މާތްﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި އިޔާޟުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ. ( ހަމަކަށަވަރުން ތިޔަބައިމީހުން އެކަކު އަނެކަކުގެ މައްޗަށް ތަވާޟުއުވެރިވުމަށް ﷲ ތައާލާ ތިމަންކަލޭގެފަނަށް ވަހީކުރެއްވިއެވެ. އެއީ އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެ ނުގަތުމަށާއި އެކަކުވެސް އަނެކަކުގެ މައްޗަށް ފަޚުރުވެރި ނުވުމަށްޓަކައެވެ.)

***

"ސޯފީ ކިހިނެއް ތިހެދީ؟ އެޑޮޕްޓްކުރަން އުޅުނު ކުއްޖާ ބަދަލުކުރީތަ؟ނޫނީ އަދި އަޅުގަނޑުމެންނަށް ތައާރަފުނުވާ ފެމިލީ ކުއްޖަކީތަ؟ ޕެރީޒިއަންއެއް ގެ ރީތިކަން އެބަހުރި..." މިފަހަރު އާތިކާ ވާހަކަދެއްކީ ސީދާ ފްރެންޗު ބަހުންނެވެ.

"ނޫން. މިއީ އެކުއްޖާއެއްނު. އާތީއަށް ބުރުގާ އެޅީމަ ނޭގުނީ..." ސޯފިއާ ހިނިގަނޑެއް ޖަހައިލިއެވެ.

"ރައީސް ތައިމޫރު. މިއީ އަޅުގަނޑުމެންގެ އަންހެންދަރިފުޅު ކެމީލާ." ސޯފިއާ ކެމީލާ ތައިމޫރުއާއި ދާދި ގާތުގައި ހުއްޓުވިއެވެ. ކެމީލާއަށްވެސް ރައީސްއާއި ދިމާލަށް ބަލައިލެވިއްޖެއެވެ. ކެމީލާއަށް ތައިމޫރުގެ މޫނުމަތިންނާއި ލޮލުގެ ސީރިޔަސްކަމުގެ ނިވަލުގައި ފިލާވި އޯގާތެރިކަން ފެނުނެވެ. އެލޮލުން ފެނުނީ ލޯތްބާއި ކުލުނެވެ. ކެމީލާގެ ތުންފަތް މަތީ ފަނޑު ހިނިތުންވުމެއްވިއެވެ. ރައީސްއަށް ކުރި އިހުތިރާމްގެ ބޮޑުކަމުން ހީލަންވެސް ނުކެރިފައިކަހަލަ ގޮތަކަށެވެ.

"ވެލްކަމް ޓު ދަ ފެމިލީ......" ތައިމޫރު ހިނިތުންވެލިއެވެ.

ކޮންމެ މީހަކުވެސް ހިތް ލޯބިން ފުރޭފަދަ ބަސްއަހާ ކުއްޖެކެވެ. މޫނުމަތިން ފެނުނީ މައުސޫމްކަމެވެ. އާތިކާ ބުނިފަދަ އެއްވެސް ކަމެއް އެމޫނަކު ނެތެވެ.

"ސޯފީ. ތިއީ ކޮންކަމެއްތޯ؟ އަޅުގަނޑު ހޮސްޕިޓަލުގައި އޮތްވާ ދެކުނު ކުއްޖާ ބުރުގާ އަޅާފައި ހުއްޓަސް އެކުއްޖާ ނޯޅޭނެހާ ޝާޕް ފީޗާރސް ހުރި. މިކުއްޖާގެ މޫނުމަތިން ފެނުނު އިނަސެންސް އަދި މަޑުމައިތިރިކަމެއް އެކުއްޖާގެ ނެތް. މިއީ ކެމީލާއެއް ނޫން. ނޫނީ އަޅުގަނޑާއި ސޯފީއަށް މި ދިމާވެ ދެކެވުނީ މުޅން ދެ ކެމީލާއެއްގެ ވާހަކައެއް. ބުރުގާ ނޫން އަބާޔާ ލައިގެން މޫނު އަޅާފައި ހުއްޓަސް އެ ދެލޮލެއް ނޯޅޭނެ. އެއީ ދެކުނު އެންމެ މިސްޗީވަސް ދެ ލޯ..." އާތިކާ ތެދުވެގެން އައިސް ކެމީލާގެ ކޯތާފަތުގައި ހިފެހެއްޓިއެވެ.

