ސަލްވާ ކާކޮޓަރީގައި އުޅެނިކޮށް ގެނެސްފައި ބުނީ އޭނަ ޕޫލަށް އެރެން ބަލައިލިއިރު ހިކިފަތްތައް އެޅިފައިވާ ކަމަށާއި ފަތްތައް ނަގާދިނުމަށެވެ. މެހެރީނާ ދިއްކޮށްލީ އެއްކޮޅުގައި ދާގަނޑެއްޖަހާފައިވާ ބުރުހެކެވެ. ސަލްވާ ޕޫލްގެ އަރިމަތީގައި ހުއްޓިލައިގެން ހުރެ އެމަސައްކަތްކުރަން ފެށިއެވެ. ކުއްލިއަކަށް މެހެރީނާ ފަހަތުގައި ހުރެފަގޮސް ޖެހިގަތީ ގަސްތުގައެވެ. ސަލްވާއަށް ހަށިގަނޑު ބެލެންސްނުކުރެވުމާއިއެކު ވިއްސައިގެންގޮސް ޖެހުނީ ޕޫލްގެ އެންމެ ފުންދިމާލުގައެވެ. ފަތަންނޭގުމާއިއެކު ދާދި އަވަހަށް ފެން ބޮވި ނޭވާނުލެވިގެން ސަލްވާ އުޅުނު މަންޒަރު ދެކެން މެހެރީނާ ހުރީ ހެވިލާފައެވެ. ރަހުމާއި ހަމްދަރުދީގެ ކަންފުޅެއްވެސް އެހިތަކު ނުވިއެވެ.

މެހެރީނާގެ ރޭވުމާއި އެއްގޮތަށް އޭނަ ދެން ގުޅީ ވިޝާމްއަށެވެ.

"ވިޝާމް. ސަލްވާ ޕޫލަށް ވެއްޓިގެން މިއުޅެނީ. ދޮންބެވެސް ގެއަކު ނެތް. ހަރީ އަޕް..........." މެހެރީނާ އަވަސްއަރުވާލާފައި ވާހަކަދެއްކިއެވެ. އަވަސްކުރާން އެދުނެވެ. ދެތިން މިނިޓް ނުވަނީސް ވިޝާމް އައީ ހަމައެކަނި ބޮކްސާލައިގެން ހުސްގަޔާއެވެ. ފެންވަރަން ހުރެލާފައި ކަން އެނގެނީ ގައިގާ ފެން ހުރީމައެވެ. ވިޝާމް ޑައިވެއް އަޅާލިގޮތަށް ގެނބެމުން ދިޔަ ސަލްވާ ސަލާމަތްކޮށް ޕޫލްގެ އެއްފަރާތުގައި ބޭއްވިއެވެ. ސީޕީއާރު ދިނުމުން ކުޑަކޮށް ކެއްސާލާފައި ދެލޯ ހުޅުވަން މަސައްކަތްކުރިއެވެ. އަދި ދެބަދޭތެރޭގައި ކަހަލަގޮތަކަށް އޮވެ ވިޝާމްގެ ގައިގާ ބައްދާލީ ބާރަކަށެވެ. އޭނަ ގޮވާލީ ހައިކަލްއަށެވެ. ހައިކަލްކަމަށް ހީކޮށް ކުރެވުނު އެ މައުސޫމް ހަރަކާތަކީ އޭނަގެ ހަޔާތް އެފުށް މިފުށަށް ޖަހާލާނެ ކަމެއްކަމެއް ސަލްވާއަކަށް ނޭގުނެވެ. މެހެރީނާ އެހުރިހާ ކަމެއް ވީޑިއޯ ކުރިއެވެ. ސަލްވާއަށް ރަގަޅަށް ހޭވެރިކަންވުމުން ކުއްލިއަކަށް ވިޝާމްގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލަން އުޅުނެވެ.

