يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَى مَا أَصَابَكَ إِنَّ ذَلِكَ مِنْ عَزْمِ الْأُمُورِ

"އޭ ދަރިފުޅާއެވެ. ތިބާ ނަމާދު ގާއިމުކުރާށެވެ. އަދި ހެޔޮ ކަންތަކަށް އަމުރުކުރާށެވެ. އަދި ނުބައިކަންތައް ނަހީކުރާށެވެ. ތިބާއަށް ޖެހޭ މުސީބާތަށް ކެތްކުރާށެވެ. ހަމަކަށަވަރުން އެކަންވަނީ އަޒުމް ކަނޑައަޅަން ޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. "މާތްﷲ ކީރިތި ގުރުއާނުގެ ލުގުމާނު ސޫރަތުގެ ސަތާރަ ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.

***

އޮންކޮލޮޖީ ޑިޕާޓްމެންޓުގައި ޑޮކްޓަރުން އަރާމުކުރަން ހަދާފައިވާ ލައުންޖް ނިކަން ހިތްފަސޭހައެވެ. ފެންވަރާ ހަދައިލެވޭގޮތަށް ބާތްޓަބަކާއެކު ވީއައިޕީ ފެންވަރުގައި ހަދާފައިވާ އެތަނުގެ ތެރޭގައި ބޮޑެތި ސޯފާސެޓްތަކާއި އެނދެއްވެސް ހުރެއެވެ. ޝައުން އެތެރެއަށްވަން އިރު އޭނަ ލައިގެން ހުރި ކޯޓުގެ ސަބަބުން އިންތިހާއަށް ސްމާޓްވެފައި ލޮލުން ވިސްނުންތެރިކަން ދައްކުވާދެއެވެ. ކަޕުޗިނޯ މެޝިނުން ކަޕުޗިނޯ ދެމަގަށް އެޅިތަނާ ކިޔާން ވަދެގެން އައެވެ.

"ވަޓް ހެޕެންޑް މޭން...." ކިޔާންގެ ހިނިތުންވެލުމުން މުޅި ކޮޓަރިވެސް އަލިވިފަދައެވެ. އޭނަގެ އުފާވެރި މިޒާޖުގެ ސަބަބުން ބައްދަލުވާ ކޮންމެ މީހަކަށްވެސް އުފާވެރިކަން ގެނެސްދޭނެއެވެ. ކަޅާއި ނޫކުލައިގެ ރޮގުތަކެއް ދެމި ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ޓައީ އަޅައިގެން ހުރިއިރު އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ހޭވިފައެވެ. ނަމަވެސް ދެންމެ ފެންވަރާލައިގެން އާހާ ތާޒާކަމެއް އެމޫނުގައިވިއެވެ.

"އެހާ އާޖެންޓްކޮށް އަންނަން ބުނީމަ އާދަޔާ ޚިލާފު ބޮޮޑުކަމެއްވަނީ އޭ ހީކޮށް މިއައީ. އެކަމަކު މި ފެނުނީ ޝައުންގެ އަސްލަށް ވުރެވެސް ކޫލް ކޮށް ހުއްޓާ. ކިހިނެއްވަނީ. އެނީ ޕްރޮމޯޝަން އޯ އެނީ ތިންގް؟" ކިޔާން ކަޕުޗިނޯތަށި އަތުލިއެވެ.

"ނޮޕް. އެއަށްވުރެ ބޮޑު ކަމަކާ ދިމާވެގެން މިއުޅެނީ. އާޖެންޓްކޮށް ނެނީއެއް ހޯދާނެ ގޮތެއް ބުނެބަލަ...." ޝައުންގެ އެ ޖުމްލައިން ކިޔާން ކުޑަކޮށް ސިހޭގޮތް ވިނަމަވެސް އެކަން ފޮރުވައިލަން އަނެއް ފަރާތަށް އެނބުރުނެވެ. ބިއްލޫރި ފާރުން ބޭރަށް ބަލަން ހުރިއިރު އެހެން މީހަކަށްވެސް އެ މޫނުގައިވާ ޝުއޫރުތައް ކިޔާލާކަށް ފަސޭހައެއްނުވާނެއެވެ.