"ތިއީ ކެމީލާތަ؟ "

"ލައްބަ އައިމް ކެމީލާ............."ކެމީލާ ހާސްވެގެން ފިނިވާގޮތްވިއެވެ.

"އަހަންނާއި ހޮސްޕިޓަލުން ދިމާވިތަ؟ ހަދާން އެބަހުރިތަ؟"

"ނޫން.........." ކެމީލާ ހިންދިރުވައިލިއެވެ.

"ކެމީލާގެ ޓްވިން އެއް ހުރޭތަ؟ "

"ޔެސް............" ކެމީލާއަށް ބުނެވުނެވެ.

"ހޫމް އެއީ އެއްނު އެ ވީގޮތަކީ. އެދުވަހު އެނދަށް އަރާފައި އޮތީ ކެމީލާގެ ޓްވިންކަން ޔަގީންވެއްޖެ. އޭނަ ބުނިތަ އެ ވާހަކަ......." އާތިކާ ސުވާލުކުރަމުން ދިޔައެވެ.

"އެއީ......ޓްވިން އެއް ނޫން. އަޅުގަނޑުގެ ދޮންތި...." ކެމީލާއަށް ހަގީގަތް އެނގިފައިވާތީ އެވާހަކަ ބުނަން މަޖުބޫރުވިއެވެ.

"ކެމީލާވެސް ދޮގުހަދަނީތަ؟ ޓްވިންއެއް ހުރެޔޭ އެންމެ ކުރިން ކީ ކީއްވެތަ؟ " އާތިކާގެ ލޮލުން ރުޅިވެރިކަން ފައުޅުވިއެވެ. ކޯތާފަތުން ދޫކޮށްލިއިރު މޫނުގެ އެ ފަޅި ރަތް އާފަލެއްފަދައިން ރަތްކުލަ އަރައިފިއެވެ. ސޯފިއާ ކެމީލާ ގެނެސް ގަޔާ ލައްކޮށްލިއެވެ. " އާތިކާ. އެއްބަނޑު އެއްބަފާ ކުދިންވެސް ތަފާތުކަމެއް ހުރެދާނެ. ކެމީލާގެ ދޮންތިއޭ ބުނީމަ މިހާރު އޮޅުންފިލައިފި. ޒައިރާއާއި ދިމާވި. ޝީޒް ހައިޕާ އެކަމަކު ހަމަ ސްވީޓްކުއްޖެއް. އެކުއްޖާއާއި ބައްދަލުވެ އެ ހިތް އެނގޭތީ މިހެން ބުނަނީ. ކިތަންމެ ނިކަމެތިކޮށް އުޅުނަސް އެއީ ވަރަށް ލޯބި އާއިލާއެއް. ސޯ ދެން މި ކޮންފްރޮންޓޭޝަން ނިންމާލަމާ. ކަންހިގިގޮތް އާތިކާއަށްވެސް އެނގިއްޖެ. ކެމީލާކަމަށް ހީކޮަށް ޒައިރާއާއި ވާހަކަދެއްކުނީ. ކެމީލާގެ މިޒާޖާއި އުޅުން ފެނުނީމަ ފަހަރެއްގައި އަހަންނަށްވުރެ ބޮޑަށް އާތިކާގެ ހިތުގައި ކުލުނު އުފެދިދާނެ....ހިނގާ ކެމީލާ.. އަދި ރޫމް ބަލައިލަން ޖެހޭނެއްނު...."

"ކެމީލާ ދޮގުހެދީމަ ފުރަތަމައިން ވެސް މިޒާޖުގައި ހުރި އުނިކަމެއް ފެނިއްޖެ..."

