وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ގުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. "މައި މާސީ އެމްބްރޭސް އެވްރީތިންް"
ދުނިޔޭގައި މުންކަރާތްތަކާއި ފާހިޝް އަމަލުތައް ގިނަވެ އަނިޔާވެރި ބިރުވެރި ތަނަކަށް ވެއްޖެއެވެ. އަދުލް އިންސާފު ގާއިމު ނުކުރެވި ވެރިން އަނިޔާވެރިވުން ހައްދުން ނައްޓައިފިއެވެ. އިންސާނުން ބިރަކާ ނުލައި ހެއްދެވި ފަރާތުގެ ހުކުމްތަކަށް ގޮން ޖަހާއިރުވެސް މީހުން ކުރާ ނުބައި ކަންތަކަށް ވަގުތުން ޖަޒާ ނުދެއްވާ ތައުބާވުމުން ފާފަ ފުއްސަވާ ދެއްވާ ފަރާތުގެ އޯގާތެރިވަންތަކަމާއެވެ. އެފަރާތުން ހުރިހާ މަޚުލޫގުންނަށް އޯގާތެރިވެ ވޮޑިގަންނަވައެވެ. ނޭގިނަމަވެސް ދިރިއުޅުމުގައި ލިބޭ ދެވަނަ ފުރުސަތަކީ އޭގެ މިސާލެކެވެ. އިސްލާހުވެ ހިދާޔަތް ހޯދަން މަސައްކަތްކުރާ މީހަކަށް ވާން އެމީހަކަށް މަގު ދައްކަވައެވެ. ތަފާތު އެކި އިމްތިހާންތައް ކުރިމަތި ކުރައްވާ ބައެއްފަހަރު ބޮޑެތި ބަލިތައް ޖައްސަވައިގެން އެމީހަކު ހެއްދެވިފަރާތާއި އޮންނަ ގުޅުން ރަގަޅުވެ އީމާންތެރިކަން ވަރުގަދަވެއެވެ.
***
ކިޔާން އޭނަގެ ބެކްޕެކް ބުރަކަށީގައި އަޅުވާލައިގެން ދަބަސްތައް ދަމަމުން ގެއާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ލައިގެން ހުރީ އަތްކުރު ކަނޑުނޫކުލައިގެ ޓީޝާޓަކާއި ޑެނިމް ޖިންސެކެވެ. އާއްމު ދިވެހިންނަށްވުރެ އިސްކޮޅުން ދިގެވެ. ހަފޫޓް ތިން އިންޗިވަރުގެ އިސްކޮޅަކާއެކު ތެދު ހަށިގަނޑެއް ލިބިފައިވުމުން ދެކޭ ކޮންމެ މީހެއްގެ ސަމާލުކަން އަތުލައިގަނެއެވެ. ގަދަ މުށިކުލައިގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލަފައެވެ. އެކަމަކު އިސްތަށިތަައް ވަރުގަދަކަމުން ޝޭމްޕޫ އިޝްތިހާރެއް ފަދައެވެ. ގަދަ ބުމައަކާއެކު ކަޅުކަންގަދަ އެސްފިޔަތަކުން ހިޔާއަޅާފައިވާ ރީތި ރީތި ލޮލެކެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރާ "ޗާމިން" ޒުވާނެއްގެ ސިފަތައް މޫނުމަތިން ފެނެއެވެ. ކިޔާން އަންގާވެސް ނުލާ އައީ އޭނަގެ މާމައާއި ކޮއްކޮމެން ސިއްސުވާލާ އުފާކޮށްލުމަށެވެ. މަރީނާ ފެނިފައި އޭނަ އަވަސްއަވަހަށް ގަހެއްގެ ނިވަލަށް ވަނެވެ. ނޫނީ ޔަގީންކޮށް އޭނަގެ ސަޕްރައިޒް ފަނިކޮށްލާނެއެވެ. މަރީނާގެ ވިހަ ދުލަކީ ކިޔާން ދެކުނު އެންމެ ބިރުވެރި ހަތިޔާރެވެ.
ނަސީބަކުން މަރީނާ ފަތަރާސީ ހިނގުމެއްގައި ގޮސް އޭނަގެ މައިފުނަ ގޭގެ ދޮރާށިން ވަންތަން ފެނުނެވެ.
