"ނޫން ދަރިފުޅާ. މަންމައަށް ދަރިފުޅާ ދުރުންނެއް ނޫޅެވޭނެ..."
ކެމީލާއަށް ސޯފިޔާގެ މޫނަށް ބަލާލެވުނީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ. އެދެލޮލުން ކެމީލާއަށްޓަކާ ލޯތްބާއި އަޅައިލުން ނޫން އެހެން އެއްޗެއް ނުފެނެއެވެ.
"އޯކްވާޑް. ނޫން އެހެނެއް ނޫން. ދޭ އާ ސޯ ސްވީޓް. އެކަމަކު މިހާ ލޯބިވަނީ ކީއްވެބާ. އައިމް އެ ސްޓްރޭންޖަރއެއް ނު..." ކެމީލާ ނަޒަރު ވަކިކޮށްލިއެވެ. ސީލިންއަށް ލޯ ހުއްޓުނެވެ. އަމިއްލަ ޟަމީރާއި ވާހަކަ ދެއްކިނަމަވެސް ހިތުގެ އަޑު ސޯފިޔާއަކަށް ނީވުނެވެ. އެ ފިނި ގަނޑުފެންގަނޑެއްފަދަ އަތުގައި ހިފަހައްޓާލައިގެން ދޫކޮށްލަން ބޭނުންނުވެފައި ސޯފިއާ އިނެވެ.
"ޔޯ ފެމިލީ. އެއްބަހެއްނުވާނެ..."
"ޔޫ އާ ފެމިލީ ޓޫ ދަރިފުޅު...." ސޯފިޔާ އަތުގައި ފިރުމައިލަމުން އަސަރުން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ.
ސޯފިޔާގެ ޖަޒުބާތުތަކަށް ގަދަރުކުރުމުގެ ގޮތުން އޭނަ ހިމޭންވިޔަސް އެގެއަށް އަލުންދާން ހިތް ދެކޮޅެވެ. އަމިއްލަ ގޭގައި ހިތަށްއެރި ގޮތަކަށް މިނިވަންކޮށް އުޅެވެއެވެ. މާމައާއި ޒައިރާ އަދި ކިޔާންއާއެކު އޭނަ އުޅުނީ ސާދާ އެކަމަކު ހިތްހަމަޖެހޭ ދިރިއުޅުމެކެވެ. އުފާވެރިކަމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫނެވެ. އެހެން އާއިލާއަކަށް ދާން އޭނަގެ ނަފުސް ތައްޔާރެއް ނޫނެވެ. ލިބުނު ހިތި ތަޖުރިބާ އަދި އަރުތެރެއިން ފިލައިގެނެއް ނުދެއެވެ.
"ކެމީލާ. އެއީ ތެދެއް. ކެމީލާގެ އާއިލާއަކީ އަހަރެމެންނެއް ނޫން." ނާދިރާ އެތެރެއަށް ވަދެފައި ބުނި ޖުމްލައިން ކެމީލާއަށް ސިހުމެއް ލިބުނެވެ. ހިތް ތެޅިގަތީ ހަމައެއް ލަމައެއްނެތިއެވެ. އަނގަ ހުޅުވުނެވެ. އެސްފިޔަ ޖަހައިލަންވެސް ނޭގުނެވެ. ފަަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައީ އެމީހުންގެ މޫނުގައި އެ ސިއްރު ލިޔެވިފައިވާތީ ބަލާފަދަ ނަޒަރަކުންނެވެ. ނާދިރާ މާޒީގެ ސަފުހާތައް ހުޅުވައިލީ ކެމީލާ އެންމެ އުއްމީދު ނުކުރާފަދަ ގޮތަކަށެވެ. ބަލި ހާލުގައި އެނދުގައި އޮތްވައެވެ. އުފާކުރަންވީ ކަމެއް ހިތާމަ ކުރަންވީ ކަމެއް ނޭގުނެވެ. ހަމަ އެންމެ ސިއްރަކުން ހަޔާތަށް އަންނާނީ ހީވެސް ނުކުރާފަދަ ބަދަލެއްކަން އެވަގުތު ޔަގީންވިއެވެ. މިހުރިހާ ދުވަހު އޭނަގެ އާއިލާ ކަމުގައި ހީކުރެވުނީ ދުރު ބަޔެއްކަން އެނގުމުން ހިތުގައި ރިއްސާލައިފިއެވެ. މަޑުމަޑުން އެސްފިޔަތައް ތިރިކޮށްލެވުނެވެ. ސޯފިޔާ ކެމީލާގެ ކޯތާފަތުގައި ފިރުމައިލީ ނިކަން އޯގާތެރިކޮށެވެ.
"މަންމަގެ އެއްވެސް ކުށެއްނެތް ދަރިފުޅާ. މަންމަ އެއްލައިލީއެއްނޫން. އެހެން ބަޔެއްގެ ބަދަލު ހިފުމުގެ ޝިކާރައަކަށް މައުސޫމް ކުއްޖަކު މިވީ. ދަރިފުޅު މަންމައާއި ބައްޕަ އަދި ބޭބެމެންގެ ލޯބިން މަހުރޫމްވީ. އާއިލާއައެކު އުޅުނުނަމަ މިއަދު ދަރިފުޅު ކިހާ އުފާވެރިކުއްޖެއްގެ ގޮތުގައި އެންމެންގެ ލޯބި ލިބިގެން އެންމެންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ބޮޑުވީސް. އަދިވެސް ބޭބެމެން އެތިބީ ދަރިފުޅު ކޮއްކޮގެ ގޮތުގައި ބަލައިގަންނަން ތައްޔާރަކަށްނޫން. އޮޅުވައިލުމެއް ކަމުގައި ހީކުރެވި. އެކަމަކު އޮޅުވައިލަންވީވެސް ކީއްވެ؟ ވީ އެންމެ އަވަހަށް ޑީއެންއޭވެސް ޓެސްޓްކުރުވާފައި ޔަގީން ކުރާނެ. އެކަމަކު އޭގެ ބޭނުމަކީ ކޮބާ؟ މަންމަމެންގެ ހިތުގައި މިވާ ލޯތްބާއި އިހުސާސްތަކަކީ އެއްވެސް އަމިއްލަ އެދުމެއްނެތް ލޯތްބާއި ކުލުނު. ދަރިފުޅު ފުރަތަމަ ފެނުނު ވަގުތު ހިތުގައި ދުވަހަކު އެހެން ކުއްޖަކަށްޓަކާ ނެތް ލޯތްބެއް ޚާއްސަކުރެވުނު................" ސޯފިޔާ ކެމީލާގެ ނިތުގައި ބޮސްދިންއިރު ލޯ ކަރުނުން ފުރިއްޖެއެވެ. އެކަމަކު އެއީ އުފާވެރިކަމުގެ ކަރުނައެވެ.
