުޅުނަސް ސަލްވާ ތިހާ ފިރިހެނުންނާއި ހެދި އުޅޭނެއޭ....." ހައިކަލް ބޯ ހޫރާލިއެވެ. ސިޑިން މައްޗަށް އަރައިގެން ދަމުން ސަލްވާގެ ކޮޓަރީގެ ތަޅުގައި ހިފައިލެވުނީ ކޮންމެހެން އެކޮޓަރިއަށް ވަންނާކަށް ނޫނެވެ. ވާހަކަދައްކާލަން ބޭނުންވެގެންނެވެ. ނަމަވެސް އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި މިގަޑީގައި ސަލްވާ އޮންނާނީ ނިދާފައިކަން ޔަގީންވިއެވެ. ކުރިއަށް ހިނގައިގަތްތަނާ އަދި ސަލްވާ ގުޅުމުން ހައިރާންވެފައި އޭނަ ފޯނު ކަންފަތުގައި ޖަހައިލުމުން ސަލްވާ އަވަސްވެފައިވާ އަޑަކުން ވާހަކަދެއްކިއެވެ.

"ކޮންމެވެސް މީހަކު ދޮރުގެ ތަޅުގައި ހިފަނީ. މިހާ ދަންވަރު ދެން އަންނާނީވެސް ކާކުކަމެއް ނޭގޭ. އެހެންވެ......."

"ކާމްޑައުން ސަލްވާ. މިގޭތެރެއިން ތި ކޮޓަރިއަށް ދިޔަސް އަންނާނީ އަހަންނެއްނު ދޯ....." ހައިކަލް ކުޑަކޮށް ހީލަމުންގޮސް ހުއްޓުނީ ބެލްކަނީގައެވެ.

"ކީއްވެ ޖަވާބެއްނުދިނީ؟ އަހަންނާއި ވާހަކަދައްކާލަން ބެލްކަންޏަށް ނާދެވޭނެތަ؟ އޭރުން ބިރު ފިލާފާނެ. ހަނދުވަރުވެސް އެހާ ރީތި ރެއެއް..........." ހައިކަލް ރެއިލިންއަށް ލެނގިލަމުން ސަލްވާގެ ކޮޓަރިއާއި ދިމާލަށް ބަލައިލިއެވެ. ނޫނީ އޭނަ އެތަނަށް ދާންވީހެއްޔެވެ؟ މިރޭ ކޮންމެހެންވެސް އޭނަވަނީ ސަލްވާއާއި ވާހަކަދައްކަން ބޭނުންވެފައެވެ. އަޒަލްގެ ކައިވެނީ ކުރެވުމަށްފަހު ވިޝާމްއަށް އޭނައާއި ސަލްވާގެ ދޭތެރޭގައި ގުޅުމެއް ނެތްކަން އެނގޭކަށް އޭނަ ބޭނުންނުވަނީއެވެ.

"ލައްބަ އަޅުގަނޑު ދެން ދާން ޖެހޭނެތާ.............." ސަލްވާ ބުނެލިގޮތުން ހީވަނީ ހިތާއި ދެކޮޅަށް އަންނަން އުޅޭހެންނެވެ.

އަނދިރިކަމުން ކަޅު ސާލެއްހެންފެންނަން އޮތް އުޑުގައި ފެންނަން އިން ހަނދު ފަލަކުގައި ރަނިކަން ކުރާއިރު އޭނަގެ ހިތުގައި މަސްހުނި ޖަޒުބާތުތަކެއް އުފެދުނެވެ. އޭނަގެ ހަޔާތުގެ ދާވަނީގައި ރަނިކަން ކުރާނެ އޭނަ ލޯބިވާނެ ބައިވެރިޔެއްވެސް ލިބޭނެނަމައޭ ހިތަށް އެރިއެވެ. ލޯބީގެ ނަސީބު ދުވަހަކުވެސް ލިބުމެއްނުވަނީހެއްޔެވެ؟ ނާކާމިޔާބު ދެކައިވެންޏަށްފަހު އަންހެނުންނާއިމެދު ހިތުގައިވާ ފޫހިކަން އެތައްގުނަ އިތުރުވެފައިވެއެވެ. އެއްވެސް މީހަކަށް އިތުބާރުކުރާކަށް އެހިތެއް ނޭދެއެވެ. ނަމަވެސް ސަލްވާއަކީ އޭނަގެ އެންމެފަހު ކައިވެނީގެ ގޮތުގައި ނިންމާލަން ހިތް އެދޭ ސަބަބަކާއިމެދު އޭނަވެސް ހުރީ ސުވާލު މާކެއްގެ ތެރޭގައެވެ.

ފަސްވަރަކަށް މިނިޓްތެރޭގައި ސަލްވާ ކޮޓަރިން ނުކުމެގެން އަންނަތަން ފެނުނެވެ. މިއޮތް ދަންވަރުވެސް ކަޅުހެދުމުގައި މޫނު ފޮތިކޮޅު އަޅައިގެން އައިތަން ފެނިފާ ހައިކަލް މާޔޫސްވިއެވެ. އެހާ ފޮރުވިގެން ސަލްވާވެސް އުޅޭނީ އެހެން މީހަކު އެހިތުގައިވާތީކަން ވިސްނިފާ ހައިކަލްގެ ހިތަށް އުދަގޫވެ އެތައް ޓަނެއްގެ ބުރަދަން ހުރިކަހަލަ ގޮތެއް އިހުސާސްވިއެވެ. ސަލްވާ އައިސް ހުއްޓިފައި އާޒީންގެ ހާލު އެހިއެވެ.

