`

އަބުދުލްއަޒީޒުގެ ކުންފުނިތައް ރާއްޖެއާއި ބޭރު އެތައް ގައުމެއްގައި ކުރިއަރަމުންގޮސް ވިޔަފާރީގެ އެންމެ އުހުގައި އޭނަ ފައިތިލަ ހަރުކޮށްލިއިރު އެކަމުގެ އެންމެ ބޮޑު އެހީތެރިއަކަށްވީ އަންހެނުން ޒައިތޫންއާއި ދަރިންނެވެ. ޒައިތޫންވެސް އެވިޔަފާރީގެ ތެރެއިން އާގޮފިތައް ހުޅުވައި އަންހެނުންނަށް ޚާއްސަ ބިއުޓީ ސެލޫންއަދި ޖިމްފަދަ ތަންތަން ހުޅުވަމުންދާއިރު އޭނަގެ ނަންވެސް މަޝްހޫރުވަމުން އައީ އަބުދުލްއަޒީޒުއާއި އެއްހަމައެއްގައެވެ. އަބުދުލް އަޒީޒުއަކީ ޑޮކްޓަރުން ގިނަ އާއިލާއަކުން އައިސްފައިވާ މަޝްހޫރު ޑޮކްޓަރެއްކަމުން އެންމެ ކުރިން އުޅުނީ ބޭސްވެރިކަމުގައެވެ. އިންސާނިއްޔަތަށް އެގޮތުން ޚިދުމަތްކޮށްދެވުނުކަމުގެ ހިތްހަމަޖެހުމާއިއެކު ރިޓަޔާކުރުމަށްފަހު ވިޔަފާރިފެށިއެވެ. އެދެމަފިރިންނަށް ހަ އަންހެން ދަރިން ލިބިފައިވާއިރު ދަނބިދަރިންވަނީ ވިޔަފާރި ކުންފުނިތައް ހިންގުމުގައި އިސް މީހުންނަށްވެފައެވެ. ހުރި އެންމެ ފިރިހެންދަރިފުޅު ހައިކަލްއަކީ އެންމެންގެ ލޮލުގެ ނޫރެވެ. ފުރާނައެވެ. އޭނައަށްޓަކާ ހުރިހާ ދައްތައިންނާއި އަންހެންކޮއްކޮ ތިބެނީ ފުރާނަވެސް ގުރުބާން ކުރާން ތައްޔާރަށެވެ. ގޯތިތަކާއި ކުންފުނިތައް ބެހިއިރުވެސް ހިއްސާގިނަވީ ހައިކަލްގެއެވެ. މައިންބަފައިންގެ ގެވެސް ރެޖިސްޓްރީ ކުރެވުނީ އޭނަގެ ނަމުގައެވެ. ހުރިހާ އަންހެންދަރިންގެ ރުހުމާއިއެކުގައެވެ. ނަމަވެސް ހައިކަލްއަށްޓަކާ ބިނާކުރަމުންދާ ދިހަބުރީގެ އެޕާޓްމެންޓާއި ހޮސްޕިޓަލަކީ އަދި ހައިކަލްއަށްވެސް ސިއްރުވެފައިވާ މަޝްރޫއެކެވެ. ގުޅިގެން އެކުވެރިކޮށް އުޅޭ އާއިލާއަކަށްވިޔަސް ޒުވާންވެ އާއިލާތައް ބިނާކުރުމަށްފަހު އެކިތަންތަނަށް ދިރިއުޅުން ބަދަލުކުރިއެވެ. ސްކޫލް ބަންދާއި ޚާއްސަ ހަފްލާތަކުގައި އާއިލާ އެއްތަންވާ ދުވަސްކޮޅު އެގޭގައި ފޯރިއެއް ހިފާލާފައި އޮވެއެވެ. ހުރިހާ އަންހެންކުދިން މީހުންނާއި އިނދެގެން ހަމަޖެހޭ ދިރިއުޅުމެއް ހޯދިއިރު އެންމެ ހަނގަށް ހުރި މެހެރީނާއަކަށް ރަގަޅު ދިރިއުޅުމެއް ނުހޯދުނެވެ. އޭނަ ގިނަވަގުތު އައިސްއުޅެނީ މަންމަމެންގެ ގޭގައެވެ.

ހައިކަލް ނިއުރޯސާޖަރީ ހަދާ ނިންމާލާފައި މާލެއައީ ދާދިފަހުންނެވެ. ވަޒީފާއަށް ނުކުތުމާއިއެކު އެޑިޕާޓްމެންޓްގެ ހެޑަކަށްވިއެވެ. ޑޮކްޓަރަށްވުރެވެސް އޭނަ ވައްތަރީ ތަނެއްގެ އިސްވެރިޔަކާއެވެ. ފިރިހެންދަރިފުޅު މާއިޒްއާއި އެއްމާބަނޑު ދެ އަންހެންކުދިންކަމަށްވާ އަޒަލްއާއި އާޒީންއަށްވެސް އަމިއްލަ ގައުމުގައި ވަޒީފާ އަދާކޮށް ކިޔެވުމުގެ ފުރުސަތުދޭން ބޭނުންވީ ބޭރުތަންތާ އުޅުމުން ތަރުބިއްޔަތާއި އުޅުމަށް އޭގެ އަސަރުކުރަން ފެށުމުންނެވެ. މާއިޒް ކްލަބްތަކަށްދާން ފެށުމުން އެކަންތައް ދެކެން ހުންނާނެ ހިތްވަރެއް ހައިކަލްއަކަށް ނުލިބުނެވެ. މުއްސަދިވިޔަސް ހައިކަލްއަށް އޭނަގެ މަންމަގެ ފަރާތުން ލިބިފައިވަނީ ރަގަޅު ތަރުބިއްޔަތެކެވެ. އަމިއްލަ ދަރިން މަގުން ކައްސާލާ މަންޒަރު ބަލަން ނުހުރެވުނު ސަބަބަކީ އެއީއެވެ. މާއިޒް މެޑިސިން ހެދީ ކާފަ މަޖުބޫރުކޮށްގެންނެވެ. މާއިޒް ކިޔަވާ ނިމުނަސް ހަނގު ދެބެން އަދި ކިރިޔާ އޭލެވެލް ނިމުނީއެވެ. މާއިޒްއަށް މާލެއިން ވަޒީފާގެ ފުރުސަތުތައް މިހާރުއޮތީ ހުޅުވިފައެވެ. އަމިއްލަ އާއިލާގެ ވިޔަފާރީގައި ބައިވެރިވެގެންވެސް ކުރިއަށް ދެވޭނެ މަގު އޮތީ ހުޅުވިފައެވެ.