"ނެނީއެއް؟ މިތަނުން؟ޝައުންއަށް ދުނިޔޭގެ ކޮންމެތާކުންވެސް ނެނީއެއް ގެނެވޭނެއްނު. މިތާާ ގަޑިއަށް ހުރުމަތްތެރިކޮށް ހިތާ އިތުބާރުހިފޭ މީހުން ނޫޅޭ. އިމީވެސް ބުނި އޭނަގެ ވައިފް ގެއަށް ގެނައި މެއިޑްވެސް ދެދުވަހުން އެއްދުވަހު ކޮންމެވެސް އުޒުރެއް ދައްކާފައި ނާދެޔޯ. ބޭރު ތަންތާ މީހުން ވަޒީފާއަށް ވަފާތެރިވާނެ. އެމީހުން އާއިލާ ދޫކޮށް އައިސް ބުރަކޮށް މަސައްކަތްކޮށް ފައިސާ ބޭނުންވޭ."

"ލޯކަލް ގާލްއެއް މިފަހަރު. އޭރުން ދިވެހިބަސްވެސް ކިޔަވާދޭނެއްނު...."

"މްމް...އެޑެއް ޖަހާލަމާ. ޝައުން ނަމްބަރުދީފައި ވަކި ޝަރުތުތައް ހަމަވާ ކުއްޖަކު ގުޅާށޭ ބުނާނީ...." ކިޔާން ކަޕުޗިނޯ ތަށިން ކޯވަރަކަށްފަހު ކޯވަރެއް ބޮމުން ދިޔައެވެ.

ނެނީ އެއްގެ މުސާރަ ކިހާވަރެއްވެދާނެތޯ އެހުމުން ޝައުން ބުނީ އަންހެންކުދިން އުފަލުން އުދުއްސައިގަންނާނެ ފަދަ އަދަދެކެވެ. ޝައުންއަށް މި ދިރިއުޅެވެނީ އަދިވެސް ޔޫރަޕްގައި ކަމުގެ އޮޅުންއެރީއެވެ. އެހެންނޫނަސް ޝައުންގެ ދަރިން ބަލަން ގެންނާނީވެސް ކިޔަވައިގެން ތިބި މޮޅު އިތުބާރުހިފޭ ކަހަލަ އަންހެނުންނެވެ. އެހާ ބޮޑު މުސާރައަކަށް ކޮންމެ އަންހެންކުއްޖަކުވެސް އަންނާނެއެވެ. ޝައުންއާއި ކިޔާން އިރުކޮޅެއްވާންދެން އެކަމާއި ބެހޭގޮތުން ވާހަކަދައްކަން ސޯފާގައި ތިއްބަސް ޝައުންގެ އަވަދިނެތް ތާވަލްގައި އެކުވެރިންނާއެކު ކޮފީއަށް ދިޔުންފަދަ ކަމެއް ހިމެނުމަކީ ވަރަށް މަދުން ވާ ކަމެކެވެ. ކުޑަ ބްރޭކްއެއް ނެގިޔަސް އެކަނިމާއެކަނި އެތާ ކެފެޓީރިއާގައި އިނދެ ކޮފީ އެއް ބޯން އިންނަ މަންޒަރު ކިތަންމެ ބަޔެއްގެ ލޮލުގައި އަޅައިގަނެއެވެ. ކިޔާންއާއި ޝައުންގެ އެކުވެރިކަމާއި ގާތްކަމުގެ ގުޅުން ކިތަންމެ ވަރުގަދަވިޔަސް ޒާތީ ވާހަކަތަކެއް ދައްކާ ނަހަދައެވެ. ދެމީހުން އެކަކު އަނެކަކުގެ އާއިލާއާއި ބެހޭގޮތުން އެނގެނީ މަދު މިންވަރެކެވެ.