"އާޒް ހުންމަޑުކޮށް އޮތީ. އެކަމަކު ކޮންމެވެސް ވަރަކަށް ނޭވާލާން އުދަގޫވެފައި ހުރީމަ ގެއަށް ގެންނާކަށް ބޭނުމެއްނުވި....." އޭނައަށް ގެއަށް އަޔަސް ނިދޭނީއެއްނޫނެވެ. އިރުކޮޅަކުން އަދި ހޮސްޕިޓަލަށްދާން އޭނަވަނީ ނިންމާފައެވެ. ދަރިފުޅު އެހާ ބަލިކޮށް އޮތްވާ ތަނެއްގައި ބުރަކަށިޖަހާލާނެ ހިތްވަރެއްވެސް މިއަދު އޭނަގެ ނެތެވެ. ހުރިހާ ފަރާތަކުން މުސީބާތްތައް ކުރިމަތިވެ ފާރެއްހެން އޭނަ ވަށާލާ ފިތާކަމުގެ އިހުސާސްކުރެވިފައިވެއެވެ.

"ސަލްވާ. ރޭގަނޑު ނިދަނީވެސް މޫނު ފޮރުވައިގެންތަ؟ " ހައިކަލް ކުޑަކޮށް ހިނިތުންވެލިއެވެ. ރީތި ހިނިތުންވުމެކެވެ. ހުދުހުދު ދަތްތައް ވިދައިލިހެންހީވިއެވެ.

"ނު....ނޫން...." ސަލްވާ ލަދުގަތެވެ.

"މެރީކޮށްގެން މިހާ ދުވަސްވީއިރުވެސް އަހަންނަށް ނޭގޭ ސަލްވާއަކީ އަންހެންކުއްޖެއްކަމެއްވެސް. ފިރިހެނަކަށްވެދާނެތީ ބިރުވެސްގަނޭ......" ހައިކަލް ސަމާސާގޮތަކަށް ވާހަކަދެއްކިއެވެ.

"އަޑުން ފިރިހެނެއްނޫންކަން އެގިލައްވާނެ..." ސަލްވާ ކަންބޮޑުވިއެވެ.

"އަޑުބަދަލުކުރަން ވަރަށް މޮޅުމީހުންވެސް އުޅެއެއްނު......"

"ހެހެ. ލައްބަ. އެކަމަކު އަޅުގަޑަކީ ފިރިހެނެއްނޫން..." ސަލްވާ ޔަގީންކަންދޭން އުޅުމުން ހައިކަލްއަށް މަޖާވިއެވެ. ސަލްވާ ހާދަ މައުސޫމެވެ.

"ކޮންމެވެސް ދުވަހަކު ޔަގީންވާނެކަމަށް އުއްމީދުކުރަނީ. ޔަގީންވާނީ ސަލްވާ މޫނުދެއްކި ދުވަހަކުން. އެހާ ހިތްވަރުގަދަވީމަ ގަބޫލުވެސްކުރާނަން. އެކަމަކު ކަންތައްވާގޮތުން ނޭގޭ ދޯ މާދަމާ ދުނިޔެދައްކާނެ ކުލަވަރެއްވެސް. ލައިޒް އިޒް ކޮމްޕްލިކޭޓެޑް........" ހައިކަލް ފުންނޭވަޔެއްދޫކޮށްލަމުން ކުރު އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އެވަގުތު ސަލްވާގެ މޫނުދެކެލަން ހިތް އިންތިހާއަށް ބޭނުންވިއެވެ. މިގުޅުމުގައި އިތުރު ކުލައެއް ޖައްސަން ހިތް ބޭނުންވާންފެށިއެވެ. ޔަގީނުންވެސް ކުރިއަށްވުރެ ބޮޑަށް ސަލްވާއާއިމެދު ވިސްނެއެވެ. ސަލްވާ ދެން ޚިޔާރުކުރީ ހިމޭންކަމެވެ. އޭނަ ހުރީ ވާހަކަދައްކަން ލަދުގެންފައެވެ.

"ސަލްވާ. ދެން މާ ފިނިވެ ދަންވާން ފަށައިފި. އެނގޭތަ ސަލްވާ މިގެނައި ސަބަބު. ސަލްވާއަށްވެސް މިކަން އެނގެން ޖެހޭނެއޭ އަހަރެންގެ ހިތް ބުނާތީ. އަހަރެންގެ ދަރިފުޅު އަޒަލް އުޅެނީ މީހަކާއި އިންނަން. އަޒަލްގެ ފިރިމީހާ އެހާވަރަށް ނޭގުނަސް އަހަންނަށްވަނީ އެކަންކޮށްދޭން މަޖުބޫރުވެފައި. ބައެއްފަހަރު ދިރިއުޅުމުގައި މަޖުބޫރީ ހާލަތެއް ދިމާވަނީ ކުރިން އެނގިފައެއްނޫން. މެންޓަލީވެސް ޕްރިޕެއާ ވެފައެއްނެތް. އަޒަލް އެހާ ޅައިރު މެރީކުރަން އުޅެފާނެކަމަކަށް ހިތަކަށްވެސް ނާރާ. އެކަމަކު އަންހެންކުދިން މަންމައަކާއި ނުލާ ބޮޑުކުރުމަކީ ވަރަށް ބޮޑު ޒިންމާއަކަށްވެފައި އަޒަލްމެން ގޯހެއް ހަދާފާނެތީ މިގޮތަށް ނިންމީ. އެހިސާބަށް ގިނަފަހަރުދާންޖެހެނީވެސް އަޅާނުލެވޭތީ. ސަލްވާ. ބުނަން ވާހަކައެއް. އަޒަލްގެ ހަޒްބެންޑަށް އެނގިގެން ނުވާނެ އަހަރެމެންގެ ދޭތެރޭގައި ގުޅުމެއްނެތްކަން. އަދި މިހާރު އަހަރެން ނޭދެން އަޒަލްމެންނަށްވެސް އެކަން އަންގަން. ސަބަބަކީ ސަލްވާފަދަ އަންހެނަކު މިއަދު ކުދިންނަށް މަގުދައްކަދޭން އަހަރެންގެ ހަޔާތަށް ގެންނަން ބޭނުންވެފައިވާތީ. އަދި އޭގެ އިތުރުނ މިގެއަށްވެސް އަންނާނެކަން ނޭގޭ މި ދުވަސްކޮޅު މީހުން. އެމީހުންނަށްވެސް ސަލްވާ ތައާރަފުކޮށްދޭން ބޭނުންވަނީ އަހަރެންގެ އަންހެނުންގޮތުގާ........" ހައިކަލްގެ ވާހަކަތަކުން ސަލްވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އެތައްވާހަކައެއް އެއްފަހަރާ ކަންފަތަށް އިވުމުން އެހާ ދިގުކޮށް ޖަވާބުދޭކަށް އޭނައަކަށް ނުކެރޭނެއެވެ.

