މާތްﷲ ގުރުއާނުގެ ބަގަރާ ސޫރަތުގެ ދުއިސައްތަ ސޯޅަ ވަނަ އާޔަތުގައި ވަހީ ކުރައްވާފައި ވަނީ
 
وَعَسٰۤى اَنۡ تَكۡرَهُوۡا شَيۡـئًا وَّهُوَ خَيۡرٌ لَّـکُمۡ​ۚ وَعَسٰۤى اَنۡ تُحِبُّوۡا شَيۡـئًا وَّهُوَ شَرٌّ لَّـكُمۡؕ وَاللّٰهُ يَعۡلَمُ وَاَنۡـتُمۡ لَا تَعۡلَمُوۡنَ) މާނައަކީ
 
އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.

***

އެވަގުތު މީހަކު ދޮރުގައި ޓަކިދިނެވެ. ދޮރުމަތީ ހުރީ ފްރެންޗް ޚާދިމާއެކެވެ. އޭނަ އެދުނީ ކެމީލާ ޕެކްކުރުމަށެވެ. ކެމީލާ ބުނީ މިގޭގައި އޭނަގެ އެއްޗެއް ނެތްކަމުގައެވެ. އޭނަގެ އަތުގައި އޮތް އަނގޮޓިއާއި ގަހަނާތައްވެސް ބޭލިއެވެ. ގެއިން ގެނައި ހެދުން ލުމަށްފަހު ކެމީލާ ހިނިތުންވެލިއެވެ. "ޖިޒަލް. ތޭންކްސް ފޯ ދަ ހެލްޕް. އަދި ހުރިހާ ކުދިންގެ ފަރާތުން ކައްކަން ދަސްވެއްޖެ....." ކެމީލާ ޖިޒަލް އާއިއެކު ހިނގައިގަތެވެ.

"މިގޭ ޑްރައިވަރު ގެންގޮސްދޭނެ..."

"ނޫން. ދޮންތީ އަންނާނެ އަހަރެން ބަލާ. ޓެކްސީއެއްގައި ދާނީ........" ކެމީލާ ލިވިން ރޫމާއި އަރާހަމަވީއިރު ޓީވީބަލަން އެގޭ ހުރިހާ ފިރިހެންކުދިން އިށީދެލައިގެން ތިއްބާ ފެނުނެވެ. ކެމީލާގެ ފިޔަވަޅު ހުއްޓުނެވެ. އެންމެނަށް އަލްވަދާއު ކިޔަންވީ ބާވައެވެ.

"އައިމް ސޮރީ ބްރަދާސް. އެކްޗުއަލީ.........." ކެމީލާ އެންމެންގެ ސަމާލުކަން ހޯދަން ކުޑަކޮށް ކަރުކެހިލިއެވެ.

"އޭ ކެމީލާ. އަހަރެމެން ބްރަދާއިންނަށް ވީ ކިހިނެއް؟ އެޑޮޕްޓް ކުރުމަކީ އިސްލާމްދީންގައި ހަރާމް ކަމެއްކަން އެނގޭތަ؟ ތިހާ ދީނީކޮށް އުޅޭއިރު އެކަން އޮންނަގޮތް ނޭގި ލޭގެ ގޮތުން ގުޅުމެއްނެތް ބަޔަކާއެކު އެއް ފުރާޅެއްގެ ދަށުގައި ބޭބެ ކިޔައިގެން އުޅުން އޯކޭ އެއްނުވާނެ. އިސްލާމްދީނުގައި ޔަތީމުންނަށް ހިމާޔަތްދީ އަޅާލަން އޮވޭ. އެކަމަކު ހިލޭފިރިހެނުންގެ ތެރޭ ގެންގުޅޭކަށް ނެތް. އެހެންވީމަ ބްރަދާސް ނުކިޔާ ގެޓް ލޮސްޓް...." ޖުއާން ތެދުވެގެން އައިސް ކެމީލާގެ ކުރިމަތީގައި ހުއްޓުނެވެ. އެލޮލުގައި އަނދަ އަނދާ ހުރީ ނަފްރަތުގެ އަލިފާނެވެ.

"ނުދެނެހުރިން...."

"ކީއްވެ ޝޭޚަކަށް އެ ހާ ކުދި ކަންތައް ނޭގެންވީ؟ އަހަރެމެން ގޫގުލްކުރިޔަސް ތީނައަށް އެނގެންވާނެ ދޯ....."

"އަހަންނަނީ ޝޭޚެއްނޫން. ޖުއާން. ދީން ދަސްކުރަން އަދި ކިރިޔާ ފެށީ. ދީނަށް ލޯބިކުރިޔަސް އަދި ފިގުހާއި ބައިވަރު ކަންތައް ނޭގޭ. އެހެންވެ ވިޝާގެ ގާތުން ދަސްކުރަނީ...." ކެމީލާ ބުމަ ކައިރިކޮށްލިއެވެ.