***

ކިޔާން މާލެ ފުރައިގެން ދިޔައީ ޒައިރާއާއި ކެމީލާއަށް ބައިސްކަލެއް ގަނެދީފައެވެ. ދުއްވަން ދަސްކޮށްދީފަވެ. ދެކުދިންނަށް އެއަށްވުރެ މަޖާކަމެއް ނޯވެއެވެ. ކިރިޔާ ވަގުތެއް ލިބޭއިރަށް ކެމީލާވެސް އުޅަދުތައް މަދު މަގުތަކުގައި އަމާންކަމާއެކު ބައިސްކަލް ދުއްވައެވެ. އެކަމަކު ކެމީލާއަށް ތަންގަނޑަކަށް ދެވޭއިރަށް ނޭވާކުރުވެ ބައިސްކަލުން ފައިބާން ޖެހެއެވެ. ކިޔާން ހުރި ދުވަސްކޮޅު ކެމީލާ އުޅުނީ ނެތް ހިތްވަރު ދައްކާލައިގެންނެވެ. ވަރުބަލިވިޔަސް އެކަމެއް ނުދައްކައެވެ. ކެމީލާ ދޮންފޫޑުވެ ހުދުވަމުންދާ ކަން ކިޔާން ދެނެގެން ސުވާލުވެސް ކުރިއެވެ. ޒައިރާ ބުނީ ގަދަހުންގަނޑެއް ޖެހިފައި ކެމީލާ ނުކަނީކަމުގައެވެ. މޭވާ އެއްޗެހިވެސް އެކުއްޖާއަށް ކެވޭނީ ހުމެއް އައިއްޔާއެވެ. އެނޫނީ ފައިދާ ހުރި އެއްޗެއްސެއް ކެމީލާއަށް ކެވޭކަމަކަށް ނުވެއެވެ. މާލެއައުމުން ޓެސްޓް ހައްދާ ތެލެސީމިއާ ކެރިއަރެއް ތޯވެސް ބަލައިލެވިދާނެއެވެ.

ބައިސްކަލް ވަގަށް ނެގުމާއި މަރީނާ އަޑީގައި ހުރެގެން ޒައިރާ ވަޒީފާއިން ވަކިކުރުމުން ޒައިރާ ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ރުޅިއައިސްގެން މުންނައާއި ޒުވާބުކުރަން އެގެއަށް ދާންވެސް އުޅުނެވެ. އޭނަގެ ކުށެއްނެތި ވަޒީފާއިންވެސް ވަކިކުރީއެވެ. ޚިޔާލު ބަދަލުވީ ކިޔާންއަށް ގުޅުމުން އެހެން ވަޒީފާއެއް ލިބޭނެކަމަށް ބުނެ ހިތްވަރު ދިނުމުންނެވެ. ކިޔާން އޭނަގެ އާއިލާ މާލެ ގެންނަން އުޅޭކަމެއް އޭރު ޒައިރާއަކަށް ނޭގެއެވެ.

ކިޔާންގެ މާމައާއި ކޮއްކޮމެން މާލެ ގެންނަން ފޮނުވި ޓިކެޓަކީ އެކުދިންގެ ހަޔާތުގައި ދެކުނު އެންމެ އަގުބޮޑު ހަދިޔާއެވެ. ޓިކެޓް ހިފައިގެން އައީ ނަވީންގެ އެކުވެރިއެއްގެ ދަރިއެކެވެ. ޒައިރާމެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އިރުކޮޅެއްފަހުން ކިޔާން މިދިން ސަޕްރައިޒުން އުފަލުންގޮސް އެކުދިންނަށް ތިބެވުނުތަނެއްވެސް ނޭގުނެވެ. ދެކުދިންނަށް އެކަކު އަނެކަކު ގައިގާ ހިފައިގަނެވުނެވެ. މާމައަށް ގުޅާފައި ކިޔާން ދެއްކި ވާހަކަތަކުން މާމަވެސް ވަގުތުން ފުރަން އެއްބަސްވިއެވެ.

"ކިޔާން މާމަ ހައްޖަށް ފޮނުވަނީޔޯ...." ސާލިހާގެ ސާފު ދެލޮލުން ފާއްދައިލީ އުފާވެރިކަމުގެ ކަރުނަ ތިކިތަކެވެ. ކެމީލާއަށްވެސް މާމަ ގެ ގައިގާ ބައްދައިލެވުނެވެ.