"އަލްހަމްދުލިﷲ. އުފާވެރި ޚަބަރެއް...." ސަލްވާ ބުނެލިއެވެ.

"އަހަންނަށް ނޭގޭ އުފާކުރަންވީކަމެއް. ރޯންވީކަމެއް..........ސަލްވާ ވިސްނާގޮތަކަށް ނޫންކަން ނޭގޭ މިވިސްނެނީ. ހިތްބުނަނީ އަޒަލް އަދި މީހަކާއި އިންނަވަރެއް ނުވެއޭ. ޝީޒް މައި ލިޓްލް ގާލް އެހެންވެ އަންބެއްގެ ގޮތުގައި ހުއްޓާ ދެކޭކަށް އަދިވެސް ހިތެއް ނޭދޭ......" ހައިކަލް ކުޑަކޮށް ހީލިއެވެ.

"ސަލްވާ ކަމެއްކޮށްދީފާނަން؟ އަހަރެންގެ ރޫމަށް ބަދަލުވާންވީނު........" ހައިކަލް ވަރަށް ހަމަޖެހިފައި ހުރެ އަހާލައިފިއެވެ. ސަލްވާގެ ގައިން ހީބިހިނެގިއެވެ. ގަނޑުފެނުން ތެންމާލިޔަސް އެހިތަށް އެހާފިނިވާނެކަމެއް ނޭގެއެވެ. އޭނައަށް ބަލައިލެވުނީ ހައިކަލްގެ ދެލޮލަށެވެ. އެތޫނު ދެލޮލަކީ ހައިކަލްގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އަންހެންކުދިން އެލޮލުގައި އަޅައިނުގަންނާނެ ގޮތަކީ ނެތްގޮތެކެވެ. އަނދިރިކަމުގެތެރެއިންވެސް އެދެލޯ މިޔަ ތޫނު ޚަންޖަރެއްފަދައިން ތޫނުވެފައި ލަދުގަންނަވާލާފަދަ ބެލުމެކެވެ.

ހައިކަލްއާއިއެކު އެއްކޮޓަރިއެއްގައި އުޅުމަކީ އޭނަގެ ޚިޔާލެއްގައިވެސް އަދި ވެފައިވާކަމެއް ނޫނެވެ. އަދި ހައިކަލް ފެނި އެއްގެއެއްގާ ދުވަސްކޮޅެއްވުމަށްފަހު ކުއްލިއަކަށް އެކޮޓަރިއެއްގައި އުޅޭ ވާހަކަ ބުނުމުން މާ ބޮޑަށް ހާސްވެއްޖެއެވެ. ނަމަވެސް ހައިކަލްއަކީއޭނަގެ ފިރިމީހާއެވެ. މާތް ﷲ އަށް އުރެދުމެއްނުވާ ކޮންމެކަމެއްގައި އޭނަ ޖެހޭނީ ފިރިމީހާއަށް ކިޔަމަންވާށެވެ.

"ލައްބަ. މިހާރު؟ "ސަލްވާ މަޑުމަޑުން ސުވާލުކޮށްލިއެވެ.

"ހެހެ ނޫނޭ. އަހަރެންވެސް މިއުޅެނީ ހޮސްޕިޓަލަށް ދާންކަމަށް. މާދަންވެސް އޯކޭވާނެ. މިހާރު ނިދަންދޭ. މާދަންވެސް ކޮލެޖަށް ދާންޖެހޭނެ. އޯލްރެޑީ އިޓްސް ލޭޓް. އެއްގަޑިބައިވަނީ.........." ހައިކަލް އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ. ހަނދުވަރުގެ އަލި އެމޫނަށް އެޅިފައިވާއިރު ވަކިން ހިތްގައިމުކޮށް ފެންނާންހުއްޓެވެ. އެހިސާބުގައިވެސް ހިފާފައިވަނީ ހައިކަލްގެ މީރުވަހެވެ. އޭނަގެ ހިޔަނިވެސް ފެންނަންލެއް ހާދަ ރީއްޗޭ ހިތަށް އަރާ ހިތް ތައުރީފުކުރި އަދަދެއްވެސް ނޭގެއެވެ.

