"ކާކަށް ލޭ ހަދިޔާކުރީ؟ "

"ފަގީރު ކުއްޖަކަށް. ކާން ނުލިބި ބަނޑަށް ޖެހި އަލިފާން ދަނޑިއެއްހެން ހުރި ޔަތީމު ކުއްޖެއް ފެނުނީމަ ހިތަށް އެރީ ހެލްޕްވާނީއޭ. ހަށިގަނޑުން ލޭ މުޅިންހެން ހުސްވެފަޔޯ ހުރީ. ކާން ނުލިބުނީ ނޫނީ ވެމްޕަޔަރެއް ވަދެ ލޯ ބޯލީ..........." ޖުއާން ގަދަކަމުން ކޯންފްލޭކްސް ސަމުސަލެއް ކެއެވެ. އެވަގުތު ތައިމޫރުއާއި އެހެން ޒުވާނުންތައްވެސް ފަހަތުން އައެވެ. ތައިމޫރުއާއި އެހެން ޒުވާނުންވެސް ތިބީ ވަޒީފާއަށް ދާން ރަސްމީ ހެދުމުގައި ތައްޔާރުވެގެންނެވެ. އެގެއާއި ހޮސްޕިޓަލް ކައިރިކަމުން ޝައުން ގިނަފަހަރު ކާން އަންނަނީ ގެއަށެވެ.

"ވެމްޕަޔަރެއް ކާކުގެ ލޭ ބޮއިގެން ދަރިފުޅު ކަން ބޮޑުވީ؟ " ތައިމޫރު ޖުއާންގެ އިސްތަށިގަނޑު ހާވާލަމުން އެއްސެވިއެވެ.

"އަޅުގަނޑު ބްލަޑް ޑޮނޭޓް ކުރީ..." ޖުއާން ކުޑަގޮތަކަށް އޭނަގެ ބައްޕައަށް އެ ހާދިސާ ކިޔައިދިނެވެ. ތައިމޫރު ދަރިފުޅަށް ތައުރީފު ކުރެއްވިއެވެ.

"އިލީގަލް ކަމެއްނު ޖުއާން. ކުޑަކުއްޖެއްގެ ގައިން ލޭނެގުމަކީ ގާނޫނު ހުއްދަކުރާ ކަމެއްނޫން. ކޮން ހޮސްޕިޓަލަކުން އެހާ ކަޑަކަމެއް ކުރީ. ދައުވާ ކުރަން ޖެހޭނެ......" ޝައުން ގެ ޖުމްލައިން ޖުއާން ކުޑަކޮށް ހާސްވާގޮތް ވިޔަސް ހަމަޖެހިލިއެވެ. އެއް ބުމަ އަރުވައިލިއެވެ.

"އެއީ ހަމަ ތެދެއް.." ޒުބްނާންވެސް އެއްބައިވިއެވެ.

"މައި ގޯޑް. ދީޒް ޑޮކްޓަރސް އާ ސުޕާ ބޯރިންގް. ރޫލްސް ފޮލޯ ކުރުމުން އޭގައި އޮތް މަޖަލަކީ ކޮބާ. އެނީވޭސް އައި ޑިޑް. ސޮރީ ގައިސް. އޭޖް އެއިޓީން ކަމަށް ބުނެފައި އޮޅުވައިލެވުނީ. އިސްކޮޅުން ދިގުވީމައާއި ރައީސްގެ ދަރިފުޅޭ ބުނީމަ ވަރަށް ރެސްޕެކްޓްކޮށްފައި އިތުރު ސުވާލެއް ނުކޮށް އައިޑީ ހޯދަން ނޫޅެ ހަމަ ހުރިހާ ކަމެއް ފުރިހަމަވެއްޖެ...."

"ސްވީޓްހާޓް. ދޮގުހަދާ އޮޅުވައިލުމަކީ ކޮންކަހަލަ ކަމެއްތަ؟ އަދި ޔަންގް ލީޑަރަކަށްވާއިރު ސްކޫލް ހުރިހާ ކުދިންނަށް ނަމޫނާއަކަށްވާ ކުއްޖާ ދޮގުހެދިކަން ފަޅާ އެރީމަ ކޮންކަހަލަ މެސެޖެއް ދެވެނީ؟" ޒުބްނާން ޖުއާންގެ ކަންފަތުގައި ހިފިއެވެ.