ހައިކަލްގެ "ރޯޒް މެހެލް"އަކީ ދެބުރިއަށް ނަގާފައިވާ ތަނަވަސް ބޮޑު ގެއެކެވެ. އެތައް ކޮޓަރިތަކަކުން ޒަމާނީކޮށް ހަދާފައިވާ ގޭގައި އެހެރަ ވިދާ މާބްލްތަކުގެ ބެބުޅުމުން ލޯ ތަރަތަރަޖަހާހާވެއެވެ. ފަރުމާކޮށްފައިވާ ގޮތުންނާއި ފުޅާ ފްރެންޗް ދޮރުތަކުން އެކަނިވެސް އެގެ ލޮލުގައި އަޅައިގަންނާނެއެވެ. ދެކޭމީހުން އާޝޯޚުވަނީ ގޭގެ ހިތްގައިމުކަމުގެ އިތުރުން ގަސްތަކުގެ ރީތިކަމާއިހުރެއެވެ. ހިނގަން ހަދާފައިވާ މަރުމަރުހިލައިގެ ހަނި މަގުގެ ދެފަރާތުގައި އޮތް ވިނަގަޑާއި ގަސްތައްވެސް ފެހިކަން ގަދައެވެ. ފެންޑާ ފުޅާވެފައި ބޮޑެވެ. ކުދި މާތަކެއް ފޮޅިފައިވާ ވެޔޮތައް އަރުވާފައިވާ ތަބުތަކެވެ. އެތަން ޒީނަތްތެރިކޮށްލާފައިވަނީ ގާޑްނިއާ ލެވެންޑާ ކާނޭޝަން ބެގޯނިއާ އަދި ކުލަކުލައިގެ ފިނިފެންމާފަދަ ގަސް މުށިތަކުންނެވެ. އެހިސާބާއި އަރާހަމަވާއިރު ދުވާމީރުވަހުން ހިއްސުތައް ވިހުރުވޭނެއެވެ.

 

ރޭގަނޑުގެ ވަގުތެވެ. ކާކޮޓަރީގެ މެދުގައި އެލުވާފައިވާ ބޮޑު ޗާންދަލިޔާއާއި ބިތްތަކުގައި ހަރުކޮށްފައިވާ ލެންޓަންތަކުގެ ހިތްގައިމު ރަން އަލިން އެތަންވަނީ އުޖާލާވެފައެވެ. ޒައިތޫން އިޝާނަމާދުކޮށް ނިމިގެން އައިއިރު ކާމޭޒު ތައްޔާރުކުރުމުގައި އަވަދިނެތި ޚައްދާމުންގެ ދެމީހުން އުޅުނެވެ. ކާންތައްޔާރުކުރި ގަޑީގައި އެކަން ހިނގާގޮތް ބަލަން ކައިރީގައި ހުރިއިރު ޒައިތޫންގެ މޫނުމަތިން ފެންނަނީ ހަރުކަށިކަމެވެ. ކިރިޔާކަމެއްވެ ނުރުހުމެއްވެދާނެތީ އެމީހުން ބިރުން ތިބިކަހަލައެވެ. ޒައިތޫންހިތްމަޖެހޭ ވަރަށް މޭޒު ތައްޔާރުކުރެވުމުން އެހެންމީހުންގެ ޚަބަރެއް ބަލައިލަން ނުކުތެވެ. އަބުދުލްއަޒީޒުވެސް އަދި އިޝާނަމާދަށް ކޮޓަރިއަށް ވަންގޮތަށް ނުނިކުމެއެވެ. ޒައިތޫން ސިޓިންރޫމާއި ހަމަވީއިރު ކަރަންޓުކެނޑިގެން މާއިޒްވެސް ފޯނުން އަލިއެޅުވީއެވެ. ފެނުނު މަންޒަރަކުން ޒައިތޫންގެ ބުއްދިވެސް ލުހިގެން ދިޔައެވެ. އަޒަލް މާއިޒްގެ އުނގަށް އަރާއިންއިރު ދެމީހުންގެ މޫނުވަނީ ޖެހި ފިތިފައެވެ.

"މާއިޒް. ކަރަންޓް ކަނޑާލައިގެން ކޮންކަމެއް." ޒައިތޫން ހަށަން ބަދެލައިގެން ހުއްޓުމުން އަޒަލްއިނީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. މާމަމެން ދެން އެއުމުރަށް ދިޔައިމަ ގެންގުޅެނީ ކޮންފަދަ "ކަޓު" ޚިޔާލުތަކެއްހެއްޔެވެ؟ އޭނަގެ ޔޫކޭ އެކުވެރިއަކު އަމިއްލަ ބޭބެއަކާއި ރައްޓެހިވެގެން އުޅުނެވެ. އެކަމާ އޭނަގެ ފަރުވާލެއް ނެތެވެ. އެކުވެރިޔާގެ ޒާތީ ކަންތައްތަކުގެ ތެރެއަށް ވަނުމުގެ މާނައެއް ނުފެނުނެވެ. ނަމަވެސް އެކަހަލަ ކުށްވެރި އިހުސާސްތަކެއް އޭނަގެ އަމިއްލަ ބޭބެއާއިމެދަކު ނެތެވެ. މާއިޒް އަބަދުވެސް އޭނައަށް ޚާއްސަގޮތެއް ބަހައްޓައެވެ. ހިމާޔަތްދެއެވެ. ކޮންމެ ކަމަކާއި އަޅާލައެވެ. މާއިޒްފަދަ ދޮންބެއެއް އެހެން އަންހެންކުއްޖަކަށް ނުލިބޭނެއެވެ. މާއިޒްވެސް އޭނަ އޮޅިގެން މިގޮތަށް ގާތްވިޔަސް ފައިދާއެއް ނުނަގާ ދުރުވެސް ކުރާނެއެވެ. ނަމަވެސް މާމަ އެހެރީ ޝައްކުކޮށްގެންނެވެ. މިނިޓެއްނުވަނީސް ކަރަންޓު އައިސް އެތަން ދިއްލުމުން އަޒަލްގެ ލޮލަށް އުދަގޫވެސްވިއެވެ. އެއާއިއެކު މާއިޒް އަޒަލްގެ ދެއަތުގައި ހިފިގޮތަށް އޭނަ އުފުލައިލީ ލުއިފަތްކޮޅެއްހެންނެވެ. އަދި ޖެހިގެންހުރި ސޯފާގައި އަޒަލް ބޭންދިއެވެ. މާއިޒްގެ އިސްކޮޅުން ދިގުކަމާއި ބާމަތި ފުޅާކަމުން އޭނަ ކައިރީ އަޒަލް ކުޑަކުއްޖެއްފަދައެވެ. އޭރު އާޒީންވެސް ސިޑީގެ އެންމެ ތިރީ ހަރުފަތާއި އަރާހަމަވީއެވެ. މާއިޒްގެ ކަންނެތް ނަޒަރު އޭނައާއި އަމާޒުވިއެވެ. އާޒީން ތުންފިތާލައިގެން ހުރީ އައި ރުޅިއަކުން ބާވައެވެ. ނޫނީ ހަސަދަވެރިވީހެއްޔެވެ؟ މާއިޒްގެ ތުންފަތަށް ވެރިވި ސިއްރުވެރި ހިނިތުންވުން އާޒީން ދުށްޓެވެ.