"ޑޯންޓް ބީ ސޯ ކްރުއެލް ބޭބީ......" ވިޝާމްގެ ހިތުގައިވާ އެއްޗެއް ދުލާ ހަމަޔަށްވެސް ނުފޯރިއެވެ. އޭނައަށް މެހެރީނާ ގުޅީ ފެންވަރާ ނިމިގެން ނިކުތްތަނާއެވެ. އެކޯލު ނަގާފައި ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ބިރަކީ ލައްވާފައިވާ އިހުސާސެއް ނަމަވެސް އެވަގުތު މުޅި ހަށިގަނޑަށް އެވީގޮތްތައް ދުލުން ބަޔާންކުރަން ނުކުޅަދާނައެވެ. ސުޕަމޭންގެ ބާރު ލިބުނުހެންވެސް ހީވިއެވެ. ދެތިން ސިކުންތުކޮޅުގައި އޭނަ ޕޫލަށް އެރި ސަލްވާ ފެނުން މައްޗަށް ނަގައިފިއެވެ.

ސަލްވާ ދުވަމުން ދުވަމުންގޮސް ލޯ މަތިން ގެއްލުމުން ހަށިގަނޑު ދަމާލިގޮތަށް އެތައް އިރެއްވާންދެން އޮވުނުފަހުން ހިތް ހަމަޔަކަށް އެޅިއްޖެއެވެ.

ސަލްވާ ތެތްހެދުން ބޭލުމަށްފަހު ފެންވަރާ މާގަނޑުދޮށުގައި ހުއްޓުނެވެ. އެ ހިނގި ހާދިސާއާއިމެދު ވިސްނިވަރަކަށް ހިތުގައި ބިރުވެރިކަން އިތުރުވިއެވެ. މެހެރީނާގެ ނުރައްކާތެރިކަން ހީކުރިވަރަށް ވުރެ ބޮޑެވެ. އޭނަ ބުނިހެން މަރާލާކަށްވެސް ފަހެއްނުޖެހޭނެއެވެ. ހައިކަލް ކައިރީ ނުބުނެ ހުއްޓާ ދުވަހަކަށްވުރެ ދުވަހެއް އޭނައަށް ނުރައްކާ ވަނީއެވެ. މިއަދު ވިޝާމް ނައިނަމަ އެ ފެންގަނޑުން ނެރެންޖެހޭނީ އޭނަގެ ފުރާނަނެތް މަސްގަނޑެވެ. ހެއްދެވިފަރާތް ފިޔަވާ އެހެން ހުރިހާ ފަރާތްތަކަށް އޭނަގެ މަރުގެ އަސްލު ސަބަބު ސިއްރުކުރެވިގެން ދިޔައީހެވެ. ހައިކަލްއާއެކު ރިޒޯޓަށްގޮސްފައި ފަތަން ދަސްކުރެވުނު ނަމައެވެ. އޭރު އެނގުނީ ހަމައެކަނި ފެނުން މަތީގައި އޮންނާށެވެ. ކުއްލިއަކަށް މެހެރީނާ އޭނަ ކޮށްޕާލުމުން ބިރުންގޮސް އެހުރިހާކަމެއް ހަދާން ނެތިގެން ދިޔައެވެ.