"ގުޑްނައިޓް ސަލްވާ......." ހައިކަލް އިތުރަށް ވާހަކަދައްކާނީ ކީކޭ ކިޔައިގެން ހެއްޔެވެ. ސަލްވާގެ ހިމޭންކަމާއި މަޑުމައިތިރިކަމުން އެކުއްޖާއާއި ދައްކަންވީ ވާހަކައެއްވެސް ހައިކަލްއަކަށް ނޭގެއެވެ. އޭނައާއިހެދި ހުރިހާ އަންހެނުން މޮޔަވާއިރު ސަލްވާގެ ފަރާތުން އެފަދަ އިޝާރާތެއް ނުފެނެއެވެ. އެންމެކައިރީގައި ހުރި އިރުވެސް ސަލްވާ ބޭނުމެއްނުވެއެވެ. ދީނީ އަންހެންކުއްޖަކަށްވީމަބާވައޭ އޭނަގެ ހިތަށްއެރިއެވެ.

ސަލްވާވެސް ހުރީ ހައިކަލްއާއި ވާހަކަދައްކާ ހިތްވެފައެވެ. މިރޭ ހަނދުގެ ހާޒިރުގައި އެދެމީހުން އިރުކޮޅަކަށް ބައްދަލުވުމުން އެވަގުތުކޮޅު އޭނައަށް ކިތަންމެހާވެސް ޚާއްސަވެއްޖެއެވެ. އެވާހަކަބުނެދޭނެ އެއްވެސް ގޮތެއްނެތެވެ. ކޮޓަރިއަށްގޮސް އޭނަ ކަރުދާސްގަނޑެއްގައި ލިޔުނެވެ. އޭނަގެ ފިރިމީހާއަށްޓަކާއި ހިތުގައި މިވާ އިހުސާސްތަކަކަށް ދޭނެނަމެއް އޭނައަކަށްވެސްވަނީ ނޭގިފައެވެ. ދެމަފިރިއަކު އެކަކު އަނެކަކަށް ލޯބިން ބަލައިފިނަމަ ހެއްދެވިފަރާތުން ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާވޮޑިގެންވާ ވާހަކަ އޮތްތަން ފެނިފައި އެފަދަ ދުވަހެއް ދެކޭހިތް އޭނަވެއެވެ. އެގޮތަށް ދެމަފިރިއަކު ލޯބިން އެކީގައި އުޅޭއިރު ކިހާ އުފާވެރި ދުވަސްތަކަކަށް ވާނެހެއްޔެވެ؟ މިހާރު އެއިންތިޒާރުކުރެވޭ ބައިވެރިޔަކީ ހައިކަލްކަމުގައި މިވަނީވެފައެވެ. ސަލްވާ ކުޑަކުޑަ ސިޓީއެއް ލިޔެލުމަށްފަހު ޑައިރީގެ ތެރެއަށް ލިއެވެ. އެއަށްފަހު ކުރުސިއާއި ދުޢާތައް ކުރުމަށްފަހު އޭނަ ނިދަންވެގެން ބޮކިތައް ނިވާލައިފާ ރަޖާގަނޑުގެ ދަށަށްވަނެވެ. އަރާމު ފޮނި ނިންޖަކަށް ގެނބޭކަށް މާގިނައިރެއް ނުނެގިއެވެ.

ފަތިހު ހައިކަލްގެއަށް ވަންއިރު ލޯލިތައް ކޮޅަށްޖެހޭފަދަ ފިނިކަމެއް ގޭގައި ހިފާފައިވެއެވެ. އޭނަ ހުރީ ވަރަށް ވަރުބަލިވެ އަރާމުކުރުމަށް ބޭނުންވެފައެވެ. އެވަގުތު ސަލްވާ އޭނަ ނަމާދުކުރުމަށް ހޯދި ކޮޓަރިއަށްވަދެ ދޮރު ލެއްޕިތަން ފެނިފާ ހައިކަލްގް ހިތް ތައުރީފުން ފުރުނެވެ. ރޯޒްމެހެލްގެ އެންމެން ފުންނިދީގައި ތިބިއިރު އެންމެ ފުރާނައެއް ނަމަވެސް ހެއްދެވިފަރާތަށްޓަކާ އަރާމު ނިދި ނަގާލާފައި އެއުޅެނީއެވެ. ނަސީބުވެރިންނަކީ އެއީއެވެ.

ހައިކަލްވެސް ކޮޓަރިއަށް ވަދެ ނަމާދުކުރިއެވެ.

"މޯނިން ސަލްވާ. މޭ ގޯޑް ބްލެސް ޔޫ..." ހައިކަލް މެސެޖްކޮށްލިއެވެ.

ސަލްވާ ފޯނުއޮތީ ކޮޓަރީގައި ކަމުން އޭނައަށް ފޯނާއިގެން އުޅެވޭވަރެއްނުވިއެވެ. ނަމާދުކޮށް ނިމިގެން އާދައިގެ މަތިން އިރުއަރަންދެން ދުޢާތަކާއި ޒިކުރުތައް ކުރުމަށްފަހު އޭނަ އުޅުނީ ހެދުނު ސައިތައްޔާރުކޮށްގެން ކޮލެޖަށް ދާން ތައްޔާރުވާށެވެ. ފޯނަށް ބަލައިލަން ހަދާންވީވެސް ކޮލެޖަށްދާންވެގެން ފޯނު ނަގާފައެވެ. ހައިކަލްގެ މެސެޖް ފެނުމުން ލިބިފައިވާ ހިތްހަމަޖެހުން އެތައް ގުނަ ބޮޑުވުމާއިއެކު އަވަހަށް ޖަވާބުދޭންވެގެން ބަލައިލިއިރު ފޯނުގައި ބެލެންސެއް ނެތްތާ ޑޭޓާ އެޅިފައި ނެތްކަމުން ޖަވާބު ދިނުން ލަސްވީއެވެ.