"އަލްހަމްދުލިﷲ، މާމަގެ ޑްރީމްވެސް ފުރިހަމަވީނު."

"ސަޅި ހޮލިޑޭއެއް ހަދާލަންވާނެ. ލިލީއާއި މާމަ ޑޮކްޓަރަށް ދައްކައިގެން ހައްޖުން އެނބުރި އައީމަވެސް ދުވަސްކޮޅެއްފަހުން ރަށަށް އަންނާނީ." ޒައިރާ ހިތުން މިއީ ޗުއްޓީ ދަތުރެކެވެ.

ފުރަން ހަފްތާއަކަށްވީއެވެ. ކުރަންޖެހޭ ބައިވަރުކަންތައް ހުއްޓެވެ. މާމަ އެންމެ ކުރިން އަލަމާރިއާއި މާމަ ގެންޅޭ މޭޒާއި އެއްޗެހި ޕެކްކުރުވާފައި ފުރާ ބޯޓަކަށް ލިއެވެ. އެ ސާމާނުތަކާއި ވަކިން މިވީހާތަނަށް ދަތުރެއްކޮށްފައެއް ނެތެވެ. ގެ ހަވާލުކުރީ މަނިކެއާއެވެ. ހައްޖަށްގޮސްފައި އެނބުރި އަންނާނެކަމުގެ ޔަގީންކަން ދިނެވެ.

ކެމީލާ ފާޚާނާއަށް ވަންއިރު ސިންކުމަތީގައި ރޭޒަރެއް އޮތެވެ. ޒައިރާ ޕެކްކުރުމުގައި އަވަދިނެތި އުޅެއެވެ.

"ދޮންތާ.........." ކެމީލާ ގޮވައިލިއެވެ.

"ޔޭ......" ޒައިރާ ކޮރެއަން ރާގަކަށް ކިޔާލިއެވެ.

" މިއީ ކާކުގެ" ކެމީލާ ރޭޒަރު ދައްކައިލިއެވެ.

"ދޮންބެ ތުނބުޅި ބާލަން ގެންގުޅޭ އެއްޗެއްކަން ނޭގޭ..ކީއްކުރަން؟ ލިލީގެ ފައިގާ އަދި ކިރިޔާ ލޯލިތައް ފަޅަން ފެށީ. ބޮޑުވާ ބިއްލޫރި އަޅައިގެން ބެލީމަ އެވެސް ފެންނަނީ. އެކަމަކު މަގޭ ދެފައި ހެއަރީކަމުން ގޮރިއްލާއަކާއި ވާދަކުރެވޭ.............................."

"މާމަ ބުނާގޮތުން އެންމެ ރީތީ ހެއަރީ ލެގްސް. އެހެންނޫނަސް ދޮންތަގެ ފައި ހަމަ ނޯމަލް......."

"އާރގްގްގް.. މާމަމެންގެ ޑެފިނިޝަން އޮފް ބިއުޓީ އަހަރެމެންނާއި ވަރަށް ތަފާތު. އަނެއްކާ މަގޭ ޓެސްޓޮސްޓަރޯން ލެވެލް މަތީކަމަށްވާނީ. އެހެންނޫންމަ އެހެން ހުރިހާ ތަނެއް ފެމިނިން ވެފައި އަތާއި ފައި މިހާ ހެއަރީއެއްނުވާނެ. ޑޮކްޓަރ އިލޮށި ކައިރީ ހޯމޯން ޓެސްޓް ހަދައިދޭށޭ ބުނަންވީ....." ޒައިރާ އޭނަގެ ފޮތްތަކާއި މޭކަޕްސާމާނުވެސް ދަބަހަށް ލިއެވެ. "ސްޓިލް ކާންޓް ބިލީވް. އަސްލުކޮށް ދޮންބެ ކައިރިއަށް ހިޖުރަ ކުރަނީތަ؟ އަހަރެމެން ރެފިއުޖީން ވީމަ މިހެންވާނީ. އެކަމަކު މިރަށްފުށު ނޫންތަންތާ ދަތުރުކުރެވޭނެނަމަ..އެނީވޭސް މިފަހަރު މިދެވެނީ ރަގަޅު މަންޒިލަކަށް. "

"ހަހަހަ...........ޗުއްޓީއަކަށްނު މިދަނީ.."