ކޮންމެވެސް ބަޔެއްގެ ފިޔަވަޅުގެ އަޑު އިވުމުން ކަންބޮޑުވުމާއެކު ކެމީލާއަށް ބަލައިލެވުނެވެ.
ޒުބްނާންއާއި ކައިދަންއެވެ.
ކެމީލާ ކުޑަކޮށް ހާސްވިއެވެ. ބުރުގާ ނާޅާ ފެންނަން ވުމުން ރަކިވިއެވެ. ބޭބެމެންނަށްވުމުން އެމީހުން ކުރިމަތީގައި ބުރުގާ އަޅާކަށް ނުވެސް ޖެހޭނެ ނޫންހެއްޔެވެ. އެކަމަކު އަދިވެސް ހިތް ގަބޫލުކުރަނީ ބޭބެއަކީ ކިޔާންކަމުގައެވެ. މިހުރިހާ ދުވަހު ބޭބެ ކަމުގައި ހީކުރެވުނީ ހަމަ ހިލޭ މީހަކަށްހެއްޔެވެ؟ އެއީ އޭނަ "އެޑޮޕްޓް" ކުރި ފެމިލީއެވެ. މާމައަކީވެސް އަމިއްލަ މާމައެއް ނޫނެވެ. މާމަ ވާނީ ސޯފިޔާގެ މަންމައާއި އުންމު ކުލްސޫމްއަށެވެ. ހިތަށް ލިބުނު ބުރަދަން އުފުލަން ނުކުޅަދާނަވެ ހިތް އުދާސްވިއެވެ.
"ޓެސްޓް ހެދީތަ؟ "ސޯފިޔާ އެހިއެވެ.
"ލައްބަ މަންމާ....ކިހިނެއް ކެމީލާ؟ " ޒުބްނާން މަންމަގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ކެމީލާއަށް ސަމާލުކަން ދޭކަމަށް ހެދުނެވެ.
"އަލްހަމްދުލިﷲ..."އާދައިގެ މަތިން ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ކިތަންމެ ބަލިވިޔަސް ދެރަވިޔަސް އެކުއްޖާގެ އެންމެ ޚާއްސަ ސިފައަކީ އަބަދު ހިނިތުންވުމެވެ. ހިލައަށްވުރެ ހަރު ހިތްތައް މަޑުކޮށްލާފަދަ ހީލުމެކެވެ. "ތޭންކްސް ފޯރ އެވްރީތިންގް...."
***
ފިނިގަދަކަމާއެކު ނުތަނަވަސްކަން ފިލުވައިލަން ޒައިރާ ހުރީ ކޮފީއަކަށް ބޭނުންވެފައެވެ. ކެފޭއާއި ހަމަޔަށް ގޮސްފައި އެނބުރި ދާން އުޅެފައިވެސް ލޭކެންއާއި ޖުއާން ތިބި މޭޒުން އެއްގޮނޑި ފެނުމުން އެ ޖާގަ ނަގަން ނިންމިއެވެ. ކޮފީއެއް ނަގަން އުޅެފައިވެސް ޚިޔާލު ބަދަލުވެ ބްލޫބެރީ ސްމޫތީސްއެއް ނެގިއެވެ. ގަނޑުފެންކޮޅުތައް ވިދައެވެ. ޕާރސް ހުޅުވާލާފައި ފައްސަތޭކަ ފެނުމުން އިތުރަށް ކާ ހިތްވެ އިތުރު އެއްޗެއްސަށް އޯޑަރު ދިނެވެ. ތަބައް ހިފައިގެން ގޮސް ޖުއާންގެ ގާތުގައި އިށީނުމުން ލޭކެން އެނގުނުކަމަށްވެސް ނެހެދިއެވެ.
"ސީރިޔަސްކޮށް ހޮސްޕިޓަލަށް އަހަރެން އެލާޖިކް އެބަވޭ..."
"އެލާޖިކްވެގެން ގައިގާ ފިތް ނަގަނީ؟ ހިރުވަނީ؟ ނޫނީ ނޭވާއަށް އުދަގޫވަނީ؟ " ލޭކެން ޖެއްސުމަށް ބުނެލިއެވެ.
"ނުވާކަށް ކަމެއް ނެތް. މަންމަ ހާދަ ވަރެކޭ އެވަނީ ސްޓްރޭންޖާރ އަކަށް. އައި ފީލް ސިމްޕަތީ ދޯ އެކުއްޖާ ބަލިވީމަ. އެކަމަކު ދެން މަންމަ އުޅޭގޮތުން އެމްބެރޭސް ވޭ. އަހަރެމެންނަށް ވުރެ ބޮޑަށް އެކުއްޖާ ސައިޑް ނަގާކަހަލަ.." ޖުއާން ބުނެލީ ފޫހިވެފައިވާ ގޮތަކަށެވެ.
"އާ ޔޫ ޖެލަސް ޖޮން..." ލޭކެން އެއްބުމަ އަރުވައިލިއެވެ. ދެއަތްތިލަ ގުޅުވާލައިގެން އިނދެ ނޫންކަމަށް ހަދައިގެން ޒައިރާއަށް ބަލައިލިއެވެ. އޭނަވެސް އެކްޓްކުރަން ކުޅަދާނައީއެވެ. ލޭކެން އިންކަމަށް ހަދާނުލާ ސަބްމެރިން ނިކަން ދަހިކޮށް ކާލަނީއެވެ. މީހަކު އަތުލަފާނެތީ ލައިނުގަނެގެން އުޅޭހެންނެވެ.ރީތިކޮށް ހަފާފައި ކާން ބުނަންވެސް ލޭކެން ހިތަށް އެރިއެވެ. އެހާ ބޮލަށް އުދަގުލެވެ. ފަހުން ވިސްނުނެވެ. ކޮޕީކުރަން ގަސްތުގައި ދިރުވާލާއިރު އަޑެއްވެސް އެބަ ލައްވައެވެ.
"ގްރޮސް..." ލޭކެންއަށް ބުނެވުނެވެ.
