"ނަމާދުގެ ވަގުތު ދުނިޔޭގެ ހުރިހާ ކަމެއް ހުއްޓާލާފައި ނަމާދު ގާއިމު ކުރާ މީހާއަކީ ބާއްޖަވެރިއެކެވެ. ކާމިޔާބު އެދޭ މީހާ ނަމާދަށް އަވަސްވެގަންނާށެވެ. މާތްﷲއާއި އަޅުތަކުންނާއި ގުޅުވައިދޭ އެންމެ މަތިވެރި މަގާމަކީ އެއީއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ނަމާދުކުރުމުން ހޯދާށެވެ. "

***

"އައި ޑޯންޓް ޑިޒަވް ޔޫ..." އެލީނާ ބުނެލިއެވެ.

"ކީއްވެ؟ "

"އައި ބިޓްރެއިޑް ޔޫ. އަދި އެނގޭ އެކަން ޝައުންއަށް އެނގޭކަން. ނޭގޭކަމަށް ހެދިގެން ހުއްޓަސް ހުރިހާކަމެއް އެނގޭ އެހެންނު. އެހެންވެ ދުރަށް މިއައީ..." އެލީނާގެ ލޮލުގެ ފުރަގަހުގައި ކަރުނަތައް އެއްވާންފެށިއެވެ.

"އެލީނާގެ އަމިއްލަ ނަފުސަށް އެކަނިތަ ވިސްނީ؟ ވަޓް އެބައުޓް މައި ކިޑްސް. ކޮން ހައްގެއް އޮތީ އަހަންނަށް ނާންގާ ކުދިން ގޮވައިގެން ފިލައިގެން އަންނަން؟ " ޝައުން ބުމަ ގޮށްޖަހައިލިތަން ފެނި އެލީނާ ހިންދިރުވައިލިއެވެ.

"ހިނގާބަލަ ޕާކަށްގޮސް ތި ވާހަކަ ދައްކަން. މަންމައަށް އިވިއްޖެއްޔާ ކަންތަކާ ޖެހުނީ..." އެލީނާ ތެދުވެގެންގޮސް ކްލޯޒެޓް ހުޅުވާފައި ޖެކެޓެއް ނަގާ ގަޔަށް މަހައިލުމަށްފަހު ނުކުމެގެން ހިނގައިގަތެވެ. ގެއާއި ދެތިން މިނިޓު ދުރުގައި އޮންނަ ޕާކުގައި ކޮންމެވެސް ވަރަކަށް މީހުން ހިގާބިގާވެ އުޅޭތަން ފެނެއެވެ. ދެޒުވާނުންގޮސް ބިޔަގަހެއްގެ ދަށުގައި ހުރި ވަކަރު ގޮނޑިއެއްގައި އިށީނެވެ.

މުޅި ޕާކުގައި ރަން ފަތުގެ ދޫލައެއް އެޅިފައިވާއިރު ނިކަން ހިތްގައިމެވެ. ފިނިވައިރޯޅިތައް ޖެހޭވަރަކަށް ބަލިކަށި ޟައީފު ފަތްތައް އުދުއްސާލައެވެ. ފިނީގެ ސަބަބުން އެލީނާގެ ކޯތާފަތުގައި ބްލަޝްކޮޅެއް ޖައްސާފައިވާފަދައެވެ. ފިނި މޫސުމް ފެށެން އުޅޭއިރު ފަޒާގެ ފިނިކަން އިންތިހާއަށް ގަދަވެ ދުންފިނީގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ވެއެވެ.