"ޔާ ﷲ. މިއަޅާއަށް ކެތްތެރިކަން ދެއްވާށި. އަދި ކެތްތެރިންގެ ތެރޭގައި ލައްވަވާދޭވެ." ހަށިގަނޑު ކާނާއަށް ބޭނުންވާފަދައިން ފުރާނައިގެ ކާނާއަކީ ނަމާދާއި ދުޢާއެވެ. އެހާވެސް ނަމާދާއި ދުޢާ މުހިއްމެވެ. ގުރުއާނަކީ ޝިފާއެވެ. ވީއިރު އޭނަ އެހުރިހާ ކަމަކުން ހިތްވަރު ހޯދާ ކެތްކުރާނެއެވެ. ދެރަކަމެއް މީހަކު ކޮށްފިއްޔާ އެފަދަ ކަމެއް އެހެންމީހަކަށް ނުކުރަން އަމިއްލަ ނަފުސާއި ހެއްދެވިފަރާތަށް އޭނަ ވައުދުވެފައިވިއެވެ. މެހެރީނާއަށްވެސް ހެޔޮ ވިސްނުން ދެއްވުމަށް އެދެވުނެވެ. މެހެރީނާ އޭނަ މަރާލަން އުޅުނަސް އޭނައަށް މެހެރީނާއަކީ ކާކުކަން އެނގެއެވެ. އެއީ ހައިކަލްގެ ކޮއްކޮއެވެ. ހައިކަލް ލޯބިވާ ފަރާތްތަކަށް އޭނަގެ ހިތުގައިވެސް ކުލުނު އޮވެއެވެ. އެވަރުގެ ބޮޑު ކާރިސާއެއް ހިންގުމަށްފަހުވެސް ސަލްވާ ހުރީ މާފު ދޭން ތައްޔާރަށެވެ.

މެހެރީނާ މާފަށް އެދިފައި މެސެޖްކުރިއެވެ. އޭނަ ގަސްތުގައި ކުރިކަމެއް ނޫންކަމަށާއި ކައްސާލައިގެން ވެއްޓުނީކަމަށް ބުނެ އޮޅުވާލިއެވެ.

ހަވީރު ނުވަނީސް ވިއްސާރަ ހަދާލުމުން އަނދިރިކަމުން ރޭގަޑެކޭ އެއްވަރުވިއެވެ. ބޯކޮށް ވާރޭވެހޭ ރޭރޭ ހައިކަލްގެ ކާރުތެރޭގައިގޮސް ވާރޭވެހޭ މަންޒަރު ބަލަން ތިބުމަކީ އާޒީންއާއި އަޒަލް ނިކަން ކުރާ ހިތްވާކަމެކެވެ. ބޮޑު ގޯތްޗެއްކަމުން އެއްފަރާތުގައި ކާރު ޕާކުކުރެވޭނެ ތަންކޮޅެއްވެސް ހުރެއެވެ. ދެކާރު އެއްފަހަރާ ބޭއްވޭނެހާ ތަނަވަހެވެ. ސްނެކްސް ޕެކެޓްތަކެއް ހިފައިގެންގޮސް ކާރުގައި ޖައްސާލުމާއިއެކު ބޯ ވިލާގަނޑުން ވާރޭ ވެހިގަތީ ހަމަ ކުއްލިއަކަށެވެ.

ގަސްތަކުގެ ތެރެއިން ވެމްޕަޔަރެއް އުދުހިފައި އައިއްޔާ މިވަގުތު ހަދާނެ ގޮތެއް އެނގޭނެހެއްޔޭ ކިޔާފައި އަޒަލް ސުވާލުކުރުމުން އާޒީން ހޭންފެށިއެވެ.

"އައިމް ނޮޓް ސްކެއާޑް ސްޓުޕިޑް....." އާޒީން ވައްތަރެއް ޖައްސައިލިއެވެ. އަޒަލްގެ ޚިޔާލު އޭރުވެސް ގުޅިފައިވީ ވިޝާމްއާއެވެ. އެހެން އިންއިރުވެސް ފޯނު ހުޅުވާލައިގެން އިނދެ ބެލުނީ ވިޝާމްގެ އެފްބީއަށެވެ. ވިޝާމްއާއި މާއިޒް މާ ޚާއްސަ އެއްޗެއް ލާފައި ނެތަސް އިނގިރޭސިބަހުން ލިޔެފައިވާ ސްޓޭޓަސްތަކާއި މެދު ވިސްނާލަން މަޖުބޫރުވިއެވެ.