"ރިލެކްސް މާމާ. ނަތިން ހެޕެންޑް. އަޒަލް އަނދިރިވީމަ ބިރުންނޭ އެއުޅުނީ. މާމަ ބުނަމެއްނު ކޮއްކޮމެން ޕްރޮޓެކްޓްކޮށްދޭށޭ. ކެއަރ ކުރާށޭ...." މާއިޒްގެ އެއްމިޔަކަނުން ހީލިއެވެ. މެހެރީނާވެސް ބެލްކަނީގައި ހުރެފާ އުދުހިފައިކަހަލަ ގޮތަކަށް އައިސް ހީވީ މާއިޒްގެ މޫނުމަތީގައި އެތިފަހަރެއް ޖަހާފާނެހެންނެވެ. ނަޒަރަކީ އިންސާނުން ފިހޭނެ އެއްޗަކަށްވާނަމަ އެއަލިފާނުގެ ބެލުމުން އޭނަ އަނދާ އަޅިޔަށްވާނެއެވެ. އޭނަ މާއިޒްދެކެ އަންނަ ރުޅިއާއި އެ ނަފްރަތުގެ ސިއްރެއް މާއިޒްއަކަށްވެސް ނޭގެއެވެ. ބޮޑުދައިތައެއްގެ ފަރާތުން އެފަދަ ސިފައެއް ފެންނާތީ އޭނަގެ ހިތަށް ކިތަންމެހާވެސް އުދަގޫވެއެވެ. މެހެރީނާގެ ފަރާތުން ވިހަގަދަ އެތައް ލަފުޒެއް މިވީހާތަނަށް މާއިޒްއަށް އިވިފައިވެއެވެ. އެންމެންގެ ކުރިމަތީގައި މެހެރީނާ ހިމޭނުން އިނަސް އެކަނިފެނިއްޖެއްޔާ ބަހަކުން ޖަހާނެއެވެ. އެ ސުވާލު އެތައް ފަހަރު މާއިޒްގެ ހިތާއިކޮށްފިއެވެ.

"ކިހިނެއްވެގެންނޭ މިއުޅެނީ؟ " މެހެރީނާ އަޑު އެހެން ދުވަހަށްވުރެ ބަރެވެ. އެދެލޮލުން ވިހަ ތީރުތައް އުކާކަހަލައެވެ. މާއިޒް ހުރީ ހީލަ ހީލައެވެ. މެހެރީނާ ރުޅިއަރުވާލާހިތްވިޔަސް ބައެއްފަހަރު ހަމްދަރުދީވެސްވެއެވެ. ބޮޑުދައިތަގެ ނަފްސާނީ މައްސަލައެއް ހުންނަނީކަމުގައި އޭނަ ގަބޫލުކުރެއެވެ. ވަރުގަދަ އެއްޗެކޭ ބުނަން އުޅެފައިވެސް މާއިޒް ކެތްކުރިއެވެ.

"ކަމެއްނުވޭ. ކަރަންޓު ދިޔައީމަ އައި ވޯޒް ސްކެއާޑް އެހެންވެ ދޮންބެގެ ގައިގާ ހިފައިގަތީ. ނޯ ބިގް ޑީލް. ދޮންބެ ގަސްތުގައި ކަރަންޓު ކަނޑާލިކަމަށް މާމަ ތުހުމަތުކުރީ. އެކަމަކު އެހެނެއްނޫންވީ. ކާފަ މިދުރުވަނީ. ހުރިހާ ކުދިން އެހެން ވާހަކައެއް ފަށާ......." އަޒަލް ހުރީ ހަމަޖެހިލާފައެވެ. އަބުދުލްއަޒީޒު ދުރުވުމުން މައުޟޫބަދަލުވެ އެކި ވާހަކަތަކެއް ދެކެވުމުގެ ތެރޭގައި މާއިޒްއަށް ޒައިތޫން ސަމާލުކަން އަނބުރާލިއެވެ.

"މާޒްވެސް ބައްޕައާއިއެކު ޖޮބަށް ދާން ފަށާކަށް ޚިޔާލެއް ނުކުރަންތަ؟ " ޒައިތޫން އަހާލައިފިއެވެ.

"ފާޑެއްގެ ލައިސަންސް އެގްޒޭމެއްވެސް ހަދަންޖެހެޔޯ...." މާއިޒް ފޯނު ޖިންސްގެ ޖީބަށްލާފައި މާމައަށް ސަމާލުކަންދިނެވެ.

"ޖޮބަށްދަމުންވެސް އެގްޒޭމް ހެދޭނެ....." ޒައިތޫން ބުނެދިނެވެ.

"އެނގެއޭ މާމާ. އެކަމަކު ހުރިހާކަމެއް ނިންމާފައި ޖޮއިންކުރާނީ. އެހާ ބުރަކޮށް ކިޔަވާފައި އައިމަ ދެން ރެސްޓެއްވެސް ނަގަންވާނެއްނު......" މާއިޒް ކުޑަކޮށް ހީލިއެވެ.