ޒައިރާ ގެ ނަޒަރު ލޭކެންގެ މޫނަށް ހުއްޓުނެވެ. ސިކުންކޮޅަކަށެވެ. ގެނެސްފައި ހުރި ބޮޑު ޗީޒް ކޭކުން އެތިގަނޑެއް އަނގަޔަށް ލަމުން "މްމްމްް" ކަހަލަ އެއްޗެއް ބުނެފައި ލޯ މަރައިލިއެވެ. މަންމަ ބުނާހެން ލަދެއްވެސް ނުގަންނަ ކުއްޖެކެވެ. ލޭކެންއަށް އޭނަގެ މަންމަ އަނެއް މޭޒުން ފެނުމާއެކު އަވަހަށް އެތަނުން ތެދުވެގެން ދާން ބޭނުންވިއެވެ. މަންމަގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޒައިރާއަށެވެ. އެ ނަޒަރުގައި ވި މަލާމާތާއި ފޫހިކަން ލޭކެން ދެނެގަތެވެ.
"މި ޚާންދާނުގައި ހާދަ ޑޮކްޓަރުން ގިނައޭ. އެކްސްޕެކްޓްކުރަނީ އަހަރެންވެސް މެޑިސިން ހަދާނެކަމަށް. ދުވަހަކު އެކަމެއް ނުވާނެ. އެހެން ކަމެއް ކުރަން ނޭގެނީތަ؟"
"ދުނިޔޭގެ އެންމެ ގިނަ ޑޮކްޓަރުން ތިބި ފެމިލީގެ ރިކޯޑް ހަދަންކަމަށްވާނީ. ކާބަފައިންގެ ތެރޭވެސް އެހާ ގިނަ. ބައްޕަވެސް މެޑިސިން ހެއްދެވީ އަދި މިހާރު ޕްރެޒިޑެންޓްކަމުގައި ވިޔަސް..ސޯ ޑެފިނިޓްލީ އެންމެން ބޭނުންވާނެ ޖޮންވެސް ރިކޯޑް މުގުރާލަން ހިއްސާވާން. ޕްލަސް އިންސާނިއްޔަތަށް ކޮށްދެވޭ ޚިދުމަތެއް."
"އަގް......"
"ބައިދަވޭ މި ޚާންދާނުގައި އެންމެ ފިރިހެން ގައިނޮކޮލޮޖިސްޓެއްވެސް ނެތް ދޯ. އެއީ ކީއްވެ؟ދީނުގައި ހުއްދަނޫނީތަ؟ " ޖުއާން އެހިއެވެ.
ލޭކެން އިނީ ކަންބޮޑުވެފައެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލައިފިއެވެ.
"އަންހެނުން އެގްޒެމިން ކުރަން ފިރިހެނުން ތިބީމަ ވިއަޑް އަސްލު. މީހުން ވިއްސުން ކަހަލަ ކަންތައް ހުއްދަ ވާނެތަ؟ ކެމީލާ ގާތުން އަހަން ޖެހޭނީ..............." ޖުއާން ވަށްކަޅިއަކުން ޒައިރާއަށް ބަލައިލިއެވެ.
"އެހެން ވިއްޔާ މި ޚާންދާނުގައި ތި ބުނާ ކަހަލަ ވިއަޑް މީހެއް ނެތްތާ. ނަސީބެއް. ޖޮން. އަހަރެން ދާން ވެއްޖެ..." ލޭކެން ތެދުވެގެން ހިނގައިގަތުމުން ޒައިރާ ކެއުން ހުއްޓާލައިފިއެވެ. " ކިރިޔާ ބަނޑު ފަޅައިގެން ނުދިޔައީ. ޖިންސްގެ ގޮށްވެސް ނެއްޓިއްޖެ....ޕްރެޒިޑެންޓްގެ ދަރިކަލުން ޖުއާން އަލީ ތައިމޫރު މެންގެ ދީލަތިކަން ދައްކަން ވަޑައިގެންފާވެސް ހަމަ ކެމީލާއަށް ޖެއްސުމެއްކޮށް ނުލާ ނުހުރެވުނު. ކެމީލާއަށް ދީނީ މައުލޫމާތު ދޭން އެއީ އަދި ޝޭޚެއް ނޫނޭ."
"ކެމީލާ ދަރުސް ބަލަންޏާ އެނގޭނެތާ...." ޖުއާން ބުނެލިއެވެ. ޒައިރާ ހެދިބިލެތްގަނޑުން އެތިކޮޅެއް އަނގަޔަށް ލިއެވެ. ޖުއާންއަށްވެސް ދިނެވެ.
"އެންމެ ރަގަޅު. ތި ސުވާލު ޝޭޚެއްގެ ކައިރިން އަހާފައި ބުނާނަން. އެތިކޮޅެއް ކާލަ ބަލަ......."
"މިއީ ކޮންކަމަކާ؟" ޖުއާން ލޯ ހިމަކޮށްލިއެވެ.
"ތި ފެމިލީއިން އެހީވާތީ ޝުކުރު އަދާކުރުމުގެ ގޮތުން . މާމައާއި ލިލީއަށް މިތަނުން ފަރުވާކުރުމުގެ ޗާންސްދިނީމަ. އެކަމަކު އަހަރެން ކޮންމެ ދުވަހަކުން ވިޔަސް ދަރަނި އަދާކުރާނަން. އެކަމާ ވޮރީ ނުކުރައްޗޭ. މުއްސަދިންގެ ވައްތަރު އެނގޭތީ މިހެން ބުނަނީ. ފަހުން ދުވަހަކުން ކަލަ ގޮވުމުގެ ޗާންސް ނުދޭނަން. ކޮއްކޮއާއި މާމައަށް ބޭސްކުރުވާނީ އަމިއްލަ ޖީބުން..." ޒައިރާ ވޮލެޓް ހުޅުވިއެވެ." އެކައްޗެއްވެސް ނެތް. އެކަމަކު އަދި ދެތިން އަހަރު ތެރޭ ކާޑުތަކުން މިހިރަ ހުސް ތަން ފުރާލާނަން އިންޝާﷲ."