ހައިކަލް އިރުކޮޅަކު ނިދާލާފައި ހޮސްޕިޓަލަށް ދިޔައީ އާޒީންގެ ހާލު ބެލުމަށެވެ. އަރީންއާއި ދިމާވެގެން އިތުރު ޚަބަރެއްދިނެވެ. މާއިޒް ކޮންމެވެސް އަންހެނަކަށް ޚަރަދުކުރާ ވާހަކައެވެ. އާއިލާ މީހުން ނުބަލަންވެގެން މަގަށް އެއްލާލާފައި އޮތް ބަލި އަދި ވާހަކަވެސް ނުދައްކާ މެންޓަލް އަންހެނެއްކަމުގައެވެ. އާޒީން އެހާ ބައްޔެވެ. އަޒަލްއާއި ދިމާވެގެން އެއުޅޭ ކަންތަކުންވެސް ބޯ ހަލާކުވާރުވެއެވެ. ޚުދު އޭނައާއި ދިމާވެގެން މިއުޅޭ ކައިވެންޏަކުންވެސް ސަލާމަތް ނުވެވިގެން ހުއްޓާ މިހާރު މާއިޒްގެ ވާހަކަ އިވުމުން ބޮލުގެ ރިހުން އިތުރުވިއެވެ. ހުރިހާކަންތައް އެއްފަހަރާ އުފުލަންޖެހުމުން ބޯފަޅައިގެންގޮސް ނުފިލާ ރިހުމެއް އުފެދިއްޖެއެވެ. ހޮސްޕިޓަލާއި ގެއާއި ދެމެދު ބުރު ޖެހުނު އަދަދެއްވެސް ނޭގެއެވެ. އާޒީންއަށް ވަގުތުދޭވަރަށް އަޒަލްއާއި އަޅާލާ އޭނަ އުޅޭނޫޅޭގޮތް ބެލުމަށްވެސް ޚާއްސަ ސަމާލުކަމެއް ދިނެވެ. ގެއަށް ވަންނަވަގުތު ސަލްވާ ފެންނަން ނެތުމުންނާއި އޭނަގެ މެސެޖަށް ޖަވާބެއް ނުލިބުމުން އެކަންތަކާއިވެސް ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. ސަލްވާ ރަގަޅުހެއްޔެވެ؟ ކޮލެޖަށް ދިޔަސް އޭނަގެ މެސެޖަށް ޖަވާބެއް ދެވިދާނެނޫންހެއްޔެވެ؟

ހައިކަލް މާއިޒްއާއި ދިމާވެފައި އެ އަންހެންމީހާގެ ވާހަކަ އޮޅުން ފިލުވިއެވެ. ނަފްސާނީބަލިމީހަކަށްވިޔަސް ކޮޓަރިއެއް ހިފައިގެން އެގޮތަށް ބާއްވަން މާއިޒް ބޭނުންވީ ކީއްވެހެއްޔޭ އަހާލުމުން މާއިޒްދިނީ ވަރަށް އެހެން ކަހަލަ ޖަވާބެކެވެ. އެއީ ވިޝާމްގެ ބެލެނިވެރިކަމުގެ ދަށުން އޮތް މީހެއްކަމުގައެވެ. ހަގީގަތުގައިވެސް ވިޝާމްއާއި ގުޅެއްއޮތް މީހެއްބާވައޭ ހިތަށް އެރިއެވެ. ނުވީތާކަށް އެމީހަކު އެއޮތީ އާޒީން ޖެހިގެން ހުރި ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގައެވެ. އެމީހާގެ ނަންވެސް މާއިޒް ބުނެދިނެވެ. ލީނާއެވެ.

"މާޒް. މިއަދު ހަވީރު ސަލްވާއަށް އާދެވޭނެހެނެއް ހިޔެއްނުވޭ. އާޒްގެ ކައިރީ މާޒް ހުންނަންވީނު. އިޝާކޮށް ކައިގެން އަންނާނަން..........." ހައިކަލްގެ ޖުމްލައިވިފާ މާއިޒް ސިހޭގޮތްވިއެވެ. މޫނުމަތިން އެކަން ނުދެއްކިޔަސް އޭނަގެ ހިތެކޭ އެނބުރޭ ވަހުތާނެކޭ އެއްގޮތެވެ. ދެކޮޅުހަދާކަށްވެސް ނުކެރުނެވެ. އާޒީންއޭނަދެކެ ނަފްރަތުކުރާއިރު އޭނައާއިއެކު އެއްކޮޓަރިއެއްގައި އޮންނަން ވެއްޖެއްޔާ އާޒީންގެ ބަލިވެސް ބޮޑުވެދާނެއެވެ.

މާއިޒް އެކޮޓަރިއަށްވަދެފާ ބަލައިލިއިރު އާޒީންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ހޫނުވެގެން މޫނުމަތި ރަތްވެފައިއޮތްއިރު ތުންފަތްވެސް ރަތްކަމުން ރަތް މަލެއްފަދައެވެ.

"ވަޓް އާރ ޔޫ ޑުއިން ހިއަ. ކޮބާތަ ބައްޕަ؟ " އާޒީން ކަންބޮޑުވިއެވެ.

"ބައްޕަ ދުރުވީ އަހަންނާއި ހަވާލުކޮށްފަ.." މާއިޒް ފުންނޭވަޔެއް ދޫކޮށްލަމުން ގަޑިއަށް ބަލައިލިއެވެ.