ކިޔާން އާއިލާ ކައިރިއަށް މިއައީ ބަރާބަރު ހަތަރު އަހަރު ފަހުންނެވެ. ރަށަށް އަންނަން ފުރުސަތު ނުލިބުނީއެއް ނޫނެވެ. ނަމަވެސް އޭނަ ބޭނުންވީ ހޫނު މޫސުމްގައި އެލިބޭ ޗުއްޓީގައިވެސް އިތުރު މަސައްކަތްކޮށްގެން އެކައުންޓަށް ފައިސާ ޖަމާކުރުމަށެވެ. މާމައާއި ކޮއްކޮމެންނަށްޓަކައެވެ. މާމަގެ ހަޔާތުގެ ފަހުކޮޅަށް އެދިޔައީ އެކުދިންނަށްޓަކާ ހުރިހާ އުފާތައް ގުރުބާންކޮށްގެން ހުރެއެވެ. އަވަށްޓެރިންނަށް ޣުލާމުކޮށްދީގެން ލިބޭ ފައިސާވެސް ޚަރަދުކުރަނީ ކޮއްކޮމެންނަށެވެ. މަންމަ ނިޔާވުމުން މާމަ ދަރިންނަށްޓަކާ ނިންޖާއި އަރާމުވެސް ގުރުބާންކުރީއެވެ. އެއުމުރުގެ އެހެން މީހުންފަދައިން ހައްޖު ދަތުރުގެ ހުވަފެން ދެކުނު ނަމަވެސް އެފަދަ އުފަލެއްވެސް މާމައަކަށް ނުލިބުނެވެ. ކިޔާން ޑޮކްޓަރަކަށްވީ މާމަމެންގެ ހައްގުގައެވެ. އާއިލާއަށްޓަކާ އޭނަ ދެކޭ ހުވަފެންތައް ސީދާކުރުމަށް ގައިން ދާ އޮހޮރުވާ ބައެއް ކަންތައް ގުރުބަން ކުރަން ކިޔާންވެސް ހުރީ ނިންމައިގެންނެވެ. މިފަހަރު ކިޔާން އައީ ކިޔަވާ ނިމިގެން ވަޒީފާވެސް ހަމަޖެހިގެންނެވެ. ކިޔެވި ދުވަސްކޮޅު އެއްކުރި ފައިސާއިން މާމައާއި ކޮއްކޮމެންނަށް މާލެއިން އެއްކޮޓަރީގެ އެޕާޓްމެންޓެއް ހޯދައިގެން އެކުދިންނަށްވެސް ފުރުސަތުތައް ފަހިވެގެން ދާނެއެވެ.
***
ކިޔާން ދޮރުމައްޗަށް އެރުމާއެކު ފެނުނު މަންޒަރަކުން ދެލޯ ބޮޑުކޮށްލެވުނެވެ. ކެމީލާ ސިއްރުން ގުޑުގުޑާ ބޯން ނިކަން ގަޔާވެލާފައި އިނެވެ. އަނެއް އަތުގައި ރޯކޮށްފައިއޮތް ސުއްޓާއެކެވެ. މައިންބަފައިން ނެތަސް މާމަ އެކުދިންނަށް ދިން ތަރުބިއްޔަތު ގޯހެއް ނޫނެވެ. ނަމަވެސް ކެމީލާއަށް މާމަގެ ހުރި ހަމައެކަނި ނުބައި އާދަ ވާރުތަވީއެވެ.
"ދޮންބެ...." ކެމީލާގެ އެލްމަންޑް ރީތި ލޯ ބޮޑުކޮށްލައިގެން ހުރީ މައުސޫމްކޮށެވެ. ބިރުގަތްވަރުން ހިތް ތެޅިގަތްވަރުން އަޑުވެސް ބޭރަށް އިވެންފެށިއެވެ. އޭނަ ސުއްޓާ އަވަހަށް ބިންމައްޗަށް ވައްޓާލާފައި ފެން ފައިވާނުން ޗަސްކޮށްލައިފިއެވެ. އަވަހަށް ގުޑުގުޑާވެސް އެއްފަރާތްކޮށްލައިފިއެވެ. ކެމީލާ ބިރުންހުރެ ހީލިއެވެ. ދެން އެ ހިނިތުންވުން ފިލީ ކިޔާންގެ މޫނުން ފެނުނު ސީރިޔަސް ކަމަކުންނެވެ.
"ކުށްވެރިވެފައި ތިހިރީ ކަމީލާ..." ކިޔާން ހަށަން ބަދެލިއެވެ.
ސޮރީ ދޮންބެ..."
