މާތް ﷲ ގުރުއާނުގެ އަލް އަހުޒާބު ސޫރަތުގެ ފަންސާސް ހަވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ (إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا) މާނައަކީ ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ!

މާތްﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި ފަޟާލަތު ބުން އުބައިދުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު މީހަކު ނަމާދުކޮށްގެން ދުޢާކުރާ އަޑު ރަސޫލް ﷺ އަށް އިވި ވަޑައިގަތެވެ. އޭނަގެ ދުޢާގައި ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދު ސަނާއެއް ނުދަންނަވައެވެ. އަދި މާތް ނަބިއްޔާ ﷺ އަށް ސަލަވާތް ނުކިޔަވައެވެ. ރަސޫލު ﷺ ހަދީސްކުރެއްވިއެވެ. މީނަ މާ އަވަސްވެގަތީތާއެވެ. އެއަށްފަހު އޭނައަށް ވިދާޅުވެ އަރިހަށް ގެންނަވާ އޭނައަށް ނުވަތަ އެހެން މީސްތަކުންނަށް ވިދާޅުވެ އެންގެވިއެވެ. ( ތިޔަބައިމީހުންކުރެ މީހަކު ދުޢާކުރާ ނަމަ އެންމެ ފުރަތަމަ އޭނަގެ ރައްބު ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދު ސަނާ ދަންނަވާށެވެ. އެއަށްފަހު ނަބިއްޔާﷺގެ މައްޗަށް ސަލަވާތް ކިޔާށެވެ. އޭގެ ފަހުގައި އެމީހަކު އެދޭ ހުއްދަ ކަމަކަށް އެދި މާތްﷲ ގެ ހަޟުރަތުގައި ދުޢާ ދަންނަވާށެވެ. )

***

އެލީނާ ދެކުދިން ގޮވައިގެން ގަސްތަކުގެ ތެރޭ ކުޅެން އުޅެއެވެ. އެލީނާވެސް އެކުދިންނާއި ބައިވެގެން ޕީކަބޫ ކުޅޭއިރު އޭނަވެސް ކުޑަކުއްޖެއްފަދައެވެ. ކެމީލާވެސް އެ ކުޅުމާއި ވަރަށް ގަޔާވެފައެވެ. ޝައުން އަންނަތަން ފެނުމުން އެލީނާގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ޝައުން ފެނުމުން ހިތަށް އުފާވެރިކަމެއް އިހުސާސްކުރެވުނެވެ. އެވަގުތު ފޯނު ރިންގުވާން ފެށުމުން އެލީނާ ބަލައިލިއެވެ. ވިޝާ ގުޅާނީ ކޮންމެވެސް މުހިއްމު ކަމެއް އޮތިއްޔާއެވެ.

"ދޮންތީ. ވަރަށް އަވަހަށް އާދެބަލަ. ވަރަށް ބޮޑުކަމެއް ދިމާވެގެން..." ވިޝާ ރޮމުން ބުނެލިގޮތުން އެލީނާގެ ފައިދަށުން ބިންގަނޑުވެސް ދެމިގަތްފަދައެވެ. އޭނައަށް ދުވެފައިގޮސް ޝައުންގެ ދެއަތުގައި ހިފުނީ ތަންކޮޅެއް ބާރަށެވެ. އޭރު ހިތް ތެޅޭލެއް ބާރުކަމުން ފުންމާލަފާނެފަދައެވެ. ހަތަރެސްފައި ފިނިވެ ގަނޑުފެންގަނޑެކޭ ތަފާތެއް ނެތެވެ. ވިންދުވެސް ހަލުވިކަމުން ހަމައިން ނެއްޓިފައެވެ. އެހާލުގައި ހުރެ ޝައުންގެ މޫނަށް ބަލައިލިއިރު އެ ލޮލުން ފެނުނީ އެހީއަށް ބޭނުންވެފައި ހުރި މިންވަރެވެ.