"އެ މެސެޖަކީ ބައެއްފަހަރު ރޫލްސްތައް ބްރޭކް ކުރަންވާނެކަން. މީހެއްގެ ފުރާނަ ދާގަޑިއެއްގައި އެއްވެސް ކަހަލަ ރޫލްއަކަށް ބެލުމެއްނެތި އެހީތެރިވާން ވާނެކަން..." ޖުއާން ދިފާއުގައި ބުނެލީ ވަރަށް ހިތްހަމަޖެހިފައެވެ.

"ވާހް. އައިމް ސޯ ޕްރައުޑް އޮފް ޔޫ ލިލް ބްރޯ. ސޯ ޔޫ ސޭވްޑް ސަމްވަންސް ލައިފް. އެއީ ކާކުތަ؟ ގާލްއެއްދޯ. އެހާވަރުން ކޮންމެ ކޮންމެ މީހަކަށް ގައިގާ ހުރި ލޭ ނުދޭނެކަން ޔަގީން........" ލޭކެން އެއް މިޔަކަނުން ހީލިއެވެ.

"ސްކޫލްގައި އުޅޭ ވިލެޖް މައުސްގެ ލައިފް....." ޖުއާން ފަރުވާކުޑަގޮތަކަށް ކިޔާލިއެވެ.

"އެންމެފަހުން ވިލެޖްމައުސް އަށް ފޯލްވާނީ ކަން ނޭގޭ..." ކައިދަން ބުމަ އަރުވައިލިއެވެ.

"ތިކަމެއް ދުވަހަކު ނުވާނެ. ވަރަށް ފޫހިކޮށް އުޅޭ ކުއްޖާގަނޑެއް. ބަލިކަމުން ވާރޭކޮޅެއް ވެހިލިޔަސް ފެއިންޓްވޭ. ފްރެންޑްވާނެ ކުއްޖެއް މުޅި ސްކޫލްގައި ނެތް. އައި ފީލް ސޮރީ ފޯ ހާރ......." ޖުއާން އަށް ކައިދަންގެ ވާހަކަ ވީ ޖޯކަކަށެވެ. ރީތި އަންހެންކުދިން ފެނުނަސް އޭނަގެ ހިތަށް އެއްޗެކޭ ނާރައެވެ. އެބުނާފަދަ އެއްވެސް އިހުސާސްތައް އަދި ހިތަކު ނުހިނގައެވެ.

"ބުނީމެއްނު. ފުރަތަމަ ތިހެން ސިމްޕަތީވެގެން އުޅެފައި ނިމޭއިރަށް ސްވީޓްހާޓްކަމުގައި ވާނެ......."

"ޖުއާން އެކުއްޖާއާއި ދުރުން އުޅޭތި. އެކަހަލަ ކުދިންގެ ލޮލުގައި އަޅައިގެންފިއްޔާ ދުލެއްވެސް ނުކުރާނެ. ކޮންމެހެން ނިކަމެތިވީމައެއްނޫން. ނިކަމެތިންގެ ތެރޭވެސް ގަދަރުވެރިކޮށް އުޅޭ މީހުން ތިބޭ. އެކަމަކު އެކުއްޖާ އަކީ ބޭޑް ނިއުސް....."އާތިކާ ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ. ސޯފިއާގެ މޫނަށް ވެރިވާން އުޅުނު ކުލަ އޭނަ ނިކަން އަވަހަށް ފޮރުވައިފިއެވެ. ލޭކަން އިންސްޓަގްރާމް ހުޅުވާލާފައި ޖުއާންގެ ޕޯސްޓް ކިޔާދިނުމުން އެންމެ ބޮޑު ޝޮކެއް ލިބުނީ ސޯފިއާއަށެވެ. ދަރިފުޅު އެފަދަ ގޮތަކަށް ފޮނި ކަނޑާފައި މީސްމީޑިއާގައި އިޝްތިހާރު ކޮށްފާނެ ކަމަކަށް އޭނަ ހީކޮށްފައެއް ނެތެވެ. ލޭކެންގެ އުޅުމާއި އަޚުލާގުން ދަރިފުޅަށް ނޭދެވޭ އަސަރު ކުރަން ފަށައިފިއެވެ.