"ސޮރީއަކުން ނުފުދޭނެއްނު. އެއަށްވުރެ މާ ގޯސްކަމެއް ތިކުރީ މާފުނުދެވޭވަރުގެ ބޮޑު ކުށެއް...."
"އެކަމަކު މާމަވެސް........" ކެމީލާ ކަންބޮޑުވިއެވެ. އެހާވަރުން ކިޔާން މަނާކޮށްފައި އޮތްވާ ސިއްރު ސިއްރުން ރަހަބެލުނީއެވެ.
"މާމަކުޑައިރު އެކަން ރަގަޅުކުރަން ބުނެދޭނެ މީހަކު ނެތި އެކަން އާދައަކަށްވިޔަސް މާމަވެސް ނޭދޭ ލިލީ ދުންފަތުގެ އިސްތިއުމާލުކުރަން. ދޮންބެ މަނާ ނުކުރަންތަ؟ ސޯ ދެން އަތްނުލައްޗޭ.."
"މްމްމް..އޯކޭ އަތް ނުލާނަން..."
"ޕްރޮމިސްތަ....." ކިޔާން އަތްދިއްކޮށްލިއެވެ.
"ލައްބަ...." ކެމީލާ ކިޔާން ދިއްކޮށްލި އަތް ގެނެސް މޫނުގައި ޖެއްސިއެވެ. ފުރަތަމަވެސް ފާހަގަކުރެވުނީ ކެމީލާ ދޮންފޫޑުވެ ތަންމަތީ އޮވެފައި ތެދުވިކުއްޖަކާއި ވައްތަރުވީމައެވެ. އޭނަ ދެކުނު ކެމީލާ ހަވިއްސެއް ފަދައެވެ. ހަލަނިކަމާ ސަކަރާތްޖެހުމާއި ކުޅުމުގައި ވަރުބަލިކަމެއްނެތި މުޅި ސަރަހައްދުގައި ދުވެ ފުމުމުގައި އުޅުނެވެ. ގަސްގަހުގެ ކުރިންނާއި ފުރާޅު މަތިން މާމަ ގޮސް ހަޅޭއްލަވައިގަނެގެން ބާލަން ޖެހުނު ކިތަންމެ ފަހަރެއް އައެވެ. އެކުއްޖާ މިހާ ބަލިވީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުންނޭވެސް ހިތަށް އެރިއެވެ. ކެމީލާ އޭނަގެ ދޮންބެގެ ގައިގާ ބައްދާލިއެވެ.
"ކޮބާ މާމައާއި ދޮންތަ؟"
"މާމަ ދަތް އުފުރާލަފައި ޑޮކްޓަރ ރިވިއުއަށް އަންނަން ބުނީމަ. މިހާރު އަންނަން އުޅޭނެ..."
"މާމަމެންނަށް ސަޕްރައިޒެއްދޭން ދަމާ..."
ކިޔާން ނުކުތުމުން ކެމީލާ ތަޅުދަނޑިފަތިން ދޮރު ތަޅުލިއެވެ. އަދި ކުޑައެއް ނެގިއެވެ. ދޮންބެގެ ދަބަހުގައި ޗޮކްލެޓް ހުންނާނެ ބާވައޭ ހިތަށް އަރަފައި ފޮށި ހާވާލާ ހިތުން ހުރެވެނީއެއް ނޫނެވެ. ކެމީލާ ކިޔާންގެ އަތުގައި ހިފަހައްޓައިގެން ހުރެ ބަލަމުން ދިޔައީ ލޯބިވެތި ނަޒަރަކުންނެވެ. އެ މައުސޫމްހިތުގައި ކިޔާންއަށްޓަކާ ޚާއްސަ ލޯތްބެއްވިއެވެ. ހުރިހާ އުފަލެއް އެ މޫނަށް ޖަމާވެފައިވާ ފަދައަކުން ދެލޯވެސް ހިނިތުންވެއެވެ.
އޭރުވެސް އުޑުމަތިއޮތީ ބަނަކޮށެވެ. ތުނިކޮށް ވާރޭވެސް ވެހެންފެށިއެވެ. ކިޔާންއާއި ލިލީ އެއްކުޑައިގެ ހިޔަލުގައި ތިބެ ހޮސްޕިޓަލާއި ހަމަޔަށް ދިޔައެވެ. ޒައިރާއަށް ކިޔާން ފެނުމުން އުފަލުންގޮސް އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. އުދުހެމުން ކަހަލަގޮތަކަށް ފުމެމުން އައިގޮތަށް ކިޔާންގެ ފަހަތުންގޮސް ކަނދުރާގައި އަތްއަޅާ ބާރުކޮށްލުމުން ކިޔާން ނޭވާ ނުލެވިގެން ކަމަށް ހެދުމުން މާމަ އަޑުލައިގަތެވެ. ޒައިރާ ހެމުން ދޫކޮށްލައިފިއެވެ.