"ކާރު އަދި ފްލައިޓް ދުއްވާއިރު ލައިސަން ނަގާގޮތަށްތަ؟ ލައިސަންވެސް ދޭންޖެހޭތަ ޑޮކްޓަރުންނަށްވާން ދޮންބެ....." އަޒަލް އެއްބުމަ އަރުވައިލިއެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުމަށްވުރެ ދެމީހުން އުޅެނީ އެކުވެރިންފަދައިންނެވެ. ކުޑައިރުއްސުރެން އެކީގައި އުޅުނުއިރު ބައްޕަވެސް "ދޮންބެ" ކިޔުއްވާކަށް ބާރެއް ނާޅައެވެ. ނަމަވެސް އޭނަ އެހެންމީހުންގެ ކައިރީ ގައި މާއިޒްގެ ވާހަކަދައްކަންޏާ ދޮންބެއޭ ކިޔައިގެން މުޚާތަބުކުރެއެވެ. މާއިޒްއަށްވުރެ ހަ އަހަރު ހަނގު އަންހެންކޮއްކޮކަމުން މާއިޒް އޭނަދެކެ ވަނީ އަމަށަކު ލޯތްބެއްނޫނެވެ. މަންމަ އެހާ ކުޑައިރު އެމީހުން ދޫކޮށްފައި ދިޔުމުން މާއިޒް މަންމައެއްގެ ޒިންމާވެސް އުފުލިއެވެ. އޭނައާއި އާޒީން ރޯންފެށުމުން ކޮނޑުމަތީގައި ބާއްވައިގެން ދެކޮޅަށް ހިނގާހަދައިގެން މަސަލަސްކުރެއެވެ. ބައެއްފަހަރު ފެންވަރުވާ ރީތިކޮށްދެއެވެ. އިސްތަށިގަނޑުގައި ފުނާވެސް އަޅުވާދިނެވެ. އެލޯތްބާއި ގާތްކަން ބޮޑުވަމުން އައިވަރަކަށް އިތުރުވަމުން އައެވެ. ބައްޕަވެސް އެދެމީހުން ދުރުކުރާކަށް ދުވަހަކުވެސް މަސައްކަތްކޮށްފައެއް ނުވެއެވެ. ނަމަވެސް އާޒީން އުޅޭގޮތުން އޭނައަށް ޝައްކެވެ. އާޒީން މާއިޒްދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެގަދަ ނަފްރަތުގެ ސަބަބު އޮޅުން ނުފިލައިގެން އަޒަލް ކިތަންމެ ފަހަރަކު ސުވާލުވެސް ކޮށްލައިފިއެވެ.

"އާނ މާޒް އަށް ކިހާ ވިސްނޭ. ކާފަ އެންމެ އުފާވަނީ މާޒް ބޭނުންވިގޮތް ދޫކޮށްލާ ކާފަދިން ނަސޭހަތުގައި ހިފީތީ. މާޒް ބޭނުންވީ ޕައިލެޓްކަން ކިޔަވަން. އެކަމަކު މެޑިސިން ހެދުމުން ކާފަ ފަޚުރުވެރިވާފަދަ ކުއްޖަކަށްވެއްޖެ. ކާފަ ބުނީމެއްނު ޕައިލެޓްކަމަކީ ކާފަވެސް ހޮބީއަކަށް ކުރިކަމެކޭ. ޑޮކްޓަރުންނަށް ޕައިލެޓުންގެ ގޮތުގައި އުޅެވިދާނެއޭ. ނަމަވެސް ޕައިލެޓުންނަށް ޑޮކްޓަރުންގެ ގޮތުގައި މަސައްކަތެއްނުކުރެވޭނެ. އިންސާނީ ޚިދުމަތުގައި ތިބުމަކީ މިއާއިލާގެ އެންމެންވެސް އިސްކަންދޭކަމެއް. ކާފަގެ އެއްބަނޑު އެއްބަފާމީހުންނާއި ދަރިންގެ ތެރޭގައި އެތައް ޑޮކްޓަރުންނެއް އުފެދިފައިވާކަމީ ލިބުނު އެންމެ ބޮޑު އެއްއުފާ. ބަލިމީހުންނަށް އަހަރެމެންގެ ފަރާތުން އޯގާތެރިކަމާއި ލޯބިވެސް ބޭނުންވާނެ. ބޭހަށްވުރެ މާ ބޭނުންތެރި އެއްޗެއް އޯގާތެރި ބަސްތައް. އެކަންތައް މާޒްވެސް ހަދާންކުރައްޗޭ........" އަބުދުލް އަޒީޒު ވާހަކަދެއްކިއިރު ޒައިތޫންވެސް ލޯބިވެތި ހިނިތުންވުމަކާއިއެކު ބަލަން އިނެވެ. އަދި ފިރިމީހާގެ އަތުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ. އެހާ ދުވަސްވީއިރުވެސް އެދެމަފިރިންގެ ދޭތެރޭގައި އޮންނަ ލޯތްބާއި ކުލުނަކީ އެއްވެސް މީހަކަށް ވަންހަނާވެފައިވާކަމެއް ނޫނެވެ.

އަޒަލް އިނީ ލާނެތް ހިންޏެއް އައިސްފައެވެ. ދިމާކޮށްލެވޭނީ އެކަނިވީމައެވެ. މާއިޒްވެސް ޑޮކްޓަރަކަށްވީމާ ދެން ވަރަށް ބޮޑުވެގެން އުޅޭނެތާއެވެ. މިހާރުވެސް މާއިޒް އޭނަ ބިރުގަންނަވާނެއެވެ. ބަލިވީ ދުވަހަކުން އިންޖެކްޝަން ޖަހާނަމޭ ކިޔައިގެން ރޮއްވަން އުޅޭނެއެވެ. އިންޖެކްޝަނެއް ފެނުނަސް އޭނަވާވަރު މާއިޒްދަނެއެވެ.

"ކާފާ. އަޅުގަނޑުގެ ހޮބީ ކިހިނެއްތޯ. ބިއުޓިޝަނަކަށްވުމުން އަންހެންކުދިން ވަރަށް އުފާވާނެ. އެންމެންވެސް ދެން މާމަ ހާ ރީއްޗެއްވެސް ނުވާނެ. އެހެން އަންހެނުން މާމަގެ އުމުރަށްދާއިރު އޭޖުވެފައި ބައިވަރު ރޫތައް ލާނެ. ދެން އަޅުގަނޑުގެ ބޭނުމަކީ އެގޮތަށް މީހުންނަށް ރީތިވުމުގައި އެހީތެރިވުން. ރޫ ނުޖެހޭނެ ވަކިގޮތަކަށް މޫނު މަސާޖުކުރީމަ. މިހާރު އޮންލައިންކޮށް ބިއުޓީ ކޯހެއް ހަދާތީ ވަރަށް މައުލޫމާތު އެނގޭ. އަޅުގަނޑު ބޭނުންވަނީ އަމިއްލަ ސެލޫންއެއް ހުޅުވަން. އެތާގެ ސީއީއޯއަކަށް ހުންނަން....." އަޒަލް އަށް ނީދެވިގެން އޭނަ ޚިޔާރުކުރި ދާއިރާ އަންހެންކުދިންނަށް ބޭނުންތެރިވަރު ހާމަކޮށްދިނެވެ. ޒައިތޫން ހިނި އަންނަގޮތްވިއެވެ.