"ދަރިފުޅާ އެކުއްޖާގެ ވާހަކަ ނޫނީ އެހެން ޚަބަރެއް ނެތީތަ؟ ބައްޕަވެސް ފުރަތަމަ ގާލްއަކަށް ޚާއްސަ ނަޒަރަކުން ބަލައިލިއިރު އުމުރު އެނގޭތަ؟ އެއިޓީން......" ތައިމޫރު ދެއަތްތިލަ ގުޅާލައްވައިގެން އިންނެވިރު ލޯ ހުއްޓިފައިވަނީ ޖުއާންއަށެވެ.

"ޑޭޑް. މިއީ އެކަހަލަ ކަމެއްނޫނޭ. އެކަހަލަ ނަޒަރަކުން ބަލައިލާނެ ކުއްޖެއް އަދި ނެތް. އެ ސްޕެޝަލް ގާލް އަދި ދުނިޔެއަށް އައިކަމެއްވެސް ނޭގޭ......"

"ޖުއާން. ކުރީ ދުވަހު މަގޭ ކާރަށް އެރީވެސް އެކަހަލަ ކުއްޖެއް. ހޮޑު ދުއްވާލީމަ ހަމަ އޯކަށް ދަމާ ހަލާކުވި..." ލޭކެން ކިޔަވައިގެން އައިފަހުން ބޭރަށް ނުކުތް ދުވަހު ދިމާވި ކުދިންތައް މަތިން އޭނައަކަށްވެސް ހަދާން ނައްތާނުލެވުނެވެ. އޭނަގެ ހުދު އިސްތަށިގަނޑާއި މީހުން އަޅައިގަނެގެން އުޅޭވަރުން ގެއިން ބޭރަށް ނިކުންނައިރު އުޅުނީ ގަދަ މުށިކުލައިން ވަގުތީ ކުލައެއް ޖައްސާލައިގެންނެވެ. ޓޭން ހަމަކާއި އެކު ހުދު އިސްތަށިގަނޑެއް އޮތުމުން ލޭކެން ނިކަން ތަފާތެވެ.

"ޑޮކްޓަރުން ޕޭޝަންޓުންނަށް ފަކުރު ގަނޭތަ؟ "

"ކިޔަވާ ހިތަކުން ނޫން ވިއްޔަ މި ކިޔެވީ. ޕްލަސް އޭސީ ކާރުގެ ދޮރު ލައްޕާފައި ހުރީމަ ކިހިނެއް ކެތްވާނީ؟ "

"ފޮނިގަނޑު...." ކައިދަންއަށް ބުނެވުނެވެ.

ތައިމޫރުއާއި ދެ އަނބިން ސޯފިއާ އަދި އާތިކާއާއި ފިރިހެން ދަރިންތައް ކަމަށްވާ ޝައުން ލޭކެން ޒުބްނާން ކައިދަން އަދި ޖުއާން އެކީގައި ކެއުމަށް ސަމާލުކަން ދެއެވެ. އާއިލީ ގުޅުން ވަރުގަދަކޮށް އެކީގައި ހޭދަކޮށްލެވޭނީ ގިނަފަހަރު ކެއުމުގެ ގަޑީގައެވެ. ސޯފިއާގެ ރޫލްސްތަކަށް ހުރިހާ ޒުވާނުން ފަރުވާތެރިވެއެވެ. ސޯފިއާގެ ދޮށީ ދަރިފުޅު ޝައުންއާއި ޒުބްނާން ސިއްހީ ދާއިރާގައި މަސައްކަތްކުރާއިރު ކައިދަން އަކީ ޕައިލެޓެކެވެ. އެންމެ ހަނގީ އަދި އެންމެން ޅަކޮށް ލޯބިކުރާ ކޮއްކޮ ޖުއާން އަދި ކިޔަވަނީއެވެ. ސޯފިއާގެ މަންމައަކީ ފްރެންޗް އަދި އިނގިރޭސި އާއިލާއަކަށް ނިސްބަތްވާ ޝާހީ އަންހެނެކެވެ. އެހާ މުއްސަދި އާއިލާއެއްގެ މެމްބަރެކެވެ. ތައިމޫރުގެ ދެވަނަ އަނބި އާތިކާގެ ހުންނަނީ އެންމެ ދަރިއެކެވެ. ލޭކެން އަލީ ތައިމޫރެވެ. އާތިކާގެ ދަރިފުޅު ލޭކެންގެ ސްނޯކޮޅެއްފަދަ ހުދު އިސްތަށިގަނޑުގެ ސަބަބުން އެހެން ހުރިހާ ކުދިންނާ ތަފާތު ނާދިރު ރީތިކަމެއް ލިބިފައިވެއެވެ. ލޭކެންގެ ތޫނު ފިލިކަމުން އޭނަވަނީ އުމުރުން އެންމެ އެކާވީސް އަހަރުގައި އެމްބީބީއެސް ހަދާފައެވެ. ސްކައި ހޮސްޕިޓަލުގައި މަސައްކަތް ފެށިއިރު އޭނަވެސް ބޭނުންވީ ޝައުން ފަދައިން އޮންކޮލޮޖިސްޓަކަށް ވުމަށެވެ.