"ކިހިނެއްތަ ލޯބިވާ މާމާ....." ކިޔާންގެ ސަމާލުކަން ދެން ހުއްޓުނީ މާމައަށެވެ.
"އިރާދަކުރެއްވީތީ މާމަ ހެޔޮހާލުގައި ވަނީ." މާމަގެ ގައިގާ ކިޔާން އޮޅުލައިގަތްއިރު މާމަގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެތައް އަހަރަކަށްފަހު މާމަ ދަރިފުޅު ހެޔޮ ހާލުގައި ހުއްޓާ ފެނުމުން އެތައް ފަހަރު ހަމްދުކުރިއެވެ. ކިޔާންގެ ގައިން ދޫކޮށްފައި އުޑާއި ދިމާލަށް ދެއަތް އުފުލާލައިގެން މާމަ ދުޢާކުރަން ފެށިއެވެ. ކިޔާންގެ އުމުރު ދިގުކުރެއްވުމަށާއި ދިރިއުޅުމުގައި ބަރަކާތް ލެއްވުމަށެވެ.
ތިން ކުދިންނާއި ސާލިހާ އެކީ ހެމުން ވާހަކަދައްކަމުން ކުޑައިގެ ދަށުގައި ފެންގަނޑުތަކުން ރެކެމުން އައިއިރު މަރީނާ އެގޭގެ ކެޔޮގަސްތަކުގެ ތެރޭ ބަލަން ހުރެފައި ތުން ފިތައިލިއެވެ. ކިޔާން އެންމެފަހުން އެނބުރި އައީއެވެ. ލޯމަތިން އަލިކޮޅު ދަތުރުކުރާހާ ރުޅިގަދަވިއެވެ.
***
ވިލާތައް ބޯވަމުން އައިސް ރޭގަނޑުވީއިރު ތޫފާނެއްގެ ސިފަ ޚިޔާރުކޮށްފިއެވެ. ވާރޭގެ ބޮޑެތި ތިކިތަކާއި ވައިގެ ހަމަލާއިން ފުރާޅު ކިރިޔާ ބޮލަށް ނުވެއްޓޭކަމެވެ. އެއް ދިމާލުން ފެން ފައިބަން ފެށުުމުން ސާލިހާ ބާލިދީއެއް އެދިމާލުގައި ބެހެއްޓިއެވެ. ކަރަންޓުވެސް ކެނޑުމުން ކަރާސީނު ބައްތިތައް ދިއްލާލައިގެން އެންމެން އިޝާ ނަމާދުކުރިއެވެ. އެއަށްފަހު ކާބައިގާ އެންމެން ކާން އިށީނެވެ. އަލައާއި ގަރުދިޔަ އަދި ފިހުނުމަހެވެ. ލޮނު މިރުހެވެ. މާމަ މޮޑެދިނުމުން ކިޔާންވެސް މީރުކޮށް ކެއެވެ.