"ތިއީ އަޒަލް ހޮބީއަކަށް ކުރަން އެންމެ ރަގަޅުކަމެއް. އަންހެންކުދިންވެސް މިޒަމާނުގައި ރަގަޅު ތައުލީމެއް ހޯދާ މޮޅުމީހަކަށްވާން ޖެހޭނެކަމަށް ކާފަ ގަބޫލުކުރަނީ. އެކަމަކު އަންހެންކުދިންނަށް ބޭނުން ގޮތެއް ޚިޔާރުކުރުމުގެ ފުރުސަތު އެބައޮތް. އަޒަލް ދާންވީނު މާމަގެ ސެލޫންއަށް. ނޫނީ ފަހަރެއްގައި ހަމަ މާޒްއާއިއެކު ކްލިނިކްގައި މަސައްކަތްކުރަނިކޮށް އެރޮގުން ކުރިއަށް ދާ ހިތްވެދާނެ............" އަބުދުލްއަޒީޒު ވިސްނުންތެރި ނަޒަރަކުން އަޒަލްގެ މޫނަށް ބަލައިލިއެވެ. އަޒަލް އިނީ މަޑުން އިންނަންވީމަ އުދަގޫވެފައެވެ.

"ނޫނޭ ކާފާ. ހިތަށް އެރިޔަސް ފަކުރުގަނޭ. ވަސްޖެހުނަސް ފެއިންޓްވެދާނެ. ހޮސްޕިޓަލްތަކަށް އެލާޖިކް.............." އަޒަލް އަނގަޔަށް ގޮތެއް ހަދައިލިއެވެ. އާޒީންވެސް ވަގުތުން އެއްބައިވެލާފައި އެހާ ފޫހިވާ ތަނެއް ނެތްކަމުގައި ބުނެލީ މާއިޒްއަށް ޖެއްސުމަށެވެ.

"އަންހެންކުދިން އަންހެނުންގެ ޑޮކްޓަރުންނަށް ވުމަކީ ކާފަ އެންމެ އުފާވާ އެއް ވަޒީފާ. ބައެއްފަހަރު އުޅޭނެ ދީނީމީހުން. އެމީހުން ގޮސް މައްސަލަ ޖައްސާފައި ބުނާނީ ބޭނުމީ އަންހެނުންގެ އަންހެން ޑޮކްޓަރަކަށް ދައްކާށޭ. އަންހެނަކު އެކްސްރޭ ނަގަން ޖެހެނީ. އަންހެނަކު ފިޒިއޯ ދޭން ހުންނަވަނީވެސް. ހައު އަޔަނިކް އެމީހުން އަންހެންދަރިންނަށް ކިޔައްވަން ބޭނުންނުވާކަން........" އަބުދުލްއަޒީޒުގެ ވާހަކައިން މެހެރީނާ ހީލާފައި އޭނަ ދަންނަ ބަޔަކުވެސް އެހެން އުޅޭކަމުގައި ބުނެލިއެވެ. އަންހެންކުދިންނަށް ތައުލީމު މުހިއްމުވަރާއި ނުކިޔަވާ ތިބުމުން ނިކަމެތިވެދާނެކަމުގައި ބުނެ އެމީހުން ވާހަކަދެއްކިއެވެ.

އަބުދުލްއަޒީޒު ގަޑިއަށް ބަލައިލިއެވެ. އަށެއް ޖަހާ ބޮޑުވެއްޖެއެވެ. މިރޭ ހައިކަލް ހާދަ ލަހެއްވެއްޖެއެވެ. ފޯނުވެސް އޮތީ ނިވާފައެވެ. ޒައިތޫންގެ ބިރަކީ އެއީއެއް ނޫނެވެ. ހައިކަލްއަށް މާލޭގެ އަންހެންކުދިންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކެވެ. ދެ ކައިވެންޏެއް ފެއިލްވުމަށްފަހު ހައިކަލް އަންހެންކުދިންދެކެ ފޫހިވެފައި ހުރިކަމުގައިވިޔަސް އެހާ ސްމާޓް ތައުލީމީ ފިރިހެނަކަށްޓަކާ މަރުދަންޖެހޭނެ އަންހެންކުދިން ގިނަވާނެއެވެ. އެއުމުރުގައިވެސް ޅަ އަންހެންދަރިންނާއި ދެވަންވެސް މައިންބަފައިން ތިބެނީ ކެތްނުލަވާފައެވެ. އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައިވެސް ހައިކަލް އެހާ މަޝްހޫރުކަން ހޯދައިފިއެވެ. އެއީ ޒައިތޫންގެ ފަޚުރެވެ. ހުރި އެންމެ ފިރިހެންދަރިފުޅު މައިންބަފައިން ގެ ހުރިހާ ހުވަފެންތައް ފުރިހަމަކޮށްދީފިއެވެ.

ކުޑަދޮރުގައިވާ ފަރުދާތައް ކުޑަކޮށް ހަލުވާލަމުން ވިއްސާރަވިކަން އިއުލާންކުރިއެވެ. ވާރޭގެ ތިކިތައް އެތަން މިތަނަށް ހަމަލާދޭންފެށި އަޑު އިވެންފެށިއެވެ. ގުގުރީގެ އަޑު އިވުމުން އަޒަލް ބިރުގެންފާ މާއިޒްއަށް ބަލައިލުމުން މާއިޒް އިޝާރާތުން ބުނީ ބިރުނުގަތުމަށެވެ. އަޒަލް ކަންބޮޑުވީ ބައްޕައަށް މާ ލަސްވާން ފެށުމުންނެވެ. ކެތްނުކުރެވިގެން ތެދުވެގެންގޮސް ދޮރު ހުޅުވައިލަން ދިމާކުރިތަނާ ހައިކަލް ވަނުމުން އަޒަލްގެ މޫނުމަތީގައިވި ކަންބޮޑުވުން އެއްފަހަރާ ފިލައިގެން ދިޔައެވެ. ހައިކަލް ލައިގެން ހުރި ގަމީސްތެމި އިސްތަށިގަނޑުގައި ހަރުލާފައި ހުރީ ބޮޑެތި ފެންތިކިތަކެވެ. އޭނަ ބައްޕަގެ ގައިގާ ބައްދައިލިއެވެ.