"ކޮންމެވެސް ބޮޑުކަމެއް ވެއްޖެ. ގެއަށް ގެންގޮސްދީފާނަން....." އެލީނާއަށް ޝައުންގެ އަތަށް ދަމާލެވިއްޖެއެވެ.

ހަގީގަތުގައި އެލީނާ ހަޔާތުގައި ދުވަހަކު އެހާ ބިރުވެރިކަމަކާއި ކުރިމަތިލީ ހަދާނެއް ނެތެވެ.

ވިޝާ ގުޅިގޮތުން ހީވީ މަންމަ ނޫނީ ބައްޕައަށް ކޮންމެވެސް ހާދިސާއެއް ކުރިމަތި ވީހެންނެވެ.

"ކެމީލާ. ކޮއްކޮމެން ބަލައްޗޭ..." ޝައުންވެސް އަވަސްވެގަތީ ކާރާއި ދިމާލަށެވެ.

ކާރުތެރޭވެސް އެލީނާއަށް ވާހަކަ ދެއްކޭވަރެއްނޫނެވެ.

ޝައުން ގެއަށް އައިއިރު އޭނަވެސް ހުރީ އެލީނާއާއި ސުވާލުތަކެއްކުރަން ބޭނުންވެފައެވެ. ނަމަވެސް އެލީނާއާއި ދިމާވެފައިވާ ބޮޑު ހާދިސާއަކުން އެ ވާހަކަ ފަސްކޮށްލަން މަޖުބޫރުކުރުވީއެވެ. ޝައުން އެލީނާ ގަޔަށް ލައްކޮށްލައިގެން ކަހަލަ ގޮތަކަށް އެކީ ހިނގާފައިގޮސް ގެއަށް ވަންއިރު ބޮޑުކޮޓަރީގައިގެ ސޯފާއެއްގައި ޝުވޭކާރު ކޮންމެވެސް މީހަކަށް ގުޅައިގެން އިނެވެ. ވިޝާވެސް މަންމަ ގައިގާ ހިފަހައްޓާލައިގެން ގާތުގައެވެ. އެލީނާއާއި ޝައުން ފެނުމުން ޝުވޭކާރު ފޯނު ކެނޑިއެވެ.

"މަންމާ ކިހިނެއްވީ ތޯ؟ "އެލީނާ ގޮސް އަނެއްފަރާތުގައި އިށީނެވެ.

"ދަރިފުޅާ. ދޮންބެ....ސީރިޔާއަށް ހިގައްޖެ."

"ވަޓް؟" އެލީނާގެ ދެލޯ ކުރިއަށްވުރެ ބޮޑުވިއެވެ.