"ވަޓް؟ " އާޒީން ދެލޯ އަޅައިލިއެވެ.

"ޑޯންޓް ބީ ޑިފިކަލްޓް އާޒީން. ބައްޕައަށް ކޮންމެހެން ތަކުލީފުޖައްސާ މިކަންތައް މައްސަލައަކަށް ހަދާނެކަމެއްނެތް. އަހަރެންދެކެ އަންނަ ރުޅި އެހެންމީހުންނަށް އަންގައިގެން ފެމިލީ އިޝޫއަކަށް ހަދަން ނޫޅުނިއްޔާ ރަގަޅީ. ކަންތަކާއި ކެރިގެން ކުރިމަތިލާން ދަސްކޮށްބަލަ އާޒީން. ރުޅިއަޔަސް ނަޔަސް އެކީގައި އުޅެން ދޯ ޖެހިފައި މިތިބީ. އެހެންމީހުން އިންވޯލްވް ކުރަންޖެހިއްޖެއްޔާ މާ ރީއްޗެއްނުވާނެ. އެނގޭނެ މިބުނީ ކީކޭކަން. އަހަރެންވެސް ހުންނަ ހިތަކުންނޫން މިއައީ. އާޒީންއާއި އެއްވެސްގޮތަކުން ކައިރިވާކަށް ބޭނުމެއްނޫން. މިއީ މަޖުބޫރީއެއްކަމަށް ބަލާ. އަހަރެން މިތާ މިއިނަސް އާޒީންއަށް ބޭސްދީ އެހެން ކަންތައް ކުރާނީ ނަރުހުން......" މާއިޒް ދުރުގައި ހުރި ސޯފާއެއްގައި އިށީދެ ފޯނާއި ކުޅެންފެށިއެވެ. މާއިޒްގެ ވާހަކަތަކުން ރުޅިއައިވަރަށްވުރެ ދެރަވެސް ވިއެވެ. މާއިޒް އޭނަދެކެ ނަފްރަތުކުރާވަރު އެވާހަކަތަކުން ކިތަންމެ ރަގަޅަށްވެސް އަންދާޒާކުރެވިއްޖެއެވެ. އާޒީންއާއިމެދު އެހިތުގައި ކުޑަވެސް ލޯތްބެއްނުވެއެވެ. ބޭބެއެއްގެ ހައިސިއްޔަތުންވެސް މެއެވެ. އާޒީންގެ ހިތަށް ތަދުވިވަރަށްވުރެ ރުޅިގަދަވެ މާއިޒްގެ މޫނުމަތީގައި އެތިފަހަރެއްޖަހަން ހިތް ގޮވައިލިއެވެ. ބޮޑާ އިންސާނެކެވެ. މަގުމަތިން އަންހެނަކު ނަގައިގެން ގޮސް ރޫމެއްގައި ބާއްވައިގެން ޚަރަދުކުރާ ވާހަކަ އިވުނުފަހުން މާއިޒްދެކެ އަންނަ ރުޅި އެތައް ގުނަ އިތުރުވެއްޖެއެވެ.

ހައިކަލް ގެއަށް ވަދެފާ ފެންވަރައިލުމަށްފަހު ކޮފީތަށްޓެއްބޯލިއެވެ. ރަގަޅަށް ނުނިދުމުގެ ސަބަބުންނާއި އެތައް ފިކުރުތަކުގެ ސަބަބުން ބޮލުގައި ރިއްސާގޮތްވެފައި ހުއްޓަސް މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ތެތްކޮށް އޮތް އިސްތަށިގަނޑުގެ ސަބަބުން ދެންމެ ފެންވަރާލައިގެން އައިކަން ހާމަކޮށްދެއެވެ. ތެތް އިސްތަށިގަނޑުގައި އަތް ހިންގައިލަމުން އައިގޮތަށް ސަލްވާގެ ގައިގާ އަޅައިނުގަތީ ހަމަކިރިޔާއެވެ. ސަލްވާ ސަލާމް ގޮވައިލަމުން ހީލިނަމަވެސް އޭނަގެ ހިނިތުންވުން ހައިކަލްއަށް ފެންނާނެގޮތެއް ނެތެވެ. ސަލްވާ ޖެހިލުންވެފައި ހުރެވެސް އޭނަގެ ފޯނުގައި މައްސަލައެއް ޖެހިގެން އުޅޭކަމަށާއި ފޯނުގެ ޑިސްޕްލޭ ނުފެންނަކަމުގައި ބުނުމުން ހައިކަލް ފޯނު އަތުލިއެވެ. އެދެމީހުން އެހާ ކައިރީގައި ތިބެ ފޯނަށް ބަލަބަލާފައި އެދައްކަނީ ކޮން ވާހަކައެއްކަން ނޭގިގެން މަތީބައިގެ ބެލްކަނީގައި ބަލަންހުރި މެހެރީނާގެ ހިތްފަޅި ފަޅިވާވަރުވިއެވެ. ސަލްވާ އެތެރެއަށް ވަދެގެން ދިޔުމުން ހައިކަލްއަށް މައްޗަށް ބަލައިލެވުނީ އަސްލު ސަލްވާއަށް ބަލައިލަންވެގެންނެވެ. ނަމަވެސް މެހެރީނާގެ ނުރުހުމުގެ ނަޒަރު ފެނުމުން ހައިކަލް ހިނިއަންނަގޮތްވެސްވިއެވެ. ނަމަވެސް އެއީ އޭނަގެ މައިންބަފައިންވެސް ދެކޭގޮތްކަން ހަދާންވެފައި ހިތުގެ ކަނަކުން އެކަމާއި ހިތާމަކުރިއެވެ.