"ސޮރީ. އަޅުގަނޑަށް އޮޅުނީ...އައި ޑިޑްންޓް މީން އިޓް....."

"މޭ ބީ ޝީ މީން އިޓް. ބައެއްފަހަރަށް ސަބްކޮންޝަސް މައިންޑުން ބުނެވޭނީ ހަގީގަތް. ޓްވިން ޕްރެގްނެންސީގެ ކުރީކޮޅު އެގޮތަށް އެއް ޓްވިން ވެނިޝްވެއެއް ނު. އެގޮތަށް ކެމީލާގެ ޓްވިން އެއްވެސް ވެނިޝްވީ ކަމަށްވާނީ. ކެމީލާ ގަސްތުގައި ދޮގެއް ނަހަދާނެ. އައިމް ޝުއާ. " ސޯފިއާ ކެމީލާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.

އާތިކާ ސޯފާއަށް ވެއްޓިގަތެވެ.

"އަސްލުވެސް ޕްރިޓީ ކުއްޖެއް. ހަމަ ހީކުރީ ފްރާންސުން ސޯފީ ގެނައި ކުއްޖެކޭ. ސޯފީ ބުނިހެން ބިރުން ހުރިވަރުން ޓްވިންއެއް ހުރެޔޭ އެބުނެވުނީ. އެކަމަކު އެކުއްޖާގެ ދައްތަ. ގޯޑް. ހަމަ ނުލަފާ ކަމެއް ދެއްވާފައި ހުރި ކުއްޖެއްނު.............." އާތިކާ ސިނަމަން އަޅާފައި ހުރި ހޫނު ކޮކޯއެއް ބޮމުން ތައިމޫރުގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

***

ކެމީލާއަށް މަތީބައިން ލިބުނު ކޮޓަރިތެރެއަށް ވަދެފައި ދެލޯބޮޑުކޮށްލެވުނެވެ. ރަނިކަނބަލެއްގެ ކޮޓަރިހާ ފުރިހަމައެވެ. ޒަމާނީ އަންހެންކުއްޖަކާއި އެކަށީގެންވާ ގޮތަށް ފަރުމާކޮށް ބޭނުންވާހާ އެއްޗެއް ފުރިހަމަކޮށްފައެވެ. ބޮޑު އެނދުގެ ކުޝަންތަކާއި ބޯ ކުއިލްޓްގެ ކަފަކަމުން ނިދާލަން އަރާމުވާނެ ވަަރު އިހުސާސްކުރެވުނެވެ. ފައިދަށުގައިވާ މަޑު ކަފަފަދަ ރަގްތަކާއިއެކު ތަނުގައި ހިފާފައިވި ލުއި މިރުވަސް އަދި ފިނިކަން މުޅީ ޖިސްމަށް އަރާމުކަމެއް ގެނެސްދިނެވެ. ހިނގައިގަންނަންވެސް ނޭގިފައި ހުރެވުނެވެ. ފާޚާނާވެސް އޭނަ އުޅުނު ގޭގެ ކޮޓަރިވަރުވެއެވެ. ބިލިގާއަކާއިއެކު ފެންވަރަން ވަކި ބަޔެއް ހަދާފައި ވާއިރު އުއްބައްތިތަކާއި މީރުވަސްދުވާ ޒާތުގެ ބާތުއޮއިލްތައް އަތުރާލާފައި ހުއްޓެވެ. ހުވަފެނެއްގައި އުޅެވޭހެން ހީވިއެވެ. ނަމަވެސް މިތަނުން ލިބެންވީ ހިތްހަމަޖެހުމެއް ނުލިބުނީ މާމައާއި ދޮންތި އަދި ދޮންބެ ނެތުމުންނެވެ. ފަޅުކަމެއް އިހުސާސްކުރެވުނެވެ. ނަމަވެސް ވެފައިވި ވަރުބަލިކަމުން ކުޑަކޮށް ޖައްސާލަން ބޭނުންވިއެވެ. ސޯފިއާވެސް ކެމީލާއަށް އެކަނިވެރި ވަގުތުކޮޅެއް ދީފައި ދިޔުމުން އެނދަށް ވެއްޓިގަތްގޮތަށް ކުޝަންތަކުގައި މޫނު ފޮރުވިއެވެ. އިރުގަނޑެއްވާންދެން ރޮއިފާ ތެދުވުނުއިރު މޫނު ރަތްއަރާފައި ހުއްޓެވެ.