"މަންމަގެ ހިތް ހަލާކުވެއްޖެ. ދޮންބެ ދީންވެރިވިޔަސް އެންމެ ރަގަޅު އެކަމަކު އެންމެފަހުން ހައްދު ފަހަނަޅާ ދާޚިލީ ހަގުރާމައަކަށް އެދިޔައީ. ދެން މިކޮޅަކަށްނުވެސް އާދެވޭނެ. އަބަދަށްޓަކާ އާރިކް އެގެއްލުނީ...." ޝުވޭކާރުގެ މަސްހުނި އިހުސާސްތަކާއި ބޭގަރާރުކަން އެ ދެލޮލުން ފާޅުވޭވޭ ހުއްޓެވެ. ޝައުން ކުރިމަތީގައި ހުރި ސޯފާ ގޮނޑީގައި އިށީނެވެ. އާރިކްފަދަ ދީނާއި ގާތްކޮށް އުޅޭ ޒުވާނަކު ސީރިޔާއަށް ޖިހާދަށް ދިޔުމުން ހައިރާނެއްނުވިއެވެ. އެއަށްވުރެ އަރްސަން ބަދަލުވި ގޮތުން އޭނަ ހައިރާންވެ އަންތަރީސްވިއެވެ. އަދިވެސް އަރްސަންގެ އާއިލާވެސް އެއުޅެނީ އޭނަގެ ކުއްލި ވަކިވުމުން އަރައިނުގަނެވިގެންނެވެ. އޭނަގެ ބޮޑުބޭބެ މައިމޫންއާއި ސުކައިނާ އަދިވެސް އެ ހިތާމައިގައެވެ. އަރްސަންއަށް ދުނިޔޭގައި ލިބުނުހާ ނިއުމަތެއް އެހެން މީހަކަށް ލިބޭނެކަމެއް ނޭގެއެވެ. ހުރިހާ ތަކެއްޗެއް ދޫކޮށްފައި އޭނަ ޝާމަށް ދިޔުމުން މުޅި ޚާންދާނަށް ސިހުމެއް ލިބުނެވެ. އެއާ ޚިލާފަށް ޝޭޚު އަމީރަކީ ފެށުނީއްސުރެ ދީނީ އިލްމު ހޯދާ ދަރިންނަށް ދީނީ ތަރުބިއްޔަތު ދީފައިވާ މުފްތީއެކެވެ. އާރިކް ހައްދު ފަހަނަޅާދިޔުމަކީ އޭނަ ހައިރާންވި ކަމެއް ނޫނެވެ. ހައިރާންވީ ޝުވޭކާރަށް އެކަން ބޮޑުކަމަކަށް ވީމައެވެ.

"މަންމާ ދުނިޔެ ނިމުނީއެއްނޫން. މަންމަ ދޮންބެއަށްޓަކާ ދުޢާކޮށް ދެއްވާ. މައިންބަފައިން ދަރިންނަށްޓަކާ ކުރާ ދުޢާ އިޖާބަކުރައްވާނެ."

"މަންމަ ކިހާވަރަށް ދުޢާކުރަން....." ޝުވޭކަރު ލޯ ފޮހެލިއެވެ.

"ދުޢާ އިޖާބަ ވުމަކީ ވަގުތުން ވާ ކަމެއްނޫން. ދޮންބެއަށް ހެޔޮ ވިސްނިގެން އަތުވެދާނެ...."

"ދޮންތި އެބުނީ ތެދެއް މަންމާ. ދޮންބެ އަރްސަންބެ އާއި އެއްކޮށް އެތަނަށް ދިޔައީ ފަހަރެއްގައި ހަގުރާމައިގާ ބައިވެރިވާކަށް ނޫން. ފަހަރެއްގައި ހަމަ ޗެރިޓީއަށް. އެތާ އުޅޭ ހާލުގައި ޖެހިފައިވާ ފަގީރު ކުދިންނަށް އެހީވާން. މަންމަ ފިކުރުނުކުރައްވާ. މާތްﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ..." ވިޝާވެސް ހަރުމީހެއް ފަދައިން ވާހަކަދެއްކިއެވެ.

ޝައުންގެ ނަޒަރު ވިޝާގެ މައްޗަށް ހުއްޓުނެވެ. ވިޝާއާއި ޖައިޝް އެކަނި ކޮންސަލްޓިން ރޫމްގައި ވާހަކަދައްކަން ތިއްބާ އޭނަވަނީ ދެކެފައެވެ. މައްސަލައަކީ އަދި އެއީއެއް ނޫނެވެ. އޭނައަށް ވިޝާގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ޝައުން ފިކުރުބޮޑުވީއެވެ. ވިޝާފަދަ ކުޑަކުއްޖަކު އެގޮތަށް ޖައިޝްފަދަ ޒުވާނަކާއި ހެދި އުޅެންވެއްޖެއްޔާ ނުބައި ނަތީޖާއެއް ނުކުމެދާނެއެވެ. ވިޝާއާއިމެދު އޭނަދެކެނީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. ވިޝާގެ އުމުރުގެ ކުއްޖެއް ނަމަ އެންމެ ރަގަޅެވެ.