ނަމާދާއި ކެެއުން ނިމުމުން ކިޔާން ގެނައި ހަދިޔާތައް ބެހިއެވެ. މާމައަށް ގައިގާ އަޅާ ކަޅުރަތްކުލައިގެ ރަޖާއަކާއި ހެދުމެކެވެ. ނަމާދުގޭގައި އަޅާނެ މުސައްލައެކެވެ. ކެމީލާއަށް ކޭކުއަޅާ ފޮތަކާއި އަތުން ވިޔެ ހަދާ ކަހަލަ ސެޓެކެެވެ. ޒައިރާއަށް މޭކަޕް ސާމާނާއި ވާހަކަ ފޮތްކޮޅެކެވެ. އެކުދިން އުފަލުން ގޮތެއް ނެތެވެ. ކިޔާން ބުނީ އަދި ޒައިރާއަށް ބައިސްކަލެއް ކެމީލާއަށް ކޭކު ފިހަން އަވަނެއް ލިބޭނެކަމުގައެވެ. މާމައަށް އޮތް ހައްޖު ދަތުރު އޭނަ ބޭއްވީ ސަޕްރައިޒެއްގެ ގޮތުގައެވެ. ބުރަ މަސައްތަކަށްފަހު ލިބުނު އުޖޫރައިން އޭނަގެ އެއްވެސް ކަމަކަށް ޚަރަދުނުކޮށް އޭނަގެ ކުޑަ އާއިލާގެ މޫނަށް އުފާވެރިކަން ގެނުވާދީފިއެވެ. ޒައިރާއާއި ކެމީލާ އެއްގޮނޑިއަކަށް އަރާ ތިއްބެވެ. ކިޔާން އިނީ މާމަގާތު ފަތްޖެހި އެނދުގައެވެ.ކެމީލާ ވަގުތުން އޭގައި އޮތް ތިނޯހުގައި ރޮދި ލައިގެން އިސްޓާކީނެއް ވިޔަންފެށިއެވެ
"ކިޔާން. މަނިކެ މިއަދު ހަވީރު މާމަ ކައިރީ ކަމަކު ކިޔާފައި އޮތީ...." ސާލިހާ ތަސްބީހައިގެ މިނާތައް ގުނަމުން ވާހަކަދެއްކިއެވެ.
"ކީކޭތަ ބުނީ މާމާ......."
"ކިޔާންއާއި ޖިލްވާގެ ކައިވެނި........"
ޒައިރާ ދެލޯ ބޮޑުކޮށްގެން އިނދެ ކެމީލާގެ މޫނަށް ބަލައިފާ ޖެއްސި މޮޔަވައްތަރަކުން ކެމީލާގެ ހިނިގަނޑު ފަޅައިގެން ހިގައްޖެއެވެ.
"އެ ނޫން މީހަކު ނެތީތަ؟ މާމަ މުންނަ ކައިރީ ބުނިނަމަ ދޮންބެ ފަރަންޖީ ކުއްޖެކާ އެންގޭޖުވެފައޭ. ސީރިޔަސްކޮށް ދެވަނަ ސަޕްރައިޒަކީ އެއީހެން ވަރަށް ހީވޭ. ޒައިރާ ބޭނުމީ ޔޫރަޕުން ފަހަރިއެއް....." ޒައިރާގެ އުއްމީދަަކީ އެއީއެވެ.
"ދޮންބެ އަދި ތިކަހަލަ ކަމަކާ ނުވިސްނަމޭ. އަދި ވަޒީފާއަށް ގޮސް ވަންނާނެ ތަނެެއް ލިބިގެން ނު އަންބެއް ހޯދާނީ....."
"ޝީ ކެން ސްޓޭ އިން އަވާ ރޫމް. އަހަރެމެން ސިޓިންރޫމްގައި އުޅެފާނަން ދޯ ލިލީ.." ޒައިރާ ބަލައިލުމުން ކެމީލާވެސް ވަގުތުން ބޯ ޖަހައިލިއެވެ.
"ނޫނޭ ދަރިފުޅުމެން އަދި އުމުރުން ހަނގުވީމަ ނުވިސްނޭނެ. މަނިކެމެންނަކީ މިރަށު އެންމެ މަތީފަންތީގެ ގަދަރުވެރި އާއިލާ. އެންމެންވެސް ކިޔަަވައިގެން ތިބެނީ. ރަގަޅު ތަނަވަސް އާއިލާއެއް. ޖިލްވާވެސް ޑަކުތަރުކަން ކިޔަވަން ހުރެފައި އައީ. ކިޔާންވެސް ކިޔަވައިގެން ހުރީމަ ދެކުދިންނަށް އެއްތާކު ވަޒީފާގައި އުޅެވޭނެ. އެނޫން ކަމުދާ ކުއްޖަކު މާމައަކަށްވެސް މިރަށުން ނުފެނޭ. މާމަވެސް ކިޔާންވީމަ ތަންކޮޅެއް ގަދަރުވެރި އާއިލާއެއްގެ ކުއްޖަކު ކައިވެނި ހުށަހެޅީމަ މިހާ އުފާކުރަނީ. ދެން މިރަށުގައި އުޅޭ ކުދިން ގެ އުޅުމެއް ނުހުރޭ. ކުރިން ކަމެއް ހިނގާފައި އޮތަސް މަނިކެ ބުނާގޮތުން ވިއްޔާ ކިޔާން އުޅެފިއްޔާ ޖިލްވާ އެއްބަސްވާނެ.." ސާލިހާ ކިޔާންއަށް ބަލަން އިނީ އުއްމީދުން ފުރިގެންވާ ނަޒަރަކުންނެވެ.