އާތިކާ ތައިމޫރާއި ސޯފިއާގެ ދޭތެރެއަށް ވަންކަމަށްޓަކާ އެއާއިލާއިން އަދިވެސް ހިތުގެ ފުންމިނުން އޭނައަށް މަރުހަބާ ކިޔާކަމެއް ނޭގެއެވެ. ނަމަވެސް އާތިކާގެ އާއިލާ މާ މުއްސަދިވެފައި އޭނަގެ ސްޓައިލިޝްކަމާއި ބާރުގަދަކަމުން އެގޭގެ "ރާނީ" ކަމުގައި ވެގަތެވެ. ސޯފިއާމެން ފަދަ ރިވާޓުންނާއި ބަލާއިރު އާތިކާ މުސްލިމެއްގެ ގޮތުގައި ހުރެ އޭނަ އުޅެނީ ދީނާއި މާ ދުރުވެގެންނެވެ. ހަޔާތުގެ ބޮޑުބައި ބޭރު ގައުމުތަކުގައި ހޭދަކުރުމަށްފަހު ރާއްޖެއަށް ބަދަލުވީ ތައިމޫރުއަށް ރައީސްކަން ލިބުމުންނެވެ. އޭނަ ދިރިއުޅެން ބޭނުންވީ ސޯފިއާއާއެކީ ތައިމޫރުގެ ގޭގައެވެ. ފެންނަ ފެނުމުގައި ދެއަންހެނުންވެސް އެކުވެރިއެވެ. އެކީ ބާޒާރުކޮށް ދަތުރުކޮށް ހަދައެވެ. ހީހީފައި އުޅޭއިރު އެތެރޭގައި އޮންނަ ހަސަދައިގެ އަލިފާން ބޭރަކަށް ނުފެނެއެވެ. ރައީސެއްގެ ދެ އަނބިން ތިބެފައި އެކުވެރިކަމުން އެދެ އަންހެނުން ސޯޝަލް މީޑިއާގައި ނިކަން މަޝްހޫރެވެ. އެ މަޝްހޫރުކަމާއި އިއްޒަތް ކިލަބުވާން ދެ "ފަސްޓްލޭޑީ"އިން ވެސް ނޭދެއެވެ. އެކީ ގިނަ ދުވަސް ވާން ވެއްޖެނަމަ ވާނެގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

***

އުޑުމަތި ބަނަކަމުން ދެންމެ ދެންމެ ވެހިގެންފާނެހެން ހީވާފަދަ ދުވަހެކެވެ. ބާރު ވައިރޯޅިތަކެވެ. މޫސުމް ހިތްގައިމެވެ. ސޯފިއާ މުށިތަކުގައިވާ ފިނިފެންމާ ލެވެންޑާ ހައިޑްރަންޖިއާ ގާޑެނިއާފަދަ މާގަސްތަކަށް ފެންދޭން ގޮސްފައި ވިއްސާރަވުމުން އެކަން ހުއްޓާލިއެވެ. އޭނަގެ ރަންމުށިކުލައިގެ އިސްތަށިގަނޑު އޮތީ ހުޅިއެއް ޖަހާފައެވެ. ހުދުދޮން ހަމާއި ގުޅޭފަދަ ޕީޗް ހެދުމަކާއި ހަރުވާޅެއްލައިގެން ސާދާކޮށެވެ. ތައިމޫރުގެ ހަނގު އަނބި އާތިކާ ޓެރެސްއަށް އެރިއިރު އަތުގައި އިނގިރޭސި ވާހަކައެކެވެ. ޑެނިމް ޖިންސަކާއި ވިކްޓޯރިއާ ސިކްރެޓް ޓީޝާޓެއް ލައިގެން ހުރިއިރު ސިލްވާ ބްލޯންޑްކުލައިން ހައިލައިޓްކޮށްފައިވާ އިސްތަށިގަނޑު އޮތީ އައްސާފައެވެ. ދޮން ކަނދުރާ ގައި ވިދަ ވިދާ އޮތް ފަށުފުލުގައި އަލިމަހެއް ވިދައެވެ. ދެކަންފަތުގައިވެސް ގުޅޭ މުންޖެކެވެ.