"އައި ތޯޓް ޔޫ ލަވްޑް މައި ބެސްޓް ފްރެންޑް. އެރޭވެސް އައިޒް އޭ ކިޔާފައެއްނު ފާޑުފާޑަށް އުޅެންފެށީ. އެކަމާ ވަރަށް ހިތްހަމަ ނުޖެހުނު. އެކަމަކު އޭރު އަހަރެންގެ އޭޖްކަން ނޭގޭ. ރޭޖިންގް ހޯމޯންސް. އެހެންވެ ޝައުންއަށް ފުރުސަތު ދެވުނީ. އެކަމަކު ފަހުން ރުޅިއައީވެސް ޝައުން އައިޒާކަމަށް ހީކޮށް ކުރި އަމަލުތައްކަމަށް ވާތީ. ކައިވެންޏަށް ޝައުން އެއްބަސްވީމަވެސް ވަރަށް ހައިރާންވި. ކޮންމެ ސަބަބަކާއި ހުރެވިޔަސް އޭރު ޝައުންދެކެ ރުޅިވެސް އާދެވުނު. ކިޔާން އާއި ދިމާވީ ހޮޓަލުގައި އޭނަ ވޯކްކުރިއިރު. ކިޔާން ޗާމިންކަމާއެކު އަމިއްލައަށް އިސްނަގާ ވާހަކަދައްކާ ރައްޓެހިވާން ހުށަހެޅީ. ދެމީހުން ރައްޓެހިވިއިރުވެސް އެނގޭ ޝައުންގެ ބެސްޓީއެއްކަން. އެހެންވެ އިތުރަށް ރިވެންޖް ނަގަންވެގެން އެގުޅުން ކުރިއަށް ގެންދިޔައީ. އެކަމަކު ކިޔާން އެހާ ގޯހެއްނުވާނެ. ނޭގޭ އެ ރޭ އެހެން އުޅުނީ ކީއްވެކަން. ކިޔާން ފޯސްކުރުމަކީ އަހަރެން އެއްބަސްވެގެން ހިނގިކަމެއްނޫން. އެއަށްފަހު ކުއްލިއަކަށް ކިޔާން ކިޔަވަންވެގެން ފުރީ. އަހަރެން އޭނައަށް އޮޅުވައިލީ. ސިންގަލްއޭ ނޮޓް މެރީޑް އޭ ކިޔާފައި. ހީވާގޮތުން ފަހުން މެރީޑްކަން އެނގުނީމަ ދޫކޮށްލާފައި ދިޔައީ. ފަހުން އަނެއްކާ ކިޔާން ކިޔަވާ ނިމިގެން އައުމުން އޭނައާއި ވާހަކަދެއްކިން. ވާހަކަދެއްކީ އެއްނޫން. މޮޔަވެގެން ފަހަތުން ދުވިން. އާދޭސްކުރިން. އެހެންބޮޑަށްވީވެސް އައިޒާ އާއި ޝައުންއާއި ދެމީހުން އެކަކު އަނެކަކާ ހެދި އުޅޭކަން ވިސްނި އަހަރެން އަމިއްލައަށް ދުރަށް ދިޔުން ރަގަޅުކަމަށް ފެނުނީމަވެސް ހެން ހީވޭ. ތި ދެމީހުން ހިތާވެގެން އުޅެންޏާ އެއަށްވުރެ ރަގަޅު ގޮތެއް ކޮބާ. ކިޔާން ވަރަށް ސްޓަބްން. އޭނަ ފަހަރެއްގައިވެސް ޝައުންގެ އަންހެނުންނާއި ވާހަކަ ދައްކަން ބޭނުމެއް ނުވެއޭ ބުނި. އޭނައަށް ގުޅުމެއް ބޭއްވުނީވެސް ޝައުންގެ ވައިފްކަން ނޭގޭތީއޭ. ހީއިޒް އެ ފެއިތްފުލް ފްރެންޑް. އެކަން އޭނަ ސާބިތުކޮށްދިން. ފޮނުވި މެސެޖްތައް މީގައި މިހާރުވެސް ހުންނާނެ. އައި އޭމް ދަ ބޭޑް ވަން ހިއަ. ކިޔާން އެއް ނޫން......" އެލީނާ ހުއްޓަ ހުއްޓާފައި ހަދާންކުރަމުން އެކި ހާދިސާތައް ކިޔައިދިނެވެ.

"ކިޔާން ރައްޓެހިވެގެން އުޅުނުއިރު ބުނި ކުއްޖެއް ލިބިއްޖެއްޔާ ކިޔާނީ ލިލީއޭ. އޭނައަށް މާ ރީތި ނަމެއްކަމުގައިވީ. އެހެންވެ ދަރިފުޅަށް ލިލީ އެނަން ދިނީ. އަދި މުޅިގެ ލިލީ ތީމަށް ޑިޒައިން ކުރުވީ. ކިޔާންގެ ކޮއްކޮ ކެމީލާއަށް ކިޔާ އުޅޭ ނަމަކީވެސް ލިލީ........." އެލީނާ އިތުރަށް ބުނެދިނެވެ.

ޝައުން އެއްވެސް ސުވާލެއް ނުކޮށް އެލީނާގެ ވާހަކަތައް އެހީ ކެތްތެރިކަމާއެކުގައެވެ.