ހިތާމައާއި ހިތްދަތިކަމުގެ ހިޔަނި އެޅި ލިބުނު ހަމައެކަނި ފިރިހެންދަރިފުޅު ގެއްލުމުގެ ހިތާމައިގާ ޝުވޭކާރު ގެ ހިތް ހަލާކުވާވަރުވިއެވެ. ކެއުމއް ބުއިމެއްނެތި ރުއިން ނޫންކަމެއް ނުކުރެވެއެވެ. އަމީރު ގެއަށް ދުރުވެ ޝުވޭކާރު މަސަލަސް ކުރަން ވާހަކަދެއްކެވިއެވެ. މާތްﷲއަށް ވަކީލުކުރުމަށާއި ހިތާމަކޮށް ހަޅޭއްލަވައިގެން އެއްވެސް ކަމެއް ހާސިލު ނުވާނެކަމުގައި ވިސްނައިދެއްވިއެވެ. ޝުވޭކާރުއަށް ގަބޫލެއް ނުކުރެވުނެވެ. އެހުރިހާ ވާހަކަތައް އެއް ކަންފަތުން ވަދެފައި އަނެއް ކަންފަތުން ނުކުތީއެވެ.

***

ކެމީލާ ވިޝާ އަދި ތާނީ އެނދުމައްޗަށް އަރާ ތިބެ ބަހުސްކުރަމުން ދިޔައީ ސީރިޔާއާއި ބެހޭގޮތުންނެވެ. ވިޝާ ދަލީލުތައް ދައްކާފައި ސީރިޔާއަށް ޖިހާދަށް ދިޔުން ކުށްވެރިކުރިއެވެ. ހަރުކަށި ފިކުރާއި އޭނަ މުޅިން ދެކޮޅުކަމުގައި ބުނެލިއެވެ. ކޮންމެވެސް ބަޔަކު އޭނަގެ ދޮންބެގެ ސިކުނޑި ދޮވެލީއެވެ. އެންމެ ދެރަވަނީ އެގޮތަށް ޒުވާން ފިރިހެންކުދިން ފިލައިގެން ދިޔުމުން މައިންބަފައިން ހިތް ހަލާކުވާނެ ވަރާއި އުޅޭނެ ހާލާމެދު ނުވިސްނާތީއެވެ. ތާނީއާއި ކެމީލާ ބުނީ އަދި އެކުދިންނަށް އެފަދަ ކަންތައްތަކުގެ ހުކުމް ނޭގޭ ކަމަށެވެ.

"މަންމަ ދޮންބެއަށް ހެޔޮ ދުޢާކުރާށޭ އަހަރެން ބުނިން. އިރާދަކުރެއްވިއްޔާ އެނބުރި އަންނާނެ..."

"އާމީން..."

"ޕްރޮފެޓް މުހައްމަދުގެ އެއްވެސް ...." ތާނީ ރަސޫލާގެ ނަންފުޅު ކިޔާއިރަށް ވިޝާއާއި ކެމީލާ ސައްލަﷲ އަލައިހި ވަސައްލަމް ކިޔުމުން ތާނީ ލޯ ބޮޑުކޮށްލިއެވެ.

"ކީއްވެ އެހެން ކީ؟ "

"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ނަންފުޅު ކިޔާއިރު އަދި އަޑުއިވޭހިނދު ސަލަވާތް ކިޔައްޗޭ ތާނީ...." ވިޝާ ބުނެދިނެވެ.