ފަގީރުކުއްޖެއްގެ ހިތުގެ އިހުސާސްތައް ޖުއާންއަށް އަޑުއިވުމުން އުދަގޫތަކެއްވިއެވެ. ޖުއާންމެން ދުވަހަކު މަސައްކަތެއް ނުކުރިޔަސް އުމުރު ދުވަހު އުޅޭވޭހާ ފައިސާ ބޭންކު އެކައުންޓުގައި ޖަމާވެފައި ހުރެއެވެ. ތައުލީމު ހާސިލުކުރަނީ އަދި ވަޒީފާތަކަށް ދަނީ ޝަޚުސިއްޔަތު ވަރުގަދަކުރުމާއި އިލްމީ މީހުންނަށްވުމަށްޓަކައެވެ. ހަމައެކަނި ފައިސާއަކުން މީހާގެ ޝަޚުސް ވަރުގަދައެއް ނުވާނެއެވެ. އިލްމާއި ހުނަރުގެ ބޭނުން ހިފަންވާނެކަން ޚުދު ޖުއާންވެސް ދަނެއެވެ. މިވަގުތުކޮޅު ޖުއާންއަށް ޒައިރާއާއިމެދު އެހެން ނަޒަރަކުން ދެކެވުނެވެ. ނިކަމެތި ހުރިހާ ކުދިންނަނީ ފައިސާގެ ފަހަތުން ދުވާނެ ބަޔެއް ނޫންކަމުގައި ގަބޫލު ކުރެވުނެވެ. ޔަގީނުންވެސް މި ކުއްޖާ ތަފާތެވެ. ބޭނުން ނުވިޔަސް ހިތުގައި އިހުތިރާމާއި ގަދަރު އުފެދުނެވެ.
***
ނާދިރާ ޒައިރާއަށް ދިން ޚަބަރަކުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. މަންމައަށް އިތުބާރުކުރަން އޭނަ ބޭނުމެއްނުވިއެވެ. ފައިސާގެ ދަހިވެތިކަމުގައި ކެމީލާ ވިއްކާލަންވެގެން އެންމެން ކުޅިގަނޑެއް ކުޅެލަން ތައްޔާރުވަނީއެވެ. މުއްސަދިން ކަމަކަށް އެދިއްޖެއްޔާ ކޮންމެ ފަދަ އަގެއް ދީގެންވެސް އެކަމެއް ހާސިލުކުރާނެއެވެ. މިއީ އެފަދަ ނުފޫޒުގަދަ އާއިލާއެކެވެ. އެކަނިވެރި ފުރުސަތެއް ލިބުމާއެކު ޒައިރާ އޭނަގެ މަންމަ ދެއްކި ވާހަކަތައް ކިޔާދިނެވެ. ކެމީލާ ސޯފިޔާގެ ދަރިއަކަށް ހަދަން މަންމަ ކިޔާނެ އަގެއް އަންދާޒާ ކުރަން ދަތްޗެވެ. ކެމީލާ ދެލޯ ބޮޑުކޮށްލިގޮތުން އޭނަ ހާސްވީވަރު ދެކުނު ކޮންމެ މީހަކަށް އެނގޭނެއެވެ.
"ވަޓް އިފް އިޓްސް ޓްރޫ. މަންމަ އަބަދުވެސް އަހަރެންދެކެ ފޫހިވޭ. އަމިއްލަ މަންމައެއް ކަމަށް ފީލް ނުވެސް ވޭ. ސޯފިޔާ މަންމަ މާ ލޯބިވާ ކަހަލަ......"
"ލިލީ ދެން ހަމަ ދާނީތަ؟ "ޒައިރާ ދެރަވިއެވެ.
"އެއީ ތެދަކަށް ވިޔަސް އަހަރެން ދިރިއުޅޭނީ މާމަމެން ގާތުގައި. އައި ޕްރޮމިސް...." ކެމީލާ ހީލިއެވެ.
"އެކަމަކު ލިލީ އެއީ ލިލީގެ ފެމިލީއަށް ވެއްޖެއްޔާ ތަފާތުވާނެއްނު. ހުރިހާ ބޯއިސްގެ ހުރި އެންމެ އަންހެންކޮއްކޮ. ކިހާވަރެއްވާނެ. އެ އާއިލާގައި ނެތެއްނު ގާލްއެއް. އެމީހުން ލޯބިން ގަބޫލުކޮށްފިއްޔާ ކޮއްކޮއެއްގެ ގޮތުގައި ބަލައިގެންފިއްޔާ އެންމެ އުފާވާނީ ދޮންތި. އެކަމަކު މިއީ ހަގީގަތެއްބާވައޭ ނޫނީ ގޭމެއް ބާވައޭ ހިތަށް އަރަނީ. އެހެންނު ވާނީ. ކޮރެއަން ޑްރާމާތައް ބެލޭވަރުންގޮސް ޑްރާމާއާއި ރިއަލް ލައިފް އޮޅިއްޖެ. މިހާރު ދޮންތި ބަލަނީ ސްކާލެޓް ހާޓް. ރޮއި ރޮއި ހަލާކު...." ޒައިރާ ކެމީލާ ގާތަށް އެނދަށް އަރާ އޮވެ ފޯނު ހުޅުވާލައިފިއެވެ. ކެމީލާއަށް އޭގެ ޓްރެއިލާއާއި ބައެއް މަންޒަރުތައް ދެއްކުމުން ކެމީލާވެސް ޝައުގުވެރިވިއެވެ.
"އެޑިކްޓްވާނެ އިނގޭ..."
"މިދުވަސްކޮޅު ހަމަ ޗޮކްލެޓަށް އެޑިކްޓްވެގެން ކާ ހިތުން...." ކެމީލާ މިންޓް ޗޮކްލެޓެއް ނިއުޅާލާފައި އެތިކޮޅެއް ކާލުމަށްފަހު އަނެއްބައި ޒައިރާގެ އަނގަޔަށް ލެއްވިއެވެ. ކޮޓަރިއަށްވަން ޖުއާންއާއި ލޭކެން އަށް ދެކުދިން އެނދަށް އަރާފައި ތިބި މަންޒަރު ފެނުމުން މަޖާވިއެވެ.
"ހައި ސިސް.." ޖުއާން އޭނަ ލައިގެން ހުރި ދިގު ސޯޓުގެ ޖީބަށް އަތް ޖަހާލައިގެން ހުރިއިރު ތުންފަތްމަތީގައި ލުއި ހިނިތުންވުމެކެވެ. "ޓްވިން ސިސް...."
"ދެމީހުން ވައްތަރުތަ؟ " ލޭކެން ޖުއާންގެ މޫނުގައި ހިފާފައި ފަރުވާތެރިކަމާއެކު ބެލިއެވެ.
"އެންމެ ތަންކޮޅެއްވެސް ވައްތަރެއްނޫން...." ޒައިރާ ކަޅި އަޅައިލިއެވެ.