"އައި ތޯޓް އައި ލަވްޑް ހިމް. ފަހުން އެކަމަކު ކޮންމެވެސް ވަރަކަށް ހިތް ބަދަލުވި. ކުދިންނަށްޓަކާ ކަމަށް ވެދާނެ. ނޫނީ އައިޒް ފަހުން އުޅުނުގޮތުން އެހެންވެ އޭނައަށް ޝައުން ދޭން ބޭނުންނުވީ ކަމަށް ވެދާނެ. އައިޒް ބުނަންވެސް ބުންޏޭ ޝައުންއާ މެރީކޮށްފާނަމޭ. އޮޕެންކޮށް ބުނާކަށްވެސް ފަސްނުޖެހުނު. އަސްލު ބޭނުންވީ ޝައުންއާއި ކުދިންނާއެކު ހެޕީ ލައިފެއް ހޯދުން. އެކަމަކު ދެން އެނގެއެއްނު ކަންތައްވީގޮތް. މިހާރު ކިޔާންވީ ޖަލުގައި. ނިމުނުއިރު އަހަރެންގެ ބަދަލުގައި ޖިލްވާއާއި ބެހުނުކަމުގެ ތުހުމަތު އެޅުނީ. އެވެސް ދޮގަކަށްވާނީ. ކޮންމެހެން ކިޔާން ޑިފެންޑް ކުރަނީއެއްނޫން. އެކަމަކު ހީ މަސްޓް ބީ އިނޮސެންޓް. ޖިލްވާއަކަށް ޓްރަސްޓެއް ނުކުރެވޭ. ހުރިހާ ފިރިހެނުން ފަހަތުން ދުވާ މީހެއް އެކަމަކު ކިޔާންގެ ވަފާތެރިކަން އެނގޭތީ މިހެން މިބުނަނީ. ކިޔާން އޭނަ ރިޖެކްޓްކުރީމަ އެކަމާއިހެދި ރިވެންޖް ނަގާ ކިޔާންގެ ދިރިއުޅުން ބަރުބާދުކޮށްލަން ކުޅޭ ގޭމަކާއި ވައްތަރީ. ކިޔާން އޭނައަށް ގޯނާ ނުކުރާނެ. ކުރިނަމަ ޖިލްވާ އޭނަ ފަހަތުން އުޅޭއިރު ރައްޓެހިވާންވެސް އެންމެ ރަގަޅެއްނު...." އެލީނާ ޖެހިލުމެއްނެތި ކިޔާން ދިފާއުކޮށް ވާހަކަދެއްކިއެވެ.

ހަޔާތުގައި ފޮރުވާފައިވާ ސިއްރުތައް ޝައުންއަށް ކިޔާދިނުމުން ހިތުން ބުރައެއް ލުއިވެގެން ދިޔަކަމުގެ އިހުސާސްކުރެވުނެވެ.

ނަމަވެސް ޝައުންގެ ފަރާތުން ފެނުނު ހިމޭންކަމުން އޭނަ ނިންމާނީ ކޮންގޮތަކަށް ކަން ބުނަން އުދަގޫވިއެވެ. ކޮންމެ ގޮތެއްވިޔަސް އެލީނާ ދެން ދާނީ ދުރަށެވެ. އެންމެނާ ދުރަށެވެ.

***

ނާދިރާ އެތައް ޒަމާނެއްކޮށްފައި ނަމާދުކުރިއެވެ. ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނައަށް ކުރެވުނު ފާފަތަކަށް ތައުބާވެ އާ ފެށުމަކުން ފަށަން އޭނަ ނިޔަތްގަތެވެ. މާތްﷲއަކީ އަފޫކުރައްވާ ރަހުމާންވަންތަ ރަހީމް ވަންތަ ރަސްކަލާނގެއެވެ. ފާފަ ކުރުމަށްފަހު ތައުބާވުމުގެ ދޮރު ހުޅުވިފައި އޮވެއެވެ. މަރުގެ ވަގުތު ނާންނަނީސް ތައުބާވުމަށް އަވަސްވެގަންނާނީ ނަސީބު ވެރިންނެވެ. ނާދިރގެ މޫނުމަތި އެހެން ދުވަހާއި ތަފާތެވެ. ހިތާމައާއި މޮޅިވެރިކަމުގެ ކުލަ ކެނޑި އުޖާލާކަމެއް ވިއެވެ. ބަދިގެއަށްވަދެ ރޮށްޓާއި ބިސް ރިހަ ކައްކަންފެށިއެވެ. ޕިރިނީ ހެދިއެވެ. ކުދިން މޫދުން އަންނަންވާއިރަށް ކައްކައިލަން ބޭނުންވީއެވެ.

"ދެކުދިން ކާންވީނު...."

"ޝުއަރ..މަންމަ ކެއީތަ....." ކެމީލާ ކުޑަކޮށް ހީލިއެވެ.

"ނޫން ދެންމެ ކައްކާ ނިމުނީ..." ނާދިރާ ބުނެލިއެވެ.