ޖުއާން ކެމީލާގެ ނިތްކުރީގައި އިނގިލި ޖައްސާލާފައި ކޮށްޕާލުމުން ދެފިޔަވަޅެއް ފަހަތަށް ޖެހިލެވުނެވެ. "ޔޫ ޖަސްޓް ކޭމް ހިއަ ފޯ ދަ މަނީ. ދަހިކަމުގެ އިންތިހާ....."

އެ އިލްޒާމުން ކެމީލާގެ މޫނު ރަތްވެގެން ދިޔުމާއެކު ރުޅީގެ އަސަރުތައް ފެނުނެވެ. "އިޒް ދެޓް ސޯ ބޭޑް އަހަރެން މާމައާއި ޒައިރާއަށް މިހާރަށްވުރެ އުފާވެރި ދިރިއުޅުމެއް ހޯދަދޭން ބޭނުންވުން އަދި ތިއީ ރެސްޕެކްޓްކުރާ ފެމިލީއަކަށްވުން. ޔޯ އޯން ފެމިލީއިން އަހަރެން އެޑޮޕްޓްކުރަން ބޭނުންވީ. ނޫނެކޭ ބުންޏަސް ރައީސްގެ އާއިލާ ވީމަ ޕަވާ އޮންނާނެކަންވެސް އެނގެއޭ. އިޒް އިޓް ސްޓިލް މައި ފޯލްޓް؟ ތެދަށް ބުނަންޏާ މިގެއަށް އައީ އަންނަން ބޭނުންވެގެނެއް ނޫން. ގަދަކަމުން ފޮނުވީ."

ކެމީލާގެ އަޑު ބާރުވިއެވެ. އެހާ ކުޑަކުއްޖަކު އެގޮތަށް ރުޅިއައިސްގެން ހަޅޭއްލެވުމުން އެންމެން ހައިރާންވެސް ވިއެވެ. އަބަދު ހިނިތުންވެލައިގެން ހުންނަ ކުއްޖާއާއި އެ މިޒާޖު ނުގުޅުނަސް އިންސާނެއް ވެއްޖެއްޔާ ރުޅިވެސް އަންނާނެއެވެ. ހުރިހާ ޝުއޫރުތައް ފައުޅުކުރެވެން ވާނެއެވެ.

ކައިދަންއާއި ޒުބުނާން އަދި ލޭކެން އެ ވާހަކައިގައި ބައިވެރިނުވެ ހިމޭންކަން ޚިޔާރުކުރިއެވެ. ޚާއްސަކޮސް ކައިދަންއާއި ޒުބްނާން ކެމީލާއާއި ނުރުހި އެކުއްޖާގެ ސޫރަ ދެކޭކަށްވެސް ބޭނުމެއްނޫނެވެ. ނަމަވެސް ކެމީލާ ހިނިތުންވެލާތަން ފެންނަ ކޮންމެ ފަހަރަކު މާފުދެވެން އުޅެއެވެ. މައުސޫމް ކަމާއި ޅަކަމުންނެވެ. އާތިކާ ކޮޓަރިއަކުން ނުކުމެގެން އަންނަމުން ހުއްޓުނެވެ. މޫނުމަތިން ފެނުނު ރުޅިވެރިކަން ކެމީލާގެ ހިތަށްވެސް ބިރުވެރިކަން ގެނުވިއެވެ.

"ކެމީލާ. މިހާ އަވަހަށް މި ވާހަކަ ނޫހަށް ފޮނުވައިލީ؟ " އާތިކާ މޫނު ރަތްވިއެވެ. އޭރު ސޯފިއާވެސް ފަހަތުން އައިސް އެއްފަރާޓުގައި ހުއްޓިލައިގެން އެ މަންޒަރުތައް ދެކެން ހައިރާންވެފައި ހުއްޓެވެ.

"ކޮން ވާހަކައެއްތޯ؟ "