"ފްރިޓާނަލް ޓްވިންސް ވީމަ ވައްތަރުވާކަށް ނުއެއް ޖެހޭ ދޯ. އަހަރެމެން ދެމީހުންގެ އިސްތަށިގަނޑު ވައްތަރު..." ޖުއާން އެނދު ކައިރީ ހުއްޓިފައި އޭނަގެ އަތް ޖީބުން ވަކިކޮށްލިއެވެ.އަދި ކެމީލާގެ އަތްތިލައިގާ ހިފެހެއްޓުމަށްފަހު ދެއަތް ތިލަ އަޅާ ކިޔެވެ. "ދެ މީހުންގެ އަތްތިލަ ވައްތަރު. ބަލައިލާ. ހަމަ ދިގު ނިޔަފަތި.ރޮގުތައްވެސް ތަފާތެއް ނެތް. ............."
"ދަތްތައް އެހާ ހުދު ހުދު...ސޭމް ސްމައިލް..........."ޒައިރާ ކެމީލާގެ އަނގަ ހުޅުވުމަށްފަހު ދަތްތައްވެސް ދެއްކިއެވެ. ކެމީލާ ހަޅޭއްލަވައިގެންފަ ކުޑަކޮށް ފައި ތަޅުވައިގަތެވެ.
"އަހަރެމެން ދެމީހުންގެ ލޭގެ ގްރޫޕް ސޭމް ވީ އެހެންވީމަ ދޯ."
"އޭ ނެގަޓިވް ލޭ..." ޒައިރާ ބޯ ޖަހައިލިއެވެ." އަހަރެންގެ އޯ ޕޮޒިޓިވް..."
"ޔޫ އާ ލަކީ. އޯ ގްރޫޕް މީހުން އުމުރު ދިގުވާނެޔޯ. ހާޓް މައްސަލަތައް ޖެހުން ކުޑަ އަދި އިމިއުނިޓީ ރަގަޅުވާނެ. އަދި ޕާސެނެލިޓީވެސް ހަމަ ގުޅޭ......" ލޭކެން ބުނެލިއެވެ.
"ބްލަޑް ގްރޫޕް ތަފާތުވީމަ ވަކި ބަލިތައް ޖެހުން މަދުވެ މިޒާޖު ވަކިގޮތެއް ވާކަން އަލަށް މިއެނގުނީ."
"ގޫގުލް ކޮށްލާ. ދުނިޔޭގެ އެންމެ މަދު ވައްތަރުގެ ލޭ ގޯލްޑެން ބްލަޑް ހުންނަކަން އެނގޭތަ.." ލޭކެން އެހިއެވެ.
"ތި ފެމިލީގެ މީހުން ލޭވެސް ތަފާތީދޯ. ފޮނިވިޔަސް ބޮޑުވަރު. ގޯލްޑެން އެއްނޫން ރޯޔަލް ބްލަޑް އެއް ނޫންތަ އޮއްޕާ......" ޒައިރާ އަނގަޔަށް ވައްތަރެއް ޖެއްސިއެވެ.
***
ޖައިޝްއަށް ބައްޕައާއި އެކުވެރިޔާ ދައްކަމުން ދިޔަ ވާހަކަ އިވުނީ އޭނަ އެހެން ލާފައި ދިޔަ ވަގުތުއެވެ. ބައްޕަގެ ޖުމްލައިން ކުރިއަށް އެޅި ފިޔަވަޅު ގަނޑުވެ އޭނަ ހުއްޓިލިއެވެ.
"އަހަރެން ޑްރަގް ވިޔަފާރި ކުރާކަން މަގޭ ދަރިންނަށް ދުވަހަކު އެނގެން ބޭނުމެއްނޫން. އެކުދިން ދެކުނު ގޮތުން ކުށްވެރިޔަކީ ޝޭޚު އަމީރު. އަހަރެން އޭނަގެ އަތުން އެތައް މިލިއަން ރުފިޔާ ވަގަށް ނަގާ އެތައް ގަނޑެއް ގަތްފަހުންނޭ އަމީރުއަށް ރޭކާލީ. އަހަރެން ޖަލަށް ލީމަ ކުދިންގެ މަންމަ ހާޓްއެޓޭކެއް ޖެހި ނިޔާވީ. އެއީ ދީންވެރި އަންހެނަކަށްވީމަ އަހަރެން ޖަލަށް ލުމުން ކެތްނުކުރެވުނީ. ކީއްކުރާނީ؟ ބައެއްފަހަރު ދުނިޔޭގައި އަރާމުކޮށް އުޅެން ދަރިންނަށް މުސްތަގުބަލް ހޯދަން ފައިސާ މުހިއްމު."
"ކަލޭގެ ރޭވުންތައް ވަރަށް މޮޅު. ޖަލުން ސަލާމަތްވެގަތީ ކިހިނެއްތަ؟ "އެކުވެރިޔާ ހިނިގަނޑެއް ޖަހައިލިއެވެ.
"މަގޭ ދަރީގެ މޮޅުކަން. އެކުއްޖާ ޝޭޚު އަމީރު ބްލެކްމެއިލް ކުރީ....."
"އަހަރެން ޑްރަގް ވިޔަފާރި ހުއްޓާލަން ހިތަށް އަރާ. ގިނަ ޒުވާނުންތައް މަސްތުގެ ދުނިޔޭގައި އުޅޭތީ އެކަމަކު ފައިދާ ލިބޭވަރުންގޮސް ހަމަ ކުރިއަށް ގެންދެވެނީ...."
ޖައިޝްގެ މެޔަށް ނުބައިގޮތެއްވިއެވެ. ރުޅިވެރި ކަރުނަތައް ލޮލުގައި ހިނގައިލިއެވެ. އަތް މުށްކެވިއްޖެއެވެ. ބައްޕަގެ މަކަރުވެރިކަމާއެވެ. އެއްވެސް ކުށެއްނެތް އެތައް ބަޔަކަށް އަނިޔާ ދެވިއްޖެއެވެ. އޭގެ ތެރޭ އެންމެ ގާތް އެކުވެރިޔާ ކިޔާންވެސް މެއެވެ. ދަރިންނަށްޓަކާ ދަރިންނަށް މުސްތަގުބަލެއް ހޯދަދޭން ބޮޑެތި ކުށްތަކަށް އަރައިގެން މާރާމާރީ ހިންގުމުން ދަރިންނަށް އެދެވެނީ އަނިޔާ ނޫން ކޯޗެއްހެއްޔެވެ؟ އޭނަ ހާދަހާ ވަރަށް ބައްޕައަށް ގަދަރުކުރިއެވެ. އިހުތިރާމް ކުރިއެވެ . ނަމަވެސް އެހުރިހާ ގަދަރެއް އެންމެ ސިކުންތުކޮޅެއްގެ ތެރޭ ވެއްޔާ މޮޑެވިއްޖެއެވެ. އޭނަގެ ގާތުގައި ބައްޕަގެ އަގު މުޅިން ވެއްޓިއްޖެއެވެ.