"އޯ....އެހެންވިއްޔާ ވަރަށް ފަހަތުގައި މިއުޅެވެނީ. ވަރަށް ގިނަ ކަންތައް ދަސްކުރަން އެބަޖެހޭ. ގަޑިން ނަމާދަށް އަރަންފެށި ފަހުން މަރުދެކެ ކުރިން ގަތް ބިރު ކުޑަވެ އީމާން ވަރުގަދަވާކަމުގެ އިހުސާސްކުރެވޭ. ދުނިޔެއަށް އައީ އަޅުކަން ކުރަން. ބައެއްފަހަރު އުޅެވޭ މާހައުލުން އަގީދާ ވަރުގަދަނުވެ ދުނިޔެއަށް ހެއްލެނީ. ވަރަށް އުފާވޭ ވިޝާއާއި ކެމީލާކަހަލަ ފްރެންޑުން ލިބުނީމަ. މިއަދުވެސް އެއްކަމެއް ދަސްވެއްޖެ. ރަސޫލާގެ ނަންފުޅު ކިޔާހިދު ސަލަވާތް ކިޔަން ދަސްވެއްޖެ......." ތާނީ ހިނިތުންވެލިއެވެ. ތާނީ ކީމޯޯ ނަގަންފެށި ފަހުން ވަރަށް ބޮޑަށް ހިކި ކުރީގެ ރީތިކަން ގެއްލުނަސް މޫނުގައި އުޖާލާކަމެއް ވިއެވެ. ކުރިން މޫޑު ގޯސްވެ ރުޅިގަދަވެގެން އުޅުނަސް މިހާރު ތާނީ ކެތްތެރިވާން ދަސްކޮށްފިއެވެ. ކެންސަރު ނުޖެހުނު ނަމަ އޭނައަށް ހިދާޔަތް ލިބުނީސްހެއްޔޭ ހިތާހިތުން ސުވާލު ކުރެވުނެވެ. ކޮންމެ ކަމެއްވާނީ ރަގަޅަށޭ ބުނެވެނީ ތެދެކެވެ. ކެންސަރުގެ ސަބަބުން އޭނަ ތަފާތު ކުއްޖަކަށް ހަދައިފިއެވެ.

***

އެންމެން ނިދާ ގޭތެރޭގެ އަޑު މަޑުވިއެވެ. ޝައުން ލެޕް ހިފައިގެން އިރުގަނޑެއް ވާންދެން ކޮންމެވެސް މަސައްކަތެއްގައި އިނެވެ. އެލީނާ އަނެއް ފަރާތަށް އެނބުރިގެން އޮތަސް ލޮލަށް ނިންޖެއް ނާދެއެވެ. އޭނައަށް ކިޔާން ހައްޔަރުކުރިކަން އެނގުނީއެވެ. ނުދަންނަ ފަރާތަކުން މެސެޖްކުރީއެވެ. އެކަމާ އޭނަގެ ހިތުގައި ބިރުވެރިކަން އުފެދިފައިވިއެވެ. އާރިކް ސީރިޔާއަށް ދިޔުމުން ލިބުނު ހިތާމަތައް ބިރުވެރިކަން ޚިޔާރުކޮށްފިއެވެ. ބޭޒާރުވުމުގެ ދުވަސް ކައިރިވަނީ ހެއްޔެވެ؟ މާތްﷲއަށް ވަކީލުކުރާށެވެ. ބިރުނުގަންނާށެވެ. ބިރުގަންނަންވާނީ ހަމައެކަނި ހެއްދެވި ފަރާތަށެވެ. އެހެން މީހަކަށް ދެވޭނެ ގެއްލުމެއް ނުވާނެއެވެ. އޭނަވަނީ އެފާފައަށް ތައުބާވެފައެވެ. ކުށްކުރީ ހަމައެކަނި ކިޔާންއެއް ނޫނެވެ. އޭނަ އެކަމަށް މަގު ކޮށާދިނެވެ. އެލީނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ބާލީސްތެރެއަށް ހިނދުނެވެ.

"އެލީނާ ނިދީތަ؟ " ޝައުންގެ ސުވާލުން އެލީނާ ސިހިފައި އެނބުރި ބަލައިލިއެވެ.

"ނުނިދަން..." އެލީނާ ލޯ ފޮހެލިއެވެ.

"ބީ ސްޓްރޯންގް....." ޝައުން އެނދުގައި އިށީނެވެ.

އެލީނާ ހިތުގެ ތެޅުން މަޑުކުރަން ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ.