"މިއުޅޭ ނޫސްވެރިންނަށް މިހާރު އެންމެ ހޫނު ޚަބަރަކީ ޖުއާން. މިއޮތީނު ފަސްޓްލޭޑީ އެޑޮޕްޓްކުރި ކުއްޖާ ޖޫހަށް ޕާޓީޑްރަގް އެޅިޔޯކިޔާފައި އެކުއްޖާގެ ބޮލަށް ކަނޑާލާފައި ގެއިން މި ބޯ ވާރޭތެރޭ ނެރުނު ވާހަކަ...." އާތިކާ ގޮސް ދޮރު ލައްޕާލައިފިއެވެ. " ކެމީލާ ތިއީ ކޮންކަހަލަ އަދަބެއް ނެތް އިހުސާންތެރިކަން ގަބޫލު ނުކުރާ ކުއްޖެއް؟ އެމީހުންގެ ސްޕައިއެއްތަ؟ ނޫނީ ކިހާވަރަކަށް ފައިސާދިނީމަ މިކަހަލަ ވާހަކަ ވަގުތުން ވަގުތަށް އެ ސަރުކާރާއި ދެކޮޅު ނޫހަށް ފޯރުކޮށްދެނީ؟ ނުލަފާ ގޮތްކުޑަ ކުއްޖާ.." އާތިކާ ކެމީލާގެ ކޮލުގައި ހިފާ ފިތައިގަތެވެ. އަދި ސޯފިއާގެ މޫނަށް ނަޒަރު ހުއްޓިއެވެ. " ސޯފީ އެންމެ ކުރިންވެސް އަޅުގަނޑު ދެންނެވިން އާއިލާއަށް ބަލާށޭ......"

ކެމީލާ ހިންދިރުވައިލިއެވެ. އަމިއްލަ ދިފާއުގައި އެއްޗެކޭ ބުނަންޏާ އޭނަގެ ދޮންތަ ކުށްވެރިވީއެވެ. އޭނަ އެ ވާހަކަ ބުނީ ހަމައެކަނި ދޮންތަ ގާތުގައެވެ. އެހެން މީހަކަށް މި ހަގީގަތް ނޭގޭނެއެވެ. ދޮންތައާއި ނޫސްވެރިޔަކާއި އޮތް ގުޅުމެއް އެއްގޮތަކަށްވެސް ނޭގުނެވެ. މި އާއިލާ މީހުންގެ ހިތުގައި އޮތް ނަފްރަތުގެ ގިނީގެ މައްޗަށް އަލުން ޕްޓްރޯލް އަޅާ ރޯކޮށްލީއެވެ. ޚުދު އޭނަގެ ދެއަތުންނެވެ. އޭނައަށް ނުބުނެވުނު ނަމައެވެ. ކެމީލާގެ ލޮލުގައި ގިނަވެގަތް ކަރުނަ ތިކި ކޯތާފަތް މައްޗަށް ވެއްޓުނެވެ.

"ރޮއިގެން ކާކުގެ ހިތް މަޑުކުރަން؟ "

"ކެމީލާ ކޮޓަރިއަށް ދޭ..." ސޯފިއާ އަމުރުކުރިއެވެ.

"ޔެސް. މިގެއިން މީހަކު ނުނެރޭ. އަމިއްލައަށް ދާހިތުން އަމިއްލައަށް ތިދަނީ. އެހެންމީހުން ބަދުނާމު ކުރަން..." އާތިކާގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ.

ޝައުންއަށް އަޑުގަދަވެގެން ވީގޮތް ބަލައިލަން ނުކުމެވުނުއިރު ލޫކާވެސް ފަހަތުން އައެވެ. ލޫކާއަށް ކެމީލާ ރޯ ތަން ފެނުމުން ގޮސް ކެމީލާގެ ގައިގާ ބައްދައިގަނެވުނެވެ.

"ދޮންތީ އާ ޔޫ ކްރައިން. ސްޓޮޕް...." ލޫކާ ވަރަށް ހިތުގައި ޖެހުނެވެ.

"ކިހިނެއްވަނީ؟ " ޝައުންގެ ސީރިޔަސް ނަޒަރާއި ނުރުހުން އަމާޒުވީ އެހެން މީހުންނަށެވެ.

އާތިކާ ވީގޮތް އޮޅުން ފިލުވާދިނެވެ. ކެމީލާ ދޮގުހަދާ އޮޅުވާލައިގެން ގެއިން ނެރެލީކަމަށް ބުނެ ނޫހުގެ ޚަބަރުތައް އިތުރަށް ހޫނުކޮށްލައިފި ކަމަށާއި މިކުއްޖާގެ އެހެން އެޖެންޑާއެއް އެބައޮތްކަމުގައެވެ. ޝައުން އެވާހަކަ ގަބޫލުކުރާކަށް ތައްޔާރަށް ނެތެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި އިތުރަށް އެއްޗެކޭ ބުނަން ބޭނުމެއްނުވިއެވެ. އޭރު ލޫކާ ކެމީލާގެ ކަރުނަތައް ފޮހެދެނީއެވެ. އެ މަންޒަރުން އެހެން މީހުންގެ ހިތަށް ކޮންމެވެސް ކަހަލަ އުދަގޫތަކެއްވިއެވެ. ޝައުން ކެމީލާގެ ގާތުގައި ހުއްޓުނެވެ.