ޖައިޝް ފޮރުވާކަށް ނޫޅުނެވެ.
ވަގުތުން އެތެރެއަށް ވަނެވެ. ދަރިފުޅުގެ މޫނުން ފެނުނު ކުލަވަރުތަކުން އޭނަ ބޭޒާރުވެ އިތުރަށް ހަދާނެ ދޮގެއްނެތްކަން އެނގުނެވެ. ޖައިޝްއަށް އެދެމީހުން ދެއްކިހާ ވާހަކަތައް އިވިއްޖެއެވެ.
"ޖައިޝް. ބައްޕައަށް މާފުކުރޭ....."
"މާފުކޮށްފިން. އެކަމަކު ހަގީގަތް އެނގުމަށްފަހު ކުށުގެ ވެއްޓެއްގައި އެންމެ ސިކުންތުކޮޅަކުވެސް ހުންނަން ވެއްޖެއްޔާ އައި ވިލް ބްރޭކް. ބައްޕަގެ ލޯބިވާ ދަރިން ބައްޕަ ޖަލަށް ލީތީ ބަދަލުހިފަން ކިތަންމެވަރަށް ފާފަކޮށްފި. ކުށެއްނެތް އެތައް ބަޔަކަށް އަނިޔާދެވިއްޖެ. އެމީހުންނަށް އިންސާފު ލިބެންޖެހޭނެ. ބައްޕަ ފޭރިގަތް މުދަލުގެ ބަރަކާތް ބައްޕައަށް ހުރީ. އަހަރެމެންނަކަށްނޫން. މި މުދަލުން އެންމެ އެއްޗެއްވެސް ބޭނުމެއްނޫން. މިގެއިން ދަނީ..." ޖައިޝްގެ ހިތަށް ދުވަހަކު ނުކުރާވަރަށް އަސަރުކޮށް ފެންކަޅިވިއެވެ.
އޭނަގެ ސަބަބުން ކުށެއްނެތް ބަޔަކަށް ނުހައްގުން އަނިޔާ ލިބިއްޖެއެވެ.
"ދަރިފުޅާ. މަޑުކުރޭ. ހެޔޮނުވާނެ..."
ޖައިޝް އޭނަގެ ބައްޕައަށް ފުރަގަސްދީ ދުރަށް ދާން ހިނގައިގަތެވެ.
***
އެންމެންގެ ހެޔޮ ދުޢާގެ ސަބަބުން ސާލިހާ ކޯމާއިން ހޭއެރިއެވެ. މީހުން ވަކިކުރަން ނޭގުނަސް ހޭއެރިކަމަށްޓަކާ އެންމެން ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. އެންމެ އުފާވީ ނާދިރާއެވެ. އޭނައަށް މަންމައަށް ޚިދުމަތްކުރުމުގެ ނަސީބު މާތްﷲ މިންވަރުކުރައްވައިފިއެވެ. މަންމަ ނިޔާވިނަމަ އޭނަ އަށް އުމުރު ދުވަހުވެސް ހިތްހަމަޖެހުމެއް އުފަލެއް ނުލިބުނީސްކަން ނޭގެއެވެ. މައިމީހާއާއި ދޭތެރޭ ހެޔޮކޮށް ހިތަން ޖެހޭނެކަމާއި ކޮންމެ ވަގުތަކުވެސް ދާއިމަށް ވަކިވެ ލޯ މަރާލަފާނެއެވެ. ވަގުތު ފާއިތުވުމުން ކަރުނަ އެޅިޔަސް އަލުން އެދުވަހެއް އެނބުރި އަންނާނީއެއް ނޫނެވެ. ނާދިރާ އޭނަގެ މަންމައަށް ސްޕޮންޖް ބާތެއް ދިނެވެ. ސާލިހާ ކަޅިޖަހާ ނުލާ ބަލަމުން ދިޔައެވެ.
"މަންމާ މިއީ މަންމަގެ ނާދިރާ. މަންމައަށް އެނގޭތަ؟ "
ސާލިހާގެ ނަޒަރު އެލޮލުން ވަތްކެއް ނުވިއެވެ.
"މަންމާ. އަހަންނަށް މާފުކޮށްދީ. އަހަންނަށް ކަންތައް ކުރެވުނީ ރަގަޅަކަށް ނޫން. އިންސާނަކަށްވީތީ ފާފަ ކުރެވުނީ. މަންމަމެން ދޫކޮށް ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލުނީ. މަންމަ ނުގެއްލުނީ ހަމަ ކިރިޔާ. މަންމަ ޒައިރާއާއި ކިޔާން އަދި ކެމީލާ ތަރުބިއްޔަތު ކުރީ އެންމެ ރަގަޅަށް. އެކުދިން މާމަދެކެ ހާދަހާ ލޯތްބެކޭ ވަނީ. ހުރިހާ ޝުކުރެއް މަންމައަށް.." ނާދިރާ ނިކަން ލޯތްބާއެކު ސާލިހާގެ ނިތްކުރިއަށް ބޮސްދިނެވެ. ސާލިހާގެ ލޮލުން ވަކި މީހަކު ދެނެގަނެވުނުކަން އެނގުނުހެން ހީވިއެވެ.
***
ކިޔާން ޖަލުން ދޫކޮށްލުމާއެކު ވަޒީފާވެސް އަނބުރާ ލިބުނެވެ. ޖައިޝް އޭނަގެ ކުށަށް އިއުތިރާފުވެ ޝައުންއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އޭނަ ކިޔާންއަށް މަސްތުވާ އެއްޗެހި ދީގެން އެލީނާ ކައިރިއަށް ފޮނުވިކަމަށްވެސް ބުނެލިއެވެ. ޝައުންއަށް ޖައިޝްގެ މޫނުމަތީ ޖެހުނެވެ.
"ކަލޭގެ ގޮތްކުޑަކަން."
"ސޮރީ ޝައުން..."