"އެންމެ ގާތުގައި އެހެނަސް އެންމެ ދުރުގައި "

"އަމިއްލަ ހައްގަކަށް ހަދާށޭ ކިޔާފައި ވަސްވާސްދޭ ޝައިތާނުންނާއި ދެކޮޅަށް ހަގުރާމަކުރަން ޖެހޭނީ ކިހާ ދުވަހަކަށް ކަމެއްވެސް ނޭގޭ"

"އަހަރެންގެ އެންޖެލް މަޑުމަޑުން އަހަރެން މަރާލަނީ " އޭގެ މާނަ ފުންކަމާއިމެދު ޝައްކެއްނެތެވެ. އާޒީންއަށް އެ ސްޓޭޓަސްތައް ކިޔާދިނުމަށްފަހު އަޒަލް ގަސްތުކުރީ އޭނަގެ ސިއްރު އާޒީންއާއި ކޮންމެވެސް ވަރަކަށް ހިއްސާކޮށްލުމަށެވެ. ނޫނީ އޭނަގެ ބޯ ފަޅައިގެން ހިނގައިދާނެއެވެ.

"އައި ހޭވް ޓު ޓެލް ޔޫ ސަމްތިން......." އެޖުމްލަ ދެކުދިންނަށް ބުނެވުނީ ހަމަ އެކީގައެވެ. އެއާއިއެކު ދެކުދިންނަށް ހީގަނެވުނެވެ.

"ޔޫ ގޯ ފަސްޓް..." އާޒީން ބުނެލިއެވެ. އަޒަލް ވައްތަރެއް ޖައްސާލާފައި ތަންކޮޅެއް ހަމަޖެހިލައިގެން ސީޓުގައި ލެނގިލިއެވެ. އޭނަ އެންމެ ފުރަތަމަ ކިޔައިދިނީ ފޭސްބްލައިންޑްނެސްއިން ވާގޮތެވެ. ފޭސްބްލައިންޑްނެސްގެ ސަބަބުން ގުޅުންތަކަށް ކުރާނެ އަސަރާއި ވާ އުދަގޫތަކާއި އެ މައްސަލަ ދިމާވެދާނެގޮތްތައް ކިޔާދިނެވެ. އޭނަ ބޮލަށް އަނިޔާވިގޮތާއި އެފަހުން އެއްވެސް މީހަކު ވަކިކުރަން ނޭގޭ ވާހަކަ ބުނުމުން އާޒީން އިނީ ގަނޑުވެފައެވެ. އަނގަމަތީގައި އަތްއެޅުނެވެ. އަޒަލްއަށް ވީގޮތުން ދެރަވެ ހިތް ކުދިކުދިވާގޮތް ވިނަމަވެސް އާޒީން ޝޮކެއްގައި އިނުމުން ރޯކަށްވެސް ނޭގުނެވެ. ހިލައިގެ ބުދެއްހެން ގާވެފައި އިނީއެވެ. އަޒަލް އެހާ ބަދަލުވީ އެހެންވީމަކަން ޔަގީނެވެ. ކުރިން ހާދަ އުދަގޫކޮށް ޖެއްސުންކޮށް އުޅޭ ލާނެތް ކުއްޖެކެވެ. އަޒަލް އޭނައާއި ވިޝާމް ކައިވެނިކުރަން ޖެހުނު ސަބަބާއި މިހާރު ވިޝާމްގެ ސިފައަށްވުރެ މިޒާޖުގެ ސަބަބުން ގަޔާވާން ފެށިކަމަށް ބުނެ ހިތުގެ އިހުސާސްތައް ކިޔައިދިނެވެ. އާޒީން ހީކުރީ ދުނިޔެއިން އެންމެ ހިތާމައިގާ އުޅެނީ އޭނަ ކަމުގައެވެ. އާޚިރުގައި އެހެނެއްނުވިއެވެ. އަޒަލްގެ ފަސާނާ އެއަށް ވުރެ މާ ހިތާމަވެރިއެވެ. އެއްމާބަނޑު ދެބެންނަށްވީއިރު އެފަދަ ސިއްރުތައް ފޮރުވައިގެން ތިބުމަކީ އެންމެ އެކަށީގެންވާކަމެއްވެސް ނޫނެވެ.