"ކެމީލާ. ބީ ސްޓްރޯންގް. ނޫސްވެރިން ބައެއްފަހަރު ހަދައިގެން ވާހަކަ ދައްކާނެ......ކޮޓަރިއަށް ގޮސް ހަމަޖެހިލައިގެން ނިދާލާ. ބަލިވެއްޖެއްޔާ ކިހާ ދެރަ..." ޝައުންގެ އޯގާތެރި ވާހަކައިން ކެމީލާގެ ލޮލުގައި ތާޒާ ކަރުނަތައް ގިނަވިއެވެ.

"ލޫކް. ތުއްތީ ނިދާލަން ދަނީ އިނގޭ..." ކެމީލާ ލޫކާގެ އިސްތަށިގަނޑުގައި އަތް ހިންގައިލުމަށްފަހު އަވަސްވެގަތީ ގެއަށް ވަނުމަށެވެ. ދޮންތަމެން ކައިރިއަށް ދާ ހިތެއްވެސް ނުވިއެވެ. އޭނަ ބޭނުމީ މިވަގުތު އެކަނިވެރިކަމެވެ. އެހެން އެއްވެސް މީހަކު ނެތަސް އޭނައާއިއެކު މާތްﷲ ވޮޑިގެންވޭ ނޫންހެއްޔެވެ؟ ނިދަން އެރިތަނާ ބާރު ގުގުރީގެ އަޑު އިވި ހިތް ބިރުގަނެ އަވަސްވެގަތީ ނަމާދުކުރާ ބަޔަށް ދިޔުމަށެވެ. ފަނޑު އައްޔަކުން ދިއްލިފައިވާ ނަމާދުގެއަށް ވަނުމަށްފަހު ބިތުގައި ބާލީސް ޖައްސާލައިގެން ލެނގިލައިގެން އިނދެ ގޫގުލްކުރަންފެށިއެވެ. އެޑޮޕްޓްކުރުމާއި ބެހޭގޮތުންނެވެ. ހިތާމައާއި އެކަނިވެރިކަން ފިލުވަން ދީނުގައިވަނީ ކީއްތޯ ބަލަންވެސް ބޭނުންވިއެވެ. ހަދީސެއްގައިވާ ގޮތުން ހިނގާފައިދަނިކޮށް ފައިތިލައަށް ހެރިލާ ކަށްޓަކުންވެސް ފާފަތައް ފޮހެވޭނެއެވެ. އޭނައާއި ޖެހިގެން އުޅޭ ބަލީގައި އަޅާ ވޭންތައްވެސް އެހެން މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. މޭމަތީގައި އެހުންނަ ހިކްމެން ލައިން އެކަނިވެސް އޭނައަށް ހަދާންކޮށްދެނީ އޭނައަކީ ބަލި ކުއްޖެއްކަމެވެ. އެކަމަކު ސިއްހަތު ރަގަޅުމީހުންނަށް އިހުސާސްވާނެހެއްޔެވެ؟ އެނގޭނީ އެމީހަކަށް ބަލި ޖެހުމުންނެވެ. އޭނައަށް ކުރިމަތިވާ އިމްތިހާނުތަކަކީ އިބުރަތެއްލިބެން ނޫނީ މާތްﷲއާއި އޮތް ގުޅުން ވަރުގަދަކުރަން ލިބޭ ފުރުސަތެކެވެ. މާތްﷲއަށް އިތުބާރުކުރާށެވެ. ކޮންމެވެސް ދުވަހަކުން އެކަމުގެ އިނާމު ލިބޭނެއެވެ. އަޅުކަން ގިނަ ކުރުމުން އެގުޅުން ވަރުގަދަވެ އެފަރާތުގެ ނިއުމަތް މަތިން ހަދާންވެ ސްޓްރެސް ފިލާނެއެވެ. ދެރަވެ ހިތާމަކުރާކަން އެހެން ފަރާތަކަށް ނޭގުނަސް ހެއްދެވި ފަރާތް ދެނެ ވޮޑިގަންވާނެއެވެ. ލިބޭ ކޮންމެ އަނިޔާއަކަށް މުސީބާތެއްގެ ބަދަލުގައި ނިއުމަތްވެސް ދެއްވާނެއެވެ. މިއަދު ނޫނަސް ދުވަހެއް އޮންނާނެއެވެ.

އުފާވެރިކަން ނިގުޅައިގަންނަ މީހުން އެއްފަރާތްވެސް ވެދާނެއެވެ. ކޮންމެ ކަމަކަށް ހިކުމަތެއްވެއެވެ. ކޮންމެ ބަޔަކު ހަޔާތަށް އަންނަނީ ފިލާވަޅެއްގެ ގޮތުގައެވެ. މި އާއިލާވެސް އޭނަގެ ހަޔާތަށް އައުމުގައި ހިކުމަތެއް އޮންނާނެއެވެ. ވީމަ ކަރުނަތައް ފޮހެލާ ދުޢާއަށް އަތް އުފުލުމަކީ ހިތާމައިގެ ފަރުވާއެވެ.