"އަރްސަންއާއި އާރިކް ކޮންމެ ތާކު ތިއްބަސް ހެޔޮ ހާލުގައި ތިބޭނެކަމަށް އުއްމީދުކުރަނީ......"

"ދޭ އާ ވިތް މިކާލް އަދި އެހެން ޓެރަރިސްޓުންނާއެކު...." އެލީނާގެ ލޮލުގައި އަނެއްކާ ތާޒާ ކަރުނަތިކި ތައް ގިނަވެގަތެވެ.

"އެންމެ ނުބައި މީހުންނަކީ ހަމަ އެއީތަ؟ "ޝައުން އެހިއެވެ.

"އޮފްކޯސް. ކުށެއްނެތް މައުސޫމް މީހުންނަށް ހަމަލާދީ މަރައިލާ މީހުންނަށް ވުރެ ނުބައި ބަޔަކު ނޫޅޭނެ."

"އެމީހުން ދަނީ މައުސޫމް މީހުން މަރަން ނޫނީ އިސްލާމް ދީނާއި ދެކޮޅަށް ހަގުރާމަ ކުރާ މީހުން މަރަން ކަމަށް ނުވާނެތަ؟އެ ސުވާލުތަކުގެ ޖަވާބެއް އަހަންނަށް އަދިވެސް ނޭގިގެން މިއުޅެނީ. އެކަމަކު އެނގި ފެނިގެން ނުބައި ކަންތައް ކުރާ މީހުން މާ އަނިޔާވެރިކަން ނޭގޭ. ކުށެއްނެތް މީހުންނަށް ގަދަކަން ދައްކާ ފޭރިގަނެ އެހެންމީހުންގެ ދިރިއުޅުން ފޭރިގަތުން. އަދި އެވެސް އެންމެ ގާތުގައި އުޅޭ އެންމެ ހެޔޮއެދޭކަމަށް ހީކުރާ މީހާއަށްވެ ހުރެ. އެލީނާ. އަހަރެންގެ ސުވާލަށް ދޮގުނަހަދާ ޖަވާބު ދީފާނަންތަ؟ " ޝައުންގެ އެ ޖުމްލަތަކުގެ މާނަ ރަގަޅަށް އެނގިހުރެ އެލީނާ ބިރުންގޮސް އެސްފިޔަ ޖަހައިލަންވެސް ނުކެރުނެވެ. އެ ތޫނު ދެލޮލަށް ނަޒަރު ހުއްޓުނުގޮތަށް ހިންދިރުވައިލަންވެސް ނުކެރިފައި އޮވެވުނެވެ. ކޮން ސުވާލެއްކަން އޭނަގެ ޟަމީރު ދެނެގަތްފަދައެވެ. ޝައުންއަށް އެނގުނީއެވެ.

"ކިޔާން އޮތީ ޖަލުގައި. ކީއްވެ އެލީނާ އެވާހަކަ ނުބުނެ މިހާ ގިނަ އަހަރުވާންދެން ސިއްރުކުރީ؟ " ޝައުންގެ ސުވާލު ކުރިއެވެ.

"އަ.....އަ" އެލީނާގެ އަޑު ނުނިކުތެވެ. ކަނޑުގައި ޣަރަގުވެ ގެނބެމުންދާ މީހެއްފަދައިން އަޑު ގެނބިއްޖެއެވެ. އެތައް އިރެއް ވީއިރުވެސް އެލީނާ އިނީ އަނގައިން ނުބުނެވިފައެވެ.