"ވީއިރު މަންމައާ އެކު ކާނީ.." ކެމީލާ އަވަހަށް ތަށިތައް މޭޒަށް އަރުވަންފެށީ މަންމައާއި އެހީވުމުގެ ގޮތުންނެވެ. އެންމެން އެކީ ކައިގެން އެއް އާއިލާއެއްގެ ގޮތުގައި އުޅުމަށް އަބަދު ދެކުނު ހުވަފެން ހަގީގަތަކަށްވަނީއެވެ. މާތްﷲއަށް ހަމްދު ހުއްޓެވެ. އެންމެން އެކީ ކާންތިބިއިރު ގިނައިން ވާހަކަދެއްކީ ކެމީލާއެވެ. ނާދިރާއަށް ފާހަގަކުރެވުނީ ކެމީލާގެ މޫނު ހުދުކަމެވެ. ޑޮކްޓަރަށް ދައްކަން ޖެހޭނެކަމުގައި އޭނަ ގަބޫލުކުރިއެވެ. ކެމީލާ އޭނަގެ ބަލީގެ ވާހަކަ މަންމައަށް ކިޔާދިނެވެ. އޭނައަށް ރަގަޅުވުމުގެ ހަމައެކަނި އުއްމީދަކީ ބޯންމެރޯ ހެދުންކަމުގައި ބުނެލިއެވެ. ދެރައީ އެއްބަނޑު އެއްބަފާ އެއްވެސް ކުއްޖަކު ނެތްކަމެވެ. ޒައިރާ އަދި ކިޔާންއާއިވެސް ދިމާނުވީއެވެ. ނާދިރާ ކޮށި އަރައިގަތްގޮތަށް އެތައް އިރެއްވާންދެން ކެއްސިއެވެ. އޭނަގެ ދެލޮލުން ބިރުވެރިކަން ފެނުނެވެ.

"މަންމާ ކިހިނެއްވީ؟ " ކެމީލާ ކަންބޮޑުވިއެވެ.

"މާނައަކީ ލައިފް ތްރެޓްނިން ކޮންޑިޝަންއެކޭ، މިރަށުގައި ތިބެގެން ލިލީގެ ބައްޔަށް ފަރުވާ ހޯދޭނީ ކިހިނެއްތަ؟ އައި ތިންކް ވީ ޝުޑް ގޯ ބެކް........." ނާދިރާ ކެއުން ހުއްޓާލާފައި ތެދުވެ އަތް ދޮންނާން ފެށިއެވެ.

"މާމައަށްޓަކާ އިހަށް މިކޮޅުގައި ތިބުން މަޖުބޫރު. އެމީހުން ފާޑަކަށް ތްރެޓްކުރީނު..." ޒައިރާ ހަދާންކޮށްދިނެވެ.

"އެމީހުން ބްލެކްމެއިލް ކުރާނެގޮތް އަހަންނަށްވެސް އެނގެޔޭ ޒައިރާ. އެންމެ ފޯނު ކޯލަކުން ހުރިހާކަމެއް ހައްލު ވެދާނެ. ސޯފިއާ ނަމްބަރު އެބައޮތްތަ؟ "ނާދިރާ ސުވާލުކުރިއެވެ. ކެމީލާއަށް ދޮގުހަދަން މަޖުބޫރުކުރީ ޒައިރާއެވެ. މަންމަގެ މޮޔަ އަމަލަކުން މާމަގެ ފުރާނައަށް ނުރައްކާވާކަށް އެކުދިން އެދޭނެގޮތެއް ނެތެވެ. ކެމީލާ ބުނީ ސޯފިޔާގެ ނަމްބަރު ނެތްކަމުގައެވެ.

***

ޖެހިގެން އައި ދުވަހު ކެމީލާ ހުންގަދަވެގެން ހޮސްޕިޓަލަށް ގެންދެވުނުގޮތަށް ހާލު ދަށްވާން ފެށިއެވެ. މިކޮޅުން ދޭނެ ފަރުވާއެއް ނެތްކަމަށް ބުނެ އިތުރު ފަރުވާއަށް މާލެ ގެންދަން ޑޮކްޓަރ އިރުޝާދުދިނެވެ. ވަރަށް އަވަހަށް މާލެ ފޮނުވުމުގެ އިންތިޒާމް ހަމަޖެހުނެވެ. ޒައިރާ އެންމެ ހާސްވީ މާމަގެ ހުރިހާ ސާމާނުތައް މިކޮޅުގައި ބަހައްޓާފައި ފުރަންވީމައެވެ. ނަމަވެސް ކުއްލި ދަތުރަކަށް ވެފައި ފުރާނެ ބޯޓެއް ނެތުމުން މަޖުބޫރުވީއެވެ. ކޮއްކޮގެ ހާލު އެހާ ދެރައެވެ. އޮކްސިޖަން ގުޅާފައި އޮތްއިރު ވަރުބަލިކަމުން ވާހަކަދައްކާނެ ވަރެއް ނެތެވެ. ޒައިރާގެ ހިތުގައިވާ ރުޅިވެރިކަން އިންތިހާއަށް ގަދަވިއެވެ. ތައިމޫރުގެ އާއިލާއަށް ހިތާހިތުން ބަދު ދުޢާކުރެވުނެވެ. ހުރިހާވެސް ނުބަޔަކީ އެ އާއިލާއެވެ. ދުވަހަކު އެމީހުންނަށް މާފެއް ނުދޭނެއެވެ. އާތިކާގެ ތުންފަތްމަތީގައިވި ނުލަފާ ހިނިތުންވުން އަދިވެސް އޭނަގެ ލޮލުގައި ފޮޓޯއެއް ފަދައިން ހަރުލާފައިވިއެވެ. މާމަ ބަލި ނޫންނަމަ އޭނަ ކުޅިއެއް ދައްކާލީހެވެ.