ގޫގުލް ކޮށްލުމަށްފަހު ކެމީލާ ނަމާދުކުރަން ފެށީވެސް ފަނޑު އަލިކަމުގެ ތެރޭ އެކަނިމާ އެކަނިއެވެ.

އެލީނާ އެހެން ލާފައި ދަމުން މީހަކު ކެއްސައިލިހެން ހީވެފައި ހައިރާންކަމާއެކު ބަލައިލިއެވެ. ސޯފިއާމެންވެސް ދަމު ނަމާދުނުކުރާކަން އޭނަ ދަނެއެވެ. އޭނައަށްވެސް ތަހައްޖަދުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިގޭގައި އުޅޭއިރު އެހެންމީހުންނަށް އޭނަ ނަމާދު ގަވާއިދުން ކުރާކަން އަންގަން ޖެހޭނެތާއެވެ. ނަމާދު އަވަހަށް ކުރަން ހުރެފައިވެސް މީހަކު ވަންކަން އެނގިއްޖެއްޔާ އޭނަ ނަމާދު ލަސްކުރާނެއެވެ. އެއީ ކޮންފަދަ ނުބައިކަމެއްކަން ހިތަކަށް ނާރައެވެ.

ކެމީލާ އެކަނިމާ އެކަނި ނަމާދުކުރަން ހުރި މަންޒަރު ފެނިފައި އެލީނާގެ ހިތަށް އަސަރުތަކެއްކޮށްފިއެވެ.

ޝައުންގެ ޖުމްލަތައް ސިކުނޑީގައި ގުގުމައިގަތެވެ.

ހަގީގަތުގައިވެސް އޭނަ ހެއްދެވިފަރާތަށް އިހުސާންތެރި ނުވަނީހެއްޔެވެ؟ އޭނަ ކޮންމެ ކަމެއް މިކުރަނީ ކަންދައްކަން ނޫނީ ތައުރީފުގެ ބަސްތައް ހޯދަންހެއްޔެވެ؟ ނަމާދު ލަސްކުރަނީވެސް ސޯފިއާ ނޫނީ އާތިކާ ލައްވާ ތައުރީފުކުރުވުމުގެ ބޭނުމުގައެވެ.

"ސުބުހާނަﷲ....އަހަންނަށް މި އުޅެވެނީ ކޮންފަދަ ގޮތަކަށް؟ އެވަރަށް ބައްޕަ ދަރުސް ދެއްވާއިރު. އެބުނާހެން ކަޅު ހެދުން ލައިގެން މީހުންނަށް ޝޭޚުގެ ކުދިން ހާދަ ރަގަޅޭ ބުނުމުވުމުން އެ ނިމުނީއެއް ނޫނެވެ.

***

ޖުއާންގެ އެކުވެރިޔާ އަދި ތާނިގެ ދެބެންގެ ދެދަރި ނާއިލް އޭނަގެ ގާތު ކުށަށް އެއްބަސްވެ މާފަށް އެދުނެވެ. އޭނަ ޖޫހަށް ޕާޓީޑްރަގް އެޅީ މަޖަލަކަށް ކަމަށާއި އެއްވެސް ނުބައި ނިޔަތެއްގައި ނޫންކަމުގައި ބުނެލިއެވެ. ހަމަ ތަޖުރިބާއަކަށް ކަމަށާއި އެކަމަކު އެކަން ބޭޒާރުވެ ޖުއާންގެ އަގު ވެއްޓުމުން ހިތާމަ ކުރާކަމުގައި ބުނެލިއެވެ. ޖުއާން މާފު ދިނެވެ. ތެދެކެވެ. އެއީ ޒުވާން ކުދިންނެވެ. މަޖާކުރެވެންވެސް ޖެހޭނެއެވެ. އެކަން ބޮޑުކޮށްގެން ކެމީލާ އަދި ނޫސްތަކުން އުޅުނަސް އެކުދިންނަށް އޭގެ ގެއްލުމެއް ނެތެވެ. ޖުއާންއަށް ހިތްވަރެއް ލިބުނެވެ. ކިތަންމެ ވަރަށް މަޝްހޫރުކޮށްގެން އުޅުނަސް އޭނައާއި އެކުވެރިން އަދިވެސް ޕާޓީ ބާއްވާނެއެވެ. މަޖާކުރާނެއެވެ. އެކަމަކު ކެމީލާކަހަލަ ހައްދުފަހަނަޅާގޮސްފައިވާ ކުދިން ނުލައެވެ. ކުރެވުނު މޮޔަކަމަކީ "ދީނީ" މީހުންނަށް ދައުވަތު ދެވުމެވެ. އެފަދަ ގޯސްތައް ނެހެދެމުން އުފާވެރިކަމަށް ހުރަސް ނޭޅޭނެކަމުގެ ކުށް ހީ ޖުއާންއަށް ކުރެވުނެވެ.