"ދޮންބެ އެންމެފަހުން ދުރުވީ. ކޮންއިރެއް އިންތިޒާރުކުރާތާ. ބަނޑުހައިވެގެންގޮސް ހާންތިވަނީ. ދޮންބެވެސް ތިނޫން ފީލްޑަކުން ކުރިއަށް ދިޔަނަމަ. ތިއީ ފެމިލީ ރިލޭޝަންތައްވެސް ނައްތާލާއެއްޗެއް. އެހެންވެކަން ނޭގެއެއްނު ދޮންބެއަށްވެސް ލައިފެއް ނުލިބުނީ. ކެމީލާމެންވެސް..........." މެހެރީނާ ކޮޅަށް ތެދުވެއްޖެއެވެ. ދެވަނަ އެހެންކަމެއްނެތި ކެޔަސް އޭނަގެ ހަށިގަނޑުގައި މަސްކޮޅެއް ޖަހާނުލައެވެ. އެއާއިލާމީހުންނަށް ލިބިފައިވާ ޖެނެޓިގް ދީލަތިކަމަށް ނިމުމެއްނެތެވެ.

"މެހެރީން. މިހާރު ތިފެށީ ކޮންވާހަކައެއްތަ؟ " ޒައިތޫން ނުރުހިފާ މެހެރީނާއަށް ބަލައިލުމުން މާފަށް އެދުނެވެ.

"އިޓްސްއޯކޭ. ބަނޑަށް މަރުނުވަނީސް މިއަންނަނީ. ބީ ޕޭޝަންޓް މެހެރީން............" ހައިކަލް ސިޑިއާއި ދިމާލަށް ހިނގައިގަންނަމުން ހިނިތުންވެލިއެވެ. ކޮއްކޮގެ މާޒީގައި ހިނގާފައިވާ ހާދިސާތަކުގެ ސަބަބުން އޭނަގެ ބޯ އެހާ ހަމަޖެހޭކަމަކަށް ހައިކަލް ގަބޫލެއްނުކުރެއެވެ. އެމަގާމުގައި ކޮންމެ އަންހެނަކުހުއްޓަސް ވާނީ އެހެންނެވެ.

"ބޭބެއަށް ރެސްޕެކްޓްކުރުމެއްވެސް ނެތީތަ؟ " ޒައިތޫނާ ހުރީ އަދިވެސް ނުރުހިފައިކަން އޭނަގެ މޫނަށް ބަލައިލި މީހަކަށް އެނގޭނެއެވެ.

"މަންމާ. މީހަކަށް ރެސްޕެކްޓްކުރެވޭނީ މިހާވަރަކަށްނު. އެހެންމީހުންނަށް އޭނަ ތަނެއްގެ ހެޑަކަށްވިޔަސް އަޅުގަނޑުގެ ދޮންބެއޭ. އެހެންނޫނަސް ދޮންބެގެ އިހުތިރާމް ގެއްލޭފަދަ އެއްޗެއް ނުވެސް ބުނަން. ކުޑަމީސް ބަހެއް ބުނެވުނީއެއްވެސް ނޫން....." މެހެރީނާވެސް ހުރީ މޫނުހަދާލައިގެންނެވެ.

"ކެމީލާގެ ނަން މިގޭތެރޭގައި ކިޔައިގެން ނުވާނެ.. " މެހެރީނާއަށް ކުރެވުނީ ކޮން ކުށެއްކަން އެނގުނީ މަންމަ ކެމީލާގެ ނަން ކިޔުމުންނެވެ. ހައިކަލްގެ ކުރީގެ އަނބިންދެކެ ޒައިތޫން އަންނަ ރުޅި އެއީ އެހެން މީހުންނަށް ފޮރުވިފައިވާކަމެއްނޫނެވެ. އެދެ އަންހެނުން ހައިކަލްގެ ހަޔާތް އާބާދުކޮށްނުދިނީތީ އެހިތުގައި ޝަކުވާއާއި ނަފްރަތުގެ މޫ ހަރުލާފައިވަނީ ދުވަހަކު ނެރެވޭފަދަ ގޮތަކަށް ނޫނެވެ.

"ލައްބަ މަންމާ...." ޒައިތޫނާގެ އަމުރުވެރި އަޑުން މެހެރީނާއަށްވެސް ޖެހުނީ މައިތިރިވާށެވެ.

މަތީބައިގެ ކޮޓަރިތަކަށްދާން ދެފަރާތުން ހަދާފައިވާ ފުޅާ ޑަބަލް ސިޑިބަރީގައި ރަންބޯޑަރާއިއެކު ރަތްކުލައިގެ ދޫލައަޅާފައިވާއިރު ރީތިކަމުން ދެކޭމީހުންގެ ހިތްތައް ތައުރީފުން ފުރޭނެއެވެ. ދެ ފަރާތުގައި ވާ ސިޑިތައް ގުޅުވައިދޭ ޑިޒައިންކުރި ބެލްކަނީގައި އެކި ހިސާބުގައިތިބޭއިރު ސިޓިންރޫމްގެ ތެރެއިން ކޮންމެވެސް ބަޔެއް ފެންނާން ހުރެއެވެ. ހައިކަލް މާގިނައިރެއްނުވެ ތިރިއަށް އައީ ޓީޝާޓަކާއި ޖިންސެއްލައިގެން ތާޒާވެލައިގެންނެވެ. ތުނިކޮށް ކޮށާފައިވާ ތުނބުޅިއާއި މަތިމަހުގެ ސަބަބުން އޭނަގެ ފިރިހެންވަންތަކަން އިތުރުވެފައިވެއެވެ. ހަފޫޓުގެ އިސްކޮޅެއްލިބިފައިވާއިރު ހަށިގަނޑުގެ ސީދާކަމުން އޭނަގެ ކައިރިން މީހުން ސުވާލުވެސް ކުރެއެވެ. ހައިކަލް ބުނެއުޅެނީ އޭނަގެ މަންމަ ކުޑައިރުއްސުރެ ހަރު ތަންމަތީގައި ނިންދަވާތީކަމަށެވެ.