ކެމީލާ އައިސީޔޫއަށް ވެއްދުމަށްފަހު އެތާ މަޑުކުރަން ބުނެފައި ނާދިރާ އެއްފަރާތަކަށް ޖެހުނެވެ.

"ކޮންކަހަލަ މަންމައެއް. އެދިޔައީ ކޮންތާކަށް ކަމެއްވެސް ނޭގޭ. ވަކި ގުޅާނީ ކާކަށްތަ؟ ބަނޑުހައިވެގެންގޮސް މަރުވާވަރު އެބަވޭ. އެހީތެރިވާނީ ކާކު؟ އެލީނާ. ނޫނީ ނީވް. ޖައިޝްއަށް ގުޅަންވީބާ..." ޒައިރާ ފޯނަށް ބަލަން ހުރިއިރު މޫނުމަތީ މާޔޫސްކަންވިއެވެ. "ސްކައިމޯ ކަހަލަ ތަނަކަށް ކޮއްކޮ ގެންދިޔަނަމަ ރަގަޅު ފަރުވާ ލިބުނީސް. މިފަދަ ވަގުތުގައި މުއްސަންޖަކަށް ވިނަމައޭ ހިތަށް އަރާ. ކޮންމެވެސް ދުވަހަކުން މުއްސަންޖަކަށްވާނަން އިންޝާﷲ. އޭރުން މިހާ ބޯ ހާސްވާކަށް ނުޖެހޭނެ.."

ޖައިޝްއަށް ގުޅާއިރަށް ފޯނުނެގިއެވެ. ޖައިޝްގެ އަޑު ކަންފަތުގައި ޖެހުމުން ޒައިރާގެ ދެލޯ ދިއްލިގެން ދިޔައެވެ.

"ޑޮކްޓަރ ޖައިޝް. ކެމީލާ ވަރަށް ބަލި. އައިސީޔޫގައި އޮތީ. ދޮންބެ ކައިރީ ބުނެދީފާނަންތަ؟ "

***

ޖައިޝްއާއެކު ގިނަ ވަގުތު ހޭދަކުރިވަރަކަށް އެ ތަފާތު ރީތިކަމަށް ވިޝާގެ ހިތް ލެނބުނެވެ. ޖައިޝްގެ ނިޔަތް ނޭގި އޭނަ ކައިރީ އިނދެގެން ކިތަންމެ ފަހަރު ފޯނުގައި ޕާސްވޯޑްޖަހައިފިއެވެ. ޖައިޝް އެ ޕާސްވޯޑް ދެނެގަންނާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. އަދި ލިބުނު އެންމެ ދަނޑިވަޅެއްގައި އޭނަގެ ފޯނު ހުޅުވާލާފައި އޭގައި ހުރި ފޮޓޯތަކެއް ބްލޫޓޫތް އޮންކޮށް ޖައިޝްގެ ފޯނަށް އަޅާނެކަމަކަށްވެސް ހިޔެއް ނުކުރެއެވެ. ހަނދާންނެތިގެން ފޯނު ބާއްވާފައި ދެވުނީވެސް ޖައިޝްގެ ތޫޏު ނަޒަރުން ސަލާމަތްވުމަށެވެ. ފަނަރަވަރަކަށް މިނިޓް ފަހުން އައިއިރު ފޯނު އޮތްތާ އޮތެވެ. ޖައިޝް ފެންނާކަށް ނެތެވެ.

"ވިޝާ. އަހަރެންވެސް މިއައީ ޗޮކްލެޓެއް ގަނެލައިގެން...."