އަޒަލް އާޒީންއަށް އެންމެ ކަމެއް ސިއްރުކުރިއެވެ. ސީޓީ ސްކޭން ހެއްދި ވާހަކައެވެ. ކިޔައިދެވުނު މިންވަރު އެންމެ ރަގަޅެވެ. ބޮލުން އެތައް ޓަނެއްގެ ބުރަދަން ލުއިވެ ސިކުނޑިއަށް އަރާމުވިއެވެ.

"ޒެލް. ޔޫ ނީޑް ޓު ޓެލް ޑޭޑް. ބައްޕަ ނިއުރޯ ސާޖަންއަށްވީމަ ސިކުނޑި މަސައްތްކުރާގޮތުގެ މައުލޫމާތު މާރަގަޅަށް ލިބޭނެ. މީހުން ރިކޮގްނައިޒްކުރާ ބައި ޑެމޭޖްވުމުން ކުރާނެ ފަރުވާއެއް ހޯދިފައި އޮވެދާނެ. ސައިންޓިސްޓުން ދުވާލުދާ ހަތަރުދަމު އެއުޅެނީ ރިސާޗް ހެދުމުގައި. ފަހަރެއްގައި ހަމަ އާ ބޭހެއް ހޯދަފާނެ. ޕްރޮމިސްމީ ޑޭޑް ކައިރީ ބުނާނެކަމަށް....." އާޒީންގެ ވާހަކައިން އަޒަލްގެ ހިތަށް ބިރުވެރިކަން ވަނެވެ. މަރުވެދާނެތީ އޭނަވެސް ބިރުގަނެއެވެ. ނަމަވެސް އަދި އެއްވެސް ފަރުވާއެއް ހޯދަން އޭނަ ތައްޔާރެއްނޫނެވެ. އަޒަލްބުނީ އެކަމަށް އަދި ވަގުތު ބޭނުންވާކަމުގައެވެ. އަޒަލް ކުރުނުކޮށްގެން އާޒީންއަށް ޖެހުނީ އެވާހަކަ ހުއްޓާލާފައި އާޒީންގެ ވާހަކަ ކިޔައިދޭށެވެ.

"ޒެލް ޑޯންޓް ފްރީކް އައުޓް. ފަހަރެއްގައި މި ވާހަކަ އަޑުއަހަންވެސް އުދަގޫވެދާނެ. އައިމް އިން ލަވް ވިތް ސަމްވަން......އެކަމަކު... ލޯބިވުން ހުއްދަނޫން ފަރާތަކަށް މި ބަސްނާހާ ހިތް ދެވުނީ........." އާޒީންގެ ޖުމްލައާއިއެކު މާއިޒްގެ މޫނު ޚިޔާލީ ލޯގަނޑަށް ވެރިވީ ކީއްވެކަމެއް ޚުދު އަޒަލްއަކަށްވެސް ނޭގުނެވެ. ހުއްދަނޫން ލޯތްބަކަށްވާނީ މާއިޒްދެކެ ލޯބިވެވިއްޖެއްޔާއެވެ. އެދެމީހުން ގެދޭތެރޭގައި އޮންނަނީ ތަފާތު ގުޅުމެއްކަން އަޒަލް ފެށުނީއްސުރެން ދަނެއެވެ.

"މާއިޒް" އަޒަލް ދެލޯ ތަންމިނަށް ހުޅުވާލައިގެން އިނެވެ.

އާޒީން ބޯ ޖަހައިލިއެވެ.

"ވަޓް؟ " އަޒަލްއަށް ހަޅޭއްލަވައިގަނެވުނެވެ. އާޒީން ކަންބޮޑުވެފައި ހަޅޭއްނުލަވާށޭ ބުނާފަދަ ގޮތަކަށް އަނގަޔަށް ހެދިއެވެ.