އެންމެން ނަފްރަތުކުރިޔަސް އޭނަ އިންތިޒާރުކުރަމުން އައިފަދަ ބައިވެރިޔަކީ ސަލްވާކަމުގައި ހިތް ބުނަންވީ ސަބަބެއްވެސް ނޭގެއެވެ. ސިފަ ރަގަޅަށް ނުފެންނައިރުވެސް އޭނަގެ އުޅުމުން ހައިކަލްގެ ހިތަށް ބާރު ފޯރުވައިފިއެވެ.

ޒައިތޫން މެހެރީނާއާއިއެކު މަތީބަޔަށް އެރީ މެހެރީނާ އަލަށް ގެނެސްގެން އުޅޭ މާގަސްތަކެއް ބަލައިލުމަށެވެ. އަޒަލްވެސް ކޮޓަރީގެ ދޮރު ހުޅުވާލާފައި މާމަމެން ކުރާކަމެއް ބަލައިލަން ފަހަތުން ދިޔައެވެ. ތިންމީހުންނަށް ހައިރާންކަމެއް ލިބުނީ ބެލްކަނީގައި ހުރި ކައުޗެއްގައި ސަލްވާ ނިކަން ހަމަޖެހިލައިގެން ނިދާލާފައި އޮތްތަންފެނިފައެވެ. މޫނުމަތިން ފޮތިކޮޅު ނައްޓާލައިގެންއޮތްއިރު މޫނުގެ ރީތިކަމާއި އޮމާންކަމުން ފޭޝަލް ހަދާ މޮއިސްޗަރައިޒާއެއް ލާފައިވާފަދައެވެ. އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް އެޅިފައިވާއިރު އެދޮންމޫނު ވިދުންގަދަކަމުން އަތް ޖައްސާލިޔަސް ސޮއްސާލާނެކަން ޔަގީނެވެ. ފިޔާތޮށިކުލަގަދަ ތުންފަތުގެ ބައްޓަންއެހާ ނަލައެވެ. މެހެރީނާގެ ހިތްހަސަދައިން ފޯވެގަތްއިރު ޒައިތޫންގެ ހިތަށް ބިރުވެރިކަންވަނެވެ. އޭނަގެ ދަރިފުޅު ހައިކަލް މި އަންހެންކުއްޖާގެ ސިހުރުގައި ނުޖެހޭނެހެއްޔެވެ؟ އަޒަލް އޭނަގެ ބޮޑުދައިތަގެ މޫނަށް ބަލާލާފައި ހިނިއަންނަގޮތްވިއެވެ. އޭލިއަންއެއް ފެނުނަސް ބޮޑުދައިތައަށް އެހާ ޝޮކެއްލިބޭނެކަމެއް ނޭގެއެވެ.

"ޔަޕް ޝީޒް ޕްރިޓީ އެކަމަކު އަނގަ ހުޅުވާލާފިއްޔާ ބަބުރު ދަތްތައްކަން ނޭގޭ ހުންނާނީ. ދުވަހަކު ދަތްނޫގުޅާ ކޮބަޑިޖަހާފައިވެސް ހުރެދާނެ. އިސްތަށިގަނޑުވެސް އޮންނާނީ ތަލަކޮށް. ހުރިހާ ސިފަތައް ރީތި މީހެއް ނޫޅޭނެ.........." އަޒަލް ހީގަނެފައި ތަންކޮޅެއްމަޑުމަޑުން ކިޔައިލިއެވެ. ޚުދު އަޒަލްވެސް ހުރީ ސަލްވާގެ ރީތިކަމާއި އުމުރުގެ ޅަކަން ފެނިފާ ހުއްޓުން އަރާފައެވެ. ސަލްވާ ދޮގުވެސް ހެދީއެވެ. ބޮޑުދައިތަގެ އުމުރުގެ މީހެއްކަމަށް ހެދިގެން ހުރިއިރު އަޒަލްމެންގެ އުމުރުގެ ކުއްޖެކެވެ. އަޒަލްވެސް ކަންބޮޑުވެއްޖެއެވެ. މިކަންތައް މީހުންނަށް އެނގިއްޖެއްޔާ ހާދަ ލަދުގަންނާނެއެވެ. ބައްޕަ އަނެއްކާ އެމީހުން އޮޅުވައިލަން ދޮގުހެދީހެއްޔެވެ؟

"ހަހަ. މިހާރުވެސް އެއޮތީ މި މަންޖެ ސެލޫނަކުން އައިގޮތަށްހެން ހީވޭ. ދޮންބެ އަތުން ލާރިގަނޑު ކައްވާލައިގެންގޮސް ބޭނުންހާ އެއްޗެއްގަނެ އިއްޒަތުގައި އުޅެވޭނެއްނު. ޑައިމަންޑް ފޭޝަލްއަށް ދާންދެން ހައްދައިގެން ފައުންޑޭޝަނާއި އެއްޗެހި އުގުޅާލައިގެން މިއޮތީ. ގަބޫލެއްނުކުރާނަން ހަގީގީ ރީތިކަމެއްކަން. ޝައިތާނީ އަންހެނެއް......." މެހެރީނާ މަލާމާތްކުރިއެވެ. ކުއްލިއަކަށް ސަލްވާގެ އެސްފިޔަތައްތަޅުވާލަފައި ދެލޯ ހުޅުވައިލިގޮތަށް އޮޓޯއަށް ލެވިފައިހުރިކަހަލަ ގޮތަކަށް ވަގުތުން އުޅެގަތީ އޭނަގެ މޫނު ފޮރުވާށެވެ. މެހެރީނާ ދިމާކުރިމަތީގައި ހުއްޓިގެންހުރިއިރު އަޒަލް ވައިސޫރިއެއްހެންގޮސް އޭނަގެ ކޮޓަރިއަށްވަދެ ބަންލާފައި ދޮރު ލައްޕާލައިފިއެވެ. ޒައިތޫން ބާރުބާރަށް ހިނގާފައިގޮސް ސިޑިއާއި އަރާހަމަވެއްޖެއެވެ.