"ކެތްކުރޭ. މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައި. އެކަން ހަދާން ނައްތާނުލާ..."

"ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެއް. ފިލާވަޅެއް. މިވެސް ހަޔާތުގެ ބާބެއް...."

"މިހެން ދިމާވީ ކީއްވެކަމާއި ހިކުމަތް ދެނެވޮޑިގެންވަނީ ހަމަ އެންމެ ފަރާތަކުން...އެކަމަކު ޖުއާންމެންނާ އެކު އުޅޭއިރު ހާދަ ޖެއްސުމެއްކުރާނެ ހެން ހީވީ. ކިހިނެއް އެހެން މީހަކަށް މަންމަ ނޫނީ ބައްޕަ ކިޔާނީ." ކެމީލާގެ ސިކުނޑި މަޑުޖެހުމެއް ނެތެވެ.

ފާޚާނާތެރެ ރީތިކަމުން އިސްކުރަށް ދޫކޮށްލާ ހިތެއްވެސް ނުވިއެވެ.

"ބިއުޓިފުލް. އެކަމަކު އަމިއްލަ ތަނެއް ނޫން...ސްޓިލް އަލްހަމްދުލިﷲ ހުރިހާ ކަމަކަށްޓަކާ...." ކެމީލާ ވުޟޫކުރަންފެށިއެވެ.

ނަމާދުކޮށް ނިމިގެން މުސައްލަމަތީ ގުރުއާން ކިޔަވަން އިންދާ ކޮންމެވެސް މީހަކު ދޮރުހުޅުވައިލިހެން ހީވިއެވެ. ކެމީލާ އަޑު މަޑުކުރުމެއްނެތި އެ ހިތްގައިމު ރާގުގައި ކިޔަވަމުން ދިޔައެވެ. ރިކޯޑްކުރަން ދޮރުމަތީގައި މީހަކު ހުރިކަމެއް ނޭގުނެވެ. އިރުގަނޑެއްފަހުން ސޯފިއާ ކެމީލާ އަށް ގުޅާފައި ކާން ތައްޔާރުވާން އެދުނެވެ. ބުރުގާ އަޅައިގެން ތިރިއަށް ދާން ނުކުތްއިރު ޖުއާން އާއި ލޭކެން ތިބެފައި ކެމީލާއަށް އެވީޑިއޯ ދެއްކިއެވެ. ކެމީލާ ލޯ އަޅައިލިއެވެ.

"މަންމަ ގާތުގައި ނުކިޔާތި...." ޖުއާން އަމުރުކުރިއެވެ.

"ކީއްވެ ނުބުނަންވީ؟ އިހުސާންތެރިކަމެއް ހުންނަންވާނެއްނު..."

"މަންމައަށް ރެސްޕެކްޓްކުރާތީ އެންމެން ތިއްބާ ޓީޒްކުރާ ހިތެއްނުވޭ. އެކަމަކު މިއީ ދެން ހަމަ މަޖާ އިނގޭ. ބައިދަވޭ ވަރަށް ސަޅިކޮށް ކިޔެވީ............" ޖުއާން ހުރިހާ ދަތްތައް ފެންނަހެން ހީލިއެވެ.

"ކެމީލާގެ ދޮންތި ހުރީމަ މާ ފޫހިފިލާނެ. މަންމަގެ ވެސް ޑޯޓާއެއް ނެތް އެހެންވެ ޒައިރާ އެޑޮޕްޓްކުރަން މަންމަ ގާތުގައި ބުނަން މިއުޅެނީ.............."