***

ޝައުން ޑޮކްޓަރސް ލައުންޖުގެ ސޯފާމަތިގައި ލިލީ ބައިންދައިގެން އިންއިރު އެތާ އިން ކުޑަ ބުދެކޭ އެކުއްޖާ ތަފާތެއް ނެތެވެ. އެހެން ޑްވާފުންނާއި ޕްރައިމޯޑިއަލް ޑްވާފުންގެ ތަފާތަކީ މިއީއެވެ. ވިހާއިރުވެސް އޮންނަލެއް އަޖައިބެއްހާ ކުޑައެވެ. ޕްރައިމޯޑިއަލް ޑްވާފުންގެ ހަށިގަނޑާއި އެއްވަރަށް ބޯވެސް ކުޑައީއެވެ. އެހެންވުމުގެ ސަބަބަން އެކުދިންތައް ތިބެނީ ތަމްބްލީނާފަދައިން ބުދުތައް ހެންނެވެ. އެފަދަ ކުދިން ކުޑަކަމާއި ނާޒުކްކަމުން ހައިރާންވާފަދައެވެ. ކަށިތައް ތުނި ވުމާއި ހިތުގެ މައްސަލަތަކާއި އެކު ސިކުނޑީގައި އެނިއުރިޒަމްއެއް އުފެދިދާނެކަމުގެ ބިރު ލިލީއަށްވެސް ވެއެވެ. އެހެންވެ ދޭތެރެއަކުން އެމްއާރު އައިއެއް ހަދަން ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ. މިއަދުވެސް ލިލީ އެމްއާރުއައި ނިމިގެން ޝައުން އެތާ ބޭންދިތަނާހެން ކިޔާން އަށް އާދެވުނީއެވެ. ކިޔާންގެ ކަންބޮޑުވުމާއި ނުތަނަވަސްކަން ޝައުންއަށް ރޭކާނުލީ އެލޮލަށް ބަލައި ނުލެވުނީމައެވެ.

ޝައުން މިއަދު ކޮންމެވެސް ވަރަކަށް ލިލީގެ ވާހަކަ އެކުވެރިޔާއާއި ހިއްސާކުރިއެވެ.

"ފުރަތަމަ ދަރިފުޅު އަތްތިލަ މަތީ ބޭއްވުނުއިރު އެކުރެވުނު އިހުސާސް ބަޔާންކޮށެއް ނުދެވޭނެ. އައި ވޯޒް ކްރައިން. ގޯޑްގެ މިރެކްލް އެއްކަމުގައި ދެކުނީ. އެހާވެސް ކުދި އެހާ ނާޒުކް. އަހަރެންގެ އަތްތިލައަށް ފިޓްވާވަރުގެ ކުޑަ އިންސާނާއަކީ އަހަރެންގެ ހިތުގެ ވިންދުކަމުގައިވި......."ވިހޭއިރު އޭނަގެ އަތްތިލަވަރު ނުވާ ތުއްތު ދަރިފުޅު ފެނުނުއިރުއްސުރެން ހިތުގައި އަޖައިބެއްފަދަ ލޯތްބެއް އުފެދުނުކަމަށާއި ދަރިފުޅަށް ހިމާޔަތްދީ ރައްކާތެރިކޮށް ދިނުމަކީ އެންމެ އިސް ވާޖިބުކަމުގައި ދެކުނު ކަމުގައި ކިޔާން ގާތުގައި ބުނެލިއެވެ. ދަރިފުޅު ގެ އުމުރުން މިވީހާތަނަށް ތަހައްމަލުކުރި ތަފާތު ކަންތައް ކިޔާދިނެވެ. ޝައުންއަށް ނޭގި ނަމަވެސް ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

"އެލީނާވެސް ލޫކާއަށްވުރެ ކެއާކުރާނީ ލިލީއަށް. ލިލީ ކޮންމެ ކަމެއް ކުރިޔަސް އުފަލުން އެލީނާއަށް ރޮވޭ.ޝީޒް އެވްރީތިން ޓު ހާރ...." ޝައުން ބުނެދިނެވެ.

ކިޔާން ހިންދިރުވައިލިއެވެ.

ކިޔާންއާއި ޝައުންއައި ދެމެދު ސޯފާގައި އައިޕެޑްއަށް ގެއްލިފައި އިން ކުޑަ ބުދެއްވަރު ކުއްޖާއަށްޓަކާ ދެމީހުންގެ ހިތުގައި ޚާއްސަ ލޯތްބެކެވެ.