"ޓޯކް......" ޝައުންގެ އަޑުގައި އަމުރުވެރިކަން ވިއެވެ. އެލީނާގެ ގައިން ފިނިގަނޑެއް އެރިއެވެ. ކުއްލިއަކަށް ސިންކްހޯލެއް ހެދި މި އެނދުވެސް ގަބައިގަންނާނެމަައެވެ. އެ ސުވާލުތައް ނިމޭނީ އޭނަގެ ފާފައާއި ހަމައަށެވެ. އޭނަވެސް ޝައުންއަށް ބޭވަފާތެރިވީއެވެ. އޭރަކު ނޫނެވެ. މިފަހުންވެސް އޭނަވަނީ ކިޔާންގެ ފަހަތު މޮޔައެއްހެން ދުވެފައެވެ. ހަލާލު ފިރިމީހާ ހުއްޓައެވެ. އެލީނާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.

"އައިމް ސޮރީ......"

"އެ ހާދިސާ ހިނގަން ޖެހުނީ ކީއްވެތަ؟ އެލީނާ އޭނައާއި އެކު އެހިސާބަށް ދާން ޖެހުނީ ކީއްވެތަ؟ "

"ހީ ވޯޒް....އަމް....އެ ފްރެންޑް.." އެލީނާ ލޯ ހުޅުވައިލަމުން ކުޝަން އަދިވެސް މެޔާ ކައިރިކޮށްލިއެވެ. މައްޗަށް އަރާ ހެޑްބޯޑަށް ލެނގިލިއެވެ. "އެކަމަކު އެ ހާދިސާގައި އަހަރެންގެ ކުށެއް ނެތް. ގަބޫލުކުރޭ ޝައުން. ބޭނުމިއްޔާ ޑީޓެއިލްވެސް ކިޔާ ދީފާނަން.."

އެލީނާ ތަފްސީލުކޮށް ކިޔާދިންއިރު އަޑު އަހަން އޭނައަށް ފަސޭހައެއް ނުވިއެވެ. ރުޅި މަތަކުރަން އޭނަ ނަފުސާއި ޖިހާދެއް ކުރަން ޖެހުނެވެ. ހުރިހާ ރުޅިއެއް އައީ ކިޔާންދެކެއެވެ. ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ ތިމާވަރުގެ މާތް މީހަކު ނެތްކަމަށް ހެދިގެން ސޯލިހު ބޭކަލަކަށްވެގެން ހުރިއިރު ފަތިފުށް ހާދަ ހަޑިއެވެ. ރުހުމުގައި އަންހެންކުއްޖަކު އަނގައިން ނުބުނާނީ ހެއްޔެވެ؟ މީހުންގެ އަނބިންނާއިހެދި މޮޔަވާން ޖެހޭހެއްޔެވެ؟ މިވަގުތު ކުރިމަތީ ކިޔާން ނެތީ ކާކުގެ ނަސީބު ރަގަޅުކަމުން ކަމެއް ނޭގެއެވެ. އޭނައަށް ހުރިހާ ބާރެއް ލެވުނީ އަތަށް އޮޅައިލެވުނު ބެޑްޝީޓަށެވެ. އެލީނާއާއި ދިމާލަށް އެއްޗެކޭ ބުނުމުގެ ބަދަލުގައި އޭނަ ފޯނު ހިފައިގެން ނުކުތީ ބެލްކަންޏަށެވެ. އަނދިރިކަން ވެރިވެފައިވާ ބެލްކަނީގައި ހިފާފައިވަނީ މާމެލާމެލީގެ މީރުވަހެވެ. ޝައުން ގޮނޑިއެއްގައި އިށީދެ ފޯނު ހުޅުވައިލިތަނާ ނުދަންނަ ނަމްބަރަކުން ވައިބާ ކުރަންފެށިއެވެ. ކިޔާން ޖަލަށް ލައިގެން އަދި މައްސަލަ ހަމަޖެހުނީ ނޫންކަމަށާއި ކިޔާންއަކީ އެލީނާގެ ލޯބިވެރިޔާ ކަމަށާއި މިހާރުވެސް ގުޅުން އޮންނަ ކަމުގެ ހެކި އެބަހުރި ކަމުގައި ބުނެލިއެވެ. އަދި ލިލީ ފަދަ ޕްރައިމޯޑިއަލް ޑްވާފް ކުއްޖެއް ކިޔާންގެ ބައްޕަގެ ހުންނަ ކަމުގައި އެމީހަކު ބުނެލީ ޔަގީންކަމާއެކުގައެވެ. ޝައުންގެ ސިކުނޑި ގޮވައިގެން ދިޔަފަދައެވެ.