އުފާވެރި މާހައުލެއްގައި ގަޔާވެގެން ކާންތިބިއިރު ބޯކޮށް ވާރޭވެހުނެވެ. ތޫފާނެއްފަދައިން ވަރުގަދަ ވަޔާއިއެކު ގަސްތައްވެސް ހޫރިގަންނަތަން ކުޑަދޮރުތަކުގެ ފަރުދާތައް ކަހާފައި ހުރުމުން ފެނެއެވެ. ކުޅުދިޔާވާފަދަ މީރުވަސް ދުވާ ތަފާތު ބާވަތް ބާވަތުގެ ކާނާތަކާއި ބުއިންތަކެވެ. ރޭގަނޑުކެއުން ތަންކޮޅެއް ލުއިކޮށް ހުއްޓަސް މެހެރީންއަށް އެގަޑީގައިވެސް ކުކުޅުއެއްޗެހި ނޫނީ ކެވޭކަމަކަށްނުވެއެވެ. އޭނައަށްޓަކާ ކޮންމެހެންވެސް ކުކުޅު ތެލުލާ ރޮށިފިހެންޖެހޭނެއެވެ. ފޮނި އެއްޗެހިވެސް އެހާވަރަށް ކާލެވޭނެއެވެ. ހުރިހާކަމަކީވެސް އޭނަގެ މާޔޫސީކަމާއި ނުތަނަވަސްކަމާއި ގުޅިފައިވާ ކަންތައްތަކެވެ. ކާންތިއްބާ ދެވަނަފަހަރަށް ކަރަންޓުދިޔުމުން ދާދިއަވަހަށް އުއްބައްތިތަކުން އެތަން ދިއްލާ އަޅާލަންވެސް ނޯކަރުންތިބީ ފިސާރި ތައްޔާރަށެވެ. ޖެނެރޭޓަރެއް ހުއްޓަސް އިމަޖެންސީ ލައިޓްތައް ހަރުކުރެވޭނެ ބަޔަކަށްވިޔަސް އެޚިދުމަތް ނުހޯދަނީ އުއްބައްތީގެ އައްޔާއި ގަޔާވެވޭތީކަން ނޭގެއެވެ. ބޮޑެތި ހިޔަނިތައް ހަރަކާތްކުރާތަން ފެނި އަޒަލްއަށް މަޖާވިއެވެ. ގިނަގިނައިން ކަރަންޓްދާނެނަމައޭ ބުނެލިއެވެ. ކައިނިމިގެން އަބުދުލްއަޒީޒު ހައިކަލް މެހެރީނާ އަދި މާއިޒް ރާޒުވާ ކުޅުމުގެ ފޯރީގައިތިބިއިރު ބިއްލޫރި މޭޒުމަތީގައި ހުރި ގްރީންޓީ ލަސްލަހުން ހުސްވިއެވެ. އާޒީން އާޗީ ކޮމިކެއްގެ ތެރެއަށް ގެއްލިފައި އިންއިރު ސިއްރުސިއްރުން މާއިޒްމެންގެ ހަރަކާތްތަކަށް ބެލިއެވެ. ފޮނިފިރިހެނެކޭވެސް ހިތަށް އެރިއެވެ. އަޒަލް އިންސްޓްގްރާމަށް ލާން ރީތި ފޮޓޯއެއް ނެގޭތޯ އުޅުނެވެ.

މާއިޒް އަޒަލް ކުރާކަމެއް ބަލައިލަން ދޮރު ހުޅުވައިލުމުން ގަނޑުފެންފަދަ ފިނިކަމެއް ހަމުގައި ބީހިލައިފިއެވެ. އެހާވެސް އޭސީގެ ފިނިމިން ހުރީ ދަށްކޮށްލާފައެވެ. އިސްކޮޅު ސައިޒްގެ ބޮޑު ޓެޑީއަކާއި ބައްދާލައިގެން އަޒަލް އޮތަސް ދަންވިހެން ފިނިވާނެކަން އެނގިފާ މާއިޒް އެތަނަށް ވަނެވެ. އަޒަލްގެ ގައިގާ ބޯ ރަޖާގަނޑު އަޅާލަދިނެވެ. އަންހެންކުއްޖަކު އެންމެ ހިތްއެދޭފަދަ ވައިލެޓާއި ފިޔާތޮށި ހިމަނައިގެން ޒީނަތްތެރިކޮށްފައިވާ ކޮޓަރިއެކެވެ. ރީތިވާ މޭޒުމަތީގަޔާއި އެތަން މިތަނަށް އުކާފައި ހުރި އެކިވަރުގެ ބެއާތަކުން އޭނަގެ މިޒާޖުން ބަޔެއް ހާމަކޮށްދެއެވެ. އަށާރައަހަރު ފުރުނަސް އަޒަލްގެ ޅަގޮތެއް ނުކެނޑެއެވެ. މާއިޒް ނުކުމެލާފައި އާޒީންގެ ކޮޓަރިއާއި ދިމާލަށް ބަލައިލުމަށްފަހު ހަށިފުރާ ނޭވާއެއް ދޫކޮށްލީ އޭނައާއި އާޒީންގެ ގޯސްވަމުންދާ ގުޅުމާއިމެދު ވިސްނާލާފައެވެ. އޭނައާއި އާޒީންގެ ދޭތެރޭގައި އޮތް ރުޅިވެރިކަމުގެ ފަރުދާ ނަގާނީބާވައެވެ. ނޫނީ އޭނަވެސް އާޒީންއަށް އޭނަގެ ޝައިތާނީބައި ދައްކަންވީހެއްޔެވެ؟

ރޯޒްމެހެލް ފަރުމާކޮށްލާފައިވަނީ އިރުގެ އަލިކަން ލިބޭގޮތަށް ބޮޑެތި ދޮރުތައް ލާފައި ވައިވެސް ފަސޭހައިން ވަންނަގޮތަށެވެ. ތިރީބައިގާ އަބުދުލް އަޒީޒުގެ ދެމަފިރިންނާއި މެހުމާނުންނަށް ޚާއްސަ ކޮޓަރީގެ އިތުރުން ބަދިގެއާއި ކާކޮޓަރި ލައިބްރަރީ އަދި ޖިމާއިއެކު ކުޅިވަރު ކުޅެން ޚާއްސަބަޔެއްވެސް ހުރެއެވެ. މަތީ ބައިގާ މާއިޒް އަޒަލް އަދި އާޒީންގެ ކޮޓަރީގެ އިތުރުން މާސްޓާ ބެޑްރޫމެވެ. މާސްޓާ ބެޑްރޫމް ހިމެނޭބައި އެޕާޓްމެންޓެއްހާ ބޮޑުވެފައި ހިތްގައިމެވެ. އެބައިގާ އުޅެނީ ހައިކަލްއެވެ.