"ތިކަމާ ވިސްނާނީ.." ކިޔާން މާމަ ދެރަކޮށްލާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް ކިޔަންއާއި ޖިލްވާގެ ދުޝްމަންކަމުގައި ވި ސަބަބު އެންމެނަށް ވަނީ ފޮރުވިފައެވެ.
"ފޫހި ޖިލްވާގެ ވާހަކަ ދައްކައިގެން މި ރޭގަނޑު ފަނިކޮށްލާކަށް ނުވާނެ.."
"ހަންޑިވާހަކަ ކިޔަންވީނު. މާމަ ކިޔާދޭ ހަންޑިވާހަކަތައް ވަރަށް މިސްވޭ. ރިޕީޓްކޮށް އެހިޔަސް އަލުން އަހަން ބޭނުންވާހާ ފޯރީގައި މާމަ ހަންޑިހުންނަލެއް ކިޔާދޭ. ހަމަ އިމޭޖިން ކުރެވޭ. އަދި މިހާ ވިއްސާރަ ރެއަކާއި ނިކަން ގުޅޭ. "ކިޔާން ބުނެލިއެވެ. އެއީ ކުޑައިރުއްސުރެ ކިޔާންގެ އެންމެ މަޖާ ބަޔެވެ. ރޭގަނޑު ކައި ނިމިގެން ގުރުއާން ކިޔެވުމުން ލިބޭ ހަދިޔާއަކީ މާމަގެ ވާހަކަކިޔައި ދިނުމެވެ. ހަނޑި ވާހަކަތައް އެކަނިއެއް ނޫނެވެ. ރަސޫލު ބޭކަލުންގެ ވަހަކަތައްވެސް ކިޔައިދޭނެއެވެ. ސުވަރުގެއާއި ނަރަކައިގެ ވާހަކަތައްވެސް މެއެވެ. ކިޔާންގެ ސިކުނޑީގައި އެހުރިހާ ހަދާންތައް ރައްކާކުރެވިފައިވެއެވެ.
ކިޔާން މާމަ އަދި ދެކޮއްކޮމެންނާއެކު އެރިއިރާއެކު މޫދާއި ދިމާލަށް އެރުނެވެ. އޭރު ޖިލްވާވެސް ފޯނު ހިފައިގެން އެކިގޮތްގޮތަށް ފޮޓޯ ނަގަން ހުރެފައި ކިޔާން ފެނުމުން ހީލިއެވެ.
"ހެލޯ ޑޮކްޓަރ ކިޔާން..." ޖިލްވާގެ އަޑުގައި ވީ ޖޯޝެކެވެ.
ކިޔާންއަށް އެ ފޯރިއާއި ޖޯޝް ބަލައި ނުގަނެވުނެވެ. އެމޫނުން އެއްވެސް ޝުއޫރެއް ނުފެނުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޖިލްވާގެ މަންމަ އެމީހުންގެ ގަދަރަށް އުނިކަން އައިސްދާނެތީ ބިރުން އެތައް އެއްޗެއް ކިޔާންއާއި ދިމާލަށް ގޮވިއެވެ. ދެ މާމައިންގެ އެކުވެރިކަމެއްގެ ސަބަބުން އަދި ކައިވެންޏެއް ރޭވިނަމަވެސް އެފަދަ ގުޅުމަކަށް ދާނީ ކިިހިނެއްހެއްޔެވެ؟ އާއިލާ އެއްބަސްވިޔަސް އޭނައާއި ޖިލްވާ ގުޅިއްޖެއްޔާ އެއީ މުއުޖިޒާތެކެވެ.