"ދޮންތިއަކަށް އަދިވެސް ތިއީ ޕްރެޒިޑެންޓްގެ ސަން ކަމެއް ނޭގޭ....." ކެމީލާ ސިޑިން އެރެން އުޅެނިކޮށް ކައްސައިލުމުން ލޭކެން ހިފެހެއްޓިއެވެ.

"ލިސެން ކެމީލާ. ކެން ޔޫ ޑޫ މީ އެ ފޭވާ. އަދި އިހަށް ކެމީލާގެ ދޮންތި ކައިރީ އަހަރެންގެ އައިޑެންޓިޓީ ބުނެނުދީ ބާއްވާ............."ލޭކެން އެންގިއެވެ.

"ދެން ކެމީލާ ބުނެފިއްޔާ ކީއްކުރާނީތަ؟ ޔޫ ކާންޓް ޓްރަސްޓް ހާރ. އޭނަގެ ދޮންތިއަކީ އޭނަގެ ބެސްޓްފްރެންޑް. ގާލްސް ކާންޓް ކީޕް ސިކްރެޓްސް...."ޖުއަން ބުނެލީ މަޖާވެފައެވެ.

"ބުނެފިއްޔާ....." ލޭކެން ކެމީލާ ސަލާމަތްކުރަން ހިފެހެއްޓިގޮތަށް އަތުން ދޫކޮށްލުމުން އަނެއްކާ ކެމީލާ އަރި އަޅާގޮތްވިއެވެ. ކެމީލާ ބިރުން ދެލޯ ބޮޑުކޮށްލުމުން ޖުއާންއާއި ލޭކެން ހޭންފެށިއެވެ.

***

ރޭގަނޑުގެ ކެއުމަށް ތިރިއަށްގޮސް ކެމީލާއިނީ ފިނިވާގޮތްވެފައެވެ. ޝާހީކަމާއި ރަސްމީކަން ބޮޑީއެވެ. މޭޒުމަތީގައި އަތުރާފައިވާ ދުވަހަކު ލޮލުން ނުފެންނަ ފަދަ ރީތި ތަށިތަކާއި އުލާއި ސަމުސާ އަދި ބިއްލޫރިތަށިތަކާއެކު މޭޒުގައި ކާއެއްޗެހި އަތުރާލާފައިވާލެއް އެހާ ފުރިހަމައެވެ. ނެޕްކިންތަކެވެ. އުއްބައްތިތަކެވެ. ޔޫރަޕްވައްތަރު ޖަހާ އަންހެންކުދިން ޔުނިފޯމްގައި ވެއިޓަރުންފަދައިން އޯޑަރަކަށް ބަލަބަލާ ތިއްބެވެ. ހަގީގަތުގައި އެގޭ ބަދިގޭގައި ސޯފިއާ ގެންގުޅެނީ ފްރެންޗް ޚާދިމާއިންނެވެ. ކާންފެށިއިރު ކެމީލާ ބިސްމި ކިޔެވެ. މާތްﷲއަށް ހަމްދުކުރިއެވެ. މޭޒުމަތީގައި ހުރި ކާތަކެތި މުޅިން އަލެވެ. ކައިފާ ނުކާންވީ އެއްޗެއް ނޭގުނެވެ. އަޑު އަހާ ކާ އެއްޗަކަށް ހުރީ ސްޓޭކްއެވެ. ކާންފެށުމުން މޭޒުދޮށަށް ވެރިވެފައިވާ ހިމޭންކަން މުގުރި ސަމާސާކޮށް އެންމެން ވާހަކަދައްކަން ފެށިއިރުވެސް ޒުވާން ފިރިހެންކުދިން އަދަބުވެރިކަމާއި ބޮޑެތި މީހުންނަށް އިހުތިރާމް އަދާކުރާކަން ފާހަގަވިއެވެ. ޚާދިމާއިންވެސް ބަދިގެ ފަރާތަށް ގޮސް ނިވާވިގޮތުން އެ އާއިލާގެ އެކަނިވެރިކަމަށް އިހުތިރާމް ކުރާކަން އެނގުނެވެ. އާތިކާ ކެމީލާ ގާތުން އެކި ސުވާލުތައް ކުރިއެވެ. މަންމައާއި ބައްޕަގެ ޚަބަރު އޮޅުން ފިލުވިއެވެ. އެ އާއިލާއާއި ބެހޭގޮތުން ކެމީލާއަށް ބުނެދޭކަށް ނޭގުނެވެ. އެނގުނީ ބައްޕައާއި މަންމަ ދުނިޔޭގައި ނެތްކަމެވެ. އޭނައާއި ޒައިރާ ބަލާ ބޮޑުކުރީ މާމައެވެ. ކެއުމުގެ ތެރޭ ޝައުން އެގެއަށް ނާންނާތީ އެކަމާއި ވާހަކަ ދެކެވުނެވެ.