"ހޭއި ސޯފީ..މިއޮތް ވިއްސާރައިގަ ފެންދެނީ؟ " އާތިކާ ފުޅާ ހިނިތުންވުމެއްގައި ގޮސް ސަން ޗެއާގައި އިށީނެވެ.

"ނޫނޭ. ދެން އަޅުގަނޑުވެސް ހޭނުޖެހޭ މީހަކަށް ނަހަދާ.." ސޯފިއާ ދިވެހި ބަހުން ވާހަކަ ދައްކާއިރު ކޮށިކަމެއް ހުރެއެވެ.

"ދެން ފެންދޭ އެތި ހިފައިގެން އިނީމަ އޮޅޭނެއްނު. މި ވާހަކަ ކިންތަ؟ " އާތިކާ ފޮތުގެ ކަވަރު ދައްކައިލިއެވެ.

"ނޫން އަދި ނުކިޔަން..ދެމީހުންގެ ވަރަށް އެއްކަހަލަ އިންޓެރެސްޓް މިހުންނަނީ. ހެހެ. ކޮބާ ލޭކް. އަދިވެސް ހޭނުލަނީތަ........" ސޯފިއާވެސް އެތާ ކައިރީގައި އިށީނެވެ.

"ލޭކް އަދިވެސް މިތާ ފަސްގަނޑަށް ނުކަތައިގެން މިއުޅެނީ. ބައިލޮޖިކަލް ކްލޮކްވެސް އަދި މި ގައުމަކަށް ހޭނިފައެއް ނޫން. އަދި ރަގަޅުވާނެ.............."

"ލޭކް ގާތު ބުނެބަލަ މިތާ އުޅޭއިރު ކަރުގައި އެ ފަށް ނާޅާށޭ. ކްރޮސް އެއް އެޅީމަ މީހުން ހީކުރާނީ ކީކޭ؟ އަނެއްކާ ލޭކް އިންސްޓާ ތަންތާ އެ ލާ ޕޯސްޓުތައްވެސް އެހާ ރަގަޅެއްނޫން. ރައީސެއްގެ ދަރިއަކަށްވީމަ ބައްޕަގެ އިއްޒަތާއި ގަދަރަށް ވިސްނަން ޖެހޭނެއްނު........." ސޯފިއާ އިނީ ހިނިތުންވެލައިގެންނެވެ. ނަމަވެސް ހިތް ހަމަނުޖެހިފައެވެ.

"ޖުއާންވެސް ހަމަ އެހެން އުޅެން ފެށީދޯ. އައި ހޯޕް ސޯފީ މަގޭ ދަރިއަށް ބްލޭމް ނުކުރާނެކަމަށް. އެއީ އެ އޭޖްގެ ޒުވާނުންގެ އުޅުން ހުންނަގޮތް. ދިރިއުޅުމަކީ ކުރު އެއްޗަކަށް ވީމަ ކޮންމެ ދުވަހަކީ އެންމެ ފަހު ދުވަސްކަމުގައި ދެކެގެން ހަމަ އުފާކޮށް މަޖާކޮށްލަންވީ.އަަހަރެމެން ވެސް އެއުމުރުގައި އުޅުނީ ކިހިނެއް؟ ނޫންތަ ސޯފީ. އަދި ލޭކެން ގެ ކަރުގައި އޮންނަނީ އަސްލު ކްރޮސް އެއްނޫން. އެއީ ނަގިއްޔެއް ކަން ނޭގޭ. ސިލްވާ ގޯލްޑުން ހަދާފައިވާ ފަށެއް. އެނީވޭސް އިންސްޓާގައި އެއްޗެހި ނުލިޔަން ބުނާނަން........." އާތިކާވެސް ހިތާހިތުން ރުޅިއައިސް ފަޅައިގެންދާ ވަރުވިޔަސް ކެތްކުރިއެވެ. އޭނަ އިތުރަށް ވާހަކަ ދައްކާ ހިތް ނުވެފައި އަވަހަށް ސަންބެޑްގައި އޮށޯވެލަމުން ވާހަކަފޮތް ހުޅުވާލައިފިއެވެ. އޭނަގެ މެސެޖް ސޯފިއާއަށް ފަހުމް ވާނެކަމުގައި އޭނަ ޔަގީންކުރިއެވެ.