"ވެއިޓް. ދެއާޒް މޯ......."އާޒީން ފުންނޭވައެއް ދޫކޮށްލިއެވެ. އަދި އޭނަ ކިޔައިދިނީ މާއިޒްގެ ހަގީގަތެވެ. މާއިޒްއަކީ އެކުދިންނާއި ލޭގެ ގޮތުން އެއްވެސް ގުޅުމެއްނެތް ޒުވާނެއްކަމާއި ބައްޕަ އަމިއްލަ ދަރިއަކަށް ހަދައިގެން ގެންގުޅޭ ކުއްޖެއްކަން އެނގުމުން އަޒަލްއިނީ ޝޮކެއްގައެވެ. އެހުރިހާ ދުވަސްވީއިރުވެސް އާޒީން އެހެރީ އާއިލީ ސިއްރު ފޮރުވައިގެންނެވެ. މިހާރު އެކަން އެނގުނަސް ގައިމު އަޒަލްގެ ހިތުގައިވާ ލޯބިން އެންމެ ތަންކޮޅެއްވެސް އުންޏެއް ނުވާނެކަން ގައިމެވެ. އޭނަ އަބަދުވެސް މާއިޒްއާއި މެދު ދެކުނީ ލޯބިވާ ބޭބެގެ ގޮތުގައެވެ. މާއިޒްވެސް އެފަދައެވެ. ވީއިރު ލޭގެ ގުޅުމެއްނެތަސް ލޯތްބާއި ކުލުނު އަބަދަށްޓަކާ އެދެމެދުގައިވާނެއެވެ. ވީއިރު އާޒީން މާއިޒްދެކެ ލޯބިވުން ހުއްދަނުވާނެ އެއްވެސްގޮތެއް ނެތެވެ. ހިތް ހަލާކުކުރުމުގެ އެއްވެސް މާނައެއްނެތެވެ. އިރާދަކުރެއްވިއްޔާ މާއިޒްއާއި އާޒީން ކޮންމެވެސް ދުވަހަކުން ގުޅޭނެއެވެ.

"ވާރޭ ހުއްޓާލަންދެން ދެކުދިން ވާހަކައިގާ ތިބެފައި ގަޑި ބަލައިލިއިރު ދަންވަރު ދޭއްޖަހައިފިއެވެ. ނިދީގެ އުދަގޫތައް ބޮޑުވެގެންގޮސް ލޯ ހުޅުވައިނުލެވޭވަރު ވިޔަސް ދެކުދިންވެސް ދަމު ނަމާދު ކޮށްގެން ނޫނީ ނުނިދަން ނިންމިއެވެ. ދަންވަރު އެގަޑީގައި މާތް ﷲ އެންމެ ތިރީ އުޑަށް ތަޖައްލީ ވޮޑިގެންވާކަމާއި ކުރާ ދުޢާތައް އިޖާބަވާނެކަމުގައި ބުނެ ސަލްވާ ދެއްކި ވާހަކަތައް އަޒަލްއާއި އާޒީންވެސް ހަދާން ނައްތައެއްނުލައެވެ. މާތް ﷲ ވަހީކުރައްވާނެއެވެ. ތިމަން ރަސްކަލާގެ ކައިރިން ކަމަކަށް އެދި ދަންނަވަނީ ކާކުތަ؟ ފާފަ ފުސްސެވުމަށް އެދި ދަންނަވަނީ ކާކުތަ؟ވީއިރު އެފަދަ ވަގުތެއްގައި ނިދާފައި ތިބުމަށްވުރެ ތަހައްޖުދު ނަމާދުކޮށް ދުޢާކުރުން އެތައް ގުނަ ފައިދާ ބޮޑެވެ.