***

އެލީނާ ތައުބާ ނަމާދުކުރިއެވެ. އިސްތިޚާރާކުރިއެވެ. އޭނަ ސަޖިދައިގާ އޮވެ ރުއިވަރު ދެނެވޮޑޮގެންވަނީ ހަމައެކަނި މާތްﷲއެވެ. މިހުރިހާ ދުވަހު އުޅެވުނުލެއް ގޯސްކަން ވިސްނި އިހުސާންތެރިކަމާއެކު ހެއްދެވި ފަރާތަށް ތަގުވާވެރިވެ ގޯސް ސިފަތަކާއި ދުރުވާން އޭނަ އަޒުމް ކަނޑައެޅިއެވެ. އޭނަ ވަރަށް ގިނައިރުވާންދެން ދަރުސްތައް ބަލަން އޮތެވެ. ވަރިވުމަށްފަހު އިއްދައިގާ އިންނަ ދުވަސްތަކާއި އަދި ރުޖޫއަކުރާނެ ގޮތްވެސް އޭނަ އޮޅުން ފިލުވިއެވެ. މާތްﷲއަށްޓަކާ ލޯބިވުމުގެ މުހިއްމުކަން އެނގުމުން ޝައުންއާއި ދޭތެރޭ އެގޮތަށް އަމަލުކުރަން އޭނަ ނިންމިއެވެ. އޭނަ ފިރިމީހާދެކެވެސް ލޯބިވާނީ މާތްﷲއަށްޓަކައެވެ.

"އެއީ ފިރިމީހާތަ؟ މިހާރު ޑިވޯސްއެއްނު..." އެލީނާގެ ހިތުގެ ކަނަކުން އެންގިއެވެ.

"މައިދައިތަމެންވެސް ކިހާ ރަގަޅު. ޝައުންވެސް ގޯހެއްނޫން. އަހަރެން ކަހަލަ މީހަކާއެކު ވަރަށް ދުވަހު ކެތްކޮށްފި. ކައިވެނި ރުޖޫއަކޮށްގެން ރަގަޅަށް އުޅެންވީ. ކެމީލާފަދަ ކުޑަކުއްޖެއްގެ އަމަލު ފެނުމުން އިންސްޕަޔާވި ކަމީވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް....." އެލީނާގެ ހިތް ކޮންމެވެސް ވަރަކަށް ސާފުވާންފެށިއެވެ. އަމިއްލަ އެދުން ބޮޑުނުވެ އެހެން މީހުންގެ ފަރާތުން ފެންނަ ހެޔޮ ކަންތައް ގަބޫލުކުރަން ޖެހޭނެއެވެ. ލޫކާ ހޯދަމުން ދިޔައިރު ކެމީލާއާއި ދެކުދިން އެލްފް ގޮވައިގެން ގަސްތަކުގެ ތެރޭގައެވެ. އެލީނާ ވިޝާއަށް ގުޅާފައި އެދުނީ އަވަހަށް ތައްޔާރުވެގެން އައުމަށެވެ. އޭނަ ބާޒާރުކުރަން ދާން ބޭނުންކަމުގައެވެ. ވިޝާ އައުމުން އެލީނާ ކެމީލާއާއި ލޫކާވެސް ގޮވައިގެން ބާޒާރުކުރަން ގޮސްފައި ރެސްޓޯރެންޓަކަށް ވަނެވެ. އައިސްކްރީމް ބޮއިގެން ބީޗުގައި ހިނގާލަން ގޮސްފައި ގެއަށް އައިއިރު ލޫކާވެސް ހުރީ ވަރަށް އުފަލުންނެވެ. އެލީނާގެ ފަރާތުން ލޫކާއަށް މިއިން ދުވަހަކުވެސް އެހާ ބޮޑު ސަމާލުކަމެއް ލިބުނުކަމެއް ނޭގެއެވެ.

***

ޝައުން ކޮޓަރިއަށް ވަންއިރު ލިލީ ހުރީ ޝައުންގެ އަތު ތެރޭގައެވެ.

"އެމްއާރު އައި ރިޕޯޓްކިހިނެއް؟" އެލީނާ އެހިއެވެ.

"ނޯމަލް...." ޝައުން އެލީނާއާއި ހަތަރުކަޅި ހަމަކުރިއެވެ.

"ރޮއިފަތަ ތިހިރީ؟ ލޯ ދުޅަވެފައި..." ޝައުންގެ އެ ސުވާލުން އެލީނާގެ ލޮލުން ކަރުނަ ހިލެން އުޅުނެވެ.

"ބީޗަށް ގޮސް އުޅެނިކޮށް ލޮލަށް ވެލި އެޅުނީ...." އެލީނާ ސޯފާއަށް ދެފައި އަރުވާލައިގެން އިށީދެ ފޯނު ހުޅުވިއެވެ. ނޫ ޖިންސަކާއެކު ފިޔާތޮށި އަދި ނޫކުލަ އެކުލެވޭ ޓޮޕްކޮޅެއްލައިގެން އެއްވެސް މޭކަޕްއްނެތް އިރު މާ ހިތްގައިމެވެ. ލިލީ ބިންމަތީ ބަހައްޓަން އުޅުމުންވެސް ފައި ބިމަކު ނުޖެއްސިއެވެ. އޭނަ ބޭނުންވީ ޝައުންއާއެކު ކާރު ދުއްވަންދާށެވެ.