ކެމީލާއަށް އެރޭ އެކަނި ވުމުން ނިދާކަށްވެސް ނުކެރުނެވެ. ބޮކިތައް ދިއްލާލައިގެން ޒައިރާއާއި ވާހަކަދައްކަން އޮވެފައި ދަމުނަމާދުވެސްކުރިއެވެ. ލޮލުފިޔަ ޖަހައިލެވޭވަރުވީ ފަތިސްނަމާދަށްފަހުއެވެ. ހޭލެވުނީ ފޯނު ރިންގު ވާއަޑަށެވެ. ނާސްތާ ކުރަން އަންނަން ސޯފިއާ އެންގީއެވެ. ވަކި ގަވާއިދަކަށް އުޅެން ޖެހުމުން ހާސްކަމާއެކު ނިދި ނުފިލަނީސް ތައްޔާރުވެލައިގެން ތިރީ ބަޔަށް ދިޔައިރު އެންމެން އޭނަގެ އިންތިޒާރުގައެވެ. ފުރަތަމަ ފަހަރަށް ބެކަން ކެވުނެވެ. ޕޭންކޭކުވެސް މީރުކަމުން އަނގަޔަށް ވިރޭފަދައެވެ. އޮމްލެޓްވެސް ތަފާތު ވައްތަރަކަށް ހަދާފައެވެ. މާމަމެންނަށް ނުދީ ކާންވުމުން ކެވުނީ ކުޑަކޮށެވެ. ކިތަންމެ ފަހަރަކު ކަރުނަ ނިރައިލިއެވެ. ހިތްވަރުކޮށްލެވެނީ ހަމަ ކިރިޔާއެވެ.

"ހިނގާ ސްކޫލަށްދަމާ...." ޖުއާން ބުނެލިއެވެ.

"ވިތް ޔޫ؟ " ކެމީލާ ސިހޭގޮތްވިއެވެ.

"ދެން އެހެން ކާކާ އެކީ؟ އޮފިޝަލީ ކޮއްކޮއަށް ވީމަ ދެން އަހަރެމެން އެއް ސްކޫލަކަށް ދަންޏާ އެކީގަ ދޯ ދާން ޖެހޭނީ؟ " ޖުއާން ކެމީލާއާއެކު ސިޑިން އަރައިގެން އައީ މަޑުންނެވެ.

"ތާނީ އާއި ވިޝާ ރުޅި އަންނާނެ...." ކެމީލާ އެގޮތް ބޭނުމެއް ނޫނެވެ.

"ރުޅިއެއް ނޫން. އެއަށް ކިޔަނީ ޖެލަސީ. މަޖާވާނެ އަސްލު..." ޖުއާން އެކަމާ އުފާކުރާކަހަލައެވެ.

"އެހެން ކުދިން ޖޭ ކުރާހިތެއްނުވޭ...."

"ހާދަ ތަފާތޭ. ފްރެޖައިލް ކަމުން ހަމަ ދޮންބެގެ ލިލީ މަތިން ހަދާންވަނީ. ސްކޫލުން އަންނަމުން އެގެއަށް ޖައްސާލަމާ........." ޖުއާން ދައުވަތު ދިނެވެ.