ދުޢާއަކީ ބާރުގަދަ ހަތިޔާރެކެވެ. ނިޔާފުޅުގައި ލިޔުއްވާފައިވާގޮތް ބަދަލުކުރެވެނީވެސް ދުޢާއިންނެވެ.

އާޒީންގެ މޫޑު ގޯސްކަމުން އެހެންމީހުންގެ އިހުސާސްތައް ދެނެގަނެ އެހެންމީހުންނާއި ގުޅިގެން އުޅެވޭވަރެއްނޫނެވެ. އަބަދު ހުންނަނީ ތުން ފިތާލައިގެންނެވެ. އެކަމަކު ކޮލެޖަށް ދަމުން ކާރު ދުއްވުމުގެ ލައިސެންސްވެސް އާޒީން ނެގިއެވެ. ތަނަކަށް ދާންވާއިރަށް ޑްރައިވަރަށް ނޫނީ އެހެންމީހަކަށް އުދަގޫނުކޮށް އަމިއްލަ މިނިވަންކަމާއިއެކު އުޅެވޭނެތާއެވެ.

ބޯކޮށް ވާރޭވެހުމަށްފަހު މާލޭގެ މަގުތަކުގައި ކޮންމެވެސް ވަރަކަށް ފެން ހެދި ހަޑިވެފައި އޮތެވެ. ހިނގާފައިދާ މީހުންނަށް ބަލައިގެން އާޒީން ކާރު ދުއްވާފައި އައީ ދަށް ސްޕީޑެއްގައެވެ. ރޯޒްމެހެލްގެ އަނެއް ފަރާތު ގޯޅިގަނޑުގައި މާއިޒްއާއި އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ ވާހަކަދައްކަން ތިބިތަން ފެނުމުން އާޒީންގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. މާއިޒް އެހެރީ ޑިއުޓީއިން އައިގޮތަށް ކަންނޭގެއެވެ. ބެގީ ނައްޓައިގެން ހުރިއިރުވެސް އެހާ ސްމާޓެވެ. އެވެސް އެ އަންހެންކުއްޖާ ކުރިކަމެކޭ ހިތާފައި އާޒީންގެ ހިތުގައި ވި ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. ކާރުގެ ސްޕީޑް ކުއްލިއަކަށް ބާރުކުރިގޮތަށް އެކުއްޖާގެ ގައިގާ ޖައްސާލަން ހިތަށް އަރުވާފައިވެސް އޭނަ ސަލްވާ ދަސްކޮށްދިން ދުޢާކުރިއެވެ. ރުޅިއަކީ ޝައިތާނީ އަމަލެއްކަން އަމިއްލަ ނަފުސަށް ހަދާންކޮށްދިނެވެ. ކެތްތެރިކަން އިސްކުރިނަމަވެސް އޭނަ އެއަންހެންކުއްޖާއަށް ކޮންމެވެސް ކަހަލަ އުދަގުލެއްކޮށްނުލާ ނުހުރެވުނެވެ. އެ ދިޔަބާރުމިނުގައި ކާރު ދިޔުމުން އެކުއްޖާ ލައިގެން ހުރި ސްކިނީއަށް ޗަކަ ފެންބުރާ އެކުއްޖާ ހަޅޭއްލަވައިގަތެވެ.

މާއިޒް ހޭންފެށިއެވެ.

"ދެލޯ އަނދިރިމީހެއްތަ ދުއްވަން އިނީ؟ "އެކުއްޖާ ހަޅޭއްލަވައިގަތެވެ. މާއިޒް ފުން ނޭވައެއްދޫކޮށްލިއެވެ. އޭނަގެ އެކުވެރިޔާއަށް އޮޅުން ނުފިލިޔަސް ކާރުގައި އިނީ އާޒީންކަން އޭނައަށް އެނގުނެވެ. އާޒީން އެއުޅެނީ އޭނަ ފަޟީހަތްކުރަންހެއްޔެވެ؟ ވަރެއްގެ އަންހެންކުއްޖެކެވެ.