"އޯ. ތެންކިއު.." ޖައިޝް ދިން ޗޮކްލެޓްގައި ވިޝާ ހިފިއެވެ. އުފަލުންގޮސް އޭނަގެ ހިތް ވިރިގެން ފޭބިއެވެ. މޫނަށް ފިޔާތޮށިކުލަ ވެރިވިއެވެ. ވަގުތުން ޗޮކްލެޓް ކައިލަން ބޭނުންވިޔަސް އެހެން މީހަކު ބަލަން އިންދާ ކެވޭނެހެއްޔެވެ؟ ހުދުހުދު ދަތުގައި ޗޮކްލެޓްކޮޅެއް ތަތްލަވައިފިއްޔާ ބޮޑު ޖޯކަކަށްވާނެއެވެ. މަލާމާތްކުރަން ޖައިޝް ނިކަން މޮޅުވާނެއެވެ. އެންމެ ރަގަޅެވެ. މަލާމާތެއް ނޫނެވެ. ދިމާކުރުމެވެ. ޖައިޝްއަށް އެންމެ އުފާލިބެނީ އޭނައާއި ދިމާކޮށްގެންނެވެ.

"އަންހެންކުދިން ޗޮކްލެޓަށް އެހާ މޮޔަވަނީ ކީއްވެ؟ ހަމަ އެޑިކްޓްވޭ ދޯ...." ޖައިޝް ހިނިއައިސްފަ ބަލަން ހުއްޓެވެ.

"ނޭގޭ. މީރުކަމުން..ހެހެ.." ވިޝާ ރަކިވިއެވެ.

"ޗޮކްލެޓްގައި ހުންނާނެ އެޑިކްޓްވާ ކަހަލަ މާއްދާއެއް. އެހެންވެ ޗޮކްލެޓް ކާ ކުދިންގެ ގައިގާވެސް އެ މާއްދާ ހުންނާނެ ދޯ. އެހެންވެ އެހެންމީހުން އެޓްރެކްޓްވާނެ.." ޖައިޝް ސަމާސާކޮށްލިއެވެ. ވިޝާއަށް ހެވުނީއެވެ. ކުރިމަތިވާން އުޅޭ މުސީބާތެއްގެ ހިލަމެއްވެސް ނުވެ އެ ކުޑަ ހިތް އުފަލުން ނަށަނީއެވެ. އޭނަ ދެކޭގޮތުން ޖައިޝްހާ ހިތްހެޔޮ ރަގަޅު ޒުވާނެއް ދުނިޔެއަކު ނެތެވެ. އެހާ އަޅާލައެވެ. ވިޝާ ކައިގެންތޯ އަބަދު ބަލާނެއެވެ. ކޮންމެވެސް މީރު އެއްޗެއް ގެނެސް ނުދޭ ދުވަހެއްނުވެއެވެ. ޚާއްސަކޮށް ޗޮކްލެޓާއި އައިސްކްރީމްއެވެ.

"ކެމީލާ އެނގޭ ދޯ. އައިސީޔޫގައި އޮތީ. ފުއްޕާމޭގައި އިންފެކްޝަނެއް ހެދިގެން ސެޕްސިސްވެގެން. ވިޒިޓްކޮށްލައްޗޭ" ޖައިޝް ބުނެލިއެވެ. ވިޝާ ކަންބޮޑުވެގެން އެކި ސުވާލުތައް ކުރަންފެށިއެވެ. ކެމީލާއަށް ރަގަޅުވާނެތޯ އެހިއެވެ. ކެމީލާގެ މާމަވެސް އަދިވެސް އޮތީ ކޯމާއެއްގައެވެ. ކިޔާންވީ ޖަލުގައެވެ. ހުރިހާ ހިތާމައެއް ބޯމަތިވުމުން ސިއްހަތު ރަގަޅު މީހަކަށްވެސް އަސަރު ކުރާނެއެވެ. ވިޝާ ނިންމީ ގެއަށްގޮސް ތާނީއަށްވެސް ގުޅައިގެން ދެކުދިން އެކީ ކެމީލާއަށް ޒިޔާރަތްކުރުމަށެވެ. ތާނީގެ ކީމޯ ސެޝަންތަކަށްފަހު އޭނަގެ ސިއްހަތު މުޅިންހެން ރަގަޅެވެ. ގަވާއިދުން ސްކޫލަށް ދެއެވެ. ކެމީލާ ނެތުމުގެ ފަޅުކަން އިހުސާސްވިޔަސް އެކުދިން އުޅެނީ އުފާވެރިކޮށެވެ.