"ފުރަތަމަ ހެއްދެވި ފަރާތަށް ކުރިމަތިލާންވީނު. ތިމާގެ ސަބަބުން އެހެންމީހުންގެ ހައްގުތަކަށް އަރައިގަނެވުނީތީ ތައުބާވެ ބަލަ..." ޝައުން އެހާ ފަސޭހައިން މާފުދޭނީ ކިހިނެއްހެއްޔެވެ؟ ޖައިޝްގެ ސަބަބުން އޭނައާއި ކިޔާންގެ ގުޅުމަށް ކުރި އަަސަރު ލިލީގެ ސިފައިގާ އަބަދު ފެންނަން ހުންނާނެއެވެ. އެދަރިފުޅަކީ ޖައިޝްގެ ފާފައިގެ ތަސްވީރެކެވެ. ކުށެއްނެތް މައުސޫމް ލިލީ ނަހަލާލު ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް ނޭވާ ލި ސަބަކަކީ ޖައިޝްއެވެ. ވީއިރު އޭނަ ގާތުން މާފު އެދެން ލަދުވެސް ގަންނަން ޖެހޭނެއެވެ.
"***
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކެމީލާ ތައިމޫރުއާއި ސޯފިޔާއާއެކު އެގެއަށް ދިޔައީ މިފަހަރު ޝަރުތުތަކަކާ އެކުގައެވެ. ކެމީލާފަދަ އުފާވެރި ހިތްގައިމު ދިރިއުޅުމެއް މާމަމެންނަށްވެސް ލިބެންޖެހޭނެއެވެ. އެހެންވެ އެގޭގެ ގެސްޓްހައުސްއެއްގައި އެ އާއިލާއަށް ދިރިއުޅެވޭނެ މަގު ހަމަޖައްސާދިނެވެ. ދެން އެދުނީ އަރީޖްއަށް ސްކޫލުން ތައުލީމް ހޯދުމުގެ ފުރުސަތު ދިނުމަށެވެ. އަރީޖް އެނބުރި ރަށަށް ދިޔުމަށްފަހު އަވަށްޓެރިންގެ ދަރިންގެ ފަރާތުން ބުލީކުރުންފަދަ ކަންތައްތަކާއި ދިމާވެ އެކުއްޖާ އުޅުނީ ނަފްސާނީ ބަލިމަޑުކަމެއްގައެވެ. އަރީޖްގެ ނަމްބަރު ހޯދުނީ ފުދޭވަރަކަށް އުދަގުލުންނެވެ. ކެމީލާގެ ފަރާތުން ލިބުނު ދީލަތި އެހީއާއެކު އަރީޖް މާލެއައުމަށްފަހު އަލުން ސްކޫލާއި ގުޅުނެވެ.
ބޯންމެރޯ ޓެސްޓްކުރިއިރު އޭނަގެ އެއްވެސް ބޭބެއަކާއި ދިމާނުވުމުން އެންމެނަށް މާޔޫސްކަމެއް ލިބުނެވެ. މެންދުރު ކާން ތިބިއިރު އެވާހަކަ ދެކެވުނެވެ. ސޯފިއާ ޖުއާންއަށް ޓެސްޓް ހަދަން ބާރުއެޅިއެވެ. ޖުއާން ދެކޮޅުހެދިއެވެ. ކެމީލާ ރީދުލާއި ހުދުކުލައިގެ ހެދުމެއްލައިގެން އިންއިރު އެ ދޮންކަމާއި ނިކަން ގުޅެއެވެ. އިސްތަށިގަނޑު ގަތާލާފައެވެ. ލޫކާ ކެމީލާގެ ގޮނޑީގެ އެއް ފަރާތުގައި އިނެވެ. ލޫކާ އަށް ކެމީލާއާއި ދުރަކުން ނޫޅެވެއެވެ. އެކުޑަ ކުޑަކުއްޖާ ކެމީލާއާއި ހެދި މޮޔަވާވަރުވެފައެވެ. މަންމައާއި ބައްޕަ ދެފަރާތުގައި ތިބިއިރު ދަރިފުޅުގެ ތަށްޓަށް އެކި އެއްޗެހި ލަމުން ދިޔައެވެ. އެހެން ކުދިން ހަސަދަވެރިނުވާ ވަރެއް ނޫނެވެ. ކެމީލާ އައިފަހުން މަންމައާއި ބައްޕަގެ ހުރިހާ ލޯތްބާއި ސަމާލުކަމެއް އެކުއްޖާއަށެވެ. ދެން އެވަރު ލޯތްބެއް ލިބެނީ ތައިމޫރުގެ އުނގުގައި އިން ލިލީއަށެވެ.
"މަންމަ ހިޔެއްނުކުރަން ޖުއާން ތިއީ ތިހާ ބޯ ހަރު ކުއްޖެއްކަމަށް. މަންމަ ކޮއްކޮ ގޮވައިގެން ފްރާންސަށް ފުރާނީ. ޑޯނަރުން ވެދާނެ. އަމިއްލަ އާއިލާއިން ސަޕޯޓްނުދިނަސް އެހެން މީހުންގެ އެހީތެރިކަން ލިބިދާނެ.." ސޯފިޔާ އޭނަގެ ނިންމުން އިއްވާލިއެވެ.
"ވީހާވެސް އަވަހަށް ބޯންމެރޯ ޓްރާންސްޕްލާންޓްހެދުން އެންމެ ރަގަޅީ. ޖޮންއަށް ފޯސްކުރާނެ ކަމެއް ނެތް ކަން ނޭގޭ. ހިތުން ރުހުމުން ދޭންވާނީ......." ޝައުން ބުނެލިއެވެ.
"ހިތުން ރުހުމުން ދެވޭކަށްނެތް ސޮރީ ކެމީލާ..."
ކެމީލާ ހިނިތުންވެލިއެވެ. "އޯކޭ އައި ކެން އަންޑަސްޓޭންޑް. ސްޓިލް ގަބޫލެއްވެސް ނުކުރެވޭ ޓްވިންސް އިން ކަމަށް..."
" މިދެކުދިން. ހަމަ އެ މެމޮރީސް އެއް ނެތްތަ؟ ބަނޑުތެރޭގައި ދެކުދިން އޮތްއިރު ކެމީލާގެ އިނގިލި އަނގައިގާ ޖަހައިގެން ޖޮން އޮތީ......." ޒުބްނާން ބުމަ އަރުވައިލިއެވެ.