"ވީ އާރ ނޮޓް ކަމިން ބެކް. ކޮންމެވެސް އުކުޅެއް ހަދައިލާނަން. ފިލަން ޖެހުނަސް ފިލާނަން. މިރަށުން އަހަރެމެންނަށް ނުވެސް ކިޔެވޭ. ލިލީވެސް މިރަށަށް އައިގޮތަށް ތިހިރީ ސްކޫލަށް ނުގޮސް. މިޒަމާނުގައި ކުރިމަގު ބައްޓަން ކުރަން ތައުލީމް ވަރަށް މުހިއްމުވާނެ. އައި ވިލް ނޮޓް ވޭސްޓް މައި ލައިފް އިން ދިސް ގްރޭވްޔާޑް. ކިޔަވައިގެން ނޫނީ ޑްރީމްސްތައް ފުރިހަމައެއް ނުވާނެ ދޯ ލިލީ. ދުޢާވެސް ކުރީމަ. ދުޢާއަކީ އެންމެ ޕަވާފުލް ވެޕަން. އެހެންވެ ނަމާދުކޮށްގެން ދުޢާ ކުރަމޭ..............." ޒައިރާގެ އަޒުމް ވަރުގަދައެވެ.

ކެމީލާއަށް ޒައިރާ ވާހަކަދައްކާ އަޑުއިވެއެވެ. ދޭތެރެެއަކުން އެ ވާހަކައާއި ބައިވެލާފައި އެއްޗެކޭ ބުނެލައެވެ. އޭނަ ފައިގާ ރޭޒަަރު ޖައްސާލިތަނާ ކުޑަ ތިއްކެއްވަރުގެ ތަންކޮޅެއް ކެނޑުނެވެ. އެކަމަކު ލޭ އަންނަން ފެށިލެއް ގިނަކަމުން ބިރުން އަވަސް އަވަހަށް އިނގިލި އަޅާ އޮބައިލިއެވެ.

"ދޮންތާ. ފޮތިގަނޑެއް އެއްޗެއް ދީބަލަ. ބްލީޑް އެބަވޭ....."

"އެހެންވާނީ ކުޑަކުދިން ތޫނު އެއްޗެއްސާއި ކުޅެންޏާ..." ޒައިރާ އަޑުލިއެވެ.

" ޖަސްޓް އެ ނިކް. އެކަމަކު ހާދަ ވަރަށޭ ލޭގަނޑު އޮހިގަތީ....." ކެމީލާގެ މޫނުމަތީ ދާތިކިތައް ވިދާ ބަބުޅައެވެ.

"އައިމް ނޮޓް ފީލިން ވެލް..." ކެމީލާ ދެރަވިއެވެ. ޒައިރާ ހުދުކުލައިގެ ފޮތިގަނޑެއް ގެނެސް ކެމީލާގެ ޒަޚަމް ބަދެލިއެވެ. އެހާ ކުޑަ ތަންކޮޅެއް ކެނޑިގެން ލޭގެ ކުދި ކޯރެއް ހެދެންވީ ސަބަބެއް ނޭގުނެވެ. ޒައިރާ ކެމީލާ ގޮވައިގެން ޑޮކްޓަރަށް ގެންދިޔުމުން ބޭސް އުރައެއް ދީފައި ފޮނުވައިލީއެވެ. ޑޮކްޓަރުން އާދައިގެ ކަމެއްގެ ގޮތުގައި ނެގިއްޔާ އެ ބޮޑުކަމަކަށް ނުވާނެކަމުގައި ޒައިރާ ނިންމިއެވެ. އައި މަގުމަތީގައި ޒައިރާ ބޭސްމަލަން ގަނެދިނެވެ. ކެމީލާ އަށް ބޭސް މަލަން އެޅުމުން ރީތިވިއެވެ. ސަބަބަކާ ނުލައި އަތުގައިވެސް މަލަން އެޅިއެވެ. ޒައިރާވެސް މޫނާއި އަތާއި ފައިގާ މަލަން އެޅިއެވެ.