މާއިޒް ލީނާ އެހެން ކޮޓަރިއަކަށް ބަދަލުކުރަން އުޅެނިކޮށް އެރޭ ސީރިޔަސްވީވަރުން އައިސީޔޫއަށް ލާންޖެހުނެވެ. ލީނާގެ ނޭވާ ދެންމެ ހުއްޓިދާނެހެން ހީވިއެވެ. އޮކްސިޖަންވެސް ދަށްވިއެވެ. ލީނާ އެހާ ބަލިވުމުން އޭނަ އެހެން ތަނަކަށް ގެންދަން މާއިޒް ކުރި ޚިޔާލު ފެނަށްވިއެވެ. އަރީންވެސް އެވަރަށް މައްސަލަ ޖައްސަނީ މާއިޒް އެ ބަލިމީހަކަށް މާ އަޅާލާ އަމިއްލަ މީހަކަށް ހަދައިގެން އުޅޭތީއެވެ. އެރޭ އެ ބަލިމީހާ އައިސީޔޫއަށް ލާން ޖެހުނުކަން އެނގުމަށްފަހު އަރީންވެސް އެކަމާއިބެހޭގޮތުން އިތުރު އެއްޗެއް ކިޔާކަށް ނޫޅުނެވެ. ޖެހިގެން އައިދުވަހު ހެދުނު އެއްކޮށް ރަގަޅުވުމުން އަނެއްކާވެސް ޕްރައިވެޓް ރޫމަކަށް ބަދަލުކުރާން ޖެހުނެވެ. ނަފްސާނީ ޑޮކްޓަރުވެސް ފަހު ދުވަހު ބެލިއެވެ. އެއަންހެންމީހާގެ ނަފްސާނީ މައްސަލައެއް ހުރިކަމަށް ފާހަގަވެ ބޭސްތަކެއްވެސް ދިނެވެ. ޖެހިގެން އައިދުވަހު ލީނާ ވަރަށް ގިނައިރުވާންދެން ނިދާލާފައި އޮތެވެ.

މާއިޒްވެސް ކަންބޮޑުވީ އޭނަގެ މުސާރައެއްކޮށްދީގެންވެސް ލީނާގެ ޚަރަދުތައް ނުބެލެހެއްޓުމުންނެވެ. ވިޝާމްގެ އުޒުރަކީ އޭނަ ދައްކަން ޖެހިފައި އޮތް ބޮޑު ލޯނެވެ. އޭނަ ކިޔަވަންދިޔައީ ލޯނެއް ނަގައިގެން ކަމުން ކުރާ ބުރަ މަސައްތަކުން ލިބޭ ފައިސާކޮޅުވެސް އަދި ޖެހެނީ އެހެން ފަރާތަކަށް ދޭށެވެ. އެއިން ލިބޭ މާބޮޑު ހިތްހަމަޖެހުމެއް ނެތެވެ. އަޒަލްގެ ފަރާތުން އެއްވެސް ފައިދާއެއް ހޯދާކަށް ވިޝާމް ނޫޅުނެވެ. ކިތަންމެ ނިކަމެތިވިޔަސް އޭނަގެވެސް އިއްޒަތެއްވެއެވެ.

މާއިޒްއާއި ވިޝާމް ޑިއުޓީއިން ނިމިގެން ލީނާއަށް ޒިޔާރަތްކޮށްލަން އެކޮޓަރިއަށް ދިޔައިރު ލީނާ އިނީ އެނދުމަތީގައި އިށީދެލައިގެންނެވެ. މާއިޒް ފެނުމުން އަންނަން އިޝާރާތްކޮށްލިއެވެ.

"އެނގޭތަ؟ ދަރިފުޅު ހީވަނީ ހައިކަލްހެން...." ލީނާގެ އެ ޖުމްލައާއިއެކު މާއިޒްއާއި ވިޝާމްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

 

ކޮމެންޓް 0