***

ނާދިރާ ސަލާމް ގޮވާލާފައި އެތެރެއަށް ވަނެވެ. އެގޭގެ ސިޓިން ރޫމްގައި ޒުވާން ފިރިހެންކުދިންތަކެއް ފުޓްބޯޅަ މެޗެއް ބަލަން ނިކަން ގަޔާވެފައި ތިއްބެވެ. އެކަކު ދޫލަމަތީގައި ސޯފާއަށް ލެނގިލައިގެންނެވެ. ޕިއްޒާތަކާއި ސޮފްޓް ޑްރިންކްސް ތަކެވެ. ރައީސްގެ ދަރިންތައް ކަން ދެނެގަނެވުނެވެ. މި ކުދިންގެ ދިރިއުޅުން ކިހާ އުފާވެރިހެއްޔެވެ؟ ކިހާ މުއްސަދިހެއްޔެވެ؟ އެތަނަށް ވަދެފައި ލޯ ތަރަތަރަޖަހައިގެންދާ ވަރުވިއެވެ. އެހާ ހިތްގައިމު ސިޓިންރޫމެކެވެ. ނަސީބަކުން އެވަގުތު މެޗްވެސް ނިމުނެވެ. ތަނަށް ހިމޭންކަން ވެރިވިއެވެ. އެގެއަށް ވަން މެހުމާނަށް އިހުތިރާމް ކުރުމުގެ ގޮތުން ބިންމަތީ އިން ޒުވާނާވެސް ތެދުވެފައި އޭނަ ގާތު އިށީންނަން އެދުނީ މާތް ބަހުންނެވެ. އޭނަގެ ބޭނުން ހާމަ ކުރުމުން ފޯނުން ކޮންމެވެސް މީހަކަށް ގުޅިއެވެ. އިރުކޮޅެއްނުވެ ސިޑިން ފައިބައިގެން އައީ ފަސްޓްލޭޑީ އާތިކާއެވެ. ރައީސްގެ ދެ އަނބިންކުރެ ހަނގު އަނބިއެވެ. ސޯފިއާ އާއި ބައްދަލުކުރަން ބޭނުންވާ ކަމުގައި ބުނުމުން އާތިކާގެ މޫނަށް ނުރުހުމުގެ ކުލަ ވެރިވިއެވެ. ނާދިރާއަކީ ޒައިރާއާއި ކެމީލާގެ މަންމަ ކަން އޭނައަށް އެނގެއެވެ. މިހާރު އަނެއްކާ މި މީހުން މާލެއައިސް އެގެއަށް ވަންނަން ދިމާކުރީއެވެ. ދުވަހަކު އެމީހުންގެ ހަޔާތުން ދުރަށް ނުދާނީ ހެއްޔެވެ؟

ނާދިރާ ހުރީ ރީތިކޮށް ހެދުން އަޅައިގެންނެވެ. އިސްކޮޅުން ދިގު ހިމަތޮޅި ރީތި އަންހެނެކެވެ. ކަސްރަތީ ހަށިގަނޑަށް ފިޓްވާފަދަ ޖިންސަކާއި ކުރުތާފާޑެއްގެ ރީދުލާއި ހުދު އެކުލެވޭ ހެދުމާއިއެކު ކަރުގައި ހިމަ ފަށެއް އަޅާފައެވެ. އެއް އަތުގައި ގަޑިއެކެވެ. އިސްތަށިގަނޑުގައި ޖައްސާފައިވާ ކުލަ ކޮންމެވެސް ވަރަކަށް ފަނޑުވާންފަށާފައެވެ. މައްޗަށް ކަހާލާފައި އިސްތަށިގަނޑު އައްސާލާފައެވެ. މޭކަޕް ކޮށްފައި ނެތަސް ރަތް ތުންފަތަކާއި ކަޅުކަން ގަދަ ދެލޯ އޭނަގެ ރީތިކަން އިތުރުކުރުވައެވެ. އެހާ އޮމާން ހަމެކެވެ.

"ސޯފިއާ ރަށުގައި ނޫޅުއްވާ..."

"ކެމީލާ އައިސީޔޫގައި އޮތީ..." ނާދިރާ ބުނެލިއެވެ.

"ސޯ ވަޓް؟ "އާތިކާ ލޯ ބޮޑުކޮށްލިއެވެ.

"ސޯފިއާ އެޑޮޕްޓްކުރި ކުއްޖެއް މަރުވާއިރު އެބޭފުޅާއަށް އެނގިވަޑައިގަންނަވަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ..." ނާދިރާ ތަންކޮޅެއް އަޑުހަރުކޮށް ބުނެލިގޮތުން އޭނަ އަމިއްލަ ނަފުސަށް އޮތް އިތުބާރު ހާމަވިއެވެ.