ކެމީލާ ފެންވަރަން ވަދެފައި އަނެއްކާވެސް ފެނުނީ ފައިގާ ދެތިން ތަން ލޭ ތައުޅުކާފައި ހުއްޓައެވެ. އެއީ ކީއްވެ ކަން ނޭގި ކެމީލާ މާމައާއި ސުވާލުކުރިއެެވެ. މާމައަށް އެތަންތަން ދެއްކިއެވެ. މާމަ ބުނީ ޖިންނިން އަތްލަނީ ކަމުގައެވެ. ކުރުސި ކިޔަވައިގެން ނިދުމަށެވެ. ކެމީލާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ފަނޑު ބޮކީގެ އަލީގައި ކޭކު ފޮތްް ބަލަން އޭނަ އޮތީ މާމަގެ ކައިރިއަށް ފަތްޖެހި އެނދަށް އަރާފައެވެ. މާމަ ނިދިމަޑުކަމުން ހޭލެވިދާނެތީ އޭނަ އޮތީ ހިރިލާންވެސް ނުކެރިފައެވެ. އަމިއްލަ ނަފުސަށް ވުރެ މާމައަށް އިސްކަން ދެވެއެވެ. އެހެން އޮތްއިރު އެތައް ފަަހަރު ކުރުސި ކިޔަވައިގެން ގައިގާ ފުމެލިއެވެ. އޭނަ ނަމާދުކޮށް ރަގަޅަށް އުޅެންޏާ ޖިންނި ޝައިތާނުން އެގޮތަށް އަތްނުލާނެ ބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ. ބިރުގަތްވަރުން އިތުރު ތަފްސީލު އަހަން މާމަ ގާތުން ނުކެރުނީއެވެ. ކިޔާންއަށް މާމަ ހަންޑި ވާހަކަތައް ކިޔާދިނީއްސުރެން އޭނަ އެކަނި އުޅެން ބިރުގަނެއެވެ. ފަސޭހައިން ހާސްވެއެވެ. ނޭވާލާން އުދަގޫވެ ހިތް ބިރުގަނެއެވެ. ހިތް އަވަސްވެއެވެ. ފައިގާވެސް އެބަ ރިއްސައެވެ. އެންމެފަހުން ތެދުވެ ކޯރާޑި މުޅި ދެފައިގާ އުނގުޅާލައިފިއެވެ. މާމަ ބުނާގޮތުން މިއީ މުޖައްރިބު ފަންޑިތައެކެވެ. ކޮންމެ ބައްޔެއްގެވެސް ފަރުވާއެވެ. ތަނެއް ކެނޑުނަސް މާމަ ޖަހާނީ ކޯރާޑިއެވެ.

***

އިރުއޮއްސެމުން ދިޔައިރު އުޑުމަތި ފަވާލެވިފައިވަނީ އޮރެންޖް ރަތް އަދި ލެވެންޑާފަދަ ރީތި ކުލަތަކުންނެވެ. ވައިރޯޅިތަކުން ލިލީމާތަކުގެ މީރުވަސް ފަތުރަމުން ދާއިރު ފައްވާރާއިން ފެން ފައިބަމުން ދާ އަޑު ނާނާއެއް ފަދައިން ހިމޭންކަން މުގުރާލާފައިވިއެވެ. ނަމަވެސް އެއީ ކަންފަތަށް ފަސޭހަ އަރާމުވާފަދަ ރާގެކެވެ. އެލީނާ ފައްވާރާ ކައިރީގައި ހުރި ބެންޗުގައި އިށީދެލައިގެން ފޯނެއްގައި އިނެވެ. ހިތުގެ ބައްޓަަމަކަށްވާ ދޮން މޫނާއި ގުޅޭ ގޮތަށް ލޭޔާސްކޮށް ކޮށާލަފައިވާ އިސްތަށިގަނޑު ވިހުރެން ދޫކޮށްފައިވާއިރު ތުންފަތް ނިކަން ރަތެވެ. އެލްމަންޑް ބައްޓަމަށްވާ ރީތި ދެލޮލުގައި އަނދުން އަޅާފައިވުމުން އަސަރުން ފުރިފައެވެ. ކުޑަ ނޭފަތެކެވެ. އެލީނާ އެންމެ ހިތްހަމަނުޖެހޭ ސިފައަކީ އޭނަގެ ކުފިދަތްތަކެވެ. އޭނަ އަށް އެކަމާ ހުރެ ހީލުން ވެފައިވަނީ އެންމެ އުދަގޫ މަސައްކަތަށެވެ. އެލީނާއަށް ނޭގެނީ އެހިނިތުންވުމުގެ ފުރިހަމަކަމެވެ. އެންމެ އަޅައިގަންނަ ރީތި އެއް ސިފައަކީ އެއީ ކަމާ ހިނިތުންވުމުން އެތައް ގުނަ ރީތިވާކަމެވެ.