"އައި ކާންޓް......" ކެމީލާ ކަންބޮޑުވިއެވެ.

"ކީއްވެ؟" ޖުއާންއަށް މަޖާވިއެވެ.

"ޑޮކްޓަރ ޝައުން އެގޭގައި އުޅުއްވާނެ...."

"އޭނަދެކެ ލަދުންތަ؟ ޑޮކްޓަރ ވީމަ.....ހަހަ. ސޯ ފަނީ..." ޖުއާން ހޭންފެށިއެވެ. ކެމީލާ ލޯ އަޅައިލިއެވެ.

"ދަރިފުޅާ. ކޮއްކޮ ދެރަކޮށްނުލާތި...." ސޯފިއާ ފަހަތުން އަންނަމުން ބުނެލުމުން ޖުއާން ބުނީ އޭނަ އާއި ކެމީލާ ހަމަ އެކުވެރިކަމާއެކު ވާހަކަދައްކަނީ ކަމުގައެވެ. ދެކުދިންނަނީ ސްކޫލްގައިވެސް ދަންނަ ކުދިންކަމަށެވެ. އަދި އޭނަ ކެމީލާއަށް ލޭ ހަދިޔާކުރިކަން މަންމަ ހަނދާންނެތުނީތޯ ސުވާލުކޮށްލުމުން ސޯފިއާ ހިނިއައެވެ. އޭނަގެ އެދުމަކީ ހުރިހާ ކުދިން ކެމީލާ ކޮއްކޮ ކަމުގައި ބަލައިގަތުމެވެ. އިތުރު އެއްވެސް ގުޅުމަކަށް ފުރުސަތު ނޯންނާނެކަމަށް އޭނަގެ ހިތް ޔަގީންކުރިއެވެ.

ސްކޫލުން އަރީޖުއާއި ދިމާނުވުމުން ކެމީލާ ކަންބޮޑުވިއެވެ. އަރީޖްއަށް ގުޅިއިރު ފޯނު އޮތީ ނިވާލާފައެވެ. އަރީޖް ބަލިވީހެއްޔެވެ؟ ގެއަށް އަންނަމުން ޖުއާން ގާތު އާދޭސްކޮށްގެން އެގެއަށް ގެންގޮސްދިނެވެ. އެޕާޓްމެންޓްގައި އުޅެނީ އެހެން ބަޔެކެވެ. ބުނީ ކުރިން އުޅުނު ދެމައިން ދިޔަތަނެއް ނޭގޭކަމުގައެވެ. ކެމީލާގެ ލޮލަށް ކަރުނަ އައެވެ. ކާރަށް އެރިގޮތަށް ބޭރަށް ބަލަން އިނދެ ކެމީލާ ކަރުނަ އޮއްސިއެވެ. އަރީޖް ވަކިވެ ދިޔައީމައެވެ. އަންގާވެސް ނުލީތީއެވެ. އޭނައާއި އޮތް އެކުވެރިކަން ކަނޑާލީހެއްޔެވެ؟ ހާދަ ދެރައެވެ.

***

ކިޔާންއަށް ޖައިޝް ދެއްކި ސީސީޓީވީ ފުޓެޖް ފެނިފައި އޭނަގެ ގައިން ހީބިހި ނެގިއެވެ. މިއީ ހަމަ ހަގީގަތެއް ހެއްޔެވެ؟ ޖައިޝްއަށް މި ލިބުނު ގޮތެއްވެސް ނޭގެއެވެ. ކިޔާންގެ އުފާވެރި ތަބީއަތު ބަދަލުވީތަން ފެނިފައި ޖައިޝް ހަމްދަރުދީވިއެވެ.

"އައިމް ސޮރީ ކިޔާން. މި ލިބުނު ގޮތެއް އަދި ބުނެވޭކަށް ނެތް. އެކަމަކު ޝައުންއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްތަ. އެހާވަރަށް ކަން ނޭގޭ ބިޓްރޭ ކުރެވޭނީ. ކިޔާން ބޮއިގެންތަ ހުރީ؟ " ޖައިޝް ހެމުން ސުވާލުކުރިއެވެ.