"ކޮންގްރާ. ސްކައިޕެލެސްފަދަ އެލީޓް މަލްޓިސްޕެޝެލަޓީ ހޮސްޕިޓަލަކުން ޖާގަ ލިބުނުކަމީ ހަމަ ޝަރަފެއް. ދެމީހުންނަށް އެއްތާކު ވޯކްކުރަން މިލިބުނީ. އައިމް އޮނާޑް. އައި އޯލްސޯ ގޮޓް ޖޮބް ފްރޮމް ދެއާ. އިޓސް ލައިކް... ފީލިންގެސް އައި ކާންޓް އެކްސްޕްލެއިން. ރައިޓް.." ޖިލްވާގެ ފަންކޮށްފައި މުށިކުލައިން ހައިލައިޓްކޮށްފައިވާ އިސްތަށިގަނޑު އިރުއިރުކޮޅާ ހޫރިގަތުމުން މޫނުން ސަލާމަތްކުރުން ނޫންކަމެއް ނުވެއެވެ. ވާހަކަތައް އަހަން ހުރެފައި ޒައިރާ މޭ ނުބައިކުރިއެވެ. އޭނަ ހުރީ ހަށަން ބަނދެލައިގެންނެވެ. ކެމީލާ ކިރު ކަކުންޏެއް ނަގައިގެން މާމައަށް އޭތި ދައްކައިގެން މަޖާވެފައި ހުއްޓެވެ.
"ތެންކިއު...." ކިޔާން ބުނެލިއެވެ.
"ވެން އާ ޔޫ ލީވިން " ޖިލްވާ އެހިއެވެ.
"ދޮންބެ ބަލާބަލަ....." ކެމީލާ އެ ކަކުނި ގެނެސް ކިޔާންގެ އަތްތިލަ މަތީ ބޭއްވިއެވެ. ޖިލްވާ ހީވީ ފައިގާ އަލިފާން ޖެއްސިހެންނެވެ. ކިޔާންގެ އަނެއް އަތުގައި އެލިގަތީ ތޫލިކޮށް ހަޅޭއްލަވައިގެންފައެވެ. ކެމީލާ މައުސޫމްކޮށް ހެމުން އަދި ޖިލްވާއާއި ދިމާލަށް ކަކުނި ދިއްކޮށްލައިފިއެވެ.
"ގޯޑް ޑޭމް. ޓޭކް ދެޓް ގޯޑް ޑޭމް ތިން އެވޭ.." ޖިލްވާ ހަޅޭއްލެވިއެވެ.
ކިޔާން ފޯނެއްގައި ހުރެގެން ދުރަށް ދާން ހިގައިގަތުމުން ޖިލްވާ ފަހަތުން ދިޔައެވެ.
"ޑޭމިޓް ކިޔާން. ފޮނިވާނެކަމެއް ނެތް. ހަމަ ތެދެއް މިބުނީ. ޔޫ ވިލް ރިގްރެޓް ދަ ޑޭ ޔޫ ވާ ބޯން. އައި ހޭވް ޕަވާފުލް ފްރެންޑްސް. ކިޔާން ކިތަންމެ މޮޅު ސާޖަންއަކަށްވިޔަސް ހަގީގަތް އެނގޭ ދުވަހަކުން ލައިސަން ގަނޑު އަތުލާ ދުނިޔެއަށް ބޭޒާރުވާނެ. ކުރިން އުޅުނުހެން ނިކަމެތިކޮށް ނުކައި ނުބޮއި ހިކިރޮށިކޮޅެއް އަނގައިގާ ޖަހައިގެން ހުންނާނީ. ޔޫ ނޯ ވޮޓް. ރަށްމެދަށް ވިހާފައި ހުރި ދަރިއަކަށް ތި ޝަރަފް އެކަށީގެނެއް ނުވޭ. .............." ޖިލްވާ އެހެންމީހުންނަށް ނީއްވާ މަސްހުނި ބަހުން އިންޒާރުދިނެވެ.
ކެމީލާ އޭނަގެ މާމަގެ އަތުގައި ނިކަން ލޯބިން ހިފަހައްޓާލައިގެން ހުރެ ހިގަމުން ދިޔައިރު އަތުގައި އޮތް ޗޮކްލެޓް މާމައަށް ކާންދިނީ ވަރަށް ހައްލާލައިގެންނެވެ. ޑާކްޗޮކްލެޓުން ހިތަށް ފައިދާކުރާނެކަމުގައި ބުންޏެވެ. ޒައިރާ ދުވަމުން އައިސް ކިޔާންއާއި އަރާ ހަމަކުރިއެވެ.
"ޑެވިލް ކަންފަތްދޮށުގައި ކޮން ވަސްވާސް އެއް ލައިދިނީ؟"
"އިޓްސް ނަން އޮފް ޔޯ ބިޒިނަސް ޑާލިން ސިސް..." ކިޔާން ޒައިރާގެ އިސްތަށިގަނޑަށް ކުޑަކޮށް ދަމައިލަމުން ހިނިތުންވެލިއެވެ.