"ދަރިފުޅާ. މިހާރު ވާރޭ ބޯކޮށްލީ. މާދަން ދާނީ އިންޝާﷲ....." ޝައުން އެނދުގައި އިށީނުމުން ލިލީ ގޮސް ފައިގާ ބައްދާލައިގެން ހުއްޓުނެވެ. ޝައުން ދަރިފުޅު މޭމަތީގައި ބައިންދައިގެން އެނދުގައި އޮށޯތެވެ. ލިލީ ޝައުންގެ ފޯނާއި ކުޅެން ދޫކޮށްލައިގެން އިންއިރު ލޯތްބާއިއެކު ބަލަނީއެވެ. އެލީނާއަށް އެ މަންޒަރު ފެނުމުން ގޮތެއްވިއެވެ. އެހެން ދުވަހު ޝައުންގެ ފަރާތުން އެފަދަ ކަމެއް ނުފެންނަނީ އޭނަ ބަލަން ބޭނުން ނުވާތީ ހެއްޔެވެ؟ އެލީނާ ފޯނުން ވީޑިއޯ ކުރަން ފެށިއެވެ.

"ހޫމް ވަރަށް ފިނިގަދައޭ. އެބަ އަންނަން ކޮފީ ހަދައިގެން...."

"އަހަންނަށްތަ؟" ޝައުން ގެ ނަޒަރު އެލީނާއަށް ހުއްޓުނެވެ. ހައިރާންވިފަދަ ގޮތަކަށް ބުމަ އަރުވައިލިއެވެ.

"ޔެސް.....އިތުރު އެއްޗެއް ބޭނުންތަ؟"

"މްމްމްމ..." ޝައުން އަށް މަޖާވިއެވެ.

"ތިގޮތަށް ނުބަލާ. ބޭނުން ޗޭންޖުވާން....." އެލީނާ ކުއްލިއަކަށް ބުނެލިއެވެ.

"ކިހިނެއް ޗޭންޖުވާ ވާހަކަ ތިބުނީ؟ އަހަންނަށް އަންޑަސްޓޭންޑް ނުވި....." ޝައުން ގެ ސީރިޔަސް ނަޒަރު އެލީނާގެ ހިތް ތަޅުވައިލިއެވެ. އެހެން ބުނަން ޖެހިލުންވި ނަމަވެސް އެލީނާގެ ހިތުގައިވާ އެއްޗެއް ބުނުމުން ޝައުން ހޭންފެށިގޮތުން އެލީނާ ލަދުގަންނަ ގޮތްވިއެވެ. ޝައުންގެ އެހުނުމަކީ މަލާމާތްކަމުގައި ވިޔަސް ނޫނީ މަޖާވެގެން ނަމަވެސް އެންމެ ރަގަޅެވެ. އެލީނާއަކީ ކުރިން ޝައުންގެ އެއްވެސް ޖުމްލައަކުން ނޫނީ އެހެން އަމަލަކުން އަސަރެއް ކުރި މީހެއްނޫނެވެ. ނަމަވެސް މިއަދު ލަދުވެސް ގަނެއްޖެއެވެ. ހުއްޓުން އަރައިފިއެވެ. ލިލީއަށް މަޖާވިވަރުން ޝައުންގެ މޫނުގައި އެކުޑަ މޫނު ޖައްސާލަމުން ހުނެވެ.

"ޑެޑީ. ޑެޑީ. ކެން އައި ހޭވް ސަމްތީން....." ލިލީގެ ޅަކަމުން ފުރިފައިވާ މައުސޫމް އަޑު އިވުމުން ޝައުން ގެ ހުރިހާ ސަމާލުކަމެއް ދެވުނީ އެކުއްޖާއަށެވެ.

"އޮފްކޯސް ސްވީޓްހާޓް. ކޯނޗެއް ބޭނުމީ...."

"ޕިއާނޯއެއް..."

ދަރިފުޅުގެ ޖުމްލައާއެކު އެލީނާގެ މުޅި ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅެއް ޖަހައިފިއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ ކިޔާންއަކީ މިއުޒިކަށް ލޯބިކުރާ ހުނަރު ހުންނަ ޒުވާނެކެވެ. ޕިއާނޯ ކުޅެލާއިރު ހިތުގެ ފަރުވާއަކަށް ވާނެއެވެ.

ނުނިމޭ

ކޮމެންޓް 0