"ތީއޭ މައްސަލައަކީ. ތި ބޭފުޅުން ތި ގަބޫލުކުރައްވާގޮތް ކަމުނުދަނީއޭ. ސޯފިއާ އެކުއްޖާ އެޑޮޕްޓްކުރި އެކަމަކު މުޅިއާއިލާ އެކަމާ ހުރެ ބަދުނާމުވީ. އެކުއްޖާގެ ބޭބެ މޭސްތިރިއަކަށް ހުރެ އެކުދިން ލައްވާ ވައްކަން ކުރުވާ މީހުންނަށް ލަނޑުދީ މިއާއިލާގެ ހަމަޖެހުން ނަގައިލީ. އެކުއްޖާ އައިސީޔޫގައި އޮތިއްޔާ އެއީ އަޅުގަނޑުމެން ކުރި ކަމަކުންނޫން. ޑޮކްޓަރުންނަށް ދެވެން އޮތް އެންމެ ރަގަޅު ފަރުވާ ދޭނެ އިނގޭތޯ. އެކަމަކު އިމޯޝަނަލީ ބްލެކްމެއިލް ކޮށް ސޯފިއާ އަނެއްކާ ތި ކަމުގެ ތެރެއަށް ވެއްދުމުގެ މާނައެއް ނުފެނޭ. ކިހާވަރަކަށް ބޭނުމީ؟ މިލިއަނުންވެސް ލިބިދާނެ....." އާތިކާ ރުޅިގަދަވެގެން އަލިފާން ވިޔަސް އޭނަ ހުރީ ހީލައިގެންނެވެ.

"އެންމެ ޕެނީއެއްވެސް ބޭނުމެއްނޫން...." ނާދިރާ އާތިކާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. "އަޅުގަނޑު ބޭނުމީ ސޯފިއާ. ހާރ ޗައިލްޑް އިޒް ޑައިން......."

"ހާރ ޗައިލްޑް؟ މޮޔަފުޅު ވީތޯ؟ ސިކުއިރިޓީއިންނަށް ނުގޮވަނީސް މިތަނުން ދުރުވިއްޔާ ރަގަޅީ....." އާތިކާ ގެ މޫނުގެ ކުލަ ބަދަލުވެއްޖެއެވެ.

"ރަގަޅު އެޑޮޕްޓްކުރި. ދަރިއަކަށް ހެއްދެވި. އެކަމަކު އެކަން ނިމިއްޖެ އިނގޭތޯ......"

"ނަތާ ކިޔާ ނަރުހެއް އެނގިލައްވާތޯ؟" ނާދިރާ އެހިއެވެ.

"ނޭގޭ.."

"ސޯފިއާ ކައިރީ މި ނަން ބުނެލަދެއްވާ، އޭރުން ސޯފިއާ ގުޅުއްވަން ބޭނުންވާނެ. މިއޮތީ ފޯނު ނަމްބަރު..."

އެންމެން ހިމޭނުން ތިއްބާ ނާދިރާ އޭނަގެ ނަމްބަރު ގަނޑުކޮޅެއްގައި ޖަހާފައި މޭޒުމަތީގައި ބޭއްވިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. އަދި ކައިދަންއާ ދިމާލަށް ގުދުވެލިއެވެ. "މޭކް ޝުއާ ދެޓް ޔޯ މަދަ ކޯލްސް މީ... އިފް ޔޫ ވޯންޓް ޓު ސޭވް ޔޯ ސިސްޓަރ"

***

ވިޝާއަށް ގުޅާފައި އެ ޚަބަރު އެންމެ ކުރިން ދިނީ ތާނީއެވެ. ވިޝާގެ ބުރުގާ ނާޅާ ފޮޓޯއެއް ޕީޕީއަކަށް ލައިގެން އެކުވެރިން އެޑްކުރަނީ ކީއްވެހެއްޔޭ އެހިއެވެ. ވިޝާ ސިހުނެވެ.

"ތާނީ. އައި ސްވިއާ ތިއީ އަހަރެން ކުރިކަމެއް ނޫން..."

"ވިޝާގެ ފޮޓޯ އެހެން މީހެއްގެ އަތުގައި ހުންނާނެތަ؟ ޖުއާން ނުކުރަނެ އެކަހަލަ ކަމެއް..."

"ޖުއާންގެ އަތުގައިވެސް ބުރުގާ ނާޅާ ހުރި ފޮޓޯއެއް ނުހުންނާނެ. ކިހިނެއް ހަދާނީ؟ ތި މީހަކާއި ވާހަކަދައްކަބަލަ....."

"އެހާ ރިވީލިން ފޮޓޯއެއްނޫން. އެކަމަކު.....އޯ ގޯޑް. މަށަށް މި މީހަކު ފޮނުވައިފި މި ފޮޓޯ......ވިޝާ މިހުރީ ނިދާ ހެދުމުގައި...." ތާނީ އެ މީހަކު ފޮނުވި ފޮޓޯ ވިޝާއަށް ދެއްކިއެވެ.

ވިޝާ ހާސްވެގެންގޮސް މުޅި ހަށިގަނޑު ފިނިވެއްޖެއެވެ.

ނުނިމޭ

ކޮމެންޓް 0