ސޯފިއާ ދެކުނު ގޮތުން ޖުއާންގެ މިޒާޖަށް ބަދަލުތައް އަންނާން ފެށީ ލޭކެންގެ ސަބަބުންނެވެ. އޭނަ ދަރިން ތަރުބިއްޔަތު ކުރީ އިސްލާމީ ގޮތަށް އަޚުލާގު ރަގަޅު ހިތްތިރި ކުދިންގެ ގޮތުގައެވެ. ބޮޑާވެގަތުމާއި ނުބައި ނުލަފާ ސިފަތައް އަށަގަތުމުގެ ބަދަލުގައި ހުރިހާ ކުދިންވެސް މާތް ހަރުދަނާ ކުދިންގެ ގޮތުގައި ބައްޕަގެ ފިޔަވަޅުމަތިން ހިގަން ދަސްކޮށްދިނެވެ. ލޭކެން އައި ފަހުން ޖުއާންއަށް ރީތިވާން ފެށީ ލޭކެންގެ އުޅުމެވެ. އޭނައާއި އުމުރުގެ ގޮތުންވެސް އެންމެ ކައިރީ ލޭކެން ކަމުގައި ވުމުން ގިނަވަގުތު އެކުގައި ހޭދަކޮށް ޖުއާންގެ ގައިގާ މަޑުމަޑުން އެ ސިފަތައް ހަރުލިއެވެ. ބޮޑާކަން ރީތިކަމަކަށްވިއެވެ. އެކަމަ ސޯފިއާ އިންތިހާއަށް ރުޅިއައިސް ހިތްހަމަނުޖެހުނެވެ. މަސްލަހަތު ގެއްލިދާނެތީ އޭނަ ހުންނަނީ އެއްޗެކޭ ނުބުނާށެވެ. އެވަގުތު ތައިމޫރު ދުރުވާތަން ފެނުމުން ދެ އަނބިންވެސް ތައިމޫރު އިށީންނަވަން ތަން ދެއްކިއެވެ. އާތިކާ ތައިމޫރުގެ ކޮނޑުގައި ބޯ އަޅާލަމުން މާ ގާތްވާން އުޅުނެވެ.

 

***

އާއިޒާ ގެއަށް ވަންއިރު ބަދިގޭ ފަރާތުން ވާހަކަދައްކާ އަޑު އިވުނެވެ. އެހިސާބާ އަރާހަމަވީއިރު އެލީނާ ނީވްއާއި ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ނީވް ދެއަތްތިލަ ގުޅުވާލައިގެން ނިކަން އަދަބުވެރިކޮށް އަޑުއަަހަން ހުއްޓެވެ. ހުދުކަފަކޮޅެއްފަދަ އިސްތަށިގަނޑަށް ޗާންދަލިޔާގެ އަލި އެޅި ހިތްގައިމު ގޮތަކަށް ފެނެއެވެ. ބިއްލޫރިކޮޅެއްފަދަ ދެލޮލުން ރަންކުލަވެސް އަރާފަދައެވެ. އާއިޒާ ނީވްއާއި ހީލުމަށްފަހު އެލީނާއަށް އަތުން އިޝާރާތްކޮށްލީ އައުމަށެވެ. ދެމީހުން ގޭގެ ފަހަތު ފެންޑާއަށް ނުކުތެވެ.

"އައިޒް. ކިހިނެއްވީ؟ "

"ކޮބާ ނެނީ؟ އަދިވެސް ޖޮބަށް އަންނަން ނުފަށަނީތަ؟ "

"ނޫން މާދަން އަންނާނެ......"

"އަހަރެން މިހުންނަނީ ވަރަށް ހާސްވެފައި. އެދުވަހު އެ ސިއްރު ނުބުނި ނަމައޭ ހިތަށް އަރާ. އެލީން އެ ވާހަކަދެއްކީމަ އައި ފީލް ސޯ ބޭޑް. ޝައުންގެ ކުރިމައްޗަށް އަރަން ޖެހިލުންވޭ. އައި ފީލް ބޭޑް ފޯ ހިމް........" އާއިޒާއަށް ބުނެވުނެވެ.