"ޑޮކްޓަރ ޝައުން. އެލީނާއާއިމެދު ޝައްކެއް ނުކުރެވޭތަ؟ ނޫނީ ކަމެއް ފޮރުވަނީތަ؟ ފެމިލީގެ ރެޕިއުޓޭޝަނަށް ބަލާފައި ނުކެރެނީ ދޯ ލޮލް. ޔޫ ނޯ ވަޓް. އެންމެ އިތުބާރުކުރާ އެކުވެރިޔާ އަދި ވަފާތެރި އަންހެނުންނާއި ދެމީހުންވެގެން ވަރުގަދަ ކުޅިގަނޑެއް ކުޅެފި. އޭގެ ނަތީޖާއަކީ ލިލީ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި ޝައްކެއްގެ މަތީ ހުންނާކަށް ނުޖެހޭނެ. ޑީއެންއޭ ޓެސްޓްކުރޭ. އައިމްސޮރީ މިހާ ބޭޑް ނިއުސް އެއް ބްރޭކް ކުރަން ޖެހުނީމަ އެކަމަކު ލަހުން އެނގުމަށްވުރެ އަވަހަށް އެނގުނީމަ ފިޔަވަޅު އެޅޭނީ....."

ޝައުން އިނީ ޝޮކެއްގައެވެ. ބާރު ވައިރޯޅިއެއް އޭނަގެ އިސްތަށިގަނޑު ވިހުރުވާލައިފިއެވެ.

" ހޫ އާރ ޔޫ؟ "

"ތިހެން ތިހަދަނީ ކީއްވެތަ؟ " ޝައުން އެމީހާއަށް މެސެޖްކޮށްލިއެވެ. ޝައުން ވިސްނައިލިއެވެ. މި މީހާއަކީ އޭނައަކީ ޑޮކްޓަރެއްކަންވެސް އެނގޭ މީހެކެވެ. އަދި އޭނަ ހޮސްޕިޓަލުގައި އުޅޭ ކޮޓަރިވެސް ދަންނަ މީހެކެވެ.

"ގުޑްނައިޓް ޑޮކްޓަރ ޝައުން."

***

ޝައުން ކޮޓަރިއަށް ވަންއިރު އެލީނާ އޮތީ މޫނުގައި ކުއިލްޓް އަޅައިގެން އެއްކޮށް ހަށިގަނޑު ފޮރުވައިގެންނެވެ. އަވަހަށްގޮސް ލިލީ ނިދާފައި އޮތް ބަޔަށް ވަނެވެ. ފަނޑު އަލިކަމުގެ ތެރޭ ތުންކޮޅު ދަމާލައިގެން އޮތް ކުޑަ ބުދެއްފަދަ ލިލީގެ ގައިގާ ކުޑަ ރަޖާ އެއް އަޅާފައި އޮތްއިރު މޫނުކޮޅު ހާމަޔަށެވެ. ކުޑަ ކުޑަ ފުރިހަމަ މޫނެކެވެ. ރަތް މަލެއްފަދަ ތުންކޮޅެކެވެ. ބޯ އެސްފިޔަތަކެވެ. ޝައުންއަށް ލިލީގެ މޫނުގައި މަޑުމަޑުން އަތް ޖައްސައިލެވުނެވެ. ހިތަށް ލިބިފައިވާ ފުން އަސަރުތައް ހާމަކޮށްދިނީ ޝައުންގެ އެސްފިޔަތައް ފޫދުއްވާފައި އޮހިގެން ދިޔަ ކަރުނަތިކި ތަކުންނެވެ.

ނުނިމޭ

 

ކޮމެންޓް 0