"ވަޓް؟" ޖުއާން ހޭންފެށިއެވެ.
"މަންމަގެ ސްކޭން ޕްރިންޓްކޮޅު ބަލައިލިތަނާ ފެނުނީ ލޮލް." ޒުބްނާން ބުނެދިނެވެ.
"އޯ.......ހަދާނެއްނުވޭ...." ޖުއާން ބުމަ ކައިރިކޮށްލީ ކަމެއް ހަދާންކުރާފަދަ ގޮތަކަށެވެ. ކެމީލާއަށްވެސް ހެވިއްޖެއެވެ.
"ދަރިފުޅު ހަދާންވެއްޖެ ދޯ.." ތައިމޫރުވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
"މި ނޫނީ މި ފެމިލީގަ ޓްވިންސްއިންނެއް މިހާ ދުޝްމިން ވެގެނެއް ނޫޅޭ. އެހެން ޓްވިންސް ނިކަން ލޯބިން އުޅެނީ. ރެޔާންއާއި އައިޒަން އަދި ދާނިޝްއާއި ޝަހާންމެންވެސް ކިހާ ކްލޯޒް. ލޫކާއާއި ލިލީވެސް....ހެހެ..."
އެކި ވާހަކަތައް ދައްކަމުންގޮސް ކެއުން ނިންމާލިއިރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފްރާންސް ނޫނީ ޖަރުމަނަށް ދާން ނިންމިއެވެ. ކެމީލާގެ ހިތަށް ކުޑަ އުފާވެރިކަމެއް ލިބުނެވެ. ހެއްދެވި ފަރާތަށް ހަމްދުކުރެވުނެވެ. އޭނަ ބަލިން ރަގަޅުވަނީބާވައެވެ. އެފަދަ ދުވަހެއް ދައްކަވައިފިއްޔާ ހުރިހާވެސް ޝުކުރެއް ހުރީ ހެއްދެވި ފަރާތަށެވެ. ޑޮކްޓަރުން މެދުވެރި ކުރައްވާ ޝިފާދެއްވަނީ ﷲ ސުބުހާނަހޫ ވަތައާލާއެވެ. ޒައިރާ ކެމީލާއާއި ބައްދަލުކުރަން އައުމުން ކެމީލާ އޭނައާއިއެކު ޔޫރަޕަށް ދާން ދައުވަތު ދިނެވެ. ޒައިރާ ބުނީ އޭނަ މާމަ ގާތު މަޑުކޮށްލާނީ ކަމުގައެވެ. މާމަ ދޫކޮށްލާފައި އެއްވެސް ތަނަކަށް އަދި ނުދެވޭނެކަމުގައެވެ. ކެމީލާގެ އާއިލާއާއިއެކު ވުމުން އިތުބާރު ކުރާ ކަމަށާއި އޭނަގެ ހެޔޮ ދުޢާތައް ވާނެ ކަމަށާއި ވަރަށް ލޯބިވާކަމަށް ބުނެފައި ބައްދައިލިއެވެ.
ލޭކެން ހައިރާންވެ އަންތަރީސްވިއެވެ. އެހެން މީހުންނާއިމެދު ކުރެވޭ ހީތަކުގައި އަސްލެއް ނެތްތާއެވެ. ފޮތުގެ ބަނޑޭރި ގަނޑަށް ބަލާފައި ގޮތެއް ނުނިންމޭނެއޭ އެބުނާ ބަހުގެ މާނަ އެނގިއްޖެއެވެ. ޒައިރާ ފައިސާއަށް މޮޔަވާ ދަހި ކުއްޖެއްކަމުގައި ކުށް ހީ ކުރެވުނީއެވެ. އެއީ ހިތްހެޔޮ އާއިލާދެކެ ލޯބިވާ ހެޔޮ އެދޭ ރަގަޅު އަންހެންކުއްޖެކެވެ. ލޭކެންގެ ހިތް ތައުރީފުކުރިއެވެ.
***
ބްރިޓިޝް އެއާވޭސް ހީތްރޯ އެއާޕޯޓަށް ޖެއްސުމާއެކު ދަތުރުވެރިން ފައިބަންފެށިއެވެ. ތައިމޫރުގެ އާއިލާގެ ބައެއް މެމްބަރުން ޓާމިނަލަށް ވަންއިރު ކެމީލާވެސް ފިނިން ސަލާމަތްވާން ދިގުޖެކެޓެއް ލިއެވެ. ފިނިގަދަކަމުން ރޫރޫއަޅާވަރުވިއެވެ.
"ވެދާ ފޯކާސްޓްގައި އެބައިން ސްނޯ ފޯލްވާނެކަަމަށް....ޔޭ.." ކެމީލާ އުފާވި ނަމަވެސް ޒައިރާ މަތިން ހަދާންވިއެވެ. ޒައިރާއާއިއެކު މި އުފާ ހިއްސާކުރެވޭނެ ނަމައެވެ. ކާރުގައި ދަތުރުކުރަމުންގޮސް ވަކި ހިސާބަކަށް ދިޔުމުން މަންޒަރުތައް ރީތިވާންފެށިއެވެ. ރަތްކުލައިގެ އީޓުން ހަދާފައިވާ ކޮޓެޖްތަކެވެ. ޚަރީފު މޫސުމްގައި ފަތްތައް ވެރިވެ ބަރަހަނާވެފައިވާ ގަސްތަކެވެ. ފެހިކަންގަދަ ވިނަތަކެވެ. އެމީހުން އުޅޭގެ ލަންޑަނާއި މާ ދުރެއްނޫނެވެ. އެގެއަށް ވަނުމުން މަޑު ހޫނުކަމެއް ހަށިގަނޑަށް ލިއްބާދިނެވެ. އެންމެން ކޯޓުތައް ބޭލުމަށްފަހު އަވަސްވެގަތީ ހޫނު ބުއިމަކަށް އިންސާފުކުރާށެވެ. ކެމީލާ ގޮދަޑިޖެހި މަޑު ސޯފާއަށް އަރާ އިށީނެވެ. ފުޅާ ބިއްލޫރި ދޮރުތަކުން ގުދުރަތީ މަންޒަރުތައް ހާމަޔަށް އޮތުމުން ނިކަން ހިތްގައިމެވެ.
"ދަރިފުޅާ. އެލީނާއާއި ދެކުދިން ހަމަ ނުގުޅޭނީތަ؟ " ސޯފިއާ ލާޓޭ ތަށްޓެއްނެގިއެވެ.
ނުނިމޭ