ކިޔާން ހުރީ ޝޮކެއްގައެވެ. ވީއިރު އެލީނާ އޭނައަށް އެހާވަރަށް ގުޅާފައި "އެރޭ" ގެ ވާހަކަ ދައްކަނީ ހަގީގަތެއްވީމަ ތާއެވެ. އޭނަ ހަދާން ނުވަނީ ކީއްވެބާވައެވެ. ޕާޓީ ޑްރަގާއި އެހެން އެއްޗެހި ބޭނުންކުރުމަކީ ޅަ ޒުވާނުންނަށް ބައެއްފަހަރު ފާފަތަކަށް އަރައިގަންނަން އެޅޭ ޅަ އެއްޗެކެވެ. ގިނަފަހަރު އެކުއްޖެއްގެ ކުށެއްނެތި އެހެން މީހުން ގަސްތުގައި ޑްރަގް ދޭންވެގެން ބުއިންތަކަށް އަޅަނީއެވެ.

"ޑިލީޓް އިޓް....." ކިޔާންގެ ލޯ ތެމޭގޮތްވިއެވެ.

"މިއިން ޑިލީޓްކުރިޔަސް ބްލެކްމެއިލް ކުރާ މީހާ އަތުގައި އޮންނާނެއްނު....."

"މި އަންހެންވެރިންނަކީ އުދަގުލެއް. ދުރަށް ދުވަން އުޅުނަސް ކައިރިވާގޮތެއް ނޭގޭ....." ކިޔާން އިސްތަށިގަނޑުތެރެއަށް އަތް މަހާލައިގެން ހުރެ އެސްފިޔަތައް މަރާ ބާރުކޮށްލިއެވެ.

"އެހެން ޕްލެނެޓަކަށް ހިޖުރަކުރޭ. ހެހެ..."

"އައި މެސްޑްއަޕް އެވްރީތިންގް. ގޯޑް..."

***

ބޯކޮށް ވާރޭވެހެމުން ދިޔައިރު ދޭތެރެއަކުން ވިދުވަރުގެ އަލި ދޮރުތަކުގެ ފަރުދާތައް ފޫ ދުއްވާފައި ބޮޑުކޮޓަރިތެރެއަށް އެޅިލައެވެ. ޝައުން ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައި އިންއިރު މޭޒުމަތީގައި ހުރި ކޮފީޖަގުން ތަށްޓަށް އަޅައިގެން ދޭތެރެއަކުން ކޯވަރެއް ބޯލައެވެ. އެލީނާ ފިޔާތޮށިކުލައިގެ ފަށުވި ޕިޖާމާއެއް ލައިގެން ނުކުމެފައި ކުރިމަތީގައި ހުރި ސޯފާގައި އޮށޯތެވެ. ޝައުންގެ އެންމެ ނަޒަރެއްވެސް އޭނަގެ މައްޗަށް ނުހުއްޓުމުން ދެރަވީ ކީއްވެކަމެއް ނޭގުނެވެ.

"ކިހާ ދުވަހެއް ބާކީ އޮތީ؟ "

ޝައުން ލެޕުން ނަޒަރު ވަކިކޮށްލިއެވެ. އެކަމަކު ޖަވާބެއް ނުދިނެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ބުމަ ކައިރިކޮށްލައިފިއެވެ. އެވަގުތު އެލީނާގެ ފޯނު ރިންގުވާން ފެށުމުން ބަލައިލާފާ ޝައުންއަށް ބަލައިލީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. އަދި އަވަހަށް ފޯނު ހިފައިގެން އެތެރެއަށް ދާން ހިގައިގަތެވެ.

"ކިޔާން. ކީއްކުރަން ތިގުޅީ؟ މިއޮތްފަދަ ގަޑީގައި ހަނދާންވީޔޯ؟ " އެލީނާއަށް އަހައިލެވުނެވެ.

ނުނިމޭ

ކޮމެންޓް 0