"އޭނައާއި މެރީ ކޮށްފިއްޔާ އައި ވިލް ސްކިން ހާ އެލައިވް." ޒައިރާ ލޯ ކުޑަކޮށްލީ ސީރިޔަސްކަން އަންގަންވެގެންނެވެ.
***
"ލިލީ ޕެލެސް" ބޯ ވާރޭގެ ތެރޭގައި ފެންނަލެއް ނިކަން ހިތްގައިމެވެ. ހުދު މަރުމަރުހިލައިން ހަދާފައިވާ އެގޭގެ ހިނގަން އޮތް މަގުގައިވެސް މާބްލް ތަޅުން އަޅާފައެވެ. މަސްނޫއީ ފައްވާރާއިން މެދުކެނޑުމެއްނެތި އޮހެމުންދާ ފެންގަނޑުގެ ހިމާޔަތުގައިވެސް ބޮޑެތި ލިލީ މާތަކެވެ. ބިންމަތީގަޔާއި ފެންޑާގައިވާ މުށިތަކުގައިވެސް ލިލީ ގަސްތަކެވެ. ވާރޭގެ ތިކިތައް މާތަކާއި މައްލަވަކުރަމުން ދާއިރު އެ މަންޒަރު ދެކޭ މީހަކު އާޝޯޚުވާނެއެވެ. ހުވަފެނީ ރީތި ގެއެކެވެ. އެއީ އަމީރުއާއި ޝުވޭކާރުގެ ދެމަފިރިން ދޮށީ ދަރިފުޅު އެލީނާގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ހަދިޔާކުރި ގެއެވެ. އަމީރުއަކީ ދީނީ އިލްމުވެރިއެކެވެ. މުއްސަންޖެއްގެ ދަރިއަކަށްވުމާއެކު ވެސް އޭނަ ޚިޔާރުކުރީ ހިދާޔަތުގެ މަގެވެ. އަންހެނުންނަކީވެސް ގަދަރުވެރި އާއިލާއެއްގެ އަންހެނެވެ. އަބާޔާ ހެދުންއެޅީވެސް އަމީރުގެ ނިންމުމަށެވެ. ނަމަވެސް ޝުވޭކާރުގެ ހަށިގަނޑުގައި ހަރުލާފައި ހުރި އާދަކާދައާއި މުއްސަދި ސްޓައިލިޝް ދިރިއުޅުމާއި އެކުވެރިންނާއި ވަކިވާން އުދަގޫވިއެވެ. ތިން ދަރިންވެސް ބޮޑެތިވީ ޝުވޭކާރު ބައްޓަންކުރި ގޮތަށެވެ. ބޭރަށްދާއިރު އެކުދިން ކަޅުހެދުން ލިޔަސް ގޭތެރެއަށް ވަނުމަށްފަހު އެ "ދީނީ" ކަމައި "މާތް"ކަން އެއްކޮށް ފިލައިގެން ދެއެވެ. ރަގަޅުކަމަކީ ބައްޕަގެ އިއްޒަތާއި ގަދަރު ހިފަހައްޓަން އެކުދިން ވިސްނާކަމެވެ.
އެލީނާ ކުރުޓޮޕް ކޮޅަކާ ކަކުލުން ތިރިއަށް އޮތް ފަޔަށް ހިފާފައިވާ ޓައިޓްގައި ހުރެ ކޮޓަރިން ނުކުތެވެ. ފަންގަނޑެއްފަދަ ބޯ އިސްތަށިގަނޑުން ބޮލުގެ މެދަށް ހުޅިއެއް ޖަހާފައި ހުރިއިރު ދިގު ކަނދުރާ ހާމައަށެވެ. ތުން ވަށްކޮށްލައިގެން އެލްމަންޑް ލޮލުން ކަޅިއަޅައިގެން ހުރެ ފޯނުން ކޮންމެވެސް މީހަކާ ވާހަކަދެއްކީ ބާރަށެވެ.
"މިބުނަނީނު މަށަކަށް ލޫކާ ކަހަލަ ހަލަނި ކުއްޖެއް ނުބެލޭނެއޭ. ނެނީއެއް ގެނޭ. އަހަރެންވެސް ބޭނުމެއްނޫން ހައުސްވައިފްއެއްގެ ގޮތުގައި ދަރިން ބަލަން ގޭގައި ހުންނަން..." އެލީނާ ފޯނު އަތުކޮޅަށް ހޫރާލައިފިއެވެ.
ނުނިމޭ