"ދޮންބެ މިގަޑީގައި ގެއަށް އަންނާނެކަން އެނގޭތީ ހަމަ ދެއްކެންވެގެން އިޝްތިހާރެއްހެން ހަތަރެސްފައި ދަމާލައިގެން އެބައޮވެއެއްނު. ހާދަ ލަދުކުޑަ ގޮތެއްނެތް އަންހެނެކޭ. ކަލޭ އަހަރެމެންނަށް މޫނު ފޮރުވަންވެގެން އުޅޭ ސަބަބެއް މަށަކަށް ނޭގޭ..ކޯޗެއްތަ ފޮރުވަނީ؟ ބަލަ މި އާއިލާގައި ކަލެއަށްވުރެ ހާސްބައި ރީތި އަންހެނުން އުޅޭ. ރައުދާއާއި ކެމީލާ ފެނިއްޖެއްޔާ ކަލޭ އަމިއްލަ ނަފުސަށް ހަމްދަރުދީވާނެ.." މެހެރީނާ ރުޅި ކޮންޓްރޯލް ނުކުރެވި ސަލްވާގެ މޫނުގައިވާ ފޮތިކޮޅާއިއެކު ބުރުގާވެސް ދަމައިގެންފިއެވެ. ސަލްވާ ލަދުން ހަލާކުވާވަރުވިއެވެ. އެދޮން ދޮން މޫނުގެ އޮމާންކަމުން ދިއްލިފައި ވާތަން ފެނި މެހެރީނާ އަދި ވަކިން ބޮޑަށް ރުޅިއެރިއެވެ. މޫނުމަތީގައި އެތިފަހަރެއް ޖެހުމުން އެކޯތާފަތް ރަތްވިއެވެ. ވޫލްކޮޅަކުން އައްސާލާފައި އޮތް ފަން އިސްތަށިގަނޑުގައި ހިފިގޮތަށް ލައްކިޖެހިއެވެ. ދެވަނަފަހަރަށްވެސް ސަލްވާގެ މޫނުމަތީގައި ޖަހާފައި ކޮށްޕާލިގޮތަށް އޭނަ ގުޅައަކަށް ދޫލަމައްޗަށްޖެހުނެވެ. އަތްޖެހުނުގޮތަކުން އަތުކުރިއަށްވެސް ތަދުވެއްޖެއެވެ. ސަލްވާގެ ދެލޮލަށް ކަރުނަ ޖަމާވިގޮތަށް ކޯތާފަތްމަތިން ތިރިއަށް ދެމެންފެށިއިރު ދެކޭމީހަކަށްވެސް އަސަރުކުރާނެއެވެ. ކުށަކާއި ނުލާ އަނިޔާލިބެމުން ދިޔަ މައުސޫމް ފުރާނައެކެވެ.

"އަޅުގަނޑު ކުރީ ކޮންކުށެއްކަން އެނގުނީމައެއްނު ރަގަޅުކުރެވޭނީވެސް. ޕްލީޒް އަނިޔާނުކުރޭ..............." ސަލްވާ ތެދުވަމުން ބުނެލިއެވެ. މުށިދެލޯ ކަރުނުން ތެމެމުންދިޔައިރު އެހިތަށް ކޮށްފައިވަނީ ބުނަންނޭގޭފަދަ އަސަރުތަކެވެ. މިމީހުންގެ މުއްސަދިކަމާއި އިއްޒަތްތެރިކަން ބޮޑުކަމުން އޭނަފަދަ ނިކަމެތި އަންހެންކުއްޖަކު ދުވަހަކު ގަބޫލުކުރަން ތައްޔާރަށް ނެތްކަން ޔަގީންވެ ހިތަށް އަސަރުކުރިއެވެ. އެހިތުގައިވަނީ ހައިކަލްއަށްޓަކާ އިހުތިރާމްއާއި ލޯބި އުފެދިފައެވެ. ނަމަވެސް މިހާވަރުން މިގޭގައި އުޅޭނީ ކިހިނެއްހެއްޔެވެ؟ މިއަދުވެސް މިތާ އޮވެ ނިދުނީ ގަސްތުގައެއް ނޫނެވެ. ރޭ ރަގަޅަށް ނިދި ނުލިބުމުގެ ސަބަބުން ފޮތެއް ކިޔަން އިނދެފާ ޖައްސާލެވުނީ މި އަންހެނުންނަށް ފެންނަންކަން ނޭގެއެވެ. އޭނަގެ ސޫރަދެކެވެސް އެމީހުން އެއަންނަނީ ހާދަ ވަރުގަދަ ރުޅިއެކެވެ.

ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވިފައި މެހެރީނާ އެނބުރިބަލައިލިއިރު ސަލްވާގެ ކަރުނުން ފުރިފައިވާ ދެލޯ އެމީހެއްގެމޫނަށް ހުއްޓުނެވެ.

 

ކޮމެންޓް 0