ޝައުން ކާރު ޕާކްކޮށްފައި ފޭބިތަން ފެނުމުން އެލީނާގެ ލޯ ހަނިކޮށްލައިފިއެވެ.

"ކޮންއިރެއް ފޯނަށް ގުޅާތާ؟ ލޫކާ އެނދުމައްޗަށް އަރާ ފުންމަނިކޮށް ވެއްޓި އަތަށް ތަދުވެގެން ރޮއިގެން ތަންގަނޑު މީހުން އެއްކޮށްލާ ވަރުވި. އެންމެފަހުން ޖުއާން އާއެކު ހޮސްޕިޓަލަށް ފޮނުވީ. ޑޮކްޓަރެއްގެ ދަރިން އެކަމަކު އެއިން ކުއްޖަކު މަރުވެގެން ވަޅުލިޔަސް އެކުދިންގެ ބައްޕައަކަށް ނާދެވޭނެކަން މިއެނގުނީ...." އެލީނާ ތެދުވެގެން ހިނގައިގަތީ ގެއަށް ވަންނާށެވެ. ޝައުންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނުނެވެ. ގަދަ ބުމަ ކައިރިކޮށްލިގޮތުން ފިކުރުބޮޑުވިކަން އެނގުނެވެ. ވަގުތުން ގުޅީ ޖުއާންއަށެވެ.

"އެހެންވެގެންނޭ ބުނަނީ ލޫކާގެ ފަހަތުގައި ބޮޑީގާޑެއްހެން އެނބުރި އެނބުރި މަށަކަށް ނުހުރެވޭނެއޭ...."

"ޝަޓަޕް އެންޑް ލިސްން.. ނެނީއެއް ހޯދާށޭ މިއުޅެނީ. ގޭގައި ހުރެގެން މަންމައަށް ދަރިން ނުބެލެންޏާ ދެން އަހަރެންވެސް އަޅަންވީ ފިޔަވަޅު އަޅާނަން. ދެން ފެންނައިރަށް ތި ހާސަރު ދަމަން ޖެހޭތަ؟ " ޝައުންގެ މޫނުމަތިން ރުޅިވެރިކަމެއް ނުދެއްކިޔަސް އެވާހަކަތައް ހަރުކަށިކަމުން އެލީނާގެ ހިތަށް ނުބައިގޮތެއްވެ ހުއްޓުން އެރިއެވެ. ކުޑަކޮށް އަނގަ ސަކަރާތްވެފައި ބޯ އަރިކޮށްފައި ބެލުނެވެ. މިއީ ޝައުން ކާލައިގެން އަރާ ހުރި އިފުރީތެއްހެއްޔެވެ؟

"ވަޓް؟ " އެލީނާ އެހިއެވެ.

ޝައުން އިވުނު ކަމަށްވެސް ނަހަދާ ފޯނުން ޖުއާންއާއި ވާހަކަދައްކަން ފެށިއެވެ. އަދި ގޭތެރެއަށް ވަދެގެން ދާން ހެދުމުން އެލީނާ ފަހަތުންގޮސް ޝައުންގެ ގަމީހުގައި ހިފާ ދަމައިގަތެވެ.

 

ނުނިމޭ

 

ކޮމެންޓް 0