ހައިކަލް އުޅޭބައިގާ އޭނަ ފޮތްކިޔަން ޚާއްސަބަޔެއް ހަދާފައި ހުރެއެވެ. ފޮތް ހަރުގަނޑަކާއިއެކު ސޯފާތަކާއި ކައުޗެއް ހުރުމުން ވަގުތުތައް ދުއްވާލަން އެންމެ ހިތްހަމަޖެހޭ ތަނެކެވެ. ބިއްލޫރިދޮރުތައް ކަހާލުމުން އެކަށީގެންވާ ވަރަކަށް ވައިޖެހޭނެއެވެ. އެދިމާލަށް ހިޔާ އަޅާފައިވާ ގަހުގެ ސަބަބުން ހޫނުކަން ގަދަ ދުވަސްދުވަހުވެސް އޭސީއަކަށްވެސް ބޭނުމެއްނުވެއެވެ. އެތަނުން ފެންނަން އޮންނަނީ ގޭގެ ފުރަގަހުގައިވާ ތަނަވަސް މައިދާނެއްފަދަ އަރާމު ތަނެވެ. ޕޫލަކާއިއެކު ބޮޑެތި ގަސްތަކާއި ފިނިފެންމާގަސް އިންދާފައިވާ އެހިސާބުގެ މަންޒަރު ކިތަންމެހާވެސް ހިތްގައިމެވެ. ފޮތްބަލާ ތަނުގައި އިންނައިރު އެހެން ހުރިހާ ޚިޔާލުތަކުން ސަލާމަތްވެ އަމިއްލަ ދުނިޔެއެއްގައި އުޅެވޭހެން ހީވެއެވެ.

ހައިކަލް އޮތީ ނިތްމަތީގައި އަތްބާއްވާލައިގެން ފުންވިސްނުމެއްގައެވެ. ނުތަނަވަސްވެފައެވެ. ހުރިހާ ބޮކިތަކެއް ނިވާލާފައި އޮތަސް އަނދިރީގެ ތެރެއިން ޗާނދަލިޔާގެ ފަށްތައް ވިދާތަން ކޮންމެވެސް ވަރަކަށް ފެނެއެވެ. ދައްތަމެން އޭނަ މީހަކާއި ދެވަން އަނެއްކާ މަސައްކަތްފެށީއެވެ. އެވާހަކަ އިވުނަސް ހައިކަލްގެ ބޮލުގައި ރިހުމެއް އުފެދެއެވެ. އަންހެނަކު އޭނަގެ ހަޔާތަށް ގެންނާކަށް އޭނަގެ ވިސްނުމަކު ނެތެވެ. ނަމަވެސް ފަރާތްފަރާތުގެ ހުށަހެޅުންތައް ކުއްލިއަކަށް ގިނަވާންފެށިއެވެ. އެހާވަރުން އަންހެނުންނާއި ދުރުން އުޅޭއިރުވެސް އެމީހުންނަށް އޭނަ ކަމުދަނީ ކީއްވެހެއްޔެވެ؟ އޭނަގެ އެއްވެސް ޝައުގެއްނެތެވެ. މިރަށަށް ފުރުމުގެ ކުރިން ބޭއްވި ޕާޓީގައި ދައްތައަކު ވަނީ އޭނަ އަންހެނުންތަކަށް ތައާރަފުކޮށްދީފައެވެ. ތަފާތު އުމުރުގެ ސްޓައިލިޝް ރީތި އަންހެނުންނެވެ. ފިރިހެނުންގެ ހިތްތައް ކަތިލާލާފަދަ ސިފަތަކުންވެސް އޭނައަށް އަސަރެއްނުކުރުމުން އޭނަގެ ހިއްސުތައް ހަމަޔަށް ހުރިކަމާއިމެދު އަމިއްލަ ނަފުސާއިވެސް ސުވާލު ކުރެވުނެވެ. އޭނަގެ އިހުސާސްތައް ފިނިވީ ކީއްވެބާވައެވެ. މުޅިންވެސް އޭނަގެ ހަޔާތަށް އައީ އާއިލާއިން ހަމަޖައްސާފައިވާ އަންހެނުންނެވެ. މުއްސަދި ރީތި ބައިވެރިންނެވެ. ރައުދާއާއި ކެމީލާ އަކީ ފިރިހެނުން އެންމެ ބޭނުންވާފަދަ ރީތި ދެ އަންހެންކުދިންނެވެ. ނަމަވެސް އެކުދިންނަށްވެސް އޭނަގެ ހިތަކާއި ހަމަޔަށް ނުފޯރުނެވެ. އުމުރުން މިހިސާބަށް އައިއިރުވެސް އޭނަގެ ހިތުގައި ލޯބި ނުއުފެދުނީ ކީއްވެބާވައެވެ. ލޯބީގެ މަތިވެރި ނަސީބު މިންވަރު ނުކުރެއްވީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. އެފަދަ ފޮނި ފޮނި އިހުސާސްތަކެއް މިވީހާތާގައި އެހިތަށް ވެރިވެފައެއްނެތެވެ. ކައިވެނިތައް ނާކާމިޔާބުވީވެސް ލޯބި ނެތުމުން ބާވައެވެ. މިހާރު އޭނައަކީ އެކަނި ހުރި އެކެއްނޫނެވެ. އަންހެނަކު އައިއްޔާ އޭނަގެ ޒުވާންވެފައިވާ ތިންދަރިންވެސް ގަބޫލުކުރަންޖެހެއެވެ.

ފޯނަށް މެސެޖެއްއައިހެން ހީވެގެން ހައިކަލް ފޯނުނެގީ ޝައުގެއްނެތިއެވެ. ނުދަންނަ ނަމްބަރަކުން ފޮނުވާފައިވާ މެސެޖް ކިޔައިލިއިރު ބުމަ އަރުވައިލެވިއްޖެއެވެ.

"ޑޮކްޓަރ ހައިކަލް. އަޅުގަނޑު ބޭނުން ބައްދަލުކޮށްލަން. އެއްއިރެއްގައި އަޅުގަނޑު ވެދިން އިހުސާންތެރިކަން ތިބޭފުޅާވެސް ހަދާން ހުންނާނެކަމުގައި އުއްމީދުކުރަން......" އެމެސެޖްކިޔާލުމާއިއެކު އޭނައަށް އިހުސާންތެރިވެދިނީ ކާކުތޯ ވިސްނައިލަން މަޖުބޫރުވިއެވެ. ހައިކަލްއަށް ނޭގުނީ މި މެސެޖަކީ އޭނައާއި އެއާއިލާއަށް އިންގިލާބެއް ގެނުވާނެ މެސެޖެއްކަމެވެ.

 

ކޮމެންޓް 0