"ވަޓް؟ " އެލީނާ ހަޅޭއްލަވައިގެންފާ އަމިއްލަ އަނގަމަތީ އަތްއެޅިއެވެ.

"އައިޒް. އޭނައަށް ތަ؟ ނޫނީ މަށަށްތަ ސިމްޕަތީވާން ވީ. އައިޒް ތިހެން ބުނީމަ ހަމަ ޝޮކިން..... "

"އޭނަ ގާތު ބުނަންވީނު. އަންހެޕީ މެރިޖެއްގައި މުޅި ދިރިއުޅުން ދުއްވާލީމަ ދެމީހުންނަކަށްވެސް އުފަލެއް ނުލިބޭނެ. ކޮންމެވެސް ކޮޅެއްގައި ޖައްސާ އެލީން. ޝައުންއަށް އެނގެންވާނެ. ހީ ޑިޒާވް ޓު ނޯ ދަ ޓްރުތު. ފާފައިގެ މައްޗަށް ފާފަ ކުރާއިރު އެލީން ހެއްދެވި ފަރާތްވާކަން ހަދާން ނައްތާނުލާ ބަލަ. ހަމައެކަނި އަބާޔަ ލުމުން ދީނަށް އުޅެވެނީއެއް ނޫނެއްނު..........." އާއިޒާގެ ޖުމްލައާއެކު އެލީނާ އޭނަގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ. ކުޑަކޮށް ފިތައިލިއެވެ.

"އައިޒް ކަލާމްފުޅުގައި އަތްލާ ހުވާކުރީ އެ ސިއްރު ކަށްވަޅަށް ގެންދަން. ހަނދާންކޮށް ނުބުނާތި. އައިޒް ތިއުޅެނީ ކެތް ނުލަވައިގެންކަން މަށަށް އެނގޭ. އެކަމަކު ބުނެފިއްޔާ މި ދެއަތުން އައިޒް މަރުވާނެ..." އެލީނާ އިންޒާރުކުރިއެވެ. ދެމީހުންނަށްވެސް ސިހުމެއް ލިބުނީ ކުއްލިއަކަށް ޝައުން ދޮރު ހުޅުވާލިތަން ފެނިފައެވެ. އެ ޖުމްލަތައް ޝައުން އަށް އިވުނުކަމެއް ނުވަތަ ނޫންކަމެއް އޭނަގެ މޫނަށް ބަލާލައިގެން ނޭގޭނެއެވެ. ޝައުން ފެނިފައި އެލީނާ އާއިޒާގެ މޫނުން ދޫކޮށްލައިފިއެވެ. ޝައުން މިހާރު ހިތަށް އަރާނެ އެއްޗެއް ވިސްނި އެލީނާއަށް ހިނިގަނޑު ހިފަހައްޓައިގެން ނުހުރެވުނެވެ. އޭނަ ހޭންފެށިއެވެ. އާއިޒާއަކަށް ހޭކަށްވެސް ނުކެރުނެވެ. ލަދުން މަރުވާވަރުވިއެވެ. ލިބުނު ފުރުސަތުގައި އޭނަ އަވަސްްއަވަހަށް ހިނގާފައި ގޮސް ލޯމަތިން ގެއްލުނީއެވެ. އެލީނާ ގޮސް ގަހުން ދޮންވެފައިވާ ދެތިން ޗެރީ ބިނދެލިއެވެ. އަނގަޔަށް ލިއެވެ. ޝައުން ނިކަން ހަމަޖެހިލައިގެން ގޮސް އިށީނީ އެތާ ހުރި ބެންޗުގައެވެ.

"އަހަރެމެން ދެއްކި ވާހަކަތައް އިވުނުތަ؟ "

ޝައުން އަޑު އިވުނުކަމަށް ނަހަދާ ފޯނުން ކޮންމެވެސް މީހަކާއި ޗެޓްކުރަމުން ދާތަން ފެނި އެލީނާ ފޯނު ޖަހައިގަނެފައި ހަލާކުކޮށްލަންވެސް ހިތަށް އެރިއެވެ.

"ސިއްރުން އަހަރެމެންގެ ވާހަކަތައް އަޑުއެހުމުގެ ބޭނުމަކީ ކޮބާތަ " އެލީނާ ތަންކޮޅެއް ބާރަށް އެހިއެވެ.

- ނުނިމޭ -

ކޮމެންޓް 0